بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ. ޗީފް އޮފް ޑިފެންސް ފޯސް. ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސް. އަދި އެމް.އެން.ޑީ.އެފް.ގެ ޖެނެރަލް އޮފިސަރުން. ވަޑައިގެން ތިއްބެވި އެންމެހާ ސިފައިން.

السّـلام عليـكم

މިއަދަކީ އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ސިފައިންނަށް ވަރަށްވެސް މުހިންމު ދުވަހެއް. ޗީފް އޮފް ޑިފެންސް ފޯސް ދެންމެ ވިދާޅުވެއްޖެ، އަލިއަޅުއްވާލަދެއްވައިފި. ރާއްޖޭގެ ސިފައިންގެ ޚިދްމަތް، ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް މިހާރު މި ލިބެމުން އަންނަ ޒަމާނީ ގޮތުގައި ލިބެމުން އަންނަތާ ވެފައި މިވީހާ ދުވަސް. އެއީ 117 އަހަރު. ޙަޤީޤަތުގައި ރާއްޖޭގައި އަބަދުވެސް، ދިވެހިރާއްޖޭގައި ވެރިކަން ކުރާން ފެށީއްސުރެ ފެށިގެން ޢަސްކަރީންގެ ގޮތުގައި ވަކިބަޔަކު ކަނޑައަޅައި، ދިވެހި ވެރިކަމުގެ ތެރޭގައި، އެ ވެރިކަމުގެ އިސްތިޤްލާލާއި، މިޤައުމާއި، މިރާއްޖެއާއި، މި ރާއްޖޭގެ ރައްޔިތުންނާއި، ރައްޔިތުންގެ ދީނާއި، އަދި ރައްޔިތުންގެ ޘަޤާފަތާއި ދިރިއުޅުން ރައްކާތެރިކޮށްދިނުމަށްޓަކައި ވަކި ޚާއްޞަ ބައެއް އަބަދުވެސް މިރާއްޖޭގައި ތިބޭ. އަޅުގަނޑުމެން ރާއްޖޭގެ ތާރީޚަށް ބަލައިލީމާ ފެންނާން އޮތް މަންޒަރު ވަރަށް ސާފު. ބޮޑުތަކުރުފާނުގެ ރަސްކަމުގައި ޚާއްޞަކޮށް، ޢަސްކަރީން ވަކިހަމައަކަށް އަތުރާލެވުނު. އެއަށްފަހު، އިސްކަންދަރު ރަސްގެފާނު އަދި މިހެންގޮސް ރާއްޖޭގެ ކޮންމެ ރަސްކަމަކުވެސް، ކޮންމެ ވެރިޔަކުވެސް، މިރާއްޖޭގެ ދިފާޢަށްޓަކައި، މިރާއްޖޭގެ ޢަސްކަރީ ބާރު ތަރައްޤީއާ އެއްހަމައިގައި ބެހެއްޓުމަށްޓަކައި އެއިރެއްގައި ކުރާންޖެހޭ ކަންކަން އައީ ކުރަމުން.

އަޅުގަނޑުމެންނަށް މި 2010 ވަނަ އަހަރަށް މިރާއްޖެއަށް އާދެވުނުއިރު، މިރާއްޖޭގެ މިއަދުގެ ތަރައްޤީގެ ދުވެއްޔާއި، މިންގަނޑާއި، ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަމާއި، މިއަދުގެ ސިފައިންނާ އެއްހަމަވުމަށްވުރެ އަޅުގަނޑު އެދެނީ، ސިފައިންގެ ފެންވަރާއި ޤާބިލު، ރާއްޖޭގެ ޢާންމު އެހެން މުއައްސަސާތަކަށްވުރެ އަދި މާކުރީގައި، އަދި މާމަތީގައި ހުރުމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ، މިއަދު އަޅުގަނޑުމެންނަށް ޙާޞިލު ކުރެވެން އޮތް ލަނޑުދަނޑިއެއް.

އަޅުގަނޑުގެ ނަޒަރުގައި މީގެ ދުވަސްކޮޅެއް ކުރީގައި، މި ސަރުކާރު އަޅުގަނޑުމެން ހިންގުމާ ޙަވާލުވިފަހުން މައިގަނޑު ދެތިން ހަތަރު ކަމެއް ކުރުމަށް އަޅުގަނޑުމެން ނިންމައި، އެކަންކަން ކުރުމުގެ ތެރޭގައި އަޅުގަނޑުމެން މިދަނީ. އަޅުގަނޑު މިދެންނެވީ ސިފައިންނާ ގުޅޭގޮތުން ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ފިކުރެއް އެއީ މާލެއަށް ތޮއްޖެހިފައިވާ ލަޝްކަރު، މުޅި ރާއްޖޭގެ އެކިއެކި ތަންތަނުގައި ބަހާލައި ރުކުރުވާލުން. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ މަޤްޞަދަކަށްވި ސިފައިންގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ، މިރާއްޖޭގައި އެހެން އެއްވެސް މުއައްސަސާއެއްގައި ނުތިއްބަވާހާ ޤާބިލު ކަމާއި، ހުނަރާއި ފެންވަރު، ތަޢްލީމީ ގޮތުންވެސް، ދުނިޔަވީ ދިރިއުޅުމުގެ ޙަޔާތުގެ ތަޖްރިބާގެ ގޮތުންވެސް، ހިތްވަރުގެ ގޮތުންވެސް އެހެން ހުރިހާ މުއައްސަސާއެއްގެ ވެރިންނަށްވުރެ ކުރިއަރާ ތިބޭ ބަޔަކަށް ހެދުމަކީ އަޅުގަނޑުމެންގެ މަޤްޞަދެއް. އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެ މިހާރު މިދަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ބޭރުވެ، މެދު އާމްދަނީގެ ޤައުމަކަށް ބަދަލުވަމުން. މެދު އާމްދަނީއެއްގެ ޤައުމެއްގެ ސިފައިންނަކީ އަދި ޚާއްޞަކޮށް، ޑިމޮކްރަސީއަށް އެނބުރެމުންދާ މެދު އާމްދަނީއެއްގެ ޤައުމެއްގެ ސިފައިންނަކީ ވަރަށް ފަޚްރާއި އަދި ވަރަށް ޝަރަފާ އެކުގައި އަތުކުރިއޮޅާލާ ތިބޭނެ ބައެއް.

މިރާއްޖެ މިދެކޭ ހެޔޮވެރިކަމުގެ ނިޒާމް، ޑިމޮކްރެޓިކް އުޞޫލުތައް ރާއްޖެއަށް ތަޢާރުފްވުމުގައި، ތިޔަބޭފުޅުންގެ ޙިއްޞާ ހަމަކަށަވަރުންވެސް ދިވެހި އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރާނެ. ތިޔަބޭފުޅުން މިރާއްޖެއަށްޓަކައި ވެފައިވާ ޤުރްބާނީތައް، މިރާއްޖޭގެ ރައްޔިތުން ހަނދާނަކުން ކައްސައެއްނުލާނެ. އަޅުގަނޑުމެންނަށް އެކަން ޔަޤީން. އަޅުގަނޑުމެންގެ މިއަދުގެ އަމާޒަކީ، މާދަމައަށް އަޅުގަނޑުމެންދާއިރުގައި، މި މުއައްސަސާ އަޅުގަނޑުމެން މަންޒަރު ކުރަނީ، ސިފަކުރަނީ ކޮންގޮތަކަށްތޯ ދެނެގަނެ، އެ މަންޒަރުގައި ޙަޤީޤީ ކުލަ އަޅުގަނޑުމެން ޖެއްސުން.

ނަންކޮމިޝަން އޮފިސަރުންގެ އެކަޑަމީއެއް ނުވަތަ ސަރުދާރުން ތައްޔާރުކުރާ އެކަޑަމީއެއް މިހާރު މިވަނީ މީގެ ދުވަސްކޮޅެއް ކުރީގައި ޤާއިމް ކުރެވިފައި. އޮފިސަރުން ތައްޔާރުކުރުން މީގެކުރީގައި ހަމައެކަނި ހުއްޓިފައި މިހުރީ ރާއްޖެއިން ބޭރަށް ސިފައިން ފޮނުވައިގެން، ފުރްޞަތު ލިބުނު މިންވަރަކުން އޮފިސަރުން ތައްޔާރު ކުރަމުން ގެންދިޔުން. އަޅުގަނޑުމެންނަށް މިއަދު އެނގޭ، އެއީ އަޅުގަނޑުމެން ބޭނުންވާވަރަށްވުރެ އަދި މާމަދުން ކުރެވެން އޮތް ކަމެއްކަން. އަޅުގަނޑުމެން ރާއްޖޭގައި ބޭނުންވާ އިންސާނީ ވަސީލަތްތައް، ހިއުމަން ރިސޯސަސް، އަޅުގަނޑުމެންގެ ރާއްޖޭގައި ތައްޔާރު ކުރުމުގެ މުހިންމުކަން ވަރަށްވެސް ބޮޑު.

އަޅުގަނޑަށް މަސައްކަތް ކުރަން ލިބިފައި އެބަތިބި، އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ކަމަށް އެކަށީގެންވާ ޤާބިލް ޖެނެރަލުންތަކެއް. އަޅުގަނޑު ތިޔަ އޮފިސަރުންނާއި އަދި އެންމެހާ ސިފައިންނަށް ދަންނަވަން ބޭނުން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއްސުރެ އަޅުގަނޑަށް ވަރަށް ތަނަވަސް މަޝްވަރާ ތިޔަބޭފުޅުންގެ ޖެނެރަލުންގެ ފަރާތުން ލިބޭ. އަޅުގަނޑު ދެންމެ ދަންނަވާން އުޅުނީ ރަނެއް މަލެއްފަދަ ބޭފުޅުންކޮޅަކާ އެކީގައޭ އަޅުގަނޑަށް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާން ލިބިފައި މިއޮތީ. އެހެންވީމާ، އަޅުގަނޑުމެން މިއެދޭ ގުލްޒާރު، އަޅުގަނޑުމެން މިއެދޭ އުފާވެރިކަން އަޅުގަނޑުމެންނަށް ޙާޞިލު ނުކުރެވޭންވީ ހަމަ އެއްވެސް ސަބަބެއް އަޅުގަނޑަކަށެއް ނުފެނޭ. ތިޔަބޭފުޅުންގެ އެކިއެކި ޢުމްރާނީ ތަރައްޤީތައް ގެނައުމަށް އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އަދި އިދާރީ މަސައްކަތްތައް ބަދަލުކޮށް ހިންގާ ހެދުމަށް ވިސްނުންތަކެއް އެބޭފުޅުން އަބަދުވެސް ގެންގުޅުއްވާ. އަޅުގަނޑާ ޙިއްޞާ ކުރައްވާ. އެހެންވީމާ، ޤައުމީ މަޝްރޫޢުގެ އެކިއެކި ތަރަހަތަކުގައި ހިމަނައިގެން އެކަންކަން މުޅި ޖުމްލަ ޤައުމީ މަޝްރޫޢެއްގެ ގޮތުގައި އަދި މިރާއްޖޭގެ ތަރައްޤީގެ އެހެންވެސް މަޝްރޫޢުތަކާ އެކުލަވައިލައިގެން ބޭނުންވާނެ ގޮތަށް ފުށުނާރާ އިންތިޒާމެއްގެ ތެރެއިން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ހިންގެން އެބައޮތް. އެއީ، މިއަދު އަޅުގަނޑު ވަރަށް އުފާވާ ކަމެއް. އިތުބާރާއެކީގައި މިތާ އަޅުގަނޑު ތިޔަބޭފުޅުންނާއެކު ހުއްޓިހުރެ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެންމެންނަށް މުޅިން އެހެން ހިސާބަކަށް، މުޅިން އެހެން މަންޒިލަކަށް ދެވެން އެބައޮތްކަން އަޅުގަނޑަށް ޔަޤީން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން މިހިނގާ މަގުގައި މިދަނީ އެމަންޒިލަށޭ.
އަޅުގަނޑު މި އުންމީދު މިކުރަނީ، ދާދި އަވަހަށް މި ގިރިފުށްޓަށް، އަދި މި ޓްރޭނިންގ ސެންޓަރަށް ތަމްރީނު ހޯދުމަށް އަންނާނީ ހަމައެކަނި އެމް.އެން.ޑީ.އެފް.ގެ ސްޓާފުންނެއް ނޫނޭ. މުޅި މި ސަރަޙައްދުންވެސް އަންނާނެ. އަޅުގަނޑުމެންނަށް ދާދި އިހަކަށްދުވަހަކު އައްޑުއަތޮޅުގައި މިހުޅުވުނީ އިންޓަރނޭޝަނަލް ފްލައިންގ ސްކޫލެއް. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މިވަގުތުވެސް އެންމެ ފުރަތަމައިނުން ފަށާއިރުގައިވެސް އިންޑިޔާގެ 60 ދަރިވަރުން، އެތާނގައި ތަޢްލީމް ޙާޞިލު ކުރުމަށް ފުރްޞަތު ހޯދުމަށް އެދިފައި އެބައޮތް. އެއީ މުޅި އޭޝިޔާގެ އެތެރެވަރީގައި ހުރި އެންމެ ރަނގަޅު އެއް ފްލައިންގ އެކަޑަމީ. އަޅުގަނޑު ނުދެކެން، އަޅުގަނޑުމެންނަށް ހަމަ އެމަގާމަށް އަދި އެއަށްވުރެ މާކުރިއަށް މި އެކަޑަމީ ނުގެންދެވެންވީ އެއްވެސް ސަބަބެއް. ތިޔަބޭފުޅުން، އޮފިސަރުންވެސް، ޖެނެރަލުންވެސް އަދި އެންމެހާ ސިފައިންވެސް އެ ހިތްވަރުވެސް އެބަހުރިކަން އަޅުގަނޑަށް ޔަޤީން. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނާއެކު މަސައްކަތްކުރާހިތްވަނީ. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އެމަސައްކަތުގައި އަޅުގަނޑެއް ފަރުވާކުޑައެއްވެސްނުވާނެ. ފަހަތަކަށްވެސް ނުޖެހޭނެ. އަދި މަސައްކަތް ނުކޮށް ހުރުމުގެ އެއްވެސް ވިސްނުމެއް، ޚިޔާލެއް އެންމެ ސިކުންތަކަށްވެސް އަޅުގަނޑަކަށެއް ނާންނާނެ. އަޅުގަނޑު ތިޔަބޭފުޅުންނާ އެކުގައި މަސައްކަތްކުރާހިތްވޭ.

މިއަދު ނިންމާލުމުގެ ކުރިން، އަޅުގަނޑު އެންމެ ފުރަތަމަ ކަމަކަށް ދަންނަވާލަން އޮތީ، ފެށުމުގެ ކުރީގައިވެސް ހަމަ ޙަޤީޤަތުގައި އަޅުގަނޑަށް ހުރިހާ ފަރާތަކުން އަޅުގަނޑަށްވެސް މިއަދުގެ ތަޤްރީރުގައި ހިމަނާނެ ނުކުތާތައް ލިބިފައި އޮތް. އަޅުގަނޑު އެނުކުތާތަކަށްވެސް އިންޞާފުކޮށްފިން. އެހެން ނަމަވެސް، އަޅުގަނޑުގެ ހިތުގެ އަޑީގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންނަށް މިކަން ކުރިއަށް ގެންދެވެން އޮތް ގޮތެއްގެ ވިސްނުމެއް، ތިޔަބޭފުޅުންނަށް އެރުވުމަކީ، އަޅުގަނޑުގެ ނަޒަރުގައި މިއަދު މުހިންމު ކަމެއް.

އަޅުގަނޑުމެންގެ ރާއްޖެ މިދަނީ މުޅިން އާ ޤާނޫނުއަސާސީއެއް ތަންފީޒު ކުރަމުން. އެ ޤާނޫނުއަސާސީގައި މިވަނީ، ވެރިކަމުގެ ބާރުތައް ވަކިކޮށްފައި. އެގްޒެކެޓިވްގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މުއައްސަސާއަކީ ދިފާޢީ ބާރުތައް. ވެރިކަމުގެ ތެރޭގައި ހިމެނޭ އެކުލެވިގެންވާ އެންމެ މުހިންމު އެއްބާރަކީ ދިފާޢީ ބާރު. ހަމަ އެހެންމެ ޑޮކްޓަރުންވެސް. ހަމަ އެހެންމެ ނަރުހުންވެސް. ހަމައެހެންމެ ޓީޗަރުންވެސް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޤައުމަށްޓަކައި އެންމެ ފުރަތަމަ ސަފުގައި ނުކުމެ، އަޅުގަނޑުމެންގެ ރައްޔިތުންނަށްޓަކައި އެންމެ ފުރަތަމަ ހިނދުކޮޅުގައި ލޭ ދޭން، ފުރާނަ ދޫކޮށްލަން މާތްރަސްކަލާނގެ ގަންދީ ހުވާކޮށް ތައްޔާރަށް ތިއްބެވި ބޭފުޅުންނަކީ ތިޔަބޭފުޅުން. ކުރައްވަމުން ގެންދަވާ މަސައްކަތަކީ އެއީ. މިރާއްޖޭގެ ދިފާޢުގައި ނުކުންނަވައި، އެކަމުގައި އަވަދިވުމަށް ފެށުނީއްސުރެ ކޮންމެ ދުވަހަކު ހިތުގައި ކަނޑައަޅައިގެން ތިބުން. އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ތަންފީޒުވަމުން އަންނައިރުގައި، މިރާއްޖޭގެ މުހިންމު މުއައްސަސާތަކުގެ މައްޗަށް ނޭދެވޭ ގޮތުގައި އެހެން އެއްވެސް މުއައްސަސާއަކުން ބާރުފޯރުވައި، އަރައިގަނެ އަދި އެބާވަތުގެ ވިސްނުމެއް ގެންގުޅުމަކީ، އަޅުގަނޑުގެ ނަޒަރުގައި ޤައުމު ބިނާކުރަން ގެންގުޅޭ ވިސްނުމެއް ނޫން.

އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑުގެ ބާރަށްޓަކައި، އަޅުގަނޑުގެ ވެރިކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުން ގާތުގައި ދަންނަވާނެ އެންމެ ވާހަކައެއްވެސް ނޯންނާނެ. މި ޤައުމަށްޓަކައި ނޫން ގޮތަކަށް، މިރާއްޖެއަށްޓަކައި ނޫން ގޮތަކަށް އަޅުގަނޑުގެ އެއްވެސް ކޮމާންޑެއް، އެއްވެސް ބަހެއް އިރާދަކުރެއްވިއްޔާ ނުނުކުންނާނެ. އަޅުގަނޑުމެންނަށް އެބަފެނޭ، މިރާއްޖެދާން އަޅުގަނޑުމެން މިބޭނުންވާ މަގާމް. އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑުމެން ހުއްޓެން މިއުޅެނީ ކޮންތަނެއްގައިކަން. އެއީ، ޙަޤީޤީ ޤައުމެއްގެ ސިފައިގައި ހިންދެމިލުން. ތިމަންނާއަކީ ދިވެއްސެކޭ ބުނީމާ ފަޚްރުވެރިވާނެ ޤައުމިއްޔަތެއް މިރާއްޖޭގައި ބިނާކުރުން. މިނިވަންކަމުގެ ފުރިހަމަ މާނައިގައި އަދި އޭގެ އުފަލުގައި އަދި އޭގެ ސަލާމަތުގެ ދާނުގައި އަޅުގަނޑުމެން ރައްޔިތުންނަށް ތިބުމަށް ތިޔަބޭފުޅުން އެހީތެރިވެދޭނެ. އަދި އެރައްޔިތުންނަށް ތިބެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ޤައުމެއް، ޤައުމިއްޔަތެއް ބިނާކުރަންވެގެން އަޅުގަނޑުމެން މިއުޅެނީ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަދި އަޅުގަނޑު މި ހަމަ މިހިނދުގައި، މިރާއްޖޭގެ އެހެން މުއައްސަސާތަކަށްވެސް ދަންނަވާލަން ބޭނުން. ޤާނޫނުއަސާސީ ތަންފީޒު ކުރަމުން އަންނަ އައުމުގައި، މިރާއްޖޭގެ ކަރާމަތާއި އަދި ރާއްޖޭގެ ޤަދަރާއި ޢިއްޒަތް، ރާއްޖޭގެ ސަލާމަތް ހިފަހައްޓާ ބާރުތަކުގެ މައްޗަށް އެބޭފުޅުން ގަވާއިދާއި ޤާނޫނާއި އަދި އެހެންވެސް ކަންކަން ހައްދަވަމުން، ހިންގަވަމުން ގެންދަވާއިރުގައި، ހަނދުމައިގައި ބަހައްޓަވަންޖެހޭ ތިޔަބޭފުޅުންނަށްޓަކައި މިއަދުވެސް ފުރާނަ ދޫކޮށްލަން ތިބި ބަޔަކީ ތިޔަބޭފުޅުންނޭ، ސިފައިންނޭ. އެކަން އަޅުގަނޑުމެން އެންމެންގެ ހިތުގައިވެސް އަބަދުވެސް ބިންވަޅު ނެގިފައި އޮންނަންޖެހޭނެ.

އަޅުގަނޑުމެންނަށް، އަޅުގަނޑަށް ޔަޤީން، ހަމަ އަނެއްކާވެސް ތިޔަބޭފުޅުންގެ ޖެނެރަލުންނާއެކުގައި އަޅުގަނޑަށް މަޢްލޫމާތު ބަދަލުކޮށް، ވާހަކަ ޙިއްޞާކޮށް، މަޝްވަރާ ކުރެވި، އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންނަށް މުޅިން އެހެން އަދި މާ ފުރިހަމަ ގޮތެއް ހޯދިދާނެ. އަޅުގަނޑުމެން މިދަނީ އެގޮތަށް. އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ އެމަގަށް. އަޅުގަނޑުމެން ޔަޤީންކުރަނީ، އަޅުގަނޑުމެންނަށް މާތްރަސްކަލާނގެ އިރާދަފުޅާއެކުގައި އެތަނަށް ދެވޭނެ ކަމަށް.

އަޅުގަނޑު ނިންމާލަމުން، މިރާއްޖޭގެ އެންމެހާ ސިފައިންނަށް މިނިވަންދުވަހުގެ ހެޔޮ ދުޢާ ތަހުނިޔާ ރައްދުކުރަން. އަދި ހަމައެހެންމެ، މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަމީން ފައިޞަލަށާއި، ޗީފް އޮފް ޑިފެންސްއާއި، ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސްއާއި، އެހެނިހެން ޖެނެރަލުންނާއި، ޖެނެރަލް އޮފިސަރުންނާއި، އަދި އެންމެހާ ސިފައިންގެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި ފަހި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.