بســم اللّـه الرّحمـن الرّحيــم

މޭނާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ނާހިދާ ޢަލީ. ޕްރޮވިންސް އޮފީހުގެ އިސްވެރިން. ސިޔާސީ ޕާޓީތަކުގެ ވެރިން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. މޭނާ ސްކޫލްގެ އެންމެހާ ޓީޗަރުން. އަދި ސްކޫލްގެ ލޮބުވެތި ދަރިވަރުން.

އަޅުގަނޑު މިރޭ ގިނައިރުކުރާކަށް އަޅުގަނޑަކަށެއް ނުފެނޭ. ވަރަށް މުހިންމު ސަބަބަކަށްޓަކައި އެއީ. އަޅުގަނޑަކަށެއް ނުވިސްނޭ، ހޮޅުދޫގައި ހުރެ އަޅުގަނޑު ތަޢްލީމުގެ މުހިންމު ވާހަކަ ދެއްކުން އެއީ، ބަޞަރާއަށް ކަދުރު ވިއްކުން ނޫން ގޮތެއްގައި ދެކެވޭނެ ގޮތެއް. ޒަމާނުއްސުރެ ފަށައިގެން މިރަށަކީ، އަދި ވަކިން ޚާއްޞަކޮށް، މިމަދްރަސާއަކީ މިރާއްޖޭގެ އަތޮޅުތަކުގައި ތަޢްލީމު ވަރަށްގިނަގުނަ ބަޔަކަށް ފޯރުކޮށްދިން މަދްރަސާއެއް. މިމަދްރަސާ މިހާރުވެސް މިގެންދަނީ ވަރަށް ފުރިހަމައަށް އެމަސައްކަތް ކުރަމުން. އެކަމަށްޓަކައި މިވަގުތު މިމަދްރަސާ ހިންގަވާން ތިއްބެވި އެންމެ ބޭފުޅުންނަށާއި، އަދި މިއަދާ ހަމައަށް މިމަދްރަސާ ގެނެސްދިން ހޮޅުދޫގެ އެންމެހާ ދަރިވަރުންނަށާއި، އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގެ އެންމެހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއި ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ، އަޅުގަނޑުމެންގެ އެއްލަނޑުދަނޑިއެއްގެ ގޮތުގައި އަޅުގަނޑުމެން ކަނޑައެޅި އެއްކަމަކީ، ރާއްޖޭގައި އޯލެވެލް ހަދާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ C ފާހަށްވުރެ މަތިން ފާސްވާ ކުދިން ކަމުގައި ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ. މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މި ސްކޫލް، މޭނާ ސްކޫލް، 63 ޕަސެންޓް، މޭނާ ސްކޫލުން އޯ ލެވެލްގައި ބައިވެރިވި ކުދިންގެ ތެރެއިން 5 މާއްދާއިން ފާސްވި ކުދިންގެ ޢަދަދު، އަޅުގަނޑުމެން ޖެހި މިންގަނޑަށްވުރެ 3 ޕަސެންޓް މަތިވެއްޖެ. އެކަމަށްޓަކައި މޭނާ ސްކޫލަށް މަރްޙަބާ.

އަޅުގަނޑު މިރޭ ދެންމެ ސްކޫލްގެ ބެސްޓް އޯލްރައުންޑަރގެ ގޮތުގައި ހޮވިގެން، ހިމެނިގެން، ފާހަގަވެގެން އެދިޔަ ޣާލިބް ރަޝީދަށާއި، އަދި ހަމަ ވަރަށްގިނަ އިނާމުތައް ޙާޞިލް ކުރެއްވި އަޝްރަފް ރަޝީދަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން. އަދި ހަމައެހެންމެ، މިރޭ މިތަނުން އިނާމު ހޯއްދަވައިގެން، ތިޔަ ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން. އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށާއި، އަދި މިރޭ ކާމިޔާބު ހޯއްދެވި ދަރިވަރުންނަށް އަޅުގަނޑުގެ ހަމަ ނަޞޭޙަތަކީ، އެންމެ ނަޞޭޙަތެއް. ކާމިޔާބުގައި ހިތް ތިރިކުރައްޗޭ. ކާމިޔާބުގެ ފޮނިކަމުގައި އެއްވެސް ކުއްޖަކު، އެއްވެސް ދަރިވަރަކު ތިމާއަށް ތިމާފެނި، އެންމެ ހިނދުކޮޅެއްވެސް ކުރައްވައިފިނަމަ، އެ ކާމިޔާބު، އޭގެ ޙަޤީޤީ މާނައިގައި އެދަރިވަރަކަށްވެސް އަދި މިމަދްރަސާއަކަށްވެސް އަދި މިރަށަކަށްވެސް، މިއަތޮޅަކަށްވެސް، ޕްރޮވިންސަކަށްވެސް، މި ރާއްޖެއަކަށްވެސް ނުލިބޭނެ. ކާމިޔާބުގައި ހިތް ތިރިކުރުމަކީ ވަރަށް މުހިންމު ކަމެއް. ހިތްހެޔޮކަމާ އެކީގައި ރަނގަޅު ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް.

ހަމައެއާއެކީގައި، އަޅުގަނޑު މިރޭ ޚާއްޞަކޮށް، ޚާއްޞަކޮށް ދަންނަވަން އޮތީ، މިރޭގެ މި ސްޓޭޖުން އިނާމު ނުހޯއްދެވޭ، ލިބިނުލެއްވި ހުރިހާ ދަރިވަރުންނަށް އަޅުގަނޑު ފާހަގަކުރަން އޮތް ނުކުތާއަކީ، ނާކާމިޔާބުގައި ހިތްވަރުގަދަކުރާށޭ. މާދަމައަކީ އެހެން ދުވަހެކޭ. މާދަމާ އަދި އޮތީ އަންނާށޭ. ނާކާމިޔާބުވެ އެދިޔައީ މިއަދުއޭ. ނުވަތަ އިއްޔެއޭ. އަންނާން އޮތް ދުވަސް އޮތީ ހަމަ ސާފު ސާދާކޮށް. އަޅުގަނޑުމެން އެންމެންނަށްވެސް އަތްފޯރާ ހިސާބުގައޭ. ހިތްވަރުގަދަކުރާށޭ، ތިޔަކުދިންނަށް އެހިތްވަރުގައި މިއަންނަ އަހަރު ކާމިޔާބު ހޯދިދާނެކަމީ، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އުފެދޭ ކަމެއް ނޫން.

އަޅުގަނޑު މިރޭ ޕްރިންސިޕަލްގެ ރިޕޯޓް އަޑުއެހިން. ޕްރިންސިޕަލް ފާހަގަކުރެއްވި، ކިތަންމެ ކިތަންމެ އުނދަގޫތަކެއް. ޚާއްޞަކޮށް، ޖާގައިގެ ދަތިކަން. ދެ ދަންފަޅިއަށް ކިޔަވައިދޭން ޖެހުން. މެންދުރުފަހު ދަންފަޅީގައި ތިބޭ ޓީޗަރުންގެ އަޅާލުމާއި އަދި އެޓީޗަރުންގެ ބެލެހެއްޓުން މުހިންމު ކުރުން، ބޮޑުކުރުން. އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ދަންނަވާނަން، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރަކަށް އަޅުގަނޑުމެންނަކަށް ސްކޫލެއް އެއްދަންފަޅިއަކަށެއް ނުހެދޭނެ. ދެން ބާކީ އޮތް ދެމަސްދުވަހުގެ ތެރޭގައި. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. 2012 ގައި މި މަދްރަސާގެ ދަރިވަރުން އިރާދަކުރެއްވިއްޔާ ކިޔަވަންދާނީ އެއްދަންފަޅީގެ މަދްރަސާއަކަށް. އެކަން ކުރުމަށް ސަރުކާރުން މިއަންނަ އަހަރުގެ ވަރަށް ކުރީކޮޅު މަސައްކަތް ފަށާނަން. އަޅުގަނޑުމެން ކުރިމަތީގައި ހުރި ގޯތިތެރޭގައި ޢިމާރާތެއް ކޮށްގެން، 8 ކްލާސްރޫމް ހަދައިގެން، ސަރުކާރުން މިކަން، މި މަޤްޞަދު ޙާޞިލު ކުރުމަކީ އަޅުގަނޑުމެންނަށް ހަމަ ކުރެވެން އޮތް ކަމެއް. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި، ދިވެހ ސަރުކާރުން އެއްގޮތަކަށްވެސް ނުކޮށް ދޫކޮށްލައިގެންވާނެ ކަމެއް ނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިތިބީ، އެކަން އެގޮތަށް ކުރުމަށް ނިޔަތްގަނެގެން.

އަޅުގަނޑު މިތަނުގައި ހަމަ އަޑުއަހަން މިއިނީ، މި ސްކޫލްގައި މިއަދުވެސް ކިޔަވާ ދަރިވަރުންގެ ވަރަށްގިނަ ޢަދަދެއްގެ ދަރިވަރުންނަކީ، އެހެން ރަށްރަށުގެ ކުދިން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މޭނާ ސްކޫލްގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ދަރިވަރުން ކިޔަވަމުން އެބަގެންދޭ. އޭގެތެރެއިން ޚާއްޞަކޮށް، މިއަތޮޅުގެ ދަރިވަރުން، މިސްކޫލްގައި ވަރަށް ރަނގަޅު ތަޢްލީމީ ކާމިޔާބުތައް އަދި ކުޅިވަރުގެ ކާމިޔާބުތައް ހޯދަމުން އެބަދޭ. އަޅުގަނޑު މަދްރަސާއަށާއި ދަރިވަރުންނަށް ދަންނަވާލަން އޮތް ވާހަކައަކީ، ހުރިހާ އެއްޗަކީ ތަޢްލީމެއް ނޫނޭ. އިމްތިޙާނުގެ ނަތީޖާއަކުން އެކަނި އަޅުގަނޑުމެންނަކަށް ދުނިޔޭގައި ކާމިޔާބު ދިރިއުޅުމެއް ނޫޅެވޭނެއޭ. މަދްރަސާގައި އިތުރު ޙަރަކާތްތަކަކީ ވަރަށް މުހިންމު ކަމެއް. ހުރިހާ ބާވަތެއްގެ ޙަރަކާތަކީވެސް މަދްރަސީ ދައުރުގައި ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ކުދިންވެސް ހަމައެކަނި ފޮތްތަކުގައި ނުތިއްބެވުން، ނުތިއްބަވާނެ ކަމަށް. އަދި ކުޅިވަރު ކުޅުމާއި، އެހެންވެސް އިތުރު ޙަރަކާތްތަކުގައި ކުދިން ފުރިހަމައަށް ބައިވެރިވެލައްވާނެ ކަމަށް. އޭރުން އަޅުގަނޑުމެން މި އުންމީދުކުރާ ބާވަތުގެ ވަށާ ޖެހިފައިވާ ތަޢްލީމެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން ދަންނަވާލަން ބޭނުން، އަޞްލު ޙަޤީޤަތުގައި، ޑޮކްޓަރ ލުޠުފީ މިވާހަކަ ވިދާޅުވާންވީ. ސަރުކާރުގެ ވިސްނުމެއް އެއީ، ރާއްޖޭގެ އެކިއެކި ތަންތަނުގައި މަތީ ތަޢްލީމުގެ ފުރްޞަތެއް ފޯރުކޮށްދިނުން. އަޅުގަނޑަށް ޔަޤީން، ހޮޅުދުއަށްވުރެ ވަކި އިތުރަށް ރަނގަޅު ރަށްތަކެއް މިރާއްޖެއަކު ނުވާނެ. އެހެންވީމާ، ސަރުކާރުން މިއަހަރު ޤާއިމްކުރަން މިހާރު ވިސްނާފައިމިވާ ހައި ސްކޫލް ނުވަތަ ޖޫނިއަރ ހައި ސްކޫލް، ލުޠުފީ އެހެން ވިދާޅުވަނީ. އޭގެ މަދްރަސާއެއް މިތަނުގައި އެޅުމަކީ، އަޅުގަނޑުމެންގެ އަބަދުވެސް ވިސްނުމެއް. އިރާދަކުރެއްވިއްޔާ، 2012 ވަނަ އަހަރު 12 ނިމޭ ކުދިންނަށް ދެން ހަދާނެ ގޮތްނެތި ތިބޭކަށެއް ނުޖެހޭނެ. މިތަނުން މަތީ ތަޢްލީމެއް ލިބޭގޮތް އަޅުގަނޑުމެން، ސަރުކާރުން އިރާދަކުރެއްވިއްޔާ ކޮށްދޭނަން.

12 ނިމުނު ބައެއް ކުދިންގާތު ދެންމެ އަޅުގަނޑު އަހާލީމު، ދެން ކީއްހޭ ކުރަން އޮތީ. ފުރްޞަތެއް ނުލިބޭނެ ކަމަށް އެކުދިން ދެކެނީ. މަތީ ތަޢްލީމެއް ދެން އިތުރަށް ކުރިއަށް ގެންދަން ފުރްޞަތެއް ނުލިބޭނެ ކަމަށް، މިތަނުން 4 އޭ، 3 އޭ، 2 އޭ، ހޯދައިގެންދިޔަ ކުދިން އެދެކެނީ. އަޅުގަނޑެއް އެއްގޮތަކަށްވެސް އެހެނެއް ނުދެކެން. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިރޭ މިތަނުން ކާމިޔާބީ ހޯދައިގެން، ސަނަދުތަކާއެކީގައި އެދިޔަ ދަރިވަރުންނަށް މިރާއްޖޭގައިވާ ހުރިހާ ފުރްޞަތެއްވެސް މަގުފަހިވާންޖެހޭނެއޭ. އަޅުގަނޑަށް ފެންނަ ފެނުމުގައިވާނެ. ސްކޮލަރޝިޕް ބޯޑުން ތިޔަކުދިންނަށް ސްކޮލަރޝިޕް މަގު ފަހިވެގެންދާނެ. އަދި އެކަން ފުރިހަމަވެގެންވެސްދާނެ. އަޅުގަނޑު ހުރިހާ ކުދިންގެ ކިބައިންވެސް އެދެން، ހުރިހާ ކުދިންމެ މަތީ ތަޢްލީމު ހޯދުމަށްޓަކައި، އެފުރްޞަތު ލިބިގަތުމަށްޓަކައި ސްކޮލަރޝިޕް ބޯޑަށް، ސްކޮލަރޝިޕަކަށް އެދި ހުށަހެޅުމަށް. މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ ތެރޭގައި، ވަރަށްގިނަ ޤައުމުތަކުން ސަރުކާރަށްވަނީ ސްކޮލަރޝިޕްގެ ފުރްޞަތުތައް ފަހިކޮށްދީފައި. އޮސްޓްރޭލިޔާ ސަރުކާރުގެ 25 ސްކޮލަރޝިޕެއް، ކެނެޑާ ސަރުކާރުގެ 25 ސްކޮލަރޝިޕް، އިންޑިޔާ ސަރުކާރުގެ 10 ސްކޮލަރޝިޕް. މިހެންގޮސް މީގެކުރީގައި ދުވަހަކުވެސް އަޅުގަނޑުމެންނަށް ސްކޮލަރޝިޕް ދެވެން ނެތް މިންވަރަށް ސްކޮލަރޝިޕް ތިޔަކުދިންނަށް ދެވޭނެ.

އަދި ހަމަ އޭގެއިތުރުން، ސަރުކާރުން މިގެންދަނީ މަތީ ތަޢްލީމުގެ ފުރްޞަތު ފަހިކޮށްދިނުމަށްޓަކައި ކުދިންނަށް ލުއިލޯނު ދެމުން. އެހެންވީމާ، މަތީ ތަޢްލީމަށްޓަކައި، އެ ތަޢްލީމު ލިބިގަތުމަށް ބޭނުންވާ ޚަރަދުތައް ކުރުމަށްޓަކައި، އެ ލުއިލޯނުވެސް މި މަދްރަސާއިން މިރޭ އެނުކުތް ކުދިންނަށް ވަރަށް ޙައްޤޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އެކުދިންނަށް އެލޯނު ލިބިގެންދާނެ.

އަޅުގަނޑު ދެންނެވިން، އަޅުގަނޑު މާގިނަ ވާހަކައެއް ދައްކާކަށް ނެތީމޭ މިރޭ. އަޅުގަނޑު މިހިރީ ވަރަށް އުފަލުން. ޚާއްޞަކޮށް، މިރަސްމިއްޔާތަށް އަޅުގަނޑަށް އާދެވުނީތީ. އަޅުގަނޑު މިއައީ، މޭނާ ސްކޫލްގެ އިނާމު ދިނުމަށް. އަޅުގަނޑު އެހެން އެއްވެސް ކަމަކު، އެހެން އެއްވެސް ތާކަށެއް ނޫން މިއައީކީ، މިމަދްރަސާއަށް. އަޅުގަނޑަށް މިއަށްވުރެ ވަކި މުހިންމު މުއައްސަސާއެއް، މިއަތޮޅަކުވެސް، މި ޕްރޮވިންސަކުވެސް، މިރާއްޖެއަކުވެސް ނެތް. އަޅުގަނޑުމެންނަށް މިތަން ހަރުދަނާކުރެވި، މިތަނާ އަޅާލެވި، މިތަން ތަރައްޤީ ކުރެވުނީމާ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުމަށް ކުރާންހުރި މަސައްކަތުގެ ގިނަ ބައިވަރު މަސައްކަތް އެކުރެވުނީ.

މިމަދްރަސާއަކީ، މިއަތޮޅުގެ އަދި މިރާއްޖޭގެ ވަރަށްގިނަ ބޭބޭފުޅުން ޚިދްމަތް ކުރައްވާފައިވާ މަދްރަސާއެއް. މޭނާ ކަލޭފާނު މަދްރަސާ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މީގެ 65 އަހަރު ކުރިން، 1940ގެ އަހަރުތަކުގައި އުފެއްދެވި މަދްރަސާއެއް. އޭރުގައިވެސް ވަރަށްގިނަ އުސްތާޛުން، ނައިފަރުން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އައިސް، މިތަނުގައި ތިބެ، ހަމަ މިމަދްރަސާގައި ކިޔަވައިދޭން ފެށުނީ. އޭރުގައި އިފްތިތާޙުގައިވެސް އަދި މަޖީދިއްޔާގައިވެސް އަދި ރާއްޖޭގެ ތަޢްލީމީ މައިގަނޑު ބޮޑެތި ރަށްރަށުގައި، މިމަދްރަސާތަކުގައި ކިޔަވައިދޭން ފެށިއްޖެ. އައްޑުއަތޮޅުގައި ނޫރާނީ ސްކޫލް އެއިރުގައި ފަށައިގަނެވިއްޖެ. އަދި އެއަތޮޅުގައި އެހެންވެސް، މީދޫ ސްކޫލްތައްވެސް އެއިރުގައި ފަށައިގަނެވިއްޖެ. އޭދަފުށީގައިވެސް އެއިރުގައި ފަށައިގަނެވިއްޖެ.

1945، 1947 ވެގެންދިޔައީ، ވަރަށް އުފާވެރި އަހަރަކަށް ރާއްޖެއަށް. ދެވަނަ ބޮޑުހަނގުރާމަ ނިމި، މިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދަރިވަރުންނަށް ތަޢްލީމު ދެވޭނެ ގޮތްތަކެއް ހޯދައި، އެމަގުން ޤައުމުތައް ތަރައްޤީ ކުރުމުގެ ވިސްނުން، ދުނިޔޭގެ އެތައް ބައެއްގެ ހިތުގައި ބިންވަޅު ނެގިގެންދިޔަ އިރެއްގައި، އަޅުގަނޑުމެންގެ ތެރޭގައިވެސް އެރޫޙު ވަރަށް ބޮޑަށް ފެތުރިގެންދިޔައީ، ހަމަ އަޅުގަނޑު ދަންނަވާނީ، މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވަރަށްގިނަ ނަޞޭޙަތާއެކުގައި. އަޅުގަނޑު މިރާއްޖޭގެ އެންމެހާ ވެރިންނަށާއި، އަދި މިދިޔަ ރައީސް މައުމޫންގެ ދިގު 30 އަހަރު މޭނާ ސްކޫލް ބަލަހައްޓަވަމުން ގެންދެވި ގެންދެވުމަށާއި އަދި އޭގެ ކުރީގައިވެސް މިސްކޫލަށް އެކިއެކި ވެރިން ކޮށްދެއްވާފައިވާ ހުރިހާ ޚިދްމަތަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!
_______________________