بســم اللّـه الرّحمـن الرّحيــم


ސިޔާސީ ޕާޓީތަކުގެ އިސްވެރިން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. މިޕްރޮވިންސްގެ ވެރިން. ކަމަދޫގެ ކައުންސިލަރާއި، ކަމަދޫގެ ކުރިއަށް ތިއްބެވި އެންމެ ބޭފުޅުން. އަދި މިރަށުގެ، އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން. މަދްރަސާ ކުދިން.

السّـلام عليـكم

އަޅުގަނޑުމެންގެ ރާއްޖެއަކީ ޖަޒީރާ ޤައުމެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ އެތައް ބައިވަރު ކުދި ރަށްރަށާއި، ބޮޑެތި ރަށްރަށާ އެކުލެވިގެން އުފެދިފައިވާ ރާއްޖެއެއް. މިރާއްޖޭގެ އެންމެ އަސާސީ އެއް ސިފައަކީ، ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ، ކިތަންމެ ޒާތެއްގެ ރަށްރަށުގައިކަން. ބައެއްފަހަރަށް ކުދި ރަށްރަށުގައި މަދު މީސްކޮޅެއް. އަނެއްބައިފަހަރަށް ބޮޑެތި ރަށްރަށުގައި މަދުމީސްކޮޅެއް. އަނެއްބައިފަހަރަށް ކުދިރަށްރަށުގައި ވަރަށްގިނަ ބަޔަކު. ބޮޑެތި ރަށްރަށުގައިވެސް ހަމަ ގިނަ ބަޔަކު. މީގެތެރެއިން ބައެއް ރަށްރަށަކީ ދިރިއުޅެންވެސް ބައެއްފަހަރަށް ވަރަށް އުނދަގޫ ރަށްރަށް. ގާމަތީ ރަށްރަށް. ފަޅެއް ނުހުންނަ ރަށްރަށް. އެހެން ނަމަވެސް، މި ދިވެހިރާއްޖެ މިގޮތަށް އުފެދުމަށްޓަކައި، މިގޮތަށް އެކުލަވައިލުމަށްޓަކައި، އެކުވުމަށްޓަކައި އެހިނގާދިޔަ ހުރިހާ ކަމެއް ހިނގުމަށްފަހު، އަޅުގަނޑުމެން ދިރިއުޅެން ޖެހިފައިމިވާ ރާއްޖެ މިއޮތީ.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ މަޤްޞަދަކީ، މި ރާއްޖެ މިއޮތް ގޮތަށް، އަންނާން އޮތް ޖީލުތަކަށް ރައްދުކޮށްދިނުން. މިއަށްވުރެ ފުރިހަމަ، މިއަށްވުރެ ހިތްހަމަޖެހޭ، މިއަށްވުރެ ހާސްކަންކުޑަ، މިއަށްވުރެ ތަނަވަސް، މިއަށްވުރެ ފަސޭހަ އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް ހޯދުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އެދަތުރުގައި، އެމަސައްކަތުގައި އަޅުގަނޑު ތިޔަބޭފުޅުންނާ އެކީގައި ކެނޑިނޭޅި މަސައްކަތް ކުރުމުގައި ދެމިހުންނާނަން. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑަށްވެސް ވަރަށް ސާފު، ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގައި، އެކިއިރު އެކިވިސްނުން ގެންގުޅެފައި އެބަހުރި. ބައެއް ވިސްނުމުގައި، ކުދިކުދި ރަށްތަކަށް ޚިދްމަތް ފޯރުކޮށްދިނުން އެއީ، ދަތިކަމެއް ކަމަށް، ދެމެހެއްޓެނިވި ގޮތުގައި ކުރަން އުނދަގޫ ކަމެއް ކަމަށް ދެކި، އެރަށްރަށުގެ ޚިދްމަތްތައް ހަމަ ތިޔަވިދާޅުވާހެން އެކަހެރިކޮށް، އުންމީދު ކުރަނީ، އޭރުން ދިގު ޒަމާންތަކަކަށްފަހު، އެރައްޔިތުން އެހެން ރަށްރަށަށް ދެން އެހެން ގޮތެއްނެތި ބަދަލުވާނެއޭ. ބަދަލުވީމާ އާބާދީ ބޮޑެތި ރަށްރަށުގައި ތަރައްޤީގެ މަސައްކަތް ހިންގަން ފަސޭހަވާނެއޭ.

ފަލްސަފާއެއްގެ ގޮތުގައި ދެކޭއިރު، އަޅުގަނޑެއް ނުދެކޭނަން، އެދެކޭ ދެކުން އެއީކީއެއް މުޅިން އަޅުގަނޑުމެން ދޫކޮށްލަންޖެހޭނެ ކަމެއް ކަމަކަށް. ބޮޑެތި ރަށްރަށުގައި މީހުންނަށް ފަސޭހައިން އުޅެވޭނެކަމީ، އަޅުގަނޑުމެންނަށް އޮޅިފައި އޮތް ވާހަކައެއް ނޫން. އެހެންނަމަވެސް، ކުދިރަށްރަށަށް ޚިދްމަތްނުދީ، ކުދިރަށްރަށް ބިކަކޮށް، އެކަނިކޮށް، އެރަށްރަށަށް ތަރައްޤީވެވޭނޭ އުންމީދެއްނުދީ، އަދި ތަރައްޤީގެ މަގުގައި ކުރިއަށްދެވޭނެ ގޮތްތަކެއް ހަމަނުޖައްސާ އޮތުމަކީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތެއް ނޫން.

މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވީ، އެނގިވަޑައިގަންނަވާނެ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް ކުރުމަށް ވަޢުދުވަމުން. އަޅުގަނޑުމެން ބުނިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި، އެވެނި މިވެނި ކަންތައްތަކެއް، އަޅުގަނޑުމެން މިވެނި އެވެނި ދުވަސްވަރެއްގައި، އެހެން މިހެން ހަދައިގެން ގޮސް ފުރިހަމަކުރާނަމޭ. ސަރުކާރު ހިންގުމުގައި، އަޅުގަނޑުމެން ތިބޭތާ ދެއަހަރުވެއްޖެ. ތިޔަބޭފުޅުން ސުވާލު ކުރައްވާފާނެ، މިދެއަހަރު ތެރޭގައި ކޮންބަދަލެއް ހެއްޔޭ މިރާއްޖެއަށް އައީ؟ ތިމަންނާގެ ދަރިފުޅު މަދްރަސާއަށްދާ ދިޔުން ހަމަ ކުޑަވެސް ބަދަލެއްނެތޭ. އޭނާ ހެނދުނު ހޭލައިގެންދާއިރުގައި ސައިބޯން އެލިބޭ އެއްޗެކޭ އަދިވެސް ލިބެނީ. މެންދުރު ގެއަށް އައިމާވެސް އެދެވޭ އެއްޗެކޭ އަދިވެސް ދެވެނީ. ރޭގަނޑުވެސް ހަމަ ހެދެނީ ކުރީގައި ހެދޭގޮތޭ. ބަދަލެއް އެކަމަކަށްނެތޭ. ފިރިމީހާއަށް ވަކި ލިބޭ އެއްޗެއް އިތުރުވީކީއެއް ނޫނޭ. ދޯނިފަހަރު މަހަށް ފުރައިގެން، ވަކި އިތުރަށް ބާނައިގެން އައިސް، ރަށް ތިޔާގިވިއްޔަކީއެއްވެސް ނޫނޭ. މިދިޔަ ދެއަހަރު ކޮންކަމެއްހެއްޔޭ ކުރެވުނީ؟ ކަމަދުއަށްވީ ކިހިނެއްހޭ؟

އަޅުގަނޑު ހަމަ ތިޔަހުރިހާ ވާހަކައަކަށް އެއްބަސް. އަޅުގަނޑުމެންނަކަށް މާއްދީ ބަދަލެއް އަޅައިގަންނަވަރަށް، ސާފުކޮށް އެނގޭވަރަށް ބައެއް ރަށްރަށުގައި ގެނެވިފައެއްނެތް. އަނެއްބައި ރަށްރަށުގައި ގެނެވިފައި އެބަހުރި. މިދަންނަވާހެން ސާފުކޮށް އަޅައިގަންނަން ފެންނަވަރުގެ މާއްދީ ބަދަލެއް. އެހެންނަމަވެސް، އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި، ކަމަދުއަށް އައިސްފައި އޮތް ބަދަލު، އަދި މުޅި މިރާއްޖެއަށް ގެނެވިފައިމިވާ ބަދަލު، މާއްދީ އެއްވެސް ކަމަކަށްވުރެން މާބޮޑު، މާމުހިންމު، މާބޭނުންތެރި. އެއީ ތިޔަބޭފުޅުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. ބިރެއްނެތި، ބިރެއްނެތި ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކައި، އެ މައްސަލަތަކާއި އެ ޝަކުވާތައް އެކިއެކި ފަރާތްތަކަށް ފޯރުކޮށް، ޙައްލު ގެނައުމަށް ވެރިކަމުގެ ފަރާތަށާއި ސަރުކާރަށް މަޖުބޫރުވެ، ނުވަތަ ޙައްލު ގެންނަންވެއްޖެކަމަށް ވަރަށް ރަނގަޅަށް ގަބޫލުކުރެވި، އެކަންކަމާ ގުޅޭގޮތުން ސަރުކާރު ވިސްނާން މިފަށަނީ، މިހާރު ބަދަލުވެފައިމިވާ އާ ޤާނޫނުއަސާސީއާއި، ވެރިކަމުގެ ނިޒާމުގެ ސަބަބުން. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންނަށް ދެވުނު އެއްޗެހި. އަޅުގަނޑުގެ ހިތުން މިރަށުގައިވެސް އަޅުގަނޑުމެން ބުނިން، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް، ކޮންމެ އަންހެނަކަށްވެސް، ކޮންމެ ފިރިހެނަކަށްވެސް، ދެހާސް ރުފިޔާގެ ޕެންޝަނެއް، މި ސަރުކާރުން، އަޅުގަނޑުމެންގެ ސަރުކާރަކުންދޭނަމޭ. އެކަނިވެރި މައިންނަށްދޭނަމޭ. ޔަތީމު ކުދިންނަށްދޭނަމޭ. ނުކުޅެދޭ މީހުންނަށްދޭނަމޭ.

އަޅުގަނޑުމެން، މިދިޔަ އަހރުވެސް އަދި މިއަހަރުވެސް ސަރުކާރުން އެއްބިލިއަން ރުފިޔާގެ ފައިސާ މިގޮތަށް އެބަ ބެހޭ. ޢިނާޔަތެއްގެ ގޮތުގައި އެބަދެވޭ. އަޅުގަނޑުމެންގެ ކުރިމަތީގައި މިދިޔަ އަހަރު އޮތް ސުވާލަކީ، އެފައިސާ ޚަރަދު ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ދެނެގަތުން. އަދި ފުރަތަމަ އެއަށްވުރެ ކުރީގައި، އެފައިސާ އަޅުގަނޑުމެން ހޯދާނީ ކޮންތާކުންތޯ ދެނެގަތުން. އެކަން އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވި. އެއީ ކުރީގައި ރައީސުލްޖުމްހޫރިއްޔާއަށް އެކަނި އެބަ ފައްސަތޭކަ މިލިއަން ރުފިޔާ، އަހަރެއްގެ މައްޗަށް ޚަރަދުކުރޭ. މިހާރު އެ ޢަދަދު، ފަސްދޮޅަސް މިލިއަން ރުފިޔާގައިވެސް ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަދަލު ގެނެވުނު. އަޅުގަނޑުމެންނަށް އެފައިސާ ހޯދުނު. އަޅުގަނޑުމެންނަށް އެފައިސާ ދޭން ފެށުނު. އަޅުގަނޑުމެންނަށް އެފައިސާ ދިނުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނޭ އިންތިޒާމެއް މިހާރު މިވަނީ ހަމަޖެއްސިފައި. އޭގެ ސަބަބުން، އައި ބަދަލު، ރަށްރަށުގެ ރައްޔިތުންނަށް، ޚާއްޞަކޮށް، ހަމައެކަނި ދޮށީ ޢުމުރުގެ މީހާއަކަށް ނޫން. އޭނާގެ ދަރިންނަށް އަދި ދަރީންގެ ދަރީންނަށް. އަދި އޭނާގެ މުޅި ޙަޔާތަށާއި، ރަށުގެ އިޤްތިޞާދަށާއި، އެހެންވީމާ، އަތޮޅަށާއި ޤައުމަށް އައި ބަދަލު އެއީ، އަޅުގަނޑުމެންނަށް ލޮލުން ފެނި، އަތުން ހިފޭ ބާވަތުގެ ބަދަލެއް ނޫން. ކޮންކްރީޓުން ހަދާފައި އޮތް ބަދަލެއް ނޫން. އަދި ކޮންކްރީޓުން ރާނާފައި އޮތް އެއްޗެއްވެސް ނޫން. އެހެން ނަމަވެސް، މިއެތީގެ އަގު މާބޮޑު. ކޮންކްރީޓުން ހެދި ހުރިހާ އެއްޗަކަށްވުރެ، ހަމައެކަނި ސީދާ ރުފިޔާގެ ޢަދަދުންވެސް މިދެންނެވި މަޝްރޫޢު މާ އަގުބޮޑު.

އެހެން ނަމަވެސް، އަޅުގަނޑުމެން ހަމަ މިދެކެނީ، އަޅުގަނޑުމެން މިއަދުވެސް މިދެކެނީ، އަދި އަބަދުވެސް ދެކެނީ، ސީދާ ތިޔަބޭފުޅުންގެ ޖީބަށް ފައިސާއެއް ވަންނާނެ ގޮތަކަށް ދައުލަތުގެ، ސަރުކާރުގެ ކަންކަން އިންތިޒާމުވެގެންނޭ ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ. އަޅުގަނޑު މިހެން ދަންނަވާއިރުގައި، ހަމަ މިހާރުން މިހާރަށް މިރަށުގެ ނަރުދަމާގެ މައްސަލައަށް ޙައްލެއް ގެންނާންވެފައިވާކަން އެއީ އަޅުގަނޑަށް އޮޅިފައި އޮތް ވާހަކައެއް ނޫން. އިރާދަކުރެއްވިއްޔާ، އެމަސައްކަތުގައި އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި އުޅޭނަން. އަޅުގަނޑުމެން އެކަން ކުރުމުގައި އިސްކަމެއްދޭނަން.

އަޅުގަނޑުގެ ނުކުތާއަކީ، އަޅުގަނޑުމެންގެ ކުރިމަތީގައި އަދި އެބައޮތޭ، އަޅުގަނޑުމެން މިއެދޭ ބަދަލާ ދިމާއަށް ދިޔުމަށް މާ މުހިންމު މަރްޙަލާއެއް. އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުން ގެންދިޔައިން، ރިޔާސަތަކީ ހުރިހާ އެއްޗެއް ނޫނޭ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަކީވެސް ހުރިހާ އެއްޗެއް ނޫނޭ. އެންމެ މުހިންމީ ރަށުގެ ވެރިކަން. ރަށްވެރިކަން ރަށަށް ލިބުމޭ. މިރަށުގެ ވެރިކަން، މިރަށުގެ ރައްޔިތުން އެދޭގޮތަށް، މިރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ، ރައްޔިތުންނަށްޓަކައި ކޮށްދޭނޭ އިންތިޒާމެއް، ގޮތެއް ހޯދުމޭ. އެއަށް އަޅުގަނޑުމެން މިކިޔާ މިއުޅެނީ ޑިމޮކްރަސީއޭ. އޭގެ އުޞޫލުން ކައުންސިލެއް އިންތިޚާބު ކުރަން އެބަޖެހޭ. އެ ކައުންސިލް އިންތިޚާބުކޮށްގެނޭ، އޭގެ މެދުވެރިވެގެނޭ، މިރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދެވޭނީ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަރައްޤީގެ އެންމެބޮޑު މަސައްކަތަކީ، މަޝްރޫޢަކީ، ރަނގަޅަށް ގުޅިގެން، ހަރުދަނާކަމާ އެކީގައި މަސައްކަތް ކުރެވޭނެ ކައުންސިލެއް މިރަށުގައި އިންތިޚާބު ކުރުން. އަޅުގަނޑުމެންގެ ޙަޤީޤީ މަޝްރޫޢަކީ މިދެންނެވީ. ފެނެއްވެސް ނޫން. ނަރުދަމައެއްވެސް ނޫން. ކަރަންޓެއްވެސް ނޫން. އެއްގަމު ތޮށްޓެއްވެސް ނޫން. ބޭރު ތޮށްޓެއްވެސް ނޫން. އަޅުގަނޑުމެންގެ ޙަޤީޤީ މަޝްރޫޢަކީ ސަހަރާ ވަށާ ފާރެއްވެސް ނޫން. 4 ކްލާސްރޫމް އެޅުމެއްވެސް ނޫން. އަޅުގަނޑުމެންގެ ޙަޤީޤީ މަޝްރޫޢަކީ، ވެރިކަމުގެ ބާރު، އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ރައްދުކޮށްދިނުން. އެއިން ތިޔަބޭފުޅުން ތިބޭނުންވެލައްވާ ވަށާފާރާއި، އެއްގަމު ތޮށްޓާއި ބޭރުތޮށްޓާއި، ނަރުދަމައާއި ކަރަންޓާއި ފެނާއި، 4 ކްލާސްރޫމާއި، ޑޮކްޓަރަކާ، އަދި މިހެންވެސް މިހެންވެސް އަޅުގަނޑުމެންނަށް އަބަދުވެސް އަބަދުވެސް އެނގޭ އެތައް އެތައް އެތައް ކަމެއް. މިކަންކަން ޙަޤީޤަތުގައި ފުރިހަމަވެގެންދާނީ، ތިޔަބޭފުޅުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވިގެން. މިރަށްރަށަށް ތެދުވެވެން އެބައޮތް. މިއީކީއެއް ކޮންމެހެނަކުން އަޅުގަނޑުމެން ދެކޭނެ ކަމެއް ނެތް. ތިހާ ކުޑަކުޑަ ތަނެއް ކަމަކަށް.

އަޅުގަނޑުމެން އަބަދުވެސް ބުނަން، ހިނގާށޭ އަޅުގަނޑުމެންގެ ވިސްނުން، މިރަށު ގޮނޑުދޮށުން ބޭރަށް ގެންދަން. އަތޮޅު ދުނިންވެސް ބޭރަށް ގެންދަން. ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. މިރަށާއި ދެން އިން ރަށާ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރަނގަޅަށް ގުޅުނީމާ، ދެރަށް، ތިންރަށް، ހަތަރު ރަށް އެއީ ރަށެއްގެ މިންވަރު ކަމަށް ދާދި އަވަހަށް އަޅުގަނޑުމެންނަށް ފެންނާން ފަށާފާނެ. އެއްރަށެއްގެ ޚިދްމަތްތައް އަނެއް ރަށަކަށް ހުޅުވިގެންދާނެ. ވިޔަފާރީގެ ފުރްޞަތުތައް ފަހިވެގެން އަންނާނެ. އަޅުގަނޑުމެން މި އެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ލިބޭނެ. ޖީބަށް ވަންނަ އެތި، ވަންނަ މިންވަރު އިތުރުވާނެ.

އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މިދިޔަ ދެއަހަރަށްފަހު، މި ސަރުކާރު މިއަދު މިތިބީ، ކުރިއަށްވުރެ އަދި މާބޮޑު ޔަޤީންކަމަކާއި އުންމީދަކާ އެކުގައޭ. އަޅުގަނޑުމެންނަށް ކަށަވަރު، އަޅުގަނޑުމެން މިވިސްނާ ވިސްނުން، އަޅުގަނޑުމެންގެ ތަޞައްވުރު މިއީ ކުރިއަށްދާންވީ ހަމަ މަގުކަން. ހެޔޮމަގުކަން. މި މަގުގައި އަޅުގަނޑުމެން ހިފަހައްޓާނީ. މިގޮތަށް ކުރިއަށް ދިޔުމަށް އަޅުގަނޑުމެން މަސައްކަތް ކުރާންވީ. އަޅުގަނޑުމެންގެ ޢަޒުމަށް ގުޑުމެއް ނުގެންނާންވީ. އަޅުގަނޑުމެންގެ ހިތްވަރަށް ބަދަލެއް ނުގެންނާންވީ. އަޅުގަނޑުމެންގެ ޙިކްމަތްތެރިކަން ހަނދާންނައްތާނުލާންވީ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިއެދޭ އަނެއް މަންޒިލް، އެހެން ގޮތް، އަނެއް ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ލިބޭނެ.

އަޅުގަނޑު ވަރަށް އުފަލާ އެކީގައި ފާހަގަކުރަނީ، ކުރިއަށް މިއޮތް ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި، މިރަށުގެ އެންމެ ފުރަތަމަ އޯ ލެވެލް ހަދާ ކުދިން، އެ އިމްތިޙާނުގައި އިށީންނާނެ. މިހާރު އަޅުގަނޑަށް ހީވަނީ، މިރަށުގެ މާއްދާތައް، ހަދަން ހުރި މާއްދާތައް ހަދާ ނިމިއްޖެހެން. އެހެން ނަމަވެސް، މިއީ ފުރަތަމަފަހަރު މިރަށުގައި ކުދިން އިމްތިޙާންހަދާ. މިރަށުން މިދަރަޖައަށް، މިފެންވަރަށް ތަޢްލީމު ލިބޭކަން، ދަރިންނަށް އެއްޗެއް އަންގައިދެވޭކަމީ، މައިންބަފައިންގެ ޙަޤީޤީ ބޭނުމަކީ އެއީ. ދަރިންނަށް ކިޔަވައިދޭނެ ގޮތެއްވުން. ބަލިވީމާ ބޭސްފަރުވާ ކުރެވޭނެ ގޮތެއްވުން.

އަޅުގަނޑުމެންގެ ތެރޭގައި، މިމަސައްކަތްތައް މިގޮތްގޮތަށް ހިންގުމަށް ސަރުކާރުގެ ބަޖެޓުންނާއި، އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕުންނާއި، އަދި ލޯކަލް ކައުންސިލްގެ، ރަށު ކައުންސިލްގެ އެކިއެކި ގޮތްގޮތުން ކައުންސިލަށް ފައިސާ ހޯދެން ހުންނަ ގޮތްތައް މެދުވެރިކޮށްގެން، މިމަޝްރޫޢުތައް ހިންގުމަކީ ނުވާނެވަރު ކަމެއް ނޫން. އަޅުގަނޑަށް ފެންނަ ގޮތުގައި، މިއަހަރު ސަރުކާރުން 30 ބަނދަރުގެ މަސައްކަތް ހިންގާނެ. 15 ރަށުގެ ފެނުގެ މަސައްކަތް ހިންގާނެ. އަދި އަޅުގަނޑަށް ހަނދާންވާގޮތުގައި، 13 ރަށުގެ ނަރުދަމާގެ މަސައްކަތް ހިންގާނެ. ދެތިން އަހަރު އަޅުގަނޑުމެންނަށް މިމަސައްކަތްތައް ހިންގުނީމާ، ސަރުކާރުން ދެން ހަމަ ހުރިހާ ރަށަކަށް އެމަސައްކަތްތައް ހިންގޭނެ މަގު، ހިންގޭނެގޮތް ސަރުކާރަށް ފަހިވެގެންދާނެކަމާމެދު އަޅުގަނޑެއް ޝައްކެއްނުކުރަން. އަދި ހަމައެހެންމެ، ސަރުކާރުން އެކަން ކުރީމާ، އެދާ އަގާއި، އަމިއްލަ ޖަމާޢަތަކުން ޖެހިގެން މިއޮތް ކުޑަރިކިލުގައި ނަރުދަމާ އަޅާފައި އޮތީ އަމިއްލަ ޖަމާޢަތަކުން. އެޖަމާޢަތުން ނަރުދަނާ އަޅަން އެރަށުގައި މުޅި ޖުމްލަ އަޅުގަނޑަށް ހަނދާންވާ ގޮތުގައި، ދޮޅުމިލިއަން، ދެމިލިއަން ރުފިޔާވެސް ޚަރަދެއްނުވޭ. ހަމަ އެވަރުގެ މަސައްކަތެއް ސަރުކާރުން ކުރަންވެގެން ބަޖެޓްކޮށްގެން ކުރީމާ، އެކަން ކުރެވޭނީ 20 މިލިއަން ރުފިޔާއަށް. އެއްވެސް ހާލެއްގައި ހޮޅީގެ މިން ތަފާތުވެގެން އުޅެނީކީ ނޫން. ކޮންނަ ފުންމިނަށް ބަދަލެއް އައީކީއެއް ނޫން. ހޮޅިން ދައުރުވާ އެއްޗަކަށް ތަފާތެއް އައީކީއެއް ނޫން. އެހެން ނަމަވެސް، މަސައްކަތެއް އިންތިޒާމްކޮށްގެން ކުރިއަށްދާއިރުގައި، އެ ބަދަލު ގެނެވިދާނެ. އެހެންވީމާ، އަޅުގަނޑު މިފަހަރު ބަޖެޓް ހަމަޖައްސާއިރުގައި، ސަރުކާރުން ބަޖެޓް ހުށަހަޅާއިރުގައި، ބަޖެޓް ހުށަހަޅާނީ، އެ ފައިސާ ތިޔަބޭފުޅުންނަށް ހިމަނައިގެން. ތިޔަބޭފުޅުން އެއަށް ގޮތެއް ހޯއްދަވަންވީ. އަތޮޅު ކައުންސިލަރާއި ޕްރޮވިންސް އޮފީހާ މެދުވެރިކޮށްގެން. ތިޔަބޭފުޅުން ހޯދަންވީ އެފައިސާ ޚަރަދުކުރާނެ ގޮތެއް. އަޅުގަނޑު ރާއްޖޭގެ ރަށްރަށަށް ދަން. އަޅުގަނޑަށް ފެނޭ، އެމީހުންނަށް ފައިސާ ޚަރަދުކުރަން އެނގޭ. އަދި އެފައިސާއަށް ރައްކާތެރިވާންވެސް މާބޮޑަށް އެނގޭ. މާލޭގައި އެފައިސާ ޚަރަދުކުރީމާ، ނުވެސްފެނޭ. އެހެންވީމާ، ފާރައެއްނުލެވޭ. ފާރަނުލެވުނީމާ، ފައިސާ ރަނގަޅަކަށް ޚަރަދެއް ނުކުރެވޭ.

ރަށުގެ ދަރަޖައިގައި، އެކަން ކުރުމަށްޓަކައި ބޭނުންވަނީ ކައުންސިލް. ބޭނުންވަނީ ސީދާ ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް އެކަން ކުރަން ކުރިއަށް ނުކުމެ އިށީނދެ ތިބޭނޭ ބަޔެއް. އެބަޔަކު ހޯދަން ޖެހޭނީ، އަތްގަދަ މީހާ އެއީ، އެމީހާ ކަމަށް ދެކޭ އުޞޫލަކުންނެއް ނޫން. އަދި ވެރިކަމުގެ އާރާއި ބާރު އެއީ، އެމީހާ ކަނޑައަޅަން އޮތް މަގު ކަމަށް ދެކޭ އުޞޫލަކުންވެސް ނޫން. ހަމައެހެންމެ، އާދައިގެ އެންމެ ނިކަމެތި އަދި އެންމެ ތަނަވަސް، އަދި އެންމެ މުއްސަނދި، ހަމަ އެންމެންގެ ވޯޓްދީގެން އިންތިޚާބުކުރާ ބަޔެއް. ކޮންމެ ބަޔަކަށްވިޔަސްވެސް ހެޔޮ. އެބަޔެއް މެދުވެރިކޮށްގެން، އަޅުގަނޑުމެންނަށް މަސައްކަތްތައް ހިންގޭނީ. އަޅުގަނޑަށް ކުރިއަށް މިއޮތް ރާއްޖޭގެ ބޮޑު ބަދަލު އެއީ ރާއްޖޭގެ ރަށްތަކަށް ރަށްރަށުގެ ވެރިކަން ދިނުން. މިރަށަށް މިރަށުގެ ވެރިކަން އަނބުރާލުން. އެމަސައްކަތުގައި އަޅުގަނޑުމެން ކުރާންހުރި ކަންކަން މަދެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާ އެކީގައި މިމަސައްކަތް ހިންގޭނެ.

އަޅުގަނޑު ނިންމާލުމުގެ ކުރިންވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑު ނުކުމެ މިހުރީ މަސައްކަތް ކުރާށޭ. އެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ، 14 ގަޑިއިރު މަސައްކަތް ނުކޮށް އަޅުގަނޑު ހުއްޓައެއްނުލާނަމޭ. އަޅުގަނޑު މިތަނުގައި މިހިރީ، ވެރިކަމުގެ ޝަހެންޝާހަށްޓަކައެއް ނޫން. އޭގެ އަރާމާއި ލައްޒަތަށްޓަކައެއްވެސް ނޫން. އަޅުގަނޑުމެން މިކަން ކުރަން މިއުޅެނީ، ކަމެއް ކުރާންވެގެން. މި ރާއްޖެ ތަރައްޤީ ކުރާންވެގެން. އަޅުގަނޑުމެން މިދެކޭ މަންޒަރު، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނަށް ޙަޤީޤަތަކަށް ހެދުމަށްޓަކައި.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم. _______________________