بســم اللّـه الرّحمـن الرّحيــم

ހެނބަދޫގެ ކައުންސިލަރ. މި ޕްރޮވިންސްގެ ޕްރޮވިންސް އޮފީހުގެ ނައިބުން. މިރަށުގެ އެންމެހާ އިސްވެރިން. އަދި މިރަށުގެ، ހެނބަދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، އެނގިވަޑައިގަންނަވާނެ، ޚާއްޞަ ވާހަކަތަކެއް، ވަރަށް ސާފުކޮށް އަޅުގަނޑުމެން ދައްކަމުން ގެންދިޔައިން. އޭގެތެރެއިން އެއްވާހަކައަކީ، ތިޔަބޭފުޅުން ހަނދުމައިގައި ހުންނާނެ، އެއްވާހަކައަކީ މިއީ ޖަޒީރާ ޤައުމެކޭ. މިއީ ކުދިކުދި ރަށްތަކާއި، ބޮޑެތި ރަށްތަކާއި، ކުދިކުދި އާބާދީއާއި، ބޮޑެތި އާބާދީ އެކުލެވޭ ޖަޒީރާ ޤައުމެކޭ. މި ރާއްޖޭގެ ރާއްޖެކަން އަދި ހަމައެހެންވީމާ، އެއާއެކުގައި ދިވެހިވަންތަކަން ގުޅިފައި އޮތް އެންމެބޮޑު އެއް އަޞްލަކީ، ކުދި ރަށްރަށުގަޔާއި އަދި އެކަހެރިންފުށި ތަންތަނުގައި ވަރަށްގިނަ ޢަދަދެއްގެ މީހުން ދިރިއުޅެމުންދާކަމޭ.

މިއަދުވެސް އަޅުގަނޑުމެންގެ އާބާދީގެ ވަރަށްބޮޑުބަޔަކީ ކުދިރަށްރަށުގައި ވަޒަންވެރިވެ ދިރިއުޅެމުން އަންނަ މީހުން. ތެދުފުޅެއް، ބޮޑެތި ރަށްރަށުގައި އާބާދީވެ، މަރްކަޒީވަމުން އެބަދޭ. އެހެންނަމަވެސް، ޒަމާނުން މިއަދާ ހަމައަށް އާދެވުނުއިރުވެސް، ހެނބަދުއާއި އަދި މިބާވަތުގެ މިފަދަ ކުދި ކިތަންމެ ރަށެއްމިވަނީ، ރަށްވެހި ތަރައްޤީގައި ކިތަންމެ ކިތަންމެ ލަނޑުދަނޑިއެއް ޙާޞިލުކޮށްފައި.

ރަށެއްގެ ގޮތުގައި، އާބާދީއެއްގެ ގޮތުގައި ދެމިއޮންނަތާ އަޅުގަނޑަށް ޔަޤީން، އެތައް އެތައް ސަތޭކަ އަހަރެއްވެއްޖެ. މިއަދާ ހަމައަށްވެސް ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ރަށުގެ ރަށްވެހި ތަރައްޤީ ކުރިއަރުވަމުން، އެއިރެއްގެ އޮތް ސަރުކާރަކާއެކީގައި، ސަރުކާރާ މަޝްވަރާ ކުރެވިގެން، ވާހަކަ ދެކެވިގެން، އެ ސަރުކާރަކުން ކޮށްދެވެން އޮތް ކަންތައްތަކެއް ހޯދައިގެން، އެކަންތައްތައް ރަށަށް ފަހިކޮށްގެން، ރަށުގެ ތަރައްޤީގެ މަސައްކަތްތައް ތިޔަބޭފުޅުން ތިޔަގެންދަވަނީ ކުރައްވަމުން. ސަރުކާރު ހިންގާ ފަރާތެއްގެ ގޮތުގައި ހިންގާ އަދި ޚާއްޞަކޮށް، ސަރުކާރުގެ އެންމެމަތީ ވެރިޔާގެ ގޮތުގައި އަޅުގަނޑު ތިޔަބޭފުޅުންގެ ތިޔަ ޢަޒުމަށާއި، ތިޔަބޭފުޅުންގެ ތިޔަމަސައްކަތަށް ނުހަނު ތަރުޙީބުދެން.

ދާދިފަހުން އަޅުގަނޑު ތިޔަބޭފުޅުންގެ ޚިޔާލަކަށް އެދި އެހިން. ތިޔަބޭފުޅުން އެދެންތޯއޭ، އެހެން ރަށަކާ ގުޅިގެން، ތިޔަބޭފުޅުންގެ ޚިދްމަތްތައް ލިބުމަށް. ތިޔަބޭފުޅުން ވިދާޅުވީ، ނޫނެކޭ. އެހެންވީމާ، އެގޮތަކަށް އަޅުގަނޑުމެންނަކަށް އެމަސައްކަތް ކޮށްދެވޭކަށެއް ނެތް. ދެން އަޅުގަނޑުމެން މި ވިސްނާން މިޖެހެނީ، އެހެންވީމާ، ރާއްޖޭގައި ހުރި މުއްސަނިދަކަމަކާއި، ރާއްޖޭގައި ހުރި ވަސީލަތްތަކެއް ބޭނުންކޮށްގެން، މި ރަށްވެސް އަޅުގަނޑުމެންނަށް ތަރައްޤީގެ މަގަށް ގެންދެވެން އޮތް ގޮތަކީ ކޮބައިތޯ؟ އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބައެއް ސިފަ މިކުރަނީ، ތަރައްޤީއަކީ މިވެނި ގޮތަކަށް ހިނގާ ކަމެކޭ.

މިރަށުގައި އަޅުގަނޑަށް ހަމަ ވަރަށް ސާފުކޮށް އެބަ އަޑުއިވޭ، މިރަށަށް ބޭނުންވާ ކަންކަމުގެ ވާހަކަ. ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، އަބަދުވެސް އެންމެ ބޮޑަށް އެންމެންވެސް ފާހަގަކުރާ އެއްކަމަކީ، ބަނދަރެއް ނުވަތަ ޖެޓީއެއް. އަޅުގަނޑު މިރަށާގުޅޭ މަޢްލޫމާތު ހޯދިއިރުގައި، އަޅުގަނޑަށް ފެނުނު ފެނުމުގައި، ތިޔަބޭފުޅުން ވަރަށް ބޭނުންވާނެ ކަމެއް އެއީ ސާފު ބޯފެން. ދެން އެ ސާފު ބޯފެން ނުލިބެނީ، ރަށުގެ ފެން ފަށަލަ ތަޣައްޔަރުވެގެން ކަމަށް ދެކެވިގެން، އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުގައި ކަމަށް އަޅުގަނޑު މިދެކެނީ، ތިޔަބޭފުޅުން މިރަށުގައި ނަރުދަމައެއް އަޅަން ބޭނުންވަނީ. އެއީ ރަނގަޅު ވިސްނުމެއް. އަދި މަސައްކަތް ކުރާން ހަރުދަނާ މަގެއްވެސްމެ. އެހެންނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި، ފެނުގެ ކަންތައް ޙައްލު ކުރުމަކީ، ވަރަށް ބުއްދިވެރި، ވަރަށް ބޭނުންތެރި ކަމެއް.

މިރަށުގެ ތަޢްލީމީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިއަތޮޅުގައި ޙަޤީޤަތުގައި އެންމެ ފުރަތަމަ އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުނު މަދްރަސާއަކީ މިރަށުގެ މަދްރަސާ. އެމަދްރަސާގައި އެއިރަށް އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، ތިޔަބޭފުޅުންނަށް ކުރީ ސަރުކާރުން ވަޢުދުވެފައި އޮތް، ދެ ކްލާސްރޫމާއި އަދި އޭގެއިތުރު ދެ ކްލާސްރޫމާ، އަޅުގަނޑު ހަނދާންވާ ގޮތުގައި 4 ކްލާސްރޫމް ޢިމާރާތް ކުރެވި، މިހާރު އިރާދަކުރެއްވިއްޔާ، ހުރިހާ ކުދިން ސްކޫލަށް އެދަނީ އެއްދަންފަޅިއަކަށް. ރަނގަޅު ނަތީޖާ، އޭގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ. ޓީޗަރުންނަށް އޭގެ ސަބަބުން ދަރިވަރުންނާ ކުރިއަށްވުރެ ބޮޑަށް އަޅާލެވޭނެ. އެމީހުންގެ ތަޢްލީމީ ކަންކަން މާރަނގަޅަށް އިރާދަކުރެއްވިއްޔާ ބެލެހެއްޓޭނެ. އެހެންވީމާ، އަޅުގަނޑު ދެކެނީ، މިސާލަކަށް މިއަހަރުގެ ނަތީޖާއިން މިހާރު ގިނަ ދަރިވަރުން އެ އިމްތިޙާން ހަދާ ނިމުނީ. އެހެންނަމަވެސް އަދި ހުރިހާ އިމްތިޙާނެއް ނުނިމޭކަން އަޅުގަނޑަށްވެސް އެނގޭ. އެހެން ނަމަވެސް، މިއަހަރުގެ ނަތީޖާ ރަނގަޅުވާންޖެހޭނެ.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ލާމެހިފައިވާ ދިވެހިރާއްޖެއެއް ހޯދުން. އެއްރަށާއި އަނެއްރަށާ ފިސާރި ގުޅިފައި އޮންނަ ދިވެހިރާއްޖެއެއް އުފެއްދުން. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އެ ދިވެހިރާއްޖޭގައި ނޫނިއްޔާ، އަޅުގަނޑުމެން އެއްވެސް މީހެއްގެ މުސްތަޤްބަލް، އަޅުގަނޑުމެން އެކެއްގެވެސް ތަރައްޤީގެ އުންމީދު ޙާޞިލްވާކަށެއް ނެތް. އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައިން، އަޅުގަނޑުމެން ޖެހޭނެއޭ، އަޅުގަނޑުމެންގެ ރަށު ގޮނޑުދޮށުން ބޭރަށް އަޅުގަނޑުމެންގެ ވިސްނުން ގެންދަން. އަޅުގަނޑުމެން ޖެހޭނޭ، އަތޮޅު ދުނިންވެސް ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންގެ ފިކުރު ގެންދަން. އޭރުންނޭ އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ލިބިގެންދާނީ.

މިރަށުގެ ލަފާފުރުމުގެ މަސައްކަތް، ލަފާފުރުމުގެ ޙާލަތު މި ނޫންގޮތަކަށް ބަދަލުކޮށްދިނުމަކީ، ސަރުކާރުން އަބަދުވެސް ވިސްނާނެ ކަމެއް. އަބަދުވެސް އެމައްޗަށް މަސައްކަތް ކުރާނެ ކަމެއް. އަޅުގަނޑުމެންނަށް، އަޅުގަނޑަށް ތިޔަބޭފުޅުން އަރިހުގައި މާދަމާ މިރަށުގައި ބަނދަރެއް ހަދައިދޭނަމޭ ބުނެފިނަމަ، އެ ވާނީ ދޮގަކަށް. އެ ވާނީ އަޅުގަނޑު އެކަމަށް ތައްޔާރުވެސްނުވެ، ކުރިއަށް އޮތް އިންތިޚާބުގެ ބޭނުމުގައި، އަޅުގަނޑު ތިޔަބޭފުޅުންގެ ލޮލުގައި އަނދުނެއް އެޅުމަށް ދެއްކި ވާހަކައަކަށް. އަޅުގަނޑު ވަރަށް ބޮޑަށް ދެކި ހުންނަނީ، އެއީ ރައްޔިތަކާ ދައްކާން ރަނގަޅު ވާހަކައެއް ނޫނޭ. ސަރުކާރަކުން ދައްކާން ޖެހޭނީ، ސަރުކާރަކުން ކޮށްދެވޭނެވަރުގެ އަދި ކޮށްދެވެންހުރި ކަންތައްތަކުގެ ވާހަކަ. އަޅުގަނޑު ދަންނަވާނަން، ތިޔަބޭފުޅުންގެ ޖެޓީ ހަދައިދިނުމަށް، އަޅުގަނޑު ވަރަށް ބޮޑަށް 2011 ވަނަ އަހަރުވެސް އަދި 2012 ވަނަ އަހަރުވެސް މަސައްކަތް ކުރާނަން. އަޅުގަނޑު އުންމީދު ކުރާނީ، 2011 ވަނަ އަހަރު އަޅުގަނޑުމެންނަށް އެކަމުގެ ޢަމަލީ މަސައްކަތް ކުރެވޭނެ ކަމަށް.

ހަމަ މިއާއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ވޯޓު ދެއްވާނެ ކަމަކަށް އަޅުގަނޑެއް ނުކުރާނަން އެއްވެސް ކަމެއް. އަޅުގަނޑަކީ ސިޔާސީ މީހެއް، ތެދުފުޅެއް. އެއީ އެހެން ނަމަވެސް، އަޅުގަނޑު ސިޔާސީ ކަންކަން ކުރަމުން އަންނަނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަދި އަޅުގަނޑު ދެކޭގޮތުގައި މުޅިއަކުން ޢާންމުކޮށް އެކަން ކުރާ ގޮތަކަށެއް ނޫން. މިއަދަކީ އެހެން ބަޔެއް ދެކޭނެގޮތުގައި، އަޅުގަނޑު މިރަށަށް އައިސް، ތިޔަބޭފުޅުން ގާތުގައި، އަޅުގަނޑުގެ ދުލަށް އައިހާ ވާހަކައެއް ދައްކަންވީ ދުވަސް. އެއީ މާދަމާ އިންތިޚާބެއް އޮތީމާ، ތިޔަބޭފުޅުން ހިތްހަމަޖައްސަން. އަދި އަޅުގަނޑަށް ޔަޤީން، އެ މަގަށް އެތައްބަޔަކު މިރަށަށް އައިސް، ކިތަންމެ ވާހަކައެއް ދައްކާނެ. އެހެނަސް، އަޅުގަނޑެއް ނުދެކެން، ޤައުމީ ޙަޔާތުގައި، ރަށްވެހި ޙަޔާތެއްގައި މިހާ ގިނަ ދުވަސް ހޭދަކޮށްފައިވާ ބަޔަކަށް، މިރާއްޖޭގެ ތަރައްޤީގެ މަގު ހޯދަން، އެ މަގާއި އެ މިޞްރާބު ހިފަން ކުރަންޖެހޭނީ ކޮންކަމެއްތޯ، އުޅެންޖެހޭނީ ކޮންގޮތަކަށްތޯ ތިޔަބޭފުޅުންނަކަށް އޮޅިފައެއް ނުވާނެ. މިއަދާ ހަމައަށްވެސް ތިޔަބޭފުޅުން ތިއައީ ހަމަ ސީދާ އެމަގުން. އެހެންވީމާ، އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ ވިސްނުމާއި، ތިޔަބޭފުޅުންގެ ޙިކުމަތާއި އަދި ތިޔަބޭފުޅުންގެ ހިތްވަރު ބޭނުންކުރައްވާނެކަން.

އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، ކުރިއަށް މިއޮތް ރަށު ކައުންސިލުގެ ރަށްވެހިކަމުގެ އިންތިޚާބަކީ، ވަރަށް މުހިންމު އިންތިޚާބެކޭ. ފުރަތަމަފަހަރަށް މި ރާއްޖޭގެ ރައްޔިތުންނަށް ޙަޤީޤީ ބާރު މިލިބެނީ. ރަށްވެހިކަން، ރަށްވެރިކަން، ތިޔަބޭފުޅުންގެ ރަށުގެ ވެރިކަން ތިޔަބޭފުޅުންނަށް އެ ލިބެނީ. އެލިބޭއިރުގައި ތިޔަބޭފުޅުންނަށް މި ނިންމުމުގެ ފުރްޞަތު ހުޅުވިގެން، ފަހިވެގެން މިދަނީ، ތިޔަބޭފުޅުންގެ މައްޗަށް ވެރިކަން ކުރާނީ ކޮންބަޔެއްތޯ ރަށުގައި ތިބެގެން. އަދި އެބަޔެއްގެ ފަލްސަފާ ބިނާވެފައި އޮންނަންޖެހެނީ ކިހިނެއްތޯވެސް ތިޔަބޭފުޅުން އެބަ ދެނެގަނެވުމުގެ ފުރްޞަތު އެބައޮވޭ.

ބައެއްފަހަރަށް އަޅުގަނޑަށްވެސް ވަރަށް އެނގޭ، ބައެއް ބޭފުޅުން ހިތްހަމަނުޖެހޭކަން، އަޅުގަނޑު މިހެން ދެންނެވީމާ. އަޅުގަނޑަށް ވަރަށްގިނައިން ފެންނަނީ، އެރަށްރަށް ހިފެހެއްޓިފައި، ތަޅުލެވިފައި މިއޮންނަނީ، މާލޭގައި ހުންނަ މާ ވަރުގަދަ ވިޔަފާރިއެއް ބުނިއްޔާ، ބުނިހާ ގޮތަކަށް ކަމެއް ކުރާގޮތަށް. އެއީ، އޭނާގެ ރިޒޯޓްގައި ތީގެތެރެއިން ހަތަރު ބޭފުޅަކު އުޅުއްވާތީވެ. ނުވަތަ އޭނާގެ ގޭގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ތިޔަބޭފުޅުންގެ ދަރިދަރިކޮޅު ގެންގުޅެފައިވާތީވެ. އަޅުގަނޑު މިވާހަކަ މި ދައްކަނީ، ހަމަ އަޅުގަނޑަކީވެސް މާލޭ މީހެއް. އަޅުގަނޑަށް ތިޔަބޭފުޅުންގެ އިޙްސާސްތައް، އަޅުގަނޑު އުންމީދު ކުރަނީ އެނގޭ ކަމަށް. ތިޔަބޭފުޅުން މިއަދު މި ރާއްޖޭގައި މި ޑިމޮކްރަސީ އަޅުގަނޑުމެން މިގެނައީ، މިދެންނެވި މާ ބާރުގަދަ މީހުންގެ ކަސްތޮޅުން ތިޔަބޭފުޅުން ނެއްޓުވުމަށްޓަކައި. އަޑުއަހަންޖެހޭ ހަމަ އެކަކުވެސް ނެތް. ސީދާ އަމިއްލަ ވިސްނުމަށް ފެންނަ ގޮތަށް ޢަމަލު ކުރެއްވީމާ ރަނގަޅުވާނެ. އޭނާ ބުންޏޭ، މީނާ ބުންޏޭ، މިވެނި މީހަކު، މިވެނި ވިޔަފާރިވެރިއަކު، މިވެނި އޮޑިވެރިޔަކު އެދޭގޮތަކީ މިއީއޭ. އެއީކީއެއް މިއަދު ތިޔަބޭފުޅުން އަޑުއަހަންޖެހެންވީ ވާހަކައެއް ނޫން. ސުވާލަކީ، ކާކަށްތޯއޭ ރަނގަޅު ގޮތްވާން މިޖެހެނީ. ހަމައެކަނި ވިޔަފާރިވެރިޔާއަށްހޭ؟ އޮޑިވެރިޔާއަށްހޭ؟ ނުވަތަ ރަށްވެރިޔާއަށްހޭ؟ ރަނގަޅު ގޮތްވާން މިޖެހެނީ އަޅުގަނޑުމެން އެންމެންނަށް. ޙަޤީޤީ ރަނގަޅަކީ، އަޅުގަނޑުމެންގެ ޖީބަށް އެއްޗެއް ވަންނާނެގޮތްވުން.

އަޅުގަނޑު އުންމީދު ކުރަން، މިތަނުގައި ތިއްބަވާނެ ކަމަށް، އަޅުގަނޑަށް އެބަ ފެނޭ، 65 އަހަރުން މަތީގެ ކިތަންމެ ބަޔެއް. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅިފައި މިހުރީ، ޢާންމު ޙާލަތު ދެރަ، އެކަނިވެރި، ބިކަ ޙާލުގައި ތިބި، ޔަތީމު ފަޤީރުންނާ، މިބާވަތުގެ އެތައް ބަޔެއް ރާއްޖޭގައި އުޅެމުންދާތީވެ، ސީދާ އެމީހުންނަށް އެހީތެރިކަމެއް ފޯރުކޮށްދެވެނީ ކޮންގޮތަކަށްތޯ ފުރަތަމަބެލުން. އެގޮތުން، އަޅުގަނޑަށް އެނގޭ، މިރަށުގައި 65 އަހަރުން މަތީގެ މީހުންނަށް ދެވޭ ފައިސާ، ހަމަ ރަނގަޅަށް ދެމުން އެބަދޭ. އަދި މަދަނައިގެ ޚިދްމަތްވެސް މިރަށުން ހަމަ ރަނގަޅަށް އެބަ ފޯރުކޮށްދެވޭ. މަދަނައިގެ އެހީތެރިކަން ނުވަތަ ބޭސްފަރުވާއަށް ބޭނުންވީމާ، ރަށުގައި އަޅުގަނޑަށްވެސް އެނގޭ، ހަމަ ހުރީ އެންމެ ޑޮކްޓަރަކާއި އެންމެ ނަރުހެއްކަން. އަޅުގަނޑަށްވެސް އެނގޭ، ރަށުގައި ލެބޯރެޓަރީގެ ޓެސްޓް ނުހެދޭކަން. އަޅުގަނޑަށްވެސް އެނގޭ، މާބަނޑު މީހުންނަށް، އަންހެނުންނަށް، ކުޑަކުދިންނަށް އެއިންވާ ދައްޗާއި، ތިޔަބޭފުޅުން އުފުލަންޖެހޭ ތަކްލީފު، އަޅުގަނޑަށް އެއްވެސް ޙާލެއްގައި އެކަމެއް އޮޅިގެން އުޅެނީކީއެއް ނޫން.

އަޅުގަނޑު ހަމައެކަނި މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެންނަށް މިކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތެއް ހޯދުމަށް ތިޔަބޭފުޅުންގެ އެއްބާރުލުންދޭށޭ، ތިޔަބޭފުޅުން ކަމަށް އެކަށީގެންވާ ރަނގަޅު ބަޔަކު، އެހެން ނުފޫޒުތަކުން ނެއްޓިގެން ތިބެ، ތިޔަބޭފުޅުންގެ ވެރިންގެ ގޮތުގައި ޚިޔާރު ކުރައްވާށޭ. އެ ވެރިންނާއެކީގައި ތިޔަބޭފުޅުން މަސައްކަތް ކުރައްވާށޭ ރަށުގެ ތަރައްޤީއަށް. ސަރުކާރުން ހޯދެން އޮތީ ކޯއްޗެއްތޯ، ލިބެން އޮތީ ކޯއްޗެއްތޯ އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނަށް އޮޅުންފިލުވައިދޭން. އަދި އަޅުގަނޑު މިހުރީ އަޅުގަނޑުމެންނަށް ދެވެން ހުރި ހުރިހާ އެއްޗެއް ތިޔަބޭފުޅުންނަށް ދިނުމަށް. އަޅުގަނޑު ހަމަގައިމުވެސް މިހުރީ ތައްޔާރަށް.

އަޅުގަނޑުގެ ވަގުތުވިއްޔާ އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާއެކީގައި މޫދަށްއެރި އޮވެގެން، ތިޔަބޭފުޅުންގެ ޖެޓީ ހަދައިދޭން ތައްޔާރަށް. އަޅުގަނޑު މިހުރީ. އަޅުގަނޑު ދަންނަވަންވީ ވާހަކައަކީ، އަޅުގަނޑުމެން ޖެހޭނޭ ރަށަށްޓަކައި ވިސްނަން. ތިމާގެ އަމިއްލަ ފައިދާއަށް ވިސްނާ ވިސްނުން އެއީ، ރަށު ވިސްނުމޭ ކިޔައި، އެހެން މީހުން ކައިރީގައި ދެއްކީމާ، އަޑުއަހާ މީހާއަށް އެނގެންޖެހޭނޭ، މިހާރު އެދައްކަނީކީ ރަށު ވިސްނުމުގެ ވާހަކައެއް ނޫންކަން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މުސްތަޤްބަލެއް ލިބުން. އަޅުގަނޑު ނިންމާލުމުގެ ކުރީގައި، އަޅުގަނޑު ވަގުތުކޮޅެއް ހޭދަކުރާނަން. ތިޔަބޭފުޅުންގެ ސުވާލެއް އޮތިއްޔާ، ތިޔަބޭފުޅުންގެ އެ ސުވާލެއް ކުރެއްވީމާ، އަޅުގަނޑަށްވީ މިންވަރަކުން އަޅުގަނޑު ޖަވާބު އަރުވާނަން. އެހެންވީމާ، އަޅުގަނޑު ކުޑަވަގުތުކޮޅެއް ހޭދަކުރާނަން، ތިޔަބޭފުޅުންނާ އެކީގައި.

_______________________