بســم اللّـه الرّحمـن الرّحيــم


ނޮޅިވަރަންފަރުގެ އެންމެހާ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:

السّـلام عليـكم

އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންގެ ތަޞައްވުރުގައި މިރަށުގެ އާބާދީ ބޮޑުކޮށް، މިއަތޮޅުގައި ހުރި ބައެއް އާބާދީ ކުދި ރަށްރަށުގެ ރައްޔިތުން މިރަށަށް ގެނެސް، މިރަށަކީ މަދުވެގެން ތިންހަތަރުހާސް މީހުން ދިރިއުޅޭ ރަށަކަށް ހެދުމަށް ކުރީ ސަރުކާރުން ފަށާފައި އޮތް މަސައްކަތް ހަމަ އަޅުގަނޑުމެންވެސް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން މިވަނީ ކަނޑައަޅާފައި. އަޅުގަނޑަށް ފެންނަ ފެނުމުގައި، ކުރީ ސަރުކާރުގެ އެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް.

މިއެއްފަސް ކުރުމުގައި އަޅުގަނޑުމެންގެ ސަރުކާރުން، މި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު ވިސްނުމަކީ، ދަތުރުފަތުރުކުރުމުގެ ރަނގަޅު ނިޒާމެއް އެކުލަވައިލައިގެން، ހުރިހާ އެންމެނަށްވެސް ޚިދްމަތްތައް އަތްފޯރާ ހިސާބުގައި ލިބޭނެގޮތް ހޯދައިދިނުން. އެހެން ނަމަވެސް، މިހާރު މިރަށުގެ މަސައްކަތް މިއޮތީ ވަރަށްބޮޑު ހިސާބަކަށް ކުރިއަށް ގެންދެވިފައި. އެ ތިންރަށް މިރަށަށް ބަދަލުކުރުމުގެ ގެތައް، އޭގެތެރެއިން އެއްބައި ގެ އަޅާ ނިމިފައި. އަނެއްބައި ގެ މިހާރު އެދަނީ އެޅެމުން. އަދިވެސް އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި އިތުރު 51 ގެ އެބަ އަޅާންޖެހޭ. މިހުރިހާ ގެއެއް އަޅާ ނިމެންދެން މީހުން ބަދަލުނުކޮށް ތިބުމަކީ އަދި އެހާވެސް ބުއްދިވެރި ގޮތެއް ނޫންކަމަށްވެސް އަޅުގަނޑުމެންނަށް ފާހަގަވޭ. ވީވަރަކުން، ގެތައް ނިމުނުވަރަކުން ބަދަލުކުރެވެން ހުރި ބަޔަކު ވީހާވެސް އަވަހަކަށް ބަދަލުކުރެވޭނެ ގޮތެއް ހޯދުން އެއީ މިކަން، މިމުޅި މަޝްރޫޢު ދިރިދިރި އަބަދުމެ އޮންނާނެ ގޮތްކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ.

އަޅުގަނޑުމެންނަށް މިހާރު މިބަލާ ބެލުމުގައި، މިރަށަށް ބަދަލުކުރަން މިއޮތް މާވައިދުއާއި، ކުނބުރުދުއާއި، ފަރިދޫއާ، މި ތިންރަށުގައި މިވަގުތު ސީދާ ދިރިއުޅެމުން ގެންދާ މީހުންނަށް ވާވަރަށް މިހާރު އެބަހުރި ގެ ޢިމާރާތް ކުރެވިފައި. މިވަގުތު މިދެންނެވި ތިންރަށުގައި މީހުން ދިރިއުޅެމުންދާ މިންވަރަށް އެބަހުއްޓޭ، މިހާރު މިރަށުގައި ގެ ޢިމާރާތް ކުރެވިފައި. އެހެންވީމާ، އެއްގޮތަކީ މިހާރުން މިހާރަށް އަވަހަށް އެ ތިންރަށުގައިމެ ދިރިއުޅެމުން ގެންދާ ހުރިހާ އެންމެން މިރަށަށް މިހާރު ބަދަލުކުރުން. ބަދަލުކޮށްފައި ދެން އެބަހުރި އަދި އެރަށްރަށުގައި ގޯތިގެދޮރު، ގެދޮރު ހުރި މީހުން، އެހެން ނަމަވެސް، އެ ގެދޮރުގައި ދިރިނޫޅޭ، މިސާލަކަށް އަދި ކުޅުދުއްފުށީގައި ނަމަވެސް ނުވަތަ މާލޭގައި ނަމަވެސް، ދިރިއުޅޭ ގޭގެ. އެމީހުންގެވެސް ގޯއްޗަކާއި ގެއަކާއި އޮތް. އެހެންވީމާ، އެމީހުންނަށްވެސް އެ ގޯއްޗަށާއި، އެ ގެއަށް ޙައްޤު ބަދަލެއް ސަރުކާރުން އެބަ ދޭންޖެހޭ. އެހެންވީމާ، ދެން އަޅުގަނޑުމެން މަސައްކަތް ފަށައިގަންނާނީ މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބިންގާ އަޅައި ޢިމާރާތް ކުރެވޭނެ އިތުރު 51 ގެ. އޭރުން އެރަށްރަށުގައި ދިރިނޫޅޭ މީހުންނަށްވެސް، އެކަމަކު އެރަށްރަށުގައި ރަޖިސްޓްރީ އޮތް މީހުންނަށްވެސް، އެއީ ރަޖިސްޓްރީ މިދެންނެވީ، ގެވަޅެއް އޮތް މީހުންނެއް ނޫން، ގެވަޅެއް އޮތް މީހުންނަށް ގެވަޅެއް. ގެއެއް ހުރި މީހުންނަށް ގެއެއް ދެވޭނެ ގޮތް އޭރުން ރީތިކޮށް އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނެ.

މިގޮތަށް އަޅުގަނޑު މިދެންނެވި އުޞޫލުން މިހާރު އެއްރަށް، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިފަހުން ބަދަލުކޮށްފިން. އެއީ، ރ. އަތޮޅު ކަނދޮޅުދޫ މީހުން އަލިފުށްޓާއި ހުޅުދުއްފާރާއި އަދި އެއަތޮޅު އެހެން ރަށްރަށުގައި ތިއްބާ، ދުވާފަރަށް ބަދަލުކުރުން. ދުވާފަރުގައި މިހާރު ގެ ލިބިފައި އެ ހުރީ ކޮންމެހެން ކަނދޮޅުދޫގައި ކޮންމެ ގޯއްޗެއް އޮތް މީހަކަށް ގެއެއް ދުވާފަރުގައި ލިބުނީކީއެއް ނޫން. އެހެން ނަމަވެސް، ކަނދޮޅުދޫގައި ދިރިއުޅެމުން އައި ކޮންމެ މީހަކަށް، ކަނދޮޅުދޫގައި ޢިމާރާތް ކޮށްގެން ގޯއްޗެއްގައި، ގެއެއްގައި ދިރިއުޅެމުން އައި ކޮންމެ މީހަކަށް ދުވާފަރުން އެހެރީ ގެއެއް ލިބިފައި. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިރަށުގައިވެސް ހަމަ އެ އުޞޫލު ގެންގުޅުން އެއީ، އިންޞާފުވެރި ގޮތެއް ގޮތުގައި އަޅުގަނޑުމެން ދެކެމޭ. އެންމެ އިންޞާފުވެރި ގޮތަކީ ހަމަ ކޮންމެ މީހަކަށްވެސް ގެއެއް ލިބޭގޮތްވުން. އެންމެ ރަނގަޅު ގޮތަކީ ކޮންމެ ދަރިއަކަށްވެސް ގެއެއް ލިބޭގޮތްވުން. އެންމެ އަޅުގަނޑުމެންވެސް ހިތްއެދޭނެ ގޮތަކީ އަދި ދެން ވިހާން ތިބި ކުދިންނަށްވެސް އިތުރު ގެއެއް ލިބިފައި އޮންނާނެ ގޮތަކަށް މިކަން ހަމަޖެހުން. ދެން އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ، އެއްޗެތި މިހުންނަނީ ވަކިވަރަކަށް. ބަހަންވެސް އެބަޖެހޭ. އަދި އިސްކަންވެސް އެބަ ދޭންޖެހޭ. ތަރުތީބެއްވެސް އެބަ ބާއްވަންޖެހޭ. އަދި ހަމަ އިންޞާފެއްވެސް އެބަ ޤާއިމްކުރަންޖެހޭ.

ދެން އަޅުގަނޑު މިދެންނެވި ގޮތް އެއީ އަޅުގަނޑަށް އެނގޭ، ހުރިހާ ބޭފުޅުން ހިތްހަމަޖެހޭ ގޮތަކަށް ނުވާނެކަން. ދެން އެހެން ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ ގޮތެއް ނިންމާފައި މިގޮތަށް މިކަން ކުރާށޭ މިނިންމީ. އެހެންވީމާ، މިގޮތަށް މިކަން މިކުރަނީއޭ. އެހެން ބުނެފައި، ސަރުކާރުން އެބަޖެހޭ އެގޮތަކަށް، އެމަގަކަށް އެކަން ކުރުމަށް މަސައްކަތް ކުރާން ފަށަން. އެ މަސައްކަތް ކުރާއިރުގައި، ސަރުކާރަށް އެ މަސައްކަތް ކުރެވޭނީ އެ ރައްޔިތުން އެގޮތަކަށް ރުހުނީމާ. ރައްޔިތުން ނުރުހި، ރައްޔިތުންގެ އިދިކޮޅު ހެދުމާއެކީގައި މިބާވަތުގެ ކަމެއް ހަމަ އެއްގޮތަކަށްވެސް ނުކުރެވޭނެ.

އަޅުގަނޑު މިދެންނެވި މަގަށް މިކަން ނުކޮށްފިނަމަ، ދެން އަނެއްކާވެސް އަޅުގަނޑުމެން މަޑުކުރަންޖެހޭނީ. ފުރަތަމައިނުން ހަދާ ނިމުނު ގެތައް މިހާރު އެހެރީ ހަދާ ނިމިފައި. ސަރުކާރުން އެގެތަކާ ޙަވާލުވެފައި. ޗައިނާ މީހުން އަޅާ ގެތައް މިހާރު އެދަނީ އަޅަމުން. އަހަރު ނިމޭއިރު އެގެތައްވެސް ޙަވާލުކުރާނެ. ދެން އެނގިވަޑައިގަންނަވާނެ، ގޯތިގެދޮރު އަޅާ ނިމިފައި، ޢިމާރާތްކޮށް ނިމިފައި ފަޅަށް އެހެން ހުންނާން ފެށުމުން ދެން އެދާނީ ހަލާކުވަމުން. އެހެންވީމާ، ނިމުނު ތަންތަނަށް ވީހާވެސް އަވަހަކަށް މީސްމީހުން ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި މިވަގުތު މިކަން ކުރާން އޮތް އެންމެ ރަނގަޅު، އެންމެ ބުއްދިވެރި ގޮތް.

އެބަދަލުކުރުމުގެ ކުރީގައި ކަރަންޓްގެ ކަންތައް މުޅި ރަށުގައި އެކީއެކައްޗަކަށް އެބަ ޙައްލުކުރަންޖެހޭ. އެހެންވީމާ، އެއީ އަލަށް އަޅުގަނޑުމެން ކުރާންޖެހޭނެ ކަމެއް. ހަމަ މުޅި ރަށުގައި ނަރުއަޅައި އަދި މުޅި ރަށަށް ޖަނަރޭޓަރ ގެނެސް، ކަރަންޓްގެ ކަންތައްތައް މިރަށުގައި ހަމަ އެކީއެކައްޗަކަށް ފުރިހަމަކުރަން ޖެހޭނީ. ދެން ދެންމެ ނަޝީދު އެފާހަގަކުރެއްވީ ނަރުދަމާ. ނަރުދަމާގެ ކަންތައް އަޅުގަނޑުމެންނަށް ފަށައިގަނެވޭއިރުގައި ހުންނާނީ އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި ތިންހަތަރު މަހެއްވެފައި. ދެންގޮސް ނިމޭއިރު ހުންނާނީ އަހަރެއްވެފައި. އެހެންވީމާ، އެ ނަރުދަމާވެސް ނިމެންދެން މިތަނަށް މީހުން ބަދަލުނުކޮށް ބަހައްޓަން ވެއްޖިއްޔާ ވަރަށްގިނަ ދުވަސްތަކެއް ވަންދެން ބަދަލުނުކޮށް ތިބެން ޖެހިދާނެ. އެހެންވީމާ، އަޅުގަނޑުމެން މިހިތަށްއަރަނީ ވަގުތީ ނަރުދަމައެއް، އަންނަ ބޮޑު ނަރުދަމާއާ ގުޅޭނެ. ދެން އެހެންވީމާ، ވަޅުގަނޑުތަކަކަށް ހިންދާ ވަޅުތަކެއް މަގުތަކުގައި ބަހައްޓައިގެން ނަމަވެސް، މިއަންނަ މައި ނަރުދަމައާ ގުޅޭގޮތަށް މި ވަގުތީ ނަރުދަމާ ހަދާފައި، އޭގެ ނިޒާމުގެ ތެރެއަށް މިގެތައް ގުޅިގެން މިގެތަކުގައި މީހުން ދިރިއުޅެން އަވަހަށް ފެށޭނެ ގޮތެއް ހޯދުން.

އަޅުގަނޑުމެންގެ އަމާޒަކީ، އެހެންވީމާ އަޅުގަނޑު އެބަ ހިތަށްއަރާ ޢީދަށް އަޅުގަނޑުމެންނަށް މިކަންވާނެގޮތް ވެދާނެބާއޭ. ރޯދަ ޢީދަށް. ދެން ރޯދަ ޢީދަށް ނުވިޔަސްވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރޯދަ ޢީދާ ގާތުން މިކަންވޭތޯ ބަލަން. އެއީ، އަނެއް 3 ރަށުގެ، މިހާރު އެ 3 ރަށުގައި ދިރިއުޅެމުންދާ މީހުން މިރަށަށް ބަދަލުކުރުމުގެ މަސައްކަތް.

އަޅުގަނޑު ދަންނަވާލަން ބޭނުން އިނގޭތޯ. ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަބަދުމެ ހަމަ އަޅުގަނޑު ގާތުގައި، ތިޔަބޭފުޅުންގެ ވާހަކަތަކާއި، ތިޔަބޭފުޅުންގެ ބޭނުންތަކާއި، ތިޔަބޭފުޅުންގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަ، ކެނޑިނޭޅި އަޅުގަނޑު ގާތުގައި ނަޝީދު އެވާހަކަ ދައްކަމުން ގެންދޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ނަޝީދާ އެކުގައި މިރަށުގެ ތަރައްޤީގެ މަސައްކަތްތައް ހިންގަންވެސް ކިތަންމެ ތަނަކުން ފަސޭހަވެގެންދޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މަދަރުސާ މިހާރު އެއޮތީ އެއްދަންފަޅިއަށް ހެދިފައި. ދެން މިއަންނަ އަހަރު އަންނައިރުގައި އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އަދި އިތުރު 2 ކްލާސްރޫމް ނެތިއްޖިއްޔާ ކަމަކުނުދާނެ. އަދި އެއަށްވުރެ މާގިނަ ކްލާސްރޫމް ބޭނުންވާނެ. އަނެއް 3 ރަށުގެ މިހާރު އެތިބި މީހުން މިރަށަށް މިއަހަރުގެ ތެރޭގައި ގެންނަން ކަމަށްވަންޏާ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އެ ކްލާސްރޫމްގެ ކަންތަކަށްވެސް ބަލައިގެން އިތުރު ކްލާސްރޫމް ބަރިއެއް މިއަންނަ އަހަރުވާންވާއިރަށް މިތަނުގައި ހަދަން. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެން މަސައްކަތް ކުރާނީ މާލެގޮސް ފިނޭންސް މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެކަންވެސް އެހެން ކުރެވޭނެ ގޮތެއް ހޯދަން. އިރާދަކުރެއްވިއްޔާ، އެކަންވެސް އެހެންވެގެންދާނެ.

މިރަށުގެ ބަނދަރެއް ހަމަ ނުހަދާން މިރަށު ރައްޔިތުން ނިންމާފައި އެއޮތީ ވަރަށް ރަނގަޅަށް. މިރަށުގެ އެހެން ނަމަވެސް، ފަޅު ތިލަވާނެ އަބަދުވެސް. އެހެންވީމާ، އެއީ އަބަދުއަބަދު ކޮނެކޮނެ، ކޮންމެ އަހަރަކު އެއްފަހަރު، އެހެންނޫނީ ދެއަހަރުން އެއްއަހަރުހެން ތިލަވާ ތަންތަން ކޮނެފައި، އޮޑިފަހަރަށް ޖެޓީއަށް ގާތްކުރެވޭ ގޮތަށް ރޭވިފައި އޮންނަންޖެހޭނީ. އެހެންވީމާ، ބަނދަރެއް އަދި ނުހެދިއެއްކަމަކު، ބަނދަރެއް މިހަދަނީ އެތެރެވަރި މަޑުކޮށް ބާއްވަންވެގެން. ބަނދަރެއް ހަދައިފިއްޔާ، އަޅުގަނޑަށް ފެންނަ ފެނުމުގައި ތިޔަބޭފުޅުންނަކަށް ރިޒޯޓެއް ހަދާކަށް ފުރްޞަތެއް ނޯންނާނެ. އެއީ ބަނދަރެއް ހަދައިފިއްޔާ، އެއްވެސް ޝައްކެއްނެތް މިރަށް ހަލާކުވާނެ. ހަމަ ރަށްވަށާ ތޮށްޓެއް އަޅަންޖެހޭނެ އެންމެފަހުން އައިސް. އެކިދިމަދިމާއިން ގިރަން ފަށާނެ. އެހެންވީމަކާއެއް ދެން ކޮންމެވެސް އެއްކަމެއް އަޅުގަނޑުމެންނަށް ކުރެވޭނީ. އެއީ، އެހެން ރަށްރަށުގައިވެސްވާހެން، ބަނދަރެއް އަޅައިފިއްޔާ، ރީތި ތުނޑިއާއި، ސާފު ގޮނޑުދޮށާ، މިހުރިހާ އެއްޗެއް ގެއްލިފައި، ހަމަ ބޮޑުހިލަ ޖައްސާފައި ވާޓަރު ޖަހާފައި މުޅި ރަށް ގާގަނޑެއްހެން ބާއްވަންޖެހޭނީ. މާލެއާ އެއްގޮތަށް އޮންނަންޖެހޭނީ އެންމެފަހުން އައިސް. އެހެންވީމާ، މިރަށުގެ ރައްޔިތުންގެ ވިސްނުން ތިހުރި ގޮތަށް ޖެޓީއެއް ބޭނުންކޮށްގެން އެހެން ނަމަވެސް، ދޯނިފަހަރަށް ފަސޭހައިން ލަފާ ފުރޭނެ ގޮތެއް ހޯދައިގެން، މިބަނދަރުގެ ލަފާފުރުމުގެ ކަންތައް ފަސޭހަކޮށް ބޭއްވުމަކީވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ކޮށްދޭނެ ކަމެއް. މިރަށުގެ ތަރައްޤީގައި އަޅުގަނޑުމެން ހިންގާނެ މަސައްކަތެއް.

އަޅުގަނޑު އުންމީދު ކުރަން، މިރަށުގައި 65 އަހަރުން މަތީގެ ރައްޔިތުންނަށް ލިބޭ ޕެންޝަނާއި އަދި އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ނުކުޅެދޭ މީހުންނަށް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ލިބެންޖެހޭ ފައިސާއާއި، އަދި އެކަނިވެރި މައިންނަށް ލިބެންޖެހޭ ފައިސާއާއި، ޔަތީމު ކުދިންނަށް ލިބެންޖެހޭ ފައިސާއާ، އެހެންގޮސް އިޖްތިމާޢީ ރައްކާތެރިކަން ހިފެހެއްޓުމަށްޓަކައި، ނިކަމެތިން ހަލާކުވިޔަނުދީ އަދި މުޅިން ނިކަމެތިވެ، ބިކަވެ ހާލުގައި ޖެހުނަ ނުދިނުމަށްޓަކައި ސަރުކާރުން ނިންމާފައި އޮތް މަޝްރޫޢެއް އެއީ. ކުރިއަށް ގެންދާ މަޝްރޫޢެއް އެއީ. އެންސްޕާއިން އެ ގެންދަނީ އިޖްތިމާޢީ ރައްކާތެރިކަމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. ދެން މިދޭތެރެއަކުން ސަރުކާރަށް ކުޑަކުޑަ ދައްޗެއް އައި. މަޖިލީހުން އެ މާލިއްޔަތު ޤާނޫނަށް ގެންނަވަންވެގެން އުޅުއްވި އިޞްލާޙެއްގެ ތެރޭގައި، މި ސަބްސިޑީއަށް މިދޭ އެއްޗެތި ދީގެން ނުވާނެއޭ. ދެން ބައެއް ބޭފުޅުންނަށް ހީވަނީ އަޅުގަނޑުމެން ބަޔަކު މީހުންގެ ހިތް ރުއްސަން ނުވަތަ ނާޖާއިޒު ފައިދާއެއް ނަގަންވެގެންނޭ، 65 އަހަރުން މަތީގެ މީހުންނަށް އެއްޗެއް މިދެނީ. ދެން އަޅުގަނޑުމެން އެހެން ނަމަވެސް މިދެނީ ހަމަ ބޮޑު ޕްރޮގްރާމެއްގެ ތެރެއިން. އިޖްތިމާޢީ ޢަދާލަތެއް ހޯދުމަށްޓަކައި. ހަމަ ސީދާ ވާރޭވެހޭ ގަޑިއަށް އަޅުގަނޑު ހުއްޓާލާނަން. ހަމަ އެއްގޮތަކަށްވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. ހަމަ ސީދާ ފަހު ތިއްކަށް އަޅުގަނޑު ހަމަ ރީތިކޮށް ގެންގޮސް ހުއްޓާލާނަން.

އަޅުގަނޑުމެންގެ ބޭނުމަކީ މި ރަށްރަށުގެ ތަރައްޤީ އަޅުގަނޑުމެންނަށް އެކީގައި ގެންދެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުގެ ދުޢާއަކީ މިރަށަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާއިރުގައި، ބައެއްފަހަރު އަޅުގަނޑުމެން ހިތްއެދޭ ގޮތަށް ކަންތައްތައް ނުވެވެސްދޭ. އަޅުގަނޑުމެން ބޭނުންވާ ތާރީޚްތަކަށް ކަންކަން ފުރިހަމަނުވެވެސް އެބަފަސްޖެހޭ. އެހެން ނަމަވެސް، އެއިން އެއްވެސް ކަމަކީ އަޅުގަނޑުމެން ހުއްޓާލާނެ ކަންކަމެއް ނޫން. ނުވާނެ ކަމަށް ދޫކޮށްލާނެ ކަންތައްތަކެއްވެސް ނޫން. މިސާލަކަށް، މިތަނުގައި ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް. ވަރަށް އުނދަގޫ ކަމަކަށްވެއްޖެ. އަދި ޙަޤީޤަތުގައި މިތަނުގައި އެކަންޏެއް ނޫން. އޭރުގައި 2006 ވަނަ އަހަރުހެން އަޅުގަނޑު ހަނދާންވަނީ. 2007 ވަނަ އަހަރުހެން. ސިޓީ ހޮޓަލެއް އަޅަން ދިން އެއްވެސް ތަނެއްގައެއް އެމަސައްކަތް ހިންގިފައެއް ނެތް. ކޮންމެވެސް ކަހަލަ މައްސަލަތަކެއް އެކަމުގައި އެބަހުރި. އެހެންވީމާ، ދެން ބަޔަކަށްދޭއިރުގައިވެސް، ހަމަ ކުރީގައި ދިން މަގަށް ގޮސްގެން އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ އެކަން ކާމިޔާބު ކުރެވިދާނެ ކަމަކަށް. ހަމަ އަނެއްކާވެސް އަޅުގަނޑުމެން ޓެންޑަރަށް ހުށަހަޅާއިރަށް މުޅި ރަށު އެންމެން އެއަށް ބިޑްކުރާނެ. ކޮށްފައި އެއްވެސް މީހަކު، ކޮންމެވެސް މީހަކަށް އޭތި ލިބޭނެ. ލިބުނީމާ އޭނަ އޭތި ހިފައިގެން މުޅި ދުނިޔޭގައި އުޅޭނެ، އޭނަގެ ކުރީގެ ހުރިހާ ދަރަންޏާއި އަދި މިތަން ހެދުމުގެ ފައިސާއާއި އަދި ދެވަނަ އަންތްބަށާއި ހުރިހާ އެންމެންނަށް ލާރި ލިބޭވަރަށް ލާރި ހޯދަން. ދެން އެމަސައްކަތް ކުރުމުގައި އެހާގިނަ ދުވަސްވެގެންދާތީވެ، މިއިން ތަނެއް ނުހެދިގެން މިދަނީ. އެހެންވީމާ، އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ ދެންވެސް ބިޑްކޮށްގެނެއް އެކަން އެހެންވާނެ ކަމަކަށް. އެހެނެއް ނޫން، ޑޮކްޓަރ ސަވާދު، މިކަމުގައި ޝައުޤުވެރިވާ މީހުންނަކީ ކޮބައިތޯ އިޢްލާން ކުރައްވާފައި، އޭގެތެރެއިން މީސްމީހުންނާ ވާހަކަ ދައްކަވައިގެން، އެބޭފުޅާ ތެދުވެރިކަމާއެކީގައި އިންޞާފުވެރިކަމާއެކީގައި، އާނ މީނާއަށް އެކަންވެދާނެ ކަމަށް ފެނެޔޭ، އެހެންވީމާ އޭނާއަށް ދިނީޔޭ. އެގޮތަށް އެކަން ނިންމާނެ ހިތްވަރަކާއި ވިސްނުމަކާ އެކީގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވިއްޖިއްޔާ އަޅުގަނޑު ދަންނަވާނީ އެކަން ވެދާނެއޭ.

އަޅުގަނޑަށް މިހާރު ކުޑަކޮށްވެސް ހަމަ ނުދެކެން. މި ޢާންމުކޮށް މިރާއްޖޭގައި ކުރަމުން މިއައި ޓެންޑަރ ކުރުމާއި، އެބިޑް ހުށަހެޅުމުގެ އުޞޫލުން ގޮސް މިތަންތަން ތަރައްޤީ ކުރުމަށް މީހުން ލިބިދާނެ ކަމަކަށް. އެހެން ނަމަވެސް، މި ފެންނަ ތަނަކީ އަޅުގަނޑު ރާއްޖެއިން ބޭރަށްދާ ކޮންމެ ފަހަރަކު ހަމަ ދިމާވާ ބޮޑެތި މުއްސަނދިން، މަހުޖަނުން، ހޮޓާ ހިންގާ މީހުން، ކުންފުނިތަކުގެ ވެރިން އެބަބުނޭ، ތިމަންނަމެން ޝައުޤުވެރިކަން އެބަހުއްޓޭ ރާއްޖެއަށް ދެން އަޅުގަނޑުމެން ބުނަނީ، އެހެންވީމާ ބިޑްކުރަންވީ ނޫންހޭ. ދެން އެމީހުން ބުނަނީ، އެއީ ތިމަންނަމެން ކޮށްއުޅޭ ކަމެއް ނޫނޭ. ސަރުކާރުތަކުން ތިހެން ބިޑްކުރާ ކުރުން އެއީ، ވަރަށް ކޮރަޕްޝަން ގިނަ ކަމެކޭ. ކޮންމެވެސް މީހަކަށް އޭތި ދީފައި، ދެން ތިމަންނާމެން ކައިރިއަށް އަންނާނީއޭ ތިން މިލިއަން ޑޮލަރަށް އެރަށް ވިއްކަންވެގެން. ދެން އެދޭތެރެއިން އެ މެދަށް އެދާ ތިން މިލިއަން ޑޮލަރު ދޫކޮށްލާކަށް މި ހޮޓާ ތަރައްޤީ ކުރާ މީހުންނެއްވެސް ނޭދޭ. އެހެންވީމާ، ސީދާ އެމީހުންނަށް ދެވޭނެގޮތެއް އަޅުގަނޑުމެން މިހޯދަން ޖެހެނީ. އަޅުގަނޑުމެންނާ ބައްދަލުވޭ، ދިމާވޭ އެބާވަތުގެ މަސައްކަތް ކުރަން އެދޭ ބައިވަރު މީހުން. އެހެންނަމަވެސް، މިހާރު މި ޓެންޑަރ ކުރުމުގެ އުޞޫލާއި، އެކަންކަން މިހުރި ގޮތަކުން އަޅުގަނޑަށް ފެންނަ ގޮތުގައި މިހާރު މިކަމުން އަރައިނުގަނެވިގެން މިއުޅެނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމުގައި އެހެން ވިސްނުމަކަށް އެބަދާންޖެހޭ. މި ޓެންޑަރުގެ އުޞޫލުން ކަންތައްތައް ކުރާގޮތް. ޓެންޑަރ ކުރުމަކީ ހަމައެކަނި މިހާރު މިކުރާ ޓެންޑަރ މިގޮތަށް ކުރުމެއް ނޫންކަމަށްދެކި، އެއަށްވުރެ އަދި މީގައި ހަރުދަނާ ގޮތެއް ހޯދައި، ދެފުށް ފެންނަ ކޮރަޕްޝަނަށް މަގުފަހިނުވާ، އޭގެތެރެއަށް ފަސާދަ ނުވަންނަ ހަމަ އެހެން އުޞޫލެއްވެސް އަޅުގަނޑުމެންނަށް ޤާއިމްކުރެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

اَلحَمْـدُ لِلّـهِ. والســّلام عليــكم.

_______________________