بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


އުޞޫލެއްގެ ގޮތުން، އަޅުގަނޑު ނޫސްވެރިންނާ ބައްދަލުވާ ބައްދަލުވުން މިއަދު ޢީދަށްފަހު، ތިޔަބޭފުޅުންނާ ބައްދަލުވެވޭކަމީ، އަޅުގަނޑަށް ލިބޭ އުފަލެއް. އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ، ލަސްކޮށް ނަމަވެސް، ތިޔަބޭފުޅުންނަށް ޢީދުގެ ތަހުނިޔާތައް އަރިސް ކުރުން. އަޅުގަނޑު މިއަދު މިދަނީ ކޮޅުނބަށް، ސްރީލަންކާގެ ރައީސް ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް. އަދި އޭގެއިތުރުން، ދިވެހި ސަރުކާރާއި ސްރީލަންކާ ސަރުކާރާ ދެމެދު ފައިސާގެ މުޢާމަލާތުގެ އެއްބަސްވުމެއް، ވުމަށްޓަކައި މަޝްވަރާ ކުރެވެމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެ. އަޅުގަނޑު މި އުންމީދު ކުރަނީ، މިފަހަރު މިމަޝްވަރާތައް ނިމި، އަޅުގަނޑުމެންނަށް ދާދި އަވަހަށް އެގްރީމެންޓަކާ ހަމައަށް އާދެވިދާނެ ކަމަށް. މި އެގްރީމެންޓްގައި، ޙަޤީޤަތުގައި ސޮއިކުރުން އެންމެ އައުލާކަން ބޮޑުވާނީ، ރާއްޖޭގެ މަނިޓަރީ އޮތޯރިޓީއާއި އަދި ސިލޯނުގެ ސެންޓްރަލް ބޭންކް. މިއެގްރީމެންޓްގެ ދަށުން ސިލޯން ސަރުކާރުން، ސިލޯން ސެންޓްރަލް ބޭންކުން ދިވެހިރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ޤާއިމް ކޮށްދިނުމަށް އަޅުގަނޑުމެން އެބަ އެދެން. އަޅުގަނޑުމެންގެ އަމާޒަކީ، މިދެންނެވި ފައިސާ، އެއްވެސް ކަމަކަށް ބޭނުން ކުރުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ، ސިލޯން، ސްރީލަންކާ ފައިސާ ދިވެހިރާއްޖެއިން ގަންނަން ލިބި، ދިވެހި ފައިސާ، ސިލޯނުން ގަންނަން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން. އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާ ފްރޭމްވާރކް އެއްބަސްވުމެއް، އެބަ ޤާއިމްކުރަންޖެހޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި މަޝްވަރާތައްވެސް މިބައްދަލުވުމުގެ ތެރޭގައި ކޮޅެއްގައި ޖެހޭނެ. މިއަދާ ހަމައަށް އައިއިރު، މަނިޓަރީ އޮތޯރިޓީއިން، އެމް.އެމް.އޭ. އިންވެސް އަދި މިނިސްޓްރީ އޮފް ފިނޭންސުންވެސް، އަދި ސިލޯނުގައި، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރވެސް އަދި ފޮރިން މިނިސްޓަރ ޑޮކްޓަރ ޝަހީދުވެސް މިމަސައްކަތް ގެންދަވަނީ ކުރައްވަމުން.

އަޅުގަނޑު އިތުރު ދެނުކުތާއެއް ފާހަގަކޮށްލަން ބޭނުން، ތިޔަބޭފުޅުންގެ ސުވާލަށް ވަގުތު ހުޅުވާލުމުގެ ކުރީގައި. ފެށޭ މި ހަފްތާގައި، ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ. މިބަޖެޓް ހުށަހަޅާއިރުގައި، ބަޖެޓް އެހެން އަހަރުތަކުގެ ބަޖެޓްތަކާ ވަރަށް ތަފާތުވާނެ ކަމަށް އަޅުގަނޑު ވަރަށް ކުރިއްސުރެ ފަށައިގެން ދަންނަވަމުން އެބަ ގެންދަން. އެއީ، އަޅުގަނޑުމެން މި ފާހަގަކުރަނީ، މިބަޖެޓަކީ ޕްރޮގްރާމް ބަޖެޓެއްގެ ގޮތުގައޭ، މިފަހަރު މިބަޖެޓް މިހުށަހަޅަނީ. އަދި އެގޮތަށޭ ބަޖެޓް އެކުލަވައިލާފައިވެސްވާނީ. ޕްރޮގްރާމް ބަޖެޓެއްގެ އެންމެ ސާދާ ފައިދާއެއް ނުވަތަ ރަނގަޅެއް ނުކުންނަ އެއްދިމާއަކީ ރާއްޖޭގެ ރަށްތަކަށް. މިފަހަރު ރާއްޖޭގެ ރަށްރަށަށް، ވަކިވަކިން ކުރެވޭ ބަޖެޓްގެ ޢަދަދު ވަރަށްބޮޑުވާނެ، އެހެން އަހަރުތަކާ އަޅާބަލާއިރު. އޭގެ އެންމެބޮޑު އެއްސަބަބަކީ، ލާމަރްކަޒީ އުޞޫލުން ކައުންސިލްތައް ހިނގަމުންދާއިރުގައި، ބަޖެޓް ތަންފީޒު ކުރަމުން ގެންދާނެ ގޮތުގެ މައްޗަށް ސަރުކާރުން ބަލާފައިވާނެ. އެހެންވީމާ، ސެންޓްރަލް ސަރުކާރު، މައި ސަރުކާރުގެ ޕްރޮގްރާމް ހިންގުމުގެ ޚަރަދު ކުޑަކޮށް، އަތޮޅު ކައުންސިލްތަކާއި، ޕްރޮވިންސް ކައުންސިލްތަކުގެ ޕްރޮގްރާމް ހިންގުމުގެ ބަޖެޓްތައްވާނީ އެކުލަވައިލާފައި. އަދި ކުރިއަށްވުރެ އެތައް ތަނަކުން ބޮޑުކޮށްފައި. ޙަޤީޤަތުގައި ކުރީގައި ޕްރޮގްރާމް ހިންގުމުގެ އެއްވެސް ފައިސާއެއް، ރަށު ކައުންސިލްތަކުގައި ނުވަތަ އަތޮޅު ކައުންސިލްތަކަކު ނުހުންނާނެ.

ލާމަރްކަޒީ އުޞޫލުން ހިނގަމުންދާއިރުގައި، އެ ޤާނޫނާ އެއްގޮތަށް ސަރުކާރުގެ އެންމެހާ ކަންކަމަށް ބަސް ބުނުމަށް އަދި ސަރުކާރު، މައި ސަރުކާރާއި އަތޮޅު ކައުންސިލްތަކާ، ލާމަރްކަޒީ ޤާނޫނު އެ ބުނާ ގުޅުން ގުޅުވައިދިނުމަށް، ޕްރޮވިންސް އޮފީސްތައް ޙަރަކާތްތެރިވާނެ. އަދި އެ ޕްރޮވިންސް އޮފީސްތަކުގައި ހުރިހާ މަޤާމުތަކެއްގައި ތިއްބަވާ ބޭފުޅުން ފަހިކޮށްދެއްވާނީ، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް. އަދި ސަރުކާރު ތަމްސީލުވާންޖެހޭ ހުރިހާ ތަނެއްގައި ތަމްސީލުވާނީ، ޕްރޮވިންސް އޮފީސް.
މިފަހަރުގެ ބަޖެޓުގައި، އެންމެ މުހިންމު އެއްކަމެއް ދީފައިވަނީ، ކުދި ވިޔަފާރި ތަރައްޤީ ކުރުމަށް. އަދި ކުދި ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި ހިމަނާފައިވާ ލޯނު ފައިސާގެ އަދި ނުވަތަ ސަރުކާރުން ދޫކުރަން ނިންމާފައިވާ ލުއި ލޯނުގެ ޢަދަދުވެސް ބޮޑުވާނެ. ސަރުކާރުން މިކަން ކުރަން ޤަޞްދު މިކުރާ ގޮތަކީ، 30 މިލިއަން ޑޮލަރާ ހަމައަށް ލުއިލޯނު، ސަރުކާރުން ކޮމާޝަލް ލޯނު، ސަރުކާރުން އަމިއްލަ ފަރާތްތަކަށް ގަރަންޓީކޮށްދިނުން. އަމިއްލަ ފަރާތްތަކަށް ސަރުކާރުން މީގެކުރީގައިވެސް ލޯނު ގަރަންޓީ ކޮށްދޭ. އެހެން ނަމަވެސް، އެކަން ގަރަންޓީ ކުރެވިފައި ހުންނަނީ، ބޮޑެތި ޕްރޮޖެކްޓަށް ނުވަތަ ކޮންމެވެސް އެއްފަރާތަކަށް، ދެފަރާތަކަށް. ސަރުކާރުން މިހާރު މިފަހަރުގެ ބަޖެޓާއެކު ގެންގުޅޭނެ އެއްސިޔާސަތަކީ، ވަރަށް ކުދިކުދި ޢަދަދުގެވެސް. މިރުސް ދަނޑެއް ހައްދަން ބޭނުންވާ މީހަކަށް ބޭނުންވާ ފަސްލައްކަ ރުފިޔާގެ ޢަދަދުގެ ލޯނު، ސޮވްރިންގ ގަރަންޓީއެއް ޓްރެޜަރީއިން ދިނުން. އެހެންވީމާ، ކޮމާޝަލް ލޯނެއް އެފަރާތަކަށް ހޯދޭނެ މަގު ފަހިވެގެންދިޔުން.

ސަރުކާރުން ލޯނެއް، އެހެން ފަރާތަކަށް ދޫކުރާއިރުގައި، އެ ލޯނަކާ ގުޅިގެން ނޯ އޮބްޖެކްޝަނެއް ދިނަސް އަދި ގަރަންޓީއެއް ދިނަސްވެސް، ސަރުކާރުގެ ފޮތްތައް އެއީ ހަމަ އެއްހަމައެއް. ލޯނުގެ ގޮތުގައި ސަރުކާރަށް އެ ހިމަނަން އެ ޖެހެނީ، އެ ލޯނެއް ފެއިލްވެގެން ނުވަތަ ނުދެއްކިގެން، ޑިފޯލްޓްވެގެންދާ ތަނެއްގައި، ގަރަންޓީކުރާ ފަރާތް، އެ ލޯނު އަނބުރާ ދައްކަންޖެހޭނީ. އެހެން ނަމަވެސް، ލޯނެއް ޑިފޯލްޓްވާ ތަނުގައި، އެ ލޯނެއް، ކޮންމެ ލޯނެއްވެސް ދޫކުރެވިފައިވާނީ، ރަހުނަކާ އެކުގައި. އެހެންވީމާ، އެ ރަޙުނު ހިފި، އެ ލޯނު އަނބުރާ ލިބުން އެއީ، ބޭންކަށްވެސް އަދި އިޤްތިޞާދަށްވެސް އެންމެ ރަނގަޅު ގޮތަކަށްވާނީ. ރާއްޖޭގައި ލުއިލޯނު ދިނުމުގަޔާއި، އަދި ހައުސިންގ ލޯނު ދިނުމުގައި، މިހާތަނަށް ފެންނާން ހުރި ހިސާބަށް ބަލާއިރު، އަނބުރާ ދެއްކުމުގެ ނިސްބަތް ވަރަށް ރަނގަޅު. ދުނިޔޭގެ ގިނަ އެހެން ތަންތަނަށްވުރެ، ރާއްޖޭގައި ލޯނު އަނބުރާ ދައްކާ މިންވަރު، ކިތަންމެ ގުނައަކުން ރަނގަޅު. އެހެންވީމާ، އެއީ މިފަދަ ޕްރޮގްރާމެއް ހިންގުމަށް ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް.

މިފަހަރުގެ ބަޖެޓުގައި ވަޒީފާގެ ފުރްޞަތު، ޢާންމުންނަށް، ޒުވާނުންނަށް ހޯދައިދިނުމަށް ވަކިން ޚާއްޞަކޮށް، ފިޔަވަޅު އަޅާފައިވާނެ. އޭގެތެރޭގައި، ވަޒީފާގެ ފުރްޞަތުތައް ހުރި ދަފްތަރެއް، އެއީ ކޮންމެ މަހަކުވެސް ވަޒީފާ، އާ ވަޒީފާ އުފެދޭ ޢަދަދާއި، އަދި އެ އުފެދޭ ވަޒީފާތަކާއި، އެ ވަޒީފާތައް ހުރި ތަންތަނާއި، އަދި ކޮންމެ މަހަކުވެސް ވަޒީފާ ގެއްލޭ މީހުންގެ ޢަދަދާއި، އެ ގެއްލުނު ތަންތަނާ، މިކަންކަން އެނގޭ ދަފްތަރެއް ހެދުމުގެ މަސައްކަތް މިހާރު ހިއުމަން ރިސޯސް މިނިސްޓްރީން ގެންދަވަނީ ކުރިއަށް. ޖޮބް ސެންޓަރުތައް މެދުވެރިކޮށް، އަތޮޅުތަކުގެ އެކިއެކި ސަރަޙައްދުގައި ވަޒީފާގެ ފުރްޞަތު އިރާދަކުރެއްވިއްޔާ، މިފަހަރުގެ ބަޖެޓް ފަހިކޮށްދޭނެ. މިހާރުވެސް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތައް މެދުވެރިވެގެން އުފެދޭ ވަޒީފާތަކުގެ ޢަދަދު މިއަންނަނީ ގިނަވަމުން. އެނގިވަޑައިގަންނަވާނެ، ދަތުރުފަތުރު ކުރުމުގެ ނިޒާމާ ގުޅިގެން، 300 އާ ވަޒީފާ މިހާރުވަނީ އުފެދިފައި.

އަޅުގަނޑު، ފަހު ވާހަކައަކަށް ދަންނަވާލަން އޮތީ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް އަދި އިދާރީ ދާއިރާތައް ހިންގުމުގެ އިންތިޚާބު އަޅުގަނޑުމެންނާ ކުރިމަތިވަމުން އަންނައިރުގައި، މި އިންތިޚާބުގެ މުހިންމު ކަމަށާއި، އަދި އެ އިންތިޚާބު ރިވެތިކޮށް ގެންދިޔުމަށް، އަޅުގަނޑުމެން ހުރިހާ އެންމެންވެސް މަސައްކަތް ކުރަން ޖެހޭނެ. އަދި ޚާއްޞަކޮށް، ސިޔާސީ ޕާޓީތަކުން އިންތިޚާބަށް ކެންޑިޑޭޓުން ނެރުމުގައި، ވީހާވެސް ޕާޓީތަކުގެ ޢާންމު މެންބަރުންގެ ބައިވެރިވުން ބޮޑުކޮށްގެން، މެންބަރުން ކަނޑައަޅައި، ޑިމޮކްރަސީގެ އުޞޫލުތައް އަށަގެންނެވުމާއި، އެކަންކަން މިރާއްޖޭގެ ވައްޓަފާޅިއަށް ހިމުންކުރުވުމަށް ދާންޖެހޭ ވަގުތަކީ މިއީ. މިއަދު ސިޔާސީ ޕާޓީތަކުން ޢަމަލުކުރާގޮތް، ޙަޤީޤަތުގައި ވެގެން މިދަނީ، އަންނާން އޮތް ޖީލުތަކުގައި، މި ރާއްޖޭގައި ކަންކުރާ އުޞޫލުގެ ގޮތުގައި ނިމިގެންދާ ގޮތްތަކަށް. އެހެންވީމާ، އަޅުގަނޑުމެން މިއަދު ކަންކުރާ ގޮތް، އަންނާން އޮތް އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނަށް ވަރަށް މުހިންމު.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް ފުރްޞަތު އަރުވާނަން.

ޒަމްޢަތު އަޙްމަދު – ރާއްޖެ ރޭޑިޔޯ:

އަޅުގަނޑުގެ ސުވާލަކީ، ރައީސް މިހާރު ދެންމެ ވިދާޅުވެއްޖެ ދޮގެއްތޯ. ފައިސާގެ މުޢާމަލާތުގެ އެއްބަސްވުމެއްވެސް ކުރިއަށްދާނެ ކަމަށް، މިދަތުރުފުޅުގައި، ކޮބައިތޯ ރާއްޖެއަށް މިކަމުންހުރި ފައިދާއަކީ؟ ކޮބައިތޯ ކުރިއަށްދާނެ ކަންތައްތަކަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން އެންމެފަހުންއައިސް އަމާޒު މިކުރަނީ، ސިލޯނުން، ސްރީލަންކާއިން ދިވެހިން ގަންނަންޖެހޭ ތަކެއްޗާއި ކުރަންޖެހޭ ޚަރަދަށް ބޭނުންވާ ސްރީލަންކާ ރުފިޔާ، ރުޕީސް، މިރާއްޖެއިން ލިބޭނެގޮތް މެދުވެރިކުރުން، ދިވެހި ރުފިޔާދީފައި. އަދި ހަމަ ސިލޯނުން، ސްރީލަންކާއިން، ސްރީލަންކާ ރުޕީސް ދީފައި، ދިވެހި ރުފިޔާ ލިބޭނެގޮތް މެދުވެރިކުރުން.

އަޙްމަދު މުޙްސިން – އެމް.އެން.ބީ.ސީ. ވަން:

އަޅުގަނޑުގެ ސުވާލަކީ، ކޮންގޮތަކަށްތޯ ތިވިދާޅުވާ ކްރެޑިޓް ފެސިލިޓީޒް، ތިޔަބޭފުޅުން ޤާއިމް ކުރައްވާނީ؟ ކޮންކަހަލަ އެއްބަސްވުމެއްތޯ، މައިގަނޑު ގޮތެއްގައި މި އެއްބަސްވުމުގައިވާނީ؟ ކިހާވަރެއްގެ ފައިދާއެއްތޯ، ރާއްޖެއަށް އެކަމުން ލިބޭނެ ގެއްލުމަކީ ކޮބައިކަން، ރައްޔިތުންނަށް ހާމަކޮށްދިނުމަށް އަޅުގަނޑަށް ހީވަނީ ބޭނުންވާނެކަންނޭނގެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިކަމުން އަޅުގަނޑުމެން ހިސާބުޖެހިއިރުގައި، ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ނެތް. ފައިދާހުރީ. ރާއްޖެއިން ތަކެތި ސްރީލަންކާ ރައްޔިތުންނަށް، ސީދާ އެމީހުންގެ ފައިސާއިން ގަނެވޭގޮތްވީމާ، އެމީހުން ރާއްޖެއިން ގަންނަ ތަކެތި އިތުރުވާނެ. އަދި ދިވެހިންނަށް ސީދާ ސްރީލަންކާއަށް ދިވެހި ރުފިޔާ ޚަރަދުކުރެވޭގޮތްވީމާ، މި ރާއްޖެއިން ޑޮލަރު ބޭނުންވާވަރު، އެތައް ތަނަކުން ދަށްވެގެންދާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ބެލެންސް އޮފް ޕޭމަންޓަށް ނުވަތަ ޑޮލަރަށްވެސް މިކަމުން، ޑޮލަރަށް މިހުރި ޑިމާންޑަށްވެސް މިކަމުން ލުއިވެގެންދާނެ. އަދި އޭގެއިތުރުން، ވިޔަފާރިފުޅާވެގެންދާނެ ކަމަށް ސަރުކާރުން ދެކެނީ. ސާކްގެ ގިނަ ޤައުމުތަކުގެ މެދުގައި ކަރަންސީ ހާމަނައިޒް ކުރުމަށް ނުވަތަ އެކްސްޗޭންޖް ރޭޓެއް ޤާއިމްކުރުމަށް ބަޙުޘް ކުރެވެމުންދާތާ ވަރަށްގިނަ ދުވަސްވެއްޖެ. ދެން އަޅުގަނޑުމެން ވަކިން ސްރީލަންކާ ސެންޓްރަލް ބޭންކާ އެކީގައި، މިމަޝްވަރާ ކުރެވެމުންދާތާވެސް މިހާރު ދުވަސްކޮޅެއްވެއްޖެ.

އިބްރާހީމް ވަޙީދު – ހާމަނޫސް:

އަޅުގަނޑުގެ ސުވާލަކީ، ބަޖެޓް ފާސްކުރުމާއި، ބަޖެޓާ ބެހޭގޮތުން މަނިކުފާނު ވަރަށް ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވައިފި. ދެން އަޅުގަނޑުގެ ސުވާލަކީ، އިދިކޮޅު ޑީ.އާރު.ޕީ.ގެ ލީޑަރ އެބަ ވިދާޅުވޭ، ކެބިނެޓް ފާސްކުރުމޭ، މިވަގުތަށް އެންމެ އިސްކަމެއްދީގެން އެބޭފުޅުންގެ މަސައްކަތަކީ. އެހެންވީމާ، އެއީއޭ އެންމެ އިސްކަމަކީ އެބޭފުޅުންގެ. އެހެންވީމާ، ބަޖެޓް އެބޭފުޅުންގެ ޕްރިއޮރިޓީ ލިސްޓަށް އަންނަނީ ކެބިނެޓް ފާސްކުރުމަށްފަހު. އެހެންވީމާ، މިހާރުވެސް މަޖްލިސްތެރޭގައި ރޫޙަށް ބަލާއިރު، ބޮޑު ދެޕާޓީގެ ކޯޅުން ވަރަށްބޮޑުކޮށް މިދަނީ. އެހެންވީމާ، މަނިކުފާނުގެ ވިސްނުން މިކަމުގައި ހުރީ ކިހިނެއްތޯ؟ ބަޖެޓްތޯ ފުރަތަމަ ފާސްކުރުން މުހިންމީ، އެކަމަށް ބަޙުޘް ކުރުންތޯ ނޫނީ ކެބިނެޓް ފާސްކޮށްފައި، އެހެން ކަމަކައިގެން ކުރިއަށްދިޔުންތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ރާއްޖޭގޭ ޤާނޫނުއަސާސީ ލާޒިމްކުރާނެ، އަހަރު ނިމުމުގެ ކުރީގައި ބަޖެޓް ފާސްކުރުން. އެއީ، އެކަން ކުރަންޖެހޭނެ ގޮތް. އެހެންވީމާ، އެކަމަކާ އިދިކޮޅު ޕާޓީއަކަށްވެސް، ސަރުކާރު ހިންގާ ޕާޓީއަކަށްވެސް އަދި އެހެން އެއްވެސް ފަރާތަކަށް އެއްޗެއް ދެންނެވޭކަށެއް ނެތް. އެއީ ޤާނޫނުއަސާސީގައި ވަރަށް ޞަރީޙަކޮށް ލިޔެ ކަނޑައެޅިފައި އޮތް ގޮތް. ދެން ވަޒީރުންގެ ކަންތަކާ ގުޅޭގޮތުން އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވައިފިން. ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއްގެ ސަބަބުން، އަޞްލަކަށް އަންނަ ބަދަލެއް، ވަޒީރުންނާ ގުޅޭގޮތަކުން ނެތޭ. އަޞްލަކަށް ބަދަލެއް އަންނަނީ، ހަމައެކަނި ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ނެންގެވީމައޭ.

އަޙްމަދު މުޙްސިން – އެމް.އެން.ބީ.ސީ. ވަން:

އަޅުގަނޑު ހަމަ ގުޅޭ ސުވާލެއްގެ ގޮތުން، އެހެން ބޭފުޅުންގެ އިޒުނައާ އެއްކޮށް. އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، އިދިކޮޅު ފަރާތްތަކުން ބަޖެޓް ފާސްނުކުރައްވާނެ ކަމުގެ ވާހަކަތަކެއް. އެބޭފުޅުންގެ ބައެއް ޖަލްސާތަކުގައި، އެ މޭރުމުން ވާހަކަ ދައްކަވަމުން އެބަގެންދަވާ. ބަޖެޓް ފާސްނުވެއްޖެއްޔާ، ދެންވާނީ ކިހިނެއްތޯ؟ ކޮންގޮތަކަށްތޯ ސަރުކާރު އޭރުން ޢަމަލުކުރަމުން ގެންދާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ސަތޭކައިންސަތޭކަ ޔަޤީން، މި ރާއްޖޭގެ، މި ސަރުކާރުގެ، މި ދައުލަތުގެ ބަޖެޓް، މި ދައުލަތުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާނެ ކަމަށް. އަޅުގަނޑަށް ސަތޭކައިންސަތޭކަ ޔަޤީން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ ދެ ޕޮއިންޓެއް އެބައޮތް. ފުރަތަމަ، ދެންމެ ކްރެޑިޓް ލައިންގެ ވާހަކަ ދެއްކެވިއިރުގައި، އަޅުގަނޑުމެންނަށް ރައީސް ވިދާޅުވި އަޑު މިއިވުނީ، ދުއިސައްތަ މިލިއަން ޑޮލަރެއްގެ ވާހަކަ. މިއީ ހަމައެކަނި މިހިސާބުން ފުއްދާލާނެ، ކޮބައިތޯ މިއަށްވުރެ އިތުރަށް ތިވިދާޅުވާ ގޮތަށް ޑޮލަރަށް ވަރަށްބޮޑު ލުޔެއް ލިބިގެންއެބަދޭ، ރާއްޖޭގައި ޑޮލަރު ނުލިބުމުގެ ދަތިކަމަށް ޙައްލެއް ލިބިގެން އެބަދޭ. އެހެންވީމާ، ކިހާވަރަކަށްތޯ މިކަން އިތުރަށް އެކްސްޓެންޑް ކުރެއްވުމަށް ސަރުކާރުގެ ވިސްނުންހުރީ.

ދެވަނަ ޕޮއިންޓަކަށް އަޅުގަނޑު ފާހަގަކުރަނީ، ރައީސް ލަންކާއަށް ވަޑައިގަންނަވާއިރުގައި، ރައީސް ފާހަގަކުރެއްވޭނެ ވަރަށްބޮޑަށް ޑިމޮކްރެޓިކް އުޞޫލުތަކަށް ތަބާވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި. ހަމަ މިޔަންމާގެ ލީޑަރ އަން ސަންގ ސޫޗީގެ ވާހަކަ އަޅުގަނޑު ދަންނަވާލަން. އެބޭފުޅާ މިނިވަންކުރެއްވުމަށް އެކިފަހަރުމަތިން ގޮވާލައްވާފައިވާ ބޭފުޅެއް ރައީސަކީ. ދެން އަޅުގަނޑުމެންނަށް ފެނިގެންއެބަދޭ، ލަންކާއަށް ވަޑައިގަންނަވާއިރުގައި، ލަންކާގެ ރައީސަކީ ވަރަށް ޚުދުމުޚްތާރު ބޭފުޅެއްގެ ގޮތުގައި، ބައެއް މީޑިއާތަކުން އަދި ވަރަށްގިނަ ސިޔާސީ ބޭފުޅުންވެސް ސިފަކުރައްވަމުން ގެންދަވާ. އިދިކޮޅު ލީޑަރ ފޮންސެކާ އެހުންނެވީ ހައްޔަރު ކުރައްވާފައި. އަދި ޤާނޫނުއަސާސީއަށްވެސް އަމިއްލަފުޅަށް ބަދަލެއް ގެންނަވައިގެން، ވެރިކަންކުރެއްވޭ ގޮތަކަށް ވިސްނަވަމުން ގެންދަވާ ބޭފުޅެއް، ރައީސް މަހިންދަ ރާޖަޕަކްސައަކީ. ކޮބައިތޯ، ލަންކާއަށް ވަޑައިގަންނަވާއިރުގައި، މިފަދަ ޑިމޮކްރެޓިކް ރޫޙާ ޚިލާފު ކަންތައްތަކެއް، އެޤައުމުގައި ހިންގަމުން ގެންދާއިރުގައި، ރައީސް ނަޝީދުގެ ވިސްނުންފުޅަކީ ކޮބައިތޯއޭ؟ ޑިމޮކްރެޓިކް އުޞޫލުތަކަށް ތަބާވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި، ހަމަ މިޔަންމާގެ ލީޑަރު މިނިވަން ކުރެއްވުމަށް ގޮވާލެއްވިފަދައިން، އަވަށްޓެރި ލަންކާގެ އިދިކޮޅު ލީޑަރ މިނިވަންކުރެއްވުމަށް ކިހާވަރަކަށްތޯ މަސައްކަތްޕުޅު ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށް ބޮޑަށް މަޢާފް ކުރައްވާތި. އަޅުގަނޑަށް ހީވަނީ، ސްރީލަންކާގެ ރައީސާއި ބަރުމާގެ ޙާލަތާ އެއްގޮތް ކުރެވޭނެ ހަމަ އެއްވެސް ގޮތެއް، މިދުނިޔޭގެ އެއްވެސް ހަމައެއް ނޭޅޭނެ. ސްރީލަންކާއަކީ މުޅި މިސަރަޙައްދުގައި ގުޑުމެއްނެތި، އެތައް އެތައް އަހަރެއްގެ ހަރުދަނާ ޑިމޮކްރަސީއެއް ހިންގާ، އަދި ޝަރްޢީ ނިޒާމު، ވެރިކަމުގެ ފަރާތުން ވަކިކޮށް، އެގޮތަށް ހުއްޓުމެއްނެތި މިސަރަޙައްދުގައި އެންމެ ފުރިހަމައަށް ހިންގަމުން އައި ޤައުމު. އަދި މިހާރުވެސް ހިންގާ ޤައުމު. ސްރީލަންކާގައި ޝަރީޢަތާއި އަދި އެތަނުގެ ރައްޔިތުންގެ މަޖިލީހާއި، އެތަނުގެ ވޯޓް ދިނުމާއި، އަދި އެތަނުގެ މީޑިއާއާ. މިހުރިހާ އެއްޗިއްސަކީވެސް އަދި މިހުރިހާ މުއައްސަސާތަކަކީވެސް ފުރިހަމައަށް، މިނިވަންކޮށް ހިނގަމުންދާ މުއައްސަސާތައް. ކޮންމެ ކަމެއްގައިވެސް، ކޮންމެ ރާއްޖެއެއްގައިވެސް، ކޮންމެ ޤައުމެއްގައިވެސް ފާޑުކިޔުން ހުންނާނެ. އަދި އިދިކޮޅު ފަރާތްތައްވެސް. އަދި ހަނދުމަފުޅުކޮށް ބަހައްޓަވަންޖެހޭނެ، ދެކުނު އޭޝިޔާގައި މިލިޓްރީ ބާރަށް ވަމުންއައިސްފައިވާ ގޮތްތައް. ބަންގްލަދޭޝްގައިވެސް، ޕާކިސްތާނުގައިވެސް. އަދި އެހެން ކިތަންމެ ޤައުމެއްގައިވެސް. މި ސިވިލިއަން ސަރުކާރެއް، އެންމެ ފުރިހަމައަށް، މިސަރަޙައްދުގައި ހިންގާފައި އޮތް އެއްޤައުމަކީ ސްރީލަންކާ. އަޅުގަނޑެއް ދުވަހަކުވެސް ނޭދޭނަން، ސިލޯނުގައި އެނޫން އެހެން އެއްވެސް، ސްރީލަންކާގައި އެނޫން އެހެން އެއްވެސް ޘަޤާފަތެއް އުފެދޭކަށް.

އަޅުގަނޑުމެންގެ މި އެގްރީމަންޓްގެ ދަށުން ދެން އިތުރަށް އަޅުގަނޑުމެން ކުރިއަށް ގެންދަން އޮތީ ކޮންކަމެއްތޯ؟ އިތުރަށް އަޅުގަނޑުމެންނަށް ގެންދެވޭތޯ ދެން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނެކަމަކީ، ދެޤައުމުގެ ދޭތެރޭގައި ވިޔަފާރި ފުޅާކުރުމޭ. ފަސޭހައިން ސްރީލަންކާ ރައްޔިތުންނަށް ރާއްޖެއަށް އައިސް، ރާއްޖޭ ދިވެހި ރުފިޔާ، ސިލޯނުގައި ތިބެ، ސްރީލަންކާގައި ތިބެ ދިވެހި ރުފިޔާ ލިބި، މިތަނަށް އިންވެސްޓް ކުރެވެން އައިސް، ނުވަތަ މިތަނުގެ ތަކެތި ގަނެވޭގޮތްވުން. އެ މިދެންނެވި ވިޔަފާރި ފުޅާކުރުމުގެ މިޞްރާބަށް 2011 ވަނަ އަހަރު އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން.

ޢަލީ ސުލައިމާން – ވީ.ޓީ.ވީ:

އަޅުގަނޑުގެ މައިގަނޑު ދެސުވާލު އެބައޮތް. ފުރަތަމަ ސުވާލަކީ، ރައީސް ނަޝީދު އަވަށްޓެރި ޤައުމުތަކަށް އަދި މިގޮތަށް ކުރައްވާ ގިނަ ދަތުރުފުޅުތަކުގެ ބައްދަލުވުންތަކުގެ ހަވާސާގައި، ދިވެހިރާއްޖެއަށް ވަރަށް ބޭނުންތެރި ގިނަ ކަންތައްތަކަށް ފުރްޞަތު ހޯއްދަވާ. އެގޮތުން، ޚާއްޞަކޮށް، ގެދޮރު އެޅުމުގެ މަޝްރޫޢަށް، އަވަށްޓެރި އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ހޯއްދެވި ހަތަރުސަތޭކައެއްހާ ގޭގެ މަސައްކަތުގެ އެއްބަސްވުމެއް، މި ނޮވެމްބަރު ނިމުމުގެ ކުރިން އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމަށް ވިދާޅުވެފައި އޮތީ. ދެން އެކަމަށް މިހާރު ވެފައިއޮތީ ކިހިނެއްތޯ؟

ދެން އަނެއް ސުވާލަކީ، ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފި. ދައުލަތުގެ ބަޖެޓް، އަންނަ އަހަރަށް ފާސްކުރައްވާއިރު، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ، އިހުހުރިވަރަށް ދެއްވަން މަސައްކަތްޕުޅު ކުރައްވާ ކަމަށްވެސް ވިދާޅުވެފައި އޮތް. އެހެންވީމާ، އެކަން އެގޮތަށް ހަމަޖެހިފައިތޯ ބަޖެޓްގައި އޮތީ؟ ދެން ބަޖެޓްގެ ޖުމްލައަކީ ކޮބައިތޯ؟ އަންނަ އަހަރު ދައުލަތުގެ ޚަރަދު ކިހާބޮޑަކަށް، ކަރަންޓް ޚަރަދުތައް ކުޑަކުރެވިގެންދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އިންޑިޔާ ސަރުކާރާ އެކުގައި އަޅުގަނޑުމެން، އަޅުގަނޑު ހަނދާންވަނީ 800 ގެއޭ، ޔުނިޓޭ. އެ ގެ އެޅުމަށް ބޭނުންވާ ފައިސާގެ އެގްރީމަންޓްގައި، މި ނޮވެމްބަރ މަސް ނިމުމުގެ ކުރީގައި، އަޅުގަނޑުމެންނަށް ލަފާކުރެވެނީ، އަޅުގަނޑުމެންނަށް އެ އެގްރީމެންޓްގައި ސޮއިކުރެވޭނެ ކަމަށް. ސޮއި ހަމަ ކުރުމާ އެކީގައި، މި ސަރުކާރުން ޓެންޑަރަށް ގޮވާނަން ގެތައް އެޅުމަށް. އޭރުން ސަރުކާރުން އެ އަޅަންވީ ލޮކޭޝަންތައް ކަނޑައަޅާފައި. އެކަން ހަމަ ބާރަށް އެބަ ކުރިއަށް ގެންދެވޭ.

ބަޖެޓްގައި ވާނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ، އެ ކުރީގައި ހުރި މުސާރައަށް ގެނައުމަށް، ބޮޑުކުރުމަށް ބަޖެޓްގައިވާނީ ހިމަނާފައި. ބަޖެޓްގެ މުޅި ޢަދަދާއި، އަދި ބަޖެޓްގެ އެފަދަ ތަފްޞީލް، އަޅުގަނޑު ހިތުން އެންމެ މުނާސިބުވާނީ، ފިނޭންސް މިނިސްޓަރ ހުށަހަޅުއްވާ ހުށަހެޅުއްވުމެއްގެ ތެރޭގައި، އެކަންކަން ވިދާޅުވެދެއްވިއްޔާ. ދެން އަޅުގަނޑު ހަމަ ކުރިއަށް މިއޮތް ބައެއް ތަފްޞީލު، ތިޔަބޭފުޅުންނަށް، އެހެން ނޫނިއްޔާ ބައެއް ބާވަތުގެ ތަފްޞީލު ތިޔަބޭފުޅުންނަށް އެރުވީ. އެހެން ނަމަވެސް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ފިނޭންސް މިނިސްޓަރ އަދި ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނާވެސް، އެ ބަޖެޓް މަޝްވަރާ ކުރުމަށް، އެބަޖެޓް ޢާންމުކޮށް ހުޅުވާލެވޭނެ.

JJ Robinson – Minivan News

Excuse the off-topic question. But was the government aware or involved in the third round of peace talks between the Afghan government and the Taliban held last week at Paradise Island Resort, and do you in such events carry security concerns or issues of public perception?

President Nasheed

These conferences and meetings...we do not feel we have a security risk at all. The security services of this country, the Police and the other intelligence services have a very, very good grip on who is doing what. Very often some might think that it might be quite possible for a group to do whatever they want to do in any of the corners of the country. But I am very confident that we have everything under raps. But of course anything can happen, but not without all the considerations and consequences having being registered by the government and I am very, very sure that we have a very good grip on the situation.

The government is not at all involved with the meetings that are happening here. The government is of course aware of the meetings. Our position has always being for anyone to have a conversation or for anyone to try and bridge a gap or to resolve a conflict, they are always very welcome to the Maldives.

މިޞްބާޙު ޢައްބާސް – ދި ޓީ.ވީ:

މަނިކުފާނު ފުދޭވަރަކަށް އަލިއަޅުއްވާލައްވައިފި ބަޖެޓާ ބެހޭގޮތުން. ދެން އަޅުގަނޑު ސުވާލު ކޮށްލާނަން، މި ބަޖެޓާ ގުޅުވައިގެން. ދާދިފަހުން އައި.އެމް.އެފް.ގެ ވަފްދުން ރާއްޖެއަށް ކުރި ޒިޔާރަތުގައި، އެބޭފުޅުން ފާހަގަކުރައްވާފައި އެބައޮތް، މި ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް، ކުރިއަށް އޮތް ތާނގައި ޕްލޭން ކުރެވިފައިވާއިރު، އެކަންތައްތައް ޢަމަލީ ސިފަ އަންނައިރު، ޚަރަދު ބޮޑުވެގެންދާނެ ކަމަށް. ދެން އޭގެއިތުރުންވެސް، ދައުލަތުގެ ވަޒީފާތަކަށް މުސާރައިގެ ޚަރަދު އަދިވެސް ކުޑަކުރަން ބޭނުންވާވަރަށް ކުޑަކުރެވިފައިނުވާ ކަމަށް އައި.އެމް.އެފް.އިން ލަފާދީފައި އޮތް ކަމަށް ރައީސް އޮފީހުން އަޅުގަނޑުމެންނަށް މަޢްލޫމާތުދީފައިވަނީ. އެހެންވީމާ، ބަޖެޓް އަލަށް އެކުލަވައިލެއްވިއިރު، މިކަންތައްތަކާ ވިސްނަވާފައި އޮންނާނެތޯ؟

ދެން އަޅުގަނޑު އިތުރު ސުވާލެއް ކޮށްލާނަން. ދާދިފަހުން މިދިޔަ ހަފްތާގައި ނިމިގެންދިޔަ އަފްޣާން ޕީސް ޓޯކް ކަންތައްތަކުގައި. އަޅުގަނޑުމެންނަށް ތަންކޮޅެއް ކުރިން ޔޫ.ކޭ.އަށް އެތެރެވި ޕާރުސަލެއްގެ ތެރެއިން ގޮވާޒާތުގެ ތަކެތި ފެނުމާ ގުޅިގެން، ޔޫ.ކޭ.ގައި ރީ-ސްކްރީން ކުރުމަށް ނެރުނު ލިސްޓްގެ ތެރޭގައި ރާއްޖެވެސް އޮތީ ހިމެނިފައި. ދެން ކިހާވަރަކަށް މި ރާއްޖޭގައި ހަމަ ޠާލިބާނާއި، ޙިޒްބް އިސްލާމިއްޔާ، އެޖަމާޢަތްތައް އެއީ އެމެރިކާއާއި ޔޫ.ކޭ.އާ، އެތަންތަނުގައި ހަމަ އެންމެ ބޮޑަށް މި ބްލެކް ލިސްޓްކޮށްފައި ހުރި ތަންތަން. ދެން އަޅުގަނޑުމެންނަށް މި ފެނިގެންދަނީ، އަފްޣާނިސްތާނު ޕީސް ޓޯކްގައިވެސް ހަމަ އެންމެ އިސްކޮށް އެ ގްރޫޕްތަކުން ޙަރަކާތްތެރިވަމުންދާ މަންޒަރު. ކިހާވަރަކަށް މިކަމުން ރާއްޖެއަށް ކިހާވަރެއްގެ ރިސްކެއް އޮވެދާނެ ކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟ ނޫނީ މިކަހަލަ ބޭންތައް ރީ-ސްކްރީން ކުރުމާއި، އެކަހަލަ ކަންތައްތަކުން ކިހާވަރަކަށް ރާއްޖެއަށް ސަލާމަތްކަމެއް ލިބިދާނެތޯ، މިކަހަލަ ޕީސްޓޯކްތައް ރާއްޖޭގައި ކުރިއަށްދަންޏާ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ރާއްޖެ، ސްކްރީން ކުރަން މިޖެހޭ ސަބަބަކީ، ވަރަށް ބޮޑަށް ބޭރުމީހުން މިނާ، އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ. މިނާ މިންގަނޑުތަކެއް، ދިވެހިރާއްޖޭގެ ރައްޔިތުން ކިހާވަރަކަށްތޯ ދީނީގޮތުން، އެމީހުން ދެކޭގޮތުގައި ހައްދުފަހަނަޅައިދިޔައީ. އޭގައި އެމީހުން ދެކޭ މިންގަނޑުތަކެއްގެ ތެރޭގައި މިގެންގުޅެނީ، ބުރުގާއަޅާ މިންވަރާއި، ތުނބުޅި ބަހައްޓާ މިންވަރާއި، ދެން އެހެންވެސް ސިޔާސީ ގޮތުން މި ދީނީ ޖަމާޢަތްތައް އަޑުގަދަކޮށް ވާހަކަ ދައްކާ މިންވަރާއި، ދެން މިބާވަތުގެ އަޑުތައް އުފުލަމުން ގެންދާ މިންވަރާ. އެމިންވަރުތަކާއި، އެމިންގަނޑުތަކާއި އަދި ދިވެހިރާއްޖޭގެ ރައްޔިތުންނާ ގުޅޭގޮތުން އެހެން ޤައުމުތަކުގެ ސަރުކާރުތަކަށް ލިބިފައިވާ މަޢްލޫމާތުތަކުގެ މައްޗަށް ބިނާކޮށް. އެއްވެސް ހާލެއްގައި، މިތަނުގެ ރިޒޯޓަކަށް، އަފްޣާނިސްތާނުގެ ބަޔަކު، އީރާނުގެ ބަޔަކު ނުވަތަ އެހެންވެސް ޤައުމެއްގެ ބަޔަކު މަޝްވަރާއެއް ކުރުމަށް، ވާހަކަ ދެއްކުމަށް އައުމާ ގުޅިގެނެއް ނޫން. މިރާއްޖޭގައި ހިނގާ އެބާވަތުގެ އެއްވެސް ކަމެއް ނުހިނގާނެ، އެކުވެރި ދައުލަތްތަކަށް، އޭގެ ފުރިހަމަ މަޢްލޫމާތު ނުލިބިއެއް. އަދި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށާއި، އެކުވެރި ދައުލަތްތަކަށް އަޅުގަނޑުމެން ޙިއްޞާ ކުރަންޖެހޭ މަޢްލޫމާތު އަބަދުވެސް އަޅުގަނޑުމެން ފުރިހަމައަށް، ރަނގަޅަށް ޙިއްޞާކުރަމުން ގެންދަން. އެހެންވީމާ، ރާއްޖޭގެ ސަލާމަތާއި، މިއިން ކަމަކާ އަޅުގަނޑަކަށް ނުވިސްނޭ، ހުރި ހަމަ އެއްވެސް ގުޅުމެއް. އަޅުގަނޑު މިދެންނެވިހެން ސްކްރީން ކުރުމުގެ މައްސަލައެއް ދިމާވުމުން، އަޅުގަނޑުމެން އެބޭފުޅުންނަށް ދެންނެވިން. އެ ސްކްރީން ކުރުމަކީ ރަނގަޅު ކަމެއް. އެއްވެސް ހާލެއްގައި އަޅުގަނޑު އިންކާރު ކުރާ ކަމެއްވެސް ނޫން. ރާއްޖެއިންދާ އެއްޗެތި އެތަނަށް، ބޯޓްފަހަރަށް އެރުވެނީ، ފުރިހަމަ ސަލާމަތާ އެކީގައިކަން އެންމެ ރަނގަޅަށް އެނގުނީމާ، އޭގެ އެންމެބޮޑު ފައިދާއެއް ކުރާނީ ހަމަ ރާއްޖެއަށް. އެހެންވީމާ، އެ ރަނގަޅަށް ކުރަންޖެހޭ ސްކްރީނެއް ކުރުން. އަދި ފަސިންޖަރުން ބޮޑަށް ފާސްކުރަންޖެހޭ ފާސްކުރުމެއް ކުރުން އެއީ، އަޅުގަނޑަށް ފެންނަ ގޮތުގައި ހަމަ ދިވެހިރާއްޖެއަށް ލިބޭ ރަނގަޅެއް. ދެން އަޅުގަނޑުމެން އެ ސްކްރީން ކުރުމުގެ އިންތިޒާމްތައް ވީހާވެސް ރައްޔިތުންނަށް، ދަތުރުވެރިންނަށް ލުއިވާކަހަލަ ގޮތަކަށް ހިންގުނީމާ ރަނގަޅުވާނެ. އެހެން ނަމަވެސް، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވަންޖެހޭނެ، މިއީ މި ޒަމާންކަން. ދަތުރުފަތުރުކޮށް އުޅޭއިރުގައި، ހުރިހާ ތަނަކުންވެސް ޗެކްކުރާނެކަން. އެއްވެސް ކައުންޓަރަކުން އަޅުގަނޑު ދުވަހަކުވެސް ނޯންނާނެ އައިއްސަކާއެއް، އަޅުގަނޑު ޗެކް ކުރުމަށް ފުރިހަމައަށް އަޅުގަނޑުގެ ހެޔޮހިތުން އިޙްތިރާމާ އެކީގައި، އެހުންނަވާ އޮފިޝަލަކަށް ޙާޒިރުނުވެއެއް. ދެން އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ދިވެހިންވެސް، އިސްވެ މިބާވަތުގެ ޢަމަލުތައް، ކަންކަން ހިންގާނެ ކަމަށް. އޭރުން އަޅުގަނޑުމެންނަށް ފަސޭހަ ދިރިއުޅުމެއް ލިބެމުންދާނީ.

ދެން އައި.އެމް.އެފް ވިދާޅުވާ ވިދާޅުވުމާއި ދެން އަދި ނޫސްތަކުގައި އައި.އެމް.އެފް ވިދާޅުވިކަމަށް ނުވަތަ އައި.އެމް.އެފް.އިން ބަޔާންކުރާ ކަމަށް ނޫސްތަކުންދޭ ޚަބަރުތަކާއި އަދި އައި.އެމް.އެފް.އިން ބަޔާންކުރި ކަމަށް ސިޔާސީ ޕާޓީތަކުންދޭ ޚަބަރުތަކާ، އައި.އެމް.އެފް.އިން ބަޔާންކުރާ ވާހަކަތަކާ ވަރަށް ތަފާތު. ދެން އެކަން އަޅުގަނޑުމެންނަށް މިދޭތެރެއިން މިއޮތީ ފެނިގެން ގޮސްފައި. ދިވެހި ސަރުކާރުގެ ވިސްނުމާއި، އައި.އެމް.އެފް. އިން އެންމެ ފުރަތަމަ ހުށަހެޅި ޕްރޮގްރާމާ، 2011 ވަނަ އަހަރު ފަރަޤެއް އުޅޭނެކަން، 2009 ވަނަ އަހަރު އަޅުގަނޑު އޮންނާނީ ފާހަގަކޮށްފައި. އަދި އައި.އެމް.އެފް.އިންވެސް 2010 ގައި 2011އިގެ ވާހަކަ އިތުރަށް އަޅުގަނޑުމެން މަޝްވަރާ ކުރާނީ ކަމަށް ނިންމައި، 2009 ގައި ޕްރޮގްރާމް އަޅުގަނޑުމެން ފެށީ. އަޅުގަނޑަށް އަދިވެސް ނުފެނޭ، އަޅުގަނޑެއް އަދިވެސް ނުދެކެން، އިޤްތިޞާދީ ގޮތުން ބަލާއިރުގައި، 44 ޕަސެންޓްގައި ހުރި ޑެފިސިޓެއް، 3 އަހަރު ދުވަހުގެ ތެރޭގައި، ސަރޕްލަސްއަކަށް ބަދަލުކުރަން އުޅުން އެއީކީއެއް ބުއްދިވެރި ކަމެއް ނޫން. އަޅުގަނޑުމެންނަށް އެކަން ކުރަމުން ގެނެވޭނީ މަޑުމަޑުން. ތެދުފުޅެއް، އެހެން އެކަން ކުރީމާ، އިޤްތިޞާދަށް ލިބޭ ގެއްލުންވެސް އެބައޮތް. އެހެންނަމަވެސް، މިއިން ކޮންމެ ހިސާބު ޢަދަދަކާ ޙަޤީޤަތުގައި ގުޅިފައި ހުންނަނީ، ކޮންމެވެސް މީހެއްގެ ދިރިއުޅުމާ. އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ، މުސާރައިގެ މިވެނި ބައެއް، އެވެނި ބައެއް ކަނޑާލާނީއޭ. މިވެނި ޚަރަދެއް، އަނެއް ޚަރަދެއް ކުޑަކޮށްލާނީއޭ، އެހެން ބުނެ އަޅުގަނޑުމެންނަށް ބަޖެޓް ހަދާލެވިދާނެ. އެހެން ނަމަވެސް، ޤަބޫލުފުޅު ކުރައްވާނެ، އެއިން ކޮންމެ ކެނޑުމެއް ގުޅިފައި ހުންނާނީ، ކޮންމެވެސް ޢާއިލާއަކާ. ކޮންމެވެސް މުވައްޒަފަކާ. ކޮންމެވެސް އިޤްތިޞާދީ ޙަރަކާތަކާ. އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، މި ކެނޑުންތައް ކަނޑާއިރު، ބެހުންތައް ބަހާއިރު، މިކަންކަން ގޮސްއުޅޭ ހިސާބުތަކަށް. އެ ސަބަބަށްޓަކައި އަޅުގަނޑު އައި.އެމް.އެފް.ގައި އެދިފައިވާނީ، އަޅުގަނޑުމެންނަކަށް މިއަހަރަކު ޑެފިސިޓް 4 ޕަސެންޓަކަށް ނުގެނެވޭނެއޭ. އަޅުގަނޑުމެންނަށް ޑެފިސިޓް ގެންގުޅެވޭނީ 15 ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގަޔޭ. އަޅުގަނޑުމެން މިދިޔަ އަހަރު 2010 ނިމޭއިރުގައި، 18 ޕަސެންޓަށް ގެންނާނެ ކަމަށް އެއްބަސްވިން. އަހަރު ނިމުނުއިރުގައި، މުޅިން އެކީގައި މިނާލީމާ އެނގޭނީ އަޅުގަނޑަށް. މިހާރު ލިބޭ މަޢްލޫމާތުން ދައްކަނީ 16 ޕަސެންޓްގައި ޑެފިސިޓް ހުރިކަމަށް. އެހެންވީމާ، މިއަންނަ އަހަރުވެސް މަސައްކަތް ކުރާނަން ސަރުކާރުން މި ކަނޑައަޅާ ޓާގެޓަށްވުރެ ރަނގަޅަށް މިކަން ކުރެވޭތޯ. އެހެން ނަމަވެސް، ސަރުކާރުގެ ބަޖެޓް ހެދުމުގައި ގެންގުޅޭ އެންމެބޮޑު އެއްސިޔާސަތަކީ، އަބަދުވެސް ދަށުން މިންއެޅުން. އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް މާބޮޑު އާމްދަނީއެއް އަންދާޒާކޮށްގެން، އަދި މާކުޑަކުޑަ ޚަރަދެއް ކުރާނެ ކަމަށް ނިންމައިގެން، ބެލެންސް ބަޖެޓެއް ނުވަތަ ސަރޕްލަސް ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ނަމުގައި ހުށަހެޅުމަކީ ސަރުކާރުގެ ބޭނުމެއް ނޫން. މި ސަރުކާރުން ހިސާބު އަކުރެއް ގަނޑެއްގައި ޖަހާފައި ނެރެންޏާ އެއީ ތެދެއް. އެހެންވީމާ، އެ ތެދު، ތެދުގެ ގޮތުގައި ދެމިއޮންނާންޖެހޭނީ. އަޅުގަނޑުމެންނަށް އައި.އެމް.އެފް.އާ ވާހަކަ ދައްކައިގެން، އިރާދަކުރައްވައިގެން މިހާރުވަނީ ޙައްލުތަކެއް ލިބިފައި. ގޮތްތަކެއް ފެނިފައި. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، އައި.އެމް.އެފް.އިން މިހާރު ދިވެހި ސަރުކާރު މިހުށަހަޅާ ގޮތްތައް ޤަބޫލު ކުރައްވާނެ. ދެން އޭގެތެރޭގައި، އެހެން ނަމަވެސް، އަޅުގަނޑުމެން ވަރަށް ބޮޑަށް އިތުރަށް ހިންގަންޖެހޭ މަސައްކަތެއް އެބައޮތް. އެއީ، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ބިލް ގެނައުން. އެ ބިލް ނުލިބި އަޅުގަނޑުމެންނަށް މާޗްމަހާ ހިސާބަށް ދާންވެއްޖެނަމަ، ދެން އައި.އެމް.އެފް. ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް ބޮޑަށް ދަތިވެގެންދާނެ. އެއީ ޚަރަދު ކުޑަނުކުރެވި، އާމްދަނީ މައްޗަށް ނުޖެއްސި، މިގޮތަކަށެއް އައި.އެމް.އެފް.ގެ ޕްރޮގްރާމްގެ ދަށަކުންނެއް އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ.

ޙައްވާ ލުބްނާ – ސަން އޮންލައިން:

އާދެ! ލަހުން ނަމަވެސް، މަނިކުފާނަށްވެސް ޢީދު މުބާރަކް. އާދެ! އަޅުގަނޑު ފުރަތަމަ ޙަމްދޫންގެ ސުވާލާ ގުޅުވައިގެން ސުވާލެއް ކޮށްލާނަން، ބަޖެޓަށް ދިޔުމުގެ ކުރިން. މަނިކުފާނުގެ މިދަތުރުފުޅުގައި، ރައީސް މަހިންދަ ރާޖަޕަކްސެއަށް ގޮވާލައްވާނަންތޯ، ފޮންސެކާ މިނިވަން ކުރެއްވުމަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނޫން. އެބޭފުޅުންގެ އަމިއްލަ ދާޚިލީ ކަންތައްތަކުގެ އެއްވެސް ވާހަކައެއް އަޅުގަނޑެއް ސިލޯނަކު ނުދައްކާނަން. ސްރީލަންކާއަކު. އަދި އަޅުގަނޑަކަށް ހަމަ އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާނަން. ސްރީލަންކާއާ ދެން މިހުރި އެހެން މިބާވަތުގެ ޤައުމުތަކާ އެއްވަރުކޮށް މިނާ ހެދުމަކީ، އަޅުގަނޑު ދަންނަވާނީ ހަމަ، އަޅުގަނޑު ދަންނަވާނީ ޢިލްމީ ނަޒަރުންވެސް އެއީ ހަމަ ދެރަކަމެކޭ.

ޙައްވާ ލުބްނާ – ސަން އޮން ލައިން:

ބަޖެޓާ ގުޅޭގޮތުން، މަނިކުފާނުގެ ތަންކޮޅެއް ކުރީގެ ރޭޑިޔޯ އެޑްރެހެއްގައި އިޝާރާތް ކުރެއްވި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިޢާދަ ކުރެވިގެން އަންނާނެ ކަމަށް ބަޖެޓްގައި މިފަހަރުގެ. އެހެންވީމާ މިހާރު ބަޖެޓްގެ މަސައްކަތް ލަފާކުރެވޭ ގޮތުގައި ވަރަށް ބޮޑަށް ނިމިފައިވާނީ. އެހެންވީމާ، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ އޮތީ ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ބޮޑުވާގޮތަށް އަޅުގަނޑު ދެންމެ ދަންނަވައިފިން.

ޙައްވާ ލުބްނާ – ސަން އޮން ލައިން:

ތިންވަނަ ސުވާލަކަށް އަޅުގަނޑު ކޮށްލަން ބޭނުންވަނީ، 30 މިލިއަން ޑޮލަރެއްގެ ވާހަކަ މަނިކުފާނު ފާހަގަކުރައްވައިފި، ލުއި ލޯނުގެ ގޮތުގައި ދޫކުރާ. މި ލޯނުތައް ދޫކުރެވޭނީ އިންޓްރެސްޓަކާއެކުތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ކޮމާޝަލް ލޯނު ދޫކުރެވޭނީ ހަމަ ކޮމާޝަލް ޓަރމްސްގައި. އެހެންވީމާ، ކޮމާޝަލް އިންޓްރެސްޓްގައި. އެކަމަކު އެހެން ނަމަވެސް، އެ ލުއިވާނެ. އެހެން ކޮމާޝަލް ލޯނަށްވުރެ، އެ ލުއިކުރުން ސަރުކާރުގެ އަމާޒަކީ. މީގެ ވިޔަފާރިކުރާ ފަރާތްތަކަށް ކޮލޯޓޮލަރެއްގެ ބަދަލުގައި ޕްރޮޖެކްޓަށް ފައިސާ ހޯދުމަށްޓަކައި ބޭނުންވާ ގަރަންޓީ ސަރުކާރުން ކޮށްދޭނީ. އެހެން ނޫނިއްޔާ، އަޅުގަނޑު ހަމަ ދަންނަވާލާނަން ތަންކޮޅެއް ތަފްޞީލުކޮށް. އެހެން ނޫނިއްޔާ، ތިޔަބޭފުޅާ ވިޔަފާރިއެއް ފަށްޓަވަން ވެއްޖެނަމަ، ތިޔަބޭފުޅާއަށް ޖެހިވަޑައިގަންނަވާނެ، ތިޔަބޭފުޅާގެ ގެ މޯގޭޖް ކުރައްވަން. ދެން ގެއެއް ނެތިއްޔާ، ދެން ވަރަށް ދަތިވާނެ އެކަން ކުރަން. މިހާރު ސަރުކާރުން މި މަސައްކަތް މިކުރަނީ، ސީދާ ބޭފުޅުން ގެންނަވާ ޕްރޮޖެކްޓްތަކުގެ ފީޒިބިލިޓީއަށް. އެއީ ހިނގާނެ، ފައިދާވާނެ، ހިންގޭނެ ބާވަތުގެ ޕްރޮޖެކްޓެއް ކަމަށް ދެކެވެންޏާ، އެޕްރޮޖެކްޓެއް މިނާ މިންގަނޑުތަކުން. އޭރުން ދެން ގަރަންޓީގެ ކަންތައް ސަރުކާރުން ކޮށްދިނީމާ، އެފަރާތަކަށް ލޯނު ލިބޭ އުޞޫލެއް ހަމަޖައްސައިދިނުން. އެ ލޯނު ލިބޭ ޕްރޮގްރާމެއް ހިންގައިދިނުން.

ޙައްވާ ލުބްނާ – ސަން އޮން ލައިން:

ކިހިނެއްތޯ، ބަޖެޓްގައި ސިޔާސީ މަގާމުތަކުގެ ބޭފުޅުންގެ މުސާރަވެސް ބޮޑުވެގެންތޯ އަންނާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! އަދި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. ސިޔާސީ މަގާމުތަކުގެ ޖުމްލަ މުސާރައަށް، އަޅުގަނޑު ހަނދާންވާ ގޮތުގައި މަހެއްގެ މައްޗަށްނުދޭ ދިހަވަރަކަށް މިލިއަން ރުފިޔާވެސް. މުޅި ޖުމްލަ އެހެން ހުރިހާ ބައްތިރީސް ހާސް މަގާމުތަކަށް ދެން މިދަނީ ފަސް ބިލިއަން އަހަރަކަށް، ބިލިއަން. ދެން އެހެންވެގެން، އައި.އެމް.އެފް. އިންވެސް އަދި އެހެން އެއްވެސްތަނަކުން ސިޔާސީ މަގާމުގެ ބޭފުޅުންގެ މުސާރައިގެ ވާހަކަ ފާގަގަނުކުރަނީ. އަދި ސަރުކާރުގައި ނުވެސް ބުނަނީ. އެއީކީއެއް ރެކޮގްނައިޒަބްލް ނުވަތަ ފާހަގަކުރެވޭވަރުގެ ޢަދަދެއް ނޫން، ބަޖެޓާ ގުޅޭގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާއިރު. އެހެންވީމާ، ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވާއިރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ދައްކަންޖެހޭނީ، ބޮޑެތި ބަޖެޓް އައިޓަމްތަކުގެ ވާހަކަ. ސިޔާސީ ގޮތުން ފުރައްސާރަ ކުރުމުގެ ގޮތުން ނުވަތަ ސިޔާސީ ގޮތުން ރައްދުކުރާ ރައްދެއްގެ ގޮތުގައި ދައްކަވާ ވާހަކަތަކުގައި ރަނގަޅު، އެބޭފުޅުންގެ ވާހަކަ ދައްކަވަން.

ދެން އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އިރާދަކުރެއްވިއްޔާ، ލާމަރްކަޒީ އުޞޫލުން ހިންގުމުން، ކައުންސިލްތައް އިންތިޚާބުވީމާ، ހަމަ އެދުވަހު 184 ސިޔާސީ މުވައްޒަފުން ވަކިވާނެ. ދެން ސަރުކާރުގައި މުޅި ޖުމްލަ ސިޔާސީ މުވައްޒަފުންގެ ޢަދަދު 100ވެސް ނުވާނެ. މި ސަރުކާރުގައި މިހާރުވެސް މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ ޢަދަދު، ޙަޤީޤަތުގައި ބޮޑުކަމަށް މިފެންނަނީ، އަޅުގަނޑުމެން މިންއަޅާން ފަށާފައިވާ ގޮތަކުން. މީގެކުރީގައި، ކަތީބުންގެ މަގާމާއި ނުވަތަ ސީދާ ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅުން ޢައްޔަންކުރާ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުން ޢައްޔަންކުރާ ބޭފުޅުންގެ ޢަދަދާއި، އަދި މިހާރު ރައީސުލްޖުމްހޫރިއްޔާ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރާ ބޭފުޅުންގެ ޢަދަދާ އަޅުއްވައި ބައްލަވައިފިއްޔާ، ވަރަށްމަދުވާނެ މިހާރު. ވަރަށްބޮޑުތަނުން މަދުވާނެ އިނގޭތޯ. ދެން ހަމަ އެ ޢަދަދު އެއީކީއެއް އަޅުގަނޑުމެންނަށް ބަޖެޓަށް އަސަރެއް ކުރުމަށް އެއާ ކުޅެވިގެން ކުރިއަށް ގެންދެވެން އޮތް ޢަދަދެއް ނޫން. ދެން އެ ޢަދަދު، ސިޔާސީ މުވައްޒަފުން ތިބުމަށް މި ލާޒިމްކުރާ ދެތިން ކަމެއް، ސަބަބެއް އެބައޮތް. އެންމެބޮޑު އެއްސަބަބަކީ، 32,000 ސިވިލް ސަރވަންޓުން ހިންގުމަށްޓަކައި، އިރުޝާދު ދިނުމަށްޓަކައި އެބަ ބޭފުޅުންތަކެއް އެބަ ތިއްބަވަންޖެހޭ. އެހެންވީމާ، 32,000 ބޭފުޅުންނަށް އިރުޝާދު ދިނުމަށް ކިތައް ބޭފުޅުން ބޭނުންވާނެ ކަމަށްތޯ، އަޅުގަނޑުމެން މި އަންދާޒާ ކުރަނީ. ސިޔާސީ މުވައްޒަފުންގެ ޢަދަދު ބިނާވެފައި އޮންނާނީ، އެންމެ މަދުން އެކަން ކުރެވޭނެ ގޮތެއްގެ މައްޗަށް ބަލައިގެން. ދެން ސިޔާސީ މުވައްޒަފުންގެ މުސާރަ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ 15 ޕަސެންޓުން ދަށަށްދިޔައިރު، ސިޔާސީ މުވައްޒަފުންގެ މުސާރަ ދަށަށްދިޔައީ 20 ޕަސެންޓް. ބޮޑުކޮށް އެބޭފުޅުންގެ މުސާރަ ދަށަށްދިޔައީ. ދެން އެހެން ނަމަވެސް، މިހާރު އަލުން އަނބުރާ މުސާރަ އިޢާދަކުރާއިރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، ސިޔާސީ މުވައްޒަފުންގެވެސް މުސާރަ މައްޗަށްދާނެ.



ޙައްވާ ލުބްނާ – ސަން އޮން ލައިން:

ފަހު އެއްސުވާލު އިނގޭތޯ. އާދެ! މަނިކުފާނު ލާމަރްކަޒީގެ ވާހަކަފުޅު ދެއްކެވީމާ، ލާމަރްކަޒީ ބިލުން ޕްރޮވިންސްތައް، ޤާނޫނުން ޕްރޮވިންސްތައް ބޭރުކޮށްފައި އޮތީ. ދެން އިންތިޚާބު ކުރެވޭ ކައުންސިލްތައް އުފެދިގެން އަންނައިރުގައި، މަނިކުފާނު ޢައްޔަން ކުރައްވާފައި ތިއްބެވި ސްޓޭޓް މިނިސްޓަރުން، ޕްރޮވިންސްތަކަށް ޢައްޔަން ކުރައްވާފައި ތިއްބެވި ސްޓޭޓް މިނިސްޓަރުންގެ ދައުރުވާނީ ކޮންކަމަކަށްތޯއޭ؟ އެބޭފުޅުން ތިއްބަވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެބޭފުޅުން ތިއްބަވާނެ. އެބޭފުޅުންނަކީ އަތޮޅު ކައުންސިލްތަކަށް ދިވެހި ސަރުކާރު، ޤާނޫނު ވަރަށް ސާފުކޮށް ދިވެހި ސަރުކާރާއި އަތޮޅު ކައުންސިލްތަކާ މުޢާމަލާތް ކުރަންވީގޮތް ބަޔާންކޮށްދޭ. އަޅުގަނޑަށް ހީވަނީ 75، 76، އެ މާއްދާތަކުގެ ތެރޭގައި، އެމާއްދާ އޮންނާނެ ފާހަގަވެފައި. އަޅުގަނޑުގެ ވާހަކައަކީ، ދިވެހި ސަރުކާރުގެ ގޮތުގައި ތަމްސީލު ކުރަން ތިއްބަވާނީ ޕްރޮވިންސް މިނިސްޓަރުން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑުގެ މިޞްރާބުވެސް ތަންކޮޅެއް ތަފާތޭ އިނގޭތޯ. މިހާރު މަނިކުފާނު ތިވަޑައިގަންނަވަނީ ސްރީލަންކާގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް. ވަޑައިގަންނަވާއިރު ރައީސް ރާޖަޕަކްސެއާ ބެހޭގޮތުންވެސް ސްރީލަންކާ ސަރުކާރާ ބެހޭގޮތުން ވަރަށްގިނަ ވާހަކަ ދެކެވިއްޖެ. ދެކެވުނުއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު، މިހާރު އޮތް ސަރުކާރަށް ޑިކްޓޭޓަރޝިޕް ސަރުކާރެކޭ ކިޔާއިރު، އަނެއް ބަޔަކު އެއީ ހަމަ މިވަގުތު އެޤައުމަށް އެންމެ ބޭނުންވާ ގޮތަށް ވެރިކަންކުރާ ސަރުކާރު ކަމަށްވެސް އެބަބުނޭ. އަދި އެއިން ދިވެހި ސަރުކާރު ނަގަންޖެހޭ ފިލާވަޅުތަކެއް އެބަހުރި ކަމަށާއި، ދިވެހި ސަރުކާރުންވެސް އެއަށް ޢަމަލުކުރަންޖެހޭ ކަންތައްތަކެއް ސިލޯނު ސަރުކާރުން ކުރަމުންދާ ކަމަށޭ ބުނޭ. އަޅުގަނޑު މިއާ ޙަވާލާދޭނީ، އަޅުގަނޑުގެ ދެވަނަ ސުވާލުގައި.

އާދެ! އަޅުގަނޑުގެ ދެވަނަ ސުވާލު މިފެށެނީ، އިހަށްދުވަހު އަޅުގަނޑުމެންނަށް މިހިނގާދިޔަ ކައިވެނީގެ ކަންތައްތަކާ ގުޅިގެން. އެކަންތައްތައް ފޫބެއްދުމަށް ނުވަތަ އަޅުގަނޑުމެންނަށް އެއިން އިތުރު ކުރިއެރުން ހޯއްދެވުމުގެ ގޮތުން، މަނިކުފާނު އިސްނަންގަވައިގެން ބިދޭސީންގެ އެއްހާސް ވަރަކަށް ކައިވެނި އެއްފަހަރާ ކުރުމުގެ ރަސްމިއްޔާތެއް ބޭއްވޭތޯ ނޫނީ މިސާލަކަށް ރާއްޖޭގައި ކުރުމުގެ ކަންތައްތަކެއް ކޮންމެވެސް ހިނގާ ކަމުގެ އަޑެއް އެބައުޅޭ. ދެން މި އަޅުގަނޑުމެންނަކަށްވެސް ރަސްމީގޮތުން އެއްޗެއް ދަންނަވާކަށް ނޭނގެ. މިއަށް ވާހަކައެއް ވިދާޅުވެދެއްވަފާނަންތޯ؟ ދެން މިއާ ގުޅިގެން އަޅުގަނޑު މިވާހަކަ މިދަންނަވާލަން ޖެހެނީ އިނގޭތޯ. މިހާރު މިސާލަކަށް، އަޅުގަނޑުމެންނަށް މި ބިދޭސީ ކައިވެނީގެ ސަބަބުން ގެއްލުން ލިބުނީކީ ޔޫޓިއުބަކުން ނޫން. ޔޫޓިއުބް ރަނގަޅަށް އަޑުއެއްސެވ ިކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެ، އޭގައި އެމީހުން ނުބެހޭ އެއްވެސް ކަމެއް ނެތް. ކުރީގެ ސަރުކާރާވެސް ބެހުނު. މަނިކުފާނާވެސް ބެހުނު. ރާއްޖޭގެ ގޮނޑުދޮށާވެސް ބެހުނު. ރުއްގަހާގެއްސާވެސް ބެހުނު. އެހެން ނަމަވެސް، އޭގެތެރޭގައި ހުރި އަޅުގަނޑުމެންގެ އިސްލާމްދީނާއި އެހެން ދީންތަކާ ފުށުއަރާގޮތަށް ހުރި ވަކިތަންތަންކޮޅުތަކެއް ތަރުޖަމާކޮށްފައި، ނޫހެއްގައި ޖަހައިގެން، އެ އަޞްލުގައި އެއްޗަކަށްވެގެން މިހާބޮޑު މައްސަލައަކަށް ވެގެންދިޔައީ. އެއްވެސް ހާލެއްގައި ޔޫޓިއުބެއް ނޫން. މިއީ ހަމަ ފަތުރުވެރިކަމުގެ ދާއިރާގައި ތިއްބެވި އިސްބޭފުޅުންވެސް ދިރާސާ ކުރައްވާ ގޮތް. ހަމަ އެއާއެއްކޮށް، ހަމަ އެނޫހުން އެބައޮތް މިއަދު މަނިކުފާނަށް އަޅުގަނޑު މީގައި ވަރަށް ކަންބޮޑުވޭ މިދަންނަވާނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ. ހަމަގައިމުވެސް އަޅުގަނޑު ދަންނަވަން އޮތީ، ދިވެހިރާއްޖޭގެ ޢަސްކަރީ ނޫނީ ސަލާމަތީ ބާރުތަކުން ކުރާ ކަމަކުން ރީތި ނަމެއް ލިބުނަސް، ހަމަ އޭގެ ޙައްޤުވެރިޔަކީވެސް މަނިކުފާނޭ. ހަޑިކަމެއްވިޔަސް އެއީ މަނިކުފާނޭ. އެއީ ހޯމް މިނިސްޓަރުގެ ދަށުގައި ފުލުހުން ތިބި ކަމަށްވިޔަސް، ހޯމް މިނިސްޓަރު ޢައްޔަން ކުރައްވަނީ މަނިކުފާނު. އެހެންވީމާ، ފުލުހުންގެވެސް ހަމަ އިސްވެރިޔަކީ މަނިކުފާނު. ޢަސްކަރީންގެވެސް އިސްވެރިޔަކީ މަނިކުފާނު. މިއަދު ހަމަ އެނޫހުގައި އެބައޮތް ސިފަކޮށްފައި. ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ނުކުމެ، ކުޑަކުދީން ޚާއްޞަކޮށް، 21 އަހަރުން ދަށުގެ ކުދިން ހިފައި ހައްޔަރުކޮށް، ތަޅާފޮޅައި، ބިރުދައްކައި، މިހެންގޮސް މުޅި ޤައުމު ވަރަށް ނިކަމެތި ޙާލަތެއްގެ ތެރެއަށް ދުއްވާލާފައި އޮއްވާ. އެހެންވީމާ، މިދެންނެވި ގޮތަށް މިހިނގަމުންދާ ކަންތައްތަކުގައި، ދެން އަޅުގަނޑު މިގުޅުވާލަނީ ސްރީލަންކާ ސަރުކާރާ. ސްރީލަންކާ ސަރުކާރުން މި ހިފަހައްޓަނީ ބައެއްކަހަލަ މީޑިއާގެ މިކަހަލަ ކަންތައްތަކާއި، ޤައުމަށް ގެއްލުންވެދާނެ ކަމަށް ސަރުކާރަށް ފެންނަ ބައެއްކަހަލަ ކަންތައްތައް. އެހެންވީމާ، މަނިކުފާނު މިކަންތައްތައް ދެން ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟ މަނިކުފާނު ޤަބޫލު ކުރައްވަންތޯއޭ، މަނިކުފާނުގެ ހަމަ ދަށުގައި ތިބި ސަލާމަތީ ބާރުތަކުން މިބާވަތުގެ ކަންތައްތަކެއް ކުރާކަމަށް، އަޅުގަނޑުމެންގެ ނޫސްތަކުގައި ލިޔެވެންޖެހޭނެ ކަމަށް. އެއީ ހަމަ ހުއްދަ ލިބެންޖެހޭނެ އެއްޗެއް ކަމަށް. އެހެން ކަމަށްވަންޏާ، އެކަންކަން ހިނގަމުން އެދަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު މިސާލަކަށް، ހަމަ ލަޠީފް ތިކުރެއްވި ސުވާލާއެކީގައި އަޅުގަނޑުވެސް ވަރަށް ފުންކޮށް ވިސްނަމުން ގެންދަން. ސްރީލަންކާއާއި އެބޭފުޅުންގެ ޑިމޮކްރަސީއަށް ވަރަށްގިނަ ދުވަސްވެފައި އެއޮތީ. އެހެންވީމާ، އޭގެތެރޭގައި ވަރަށްބޮޑެތި ޖާގައޮވޭ. އަދި އެބޭފުޅުންގެ ތެރޭގައި، ކަމެއް ހިނގީމާ، އޭގެ ޙައްދަކީ، ޙުދޫދަކީ ކޮބައިކަންވެސް، މުޅި ޤައުމަށްވެސް ސާފުކޮށް އެނގޭ. ދެން އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި، ޙައްދަކީ ކޮބައިތޯ، ޙުދޫދަކީ ކޮބައިތޯ އަދިއެއް އަޅުގަނޑުމެންނަކަށެއް ސާފެއްނުވޭ. މިހާރު ބޭފުޅަކު ވިދާޅުވެދާނެ، ވާދަވެރި ސިޔާސީ ޕާޓީތަކުން ފާހަގަ އެބަކުރެއޭ، މިވެނި މިވެނި މިވެނި ކަމެކޭ. ދެން ހަމަ އެބޭފުޅާ ވިދާޅުވާއިރުވެސް، އެދެކެވަޑައިގަންނަވަނީ އެއީ ހަމަ ރަނގަޅު ކަމެކޭ، އެވާހަކަވެސް އެހެން ފާހަގަކުރަން. ދެން އެހެން ނަމަވެސް، ސިލޯން، ސްރީލަންކާގައި މިސާލަކަށް، އެބާވަތުގެ ވާހަކައެއް ފާހަގަކުރުން އެއީ، ރަނގަޅު ކަމެއްގެ ގޮތުގައި، ނޫސްވެރިއެއްގެ އަމިއްލަ ޟަމީރެއް ނުބުނާނެ. އަދި އަމިއްލަ ތަޖްރިބާއެއް ޖާގައެއް ނުދޭނެ. އަދި ޝަރީޢަތުގެ ނިޒާމް އެކުވެގެންވާގޮތްވެސް ވަރަށް ސާފުވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ސްރީލަންކާއާ ޙަޤީޤަތުގައި އަދި މިބާވަތުގެ ކަންކަމުގައި ގޮންޖަހާލެވޭކަށެއް ނެތް. ދެން އެހެން ނަމަވެސް، ތިވިދާޅުވާހެން ހަރުކަށިވާންޖެހޭ ދަނޑިވަޅުތަކުގައި ހަރުކަށިވުމަށް، ވަރަށްގިނަ ޤައުމުތަކުގެ ވެރިން އަޅުގަނޑަށް ނަޞޭޙަތްލައިދޭ. އަޅުގަނޑު އެބޭފުޅުންނަށް ދަންނަވަން. ކިތަންމެ މަދު ދުވަސްކޮޅަކު ވެރިކަމުގައި ހުއްޓެއްކަމަކު، އަޅުގަނޑަކީވެސް ވަރަށްގިނަ ތަޖްރިބާ ލިބިހުރި މީހެކޭ. އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެން މިގެންދާ މިޞްރާބު މިއަދު އަޅުގަނޑުމެންނަކަށެއް މިނާކަށް، ވަޒަންކުރާކަށެއް ނޭނގިދާނެއޭ. އެހެންނަމަވެސް، މުސްތަޤްބަލުގައި ދެން އަޅުގަނޑުމެން މީގެ ވިއްސަކަށް އަހަރު ކުރިއަށްޖެހިފައި، މިދުވަހަށް ބަލައިލީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އިރާދަކުރެއްވިއްޔާ، ފެންނާނެ މަންޒަރަކީ މިއީއޭ މިކަން އަޅުގަނޑުމެން ހިންގާންވީ ގޮތަކީ. ދެން އަޅުގަނޑުވެސް ހަމަ ވަރަށް އިޙްތިރާމާއެކީގައި، ހުރިހާ ނޫސްވެރިންނަށްވެސް، ރާއްޖޭގެ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން ލިޔާއިރުގައި، އަޅުގަނޑުމެން އަމިއްލައަށް ވަޒަންކޮށްލަން ޖެހޭނެ، ވިސްނާލަންޖެހޭނެ، ކަމުގެ ޙަޤީޤަތަކީ، އަޞްލަކީ ކޮބައިތޯ. މިއީ ލާމެހިފައިވާ ދުނިޔެއެއް.

އެއްހާސް ކައިވެނީގެ ޕްރޮގްރާމް ހިންގައިދިނުމަށް އަޅުގަނޑު ޓުއަރިޒަމްގެ އެކިއެކި ބޭފުޅުންގެ އަރިހުގައި ވާނީ ދަންނަވާފައި. އަޅުގަނޑުމެންނަށް ވަރަށްބޮޑު ކުރިއެރުމެކޭ ލިބޭނީ، މިދަނޑިވަޅުގައި އެއްފަހަރާ ތަންކޮޅެއް ގިނަ ކައިވެނި އަޅުގަނޑުމެންނަށް ހިންގޭނެ ގޮތެއް ހަމަޖެހިއްޖިއްޔާ. އަޅުގަނޑަށް ހީވަނީ ފަހު ސުވާލު. އާދެ! ފަނަރައިގައި ބަންގިގޮވާ. އެހެންވީމާ، އޮތީ އެއްމިނިޓް.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑު ހަމަ ވަރަށް ކުރުކޮށްލާނަން. އެއީ އަޅުގަނޑުގެ ސުވާލަކީ، ދެންމެ ލުބްނާ އެ އިޝާރާތް ކުރެއްވި ހަމަ ލާމަރްކަޒީ މައްސަލައިގައި އަޅުގަނޑުމެންނަށް، ރައީސް ތަންކޮޅެއް ކުރިން ވިދާޅުވެފައި އޮތް ޚިޠާބެއްގައި، ލޯކަލް އިންތިޚާބު އަންނައިރުގައި ކައުންސިލަރުން ނުތިބޭނެ ކަމަށް. ޢައްޔަން ކުރައްވާފައި ތިއްބެވި ކައުންސިލަރުން ނުތިއްބަވާނެ ކަމަށް ރައީސް ވިދާޅުވެފައި އެބައޮތް ޚިޠާބެއްގައި. ރޭޑިޔޯ ތަޤްރީރެއްގައި ވިދާޅުވެފައިވޭ. ދެން އެހެން ނަމަވެސް، މިހާރު އިލެކްޝަންސް ކޮމިޝަނާއި ހޯމް މިނިސްޓްރީއާ ދެމެދުގައި ވަރަށް ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ވެފައި އެބައޮތް. ކޮބައިތޯ މަނިކުފާނުގެ ނަޒަރުގައި، ކޮބައިތޯ މީގައި ދާންވާ މިޞްރާބަކީ، އިންތިޚާބު އިޢްލާނު ކުރާއިރުގައި، ޢައްޔަން ކުރައްވާ ކައުންސިލަރުން ތިބޭނެތޯ؟ ކޮބައިތޯ ދެން މީގައި ދާންޖެހޭ ގޮތަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ހޯމް މިނިސްޓަރު ވިދާޅުވާ އެއްޗެއްވެސް ވަރަށް ސާފު އިނގޭތޯ. އިންތިޚާބެއް އިޢްލާނު ކުރުމަކީ ކޮބައިކަން. އިލެކްޝަންސް ކޮމިޝަނުން މީގެކުރީގައި ދެކެވަޑައިގެންފައި އޮތީ ކިހާހިސާބަކުންތޯ. ކެންޑިޑޭޓުންގެ ނަން ސާފުކޮށް، ކެންޑިޑޭޓުންގެ ނަންތައް އިޢްލާނު ކުރެއްވުމުންތޯ ނުވަތަ އިންތިޚާބެއް އޮންނާނެ ކަމަށް ހަމަ ވިދާޅުވުމުންތޯ. އިންތިޚާބަކީ ކެންޑިޑޭޓުންތަކެއްގެ މެދުގައި ބޭއްވޭ ކަމެއް. އެހެންވީމާ، އޭގެ އަޞްލު ފުރަތަމަ ފެންނަން އެބަޖެހޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އިންތިޚާބަކަށް ގޮވުމަކީ، ކެންޑިޑޭޓުންގެ ނަންތައް ސާފުކޮށް، އެ ކެންޑިޑޭޓުންގެ ނަންތައް އިޢްލާނު ކުރުން.

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު މިހާރު މިދަނީ ފުރަން ދިޔުމަށްޓަކައި. އަނެއްކާވެސް ހަމަ ހުރިހާ ބޭފުޅުންނަށްވެސް ޢީދުގެ ތަހުނިޔާތައް އަޅުގަނޑު އަރިސްކުރަން.

والحمد للّـه. والسّـلام عليـكم.