بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ނައިބު ރައީސް. ދައުލަތުގެ ވަޒީރުން. ޕްރޮވިންސްތަކުގެ ސްޓޭޓް މިނިސްޓަރުން. އަދި މިބައްދަލުވުން އަޑު އައްސަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

މިއަދާ ހަމައަށް އެނގިވަޑައިގަންނަވާނެ، މިކަން، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަސައްކަތް ހިންގަމުން އަޅުގަނޑުމެން މިގެންދިޔައީ، ހަމައެކަނި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މަސައްކަތް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ތެރޭގައި. ރާއްޖޭގެ ޤާނޫނުތަކާއި އަޅުގަނޑުމެންނަށް އެކުލަވާލެވިފައި ލިބިފައިމިވާ ޤާނޫނުއަސާސީގައި، ކޮންމެ ވުޒާރާއެއްގެ އެންމެހާ ކަންކަމާއި ޒިންމާވާންޖެހެނީ ވަޒީރަކު. އެ ވުޒާރާއެއް ހިންގަވާ ވަޒީރު ބޭފުޅަކު. އަޅުގަނޑުމެން އެކުލަވާލުމަށް އަމާޒު މިކުރާ އުޞޫލަކީ، މިދެންނެވި ހުރިހާ ވަޒީރުންގެވެސް މަސްއޫލިއްޔަތާއި ޒިންމާ، ކޮންޓްރެކްޓްގެ އުޞޫލުން ޕްރޮވިންސް މިނިސްޓަރުންނާ ޙަވާލުކޮށް، އެ މިނިސްޓަރުންގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކުގައި، 7 ސަރަޙައްދެއްގައި އެމަސައްކަތް ބަލަހައްޓަމުން، އެގޮތަށް ސީދާގޮތުގައި ކުރަމުން ގެންދިއުން. މިބައްޓަމަށް މިކަން ގެނެސްދެއްވުމުގައި، ބަންޑާރަނައިބު ކޮށްދެއްވި މަސައްކަތާއި އަދި ވަޒީރުންގެ މަޖިލީހުން ޚާއްޞަކޮށް މިކަމަށް ނެންގެވި ކޮމިޓީއާއި، އެކޮމިޓީގައި މަސައްކަތްކޮށްދެއްވި އެންމެ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެން ޤާނޫނަކުން ބޭނުންވެގެން މިއުޅެނީ އިދާރީ ދާއިރާތައް ހިންގާނެ އުޞޫލުތައް ކަނޑައަޅަން. މިއަދު އަޅުގަނޑުމެން މި ހިންގާ މަސައްކަތަކީ އިދާރީ މަސައްކަތް. އެއީ، ސަރުކާރުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ހިންގާނެ އުޞޫލެއް ކަނޑައެޅުން. އަޅުގަނޑު މީގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ރައްޔިތުންނަށްވެސް، އެންމެ ބޭފުޅުންނަށްވެސް އަޅުގަނޑުގެ ނަޒަރުގައި ސާފުވެގެންދާނެ، މިއޮންނަނީ ތިންބާރު. އެއްބާރަކީ ވެރިކަން ހިންގާ ބާރު. އަނެއް ބާރަކީ ޤާނޫނުހަދާ ބާރު. އަނެއް ބާރަކީ ޝަރީޢަތް ހިންގާ ބާރު. އަޅުގަނޑުމެން މި ސާފު ކޮށްދޭ ވާހަކައަކީ، މިއަދު ވެރިކަން ހިންގާ ބާރު، އެ ބާރު ހިންގާގޮތް ޤާނޫނުއަސާސީގައި ކަނޑައެޅިފައި އެބައޮތް. އޭގައި އެ ބާރު ހިންގުމުގައި، އެ ބާރު ތަންފީޒު ކުރަމުން ގެންދަނީ ކޮންތަނެއްގައި އޮފީސްތައް މަރްކަޒު ކޮށްގެންތޯ ކަނޑައަޅައި ނިންމުމަކީ، ސީދާ ވެރިކަން ހިންގުމުގެ ބާރުގެ ކިބައިގައި ލިބިދީފައިވާ އުޞޫލެއް. ލިބިދީފައިވާ މަޞްލަޙަތެއް. އެއީއަކީއެއް އިތުރު ޤާނޫނެއް އެކަމަށް ބޭނުންވާ ކަމެއް ނޫން. ސަރުކާރުން ވަކިކަމެއް ހިންގާން ބޭނުންވަނީ ވަކިތަނެއްގައޭ. ޤާނޫނުއަސާސީގައި ކަނޑައަޅަނީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަކީ މިވެނި ރަށެކޭ. ރާއްޖޭގެ ވުޒާރާތަކުންދޭ ޚިދްމަތްތައް ދޭންޖެހެނީ ވަކިވަކި އޮފީސްތަކެއްގައި، ވަކިވަކި ތަންތަނެއްގައި ކަމަށް އެއްވެސް ޤާނޫނަކުން ނުވަތަ ޤާނޫނުއަސާސީއަކުން ކަނޑައެޅިގެން ކަނޑައަޅާފައި އޮތީކީއެއް ނޫން. އެހެން ނަމަވެސް، ޤާނޫނުއަސާސީގައި ކަނޑައަޅާފައި އެބައޮތް އުޞޫލުތައް ކަނޑައެޅުން. އެއީ ލާމަރްކަޒީ އުޞޫލުންނޭ އެކަން އަޅުގަނޑުމެން ހިންގަންޖެހޭނީ. އެހެން ގޮތަކަށް ދަންނަވަނީނަމަ، ގާނޫނު ހެދުމުގެ ބާރު. އެއަށް އަޅުގަނޑުމެން މިއުޅެނީ ކައުންސިލެއް އިންތިޚާބު ކުރަންވެގެން. އުޞޫލު ކަނޑައެޅުމުގެ ބާރު. މި ޤާނޫނު ހެދުމުގެ ބާރޭ އަޅުގަނޑުމެންނަކަށް ދެންނެވޭކަށެއް ނެތް. އެއީ ޤާނޫނުއަސާސީ ލާމަރްކަޒީ އުޞޫލަށްދާއިރު، ޤާނޫނު ހެދުމުގެ ބާރެއް ކައުންސިލްތަކަކަށެއް ނުދޭ. އެހެން ނަމަވެސް، މިކަން ވިސްނައިގަންނަން ފަސޭހަވާނެ، މާލޭގައި މައި ސަރުކާރުގައި މިއޮތް އުޞޫލަށް އަޅުގަނޑުމެން ބަލައިލައި، ދެން އެ ކުދިކުރީމާ، ބައިބައިކުރީމާ އޮންނާނެ ގޮތުގެ މައްޗަށް ވިސްނާލެވުނީމާ. ވެރިކަން ހިންގުމުގެ ބާރު އެއީ "ރައީސުލްޖުމްހޫރިއްޔާ". ޕްރޮވިންސްގެ ލެވެލްގައި ވެރިކަން ހިންގުމުގެ ބާރަކީ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުން. ޤާނޫނު ހެދުމުގެ ބާރު އެއީ ރައްޔިތުންގެ މަޖިލިސް. ޕްރޮވިންސްގެ ލެވެލްގައި ޤާނޫނު ހިންގުމުގެ ބާރަކީ އަތޮޅު ކައުންސިލް. ޤާނޫނުއަސާސީ އެބުނާ އަތޮޅު ކައުންސިލް. ދެން ހަމަ ޝަރީޢަތް ހިންގުމުގެ ބާރު އެއީ، ހުރިހާ އަތޮޅެއްގައިވެސް، ހުރިހާ ރަށެއްގައިވެސް ޤާއިމު ކުރެވިފައިވާ ޝަރްޢީ ކޯޓުތައް.

ޤާނޫނުއަސާސީގައި، ލާ މަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް، އަތޮޅުތަކާއި ރަށު ކައުންސިލްތައް ހިންގުން އެއީ، ޤާނޫނު ހެދުމުގެ ބާރެއް ނުވަތަ އުޞޫލު ކަނޑައެޅުމުގެ ބާރެއް، އެކިއެކި ސަރަޙައްދުތަކުގައި ޤާއިމުކުރާ ވާހަކައެއް. ހިންގުމުގެ ވާހަކައެއް ނޫން އެއީކީއެއް. ހިންގުން ހިންގާން މިޖެހެނީ ވެރިކަން ހިންގާ ބާރުން. އުޞޫލުތައް ހެދުމުގެ ބާރެއް އަތޮޅުތަކުގައި ކަނޑައެޅުމަށް ޤާނޫނުއަސާސީގެ 8 ވަނަ ބާބު މި ގޮވާލަނީ. އެބާރުއަޅަނީ. އެ އުޞޫލަކީ ކޮބާ؟ އެ އުޞޫލުތައް ހެދުމުގެ ބާރު ނުވަތަ އެ އުޞޫލުތައް ހެދުމުގެ ކައުންސިލް އެކުލަވައިލާނީ ކޮންގޮތަކަށްތޯ؟ މިކަމާ ގުޅޭގޮތުން މި ދެޕާޓީގެ ދެމެދުގައި ޚިޔާލު ތަފާތުވެ މިދަނީ. އެއްޕާޓީއަކުން އެދެނީ އެ އުޞޫލުތައް ހަދަންވީ ކޮންމެ އަތޮޅެއްގައިވެސް އެ އުޞޫލުތައް ހަދަމުން ގެންދާންވީއޭ. އަޅުގަނޑުމެންނަށް ފެންނަނީ، އެ އުޞޫލުތައް ހެދުން އެއީ، އަތޮޅެއްގެ ދަރަޖައިގައި ބާއްވަންވީ ކަމެއް ނޫނޭ ނުވަތަ އެ މިންވަރުގައި ބާއްވަންވީ ކަމެއް ނޫނޭ. އުޞޫލުތައް ހެދުން، އެއްކޮށްފައި ހެދުމޭ ބުއްދިވެރީ. އެހެންވީމާ، ދެތިން އިދާރީ ދާއިރާއެއް އެއްކުރުމަށްފަހު، އެއީ އަތޮޅެއްގެ ގޮތުގައި ކަނޑައަޅައި، އެ އަތޮޅަކަށް ކައުންސިލެއް އިންތިޚާބުކޮށް، އެ ކައުންސިލުން އުޞޫލުތައް ހިންގަމުން ގެންދިޔައީމާ، ރާއްޖޭގެ އިޤްތިޞާދަށްވެސް، ރާއްޖޭގެ ތަރައްޤީއަށްވެސް، މަޞްލަޙަތަށްވެސް، އޮމާންކަމަށްވެސް މާބޮޑަށް ފަހިވެގެންދެއޭ. އެއީ، އަޅުގަނޑުމެން ޤަބޫލުކުރާ ޙަޤީޤަތަކީ. އަޅުގަނޑުމެންގެ ނަޒަރުގައި ރާއްޖެއަށް ތަނަވަސްކަމާއި ކުރިއެރުން ލިބެން އޮތް މަގަކީ.

އަޅުގަނޑު ހަމަ މި ހިނދު ފާހަގަކޮށްލަން ބޭނުން. އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް އެއީ. މިދެންނެވި އުޞޫލު ކަނޑައެޅުމުގެ ބާރު، އަތޮޅު ކައުންސިލް ހިންގުމުގެ ކަންތައްތައް ޤާނޫނަކުން ކަނޑައެޅިގެންދާއިރުގައި، އެއީ ޕްރޮވިންސެއްގެ ގޮތުގައި ނުވަތަ އަތޮޅަކީ މިހާރު މިއޮތް އިދާރީ ދާއިރާއެއް ނޫންކަމަށް ނިންމައި، އަތޮޅަކީ މިހާރު މިހުރި ބައެއް އިދާރީ ދާއިރާތައް އެއްކޮށްލީމާ ނުކުންނަ ސަރަޙައްދެއް ކަމުގައި ކަނޑައަޅައި، "އަތޮޅު"ގެ މާނަ އަޅުގަނޑުމެން، އެމާނައިގައި އަލުން އަނބުރާ މާނަކުރުމުން، ޤާނޫނުއަސާސީގެ މައިގަނޑު އުޞޫލުތަކަކާ އަޅުގަނޑުގެ ނަޒަރުގައި ޚިލާފެއްނުވޭ. ދެން އަޅުގަނޑުމެން ބަލަން އޮތީ ޖިއޮގްރަފީގެ ޢާންމު އުޞޫލުތަކާ ޚިލާފުވޭތޯ. އަތޮޅަކީ ޖިއޮގްރަފީ ގޮތުން ބަލާއިރުގައި، ޤުދްރަތީ ގޮތުން ވަކިގޮތަކަށް އުފެދިފައި އޮންނަ ތަނަކަށް ކިޔާ ނަމެއް. ޤާނޫނުއަސާސީއަކު އަތޮޅެއް މާނަކޮށްފައެއް ނޯވޭ. ޤާނޫނުއަސާސީގައި އިދާރީ ދާއިރާތައް މާނަކޮށްފައި އޮންނަނީ. އިހަވަންދިއްޕޮޅަކީ އަތޮޅެއް. ފާދިއްޕޮޅަކީވެސް އަތޮޅެއް. އެދެމެދުގައި އެއޮންނަ ތިލަދުންމައްޗަކީވެސް އަތޮޅެއް. އަޅުގަނޑުމެންނަށް މިވަގުތު އެތަނުގައި އެބައޮތް ހއ. ހދ. ށ. ނ. ރ. ބ. ޅ. އެހެން ނަމަވެސް، ޙަޤީޤަތުގައި ޖިއޮގްރަފީ ގޮތުން އެއީ ތިންއަތޮޅު. ހުވަދުއަތޮޅުގައި ދެބުރި އޮންނަ ކަމަށްވަނީ. އެހެން ނަމަވެސް، ޖިއޮގްރަފީގޮތުން ހުވަދުއަތޮޅު އެއީ އެއްއަތޮޅެއް.

ރާއްޖޭގައި އެކިއެކި ޒަމާނުގައި، އެކިއެކި ވެރިކަމުގައި "އަތޮޅު" މާނަކޮށްފައި ހުރީ އެކިގޮތްގޮތަށް. އަޅުގަނޑުމެންނަށް އެންމެ ކުރިން އިސްދޫ ލޯމާފާނުން ފެންނާން އޮންނާނީ 13 އަތޮޅު. އެއަށްފަހު، އަޅުގަނޑުމެންނަށް ހަމަ ތަކުރާރުކޮށް 13 އަތޮޅު މާނަކުރެވެމުން އައިސް، މިފަހަކަށްއައިސް އަތޮޅުތަކުގެ ޢަދަދު ގިނަވެގެންދިޔައީ. ގޮސް ބައެއް އަތޮޅު ބައިކުރަމުން އަޅުގަނޑުމެން ގެންދިޔައީ. ނޫ ޤާނޫނުއަސާސީގެ ދަށުން އަރިއަތޮޅު އެންމެފަހުން ބައިކުރެވުނީ. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ދެން އަޅުގަނޑުގެ ހިތުގައި މިކަމުގައި ޝައްކެއްނެތް. ޤާނޫނީ ލަފާވެސް އަޅުގަނޑަށް މިކަމުގައި ލިބިފައި އެބަހުރި. އަތޮޅަކީ ކޮބައިކަން، ޤާނޫނުއަސާސީގައި މާނަކުރެވޭނެ އުޞޫލަކާއި، މި ލާމަރްކަޒީ ބިލް ބައްޓަންކޮށްގެން ކުރިއަށް ގެންގޮސް އަވަހަށް އެ ބިލް ފާސްކުރުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް މުހިންމު ކަމެއް.

އަޅުގަނޑަށް ލަފާކުރެވެނީވެސް އަދި އަޅުގަނޑަށް ޔަޤީންކުރެވެނީވެސް ޑީ.އާރު.ޕީ އިންވެސް މިކަމަކާ އިންކާރެއް ނުކުރައްވާނެ. އެބޭފުޅުން މަޝްވަރާގެ މޭޒުގައި މިކަމާ ސަރުކާރާއެކު އެއްބައިވެގެން، އެއްބަސް ކިޔައިގެން މަޝްވަރާކޮށް، ހުރިހާ ފަރާތަކަށް ހަމަޖެހޭގޮތަކަށް މިކަން ނިންމޭނެ ފުރްޞަތެއް އަޅުގަނޑުގެ ނަޒަރުގައި ޑީ.އާރު.ޕީ.ގެ ފަރާތުންވެސް އަޅުގަނޑުމެންނަށް ލިބިގެންދާނެ. އެޕާޓީއަކީ ޒިންމާދާރު ޕާޓީއެއް. އަދި ޚާއްޞަކޮށް، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ވަރުގަދަ ކުރަމުން އަދި އެޕާޓީ ޒުވާންވަމުންދާއިރުގައި، އެ ޕާޓީއަށް މި ދުރު ވިސްނުން ނުފެންނާނެ، ނުލިބޭނެ އެއްވެސް ސަބަބެއް މިހާރު އަޅުގަނޑަކަށެއް ނުފެނޭ. އަޅުގަނޑަކަށް މިހާރު އެ ޕާޓީގެ ކިބައިގައި އަދި އެޕާޓީގެ ފަރާތުގައި، އުޞޫލީ ކަންކަމާ ޚިލާފުވެގެންދިއުން، ގޮތެއްނެތި ހަމައެކަނި އިންކާރު ކުރުމަށްޓަކައި އިންކާރު ކުރުމުގެ ވިސްނުން މިވަގުތު އެ ޕާޓީގައި ހުންނާނެ ކަމަކަށް އަޅުގަނޑަކަށެއް ނުފެނޭ. އެޕާޓީ ވަރަށް ބޮޑަށް އާވެއްޖެ. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންނަށް އިށީނދެތިބެ، އެ ޕާޓީއާ ވާހަކަ ދައްކައިގެން، މިކަން ކުރިއަށް ގެންދިއުމަކީ މިވަގުތު އަޅުގަނޑުމެންނަށް ލިބިފައި އޮތް ވަރަށްބޮޑު ފުރްޞަތެކޭ. އަޅުގަނޑު އެ ފުރްޞަތުގެ ބޭނުން އިރާދަކުރެއްވިއްޔާ ވީ އެންމެ އަވަހަކަށް ހިފައި، އަޅުގަނޑުމެންނަށް އެކުގައި މިކަން ނިންމޭނެ ގޮތެއް ހޯދައި، ރައްޔިތުންގެ މަޖިލިސް ހަމަ ފެށުމާއެކު، އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ބިލް ނިންމައި، އަޅުގަނޑުމެންނަށް މިކަމުގެ އިންތިޚާބަކަށްދެވި، އެ އެންމެހާ ޚިދްމަތްތައް އެމަގުން ރައްޔިތުންނަށް ފޯރުކޮށްދެވޭނޭ ކަންކަން ހަމަޖެހިގެންދާނެކަމާމެދު އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއްނުކުރަން.

އަޅުގަނޑު މި މައުޟޫޢުން ބޭރުން ހަމަ އެންމެ ކުޑަކުޑަ ވާހަކައެއް ދަންނަވާލަން ބޭނުން. އަޅުގަނޑުމެންނަށް މިއަދު އިޢްލާނު ކުރަން އަނެއްކާވެސް ހަމަ ޖެހިފައި މިވަނީ، އައި.އެމް.އެފް.އިން ނެރުއްވާފައިވާ، ސިވިލް ސަރވަންޓުންނާ ގުޅޭގޮތުން ނެރުއްވާފައިވާ ބަޔާނަށް ސަރުކާރުން ތާއީދުކުރާ ވާހަކަ. އައި.އެމް.އެފް.އިން އަދި ވާރލްޑް ބޭންކުންވެސް ޚާއްޞަ ގޮތެއްގައި އިޝާރާތް ކުރަނީ، ބަޔާނުގައި އައި.އެމް.އެފް.އިން އިޝާރާތް ކުރަނީ، މުޅި ދުނިޔޭގެ ހުރިހާ ސަރުކާރެއްގެ ތެރެއިންވެސް ދިވެހި ސަރުކާރުގެ ސަރުކާރު މުވައްޒަފުންގެ މުސާރައިގެ ޢަދަދު، ނިސްބަތް، މިންވަރު ބޮޑޭ އެހެން ހުރިހާ ޤައުމެއްގެވެސް، އެޤައުމެއްގެ އުފެއްދުންތެރިކަމާ އަޅުވައި އޮންނަ މިންވަރަށްވުރެ. މި ދިވެހިރާއްޖެ މިވަނީ މިކަމުގައި ރަން ވަނައެއް ހޯދާފައި. އަޅުގަނޑުމެންނަށް އެ ވަނަ ދަމަހައްޓަމުން ގެންދިޔައީމާ، ކަންވެގެންދާގޮތް އައި.އެމް.އެފް. އިންނާއި އަދި ބައިނަލްއަޤްވާމީ އެކިއެކި މާލީ އިދާރާތަކުން އެބަ ފާހަގަކުރޭ.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކުގައި ސިވިލް ސަރވިސް ކޮމިޝަނުންނާއި އަދި ވަރަށް އިޚްލާޞްތެރިކަމާއި އޯގާތެރިކަމާއި ތެދުވެރިކަމާއެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެތައް ސަރުކާރު މުވައްޒަފުންނެއްގެ ކިބައިން ހަމަ އެދެނީ، މިއަހަރު އެބޭފުޅުން މުސާރަ، އެ އަލުން އަނބުރާ ފަނަރަ ޕަސެންޓް އިތުރުކުރުމަށް، އެ ވަކާލާތު ކުރައްވާ މިންވަރު ނުވަތަ ކުރެއްވުން ކުޑަކޮށް ފަސްޖައްސަވާލައްވައި، މުޅި ހުރިހާ ރައްޔިތުންގެ ފައިދާއާއި، ދިވެހިރާއްޖޭގެ ތަރައްޤީއާއި، އަޅުގަނޑުމެން އެންމެންގެ ކުރިއެރުމަށް ވިސްނަވައި، އެބޭފުޅުން ޢަމަލު ކުރެއްވުމަށް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް އެނގޭ، ސަރުކާރު މުވައްޒަފުންނަކީ މިކަންކަމުގެ ދެކޮޅު ނުބަލައި ކަންކުރަމުން ގެންދާ ބައެއް ނޫން. ބޭފުޅުންނެއް ނޫން. އަޅުގަނޑަށް ޔަޤީން، އެމުވައްޒަފުން އެމައްޗަށް އެއްބަސްވެވަޑައިގަންނަވާކަން. އަޅުގަނޑަށް އެއީކީއެއް އޮޅިފައި އޮތް ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑު ސަރުކާރު މުވައްޒަފުންނަށް މިކަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޚާއްޞަކޮށް، އެމުވައްޒަފުން މިކަން ތަޙައްމަލް ކުރައްވަމުން ގެންދަވާ ކަމަށްޓަކައި. ގިނަ މުވައްޒަފުންނަކީ، އެއްވެސް ޙާލެއްގައި ދެރައީކީއެއް ނޫން. ލިބޭ އެއްޗެއް އުނިވީމާ ދަތިނުވާނީކީއެއްވެސް ނޫން. އެހެން ނަމަވެސް، ގިނަ މުވައްޒަފުންނަކީ މިކަން ތަޙައްމަލް ކުރަން ޖެހިއްޖެކަން ވަރަށް ރަނގަޅަށް، އެންމެ ބޮޑަށް ވިސްނި، އެކަމުގެ މައްޗަށް ޢަމަލު ކުރައްވަން އެދި ތިއްބެވި މުވައްޒަފުންކަން އަޅުގަނޑަށް ޔަޤީން.

އަޅުގަނޑާ ސަރުކާރު މުވައްޒަފުންނާ ބައްދަލުވޭ ވަރަށް ގިނައިން. އަޅުގަނޑު އަބަދުވެސް އެމުވައްޒަފުންނާ ބައްދަލުކޮށް ވާހަކަ ދެއްކޭތޯ ބަލަން. އެހެންވީމާ، އަޅުގަނޑު އެބޭފުޅުން އެކުރައްވާ މަސައްކަތަށާއި، އަދި މިކަމުގައި އެގެންގުޅުއްވާ ވިސްނުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު އެދެން، ސިވިލް ސަރވިސް ކޮމިޝަންވެސް، އަދި ސަރުކާރު މުވައްޒަފުންގެ އެސޯސިއޭޝަންވެސް، ޙަޤީޤީ ސަރުކާރު މުވައްޒަފުންގެ ވިސްނުމާ އެއްގޮތަށް އެބޭފުޅުން ވަކާލާތު ކުރައްވާނެ. ސަރުކާރު މުވައްޒަފުންގެ ވިސްނުން އަޅުގަނޑުމެންނަށް ސާފު. އެބޭފުޅުން އެދެނީ، ދިވެހިރާއްޖެއަށް ރަނގަޅާއި ދިވެހިރާއްޖެއަށް ހެޔޮ. އެބޭފުޅުން އެދެނީ، އަޅުގަނޑުމެން ރާއްޖޭގެ ތަރައްޤީ.

މިކަން މިހެން ހުރުމާ އެކުގައި، އަޅުގަނޑު މިއަދު މިނިސްޓަރ އޮފް ފިނޭންސް އަރިހުގައި ދެންނެވިން. އަޅުގަނޑުމެންނަށް މިކަން އަދި ވިސްނިފައި ނެތް ނަމަވެސް، ޤާނޫނީގޮތުން ސަރުކާރު މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު 7 ޕަސެންޓް ޕެންޝަނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ޤާނޫނެއް ފާސްކޮށްފައި. އަޅުގަނޑުގެ ނަޒަރުގައި އެއީ، ސަރުކާރު މުވައްޒަފުންނަށް އުފުލޭނެ ބަރެއް ނޫން މިވަގުތު. އެހެންވީމާ، އަޅުގަނޑު މިނިސްޓަރ އަރިހު ދެންނެވިން، އެ 7 ޕަސެންޓަށްވާ ފައިސާ، އެއީ މިއަހަރަށް 140 މިލިއަން ރުފިޔާ. އެފައިސާ ސަރުކާރުން އެބޭފުޅުންނަށް ދައްކަވައިދެއްވާށޭ. އެހެންވީމާ، އަޅުގަނޑު މިއަދު މިނިސްޓަރ އަރިހު ދަންނަވާފައިވާނެ، ސަރުކާރު މުވައްޒަފުންގެ ޕެންޝަނަށްވާ ފައިސާ، ސަރުކާރުން ދައްކަވައިދެއްވުމަށް. މުވައްޒަފުންގެ އަތުން މިހާރު މިކަން މިހެން އޮތްއިރުގައި އަތުނުލެއްވުމަށް. ސަރުކާރުން އެކަން ދައްކަވައިދެއްވުމަށް. އެހެންވީމާ، އަޅުގަނޑަށް މިއަދު ވަރަށްބޮޑު އުފަލެއް މިއީ ލިބޭ. ސަރުކާރު މުވައްޒަފުންނަށް، އަޅުގަނޑުމެންނަށް ޕެންޝަންގެ ގޮތުގައި އަޅުގަނޑު ހަނދާންވަނީ، 140 މިލިއަން ރުފިޔާ ޕެންޝަންގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް، އަޅުގަނޑުމެންނަށް މިއަދު މިވަނީ ދެއްކިފައި. އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް ހަމަ ނިންމާލަމުން، ލާމަރްކަޒީ އުޞޫލުން ހިންގުމާވެސް ޙަޤީޤަތުގައި ގުޅިފައި މިވަނީ ސަރުކާރުގެ މުވައްޒަފުންނާ. އެމުވައްޒަފުންގެ ހިންގުން މީގައި އެންމެ މުހިންމީ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި އަޅުގަނޑު ދަންނަވާނީ، ޕްރޮވިންސް މިނިސްޓަރުންގެ މަސައްކަތް، އެބޭފުޅުން ބަހައްޓަވަންޖެހޭނީ، ރަށު ރައްޔިތުންނާއި އަތޮޅު ރައްޔިތުންނާ ގުޅިގެން ކުރާގޮތަށޭ. އަޅުގަނޑު ދަންނަވާނީ، މިކަން މިހާރު ހިނގަނީކީ އެންމެ ރަނގަޅަކަށް ނޫނޭ. އަޅުގަނޑާ އެއްވަރަށް ބައެއް ބޭފުޅުން ދަތުރުކޮށްފައި ނެތް ކަމަށްވެސް ބައެއްފަހަރަށް އަޅުގަނޑަށް އެބަހީވޭ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ހުރިހާ ޕްރޮވިންސް މިނިސްޓަރުންވެސް، ރައްޔިތުންގެ ހާލުއަހުވާލު ފުރިހަމައަށް ބައްލަވަންޖެހޭނެ. އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލުކުރާނެ ކަމެއް ނޫން އެއީ، ޕްރޮވިންސް މިނިސްޓަރުންނަށް މަދުވެގެން މަހަކު އެއްފަހަރު ހުރިހާ ރަށަކަށް ނުވަތަ ދެމަހުން އެއްމަހު ނަމަވެސް، ހުރިހާ ރަށަކަށް އެރެންޖެހޭނެ. މިހެން އަޅުގަނޑު ދަންނަވާއިރުގައި، ހއ. ހދ. ށ. ގައި އަޅުގަނޑަށް ހީވަނީ ސާޅީހަކަށް ރަށް އެބަވޭހެން. އެހެންވީމާ، މަހަކު އެއްފަހަރު އަރަންޏާ މިނިސްޓަރު ރަށު މޭޒު ކައިރީގައި އިންނަވާނެ ވަގުތެއް ނުލިބޭނެ. ދެން އެހެން ނަމަވެސް، އެއްގޮތަކަށް ނުދެވި އޮތުން އެއީކީއެއް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި ވަކި ބަޔަކާ މައްސަލަ ޖެހިގެން ތިބުން. އަޅުގަނޑުމެންނާ މައްސަލަ ޖެހިގެން، ރައްޔިތުންގެ ތެރެއިން ބަޔަކު ނުރުހިގެން ތިބެދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކަށް ނުތިބެވޭނެ ރައްޔިތުންނާ މައްސަލަ ޖެހިގެނެއް. އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ ރައްޔިތުންނާ އެކުގައި. އަޅުގަނޑުމެންނާ ކިތަންމެ ނުރުހި ބައެއް ބޭފުޅުން ތިއްބެވި ކަމުގައިވިޔަސް. އަޅުގަނޑުމެން ގިނަ ޕާޓީ އެކުލަވާލެވޭ ސިޔާސީ ނިޒާމެއް އެކުލަވާލުމަށް ވަކާލާތު ކުރީ މިދެންނެވި ސަބަބަށްޓަކައި. އޮޕޮޒިިޝަނެއް، ވާދަވެރި ބައެއް އަޅުގަނޑުމެންގެ ތެރޭގައި ތިބެންޖެހޭނެ ކަމަށް އަޅުގަނޑުމެންގެ ހިތުގެ އަޑިން ގަބޫލުކުރެވޭތީވެ. ވާދަވެރި ބައެއް ތިބެގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ނުލިބޭނެ ކަމަށް އަޅުގަނޑުމެންނަށް ހިތުގެ އަޑިން ގަބޫލު ކުރެވޭތީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!

______________________