بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ސަރުކާރުގެ އިސްވެރިން. އަދި މިރަށުގެ ވެރިންނާއި ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މިރަށަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑަކީ އަބަދުވެސް މިދަތުރުކުރަން ވަރަށް ބޮޑަށް އެދޭ މީހެއް. އަޅުގަނޑު ޠަބީޢީގޮތުންވެސް ކުރާހިތްވާ ކަމެއް ރަށްރަށަށްދިޔުމަކީ. އަދި ގިނަ މީހުންނާއެކީ އުޅުމަކީ.

ކައުންސިލަރ ފާހަގަކުރައްވައިފި، މިރަށުގެ ޙާލަތު، ޚާއްޞަކޮށް، މިރަށުގެ ލަފާފުރުމުގެ ޙާލަތު، އެކަން އޮތް ދަތިމިން އަޅުގަނޑުމެންނަކަށް ނޯޅޭ. އަޅުގަނޑަށް ތަންކޮޅެއް ކުރީގައި، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުންވަނީ މިރަށަށް ދެފަހަރެއްގެ މަތިން ޒިޔާރަތްކޮށްފައި. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އެބޭފުޅުން ދެފަހަރެއްގެ މަތިންވަނީ ތިޔަބޭފުޅުންނާ އެވާހަކަ ދައްކަވާފައި. އެދުވަހު ފަހަރުގައި ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންގެ ހިތްތަކުގައި މިދުވަސް ހިނގާނީ މިގޮތަށް ކަމަށް ހީވެފައިނެތިދާނެ. އެހެންވީމާ، އެދުވަހު އަޅުގަނޑުމެންގެ މިއަދުގެ ވެރިން ތިޔަބޭފުޅުންނާ މިރަށުގެ ލަފާފުރުމުގެ ކަންތައް ޙައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށް އެ ބުނުއްވަމުން ގެންދެވިއިރުގައި، އަޅުގަނޑަށް ޔަޤީން، ވަރަށްގިނަ ބަޔެއްގެ ހަޖޫއާއި ފުރައްސާރަ ތިޔަބޭފުޅުންނަށްވެސް އެދުވަހު ރައްދުވެފައި އޮންނާނެ.

އަޅުގަނޑުމެން، އަޅުގަނޑު މިއަދު މިއައީ ހަމަ އެބޭފުޅުންނާއި އަދި އަޅުގަނޑުމެންގެ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަޅުގަނޑަށް ޔަޤީން، އެއްވެސް ރަށެއް ނިކަމެތި ޙާލުގައި، އެއްވެސް ރައްޔިތެއް ދަތިގޮތުގައި، ބިކަވެ އެކަހެރިވެ ދިރިއުޅުމަކީ އަޅުގަނޑުމެން އެދޭނެ ކަމެއް ނޫން. މިރަށުގެ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދިނުމަށް މި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ދޭން ބޭނުން. އެގޮތުން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް މިއަހަރުގެ ތެރޭގައި، އެމަސައްކަތް ފަށައިގަނެވޭނެ.

އަޅުގަނޑު މިހެން ދަންނަވާއިރުގައި، ކުރިއަށް ކުރާންހުރި ކަންތައްތައް އަޅުގަނޑަށްވެސް ނޭނގެނީކީ ނޫން. އަޅުގަނޑުމެން މިނާންޖެހޭވަރާއި އަދި ސަރވޭކުރަންޖެހޭ މިންވަރާއި، މިއޮއް ރީތި ޤުދްރަތީ ފިޠުރަތުގެ ޢަޖައިބަށް އަޅުގަނޑުމެން ހަދަން މިއުޅޭ ގޮތް ހެދީމާ، މިރަށް ޤުދްރަތީ ހަމައިން ގެއްލި، އަޅުގަނޑުމެން މިރަށަށް މިހަދާގޮތެއް ހެދީމާ، ދެންވާނެ ގޮތަކާ ގުޅޭގޮތުންވެސް އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، ފިކުރުކުރަންޖެހޭ، ބަލަންޖެހޭ. ޢާންމުކޮށް، އަޅުގަނޑުމެން މިކިޔަނީ، އެއީ އެންވަޔަރަންމަންޓް ހެދުމޭ. އީ.އައި.އޭ ހެދުމޭ. އެހެން ނަމަވެސް، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެން އެބަޖެހެޔޭ މިބާވަތުގެ ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަ ގޮތުގައި މިރަށަށް އަރާ އަދި މިރަށުން ފައިބާ އުޅެވޭނެ އިންތިޒާމެއް، ނިޒާމެއް އަދި ގޮތްތަކެއް ހަމަޖައްސަން. އެކަމުގައި ސީދާ އޮތް މަގަކީ، ސީދާ އޮތް ގޮތަކީ ކޮބައިތޯ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން އަދި ކުޑަ ތަންކޮޅެއް އަވަސް. އަޅުގަނޑު މިދަނީ ބަޔަކު މީހުން ލައްވާ ތިޔަބޭފުޅުންގެ ލަފާފުރުމުގެ ކަންތައް ޙައްލު ކުރުމަށް މިޒަމާނުގެ ޓެކްނޯލޮޖީ ޖާގަދޭ އަދި ތިޔަބޭފުޅުން ތިއެދިލައްވާ ގޮތަށް، އެކަންވާން އޮތް އެންމެ ފުރިހަމަ ގޮތަކީ ކޮބައިތޯ ދެނެގަންނަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މީގެ ޢަމަލީ ނަތީޖާތައް ދާދި އަވަހަށް ކުރިއަށް އޮތް ދެމަހެއް، ތިންމަހެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދާނެ.

އަޅުގަނޑު މިރަށުގައި ފާހަގަކުރަން ބޭނުން ކިތަންމެ ނުކުތާއެއް އެބަހުރި. މިރަށަކީ ވަރަށް މަސައްކަތްތެރި ރަށެއް. މަސްބާނާ ރަށެއް. މިއަތޮޅުގައި މިރަށް ފިޔަވައި މިހާރު މިގޮތަށް މަސްބާނާ ރަށްރަށް މަދުވެއްޖެ. މިރަށު އޮޑިފަހަރަށް، މިރަށު މަސްވެރިންނަށް، މިރަށު ކެޔޮޅުންނަށް މިކަން އަދި މާބޮޑަށް ސާފުވާނެ. އެ ކެޔޮޅުން، އެ އޮޑިވެރިން، އެ އޮޑިތައް މިއަތޮޅުގެ އެކިއެކި ރަށްރަށަށް މަސްވިއްކާން ދާންޖެހޭމިންވަރުން. މިރަށުގައި އެ މަސައްކަތް ތަރައްޤީ ކުރެވޭނެ ގޮތްތައް ނުވަތަ އެމަސައްކަތަށް ފަހިވާނެ ކަންކަން ހަމަޖައްސައިދިނުމަކީ، ސަރުކާރުގެ ވާޖިބެއް.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބެނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ, ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް. ސަރުކާރެއްގެ ބޭނުމަކީ، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިޔުން. އަޅުގަނޑުމެންގެ މަސައްކަތަކީ، އަބަދުވެސް އަޅުގަނޑުމެންގެ މަސައްކަތަކީ އަދި މަސައްކަތަކަށްވާނީ، ރެޔާ ދުވާލުވެސް އަޅުގަނޑުމެން މިކުރަން އައި ކަންތައް، ރާއްޖޭގެ ތަރައްޤީ ލިބޭނެ ގޮތަށް ރާއްޖޭގެ ކަންކަން މަގުފަހިކުރުން. ރާއްޖޭގެ ކަންކަން ބައްޓަން ކުރުން. އެމަގަށް މަސައްކަތް ކުރުން އަޅުގަނޑުމެން އެންމެ ހިނދުކޮޅަކަށްވެސް ހުއްޓައެއްނުލާނަން. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް މިމަސައްކަތް ދާދިއަވަހަށް، ދާދި ފަސޭހައިން ނަތީޖާތައް ފެނި، ކާމިޔާބުވެގެންދާތަން ފެނިގެންދާނެ. އެއީ މިއަދު އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެ މިއޮތް ޙާލަތުން އެހެން ޙާލަތަކަށް، މިއޮތްގޮތުން އެހެން ގޮތަކަށް، އެހެން ރާއްޖެއަކަށް ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. އިރާދަކުރެއްވިއްޔާ، އެއީ އަޅުގަނޑުމެން ކުރާނެ ކަމަކީ.

އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންގެ އާންމު ޙާލަތު ރަނގަޅުކުރުން. އަޅުގަނޑުމެންގެ އެދުމަކީ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން، ހާސްކަމެއްނެތި އުޅެވޭނެ ގޮތެއް ހޯދައިދިނުން. ރައްޔިތުންނަށް އާމްދަނީ އިތުރުވުން. އަދި ހަމައެހެންމެ، ބޭސްފަރުވާގެ ޚިދްމަތްތައް ރައްޔިތުންނަށް ފުޅާވެފައި، ހުޅުވިފައި އޮތުން. ދަރިންނަށް ތަޢްލީމު ދެވޭނެ ގޮތްތައް ފުރިހަމަވެފައި ހުރުން. ބޯޅަ ކުޅުމާއި، މުނިފޫހިފިލުވުމާއި އަދި އެހެންވެސް ދުނިޔަވީ ހަޔާތެއް ރިވެތި ގޮތުގައި ހޭދަކުރެވޭނެ މަގުތައް ފަހިކޮށްދިނުމުގެ އިތުރުން، މި ރާއްޖޭގެ އިސްލާމީ ޘަޤާފަތާއި، އިސްލާމީ ޢަޤީދާ ރައްކާތެރިކޮށްދިނުމަކީ، އަޅުގަނޑުމެންގެ މަސައްކަތް. އަޅުގަނޑުމެންގެ ވާޖިބު.

މިފަހަރު ދައުލަތުން، ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓް ތިޔަބޭފުޅުންނަށް ފެނިލައްވާނެ. އެބަޖެޓް ހުށަހަޅާހިނދު، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ސާފުވެގެންދާނެ، އަޅުގަނޑުމެންނަކީ ކަމެއް ކުރަން އުޅޭ ބަޔެއްކަން. އަޅުގަނޑުމެންނަކީ މިރާއްޖެއަށް ބަދަލުގެނައި މީހުންކަން. އަދި އެބަދަލުގެ ނަތީޖާ، އެބަދަލުން ސީދާ ތިޔަބޭފުޅުންނަށްވާ ފަހި، ރަނގަޅުކަން ފޯރުކޮށްދެވޭނެ ބަޔަކީވެސް، އަޅުގަނޑަށް ޔަޤީން، މިއަދު ތިޔަބޭފުޅުން ގަބޫލުފުޅު ކުރައްވާނެކަން އެއީ އަޅުގަނޑުމެންކަން. އެހެން ބަޔެއް މިރާއްޖެއަކު މިވަގުތަކު ތިޔަބޭފުޅުންގެ ކަންކަމާ ޙަވާލުވެގެން، އަމާނާތްތެރިކަމާއި، ތެދުވެރިކަމާއެކީގައި ކޮށްދޭނެ ބަޔެއް ފެންނާނެނަމަ، އަޅުގަނޑުމެންގެވެސް ހާސްކަން ކުޑަވާނެ.

އަޅުގަނޑުމެންގެ އެންމެބޮޑު އެއް މަޝްރޫޢަކީ، ރާއްޖޭގެ ރަށްތަކުގެ ވެރިކަން، ރަށްވެހިކަން، ރަށް ހިންގުން، ރަށުގެ ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ހިންގޭނެ ގޮތެއް ހޯދުން. އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ގޮތަކީ، ޑިމޮކްރަސީގެ ރިވެތި އުޞޫލު. ދާދި އަވަހަށް ތިޔަބޭފުޅުންނަށް ކުރިމަތިވެގެންދާނީ، ލޯކަލް އިންތިޚާބު. ރަށު ކައުންސިލްގެ އިންތިޚާބާއި، އަތޮޅު ކައުންސިލްގެ އިންތިޚާބު. އަޅުގަނޑު ފާހަގަކުރާ މިނުކުތާއަކީ، މި ދެއިންތިޚާބަކީ އަދި މިކަމަކީ ސީދާ ވެރިކަން ތިޔަބޭފުޅުންނަށް ފުރޮޅާލުމަކީ، އެއީއޭ ޙަޤީޤަތުގެ އަޅުގަނޑުމެންގެ މަޝްރޫޢަކީ. އަޅުގަނޑު ދަންނަވާން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެން އައިސް މިތިބީކީއެއް، ހަމައެކަނި ފެނާއި ނަރުދަމާ އަޅާކަށް، ބަނދަރު ހަދާކަށް، ސަހަރާ ވަށާފާރު ރާނާކަށް، އެއްގަމު ތޮށި އަޅާކަށް ނޫނޭ. އަޅުގަނޑުމެން މިތިބީ، ތިޔަބޭފުޅުންނަށް އަބަދުގެ އަބަދަށް ސަހަރާ ވަށާފާރު އެޅޭނެގޮތެއް ހޯދައިދިނުމުގެ ނިޒާމެއް، އިންތިޒާމެއް މިރާއްޖޭގައި ތަޢާރުފްކޮށް ޤާއިމް ކުރުމަށޭ. އަޅުގަނޑަށް އަދި ތިޔަބޭފުޅުންގެ ވެރިންނާ އެކުގައި، އަޅުގަނޑުމެންނަށް މި ރާއްޖޭގެ ވަރަށްގިނަ ވަށާފާރު ރޭނިދާނެ. އަދި ވަރަށްގިނަ އެބާވަތުގެ އެހެން ކަންކަންވެސް ކުރެވިދާނެ. އެހެން ނަމަވެސް، ކަމެއް ދެމެހެއްޓެނިވި ގޮތުގައި ކުރެވިގެން ނޫނީ، އަޅުގަނޑުމެންގެ ދަރީންނާއި، އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް، އަޅުގަނޑުމެންގެ މުސްތަޤްބަލަށް އެއިން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ހަމަ ހަޤީޤަތުގައި މިޖީލަށްވެސް އެހެންވީމާ ކުރާނެ ފައިދާ ކުޑަވާނެ.

އަޅުގަނޑުމެންގެ އަޞްލު މަޝްރޫޢަކީ ޑިމޮކްރަސީ. އަޅުގަނޑުމެންގެ އަޞްލު މަޝްރޫޢަކީ، މިރާއްޖޭގައި ރައްޔިތުންގެ ރުހުމާ އެކީގައި ހުރިހާ ކަންކޮޅެއްގައިވެސް ވެރިކަން ކުރެވޭނޭ ގޮތެއް ހޯދުން. ލާމަރްކަޒީ ނިޒާމް ނުވަތަ ލާމަރްކަޒީ އުޞޫލުންނޭ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ، އެހެން ބުނެ ޤާނޫނުއަސާސީގައި ލިޔެވިފައިވާ އެބަސްތަކަކީ، އަޅުގަނޑުމެންގެ އައްޑުއަތޮޅު ޢިއްޒަތްތެރި މެންބަރު އަސްލަމާއި، އަޅުގަނޑުމެންގެ ކޮޅުމަޑުލު ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދުގެ ބަސްތައް. އެހެން ބައެއްގެ އެއްޗެއް ނޫން އެއީކީ. ލާމަރްކަޒީ އުޞޫލަކީ އަޅުގަނޑުމެން ތަޢާރުފްކުރި އަދި ތަޢާރުފްކުރަން ބޭނުންވާ އުޞޫލެއް. އަޅުގަނޑުމެންގެ އެންމެބޮޑު އަމާޒަކީ، ވަކިބަޔަކަށް ވަކިގޮތަކަށް އެ އިންތިޚާބު ކާމިޔާބުވޭތޯ ނޫންތޯ ބެލުމެއް ނޫން. އަޅުގަނޑުގެ އަމާޒަކީ އެ އިންތިޚާބު ބޭއްވުން. އެ އިންތިޚާބު އިންޞާފުވެރިކަމާ އެކީގައި ގެންދިޔުން. އަޅުގަނޑުމެންގެ އަމާޒަކީ، އެ އިންޞާފަށް، ކަމަށް އެކަށީގެންވާ، ވެރިކަމާ ގުޅިގެން ކަންކަން ހިންގޭނޭ މީހުން ނުކުމެ، އެ އިންތިޚާބުގައި ބައިވެރިވެވޭނޭ ގޮތެއް ހޯދުން. އަޅުގަނޑުމެން ރައްކާތެރި ކުރެވޭތޯ މިއުޅެނީ، ތިޔަބޭފުޅުން ބިރުނުގަންނަވައި ވެރިކަން ކުރެވޭނޭ ނިޒާމެއް. ތިޔަބޭފުޅުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައި އަދި ތިޔަބޭފުޅުންނަށްވެސް ވެރިންދެކެ ހިތްހަމަނުޖެހުނީމާ، ނުވަތަ ވެރިންނާ ގުޅޭގޮތުން ޝުޢޫރެއް ފާޅުކުރަން ބޭނުންވީމާ، ވެރިކަމާ ގުޅޭގޮތުން ޝުޢޫރެއް ފާޅުކުރަން ބޭނުންވީމާ، އެކަން ކުރެވޭނެ ގޮތެއް ހޯދައިދިނުން އަޅުގަނޑުމެންގެ އަޞްލު މަސައްކަތަކީ. އެކަން ކުރެވުނީމާ، ހެޔޮގޮތުގައި ވެރިކަން ކުރާނެ ނިޒާމެއް ހަމަޖެހުނީމާ، އަދި އާމްދަނީ އުޞޫލުތަކާއި ގޮތްތައް ފަހިވެގެން އައިމާ، ދެން އަޅުގަނޑުމެން މިބޭނުންވާ ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިހިނދު އަދި އޭގެ ކުރީގައިވެސް އަޅުގަނޑުމެން ބުނަމުން އައިން، މިވެނި އެވެނި، ވަކި ޚާއްޞަ ކަންތައްތަކެއް ބޭނުންވެއޭ ޤައުމެއް ތަރައްޤީވެދިޔުމަށް. އެކަންކަން ވަކިގޮތަކަށް، ވަކިއިރެއްގައި ކުރާން އެބަޖެހޭ. އަޅުގަނޑުމެން ދެންނެވިން، 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އަޅުގަނޑުމެން ދެހާސް ރުފިޔާގެ ޕެންޝަނެއް ދޭނަމޭ. އަޅުގަނޑުމެން ބުނިން، މިރާއްޖޭގައި އެއްވެސް ބަޔަކަށް ޕެންޝަނެއް ޙައްޤުވަނީނަމަ، އެޕެންޝަން އެންމެ ޙައްޤުވެގެންވަނީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުންނަށޭ. އެމީހުނޭ މިރާއްޖެ ބިނާކުރީ. އެމީހުން ވެއްޔަށްގޮސްގެން، މަހަށް ގޮސްގެން، ގަލަށް ގޮސްގެން. އެމީހުން ފަރަށް ގޮސްގެން، ވަލަށް ގޮސްގެން. އެމީހުނޭ މިރާއްޖެ ބިނާކޮށްފައި މިއޮތީ މިއޮތް ގޮތަށް. އެހެންވީމާ، އެމީހުންނަށް އެއްޗެއް ދިނުމަކީ، އަޅުގަނޑުމެން ބޭނުން ކަމެއް. މާތްކަލާނގެ އިރާދަފުޅާ އެކުގައި އަޅުގަނޑުމެންނަށް މިދިޔަ ދެއަހަރު މެދުކެނޑުމެއްނެތި މިދަނީ އެކަން ކުރެވެމުން. އޭގެ ސަބަބުން، މިރަށްތަކަށް އައިސްފައި ހުރި ބަދަލު، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާކަށް ނުޖެހޭނެ. މަހަށް ނުފުރި ރަށް ތަދުވެދާއިރުގައި، ރިޒޯޓްގައި ހުންނަ ކުއްޖާ ފޮނުވާ ފައިސާކޮޅުގެ އިތުރުން، ދެން ރަށަށް ވަންނާން އޮތީ ހަމަ އެންމެ ގޮތަކަށް. އެއީ ދައުލަތުން މިދޭ ހިލޭ އެހީ. އަޅުގަނޑަށް އެކަން އެނގޭ. އެހެންވެގެން، އަޅުގަނޑުމެން އެމަސައްކަތް ކުރާންފެށީ.

އަޅުގަނޑުމެން 2009 ވަނަ އަހަރާއި، 2010 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ބަނދަރު ހަދާން ފެށިނަމަ، ހުރިހާ ފައިސާއެއް ކޮންކްރީޓަށް ޚަރަދުވީސް. 2009 ވަނަ އަހަރުގެ އެ އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައި، ރީތިކޮށް މިރާއްޖެ ބަނޑަށް ޖެހުނީސް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ވިސްނުނީ އެއީއެއް ނޫނޭ ބުއްދިވެރި ގޮތަކީ. އަޅުގަނޑުމެންނަށް ދެން އޮތް ތަނުގައިވެސް، ކުރިއަށް އޮތް ތަނުގައިވެސް ވިސްނެނީ، ތަރައްޤީއަކީ ކޮންކްރީޓެއް ނޫންކަން. ތަރައްޤީއަކީ ޖީބަށް އެއްޗެއް ވަނުންކަން. ޢާންމު ޙާލަތު ރަނގަޅުވުންކަން. ހާސްކަމެއްނެތި ދިރިއުޅެވޭގޮތްވުންކަން. އަޅުގަނޑުމެންގެ އަމާޒަކީ، އެ ތަރައްޤީ. އަޅުގަނޑުމެންގެ އަމާޒަކީ، ފިނި މައިޒާނެއް ހަދާފައި، ކުލަލީމާ އެ ފެންނަ މަންޒަރު އެއީ ތަރައްޤީ ކަމަށް ދެކިގެން ތިބުމެއް ނޫން. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންނަށް ނުކުރެވި ހުރި ކަންކަން ސާފު. އަޅުގަނޑަށް އެނގޭ، މިރަށުގައިވެސް އަޅުގަނޑުމެންނަށް ޙަޤީޤީ ބަދަލެއް ގެނެވިފައިނުވާ މިންވަރު. އެހެން ނަމަވެސް، ދަންނަވަންތޯ، އަޅުގަނޑުމެން ހުއްޓައެއްނުލާނަން. އަޅުގަނޑުމެންނެއް ދުލެއް ނުކުރާނަން. އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެންނެއް ނުއެއްދާނަން. ތިޔަބޭފުޅުންނާ އެކީގައި އަބަދުވެސް ތިބޭނަން. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން. ހަމަގައިމުވެސް އަޅުގަނޑު ދުވާލެއްގެ މައްޗަށް 14 ގަޑިއިރު މަސައްކަތް ނުކުރާ ދުވަހެއް، އަޅުގަނޑު މިމަގާމުގައި ހުރިއްޔާ ދުއްވައެއްނުލާނަން. އަދި އަޅުގަނޑަށް އެނގޭ، އަޅުގަނޑު މަސައްކަތް ކުރީމާ ނުކުންނަ ތަފާތު. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ސީދާ ބެލީމާ، އަޅުގަނޑު އަޅާލީމާ އެ ނުކުންނަ ނަތީޖާ. އެއީ، ގޯސްކަމަކަށްވިޔަސްވެސް އަޅުގަނޑު އެކަން ކުރާނަން. ތިޔަބޭފުޅުންގެ މަސައްކަތުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑު އުޅޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، ތިޔަބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑާ ހިތްނުރުހުނަސްވެސް އަޅުގަނޑު ރުހޭނެ. އަޅުގަނޑުދެކެ ރުޅިއަޔެއްކަމަކު އަޅުގަނޑެއް ރުޅިއެއް ނާންނާނެ. އަޅުގަނޑާ ދިމާއަށް އެއްޗެއް ބުނުއްވިއެއްކަމަކު އަޅުގަނޑެއް ރައްދެއް ނުދޭނަން. އަޅުގަނޑެއް ބަދަލެއް ނުހިފާނަން. އަޅުގަނޑެއް ތިޔަބޭފުޅުންނެއް ދުލެއް ނުކުރާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އަބަދުވެސް ދުޢާއަކީ، މިއަދަށްވުރެ މާ ފާގަތި މާދަމައެއް ތިޔަބޭފުޅުންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!

_______________________