بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން، ޕްރޮވިންސްގެ ނައިބުންނާއި، ޕްރޮވިންސް އޮފީހުގެ ވެރިން، އަތޮޅު އޮފީހުގެ ވެރިން، ޅޮހީ ކައުންސިލަރާއި އަދި ޅޮހީގެ ކުރިއަށް ތިއްބެވި ބޭފުޅުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނާއި އަދި މިރަށް ނޫނަސްވެސް މިއަތޮޅު އެހެން ރަށްރަށުން މިތަނަށް ހާޒިރުވެ ތިއްބެވި އެންމެހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރްޙަބާއާއި މުބާރަކްބާދީ ރައްދުކުރަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ސަރުކާރު އުފެދިފައި މިވަނީ ތިޔަބޭފުޅުން އެގޮތަށް ވަރަށް ބޮޑަށް އެދިގެން ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް ކުރުމަށްޓަކައި. ވޭތުވެދިޔަ ދިގު ޒަމާނުގައި މިރާއްޖޭގައި ކަންތައްތައް ހިނގާ ދިޔަގޮތް އެއީ، ކަން ހިނގާންވީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރާއްޖޭގެ ވަރަށްގިނަ ބައިވަރު ރައްޔިތުންނަށް، ހަމައެއާއެކީގައި ނ. އަތޮޅުގެ އެތައް ބައެއް އަދި ޅޮހީގެވެސް ކިތަންމެ ބައެއް އެގޮތަށް ދެކިގެން ތިޔަބޭފުޅުން ކުރެއްވި ނުހަނު ވަރުގަދަ ބޮޑު މަސައްކަތްތަކެއްގެ ނަތީޖާއަކަށްވެފައިމިވަނީ މިރާއްޖެ އަޅުގަނޑުމެން މިއަދު މިދެކޭ ބަދަލުގެ މަގަށް ފަހިވެގެން ދިޔުން.

ރާއްޖެ ބަދަލުވަމުންދާއިރުގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ތަފާތު ކިތަންމެ މަންޒަރެއް އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. މީގެ ތެރޭގައި ސަރުކާރުން ވަކި ކަންތައްތަކެއް ކޮށްގެން ރައްޔިތުންނަށް މަގުތައްފަހިކޮށްދީގެން ހިންގަމުންދާ ކަންތައްތައް މަދެއްނޫން. އަދި ހަމައެހެންމެ ތިޔަބޭފުޅުން، ރައްޔިތުން އަމިއްލައަށް މިނިވަންވީތީވެ، އަމިއްލައަށް ހިންގަމުން ގެންދަވާ މަސައްކަތްތައްވެސް ނުހަނު ގިނަ. ސަރުކާރުގެ އަމާޒަކަށް މިވަނީ، ތިޔަބޭފުޅުންގެ މިދެންނެވި އެންމެހާ ކަންކަމުގައި، ސަރުކާރަށް ބައިވެރިވެވެން އޮތް މިންވަރެއް، އޮތް ގޮތެއް، އޮތް ހާލަތުތަކެއް ދެނެގަނެ އެގޮތަށް އެޙާލަތުތަކަށް، އެ މިންވަރަށް ސަރުކާރު ހިމުންވުން. އަޅުގަނޑުމެންގެ މަސައްކަތަކީ މިދެންނެވީ. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮބައިތޯ ތިޔަބޭފުޅުންގެ ބޭނުންތަކަކީ ދެނެގަނެ އެކަންކަން ފުރިހަމަ ކުރުމަށް ހިންގޭން ހުރި އެންމެ ރަނގަޅު މަސައްކަތްތަކަކީ، ގޮތްތަކަކީ ކޮބައިތޯ ހޯދައިގަނެ އަދި އެމަގަށް އެމަސައްކަތްތައް ކުރުން.

އަޅުގަނޑުމެން އެންމެ ފުރަތަމައިނުން ދެއްކި އެއް ވާހަކައަކީ، އަޅުގަނޑުމެންގެ ނަޒަރުގައި މިރާއްޖޭގެ ދޮށީ ޢުމުރުގެ ކޮންމެ މީހަކަށްވެސް، 65 އަހަރުން މަތީގެ ކޮންމެ މީހަކީ މިރާއްޖޭގެ ތަރައްޤީގެ ވަރަށް ބޮޑު ޙިއްޞާދާރެކޭ. މިރާއްޖެ މިގޮތަށް މިއޮތީ، އެބޭފުޅުން އެދުވަހު ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންނޭ. އަޅުގަނޑުމެން ދުށީ، މިރާއްޖޭގައި އެއްވެސް ބަޔަކަށް ޕެންޝަނެއް ޙައްޤުވާނަމަ އެންމެ ބޮޑަށް ޕެންޝަން ޙައްޤު އެއްބަޔަކީ ޢުމުރުން 65 އަހަރުގެ މީހުނޭ. އެހެންވެގެން ސަރުކާރުން އެފައިސާ، އެ ޢިނާޔަތް ރާއްޖޭގެ ރައްޔިތުންނަށް ދޭން ފެށީ. އަޅުގަނޑުމެންނަށް އޭރުގައިވެސް އެނގޭ، އަދި މިހާރު އަޅުގަނޑުމެންނަށް ޔަޤީން، އެފައިސާ އެބޭފުޅުންނަށް ދެވުނީމާ، އޭގެ ލުއިފަސޭހަވެގެންދަނީ ހަމައެކަނި އެފައިސާ ލިބޭ މީހުންނަކަށް އެކަންޏެއް ނޫން. ޚާއްޞަ ގޮތެއްގައި ދަރިންނަށް އަދި ކާފަ ދަރިންނަށް. އަދި ހަމައެހެންމެ ރަށްތަކުގެ އިޤްތިޞާދަށް. އެހެންވީމާ، މުޅި ރާއްޖެއަށް.

ރާއްޖޭގެ ރަށްތަކަށް ހަމަހަމަ ގޮތެއްގައި މިރާއްޖޭގެ މުއްސަނދިކަން، އަޅުގަނޑުމެން ރާއްޖެއަށް ލިބޭ ފައިސާ ބެހޭނޭ މާގިނަ އިންތިޒާމުތަކެއް ނެތް. އެހެންވީމާ، އަދި ޚާއްޞަކޮށް މި ދެންނެވި ޢިނާޔަތް އަޅުގަނޑަށް ފެނުނު ގޮތުގައި 2009ވަނަ އަހަރުގައި ޙަޤީޤަތުގައި ވެގެންދިޔައީ މިރާއްޖެ ސަލާމަތް ކުރި ކަމަކަށް. މަސްވެރިކަން ދަށްވެ، އަދި ޓޫރިސްޓުން އައުންވެސް މަދުވެ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ޢާންމު ޙާލަތު، ކިތަންމެ ތަނަކުން ދަށްވެގެން ދިޔަ ދެއަހަރު އަޅުގަނޑުމެން މިކުރިމަތިލީ. އަޅުގަނޑުމެންނަށް އެ ދެއަހަރު ނިމުނުއިރުގައި، ކޮއްޅަށް ތެދުވެ، ހިންދަމާލެވި، އަޅުގަނޑުމެންނަށް އިތުބާރާއެކީގައި ކުރިއަށް އޮތް ތިން އަހަރު އެކަންޏެއް ނޫނޭ އަދި އޭގެ ކުރިއަށް އޮތް ފަސް އަހަރުވެސް މިން އެޅުމުގެ ފަހި ފުރުސަތު އޮތް ކަން އަޅުގަނޑުމެންނަށް މިހާރު ޔަޤީންވެ ހިނގައްޖެއޭ. އަޅުގަނޑުމެން އެއްވެސް އިރެއްގައި ވެރިކަމަށް އަންނަނީކީ ނުވަތަ ވެރިކަމުގައި ތިބެނީކީ ވެރިކަމުގެ އުފަލާއި އަރާމާއި ލައްޒަތަށްޓަކާއެއް ނޫން. އަޅުގަނޑުމެން ވެރިކަން ހޯދީކީ ވެރިކަމަށްޓަކައެއްވެސް ނޫން. އަޅުގަނޑުމެން ވެރިކަން ހޯދީ، އަޅުގަނޑުމެން ވެރިކަން ކުރަމުން މިގެންދަނީ ރާއްޖޭގެ ތަރައްޤީއަށްޓަކައި. އަޅުގަނޑުމެންގެ ދަރީންނާއި އަޅުގަނޑުމެންގެ ދަރީންގެ ދަރީންގެ ތަރައްޤީއަށްޓަކައި. އެމީހުންގެ ޢާންމު ޙާލަތު ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދަން. އެގޮތްތަކަށް، އެމަގުތަކަށް ރާއްޖޭގެ އެންމެ ކަންކަން ހިންގުމަށްޓަކައި.

އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ވަރަށްގިނަ ކަންކަން ވަނީ ނުކުރެވިފައިކަން. މި ޅޮހީގައިވެސް ނުކުރެވި ހުރި ކަންކަން ކިތަންމެ ބައިވަރު. ކުރާން ހުރި ކަންކަމުގެ އަދަދެއްވެސް ކޮޅެއްވެސް ޙަޤީޤަތުގައި ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް ދިމާވާ ދައްޗަކީ، ވެރިކަމުގައި ތިބޭއިރު ދިމާވާ އެންމެބޮޑު ދަތި. ރައްޔިތަކު އެދޭކަމާ، ރައްޔިތުންގެ ބޭނުންތަކާ އަދި އެކަންކަން ނުވީމާ އޭގެ ދަތިތަކާ، މިހުރިހާ އެއްޗެއްމެ އެނގިތިބެ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން ހިތްއެދޭ މިންވަރަށް ތިޔަބޭފުޅުންނާ އަޅާލަމުން ނުގެންދެވޭކަން. އެހެންނަމަވެސް، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ހަމަ ސީދާ މިރަށުގެ ތަރައްޤީއަށް ކުރެވިފައި ހުރި ކަންކަން ވަރަށްގިނަވާނެ. އަޅުގަނޑު ކޮންމެހެނެއް އެވާހަކަތައް ދައްކާކަށެއް ނޫން. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން އަޅުގަނޑުމެން މިތިބީ ކުރިއަށް އޮތް ތަނުގައި ތިޔަބޭފުޅުންގެ ވަކިވަކި ކަންކަން ހޯދައިގެން، އެކަންކަން ކުރެވޭނެ މަގުތައް ފަހިކޮށްދިނުމަށް ތައްޔާރަށް.

އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން އެންމެންގެ ސަލާމަތް، އަޅުގަނޑުމެން އެންމެންގެ ރައްކާތެރިކަމާއި، މިރާއްޖޭގެ ތަރައްޤީ ގުޅިފައިއޮތީ ތިޔަބޭފުޅުންގެ މަސައްކަތަށް. ތިޔަބޭފުޅުން މިރަށްރަށުގައި އުފައްދާ އުފެއްދުންތަކުގެ ވިޔަފާރި ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް އާމްދަނީއެއް ހޯދޭކަށެއް ނެތް. މި ރާއްޖެއަކަށް އާމްދަނީއެއް ލިބޭކަށެއް ނެތް. ޓުއަރިޒަމަށްވިޔަސް، މަސްވެރިކަމަށްވިޔަސް، ދަނޑުވެރިކަމަށްވިޔަސް، އަދި އެހެންވެސް އުފެއްދުންތެރި ކަމަކަށްވިޔަސް، މިކަންކަން ކުރުމަށް ހަމަ ޙަޤީޤަތުގައި ތިބި ބަޔަކީ ތިޔަބޭފުޅުން. ރާއްޖޭގެ ރައްޔިތުން.

ޤައުމެއް ތަރައްޤީވެ ދިޔުމަށް އެންމެ މުހިންމު ގޮތުގައި ބޭނުންވާ އެއްކަމަކީ، ފިސާރި ހީވާގި، ޒުވާން، ކެރޭ، ހުނަރުވެރި، ޤާބިލު ރައްޔިތަކު ފައްކާވެފައި އޮތުން. އަޅުގަނޑަށް ހަމަ ޔަޤީން، އަޅުގަނޑަށް މިރަށުން މިޅޮހިން މިފެންނަނީ އެރައްޔިތުންކަން. އަޅުގަނޑަށް ހަމަ ޔަޤީން، އަޅުގަނޑަށް މިފެންނަ މިރަށުގެ ޒުވާން ޖީލު، މަދަރުސާގައި ތިބި ކުދިންނާއެކީގައި އަޅުގަނޑުމެންނަށް މިއެދޭ ބަދަލު މިރާއްޖެއަށް ގެނެވޭނެ. ޚާއްޞަ ގޮތެއްގައި މި ޅޮއްސަށް އެކަން ކުރެވޭނެކަމީ، އަޅުގަނޑުގެ ހިތުގައި މިހާރު އެއްވެސް ޝައްކެއް އުފެދޭ ކަމެއް ނޫން.

އަޅުގަނޑު މިތާ ހުރެ އަޅުގަނޑުމެން އެވެނިކަމެއް މިވެނިކަމެއް މާދަމާ ތިޔަބޭފުޅުންނަށް ކޮށްދޭނެ ކަމަށް، އެކަން ކުރަން އޮތް ގޮތްކަމަށް، ކޮންމެހެން ދަންނަވާކަށް ނެތިން. އެހެންނަމަވެސް، ޖުމްލަކޮށް އަޅުގަނޑު ދަންނަވަން ބޭނުން، އަޅުގަނޑުމެން މިތިބީ ހުރިހާ ކަމެއްވެސް ކޮށްދޭން. ހަމަގައިމުވެސް އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑަށާއި އަދި މި ރާއްޖެއަށް ވީ މިންވަރަކަށް މިކަމުގައި އަތުކުރި އޮޅާލައި އުޅެން. އަޅުގަނޑެއް އެންމެ ދުވަހަކުވެސް ސާދަ، ފަނަރަ ގަޑިއިރު މަސައްކަތް ނުކޮށް ހުއްޓައެއް ނުލާނަން. އަޅުގަނޑެއް ތިޔަބޭފުޅުންގެ ބޭނުންތައް ނުހޯދޭނެ ގޮތަކަށް ތިޔަބޭފުޅުންނާ ދުރުގައި ތަޅުލެވިއެއް ނީންނާނަން. ތިޔަބޭފުޅުންގެ ތެރޭގައި، ތިޔަބޭފުޅުންގެ ކިބައިން، ތިޔަބޭފުޅުންނަށްޓަކައި ކުރެވޭ ތިޔަބޭފުޅުންގެ ވެރިކަމެއް ނޫނީ ކުރާކަށް ހަމަގައިމުވެސް އަޅުގަނޑު ނޭދެން.

އަޅުގަނޑުމެންނަށް ކުރިމަތީގައި މިވަނީ ވަރަށް މުހިންމު މަރްޙަލާއެއް. އަޅުގަނޑުމެން ޙަޤީޤަތުގައި އެދުނީ، އަޅުގަނޑު އަބަދުވެސް ދަންނަވަމުން ގެންދިޔައިން، އަޅުގަނޑު އަދި މިދިޔަ ކޮންގްރެސްގައި ވަކިން ފާހަގަކޮށްދިނިން، އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނަށް ހުރިހާ އެއްޗަކީ ރިޔާސަތެއް ނޫނޭ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކެއްވެސް ނޫނޭ. ރަށްވެހި ތަރައްޤީއަށް އެންމެ މުހިންމު އެއްޗަކީ ރަށު ކައުންސިލޭ. އަތޮޅު ކައުންސިލޭ. ތިޔަބޭފުޅުންގެ ރަށުގެ ވެރިކަން ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުން ނިންމާ ބަޔަކަށް، އަޅުގަނޑު ނިންމާ ބަޔަކަށްވެސް ނޫން، އަދި އަޅުގަނޑަށް ކުރުނީސް ކުރަންޖެހޭ ގޮތަށް އަޅުގަނޑު ނިންމާ ބައެއްވެސް ނޫން. ތިޔަބޭފުޅުންނަށްޓަކައި ތިޔަބޭފުޅުން ބޭނުންވެގެން، ތިޔަބޭފުޅުން ވޯޓު ދެއްވައިގެން ތިޔަބޭފުޅުން އިންތިޚާބުކުރާ ވެރިން މިރަށްރަށުގައި، މިއަތޮޅުތަކުގައި، މިރާއްޖޭގައި ތިބެގެން މެނުވީ، އަޅުގަނޑުމެން މިދެކޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. ނަރުދަމާއެއް އެޅިދާނެ. އަޅާފައި ހަލާކު ކޮށްލެވިދާނެ. ބަނދަރެއް ހެދިދާނެ. ހަދާފައި ވެއްޓެންދެން ތިބެވިދާނެ. އަދި އެހެންގޮސް ކޮންކްރީޓުން ހަދާ ކިތަންމެ އެއްޗެއް އަޅުގަނޑުމެންނަށް ހެދިދާނެ. އެއަކުންނެއް ތަރައްޤީއެއް ނުނުކުންނާނެ.

އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެން ބޭނުމިއްޔާ ތިޔަބޭފުޅުން، އެންމެ ބޭފުޅުން ހަމަ އެބަޖެހޭ، ތިޔަބޭފުޅުންގެ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލައަށް ބުނުއްވާން، ތިމަންނާއަކީ އަމިއްލަ މީހެކޭ. ތިމަންނާއަކީ ތިމަންނާ އަމިއްލަ މަސައްކަތުން ރެޔާއި ދުވާލު މަސައްކަތް ކޮށްގެން ހޯދާ ޙަލާލު ތަކެތިން ކައިބޮއެގެން އުޅޭ، އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި މީހެކޭ. އެހެން އަޅުގަނޑުމެންގެ ގިނަމީހުންނަށް ބުނެވުނު މިންވަރަކަށް އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީވަމުންދާ ދުވެލި، ވަރު އަވަސްވާނެ. އަޅުގަނޑުމެންގެ ދަރިންނަށް ތަޢްލީމު ހޯދައިދިނުމާއި، އަޅުގަނޑުމެންނަށް ފުރިހަމަ ގޮތުގައި ބޭސް ފަރުވާ ލިބުމާއި، އަޅުގަނޑުމެންނަށް މުނިފޫހިފިލުވި އަދި ދުނިޔެއާއި ދީނާ އަޅުގަނޑުމެންގެ ވިސްނުން ހިންގާ، އަޅުގަނޑުމެން ރިވެތި ގޮތުގައި ދިރިއުޅެވޭނެ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އަޅުގަނޑުމެންނަކަށް މާގިނަ ދުވަހެއް ނަގާލާކަށެއް ނެތް. ކޮންމެ ދުވަހަކީވެސް، ކޮންމެ ހިނދުކޮޅަކީވެސް، އެކަން ނިމުމަށްފަހު ދެން އަނބުރާ ލިބޭނެ އެއްޗެއް ނޫން. ވަގުތަކީ ފާއިތުވާ އެއްޗެއް. ނިމޭ އެއްޗެއް، ފަހަށްދާ އެއްޗެއް. އަނބުރާ އަންނަ އެއްޗެއް ނޫން. އަނބުރާ ލިބޭ އެއްޗެތި އަޅުގަނޑުމެންނަށް ދޫކޮށްލެވޭނީ. އަނބުރާ ލިބެން ނެތް އެއްޗެއްގައި އަޅުގަނޑުމެން ޖެހޭނީ ހިފަހައްޓަން. އެއާއެކީގައި އަޅުގަނޑުމެން ޖެހޭނީ އުޅެން.

އަޅުގަނޑަށް ހަމަ ވަރަށް ޔަޤީން، ތިޔަބޭފުޅުންގެ އަމާޒު ބަހައްޓަވާފައި ތިޔަވަނީ އެމަގަށް. ތިޔަބޭފުޅުން މަސައްކަތް ކުރައްވަމުން ތިޔަގެންދަވަނީ، ތިޔަބޭފުޅުންނާއި ޅޮއްސާއި މިއަތޮޅާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި. ތިޔަބޭފުޅުން އަބަދުވެސް އެދެނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ ވާހަކަ. ރާއްޖޭގެ ހެވާއި ލާބަޔަށް ކުރަންޖެހޭ ކަންކަމުގެ ވާހަކަ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިދަނީ އެކަންކަން ކުރަމުން.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި ހަމަ އެންމެ ވާހަކައެއް ދަންނަވާލަން ބޭނުން. ހިތާހިތާ ތިޔަބޭފުޅުންނަށް މިއަދު ސުވާލު ކުރެވިދާނެ. އޭރާއި މިހާރާ ހުރި ވަކި ތަފާތަކީ ކޮބައިހޭ؟ ތިމަންގެ ދެދަރިން، ތިމަންގެ ތިންދަރިން، ހަމަ އަދިވެސް އެތިބީ އެތިބި ގޮތަށޭ. ތިމަންނާގެ ގެ، ހަމަ އަދިވެސް މިއޮތީ މީގެ ދެއަހަރު ކުރީގައިވެސް ހަމަ އޮތްގޮތަށޭ. ތިމަންނާ، ކުރާ ކަމަކަށް ތިމަންނާގެ އަމިއްލަ ޙަޔާތަށް އައި އެއްވެސް ބަދަލެއް ހަމަ ނެތޭ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އެހާރާއި މިހާރާއި އިއްޔެއާ މިއަދު، މިދިޔަ ދެއަހަރު ވަރަށްބޮޑު ބަދަލެއް އައިސްފިއޭ. އެއީ، ތިޔަބޭފުޅުން އަމިއްލައަށް އެސުވާލު ކުރުމުގެ ފުރުސަތު ތިޔަބޭފުޅުންނަށް މިފަހަރު ލިބިއްޖެޔޭ. ކޮންކަމެއް ހެއްޔޭ ވީ؟ އެހެން އެހިއްޖެޔޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި އެ ސުވާލު އުފައްދާނެ ޖާގަނެތްހާ ހިނދަކު އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އެހެންވެގެން އަޅުގަނޑުގެ އެންމެބޮޑު މަޝްރޫޢަކީ ފެނެއްވެސް ނޫން، ނަރުދަމާއެއްވެސް ނޫން، ކަރަންޓެއްވެސް ނޫން، މަދަރުސާއެއްވެސް ނޫން، އެއްގަމު ތޮއްޓެއްވެސް ނޫން، ބޭރު ތޮއްޓެއްވެސް ނޫން، އަޅުގަނޑުމެންގެ އެންމެބޮޑު މަޝްރޫޢަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، މިނިވަންކަން ދެމެހެއްޓުމާއި ހިފެހެއްޓުން. ތިޔަބޭފުޅުންގެ ޚިޔާލެއްގެ ސަބަބުން، ތިޔަބޭފުޅުން ބުނުއްވާ އެއްޗެއްގެ ސަބަބުން ގެންގޮސް ހިފާ ހައްޔަރުކޮށް ބޮޑެތި އަނިޔާދީ، ތިޔަބޭފުޅުންގެ އަމިއްލަ ފިކުރު ނެރުމަށް ބިރުގަންނަ ހާލަތު މެދުވެރިވީމާ ދެނެއް ނުހޯދޭނެ އެއްވެސް އެއްޗެއް. އޭރުން ގެއްލޭނީ ތަރައްޤީ އެކަންޏެއް ނޫން، އަނބިދަރިންވެސްމެ.

އަޅުގަނޑުމެންނަށް އަޅުގަނޑުމެން ހޯދިފައިހުރި ތަކެއްޗާއި ކަންކަން ދެމެހެއްޓުމުގެ ހެޔޮ ނަޞީބު، އިރާދަކުރެއްވިއްޔާ މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވާނެ. އަދި ތަރައްޤީއަށް އަޅުގަނޑުމެންނަށް ކުރަންޖެހޭ އަދި ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމުގެ ޤާބިލިއްޔަތާއި ހެޔޮ ނަޞީބުވެސް އިރާދަކުރެއްވިއްޔާ މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ.

_______________________