بســم اللّـه الرّحمـن الرّحيــم


މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފް. ވަޑައިގެން ތިއްބެވި އެހެން ވަޒީރުން. އަދި ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، މި ރާއްޖެއަށް ދިމާވެފައިވާ ގިނަ ދަތިތަކާއި އުނދަގޫތަކުގެ އެންމެބޮޑު ބައެއް ޙިއްޞާކުރާ އެއްބަޔަކީ ޒުވާނުން. ހަމައެހެންމެ މިރާއްޖެއަށް ދިމާވެފައިވާ އަދި މިރާއްޖެއަށް ޙާޞިލު ކުރެވިފައިވާ ގިނަ ކާމިޔާބީތަކާއި ކުރިއެރުންތަކުގެ އެންމެބޮޑު ބައެއް ޙިއްޞާކުރާ ބަޔަކީވެސް ހަމަ ޒުވާނުން. ރާއްޖޭގައި އެންމެގިނައީ ޒުވާނުން. ރާއްޖޭގެ އާބާދީގެ އެންމެބޮޑު ބަޔަކީ ޢުމުރުން 40 އަހަރުނުވާ ޒުވާން ރައްޔިތުން. އަޅުގަނޑަށް މިހާރު ޒުވާނެކޭ ކިޔައިގެން ޙަޤީޤަތުގައި އުޅެވޭކަށެއް ނެތް. އަޅުގަނޑުގެ ޢުމުރުން 41 އަހަރުވެއްޖެ.

އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށް ގިނަބަޔަކަށް ނުވަތަ އަޅުގަނޑުމެންގެ ރާއްޖޭގައި ދިމާވެފައިވާ ގިނަ ދަތިތަކާއި އުނދަގޫތައް ތަފާތުވެފައި ބައިވަރު ކަމުގައިވީނަމަވެސް، އަޅުގަނޑުމެން މިކަންކަމާ ގުޅޭގޮތުން ވިސްނާލައިފިނަމަ، އަޅުގަނޑުމެންނަށް މިދަތިތަކާއި އުނދަގޫތަކުގެ އަޞްލުގެ ގޮތުގައި ފާހަގަކުރެވޭ ހައެއްކަ ކަމެއް ފެނިގެން އާދޭ. ފާހަގަކުރެވޭ.

މާލެ މިއޮތީ ތޮއްޖެހިފައި. މި މާލެއަކީ ހަމައެކަނި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުން ދިރިއުޅޭ ރަށެއް ނޫން. މި މާލެއަކީ ރާއްޖޭގެ ޒުވާނުންގެ ހަތްދިހަ ފަސް ޕަސެންޓް އާބާދީ ދިރިއުޅޭ ރަށް. މި ރަށް މިއޮތީ ތޮއްޖެހިފައި. މިރަށުގައި ވަޒީފާގެ ފުރްޞަތުތައް އެހާމެ މަދު. މިރަށުގައި ބާރުގަދަ ޑްރަގް ބޭނުންކުރާ ޒުވާނުންގެ ޢަދަދު އެހާގިނަ. މިރަށުގައި ބޯހިޔާވަހިކަން އެހާ ދަތި. މިރަށުގައި މާރާމާރީއާއި ތަޅާފޮޅުން އެއީ ވަރަށް އަޅުގަނޑުމެން އެކަކުވެސް ނޭދެވޭ ދަރަޖައަކަށް އިތުރުވެފައި އޮތް ކަމަކަށް މިއޮތީ ވެފައި. މިރަށް މިއޮތީ ވަރަށްދަތި ޙާލުގައި. އަޅުގަނޑުމެންނަށް ޒުވާނުންނަށް ކުރިމަތިވެފައި ހުރި ކަންކަމުން ލުޔެއް ހޯދާއިރުގައި، މި މާލޭގެ ކަންކަމާ ގުޅޭގޮތުން ވިސްނާނުލައި، އަޅާނުލާ، ފިކުރު ނުހިންގާ ނަތީޖާ ނެރެވިދާނެ ކަމަށް ދެކިގެނެއް ކުރިއަކަށެއް ނުދެވޭނެ.

ހަމައެހެންމެ، އަޅުގަނޑުމެންގެ ޒުވާނުންގެ ވަރަށްގިނަ ބަޔަކު އަތޮޅުތަކުގައި، ރަށްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއްގެ ޙާލުވެސް ނުވަތަ ދަތި އުނދަގޫތައްވެސް ހުރީ މިދެންނެވި ފަދައިގައި. ރަށްފުށުގައި ވަޒީފާގެ ފުރްޞަތު މަދު. ރަށްފުށުގައި ތަޢްލީމުގެ ޚިދްމަތް، ރައްޔިތުން އެދޭ މިންވަރަށް ލިބެންހުރިވަރު މަދު. ރަށްފުށުގައި ޞިއްޙީ ޚިދްމަތް ރައްޔިތުން އެދޭ މިންވަރަށް ލިބެން ހުރިވަރު މަދު. ރަށްފުށުގައި އަސާސީ ޚިދްމަތްތައް ޢާންމު ގޮތެއްގައި ފޯރުކޮށްދެވޭ މިންވަރުވެސް ވަރަށްބޮޑަށް މަދު. މާލެއަށް ތޮއްޖެހިފައި މިއޮތް ޖެހުން އަދި މާލޭގެ ޙާލަތު އެހެން ގޮތަކަށް ބަދަލުކުރެވޭން އަންނަނީ ރަށްފުށް ތަރައްޤީ ކޮށްގެން. މާލެއަށް ހޯދާ ލުޔެއް، މާލެއަށް ލުޔެއް ލިބިދިނުމަށް ކުރެވެން ހުރި ކަމެއް، އަޅުގަނޑުމެން ޙަޤީޤަތުގައި ކުރާން ބޮޑަށް އޮތީ މާލެއަކު ނޫން. މާލެއިން ބޭރުގައި. ރާއްޖޭގެ ރަށްރަށުގައި. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި.

މިދެންނެވި ސަބަބުތަކަށްޓަކައި ރާއްޖޭގެ ޙާލަތު މިހާރު މިއޮތްގޮތުން އެހެން ގޮތަކަށް ބަދަލުކުރުމަށްޓަކައި އަދި ބަދަލުކުރާންވެއްޖެކަން ދެނެގަނެ، އެކަމުގެ މައްޗަށް ފިޔަވަޅު އަޅައި މަސައްކަތް ފަށައިގަތް އެންމެ ފާހަގަކުރެވޭ އެއްބަޔަކީ ޒުވާނުން. ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ޒުވާނުން ބަދަލުގެނައީ، އެ ނިޒާމާ އެ ޒުވާނުންގެ އެންމެހާ ކަންކަމާ ގުޅިފައި ހުރި މިންވަރު ބޮޑުކަމަށް އެ ޒުވާނުންނަށް އަބަދުވެސް ފާހަގަކުރެވޭތީ. ޒުވާނުން އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދާ. އެމީހުންގެ ބިރު ފަހަނަޅައިގޮސް، ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން ހިނގަމުން އައި ޚުދުމުޚްތާރު ނުވަތަ ޒަމާނުއްސުރެ ފަށައިގެން ހިނގަމުން އައި ވަރަށް ބޮޑަށް ހިފެހެއްޓިފައި އޮތް ވެރިކަމުގެ ނިޒާމަކަށް ބަދަލުގެނައި، ބަދަލު ގެނައުމުގައި އެންމެބޮޑު ދައުރެއް އަދާކުރި، އެންމެބޮޑު ޙިއްޞާއެއްވާ ބަޔަކީ ޒުވާނުން. ޒުވާނުން އެބަދަލު ގެނައީ، އެމީހުންގެ ނަޒަރުގައި، އެމީހުންނަށް ފެންނަ ފެނުމުގައި އެމީހުންގެ ޙަޔާތަށް، އެމީހުންގެ ދިރިއުޅުމަށް، އެމީހުންގެ އުންމީދުތަކަށް ޙަޤީޤަތެއް ގެނައުމަށްޓަކައި. އެމީހުންގެ އުންމީދުތަކަށް، އެމީހުންގެ މަންޒަރުތަކަށް ޙަޤީޤީ ސިފަ ހޯދުމަށްޓަކައި. އެ މަސައްކަތް ޒުވާނުން މިވަނީ ކޮށް، އޭގެ ވަރަށްބޮޑު ކާމިޔާބީއެއް ހޯދާފައި.

އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރީ ކޮންބަޔެއްތޯ ތާރީޚުގެ ކޮޅުން ކޮންމެވެސް ދުވަހެއްގައި ނަމަވެސް އަޅުގަނޑުމެން ދިރާސާއެއްކޮށް ބަލައި އޮޅުންފިލުވައި ހަދައިފިނަމަ، ވަރަށްބޮޑަށް ސާފުވާނެ އެއްޙަޤީޤަތަކީ، އެކަންކުރި ބަޔަކީ ޒުވާނުންކަން. ޒުވާނުން އެކަންކުރީ، އެ ޒުވާނުންގެ ބޭނުމަކަށްޓަކައި. އެއްވެސް ޙާލެއްގައި ޒުވާނުން އެކަން ކުރީކީއެއް އަޅުގަނޑު ވެރިކަމަށް ގެންނާކަށެއް ނޫން. ޒުވާނުން އެކަންކުރީ އެމީހުންގެ ނަޒަރުގައި، އެމީހުންނަށް ބޭނުންވާ ބަދަލުތައް އެމީހުން ހޯދުމަށްޓަކައި. އެބަދަލުތައް ލިބިގަތުމަށްޓަކައި. މިއަދު އަޅުގަނޑުމެން އެމީހުންގެ އަޑު ނާހައި ދޫކޮށްލައިގެން ނުވާނެ. މިއަދު އަޅުގަނޑުމެންނަށް އެމީހުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއްނުކޮށް ހުއްޓައިގެނެއް ނުވާނެ.

އަޅުގަނޑު އެންމެހާ ޒުވާނުންނަށް ޔަޤީންކަން އަރުވަން، ތިޔަބޭފުޅުން ހިތްވަރާ އެކުގައި ތިޔަކުރެއްވި މަސައްކަތް އަދި ކުރައްވަމުން ތިޔަގެންދަވާ މަސައްކަތް އެއީ ފަނުފުލުންދާފަދަ ކަމަކަށް ނުވަތަ އޭގައި އެންމެފަހު އާޚިރަތުގައި ސީދާ އުފާވެރި ކާމިޔާބެއް ނެތް ކަމަކަށް ވެދާނެކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ޢަމަލެއްވެސް އަދި އެހެން ބައެއްގެ ޢަމަލެއްވެސް އިރާދަކުރެއްވިއްޔާ ބެހެއްޓިޔަކަ މި ސަރުކާރަކުން ނުދޭނަން.

ޒުވާނުންނަށް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަތް އުރާލައިފިނަމަ، ތިޔަބޭފުޅުން ތިޔަހޯއްދެވި ކާމިޔާބުގެ އެންމެ އުޖާލާ ނަތީޖާ ހޯދަން ދަތިވާނެއޭ. ޒުވާނުންނޭ ރާއްޖޭގެ ސިޔާސީ މާޙައުލުން ވިސްނުމުގެ ޖާގަ، ޚިޔާލުފާޅުކުރުމުގެ ޖާގަ، އެއްވެ އުޅުމުގެ ޖާގަ، އިންކާރު ކުރުމުގެ ޖާގަ ހޯދާފައި މިވަނީ. ޒުވާނުން އެޖާގައިގެ ބޭނުން މިއަދު ނުކޮށްފިނަމަ، ދެން ދިމާވާނެ ގޮތް ޙަޤީޤަތުގައި މާ ހިތާމަވެރި. އެ ޖާގަ ހުސްކޮށެއް ނޯންނާނެ. އެހެން ބަޔަކު އެ ޖާގައިގެ ބޭނުން ހިފާނެ. އެހެން ބަޔަކު އެ ޖާގަ ފަތަޙަ ކުރާނެ.

އަޅުގަނޑުގެ އިލްތިމާސަކީ، އެގޮތަށް އެކަންވިޔަނުދިނުމަށް. ޒުވާނުން ނުކުމެ، ޒުވާނުން ހޯދި ޖާގަ ފުރުމަށް. ރާއްޖޭގެ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުން. އަދި ރާއްޖެ ބިނާކުރުމުގައި، ރާއްޖެ ބައްޓަން ކުރުމުގައި، އަޅުގަނޑުމެންގެ މާދަމާ އެއީ ކޮންގޮތަކަށް އޮންނާންވީ ދުވަހެއްތޯ ކަނޑައެޅުމުގައި، ޒުވާނުންގެ ޙަރަކާތް މިއަދަށްވުރެ އަދި މާބޮޑަށް ފުޅާކުރުން. އަޅުގަނޑުމެންނަށް ޔަޤީން. އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް އެއްވެސް ޙާލެއްގައި އޮޅިފައެއް ނެތް. އަޅުގަނޑު މިދަންނަވާ މަސައްކަތަކީ ބުރަ މަސައްކަތެއް. ފަސޭހައިން އަޅުގަނޑުމެންނަށް ޙާޞިލު ކުރެވެންހުރި ކާމިޔާބުތަކެއް ނެތް. ހަމަ ތިބެފައި ކުރެވެން ހުރި އެއްވެސް ކަމެއް ނެތް. ކޮންމެ ކަމެއްމެ ކުރެވޭން އޮތީ ވަރަށްބޮޑު، ވަރަށްބުރަ، ވަރަށްގިނަ މަސައްކަތް ކޮށްގެން. އަޅުގަނޑަށް ޔަޤީން، އެންމެ ބޭފުޅުން ގަބޫލުފުޅު ކުރައްވާނެކަން، މަސައްކަތްކުރާ އަޅުންނަށް ކާމިޔާބު ލިބޭނެކަން. އަޅުގަނޑުމެން މިހާތަނަށް ހޯދާފައިމިވާ ކާމިޔާބުތައް، ޒުވާނުން މިހާތަނަށް ހޯދާފައިމިވާ ކާމިޔާބުތައް ހޯދާފައިމިވަނީ، މަސައްކަތާނުލައެއް ނޫން.

އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންމެ ގަބޫލުކުރާނެ، ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ޝަޚްޞަކީ، 7 ވަނަ ޤަރުނުގައި ޙިޖާޒުކަރައިގެ މައްކާއިން ފައުޅުވި އަޅުގަނޑުމެންގެ ކީރިތި ރަސޫލާ. ރަސޫލާގެ މުޅި ޙަޔާތް ބިނާވެފައިވާނީ، ގަދައަޅައި މަސައްކަތްކުރާ އަޅުންނަށް ކާމިޔާބު ލިބޭނެކަން ދެއްކެވުމުގެ ފުރިހަމަ ހެކީގައި، ފުރިހަމަ ދަލީލުގައި.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ކާމިޔާބު ލިބުން.

والحمد للّـه. والسّـلام عليـكم.