بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިއަދު ތިޔަބޭފުޅުން މެދުވެރިކޮށް، މިބައްދަލުވެލީ މިއަދު އަޅުގަނޑު ރާއްޖެއިން ބޭރަށް ފުރާތީއާއެކު. އަދި ބައެއް އެހެންވެސް އޭގެއިތުރުން ތިޔަބޭފުޅުން އޮޅުންފިލުވާލަން ބޭނުންވެފައި ހުރި މަޢްލޫމާތެއް އޮވެދާނެ ކަމަށް. އަޅުގަނޑަށް އެނގިހުރި މިންވަރަކުން ތިޔަބޭފުޅުންނަށް އެ މަޢްލޫމާތުތަކެއް އެރުވުމަށްޓަކައި.

އަޅުގަނޑު މިއަދު ފަށާއިރު ހަމަ ދެތިން ނުކުތާއެއް ފާހަގަކޮށްލަން ބޭނުން. ފުރަތަމަ ކަމަކަށް މާލޭގެ ކަރަންޓްގެ އަގު ބޮޑުވެގެންދިޔުމާ އެކުގައި، އެކަމާ ކަންބޮޑުވާ ރައްޔިތުން މަދެއް ނޫން. އަޅުގަނޑުމެން އެކަން ބަލައިގަންނަން. އަޅުގަނޑުމެން އެކަން ގަބޫލުކުރަން. އެހެންވެ، ސަރުކާރުން މިހާރު ނިންމާފައިވަނީ، މީގެކުރީގައި ސަބްސިޑީ ޙައްޤުވާ ފަރާތްތައް ކަމަށް ކަނޑައަޅާ މިންގަނޑުތައް، ކުރިއަށްވުރެ މާބޮޑުތަނުން ލުއިކުރަން. ކުރީގައި ކަނޑައެޅިފައި ހުރީ 1997 ނުވަތަ 2000 ވަނަ އަހަރާ ހިސާބުގައި، ގޭގޭގެ އާމްދަނީއާއި ޚަރަދުގެ ސަރވޭއެއްގެ މައްޗަށް ބިނާކޮށް، ދުވާލަކަށް އެކާވީސް ރުފިޔާ ނުޖެހެނީނަމަ، އެއީ، ފަޤީރެއްގެ ގޮތުގައި ކަނޑައެޅިގެން. އަޅުގަނޑުމެން މިހާރު މި އަލުން އަނބުރާ އެޢަދަދު މުރާޖަޢާކޮށް، އެ ޢަދަދަކީ އެއަށްވުރެން މާމަތީގެ ޢަދަދަކަށް ހެދިދާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަން އެބައޮތް. އެހެންވީމާ، ސަރުކާރުން މިހާރު މިދެކެނީ، ކަރަންޓް ބިލް ދެއްކުމަށް ދަތިވާ ގިނަ ފަރާތްތަކަށް، ހަމަ ގިނަ ބައިވަރު ފަރާތްތަކަށް ސަބްސިޑީ ފޯރުކޮށްދެވޭނެ ކަމަށް. ފޯރުކޮށްދެވޭނެ އިރާދަކުރެއްވިއްޔާ. މާލޭގައި އެކަން އެގޮތަށް ހިނގާނެ. ދެން އެކަން އެގޮތަށް ހިންގުމަށްޓަކައި ހަމަ ދަތިވާ ފަރާތްތަކުން އެ ފޯމުގައި އެކަން ފާހަގަކުރެއްވުން އެއީ، ވަރަށް މުހިންމު ކަމެއް. ސަރުކާރަށް އެބަ ލިބެންޖެހޭ ދަތިވާ ފަރާތްތަކާ ގުޅޭ މަޢްލޫމާތު. ދަތިވަނީ ކޮން ފަރާތްތަކަކަށްތޯ އެނގުނީމާ، އެ ބަލާފައި، އެފަރާތަކަށް އެ ސަބްސިޑީ ފޯރުކޮށްދިނުން މީގައި އޮތީ.

ހަމައެހެންމެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އަޅުގަނޑުމެންނަށް މިހާރު މިހުރިގޮތުން މާލޭގައި، މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ތައިލެންޑްގެ "ޕެރިޔުކްސާ" ކުންފުންޏާ އެކުގައި ހުޅުމާލޭގައި 400 ޔުނިޓާއި، މާލޭގައި 250 ޔުނިޓް ގެ އެޅުމުގެ ސޮއި އިރާދަކުރެއްވިއްޔާ ކުރާގޮތަށް މިހާރު ހަމަޖެހިފައި އޮތީ. މިމަހުގެ 26 ވަނަ ދުވަހު އެބޭފުޅުން މާލެ ވަޑައިގެން. އެހެންވީމާ، އެކަމާ ގުޅޭ ހުރިހާ މަސައްކަތެއް މިހާރު ހުރީ ހަމަޖެހި ނިމިފައި. އަޅުގަނޑުމެން ހަމަޖައްސައި ނިންމަމުން މިހާރު މިގެންދަނީ ޓާޓާއާ އެކީގައި ވެވޭ އެއްބަސްވުން. އެ އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ގެ އަޅަން ފެށެނީ މާލެއަކު ނޫން. އަޅުގަނޑުމެން ޕްރޮވިންސްތަކުގައި، އަތޮޅުތަކުގައި ޓާޓާއާއެކު އެޅޭ ފްލެޓްތައް، ގެތައް، ހައުސިންގ ޔުނިޓްތައް އެޅުން މިއޮތީ. އެހެންވީމާ، އެމަސައްކަތް އަޅުގަނޑުމެން މިބަލަނީ، އެމަސައްކަތްވެސް އަޅުގަނޑުމެން މިދެކެނީ، ޖަނަވަރީ މަސް ނިމުމުގެ ކުރީގައި އަޅުގަނޑުމެންނަށް ސޮއިކުރުމާ ހިސާބަށް ގެންދެވޭނެ ކަމަށް. އަޅުގަނޑުވެސް ހަމަ ގަބޫލުކުރަން. އަޅުގަނޑުމެން މީގެކުރީގައި މި ހައުސިންގ ޔުނިޓުތައް އެޅޭނެ ކަމަށް ލަފާކުރަމުން އައީ، ނުވަތަ އޭގެ އެގްރީމަންޓްތަކުގައި ސޮއިކުރެވޭނެ ކަމަށް އަޅުގަނޑުމެން ލަފާކުރަމުން އައީ، ނޮވެމްބަރުމަހުގެ ތެރޭގައި އެކަން ކުރުމަށް. އެހެން ނަމަވެސް، މިއީ އަލަށް ކުރާ ކަމަކާ އަދި ދިމާވާ އެތައް އެތައް ކަމަކާ ގުޅިގެން، މިކަންކަން ޖަނަވަރީ މަހަށް ފުރޮޅި، ފެބްރުއަރީ މަހަށްވެސް ލަސްވެގެން މިދަނީ. ސީދާ ޢަމަލީގޮތުން އަޅުގަނޑުމެންނަށް މަސައްކަތް މާލޭގައި ފެށޭއިރުގައި އަޅުގަނޑަށް ހީވަނީ މާޗް، އޭޕްރީލާ ހިސާބަށް އޮންނާނީ ގޮސްފައިހެން.

ހަމަ އެއާއެކުގައި އިސްލަމިކް ޑިވެލޮޕްމަންޓް ބޭންކް އެއީ، އޭގެ ކޯޕަރޭޓް ވިންގް އައި.ސީ.ޑީ.އާ އެކުގައި ރާއްޖޭގައި ހުޅުވަން އުޅޭ ބޭންކެއް ހުޅުވުމުގެ މަޝްވަރާތައް އެމް.އެމް.އޭ.އާ އެކީގައި ކުރިއަށް އެބަދޭ. އެއީ [ރިޗް ސޮލިއުޝަން[ ކިޔާ ބަޔަކާއި އައި.ސީ.ޑީ އާ ގުޅިގެން އެކަން ހިނގަމުން މިދަނީ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، އެމް.އެމް.އޭ. އަށް އެކަމާ ގުޅޭގޮތުން ފަހި މަޢްލޫމާތާއި އަދި ކަން ރީތިގޮތުގައި ބާރަށް ކުރިއަށް ގެންދެވޭނެ ގޮތްގޮތް ހަމަޖެހިގެންދާނެ ކަމަށް.

އަޅުގަނޑު ހަމަ މިއަދު ދެން އިތުރަށް ފާހަގަކޮށްލަން އޮތީ، ވަރަށްގިނަ ޢަދަދެއްގެ ކިޔަވާ ކުދިންނަށް ދެބާވަތެއްގެ، މާލޭގައިވެސް މަތީ ތަޢްލީމުގައި އުޅޭ ކުދިންނަށް އަދި ރާއްޖެއިން ބޭރުގައިވެސް މަތީ ތަޢްލީމު ޙާޞިލުކުރާ ކުދިންނަށް، އެކުދިންގެ އެލަވަންސް، ސްޓައިޕަންޑްގެ ދަތިތަކެއް އެބައާދޭ. އެހެންވީމާ، މިހާރު ސަރުކާރުން މި ނިންމަނީ، ކިޔަވާ ކުދިންނަށް ވަރަށް ލުއި ލޯނު، ފަންސާސް މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް އުފައްދަން. އުފައްދާފައި ކިޔަވާ ކުދިންނަށް އެ ލޯނު ލިބޭގޮތް ހަމަޖައްސަން. އިރާދަކުރެއްވިއްޔާ، ބާރަށް އަޅުގަނޑުމެންނަށް މިމަސައްކަތް ކުރެވުނީ ކަމަށްވަންޏާ، ޖަނަވަރީ ނިމުމުގެ ކުރީގައި އަޅުގަނޑުމެންނަށް މިކަންވެސް ފަހިވެގެންދާނެ.

ދެން އަޅުގަނޑު އަނެއްހެން ހަމަ ބައެއް މަޢްލޫމާތު ތިޔަބޭފުޅުންނަށް އެރުވީ. ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު މިހުރީ ތައްޔާރަށް.

ޙުސައިން ފިޔާޒް – ހަވީރު ނޫސް:

މަނިކުފާނު ވިދާޅުވެއްޖެ. އިސްލަމިކް ބޭންކެއް ރާއްޖެ އައުމުގެ ވާހަކައެއް، އެގްރީމަންޓްގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ވާހަކަ. އެ ބޭންކްގެ އިތުރުން، މަނިކުފާނު އަބަދުވެސް ދައްކަވަމުން ގެންދަވާ، އިޤްތިޞާދަށް ދުވެލި ފަހިކުރުމަށްޓަކައި، ހަލުވިކުރުމަށްޓަކައި ފައިސާ އިންޖެކްޓް ކުރަން އެބަޖެހެއޭ އިޤްތިޞާދަށް. އެކަންތައްތައް އަޅުގަނޑުމެންނަށް މާ ހަލުވިކޮށް ފެނިގެނެއްނުދޭ. އަދި މިވޭތުވެދިޔަ އަހަރަކަށް، މަނިކުފާނުގެ މިދައުރު މިހިސާބަށް އައިއިރުގައި، ކޮބައިތޯ މަނިކުފާނު ވިދާޅުވި އެހެން ބޭންކްތައް. އަދި އިޤްތިޞާދުގެ އެ ދުވެލި ހަލުވިކުރުމަށް ވިޔަފާރިވެރިންނަށް، ވިޔަފާރިކުރާ ފަރާތްތަކަށް ހުއްޓިފައި ހުރި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދިއުމަށް ރޭވިފައި ހުރި ކަންތައްތައް، ރޭވިފައި ވަރަށްގިނަ ކަންތައްތައް އެބަހުރި. މިހާތަނަށް އެކަންތައްތައް ނުގޮސް މިއޮތީ ކީއްވެތޯ. ވިޔަފާރިވެރިންނަށް މިހިނދުން މިހިނދަށް ދެވޭނެ އުންމީދަކީ ކޮބައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން ފަހަތަށް ބަލައިލައިފިނަމަ އިނގޭތޯ. 2008 ނޮވެމްބަރު 11 ގައި އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، ދައުލަތުގެ ރިޒަރވް، ފޮރިން ކަރަންސީ ރިޒަރވް ހުރީ ވަރަށް ވަރަށް ދަށުގައި. އެހިސާބުން އަޅުގަނޑުމެން އަރައިގަންނަން ޖެހުނީ. ހަމަ އޭގެއިތުރުން، އިންޓަރނަލް ޑެފިސިޓް. އެއީ އެމް.އެމް.އޭ އަށް ސަރުކާރުން ދަރާފައި އޮތް މިންވަރުވެސް އޮތީ ދުވަހަކުވެސް ރާއްޖެ ނުދެކޭހާ މަތީ ޢަދަދެއްގައި. ހަމަ އެއާއެކީގައި ލިބޭ އާމްދަނީ ދަށްވަމުން އައީވެސް ވަރަށް ބޮޑަށް. ދެން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުން ވިސްނަވައިފިނަމަ، އަދި ފާހަގަކުރައްވައިފިނަމަ، ފުރަތަމަ އަޅުގަނޑުމެންނަށް ލިބުނީ 100 މިލިއަން ޑޮލަރު، އިންޑިއާ ސަރުކާރުން ދިން ކްރެޑިޓްގެ ގޮތުގައި. ދެން އަޅުގަނޑުމެން މަސައްކަތް ކުރީ އެސް.ބީ.އައި.ގެ ސީލިންގ، ލެންޑިންގ ސީލިންގ އޭރުހުރީ އަޅުގަނޑުމެން ބަލައިލިއިރުގައި 700 މިލިއަން ޑޮލަރުގައި. އަޅުގަނޑުމެން މަސައްކަތް ކުރީ އެ މައްޗަށް ގެންގޮސްދިނުމަށް އިންޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން. އަދި އެސް.ބީ.އައި ސެންޓްރަލް ބޭންކާ ވާހަކަ ދައްކައިގެން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ކުރެވި، އެ ކްރެޑިޓް މިހާރު މިވަނީ ހަމަޖެހިފައި. ދެން އޭގެއިތުރުން ސަރުކާރުން އަނެއްކާވެސް ޓްރެޜަރީ ބޮންޑް ވިއްކައިގެން ފައިސާ ހޯދަން ނިންމީ. އެހެންވީމާ، ޓްރެޜަރީ ބޮންޑް ވިއްކައިގެންވެސް ސަރުކާރަށްވަނީ 50 މިލިއަން ޑޮލަރު އޭގެތެރެއިން ހަމަޖެހިފައި. އަޅުގަނޑު ދަންނަވާ ވާހަކައަކީ، އަޅުގަނޑުމެން އެންމެ ފުރަތަމަ އަންދާޒާ ކުރި މިންވަރު އަޅުގަނޑުމެންނަށް ރާއްޖެއަށް އެތެރެކުރެވިއްޖެއޭ. އެ އެތެރެކުރެވުނީތީއޭ މުޅި ރާއްޖޭގެ އިޤްތިޞާދު ހަލާކުނުވެގޮސް، އަޅުގަނޑުމެންނަށް މިއަދު މި ފިޔަވަޅުމަތީގައި މިތިބެވެނީ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، މާލިއްޔަތާއި އިޤްތިޞާދު ރާއްޖޭގައި އޮތީ، އެހެން އެއްވެސް ސަރުކާރެއް، އެހެން އެއްވެސް ޤައުމެއް ޑިމޮކްރަސީއަށް އެނބުރުނު ހިނދު ނެތްހާ ބޮޑު ޙާލަތުގައި. އިންފްލޭޝަން މައްޗަށްދަމުން ދިޔައީ. އަޅުގަނޑު މިދަންނަވާހެން ޑެފިސިޓް މައްޗަށްދަމުންދިޔައީ. ރިޒަރވް ހުރީ އެހާ ދަށުގައި. ރުފިޔާ ދިޔައީ އިތުރުވަމުން. އިޤްތިޞާދީ އަދި މާލީގޮތުން ޤައުމަކަށް ދިމާވާނެ ހުރިހާ ދައްޗަކާ ދިމާވެފައި. އަޅުގަނޑަށް ޔަޤީން، ބައިނަލްއަޤްވާމީ މާލީ ހުރިހާ އިދާރާތަކުން އެއްބަސްވާނެ. މިދިޔަ އެއްއަހަރު ދިވެހި ސަރުކާރުން އެ މާލިއްޔަތު އަލުން އަނބުރާ ހަމަ މަގަށް ގެނައުމުގައި ހިތްވަރާ އެކީގައި އެކުރެވުނު މަސައްކަތަކީ، މުޅި ބައިނަލްއަޤްވާމީ ދުނިޔެ އެކަމާ އެކީގައި ހެކިވާނެ ކަމެއް. ދެން އަޅުގަނޑުވެސް ގަބޫލުކުރަން، ރާއްޖޭގައި އަލަށް ޑިމޮކްރަސީ ތަޢާރުފުވެގެން، އަޅުގަނޑުމެން ޑިމޮކްރަސީއަށް ބަދަލުވެގެން މިއަންނައިރުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމާއި އަދި ޞުލްހަވެރި ގޮތުގައި ސިޔާސީ ޙަރަކާތް ހިންގުމާ. އެކަންކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް ސަރުކާރުން ތިޔަބޭފުޅުން ބައްލަވައިފިނަމަ، އެމް.ޑީ.ޕީ.އާ ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ވަކާލާތު ކުރަމުން އައި ހަމައެކަނި ނޫހަކަށް އޮތީ އޭރުގައި ނެރެމުން އައި "މިނިވަން ނޫސް". އެއީ ދުވަހު ނޫހެއްގެ ގޮތުގައި. ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވުމާ އެކުގައި އެ ނޫސް ހިންގުން ހުއްޓާލީ. އެހެންވީމާ، އޭރުއްސުރެ ފަށައިގެން ރާއްޖޭގައި ހިނގަމުން އަންނަ ކަންކަން ބަޔާން ކުރަމުން މިއަންނަނީ، މި ސަރުކާރާ މުޅިން އެއް ފިކުރެއްގައި ހުރި ފަރާތްތަކެއް ނޫން. އެހެންވީމާ، އަބަދުވެސް އަޅުގަނޑުމެންނަށް ފެންނަ މަންޒަރު އެހެން ގޮތަކަށް ހަމަ ކުރެހިގެންދާނެ. އަޅުގަނޑު އެކަން ގަބޫލުކުރަން. ދެން ހަމައެއާއެކީގައި އަޅުގަނޑު ގަބޫލުކުރަން، އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ގިނަ ރައްޔިތުން އަދި ގިނަ އިޤްތިޞާދީ މާހިރުންވެސް. އަޅުގަނޑުމެން މިދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި، މި އިޤްތިޞާދު އަލުން އަނބުރާ އަޅުގަނޑުމެން ހަމައަކަށް ގެނައުމަށް މިކުރެވުނު މަސައްކަތްތައް އަޅުގަނޑުގެ ނަޒަރުގައި ވަރަށް ރަނގަޅަށް ބަލައިގެންފައި މިވަނީ. އެ މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މި އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެވި، މިހާރު މި ކުރިއަށް އަރައިގެން މިދެވެނީ.

ޙުސައިން ފިޔާޒް – ހަވީރު ނޫސް:

ތިޔަ ވިދާޅުވީ ނޫސްތަކުން ނުވަތަ މީޑިއާއިން ފާހަގަކުރައްވަމުން އެގެންދަވަނީ، ހިނގަމުންދާ ނުވަތަ ލިބެމުންދާ ކާމިޔާބާ ޚިލާފަށްތޯއޭ؟ އިޤްތިޞާދު މިހާރު އޮތް އަޞްލު ޙާލަތު ރައްޔިތުންނަށް އޮޅުންފިލާ މިންވަރަކަށް މީޑިއާއިން މަސައްކަތެއް ނުކޮށްދޭ ވާހަކަތޯ ތިޔަ ވިދާޅުވީ. އެއީ، އެއްސުވާލު.

އަނެއް ސުވާލަކީ މިހާރު ރޭވިފައި ހުރި ކަންތައްތައް ކާމިޔާބުވެ، އިޤްތިޞާދުގެ ދުވެލި ހަލުވިވެ، އިންފްލޭޝަން އަދިވެސް އަޅުގަނޑުމެންނަށް މިފެންނަނީ މައްޗަށްދާތަން. ހަމައަކަށް އެޅި، އިންފްލޭޝަން ދަށްވާނެ ކަމަށް ކިހާ މުއްދަތެއް ނަގާނެތޯ މިހާރު އޮތް ސަރުކާރުގެ ޕްލޭންތަކުން، ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ޢަޖާއިބުވޭ އިންފްލޭޝަން މަތިވަމުން އަންނަތަން ފެނިވަޑައިގަންނަވާތީވެ. 2008 ވަނަ އަހަރު އިންފްލޭޝަން ހުރީ 12 ޕަސެންޓްގައި. 2009 ވަނަ އަހަރުގައި 4 ޕަސެންޓްގައި. މިދިޔަ ޑިސެމްބަރު މަހުގައި އިންފްލޭޝަން ފުރަތަމަފަހަރަށް އަޅުގަނޑުމެންނަށް ދަށަށް ގެނެވުނީ. ޕޮއިންޓް ދޭއް އަށެއް ޕަސެންޓަށް. މުދަލާއި ޚިދްމަތުގެ އަގު މައްޗަށް އަރަމުންދާ މިންވަރު އަޅުގަނޑުމެންނަށް އަދި މި ދަށަށް ގެނެވެނީ. މައްޗަށް އަރަމުންދާ ދިއުން އަދި އަޅުގަނޑުމެންނަކަށް ދަށަކަށް ނުގެނެވޭ. އެކަން ކުރުމަށް އަޅުގަނޑުމެން، އެ ދިގު މުއްދަތެއް ނަގާނެ. އެހެންވީމާ، އިންފްލޭޝަން މައްޗަށްދާ ކަމަށް ދެކެވޭ ކަމަށް ތިޔަ ވިދާޅުވެވޭ ވިދާޅުވުން، އެ ފާހަގަކުރެވޭ ކުރެވުން، އެބާވަތުގެ ކުދިކުދި ފަރަޤު އަޅުގަނޑު މިދަންނަވަނީ އެބަހުރެއޭ ރިޕޯޓް ކުރުމުގައި. ދެން އެއީކީއެއް އަޅުގަނޑު އެހެނެއް އަޅާލައިގެން ކަންބޮޑުވެގެން އުޅޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ މި ހެޔޮ މަސައްކަތް އަޅުގަނޑުމެން ބަރާބަރަށް ކުރިއަށް ގެންދެވޭތޯ ބަލާނަން. އެހެންވީމާ، އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަންކަން ކުރިއަށް ގެންދަމުންދާނަން. އަޅުގަނޑު ރައްޔިތުންނަށް އެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން. އަޅުގަނޑުމެން މި ހިންގުމާ ޙަވާލުވެ، އަޅުގަނޑުމެން ހިންގުމަށް ވަޢުދުވެފައި ހުރި ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަންކަން ކުރާނަން.

އަޅުގަނޑު ހިތުން މިފަހަރު މިސާލަކަށް، ދިރާސީ އާ އަހަރު، އެކަޑަމިކް އަހަރު ފަށައިގަނެވުނުއިރުގައި މަދަރުސާތަކުގެ ކަންތައްތައް ފުރިހަމަވެފައި ހުރި މިންވަރު، މީގެ ކުރީ އަހަރުތަކާ އަޅާ ތިޔަބޭފުޅުން ބައްލަވައިލައްވައިފިނަމަ، އަދި ހަމަ އަޑެއްވެސް ނީވޭ. ސްކޫލެއްގެ ކަމެއް ތިޔަހެން ގޯސްވެގެން އުޅޭ ތަނެއްގެ ވާހަކައެއްވެސް. އެއްދަންފަޅިއަށް ހެދުނު ސްކޫލްތައްވެސް ކާމިޔާބާ އެކީގައި އެކަން އެބަ ކުރިއަށް ގެންދޭ. އަދި ޕްރައިވަޓައިޒް ކުރެވުނު މަދަރުސާ، ޣިޔާޘުއްދީން ސްކޫލް، އެއީ ހަމަ އެނގިވަޑައިގަންނަވާނެ، ހުރިހާ ނޫސްތަކަކުންވެސް މުޅި ހުރިހާ ރައްޔިތުން އިދިކޮޅު ކަމެއް ކަމަށް ވިދާޅުވަމުން ގެންދެވި ކަމެއް. އެހެން ނަމަވެސް، އަޅުގަނޑު އެތަނަށް ވަދެލިން. އެތަނުގެ ވަރަށްގިނަ ބެލެނިވެރިންނާ އަޅުގަނޑާ ބައްދަލުވި. އަޅުގަނޑަށް ފެނުނީ އެތަނުގެ ހިތްހަމަޖެހުން އެބަހުރިކަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މަސައްކަތް ކޮށްގެން ފެބްރުއަރީ މަހުގެ ތެރޭގައި އަޅުގަނޑުމެން އުންމީދު ކުރަން، އައި.ޖީ.އެމް.އެޗް ހޮސްޕިޓަލްވެސް ޕްރައިވަޓައިޒް ކުރެވި، އޭގެ ޚިދްމަތްތައްވެސް ރައްޔިތުންނަށް ރަނގަޅަށް ފޯރުވެގެންދާނެ ކަމަށް.

ދެން ހަމަ މިއާއެކީގައި އަޅުގަނޑު މިދިޔަ ހަފްތާ ތެރޭގައި ވަރަށްގިނަ ވިޔަފާރިވެރިންނާ ގުޅާލިން. އަޅުގަނޑު އެމީހުން ކައިރީގައި އެހިން. މީގެކުރީގައި ތިޔަބޭފުޅުންނަށް ވަރަށް ބައިވަރު ބޭސް ސިޓީ ލިބޭ ނޫންތޯއޭ ބޭސްކޮށްދިނުމަށް އެދި. މިހާރު ކިހާވަރެއްހޭ ލިބެނީ. ގިނަ ބޭފުޅުން ވިދާޅުވަނީ 80 ޕަސެންޓަށްވުރެ މަދުވެއްޖެއޭ ބޭސް ސިޓީ ލިބޭވަރު. ދެން ތިޔަބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ތިޔަބޭފުޅުންނަށް އެންމެފަހުން ކޮން ދުވަހަކުތޯއޭ މީހަކު ބޭސް ސިޓީއެއް ހިފައިގެން އައީ، ތިމަންނާއަށް މި ބޭސް ސިޓީއަށް ބޭސް ހޯދައިދޭށޭ ބުނެފައި. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، ތޭވީސްހާސް މީހުންނަށް އަޅުގަނޑުމެންނަށް އެކަން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި، "މަދަނަ"އިގެ ދަށުން އެކަން ކޮށްދެވިއްޖެ. ދެން އެއީ ވަރަށްގިނަ ޢަދަދެއް. މީގެކުރީގައި ވެލްފެއަރއިން ބޭސްކޮށްދެވެނީ ހަތްހާސް މީހުންނަށް.

މުޙަންމަދު ރަފީޤު – ދި އެފް.އެމް:

އަޅުގަނޑުގެ ސުވާލަކީ މަނިކުފާނު ދެންމެ ވިދާޅުވެއްޖެ. ކަރަންޓްގެ އަގު ބޮޑުކުރުމުން، ގިނަ ފަރާތްތަކަށް އޭގެ އަސަރު ކުރަމުންދާ ވާހަކަ. އަޅުގަނޑުގެ ސުވާލަކީ ކަރަންޓް ބިލް ތަފްޞީލުދޭން ނިންމިއިރު، ދޭންޖެހޭ މީހުންގެ ޢަދަދު ސަރުކާރަށް އެނގިފައި އެބައޮތްތޯއޭ؟ އެކަހަލަ ދިރާސާއެއް ކުރެވިފައިވޭތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! އަޅުގަނޑުމެންނަށް ހުރިހާ ޢަދަދެއްވަނީ އެނގިފައި. މީގައި މި ސުވާލު މިކުރަނީ ޕަވަރޓީ ލައިން ނުވަތަ ފަޤީރުންނަކީ ކޮން ޢަދަދަކުން އެޅީމަ، ދެން ނުކުންނާނީ ކިތައް މީހުންތޯ؟ މިހާރު އެކާވީސް ރުފިޔާއަށްވުރެ މަދުން ލިބޭ ކަމަށްވަނީވިއްޔާަ، އެއީ ފަޤީރެކޭ އެހެން މިން އަޅާފައި މިބުނާ ބުނުމުގައި މިހުރީ ވަރަށްގިނަ ޢަދަދެއް ފަޤީރުންގެ ގޮތުގައިވާ ކަމަށް. ދެން އެކަމަކު އަޅުގަނޑުމެންނަށް ފަހުން ސަރވޭ ކުރިއިރުގައި އަދި އަޅުގަނޑުމެންނަށް މިފަހުން ބެލި ބެލުމުގައި އަޅުގަނޑުމެންނަށް މިފެނުނީ، އެކާވީސް ރުފިޔާއަށްވުރެ މަދުންނެއް ނޫނޭ އެކަން ހުންނަންވީ. ހަތްދިހައާއި ސަތޭކައާ ދެމެދަށް، އެ ޢަދަދު އެބަ އަރަންޖެހެއޭ. އެރީމާވެސް މާލޭގައި ކަރަންޓް ބިލް މިސާލަކަށް ދައްކަން އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި މިއުޅެނީ އަށާރަހާސް މީޓަރު ގާތްގަނޑަކަށް މި ހުންނަނީ. ދެން އޭގެތެރެއިން އަޅުގަނޑުމެންނަށް މިހާރު ހަމަ ޔަޤީން، އެގާރަހާސް މީޓަރު އެއީ، ހަމަ ނިކަމެތިންގެ މީޓަރު. އުނދަގޫވާނެ އެފަރާތްތަކަށް.

މުޙަންމަދު ޞާދިޤު – ޓީ.ވީ.އެމް:

މަނިކުފާނު މިއަދު ރާއްޖެއިން ބޭރަށް ތިޔަ ފަށްޓަވާ ދަތުރުފުޅާބެހޭ ކުޑަ ތަޢާރުފެއް ދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ފުރަތަމަ މިދަނީ ދުބާއީއަށް. އެއީ އަބޫދާބީއަށް ގޮސް. އަޅުގަނޑު އެތަނުގައި އޮތީ އައިރީނާ އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީގެ އިފްތިތާޙީ ޖަލްސާ. އެތަނުގައި އޭގެ ހެޑްކްއާރޓަރޒް ނުވަތަ މައި އޮފީސް ހުންނަނީ. އެހެންވީމާ، އެތަން ހުޅުވުމަށް އަޅުގަނޑަށް ލިބިފައި އޮތް ދަޢްވަތަކަށް. ދެން އެއާ އެކީގައި އެ ފުރްޞަތުގައި އަޅުގަނޑު ބޭނުން މިކުރަނީ، އަބޫދާބީ ފަންޑާއި ދެން އެހެންވެސް އެތަނުގައި ހުރި ހުރިހާ ފަންޑް މެނޭޖަރުންނާއި، ފަންޑްތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރުމަށް. އެހެންވީމާ، އަޅުގަނޑަށް އޮތީ އެ ފުރްޞަތު މިހާރު ހަމަޖެހިފައި. އެބޭބޭފުޅުންނާ އަޅުގަނޑު ބައްދަލުކޮށްގެން، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓާއި އަޅުގަނޑުމެންނަށް އިތުރަށް ބޭނުންވާ މަސައްކަތްތަކުގެ ވާހަކައިގެ މަޝްވަރާތައް ކުރެވޭނެ. ދެން އޭގެތެރެއިން އަޅުގަނޑު އެބަ އުންމީދު ކުރަން، ކޮންމެވެސް އެއްކަމެއް މިހާރު އޮތީ ނިމިފައޭ. އަޅުގަނޑުމެން މިވާހަކަތައް ދައްކަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެ އެބޭފުޅުންނާ. ދެން އެހެންވީމާ، އަޅުގަނޑު މިދެކެނީ، މިފަހަރު އަޅުގަނޑުމެންނަށް މިއިން ކަމެއް އިރާދަކުރެއްވިއްޔާ ނިންމައިގެން އާދެވޭނެއޭ.

އެނގިވަޑައިގަންނަވާނެ، ކޯޕަންހޭގަންއަށްދިޔަ ދަތުރުގައި، އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން ދިހަ މިލިއަން ޑޮލަރުގެ އެހީއެއް ހަމަ އެއާއެކީގައި ލިބުނު. ދެން އަޅުގަނޑު މި އުންމީދު މިކުރަނީ، މިދަތުރުގައިވެސް އަޅުގަނޑުމެންނަށް ލަސްތަކެއްނުވެ އެހީއެއް ލިބިގެން އަންނާނޭ. އެއަށްފަހު އަޅުގަނޑު އެބަ ދަން ބަޙްރައިނަށްވެސް. އަދި ބޮމްބޭއަށްވެސް. އަދި މެޑްރާސަށްވެސް. ބަޙްރައިނަށްވެސް އަޅުގަނޑު މިދަނީ، ބޮމްބޭއަށް އަދި މެޑްރާސަށްވެސް އަޅުގަނޑު މިދަނީ ހަމަ ފަންޑް މެނޭޖަރުންނާއި ނުވަތަ އެކިއެކި ފަންޑްތަކާއި ބޭންކްތަކުގެ މެނޭޖަރުންނާއި ޕްރެޒިޑެންޓުންނާ ބައްދަލުކުރެވޭ ގޮތަށް އޮތުމާއެކު. އަދި އިންޑިޔާއަށް ޚާއްޞަކޮށް މިދަތުރު މިކުރަނީ، އިންޑިއަން އިންޑަސްޓްރީޒްގެ ފަރާތުން ރާއްޖެއާ ބެހޭގޮތުން، އިންވެސްޓްމަންޓްސްއާ ބެހޭގޮތުން ބާއްވާ ބައްދަލުވުމެއް. އެ ބައްދަލުވުން ފަށައިދިނުމަށް. މިފަހަރު އެބައްދަލުވުމުގައި މިއޮތީ އިންޑިޔާއާއި، ދިވެހިރާއްޖެއާއި. މެލޭޝިޔާ. އެހެންވީމާ، މެލޭޝިޔާގެ އިންވެސްޓްމަންޓާ ބެހޭގޮތުންނާއި، ރާއްޖެއަށް ހުރި އެކިއެކި ވިޔަފާރިތަކާ ގުޅޭގޮތުން އޮތް ބައްދަލުވުމެއް ފަށައިދިނުމަށް. ޚާއްޞަ ގޮތެއްގައި އަޅުގަނޑުގެ މި ފަސްދުވަހުގެ ދަތުރު ހިމެނިފައި މިހުރީ، ހަމަ އަޅުގަނޑުމެން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހަލުވިކަންމަތީގައި ގެންދިއުމަށް އިތުރަށް އެހީތެރިކަން ހޯދުމަށްޓަކައި.

މުޙަންމަދު ޞާދިޤު – ޓީ.ވީ.އެމް:

މަނިކުފާނުގެ ވަފްދުގައި މިހާރު މިފަހަރު ކިތައް ބޭފުޅުން ހިމެނިވަޑައިގަންނަވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު މާރަނގަޅަކަށް ހަނދާނެއް ނެތް. އެކަމަކު އަސްލަމް އެބަ ވަޑައިގަންނަވާ. އާމިނަތު ޖަމީލު ވަޑައިގަންނަވާ ގޮތަށް އޮތީ. އަޅުގަނޑު ދެންމެ ބަލައިލިއިރުގައި ޒަކީ ވަޑައިގަންނަވާ. ދެން އޭގެއިތުރުން، ނަޝީދު އެއީ، މިތަނުގައި ހުންނަ ރިނިއުބަލް އެނަރޖީއާ ގުޅޭ ބޭފުޅެއް. ދެން އަޅުގަނޑުމެންގެ ކްލައިމެޓް ޗޭންޖް އޮފީހުން ބޭފުޅަކު ވަޑައިގަންނަވާނެ. ދެން އަޅުގަނޑަށް ހީވަނީ ގާތްގަނޑަކަށް ހައެއްކަ ބޭފުޅުން، ހަތް ބޭފުޅުން. އަޅުގަނޑަކަށް މުޅިއަކުން ސާފެއް ނޫން.

ޝައުފާ ޙުސައިން – ދިވެހިރާއްޖޭގެ އަޑު:

ދެންމެ ފާހަގަކުރައްވައިފި، ކަރަންޓް ސަބްސިޑީޒް ދެއްވާ މިންގަނޑަށް ލުއިތަކެއް ގެންނަވާ ވާހަކަ. ދެން އެގާރަހާސް މީހުންނަށް މިންގަނޑު ލުއިކުރެއްވީމާ، އެގާރަހާސް މީހުންނަށް ލިބޭނެތޯއޭ؟ ދެން ސަރވޭއެއް ކުރެއްވި ވާހަކަ ވިދާޅުވެއްޖެ. ކޮންއިރަކު ކުރެއްވި ސަރވޭއެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން މި ކަރަންޓާ ގުޅޭގޮތުން ސަރވޭ ބަލަމުން އަންނަތާ މިހާރު ގާތްގަނޑަކަށް މިދިޔަ އަހަރުގެ ފަހުކޮޅު، މިދިޔަ އަހަރުގެ ފަހު ތިންމަސް ތެރޭގައި އަޅުގަނޑުމެން ބަލަމުން މިއައީ. ދެން އެ މިނަމުން މިނަމުން މިއައީ. މީގެ އެންމެ ރަނގަޅު ފުށުއަރާގޮތަށް ކުރެވުނުނަމަ، އަގުބޮޑުކުރުމުގެ ކުރީގައި ޙައްޤުވާނެ ފަރާތްތައް އެނގުނުނަމަ. އެހެން ނަމަވެސް، އަގުބޮޑުކުރީމާ ބިލަށް ކޮންސަމްޕްޝަނަށް އަރާނެވަރެއް، މިދޭތީގައި ވަރަށްބޮޑު ގުޅުމެއް އެކަން ހިންގާ ޓެކްނިކަލް ބޭފުޅުންނަށް ފެންނަމުން އައީމާ، އަޅުގަނޑުމެންނަށް މިގޮތަށް މިކަން ހިންގުމަށް ދޫކޮށްލެވުނީ. ދެން ބައެއްކަހަލަ ކަންކަމަކީ ޓެކްނިކަލީ އެކަންކަން ކުރާގޮތުން އަދި މާބޮޑު ބައެއް ބާވަތުގެ އުނދަގޫތަކާ ދިމާވޭ. އެހެން ނަމަވެސް، ވަކިބާވަތެއްގެ ހަމައިގައި ކަންކަން ބޭއްވުމަށްޓަކައި، އެކަން އެހެން ކުރުން ބުއްދިވެރިވަނީ. އެހެންވީމާ، އަޅުގަނޑު އެގޮތަށް އެކަން ކުރަން އެބޭފުޅުންނަށް ދޫކޮށްފައި އަދި އެކަން ކުރިއަށް ގެންދިއުމަށް އެދިފައި އޮތީ. އަޅުގަނޑު މިދެކެނީ، މީގައި އަޅުގަނޑުމެން ކުރަން އޮތް ކަމަކީ، ސަބްސިޑީ ޙައްޤުވާ ގިނަ ފަރާތްތައް ހޯދާފައި، އެފަރާތްތަކަށް އޭތި ރައްދުކޮށްދިނުން. މިހާރު 65 އަހަރުން މަތީގެ މީހުން ހޯދަން އުޅުނުއިރުގައި ވަރަށް ފަސޭހަ. އެއީ ދެން ހަމަ އައި.ޑީ ކާޑުގައި ޖަހާފައި އޮންނާނެ 65 އެކޭ. އެހެންވީމާ، އެކަމަކު އެކަންވެސް މުޅި ޖުމްލަކޮށް ހުރިހާ އެންމެން އެނގެން ހަމަ ނެގި ތިންމަހެއްހާ ދުވަސް. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، މި ކަރަންޓްގެ ކަންތަކުގައިވެސް ހަމައަކަށް އެޅެން ދެބިލެއް، ތިންބިލެއްދާ ފަހުންނޭ އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ރީތިކޮށް ހަމައަކަށް ސާފުވެފައި އޮންނާނީ. ދެން އެއީ މިބާވަތުގެ ކަންތައްތަކުގައި ނަގާ ވަގުތުކޮޅެއް.

ޝައުފާ ޙުސައިން – ދިވެހިރާއްޖޭގެ އަޑު:

ދެން ފާހަގަކުރައްވައިފި 26 ވަނަ ދުވަހު ތައިލެންޑްގެ ކުންފުންޏަކާ އެކީގައި ހައުސިންގ ޔުނިޓުތަކެއްގައި ސޮއިކުރައްވާ ވާހަކަ. މިއީ ކޮން ޕްރޮޖެކްޓެއްގެ ދަށުންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ސަރުކާރުން އެބަ ހިންގާ ހަތްހާސް ގެ އެޅުމުގެ ޕްރޮގްރާމެއް. ދެން އެ ޕްރޮގްރާމްގެ ދަށުން އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރުގެ ތެރޭގައި އޮތީ ރިކްއެސްޓް ފޮރ ޕްރޮޕޯޒަލް ނެރެފައި. ފުރަތަމަ ނެރުނީ އަޅުގަނޑުމެން ޝައުޤުވެރިކަން ހާމަކުރުމަށް. ދެން އޭރު އަޅުގަނޑު ދެންނެވިން. އަޅުގަނޑު ހަނދާންވަނީ ބާރަވަރަކަށް ކުންފުނިން ޝައުޤުވެރިކަން ހާމަކުރި. ދެން އޭގެތެރެއިން އަޅުގަނޑުމެން އެދުނީ، ޕްރޮޕޯޒަލް ފޮނުވުމަށް. ދެން އެ ޕްރޮޕޯޒަލްތައް ފޮނުވައި ނިމިގެން އެ އިވެލުއޭޓްކޮށްފައި އަޅުގަނޑުމެންނަށް ނެގުނު ކުންފުނިތަކުގެ ތެރޭގައި މިވަނީ ހަތަރު ކުންފުނި. އެ ހަތަރު ކުންފުނީގެ ތެރެއިން ދެކުންފުނި. އެއްކުންފުންޏަކީ މިދެންނެވި ތައިލެންޑް ކުންފުނި. އަނެއް ކުންފުންޏަކީ "ޓާޓާ". ދެން އަނެއް ދެކުންފުންޏާ އެކީގައި އަދި އަޅުގަނޑުމެންނަކަށެއް އެއްބަސްވުމަކާ ހަމައަކަށް ވާހަކަ ދައްކައެއް ނުނިމޭ. އެހެންވީމާ، އަދި އެކަމަކު އަޅުގަނޑުމެން މިދެކެނީ އަނެއް ދެކުންފުނިވެސް އަންނާނެ ކަމަށް. އެހެންވީމާ، މި ބުރުގައި އަޅުގަނޑުމެން ހަތްހާސް ގޭގެ ތެރެއިން މިހާރު ހަމަޖެހެމުން އެއަންނަނީ، ދެހާސް ގެއެއްގެ ކަންތައް. ދެން އަނެއް ދެކުންފުންޏާ އެކީގައި ކަންތައް ހަމަޖެހިއްޖެނަމަ، ހަތަރުހާހަށްދާނެ. އެހެންވީމާ، އަޅުގަނޑުމެން އަނެއްކާ އަލުން އަނބުރާ މިބުރު ނިމުނީމާ، އަނެއް ބުރަށް އިޢްލާނު ކުރާނީ. ކޮށްގެން އަދި އަނެއްކާ ތިންހާސް ގެ ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރާނީ. މިހާރު އަޅުގަނޑުމެންނަށް އަތްމަތިވެފައި މިވަނީ، ސާފުކޮށް އަތްމަތީގައި މިކަން ކުރެވޭގޮތަށް މިވަނީ ދެހާސް ގެ.

ޢަބްދުﷲ ޙަސީން – ދި ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ އިޤްތިޞާދީ ޚާއްޞަ ޙާލަތުގައި އަޅާފައި ހުރި ފިޔަވަޅުތައް. ސަރުކާރުން ހަމަ ބޮޑަށް ބޭނުންވާ ގޮތަށް މި ޕްރޮގްރާމް ކުރިއަށް ނުގެންދެވޭތަން އެބަފެނޭ އެކިއެކި ދިމަދިމާލުން. މިސާލަކަށް ބުނަންޏާ، މިނިވަން ކޮމިޝަންތަކުން ނިންމާ ނިންމުންތަކުން. އެހީ ހޯދުމުގައި މިވަގުތަށް އެންމެބޮޑު އެއްގޮންޖެހުމެއް ކުރިމަތިވަނީ ކޮންމައްސަލަތަކަކާހެދިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ޝުކުރިއްޔާ އިނގޭތޯ. މިހާރު މީގައި މިވާގޮތަކީ، ރާއްޖޭގެ އިޤްތިޞާދު މިއޮތީ ވަރަށް ބޮޑަށް އަޅުގަނޑުމެން އެންމެ ފަޤީރު ޤައުމަކުން ތަރައްޤީވަމުން އަންނަ ޤައުމަކަށް ބަދަލުވާ ދަނޑިވަޅެއްގައި އޮންނަންޖެހޭ އިޤްތިޞާދީ ހަމަތަކެއްގެ ތެރެއަކު ނޫން. ދެން އެހެންވީމާ، އެ އަލުން އަނބުރާ ހަމައަކަށް ގެނައުމަށް އެންމެ ބުއްދިވެރި ގޮތެއްގެ ގޮތުގައި ފެނިފައި މިއޮންނަނީ އައި.އެމް.އެފް.ގެ ޕްރޮގްރާމެއްގައި ބައިވެރިވުން. އެއީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑްގެ ރީސްޓްރަކްޗަރީ ޕްރޮގްރާމެއްގައި ބައިވެރިވުން. އަޅުގަނޑުމެން އެ ޕްރޮގްރާމްގައި ބައިވެރިވީ. އެ ބައިވެރިވުމަށް ސިވިލް ސަރވިސްއާ އެކީގައި މަޝްވަރާ ކޮށްގެން، އެ ސަރވިސްއާ ވާހަކަ ދައްކައިގެން އެކަން އަޅުގަނޑުމެން ކުރީ. އެބޭފުޅުންނަށްވެސް ހުރިހާ ބޭފުޅުންނަށްވެސް އެނގޭ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ ބޮޑު ވަރަށްބޮޑު ޢަދަދެއް މިދަނީ ސިވިލް ސަރވިސް މުސާރައަށްކަން. އެހެން އެކަން އޮންނައިރުގައި މާލިއްޔަތު ރަނގަޅަކަށް ދެކޮޅެއް ނުޖެހޭކަން. އެހެންވީމާ، އައި.އެމް.އެފް. ޕްރޮގްރާމަކަށް އަޅުގަނޑުމެން ދިޔައިރުގައި އެބަ މިކަންތައްތައް ކުރުމަށް އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ. ދެން އަޅުގަނޑުމެން އެކަންކަން ނުކުރީމާ، އަޅުގަނޑުމެންނަށް އައި.އެމް.އެފް ޕްރޮގްރާމެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ މައްޗަށް މާލީ އިދާރާތަކުން އޮންނަ އިތުބާރު ކުޑަވެގެންދާނެ. އެ އިތުބާރު ކުޑަވީމާ ދެން ލޯނު މިލިބެނީ ހަމައެކަނި ޕްރޮޖެކްޓްތަކަށް. އެއީ، ވަރަށް ކުޑަކުޑަ ޢަދަދެއް. އެހެންވީމާ، ސަރުކާރަށް މިޖެހެނީ، ބޭންކް އޮފް ސިލޯނުންނާއި، އެޗް.އެސް.ބީ.ސީ އިންނާއި މިހެންގޮސް ކޮމާޝަލް ލޯން ނަގަން. ނެގީމާ ސަރުކާރުގެ ދަރަނި ވަރަށްބޮޑުވެގެންދަނީ. މިހާރު މިސާލަކަށް، މިއަހަރު އެއްބިލިއަން ރުފިޔާ އެބަ ދަރަނި އަނބުރާ ދައްކަން އެބަ ޚަރަދުކުރަންޖެހޭ. ސަތޭކަ މިލިއަން ޑޮލަރުވަރު އެބަ ދައްކަންޖެހޭ ދަރަނި އަނބުރާ ދައްކަން. އެހެންވީމާ، މުޅި ޖުމްލަކޮށް އަޅުގަނޑުމެން މީގެ މި ބެލެންސެއްގައި ތަރާދެއްގައި ބެހެއްޓުމަށްޓަކައި ހިންގަންޖެހޭ ވަރަށް އުނދަގޫ ކަންތައްތަކެއް އަޅުގަނޑުމެން ހިންގަމުން މިދަނީ. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުވެސް އެއްވެސް ހާލެއްގައި ބޭނުމެއް ނޫން، އެއްވެސް ބޭފުޅެއްގެ މުސާރަ ކުޑަކުރާކަށް. އެހެން ނަމަވެސް، ބޮޑު މަންޒަރު އަޅުގަނޑު އެބަޖެހޭ ދެނެގަންނަން. އަޅުގަނޑު އެބަޖެހޭ އެކަމުގައި ހިތްވަރު ކުރަން. އަޅުގަނޑަށްވެސް ހަމަ ވަރަށް ފަސޭހަވާނެ އިހުހުރި ގޮތަށް ކަންކަން ހިންގަމުން ގެންދަން. އެއްވެސް އުނދަގުލެއް ނާންނާނެ. ހަމައެކަނި އިޤްތިޞާދު ހަލާކުވަމުންދާނީ. އެހެން ނަމަވެސް، އަޅުގަނޑަށްވެސް ހަތަރު އަހަރު، ފަސްއަހަރު ހޯދޭނެ. އެ ފަސްއަހަރު ނިމޭއިރުގައި ދެން ރާއްޖެއަށްވެފައި އޮންނާނީ ކިހިނެއްތޯ؟ އެއީ އަޅުގަނޑުގެ ހިތުގައި އަޅުގަނޑު އަބަދުވެސް އަހާ ސުވާލެއް. އަޅުގަނޑަށް މިއަދަށް ފަސޭހަކޮށްލަންވެގެން އަޅުގަނޑުގެ މާދަމާ ނުވަތަ އަޅުގަނޑުމެން ރާއްޖޭގެ މާދަން ނަގާލުން އެއީ އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރިކަމެއް ނޫން. އަޅުގަނޑު ކުރާނެވެސް ކަމެއް ނޫން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، މި ހަމައަށް އަޅުގަނޑުމެންގެ އިޤްތިޞާދުވެސް، އަޅުގަނޑުމެންގެ މާލިއްޔަތުވެސް އަދި އަޅުގަނޑުމެންގެ އިޖްތިމާޢީ ސިޔާސީ ކަންކަންވެސް އަޅުގަނޑުމެންނަށް ގެނެވޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެގޮތަށް ގެންނާނަން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ލަތީފް އާދެ! އަޅުގަނޑުމެން ފަހު ސުވާލަށް އެބަ އެނބުރެންޖެހޭހެން ހީވަނީ.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑުގެ އެބައުޅޭ ދެސުވާލެއްވަރު. މަނިކުފާނު ކުރީގައިވެސް ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވާފައި ހުރީ ރިޒޯޓްތަކުގައި ހަމަ ދިވެހިންނަށް ފުރްޞަތު އޮތް ވާހަކަ. ބޭރު ފައިސާގެ ވާހަކަ ދެންމެ ދެކެވުނީމަ މިސުވާލު މިގެންނަނީ އިނގޭތޯ. އެހެން ނަމަވެސް، އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ފެނިގެން ދަނީ ރިޒޯޓްތަކުގެ މުވައްޒަފުން ޗެކްކުރަން މިދާ ދިޔުމުގައި ހަމައެކަނި އޮފީހަށް ވަދެ، އެތާނގައި އޮންނަ ރަޖިސްޓްރީ ބަލައިލާފައި އާނ ފިފްޓީ ފިފްޓީއޭ ބުނެ ފުރައިގެން އަންނަތަން. އެތަނުގައި ފިޒިކަލީ ޓީމް މަސައްކަތް ކުރަނީ ކިހާ ބައެއްތޯ، މި ބެލޭ ތަނެއް އަދި އަޅުގަނޑުމެންނަކަށް ނުފެނޭ. މިއީ ރައްޔިތުން ވަރަށް ކޮންސަރންވާ ކަމެއް. ޙަޤީޤަތުގައިވާގޮތަކީ ބައެއް ރިޒޯޓްތަކުން ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުން ގެންދާއިރު، އަނެއްބައި ރިޒޯޓްތަކުގައި ކޮންޓްރެކްޓޭ، އަނެކައްޗެކޭ ކިޔައިގެން ގެންގޮސް އެބަގެންގުޅޭ ރިޒޯޓްތަކުގައި ތިބި އަޞްލު މީހުންގެ ދެގުނަ މީހުންވެސް. މިކަންކަން ބެލެމުން ނުދާތީ ރައްޔިތުން ވަރަށް ކަންބޮޑުވޭ. އެހެންވީމާ، ޙަޤީޤަތުގައި އަޅުގަނޑުމެންގެ ރިޒޯޓްތަކުގެ ދާއިރާގައި ތިބި ބޭރު މީހުންގެ ޢަދަދު ޙަޤީޤަތުގައި އަޅުގަނޑަކަށް ހިއެއްނުވޭ އަދި އެނގޭހެނެއް. ރިޒޯޓްތަކުގައި މަސައްކަތް ކުރަންތިބި. ހަމަ އެއާ ގުޅިގެން އެމީހުންނަށް އަހަރަކު ސަތޭކަ ފަންސާސް މިލިއަނެއްހާ ޑޮލަރު ހޭދަވަމުންދާ ވާހަކަވެސް އެބަ ދެކެވޭ. ސަރުކާރުން ވަޒީފާތަކެއް ގެއްލޭ މީހުންނަށް ވަޒީފާ ހޯދައިދިނުމަކީ މަނިކުފާނުގެ ޒިންމާއެއް ކަމަށް މަނިކުފާނު އަމިއްލަފުޅަށް ގަބޫލުފުޅު ކުރައްވާފައި އޮތީ. އެހެންވީމާ، މިކަންކަން ޙައްލުވެގެންދާނީ ކޮން ސިފައެއްގައި ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ އިނގޭތޯ ލަޠީފް. ރޭގައި ލޭބަރ ޓްރައިބިއުނަލަށް އެއްއަހަރު ފުރުނީ އިނގޭތޯ. ހަމަ ލޭބަރ ޓްރައިބިއުނަލާ އެކީގައި އެބަ އުފެދެންޖެހޭ ލޭބަރ ރިލޭޝަންސް އޭޖެންސީއެއް، އޮތޯރިޓީއެއް. ދެން އެކަންކަން ބަލައި، ޤާނޫނުއަސާސީގައި މިކަންކަމަށް އެބަހުރި މުސްތަޤިއްލު މުއައްސަސާތަކަކާއި ޗާޓެއް ކުރަހާފައި. އަދި އެކަމުގައި ހުންނަންޖެހޭ މުއައްސަސާތައް ކަނޑައަޅައި ހަދާފައި. ދެން ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، މިސާލަކަށް، ލޭބަރ ޓްރައިބިއުނަލް. ލޭބަރ ޓްރައިބިއުނަލުން މައްސަލައެއް ނިންމަނީ. އެބޭފުޅުން ރޭގައި ފާހަގަކުރެއްވި. އެ ނިންމާ މައްސަލައެއް ކޯޓަކުން ތަންފީޒެއްނުކޮށްދެއޭ. ދެން އުޞޫލެއްގެ ގޮތުން ޢާންމުކޮށް ކޮށްދެއޭ. އެހެން ނަމަވެސް، އެހެން ހުރެފައި ކޮންމެވެސް ޤާޒީއެއް އިންނަވާފައި، އޭގެ މައްސަލަތަކެއް އެކީގައި. މިހާރު ސިވިލް ސަރވިސްއާ އެކީގައި ހުރި ކަންކަން ތަންފީޒުވެއޭ. ސަރުކާރާ އެކީގައި ހުރި ކަންކަން ތަންފީޒުވެއޭ. އެހެން ނަމަވެސް، އަމިއްލަ ކުންފުނިތަކާ އެކީގައި ހުންނަ ކަންކަން ބައެއްފަހަރަށް ތަންފީޒެއްނުވެއޭ. އެ ތަންފީޒުވުމަށް އެބަ ކޯޓުން އެކަމަށް އަމުރެއް ނެރެދޭންޖެހެއޭ. ދެން ލޭބަރ ޓްރައިބިއުނަލް ގަވާއިދުވެސް ހަމަ ވަރަށް ސާފު. ދެން އެހެންވީމާ، އަދި ޤާނޫނުވެސް ހަމަ އެހާމެ ސާފު. މިކަންކަން ތަންފީޒުނުވާ ކަމަށްވަނީވިއްޔާ، އަމިއްލަ ފަރާތްތަކުންވެސް އޭގައި ފަރުވާކުޑަކުރުމާ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ކަމަކުން ނެއްޓެވެން އޮތްކަން ޔަޤީންވީމާ. ދެން ވިޔަފާރިއަކީ އެބާވަތުގެ ކަމެއް. ފައިދާ އިތުރުކުރުން. ދެން އެ ފައިދާ އިތުރުކުރުމަށް އެހުންނަ މަގުތައް އެއީ ރިވެތި ގޮތުގައި އަޅާފައި ހުރި މަގުތަކަކަށް ނުވަންޏާ، އެއީ ސަރުކާރުންވެސް ހިންގަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހިންގައި، ދައުލަތުންވެސް ކުރަންޖެހޭ. އެހެން މުއައްސަސާތަކުންވެސް ކުރަންޖެހޭ ކަންކަން ނުކުރަންޏާ ހައްތަހާވެސް އަޅުގަނޑުމެންނަށް މިތަނުގައި ޖެހޭނެ. އަޅުގަނޑަށް ހަމަ ފާހަގަވޭ. އަޅުގަނޑު އެދެނީ ލޭބަރއާބެހޭ ހުރިހާ ތަންތަނުން އަޅުގަނޑުމެންނަށް މިހާރު މިފާހަގަވަނީ ލޭބަރއަކީ ހަމައެކަނި ސިވިލް ސަރވިސް ކަމަށް. އެކަމަކު ރާއްޖޭގެ ލޭބަރގެ ބޮޑު ބަޔަކީ ސަރުކާރު މުވައްޒަފުންނެއް ނޫން. މަސްވެރިން އެކަނި އެއީ ރާއްޖޭގެ މަސައްކަތްކުރާ މީހުންގެ 44 ޕަސެންޓް. މަސްވެރިން އެކަނި. އެހެންވީމާ، ސަރުކާރުން އެބަ ގެންގުޅެންޖެހޭ. އަދި ރިޒޯޓްތަކުގައި މަސައްކަތްކުރާ މީހުންގެ ޢަދަދުވެސް ހަމަ އެހާމެ ގިނަ. އަޅުގަނޑުމެން ވަރަށްބޮޑަށް އެބަ ބަލަންޖެހޭ، ވީހާވެސް ބޮޑަށް ރިޒޯޓްތަކުގައިވެސް އަދި އަމިއްލައަށް މަސައްކަތްކުރާ ހުރިހާ ތަނެއްގައިވެސް ގަވާއިދުތައް ބަރާބަރަށް ކުރިއަށް ގެންދޭތޯ. އަޅުގަނޑު ތިޔަކަމާ އެއްބަސް. ދެން އަޅުގަނޑު ރޭގައި ލޭބަރ ޓްރައިބިއުނަލާ ވާހަކަ ދެއްކީމު. އަޅުގަނޑަށް ފެނުނީ، އެބޭފުޅުންގެ މަސައްކަތް އެބޭފުޅުން އެބަ ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާ. ހަމަ ދެން އެބޭފުޅުންނަށް އެހެން މުއައްސަސާތަކުން އެހީތެރިކަން ލިބިދިނީމާ، އެކަން ބަރާބަރަށް ހިނގާނެހެން އަޅުގަނޑަށް ލަފާކުރެވެނީ.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު ދެން އޮތް ސުވާލު އަމާޒުކޮށްލާނީ މަނިކުފާނުގެ ދަތުރުފުޅަށް. މިހާރު އަޅުގަނޑު ވަރަށް ކައިރިން މިއޮތް ފިއުޗަރ އެނަރޖީ ސަމިޓުގެ ރަސްމީ ލިޔުންތައް ބަލަމުންދާތާ ދުވަސްކޮޅެއް ވެއްޖެ. އޭގެ މައިގަނޑު ގޮތެއްގައި، ނޫނީ ކީ ސްޕީކަރުންނޭ އަޅުގަނޑުމެން މިކިޔާ ބޭފުޅުންގެ ތެރޭގައި، މަނިކުފާނުގެ ނަން، ރޭގައި 12 ޖަހަނިކޮށް، ކުރިން އޮތް ދަރަޖައަށްވުރެ ހަތަރު ދަރަޖަ މައްޗަށް ޖެހިފައި މިހާރު. އެހެންވީމާ، ދެން ދުނިޔޭގައި އަޅުގަނޑަށް ހީވަނީ މިކަންތައްތައް ތިމާވެށްޓާބެހޭ ކަންތައްތަކުގައި މިހާރު އަޅުގަނޑުމެން މަނިކުފާނަށް އެއްކަލަ ކިއުބާ ދަތުރުފުޅު ކަހަލަ ލަވައެއް އަދި ހަދައިގެން ނުކިޔެއްކަމަކު ކޮންމެވެސްވަރަކަށް ދުނިޔޭގެ ފެންވަރުގައި، އެ ބަލައިގަނެވިއްޖެކަންނޭނގެ. ބަލައިގަނެވިގެން މިކަހަލަ ކާމިޔާބީތައް ލިބެމުން މިދަނީ. ދެން މަނިކުފާނު ތިޔަވަޑައިގަންނަވަނީވެސް ހަމަ ވިހިވިއްސާ ހަމައަށްދާއިރު އަޅުގަނޑުމެން މި ކަރބަން ނިއުޓްރަލް ކުރުމަށް ތިޔަކުރައްވާ މަސައްކަތްތަކުގައިވެސް ހަމަ މުހިންމު ދައުރެއް އަދާކުރައްވަންކަންނޭނގެ. ދެން އަޅުގަނޑުމެންނަށް މިއަހަރު އަޅުގަނޑުމެންނަށް މިލިބުނު، އިހަށް ތިޔަ ވިދާޅުވި ދިހަ މިލިއަން ޑޮލަރާއި، އަދިވެސް ލިބެންހުރި ލާރިކޮޅެއްގެ ވާހަކަ ތިޔަ ވިދާޅުވީ. އުންމީދު ކުރައްވާ ލާރިކޮޅެއްގެ ވާހަކަ. އެހެންވީމާ، އަޅުގަނޑުމެން މިހާރު މިދިޔަ ދުވަސްވަރު، އަޅުގަނޑުމެންނަށް ތިމާވެށްޓާ ބެހޭގޮތުން ހަމަ އެއްވެސް ކަމެއް ރަށްރަށުގައި ނުކުރެވިގެން އައިސް މިހާރު ރާޅު ފާރަށްޖަހައި ފާރު ވެއްޓެންވެފައި ހުރި ހާލުގައި ހުރި ރަށްރަށަށް އެހީތެރިކަމެއް މިއަހަރުތެރޭ ލިބެން ފަށާފާނެ ކަމަށް އުންމީދު ކުރައްވަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށް ބޮޑަށް. ލަޠީފް ވަރަށް ބޮޑަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު ހައްތަހާވެސް މި ކޯޕަންހޭގަން ފަންޑް ޤާއިމުކުރުމަށް މިމަސައްކަތް މިކުރަނީ، އަޅުގަނޑަށް ޔަޤީން، އެ ފަންޑުން އަޅުގަނޑުމެންނަށް ފައިސާ ލިބެން އެބަހުރިކަން. ދެން އޭގެއިތުރުންވެސް އެހެންވީމާ އަދި އަޅުގަނޑުމެންނަށް ވާރލްޑް ބޭންކުގެ، ޔޫރަޕިއަން ޔޫނިއަންގެ ގްލޯބަލް ފަންޑުންވެސް މިފަހަރު ދިހަ މިލިއަން ޑޮލަރު ލިބުނީމާ، މިހާރު ވަރަށް ބޮޑަށް ދެން އަޅުގަނޑު ވަކި ރަށްރަށުގެ ނަން އެހެން ކިޔާކަށެއް ނޫން. އެހެން ނަމަވެސް، އެންމެ ހާލުބޮޑުވެފައި ހުރި ރަށްރަށް. ކޮމަންޑޫގެ ހާލު އެހާ ބޮޑު. ހޮޅުދޫގެ ހާލު އެހާބޮޑު. ދެން އަޅުގަނޑުމެންނަށް ރ. އަތޮޅު މަޑުއްވަރީގައި. ދެން ބައިވަރު ރަށްރަށް އެބަހުރި އިނގޭތޯ. ޚާއްޞަކޮށް އަޅުގަނޑަށް ފާހަގަކުރެވޭ 16 ރަށެއް އެބަވޭ. ދެން 30 ރަށެއް އެބަވޭ އަޅުގަނޑުމެން ހަމަ ރަނގަޅުކޮށްލަންޖެހޭ. އެކަމަކު ޚާއްޞަކޮށް ފާހަގަކުރެވޭ 16 ރަށެއް އެބަވޭ. ދެން ފާހަގަކޮށްގެން އޭގެ އަމާޒުގައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ.

އަޅުގަނޑުމެން އެބަ ނިންމާލަންޖެހޭ. އެހެން ނަމަވެސް، ހަވީރުން އަދި އެއްސުވާލު އެބައެދޭ. ފަހު ސުވާލު އަރުވާނަން އަޅުގަނޑު.

ޙުސައިން ފިޔާޒު – ހަވީރު ނޫސް:

ޝުކުރިއްޔާ! މަނިކުފާނު ވިދާޅުވެއްޖެ. މުސާރައިގެ ކަންތައްތަކުގައި ހިތްދަތިކަމެއް ބަޔަކަށް ލިބުނަސް ނުވަތަ އުނދަގޫ ނިންމުމަކަށްވިޔަސް، އެކަން އެބަ ކުރަން އެބަޖެހެއޭ. އެއީ މުސްތަޤްބަލަށޭ. މުސްތަޤްބަލަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށޭ މިހާރު އަޅަމުންދާ ފިޔަވަޅުތައް އަޅަމުން މިދަނީ. ދެން އަޅުގަނޑަށް އެންމެފަހުން މިތަނުގައި އެއީ މުސާރަ ބޮޑުކުރުމުގެ ކަންތައްތަކުގައި، އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން މަނިކުފާނު ވިދާޅުވި، އެއްބިލިއަން ރުފިޔާ ބޮޑުކުރައްވާނެ ވާހަކަ. މިހާރު ސަރުކާރުން އެ ޒިންމާ، މުސާރައިގެ ކަންތައްތަކުގެ ޒިންމާ، އެހެން ބައެއްގެ ބޮލަށް ކަނޑަމުންދާތަން އަޅުގަނޑުމެންނަށް މިފާހަގަކުރެވެނީ. މީގައި ސަރުކާރުގެ ޒިންމާއެއް ނެތީތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެއީ ކޮންބައެއްގެ ބޮލަށް ކިހިނެއްތޯ އަޅުގަނޑުމެންނަށް ކެނޑެނީ؟

ޙުސައިން ފިޔާޒު – ހަވީރު ނޫސް:

މިހާރު ރައްޔިތުންގެ މަޖިލީހަށް، އެ މުސާރަ ބޮޑުކުރުމާއި އެކަންތައްތައް ތިޔަބޭފުޅުން މިއޮތީ ނިންމާފައި. ތިޔަބޭފުޅުން މުސާރަ ބޮޑުކުރިޔަސް، ސަރުކާރުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ މީގެ އެއްއަހަރު ކުރިން ބޮޑުކުރެއްވިއިރުގައި، ތިޔަބޭފުޅުންނަށް ފޯކާސްޓް ނުކުރެއްވޭތޯއޭ، އިޤްތިޞާދަށް ވަމުންދާގޮތް. އަޅުގަނޑުގެ ސުވާލަކީ، ތިޔަބޭފުޅުން ސިޔާސީގޮތުން ނިންމި ނިންމުމެއްގެ ގެއްލުން ރައްޔިތުންނަށް އިޙްސާސް ކުރެވެމުންދާއިރުގައި، އެކަން ރަނގަޅު ކުރެއްވުމަށް އިތުރު ގޮތްތަކެއް ނުވިސްނަވަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ވަރަށް ބޮޑަށް ސާފުވެއްޖެ. އާދެ! ވަރަށް ބޮޑަށް ސުވާލު ސާފުވެއްޖެ. އެއްވެސް ހާލެއްގައި މުސާރަ ބޮޑުކުރީއަކީ ސިޔާސީ ވިސްނުމެއްގައެއް ނޫން އިނގޭތޯ. އޭރުގައި ހުރީ އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރު. އޭރުގައި މުސާރަ އަޅުގަނޑުމެން ބޮޑުކުރީކީއެއް ނޫން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، އެއްފެންވަރެއްގެ ދެބޭފުޅަކަށް މުޅިން ދެމުސާރައެއް އެބަ ލިބޭ. އަޅުގަނޑުމެން ރެޝަނަލައިޒް ކުރީ. އަޅުގަނޑުމެން އެއްހަމަކުރީ ހުރިހާ މަގާމުތައް. އެހެން އެއްހަމަ ކުރިއިރުގައި، އެއްފެންވަރެއްގައި، މިހާރު އެއްއޮފީހެއްގައި އެއްފެންވަރެއްގައި ހުންނަ މީހަކު، އެހެން އޮފީހެއްގައި ހަމަ އެފެންވަރުގައި ހުންނަ މީހަކަށް އެކީގައި މުސާރަ ނުލިބުނީމާ، ދެން މުޅި ނިޒާމު ހަމަޖެހިފައި މިއޮންނަނީ މީހާއަށް. ވަކިވަކި މީހާއަށް. ދެން އަޅުގަނޑުމެންނަކަށް އެމީހާ ފާހަގަކޮށްގެން، އެކަން ކުރުން އެއީ ބުއްދިވެރި ކަމެއް ނޫން. އަދި ނިޒާމެއް ހިންގުމެއްވެސް ނޫން. އެހެންވީމާ، ސަރުކާރުން ނިންމީ، ދުނިޔޭގެ އެހެން ތަންތަނުގައިވެސް އެކަން ކުރާގޮތަށް އެއްހަމަކުރަން. އެ އެއްހަމަ ކުރަން އެފަހަރު އަޅުގަނޑުމެންޖެހި ހިސާބަކީ، އެއްބިލިއަން ރުފިޔާ. އަޅުގަނޑުމެންނަށް އޭރުން ސީދާ މުސާރަތަކެއް ގެނެސް ނަގައި ހަމައަކަށް އަޅުވައި ގެނެއްސާ ދެން ހިސާބެއް ޖަހަން ފެށުނީ. އޭގެފަހުން ދެން އަޅުގަނޑުމެން ހިސާބުޖެހީ ފެށުނީއްސުރެ ފަށައިގެން އަޅުގަނޑުމެން ހޯދަންވެގެން އުޅުނީ ދައުލަތުން މުސާރަދޭ ކިތައް މީހުން އެބަތިބިތޯ. ދަންނަވަންތޯ، އެކަން އެއްގޮތަކަށްވެސް ނޭނގިގެން، އެންމެފަހުން އަޅުގަނޑު ތިންރޭ ވަންދެން ފިނޭންސް މިނިސްޓްރީގައި އަޅުގަނޑުމެން ތިބެގެން ހަމަ ފަހަރަކު އޮފީހަކުން ފަހަރަކު އޮފީހަކުން މީހުން ގެނެސްގެން ދެން މިއެނގުނީ ރާއްޖޭގައި ސިވިލް ސަރވިސްގައި ތިބޭ މީހުންގެ ޢަދަދުވެސް. މިދަންނަވާ ވާހަކައަކީ ފުރަތަމަ ބޮޑުކުރާށޭ ޖެހުނީ. އޭރުންނޭ އަޅުގަނޑުމެންނަށް ބިންގާ އެޅުނީ. ދެން އަޅުގަނޑުމެންނަށް މި މާލިއްޔަތާއި ސައިންޓިފިކް ގޮތުން މިކަން ކުރެވެން އަންނަނީ. ދެން އަޅުގަނޑުމެންނަށް މި އިޤްތިޞާދީ އީކްއޭޝަނެއްގެ ދެފަރާތުގައި އެއްޗިހި ޖަހައިގެން މިބެލެން އަންނަނީ. ތިޔަބޭފުޅުންގެ ތެރެއިންވެސް މިކަން ދެނެވަޑައިގަންނަވާ ބޭފުޅުން މިކަން ބައްލަވާލެއްވުން މުހިންމު. ހަމަ ސިޔާސީވެގެންދިޔަސްވެސް އަދި މިކަމެއް ނޭނގޭނެ. ދެން އަދި އަޅުގަނޑެއް ނުވެސް ދެކެން އަޅުގަނޑު މިއަދު ކިޔައިދީނީމާ އެނގޭނެ ކަމަކަށްވެސް. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑުގެ ހިތުގެ އަޑިން ރަނގަޅު ކަމެއް ކުރުމަށް އަޅުގަނޑަށް ގަބޫލު ކުރެވިގެން އެކަމޭ އަޅުގަނޑު ކުރަމުން މިދަނީ. އަޅުގަނޑުގެ އަމިއްލަ ބޭނުމަކަށް ކުރާ އެއްވެސް ކަމެއް ނޯންނާނެއޭ. މި ރާއްޖެއަށް މި ރާއްޖޭގެ އިޤްތިޞާދަށް، މި ރާއްޖޭގެ މާލިއްޔަތަށް، މި ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް އަޅުގަނޑުމެން މިއަދު މިކުރަންޖެހޭ އެންމެ އުނދަގޫ ކަންތައްތައް ކުރަމުން މިދަނީ. އެހެންވީމާ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ މިވަގުތު ދަށްކޮށްފައި އެ އޮތް ފަނަރަ ޕަސެންޓަކީ، ތިޔަބޭފުޅުން މިހާރުވެސް ބައްލަވައިފިއްޔާވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީގައި އޮތް ވަރަށްވުރެ ރަނގަޅުވަރެކޭ. އެހެންވީމާ، އަޅުގަނޑުމެންނެއް ދަށްކުރާކަށެއްވެސް ނޫޅެމޭ. ހަމަ އަޅުގަނޑުމެން ނުކުރި ކަމަކީ ފޮރުވައިގެން މިކަން ނުކުރުން. އަޅުގަނޑުމެން ނުކުރި ކަމަކީ ރައްޔިތުންނަށް ސާފުކޮށް ކިޔައިދީގެން މިކަން ކުރިކަން. މިއީއޭ އަޅުގަނޑުމެން މިހަދާގޮތަކީ. އެދުވަހުވެސް ތިޔަބޭފުޅުން އަޑުއެއްސެވިނަމަވެސް، ހަމަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިކުރި ކަމަކީ އެދުވަހު ހުރިހާ މުސާރައެއް އެއްހަމަކުރުން. އެ އެއްހަމަކޮށްފައި ދެން އަޅުގަނޑުމެން މިބަލައިލީ ޕޭ ރޯލް ހުރީ ކިހިނެއްތޯ. ހުރީމަ ދެން އަޅުގަނޑުމެންނަށް މިއެނގެނީ، މިއިން ކޮންތަނަކުން ކޯއްޗެއްތޯ ނެގެން އޮތީވެސް. ނަގަން ޖެހެނީވެސް. އެބަދަލުތައް އަޅުގަނޑުމެން މިގެނައީ. އެހެންވީމާ، އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަވެސް އަލުން އަނބުރާ އިރާދަކުރެއްވިއްޔާ ހުރިވަރަށް. މިހާރުވެސް މިހިރީ ހުރިވަރުގައި އިނގޭތޯ. އެކަމާ އަދި އެއްގޮތަކަށްވެސް އޮޅުވާނުލައްވައްޗޭ. މިހިރީ ހުރިވަރުގައި. އަޅުގަނޑުމެން މިއުޅެނީ އަދި އެ މި ފަހުން ހުރިވަރަށް ގެނެސްފައި ނެގީ އަޅުގަނޑުމެން ފަނަރަ ޕަސެންޓް. އެ ފަނަރަ ޕަސެންޓް އަނބުރާ ލާން އޮތް އެންމެ ރަނގަޅު ގަޑިއަކީ ކޮބައިތޯ އަޅުގަނޑުމެން މިހާރު މިދެކެނީ. އެކަމަށް އަޅުގަނޑުމެން އެބަ ބަލަންޖެހޭ އިންފްލޭޝަނަށް. އެކަމަށް އަޅުގަނޑުމެން އެބަ ބަލަންޖެހޭ ދައުލަތުގެ އާމްދަނީއަށް. އެކަމަށް އަޅުގަނޑުމެން އެބަ ބަލަންޖެހޭ ދައުލަތުގެ ޚަރަދަށް. އެކަމަށް އަޅުގަނޑުމެން އެބަ ބަލަންޖެހޭ މުޅި ރާއްޖޭގެ މާލިއްޔަތަށް. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރަނގަޅާއި ލާބައަށް. އެހެންވީމާ، އަނެއްކާވެސް އަޅުގަނޑު ތަކުރާރު ކުރާނަން. އަޅުގަނޑުމެން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައެއް ޙަޤީޤަތުގައި މި ސަރުކާރަކުން ކުޑައެއް ނުކުރަމޭ. ފެބްރުއަރީ މަހުގެ ކުރީގައި ސިވިލް ސަރވިސްގެ މުސާރަ ހުރިވަރާ ބޮޑުތަނަކުންނެއް މިހާރަކު ގިނަ މީހުންނަކަށް ކުޑަވެގެން ގޮސްފައެއް ނުވާނެ. އަޅުގަނޑުމެން މުސާރަތައް މައްޗަށް ގެނައީ، މައްޗަށް ގެނައީ އެއްހަމަ ކުރަން. އެނގިވަޑައިގަންނަވާނެ، ބައެއް ބޭފުޅުން އޭރުގައި ވިދާޅުވާނެ، އަޅުގަނޑަށް ތިންހާސް ރުފިޔާ ލިބޭ މީހަކަށް މިހާރު އަށްހާސް ރުފިޔާ ލިބިއްޖެއޭ. ކީއްތޯ ކުރާނީ. އެއީ އެމީހާއަކަށް ނޫން އަޅުގަނޑުމެން މުސާރަ މިދެނީ މަގާމަށް. އެހެންވީމާ، އެމަގާމުތައް އެއްހަމަކުރީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަން މިގެންދާ އުޞޫލުން ގެންގޮސް، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަށް ހަމަ ބެލެންސަކަށް، ހަމަ މާލިއްޔަތަކަށް، ހަމަ އިޤްތިޞާދަކަށް ނުކުމެވޭނެ. އަދި އަޅުގަނޑަށް ޔަޤީން، މާލިއްޔަތާއި އިޤްތިޞާދު ދަންނަ ހުރިހާ ފަރާތްތަކަކުންވެސް މިކަން ގަބޫލުކުރާނެ.

އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން، މިހާ އަވަހަށް އަޅުގަނޑު ދާންޖެހޭތީވެ. އެހެން ނަމަވެސް، އަޅުގަނޑުގެ ފްލައިޓް. ދެން އަޅުގަނޑަކަށް ހިއެއްނުވޭ މިހާރު މިއަށްވުރެ ލަސްކޮށްފިއްޔާ އަޅުގަނޑު ލަސްވާނެ. އަދި ހުރިހާ ނޫސްތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް އުފާވެރިކަމަށް އެދެން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ މާ ރަނގަޅަށް ދިރިއުޅެވޭނެ އިޤްތިޞާދެއް ބިނާކޮށްގެން އުޅެވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!