بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ނައިބު ރައީސް. ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު. ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން. އަދި ޗައިނާ އިކްވިޕްމަންޓް އެންޑް މެޝިނަރީ ކޯޕަރޭޝަންގެ ވައިސް ޕްރެޒިޑެންޓް. މިޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ، އަޑުއައްސަވަމުން ގެންދަވާ އެންމެހާ ބޭފުޅުން.

السّـلام عليـكم

މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދަކީ، ރާއްޖޭގެ ރައްޔިތުންނަށް ރިވެތި ގޮތުގައި، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ހޯދައިދޭނެ އިންތިޒާމެއް ތަޢާރުފްކޮށް، އެފަދަ މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގާން ފެށުން.

އަޅުގަނޑުމެން، ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް އަޅުގަނޑުމެން ދަތުރުކުރިން. މާލޭގެ ވަރަށްގިނަ ގޭގެއަށް އަޅުގަނޑުމެން ވަދެ ޒިޔާރަތް ކުރިން. ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ތެރެއިން އެންމެބޮޑު އެއްދައްޗަކީ ބޯހިޔާވަހިކަން. ހަމައެކަނި ބިމުގެ ދަތިކަމެއް ނޫން. އެ ބިމުގައި ހިޔާވަހިކަމެއް ޢިމާރާތްކޮށް، ގެއެއް އުފައްދާނެ ޤާބިލުކަން ރާއްޖޭގެ ރައްޔިތުންގެ ކިބައިގައި ހުރި މިންވަރު، އަޅުގަނޑުމެންނަށް ފެނުނީ ވަރަށްކުޑަކަމަށް. އަޅުގަނޑުމެންނަށް ފެނުނީ، ރިޒޯޓެއްގައި މަސައްކަތް ކުރަންއުޅޭ ކުއްޖަކު، ރަށަށް މަޑުމަޑުން ލާރި ފޮނުވުމުން، ފުރަތަމަ އަހަރު ގާކޮޅެއް އަޅާލުން. ދެން އަންނަ އަހަރު ފައުންޑޭޝަން ދަމާލުން. އަނެއް އަހަރު ރާނާލުން. ދެން އަންނަ ރޯދައަކަށް ހިޔާކޮށްލުން. އަނެއް ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލުން. ގެއަކަށް ވަދެވޭއިރު އަޅުގަނޑުމެންނަށް ފެނުނީ މީހުންގެ ޢުމުރުން ރަނގަޅު 7 އަހަރު، 8 އަހަރު އެބަ ހޭދަވެއޭ. އަދި ހަމައެހެންމެ، އެ މަސައްކަތް އެމީހާ ކުރާއިރުގައި، އެމީހާ އަތުން ޚަރަދުވާ މިންވަރު، އަޅުގަނޑުމެންނަށް ފާހަގަވީ، ދޮޅުމިލިއަނެއްހާ ރުފިޔާއަށް ވަރަށް ފަސޭހައިން އަރާފައި ހުންނަތަން. މި އަގާއި، އެ ދިގު މުއްދަތާއި، އެ ބޮޑު ތުރާ، އުނދަގޫ، ދަތި އެއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެޅޭ ވަރަށްބޮޑު ހުރަހެއް.

ޤައުމީ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން އެ ހުރަސް ނައްތާލަންޖެހޭކަން. އެ ގިރާކުރަންޖެހޭކަން. އަޅުގަނޑުމެންގެ ތަޞައްވުރު، އަޅުގަނޑުމެންގެ މެނިފެސްޓޯ އެކުލަވާލިއިރު، އަޅުގަނޑުމެން ބަޙުޘް ކުރިއިރު، އެކަން އަޅުގަނޑުމެންނަށް އެނގުނު. އަޅުގަނޑުމެން އެކަން ފާހަގަކޮށް، އެއީ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައި، އެ މަސައްކަތް އަޅުގަނޑުމެންގެ ސަރުކާރެއްގައި ހިންގާން އަޅުގަނޑުމެން ވާނީ މާކުރީގައި ނިންމާފައި. މިއަދު ތިޔަބޭފުޅުންނަށް ފެނިގެން މިދަނީ، އަޅުގަނޑުމެން އެ ސިޔާސަތު ތަންފީޒުކުރާތަން. ތެދުފުޅެއް. އަޅުގަނޑުމެން އެދުނު ސްޕީޑްގައި، އެދުނު މުއްދަތުތަކުގެ ތެރޭގައި، މިކަންކަން އަޅުގަނޑުމެންނަށް މިވަނީ ނުފެށިފައި، ކިތަންމެ ކިތަންމެ އުނދަގޫތަކެއް، ދަތިތަކެއް ދިމާވީތީވެ. އެހެން ނަމަވެސް، އަދިވެސް އަޅުގަނޑުމެން މިދެކެނީ، އަޅުގަނޑުމެންގެ އަމާޒުތައް އަޅުގަނޑުމެންނަށް ހިފޭނެ ކަމަށް. އަޅުގަނޑުމެން ނިންމާފައި ހުރި، ކުރަން ނިންމާފައި ހުރި މަސައްކަތްތައް، އެވަގުތުތަކުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ.

މި އެއްހާސް ގެއަކީ، ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރާ އެކުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދޭ ހަތަރުހާސް ގޭގެ ތެރެއިން އެއްބައި. މިދެންނެވި އެހީ، ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް ހޯދުމުގައި އަދި ދެއްވުމުގައި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ލަޠީފާއި އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިދެބޭފުޅުންގެ މިންނެތް މަސައްކަތް އަޅުގަނޑު ފާހަގަކޮށް، މިދެބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން ބޭނުން. އަދި ހަމައެހެންމެ، ރާއްޖޭގެ ހައުސިންގ މިނިސްޓަރާއި، އެމިނިސްޓްރީގެ ބޭފުޅުން، މިމަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި މިންވަރާއި، މިމަސައްކަތުގައި ކުރެއްވި މަސައްކަތަށް، އެބޭފުޅުންނަށްވެސް އަޅުގަނޑު ނިހާޔަތަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންނަށް އެންމެފަހުން ޗައިނާއަށްގޮސް، ޗައިނާ ސަރުކާރާ އެކުގައި ވާހަކަ ދައްކައި، މި އެއްބަސްވުން ލިބުނީ. އެއާއެކުގައި، ދެން ކަމަށް ބޭނުންވާ އެހެން މަސައްކަތްތައް ފަށައިގަނެވި، އިރާދަކުރައްވައިގެން މިއަދު މީގެ ޢަމަލީ މަސައްކަތް މިތަނުގައި މިފެށެނީ.

އަޅުގަނޑުމެންގެ އަމާޒަކީ މި 2011 ވަނަ އަހަރުގެ ތެރޭގައި، މަދުވެގެން އިތުރު ފަނަރަސަތޭކަ ޔުނިޓް، ޕްރޮވިންސްތަކުގައި ޢިމާރާތް ކުރުން. ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ރާއްޖޭގެ ޒުވާނުންނަށް، ރައްޔިތުންނަށް، ގެދޮރު ބޭނުންވާ ޢާއިލާތަކަށް ގެދޮރު ފޯރުކޮށްދިނުން. އަޅުގަނޑުމެން ގަބޫލުކުރަނީ، އަޅުގަނޑުމެން ދެކެނީ، ބޯހިޔާވަހިކަން މިފަދަ އިންތިޒާމެއްގެ ދަށުން ގައުމަށް ފޯރުކޮށްދިނުމުން، ޤައުމީ ތަރައްޤީ ވަރަށްބޮޑުތަނުން ދުވެލި ބާރުވެގެންދާނެ ކަމަށް.

2009 ވަނަ އަހަރު ވެގެންދިޔައީ، މިރާއްޖޭގެ ތަރައްޤީގެ ދުވެއްޔަށް ވަރަށްބޮޑު ހީނަރުކަމެއް ލިބުނު އަހަރަކަށް. ޖީ.ޑީ.ޕީ، ޤައުމީ ތަރައްޤީގެ އުފެއްދުންތެރިކަމުގެ މިންގަނޑު ދަށަށްދިޔައީ 3.4 ޕަސެންޓަށް. މިއަހަރު، 2009 ވަނަ އަހަރު ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ތަންފީޒުކުރި ސިޔާސަތުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ސިޔާސީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު. އެހެން ނަމަވެސް، އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް އިޤްތިޞާދީ ދުވެލި މިހާރު މިހުރީ، 5 ޕަސެންޓަށް މައްޗަށް ޖެއްސިފައި. 2009 ވަނަ އަހަރާއި 2010 ވަނަ އަހަރާ އަޅާބަލާއިރު، ރާއްޖޭގެ ޖީ.ޑީ.ޕީ މިހާރު ކުރިއަރަމުން މިދަނީ، މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އެއްވަރަށްވުރެ ބާރަށް 5 ޕަސެންޓް. އަޅުގަނޑުމެންނަށް ޖީ.ޑީ.ޕީ ގްރޯތް، އުފެއްދުންތެރިކަމުގެ ކުރިއެރުން މައްޗަށްދާ މިންވަރު ބާރަށް ގެންދާއިރުގައި، ހަމައެއާއެކުގައި ތަކެތި އަގުބޮޑުވާ މިންވަރު، ނުވަތަ އިންފްލޭޝަން އިރާދަކުރައްވައިގެން މިވަނީ ހިފެހެއްޓިފައި.

އަޅުގަނޑުމެން، އެނގިވަޑައިގަންނަވާނެ، ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، ރާއްޖޭގެ ޑެފިސިޓް ނުވަތަ ސަރުކާރުގެ ޚަރަދު، މުޅި ރާއްޖޭގެ އުފެއްދުންތެރިކަމާ އަޅާބަލާއިރުގައި، 44 ޕަސެންޓް ދަރަނީގައިވާ ދިމާއަށް މިޞްރާބުޖަހާފައި އޮތީ. އަޅުގަނޑުމެން ޙަވާލުވެ ފުރަތަމަ 33 ޕަސެންޓަށް، ދެން 24 ޕަސެންޓަށް، އިރާދަކުރައްވައިގެން މިއަހަރު ނިމޭއިރުގައި އަޅުގަނޑުމެން ތިބޭނީ، އަޅުގަނޑުމެންގެ އަމާޒަށްވުރެ ރަނގަޅުގައި. 18 ޕަސެންޓަށްވުރެ ދަށުގައި. އަޅުގަނޑުމެން ބަޖެޓް އިރާދަކުރެއްވިއްޔާ ހުށަހަޅާއިރު، ޑެފިސިޓް 201 ވަނަ އަހަރު ހިސާބެއް ނުޖަހާނަން، 15 ޕަސެންޓަށްވުރެ މައްޗަކަށް. އަޅުގަނޑުމެން އުންމީދު ކުރާނީ، 2011 ވަނަ އަހަރު ނިމޭއިރުގައި، 10 ޕަސެންޓްގައި އަޅުގަނޑުމެންނަށް ޑެފިސިޓް ބެހެއްޓޭނެ ކަމަށް.

ޑޮލަރުގެ ދަތިކަން މިއޮންނަ އޮތުން އެއީ، ވިޔަފާރިވެރިންނަށާއި، ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އަންނަ ކަމެއް. އެއިން އަޅުގަނޑުމެން އަރައިގަތުމަށްޓަކައި އުފެއްދުންތެރިކަން މައްޗަށް ގެންދަން މިޖެހެނީ. ރާއްޖޭގައި ޑޮލަރުގެ ވިޔަފާރި ކުރިއަށްދާވަރު، އަޅުގަނޑުމެން މާބޮޑުތަނުން އެބަ ކުރިއަށް ގެންދަންޖެހޭ. އެހެން ނަމަވެސް، ގެނެވެންހުރި ވަގުތީ ޙައްލުތައް ސަރުކާރަށް ގެނެވޭނެ. ސަރުކާރު މިހާރު މިދަނީ، ސިލޯނު ސަރުކާރާއި އަދި އެހެންވެސް ބައެއް ސަރުކާރުތަކާ ވާހަކަ ދައްކަމުން. ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ސޮއިކުރުމަށް. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އަޅުގަނޑުމެންނަށް އެމަސައްކަތް ނިންމާލެވޭނެ. ނިންމާލުމުން، ޑޮލަރަށް ވަރަށްބޮޑު ލުއިކަމެއް އައިސްގެންދާނެ. ހަމައެހެންމެ، އަޅުގަނޑުމެން މިދެކެނީ، ޙައްޖު މޫސުމާއި އަދި ޗުއްޓީގެ ދުވަސްވަރު ފަށައި، ރަނގަޅަށް ޗުއްޓީގެ މެދަށް ދިޔުމަށް، ސީޒަންގެ މެދު އައުމާ، މި އެންމެ ކަންކަން އެކުވެގެން ސަރުކާރަށްވެސް އަދި ޢާންމުންނަށްވެސް، ވިޔަފާރިވެރިންނަށްވެސް ޑޮލަރުގެ ދަތިކަމަށް ވަރަށްބޮޑު ޙައްލެއް އައިސްގެންދާނެއޭ.

އަޅުގަނޑު ދަންނަވާ ވާހަކައަކީ، އަޅުގަނޑުމެން މިމަސައްކަތް މިދަނީ ދުރު ވިސްނައިގެން ބަލަމުން، ރާވައިގެން ކުރަމުންނޭ. ބައެއްފަހަރަށް، އަޅުގަނޑުމެންގެ އުންމީދުތައް ނުވަތަ އަޅުގަނޑުމެން ދެކޭ ދެކުންތައް އަމާޒުން ކައްސާލާ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކަށް ބޮޑު މަންޒަރެއް ނުގެއްލޭ. އަޅުގަނޑުމެން ދާންވީ މިޞްރާބެއް އަޅުގަނޑުމެންނަކަށެއް ނޯޅޭ. އަޅުގަނޑުމެން ކުރަންވީ ކަންތަކެއްވެސް އަޅުގަނޑުމެންނަކަށެއް ނޯޅޭ. އަޅުގަނޑުމެންގެ ވަޒީފާއަކީ، ރާއްޖޭގެ ރައްޔިތުންނަށް ޚިދްމަތް ކުރުން. އަޅުގަނޑުމެން، މި ސަރުކާރުގައި މިތިބެނީ، ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އަބަދުވެސް އެމަސައްކަތުގައި ދެމިތިބޭނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

___________________________