بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


ފުލުހުންގެ އަހަރީ ދުވަހުގެ ހެޔޮއެދުންތައް އެންމެ ފުރަތަމަވެސް މިރޭ އަޅުގަނޑު ދަންނަވާނީ، އެންމެހާ ދިވެހި ފުލުހުންނަށާއި އަދި އެބޭފުޅުންގެ ޢާއިލާތަކަށާއި، މުޅި ފުލުހުންގެ މުއައްސަސާއަށް.

މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބްލް މުޙަންމަދު ޝިހާބު، ޗީފް އޮފް ޕޮލިސް އަހްމަދު ފަސީޙް، ފުލުހުންގެ އޮފިސަރުން އަދި ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން، السّـلام عليـكم.

ރާއްޖޭގެ ފުލުހުންނަށް މިއަދު މިފުރުނީ 77 އަހަރު ކަމުގައި ބުނާ ބުނުމާމެދު ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންގެ ޚިޔާލު ތަފާތުވެދާނެ. މިދުވަސް ގޮސް ގުޅޭ ކޮންމެވެސް ތަނަކާއި، ކޮންމެވެސް ކަމެއް ތާރީޚުގެ ތެރެއިން ފޭދޭނެކަން އަޅުގަނޑަށްވެސް ޔަޤީން. އެހެން ނަމަވެސް، ލިޔެވިފައިވާ ދިވެހި ދިގު ތާރީޚާއި، ވެރިކަމުގެ ފަތްފުށްތަކަށް ބަލައިފިނަމަ، މި ޚިދްމަތުގެ ފަސްމަގު، ހިނގާދިޔަ ދެހާސް އަހަރުވެސް އަޅުގަނޑުމެން ބަލަންޖެހޭނެ. އެއިރެއްގައި އޮތް ވެރިކަމެއްގެ އަމުރު މަޢުރޫފު މިރާއްޖޭގެ އެންމެހާ ހިސާބަށް ހިންގީ މި ދައުލަތް ދިފާޢުކުރާނެ ވަކި ޚާއްޞަ ބައެއް އަބަދުވެސް ކޮންމެވެސް ސިފައެއްގައި ހިނގަމުން އައިސްފައިވާތީ.

ނޫރައްދީން ބަންޑާރައިން ތަޚުތުގައި ރެދަލި ކުރެއްވިކަމަށް އަޅުގަނޑުމެންނަށް ތާރީޚުން ފެންނަން އޮތީ، ހިޖުރައިން 1299 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހު. ބުނެވޭގޮތުން، އެ ބަންޑާރައިން އެ އަހަރުގެ ބޮޑުހިއްޗަށް ފުރަތަމަ ވަޑައިގަތީ، އެ އަހަރުގެ ރޯދަމަހުގެ 27 ވިލޭރޭ. އެދުވަސް މީލާދީގޮތުން ދިމާވަނީ މިހާރުނަމަ، ދޫމައްޗަށް ފަސޭހަ އޯގަސްޓް 12އާ. އެ އަހަރަކީ މީލާދީ ގޮތުން ބަލާނަމަ، 1882 ވަނަ އަހަރު. މިދެންނެވި ބަންޑާރައިން ހިއްޗަށް ވަޑައިގަތުމަށް އާ ގަނޑުވަރުން ނިކުމެވަޑައިގަތީ، ތަމްރީނު ދެވިފައިވާ މީހުންކޮޅެއް، ފައިހަމަކޮށް ހިނގާދިޔަ ދެސަފާއެކު. އެތާރީޚުން ފެށިގެން އަޅުގަނޑުމެން ގުނައިފިނަމަ މިއީ، އެއަށްފަހު 128 ވަނަ އަހަރު. އާކަމެއް އާގޮތަކަށް ހިނގީތީ އެދުވަހު އެތުރި ތިއްބެވި ތަމްރީނު ލިބިފައިވާ ބޭފުޅުންނަށް ތުންތުންމަތިން، ވައިއަޑުން ކިޔާ އުޅުނީ ދީދީފަތި. ޙަޤީޤަތުގައި އެފަތި ދިގުވެ، ތަމްރީނު ލިބި، އަރާއަރަފޯދި ދިއުމުގެ ނަތީޖާއަކީ، މިއަދު އަޅުގަނޑުމެން މިދެކޭ ސަލާމަތީ ޚިދްމަތްތަކުގެ ކުޅަދާނަ ފައުޖުތައް ރާއްޖޭގައި އުފެދުން.

ކޮންމެއަކަސް ފުލުހުންގެ މި މުހިންމު އިދާރާގެ ޚިދްމަތް، މުޅި ރާއްޖޭގައި ތަރުތީބުވެ ހިނގާދިޔުމުގައި، ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި، އޮފިސަރުންނާއި ވެރިން އަދާކުރައްވާ ދައުރު ފުޅާވެފައި، ހަރުދަނާކަން އަޅުގަނޑު ގަބޫލުކުރަން. ހުރަސްތަކާއި ގޮންޖެހުންތައް ގިރާކުރެއްވުމުގެ ހުނަރާއި ކުޅަދާނަކަން ދިވެހި ފުލުހުންނަށް ލިބިވާ މިންވަރާމެދު އަޅުގަނޑު ޝައްކެއްނުކުރަން. މިނިވަން ދިވެހި ދިދައިގެ ޙައްޤުގައި، ދިވެހި ފުލުހުންނާއި ސިފައިންގެ އުފުލިގެންވާ އިސްތަކާއި، ސީދާ ވެގެންވާ ހަށިތަކަށްޓަކައި އަޅުގަނޑުމެން ފަޚްރުވެރިވަން. އެބައިމީހުންގެ މޭގައި ޖަހާ ޤައުމިއްޔަތުގެ ވިންދާއި، ދިވެހި ދައުލަތަށްޓަކައި އެބައިމީހުންގެ މުލައްދަނޑީގައި ހުރި ހިތްވަރާއި ފަންވަރު ދައުލަތުގެ އެންމެމަތީ ވެރިޔާގެ ގޮތުގައި އަޅުގަނޑު ބަލައިގަންނަން. ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާއި ހިތްވަރާއެކު މަސައްކަތް ކުރައްވާ ދިވެހި ފުލުހުންގެ ކާމިޔާބީތަކަށް އައްސަރިބަހުން އަޅުގަނޑު ސާބަސް ދަންނަވަން.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރެވޭ މި ޙަފްލާގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބްލް މުޙަންމަދު ޝިހާބާއި، އެ މިނިސްޓްރީގެ ވެރިންގެ މަސައްކަތްޕުޅު ފާހަގަކޮށް ޝުކުރު ދަންނަވަން.
ފުލުހުންގެ މުއައްސަސާތަކުގައި ހޯދިފައިވާ ބައެއް ކާމިޔާބީތައް ކަމިޝަނަރ އަޙްމަދު ފަސީޙުގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވެއްޖެ. ރާއްޖޭގައި އާދަވެ އަށަގެންފައިވާ އިޖްތިމާޢީ ނުރަނގަޅު އާދަތަކާއި، ދިރިއުޅުން ތޮއްޖެހިފައިވާ މިންވަރުން މިނެފިނަމަ، އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި، މުޅި ޤައުމުގެ ކްރައިމްރޭޓް އެދަރަޖައަށް ދަށްކުރެވުނުކަމީ ވަރަށް އަގުހުރި ކާމިޔާބީއެއް. މިމަސައްކަތުގައި ދެމިތިއްބަވާއިރު ރައްޔިތުންނާމެދު އޯގާތެރިކަމާއި ކުލުނު އިސްކުރެއްވުމަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން. އެއްފުލުސް، އަނެއް ފުލުހުގެ ކިބައިން ހިތްވަރުހޯދައިގެން، އެކަކު އަނެކަކަށް އެހީތެރިވެދީގެން މެނުވީ، ދެންމެ ކަމިޝަނަރ އެވިދާޅުވި ގޮންޖެހުންތައް ފަހަނަޅައިދިއުން ދަތިވާނެ.

މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށްވެސް އަދި ކުށްމަދުކުރުމާއި، އިޖްތިމާޢީ މަޞްލަޙަތު ހިފެހެއްޓުމަށްވެސް އޮތް އެންމެ މުހިންމު ކަމަކީ، ފާގަތި ފަހި ތިޔާގި ދިރިއުޅުމަކަށް ދިވެހިން ވާސިލުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި، ހިނގަމުންދާ މަޝްރޫޢުތައް. ފުލުހުންގެ މަސައްކަތުގައިވެސް ގޮންޖެހުންތަކާއި ދަތިތައް ހުރި ފަދައިން، ސަރުކާރުގެ ކުރިމަތީގައިވެސް ދަތިތަކާއި ގޮންޖެހުންތައް އެބަހުރި. އަޅުގަނޑުގެ ނަޒަރުގައި ދައްޗާއި، އުނދަގުލާއި ބުރަ އުފުލުމަށްވުރެ، ދެމެހެއްޓެނިވި ގޮތުގައި ކަމެއް ކާމިޔާބު ކުރުމަށް ފަސޭހަ އެހެން އެއްވެސް ގޮތެއް ނޯންނާނެ. ކަންކަން ކާމިޔާބު ކުރުމަށްޓަކައި ދަތި އުނދަގޫ މާޙައުލަކުން އެލިބޭ ހިތްހަމަޖެހުމާއި އުފާ އެނގޭނީ އެކަން ތަޖުރިބާ ކުރައްވާ ބޭފުޅުންނަށް. މިރޮނގުން ބަލާއިރު، ޢާންމު މަޞްލަޙަތާއި، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ދިފާޢު ކުރުމަށް މިއަށްވުރެ ވަކި ރަން ޒަމާނެއް ދިވެހި ފުލުހުންނަކަށް އަދި ސިފައިންނަކަށް މީގެފަހަކުން ނުލިބޭނެ. އަޅުގަނޑު ދަންނަވާނީ މިހާރުގެ ކޮންމެ ދުވާލަކީ އުޖާލާ އަލި ދުވަހެއް ކަމުގައި. އަދި ކޮންމެ ރެއަކީވެސް ތިޔަބޭފުޅުންނަށް ހަމަ ރިހި ރެއެއްކަމަށް. ފުލުހުން ޑިއުޓީގައި ތިއްބަވާއިރު އަބަދުވެސް ހަނދާން ކުރައްވަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތް. ޑިމޮކްރަސީއާއި ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ހޯއްދެވުމަށް ދިވެހި ރައްޔިތުން ކުރެއްވި މިންނެތް މަސައްކަތް ތިޔަބޭފުޅުން ހަނދުމަފުޅުނައްތަވާ ނުލެއްވުން އެއީ، ވަރަށް މުހިންމު ކަމެއް. އެމިނިވަންކަން ނެތް ޒަމާނެއްގައި ރައްޔިތުންނަށް އެ ޖާގަ ނުދިނުމަށް ގަދަ ދެއްކި މީހުންނާއި، އޭރު ބިރުން ތިބި މީހުންނަށް މިދަނޑިވަޅުގައި ރޮނގުން ބޭރުވެ، ޗާޓް ފަހަނަޅައި ދެވޭގޮތް މެދުވެރިވޭ.

11 ނޮވެމްބަރ 2008ގައި ވެރިކަން ބަދަލުވިފަހުންވެސް ޢަމަލުކުރަމުން އަންނަނީ ކުރިން ޢަމަލުކުރަމުން އައި ޤާނޫނުލްޢުޤޫބާތަށް. އަދި އެ ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރުމަށް މިހާރުގެ ޤާނޫނުއަސާސީ ހުރަސްއަޅާ ކަމަށް ރައްޔިތުންގެ މަޖިލީހުން އަދި އެއްވެސް ކޯޓަކުންވެސް ނިންމަވާފައެއްނުވޭ. މުޖްތަމަޢުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނުއަސާސީން ލިބިދޭ މިނިވަންކަމާއި ޙައްޤުތަކުގެ ބޭނުން ހިފުމުގައި، އެންމެންވެސް އެމީހުންގެ ޢަމަލުތައް ޤާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ޑިމޮކްރަސީއާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދެން އަލުން ހޯދަންޖެހޭ އެއްޗެއް ނޫން. އެ މިނިވަންކަމާއި، އެ ޙައްޤުތައް ދިވެހި ރައްޔިތުން ވަނީ ހޯދާފައި.

އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދޫދީގެން މި ސަރުކާރުން މިހާތަނަށް ތިބިނަމަވެސް، އެނަމުގައި ކުށްކުރާ މީހުންނަށް ދޭންނުޖެހޭ ދޫދީގެން އިތުރަށް ތިބެވޭކަށެއް ނެތް. މިފަދަ ކުށްކުރާ މީހުންނަށް ދޫދީގެން ތިބުމުގެ ސަބަބުން މުޖްތަމަޢަށް ދިމާވާ މައްސަލަތަކުގެ ޝަކުވާތައް ސަރުކާރަށް އިވޭ. އަދި ހަމަ ކޮންމެ މީހަކުވެސް، އެމީހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށްވިޔަސް، އަދި ހަރުކަށި ވިސްނުމުގެ ޚިޔާލުފާޅުކުރާ މީހެއް ކަމަށްވިޔަސް، ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ، އެފަރާތްތަކާމެދު ހަމަހަމަ އުޞޫލުން ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދެވޭނެ. ވީމާ، ޑިމޮކްރަސީއާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ޤާނޫނު ވެއްޔާ މޮޑެލުމަށް އޮތް ފުރްޞަތެއް ކަމުގައި ދެކެވަޑައިނުގެން، އެމީހުންގެ ޢަމަލުތައް ޤާނޫނުގެ އިމަށާއި ހަމަ ބުއްދީގެ ޗާޓަށް ފެއްތުމަށް އަޅުގަނޑު ގޮވާލަން.

ޑިމޮކްރަސީގެ ޅަފަތުގައި ކަމަށްވާތީއާއެކު ދިމާވާ މިދެންނެވިފަދަ ދަތިތަކާ އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ ބަޔަކީ ތިޔަބޭފުޅުން. ދިވެހި ރައްޔިތުން މިނިވަންކަން ހޯދީ ވަގުތުކޮޅަކަށް އެކަންޏެއް ނޫން. މިދަނޑިވަޅުގައި ހުރި ދަތިތައް ޙައްލު ކުރުމަށް އެޅޭ ފިޔަވަޅުތަކުން ޒަމާންތަކަށްޓަކައި ރައްޔިތުން ހޯދި މިނިވަންކަމާއި ޖާގައަށް ހުރަސްއެޅުނަ ނުދިނުމަކީވެސް އަޅުގަނޑުމެންގެ ޒިންމާއެއް. މިއަދު އަޅުގަނޑުމެން ވިސްނަން ޖެހިފައި މިވަނީ މިއަދާއި މި 5 އަހަރަށް އެކަންޏެއް ނޫން. ވިސްނަންވީ އަޅުގަނޑުމެންގެ ދަރިންނާއި، އެދަރިންގެ ދަރިންނަށް. އެކުދިން ބޮޑެތިވެ ޤައުމީ ޙަޔާތުގައި ހޭދަކުރާއިރު ފުޅައްމައްޗަށް އެރުމާއި، ދޮރޯށި ތެޅުވުން ވާނީ ނާތަހުޒީބު ޖޯކަކަށް. އެކުދިންގެ ސިޔާސީ ޙަޔާތުގެ ފޭރާން ޖަރީކުރަން އެދޭނަމަ، މިއަދު އަޅުގަނޑުމެން ވަރަށް ހިތި ބޭސް ބޯން އެބަޖެހޭ. އެހެންނޫނީ މިއަދު އަޅާ ފިޔަވަޅަކުން އެކުދިންގެ ތަހުޒީބު އިދިކޮޅު ސިޔާސީ ޖާގަ ތާށިވެ، ދޮރު ބަންދުވެ، މިނިވަންކަން ހިފެހެއްޓިދާގޮތް މެދުވެރިވެދާނެ. މިއީ، ދިވެހިން އެދުނު އަދި އެދޭނެވެސް ގޮތެއް ނޫން. ޝަމްސުއްދީން ރަދުންގެ 32 އަހަރުގެ ރަސްކަމަށްފަހު އުފެދުނު ފުރަތަމަ ޖުމްހޫރީ ވެރިކަން 8 މަސްދުވަސް ތެރޭގައި އުވިގޮސް، އަލުން ރަސްކަން ފެށުނީ ރަސްކަމުގެ އަސާސްއާއި އޭގެ ކެހެނި އަރުތެރޭގައި ފިސާރި ގަދަވެގެން ދިއުމުން. ނަމަވެސް މިއީ އެޒަމާނެއް ނޫން. މިއީ އޭރުގެ ދިވެހިންނެއްވެސް ނޫން. މިއީ މުޅިން އެހެން ދުވަހެއް. މިއީ ލާމެހިފައިވާ ދުނިޔެއެއް.

ވެރިކަމުގެ ފަރާތުން ޚުދުމުޚްތާރު އަނިޔާވެރި ޘަޤާފަތެއް ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ ސާފު ފައިދާގެ ގޮތުގައި ފެންނާނެ އެކައްޗަކީ ކުށްވެރިން ގިނަވެ، ބޮޑެތި ޖަލުތައް ކުދިވެ، ގޮޅިތައް ހަނިވުން. ޚުދުމުޚްތާރު ގޮށްމުށުގެ ވެރިކަމުގެ ސާފު ފައިދާއަކީ ޑިމޮކްރެޓިކް އޯގާތެރި ސަރުކާރަކަށް އުފުލަންޖެހޭނެ ބޮޑު ބުރައެއް. މިއަދު އަޅުގަނޑުމެންނަށް ޙަވާލުވާން ޖެހިފައި މިވަނީ މިދެންނެވި ނުސާފު ފައިދާއާ. އަޅުގަނޑުމެން އެދޭ އަމާން ދިވެހި ދިރިއުޅުމުގައި ޖަލަކީ އަހާހިތްވާ ބަހެއް ނޫން. ކުށްވެރިންނަކީ އަދި އަމުދުން ތިބެން ބޭނުން ބައެއްވެސް ނޫން. ކެތްތެރިކަމާއި އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމުން ކޮންމެ އިންސާނެއްގެވެސް ހިތްމޮޅިވެ، ނަފްސު ހިމޭންވެ ދިއުމަކީ ފިޠުރަތުގެ އުޞޫލު. ޚުދު އަޅުގަނޑު އެކަން ދަންނަން.

މިދެންނެވި މަގު ހިފުމުން ފުލުހުންގެ ނަމާއި ޤަދަރު އުފުލިދާނެކަމާމެދު އަޅުގަނޑު ކުޑަވެސް ޝައްކެއްނުކުރަން. ރާއްޖޭގެ ފުލުހުންނަށްވެސް އަދި ސިފައިންނަށްވެސް ސަރުކާރުން ފޯރުކޮށްދޭން މިހާރު ބޭނުންވާ އެންމެ އަގުހުރި އެއްޗަކީ ރީތިނަމާއި ޤަދަރު، އަދި އެންމެންގެ ލޯތްބާއި އިޙްތިރާމާއި އިތުބާރު. އެއްވެސް ފުލުހެއް ނުވަތަ ސިފައިންގެ މީހެއް، ނޫނީ ނަރުހެއް، ކަސްޓަމްސް ނުވަތަ އިމިގްރޭޝަން އަދި އެއްވެސް ޔުނިފޯމް މުވައްޒަފަކު، ޔުނިފޯމްގައި ހުންނަވައި، ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ޚިދްމަތަށް އެދިވަޑައިގެންފިނަމަ، އެބޭފުޅަކަށް ބޭނުންވާ ޚިދްމަތެއް އިޙްތިރާމާއެކު އަވަސްކޮށްދެއްވުމުގެ އިންތިޒާމެއް ހުރިހާ އޮފީސްތަކެއްގައިވެސް ހަމަޖެއްސެވުމަށް މިރޭ އަޅުގަނޑު ދަންނަވަން. އަދި އަމިއްލަ ފަރާތްތަކުންވެސް އެ ނަމޫނާ އަދާކުރެއްވުމަށް އަޅުގަނޑު ގޮވާލަން. އެއްވެސް ތަނެއްގައި އެއިން ބޭފުޅަކު ކިޔޫ ޖެހިވަޑައިގެންފިނަމަ، އެބޭފުޅަކަށް ޖާގަ އިސްކުރެއްވުމުގައި ދީލަތިވެލެއްވުމަށް ޢާންމުކޮށް އަޅުގަނޑު އެދެން. ޢުމުރުން ދުވަސްވީ މީހުންނާއި، ވަކިން ޚާއްޞަކޮށް، މާބަނޑު އަންހެނުންނާމެދުވެސް މިއަޚްލާޤު ދެއްކެވުމަށް އަޅުގަނޑު އެދެން.

ރާއްޖޭގެ އިޖްތިމާޢީ ހަމަޖެހުމާއި، އެއްބައިވަންތަކަމާއި އަމާންކަމަށްޓަކައި ފުލުހުން ކުރައްވާ މިންނެތް މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. ބައިސްކަލްގެ ނަލަ ދުވެލީގައި ފުލުހުންގެ ޑިއުޓީ ކުރިއަށް ގެންދިއުމަކީ އެތައް ގޮތަކުން ބަލާއިރުވެސް ބޭނުންތެރި ކަމެއް.

ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުން ރާއްޖޭގެ ތަރައްޤީގައި ޙިއްޞާކޮށްދެއްވުން އެދެން. އަދި އެފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދެވޭނޭ އެންމެހާ ވަސީލަތްތަކާއި ޢިނާޔަތްތައް، ސަރުކާރުގެ ފޯރުންތެރިކަން އެހިނދަކަށް އިތުރުވި މިންވަރަކުން އިތުރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަން. ހަމައެހެންމެ، ޤާނޫނުއަސާސީއާއި ފުލުހުންގެ ޤާނޫނުގައިވާ ގޮތުގެ މަތިން ފުލުހުންގެ ވާޖިބު އަދާކުރުމަށާއި، ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭފަދަ ގޮތަކަށް އިރާދަކުރެއްވިއްޔާ، ޤާނޫނީ އޮނިގަނޑު ބައްޓަންވެގެންދިޔަ ނުދޭނެ ކަމުގެ ޔަޤީންކަން ފުލުހުންނަށް އަޅުގަނޑު އަރުވަން. އަދި މިފަދަ ކަންކަމާ ކަންބޮޑުވެވަޑައިނުގަންނަވައި، ފުލުހުންގެ ވާޖިބު އަދާކުރެއްވުމުގައި ސާބިތުކަމާއެކު ތިއްބަވާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

އެއްވެސް ކަމެއްގައި ހަރުކަށިކަން އިސްނުކޮށް، އޯގާތެރިކަމާއި ކެތްތެރިކަމާއެކު މުޢާމަލާތު ކުރުމަކީ ސަރުކާރުން ކޮންމެހެން ހިފަހައްޓާން ބޭނުން ސިފައެއް. އެހެން ނަމަވެސް، ފުލުހުންނަށް ޖިސްމާނީ ގެއްލުންދީ، އެމީހުންގެ ސަފުތައް ރޫޅާލުމަށް ޢަދާވާތްތެރިކަން އިސްކުރުމަށް ދޫކޮށްލުމަކީ ބަލަން ތިބެވޭނެ މަންޒަރެއް ނޫން. އެއީ، އެއްވެސް ޤާނޫނީ ދައުލަތެއްގައި ހުސްވާން ދޫކޮށްލެވޭނެ ޖާގައެއް ނޫން.

އަޅުގަނޑުގެ އުންމީދަކީ، މިއަދަށްވުރެ މާ އުފާވެރި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ