بســم اللّـه الرّحمـن الرّحيــم


ދައުލަތުގެ ވަޒީރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. މިޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ. އެމް.ޑީ.ޕީ.ގެ ވަގުތީ ރައީސް. އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން. މާލޭ މުނިސިޕަލްޓީގެ ރައީސް. އަދި ކުޅުދުއްފުށީގެ އަދި މި ޕްރޮވިންސްގެ މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނާއި، އަދި މިޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުންނަށް އަޅުގަނޑު ސަލާން ދަންނަވަން.


السّـلام عليـكم

އަޅުގަނޑުމެން މީގެ ދުވަސްކޮޅެއް ކުރީގައި، ހަމަ މި ސްޓޭޖްގައި އަދި ހަމަ މިރަށުގައި، މިއަތޮޅުގެ އެކިއެކި ރަށްރަށުގަޔާއި، އެތަންމިތަނުގައި، ތިޔަބޭފުޅުންގެ އަރިހުގައި ވަކި ޚާއްޞަ ވާހަކަތަކެއް ދައްކަމުން ގެންދިޔައިން. އަޅުގަނޑުމެން ދަންނަވަމުން ގެންދިޔައިން، އަޅުގަނޑުމެންގެ އެބައޮތޭ ބޮޑު މަންޒަރެއް. އަޅުގަނޑުމެންގެ އެބައޮތޭ ފިކުރެއް. އަޅުގަނޑުމެންގެ އެބައޮތޭ ޚިޔާލެއް. އަޅުގަނޑުމެންނަށް ފެނެޔޭ އަޅުގަނޑުމެން ދެކެމޭ، އަޅުގަނޑުމެންގެ ރާއްޖެ މުޅިން އެހެން ރާއްޖެއެއްގެ ގޮތުގައި އޮވެވިދާނެ ގޮތެއް. އަޅުގަނޑުމެން ބުނިން، އަނެއް ދިވެހިރާއްޖެ، އެހެން ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަށް ހޯދިދާނެއޭ. މި ޙާލަތުން އަޅުގަނޑުމެންނަށް އަރައިގަނެވިދާނެއޭ. މިރާއްޖެ އަޅުގަނޑުމެންނަށް ބަދަލުކުރެވިދާނެއޭ. އަޅުގަނޑުމެންނަށް ކުޅުދުއްފުށީގެ އެމަންޒަރު ފެނޭ.

އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެންގެ ތަރައްޤީގެ މަގުގައި އަޅުގަނޑުމެންނަށް ކުރިއަށްގޮސް، މިރަށާއި، މިއަތޮޅާއި އަދި މިރާއްޖެ ބަދަލުކުރުމަށް ކުރާންހުރި މަސައްކަތަކީ ކޮބައިކަން. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން، ބައެއް ވަގުތުތަކުގައި ފަހަރުގައި ހިތްޕުޅާ ތިއްބަވާދާނެ. އޭގައި ކުރާންހުރި ހަމައެކަނި މަސައްކަތަކީ، ކޮންކްރީޓާއި، ދަގަނޑާއި، ވެއްޔާއި ގަލުން ކުރާ މަސައްކަތޭ. ހަމައެކަނި ކޮންކްރީޓާއި ރުފިޔާއިން ކުރާ މަސައްކަތްނަމަ، ކިތަންމެ ތަނެއް ފަސޭހަވެސް ވެދާނެ. ދާދި އަވަހަށް އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ބޭނުންވާ ކަންކަން ކުރެވުނީސް. އެހެން ނަމަވެސް، އަޅުގަނޑުމެން މިދެކޭ ބޮޑު މަންޒަރު، އެމަންޒަރު ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާންވެސް ބޭނުންވޭ. އަދި ހިތުގެ އަޑިން ގަބޫލުކޮށް ކަނޑައަޅާ ތިބީ ވަކި ތަރުތީބަކުން އެކަން ކުރަން. މަގުހެދުމުގެ ނިޔަތުގައި ހަމަ 11 ނޮވެމްބަރ 2008 ވަނަ ދުވަހު މިތަނަށް އައިސް، އަޅުގަނޑުމެން ކޮންކްރީޓުން މަގެއް ހަދާފައި، އޭގެ އަނެއް ދުވަހު އެ މަގު ތަޅާލާފައި، އަނެއްކާ ގަލުން މަގެއް ހަދާފައި، އޭގެ އަނެއް ދުވަހު އެ ގާތައްވެސް ނަގާފައި، ދެން ނަރުދަމައެއް ހަދާފައި، އަނެއްކާ އެ ނަރުދަމާގެ ހޮޅިތައްވެސް ނަގާފައި، 5 އަހަރު ދުވަސް ވަންދެން މިރަށް ހާވާފައި ދިޔުމެއް ނޫން އަޅުގަނޑުމެންގެ ޚިޔާލަކީ. އަޅުގަނޑުމެން ވިސްނާ ތިބި ގޮތަކީ.

މިދިޔަ 18 ވަރަކަށް މަސް ދުވަސް އަޅުގަނޑުމެންނާ ދިމާއަށް އަމާޒުވަމުންދިޔަ ވަރަށްގިނަ ވާހަކަތައް. ކޮބައިހޭ ވަޢުދުވި ކަންކަން. ކިހިނެއްވެގެންހޭ އެކަންކަން ނުވަނީ؟ އަޅުގަނޑުމެންނަކަށް އެކަންކަމެއް ނުވާނެއޭ. އަޅުގަނޑުމެން އެމަސައްކަތްތައް ކުރަމުން ގެންދިޔައީ، އަދި ކުރަމުން ގެންދާނީވެސް ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީ ތިޔަބޭފުޅުންނަށް ލިބޭގޮތަށް. އެކަން ކުރުމަށްޓަކައި ކަންތައްތައް ހިންގާންޖެހެނީ ވަކި ތަރުތީބަކުން، ވަކިގޮތަކަށް. ފުރަތަމައަށް ތިޔަބޭފުޅުންގެ ފައިސާ އަޅުގަނޑުމެން ޚަރަދު މިކުރަނީ. އެހެންވީމާ، އެއިން އެއްވެސް މީހަކު އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާއެއް، ޚިޔާނާތެއް، ވައްކަމެއް ހިނގައިގެނެއް ނުވާނެ. ހަމަ ރަނގަޅަށް ބޭނުންކުރުމަށްޓަކައި ސާފުކޮށް، ދެފުށް ފެންނަ ގޮތަށް ބޭނުންކުރުމަށްޓަކައި ހުރިހާ މަޝްރޫޢެއްވެސް ރަނގަޅަށް މިނަންޖެހޭ. ރަނގަޅަށް ފުރާނަންޖެހޭ. މަސައްކަތް ޙަވާލުކުރާން މިޖެހެނީ ރަނގަޅަށް ބަލާފައި، އެމަސައްކަތް ކުރެވޭވަރުގެ ބަޔަކާ. އަދި އެމަސައްކަތް އެންމެ ރަނގަޅު އަގުގައި އިތުރު ގެއްލުމެއް ދައުލަތަށާއި ރައްޔިތުންނަށް ނުދީ ގޮސް، ކޮށް ނިންމާ ފުރިހަމަ ކުރެވޭނެ ގޮތަކަށް.

އަޅުގަނޑު މީގެ ކިތަންމެ މިސާލެއް، ކިތަންމެ ތަޖްރިބާއެއް ހަމަ ސީދާ މިރަށުން ހޯދިން. އަޅުގަނޑު އެއްދުވަހަކު މިރަށުގެ ހޮޅުއަށީގައި އޮއްވައި، އަޅުގަނޑަށް އަޑު އިވެމުންދިޔަ، މިރަށުގައި އޭރުގައި ބަހައްޓައިގެން އުޅުނު ފެން ޕްލާންޓަކަށް ރަށު ރައްޔިތުން ހަދާން އުޅުނު ގޮތް. އަޅުގަނޑު ހިތަށްއެރި. މިހާރު މިރަށަށް ފެން ދިނުމަށް ގެންގުޅޭ ޕްލާންޓެކޭ. އަދި މިރަށުގެ ފެނާ ގުޅޭގޮތުންނޭ މިކަން މިހިނގަނީ. ބެލިއިރުގައި ރަށު ރައްޔިތުންނަކަށް އެކަން ހިނގަމުންދާގޮތް ސާފެއްވެސް ނުވެޔޭ. އަދި އެކަމުގައި އެމަސައްކަތް ހިންގާނޭ ގޮތްވެސް އެއީ އެކަށީގެންވާ ގޮތް ކަމަކަށް ނުމެވޭ. އަދި ފަހުން ބެލިއިރުގައި ޙަޤީޤަތުގައި މާބޮޑު މަސައްކަތެއް ހިންގާން އުޅޭ ކަމަށްވެސް ނުމެވޭ. ހަމައެކަނި އަނދުނެއް، އެއިރަކަށް ބޭނުންވާ މަންޒަރެއް، އެއިރަކަށް ބޭނުންވާ ވާހަކައެއް ދައްކާލެވުނީމާ ނިމުނީ ކަމަށް ފެންނަ ގޮތަކަށް ރައްޔިތުންގެ ހިތްތަކަށް އިޙްސާސްވަމުން އައީ. އަޅުގަނޑު އޮތީ ކަނުލާ އަޑުއަހަން. އަޅުގަނޑުމެން ކުރާ މަސައްކަތެއް އަޅުގަނޑުމެން ކުރަންޖެހޭނީ ދެމެހެއްޓެނިވި ގޮތުގައި އެމަސައްކަތް ދެމިދާނެ އުޞޫލަކުން.

މިދިޔަ 18 މަސް ދުވަހު އަޅުގަނޑުމެން މަސައްކަތް ކުރީ އެއްފަހަރާ މުޅި ކުޅުދުއްފުށި ހެދޭނެ ގޮތެއް އޮތްތޯ ވިސްނަމުން. އަޅުގަނޑުމެން މަސައްކަތް މިފަށައިގަތީ އެހުރިހާ ކޮޅެއް، އަދި ޙަޤީޤަތުގައި އަޅުގަނޑު މަޙްމޫދު ރާޒީއަށާއި އަދި މިމަސައްކަތުގައި ސަރުކާރުގެ އެކިއެކި ވުޒާރާތަކުގައި އުޅުއްވާ އެންމެހާ ބޭފުޅުންނަށް އަޅުގަނޑުމެން ސީދާ އެދޭގޮތަށްވީނަމަ، އަދިވެސް މަސައްކަތެއް ނުފަށާނެ. އަދިވެސް ހަމަ ގަނޑުގައި މަސައްކަތް ކުރާނީ. މަޙްމޫދު އެބަ ކުޑަކޮށް ހިނިތުންވެސްވޭ. ދެން އަޅުގަނޑުމެންގެ ކެތްތެރިކަން ވަކިހިސާބަކަށް ދިޔައީމާ އަޅުގަނޑު ދަންނަވައިފިން، މަޙްމޫދޭ، އަސްލަމޭ ދެން ސީދާ މަގުގައި ކަމެއް އަޅުގަނޑުމެން ކުރާން އުޅެންވެއްޖެ ނޫންހޭ. ގަނޑުގައި ތިވަރަށް ތިޔަކަން ނުކޮށް. އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން، ގަނޑުގައި އެމަސައްކަތްތައް ކުރެވުނީތީވެ. އިރާދަކުރެއްވިއްޔާ ކަމުގައި މަސައްކަތްތައް ހިނގާއިރުގައި، ގަނޑުގައި ކުރެވެންހުރި މަސައްކަތްތައް އަޅުގަނޑުމެންނަށް އަޞްލަށް ނެގޭއިރުގައި، ދެން އޭގައި ރައްޔިތުންނަށް ލިބޭ ފައިދާ ކިތަންމެ ތަނަކުން ބޮޑުވެގެންދާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވަމުން ގެންދިޔައިން، ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ، އަޅުގަނޑުމެންގެ މި 5 އަހަރުގެ ބައެއްގެ ތެރޭގައި އަޅުގަނޑުމެން އަޅައިދޭނަމޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން ކުރާނަން. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ، ހުރިހާ މަގެއް ފެންނާން އެބަ އޮތް.

އިއްޔެގައި އަޅުގަނޑުމެން ހުވަދުއަތޮޅުގެ ބޮޑު ހުވަދޫގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ހިންގުމަށް އެމެރިކާގެ ކުންފުންޏަކާ ސޮއިކުރީ. ދާދި އަވަހަށް އަޅުގަނޑުމެން އައްޑުއަތޮޅުގައި ފެނާއި ނަރުދަމާގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ސޮއިކުރެވިފައިވާ އެގްރީމެންޓާ އެއްގޮތަށް މަސައްކަތް ފަށައިގަނެވޭނެ. އަދި ހަމަ އެހެންމެ، އުތުރުގެ ތިލަދުންމައްޗާއި، އުތުރު ކޮޅުމަޑުލާއި، ލ. އަތޮޅާއި އަދި އެނޫންވެސް ރާއްޖޭގައިމިވާ ހުރިހާ ރަށެއްގައި މިމަސައްކަތް އަޅުގަނޑުމެންނަށް ހިންގޭނެ ތަރުތީބެއް އަޅުގަނޑުމެންނަށް ހޯދިއްޖެ. އެމަސައްކަތް އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިއްޖެ. ދެން އިރާދަކުރެއްވިއްޔާ ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، މި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅޭނެ. އަޅުގަނޑުމެން އެމަސައްކަތް ކޮށް ނިންމައިފިން. އޭގެ ހިސާބާއި، އޭގެ ކިތާބާއި، އޭގެ ގޮތާއި، އޭގެ ކޮޅު އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް ހެދިއްޖެ. އަޅުގަނޑުގެ ނަޒަރުގައި އެއީ 100 ބުރީގެ ޢިމާރާތަކަށްވުރެ މާބޮޑު އެއްޗެއް. އެއީ މާ އުނދަގޫ މަސައްކަތް. އެއީ މާބޮޑު ވިސްނުމާ އެކީގައި އަޅުގަނޑުމެންނަށް ނިންމުނު މަސައްކަތެއް. އަޅުގަނޑަށްވެސް އެނގޭ، އެމަސައްކަތް ނިމެމުންދާއިރުގައި، ބޭފުޅުންގެ ކުރިފުޅުމަތީގައި ފެންނާކަށް ނުހުންނާނެ. ގަނޑުތައް ފެންނަން ހުންނާނީ ސަރުކާރުގެ އޮފީސްތަކުގައި. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިއަދު މިއޮތީ ޔޫޓިލިޓީ ކުންފުނިތަކެއް އުފެއްދިފައި. އަޅުގަނޑަށްވެސް އެނގޭ، ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމުގެ ޤާނޫނުގައި، އެކުންފުނިތައް ނުހިންގޭނެ ގޮތަކަށް ވިސްނުން ގެންގޮސްފައި އެބަހުރިކަން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިހާރު މިވަނީ އެ ހަރުފަތުންވެސް އަރައިގަނެވިފައި. އަޅުގަނޑުމެންނަށް އެކުންފުނިތަކާއެކީގައި ވިޔަފާރީގެ އުޞޫލުން އެ ޙިއްޞާވާ ފަރާތްތަކާއެކުގައި، ވިޔަފާރީގެ އުޞޫލުން މިކަން ކުރަމުން ގެންގޮސް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހުރިހާ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ސާފު ފެނާއި އަދި ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދެވޭނެ. އަޅުގަނޑުމެންގެ މި 5 އަހަރުގެ ތެރޭގައި، އަޅުގަނޑުމެން އެމަސައްކަތް އިރާދަކުރެއްވިއްޔާ ކުރާނަން.

އަޅުގަނޑު ސިފަކުރާ ކުޅުދުއްފުށީގައި ގާތްގަނޑަކަށް މަދުވެގެން ތިރީހަކަށްހާސް މީހުން އެބައުޅެންޖެހޭ. މިތަނުގައި އެވަރަށް އެބަ ގެދޮރު އެޅެންޖެހޭ. މިތަނުގެ އެންމެހާ ނިޒާމް އެއީ ތަޢްލީމީ ނިޒާމްވެސް، ޞިއްޙަތުވެސް، ދަތުރުފަތުރުކުރުންވެސް، މަގުތައްވެސް، މުނިފޫހިފިލުވުންވެސް، މިތަނުގައި މިދަންނަވާފަދަ ބޮޑު އާބާދީއަކަށް އެބަ ތައްޔާރުވާންޖެހޭ. އަޅުގަނޑުމެންގެ މި 5 އަހަރުގެ ތެރޭގައި އެމަސައްކަތް އަޅުގަނޑުމެން އޭގެ ބޮޑުބައި އިރާދަކުރެއްވިއްޔާ ނިންމާނަން. ދެން އޭގެ އިތުރުން އަޅުގަނޑުމެން ބަލާނަން، އެހެން ކޮންމެ ބަޔަކު އަލުން އަނބުރާ ރާއްޖެ ރޫޅާލަން އުޅުއްވި ނަމަވެސް، ނުރޫޅޭނެ ގޮތަކަށް އަދި ރޫޅާން އުނދަގޫވާނެ ގޮތަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަން ގަތާލާނަން. އަޅުގަނޑުމެންގެ މި މަޝްރޫޢުތަކެއް ނުރޫޅޭނެ. ޤާނޫނު އެކިގޮތްގޮތަށް ހުއްޓެވިނަމަވެސް، އަދި އެޤާނޫނުތައް ބޭނުންކުރައްވައިގެން މިމަސައްކަތްތައް ހުއްޓުވާން އުޅުއްވިނަމަވެސް، ދަންނަވަންތޯ، އަޅުގަނޑުމެންގެ މަސައްކަތްތައް ހުންނާނީ، އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑުމެން ކަން ކުރަމުން އަންނަނީ 6 ކުޅި ކުރިއަށް ވިސްނައިގެނޭ. ވަރަށް އުނދަގޫވާނެ މިމަޝްރޫޢުތައް ރޫޅާލަން. ވަރަށް އުނދަގޫވާނެ މިހާރު އަޅުގަނޑުމެންނަށް ހިންގަމުން ގެންދާ މަސައްކަތް ދުވަހަކުން ކޮޅަކުން އެހެން ބަޔަކު ސަރުކާރުގައި ތިއްބެވި ނަމަވެސް، މިމަސައްކަތެއް ދެނެއް ނުހުއްޓުވޭނެ.

މާގިނަ ދުވަސްވެއްޖެ، ރާއްޖޭގެ ހުރިހާ މުއްސަނދިކަމެއް، ހަމައެކަނި މާލޭގައި ބެހެއްޓިގެން، ވަރަށްމަދު މީސްކޮޅެއްގެ އަތްމަތީގައި އެކަން އޮވެގެން މިރާއްޖެ މިހާލުގައި އޮންނަތާ. އަޅުގަނޑުމެން ބުނިން، އެހެން ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަށް ހޯދޭނެއޭ. އަޅުގަނޑަށް މިއަދު މިފެންނަނީ އެއީ ވަރަށް ފަސޭހަ، އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީގައި އެމަންޒަރު ޙަޤީޤަތަކަށް ވެގެންދާނެ ކަމުގެ ވަރަށްގިނަ އުންމީދުތަކެއް. މިކަމުގައި އަޅުގަނޑުމެންގެ މަޝްރޫޢުތަކުގެ ވާހަކަ، ވަރަށްގިނަ މަޝްރޫޢުތަކުގެ ވާހަކަ ދެކެވިއްޖެ. އެހެން ނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިހުރިހާ މަޝްރޫޢަށްވުރެ މާމުހިންމު، ބޮޑު މަޝްރޫޢެއް، ޖުލައި 26 ދުވަހު މިރަށުގައި ހިނގައިފި. ބޮޑު ޢިމާރާތް ފެންނަން ނެތުނީމާ ތިޔަބޭފުޅުންނަށް އެކަން ނުފެނުނީ. ޤާނޫނު އެބަ އަޅުގަނޑަށް ހުއްދަދޭ، ރާއްޖެއިން އެތެރެކުރާ މުދަލުން ވަކި މަޝްރޫޢަކަށް އަޅުގަނޑު ފެންނަ ތަންތަނަކަށް، އަޅުގަނޑަށް ފެންނަ މިންވަރަކަށް މާފުދިނުމަށް. މާދަމާ އެޤާނޫނު ބަދަލުކުރަން އުޅެދާނެ އިނގޭތޯ. އެހެންވީމާ، އަޅުގަނޑު ނިންމީ ކުޅުދުއްފުށްޓަށް ބާލާ މުދަލުގެ ޑިއުޓީ، 30 ޕަސެންޓުން އަބަދުވެސް މާފުވެފައި އޮންނަން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުގެ ބޭނުމަކީ އުތުރަށް، އުތުރަށް ބާލާ ހުރިހާ މުދަލެއް ރާއްޖޭގެ އުތުރަށް ބާލާ ހުރިހާ މުދަލެއް، މާލެއަށް ބޭލުމުގެ ބަދަލުގައި، މިރަށަށް ބޭލުން. މިރަށުގައި ގުދަންތައް ހެދުން. މިރަށުގައި ފިހާރަތައް އެޅުން. މިރަށުގައި ވަޒީފާތައް ކުރިއަރައި ދިޔުން. މިރަށުގައި ވަޑާންގެތައް ހެދުން. މިރަށުން ދެން ރާއްޖޭގެ އުތުރުގެ ހުރިހާ ތަނަކަށް މުދަލާއި ތަކެއްޗާއި ޚިދްމަތް ފޯރުކޮށްދޭނެ ނިޒާމެއް، އުޞޫލެއް ޤާއިމުކުރުން. ޖުލައި 26 ވަނަ ދުވަހު އެހިންގުނު މަޝްރޫޢަކީ ޙަޤީޤަތުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި މިރަށަށް މިވަގުތަށް އެންމެ ބޭނުންތެރި އެއްމަޝްރޫޢު. ތެދުފުޅެއް، ފެން އެއީ މުހިންމު އެއްޗެއް. އަޅުގަނޑުމެން ފެން، ސާފު ފެން ބޯން ބޭނުން. ކުޅުދުއްފުށީގެ ފެން ތަޣައްޔަރުވެފައި އޮތް މިންވަރު އަޅުގަނޑަކަށް އޮޅިފައެއް ނެތް. އެ ފެން ރަނގަޅު ފެނަށް، ސާފު ފެނަށް އިރާދަކުރެއްވިއްޔާ ހަދައިދިނުމުގެ، ހެދުމުގެ މަޝްރޫޢު މިހާރު މިދަނީ ފެށިގެން ކުރިއަށް.

އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ކުޅުދުއްފުށްޓަކީ މިހާރު ލާމަރްކަޒީ އުޞޫލުން ކައުންސިލްތައް އިންތިޚާބުވާއިރުގައި، ރަށު ކައުންސިލެއް އުފައްދާ ރަށެއްގެ ބަދަލުގައި، ސިޓީ ކައުންސިލެއްގެ ގޮތުގައި އުފެދޭ ރަށަކަށްވުމަށް. އެކަންވުމަށް ވަރަށްދަތި. މިހާރު ޤާނޫނު އެއޮތްގޮތުން އެކަން ވެވެނީ ހަމައެކަނި މާލެއަށް. ފަންސަވީސްހާސް މީހުން ކުޅުދުއްފުށީގައި ދިރިއުޅުނީ ކަމަށް ޤާނޫނުގައި ލިޔެފައި އޮތީ، އަޅުގަނޑުމެންނަށް ސިޓީ ކައުންސިލެއް އުފެއްދެނީ. ދެން އަޅުގަނޑަކަށް ނުދެންނެވޭނެ، ފަންސަވީސްހާސް މީހުން އަވަސް ގޮތެއްގައި އަވަހަށް މިރަށު ރައްޔިތުންގެ ގޮތުގައި އުފައްދަވާށެކޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ ފަސޭހަ ކަމަކަށްވެސް އެހާ އަވަހަކަށް ނުވެދާނެ. ދެން މިރަށުގެ ރައްޔިތުންގެ ތެރޭ މިންވަރު އަޅުގަނޑުވެސް ދެނަހުރީމު. އެކަމަކުވެސް ހަމަ އެކަށީގެންވާ ކަމަކަށްވެސް ވެދާނެ. އަޅުގަނޑުމެންނަށް އެއަށްވުރެ ލުއިގޮތަކަށް މިކަން ކުރެވެން އޮންނަންޖެހޭނެ. އަޅުގަނޑު ކުޅުދުއްފުށީގެ ޢިއްޒަތްތެރި މެންބަރުގެ ކިބައިން އެދެން، އަދި އަޅުގަނޑު، އަޅުގަނޑުމެންގެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ މޫސާ މަނިކު އަރިހުގައިވެސް ދަންނަވާނަން. އަޅުގަނޑުމެން އެދެމޭ، އެ ފަންސަވީސްހާހުގެ ބަދަލުގައި، ތަންކޮޅެއް މަދު ހާހެއް އޮވެގެންވެސް ސިޓީ ކައުންސިލެއްގެ ގޮތުގައި މިރަށަށް ހިންދަމާލެވޭނެ ގޮތެއް ހޯދައިދިނުމަށް. އަޅުގަނޑު އުންމީދު ކުރަން، މިއަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންވެސް ތަރްޙީބު ދެއްވާނެ ކަމަށް.

އަޅުގަނޑަށް ފެންނަ ފެނުމުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަކީ ވަރަށް އިޚްލާޞްތެރި، ވަރަށް އޯގާތެރި އަދި ޤައުމުދެކެ ލޯބިވާ، ޤައުމު ކުރިއަށް ގެންދަން ބޭނުންވާ މެންބަރުން. ދެޕާޓީގެވެސް، ހުރިހާ ޕާޓީއެއްގެވެސް. އަޅުގަނޑަށް ފެންނަ ފެނުމުގައި، ޑީ.އާރު.ޕީ.ގެވެސް ގިނަ ބައިވަރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީވެސް އަދި ޢާންމު މެންބަރުންނަކީވެސް މިރާއްޖޭގެ ތަރައްޤީއަށް ހުރަސްއަޅާން ބޭނުންވާ ބައެއް ނޫން. ހަމައެކަނި ވެރިކަމުގެ އުންމީދުގައި، ވެރިކަމުގެ ނިޔަތުގައި، ވެރިކަން ހޯދުމަށްޓަކައި އުންމީދުކުރާ މަދުމީސްކޮޅެއްގެ ސަބަބުން މުޅި ރައްޔިތުންގެ މަޖިލިސް ޚަރާބުވެ، އެމަޖިލިސް ނުހިންގޭގޮތް މި މެދުވެރިވަމުން މިއަންނަނީ. އަޅުގަނޑު ވަރަށް އުފާކުރަން، މިހާރު ދެޕާޓީ މިދަނީ ވާހަކަ ދައްކަމުން. އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން މާރިޔާދީދީ އާއި، އަދި ޑީ.އާރު.ޕީ.ގެ ފަރާތުން އަޙްމަދު ތަސްމީން ޢަލީ. އެބޭފުޅާ އެބައިވެރިވެވަޑައިގެން އުޅުއްވާ އިއްތިހާދުގެ ބޭފުޅުންނާއެކުގައި ވާހަކަތައް މިވަނީ ފެށިފައި. އަޅުގަނޑު ދެކެނީ މިވާހަކަތަކުން އަޅުގަނޑުމެންނަށް ރަނގަޅު ކާމިޔާބުގެ އައްސޭރިއަކަށް ދިޔުމުގެ ފިކުރަކާއި ޚިޔާލާތެއް ނެރެވޭނެއޭ. އަޅުގަނޑު އެވާހަކަތަކަށް އެބޭފުޅުން ގެންދިޔުމަށްޓަކައި އަދި އެވާހަކަތައް ފެށުމަށްޓަކައި ބޭނުންވަނީ އަލުން އަނބުރާ މާދަން އިންތިޚާބެއް ކަމަށްވަނީވިއްޔާ، އެ އިންތިޚާބަށް ދާން އަޅުގަނޑު ވަރަށް ތައްޔާރަށް މިހުރީ.

އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ތަރައްޤީ ލިބުން. އަޅުގަނޑަށް ޔަޤީން، ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑު ހުއްޓިފައި، ރައްޔިތުންގެ ގާތުގައި މިމަސައްކަތް އަޅުގަނޑު އެބަ ނިންމާންޖެހޭ. މިއީ އަޅުގަނޑު ފެށި މަސައްކަތެކޭ. އެހެންވީމާ، އަޅުގަނޑު މިމަސައްކަތް ނިންމަން އަޅުގަނޑަށް އަދި މިހާ މިހާ މުއްދަތު ބޭނުމޭ. އެހެން ރައްޔިތުންނަށް ދެންނެވީމާ އަޅުގަނޑަކަށް ނޯޅޭ. އަޅުގަނޑަށް ޔަޤީން، ރައްޔިތުންގެ ޖަވާބު ވަރަށް ސާފުވާނެ. ކުރިއަށްވުރެ ބޮޑު އަޣްލަބިއްޔަތަކުން މިސަރުކާރު އަންނާނެކަމާ ގުޅޭގޮތުން އަޅުގަނޑު ޝައްކެއް ނުކުރަން.

އަޅުގަނޑު ދަންނަވަން. އަޅުގަނޑު ދަންނަވައިފިން. ހަމައެޔާއެކީގައި މިދިމާވެގެން މިއުޅޭ މައްސަލަތައް ޙައްލުކުރުމުގެ ނިޔަތް އަޅުގަނޑުމެންގެ އޮތް ކަމަށްވަނީވިއްޔާ، ރިޔާސީ އިންތިޚާބެއް އެކަންޏެއް ނޫނޭ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްވެސް އަޅުގަނޑުމެން އެބަ ބާއްވަންޖެހެޔޭ. ހަމަ މަޖިލިސްގެ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވަން ޖެހޭނެ މަޖިލިސްގެ އިންތިޚާބެއް ބާއްވަން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ މިހާރު އަޅުގަނޑު ގާތުގައި އަޅުގަނޑު ޕާޓީގެ ހުރިހާ ވެރިން އެބަބުނޭ، ރައީސޭ މިހާރު އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެން ޕާޓީގައި ތިބި އެންމެ ރަނގަޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެއްބޭފުޅެކޭ ޣަފޫރަކީ. ކަންކަމާ އަޅާލައި، ކަންކަން ކުރަން އުޅުއްވާ އަދި ދެގޮތެއްނުވެ އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކޭ، އަޅުގަނޑެއް ޝައްކެއްނުކުރަން. ތިޔަބޭފުޅުން ކުރިއަށްވުރެ ގިނަ ވޯޓް ޣަފޫރަށް ދެއްވައި، އަލުން އަނބުރާ ޣަފޫރުގެ ގޮނޑިއާއި އަދި މިރަށުގެ އަނެއް ގޮނޑި އަޅުގަނޑުމެންނަށް ހޯދައިދެއްވާނެކަމާ ގުޅޭގޮތުން އަޅުގަނޑު ޝައްކެއްނުކުރަން.

ކީއްވެތޯ އަޅުގަނޑުމެން އިންތިޚާބަށް ނުދާންވީ. އިރާދަކުރެއްވިއްޔާ އޭގެކުރިއަށް އަޅުގަނޑުމެންނަށް ލިބޭނެ ރަށު ކައުންސިލްގެ އިންތިޚާބް. ރަށު ކައުންސިލްގެ އިންތިޚާބުގެ ކުރިއަށް މިރަށަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި އަތުރާލެވޭނޭ ރަށަކަށް ހެދޭތޯ އަދި ބޮޑަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ކޮންމެގޮތެއްވިޔަސްވެސް އަޅުގަނޑު ގަބޫލުކުރަން، މިރަށުގެ ރައްޔިތުން ބޭނުންވަނީ މިރަށުގެ ތަރައްޤީ. ވެރިކަން ބޭނުންވެގެން އުޅެނީ މަދު މީސްކޮޅެއް. އެއީ، ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުންވެގެން އުޅޭ ކަމެއް ނޫން. ރައްޔިތުން ބޭނުންވަނީ ރީތި މަގެއް، ޗަކަސްނެތުން. ފެން ނޯތުން. ރައްޔިތުން ބޭނުންވަނީ ނަރުދަމާ ގޭތެރެއަށް ނުހިންދަން. މުޅި ރަށް، މުޅި ގޭތެރެ ތަޣައްޔަރުވެފައި ނޯތުމަށް. ރައްޔިތުން ބޭނުންވަނީ ދަރިންނަށް ކިޔަވައިދޭން. ރައްޔިތުން ބޭނުންވަނީ ރީތިކޮށް ފުރާ، ލަފާ އުޅެވެން. ރައްޔިތުން ބޭނުންވަނީ ވަޒީފާ. ރައްޔިތުން ބޭނުންވަނީ ތާހިރު ދިރިއުޅުމެއް. އަޅުގަނޑަށް ޔަޤީން، ކުޅުދުއްފުށީގެ ރައްޔިތުންވެސް އަދި ރާއްޖޭގެ އެންމެ ރައްޔިތުންވެސް ބޭނުންވަނީ މުޅިން އެހެން ގޮތެއްކަން. އަދި އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މިހާރު މިތިބެވެނީ އެމަގުގައި.

އަޅުގަނޑު ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާގާފަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

واَلحَمْـدُ لِلّـهِ. الســّلام عليــكم.