بســم اللّـه الرّحمـن الرّحيــم


ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު، މާފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ވެރިން އަދި އެހެންވެސް ސަރުކާރުގެ ޢިއްޒަތްތެރިންނާއި މިބައްދަލުވުމަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އެނގިވަޑައިގަންނަވާނެ މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވުމަށް، އިންތިޚާބެއް ކާމިޔާބު ކުރުމަށް ކެމްޕެއިން ކުރަމުން ދިޔައިރުގައި ޚާއްޞަ ގޮތެއްގައި ރައްޔިތުންނަށް ކޮށްދޭން އަޅުގަނޑުމެން މަސައްކަތްކުރާނެ ކަންކަން ގޮތުގައި ފާހަގަކުރަމުން ގެންދިޔަ މައިގަނޑު ކަންތައްތަކެއް ހުރި. އޭގެތެރޭގައި މިއަދު ފެށިފައި މިވާ ފަސްކަމަކީ، އަޅުގަނޑުމެން އެދުވަހުވެސް، އަޅުގަނޑުމެންގެ އިންތިޚާބަށް އަޅުގަނޑުމެން ކުރިމަތިލައިގެން އައި ހިނދުވެސް ފާހަގަކުރަމުން ގެންދިޔަ ފަސްކަމެއް. މިދެންނެވި ފަސްކަންތަކުގެ ތެރޭގައި ފެނާއި ނަރުދަމާއާއި އަދި މިނޫންވެސް އެހެން ބައެއް ޢުމްރާނީ މަސައްކަތްތައް ހިމެނިފައެއް ނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ރާއްޖޭގެ ތަރައްޤީއަށާއި ރާއްޖޭގެ ރައްޔިތުން ދުޅަހެޔޮކަމާއެކު ދިރިއުޅެވޭނެ މަގެއް ފަހިކުރުމަށްޓަކައި، ރާއްޖޭގެ ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުންވާ އަސާސީ ޚިދްމަތްތަކެއް އެބަހުރިކަން. އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަމު، ރާއްޖޭގެ ރަށްތަކުގެ ތެރެއިން ވަރަށް ގިނަ ރަށެއްގެ ފެން މިހާރު މިވަނީ ބޭނުންކުރެވޭ ވަރަށްވުރެ ގޯސްވެ ތަޣައްޔަރުވެފައިކަން. އަޅުގަނޑުމެން ރާއްޖޭގައި މިވަނީ ކިތަންމެ ރަށެއްގައި މިހާރުން މިހާރަށް ނަރުދަމާގެ ޚިދްމަތް ޤާއިމްކުރާން ޖެހިފައި. މިހާރުން މިހާރަށް، ފެން، ރައްޔިތުންނަށް ފަސޭހަކަމާއެކުގައި، ފަސޭހަ އަގެއްގައި ބޭނުންކުރެވޭނޭ ގޮތަށް ފޯރުކޮށްދޭން ޖެހިފައި.

ސަރުކާރަށް މިކަން ކުރާންޖެހިފައިވާއިރު ދެން ސަރުކާރަށް ދިމާވެފައިވާ އަނެއް ޙަޤީޤަތަކީ، ރާއްޖޭގެ މާލިއްޔަތުގެ ޙާލު މި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވީ ހިނދު ވަނީ ވަރަށްވެސް ބޮޑަށް ހީނަރުވެފައިކަން. އެ މާލިއްޔަތު ހަމަޔަކަށްގެނެސް އަދި ސަރުކާރުގެ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް، ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް ޖެހުނީ މުޅިން އެހެން ވިސްނުމެއް، މުޅިން އާ ޚިޔާލަކަށް ދިއުމަށް. ހަމައެކަނި ސަރުކާރުގެ ބަޖެޓުން ރައްޔިތުންނަށް ކަންތައްތައް ކޮށްދެވެން އޮތް މިންވަރަކުން ކޮށްދެމުން ގެންދިޔައީމާ ރައްޔިތުންނަށް އެ ޚިދްމަތްތައް ލިބޭނީ މާ ފަހުން ކަމާއި މާ ގިނަ ދުވަސްތަކެއް ހޭދަވެގެންކަން، މިއީ، އަޅުގަނޑުމެންގެ ސަރުކާރުގައި ވަރަށް ކުރީއްސުރެއް ފަށައިގެން، އަޅުގަނޑުމެން ދެނެގަތް ނުކުތާއެއް. އަޅުގަނޑުމެންނަކަށެއް ނެތް ކޮންމެ އަހަރެއްގެ ބަޖެޓުން، ސަރުކާރުން ބަޖެޓުން ބާކީކުރެވޭ އެތިކޮޅަކުން ސަރުކާރަށް، ރާއްޖޭގެ އެކިއެކި ރަށްރަށުގެ ފެނާ، ނަރުދަމާއާއި ލަފާފުރުމުގެ ތަނަވަސްކަމާއި އަދި މިނޫންވެސް އެހެން ބޭނުންތައް ފުއްދުމަށް ލަސްކުރެވޭކަށް، މަޑުކުރެވޭކަށެއް އަޅުގަނޑުމެންނަކަށެއް ނެތް.

އެހެންވީމާ، ހަމައެއާއެކު، ސަރުކާރުން ހިންގާ ކަންކަން ސަރުކާރުން ހިންގާއިރުގައި، އެކަންކަން ހިންގުމަށް ހިނގާ ޚަރަދާއި އަދި އެކަންއެކަން އެހެންވީމާ، ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އަގު މިވަނީ އަބަދުވެސް ބޮޑުވެފައި. އަމިއްލަ ވިޔަފާރީގައި ޢާންމު ފަރާތްތަކުން އެކަންކަން ކުރަމުން ގެންދިޔައިމާ، އެ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ހޭދަވާނެ މިންވަރާއި، ހޭދަވާނެ ޚަރަދު މިވަނީ ވަރަށް ބޮޑު ތަނުން ކުޑަވެފައި. ސަރުކާރު ދެނެގަތީ، ސަރުކާރު ބަލައިގަތީ އަމިއްލަ ވިޔަފާރިވެރިންނަށް، ނުވަތަ ޢާންމު ވިޔަފާރިއާ ގުޅިގެން އާއްމު ޚިދްމަތް ދެވޭނޭ، ފޯރުކޮށްދެވޭނޭ އުސޫލެއް ހޯދިއްޖެނަމަ، އެ އުސޫލުން އެކަން ކުރެވުމުން ރައްޔިތުންނަށް އޭގެން ލިބޭނެ ފައިދާ ބޮޑުވާނެކަން. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން، ނުވަތަ ޢާންމު ވިޔަފާރިއާ ޙިއްސާވެގެން ސަރުކާރުން އެކިއެކި ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނޭ އުސޫލެއް ޤާއިމްކޮށްފައި ހުރުމަކީ އެއްވެސް ހާލެއްގައި އައު ވިސްނުމެއް ނޫން. ދުނިޔޭގެ ކާމިޔާބު އެތައް ޤައުމެއްގައި މިކަންކަން ކުރަމުން އަންނަ ގޮތް. އެ ގޮތް ދެނެގަނެ، އެގޮތުން އަޅުގަނޑުމެން ފައިދާ ހޯދުމަށްޓަކައި އެމް.ޑަބްލިޔު.އެސް.ސީ. މެދުވެރިކޮށް ސަރުކާރަށް ދެވެން ހުރި ޚިދްމަތްތަކަކީ، ރައްޔިތުންނަށް ފޯރުކޮށްދެވެން ހުރި ޚިދްމަތްތަކަކީ ކޮބައިތޯ ދެނެގަތުމަށް، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަމަ ހަވާލުވުމުން ފަށައިގަނެވުނު، ބަލަންފެށުނު.

ސަރުކާރުން އެންމެ ފުރަތަމަ ބޯޑެއްގެ ރިޔާސަތު ބަދަލުކުރި ބޯޑުތަކުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީ.ގެ ބޯޑު ހިމެނިގެންދާނެ. އަޅުގަނޑު، އެ ބޯޑުގެ ޗެއަރމަނަށާއި އެ ބޯޑުގެ އެންމެ މެންބަރުންނަށާއި އަދި އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މިއަދު ނިހާޔަތަށް ޝުކުރު ދަންނަވައި މަރުޙަބާ ދަންނަވަން.

ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވި ހިނދު އެމް.ޑަބްލިޔު.އެސް.ސީ. ވަނީ އޭގެ ބާރަ، ފަނަރަ ވަރަކަށް އަހަރު ކުރީގައި ޑެންމާކުގެ ކުންފުންޏަކާއެކު ޙިއްޞާވެގެން މާލޭގައި ފެންދިނުމުގެ މަސައްކަތް ފަށާފައި. އެ އެގްރިމެންޓުގެ ދަށުން ވަކި މުއްދަތެއް ހަމަވީމާ ޑެންމާކު ކުންފުނީގެ ޙިއްސާ، ދިވެހި ސަރުކާރުން ގަންނާންޖެހޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވި ހިނދު، މިދެންނެވި އެގްރިމެންޓުގެ ދަށުން ގަންނާންޖެހޭ ޖެހުމުގެ ފައިސާގެ އެއްބައި އޮތީ ޑެންމާކު ކުންފުންޏަށް ދީފައި. އަޅުގަނޑުމެންނަށް ހަމަ އެވަގުތު ޖެހުނީ އެ ޙިއްޞާގެ އަނެއްބައި ޑެންމާކު ކުންފުނިން ގަތުމަށް. ސަރުކާރުން ދެން ނިންމީ، ޑެންމާކުގެ ހަމަ އެކުންފުނި ފަދަ، ނުވަތަ އެއަށްވުރެވެސް އަދި ކުޅަދާނަ އެހެން ކުންފުންޏެއް ހޯދުމުގެ މަސައްކަތް ފަށައިގަތުމަށް. އެގޮތުން ބީލަން ހުޅުވާލެވުނީ، އިޢުލާނު ކުރެވުނީ، އަދި ޖަޕާނުގެ އެންމެ މަޝްހޫރު އެންމެ ކުޅަދާނަ އެންމެ ކަމަށް އެކަށީގެންވާ އެއް ކުންފުނިކަމަށްވާ ހިޓާޗީ ކުންފުނި މިކަމަށް ޝައުޤުވެރިވެ، ހިޓާޗީ ކުންފުނިން އެމް.ޑަބްލިޔު.އެސް.ސީ.ގައި ޙިއްޞާދާރެއްގެ ގޮތުގައި ބައިވެރިވުމަށް އެއްބަސްވެ، މިހާރު އެކުންފުނި އެދަނީ އެމް.ޑަބްލިޔު.އެސް.ސީއާ އެކީގައި މަސައްކަތް ކުރަމުން. ހިޓާޗީ ކުންފުނި އެމް.ޑަބްލިޔު.އެސް.ސީ.އާ ބައިވެރިވުމުން ދެން އެމް.ޑަބްލިޔު.އެސް.ސީ.ގެ ޤާބިލުކަންވެސް، އަދި ކަންކަމާ ކުރިމަތިލުމުގެ ހުނަރާއި، ހިތްވަރާއި އަދި ފޯރުންތެރިކަންވެސް ކިތަންމެ ތަނަކުން ފުޅާވެގެންދިޔައީ. އެހެންވީމާ، މާފުށީގެ މިޕްރޮގްރާމް، މާފުށްޓަށް ފެންދިނުމުގެ މަސައްކަތް، އަވަސްގޮތުގައި، އޮމާންގޮތުގައި ހިނގާ، އިރާދަކުރައްވައި އަޅުގަނޑުމެންނަށް ނިންމި، މާފުށިގެ ހުރިހާ ގެއަކަށް، މިހާރު މިފެނުގެ ޚިދްމަތް ދެވެން މިފެށުނީ.

ސަރުކާރުގެ އަމާޒަކީ މިއުސޫލު، މިގޮތް ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފެނާ ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދިނުން. މިއަދު ނަރުދަމާގެ ޚިދްމަތް ދެމުންގެންދަނީ އަދިވެސް ސީދާ ސަރުކާރުން. އެއީ، ބޭރުގެ ހިލޭ އެހީއެއްގެ ދަށުން އެޅުނު ނަރުދަމާގެ ނިޒާމެއް. އެ ނަރުދަމާގެ ނިޒާމު އަދިވެސް ހިންގަމުން ގެންދަނީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން. އެއީކީއެއް އެއްވެސް ހާލެއްގައި މިކަން ދެމެހެއްޓެނިވި ގޮތުގައި، އަދި ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި، ރައްޔިތުންނަށް ލުއިވާނެ ގޮތުގައި، ހިންގޭނޭ އުސޫލެއް ނޫން. ފެން ހިންގާ ކުންފުނީގެ ހިޔާވަހިކަމުގެ ދަށަށް، އެ އިދާރާއަށް ނަރުދަމާ ހިންގުން ދާދި އަވަހަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ގެންދިޔުމަކީ އަޅުގަނޑުގެ ނަޒަރުގައި މިވަގުތު ކޮންމެހެން މުހިންމުކަމެއް. އަޅުގަނޑު އުންމީދުކުރަން، މާފުށި ރައްޔިތުންނާއި އަދި ސަރުކާރުގެ މިކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެވި ވާހަކަ ދެކެވިގެން އޮމާންކަމާއެކީގައި މިބަދަލު ގެނެވި، އެމް.ޑަބްލިޔު.އެސް.ސީ.ގެ، އެކުންފުނީގެ ދަށަށް، މިރަށުގެ ނަރުދަމާގެ ނިޒާމު ހިންގުން، އެ ނިޒާމުގެ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުންވެސް ބަދަލުވެގެންދާނެކަމަށް.

މާފުށްޓަކީ މި ސަރުކާރުގެ ސިޔާސަތުތައް ރަމްޒުކޮށްދޭ ރަށްތަކުގެ ތެރެއިން އެއްރަށް. މާފުށްޓަކީ އަޅުގަނޑުމެން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްރަށް ހިންގުމުގައި، ގެންގުޅޭނޭ ވަކި ޚާއްޞަ އިންތިޒާމް ކަނޑައަޅާ ބަޔާންކުރުމުގައި، ކަނޑައެޅުނު ރަށްތަކުގެ ތެރެއިން މިދެންނެވިހެން ޕްރޮވިންސެއް ހިންގާ އެއްރަށް. ސަރުކާރުން ޕްރޮވިންސް ހިންގުމަށް، އަދި ޕްރޮވިންސް ތަކަކަށް ބަހާލައިގެން ނުވަތަ ސަރަޙައްދުތަކަށް ބަހާލައިގެން ރާއްޖޭގެ އަތޮޅުތައް ހިންގުމުގެ ވިސްނުމެއް މިގެންގުޅެނީ، އެނޫން ގޮތަކަށް ރާއްޖޭގެ ތަރައްޤީ މިހާރަށްވުރެ ފަހިގޮތުގައި ކުރިޔަށް ގެންދަން ދަތިވާނެކަމަށް އަޅުގަނޑުމެންނަށް ފުރިހަމައަށް ޤަބޫލުކުރެވޭތީ. އެކާވީސް އަތޮޅަށް ބަހައިގެން ރާއްޖޭގެ ކަންކަން، ރާއްޖޭގެ އިދާރީ ހިންގުމާއި އަދި ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދާތާ ސާޅީހަކަށް އަހަރުވެއްޖެ. އެ ސާޅީސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ ކާމިޔާބުތަކެއް ހޯދިއްޖެ. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިހާރު އަޅުގަނޑުމެން ހުއްޓި މިތިބި ހަތަރު އަނގޯޅިން، ދެން އަޅުގަނޑުމެން އެހެން މަރުޙަލާއަކަށް، ތަރައްޤީގެ ދެން އޮތް ހިސާބަށް ވާސިލުވުމަށްޓަކައި ގެންނާންޖެހެނީ މުޅީން އެހެން ބަދަލެއްކަން. ހަމަ ކުރީގައި ކަންކުރަމުން ގެންދިޔަގޮތަށް ކަންކުރަމުން ގެންދިޔައިމާ، ހަމަ ނުކުންނާނީ ކުރީގައިވެސް ނުކުތް ނަތީޖާ. އަޅުގަނޑުމެން މިބޭނުންވާ ބަދަލު، އަޅުގަނޑުމެން މިބޭނުންވާ އިޤްތިޞާދީ ކުރިއެރުން، ތަނަވަސްކަން، އަޅުގަނޑުމެން މިބޭނުންވާ ހާސްކަމެއް ނެތް ދިރިއުޅުން ހޯދުމަށްޓަކައި އަޅުގަނޑުމެންގެ އިދާރީ ހިންގުމަށްވެސް މިވަނީ ނުހަނު ގިނަ ބަދަލުތަކެއް ގެންނާން ޖެހިފައި.

އެނގިވަޑައިގަންނަވާނެ ރާއްޖޭގެ އަތޮޅުތައް އެއީ، ބައެއް ފަހަރަށް ވަރަށް މަދު އަދަދެއްގެ މީހުން ދިރިއުޅޭ ސަރަޙައްދު. އަޅުގަނޑުމެންނާ މިތަނުން ޖެހިފައިމިވާ ވ. އަތޮޅު ފުލިދޫއަކީ، މިއަތޮޅުގައިވެސް މިއުޅެނީ ދެހާހެއްހާ މީހުން. އެހެންވީމާ، އަތޮޅެއް ވަކިން ހިންގީމާ އެއީ، ފައިދާ ނެރެވޭ އިޤްތިޞާދީ ސަރަޙައްދަކަށް، ވިލެޖަކަށް ބަދަލުވެގެނެއް ނުދޭ. އަޅުގަނޑުމެން ހަމައެކަނި ފާހަގަމިކުރާ ކަމަކީ ފުރިހަމަ އިޤްތިޞާދީ ފައިދާ ހޯދުމަށްޓަކައި އަތޮޅެއްގެ މިންވަރަށްވުރެ ބޮޑު އަދަދަކަށް ހުރިހާ އިދާރި ހިންގުންތަކެއް އެބަ ޖަމާ ކުރާންޖެހެއޭ، އެއްތަންކުރާންޖެހެއޭ. ސާޅީހަކަށްހާސް މީހުންގެ މެދުގައި އެކުލަވާލެވޭ އިދާރީ ހިންގުމެއް ނޫނިއްޔާ އެއީ، ކާމިޔާބު އިދާރީ ހިންގުމެއްގެ ގޮތުގައި މިހާތަނަށް ދުނިޔޭގައިވެސް އަދި ކުރިޔަށް އޮތްތަނުގައިވެސް ފެންނާނެ ކަމަކަށް ލަފައެއް ނުކުރެވޭ.

އެއްވެސް ހާލެއްގައި އިދާރީ ދާއިރާތައް ނުވަތަ ޕްރޮވިންސްތަކަކަށް އިދާރީ ދާއިރާތައް ބަހާލައިގެން ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތް މިކުރަނީ ސިޔާސީ އެއްވެސް ބޭނުމެއް އެކަމުގައި އޮވެގެނެއް ނޫން. ރައްޔިތުންނަށް އަޅުގަނޑުމެން މިހުށަހަޅާ ނިޒާމު މިހުށަހަޅަނީ، ރާއްޖޭގެ ތަރައްޤީއަށް އެންމެ މަގުފަހިވާނެ ނިޒާމަކީ އެ ނިޒާމުކަމަށް، އަޅުގަނޑުމެން އެކަންޏެއް ނޫން، މީގެ ކުރީގެ ސަރުކާރުންވެސް އެގޮތަށް އެކަން ފާހަގަކޮށް ދެނެގެންފައިވާތީވެ. ރާއްޖޭގެ ތަރައްޤީގެ ހަތްވަނަ މަޝްރޫޢު ހިންގަމުން ގެންދަވަނިކޮށް މި ސަރުކާރު ބަދަލުވެގެން ދިޔައީ. މިއަދު ބެއްލެވިނަމަވެސް ތަރައްޤީގެ ހަތްވަނަ މަޝްރޫޢުގައި އެކުލަވާލާފައިވަނީ ލާމަރުކަޒީ އުސޫލުން ހިންގާއިރުގައި އަދި މިހާރު މިއޮތް މިންވަރަށްވުރެ އެހެން ދިމަދިމާއެއްގައި އިތުރު މަރުކަޒުތަކެއް އުފައްދައިގެން އެ މަރުކަޒުތަކުން އެކަން ކުރަމުން ގެންދިޔުމަށް.

އެނގިވަޑައިގަންނަވާނެ، ޑީ.އާރު.ޕީ.ގެ މެނިފެސްޓޯގައިވެސް ހިމެނި، ފާހަގަވެ، ކަނޑައެޅިފައިވަނީ ޕްރޮވިންސްގެ އުސޫލުން ނުވަތަ ސަރަޙައްދުތަކެއްގެ އުސޫލުން ރާއްޖޭގެ އިދާރީ ހިންގުން ހިންގަމުން ގެންދިޔުމަށް. އެބޭފުޅުންވެސް، އަޅުގަނޑުމެންވެސް އަދި މީގެ ކުރީގައި އޮތް ސަރުކާރުންވެސް އަދި ރާއްޖެއަށް ލަފާދިން މީހަކުވެސް، އަދި ރާއްޖެއަށް މަޝްވަރާއެއްދިން އެކުވެރި ދައުލަތަކުންވިޔަސް، ބައިނަލްއަޤްވާމީ އިދާރާއަކުންވިޔަސް އަޅުގަނޑުމެންނަށް ލަފާދީފައިވަނީ އަތޮޅެއްގެ މިންވަރަކީ އިދާރީ ހިންގުމަށް މާ ކުޑަ މިންވަރެއްކަމަށް. އަޅުގަނޑުމެންނަށް އެ ކުޑަ މިންވަރު ދޫކޮށް، އެކުވެފައި އޮތް ބޮޑު ސަރަޙައްދެއް ބިނާވެވޭ، ސަރަހައްދެއް އެކަށައެޅޭ އުސޫލެއްގެ ތެރެއަށްވީމާ، މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.

އަޅުގަނޑު މިދަންނަވާހެން އެ މަސައްކަތަކީ އެއްވެސް ޙާލެއްގައި ސިޠާސީ މަސައްކަތެއް ނޫން. އެ މަސައްކަތަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެން ކުރުމަށް އަދި އަޅުގަނޑުމެން ހިންގުމަށް ބޭނުންވާ މަޝްރޫޢެއް. އެ މަޝްރޫޢު ނުހިންގާ މިއަދު އަޅުގަނޑުމެންނަކަށް ދޫކޮށްލެވޭކަށެއް ނެތް. ދޫކޮށްލައިފިނަމަ، އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެން މިއުންމީދުކުރާ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ރައްޔިތުންގެ މަޖިލީހުގައި ޒުވާބުކޮށް، ތަޅާފޮޅާ އަރާރުންވެގެން ކުރަން ބޭނުން އެއްވެސް ކަމެއް ނެތް. މި ސަރުކާރަކުން މަޖިލީހާ އިދިކޮޅަށް ނުވަތަ މަޖިލީހުގެ ބޯހަރުކަން އެހެން ހުރީތީވެ އެކަމާ އަޅުގަނޑުމެން ގޮންޖަހާ ކުރަން ބޭނުންވާކަމެއް ނެތް. އަޅުގަނޑުމެން ސަރުކާރަކަށް އަބަދުވެސް ފަހަތަށް ޖެހެން އެނގޭނެ. ސަރުކާރުން އަބަދުވެސް ދެނެގަންނާން ބޭނުންވާނީ، ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަކީ ކޮބައިކަން. އަޅުގަނޑަކަށެއް ނޭނގެ، މާފުށީ ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މި ބިލާ ގުޅޭ ގޮތުން ވިސްނަވާ ގޮތެއް. އެހެންނަމަވެސް، އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީން، މާފުށި ރައްޔިތުން ޕްރޮވިންސް އުފެއްދުމާ ގުޅޭގޮތުން ވިސްނާ ގޮތް. ރައްޔިތުން އެދޭ އެދުމާ، ރައްޔިތުންގެ ވަކީލުންގެ ފިކުރާ ތަފާތުވެ ހިނގައްޖެނަމަ އޭގެން ދިމާވާ މައްސަލަވެސް އަޅުގަނޑުގެ ނަޒަރުގައި ކުޑައެއް ނުވާނެ.

އަޅުގަނޑު ވަރަށް ބޮޑަށް، ވަރަށް އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ މަޖިލިހުގެ އެންމެ މެންބަރުންނަށް އެދެން. ޕްރޮވިންސް ހެދުމުގެ މަސައްކަތަކީ، ނުވަތަ ރާއްޖޭގެ އިދާރީ ދާއިރާތައް ހަތްބަޔަށް ބަހާލައި، އިދާރީ ދާއިރާތައް އެ ހަތް ތަނުގައި ހިންގަމުން ގެންދިޔުމުގެ މަސައްކަތް ފަހިކޮށްދިނުމަށް އެންމެހާ ބޭފުޅުން އެހީތެރިވެދެއްވާށޭ. ތިޔަބޭފުޅުން، އެއްވެސް ބޭފުޅަކު އެކަމުގައި އޮތް ތަރައްޤީއަށް އެޅޭ ހުރަހެއް ނުވަތަ އެކަމުގައި އޮތް އިޤްތިޞާދު ކުރިއެރުމަށް އޮތް ހުރަހެއް ހާމަކޮށްދެއްވައިފިނަމަ އެކަމުން އަޅުގަނޑުމެން އަވަހަށް ފަހަތަށް ޖެހެން ހަމަ މިހާރުން މިހާރަށްވެސް މިތިބީ ތައްޔާރަށް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މިކަމުގައި އަދި ހުރިހާ ބޭފުޅުންމެ، ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރާ، އެންމެންނަށްމެ ވިސްނޭ ރަނގަޅު ހަމައަކަށް ދެވޭނެކަން. އެދިޔުމުގައި އިތުރަށް އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙު ކިލަނބު ކުރުމަކީ އަޅުގަނޑަށް ފެންނަފެނުމުގައި ބުއްދިވެރިކަމެއްނޫން.

ރާއްޖޭގެ ރައްޔިތުން ހިންގާން ބޭނުންވާ ކިތަންމެ ކަމެއް އެބަހުރި. މި މާފުށިގައި ހިންގޭން އޮތް ކިތަންމެ މަސައްކަތެއް އަޅުގަނޑުމެންނަށް މިއަދުވެސް އެބަފެނޭ. އަޅުގަނޑުމެންގެ ތަޞައްވުރުގައިވާ ކަންތައްތައް، ބައެއް ކަންތައްތައް މާފުށި ކައުންސެލަރު މިތަނުގައި ފާހަގަކޮށްދެއްވައިފި. މާފުށި ހިއްކުމަށް ސަރުކާރުން ބޭނުންވޭ. މާފުށިގައި ބިން ބޮޑުކޮށް އަދި މާފުށިގައި ގިނަ ރައްޔިތުންނަށް ދިރިއުޅެވޭނޭ އުސޫލުތަކާ ގޮތްތައް ހެދުމަށްވެސް ސަރުކާރުން ބޭނުންވޭ. އެކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި، އަޅުގަނޑުމެންނަށް ޤާނޫނީ އޮނިގަނޑު މަގުފަހިވާންޖެހޭނެ. އެ ޤާނޫނީ އޮނިގަނޑުގެ މަގު ފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހާ އަބަދުމެ ގޮންޖަހަމުން ދިޔުމަކީ، ނުވަތަ ރައްޔިތުންގެ މަޖިލިހާ އަބަދުމެ ފުށުއަރައި، އެއްބަސްނުވެވި ތިބުމަކީ ސަރުކާރުން އެއްވެސް ޙާލެއްގައި އެދޭ ގޮތެއް ނޫން.

ސަރުކާރުން އެދެނީ މަޖިލީހުގެ މެންބަރުންނާ ވާހަކަދައްކައިގެން، މިކަމުގައި ޙައްލު ހޯދެން އޮތް ގޮތަކަށް ޙައްލު ހޯދައިގެން އަޅުގަނޑުމެން ކުރިޔަށް ގެންދިޔުމަށް. އަޅުގަނޑު ޑީ.އާރު.ޕީ.ގެ ޢިއްޒަތްތެރި މެންބަރުންނަށްވެސް އަދި ޕީ.އޭ ގެ ޢިއްޒަތްތެރި މެންބަރުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކުގައި އެދެން، މި ސަރުކާރުން ހިންގަމުން މިގެންދާ މަސައްކަތްތަކަކީ އެއްވެސް ޙާލެއްގައި ސަރުކާރު ހިންގާ ޕާޓީގެ ފަހިކަމަށް، ސިޔާސީ ގޮތުން ހިންގާ މަސައްކަތްތަކެއް ނޫނޭ. ކޮންމެ ބޭފުޅަކުވެސް މަސައްކަތްތަކުގެ ތަފްޞީލަށް ބައްލަވާލެއްވީމާ ވަރަށް ސާފުވާނެ، ފާހަގަކުރެވޭނެ. އަޅުގަނޑުމެންގެ ސިޔާސަތުތައް އަމާޒުވެފައި ހުންނާނީ ތަރައްޤީއަށްޓަކައި. އަޅުގަނޑުމެންގެ ސިޔާސަތެއް އަމާޒުވެފައެއް ނުހުންނާނެ، ނުވާނެ، ވަކި ބޭފުޅެއްގެ ފައިދާއަށްޓަކައެއް. ވަކި ބައެއްގެ ކުރިއެރުމަށްޓަކައެއް. ވަކި ޕާޓީއެއްގެ ރަނގަޅަކަށްޓަކައެއް. ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ހިންގުމަށް މަސައްކަތް ކުރަމުން މިދަނީ، ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި. އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު ހުރިހާ ރައްޔިތުންގެ ކިބައިން، އަދި ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދެން، ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތަކުގައި އެބޭފުޅުން ބައިވެރިވަޑައިގަންނަވައިގެން، ކުރިޔަށް ވަޑައިގެންނެވީމާއޭ ރައްޔިތުން މިއެދޭ ބަދަލު އަޅުގަނޑުމެންނަށް ހޯދޭނީ. އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ، ސަރުކާރުން ހިންގާން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅައި އެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔަނުދީ ކޮބާ ނުވިއެއް ނޫންހޭ ބުނުން ކަމަށްވަނީ ވިއްޔާ ދެން ތެދުފުޅެއް، އޭރުން ކަންތައް އޮންނާނީ ނުވެ. އެހެންނަމަވެސް އެ ނުވީ ކޮން ބައެއްގެ އިހުމާލުންތޯ ވޯޓުނަގާ ވޯޓުބަލާއިރުގައި ރައްޔިތުންނަށް އެހާ ބޮޑަށް އޮޅުވާލެވިދާނެކަމަށް އެއްވެސް ބޭފުޅަކު ގަބޫލުފުޅުކުރައްވައިގެނެއް ނުވާނެ.

ރައްޔިތުންނަށް ވަރަށް ސާފުވާނެ، މި ސަރުކާރަށްވެސް، އަޅުގަނޑަށްވެސް، ކަމެއްވިއްޔާވެސް، ކަމެއްނުވިއްޔާވެސް، ނުވީ ނުވަތަ ވީ ކޮން ސަބަބަކާ ހުރެކަން. އޭގައި ވޯޓު ނަގާ ދުވަހު، ރައްޔިތުންގެ ރުހުން ދެއްވާއިރު، ރައްޔިތުން އެކަން ވިސްނާނެ. ރައްޔިތުން އެކަން ބަލައިގަންނާނެ. އަޅުގަނޑުމެން ޑިމޮކްރަސީގެ އުސޫލު، އަޅުގަނޑުމެން ޑިމޮކްރަސީގެ ގޮތްތައް ބަލައިގަނެގެން ކުރިޔަށް ދާން މިބޭނުންވަނީ ރައްޔިތުންގެ އެ ބަސް އެ ދުވަހު، ރައްޔިތުންނަށް ސާފުކޮށް ސާދާކޮށް ދެވޭނޭ މަގުތައް ފަހިކުރުމަށްޓަކައި. އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެންނަށް ކުރިޔަށް މިއޮތް ތަނުގައި ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކީގައި ފުރިހަމައަށް ހިންގަމުން ގެންދެވޭނެކަން.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި މާފުށްޓާ ގުޅޭގޮތުން ހަމަ އިތުރު ދެތިންކަމެއް ފާހަގަކޮށްލަން ބޭނުން. އެނގިވަޑައިގަންނަވާނެ، އެއްދަންފަޅިއަށް ހެދުން އެއީ، މި ސަރުކާރުގެ ސިޔާސަތެއް. މާފުށި މަދަރުސާ އިރާކުރެއްވިއްޔާ މިހާރު މިވަނީ އެއްދަންފަޅިއަށް ހެދިފައި. އެނގިވަޑައިގަންނަވާނެ، ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ މި ސަރުކާރުގެ ސިޔާސަތު. އިރާދަކުރައްވައިގެން މާފުށްޓާއި މި ޕްރޮވިންސް މިވަނީ އެފަދަ ނިޒާމަކުން ގުޅާލެވިފައި. އެނގިވަޑައިގަންނަވާނެ ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓާލުން، އެއީ މި ސަރުކާރުގެ ސިޔާސަތެއް. މިދިޔަ އަހަރު ދުވަހުގެ ތެރޭގައި މާފުށީގެ ރައްޔިތުންގެ ތެރެއިން 200 ރައްޔިތުންނަށްވުރެ ގިނަ ރައްޔިތުންވަނީ މަދަނައިގެ ދަށުން ބޭސްފަރުވާ ލިބިގެންފައި. އިރާދަކުރެއްވިއްޔާ އެބޭފުޅުންނަށް އެކަން އެވަނީ ފުރިހަމަ ކުރެވިފައި. އެނގިވަޑައިގަންނަވާނެ، ޑްރަގުގެ ވަބާއިން ސަލާމަތްވުން އެއީ، މި ސަރުކާރުގެ އަމާޒެއް، ވަޢުދެއް. އެނގިވަޑައިގަންނަވާނެ، މާފުށިގައި މީގެކުރީގައި ޑްރަގުގެ ކަންތައް ހުރި މިންވަރާ މިއަދު އެކަން ހުރި މިންވަރު. އަޅުގަނޑެއް ޙަޤީޤަތުގައި މިރަށުގައި ހުރެގެނެއް، މިރަށަށް އައިސް އޮތް ބަދަލާއި، އަދި މިރަށަށް ފުރުސަތުތައް ފަހިވަމުން އަންނަ މިންވަރާއި، މިކަންކަމާ ގުޅޭގޮތުން އަޅުގަނޑު ވާހަކަ ދެއްކުމުގެ ޙަޤީޤީ މާނައެއް ނެތް.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާ ފަހި މާދަމައެއް މިރަށުގެ އެންމެ ރައްޔިތުންނަށާއި، މި ޕްރޮވިންސްގެ އެންމެ ބޭފުޅުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ!