بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން. ޖީ.އެމް.އާރު.ގެ ބިޒްނަސް ޗެއަރމަން. މެލޭޝިއަން އެއަރޕޯޓްސްގެ ވެރިން. އަދި ރާއްޖޭގެ އެއަރޕޯޓް ކުންފުނީގެ ވެރިންނާއި، މިކުންފުނީގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންނާއި އަދި ރާއްޖޭގެ އެންމެހާ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން.

السّـلام عليـكم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީންނާއި، ދިވެހި ސަރުކާރުންނާއި އަދި އަޅުގަނޑުމެން ފާހަގަކުރަމުން އައި އެއް ނުކުތާއަކީ، ޤައުމެއް ތަރައްޤީވެ ދިޔުމަށް ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރާންޖެހޭކަމީ، އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ޙަޤީޤަތެކޭ. މިނުކުތާގެ މަތީގައި ތިބެ، މި ސަރުކާރު އެކުލަވައިލުމުގެ އެންމެހާ ސިޔާސަތުތައް ބިނާކުރެވުނީ. މި ސަރުކާރު އެކުލަވައިލުމަށްޓަކައި ބިނާކުރެވުނު މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ފާހަގަވެގެންދިޔަ އެންމެ މުހިންމު އެއްކަމަކީ، މި ރާއްޖޭގެ ޙަޤީޤީ ތަރައްޤީ. މި ރާއްޖެއަށް އިޤްތިޞާދީ ބަދަލެއް، އަޅުގަނޑުމެން ގެންނާން އެދެނީނަމަ، މި ރާއްޖޭގެ މައި ދޮރާށި، މި ރާއްޖޭގެ އެއަރޕޯޓް، މިހާރު މިހުރި ފެންވަރުން މުޅިން އެހެން ފެންވަރަކަށް ބަދަލުވާންޖެހޭކަން.

މި ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ތަރައްޤީވެފައި މިހާރު މިވަނީ، ދުނިޔޭގައި ދެވަނައެއް ނެތްފަދަ މިންވަރަކަށް. ހަތް ތަރީގެ ރިޒޯޓާއި އަދި އެހާމެ އަރާމާއި އަދި އެހާމެ އުފާ، އެހާމެ ޒީނަތްތެރިކަމާއި، އެހާމެ ފުރިހަމައަށް ރާއްޖޭގެ ރިޒޯޓުތައް ހިންގަމުންދާއިރުގައި، އެ ރިޒޯޓަށް ވަދެ ނުކުމެ، އައިސް ގޮސްވާ ފަސިންޖަރުމީހާ ފުރަތަމަ ވަންނާންޖެހޭ ދޮރާށްޓަކީ މިހާރު މިއޮތް ވަރަށްގިނަ ބަދަލު ބޭނުންވާ އަޅުގަނޑުމެންގެ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް. ކުރީ ދުވަހެއްގައި އަޅުގަނޑު ދެންނެވިން، އެއީ ބައެއްފަހަރަށް އަޅުގަނޑުމެންނަށް ހީވެއޭ، ބާލިދީ އިންޓަރނޭޝަނަލް އެއަރޕޯޓްހެން. ވިއްސާރަ ވެއްޖެނަމަ، މިއެއަރޕޯޓްގެ ޙާލަތު ބަދަލުވެގެންދާ މިންވަރާއި، ބަދަލުވެގެންދާގޮތް އަޅުގަނޑުމެން އެންމެންނަށް ވަރަށް ސާފުކޮށް އެނގޭ. އަދި ހަމައެހެންމެ، މި ރާއްޖެއަށް މިހާރު މިއަންނަ މިލިއަނެއްހާ ފަސިންޖަރުން އައިސް ގޮސް އުޅުމުގައި، އުފުލާންޖެހޭ ތަކުލީފާއި އުނދަގޫ، އަޅުގަނޑުމެން އެންމެންނަށް އަބަދުވެސް ފެނޭ.

ރާއްޖޭގެ ތަރައްޤީ ބިނާވެފައި މިއޮތީ، ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ޙިއްޞާ މިކުރަނީ، ފަތުރުވެރިކަމުން ދަތުރުފަތުރު ކުރުމުގެ ތެރެއިން. އެކަން މިހެން އޮތްއިރު، ރާއްޖޭގެ ބަނދަރު، ވައިގެ ބަނދަރު އެއީ ދުނިޔޭގެ ފެންވަރުގައި ތަރައްޤީވެފައި ނެތް ބަނދަރެއް ކަމަށްވަނީވިއްޔާ، ދެން ނުކުންނަ އިޤްތިޞާދީވެސް އަދި މާލީވެސް، ނުހަމަކަން ވަރަށްބޮޑުވެގެންދޭ. ރާއްޖެއަށް ފުރިހަމަ ތަރައްޤީ ހޯދުމަށްޓަކައި، ރާއްޖޭގެ އެއަރޕޯޓް، މިހާރަށްވުރެ މާ ފުޅާކޮށް، މާ ބޮޑުކޮށް، މާ ފުރިހަމައަށް ތަރައްޤީ ކުރަން ޖެހިފައިވީކަމީ، އޮތްކަމީ އަޅުގަނޑުމެން އެންމެންނަށް އެނގޭ ޙަޤީޤަތެއް.

އަޅުގަނޑު، ރާއްޖޭގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ރާއްޖޭގެ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެން އެންމެ ހިނދުކޮޅެއްވެސް، އެންމެ މިނެޓެއްވެސް އަދި ޒައްރެއްގެ މިންވަރަށްވެސް މަސައްކަތް ކުރުން ހުއްޓައެއްނުލާނަމޭ. އަޅުގަނޑުމެން، ރާއްޖޭގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ރާއްޖޭގެ ތަރައްޤީއަށް ހުރަސްއެޅޭ ބާވަތުގެ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން މި ރާއްޖޭގެ ރައްޔިތުންނަށް ފޯރިޔަކަ އަޅުގަނޑުމެންނެއް ނުދޭނަމޭ. އަޅުގަނޑުމެން މި ރާއްޖެ ތަރައްޤީ ކުރާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ރާއްޖެ، އެހެން ދިވެހިރާއްޖެއަކަށް ހަދާނަން. އަޅުގަނޑުމެންނަށް އެކަން ކުރާނެގޮތް އެނގޭ. އަޅުގަނޑުމެންގެ އެކަން ކުރާނެ ހިތްވަރު އެބަހުރި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ދުވަހުން ދުވަހަށް މިމަސައްކަތުގައި ދާނީ ކުރިއަށް.
ރާއްޖޭގެ ތަރައްޤީ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން، 2010 ވަނަ އަހަރު ކުރިއަރައި ގޮސްފައިވަނީ، މީގެކުރީގައި އަޅުގަނޑުމެން ދުށް ބާރުމިނަށްވުރެ މާ ބާރަށް. ރާއްޖޭގެ ނޮމިނަލް ޖީ.ޑީ.ޕީ، 12.2 ޕަސެންޓަށްވުރެ މައްޗަށް، 2010 ވަނަ އަހަރު އަރާފައިވޭ. ރާއްޖޭގެ ޖީ.ޑީ.ޕީ.ގެ ކުރިއެރުންވެސް، 2010 ވަނަ އަހަރު އަރާފައިވާ މިންވަރު، 2009 އަށްވުރެ އެތައް ގުނައަކުން ބޮޑު. ރާއްޖެ ތަރައްޤީވަމުން މިދަނީ، ރާއްޖޭގެ ވަށައިގެން އަދި މުޅި ދުނިޔޭގައިވެސް އިޤްތިޞާދީ ހީނަރުކަން ވަރަށް ބޮޑަށް އަށަގެންފައިވާ ދުވަސްވަރެއްގައި. މި ބަދަލު އަޅުގަނޑުމެންނަށް ގެނެވެނީ، އަޅުގަނޑުމެންގެ ވިސްނުމުން. އަޅުގަނޑުމެންގެ ހިތްވަރުން. އަޅުގަނޑުމެން، އެންމެންގެ މަސައްކަތުން.

މި އެއަރޕޯޓް މިގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގީ ވަރަށް ދިގު ތަރުތީބެއް. އެމަސައްކަތް ހިންގުމުގައި، މޭސްތިރިއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަމަ އަލިފުން ޔާއަށް އެންމެހާ ކަންކަން ކޮށްދެއްވި ބޭފުޅަކީ، އަޅުގަނޑު ދަންނަވާނީ މަޙްމޫދު ރާޒީއޭ. މަޙްމޫދު ރާޒީގެ ހިތްވަރާއި، މަޙްމޫދު ރާޒީގެ ޢިލްމާއި އަދި އެބޭފުޅާގެ ދުރު ވިސްނުމާއި އަދި އެބޭފުޅާގެ ގޮތްދޫނުކުރުން، މިކަމުގައި މިނަތީޖާ ނުކުތުމުގައި، އަޅުގަނޑު ދަންނަވާނީ ވަރަށްބޮޑު ޙިއްޞާއެއްވެފައި އެބައޮތޭ. އެއްވެސް ކަމަކަށް އަޅުގަނޑުމެންނެއް ބަލައިލުމެއް ނެތް. ހަމައެކަނި މަޙްމޫދުވެސް، އަޅުގަނޑުވެސް. އަޅުގަނޑުމެން އެންމެންވެސް ބޭނުންވީ، އެއަރޕޯޓް ތަރައްޤީ ކުރަން. އެއަރޕޯޓް ތަރައްޤީ ކުރުމަށް އަޅުގަނޑުމެންނަށް އެނގޭ، އެބަ އެތައްސަތޭކަ މިލިއަން ޑޮލަރެއް ބޭނުންވާކަން. ތިންސަތޭކަ މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުންވާކަން. ފައިނޭންސް މިނިސްޓަރަށާއި އަދި އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ، މި ތިންސަތޭކަ މިލިއަން ޑޮލަރަކީ، މިވަގުތު އަޅުގަނޑުމެން ރާއްޖޭގެ ސަރުކާރުގެ ނަމުގައި ދަރަންޏަށް ނަގައިގެން ހޭދަކުރާން ރަނގަޅު ޢަދަދެއް ނޫންކަން.

އަދި ހަމަ އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް އެނގޭ އަނެއް ޙަޤީޤަތަކީ، މީގެކުރީގައި އަޅުގަނޑުމެންނަށް ނެގިފައިވާ މިފަދަ އެތައްއެތައް މިލިއަން ޑޮލަރެއް ޚަރަދު ކުރުމުގައި، ކަންވެފައި އޮތްގޮތާއި، އެ ކުރެވުނު ޚަރަދުން އެ ޑޮލަރު އަނބުރާ ދެއްކުމަށް އަޅުގަނޑުމެންނަށް މިހާރު ބަރުވެފައިމިވާ މިންވަރު. އަހަރެއްގެ މައްޗަށް އަނބުރާ ދެއްކުމަށް، ލޯނު އަނބުރާ ދެއްކުމަށް މިހާރު އެއްބިލިއަން ރުފިޔާއަށްވުރެ ބޮޑުވަރުއަރައިގޮސްފި. މިކަން ހިނގަމުން މިދަނީ، އަޅުގަނޑުމެންގެ މަސައްކަތްތަކަށް ލޯނު ނަގާކަމުންނާއި އަދި ހަމައެހެންމެ، އެ ނަގާ ލޯނުން އެކަށީގެންވާ ރަނގަޅު މަސައްކަތް ކުރެވިފައިނުވާތީވެ. އެއަރޕޯޓަށް ނެގުނު ލޯނެއްވެސް މަދެއް ނޫން. އަދި އެހެންއެހެން ޞިނާޢަތްތަކާއި، ކަންކަން ތަރައްޤީ ކުރުމަށް ސަރުކާރުން ދަރަންޏަށް ނެގިފައިވާ މިންވަރެއް މަދެއް ނޫން. މިއަދު އަޅުގަނޑުމެންނަށް މިވަނީ އެ ދަރަނި އަނބުރާ ދައްކާން ޖެހިފައި. ފިނޭންސް މިނިސްޓަރ ޢަލީ ހާޝިމް މިއަދު އެ ދަރަނި ދައްކަވަމުން އެގެންދަވަނީ، ހަމައެކަނި ބައިނަލްއަޤްވާމީ ދަރަންޏެއް ނޫން. ޒަމާނުއްސުރެ ފަށައިގެން، ދިވެހިރާއްޖޭގެ ސެންޓްރަލް ބޭންކަށް، އެމް.އެމް.އޭ އަށް ރާއްޖެއިން ދަރާފައިވާ، ސަރުކާރުން ދަރާފައިވާ ދަރަނީގެ ބައެއްވެސް، އެބޭފުޅާ މިފަހަރުގެ ބަޖެޓްގައި ދެއްކުމަށް ކަނޑައަޅައި ނިންމަވައި، ދެއްކުމުގެ މަގުމަތީގައި އަޅުގަނޑުމެން މިދަނީ ކުރިއަށް.

އަޅުގަނޑުމެންނަށް ރާއްޖެ ބަދަލުކުރެވޭނެކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެން މި އެދޭ އިޤްތިޞާދީ ކުރިއެރުން ގެނައުމަށްޓަކައި ދަތުރުފަތުރުކުރުން ތަރައްޤީ ކުރުން އެއީ، އަޅުގަނޑުމެންނަށް ވަރަށް މުހިންމު އަމާޒެއް. މި އަމާޒުގެ އިތުރުން، އަގުހެޔޮ ޓުއަރިޒަމް ތަޢާރުފް ކުރުމާއި، އެހެންވީމާ، ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ ޢަދަދު އިތުރުކުރުމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދީ އަމާޒު. އަޅުގަނޑުމެންގެ އިޤްތިޞާދީ އެހެން އަމާޒުތައް އެބަހުރި. ޚާއްޞަ ގޮތެއްގައި އަދި އިތުރު ދެ އަމާޒެއް އެބަވޭ. އެއީ، މަސްވެރިކަމުގެ ޞިނާޢަތުން މިހާރު ގެއްލުންވަމުންމިދާ ގެއްލުން ފޫބެއްދުން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަހަރު ނިމޭއިރުގައި، މަސްވެރިކަމުން އަޅުގަނޑުމެންނަށް 180 މިލިއަން ނުވަތަ 150 މިލިއަން ޑޮލަރުގެ އެކްސްޕޯޓްވެސް ނުލިބިދާނެ. އެހެން ނަމަވެސް، އެކަން ފޫބެއްދުމަށްޓަކައި، އެހެން ބާވަތް ބާވަތުގެ މަސްވެރިކަން ތަރައްޤީ ކުރުމަކީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. މިހާރު އަޅުގަނޑުމެން އެންމެ މުހިންމުކަންދޭ އެއްކަމެއް. އަޅުގަނޑު ދެކެނީ، 2012 ވަނަ އަހަރާ ހަމައަށްދާއިރު، ހަމައެކަނި ފަޅާއި ފަރުގެ މަސްވެރިކަމުން، މާ ކަނޑުގެ މަސްވެރިކަން ފިޔަވައި، ފަޅާއި ފަރުގެ މަސްވެރިކަމުން އަޅުގަނޑުމެންނަށް 100 މިލިއަން ޑޮލަރުގެ އެކްސްޕޯޓް އުފެއްދޭނެ ކަމަށް.

އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި ދެން އަޅުގަނޑުމެން ނަގާފައިވާ އަނެއް އަމާޒަކީ، އަޅުގަނޑުމެންގެ ތަރުކާރީއާއި ކާނާގެ ބާވަތްތައް، ޓުއަރިޒަމްގެ ބޭނުމަށާއި އަދި އެހެންވެސް ބޭނުންތަކަށް އެތެރެކުރާ މިންވަރު، 20 ޕަސެންޓުން ދަށްކުރުން. އެއީ އަޅުގަނޑުމެންގެ މެނިފެސްޓޯ އަމާޒެއް. އަޅުގަނޑުމެންނަށް މި ތިން ކަންތައް، ރާއްޖޭގެ ވައިގެ ބަނދަރަށް އެކަށީގެންވާ ވަރަށް، ބޭނުންވާ މިންވަރަށް އިންވެސްޓްމަންޓް ހޯދި އަދި އެކްއަރކަލްޗަރާއި މެރިކަލްޗަރ ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގޮސް، ދަނޑުވެރިކަމުން ލިބޭ އެއްޗެއް ރަނގަޅު ކުރުމުން، އަޅުގަނޑުމެން، 2013 އާ ކުރިމަތިލާނީ، ވަރަށް އުފާވެރި ފާގަތިކަމާއެކީގައި.

އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ މި މަސައްކަތުގައި، ރާއްޖޭގެ ރައްޔިތުން ތިބީ އަޅުގަނޑުމެންނާ އެކުގައިކަން. ހަމައެޔާއެކީގައި އަޅުގަނޑަށް އެނގޭ، ރާއްޖޭގެ ދޯނިފަހަރުގައި އިންޖީނު އެޅިއިރުވެސް، މަސް އައިން ހާވިޔާކަމަށް ބުނެ، ވަރަށްގިނަ މީހުން އިންކާރު ކުރަމުން ގެންދިޔަ. އަދި ހަމައެހެންމެ، ރާއްޖޭގެ އިޤްތިޞާދީ ކޮންމެ އެއް މަރްޙަލާއަކުން އަނެއް މަރްޙަލާއަކަށް މި ރާއްޖެ ބަދަލުވަމުންދާއިރުގައި، މި ރާއްޖޭގެ ވަރަށްގިނަ މީސްމީހުން އެކިގޮތްގޮތަށް ވާހަކަ ދައްކައި އުޅޭ. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕަކީ ކޮން އެއްޗެއްކަން އަދި ރަނގަޅަށް ނުފިލާ ކިތަންމެ ވިޔަފާރިވެރިންނެއް ތިބިކަން އަޅުގަނޑަށް އެނގޭ. އެއީ، އަޅުގަނޑުމެން ހަޖަމު ކުރަން ޖެހޭނެ ކަމެއް. އެބޭފުޅުންގެ ޢިލްމާއި، އެބޭފުޅުންގެ ވިސްނުން ކޮށިކަމަށްވީކަމުން، އަޅުގަނޑުމެން އެކަމާ ރުޅިއައިސް، ކަންބޮޑުވާކަށެއް ނުޖެހޭ. އަޅުގަނޑުމެންގެ މަސައްކަތަކަށްވާންޖެހޭނީ، އަޅުގަނޑުމެންގެ އަމާޒަކަށްވާންޖެހޭނީ، ޢަމަލީގޮތުން އަޅުގަނޑުމެން ހިންގާ މަޝްރޫޢުތަކުން އެބޭފުޅުންނަށް ދައްކައިދިނުން. އެބޭފުޅުންނަށް އޮޅުންފިލުވައިދިނުން. ދުނިޔެ ހިނގާ މަގު މިއޮތީއޭ. މި މަގުން ހިނގައިގެނޭ، އަޅުގަނޑުމެނަށް ތަރައްޤީ ހޯދެނީ. އަޅުގަނޑުމެންނަކަށެއް ނެތޭ، އަލުން އަނބުރާ 7 ވަނަ ޤަރުނަށް ގޮސްގެން، ދެން އިތުރަށް ލިބޭނެ އެއްވެސް ތަރައްޤީއެއް. އަޅުގަނޑުމެންގެ މުސްތަޤްބަލް، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންގެ މުސްތަޤްބަލް އޮތީ ކުރިއަށް އޮތް ޤަރުނުގައި. ފަހަތުގައެއް ނޫން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ދާނީ ކުރިއަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

___________________________