بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިރަށަށް ނާންނަތާ ދުވަސްކޮޅެއްވެއްޖެ. ދުވަސްކޮޅެއްވުމަށްފަހު، އަލުން އަނބުރާ އަޅުގަނޑަށް މިއާދެވުނީ. މިރަށަށް އަޅުގަނޑު މިދަތުރުގައި އައުމުގެ ކުރީގައި އަޅުގަނޑަށް ވީ މިންވަރަކުން މިރަށާގުޅޭގޮތުން ބައެއް މަޢްލޫމާތު ހޯދަން އަޅުގަނޑުގެ އޮފީހުންނާއި އަދި އެނޫންވެސް އަޅުގަނޑު ދަންނަ ބައެއް ބޭފުޅުންނާ ވާހަކަދައްކާލާ ހެދީމު. އަޅުގަނޑަށް ވިސްނިފައިއޮތްގޮތުގައި، އަޅުގަނޑަށް މަޢްލޫމާތު ލިބިފައިއޮތްގޮތުގައި، މިރަށު ރައްޔިތުންނަށް ބޮޑު ދައްޗަކަށް ވެފައިވާ ކަމެއް އެއީ، ލަފާފުރުމުގެ ދަތިކަން. ބަނދަރަށް ރަނގަނޅު ޙައްލެއް ނުހޯދިވާކަން. އަޅުގަނޑަށް އުފަލާއެކީގައި މިއަދު ދަންނަވާލެވޭނެ، ދަންނަވާލެވެން އެބައޮތް، ތިޔަބޭފުޅުންގެ ބަނދަރު އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ހަދަންފެށޭނެ. އަދި އަޅުގަނޑު މިއުންމީދުކުރަނީ، އަޅުގަނޑުމެން މިދެކެނީ އެބަނދަރަކީ މީގެކުރީގައި ރާއްޖޭގައި އަޅުގަނޑުމެން މިހަދަމުން އައި ބަނދަރުތަކާ ތަފާތުގޮތަކަށް ހެދޭ ބަނދަރެއްގެ ގޮތުގައި ހެދުމަށް، ސަރުކާރުން ވިސްނަމުން މަސައްކަތް ކުރަމުން މިދަނީ.

ބަނދަރެއްގެ މައިގަނޑު ބޭނުންތަކެއް އެބަހުރޭ. ބަނދަރެއް މިބޭނުންކުރަނީ މުދާ އަރުވާ ބާލަން. ފަސިންޖަރުން އަރާ ފޭބުމަށް. އޮޑިދޯނިފަހަރު އަޅާފައި ބެހެއްޓުމަށް. އަދި އޮޑިދޯނިފަހަރު އެހިލުމާއި މަރާމާތުކުރުމާ މިކަންކަމަށް. އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި މިހަތަރު ބޭނުން ކުރެވެންޖެހޭނެ ކޮންމެ ބަނދަރެއްގައިވެސް. އެހެންވީމާ، ސަރުކާރުން މިގެންގުޅޭ ވިސްނުމަކީ، މީގެއިން ކޮންމެ ބޭނުމަކަށްވެސް ބޭނުންވާ އާލާތް، ބަނދަރުގައި ހިމަނައިގެން ބަނދަރު ތަރައްޤީ ކުރުމަށް. ބަނދަރުގައި މުދާ އުފުލާ ބޭލުމަށްޓަކައި އެކަން ފަސޭހަކަމާއެކީގައި ކުރެވޭނެ ގޮތަކީ ކޮންމެވެސް ބާވަތެއްގެ ކްރޭނެއް ސޭލާއެއް ހުރެގެން. އަޅުގަނޑުމެން ސަރުކާރުން މިއުންމީދުކުރަނީ މަތިވެރީ ބަނދަރު ހެދޭއިރުގައި މިދަންނަވާ ހަތަރުވަނަ ޖަނަރޭޝަންގެ ބަނދަރެއްގެގޮތުގައި މިބަނދަރު ހެދުމަށް. އެކަން އެހެންކުރާތީވެ، ފަހަރުގައި ބަނދަރު މީގެ ގާތްގަނޑަކަށް އަށްމަސް ކުރީގައި އަޅުގަނޑުމެން ބަނދަރު ހެދިދާނެކަމަށް، ހަދަން ފެށިދާނެކަމަށް ވިސްނީ މިއަހަރުގެ މިހާތަނުގައި. ޖަނަވަރީމަސް ނިމޭއިރުގައި.

ދެން އެހެންނަމަވެސް، އަޅުގަނޑުމެން މިބަނދަރުގެ ބޭނުން މިއަށްވުރެ ރަނގަޅަށް ހިފޭނެގޮތަކަށް ބަނދަރު އަނބުރާލުމަށްޓަކައި، އިތުރު ވިސްނުމަކަށް ދިޔުމަށްޓަކައި ބަނދަރު ކުރަހާ ފަރާތްތަކާ، ބަނދަރު ޑިޒައިންކުރާ ފަރާތްތަކާ، އަދި ބަނދަރާ ގުޅޭގޮތުން މަސައްކަތްހިންގާ ހުރިހާ ފަރާތްތަކަކާ އެކުގައި އަލުން ވާހަކަދައްކައިގެން އާ ބަނދަރެއް ޑިޒައިން ކުރެވިފައި މިހާރުވަނީ. އަޅުގަނޑު މިއުންމީދުކުރަނީ ލަސްތަކެއްނުވެ، ތިޔަބޭފުޅުންނަށް އެ އާ ބަނދަރު އޮންނަގޮތް ސާފުކޮށް ފެންނާނެކަމަށް. މިބަނދަރު އޮންނަގޮތާ ގުޅޭގޮތުން ތިޔަބޭފުޅުންނާ ކޮންމެވެސްވަރަކަށް މިނިސްޓްރީއިން މިހާރުވަނީ އަޅުގަނޑަށް އެނގިފައިއޮތްގޮތުގައި މަޝްވަރާކޮށްފައި. ތިޔަބޭފުޅުންގެ އެއް އެދުމެއްގެ ގޮތުގައި ފާހަގަވެފައި މިއޮތީ ބަނދަރުގެ ބޮޑުމިން. މިހާރު އެ ބަނދަރު ހެދުމަށް ވިސްނާފައި އެއޮތް މިނަށްވުރެ ބަނދަރު ބޮޑުކުރުމަށް. އަޅުގަނޑު އަނެއްކާވެސް ގޮސް ބަނދަރު ބޮޑުކުރުމުގެ ފުރްޞަތެއް އޮތްނަމަ ބަނދަރު ބޮޑުކުރުމަށް އަޅުގަނޑު މަސައްކަތްކުރާނަން. ބަނދަރު ބޮޑުކުރުމަށްކުރާ މަސައްކަތުގެ ސަބަބުން އަނެއްކާ ދެތިންމަހަކަށްވުރެ ގިނަ ދުވަހެއް ލަސްވެގެންދާކަމަށް ވަނީވިއްޔާ އަޅުގަނޑަށް ފެންނަ ފެނުމުގައި ބަނދަރު ހަދަން ފެށުން މާ ބުއްދިވެރި. މި ބަނދަރު ހެދުމަށް ބޭނުންވާ ފައިސާ އަޅުގަނޑުމެންނަށް ދިވެހި ސަރުކާރަށް، ބޭރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން އަޅުގަނޑުމެންނަށް މިހޯދުނީ އެފައިސާ. އެފައިސާ ދިވެހިރާއްޖެއަށް މިކަމަށް ކަނޑައެޅިފައި ހުންނާނީ ގިނަވެގެން އެއްއަހަރު.

ދުނިޔޭގެ އެތަންމިތަނުގައި މީހުން ކަންކަންކުރަންއުޅޭ. މިބޭންކުތަކުން ދުނިޔޭގެ އެތަންމިތަނަށް މިބާވަތުގެ ކަންކަމަށް ފައިސާދީ ހަދަނީ. އެހެންވީމާ، އަހަރެއްހާ ދުވަހު ފައިސާ ބަހައްޓާފައި އެ އަހަރު ދުވަހުގެ ތެރޭގައި އެކަންނުވީމާ އެފައިސާ އެދިޔައީ. ދެން އަނެއްކާވެސް ފަށަން ޖެހެނީ. އެހެން ވަރަށްގިނަފަހަރު އެބަދޭ. މިހެންމިދަނީ ބަނދަރެއް، ކަމެއްކުރަން ފަށާއިރުގައި ބަނދަރެއް ނޫނަސްވެސް ފުރިހަމައަށް ރައްޔިތުންނާ މަޝްވަރާ ނުކުރެވި ރައްޔިތުންގެ ބޭނުންތައް އެއީ، ކުރާންއުޅޭ ކަމެއްގައި ރަނގަޅަށް ނުހިމަނައި ހަމައެކަނި ސަރުކާރަށް ފެންނަގޮތް، ސަރުކާރަށް ލުއިގޮތް، ފަސޭހަގޮތަށް ނުވަތަ ސަރުކާރު ދެކޭގޮތުގައި ސަރުކާރަށް ފައިދާހުރިގޮތަކަށް އެކަން ކުރުމަށް އަވަސްވެގަންނާތީވެ. ފަހުންއައިސް ކުރަމުންދާ މަސައްކަތް ލޮލަށްފެންނައިރުގައި އެއީ، ތިމަންނާމެން ޙަޤީޤަތުގައި ބޭނުންގޮތަކަށް ނޫންކަން އެނގުނީމާ އެކަމާދެން ކަންބޮޑުވީމާ މަސައްކަތް ހުއްޓެނީ. އެހިސާބުން ދެން ވަރަށްބޮޑަށް އުނދަގޫވެގެންދަނީ. މީގެ މުހިންމީ އަޅާ ބިންގާ. މީގެ މުހިންމީ ފަށާގޮތް. ކައްޗަށް ފަށައިފިއްޔާ ހަމަ ނިމެންދެންވެސް ހުންނާނީ، ކެއްޗާ ހަމައަށް ދަންދެންވެސް ހުންނާނީ ކައްޗަށް.

އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިފަހަރު މިމަސައްކަތް ފަށާއިރުގައި އަޅުގަނޑު މިދެކެނީ ތިޔަބޭފުޅުންނާ ވީހާވެސް ފުނެއްކޮށް މަޝްވަރާކޮށްގެން މިބަނދަރު ހެދުމަށް. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާގޮތުގައި 100 ވަރަކަށްފޫޓަށް މިހާރު ރަށުގައި ގިރާ ސަރަޙައްދު 50 ހަކަށް ފޫޓު ބޮޑުވެ، ގިރަމުން އެބަދޭ. އެކަމަށްއެބަ ޙައްލެއް ހޯދާންޖެހޭ.

އަދި ހަމަ އެހެންމެ ވަރަށް މުހިންމުކަމެއް، މިރަށުގެ ބޯޅަދަނޑު ކުޅެވޭނެގޮތަކަށް އެ ބޯޅަދަނޑުގެ ކަންތައް ބެހެއްޓުން. ފަސްމަޑުކަމުން ދަނޑުގައި ނުކުޅެވޭކަން ކަށަވަރު. އެހެންވީމާ، އެ ބަނދަރު ހެދެމުން ދާއިރުގައި ބޯޅަދަނޑުގެ މަސައްކަތްވެސް ކުރިޔަށްދާނެގޮތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ރާވައިދޭނަން.

އަޅުގަނޑުމެން މިރާއްޖޭގެ ކަންކަން މިސަރުކާރުން ހިންގުމުގައި، ސަރުކާރު ދެކޭގޮތުގައި ވަރަށްމުހިންމު އެއްކަމެއްއެއީ، ރަނގަޅު ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރަށްތައް ރަނގަޅަށް ގުޅާލެވޭނެ ގޮތްވުން. އެގޮތުން ބައެއް އަތޮޅުތަކުގައި މިހާރު އެ ޚިދްމަތް ދެވެން ފަށައިފި. އަޅުގަނޑަށް އެނގޭ، މިއަތޮޅުގައި މިރަށަށް މިހާރު އެ ޚިދްމަތް ލިބޭކަން. އަޅުގަނޑު މިދެކެނީ އޭގެސަބަބުން އަޅުގަނޑުމެންނަށް ފަސޭހައިން އެއްތަނުން އަނެއްތަނަށް ދެވޭގޮތްވުމުން، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ފަސޭހައިން ބަދަލުވީމާ، ދެން އެއާވިދިގެން، އެއާގުޅިގެން ވިޔަފާރި ކުރިޔަށްދާނެކަމަށް.


އަޅުގަނޑުމެން މި ސަރުކާރުން އެކުލަވާލާފައިވާ، ދަތުރުފަތުރުކުރުމުގެ ނިޒާމާ ގުޅުވައި އެ ނިޒާމު ހިންގުމާ ކޮންޓްރެޓުން ހަވާލުކޮށްފައިވާ ކުންފުންޏަށް ކޮންމެ ރަށަކުންވެސް ޓާރމިނަލަކާއި އަދި ގެސްޓް ހައުސްގެ ޚިދްމަތް ދެވޭނެގޮތަކަށް ތަނެއް ހެދުމަށް އޮތް ފުރްޞަތު ދެވިފައިވާނެ. އަދި ހަމަ އޭގެ އިތުރުންވެސް މިރަށުގައި އެބާވަތުގެ މަސައްކަތެއް ކުރިޔަށް ގެންދިޔައްޔާ ރަށަށް ވަޒިފާގެ ފުރްޞަތުތައް އިތުރުވެ، އިތުރު އާމްދަނީ ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އަޅުގަނޑުމެން ދެކެން، ލިބިގެންދާނެކަމަށް. ދަތުރުފަތުރުކުރުމުގެ ނިޒާމަކީ، އެއާގުޅިގެން އަދި އާމްދަނީ އިތުރުވާވެސް ކިތަންމެކަމެއް ކުރިޔަށް ގެންދެވޭނެ ނިޒާމަކަށް ހެދުމަކީ، އަޅުގަނޑުމެންގެ ވަރަށްބޮޑު އުންމީދެއް. ސަރުކާރުގެ ވަރަށްބޮޑު ބޭނުމެއް.

އަޅުގަނޑު މިއަދު ހެނދުނުއްސުރެ ރަށުގެ ބައެއްތަންތަން ބަލައިލުމުގެ ތެރޭގައި އަޅުގަނޑަށް ނުބެލި އަޅުގަނޑު އަތުން ކައްސާލައިގެން ގޮސްފައިވާ ވަރަށްމުހިންމު މިރަށުގެ ނާސަރީ. އަޅުގަނޑަށް ބަލާ ނުލެވިއޮތީ، އަޅުގަނޑު ވަރަށްބޮޑަށް މަޢާފަށް އެދެން. އެކަމާ އަޅުގަނޑު ހަމަ ފުރުމުގެ ކުރީގައި އަދި ނާސަރީއަށް އަޅުގަނޑުދާނަން. ގޮސް އެކަން ހުރިނެތްގޮތަކީ ކޮބައިތޯ އަޅުގަނޑު ބަލާލެވޭތޯ ބަލާނަން. އަޅުގަނޑު ހިތުގެއަޑިން އަޅުގަނޑު ޤަބޫލުކުރަން، ރަނގަޅު ތަޢްލިމީ ބިންގަލެއް ދަރިވަރަށް އަޅާދެވޭ ތަނަކީ ނާސަރީ. އަދި އެއަށްވުރެ ކުރީގައި މަންމަގެ ބަނޑު. ހަމަ އެންމެ ތުއްތު އިރުއްސުރެ ފެށިގެން ދަރިފުޅަށް ރަނގަޅަށް ކަންކަން އަންގައިދިނުމަކީ ފަހުންއައިސް އެ ދަރިޔަކު، އެކުއްޖަކު އެ ރައްޔިތަކު ހަރުދަނާ ރައްޔިތަކަށްވުމަށް އެޅޭ ބިންގަލެއް. އަދި ނާސަރީއެއް ރަނގަޅަށް ހިންގުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއް.

އަޅުގަނޑު މިމަދަރުސާގެ ތަޢްލީމުގެ ކަންތައްތައްހުރިގޮތް، މިރަށުގެ ތަޢްލީމީ ކަންތައްތައް ހުރިގޮތް އަޅުގަނޑު ބަލައިލީމު. އަދި އަޅުގަނޑަށް ފާހަގަވި، މިއަހަރުގެ އިމްތިޙާނުގެ ނަތީޖާ މިދިޔައަހަރަށްވުރެ ނިސްބަތުން ކުޑަތަންކޮޅެއް ރަނގަޅު. އަދި އާޚިރު އެއްދަރިވަރަކު އަޅުގަނޑު ވަރަށް ބޮޑަށް އެބޭފުޅާއަށް މަރްޙަބާ ދަންނަވަން ބޭނުން. ފަސް މާއްދާއިން ފާސްވެފައިވޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އަމާޒަކީ، އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން، ގިނަ ބައިވަރު ކުދިންނަކީ އަޅުގަނޑު ހަނދާންވަނީ 60 ޕަސެންޓް ކުދިންނަކީ، ފަސް މާއްދާއިން "ސީ" ފާހުން މަތިން ފާސްވާ ކުދިންގެގޮތުގައި ހެދުން އެއީ، ސަރުކާރުގެ ލަނޑުދަނޑިއަކީ. އެކަން އެހެންކުރަން ބަލާއިރުގައި މިރަށުގައި ކުރަންއޮތް މަސައްކަތް ވަރަށްބޮޑު. މިދިޔައަހަރުނޫން ކުރީއަހަރު، 2008 ވަނަ އަހަރުގެ ނަތީޖާގައި އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާގޮތުގައި މިދެންނެވި ނަތީޖާ ހޯދާފައިވަނީ، އިމްތިޙާނުގައި ބައިވެރިވި ކުދިންގެ 27 ޕަސެންޓް މުޅިޖުމްލަ 5 މާއްދާއިން މަތިން ހޯދާފައިވަނީ.

މިރަށުގައި މިއަހަރު ރާއްޖޭގައި އެ ހޯދާފައިވާ އަދަދު 35 ޕަސެންޓަށް އިތުރުވެގެން ހިނގައްޖެ. ވަރަށްބޮޑު ކުރިއެރުމެއް އެލިބުނީ. އަޅުގަނޑުމެންގެ ބޭނުމަކީ، އެއީއެއްނޫން. އަޅުގަނޑުމެންގެ އަމާޒަކީ އެއަށްވުރެ މާރަނގަޅަށް އެކަންއޮތުން. 60 ޕަސެންޓް ކުދިންނަކީ މަދުވެގެން ފަސް މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. މިހާރު މިރަށުގައި ފަސް މާއްދާއިން ފާސްވެފައި މިވަނީ ބައިވެރިވި 17 ކުދިންގެ ތެރެއިން އެންމެ ކުއްޖެއް. އެހެންވިމާ، އެއީ ވަރަށްކުޑަކުޑަ ވަރަށްމަދު މިންވަރެއް. ދެން އަޅުގަނޑު ދެންމެ ދެންނެވީން ބައެއް ބެލެނިވެރިންގެ އަރިހުގައި މައިންބަފައިން ނެތަސްވެސް މިނަތީޖާ ނުކުންނާނެއޭ. އެއީ، ހަމަ ހުސް "ޔޫ" ލިބޭނެނޫންތޯއޭ. ބައިވެރިވެއްޖިއްޔާ ލިބޭނެ. ހަމައެކަނި އެއަށް އިމްތިޙާނުގެ ފީ ދައްކަންޖެހޭނީ. އޭރުންވެސް ހަމަ މިނަތީޖާ ނުކުންނާނެ.

އެހެންވީމާ، އެއީއްޔަކީއެއްނޫން، ސަރުކާރުގެ ތަޢްލީމީ ސިޔާސަތު ހިންގަން ބޭނުންވާ ގޮތަކީ. އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅުނަތީޖާ ނެރެން. އެނަތީޖާ ނެރުމަށް ހަމަ ގަދައަޅައި މަސައްކަތްކުރުން. ސަރުކާރުން އެކަމަށް ބާރުއަޅާނެ. އަދި އެކަމަށް އަޅުގަނޑުމެންނަށް، ސަރުކާރަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުން ގެންދާނެ. ތަރައްޤީގެ މަސައްކަތްތަކުގައި ރަނގަޅުނަތީޖާއެއް ލިބުމަށް. އެއީ، މަދަރުސާއެއް ވިޔަސްވެސް އަދި ހެލްތް ސެންޓަރެއް ކަމުގައި ވިޔަސްވެސް ރަނގަޅު އަދަދެއްގެ ރައްޔިތުން އެބަ އެ ޚިދްމަތެއް ބޭނުންކުރަންޖެހޭ.

މިރަށަށް ބަލައިލާއިރުގައި މިރަށުގައި ދިރި މިއުޅެނީ 600 އެއްހާ މީހުން. އެ 600 މީހުންގެ ތެރެއިން، މިދިޔައަހަރު މިރަށުން ފަސްދޮޅަހަކަށް މީހުން ބަލިވި. އެކިއެކި ބަލިބަލީގައި ބަލިވި. ބަލިވެގެން، އަޅުގަނޑު ވަރަށް އުފާވޭ މިކަމާ އެ 60 މީހުންނަށްވެސް 61 މީހުންނަށްވެސް ހިލޭ ހަމަ މަދަނައިގެ އުޞޫލުން ބޭސްފަރުވާ ކުރެވުނު. އެހެންވީމާ، ބޭސް ސިޓީ ހިފައިގެން އެއަށް ބޭސްހޯދުމަށް މި61 މީހުން އެއްތަނުން އަނެއްތަނަށް ހިނގާންޖެހިފައެއް، މިދިޔަ އަހަރަކު ނޯންނާނެ. އެހެންނޫންނަމަ، އެ61 މީހުން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގާތުން، ބައެއް ވިޔަފާރިވެރިން ކައިރިން، އަދި އެނޫންވެސް ދަންނަ ގާތް މީހެއް ކައިރިން ބޭސް ސިޓީ ހިފައިގެން، 100 ރުފިޔާއިން، 200 ރުފިޔާއިން ހޯދަމުން ހިނގަން. އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، އެކަން އެހެން ނުކޮށް އެ ލަދުވެތި އަދި އެ ބުރަކަމުގައި އުޅެންނުޖެހި ފަސޭހަކަމާއެކީގައި ބައްޔަށް ބޭސްކުރެވޭނޭ އިންތިޒާމެއް ހަމަޖެހިފައި އޮތުން.

މިދިޔަ އަހަރު މަދަނައިގެ މަޝްރޫޢު، މަދަނައިގެ ޕްރޮގްރާމް ސަރުކާރުން ފެށީ. މިދިޔަ އަހަރު ނިމުނުއިރުގައި މިދަންނަވާހެން، މިރަށުގެ 61 މީހުންނަށްވަނީ އެ ޚިދްމަތް ފޯރުކޮށްދެވިފައި. މިރަށުގައި މިދިޔައަހަރު ހަމަ ސަރުކާރަށް 65 އަހަރުން މަތީގެ 10 މީހުންނަށް އެއީ މިރަށުގައި ދިރިއުޅެމުންއަންނަ 65 އަހަރުން މަތީގެ 10 މީހުން. އެ 10 މީހުންނަށް ގަވާއިދުން އެ ދެވޭ ޕެންޝަން ސަރުކާރުން ދެމުން ގެންދެވުނު. އަދި އެވެސް އަޅުގަނޑުގެ ނަޒަރުގައި ހަމަ މިރަށުގެ ތަރައްޤީއަށް ވަރަށް މުހިންމުކަމެއް.

އަޅުގަނޑުމެންނަށް ބައެއްފަހަރަށް ހީވެފައި މިއޮންނަނީ، ތަރައްޤީއަކީ ކޮންކްރީޓުން ކުރާ ކަމެކޭ. އެއީ، ޢިމާރާތްކުރާ ކަމެކޭ ނުވަތަ ޢިމާރާތެއްގެ ގޮތުގައި އަރައިގެންދާ ތަނެކޭ. އަޅުގަނޑުމެންނަށް ވިސްނޭ ވިސްނުމުގައި އެވެސް ތަރައްޤީ. އެހެންނަމަވެސް، ޙަޤީޤީ ތަރައްޤީއަކީ، ތިމަންނާއަށް ތިމަންނާގެ އަމިއްލަ ފައިމައްޗަށް ތެދުވެ، ތިމަންނާގެ އަމިއްލަ ކަންކަން ކުރެވޭނެ ގޮތެއްވުން. ވަޒީފާއެއް ލިބުން. ރަނގަޅަށް އިތުބާރުހުރި އާމްދަނީއެއް ލިބޭނޭ ވަޒީފާއެއްގައި އުޅެވޭނޭގޮތް ފަހިވުން. އެކަންކުރުން އަޅުގަނޑުމެންގެ އަމާޒަކީ. އެކަމަށް ކަންކަން ފަހިކޮށްދިނުން. މި ދަތުރުފަތުރު ކުރުމުގެ ނިޒާމު އިރާދަކުރެއްވިއްޔާ އަދި ލަސްތަކެއްނުވެ، މިއަތޮޅުގެ ރެޒޯޓުތަކާވެސް ގުޅޭނެ. އޭރަށް ޓޫރިސްޓުންނަށްވެސް މިތަންތަނަށް އައިސްއުޅެން ފަސޭހަވާނެ. އަދި ހަމައެއާއެކީގައި މިރަށްރަށުގެ ޒުވާނުންނަށް މަސައްކަތްކުރުމަށްފަހު އަދި އެނބުރި ރޭގަނޑު ގެއަށް ނިދަން އާދެވޭގޮތަށް އެމީހުންގެ ދިރިއުޅުން ހަމަޖެހޭނެ. ރަނގަޅު ޢާއިލާއެއް ބިނާކުރުމަށްޓަކައި ދެމަފިރިންނާއި، މަންމައާއި ބައްޕައާ އެކީގައި ދަރިފުޅަށް އުޅެވޭގޮތްވުމަކީ، އަޅުގަނޑުމެންނަށް އެނގިފައި އޮންނަ ގޮތުގައި ކޮންމެހެން ބޭނުންތެރިކަމެއް. އެހެންވީމާ، ފުރިހަމަ ރަނގަޅު ޢާއިލާއެއް ބިނާނުކުރެވި، ރަނގަޅު ދަރިންތަކެއް ތަރުބިޔަތު ނުކުރެވި، ރަނގަޅު ޤައުމެއް ތަރައްޤީއެއް ނުކުރެވޭނެ. ޤައުމެއް ބިނައެއް ނުކުރެވޭނެ. ޤައުމަކީ ޢާއިލާތަކެއް. ފަރުދުންތަކެއް. ވަކިވަކިން އެފަރުދުންނަށް ވާގޮތް އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ، ހޯދެންޖެހޭ، އެބަ ބެލެންޖެހޭ.

އަޅުގަނޑުމެން އެހެންވީމާ، މިމަސައްކަތްތައް މިހެން ހިންގާއިރުގައި އިތުރު ވިސްނުމަކަށް އަޅުގަނޑުގެ ނަޒަރުގައި އެބަދާންޖެހޭ. މިއަދު އަޅުގަނޑުމެން މިދެކެނީ މަތިވެރީއަކީ، މަތިވެރީ ގޮނޑުދޮށާ ހިސާބުން ނިމޭ ތަނެކޭ. އެއިއްޔޭ މަތިވެރިއަކީ. އެއިއްޔޭ މިރަށަކީ. އެހިސާބުން ނިމުނީމާ މިރަށުގެ އަދަދަކީ ވަރަށްމަދު އަދަދެއް. އެކަމަކު ރަށަކީ މިދެރަށް، ހޮޅުދޫއާއި މަތިވެރި އެކީގައި ބެލެވޭ ސަރަޙައްދެއްގެ ގޮތުގައި ބަލަންފަށައިފިއްޔާ ހަމަ އޭރުން އެ އެކަށީގެންވާ އަދަދެއްގެ އާބާދީއެއް އެކުވީ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިސާލަކަށް މިދެރަށުންކުރެ ކޮންމެވެސް އެއް ރަށެއްގައި ރަނގަޅު މޮޅު މަދަރުސާއެއް ހެދިދާނެ، އަނެއްރަށެއްގައި ރަނގަޅު މޮޅު ހޮސްޕިޓަލެއް އެޅިދާނެ. ދެރަށުގައި އެކަމެއް ނުކުރެވޭނެ އަދިއެއް. އަދި ކުރިޔަށް އަޅުގަނޑަކަށެއް ނުފެނޭ، ކުރިޔަށްއޮތް ވިހި ތިރިސް އަހަރުވެސް މިރާއްޖޭގެ 200 ރަށުގައި ރަނގަޅު 200 މަދަރުސާ، މިހާރު 10 ގައި ކިޔަވާދެއޭ ބުނުން އެއީ ބޭކާރުކަމެއް. މިދަންނަވާހެން، އެހެން ބުނެވުނީސް މީގެ 200 އަހަރު ކުރީގައިވެސް. ހަމަ އެހެން ބުނުއްވީމާ ނިމުނީ. ހަމަ އެންމެންނަށް. 200 އަހަރު ކުރީގައި އޯލެވެލްގައި އިށީންނަމަވެސް ހުރިހާ އެންމެންނަށް "ޔޫ" ލިބޭނެ. އެހެންވީމާ، އަޅުގަނޑުމެން ރަނގަޅު މަދަރުސާއެއް ހެދުމަކީ، އެ ރަނގަޅަށް ފާސްވާ ކަހަލަ ތަޢްލީމީ ނިޒާމެއް ގާއިމުކޮށްގެން ކުރިޔަށް ގެންދިއުން. އެހެންވީމާ، އެވިސްނުމަށް އަޅުގަނޑުމެންނަށް ދެވިއްޖިއްޔާ މިދެރަށުގެ ހުރިހާކަމެއް އެއްކޮށްލައިގެން ކުރޭވޭގޮތަށް. ދެރަށުގެ ވަސީލަތްތައްވެސް ދެރަށުގެ ރައްޔިތުންނަށް ބޭނުންކުރެވި، ދެރަށުގެ މުއްސަނދިކަންވެސް ދެރަށުގެ ރައްޔިތުންނަށް ބޭނުންކުރެވި، އެގޮތަށް އެކަން އެހެންވެގެން ދާއިރުގައި އެކަންވުމަށް ދެރަށުގެ ރައްޔިތުން އެއްބަސް ނުވަތަ ގިނަ ރައްޔިތުން އެއްޚިޔާލަކަށް އަތުވެއްޖެނަމަ، ސަރުކަރުން މިބާއްވާ ފެރީ އިރާދަކުރެއްވިއްޔާ ގަޑިއަކުން ގަޑިއަކުން ނުވަތަ ބައިގަޑިން ބައިގަޑިންވެސް ދެރަށް ދޭތެރޭގައި ބޭއްވިދާނެ، މާލެއާ ވިލިނގިއްޔަކަށްވުރެ، ހޮޅުދުއާ މަތިވެރިއެއް ދުރެއްނުވާނެ. އަދި ހުޅުމާލެއަށްވުރެ މާ ގާތް. އެހެންވީމާ، ރަނގަޅަށް މިމަސައްކަތް ނުކުރެވޭނެ އެއްވެސް ސަބަބެއްނެތް. އެއޮތީ އޭގެ މިސާލު މާލެއިން ވަރަށް ރަނގަޅަށް ފެންނަން.

އެގޮތަށް އަޅުގަނޑުމެންނަށް މިރަށުގެ މަސައްކަތް ތަރައޤީކޮށްގެން ގެންދެވިއްޖެނަމަ، އަޅުގަނޑު ދަންނަވާނީ ހަމަ އިސާހިތަކު، ކުރިޔަށް މިއޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ކުއްޖެއްނޫނޭ ފަސް މާއްދާއިން ފާސްވާނީ. ބައިވެރިވާ ކުދިންގެ ގިނަ ބައިވަރު ކުދިން އެއީ ފަސް މާއްދާއިން ފާސްވާ ކުދިންނަށް ވާނެއޭ. އަދި ހަމައެހެންމެ، މިރަށުގައި ވަޒީފާ ޙަޤީޤަތުގައި ނެތީކީއެއްނޫން. ޓީޗަރުންގެގޮތުގައިވެސް އަޅުގަނޑުމެން މިގެންނަންޖެހެނީ ބޭރުން. ދެން ދިވެހި ޓީޗަރުން ބޭރުން ނުގެނެވޭތީވެ، ނެތީ ދިވެހި ޓީޗަރުން. އެވެސް އަޅުގަނޑުމެންނަށް، ސިލޯނުން، އިންޑިއާއިން، ބަންގްލަދޭޝްއިން ގެނެވޭނަމަ ހުރީސް. އަޅުގަނޑުމެންގެ ރާއްޖޭގައި ދިވެއްސާ ޤުރްއާން ކިޔަވައިދޭނޭ ބަޔަކު ނެތް. އެއީ، އަޅުގަނޑުމެންނަށް އެމީހުން ތައްޔާރުކުރެވިފައި ނެތީ. އަޅުގަނޑުމެން އެހެން މާއްދާތަކަށް ބޭނުންވާ ޓީޗަރުން ބޭރުން ގެންނަނީ. އެކަމަކު ދިވެހި ކިޔަވައިދޭ މީހުން ދެން މަލިކުން ލިބޭތޯ ބެލިދާނެ. އެނޫންގޮތެއް އަޅުގަނޑަކަށެއް ނުވިސްނޭ. އަޅުގަނޑުމެންގެ އަމިއްލަ ބަހުން ކިޔަވައިދެވޭނެ ބައެއް 200 މީހުން އަޅުގަނޑުމެންނަށް ހޯދާފައި މަދަރުސާތަކަށްލާފައި ނުބޭތިއްބުނު. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮންނަނީ ދުއިސައްތަ ފަންސާހެއްހާ މަދަރުސާ. ހަމަދާ ކޮންމެ މަދަރުސާއަކުންވެސް އެބަބުނޭ، މިމަދަރުސާގައި ނެތީ ދިވެހި ޓީޗަރަކާ ޤުރްއާން ޓީޗަރަކާއޭ. ދެން އަޅުގަނޑު ހިތަށްއަރާ ހަމަ މީގައި ޖަވާބަކީ ތިޔައީ ވަރަށް ރަނގަޅު ވާހަކައެކޭ ދައްކަން. އަޅުގަނޑުމެންނަށް މިހާހިސާބަށް އާދެވުނުއިރުގައި ދިވެހި ކިޔަވައިދޭނެ ޓީޗަރެއް މަދަރުސާއެއްގައި ނެތުނީމާ ދެން އަޅުގަނޑަށް ހީވަނީ އެއޮތީ ހަމަވަރަށްބޮޑަށް ކޮންމެވެސްކަމެއް އަތުން ދޫކޮށްލެވިފައިހެން ބީވެ ގޮސްފައިހެން.

މަދަރުސާ ތަރައްޤީ ކުރުމަކީ މި ސަރުކާރުގެ ވަރަށްމުހިންމު ވަރަށް ބޮޑު އަމާޒެއް. އަޅުގަނޑުމެންގެ ނަޒަރުގައި ޙަޤީޤީ ތަރައްޤީ ގެނެވޭނީ، މަދަރުސާ ތަރައްޤީ ކޮށްގެން. ޞިއްޙީ ޚިދްމަތްތައް ރަނގަޅަށް ދީގެން. ވަޒީފާގެ ފުރްޞަތުތައް ފުޅާކޮށްގެން. އެހެންވީމާ، މި ތަރައްޤީއަށް، އަޅުގަނޑު މިދަންނަވަނީ މިރަށުގެ ބަނދަރު އަޅުގަނޑުމެން މިހާރު ހަދާގޮތަށް ހުރިހާކަމެއް ނިމި، އެކަން ނިމިފައި އެއޮތީ. އެހެންނަމަވެސް މިއަދުވެސް މިސާލަކަށް އަޅުގަނޑު މިއަހާލީ، ކޮބައިބާއޭ، 25 މިލިއަން ރުފިޔާ. އެންމެރަނގަޅަށް މިރަށަށް ހޭދަކުރެވެން އޮތްގޮތަކީ. އަޅުގަނޑެއް ހަމަގައިމުވެސް ނުބުނާނަން، ފާހަގައެއް ނުކުރާނަން އެއީ، ބޮޑުހިލަޖެއްސި ބަނދަރެއް ހެދުންކަމަކަށް. ބަނދަރެއް ވަރަށްމުހިންމު. މިރަށުގެ އާމްދަނީއާ ހުރިހާ އެއްޗެއް ގުޅިފައިއޮތީ މަސްވެރިކަމާ. މަސްވެރިންގެ އޮޑިދޯނިފަހަރު ރައްކާތެރިކަމާއެކީގައި ސަލާމަތްކަންމަތީގައި ބެހެއްޓޭނެގޮތް ހޯދައިގެންނޫނީ، ރަށުގެ ތަރައްޤީއެއް ނުނުކުންނާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ސީދާ ރަނގަޅު ތަރައްޤީއެއް ނެރުމަށް ޓަކައި ރައްޔިތުން ތަރައްޤީކުރުން. ރަށް ތަރައްޤި ކުރުން އަދި އޮތްތާނގައި އޮއްވާ، ރައްޔިތުން ތަރައްޤީ ކުރުން. އަޅުގަނޑުމެން ރަށުމީހާ، މަތިވެރީ މީހާ ތަރައްޤީވެގެންދިއުން. އެމީހާއާ އަޅާލެވުން ނޫންގޮތެއް އަޅުގަނޑަކަށެއް މިކަމަކުން ނުފެނޭ. އެހެންވީމާ، އަޅުގަނޑުމެން މިމަގަށް މަސައްކަތް ކުރުމުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކޮށް އަރުވަން، އަޅުގަނޑެއް ފަރުވާކުޑައެއްވެސް ނުކުރާނަން. އަދި އަޅުގަނޑެއް ކަންކަން އަޅުގަނޑުއަތުން ކައްސާލައި، އިރާދަކުރެއްވިއްޔާ ދިޔަކައެއްވެސް ނުދޭނަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން، މި ރާއްޖޭގެ ޚަޒާނާގައި ހުރީ ތިޔަބޭފުޅުންގެ އެއްޗެހި. އެއީ، ތިޔަބޭފުޅުންގެ މުއްސަނދިކަން. އަޅުގަނޑެއް އޭގެއިން އެއްޗެއްގައި ޖެހިގެން އޭގެއިން ލޯ ލާރިއެއްގައިވެސް، ޒައްރެއްގެ މިންވަރުގައިވެސް އަޅުގަނޑެއް ނުޖެހޭނެ. އަދި އަޅުގަނޑަށް އެނގިގެން މީހަކު ޖެހިއްޖިއްޔާ އޭގެ ޙައްޤު އަދަބު އިރާދަކުރެއްވިއްޔާ އެމީހަކަށް ދެވޭނެ. އެކަން ފުރިހަމައަށް ހިނގާނެ. އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިންވެސް އެދެނީ، ތިޔަބޭފުޅުންނަށް އެނގިހުރެ ސަރުކާރުގެ ވެރިޔަކު، ދައުލަތުގެ ސިޔާސީ މުވައްޒަފަކަސް އެހެން ބޭފުޅަކަށްވިޔަސް ތިޔަބޭފުޅުންނަށް އެނގިތިބެ ދައުލަތުގެ އެއްޗެއްގައި ޖެހި، އެކަން އަންގަންވާ ތަންތަނަށް ނާންގާ ތިބުމަކީ ވަރަށްބޮޑު ގޯހެއް. މުޅި ޤައުމު ހަލާކުކޮށްލުން އެއީ. އެއީ، އެންމެބޮޑު ގެއްލުން އޭރުން އެދެވުނީ ޤައުމަށް.

މި ސަރުކާރަކުންނެއް މީހުން ހިފާ ހައްޔަރެއް ނުކުރާނެ، މި ސަރުކާރަކުންނެއް ތިޔަބޭފުޅުންނަށް އަނިޔާއެއް ނުކުރާނެ. މި ސަރުކާރަކުންނެއް ޙައްޤަކާނުލައި އެއްވެސް މީހަކަށް ރަނގަޅު ފުރިހަމަ ޝަރީޢަތާއި ޝަރްޢީ ނިޒާމުގެ ހުރިހާ މަރްޙަލާއެއް ނިމިގެންނުނީއްޔަކާއެއް މީހަކަށް އިރާދަކުރެއްވިއްޔާ އަދަބެއް ނުދޭނެ. އަޅުގަނޑުމެންގެ ބޭނުމެއްނޫން އެއީކީ. އެހެންވީމާ، އެކަންކަން ރަނގަޅަށް ވިސްނަވައިގެން އަޅުގަނޑުމެން އެންމެންނަށް މިރާއްޖޭގެ ތަރައްޤީގައި ބައިވެރި ވެވޭނެގޮތްތައް ހޯދައިގެން، ތަރައްޤީގެ މަގުގައި ބާރަށް ދިއުމަށް އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ހަމަ ގޮވާލަން، ހުރިހާ ބޭފުޅުންގެ ކިބައިންވެސް އެދެން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم