بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ނައިބު ރައީސް. ވަޒީރުންގެ މަޖިލީހުގެ މެންބަރުން. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން. ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ ބޭފުޅުންނާއި އަދި މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އަދި މިއަދުގެ މި ޕްރޮގްރާމް ދުރުން ބައްލަވަމުން ގެންދަވާ މާލޭގެއާއި ރާއްޖޭގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައި އެއް ވާހަކައަކީ، އަޅުގަނޑުމެންގެ އެބައޮތޭ ފިކުރެއް. އަޅުގަނޑުމެންނަށް އެބަފެނެއޭ މަންޒަރެއް. އެހެން ގޮތެއް. އެހެން ދިވެހިރާއްޖެއެއް. އަޅުގަނޑުމެންނަށް އެބަ ފެނެއޭ، އަޅުގަނޑުމެންގެ ރާއްޖެ އެހެން ގޮތަކަށް ބަދަލުކުރެވޭނެ ގޮތްތަކެއް، އުޞޫލުތަކެއް، ހަމަތަކެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މިއުޅެމުންމިދާ ހާލުގައި އުޅުމަކީ، އެ ރައްޔިތުންނަށް ޙައްޤު މިންވަރެއް ނޫނޭ. މި ރާއްޖޭގެ ތަނަވަސްކަމާއި މި ރާއްޖޭގެ މުއްސަނދިކަމަކީ، ރާއްޖޭގެ ރައްޔިތުންނަށް، އޭގެ ހެޔޮގޮތުގައި މާރަނގަޅު ބޭނުން ހިފެން އޮތް ތަނަވަސްކަމަކާއި މުއްސަނދި ކަމެއް.

އަޅުގަނޑުމެން އެކުލަވާލި ތަޞައްވުރެއް، އަޅުގަނޑުމެން އެކުލަވައިލީ މިދެންނެވި ކަންތައް ޙަޤީޤަތަށް ހެދުމަށްޓަކައި. މިދެންނެވި ބަދަލު އަޅުގަނޑުމެންގެ ޙަޔާތަށް ގެނައުމަށްޓަކައި. އަޅުގަނޑުމެން ފާހަގަކުރަމުންއައީ، ތަރައްޤީއަކީ އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާގެ ޢަދަދު އިތުރުވުމޭ. ތަރައްޤީއަކީ އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވުމޭ. ތަނަވަސް ދިރިއުޅުމެއް އަޅުގަނޑުމެންނަށް ލިބުމޭ. މި ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަށް ހޯދުމޭ. މިދިޔަ ވޭތުވެދިޔަ ދެއަހަރުގައި، މި ސަރުކާރުން މަސައްކަތް ކުރަމުން މިއައީ، މިދެންނެވި އަޅުގަނޑުމެންގެ ވަޢުދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި. މިދިޔަ ދިގު ދެއަހަރުތެރޭ އަޅުގަނޑުމެންނަށް، އަޅުގަނޑަށް ފެންނަ ފެނުމުގައި، ކިތަންމެ ކިތަންމެ ލަނޑުދަނޑިތަކެއް ހިފިއްޖެ. އަދި ހަމައެހެންމެ، ކިތަންމެ ކިތަންމެ ކަންތައްތަކެއް ކުރާންވެސް އެބަހުރި.

އަޅުގަނޑުމެންނަށް ޢާންމުކޮށް މާލޭ މީހުންގެ ވާހަކަތައް އެހާ ސާފުކޮށް ދެއްކިފައެއް ނުހުރޭ. މިއަދާ ހަމައަށްވެސް އަޅުގަނޑުވެސް ވަރަށްމަދު ފަހަރެއްގައި ނޫނީ މާލޭގެ ރައްޔިތުންގެ ވާހަކަ ސާފުކޮށް ނުބުނަން. އަޅުގަނޑުމެންނަށް އަބަދުވެސް ފެނިފައި އޮންނަނީ، މާލެއާއި ރާއްޖެތެރެ ވަރަށް ބޮޑަށް ތަފާތުކުރާ ވާހަކަ. އެއީ ޙަޤީޤަތެއް. އެހެން ނަމަވެސް، މި ތަފާތުގެ އެންމެފަހުން އައިސް، އަޅުގަނޑުމެންނަށް މި ތަފާތުން ނުކުތް ނަތީޖާއަކީ، އެނގުމުގައި ނަމަވެސް، ނޭނގުމުގައި ނަމަވެސް، މާލޭ ރައްޔިތުންވެސް ވަރަށް ބޮޑަށް ބިކަވުން. މާލެ ތޮއްޖެހުން. މާލޭގައި ތާހިރު ގޮތުގައި ދިރިއުޅެވޭނެ ގޮތެއް ނެތުން. ތާހިރު ދިރިއުޅުމެއް ހޯދުމަށް މާލޭގެ ރައްޔިތުން އެދޭކަމީ، އަޅުގަނޑު ހަމަގައިމުވެސް ދުވަހަކުވެސް ޝައްކުކުރި ކަމެއް ނޫން. އަޅުގަނޑު ތަކުރާރު ކުރާނަން، އަޅުގަނޑަށް މާލެ އެނގޭނެ. އެހެން ނަމަވެސް، އެހެން އެއްވެސް ބޭފުޅަކު، އަޅުގަނޑު ނުދަންނަވާނަން، ބޭފުޅުންގެ އަޑު އަޅުގަނޑު ނާހާނަމެކޭ. އެހެން ނަމަވެސް، މި ރަށް އަޅުގަނޑަށް އެނގޭނެ. މިއީ އަޅުގަނޑުގެވެސް ރަށް. އަޅުގަނޑުމެންނަށް، މިރަށުގެ ރައްޔިތުންނަށް މިރަށުގެ ޢާންމު ޙާލަތު ބަދަލުކުރެވެންޖެހޭނެ. އަދި ބަދަލުކުރާން ނުކުންނާނަށް ކުޑަކޮށްވެސް އަޅުގަނޑު ޖެހިލުމެއްނުވާނެ. އަޅުގަނޑަށް ވަރަށް ސާބިތުކަމާ އެކީގައި ދަންނަވަން ކެރޭ، އަޅުގަނޑުމެންނަށް މިރަށުގެ ތަރައްޤީއާ ގުޅިފައިވާ މިރާއްޖޭގެ ތަރައްޤީ ހޯދޭނެއޭ. މިހާރުން މިހާރަށް މިރަށަށް ގެންނާންހުރި ބަދަލުތަކެއް އަޅުގަނޑުމެން ގެނެސްދޭނަން.

އަޅުގަނޑުމެން މިރަށަށް ގެންނާން މި ފިކުރުކުރާ ބަދަލުތައް ގެންނާން މި ފިކުރުކުރަނީ އަދި އުޞޫލުތައް މި ކަނޑައަޅަނީ ތަފާތުކޮށް، ވަރަށް ތަފާތުކޮށް. ދައުލަތުގެ ބަޖެޓަކުން ނޫން. މުޅި މާލެ ވަށާ ޕާކްތަކާއި، ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި، ޕާކިންގ އޭރިއާތަކާއި، ރީތި ސާދާ މަގުތަކާއި އަދި މާލޭގެ ރައްޔިތުންގެ ކުނި އުކާލެވޭނެ ގޮތްތަކާއި، ބޯހިޔާވަހިކަން ލިބިދާނެ ގޮތްތަކާ. މިކަންކަން ކުރާންވެގެން އަޅުގަނޑުމެން މި ރާވަނީކީއެއް ދައުލަތުގެ ބަޖެޓަކުންނެއް ނޫން. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕުން. އަމިއްލަ ވިޔަފާރިއާ ގުޅިގެން. އެއީ މިދުނިޔެ މިއަދު ދަންނަ ޙަޤީޤަތެއް. މި ރާއްޖެ ތަރައްޤީ ކުރެވޭނީ، ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާ ވެގެނެއް ނޫން. އެގޮތަށް އެކަން ކުރާން އަޅުގަނޑުމެން ފިކުރުކޮށްފިނަމަ، އެއީ ވާނެ ކަމެއް ނޫން. އެނގިވަޑައިގަންނަވާނެ، ދައުލަތަށް ލިބޭ އެއްޗަކީ 7 ބިލިއަން ރުފިޔާ. އޭގެތެރެއިން ރަނގަޅު 5 ބިލިއަން ރުފިޔާ، މި ހޭދަކުރަނީ މުވައްޒަފުންގެ މުސާރައަށް. ދެން ނަގާން، ދެން ކުރާންހުރި ކަމެއް ކުރާން އޮތީ، ދަރަންޏަށް ނަގާ ފައިސާއިން. ޤައުމެއްގެ އިޤްތިޞާދު ހިފެހެއްޓުމުގައި ދަރަނިވެރިވެރިވޭނެ މިންގަނޑުތަކެއްވެސް އެބަހުރޭ. އަޅުގަނޑުމެން މިތިބެނީ، މިދެންނެވި ގިނަ މިންގަނޑުތަކުން ފަހަނައަޅައި ގޮސްފައި. އަޅުގަނޑުމެން މިނޫން ޙާލަތަކަށް ބަދަލުވުމަށް، އަޅުގަނޑުމެން ކުރީގައި ކަން ކުރަމުން އައި ކިތަންމެ ގޮތަކަށް އެބަ ބަދަލުކުރަންޖެހޭ. އޭގެތެރޭގައި، އަޅުގަނޑުމެން މިދެންނެވި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕަށް ދާން އެބަޖެހޭ. މާލޭގެ ބިން އަޅުގަނޑުމެން އެބަ ވިއްކާންޖެހޭ. މިއީ 2010 ވަނަ އަހަރު. މިހާރު މިރަށުގައި މީހުން އުޅޭތާ 2000 އަހަރު ވެއްޖެ. މިރަށުގެ ބިމަކީ ޤުދްރަތީ ވަސީލަތެއް. އަދި ވިޔަފާރީގެ މުޢާމަލާތް ހިންގާ، މުޢާމަލާތުގައި ބޭނުންކުރެވޭނެ އެންމެ މުހިންމު އެއް މަޢުދަން. ވިޔަފާރީގައި ބިން ބޭނުން ނުކުރެވެންޏާ، ބިމެއް ތަރައްޤީއެއްނުވާނެ. ބިން ތަރައްޤީ ކުރުމަށް އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ހަމައެކަނި ގޮތަކީ، ވިޔަފާރީގެ މުޢާމަލާތް، އެ ބިމުން ކުރުން. ބިމުން ވިޔަފާރީގެ މުޢާމަލާތް ކޮށްގެން، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރައްޔިތުންނަށް މިއަށްވުރެ މާ ރަނގަޅު ފުރްޞަތުތަކެއް ހޯދައިދެވިދާނެ. މާލޭގެ ފަންސާސްހާސް އަކަފޫޓްގެ ބިން ވިއްކީމާ، އެ ބިމަށް ތިންސަތޭކަ މިލިއަން ރުފިޔާ ލިބެން އޮތްކަން އަޅުގަނޑުމެންނަށް ކަނޑައެޅިގެން އެނގި ތިބެ، މާލޭގެ ހަތްހާސް ޢާއިލާ، ތިންސަތޭކަ އަކަފޫޓަށްވުރެ ކުޑަ ތަންކޮޅެއްގައި ތޮއްޖައްސާފައި ބޭތިއްބުމަކީ، އިންޞާފެއް ކަމަކަށް އަޅުގަނޑެއް ނުދެކެން. އަދި އެއީ ޖަރީމާއެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އަޅުގަނޑުމެންނަށް ހަމަ ބުއްދިން ވިސްނީމާ، ކަންވާންއޮތްގޮތް އެނގެން އޮތްއިރުގައި، އެ މަގުން އަޅުގަނޑުމެން ނުހިނގާ ހަމަ އެއްވެސް ހާލެއްގައި ތިބެގެން ނުވާނެ. އަޅުގަނޑު މާލޭ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ އެންމެ ރައްޔިތުންނަށްވެސް ޔަޤީންކޮށް އަރުވަނީ، އަޅުގަނޑުމެން ދާނީ ކުރިއަށޭ. އަޅުގަނޑުމެންނެއް ފަހަތަކަށް ނުބަލާނަމޭ. އަޅުގަނޑުމެންގެ މަސައްކަތަކީ މުސްތަޤްބަލް ބިނާކުރުމޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑުމެންގެ ވާޖިބަކީ، އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އަޅުގަނޑުމެން ފުއްދުން. އެކަމަކީ އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން ވަރަށް ފުރިހަމަ ގޮތުގައި ކުރާނެ ކަމެއް.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ތޮއްޖެހުމާ ގުޅިފައިވާ އެންމެހާ އުނދަގޫތަކުން މިޕްރޮގްރާމުން މާލޭ ރައްޔިތުން ސަލާމަތްކޮށްދޭނެ ކަމަށް އަޅުގަނޑުމެން ދެކޭއިރު، މި ނޮވެމްބަރު 11ގައި އަދި ކިތަންމެ ޕްރޮގްރާމެއް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އެބަ ހުޅުވާލެވޭ، ތަޢާރުފްކުރެވޭ. އޭގެދަށުން، ބަނދަރުމަތި ތަރައްޤީ ކުރުމުގެ ޕްރޮގްރާމް. ރާއްޖޭގައި އަޅުގަނޑުމެން ސަރުކާރުން ދެން ހަދާ ބަނދަރުތަކަކީ، މީގެކުރީގައި ހެދި ބަނދަރުތަކާ ވަރަށް ތަފާތު ބަނދަރަކަށްވާނެ. ޚާއްޞަ ގޮތެއްގައި، ބަނދަރެއްގެ ބޭނުމަކީ، އަނެއްކާވެސް ހަމަ ޤައުމީ ތަރައްޤީ. އިޤްތިޞާދީ ކުރިއެރުން. ބަނދަރެއްގެ ބޭނުމަކީ، އެ ބަނދަރަކުން މުދާ އުފުލުން. އެ ބަނދަރަކުން ފަސިންޖަރުންނަށް އެއްތަނުން އަނެއް ތަނަށް ދެވޭނޭ ފަސޭހަތައް ފޯރުކޮށްދިނުން. ބަނދަރުތައް، ހަމައެކަނި ބަނދަރެއްގެ ގޮތުގައި ބަނދަރެއް ހެދުމުގެ މާނައެއް ނެތް. ބަނދަރެއް ހަދަނީނަމަ، އެބަނދަރަކުން އުފުލޭނެ ތަކެތި، ޖެހިގެން އޮތް ރަށުގައި އުފައްދާން އެބަޖެހޭ. މުޅިއެކުވާ ނިޒާމެއް، ޕްރޮގްރާމެއް އުފައްދާން އެބަޖެހޭ. ބަނދަރު ހުހަށްއޮވެ، ބަނދަރެއްގެ ބޭނުން، އޭގެ ފުރިހަމަގޮތުގައި ނުހިފޭ ގޮތަކަށް ބަނދަރުތަކެއް ހެދުމުގެ މާނައެއް އަޅުގަނޑުމެންނަކަށެއް ނުފެނުނު. އެހެންވީމާ، މަޙްމޫދުގެ ރިޔާސަތުގެ ދަށުން ހިންގަވަމުން ގެންދަވާ ބާޒާރު ޕްރޮގްރާމް ނުވަތަ ބަނދަރުމަތީ ޕްރޮގްރާމް، އެ ޕްރޮގްރާމްގެ ދަށުން އެކިއެކި ސައިޒުގެ ބަނދަރު ހުންނާނެ. އެންމެ ބޮޑު ސައިޒްގެ ބަނދަރުގައި، ބަނދަރުމައްޗެއް އޮންނާނެ. ބަނދަރުމައްޗަކީ ގުދަނާއި، ފިހާރައާއި ސޭލާއަކާއި އަދި ކުރިމަތީ މަގަކާއި، ރެސްޓޯރެންޓާއި، ގެސްޓްހައުސްއާ، މިހެންގޮސް ބީޗް ކްރެސެންޓްދޮށެއް. އަތޮޅުފިހާރަތައް ދޮށެއް.

އަޅުގަނޑުމެންނަށް މި ރާއްޖޭގެ ތަރައްޤީގެ މަންޒަރެއް ވަރަށް ސާފުކޮށް އެބަ ފެނޭ. އެ ބެލުން އަޅުގަނޑު ހުއްޓައެއްނުލާނަން. އެ އުންމީދު އަޅުގަނޑު ނަގައެއްނުލާނަން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނާ އެކީގައި، ރާއްޖޭގެ ރައްޔިތުންނާ އެކީގައި އަޅުގަނޑުމެން މިދެކޭ ހުވަފެން ވަރަށް ފުރިހަމަ ޙަޤީޤަތަކަށް ވެގެންދާނެ. އަޅުގަނޑުމެން މިމަސައްކަތްތައް ކުރަމުން މިދަނީ، މީގެކުރީގައި ރާއްޖޭގެ ވެރިން މިކަން ކުރަމުން އައި ގޮތަކަށެއް ނޫން. އަޅުގަނޑު ތަކުރާރުކޮށް މިވާހަކަ އެބަ ސާފުކުރަން. އަޅުގަނޑުމެންނަކު މީގެކުރިއާ މާލެ ފޮތިފޮތިކޮށް ބަހާލައި، އަޅުގަނޑުގެ ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށްދޭކަށް ނޫޅެން. މިއަދުވެސް ހުރީ ހަމަ އެ ޤާނޫނު. އަޅުގަނޑަށް އާދަމް މަނިކަށް ގުޅާފައި، ކެނެރީގޭ ހުރިހާ އެންމެންނަށް ގޯތިދޭށޭ ބުނެވޭނެ. އަދި އާދަމް މަނިކު ބަހާލާފައި ހަމަ ދެއްވެންވެސް ދެއްވޭނެ. އަޅުގަނޑުމެން މިތަނަށް އައިސް މިތިބީކީއެއް ނާޖާއިޒު ފައިދާއަކަށްޓަކައެއް ނޫން. ނުޙައްޤު އެންމެ ޒައްރެއްގެ މިންވަރުވެސް ހޯދުމުގެ ނިޔަތެއްގައެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯ، އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢު އެއީ ޙަޤީޤަތަކަށް ހެދުން. އަޅުގަނޑުމެނެއް ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެންނެއް ހުއްޓި ދޫކޮށްލާ، ހަމަ މަގުން ނެއްޓިއެއްނުމެދާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދާނީ ތިޔަބޭފުޅުންނާ އެކީގައި ކުރިއަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

___________________________