بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން، މި ޕްރޮވިންސްގެ ނައިބުން. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން. އަދި މިރަށުގެ ކައުންސިލަރާއި، ކަތީބާއި، ރަށުގެ ވެރިންނާއި އަދި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑަށްވެސް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑަކީ ޠަބީޢީ ގޮތުންވެސް މިރަށްރަށަށް ވަރަށް އަންނަހިތްވާ މީހެއް. އަޅުގަނޑުގެ މަސައްކަތް ބިނާވެފައި އޮންނަގޮތުން އަޅުގަނޑު ބޭނުންވާ މިންވަރާ ގާތަށްވެސް އަޅުގަނޑަކަށް ތިޔަބޭފުޅުން ގާތަކަށް ނާދެވޭ. އެހެންނަމަވެސް، އަޅުގަނޑު ކޮންމެ މަހަކުވެސް ބަލަން، މަދުވެގެން އެއްފަހަރު ރަށުން ބޭރަށް، ރާއްޖޭގެ އަތޮޅުތަކަށް ދަތުރަށްއެރޭތޯ. ޖުމްލަ ގޮތެއްގައި، މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންނަށް އެ އަމާޒު އެބަ ހިފެހެއްޓޭ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް، އަޅުގަނޑުމެން އެކަން އެގޮތަށް ކުރަމުން ގެންދާނަން.

އާދެ! ކައުންސިލަރ އެ ވިދާޅުވީ ތެދެއް. ތިޔަބޭފުޅުންގެ ރަށްކުރިއަރުވާ ކޮމިޓީއާ އަޅުގަނޑާ ބައްދަލުވި ޅޮހީން. އަދި ވިދާޅުވި، މިރަށުގެ އެއްގަމުތޮށީގެ ވާހަކަ. އަޅުގަނޑު އެ އެއްގަމުތޮށި ތިޔަބޭފުޅުންނަށް ހަދައިދިނުމަށް އިރާދަކުރެއްވިއްޔާ، މިފަހަރުގެ ބަޖެޓްގައި އަޅުގަނޑުމެންނަށްވަނީ ހިމެނިފައި. އެހެން ނަމަވެސް، އަޅުގަނޑު މިއައީ އަޅުގަނޑުގެ ލޮލުން މިތަން ބަލައިލަންވެގެން. އަޅުގަނޑުމެންނަށް ފައިސާ ހޯދައިގެން، ތިޔަބޭފުޅުންގެ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ޚަރަދުކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއް. އެކަމަށްޓަކައި ސަރުކާރެއް ދެމިއޮންނަނީ. އެކަމަށްޓަކައި އަޅުގަނޑުމެންގެ ވެރިކަމެއް ހިންގަނީ، ރައްޔިތުންގެ ބޭނުންތައް ވީމިންވަރަކުން ފުއްދައިދެވޭތޯ ބެލުމަށް.

ބައެއްފަހަރު އަޅުގަނޑަކަށެއް އެހާ އުފާވެރި ވާހަކައެއް ނުދެންނެވޭ. ބައެއް ރަށްރަށުގެ ރައްޔިތުން އެހެންވީމާ، އަޅުގަނޑާ އެހިނދުކޮޅަށް އެހާ ހިތްހަމައެއްނުޖެހޭ. އެހެންނަމަވެސް، އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ، ކޮންމެއިރެއްގައިވެސް ހަމައެކަނި އަޅުގަނޑުމެންނަށް ވާންއޮތް ކަމެއްގެ ވާހަކަ، ވާންއޮތް މިންވަރަކަށް، ވާންއޮތްއިރެއްގައި ކޮށްދެވޭނެ ވާހަކަ ދެންނެވުން. އިންތިޚާބެއް ކައިރިވަނީކަމަށް ދެކިގެން، ތިޔަބޭފުޅުންނަށް އޮޅުވާލުމަށް، ކުރެވެން ނެތް ކަމެއް ކުރާނެ ކަމަށް އަޅުގަނޑުމެން ބުނުން އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި ބުއްދިވެރި ގޮތެއް ނޫން.

އަޅުގަނޑަށް ފެންނަ ގޮތުގައި، ރަށެއްގެ ތަރައްޤީއަށް އަދި ޚާއްޞަކޮށް، ޤައުމެއްގެ ތަރައްޤީއަށްވެސް ރައްޔިތުންގެ ވިސްނުމަށް އޮޅުންއަރާ ބާވަތުގެ ކަންކަން ކުރަމުންދާ ކަމަށްވަނީވިއްޔާ، ރައްޔިތަކަށް ވަރަށް އުނދަގޫވާނެ، ތަރައްޤީގެ މަގު ޚިޔާރު ކުރަން. މުޅި ރައްޔިތު އެކީގައި ތަރައްޤީއަށް ބޯނުލެނބޭހާ ހިނދަކު ނުވަތަ ތަރައްޤީއަށް ނޭދޭހާ ހިނދަކު، އެ ޤައުމެއް ތަރައްޤީވެއެއްވެސް ނުދާނެ. ތިޔަބޭފުޅުންގެ ކިބައިން މިފެންނަނީ، ވަރަށްވެސް އުފާވެރި މަންޒަރުތަކެއް. ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީއަށްޓަކައި ތިޔަ އުޅުއްވާ މިންވަރަކީ، ހަމަ ކޮންމެ މީހަކުވެސް އެކަމާ ޙައިރާންކުރުވާނެ މިންވަރެއް. ތިޔަ އެދެނީކީއެއް އެއްވެސް ޙާލެއްގައި، ތިޔައިން އެއްވެސް ބޭފުޅެއްގެ ޖީބަށް ވަކި އެއްޗެއް އިތުރުކުރުމަށް އެދޭ ކަންތައްތަކަށެއް ނޫން. ތިޔަ އެދިލައްވަނީކީއެއް، ތިމަންނާއަށް މިވެނި ކަމެއް ކޮށްދެއްވުމަކަށެއްވެސް ނޫން. ހަމަ ރަށަށް އެވެނި ކަމެއް، މިވެނިކަމެއްވުމޭ ތިޔަބޭފުޅުން އެދިލައްވަނީ.

އެހެންވީމާ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް އެއީ. އަޅުގަނޑުމެން ސަރުކާރު ހިންގަމުން ގެންދާއިރުގައި، ރައްޔިތަކާ ބައިވެރިވެގެން، ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވޭނެގޮތެއް ހޯދުން. ސަރުކާރުން މިއަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ބަނދަރުގެ އިތުރުން އަދި އަޅުގަނޑުމެން ފިކުރުކޮށް މިތިބީ، މި ޗަކަ ބިމާއި އަދި ފެންބޮޑުވާ ސަރަޙައްދުގެ، އެކަމަށްވެސް ކޮންމެވެސްވަރެއްގެ ޙައްލެއް ހޯދައިދިނުމަށް. އަޅުގަނޑު މިތަނަށް އައިފަހުން ވަރަށް ރަނގަޅު ވާހަކަ ދައްކަނިކޮށް އަޅުގަނޑު އަޑުއަހައިފިން. އެއީ މަދްރަސާ، އެއްދަންފަޅިއަށް ހެދުމަށްޓަކައި އޮފީހުގެ ޢިމާރާތް، މަދްރަސާއަށް އިތުރުކުރުމުގެ ވާހަކަ. އެއީ، އޮފީހެއް ނެތިވެސް ކުރަން ވަރަށް ރަނގަޅު ކަމެއް. ހަމަ އެއްގޮތަކަށް އޮފީހެއް ނެތްނަމަވެސް، ކުރުން ހަމަ ވަރަށް ބުއްދިވެރި ކަމެއް. ދަރިންނަށް ކިޔަވައިދިނުން، ފުރިހަމަ ޞިއްޙަތެއްގައި ތިބުން އަދި ކާންބޮވި، ބޯހިޔާކުރެވި، އަންނައުނު ލިބި، އުފާފާގަތިކަމާއެކީގައި ދިރިއުޅެވޭނޭ، އަމިއްލަ ޙާލަތުގައި ދިރިއުޅެވޭނޭ މަސައްކަތެއް ކުރުން. އެއީ ތަރައްޤީގެ އަމާޒުތަކަކީ. ވަރަށް އާދައިގެ ކަމެއް. އަޅުގަނޑުމެން ބޭނުންވާ މިންވަރަށް، އަޅުގަނޑުމެންނަށް ފައިސާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުން. އެ މަސައްކަތަށް ވިސްނުން. އެ މަސައްކަތަށް ބުއްދި ހިންގުން. އެއީ، ތަރައްޤީގެ ރޭވުމަކީ.

ރަށުރަށުގައި އަޅުގަނޑުމެންނަށް މިކަން ކުރަމުން އަންނައިރުގައި، ޤަބޫލު ކުރައްވާ، މިފަހަރުގެ ބަޖެޓް ވަރަށް ތަފާތުވާނެ. ވަރަށްގިނަ މަސައްކަތްތަކެއް މާލޭގައި ހިންގެން އަންނާނީ، ތިޔަބޭފުޅުންގެ ރުހުމާއި އަދި އެމަސައްކަތްތަކަށް ތިޔަބޭފުޅުން ދޫކުރާ ގޮތަށް ކަނޑައަޅާފައި ހުރި ފައިސާ ދޫކުރަން އެއްބަސްވެލެއްވީމާ. އެއީ، މިރަށާ ގުޅޭގޮތުން ހިންގަންހުރި ކަންތައްތަކުގެ ތެރޭގައި، މިރަށުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައި ހުރި މިންވަރަށް އަދި ހަމަ މާލޭގައިވެސް ފައިސާ ހިމަނާފައިވާނެ. އަދި ޕްރޮވިންސް އޮފީހުގައިވެސް ފައިސާ ހިމަނާފައިވާނެ. އެހެންވީމާ، ކަމެއް ކުރިއަށް ގެންދެވޭނީ، މި ތިން ބައި އެކީގައި ގުޅިގެން.

ދެން އަޅުގަނޑު ވަރަށް ބޮޑަށް ބަލަމުން، އަޅުގަނޑުމެން އައީ، ޕްރޮވިންސް އޮފީހާ ހިސާބުން ކަންތައްތައް ކުރެވޭ، ނިންމޭނެ އުޞޫލަކަށް އަޅުގަނޑުމެންނަށް ދެވޭތޯ. އެހެންނަމަވެސް، އަދި ރާއްޖޭގެ ސިޔާސީ މަސްރަޙާއި ޙާލަތު ހުރިގޮތުން، ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންނަށް ވަނީ އެގޮތަށް ހިންގުމުގެ ވޯޓް ނުލިބިފައި. އެހެންވީމާ، އަޅުގަނޑުމެން ހިންގަމުން ދެން މިދާނީ، ހަމަ އަތޮޅުއޮފީސްތައް މެދުވެރިކޮށް. އެހެން ނަމަވެސް، އަތޮޅުއޮފީސްތަކަށް ދިވެހި ސަރުކާރާ ބައްދަލުވާނެ ތަނަކީ ޕްރޮވިންސް އޮފީސް. މާލެއެއް ނޫން. ދިވެހި ސަރުކާރާ ބައްދަލުވާނެ ތަނަކީ. ސަރުކާރުގެ ފަރާތުން ކުރާންހުރި ކަމެއް ވެއްޖެއްޔާ ކުރުމަށް އަޅުގަނޑުމެން މި ކަނޑައަޅަނީ، އަޅުގަނޑުމެން އެދެނީ، އެކިއެކި ސަރަޙައްދުތަކުގައި ރައްޔިތުންނާ ގާތުން، އެ ޚިދްމަތްތައް ފޯރުކޮށްދެވޭނެ ގޮތެއް ހޯދުން. އެހެންވީމާ، އަޅުގަނޑު މިދެކެނީ، ތިޔަބޭފުޅުންގެ ތަރައްޤީގެ ވިސްނުމާއި އަދި ތިޔަބޭފުޅުންގެ ކުރިއެރުމަށް ތިހިރަ އެދޭ މިންވަރާ، މިކަންކަމުގެ މައްޗަށް ފަހި ދުވެލި އަޅުގަނޑުމެންނަށް ލިބުނީމާ، ދެން އަޅުގަނޑުމެން މި ދަތުރުކުރާ އަމާން ނިޔާމަ ބަނދަރަށް ދިޔުމަކަށް ހުރަހެއް އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަކަށެއް ނެތް.

އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އަޅުގަނޑުމެންގެ ލޯ ވަރަށް ބޮޑަށް ހުޅުވުމަށް. އަޅުގަނޑު އަބަދުވެސް ދަންނަވަމުން އަންނަ ވާހަކައެއް މިއީ. އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެން މިއެދޭ އެއްވެސް ކަމެއް ނުވާނެއޭ، އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ސިކުނޑި، އަޅުގަނޑުމެންގެ ބުއްދި، އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށާ ހިސާބުގައި ހުއްޓި ހުއްޓަސް. އަޅުގަނޑުމެން އެބަޖެހެއޭ، ރަށު ގޮނޑުދޮށުން، އަތޮޅު ދުނިން، އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންގެ ފިކުރު ގެންދަން. އެ ފިކުރުގައޭ، ލާމެހިފައިވާ ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަށް ހޯދުނީމައޭ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ. ރާއްޖޭގެ އެއްރަށެއްގައި ކުރާ ކަންތައްތަކަކީ، އަނެއް ރަށެއްގައި ކޮންމެހެން ކުރާ ކަންތައްތަކެއް ނޫން. އަދި ކުރާކަށް ނުވެސްޖެހޭ. އެރަށެއްގެ ރައްޔިތުން، އެރަށެއްގެ ތަރައްޤީއަށް، އެރަށެއްގެ ރައްޔިތުންގެ ޤާބިލުކަން ލިބިފައި ހުރި ކަމެއް ކުރަމުން ގެންދިޔައީމާ، މުޅި ރާއްޖެ އެއްކޮށްލީމާ، ދެން އަޅުގަނޑުމެންނަށް ލިބޭނީ، އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ. އަޅުގަނޑަށް ހަމަކަށަވަރުންވެސް ޔަޤީން، އަޅުގަނޑުމެން މިދެކޭ މަންޒަރު ޙަޤީޤަތަކަށްވާނެ. މިދިޔަ ދެއަހަރު ތެރޭގައި، އަޅުގަނޑަށް ވަރަށް ބޮޑަށް ސާފުވެއްޖެ. ދިވެހި ވެރިކަން، ދިވެހި ރައްޔިތުންނަށްޓަކައި ހިންގޭންހުރި ކިތަންމެ މަގެއް އަދިވެސް އަޅުގަނޑުމެންނަށް ކޮށެން އެބައޮތްކަން.

މިދިޔަ ގިނަ ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ހިންގުނު އެއްމަސައްކަތަކީ، އަޅުގަނޑުމެން ވަޢުދުވީ ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، ފިރިހެނަކަށްވިޔަސް، އަންހެނަކަށްވިޔަސް، އަޅުގަނޑުމެން ދޭނަމޭ ޕެންޝަނެއްގެ ގޮތުގައި ދެހާސް ރުފިޔާ. މިފައިސާ ސަރުކާރުން މިނަގަނީކީއެއް، ދެނީކީއެއް އާ ފައިސާއެއް ނޫން. އިތުރު ފައިސާއެއްވެސް ނޫން. ކުރީގައި ހުރި ފައިސާ އިޤްތިޞާދު ކޮށްގެން، އެފައިސާ އަޅުގަނޑުމެން މިއަންނަނީ ދޮށީ ޢުމުރުގެ މީހުންނަށްދެމުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، އެފައިސާ ނުވަތަ އެ އެހީތެރިކަން އެ ރައްޔިތުންނަށް ލިބުނީމާ، އޭގެ ލުއި ކިތަންމެ ބަޔަކަށް ލިބޭ. ދަރިންނަށް އެންމެ ފުރަތަމަ. އެމީހާއަށް ދެން. އަދި ހަމަ އެއާއެކީގައި މުޅި ދައުލަތަށް. މުޅި ޤައުމަށް.

އަޅުގަނޑުމެންނަށް ހިންގޭންހުރި ކަންކަން، މިހާރުން މިހާރަށް ހިންގޭންހުރި ކަންކަން އަޅުގަނޑުމެން މިއަންނަނީ ހިންގަމުން. ބައެއް ބޭފުޅުން ވިދާޅުވެދާނެ، ކޮބައިހެއްޔޭ އެހާރާއި މިހާރާ ހުރި ތަފާތަކީ. ކޮބައިހެއްޔޭ، މިހާރު ވަކި އިތުރަށްވީ ކަމަކީ. ހަމަ ތެދުފުޅެއް. އެއީ، ތިޔަބޭފުޅުން އައްސަވަންޖެހޭނެ ސުވާލެއް. އަޅުގަނޑުގެ ޖަވާބަކީ ތިޔަ ސުވާލު ކުރެވޭކަމޭ، އެހާރާއި މިހާރާ ހުރި ތަފާތަކީ. އެ ސުވާލު ނުއުފެދުނު ހިނދެއްގައި، އެ ސުވާލު ނުކުރެވުނުއިރެއްގައި، އެސުވާލުގެ ޙައްލެއްވެސް، ޖަވާބެއްވެސް ހަމަކަށަވަރުން ހޯދުމުގައި ތިޔަ ރައްޔިތުންގެ އެއްވެސް ދައުރެއް ނޯންނާނެ. ވެރިކަމުގެ ފަރާތަށް ފެނިގެން، ވެރިކަމުގެ ފަރާތަށް ކުރަން ހިތުއަޅައިގެން ކުރަން ބޭނުންވާ ކަމެއް އަބަދުވެސް ކުރެވޭނެ، އެބޭނުންވާ ތަނެއްގައި. އެކަމަކު ރައްޔިތަކު ބޭނުންވާއިރެއްގައި، ބޭނުންވާ ތަނެއްގައި، އެ ރައްޔިތަކު ބޭނުންވާ ކަމެއް ކުރުމަށްޓަކައި އަޅުގަނޑު ދެންމެ މިދެންނެވި ސުވާލު ތިޔަބޭފުޅުންނަށް ކުރެވެން އެބަޖެހޭ. އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެންގެ ބޮޑު މަޝްރޫޢަކީ، ޙަޤީޤަތުގައި ފެނާއި ނަރުދަމައެއް ނޫން. ބަނދަރެއްވެސް ނޫން. ދަތުރުފަތުރެއްވެސް ނޫން. ބޯހިޔާވަހިކަމެއްވެސް ނޫން. ބޭސް ސިޓީއަށް ސަލާން ޖެހުމެއްވެސް ނޫން. އަޅުގަނޑުމެންގެ ބޮޑު މަޝްރޫޢަކީ، އެ ސުވާލު ކުރެވޭނޭ ޖާގަ ހޯދުން. އެ ޖާގައިގެ ތެރެއިން ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ. އެ ސުވާލު ނުކުރެވި، އެކަމާ އިންކާރު ނުކުރެވި، އެކަމާ ޖަދަލު ނުކުރެވި ފެންނާނެ، ލިބޭނެ އެއްވެސް ޙައްލެއް ނެތް.

އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ތެރެއިން ކިތަންމެ ބަޔަކު، އަޅުގަނޑު މިހެން ދެންނެވީމާ، ހަމަ މިކަން ގަބޫލުކުރާނެ. އަދި ހަމަ އެހެން ބަޔަކު އަޅުގަނޑު އުންމީދު ކުރަން، ހަމަ ބޯހަރުކަމުގެ ތެރޭގައި ތިއްބަވާނެކަންވެސް. އަދި އެކަމާ ހަމަ ޖަދަލުކޮށް، އެ ޒުވާބުވެސް ހަމަ ކުރައްވާނެ ކަމަށްވެސް. އެކަމަކު އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް ކަށަވަރު، އެ ޒުވާބު މީގެކުރީގައި ތިޔަބޭފުޅުން ކުރެއްވިނަމަ، ތިޔަބޭފުޅުން ތިބޭނީ ބިޑިއަޅާފައި. އަނދަގޮނޑި ޖަހާފައި ކުޑަގޮޅީގައި. ތިޔަބޭފުޅުން އަރުވާލާނީ، އަނބިދަރިންނާ ދުރަށް، ދިގު މުއްދަތަށް. ތިޔަބޭފުޅުންނަށް އެނބުރި ރަށަށް އާދެވޭނޭ، އެތައް އެތައް އާދޭހެއްކޮށް، ކިތަންމެ ކިތަންމެ ސަލާމެއްޖަހާ، ވަރަށްގިނަ ހިތި ތަޖްރިބާތަކާއި، ވަރަށް ބޮޑެތި ހިތާމައަށްފަހު. އަޅުގަނޑުމެން މިގެނެސްދޭ އެންމެ މުހިންމު އެއްޗަކީ މިދެންނެވީ. ތިޔަބޭފުޅުންގެ މިނިވަންކަން. ތިޔަބޭފުޅުންގެ ޚިޔާލު، ތިޔަބޭފުޅުންނަށް ފާޅުކުރެވޭނެ ގޮތެއް ހޯދުން. އަޅުގަނޑަށް ހަމަ އެނބަ އެނގޭ، އެބޭފުޅުން ހިތަށްއަރާކަން، އެއިން ކާން ލިބޭނީ ކޯއްޗެއްހެއްޔޭ؟ މިނިވަންކަމުން، އެއީ ލައިގެންކާ އެއްޗެއް ނޫނޭ. އެއަކުން ބަނޑެއް ނުފުރޭނޭ. އަޅުގަނޑު ހަމަ ދަންނަވަން އޮތް ވާހަކައަކީ، ލައިގެންކާ އެއްޗެއް ހޯދުމަށް، މި ބަޙުޘް، މިޚިޔާލު، މިފިކުރު ނުހިންގާ، ލައިގެންކާ އެއްޗެއް ހޯދުނު އެއްވެސް ރައްޔިތެއް، އިންސާނީ ތަޖްރިބާއަކު ފެންނާކަށެއް ނެތް.

އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، ތިޔަބޭފުޅުންގެ ވެރިކަން، ތިޔަބޭފުޅުންގެ ރަށު ވެރިކަން އަނބުރާ ތިޔަބޭފުޅުންނަށް ހޯއްދެވުން. އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންއައީ، ރަށު ދަރަޖައިގެ ވެރިކަން ހިންގުން، ރަށުގެ ރައްޔިތުންނަށް ދެވޭނެ ގޮތެއް، ބާރާ އެކީގައި ހޯދުން. އެ ފަހުން އަޅުގަނޑުމެންނަށް އެނގިގެން އައީ، އެއީ ލާމަރްކަޒީ ނިޒާމުކަން. ޤާނޫނުއަސާސީގައި އެ ނިޒާމާ ގުޅޭ ބަސްތައް އެއީ އަޅުގަނޑުމެންގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި، އޭރުގެ ކޮޅުމަޑުލު ޢިއްޒަތްތެރި މެންބަރުގެ ބަސްތައް. އެއީ އަޅުގަނޑުމެން ލިޔުނު ބަސްތަކެއް. އެއީ އަޅުގަނޑުމެން ދުށް މަންޒަރެއް. އެއީ އަޅުގަނޑުމެން ބޭނުންވެގެން އުޅޭ ކަމެއް. އަޅުގަނޑަށް ވަރަށް އުނދަގޫ، ވެރިކަން ކުރަން، ރައްޔިތުންގެ ބަސް ހޯދޭނެ ގޮތެއް، އެކުރާ ވެރިކަމުގައި ނެތިސް. އަޅުގަނޑު މިދަންނަވަނީ، ތިޔަބޭފުޅުންނާ ތަރައްޤީގެ މިންވަރުވެސް މިހާރުގެ ކައުންސިލަރ، ޒައްރެއްގެ މިންވަރުވެސް ދުރު ވާހަކައެއް ނޫން. އަޅުގަނޑަށް ޔަޤީން، އެބޭފުޅާއާ ތިޔަބޭފުޅުންގެ ޚިޔާލު، ތިޔަބޭފުޅުންގެ ވިންދު، ތިޔަބޭފުޅުންގެ އިޙްސާސްތައް، ކައުންސިލަރަށް ވަރަށް ރަނގަޅަށް އެނގިލައްވާ. އެހެންވެ، އަޅުގަނޑުމެން އެދެނީ، އެބޭފުޅާ އަދިވެސް ތިޔަބޭފުޅުންގެ ޚިދްމަތުގައި އުޅުއްވަން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް އެކަން ރަނގަޅަށް ވިސްނިލައްވާނެކަން. އަޅުގަނޑުމެންގެ ހަމަ އެންމެ މަސައްކަތުގައި، ފެށުނީއްސުރެ ފަށައިގެން، މިއަތޮޅުގެ ތަރައްޤީގައި، ހަމަގައިމުވެސް އަޅުގަނޑާ އެކީގައި، އަޅުގަނޑުގެ ކަނާތްފަރާތުގައި އަބަދުވެސް ހުންނެވި ބޭފުޅަކީ ފަހީމް. ތިޔަބޭފުޅުންނަށް އެކަން އަޅުގަނޑަށް ޔަޤީން، ހަމަ ބުއްދި ހުރިއްޔާ، ލޮލަށް ފެންނަންޏާ ފާހަގަވާނެ. އެއީކީއެއް އަޅުގަނޑު އިތުރަށް ޙަޤީޤަތުގައި ދައްކާން ބޭނުން ވާހަކައެއްވެސް ނޫން. އަޅުގަނޑު މިދަންނަވަނީތާ، މިރަށުގެ އެއްގަމު ތޮށި ސަރުކާރުން ހަދައިދޭނެއޭ. އަޅުގަނޑު މިދަންނަވަނީތާ، އަޅުގަނޑުމެން ނިންމައިފީމޭ، މިރަށުގެ އެވެނި މިވެނި މިވެނި މިވެނި ކަމެއް ކުރަން. ޙަޤީޤަތުގައި، އެކަންކަމަށް ބާރުއަޅާ އަޅުގަނޑުގެ ގާތުގައި، ކައުންސިލަރުވެސް ބާރުއަޅުއްވާ. ފަހީމްވެސް ބާރުއަޅުއްވާ. ޢީސަވެސް ބާރުއަޅުއްވާ. އެހެންވީމާ، އަޅުގަނޑުމެންނަށް މަޑުމަޑުން ނަމަވެސް އެބަލިބޭ އިންތިޒާމެއް، ނިޒާމެއް. ތިޔަބޭފުޅުންގެ ބަސް ވެރިކަމާ ހަމައަށް ގެނެވޭނެ ގޮތެއް. އެހެންވީމާ، އަޅުގަނޑުމެން އަދިވެސް ފުރިހަމަކުރެވޭތޯ މިބަލަނީ އެ ނިޒާމު. ދެން އަޅުގަނޑަކީ އެހެން ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރެއް. އެހެންވީމާ، އަޅުގަނޑު އެދޭނީ ވަކިގޮތަކަށް. އެވާހަކައެއް ނޫން އަޅުގަނޑު މިދަންނަވަނީ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިއިންތިޚާބުގައި ސީދާ ތިޔަބޭފުޅުންނަށް ތަރައްޤީގެ މަގު ފަހިވާނެ ގޮތަށް ތިޔަބޭފުޅުން ވިސްނުމަކީ ވަރަށް ބޭނުންތެރި ކަމެކޭ. އަޅުގަނޑު ދައްކަންހުރި ވަރަށްގިނަ ވާހަކަ އެބަހުރި. އަޅުގަނޑަށް ރައްޔިތުންނާ އެކުގައި މިވަގުތުކޮޅު ލިބޭކަމީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި އަޅުގަނޑު އެދެން ކުޑައިރުކޮޅެއް، ތިޔަބޭފުޅުންގެ ސުވާލެއް އޮތްނަމަ، އެ ސުވާލެއް ތިޔަބޭފުޅުން ހާމަކުރައްވަން. އަޅުގަނޑަށްވީ މިންވަރަކުން އަޅުގަނޑު ޖަވާބު އަރުވާނަން. އަޅުގަނޑު މިހެން ދަންނަވާއިރުގައިވެސް ކުރިއަށް އަޅުގަނޑު ވާހަކައެއް ދަންނަވާލަން ބޭނުން. އަޅުގަނޑަކީ ވަރަށް ސާފު ބަހުން ވާހަކަ ދައްކާ މީހެއް. އަޅުގަނޑުދޭ ޖަވާބެއްގެ ސަބަބުން، ތިޔައިން ބޭފުޅަކު ހިތްނުރުހިފައި ހުންނެވިޔަސް، އެއީ ހިނދުކޮޅަކަށް ހުންނަވަންޖެހޭނީ. އަބަދަކު ހުންނަވައިގެން ނުވާނެ. އެހެން ނަމަވެސް، އަޅުގަނޑު މައިކު ކައިރީ ހުއްޓިގެން ހުންނައިރުވެސް، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް އަރުވާ ޖަވާބުވާނީ ވަރަށް ސާދާކޮށް، ސީދާކޮށް. އަޅުގަނޑެއް އޮޅުވައެއްނުލާނަން. މާދަމާ އިންތިޚާބު އޮވެގެން، އެއިންތިޚާބު ކާމިޔާބުކުރާކަށް ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އަޅުވާކަށް އަޅުގަނޑެއް މަސައްކަތެއް ނުކުރާނަން، އަޅުގަނޑެއް ނޫޅޭނަން. އެހެން ނަމަވެސް، އަޅުގަނޑަށް ހަމަ އަޅުގަނޑުގެ ބުއްދިއަށް ފެންނަ ގޮތް ނޫން ގޮތަކަށް ދެންނެވުން އެއީ އަޅުގަނޑަށް ކުރަން އެނގޭ ކަމެއް ނޫން.

އާދެ! އެބޭފުޅުން ވިދާޅުވަނީ، އެބޭފުޅުންގެ ވަކީލު ހުރިހާ ވާހަކައެއް ދައްކަމުންނޭ އެދަނީ. އަދި އެބޭފުޅުންގެ ކައުންސިލަރުންނާއި، އެބޭފުޅުންގެ ވެރިން ހުރިހާ ވާހަކައެއް ދައްކަވަމުންނޭ އެގެންދަވަނީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑަށްވެސް ދެން އަނެއްހެން ކުއްލިއަކަށް އެހެން އަޅުގަނޑު ދެންނެވީމާ، މާބޮޑަށް ކުއްލިއަކަށް ޖަވާބެއް، އެހެން ނޫނިއްޔާ ސުވާލެއް ކުރައްވަން އެހެން ދަތިވެސް ވެދާނެ. އަދި އުނދަގޫވެސްވެދާނެ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާއެކީގައި ހުރިހާ ކަމެއްވެސް ކުރަން. އަޅުގަނޑަށް ހަމަކަށަވަރުންވެސް ވަގުތުވީ މިންވަރަކުން އަޅުގަނޑު މިހުރީ ބުރަ މަސައްކަތްވެސް ތިޔަބޭފުޅުންނާއެކީގައި ކުރަން، ތިޔަބޭފުޅުންގެ ތަރައްޤީއަށްޓަކައި. އަޅުގަނޑު މިއަދު އިރާދަކުރައްވައިގެން، މިހުރެވޭ މަގާމުން އެކަން އަޅުގަނޑުމެންނަށް ކުރެވެން އެބައޮތް. އެހެންވީމާ، ހިނގާ އަޅުގަނޑުމެން މިމަސައްކަތާއިގެން ހަމަ ތިޔަ ކުރިއަށް ވަޑައިގަންނަވާ ގޮތަށް، މިމަސައްކަތުގައި އަޅުގަނޑުމެން ދުވަސް ހޭދަކުރީމާ، ވަގުތު ދިނީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނެ.

والسّـلام عليـكم. ވަރަށް ބޮޑަށް ޝުކުރިއްޔާ!

_______________________