بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ޒަމާނީ ޓެކްނޯލޮޖީއާއި އެއިރެއްގައި އަޅުގަނޑުމެންނަށް ލިބެންހުރި އެންމެ ފަސޭހަ ވަސީލަތްތަކެއް ބޭނުންކޮށްގެން އަޅުގަނޑުމެންގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި އަދި ޚަރަދު ކުޑަކުރެވެން ހުރި ތަންތަނުން ޚަރަދު ކުޑަކުރުމަކީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީއިރު އަދި ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ ވުޒާރާއާ މަޙްމޫދު ރާޒީ ހަވާލުވެވަޑައިގެންނެވިއިރު މިޕްރޮޖެކްޓް، ސަރުކާރުގެ ތެރޭގައި ހިނގަމުން އަންނަތާ ވަނީ ދުވަސްތަކެއްވެފައި.

އަޅުގަނޑަށް މިތަނުން ހަމަ ދެންމެ މިޕްރޮޖެކްޓްގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންގެ ނަންތައް މިތަނުގައި ވަރަށް ފާހަގަވާ ގޮތުގައި އިވިގެން ހިނގައްޖެ. އެދެންނެވި ބޭފުޅުންކޮޅު މިމަސައްކަތުގައި އުޅެމުން އަންނަތާ އޭރުވަނީ ދުވަސްތަކެއް ވެފައި. ޙަޤީޤަތުގައި މިޕްރޮޖެކްޓްގެ ނިންމަންޖެހޭ މުއްދަތުތައް ދެތިން ހަތަރު ފަހަރަކު ވަނީ ފަހަނަޅައި ގޮސްފައި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ސަރުކާރަށް މި މަސައްކަތުގެ ހުރި މުހިންމުކަން ވަރަށް ސާފު. އެހެންވީމާ، ސަރުކާރުން މަސައްކަތް ކުރީ މިމަސައްކަތް ވީހާވެސް ބާރަށް ކުރިއަށް ގެންދެވޭނޭ ގޮތެއް ހޯދުމަށް. މަޙްމޫދު ރާޒީއާއި އަދި އެމިނިސްޓްރީގެ ދަށުން މިމަސައްކަތް ހިންގެވި ހުރިހާ ބޭފުޅުންވެސް އަދި ފާއިޤުވެސް، ނާޞިޙުވެސް މިއެންމެ ބޭފުޅުން މިމަސައްކަތް ކޮށްދެއްވަމުން ގެންދެވީ މިމަސައްކަތް އެއީ، މުހިންމު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންވެސް ފާހަގަކުރަމުންދިޔަ މިންވަރު ބަލައިގަނެގެން. ޚާއްޞަކޮށް އަޅުގަނޑަށް ފާހަގަވި ގޮތުގައި ފުލުސް އޮފީހުގައި ވަރަށް ބައިވަރު ރިސޯސް އަދި ޚާއްޞަކޮށް އިންސާނީ ވަސީލަތް ވަރަށް ރަނގަޅަށް ޤާއިމު ކުރެވިފައި ހުއްޓާ ވަރަށް ކުރީކޮޅު އަޅުގަނޑަށް ފާހަގަވި. އޭގެ ތެރެއިން އެއް ބޭފުޅެއް ފަޔާ އެއީ. އަޅުގަނޑުގެ ފިކުރަކަށްވީ އެބޭފުޅާގެ މަތީ ތަޢްލީމު ހުރީ މިމަގަށް ކަމަށްވުމާވެސް އެކުގައި އެބޭފުޅާއަށް މިމަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެވޭނެކަމަށް. އެހެންވީމާ، އެބޭފުޅުންނަށް ޚާއްޞަކޮށް ފުލުހުންނަށް ވަރަށް ގިނަ ފަހަރަށް ލިބިފައިވާ ރަނގަޅު އަޚްލާގާއި، ކަމަށް ކަމޭހިތައިގެން މަސައްކަތް ބާރަށް ކުރިއަށްގެންދާ އުޞޫލާއި، މިއެންމެހާ ކަމެއް ހިމަނައިގެން އަޅުގަނޑުމެންނަށް މިމަޝްރޫޢު މިއީ ކާމިޔާބު މަޝްރޫޢަކަށް މިއަދު މިވަނީ ހެދިފައި. އެކަމަށްޓަކައި އަޅުގަނޑު އެންމެހާ ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ސަރުކާރު ހިނގަމުން އަންނައިރުގައި ރާއްޖޭގެ ސަރުކާރުގައި އަބަދުވެސް، 2008ވަނަ އަހަރަށް ބައްލަވާލެއްވި ނަމަވެސް އަދި 2009ވަނަ އަހަރަށް ބެއްލެވި ނަމަވެސް ހަމައެކަނި ސްޓޭޝަނަރީއަށް ޚަރަދުވޭ ފަންސާސް މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދަކަށް ފައިސާ. އެއީ ގަނޑު އަދި ފަންސޫރު މިބާވަތުގެ ތަކެތި ގަތުމަށްޓަކައި. އަޅުގަނޑެއް ނުދަންނަވަން މިނިޒާމު ތަޢާރަފް ކުރުމުން އެހުރިހާ ފައިސާއެއް ޚަރަދުކުރުން އަޅުގަނޑުމެންނަށް އެއްދުވަހުން ހުއްޓާލެވޭނެ ކަމަކަށެއް. އެހެންނަމަވެސް، މި ނިޒާމުގެ ތެރެއިން ސަރުކާރުގެ ޚަރަދު އެތައް ތަނަކުން ކުޑަވެގެންދާނެކަމީ އަޅުގަނޑަށް އެއްވެސް ހާލެއްގައި ޝައްކު ހިނގާ ކަމެއްނޫން.

އަޅުގަނޑުމެން މިމަސައްކަތް މިއަދު މިހާރު މިތަޢާރަފް ކުރެވެނީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގެ މެދުގައި. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވި ހިނދުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިމަސައްކަތް މިބާވަތަށް އަދި މިނިޒާމަށް މަސައްކަތް ހިންގަމުން ގެންދިޔުމުގެ އެންމެހާ އިންތިޒާމުތައް ހުރީ ވަރަށްބޮޑަށް ފައްކާވެފައި. އެކަމުގައި މިއޮފީހުގައި މަސައްކަތް ކުރައްވާ އައި.ޓީ. ޑިޕާޓްމަންޓްގެ އެންމެ ބޭފުޅުން މަސައްކަތް ކުރައްވާ ފުރިހަމަ މިނަށް އަޅުގަނޑު ނިހާޔަތަށް ޝުކުރު ދަންނަވަން. ހަމަ އެނިޒާމުގެ ތެރެއަށް އަޅުގަނޑުމެންނަށް މިނިޒާމު ގެނެވުމުން މިކަންކަން ތަފާތުނުވެ ނުވަތަ ދެވުޒާރާއެއްގައި އެއް ކަމެއް ނުކޮށް އިތުރު ބޭކާރު ޚަރަދު ނުހިންގާ މިމަސައްކަތް ކުރިއަށް ގެންދެވޭނެކަމީ އަޅުގަނޑުމެންގެ އުންމީދެއް. އަޅުގަނޑުމެންގެ އަމާޒެއް. އެހެންވީމާ، އަޅުގަނޑުގެ ނަޒަރުގައި މިއަދަކީ އަޅުގަނޑުމެންނަށް ރާއްޖޭގެ އިދާރީ ހިންގުން މުޅިން އެހެން ހިސާބަކަށް ގެންދެވޭ ދުވަހެއް. ޚާއްޞަކޮށް އުފާވެރި ޚަބަރެއް އެއީ، މިމަސައްކަތުގައި ދެކުނުގެ ޕްރޮވިންސަށް ހަމަ އެންމެ ފުރަތަމަ ދުވަހުވެސް ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް.

ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ މެދުގައި ސަރުކާރުގެ މާލޭގައި ހުރި ހުރިހާ އިދާރާތަކެއްގެ މެދުގައި ބަދަލުވާ ސިޓީބިޓީ ބަދަލުވުން އިރާދަކުރެއްވިއްޔާ މިނިޒާމުގެ ތެރެއަށް މިއަދުން ފެށިގެން ހިނގައިގެންދާނެ. އެހެންނަމަވެސް، އެން.ސީ.އައި.ޓީ.އާއި އަދި މިނިސްޓްރީގެ ބެލުމުގެ ދަށުން އެހެން ވުޒާރާތަކުގައި މިމަސައްކަތް ހިނގަމުންދާގޮތާ އަދި ތަމްރީނު ދިނުމާއި ކެޕޭސިޓީ އިތުރު ކުރުމާއި އަދި މިމުޅި ވިއުގަ ބެލެހެއްޓުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ގެންދެވިގެން ނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ނަތީޖާ މީގެ ތެރެއިން އަދި ފުރިހަމައަށް ލިބިގެނެއެއް ނުދާނެ.

އަޅުގަނޑަށް ޔަޤީން، މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ މަސައްކަތާ އެކުގައި ބެލެހެއްޓުމާއެކުގައި އަދި އެމިނިސްޓްރީގެ އެންމެހާ ބޭފުޅުންގެ ބެލުމުގެ ދަށުން މިކަން މިއަށްވުރެ މާފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް ބެލެހެއްޓެމުންދާނެކަން. އަދި މިނިޒާމުގެ ފުރިހަމަ ފައިދާ އަޅުގަނޑުމެން އެންމެންނަށްވެސް ލިބިގެންދާނެކަން. އަޅުގަނޑުމެންނަށް ދެންމެ ފެނިގެން ހިނގައްޖެ މީގެ އިތުރުން ދެން ދެވަނަ މަރުޙަލާއެއްގައި، ދެވަނަ ފިޔަވައްސެއްގައި ވެގެންދާނެ ގޮތް. އެއީ ރައްޔިތުންނަށް މިނިޒާމުގެ ތެރެއަށް ގުޅުވޭނެ ފުރުސަތު ފަހިވެގެން ދިއުން. އޭރުން ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް އެކިއެކި އިދާރާތަކަށް ރައްޔިތުން ފޮނުއްވަވާ ސިޓީފުޅު އެއިރެއްގައި ހުރި ހިސާބަކާއި ދެން ކަޑައްތު ކުރަން އޮތް މަރުޙަލާއަކާއި މިއެންމެ ބާވަތުގެ މަޢްލޫމާތު ސާފުވެގެންދާނެ.

އަޅުގަނޑުގެ އުންމީދަކީ މިއަދަށްވުރެ އަދި މާހަލުވިކޮށް އަޅުގަނޑުމެންގެ ސަރުކާރު ހިނގާނެ ގޮތްތަކެއް އަޅުގަނޑުމެންނަށް މެދުވެރިވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަންވެސް ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!

______________________