بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ބޮޑުފޮޅުދޫއަށް މިފަހަރު މިކުރެވުނު ދަތުރުގައި، އަޅުގަނޑަށް ނަސީބު ލިބިއްޖެ، މިރަށުގެ ވަރަށްގިނަ ކަންކަން، މިރަށަށް އައުމުގެ ކުރީގައިވެސް ވަރަށް ތަފްޞީލުކޮށް ބަލައިލުމަށް. ދަތުރެއް ރޭވީމާ ދަތުރަކު ދިއުމަށް، ރަށަކަށް އައުމަށް އަޅުގަނޑުމެންނަށް ރޭވުނީމާ، ނިންމުނީމާ، އެކަމަކާ ގުޅިގެން އަޅުގަނޑުމެންނަށް ފުރްޞަތު ލިބޭ ހުރިހާ އެންމެންނަށްވެސް، އަޅުގަނޑު އޮފީހުގެ ހުރިހާ އެންމެންނަށްވެސް އަދި ސަރުކާރުގެ ވަރަށްގިނަ ވަޒީރުންނަށްވެސް، އެރަށަކާ ޚާއްޞަކޮށް، ކުޑަ ވަގުތުކޮޅެއް ނަމަވެސް ދުވަހެއްގެ ދެތިންގަޑިއިރު ނަމަވެސް، އެރަށަކާ ގުޅޭގޮތުން އަޅުގަނޑުމެންގެ ވިސްނުން އެއްވަޒީރަކާ އަނެއްވަޒީރަކާއެކުވެސް އަދި ހުރިހާ ބޭފުޅުންނާ އެކުގައިވެސް އެކަމުގެ މަޝްވަރާއެއް ހިންގުމަށް.

އެހެންވީމާ، އަޅުގަނޑު މިއަދު ބޮޑުފޮޅުދޫއަށް އައިއިރު، އަޅުގަނޑުމެންނަށް އެނގިފައިހުރި މިންވަރުން މިރަށުގެ ކަންކަން އަޅުގަނޑުމެންނަށް އޮތީ ވަރަށްބޮޑަށް ސާފުވެފައި. މާކުރީއްސުރެ ފަށައިގެންވެސް އަޅުގަނޑުމެންނަށް އެނގިފައި އޮންނަ ކަމެއް އެއީ، އަޅުގަނޑުމެންނަށް ސާފުކަމެއް އެއީ މިރަށުގެ ބަނދަރު ހެދިއިރުގައި، އެބަނދަރުގެ އެތެރެވަރި މަޑުވާނެ ގޮތަކަށް ނޫން ނެރު ހެދިފައި ހުރީކީއެއް. ނެރު ހެދިފައި އޮތީ، އެއްބަޔަކު ބުނާގޮތުގައިނަމަ، ފުޅާކޮށް. އަނެއްބަޔަކު ބުނާގޮތުގައި މުޅިން އެހެން ތަނެއްގައި. އަޅުގަނޑުމެން އެބަޖެހޭ އެކަން ރަނގަޅު ކުރަން ވަރަށް ބޮޑަށް. މިދިޔަ އަހަރު ފަހުކޮޅުއްސުރެ ފަށައިގެން އެކަމުގައި އަޅުގަނޑުމެން ވިސްނީމު. އަޅުގަނޑުމެން ބެލީމު. އަޅުގަނޑަށް މިހާރު މިއަހަރު އަޅުގަނޑުމެންނަށް އެމަސައްކަތް ކޮށްދެވެން އޮތް ވާހަކަ އަޅުގަނޑު ގާތުގައި، ޔަޤީންކަމާއެކީގައި މީގެ މަހެއްހާ ދުވަސް ކުރީގައި މިނިސްޓަރުވަނީ ވިދާޅުވެފައި. އެއީ އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެކޭ. އެހެންވީމާ، އަޅުގަނޑު އެކަމަށް މިނިސްޓަރާ އެކުގައި މިނިސްޓަރު ލައްވާ އެކަން ކޮށްދިނުމުގައި އަޅުގަނޑު ތިޔަބޭފުޅުންނާ އެކުގައި ހުންނާނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އެކަން ކޮށްދޭނަން.

އަޅުގަނޑު ހަމަ މިއާއެކުގައި ދަންނަވާލަން ބޭނުން، ދެންވެސް އަޅުގަނޑުމެން ކަމެއް ކުރާއިރުގައި، ކަމެއް ކުރާންޖެހޭނީ އެކަން ކޮށް ނިންމާފައި، އޭގެ އަނެއް ދުވަހު އަނެއްކާ ހަމަ އެކުރި ކަންތައް އަނެއް އަތަށްޖަހާ ގޮތަކަށެއް ނޫން. ކަންކަމުގައި އަޅުގަނޑުމެން ހިތުލާ ގޮތާއި އަދި އަޞްލާ މާބޮޑަށް މި ހުންނަނީ ބައެއްފަހަރަށް ތަފާތުވެފައި. މިރަށުގެ މިސާލަކަށް، ނެރު އެއީ އަޅުގަނޑު ބެލި ބެލުމުގައި އޭގެ ވަރަށް ރަނގަޅު މިސާލެއް. ތިޔަބޭފުޅުން ޙަޤީޤަތުގައި ބޭނުންވެލެއްވީކީ ނެރު ބޮޑުކުރާކަށެއް ނޫން. ޙަޤީޤަތުގައި ބޭނުންވެލެއްވީ ފަސް ހޯދަން. އެހެނަސް ފަހަށް ނުބުނެ ނެރުގެ ވާހަކަ ދެއްކީމާ، ތިޔަބޭފުޅުން ނިންމީ، މި ނެރު ބޮޑުކޮށްފިއްޔާ އެފަސް ކޮންމެވެސް ތާކަށް އަޅަން ހުންނާނެއޭ. އަޅުގަނޑަށް ހީވަނީ އެގޮތަށް އެކަން ކުރުމަށްވުރެ، ތިމަންމެން ސީދާ ބޭނުންވެގެން އުޅޭ ކަންކަން ސާފުކޮށް އެނގުން އެއީ ސަރުކާރަށްވެސް އަދި ކޮންމެ ބަޔަކަށްވެސް ފަސޭހަވާނެ. އަޅުގަނޑުމެން ކަމަކު ނުވަތަ އެއްވެސް މީހަކު ކަމަކާ ގުޅޭގޮތުން ސުވާލެއް ކުރީމާ، ސީދާ އެކަން އޮންނަ ގޮތަކަށް އެމަޢްލޫމާތެއް ލިބުނީމަ ނޫނިއްޔަކާއެއް ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ. އަޅުގަނޑުމެން މިވާހަކަ ދައްކާ ޑިމޮކްރަސީގެ އެންމެ ރަނގަޅު އެންމެ މުހިންމު ބޭނުމަކީ މިދެންނެވީ. ކޮންމެ ކަމެއްގައިވެސް އެކަމެއްގެ ދެކޮޅަށް ބަޙުޘްކޮށްފައި އަދި ޒުވާބުވެސް ކުރަންޖެހޭ ފަހަރު ފަހަރު އަޅުގަނޑަށް މިހާރުވެސް މިފެންނަނީ ޒުވާބުވެސް ކުރާތަން. އެހެންނަމަވެސް، އަޅުގަނޑަށް ޔަޤީން، އެ އެއްވެސް ޒުވާބަކީ ވިހަވެގެންދާނެ ޒުވާބެއް ނޫން. އަޅުގަނޑުމެން އެންމެންނަކީވެސް ހަމަ ދޭދޭ މީހުން. އަޅުގަނޑުމެންނަކަށް އެކަކާ އަނެކަކާ ރުޅިވެރި ކަމަކު ނޫޅެވޭނެ. އުޅުން އެއީކީ ރަނގަޅު ކަމަކަށް ނުވާނެ. އެހެންނަމަވެސް، ސިޔާސީ ފިކުރު އަޅުގަނޑުމެން އެކަކާ އަނެކަކާ ތަފާތުވެދާނެ. އެއީ ހަމަ ޞައްޙަ ކަމެއް. ރަނގަޅު ކަމެއް. އަދި ކަމެއް ކުރާ ގޮތުގެ ޚިޔާލުވެސް އެކަމެއް ކުރެވެން އޮތް ގޮތާ ގުޅޭގޮތުންވެސް އަޅުގަނޑުމެންނަށް ޚިޔާލު ތަފާތުކޮށް، ބަޙުޘްކޮށް ވާހަކަ ދައްކައި ހެދުމަކީ، ކަމެއް ރަނގަޅަށް ކުރުމަށް އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑު ހަމަ ދަންނަވާނީ އިންސާނީ ތަޖުރިބާ ދައްކާފައި އޮތް ގޮތުގައި ރަނގަޅު ކަމެކޭ. އެއީއޭ ރަނގަޅު ނަތީޖާ ނެރެވޭ ގޮތަކީ.

އަޅުގަނޑު މިރަށުގެ މަދަރުސާވެސް ބަލައިލައިފީމު. އަދި ޚާއްޞަކޮށް، މިއަހަރުގެ އޯލެވެލް ނަތީޖާއަށްވެސް އަޅުގަނޑު ބަލައިލައިފިން. އަޅުގަނޑު އެއްގޮތަކަށްވެސް ހިތްހަމައެއްނުޖެހޭ. އަޅުގަނޑު ދެން މާބޮޑަކަށް މިކަމުގައި އިތުރަށް ވާހަކަ ދައްކާކަށް ނޫން. އެހެންނަމަވެސް، މިނަތީޖާ ނެރެގެނެއް އަޅުގަނޑުމެން މިރާއްޖެއަށް މިބޭނުންވާ ނަތީޖާއެއް ނުހޯދޭނެ. އަޅުގަނޑުމެން ރާއްޖޭގެ ތަރައްޤީއަށް މިގެންނަން މިއުޅޭ ބަދަލު، މުޅި ރާއްޖެއަށް މިގެންނަން މިއުޅޭ ބަދަލެއް އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ، ކުރިއަށް މިއޮތް ފަސް އަހަރުވެސް ހަމަ ބޮޑުފޮޅުދޫގައި މިނަތީޖާ ނުކުންނަންޏަކާއެއް. ބޮޑުފޮޅުދޫގައި ނުކުންނަ ނަތީޖާވެސް ބަދަލުކޮށްލެވިގެން އަޅުގަނޑުމެންނަށް ރަނގަޅު ދިމާއަކަށް، މިޞްރާބަކަށް ދަތުރުކުރަން ފެށޭނީ. އަޅުގަނޑުމެންގެ އަމާޒަކީ އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ފަސްދޮޅަސް ޕަސެންޓް ކުދިންނަކީ "C" ފާހުން މަތީގެ ކުދިންނަށްވުން. މިރަށުގައި އެޢަދަދު ހުރީ ނުވެސް ގުނޭހާ ދަށްކޮށް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ވަރަށްބޮޑު މަސައްކަތެއް ކުރަން. ބައެއް މާއްދާތަކުގައި އެބަހުރޭ ވިއްސަކަށް ޕަސެންޓް "C" ފާހަށްވުރެ މަތިން ކުރި ހޯދާފައި. އެހެންނަމަވެސް، އެއީކީއެއް އަޅުގަނޑުމެން ހިތްހަމަޖެހިގެން ތިބޭވަރުގެ ނަތީޖާއެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ބޮޑު ދުރު ފުޅާ އެހެން ވިސްނުމެއް ވިސްނަންވެއްޖެ، މިތަނުގެ ތަޢްލީމާ ގުޅޭގޮތުން.

އަޅުގަނޑު މިރަށުގެ ހެލްތް ސެންޓަރުވެސް ބަލައިލިން. އަޅުގަނޑު ބަލައިލިއިރުގައި، އަޅުގަނޑަށް ފެނުނީ، އެ ހެލްތް ސެންޓަރު ހަމަ ތަރައްޤީ ކުރެވިދާނެ ތަނެއްގެ ގޮތުގައި. އަޅުގަނޑަކަށެއް ކުއްލިއަކަށެއް އަޅައެއް ނުގަތް އެއީ، ރަނގަޅަށް ނުހިނގާ ތަނެއްގެ ގޮތަކަށް. އަޅުގަނޑަށް ފެނުނީ އެއީ ރަނގަޅު ކުރެވެން އޮތް ތަނެއްގެ ގޮތުގައި. އަދި ކިތަންމެ ކިތަންމެ ކަމެއް ކުރެވެން ހުރި ތަނެއްގެ ގޮތުގައި. އަޅުގަނޑު އައުމުގެ ކުރީގައިވެސް ހެލްތް ސެންޓަރު ބެލިން. އަދި އެސެންޓަރާ ގުޅޭގޮތުން ލިބެންހުރި ހުރިހާ މަޢްލޫމާތެއްވެސް އަޅުގަނޑު ބަލައި އޮޅުންފިލުވައި ކިޔައި ހަދާފައި އަޅުގަނޑު އައީވެސް.

އެހެންވީމާ، އަޅުގަނޑުމެންގެ ބޮޑު ވިސްނުމަކީ، ސަރުކާރުގެ ފުޅާ ވިސްނުމަކީ، އެނގިވަޑައިގަންނަވާނެ، ދަތުރުފަތުރު ކުރުމުގެ ނިޒާމު މިހާރު މިވަނީ ފެށިފައި. އެއީ، މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް. ވަރަށް މުހިންމު ކަމެއްދޭ ކަމެއް. އަޅުގަނޑުމެންގެ ނަޒަރުގައި ތަރައްޤީއަކީ ހަމަ ޖީބަށް ތަނަވަސްވުން. އަދި ފަސޭހަކަން އަޅުގަނޑުމެންނަށް ލިބުން. އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކީގައި ދަތުރުކުރެވޭނެ ނިޒާމެއް، އިންތިޒާމެއް ހަމަޖެހުން. އަޅުގަނޑުމެން މިދެކެނީ، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވުނީމައޭ، ވިޔަފާރި ތަރައްޤީވެދާނީ. ތަރައްޤީއަކީ ވިޔަފާރި. އެ ތަރައްޤީއަކީ އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާ އިތުރުވުމޭ.

އެހެންވީމާ، އަޅުގަނޑުމެން ވަރަށްބޮޑަށް އެބަ އެދެން. ކޮބައިހޭ ބޮޑުފޮޅުދުއަކީ ބުނީމާ އެއީ، މިރަށުގެ ގޮނޑުދޮށާ ހިސާބުން ނިމޭ ތަނެއްގެ ގޮތުގައި ނުވިސްނުމަށް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެއީ މަތިވެރިއާ އެކީގައި އޮތް ތަނެއްގެ ގޮތުގައި ދެކެން. މަތިވެރިއަކީ ކޮބައިހޭ ބުނީމާ އެއީވެސް، މަތިވެރި ގޮނޑުދޮށާ ހަމައަށް ނުނިމެން. މަތިވެރިއާއި ބޮޑުފޮޅުދުއާ ދެމެދުގައި ނެތް މާލެއާއި ވިލިނގިއްޔަކަށްވުރެ ބޮޑު ތަނެއް. މިދޭތެރޭގައި ދަތުރުކުރެވޭނެ ގިނަގިނައިން. އަޅުގަނޑުމެންގެ ހަމަ ވަރަށް ރަނގަޅު ޚިދްމަތެއް މާދަމާވެސް އަޅުގަނޑުމެންނަށް ދޭންފެށޭނެ، އަޅުގަނޑުމެންނަށް ނިންމިއްޖިއްޔާ، އެއްރަށެއްގައި ރަނގަޅު މަދަރުސާއެއް ހަދާފައި، އަނެއް ރަށެއްގައި ރަނގަޅު ހޮސްޕިޓަލެއް އަޅަން. މިގޮތަށް އަޅުގަނޑުމެންނަށް ނިންމިއްޖިއްޔާ، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު، މިދެރަށް އެކީގައި ރަނގަޅު ތަރައްޤީއެއް ގެނެވޭނެ. 12 އާ ހަމައަށްވެސް ކިޔަވައިދެވޭނެ. އަދި ހަމަ ހޮސްޕިޓަލެއްގެ ޚިދްމަތްވެސް އަޅުގަނޑުމެންނަށް ފޯރުކޮށްދެވިދާނެ. ހަމަ އޭގެއިތުރުން ދެރަށުގެ ތެރެއިން ވަރކްޝޮޕްތަކެއް ހަދާނެ ތަނެއްވެސް ހޯދުން. އަދި ދެރަށުގެ ތެރެއިން ސަރުކާރެއްގެ އޮފީސްތައް ބަހައްޓާނެ ތަނެއްވެސް ހޯދުން. އަޅުގަނޑު މީގައި ހަމަ އެއްވެސް ޙާލެއްގައި އެއްވެސް ބޭފުޅެއްގެ ވަޒީފާއަކަށް އުނިކަމެއް ނާންނާނެ. އެއްވަރަކަށް ވަޒީފާ ހަމަ އޮންނާނެ. ކުރައްވަން ޖެހޭނެ ކަމަކީ ހެނދުނު އެހެން ޤައުމުތަކުގެވެސް ރައްޔިތުން އުޅޭގޮތަށް، ހެނދުނު ހޭލައިގެން 10 މިނިޓްގެ ދަތުރެއްކޮށްފައި ވަޒީފާއަށް ދާންޖެހުން. އެއީ، އަޅުގަނޑުގެ ނަޒަރުގައި ކޮންމެހެނެއް ނުކުރެވޭނެވަރުގެ ކަމެއް ނޫން. އަދި ނުކޮށްތިބޭވަރުގެ ކަމެއްވެސް ނޫން. އަޅުގަނޑު ވަރަށް ބޮޑަށް އެދޭނަން. އަދި އަޅުގަނޑު މިކަން ހަމަޖެހޭތޯވެސް ބަލާނަން. ތިޔަބޭފުޅުންނާ މަތިވެރީ ބޭފުޅުންނާ، މަތިވެރީ ރައްޔިތުންނާ ދެބައިމީހުން އެއްވެގެން، މީގެ މަޝްވަރާތަކެއް ހިންގުން. ހިންގާފައި މިކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުން. އަވަހަށް އަޅުގަނޑުގެ ނަޒަރުގައި މިކަން ކުރިއަށް ގެންދެވިއްޖިއްޔާ، އަޅުގަނޑުމެންނަށް އަވަހަށް ކަންކަން ރަނގަޅު ކުރެވޭނެ.

އަޅުގަނޑުމެން މިއަދަކު އެއްޗެއް ބުނާނެ ކަމެއް ނެތް، ޕްރިންސިޕަލް ދެރަވެގެނެއް ނޫން މިކަން މިހެން މިވަނީކީއެއް. ހަމަ ޕްރައިމަރީ ކްލާހުއްސުރެ ފެށިގެން، މަންމަގެ އުނގުއްސުރެ ފެށިގެން ދަރިފުޅަށް އަޅުގަނޑުމެންނަށް ރަނގަޅު ތަޢްލީމެއް ހަމަ ދެވެންޖެހޭނެ. އެ ތަޢްލީމު ރަނގަޅަށް ދެވުނީމާ، ގްރޭޑް 1 ގައިވެސް، އެ 1 ގައި ބޭނުންވާ ތަޢްލީމު ދެވުނީމާ، ހަމަ އައިސް ގްރޭޑް 10 އާ ހަމައަށް ދިޔައީމާ ދެން ހޭލާ ތިއްބެއްކަމަކު ހަމަ ވާނެ ގޮތެއް ނޯންނާނެ. އޭރުން ވާނީ ހަމަ ދެންވާން އޮތްގޮތް. އެގޮތް އަޅުގަނޑުމެންނަށް ވެފައި ހުއްޓާ މިފެންނަނީ. އެއީ، މަދަރުސާއެއް ނެތި އިމްތިޙާނުގައި ބައިވެރިވިޔަސްވެސް ހަމަ U ލިބޭނެ. ތަފާތެއް ނާންނާނެ. ކޮންމެހެންނެއް އެ ވިހި މިލިއަން ރުފިޔާ ޚަރަދު ކުރުމުގެ މާނައެއް ނެތް މަދަރުސާއެއް ހިންގާކަށް. އަޅުގަނޑަށް ޔަޤީން ހަމަ ކޮންމެ މީހަކު ބައިވެރިވިޔަސްވެސް U އެއް ފޮނުވާނެ ލަންޑަނުން. އެއީ ކޮށްދޭ ކަމެއް ފީ ދައްކައިފިއްޔާ. ދެން އަޅުގަނޑަކަށް ހަމަ އެނޫން އެއްޗެއް ދަންނަވާކަށެއް ނޭނގުނު މިއަކު. އަޅުގަނޑު ބަލައިފިން މިދެރަށުގެ ނަތީޖާވެސް. އަޅުގަނޑު ހުރިހާ ނަތީޖާތައް ބަލަމުން މިއައީ. ދެރަށުގެ ނަތީޖާވެސް އަޅުގަނޑު ބަލައިފިން. އަޅުގަނޑު މާލޭގައިވެސް ދެރަށުގެ ނަތީޖާއަށް ބެލިން. އެހެން ނަމަވެސް، ހަމަ ވަރަށްބޮޑު އުންމީދީ ނަތީޖާވެސް އެބަހުރޭ. ޢާޞިމް އެއީ, މަތިވެރީ ކުއްޖެއް ގްރޭޑް 10ގެ. އޭނަ އެބައޮތް 5 މާއްދާއިން C ފާސް ހޯދާފައި. އޭނަ އެކަންޏޭ އޮތީ މި ސަރުކާރުން ބޭނުންވާ އަމާޒަށް ދެވިފައި. އެހެންވީމާ، އަޅާލަން ކުރަންހުރި މަސައްކަތް އެއޮތީ ފެންނަން. އަޅުގަނޑުމެން ކުރަންހުރި މަސައްކަތް. ޑޮކްޓަރ ލުޠުފީ އެބަ ކުރައްވާ. ހަމަ ވަރަށްބުރަ މަސައްކަތްތަކެއް އެބަ ކުރައްވާ. ކުރައްވައިގެން އެބަ ކަންކަން ރަނގަޅު ކުރައްވާ. އެއްދަންފަޅިއަށް މަދަރުސާތައް ހެދުން އެއީ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މިފެންނަނީ ރަނގަޅު ނަތީޖާއެއް ލިބުމުގައި ބާރުއަޅާ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން މިދެރަށް އެކުގައި ތަރައްޤީ ކުރާއިރުގައި، ކޮންމެވެސް އެއްރަށެއްގައި ރަނގަޅަށް ކުޅިވަރުވެސް ވަރަށް ރަނގަޅަށް ތަރައްޤީ ކުރަން އެބަޖެހޭ. އެހެންވީމާ، އަދި ދެރަށަކީ މާ ދުރު ދެތަނަށްނުވެ، އަވަސް އަވަހަށް ގިނަގިނައިންދެވި، އެއްރަށާ އަނެއް ރަށާ ހުރިހާ ގޮތަކުން ގުޅެވޭތޯ، ގުޅިއްޖިއްޔާ ޚިދްމަތްތައްވެސް، ވަސީލަތްތައްވެސް، މުއްސަނދިކަންވެސް އެއްރަށާ އަނެއްރަށާ ޙިއްޞާ ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންނަށް ޢަމަލު ކުރެވުނީމާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ދެން އޭރުން ލިބޭ ނަތީޖާ ހަމަ ވަރަށް ރަނގަޅުވާނެއޭ.

މިދިޔަ އަހަރުގައި އަޅުގަނޑަށް މަޢްލޫމާތު ލިބިފައިހުރި މިންވަރުން، އަޅުގަނޑަށް ހީވަނީ މިރަށުގެ ވިއްސަކަށް މީހުންނަށް، ޢުމުރުން ފަސްދޮޅަސް ފަސްއަހަރުން މަތީގެ ވިއްސަކަށް މީހުންނަށް ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް އެބަދެވޭ. އެއީ، އަޅުގަނޑުމެން ސަރުކާރުން ކޮންމެހެން ކުރަން ބޭނުންވި ކަމެއް. ސަރުކާރެއް ނުދެކޭ ތަރައްޤީއަކީ ކޮންކްރީޓުން ކުރާ ކަމެއް ކަމަކަށް އެކަނި. އަޅުގަނޑުމެން ދެކެނީ، އެއީ މީހެއްގެ ޖީބަށް ކުރާ ކަމެއްގެ ގޮތުގައި. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން ރަށްރަށަށް ދަމުން ދިޔައިރުގައި، ވަރަށްގިނަ ރަށްރަށުގައި ވަރަށް އަޅާލާނެ ގޮތެއްނެތި، ނުވަތަ ވަރަށް ޙާލުގައި ދޮށީ ޢުމުރުގެ މީހުން އުޅެމުން އަންނަތަން އަޅުގަނޑަށް ފެނުނު. އަޅުގަނޑުގެ ނަޒަރުގައި، ރާއްޖެއަށް މިލިބިފައި ހުރި ތަރައްޤީއެއް ލިބިފައި މިއޮތީ، އެރައްޔިތުން، އެމީހުންގެ ޒުވާން ޢުމުރުގައި މިރާއްޖެއަށް މަސައްކަތް ކުރީތީވެ. އެހެންވީމާ، މިއަދު އެރައްޔިތުންނަށް ޕެންޝަނެއް ޙައްޤުވާކަމާމެދު އަޅުގަނޑަކަށް ޝައްކެއް ނުހިނގާ. އަދި ހަމައެހެންމެ، ބައްޕައަކަށް ނުވަތަ ކާފައަކަށް އެހީތެރިކަމެއް ދެވުނީމާ އެއީ ދަރިންނަށްވެސް ލިބޭ ލުޔެއް. އެހެންވީމާ، އަޅުގަނޑު ހަމަ މިއެދެނީ، އެކަން ޔަޤީންކޮށް އަރުވަން. އެފައިސާ ދެމުން ގެންދެވޭނެ. ދެން އަޅުގަނޑު އުންމީދު ކުރަން، އޭގައި އިތުރު ދައްޗެއް ނުފޯރާނެ ކަމަށް. ދެން އަޅުގަނޑު މިއަދު މިތަނަށް އަންނަންވެގެން ބަލައިލިއިރުގައި، އަޅުގަނޑު ގާތުގައި އެއޮފީހުން ބުނި، މިހާރު ތިމަންނަމެން މިއުޅެނީ ބޭންކަށް އެފައިސާލާފައި، ކޮންމެ މީހަކަށް ބޭންކް އެކައުންޓެއް ހަދާގޮތަށް. އަޅުގަނޑު ދެންނެވިން މާތްކަލާކޯއޭ އެމީހުންނަށް ލިބޭގޮތަކަށް ތިބާއްވައްޗޭ. ދެން ކޮންމެ ތަނަކަށް ލައިގެންގޮސްގެންވެސް. އެހެންވީމާ، އަޅުގަނޑު ބަލާނަން އިނގޭތޯ މި ދަތިވޭތޯ. ދަތިވެގެން ހިނގައިދާނެ ދެމަހެއް. ދިޔައީމާ އަޅުގަނޑަށް ފެންނާނެ، އަޅުގަނޑަށް އެނގޭނެ، އެވަރަށް ކޮންމެވެސް މީހަކު ހަޅޭއްލަވާނެ މިކަމުގައި އިނގޭތޯ. އެހެންވީމާ، އެ އަޑު އަޅުގަނޑަށް އިވޭތޯ ހަމަ ކޮންމެ ދުވަހަކުވެސް ބަލަން ހުންނާނަން. ދެން މާމޮޅު ގޮތެއް ހަދަންވެގެން މިހާރު އެއުޅުއްވަނީ. ދެން އަޅުގަނޑުވެސް ގަބޫލުކުރަން އެއީ މާޅޮ ގޮތެއްކަން. އެހެން ނަމަވެސް، އަޅުގަނޑު ހަނދާންކޮށްދީފައި މިއައީ، މީގެ މަޤްޞަދަކީ، ބޭނުމަކީ މިއީކަން މީތި ލިބުމޭ. ދެވޭނެ ގޮތަކަށް އެކަން ކޮށްދެއްޗޭ.

މިދިޔަ އަހަރު އަޅުގަނޑަށް ހީވަނީ މިރަށުން ސާޅީސް އެތައް މީހަކު ބަލިވިހެން. މި ބޮޑުފޮޅުދޫން. އެ ބަލިވި މީހުންގެ ތެރެއިން އިރާދަކުރައްވައިގެން ހުރިހާ އެންމެންނަށްވެސް، "މަދަނަ" މެދުވެރިކޮށް ބޭސްކޮށްދެވުނު. މި "މަދަނަ" ޕްރޮގްރާމަކީ އަޅުގަނޑުމެން ފަށައިގެން، މި ސަރުކާރުން ފަށައިގެން ހިންގާ ޕްރޮގްރާމެއް. އަޅުގަނޑު މިހެން ދަންނަވާއިރުގައި އެނަމަކީ އިނގޭތޯ، އެނަމަކީ ކުރީގައިވެސް އ.ދ. އިން ޑަބްލިޔޫ.އެޗް.އޯ ލިޔެފައި އޮތް ރިޕޯޓެއް އޮތީ ހެލްތް އިންޝުއަރެންސްގެ އުޞޫލެއް ހިންގާނެ ގޮތް. ދެން އެ ކަރުދާސްތައް ހުރީ. ދެން އަޅުގަނޑުމެން މި ހަދަންވެގެން ވިސްނިއިރުގައި، ކިހިނެއްތޯ ދެން ހަދާނީ ބެލިއިރުގައި އަޅުގަނޑު ހިތަށްއެރީ އެ ނިންމާފައި ހުރި ކަންތައްތަކެއް ހުއްޓޭ، ދިރާސާތަކެއް ކޮށްފައި. ޑަބްލިޔޫ.އެޗް.އޯ. އިން ކޮށްފައި ހުރި ދިރާސާތަކެއް. ދެން އެހުރި ރިޕޯޓްތައް ހުރީ. ދެން އޭގެ އަލީގައި އަޅުގަނޑުމެންނަށް އަޅުގަނޑު ދަންނަވާނީ އާދެ! މޫސާ ނަޢީމްގެ ބޭފުޅެއް އަޞްލު އެކަން ކޮށްދެއްވީ. އެބޭފުޅާ އެއީ، އެކަމުގެ މާހިރަކަށް ހުންނެވީ. ދެން އެބޭފުޅާ ލިޔުއްވައި އެބޭފުޅާ ހައްދަވާފައި އޮތް މައިގަނޑު އުޞޫލަކުން މިކަން މިހިނގަނީ. ދެން އަޅުގަނޑަށް މިފެންނަނީ މިއީ ހަމަ ރަނގަޅު ކަމެއްގެ ގޮތުގައި. މީހުންނަށް އެއިން ޚިދްމަތް ލިބިގެން ބޭސްފަރުވާ ލިބޭކަމަށް.
މިތަނުގެ ނަރސަރީ އަދި އަޅުގަނޑަކަށް ބަލައެއްނުލެވޭ. އެހެން ނަމަވެސް، އަޅުގަނޑަށް ހީވަނީ ނަރސަރީގެ މަސައްކަތްވެސް އަޅުގަނޑުމެން އެބަ އަޅާލައިގެން، އަޅުގަނޑަށް ޔަޤީން، އަޅާލައިގެން އެބަ ކުރިއަށް ގެންދަންޖެހޭހެން މަދަރުސާއެއްގެ ތެރޭގައި. ދެން އަޅުގަނޑު އަޑުއަހައިފިން، މަދަރުސާއަށްވެސް ބޭނުންވާ ކަންކަމާއި، ހެލްތް ސެންޓަރަށްވެސް ބޭނުންވާ ކަންކަމާ. އަދި ބަނދަރަށް ބޭނުންވާ ކަންކަމާ. އެދި އެނޫންވެސް ކުނި ނައްތާލުމާއި ހުރިހާ ކަމަކާއި އަދި ނަރުދަމާއަކަށް ބޭނުންވެފައި ހުރި މިންވަރާ، ހުރިހާ ކަމަކާ އެކީގައި މިރަށުގައި އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ހޯދުމާއި، ރަށުގެ ޒުވާނުންނަށް މުނިފޫހިފިލުވޭނެ ގޮތެއްވެސް އަދި ހެޔޮގޮތުގައި ރަނގަޅު ވަޒީފާ އަދާކުރެވޭނެ ގޮތެއްވެސް ހޯދުމާ. އެކަންކަން އެބަ އަޅުގަނޑުމެން ވަރުގަދަ ކުރަންޖެހޭ. އަޅުގަނޑުމެން އެކަންކަން އެބަ ހިންގަންޖެހޭ.

އަޅުގަނޑު މިހުންނަނީ ވަރަށްބޮޑު އުންމީދެއްގައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، އަޅުގަނޑެއް ހަމަގައިމުވެސް އެންމެ ހިނދުކޮޅަކަށްވެސް މަސައްކަތް ނުކޮށެއްވެސް ނުހުންނާނަމޭ. އަދި މާޔޫސްވެފައި، ކަމެއްނުވެފައިވެސް ނުހުންނާނަމޭ. އަދި އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން. މިދައުލަތުގެ މިރާއްޖޭގެ ހުރި ހުރިހާ މުއްސަނިދިކަމަކީ ތިޔަބޭފުޅުންގެ މުއްސަނދިކަމޭ. އެއީ، ތިޔަބޭފުޅުންގެ ފައިސާ. ތިޔަބޭފުޅުން އަޅުގަނޑުމެންނާ ޙަވާލުކޮށްފައި މިއޮތީ އެ ރަނގަޅަށް ބެލެހެއްޓުން. އަޅުގަނޑު އެއިން ހަމަ އެންމެ ފައިސާ ފޮއްޗެއްގައިވެސް އަޅުގަނޑެއް ނުޖެހޭނަން. އަދި އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު ދެކެން، އެހެން މީހަކުވެސް އެއިން ދައުލަތުގެ، ސަރުކާރުގެ ފައިސާއެއްގައި ޖެހޭކަމަށް ތިޔަބޭފުޅުންނަށް ޝައްކުވަންޏާ، އެ ހުށަހަޅަންޖެހޭ ތަންތަނަކަށް ހުށަހަޅަންޖެހޭނެ. މިސަރުކާރުން ކަމެއް ކުރުވާކަށް މީހަކަށް ރިޝްވަތުދޭން ޖެހިގެން ނުވާނެ. ހަމަގައިމުވެސް އަޅުގަނޑެއްދޭކަށެއް ނުޖެހޭނެ. ނުވެސް ހިފާނަން. ބަލައެއްވެސް ނުގަންނާނަން. އަޅުގަނޑަށް ޔަޤީން. އަޅުގަނޑެއް ނޭދޭނަން މި ސަރުކާރުގެ އެއްވެސް މީހަކު އެއްވެސް ބާވަތެއްގެ، އެބާވަތެއްގެ ކަމެއްގެ ތެރެއަށް ވެއްޓޭކަށް ނުޖެހޭނެ. އަދި އެއްވެސް ރައްޔިތަކަށް ކަމެއްނުވެ ހުރެވިގެން ނުވާނެ، ޤާނޫނީ ހަމަތަކުގެ ތެރެއިން ވާންއޮތް ކަމެއް ވެއްޖިއްޔަކާ. ތިމަންނާގެ ކޮއްކޮއަށް ހެލްތް ސެންޓަރުގެ ވޮޗަރުކަން ނުދެވިދާނެ. އެއީ، އަޅުގަނޑަށް ނުކޮށްދެވިދާނެ ކަމެއް. އެއީ އަޅުގަނޑަކަށެއް އެކަމެއް ނުކޮށްދެވޭނެ. އެއީ އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި، އެއީ ސިވިލް ސަރވިސްގެ އުޞޫލުތަކެއްގެ ތެރެއިން ކަމަށް އެންމެ އެކަށީގެންވާ މީހަކު، އެކަމަށް އެމަގާމަކަށް މިނެރެނީ. ދެން ބައެއް ބޭފުޅުން ވިދާޅުވާނެ، އެންމެ އެކަށީގެންވާ މީހާއެއް ނޫނޭ ލީކީ. މިވެނި މީހަކު، އެވެނި މީހަކު އެހެން ހެދީއޭ. މިވެނި މީހަކަށޭ އެތަނަށް ވަޒީފާ ލިބުނީ. ޙަޤީޤަތުގައި މި ނުކުމެގެން މިއުޅޭ މައްސަލައަކީ، އަޅުގަނޑަށް ފެންނަ ގޮތުގައި ވަޒީފާތައް މަދީ. ރަށެއްގައި މިއޮންނަނީ އެއްވަޒީފާ، ދެވަޒީފާ. މިއޮތީ ރަށެއްގައި އޮތްހާ މީހުން. އެއިން ވަޒީފާތަކުގެ ފުރްޞަތު އެތައް ތަނަކުން އިތުރުވެގެން ނޫނިއްޔަކާއެއް އަޅުގަނޑުމެންނަކަށެއް ރަނގަޅު ހަމައެއްގެ ތެރެއަކަށެއް ނުދެވޭނެ. އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ މިކަންކަން، އަޅުގަނޑުމެން މިދެކޭ މަންޒަރާއި، އަޅުގަނޑުމެން މިދެކޭ އަނެއް ދިވެހިރާއްޖޭގެ މަންޒަރާ، މިރަށުގެ ކަންކަން މިހެން ކުރެވޭތޯ. އަޅުގަނޑު މިހުރީ އެ އުންމީދުގައި. އަޅުގަނޑު މިހުރީ އެ ޔަޤީން ކަމުގައި.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!