بســم اللّـه الرّحمـن الرّحيــم

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް. ސްކޫލްގެ ބޯޑުގެ މެންބަރުން. ސްކޫލް ސްޓާފުން. ސްކޫލްގެ ދަރިވަރުން. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރިން. އަދި ބޭރުންނާއި ރާއްޖެއިން ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

މިއަދުގެ ޕްރޮގްރާމްގައި އިހުގެ ދަރިވަރުންގެ ނެށުން އޮތް ވާހަކަ އޮތީމާ، އަޅުގަނޑު މި ހިތަށްއަރަނީ، އެ އައިޓަމް އަޅުގަނޑު ހާދަހާ ބަލާހިތުންނޭ މި އިންނަނީ. އަޅުގަނޑެއް ކުރިއަކު ނުދެކެން، އިހުގެ ދަރިވަރުންގެ ނެށުމެއް. ޚާއްޞަކޮށް، މަޖީދިއްޔާގެ. ދެން އެހެން ނަމަވެސް، އަޅުގަނޑު ހިތަށްއެރީ ދެންމެ މިތާ އިނދެ، އަޅުގަނޑު އެންމެ ގަދައަށް ނަށާތަން އޭރުގައި ދުށް އެކަކަކީ މިތުން. ދެން މިހާރު އަޅުގަނޑަށް އެނގިފައި، އަޑުއިވިފައި މިއޮތީ ރަވީ ކަމަށް އެންމެ ރަނގަޅަށް ނަށަމުން މި އަންނަނީ. އަޅުގަނޑު ވަރަށް ބޮޑަށް މި ނެށުމުގެ އައިޓަމަށް އިންތިޒާރު ކުރަމުން، ތިޔަބޭފުޅުންނާއި ދަރިވަރުންނާ މިއަދު އަޅުގަނޑު މިބައްދަލުކުރަނީ.

އަޅުގަނޑުމެން، މަޖީދިއްޔާ ސްކޫލަކީ ކޮންތަނެއްތޯއާ ގުޅޭގޮތުން ޙަޤީޤަތުގައި ވިސްނައެއް ނޫޅެން. އެއީ، އަޅުގަނޑުމެންގެ ހިތްތަކުގައި، އަޅުގަނޑުމެންނަށް އެތަނަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގިފައި އަބަދުވެސް، މާބޮޑަށް ސާފުވެފައި އޮންނަ ކަމެއް އެއީ. މަޖީދިއްޔާއަކީ ކޮބައިކަން. ދެން މަޖީދިއްޔާއަކީ އެތަން ކަމަށް ބައެއްފަހަރު ފަހަރުވޭ. އަނެއްބައި ދުވަސްވަރު ނުވެވެސްދޭ. މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، މަޖީދިއްޔާ ސްކޫލަކީ އަޅުގަނޑުމެން މި ހިތަށްއަރާ ތަނަށް ވަރަށް ސާފުކޮށް، ވަރަށް ރަނގަޅަށްވަމުން އަންނަތަން. ޙަޤީޤަތުގައިވެފައި އޮތްތަން. މަޖީދިއްޔާއަކީ އެއްވެސް އިރެއްގައި ބަދަލަށް ފަހަތަށްޖެހޭ ތަނެއް ނޫން. މަޖީދިއްޔާއަކީ އަބަދުވެސް އެއިރެއްގައި ކަންތައްތައް ހިންގުމަށް، ކުރުމަށް އަދި ކާމިޔާބު ހޯދުމަށް އެ އޮންނަ އެންމެ ރަނގަޅުގޮތް ދެނެގަންނަ ތަނެއް. މިއަދު މަޖީދިއްޔާގެ ތަރައްޤީއާއި، މަޖީދިއްޔާގެ ކުރިއެރުމާއި ހިންގުން މި ރަނގަޅު ގޮތުގައި، ހެޔޮގޮތުގައި ހިނގާ އެންމެބޮޑު އެއްސަބަބަކީ، ހަމަކަށަވަރުންވެސް ޕްރިންސިޕަލާއި، ޓީޗަރުންނާއި ސްޓާފުން. އަދި އޭގެއިތުރުން އަޅުގަނޑަށް ފެންނަ ފެނުމުގައި، މިހާރު ސްކޫލްގެ ބޯޑުގެ ބެލުމުގެ ދަށުން ސްކޫލް ހިންގޭނެ އުޞޫލެއް، އިންތިޒާމެއް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ސަރުކާރުގެ ސިޔާސަތުގެ ދަށުން ހަމަޖެހިފައިވާތީވެ، އެ ބޯޑުގެ ބެލުމުގެ ދަށުން މާ މިނިވަންކޮށް، މާ އަމިއްލަކަން ބޮޑުކޮށް، އެ ބޯޑަށް ފެންނަ ގޮތްގޮތަށް ކަންތައްތައް ހިންގަމުން ގެންގޮސް، ކަންތައްތައް ނިންމޭކަމުން، މަޖީދިއްޔާގެ ހިންގުން ކިތަންމެ ތަނެއް މިވަނީ ހަރުދަނާވެފައި.

އަޅުގަނޑަކަށް ޕްރިންސިޕަލް އިސްމާޢީލާ ގުޅޭގޮތުން އިތުރު ވާހަކައެއް ދައްކާކަށް ނެތް. މަހާތުމާ ގާނދީ ޔުނިވަރސިޓީގެ ފަރާތުން އިސްމާޢީލާ ގުޅޭގޮތުން ދެންމެ ދެއްކެވި ވާހަކައިގެ އިތުރަކަށް ދެން އަޅުގަނޑު ވަކި އަޅުގަނޑު ހިތުން ދައްކާނެ ވާހަކައެއް ނެތް. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑަށްވެސް މިވީ ކުޑަދުވަސްކޮޅުގައާއި އަދި މީގެކުރީގައިވެސް އިސްމާޢީލް އެނގިފައި އޮތް ގޮތުން، އޭނާ އެބުނި ކަންކަން ވަރަށް ބޮޑަށް ފާހަގަވެފައި އެބަހުރި. ތަނެއް ރަނގަޅުވެދިޔުމުގައި، އެތަނެއް ހިންގުމުގައި އެންމެ އިސްކޮށް ތިބޭ ބައެއްގެ ޙިއްޞާ ވަރަށްބޮޑުވާނެ. އަދި ކަމެއް ޚަރާބުވެ ދިޔުމުގައިވެސް އެތަނެއް ހިންގުމުގައި އިސްކޮށް ތިބޭ ބައެއްގެ ޙިއްޞާ ވަރަށްބޮޑުތަނުން ބޮޑުވާނެ. އަޅުގަނޑުމެން މަޖީދިއްޔާއިން އެދެނީ ކާމިޔާބު. މަޖީދިއްޔާއިން އެދެނީ، މަޖީދިއްޔާގެ ދަރިވަރުންނަކީ ތަޢްލީމުގައިވެސް އަދި އެހެން ޙަރަކާތްތަކުގައިވެސް، އެއީ ކުޅިވަރުގައިވެސް، އިޖްތިމާޢީ ކަންކަމުގައިވެސް އަދި އެނޫންވެސް އެންމެހާ ކަންކަމުގައި މޮޅު ކުދިންތަކަކަށްވެ ތިބެ، ކުދިންތަކަކަށްވުން. އެފަދަ ކުދިން، މޮޅު ކުދިން ނެރޭ މަދަރުސާއަކަށް މަޖީދިއްޔާވުމަކީ، މަޖީދިއްޔާގެ ކޮންމެ ދަރިވަރެއްވެސް އަދި ރާއްޖޭގެ ކޮންމެ މީހަކުވެސް އަޅުގަނޑަށް ޔަޤީން، އެދޭނެ ކަމެއް، އެދޭނެ ގޮތެއް.

އަޅުގަނޑަށް ޔަޤީން، މިއަދު މަޖީދިއްޔާ މިހުރީ ރަނގަޅު މިޞްރާބަށްކަން. ސަރުކާރުން ކޮށްދެވެން ހުރި ކަންކަން މަޖީދިއްޔާއަށް ވަކިން ޚާއްޞަކޮށް ކޮށްދެވޭނެ ކަމެއް ނެތް. ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް، ރާއްޖޭގެ ހަތްދިހަހާސް ދަރިވަރުންނަށް ކޮށްދެވޭނެ ކަންކަން ހުރީ. އެހެން ނަމަވެސް، މަޖީދިއްޔާ އެއް ފިޔަވަޅު ކުރީގައިދާ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވާ ސަބަބަކީ، މިދެންނެވިހެން ސްކޫލް ބޯޑުގެ ޙަރަކާތްތެރިކަން އިތުރުވެ، ޕްރިންސިޕަލްގެ އަދި މެނޭޖްމަންޓްގެ ހުނަރު ރަނގަޅުވީމާ، ދެން ސަރުކާރުން އެ ކޮށްދޭ ކަންތައްތަކުގެ އިތުރުން އަމިއްލައަށް ކަންކަން ކޮށްގެން ކުރިއަށްދެވޭކަން.

އަޅުގަނޑު، ދަރިވަރުންގެ ކިބައިން މިއަދު އެދޭނީ، އަޅުގަނޑު ދަރިވަރުންނާ ޙަޤީޤަތުގައި ދައްކާން އޮތް ވާހަކައަކީ، ބައެއްފަހަރަށް ވަރަށް ފޫހިވާ ކަންކަން އަޅުގަނޑުމެންނާ އެބަ ދިމާވެއޭ. ބައެއް ވަގުތު ވަގުތުގައި ހަމަ މާޔޫސްވެ، ހަލާކުވާހާ ޙާލަތަށް އަޅުގަނޑުމެންގެ ވިސްނުން އެބަދެއޭ. އެއީ، ސްކޫލް ކުދިން އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ތެރޭ އެންމެންނަށްވެސްވާ ކަމެއް. އަޅުގަނޑުގެ އިލްތިމާސަކީ، މާޔޫސްވާ ފަހަރު ފަހަރު، ފޫހިވާއިރުއިރު، ދެން ކުރާނެ ކަމެއް ނެތިގެންދާއިރު، އަދި އެންމެ ބޮޑަށް ހާސްވެ ހުންނައިރުގައިވެސް ހިތަށް އެރުވުން ރަނގަޅުވާނެއޭ އަދި ތިމަންނާއަކީ ހާދަ ކުޑަކުޑަ މީހެކޭ. ތިމަންނާ މިއީ މި ހުރިހާ މީހުންތަކުގެ ތެރޭގައި އުޅޭއިރުގައި އެހާ މުހިންމު މީހެއް ނޫނޭ. އެހެންވީމާ، ތިމަންނާއަށް އަދި މިވާގޮތް މިއީ މުޅި ޖުމްލަގޮތެއް ނޫނޭ. މުޅި ހުރިހާ ގޮތެއް ނޫނޭ. މިއަށްވުރެ މާ ރަނގަޅު ގޮތްގޮތްވެސް، މިއަށްވުރެ މާ ރަނގަޅު ނަތީޖާތައްވެސް އެބަ ނުކުމެއޭ. އެފަދަ ނަތީޖާ އެއްވެސް ދިމާލަކުން، އެއްވެސް މީހެއްގެ ފަރާތުން ނުކުންނަ ކަމަށްވަނީވިއްޔާ، ތިމަންނައާ ގުޅިގެންވެސް ހަމަ އެނަތީޖާ ނެރެވޭނެއޭ، ނުކުންނާނެއޭ. ދަންނަވަން މިއުޅޭ ވާހަކައަކީ ފޫހިނުވާށޭ. އަދި ކުރާނެ ކޮންމެވެސް ކަމެއް ހޯދާށޭ. އަޅުގަނޑަށް ޔަޤީން، ކުރާނެ ކަންކަން އަޅުގަނޑުމެންނަށް ފެންނާނެކަން. އަޅުގަނޑު މަޖީދިއްޔާގައި އުޅުނުއިރު ހަމަގައިމުވެސް ކުރާނެ ކަންކަން މަދުވެގެނެއް އުޅުނު، އެހާ ބޮޑަށް އުޅުނު ހަނދާނެއް އަޅުގަނޑެއްނުވޭ.

އަޅުގަނޑު މަޖީދިއްޔާއަށް ވަނީ 1971 ވަނަ އަހަރު. އަޅުގަނޑު މަޖީދިއްޔާއިން ނިމުނީ 1981 ވަނަ އަހަރު. އެއީ އަޅުގަނޑު ނިންމީ، އަޅުގަނޑު މަޖީދިއްޔާގައި އުޅުނީ ގްރޭޑް 9 އާ ހަމައަށް. އަޅުގަނޑު މިހިތަށްއަރާ އެއްޗަކީ، އަޅުގަނޑަށް މިސްކޫލްގައި އުޅުމުގެ ނަޞީބު ލިބިފައި އޮތޭ ދިގު 10 އަހަރު ވަންދެން. އަޅުގަނޑުގެ ޙަޔާތުގައި އެހެން މަދަރުސާއެއް، އެހެން ތަނެއް، އެހެން ބައެއް، އެހެން ޓީޗަރުންނެއް ނުދަންނަމު. އަޅުގަނޑު ގޮސް، އަޅުގަނޑުގެ ޢުމުރުން 16 އަހަރު ހަމަވާންދެން އަޅުގަނޑަށް އެނގެނީ އެއްބައެއް. އަޅުގަނޑަށް އެނގެނީ އެންމެ ތަނެއް، އެއީ މަޖީދިއްޔާ. އަޅުގަނޑު ދަންނަނީ ޓީޗަރުންގެ ގޮތުގައި އެއްބައެއް. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑު މިދަންނަވަނީ ކޮންމެހެން އަޅުގަނޑަށް މާ މާޅު ގޮތެއްވެފައި ހުރި ކަމަކަށެއް ނޫން. އަދި މާ ރަނގަޅު ތަޢްލީމެއް ލިބި، މާ ހަރުދަނާ މީހަކަށްވެފައި ހުރި ވާހަކައެއްވެސް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ކުޑަކޮށްވެސް ދެފައިމައްޗަށް މިއުޅެވެނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އެ ދިގު 10 އަހަރު އަޅުގަނޑުމެންނަށް މެދުކެނޑުމެއްނެތި އެއްތަނެއްގައި ލިބުނީތީވެ. އެއްބަޔަކާ އެކުގައި ލިބުނީތީވެ. ރަށްޓެހިންވެސް އެއީ ވިހޭއްސުރެ ފަށައިގެން ނުވަތަ ކިންޑަރގާރޑްނުއްސުރެ، ގްރޭޑް އެކަކުއްސުރެ ފަށައިގެން އެއްބައެއްގެ ގޮތުގައި މެދުނުކެނޑި ލިބުނީތީވެ. ވާހަކަ ނުދައްކައި މަޑުމަޑުން އެކީގައި ހަމަ މަޑުކޮށްލައިގެން ތިބުންވެސް އެއީ އުފަލަކަށްވާފަދަ ރައްޓެހިން އަޅުގަނޑުމެންނަށް ލިބޭ މާގިނަ ކަންތައްތަކެއް ރައްޓެހިންނާ ބައްދަލުވީމަކާއެއް ކުރާކަށް ނުޖެހޭ. ހަމަ އެހެން ތިބުންވެސް އެއީ، ރަނގަޅުވެފައި އޮންނަފަދަ ރައްޓެހިން މިއުފެދެނީ ގިނަދުވަހުން. އަދި ކުޑައިރުއްސުރެ އެމީހުންނާ އެކީގައި އެކުގައި އުޅެވުނީމާ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ސަރުކާރުން އަޅުގަނޑުމެން މަސައްކަތް ކުރާނަން، ކުރިއަށް މިއޮތް ތަނުގައި، މަޖީދިއްޔާ އެއީ ގްރޭޑް 1ން 10 އަށް ކިޔަވައިދޭ މަދަރުސާއަކަށް ހެދުމަށް. އެފަދަ އިންތިޒާމުތައް، ބަދަލުތައް، މަދަރުސާގެ އެކިއެކި ޢިމާރާތަށާއި އަދި ޖާގައަށް ގެނެވޭތޯ ސަރުކާރުން މަސައްކަތް ކޮށްދޭނަން. ފަސޭހައެއްކޮށް އަޅުގަނޑުމެންނަކަށެއް މިކަމެއް ނުވާނެ. މި ސްކޫލް މިހާރު މިއޮތީ ދެބައިވެފައި. ސްކޫލްގެ ކުރީގެ ވަރަށްބޮޑު ބައެއް އެއޮތީ ދަރުމަވަންތަ ސްކޫލްގެ ގޮތުގައި. އެހެންވީމާ، އިތުރު ޢިމާރާތް ހޯދުން، އިތުރު ޖާގަ ހޯދުންވެސް އެއީ މިވަގުތު މަޖީދިއްޔާއަކަށް ފަސޭހަ ކަމެއް ނޫން. އެހެން ނަމަވެސް، ސަރުކާރުން އެކަމާ ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މަޖީދިއްޔާ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި އަދި ޓީޗަރުންނަށް އަޅުގަނޑު އަރުވަން.

އަޅުގަނޑު މިއަދު މިތަނުގައި މާގިނަ ވާހަކަ އަޅުގަނޑަކަށް ނުފެނޭ ދައްކާކަށް. އަޅުގަނޑުގެ ކުރީގައި ޙަމީދު ވާހަކަ ދައްކަވަން ދުރުވަނިކޮށް އިސްމާޢީލް ވިދާޅުވި 5 މިނެޓޭ. ދެން އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުގެވެސް އޮންނާނެ ވަގުތެއް ކަނޑައެޅިފައި. އަޅުގަނޑަށް އަދި ރަނގަޅުކަމުން އެބޭފުޅުން އެވާހަކަ ނުބުނުއްވީ ކަމަށްވާނީ.

ކޮންމެއެކަސް އަޅުގަނޑަށް މިއަދު މިއުފާ މިލިބެނީ، މަޖީދިއްޔާ ސްކޫލް ގޯސް ޑިޖިޓަލް ޕްރޮގްރާމް ހުޅުވައިދިނުން. އެ ޕްރޮގްރާމް ހުޅުވައިދިނުމުގައި، އަޅުގަނޑުމެން މި ހަރުކުރަނީ ޑިޖިޓަލް ލަރނިންގ. ހުރިހާ އިންތިޒާމުތަކެއް، އެ ނިޒާމު އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ހުޅުވުމުގެ އުފާ، އިފްތިތާޙް ކުރުމުގެ އުފާ އަޅުގަނޑަށް އެބަ ލިބޭ. ހަމައެއާއެކީގައި، ޑިޖިޓަލް ނޯޓިސް ބޯޑު ތަޢާރުފު ކުރުންވެސް މިއަދު އެބައޮތް. އަދި ހަމައެހެންމެ، ޑިޖިޓަލް ކައުންޓް ޑައުން ބޯޑު ތަޢާރުފު ކުރުން. އެސް.އެމް.އެސް.ގެ ޒަރީޢާއިން މައިންބަފައިންނާއި އަދި ދަރިވަރުންނާއި ސްކޫލާ ގުޅުވާލުމުގެ ނިޒާމު އިފްތިތާޙު ކުރުން. ސްކޫލް ވެބްސައިޓްވެސް މިއަދު އެބަ އިފްތިތާޙު ކުރެވޭ. އަދި ހަމަ ޑިޖިޓަލްވެފައި މިއޮތީ މިއަދު މިފަހަރު ސްކޫލްގެ ޕްލޭ ގްރައުންޑް ދަނޑުވެސް. އެހެންވީމާ، ދަނޑުވެސް ގޯ ޑިޖިޓަލްގެ ދަށުން ހުޅުވުމުގެ ނަޞީބު މިއަދު އަޅުގަނޑަށް ލިބިގެން މިދަނީ. ދެން އޭގެއިތުރުން އަޅުގަނޑު އެބައޮތް ކްލާހަކަށް ކިޔަވައިދިނުން. އެއީ އިރާދަކުރެއްވިއްޔާ، ގޯ ޑިޖިޓަލް އަޅުގަނޑަށް ޑިޖިޓަލް ބޯޑުގައި. އަޅުގަނޑުވެސް ބަލައިލިން އެއީ ކޮންކަހަލަ ބޯޑެއްތޯ. ކުދިން ބުނި އެއީ ދިއްލޭ ބޯޑެކޭ. އެހެންވީމާ، އަޅުގަނޑަށް އިރާދަކުރެއްވިއްޔާ މިއަދު ދިއްލޭ ބޯޑުގައި ލިޔެލަން ލިބޭނެ.

މި އެންމެހާ ކަންކަމާ އެކުގައި، މިއުފާވެރިކަމާ އެކުގައި، އަޅުގަނޑު ތިޔަހުރިހާ ކުދިންނާއި އަދި ސްކޫލާއި، އެންމެހާ ބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެނީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!

______________________