بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ދިވެހިރާއްޖޭގެ މަސައްކަތު ދާއިރާގަޔާއި، ގެވެހި އަދި އިޖްތިމާޢީ ދާއިރާގައި އަދި އަޅުގަނޑު ދަންނަވާނީ ވަކިން ޚާއްޞަ ގޮތެއްގައި އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ޒަމާނުއްސުރެ ގެންގުޅެމުން އައިސްފައިވާ ޖިންސީ ތަފާތުކުރުންތައް ނައްތާލުމުގެ މަސައްކަތް ނުވަތަ ޖެންޑަރ މެއިން ސްޓްރީމް ކުރުމުގެ މަސައްކަތް މި ސަރުކާރުގެ އެންމެ ކުރީކޮޅުގައި އަޅުގަނޑުމެންވާނީ ފަށްޓާފައި. މިމަސައްކަތްތައް ކާމިޔާބުވަމުންދިޔަ ވަރަކަށް ޖިންސީ ތަފާތު ކުރުމުގެ މައުޟޫޢު އެއީ، ވަކި މައިގަނޑެއްގެ ގޮތުގައި ފާހަގަކުރެވެމުންދާ ދިޔުން ހުއްޓުމަކަށް އަންނާނެކަމަށް އަޅުގަނޑުމެން ދެކެން. .

އަޅުގަނޑުމެންގެ މިމަސައްކަތުގައި އިސްކަންދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ތަރައްޤީގެ އެކިއެކި ޕްރޮގްރާމް ހިންގުމުގައި ފިރިހެނުންގެ އަދި އަންހެނުންގެ ބޭނުންތަކާމެދު ވިސްނުންތެރިކަމާއެކު ފިޔަވަޅުތައް އަޅަމުން ގެންދިޔުމަކީ، ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން. އެހެންކަމުން، ދެޖިންސުގެވެސް ބޭނުންތަކަކީ ކޮބައިކަން ދެނެގަނެ، ދެފަރާތަށްމެ ހަމަހަމަވާނެ ގޮތުގެ މަތިން އެކިކަހަލަ ވަސީލަތްތައް ތަރައްޤީ ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް.

މިކަމުގެ މިސާލެއް ދަންނަވާނަމަ، މިސާލަކަށް، ޢާންމުކޮށް ޚިދްމަތްދޭ ތަންތަން އަލިގަދަކޮށް ދިއްލިފައި ހުންނަ ހުރުމުން، އަންހެން ބޭފުޅުންނަށް ޙިމާޔަތްތެރިކަން އިތުރުވެ، އަދި އަންހެން ބޭފުޅުންނާމެދު ކަންބޮޑުވެވަޑައިގަތުން ހާމަކުރައްވާ ފިރިހެން ބޭފުޅުންނަށްވެސް އެކަމުގައި ނުތަނަވަސްކަންކުޑަވެ، އަންހެން ބޭފުޅުންވެސް އަދި ފިރިހެން ބޭފުޅުންވެސް އެ ހޯއްދަވާ ޚިދްމަތެއްގައި ހާސްކަމެއްނެތި ބައިވެރިވެލެއްވުމުގެ ފުރްޞަތު އިތުރުވެގެންދާނެ. އަޅުގަނޑު މިދެންނެވި އަލިގަދަ ކުރާ މިސާލަކަށް، މިދަންނަވާ ތަނަކީ ފެރީ ޓަރމިނަލެއްނަމަ، އަމާންކަމާއެކީ ފެރީގެ ބޭނުންކުރައްވާ އަންހެން ބޭފުޅުން އިތުރުވުމުން، އެބޭފުޅުންނަށް ޞިއްޙީ، ތަޢްލީމީ ޚިދްމަތްތަކަށް ވާސިލުވުން ފަސޭހަވެގެންދިޔުމުގެ އިތުރުން ވަޒީފާގެ ފުރްޞަތުތައްވެސް އިތުރުވެގެންދާނެ.

އަޅުގަނޑު މި މިސާލު މިގޮތަށް ފާހަގަކުރީ، ޚާއްޞަކޮށް އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން ފިރިހެނުންނަށް ބައެއްފަހަރަށް ދަތިވޭ، ކޮން ބާވަތެއްގެ ކަންކަމާ ގުޅިގެންތޯ އަންހެން ބޭފުޅުންނަށް މިހާރަށްވުރެ ބޮޑަށް ކަންކަމުގައި ބައިވެރިވެވަޑައިގެން އުޅުއްވަން ދަތިވެލައްވައި އެ އުޅުއްވަނީ ކޮން ބާވަތުގެ ސީދާ ކަންކަމަކާ ގުޅިގެންތޯ އެކަން ދެނެގަތުން އަޅުގަނޑުމެންނަށް ބައެއް ފަހަރަށް މި އޮންނަނީ ވަރަށް ދަތިކަމަކަށް ވެފައި. ދެން އަޅުގަނޑު އުންމީދުކުރަން، ކިތަންމެ ކުޑަކަމަކުންވިޔަސްވެސް، އަދި ކިތަންމެ ބޮޑުކަމަކުންވިޔަސްވެސް، މިކަންކަން އަޅުގަނޑުމެންނަށް ފާހަގަވެ، މުޅި ޖުމްލަ ކަންކަމަށް އަޅުގަނޑުމެންނަށް ބަދަލެއް ގެނެވޭތޯ މަސައްކަތް ކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ބޭނުންތެރިކަމެއް.

ޖިންސީ ތަފާތުކުރުންތައް ނައްތާލުމުގެ މަސައްކަތުގައި ސަރުކާރުގެ އެންމެ މަތީ ފަންތިން ފެށިގެން ހުރިހާ ފަންތިތަކެއްގައި އެމަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޤަބޫލުކުރަން. މިގޮތުން ޚާއްޞަކޮށް ސިޔާސަތުތައް ކަނޑައަޅައި، އެސިޔާސަތުތައް ތަންފީޒު ކުރުމުގައިވެސް މިދެންނެވި ގޮތަށް ވިސްނުން ފުރިހަމަކުރުމަކީ، ބައްޓަންކުރުމަކީ، އަޅުގަނޑުގެ ނަޒަރުގައި މުހިންމު ކަމެއް. މިކަންކަމަށް ވަރަށް ފުރިހަމަ އަހަންމިއްޔަތުކަމެއް އަޅުގަނޑުމެންދެން. އަދި އަޅުގަނޑުމެން މި ދެކެނީ، ކުރިއަށްއޮތްތަނުގައިވެސް މިކަންކަމަށް އަޅުގަނޑުމެން މިދޭ މުހިންމުކަން، އަހަންމިއްޔަތުކަން އަޅުގަނޑުމެންނަށް ދެމެހެއްޓޭނެކަމަށް. މިގޮތުން، ސަރުކާރުގެ ކޮންމެ ދާއިރާއެއްގައިވެސް ޙަރަކާތްތެރިވާނެ ޖިންސީ ތަފާތު ކުރުންތަކާބެހޭ ޚާއްޞަ މުވައްޒަފަކު ނުވަތަ ޖެންޑަރ ފޯކަލް ޕޮއިންޓެއް ސަރުކާރުންވާނީ ވަރަށް ކުރީކޮޅުގައި ޢައްޔަންކޮށްފައި. މި ޢައްޔަން ކުރެއްވި ބޭފުޅުންގެ ދާއިރާގައި ޖިންސީ ތަފާތުކުރުން ނައްތާލުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް ހޯދުމަކީ، މިދެންނެވި ފާހަގަކުރެވުނު ބޭފުޅުން، މި ދެންނެވި މުވައްޒަފުންގެ މަސްއޫލިއްޔަތުކަމުގައިވެސް އަޅުގަނޑުމެން އޮންނާނީ ކަނޑައަޅައި ދަންނަވާފައި.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ނިންމުމުގައި ޒަމާނުއްސުރެވެސް އަންހެނުންގެ ދައުރަކީ ވަރަށްބޮޑު އަދި މުހިންމު ދައުރެއް. އެހެންނަމަވެސް، މިދައުރު ހަމައެކަނި ގޭތެރޭގެ ކަންކަމާ ހަމައަށް ހަނިވެގެން ނުވާނެ. އަޅުގަނޑުމެންގެ ގޭތެރޭގައިވެސް، މަދަރުސާތަކުގައިވެސް، ވަޒީފާ އަދާކުރާ ތަންތަނުގައިވެސް އަދި ހަމައެހެންމެ މަޖިލިސްކުރާ ގޭގައިވެސް އަންހެނުންގެ އަޑު އިއްވައި ކަންކަން ނިންމުމުގައި، އެމީހުންގެ ދައުރު މިހާރަށްވުރެ ބޮޑުކުރުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް.

މިހާރު އަޅުގަނޑުމެންނަށް ފެންނަންއޮތް މަންޒަރަކީ، ޙަޤީގަތަކީ މަޖިލީހުގައި ތިއްބަވާ 77 މެންބަރުންގެ ތެރެއިން އަންހެން މެންބަރުންނަކީ ހަމައެކަނި 5 ބޭފުޅުންކަން. ސިޔާސީ ހަރަކާތްތެރިކަން ފެށޭނީ އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން، އެންމެ އާދައިގެ ހިސާބުން. ގްރާސް ރޫޓުން. ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ބިލަށް ވާހަކަފުޅު ދައްކަވަމުން، އަންހެން ބޭފުޅުންނަށް ސައްތައަކުން ތިރީހުގެ ނިސްބަތެއް ޚާއްޞަކޮށް ކައުންސިލްތަކުގެ ގޮނޑިތައް ހަމަޖެއްސުމަށް އެމް.ޑީ.ޕީ.ގެ ޢިއްޒަތްތެރި މެންބަރުންވެސް އަދި އެހެން ޕާޓީތަކުގެ ޢިއްޒަތްތެރި މެންބަރުންވެސްވަނީ ފާހަގަކުރައްވައި އެވާހަކަ ދައްކަވާފައި.

އަޅުގަނޑު މި ހިސާބުން މި މައުޟޫޢުގައި އެހެންނަމަވެސް، ހަމަ ދަންނަވަން ބޭނުން، އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވަކި ޚާއްޞަކޮށް ނުވަތަ ލޯކަލް ކައުންސިލްގެ ގޮނޑި ވަކި ޚާއްޞަ މެންބަރަކަށް، އަންހެން ބޭފުޅުންނަށް ވަކިކޮށް ނުވަތަ ރިޒަރވްކޮށް ބެހެއްޓިދާނެ. އަޅުގަނޑުގެ ނަޒަރުގައި އެހެން ބަހައްޓާ ބެހެއްޓުމުން އަދި އަންހެން ބޭފުޅުންގެ ބައިވެރިވުން އިތުރު ކުރުމަކީ އެހާފަސޭހަ ކަމެއް ނޫން. ހަމައެކަނި އިންތިޚާބު އޮންނަ ދުވަހު މި ރިޒަރވްކުރި ގޮނޑި ބެހެއްޓީމާ، އަޅުގަނޑުމެންނަށް އެ އަންހެން ބޭފުޅުންނަށް ފުރުޞަތު އެ އެރުވެނީ އަޅުގަނޑުގެ ނަޒަރުގައި ހަމައެކަނި އިންތިޚާބު އޮންނަ ދުވަހު. އިންތިޚާބެއް ކާމިޔާބު ކުރުމަށް ނުވަތަ ރަނގަޅަށް އަޅުގަނޑުމެން ކަމެއްގައި ބައިވެރިވުމަށް ކާމިޔާބު ލިބެންވީ ނުވަތަ ކަމެއްގައި ބައިވެރިވެވޭނޭ ފުރުޞަތު ހަމަޖެހިފައި އޮންނާންވީ ހަމައެކަނި އެކަމެއްގެ އެންމެފަހު ވަގުތަކު ނޫން. އަޅުގަނޑުމެން މިވަނީ ވާދަވެރި ސިޔާސީ ނިޒާމެއް އުފައްދާފައި. އެނިޒާމުގެ ތެރެއިން، ޕާޓީ ސިސްޓަމްގެ ނިޒާމުގެ ތެރެއިން ނަތީޖާ ނެރުމަށް އަޅުގަނޑުމެން މިވަނީ ކަނޑައެޅި ޢަޒުމްކޮށް އަދި އަޅުގަނޑުމެން މިވަނީ އެގޮތަށް އެކަން ކާމިޔާބު ކުރުމަށް ވަރަށްބޮޑަށް މަސައްކަތްތަކެއް ފަށައިގެންފައި.

އަޅުގަނޑުގެ ނަޒަރުގައި އަންހެން ބޭފުޅުން މިހާރަށްވުރެ ބޮޑަށް ކަންކަން ނިންމައި މަޖިލިސްތަކުގައި ބައިވެރިވުމަށްޓަކައި އެބޭފުޅުން އެންމެ ފުރަތަމައިނުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ މިހާރު ހުރިހާ ސިޔާސީ ޕާޓީއެއްގެވެސް އެންމެ އާދައިގެ ޙަރަކާތްތަކުގައި އެބޭފުޅުން ބައިވެރިވެވަޑައިގަތުން. އަޅުގަނޑަށް ފެންނަ ފެނުމުގައި އިންތިޚާބަށް އެބޭފުޅުން ނުކުމެވަޑައިގަންނަވާއިރުގައި އަދި 30 ޕަސެންޓް ގޮނޑި އެބޭފުޅުންނަށް ޚާއްޞަ ކޮށްފައި ބެހެއްޓެވިކަމުގައި ވިޔަސްވެސް، އެބޭފުޅުންނަކީ ނަތީޖާ ނެރުއްވާ ބަޔަކަށް ވެގެންދާނީ މިހާރުވެސް ޕާޓީތަކުގެ ހަރުގެތަކުގައި އަންހެން ބޭފުޅުންގެ ޖަމާޢަތްތައް، އަންހެން ބޭފުޅުންގެ ބައިބައިތައް އެ ހަރުގެތަކުގައި އިތުރުވެގެން. މިހާރުވެސް ސިޔާސީ ޕާޓީތަކުގެ ޢާންމު ޖަލްސާތަކުގައި އަންހެން ބޭފުޅުން ދެއްވާ ތަޤްރީރުތައް ވަރަށްބޮޑުތަން އިތުރުވެގެން. މިކަން އެހެން ހިނގީމާ ނޫނިއްޔާ އަޅުގަނޑުގެ ނަޒަރުގައި ޙަޤީޤަތުގައި އަންހެން ބޭފުޅުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިވެވޭ މިންވަރު އިތުރުކުރެވިގެނެއް ނުދާނެ. ސަރުކާރުން އަޅުގަނޑުމެން އެންމެންނަށް އަންހެން ބޭފުޅުންނަށް ވަކި ޚާއްޞަ ގޮނޑިތަކެއް ވަކިން ބެހެއްޓިދާނެ. އަދި އެގޮނޑިތަކަކީ ހަމައެކަނި އަންހެން ބޭފުޅުން ވާދަކުރާ ގޮނޑިތަކަކަށްވެސް ހެދިދާނެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ ކަމަށް އެންމެ ޤާބިލު އެކަށީގެންވާ ބޭފުޅުން އަޅުގަނޑުމެން ހޯދާ ކަމަށް ވަނީވިއްޔާ އެކަމުގެ ތެރޭގައިވެސް ވާދަވެރި ކަމުގައި ނުކުމެ އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅުން ލިބުމޭ އަޅުގަނޑުމެންނަށް މީގައި ހަމައެކަނި އޮތްގޮތަކީ.

މީގެ އެންމެ ރަނގަޅު މިސާލަކަށް އަޅުގަނޑަށް ފެންނަނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އެ ބައިވެރިވަޑައިގަންނަވާ 5 އަންހެން ބޭފުޅުން. އެ 5 ބޭފުޅުންވެސް އެގޮނޑިތައް ކާމިޔާބު ކުރައްވާފައި އެ ތިއްބެވީ ވަރަށް ވަރުގަދަ، ވަރަށް ވަރުގަދަ ކެމްޕޭނަކަށްފަހު. އެހެންވީމާ، އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ މިހާރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެ ތަމްސީލުވެވަޑައިގަންނަވާ 5 ބޭފުޅުންނަކީ ވަކި ޖިންސެއްގެ ގޮތުގައި ފާހަގަވެވަޑައިގަންނަވާ ބޭފުޅުން ނޫންކަން. ބައެއް ބޭފުޅުންނަކީ މުޅި ރާއްޖޭގައި ދުށް އެންމެ ފުންނާބު އުސް ސިޔާސީ ބޭފުޅުންނާ ވާދަކޮށް ކާމިޔާބު ކުރައްވައިގެން ތިއްބެވި ބޭފުޅުން. އެހެންވީމާ، ހަމަ އަޅުގަނޑު މިދަންނަވާ ވާހަކައަކީ ގޮނޑި އެއީ ނުވަތަ އެކިއެކި ތަންތަނުން ރިޒަރވް ކުރެވިދާނެ އަޅުގަނޑުމެންނަށް އަންހެން ބޭފުޅުންނަށް މަގާމުތައްވެސް. އަޅުގަނޑުމެންނަށް ރިޒަރވް ކުރެވިދާނެ ގޮނޑިތައްވެސް. އެހެންނަމަވެސް، ވާދަވެރި ކަމުގެ ތެރޭގައި، ވާދަވެރި ސިޔާސަތެއްގެ ތެރޭގައި އެބޭފުޅުންނަށް އެ ގޮނޑިތަކުގައި އިށީނުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ހިނދަކު އަޅުގަނޑުގެ ނަޒަރުގައި ކަމަށް އެކަށީގެންވާ އަންހެން ބޭފުޅުން އެކަންކަމަކަށް އަޅުގަނޑުމެންނަކަށް ނުނެރެވޭނެ.

އަންހެނުންނަކީ، އަޅުގަނޑުމެންގެ ޢާއިލާތައް ބިނާކުރުމުގަޔާއި އަދި ޤައުމުގެ ތަރައްޤީއަށް އެހާ މުހިންމު ބަޔަކަށްވާއިރު އެބޭފުޅުންނަށް އެއްވެސްވަރެއްގެ ގެއްލުމަކާ ގޯނާއެއް ލިބުމަކީ އަޅުގަނޑުމެން އެއްވެސް މީހަކު އެދޭނެގޮތެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑަށް ހަމަ ދަންނަވަންޖެހޭ ޙަޤީޤަތަކީ އަންހެނުންނަށް ހާނިކައާއި ގޯނާ ތަކެއް ލިބެމުންދާކަން. ޖިސްމާނީގޮތުންވެސް ނަފްސާނީ ގޮތުންވެސް ލިބެމުންދާކަމީ އަޅުގަނޑުމެން އެންމެން ދަންނަ ޙަޤީޤަތެއް.

އުމުރުން 15 އަހަރާއި 32 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން، ކޮންމެ 3 އަންހެނުންކުރެ އެކަކީ ކޮންމެވެސް ޒާތެއްގެ ގޯނާއެއް އިޙްސާސްކޮށްފައިވާ މީހުންކަން ތަފާސްހިސާބުން ވަރަށް ރަނގަޅަށް ފެންނާން އެބަހުރި. މިއީ، އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަންޖެހޭނެ ކަމެއް، އެހެންކަމުން އެ އަންހެނުންނަށް ކުރިމަތިވާ މިފަދަ ގޯނާތަކުން އެބޭފުޅުން ސަލާމާތް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާންޖެހޭނެ. އަޅުގަނޑުމެން މި މަސައްކަތް މިއަދުއްސުރެން ފެށިގެންވެސް އަދި މިހާރުއްސުރެ ވަރުގަދަކޮށް ބާރަށް ކުރިއަށް ގެންދާން އެބަޖެހެއޭ. އެހެންނަމަވެސް، މިއީ ހަމައެކަނި ސަރުކާރުން މަސައްކަތް ކުރައްވައިގެން ކުރެވޭނެކަމެއް ނޫނޭ، މިކަމުގައި އަޅުގަނޑުމެން އެންމެންވެސް އެއްބާރުލުމާއި އެހީތެރިކަން ބޭނުންވޭ، އަޅުގަނޑުމެން ހުރިހާ އެންމެން ބައިވެރިވެގެން ނޫނީއަކާއެއް އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަކަށް މިކަން ޙާޞިލު ކުރެވޭކަށް ނޯންނާނެ.

އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އަނެކާއަށް އެއްވެސް ބާވަތެއްގެ ގޯނާއެއްކޮށް އަނިޔާކުރުމަކީ ކޮށްގެންވާނެކަމެއް ނޫން. އެފަދަކަމެށް ހިނގާކަމަށް ވަނީވިއްޔާ އެކަމާ އަޅުގަނޑުމެންނަށް އަޅަންޖެހޭ ފިޔަވަޅަތަކާ އެކަމާ އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ވަރަށް ތަފްޞީލުކޮށް ވަރަށް ސާފުކޮށް ހުރިހާ އެންމެންނަށް، ރައްޔިތުންނަށް އެނގިފައި އެބަ އޮންނަންޖެހޭ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަންހެނަކާ ފިރިހެނަކާ ދެމެދުގައި އަރާރުންވުމެއް، ތަޅާފޮޅުމެއް، ގޯނާކުރުމެއް ހިނގާން ފެށީމާ ޖެހިގެން ހުންނަމީހާ އެކަން ވަރިހަމަކޮށް ބަލަހައްޓައިގެން އަޅުގަނޑުމެންނަކަށް ތިބެވޭކަށެއް ނެތޭ. އެހެން ތިބޭކަމަށްވަނީވިއްޔާ އަޅުގަނޑުމެންނަށް އެކަން ޙައްލުކުރަން އުޅުމަކީ ވަރަށް ދަތިކަމަކަށްވާނެއޭ.

އަޅުގަނޑުގެ އިލްތިމާސަކީ، ކިރިޔާވެސް އަޑެއް ހަމައިވޭއިރަށް އެ އަޑެއް ރިޕޯޓްކުރުން. މާރަނގަޅުވާނެ ކަމަކަށް ނުވާކަމެއް ރިޕޯޓްވުން އެއީ، މާ ރަނގަޅުކަމެއް ކަމަކަށް ވާބާވަތުގެކަމެއް ރިޕޯޓް ނުކުރެވި ތިބުމަށްވުރެ.

އަޅުގަނޑުމެންގެ މި ސަރުކާރަކީ އަޅުގަނޑުމެން މި ދެކެނީ އޯގާތެރި ސަރުކާރެއް ކަމަށް. އަޅުގަނޑުމެންގެ ސިޔާސަތަކީ ނިކަމެތި ރައްޔިތުމީހާއަށް ރިވެތިކޮށް ޝަރަފްވެރި ގޮތުގައި ދިރިއުޅުން ވޭތުކުރެވޭނެ މަގެއް ކޮށައިދިނުން. މިގޮތުން އަޅުގަނޑުމެންވާނެ މިދިޔަ އަހަރު އެކަނިވެރި މައިން ބަލަހައްޓާ ކުދިންނަށް ސަރުކާރުން އެހީތެރިކަން ފޯރުވައިދިނުމުގެ މަސައްކަތް މިދަނީ އަޅުގަނޑުމެން ކުރަމުން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ސަރުކާރުގެ މައިގަނޑު ސިޔާސަތުގެ ތެރޭގައި ހިމެނޭ އެއް ސިޔާސަތެއް އެއީ، އެކަނިވެރި މައިންނަށް އަޅުގަނޑުމެން ދޭ ހިލޭ އެހީއެއް ނުވަތަ އެބާވަތުގެ ކޮންމެވެސް އެހީއެއް ރައްދުކޮށްދިނުން. އަޅުގަނޑުމެން ސަރުކާރުން މިހާރު މިގެންދަނީ އެ ސަބްސިޑީ ދޭނެ ގޮތްތައް ރާވަމުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އެ ސަބްސިޑީ ދެވޭނެ.

ވަކިން ޚާއްޞަކޮށް އަޅުގަނޑު ދަންނަވާނީ ކައިވެނި ރޫޅިފައިވާ އަންހެނުންނާއި އެމީހުންގެ ދަރިންނަކީ އިޤްތިޞާދީގޮތުން ނިކަމެތި ބައެއް ކަމުގައި މިވަނީވެފައި. އަދި، އެމީހުންގެ ހާލަތު ރަނގަޅުކުރުމަށް ލިބޭ ފުރްޞަތުތައްވެސް އެހާމެ މިހާރު މިވަނީ ހަނިވެފައި. ތަފާސްހިސާބުތައް ދައްކާ ގޮތުން އަނެއްކާވެސް އަޅުގަނޑަށް ދެންނެވެން އޮތީ، ދިވެހި އަންހެނުން އުމުރުން 50 އަހަރުވުމުގެ ކުރިން އެވްރެޖްކޮށް 4 ކައިވެނިކުރޭ. މިކަންކަމުގެ ސަބަބުން ތަފާތު އިޖްތިމާޢީ މައްސަލަތައް ކުރިމަތިވޭ. މިކަންކަން ޙައްލުކުރުމަށްވެސް ހޭލުންތެރިކަން އިތުރުކުރުމާއި، އަދި މިކަމާގުޅޭ ޤާނޫނުތައްވެސް ހެދި އިސްލާހު ކުރެވެން އެބަޖެހޭ. ދިވެހި އަންހެނުންނަކީ ގިނަ މައިދާންތަކުގައި ފިރިހެނުންނާ ވާގިވެރިވެލައްވާ އެހާމެ ހިތްވަރުގަދަ ބައެއް.

އަޅުގަނޑު އެދެނީ، ދިވެހި އަންހެނުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިއަދަށްވުރެ އަދި އަޅުގަނޑުމެންނަށް ފާގަތި މާ ބާއްޖަވެރި މާދަމައެއް ހޯދައިދިނުން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން މި ވާރކްޝޮޕްގެ ތެރޭގައި މިކަމުގައި ކިތަންމެ މަޝްވަރާއެއް ކުރައްވާފައިވާކަން. އަޅުގަނޑަށް ވާރކްޝޮޕްގެ ތެރޭގައި ބައިވެރިނުވެވުނުކަމީ އަޅުގަނޑު ވަރަށް ދެރަވާ ކަމެއް. އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އައިން ވާރކްޝޮޕްގެ ކޮންމެވެސް ހިސާބެއްގައި އަޅުގަނޑަށް ބައިވެރިވެވޭނޭ ގޮތެއްވޭތޯ. އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ ވާރކްޝޮޕްގެ ނިންމެވުންތަކާ އަދި މިތަނުގައި ކުރެއްވި މަޝްވަރާތަކަށް ފުންކޮށް އަޅުގަނޑު ބަލާނަން. އަދި އެކަމާ ގުޅޭގޮތުން އަޅުގަނޑުމެންނަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅުގަނޑުމެން އަޅާނަން.

އަޅުގަނޑު ހަމަ އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާނީ، އަޅުގަނޑުމެން ސަރުކާރުގެ ބައެއް ސިޔާސަތުތައް ހިންގަމުންދާއިރުގައި ބައެއް ބޭފުޅުންގެ ފާޑުކިޔުންތައް އަޅުގަނޑުމެންނަށް ރައްދުވެއޭ. ޚާއްޞަކޮށް އަންހެނުންގެ ވާހަކަ ވަކި މައުޟޫޢެއްގެ ގޮތުގައި އަޅުގަނޑުމެން ނުދައްކާތީވެ ނުވަތަ ވަކި މައިގަނޑެއްގެ ގޮތުގައި ފާހަގަކޮށް މިސާލަކަށް ޖެންޑަރ މިނިސްޓްރީއެއް އަޅުގަނޑުމެން ނުގެންގުޅޭތީވެ. އަޅުގަނޑުވެސް ގަބޫލުކުރަން، ޖެންޑަރ މިނިސްޓްރީއެއް ގެންގުޅުނީމާ، ނުކުންނާނޭ ރަނގަޅުތަކެއްވެސް ހުރެދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެނުނީ ހުރިހާ މިނިސްޓްރީއެއްގައި އެންމެ މިނިސްޓްރީއެއް ހުރީމާ، ހުރިހާ މިނިސްޓްރީއެއްގައި އަންހެނުންނާ ގުޅޭ ކަންކަން ފާހަގަކުރަން ދަތިވެއޭ. އެނގިވަޑައިގަންނަވާނެ މިނިސްޓްރީތަކަކީ ވަރަށް އެޑިޓޯރިއަލް ތަންތަން. އެއް މިނިސްޓްރީން ކުރައްވާ ކަމަކާ އަނެއް މިނިސްޓްރީން ބެހުމަކީ އަޅާލާއުޅުމަކީ ވަރަށް ދަތިކަމެއް. ހަމަ އަޅުގަނޑަށް ބިރުވެރި ހުވަފެނެއް ކަހަލަ ކަމެއް ކަމަށް ވެފައި އޮންނަ ކަމެއް އެކަމަކީ. އެހެންވީމާ، މިނިސްޓްރީއަކުން ޖެންޑަރ މިނިސްޓްރީއެއް ހެދިފައި ހުއްޓާ އެހެން މިނިސްޓްރީއަކުން އަންހެނުންނާ ގުޅޭ ކަމެއް ކުރަން އުޅުމަކީ ހަމަ ވަރަށް ދަތި ކަމަކަށް ވެގެން ގޮސްފައި އޮތްތަން އަޅުގަނޑުމެންނަށް ސަރުކާރަށް ފެނިފައި އޮތީ. އަދި ޚާއްޞަކޮށް އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވެ ގިނަ ކަންތައްތައް ބެލި ވަރަކަށް އަޅުގަނޑަށް މިކަން އެނގުނު ވަރަކަށް ހަމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ މިކަމުގައި ހަމަ އެންމެ ބުއްދިވެރި ގޮތަކީ ވަކި ޚާއްޞަ އަންހެނުންނާބެހޭ މިނިސްޓްރީއެއް ނުހުރުމޭ. ހުރިހާ މިނިސްޓްރީއެއްގައިވެސް އަންހެނުންނާ ގުޅޭގޮތުން ކަންކަން ކުރަމުން ގެންދިޔުމޭ.

އަޅުގަނޑު ހަމަ އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާނީ އެފަރމެޓިވް އެކްޝަން ނުވަތަ އަޅުގަނޑުމެން ކުރިއަށް ލުއިދީގެން އަންހެނުންނަށް ވަކި ޚާއްޞަ ކަންތައްތަކެއް ފާހަގަކޮށްގެން އެއްކައިރި ކޮށްގެން ވަކިން ބަހައްޓައިގެން އުފައްދާ އުފެއްދުންތަކުން ނުކުންނަ ނަތީޖާއާ ސީދާ ވާދަވެރިކަމުގެ ތެރޭގައި އަންހެނުން ބައިވެރިވެގެން ވާދަކޮށްގެން އަންހެނުންނަކީ، ކުޅަދާނަ ބައެއްގެ ގޮތުގައި ނުކުމެވަޑައިގެންނެވޭނެ ގޮތް މެދުވެރިވީމާ ދެން އޭގެން ނުކުންނަ ނަތީޖާ އެތައް ތަނަކުން އެތައް ގުނައަކުން ތަފާތުވެގެންދާނެ. އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭނެ، އަންހެން ބޭފުޅުންނަކީވެސް ހަމަ ކޮންމެވެސް އެއް ސިޔާސީ ވިސްނުމަކަށް ބުރަވެ، ކޮންމެވެސް އެއް ސިޔާސީ ޕާޓީތަކުގެ ތެރެއިން ސިޔާސީ ޕާޓީއެއްގައި ބައިވެރިވެ ނުވަތަ އަމިއްލަ ޖަމާޢަތްތަކުގެ ތެރެއިން ސިވިލް ސޮސައިޓީގެ ތެރެއިން ކޮންމެވެސް ބަޔަކާ އެކީގައި ބައިވެރިވެ، އެޖަމާޢަތްތަކުގެ ތެރެއިން އެ އަންހެން ބޭފުޅުންނަށް ވީހާވެސް ވަރުގަދަކޮށް އަޑުގަދަކޮށް އަޑުއުފުލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް އަޅުގަނޑުމެން އަންހެނުންނަށްވެސް އަދި އަޅުގަނޑުމެން ފިރިހެނުންނަށްވެސް މިއަދަށްވުރެ އަދި މާ އުފާވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!