بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ނައިބު ރައީސް. ޢިއްޒަތްތެރި ވަޒީރުން. އެކުވެރި ދައުލަތްތަކުގެ ސަފީރުން. ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އިސްވެރިން. ވަކިން ޚާއްޞަކޮށް، ކްލަބް ޖަމްޢިއްޔާތަކުގެ ވެރިން. އަދި އެ ޖަމްޢިއްޔާތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު ދަންނަ ކިތަންމެ މޫނެއް އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑުމެންގެ ރާއްޖެ، ޝިހާބް ވިދާޅުވިފަދައިން މިއަންނަނީ ބަދަލުވަމުން. އިއްޔެގައި އަޅުގަނޑުމެން ދުށް ކަންތައްތަކެއް ނޫން މިއަދު އަޅުގަނޑުމެންނަށް ފެންނަނީ. އިއްޔެ އަޅުގަނޑުމެން ކަންކަމާ ގުޅޭގޮތުން ވިސްނަމުން އައި ގޮތަކަށެއް ނޫން މިއަދު އަޅުގަނޑުމެން ކަންކަމާ ގުޅޭގޮތުން ވިސްނަމުން މިއަންނަނީ. މިރާއްޖެ މިދަނީ ބަދަލުވަމުން. މިބަދަލުގައި އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުން ޙިއްޞާވުމަކީ އަޅުގަނޑުމެންނަށް މިބަދަލު ކާމިޔާބުގެ އައްސޭރިއަކަށް ގެނެވެން އޮތް ހަމައެކަނި ގޮތް.

އަޅުގަނޑުމެން ބޭނުންވާ ބަދަލު މުހިންމު. އެބަދަލު ގެނައުންވެސް އެހާމެ މުހިންމު. އަޅުގަނޑުމެންގެ އަމާޒަކީ، މަޤްޞަދަކީ ތަރައްޤީ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވުން. އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޢާއިލާތަކަށް ރިވެތި ގޮތުގައި، ހާސްކަމެއްނެތި ދިރިއުޅެވޭނޭ ގޮތެއް ހޯދުން. ތަރައްޤީގެ ފޮނި މަރްޙަލާތަކަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނޭ މަގުތަކެއް އަޅުގަނޑުމެން ކޮށުން. އެކަމުގައި ކްލަބް ޖަމްޢިއްޔާތައް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުން އަންނަ އެންމެހާ ޖަމާޢަތްތަކުގެ ޙިއްޞާ ވަރަށް ބޮޑަށް ބޭނުން. އެ ނުލާ އަޅުގަނޑުމެން މިއުންމީދުކުރާ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. އަޅުގަނޑުމެން މިބޭނުންވާ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ޖަމްޢިއްޔާތައް، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި، ރާއްޖެ ކުރިއަށް ގެންދިޔުމުގައި ބައިވެރިވެވޭނެ ގޮތްތަކާއި، ބައިވެރިވެ ޙަރަކާތްތެރިވާނޭ އިންތިޒާމްތައް މިހާރަށްވުރެ ފުރިހަމަކުރުމަކީ މިވަގުތަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއް.

ރާއްޖޭގެ ތާރީޚުގައި ޖަމްޢިއްޔާއާއި ޖަމާޢަތްތަކުގެ ދައުރު އުފެދެމުން، ބައްޓަންވަމުން އައި ގޮތް މާހިރު ދެންމެ ފާހަގަކޮށްދެއްވައިފި. ވިދާޅުވެއްޖެ، އެންމެ ފުރަތަމަ ޖަމްޢިއްޔާއެއްގެ ގޮތުގައި ފެންނާން އޮތީ ރޭޑިއަންޓް ކްލަބޭ. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ވަރަށް ފުރިހަމަ ދައުރެއް ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި އަދި މުނިފޫހިފިލުވުމުގެ މައިދާނުގައި އަދާކުރި ކްލަބެއް. ފަހުން އައިސް އަޅުގަނޑުމެންނަށް އެނގޭ، ނިއުރޭޑިއަންޓް އެއީ، ރޭޑިއަންޓް ކްލަބުން އުފެދިގެން އައި ދަރިއެއްކަން. އަދި މިހާރުވެސް އެކްލަބް ހަމަ ހީވާގިކަމާއެކީގައި ޙަރަކާތްތެރިވަމުން އެބަދޭ.

ރޭޑިއަންޓް ކްލަބްގެ ކުރީގައިވެސް އަދި އޭގެ މާކުރީގައިވެސް ޚާއްޞަކޮށް މިފަހުން އައިސް މިފަހުގެ ތާރީޚަށް އަޅުގަނޑުމެން ބަލާއިރު، މުތަޤައްދިމް ޕާޓީގެ ވެރިކަން ނިމުމާއެކުގައި، އެޕާޓީ އުވިއެއްނުދޭ. އެއަށްފަހު، އަޅުގަނޑުމެންނަށް ލިބުނީ ކްލަބް ޖަމްޢިއްޔާ ޕާޓީތައްފަދަ ތަންތަނުގެ ޤާނޫނު. އެއީ 1985 އަށްވުރެ އަދި ތަންކޮޅެއް ކުރީގައި. މި ޤާނޫނު އެއީ 1960ގެ ދުވަސްވަރުގައި ނުކުތް ޤާނޫނެއް. އެ ޤާނޫނު ޙަޤީޤަތުގައި އަމާޒުކުރީ މުތަޤައްދިމް ޕާޓީއާ ގުޅޭގޮތުން ޖަވާބެއް ދިނުމަށް. އެޕާޓީ އުވައެއްނުލެވޭ. އެޕާޓީގެ އިސް ލީޑަރުން ހައްޔަރު ކުރެވުނީ. އެހެން ނަމަވެސް، އެޕާޓީގެ އޭރުގައިވެސް ގިނަ ބޭފުޅުންތަކެއް ތިއްބެވި.

ހަމަ އެއިރުގައި އުފެދެން އުޅުނު އެހެން ޕާޓީއެއް، ތަމައްދުން ޕާޓީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މާޖެހިގޭ މުޙަންމަދުދީދީ އަދި އެއްގަމުގޭ ފާމުލަދޭރި ކިލެގެފާނު އިސްވެ ޙަރަކާތްތެރިވަޑައިގަތުމަށް ތައްޔާރުވަމުން އައި ޕާޓީއެއް. އެހެން ނަމަވެސް، އަޅުގަނޑުމެން އެޕާޓީއެއް ނުދެކެން. މުތަޤައްދިމް ޕާޓީ ނިމި، ކްލަބް ޖަމްޢިއްޔާ ޕާޓީފަދަ ގަވާއިދުތަކުން އެކަމަށް ޖަވާބު ދިނުމަށްޓަކައި ރާއްޖޭގެ އެކިއެކި އޮނިގަނޑުތައް، އެކިއެކި ބާރުތައް މަސައްކަތް ކުރަމުން އައި. އަޅުގަނޑުމެން ފަހުން އައިސް ދުށިން، ނޫ ޤާނޫނުއަސާސީން އެއްވެ އުޅުމުގެ އަދި ޖަމާޢަތް ހެދުމުގެ މިނިވަންކަން ލިބިފައި އޮތް ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، އިއްޔެއާ ޖެހެންދެންވެސް މިރާއްޖެއަކީ ތިން މީހުންނަށްވުރެ ގިނަ މީހުން އެއްތަނެއްގައި ތިބުން އެއީ، ގާތްގަނޑަކަށް މަނާވެފައި އޮތް ރާއްޖެއެއް. އެތަނުން އަޅުގަނޑުމެން ދާންވެގެން މިއުޅެނީ މިއަދު މި ދާން އުންމީދުކުރާ ތަނަށް. އެކަން އަޅުގަނޑުމެން ކުރާއިރުގައި، ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި، ބުއްދިވެރިކަމާއެކީގައި އަޅުގަނޑުމެން އެކަން ކުރާން ޖެހޭނެ. އަޅުގަނޑުމެންނަށް އެކަންވާނެ. އަޅުގަނޑުމެންގެ ޖީލަށް އެކަން ކުރުމުގެ ޤާބިލުކަން ހުރިކަން އެއީ، އަޅުގަނޑު ކުޑަކޮށްވެސް ޝައްކު ކުރާ ކަމެއް ނޫން. އަޅުގަނޑު މިދަންނަވާހެން ތިޔަ ހުރިހާ ބޭފުޅުންހެން، ގިނަ މޫނުތައް އަޅުގަނޑު ދަންނަން. ތިޔަބޭފުޅުންނަށް މިކަން ނުކުރެވޭނެ ހަމަ އެއްވެސް ސަބަބެއް ނެތް. އަދި އަޅުގަނޑު ޔަޤީންކޮށް އަރުވަން، މި ސަރުކާރުންވެސް ހަމައެކަނި ބަޖެޓުން ލާރިދިނުމެއް ނޫން. އެކަން އިރާދަކުރެއްވިއްޔާ ވޭތޯ އަޅުގަނޑަށްވީ މަސައްކަތެއް ކުރާނަން. އެހެން ނަމަވެސް، އޭގެ އިތުރު އަދި ކިތަންމެ ކަމެއް. ފައިސާއެއް ނޫން ހުރިހާ އެއްޗަކީ. ވިސްނުން، މަސައްކަތް، އަމާޒު، ދެގޮތެއްނުވުން، ގިނަވަގުތު މަސައްކަތުގައި ހުރެވުން އަދި މަސައްކަތުގެ ރަނގަޅު އަޚްލާޤެއް އުފެއްދުން. މިހުރިހާ މަސައްކަތެއް ކުރެވިގެން ނޫނިއްޔާ، ޙަޤީޤަތުގައި އަޅުގަނޑުމެން މިދާން ބޭނުންވާ މަންޒިލަށް އަޅުގަނޑުމެންނަށް ދާން އުނދަގޫވާނެ.

މިރާއްޖެގައި މިއަހަރުގެ ތެރޭގައި އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި ފަށައިގަނެވޭނެ، މިރާއްޖެ ދުވަހަކުވެސް ނުދެކޭހާ ގިނަ ތަރައްޤީގެ މަޝްރޫޢު. މިދިޔަ 50 އަހަރު ދުވަހު ހިންގުނުހާ މަޝްރޫޢުގެ ޖުމްލަ ފައިސާގެ ޢަދަދަށްވާވަރަށް އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި މިއަހަރު ހިނގަން ފަށާނެ. އޭގެތެރޭގައި އަޅުގަނޑަށް ފެނޭ، 50 އެތައް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފަށައިގަނެވޭނެ. ބަނދަރު ހަދަން، ގެ ހެދުމުގެ މަސައްކަތް ކުރިއަށްދާނެ، މަގުތައް ހެދޭނެ، ބިން ބޮޑުކުރެވޭނެ، ދަތުރުފަތުރުގެ ނިޒާމު ޤާއިމްކުރެވޭނެ، ގެދޮރު އެޅޭނެ. މިހެންގޮސް އަޅުގަނޑުމެންގެ ދިރިއުޅުމާއި، އަޅުގަނޑުމެންގެ ތަރައްޤީއާ ގުޅޭ ނުހަނު ގިނަ މަސައްކަތް މިއަހަރު އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ.

މިހުރިހާ މަސައްކަތެއްމެ ހިންގަން އޮތީ ހަމައެކަނި ސަރުކާރު ކަމަށްވަނީވިއްޔާ، މިއިން އެއްވެސް މަސައްކަތެއްގެ އެދެވޭ ނަތީޖާއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. މަސައްކަތްތައް ހިންގުމުގައި، މަސައްކަތްތައް ރޭވުމުގައި، މަސައްކަތް ބެލެހެއްޓުމުގައި، ނިންމާ މަސައްކަތް އަދި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ޙަރަކާތްތެރިވުމަކީ ތަރައްޤީގައި ކޮންމެހެން ބޭނުން ކަމެއް. ޤައުމެއް ތަރައްޤީއެއްވެއެއް ނުދާނެ، ޖަމްޢިއްޔާތަކުގެ ޙަރަކާތް އޭގެތެރޭގައެއް ނެތި. ހަމައެކަނި ސަރުކާރަކަށް ރައްޔިތެއްގެ ހުރިހާ ކަމެއް ކޮށްދެވިދާނެ ކަމަށް، ސަރުކާރަކުން ދެކި ތިބެ ކަންކަން ރާވައިގެން ނުވާނެ. ޖަމާޢަތްތައް ބޭނުންކުރެވޭ ގޮތަށް، ޖަމާޢަތްތަކުގެ އެހީތެރިކަމާއެކީގައި ނޫނިއްޔާ، އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ސިޔާސަތު އެކުލަވައިލައިގެން ނުވާނެ.

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ތިޔަބޭފުޅުން ކިތަންމެ ކިތަންމެ ކަމަކާ ގުޅޭގޮތުން ވިސްނަވާނެ. ކިތަންމެ ކިތަންމެ ކަމަކާމެދު މަޝްވަރާ ކުރާނެ. އޭގެތެރޭގައި، ތަރައްޤީގެ މަޝްރޫޢުތަކަށް ޙަރަކާތްތެރިވާނެގޮތް، ތިމާވެށި ރައްކާތެރި ކުރުމަށް ޙަރަކާތްތެރިވާނެ އެކިއެކި ޖަމާޢަތްތައް މިތާ އަޅުގަނޑަށް ފެންނާން އެބަތިބި. އަދި އެކިއެކި ސިޔާސީ ވިސްނުން ފުޅާކުރުމަށްޓަކައި ސިޔާސީ ގޮތުން ޙަރަކާތްތެރިވުމަށްޓަކައި ވަކިފަރާތަކަށް ނުޖެހި ބަސްބުނަމުން ދިޔުމުގައި ދެމިތިބުމަށް ތައްޔާރަށް ތިބި ޖަމާޢަތްތައްވެސް އަޅުގަނޑަށް މިތަނުން ފެންނާން އެބަތިބި.

މިވަގުތަކީ ރާއްޖޭގެ ޤާނޫނުއަސާސީ ތަންފީޒު ކުރަމުން އަންނަ ވަގުތު. މިވަގުތަކީ މިރާއްޖެ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައި، ދެފަރާތް ބެހިފައިވާ ވަގުތެއް. މިވަގުތުގައި ވަކިފަރާތަކަށް ނުޖެހި މިންއަޅާނޭ އަމިއްލަ ޖަމާޢަތްތަކެއް، ބަސްބުނާނޭ އަމިއްލަ ފަރާތްތަކެއް ހޯދުމަކީ، ތިބުމަކީ، ޙަރަކާތްތެރިވުމަކީ، މިރާއްޖޭގެ ސަލާމަތަށްޓަކައި ކޮންމެހެން ބޭނުން ކަމެއް. ޝަރީޢަތުގެ ނިޒާމް ހަރުދަނާ ކުރުން. ޝަރީޢަތް އެކުލަވައިލަމުން އަންނަ ވަގުތުގައި، ހަމަ އިންޞާފާ އެކީގައި އެއްޗެއް ބުނަން، އިންޞާފުގެ މަގުގައި މަގެއް ދައްކަން ތިއްބެވި ބަޔަކީވެސް ހަމަ ރައްޔިތުން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް، ކްލަބް ޖަމްޢިއްޔާތައް.

ޕާޓީތައް އުފެދި، ޕާޓީތައް ހިނގާން ފެށުމީ، ޙަޤީޤަތުގައި ޖަމްޢިއްޔާތައް އެއީ، ކޮންބައެއްކަން މިހާރު ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ސާފުވާން ޖެހޭނޭ ސަބަބެއް. މީގެކުރީގައި ސިޔާސީ ޕާޓީތައްވެސް ނުވަތަ ސިޔާސީ އެކިއެކި ޙަރަކާތްތައްވެސް ހިންގަމުން އައީ ޖަމްޢިއްޔާތަކުގެ އޮނިގަނޑުގެ ތެރޭގައި. މިވަގުތު އަޅުގަނޑުމެންނަކަށް އެކަން އެގޮތަށް ކުރާކަށް ނުޖެހޭ. ސިޔާސީ ބޭފުޅަކަށް ވެވަޑައިގަންނަވަން ބޭނުންވެލައްވާނަމަ، ސިޔާސީ ޕާޓީއެއްގެ ގޮތްޕެއްގައި ހިމެނިވަޑައިގަންނަވައިގެން، އެޕާޓީގެ ތެރެއިން ހަމަ ކުރިއަށް ވަޑައިގަންނަވަންވީ. އެއީ، ޚިޔާރު ކުރެވެން އޮތް މަގެއް. ބޭނުންވެލައްވަނީ ޖަމްޢިއްޔާއެއް، ޖަމާޢަތެއް، ކްލަބެއްގެ ތެރޭގައި ވަކި ސިޔާސީ ރޫޙެއްގެ ތެރެއަށް ނުވަދެ، ޙަރަކާތްތެރިވެވަޑައިގަންނަވަން ކަމަށްވަނީވިއްޔާ އޮތް ތަނަކީ ކްލަބް ޖަމްޢިއްޔާ. އަޅުގަނޑުމެންނަށް މިހާރު އަޅުގަނޑުމެން ހިނގާން ހުރި މަގުތައް ކުރިއަށްވުރެ މާބޮޑަށް ސާފު. އަޅުގަނޑުމެންނަށް މިހާރު ނެރެވެންހުރި ނަތީޖާ އެހެންވީމާ، ކުރިއަށްވުރެ ކިތަންމެ ތަނެއް އަޅުގަނޑު ދެކޭގޮތުގައި ރަނގަޅުވާނެ. އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި ތިޔަބޭފުޅުންނަކީ ބުއްދިވެރި ބައެއް. ތިޔަބޭފުޅުންނަށް ކަންކަމާ ގުޅޭގޮތުން ހެޔޮގޮތުގައި ވިސްނަވަން އެނގިވަޑައިގަންނަވާނެ. އެހެންވީމާ، ކުރިއަށް އޮތް ދެދުވަހުގައި އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ކްލަބް ޖަމްޢިއްޔާތައް ހިނގަމުން އަންނަ ހިނގުމަށް ބޮޑު އިންޤިލާބީ ބަދަލެއް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ގެނެސްދެއްވާނެ.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________