بســم اللّـه الرّحمـن الرّحيــم

ވިލާ ކޮލެޖުގެ ރެކްޓަރ، ނައިބު ރައީސް، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން.

السّـلام عليـكم

މަޙްމޫދު ރާޒީ ވިދާޅުވެދެއްވައިފި، ސަރުކާރުގެ ސިޔާސަތު އަޅުގަނޑުމެން ހިންގުމަށް މި މަސައްކަތްކުރާ އުޞޫލު. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ސަރުކާރުގެ ފަރާތުން އަމިއްލަ ފަރާތްތައް ބައިވެރިކޮށްގެން ހިންގެންހުރި ގިނަ ކަންކަން އަމިއްލަ ފަރާތްތަކަށް ދޫކޮށްގެން ހިންގުމަކީ، ރާއްޖޭގެ ރައްޔިތުންނަށްވެސް، ރާއްޖޭގެ ތަރައްޤީއަށްވެސް އަދި ސަރުކާރަށްވެސް ނުހަނު ފައިދާހުރި ގޮތެއްކަން އަޅުގަނޑުމެންނަށް ކަށަވަރު. އެ އުޞޫލުގެ މަތިން، އެ އުޞޫލު ތަންފީޒު ކުރުމަށްޓަކައި ހިންގަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި، މިއަދު އަޅުގަނޑުމެންނަށް މިލިބެނީ އަނެއްކާވެސް އިތުރު ކާމިޔާބެއް. އެއީ، ވިލާ ކޮލެޖާ ޙަވާލު މިކުރެވެނީ، ކުރީގެ ސީ.އެޗް.އެސް.ސީ.ގެ ބައެއް. ސީ.އެޗް.އެސް.ސީ އެނެކްސްގެ ގޮތުގައި ކިޔަމުން އަޅުގަނޑުމެން މިއަންނަ ބައި. އެތަނުގައި މިވަގުތު ކިޔަވަން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މިތިބީ 800 ކުދިން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، އެތަނުގައި ތިރީހަކަށް ނުވަތަ އޮނަތިރީހަކަށް ޓީޗަރުން ކިޔަވައި ދިނުމަށް އެބަ މަސައްކަތް ކުރޭ. އަދި ހަމަ އެއާއެކީގައި، ސައްވީހަކަށް ސަޕޯޓް ސްޓާފުން އެތަނުގައި މަސައްކަތް ކުރާ ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އެބައޮތް.

ސަރުކާރުން ސީ.އެޗް.އެސް.ސީ އަށް މުޅި ޖުމްލަކޮށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި ޚަރަދު ކުރަނީ ސައްބީސް މިލިއަން ރުފިޔާ. އޭގެތެރޭގައި، ސީ.އެޗް.އެސް.ސީ.ގެ އެނެކްސްގެ ފައިސާ ހިމެނޭ. އެހެންވީމާ، އެއީ ސީ.އެޗް.އެސް.ސީ އާއި ސީ.އެޗް.އެސް.ސީ އެނެކްސް ޖުމްލަކޮށް މިހާރުގެ ބަޖެޓަކީ ސައްބީސް މިލިއަން ރުފިޔާ.

ސަރުކާރުގެ ބޭނުމަކީ، ސަރުކާރުން ތަޢްލީމަށް ޚަރަދުކުރާ މިންވަރު ކުޑަކުރުމެއް ނޫން. ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ، ސަރުކާރުން ކުރާ ޚަރަދަށް ރަނގަޅު ފައިދާއެއް، ރަނގަޅު ޚިދްމަތެއް ލިބުން. މި ސްކޫލް ޕްރައިވަޓައިޒް ކުރުމާއި ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ދަށުން ހިންގާން ފެށުމާ ގުޅިގެން، އެންމެ ފުރަތަމަ ހިނގާނެ އެއްކަމަކީ، މިހާރު ސްކޫލްގައި ކިޔަވަމުން ގެންދަވާ 800 ކުދިންނަށް ސަރުކާރުން ކޮންމެ މަހަކުވެސް ގްރާންޓެއް ދެއްވާނެ، ތޭރަސަތޭކަ ރުފިޔާގެ. މިހާރު މިއަހަރުގެ ތެރޭގައި ސަރުކާރުން މިވަނީ މަތީ ތަޢްލީމު ޙާޞިލު ކުރުމަށް، ޚާއްޞަކޮށް، އަތޮޅުތަކުން މާލެއައިސް ތިބޭ ކުދިންނަށް ދެހާސް ރުފިޔާގެ ލޯނު އެހީއެއް ދެވިފައި. އެ ލޯނު އެހީގެ ޕްރޮގްރާމްގެ ދަށުން އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ނުވަސަތޭކައެއްހާ ކުދިން، ހާހެއްހާ ކުދިން މިހާރުވަނީ އެލޯނަށް އެދި ހުށަހަޅާފައި. އެ ލޯނު ފައިސާ މިހާރު މިދަނީ އެކުދިންނަށް ދޫކުރަމުން.

މިހާރު ސީ.އެޗް.އެސް.ސީ އެނެކްސްގައި ކިޔަވަމުން ގެންދާ މިދެންނެވި 800 ކުދިންނަށް މިއަހަރާއި އަދި މިއަންނަ އަހަރު އެކުދިންގެ ސްކޫލް ފީ ހަމަ ހުރި ގޮތަށް ވިލާ ކޮލެޖަށް ސަރުކާރުގެ ފަރާތުން ދައްކައިދޭނެ. ސުވާލަކީ 2011 ވަނަ އަހަރު، 11 ވަނަ ކްލާހަށް އެއީ ގްރޭޑް 11 އަށް ވަންނަ ކުދިންނަށް ސަރުކާރުން ވެދޭނެ އެހީތެރިކަމެއް އެބައޮތްތޯއޭ؟ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް، ކުދިންނަށް ސަރުކާރުން ކުރާ ޚަރަދަށް ރަނގަޅު ފައިދާއެއް ނުވަތަ ރަނގަޅު ރިޓަރންއެއް ލިބޭނެ ގޮތެއް ހޯދުން. ސަރުކާރުގެ ވިސްނުމަކީ، މިއަންނަ އަހަރުވެސް ސީ.އެޗް.އެސް.ސީ އެނެކްސްގެ ގްރޭޑް 11އަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށްވެސް މިއަންނަ އަހަރުވެސް ސަރުކާރުގެ ގްރާންޓެއްވެސް ލިބޭނެއޭ. އަދި އޭގެއިތުރުން، ސަރުކާރުން ފަހިކޮށްދޭ ލޯނުގެ ބައެއްވެސް ލިބޭނެއޭ. ދެން ސަރުކާރުން މި އުންމީދު ކުރަނީ ބެލެނިވެރިން ކޮންޓްރިބިއުޓްކުރާ، ޙިއްޞާވާ މިންވަރެއް އޮވެގެން ދަތިކަމެއްނެތި ކިޔަވަން ބޭނުންވާ ކުދިންނަށް ކިޔެވޭނެ އުޞޫލެއް، މި ނިޒާމުގެ ތެރެއިން ފަހިވެގެންދާނެ ކަމަށް.

ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، އޯ ލެވެލް ހަދާ ކުދިންގެ ޢަދަދު ނުވަތަ އޯ ލެވެލުން ފާސްވާ ކުދިންގެ ޢަދަދު އިތުރުވުން. މިދިޔަ އަހަރު މިވަނީ މި ޢަދަދު ވަރަށްބޮޑުތަނުން އޭގެ ކުރީ އަހަރާ އަޅާބަލާއިރު، ހަތަރު ފަސް ޕަސެންޓޭޖް ޕޮއިންޓަކުން އިތުރުވެފައި. އެހެންވީމާ މިހާރު މި ފާހަގަވަނީ މިއަހަރު އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން ސާޅީސް ފަސް ޕަސެންޓާ ހަމައަށް ނުވަތަ ސާޅީހާއި ސާޅީސް ފަސް ޕަސެންޓް ކުދިންނާ ދެމެދުގެ ޢަދަދަކަށް ކުދިން ބައިވެރިވާ މާއްދާތަކުގެ ތެރެއިން ފަސް މާއްދާއަށްވުރެ ގިނައިން C ފާހަށްވުރެ މަތިން ހޯދާނެއޭ. އެއީ، މިވަގުތު މިއަހަރުގެ ސަރުކާރުގެ އަމާޒަކީ. އަދި ސަރުކާރުން އަންދާޒާކޮށްފައި އޮތް މިންވަރަކީ.

އެކަން އެހެންވެދާއިރުގައި، ދެން ސަރުކާރު ވިސްނައި ތިބެންޖެހޭނެ ކަމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެކުދިންނަށް އޯ ލެވެލް ނިންމާ ކުދިންނަށް ދެން ހަދާނީ ކިހިނެއްތޯ؟ ފަސް މާއްދާއިން ފާސްވެގެންގޮސް ރަށުގެ ހަތަރު އަނގޯޅިއެއް ކަންމަތީގައި ތިބުން، ނުވަތަ ކަމެއް ނުކޮށް އަތް އުރާލައިގެން ތިބުން އެއީކީއެއް އެއްވެސް ޙާލެއްގައި އަޅުގަނޑުމެން އެދޭނެ ގޮތެއް ނޫން. ސަރުކާރުގެ އަމާޒަކީ، އެކުދިންނަށް މަތީ ތަޢްލީމެއް ލިބޭނޭ ފުރްޞަތު ފަހިކޮށްދިނުން. އެގޮތުން މިހާރު ސަރުކާރުން މިދެމުން ގެންދާ، ހިންގަމުން ގެންދާ މަދަރުސާތަކުގެ އިތުރުން އަދި އަމިއްލަ ފަރާތްތައް މެދުވެރިކޮށްގެން ހިންގާ މަދަރުސާތަކަށް ކިޔަވާން ޝަރުޠު ހަމަވާ ކުދިންނަށް ސަރުކާރުގެ ލުއިލޯނާއި، ހިލޭ އެހީއާއި އަދި މައިންބަފައިންގެ ބައިވެރިވުމާ އެކީގައި ކިޔެވޭނެ ފުރްޞަތުތައް، ކިޔެވޭނެ މަގުތައް ފަހިކޮށްދީފައި ބޭތިއްބުން.

އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، އަޅުގަނޑުމެންނަށް އަބަދުވެސް ސާފު، ޤައުމެއް ތަރައްޤީވެދިޔުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ ތަޢްލީމު. ތަރައްޤީ މިނަނީކީއެއް އަޅުގަނޑުމެންގެ ރަށްރަށަށް އަޅާ ކޮންކްރީޓްގެ ޢަދަދަކުންނެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ސިފަވެފައި، ހީވެފައި މިއޮންނަނީ ވަށާ ފާރެއް އެއީ ޢުމްރާނީ ތަރައްޤީއޭ. ބަނދަރަށް އެޅޭ ކޮންކްރީޓް އެއީ ތަރައްޤީއޭ. މިހެންގޮސް ތަރައްޤީގެ ގޮތުގައި އަޅުގަނޑުމެންނަށް އަބަދުވެސް ސިފަވެފައި މިހުންނަނީ އެއީ، ހަރު އެއްޗިހި ނުވަތަ ލޮލަށް ފެނި އަތުން ހިފި، އަތްލެވި މިބާވަތުގެ މަޢުދަނެއްގެ ގޮތުގައި. އަޅުގަނޑުމެން އަބަދުވެސް ދެކެންޖެހޭނެ، ތަރައްޤީއަކީ ޙަޤީޤީ ތަރައްޤީއަކީ އަޅުގަނޑުމެންގެ ސިކުނޑީގެ ތަރައްޤީކަން. އަޅުގަނޑުމެންނަށް ތަންދޮރު އެނގުންކަން. އަޅުގަނޑުމެންނަކީ ކަންކަން ފިލައިގެން އަދި އަޅުގަނޑުމެންނަށް ލިބިހުރި ޢިލްމެއްގެ އަލީގައި، ހެޔޮގޮތުގައި ދިރިއުޅޭ ބަޔަކަށްވުން. ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢްލީމުގެ ފުރްޞަތު ފަހިކޮށްދިނުން.

މިއަދު މި ސީ.އެޗް.އެސް.ސީ އެނެކްސް މިހިނގާ އުޞޫލުން އަޅުގަނޑުމެން އަމާޒުކޮށްފައިވަނީ، ސަރުކާރުން ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން މިބާވަތުގެ 8 މަދަރުސާ އަދި ތަޢާރުފު ކުރަން. އެއީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި. އުތުރުގައިވެސް، ދެކުނުގައިވެސް، މެދު ރާއްޖެތެރޭގައިވެސް މިބާވަތުގެ 8 މަދަރުސާ އަދި ތަޢާރުފު ކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. ވިލާ ކޮލެޖުން މިވަނީ މި މަދަރުސާގައި އޭ ލެވެލްގެ އިތުރުން އަދި މަތީ ތަޢްލީމުގެ ފުރްޞަތުތައްވެސް ފަހިކޮށްދޭނެ ކަމަށް މިއެއްބަސްވުމުގައި އެއްބަސްވެލައްވާފައި. އަޅުގަނޑަށް ވިލާ ކޮލެޖުން އެކަން ފުރިހަމަ ގޮތުގައި ކުރިއަށް ގެންދާނެކަމާމެދު ކުޑަވެސް ޝައްކެއްނެތް.

އަޅުގަނޑު މިވަގުތު ވިލާ ކޮލެޖްގެ ބާނީ ނުވަތަ ވިލާ ގްރޫޕްގެ ބާނީ ޤާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ސަރުކާރުގެ ފަރާތުން ޝުކުރު ދަންނަވަން ބޭނުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ޤާސިމް އިބްރާހީމަކީ އަބަދުވެސް މި ރާއްޖޭގެ މުޖްތަމަޢުގައި، އެހެން ބޭބޭފުޅުންނަށްވުރެ ދެތިން ފިޔަވަޅު ކުރީގައި ހުންނަވާ ބޭފުޅެއް. މި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕަކީ ކޮބައިކަން އެންމެ ފުރަތަމައަށް ދެނެވަޑައިގަންނަވާ އަދި މިކަމުގެ ތެރެއަށް މިވަގުތު ވެދެވަޑައިގަތުމަކީ، އެންމެ ފުރަތަމަ ވެދެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ވެދެވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވައިގެން، މިކަމުގައި ބައިވެރިވެވަޑައިގަންނަވާ އެބޭފުޅާ މިވަގުތު ރާއްޖެއަށް މިކޮށްދެއްވަނީ ވަރަށްބޮޑު ޚިދްމަތެއް.

އަޅުގަނޑު މިހެން މިދަންނަވަނީ، ދުނިޔޭގެ ޤައުމުތަކުގައި ތަރައްޤީވަމުން އަދި ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތައް ތަރައްޤީއަށް މަގުފަހިވާނޭ ނިޒާމުތައް، އުޞޫލުތައް ކަނޑައަޅާ ވަގުތުތަކުގައި، ބައެއްފަހަރަށް ޤައުމުތަކުގެ ވިޔަފާރިވެރިން ފަހަށްޖެހޭގޮތްވޭ. މިވެނި ކަމަކުން ނުކުންނާނީ ކޮން ނަތީޖާއެއްބާއޭ، އެއިން ވާނީ ކިހިނެއްބާއޭ، އެއަކުން ރަނގަޅެއްނުވާނެއޭ، ފައިދާއެއް ނުކުންނާނެ ކަމަށް އެފަދަ ބަރުހެލި ވިސްނުމެއްގައި ބައެއް ބޭފުޅުން ތިއްބަވާ. އަޅުގަނޑު ދާދިފަހުން މިއައީ ރޮތްސްޗައިލްޑް ކިޔާ ބަޔަކާ، އެއީ މުޅި ދުނިޔޭގެ ވަރަށް މުއްސަނދި އެއްޢާއިލާ. އެބޭފުޅުންނާއެކީގައި ހިނދުކޮޅެއް ހޭދަކޮށްފައި. އެބޭފުޅުންނަކީވެސް ދުނިޔޭގައި އެހެން ހުރިހާ އެންމެން ރޭލު ދަގަނޑު އެޅުމުގެ 20 އަހަރު ކުރީގައި އިނގިރޭސިވިލާތުގައި ރޭލު ދަގަނޑު އެޅި ބައެއް. އޭރު އެ ދަގަނޑުގައި ދުއްވާނެ ރޭލެއްވެސް ރަނގަޅަށް ނުމެނެތް. އެހެން ނަމަވެސް، މުޅި ދުނިޔޭގައި އެޅިހާ ރޭލެއް، އޭގެފަހުން އެޅީ ގާތްގަނޑަކަށް ހަމަ އެކުންފުނިން. ސްވޭސްކެނެލް ހެދީވެސް އެކުންފުނިން. ކުރި ދުރަށް ވިސްނި ބޮޑު މަންޒަރު ފެނި، ދެން ވާންއުޅޭ ގޮތް ދެނެގަނެވޭ ބޭބޭފުޅުންނަކީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމު ބައެއް ނޫން. އެހެންވީމާ، އަޅުގަނޑު މިވަގުތު ވިލާ ކޮލެޖުގެ އެންމެހާ ބޭފުޅުންނަށާއި ޤާސިމް އިބްރާހީމަށް ސަރުކާރަށް ތިޔަ ދެއްވި އިތުބާރަށްޓަކައި އަދި މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ތިޔަ ނިންމެވި ނިންމެވުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު އެހެން އެންމެހާ ވިޔަފާރިވެރިންގެ ކިބައިންވެސް އެދެން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ނަމުގައި ސަރުކާރުން ތަޢާރުފުކުރާ ކަންކަމަކީ ޙަޤީޤަތުގައި ވިޔަފާރީގެ އުޞޫލުން ހުޅުވާލާ ކަންކަމޭ. ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ވާދަކޮށްގެން، ދިވެހި ވިޔަފާރިވެރިންނަށް ކުރި ނުހޯދޭންވީ ހަމަ އެއްވެސް ސަބަބެއްނެތޭ. ވިލާ ކޮލެޖަށް މިފުރްޞަތު ލިބިފައި އެވަނީ، ވިލާ ކޮލެޖްގެ ރެކްޓަރ ވިދާޅުވިފަދައިން، ބައިނަލްއަޤްވާމީ ފަރާތްތަކާ އެކުގައި ވާދަކޮށްގެން. އެއްވެސް ޙާލެއްގައި ޕްރައިވަޓައިޒޭޝަން ކޮމިޓީއިން ކުޑަވެސް ދުލެއް ވިލާ ކޮލެޖަށްޓަކައި ދެވިގެނެއް ނޫން. ހަމަ ވަރަށް ހަރުކަށިކޮށް މިނެގެން، ކިރައިގެން މިއީ އެންމެ ރަނގަޅު ބޭފުޅުންނަށް، އެބޭފުޅުންނަށް ފެނިވަޑައިގެންނެވީތީވެ.

މި ސަރުކާރުން ހިންގާ އެއްވެސް ޓެންޑަރެއް އަދި މި ސަރުކާރުން ހިންގާ އެއްވެސް ބީލަމަކީ އެއްވެސް ޙާލެއްގައި ވަކިއަތަކަށް އެ ޓެންޑަރެއް ބުރަވާނެ ޓެންޑަރެއް ނޫން. ދާދިފަހުން އަޅުގަނޑު ގާތުން ސަރުކާރު ޙިއްޞާވާ ކުންފުންޏަކުން ވަރަށް ބޮޑަށް އެދެމުންދިޔަ، އެހެން ސަރުކާރު ޙިއްޞާވާ ކުންފުންޏަކުން ކޮށްފައި އޮތް ޓެންޑަރެއްގައި، އަނެއް ސަރުކާރު ޙިއްޞާވާ ކުންފުންޏަށް ފަހިވާ ގޮތަކަށް ނުވަތަ އެހީތެރިވާ ގޮތަކަށް އެ ޓެންޑަރުގެ އިވެލުއޭޝަން ގެންދިއުމަކީ، ރާއްޖޭގެ އިޤްތިޞާދަށާއި ދެން ކޮންމެ ބޭފުޅަކުވެސް ވިދާޅުވަނީ މިގޮތަށް އިނގޭތޯ. ރާއްޖޭގެ އިޤްތިޞާދަށާއި އަޅުގަނޑުމެންގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކޭ. އަޅުގަނޑުގެ ނަޒަރުގައި ވަކި ބޭފުޅަކަށް ވަކި ކުންފުންޏަކަށް ފަހިކޮށްދޭންޖެހޭ ކަމަށްވަނީވިއްޔާ، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލޭ، ހުރި އުނިކަން، ލިބޭ ގެއްލުން މާބޮޑަށް ފާހަގަވެގެންދާނެ.

އަޅުގަނޑު އަނެއްކާވެސް ހަމަ ވިލާ ކޮލެޖަށް ފަށްފަށުން ޝުކުރު ދަންނަވަމުން، މި ނަމޫނާގައި އަޅުގަނޑުމެންނަށް އަދި މިއަށްވުރެ މާގިނަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތައް އުފެއްދޭނެ ކަމުގެ ޔަޤީންކަމާ އެކީގައި މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލާނަން.

والسّـلام عليـكم. ވަރަށް ބޮޑަށް ޝުކުރިއްޔާ!