بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ނައިބު ރައީސް. ވަޒީރުންގެ މަޖިލީހުގެ ވަޒީރުން. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން. ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން. ޝަރަފްވެރި ޢިއްޒަތްތެރިން. ޤައުމަށް ގިނަދުވަހު ޚިދްމަތް ކޮށްފައި ތިއްބެވި ޢިއްޒަތްތެރިން. އަދި މި ރާއްޖޭގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައި އެއް އަޞްލަކީ، އިންސާނީ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސަކީ ގެއެއްކަން، ބޯހިޔާވަހިކަން. ޤައުމެއް ތަރައްޤީވެދިޔުމަށް އުފައްދާންވި އެންމެ މުހިންމު އެއް މުއައްސަސާއަކީ ގެކަން. އިޖްތިމާޢީ މައްސަލަތަކަށްވެސް އަދި އިޤްތިޞާދީ މައްސަލަތަކަށްވެސް ޙައްލެއް އަޅުގަނޑުމެންނަށް ގެނެވޭނީ، މި ފެންނަނީ ރަނގަޅު ގެއެއް އަދި އެ ގެއެއްގެ ތެރޭގައި ރަނގަޅު ޢާއިލާއެއް އުފެދިގެން. މި ރަނގަޅު ޢާއިލާއާއި އަދި އެހެންވީމާ ރަނގަޅު ޤައުމު ބިނާކުރެވޭނީ، އޭގެ މައިގަނޑު އަސާސް ކަމަށް މިދެކެވޭ ގެ ތަރައްޤީ ކުރެވިގެން. ޒަމާނުއްސުރެ ފަށައިގެން ދިވެހިންގެ ތެރޭގައި ބޯހިޔާވަހިކަމަކީ ނުވަތަ ގެއަކީ ވަރަށް މާތް ކަމެއް، ޤަދަރެއް، ޢިއްޒަތެއް ދެވިފައިވާ މުއައްސަސާއެއް. އަޅުގަނޑުމެންގެ ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތަކީ، މިދެންނެވި އިންޖީނު، މިދެންނެވި ތަރައްޤީގެ އިންޖީނު، ގެ، އެ ގެ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނޭ އިންތިޒާމެއް، ނިޒާމެއް ހޯދުން.

މި ސަރުކާރު އުފެދިފައި މިވަނީ، މިދެންނެވި ވަޢުދުގެ މައްޗަށް ބިނާވެ. ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެން ހޯދާނީ، ބޯހިޔާވަހިކަން ތަރައްޤީކޮށްގެން ކަމަށް އަޅުގަނޑުމެން ދެކި، އެ އުޞޫލުގައި، އެ އިންތިޒާމުގައި މި ރާއްޖެ ބަދަލުކުރެވިދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުގައި. އަޅުގަނޑުމެންނަށް ކިތަންމެ ދަތިތަކާ އެބަދިމާވޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންވެސް ދެކޭނެކަން، އަދި ޤަބޫލުފުޅު ކުރައްވާނެކަން، މިއަދު މި ރާއްޖޭގައި މި ސަރުކާރު މި ހިންގާ ވެރިކަމަކީ، މީގެކުރީގައި ދުވަހަކުވެސް ދިވެހިންގެ ތެރޭގައި ހިންގާފައިވާ ބާވަތުގެ ވެރިކަމެއް ނޫން. މިނޫން ދުވަހެއްގައި ރާއްޖޭގެ ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދި އެކިގޮތްގޮތުން ސަރުކާރު ޖަވާބުދާރީ ކުރުމަށް ވަރަށްފަހި ފުރްޞަތުތަކެއް ހުޅުވާލެވިފައެއް ނުވާނެ. މި ފަހި ފުރްޞަތުތަކުގެ ތެރެއިން ޤައުމީ އެއްވެސް މަޝްރޫޢެއް ނުގެންދެވޭނެ މީގެކުރީގައި އެ ގެންދެވިފައިވާ ގޮތަށް. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި ގެންގޮސްގެންނުވެސްވާނެ. އޭގައި ކޮންމެ މަރްޙަލާއެއްވިޔަސް، އެ ހުއްޓަންޖެހޭ ތަނަކަށް ހުއްޓައި، ބަލަންޖެހޭ ކަމެއް ބަލައި، ދެން ޖަވާބުދާރީ ކުރަންޖެހޭ ބަޔަކު ޖަވާބުދާރީކޮށް، މަޝްރޫޢު ކުރިއަށްދާންޖެހޭނީ. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެން މިކަމާ ޙަވާލުވެ މިތިބީ، އަޅުގަނޑުމެންނަށް ވަރަށް ފުރިހަމައަށް މިކަންވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކު.

އަޅުގަނޑުމެންގެ ވަޢުދު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފުއްދާނަން. ޚާއްޞަކޮށް، މިރަށުގެ ރައްޔިތުންނަށް އަޅުގަނޑު އެނގޭނީ މިއަދަކު ނޫން. ތިޔަބޭފުޅުން އަޅުގަނޑު ދަންނާނެ، އަޅުގަނޑުގެ ވަރަށް ޅަޢުމުރުއްސުރެ. އަޅުގަނޑު މި މަގާމުގައި، މި ވެރިކަމުގައި މިހުރީކީއެއް އެއްވެސް ހާލެއްގައި، މި ވެރިކަމުގެ އަރާމާއި، ލައްޒަތާއި، ހައިބަތާއި ޤަދަރަށްޓަކައެއް ނޫން. މީގެ މަންފާއެއް، ނާޖާއިޒު ގޮތުގައި ނެގުމުގެ ކުޑަވެސް ފިކުރެއް އޮވެގެނެއް ނޫން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން އެކަން ޤަބޫލުފުޅު ކުރައްވާނެ. އަޅުގަނޑުމެން ހިންގަމުން މިއަންނަ މަޝްރޫޢުތައް، އަޅުގަނޑުމެން ހިންގަމުން މިއަންނަނީ، ނުހަނު އުނދަގުލުގައި. ކިތަންމެ ހުރަހެއް ގިރާކޮށްފައި. އެހެން ނަމަވެސް، އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންގެ މި ހިތްވަރާއި، މި ޢަޒުމާއި، މި ޙިކްމަތް އެބަހުރި. މި ރާއްޖެ އަޅުގަނޑުމެންނަށް އަނބުރާލެވޭނެ. އަޅުގަނޑުމެން މި ރާއްޖެއާ އަޅާލާނަން. އަޅުގަނޑުމެންގެ ވަޢުދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުއްދާނަން. އަޅުގަނޑުމެން މި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. މާލޭގެ ރައްޔިތުން ބިކަ ހާލުގައި ތިބޭތާ ވަރަށްގިނަ ދުވަސް ވެއްޖެ. އެމީހުންގެ ގެދޮރާއި، އެމީހުންގެ ދިރިއުޅުމުގެ ހާލު އަޅުގަނޑު ހަމަގައިމުވެސް ވަރަށް ސާފުކޮށް ދަންނަން. މިރަށުގައި، މި މާލޭގައި އަޅުގަނޑު ނުވަންނަ ގެއެއް މަދުވާނެ. އެއްފަހަރަކު ނޫން. މާލޭ ރައްޔިތުންނަށް މިކަން ވަރަށް ސާފުކޮށް އެނގޭނެ. އަޅުގަނޑުމެންގެ ސަރުކާރަކުން މި ރަށުގެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން، އެ ދިމާވެފައި އޮތް ބިކަ ހާލުން މިންޖު ނުކުރެވޭނެނަމަ، ނުކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ކުޑަކޮށްވެސް ހީވާނަމަ، އަޅުގަނޑުމެން މިކަމާއިގެން ނުނުކުތީސް. އަޅުގަނޑުމެން ނުކުމެ މިތިބީ، އަޅުގަނޑުމެންނަށް މިކަންވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއެކު. އަދި ކުރިމަތީގައި ހުރި ހުރަސްތަކަކީ ކޮބައިކަންވެސް ވަރަށް ރަނގަޅަށް ދެކިތިބެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، އަޅުގަނޑުމެން ދާނީ ކުރިއަށްކަން. އަޅުގަނޑުމެން ފަހަތަށްނުޖެހޭނެކަން. އަދި އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

___________________________