بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ހުރިހާ ބޭފުޅުންނަށް މިއަދު މިގެއަށް ދަންނަވާލީ، އަޅުގަނޑުގެ ނަޒަރުގައި ތިޔަބޭފުޅުން މިހާރު ތިޔަ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަންތަކަކީ މުހިންމު ކަންތައްތަކެއް ކަމަށް އަޅުގަނޑަށް ދެކެވޭތީވެ. އަންހެނުން ކުރިއަރުވާ ކޮމިޓީތައް ނުވަތަ އަންހެނުންގެ ތަރައްޤީއާ ގުޅޭގޮތުން އަޅުގަނޑުމެން އިންތިޒާމުވާނީ މިވެނި ވަކިގޮތަކަށޭ، އަޅުގަނޑު ކޮންމެހެން އެދޭ ވަކިގޮތެއް ނެތް. އަދި ސަރުކާރުންވެސް އެދެނީ، ބޭނުންވަނީ ތިޔަބޭފުޅުންނަށް އޭގައި ފެންނަ އެންމެ ރަނގަޅު ގޮތެއް، އެގޮތަކަށް ސަރުކާރުން މަގުފަހިކޮށްދެވޭތޯ ބެލުން. އެހެން ނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރާ ނުކުތާތަކެއް ހުރޭ މިބާވަތުގެ ކަންކަމުގައި. އެއީ، އެ ނިންމާ އެއްކަންތަކާއި ދެންހުރި އަނެއް ކަންތައްތަކާ ގޮސް ގުޅި ލާމެހޭގޮތް. އަޅުގަނޑުމެންގެ ތެރޭގައި އެ ނިންމާ އެއްކަމެއްގެ ސަބަބުން އަނެއް ކަމަކަށް ދެން ބުރޫއަރައިގެން ދިޔައީމާ، ނުވަތަ ފުށުއަރާގޮތްވީމާ، މުޅި ޖުމްލަކޮށް ތަރައްޤީއަށް ކުރެވޭ މަސައްކަތަށް ހަލުވިމިން، ހަލުވިކަން ނުލިބިދާގޮތް ވަރަށްގިނަފަހަރަށް ދިމާވެފައިހުރޭ. މެދުވެރިވެފައި ހުރޭ. އެހެންވީމާ، އަޅުގަނޑު ހަމައެކަނި އެދޭނެ ކަމަކީ، ތިޔަބޭފުޅުން ނިންމަވާ ނިންމެވުންތަކުގައި، މުޅި ޖުމްލަ ހުރިހާ ކަމަކަށް ބައްލަވައްޗޭ.

އަޅުގަނޑު އަބަދުވެސް ފާހަގަކުރެވޭތޯ ބަލާ ނުކުތާއެއް އެއީ. އަޅުގަނޑުމެންނަކަށެއް ޙަޤީޤަތުގައި ނެތޭ، ހަމަގައިމުވެސް އަޅުގަނޑަކަށެއް ނެތް، އަޅުގަނޑަކީ ގަލޮޅު މީހެކޭ، މާލޭ މީހެކޭ އެހެން ކިޔާ ހުރެވޭކަށް. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ރަށު ގޮނޑުދޮށުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ، އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައިކަން. އަދި ލާމެހިފައިވާ ދިވެހިރާއްޖެއެއްގައިކަން. މިއަދު ކިތަންމެ ކުޑަކުޑަ ރަށަކަށްވިޔަސް، ރ. އަތޮޅު ފައިނަށްވިޔަސް، ކިތަންމެ ކުޑަ ރަށަކަށްވިޔަސް، ކިތަންމެ ބޮޑު ރަށަކަށްވިޔަސް، އެރަށުގެ ރަށްކުރިއަރުވާ ކޮމިޓީއަށްވިޔަސް، އަދި އަންހެނުން ކުރިއަރުވާ ކޮމިޓީއަށްވިޔަސް، އެއިން ރަށެއްގައި ކުރާ އެއްކަމަކާ ވަރަށްބޮޑު ގުޅުމެއް އެބައޮވޭ، އެހެން ރަށެއްގައި ހިނގާ އަނެއް ކަމަކާ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ބޮޑު މަންޒަރަށް ވިސްނެވުމަށް.

އަޅުގަނޑުގެ ނަޒަރުގައި މިތަނުގައި ތިޔަ ތިއްބެވީ ބޮޑު މަންޒަރު ބެލެންޖެހޭނެ، ފެންނަން ޖެހޭނެ މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއް. ހަމައެކަނި ތިމަންނާއަކަށް ވިސްނޭކަށެއް ނެތް. ހަމައެކަނި ތިމަންނާގެ ޢާއިލާއަކަށްވެސް ވިސްނޭކަށެއް ނެތް. އަވަށަކަށް، ރަށަކަށްވެސް ވިސްނޭކަށެއް ނެތް. ޖުމްލަކޮށް އަޅުގަނޑުމެން ވިސްނީމާ، ރަށަށްވެސް، އަވަށަށްވެސް، ޢާއިލާއަށްވެސް، ތިމަންނައަށްވެސް ރަނގަޅުވަނީ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، ތިޔަބޭފުޅުންގެ ނިންމެވުންތައް ނިންމަވަމުން ގެންދަވާއިރުގައި، މިދެންނެވި ބޮޑު މަންޒަރަށް ބައްލަވައިގެން ވިސްނަވަމުން ގެންދެވުން.

ދެން ހަމަ މީގެއިތުރަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތުގައި ކުރާން ވެއްޖެނަމަ، ޤާނޫނީ ޙައިޘިއްޔަތަކާ އެ އަނެއްކާވެސް އަޅުގަނޑުމެންގެ ޤާނޫނީ އޮނިގަނޑުގެ ތެރެއަށް، އެ ހިންގާ ކަމެއް ވަދެގެން ގޮސް ހިމުންވާން އެބަޖެހޭ. އެ ބޭނުން އަޅުގަނޑުމެންނަށް މިފުއްދެނީ، ރައްޔިތުންގެ މަޖްލިސް މެދުވެރިކޮށްގެން. ރައްޔިތުންގެ މަޖްލިސް ހިނގަމުން އަންނަނީ އެނގިވަޑައިގަންނަވާނެ، މިހާރު ހިނގަމުން އަންނަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ އޮނިގަނޑުގެ ތެރެއިން. އޭގެތެރެއިން އެނގިވަޑައިގަންނަވާނެ، އަޅުގަނޑަކީ އެއް ޕާޓީއެއްގެ މެންބަރެއް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް އަޅުގަނޑަކީ. އަޅުގަނޑު ވަރަށް ބޮޑަށް އަޅުގަނޑު ޕާޓީގެ މެންބަރުންގެ ގާތުގައި ވަކާލާތު ކުރެވޭތޯ، ބާރުއެޅޭތޯ ބަލާނަން، ތިޔަބޭފުޅުންގެ ނިންމުންތަކަށް އެބޭފުޅުން ތާއީދުކޮށްދެއްވުމަށް. ތިޔަބޭފުޅުންގެ ނިންމެވުން، އެބޭފުޅުންގެ ޕާޓީގެ ސިޔާސަތާ މެނިފެސްޓޯއާ ފުށުއަރައިފިނަމަ، ދެން އަޅުގަނޑަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބުރަވާނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ވީ މިންވަރަކުން ތިޔަބޭފުޅުންގެ ނިންމެވުން އެއީ ދެޕާޓީގެވެސް، މި ބޮޑު ދެޕާޓީގެވެސް މައިގަނޑު ސިޔާސަތުތަކާ ފުށުނާރާ ގޮތަށް ނިންމަވާ ނިންމެވުންތަކަށްވުން.

މި ލާމަރްކަޒީ އުޞޫލުން ހިންގުމުގައި އަޅުގަނޑުމެން ދެޕާޓީ މިދޭތެރެއަކުން ވަރަށް ބޮޑަށް ބަޙުޘް ހޫނުކޮށް ޒުވާބުކޮށް ހަދައިފީމު. އޭގައި ދިމާވި މައްސަލައަކީ، އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތަކަށްވެފައި އޮތީ، ދިވެހިރާއްޖެ ލާމަރްކަޒީ އުޞޫލުން ހިންގުމަށް އެންމެ ރަނގަޅު ގޮތަކަށްވާނީ، ޕްރޮވިންސްތަކަކަށް ނުވަތަ ސަރަޙައްދުތަކަކަށް، 7 ސަރަޙައްދަށް ބަހާލައިގެން ހިންގޭތޯ ބެލުމޭ. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކަށްވީ، އަޅުގަނޑުމެން ދުށީ އަތޮޅަކީ އިޤްތިޞާދީ ކުރިއެރުމާއި އަދި ތަރައްޤީގެ ކަންކަމަށް ބަލާއިރުގައި މާ ކުޑަ މިންވަރެކޭ. އެ މިންވަރުގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގައިގެން، އަޅުގަނޑުމެން މި ބޭނުންވާ، އަޅުގަނޑުމެން މި އެދޭ ތަރައްޤީއެއް ނުނެރެވޭނެ. ޢާންމު ގޮތެއްގައި އެބަ ބޭނުންވޭ، މަދުވެގެން ތިރީހަކަށްހާސް، ސާޅީހަކަށްހާސް ރައްޔިތުން ހިމެނެން އިޤްތިޞާދެއް ރަނގަޅަށް ޙަރަކާތްތެރިވުމަށް. އަދި ހަމަ އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑަށް ޔަޤީން، މި އިންސާނީ ތަޖްރިބާ ވަރަށް ރަނގަޅަށް ދައްކާފައި އޮތް ވާހަކައެއް. ކޮށްފައި އޮތް ކަމެއް. ރަނގަޅަށް އަޅުގަނޑުމެން މިކަން ހިންގާން ވެއްޖެނަމަ، މިދަންނަވާހެން ތަންކޮޅެއް ބޮޑެތި ބައިބަޔަށް އެބަ ބެހިލާންޖެހެއޭ. ރަށެއްގެ ދަރަޖައިގައި ހަމައެކަނި އެކަހެރިވެގެން، އެކަނިވެގެން މިކަންވާކަށް ނެތޭ. އަތޮޅެއްގެ ގޮތުގައި އެކަނިވެގެން ތިބެވެސް އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް ލިބޭކަށެއް ނެތޭ.

އަޅުގަނޑު ހަމަ އަބަދުވެސް ތަކުރާރުކޮށް ދަންނަވާނީ ބައެއް ބޭފުޅުން މިސާލަކަށް މިދޭތެރެއަކުން އަޅުގަނޑުމެންނަށް ދެއަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ގެ، ރަށް ބަދަލުކުރާންޖެހިއްޖެ. އަޅުގަނޑުގެ ނަޒަރުގައި އަތޮޅުވެރިކަން އެއީ، އެހާ މުހިންމު ކަމެއް ނޫން. ރަށްވެހިކަން އެއީ ވަރަށް މުހިންމު ކަމެއް. ރަށުގެ ތަރައްޤީ ކުރިއަށް ގެންދިއުން އެއީ ހަމަ ވަރަށް މުހިންމު ކަމެއް. އަތޮޅުތަކަށް އަޅުގަނޑުމެން މިހާރުވެސް ބަހާފައި މިހުރީ، ދިވެހިރާއްޖޭގެ ތާރީޚުގައި އެކިދުވަސްވަރު އެކިގޮތަށް ބަހާފައި އެބަހުރި. އެންމެ ކުރިއަށް އަޅުގަނޑުމެންނަށް ފެންނާން އޮތްއިރުގައި ރާއްޖޭގައި ބަހާފައި އޮންނަނީ، އަޅުގަނޑު ހަނދާންވަނީ 9 އަތޮޅަކަށޭ. ފަހުން އައިސް، ފަނަރަސަތޭކައަށް، މީލާދުގެ ފަނަރަސަތޭކައިގެ ތެރޭގައި އަޅުގަނޑު ހަނދާންވަނީ 13 އަތޮޅަކަށް ބަހާލެވުނޭ. ދެން އައިސް ނަވާރަސަތޭކައަށް އެނބުރިގެން އައިއިރުގައި އެކިއިރު އެކިއަތަށް ޢަދަދަށް ބަދަލުވަމުން ވަރަށް ހަލުވި މިންގަނޑެއްގައި އެބަދަލުތައް އަންނަމުން ފަސްވަމުންދިޔަ. ބައެއްފަހަރަށް އަތޮޅުތައް ބައިވެސްކޮށްލެވޭ. ދެން އަތޮޅެކޭ މިބުނެވޭ ބަހުގެ މާނައަކީ އެއީ ޖޯގްރަފީގެ ވާހަކައެއް ނުވަތަ ޤުދްރަތީ އުފެދުމާ ގުޅޭ ވާހަކައެއް. އިހަވަންދިއްޕޮޅު އެއީ އަތޮޅެއް. ހަމަ ތިލަދުންމަތި އޮވެފައި ދެން ފަހަތުގައި އެ އޮންނަނީ ފާދިއްޕޮޅު. އެދިޔައީ އުތުރު. އެހެންވީމާ، އެ އިހަވަންދިއްޕޮޅާއި ފާދިއްޕޮޅާ ދެމެދުގައި އެއޮންނަނީ ތިލަދުންމަތި. މުޅި ޖުމްލަ އެދިމާލުގައި އެވަނީ 4 އަތޮޅު. އަޅުގަނޑުމެންނަށް މި [އަތޮޅު]ގެ މާނަ އެއީ ސިޔާސީ މާނައެއްގެ ގޮތުގައިވެސް ނެގިދާނެ. އެހެން ނޫނީ އިދާރީ ހިންގުމުގެ މާނައެއްގެ ގޮތުގައިވެސް ނެގިދާނެ. ހަމައެކަނި އަޅުގަނޑުމެން މި ފާހަގަ މިކުރަނީ، އަޅުގަނޑުމެން މިބުނާ އަތޮޅަކީ، ކޮންމެހެނެއް މިހާރު މިހުރި އިދާރީތަކެއް ނޫނޭ. އަޅުގަނޑުމެން މިބުނަނީ އޭގެތެރެއިން ބައެއް އިދާރީ ދާއިރާ އެއްކޮށް އަތޮޅެއްގެ ގޮތުގައި މާނަކޮށްގެން ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ ހަމަ ކުރެވިދާނެ ކަމެކޭ.

އަޅުގަނޑުމެން މިއެދެނީ، އެ މިދަންނަވާ 7 ސަރަޙައްދުގެ ތެރޭގައި އަންހެނުންގެ ތަރައްޤީއާ ގުޅޭ އެންމެހާ ކަންކަން، އޭގެ އެންމެ މަތީ ދަރަޖައިގައިވެސް ހިމެނުމަށް. އަޅުގަނޑު ވަރަށް ބޮޑަށް އެއްބަސްވަން. ތިޔަބޭފުޅުން ތިޔަ ހުށަހަޅުއްވާ ގޮތް، އަޅުގަނޑު ނުރުހޭ ގޮތެއް ނޫން އެއީކީއެއް. އަޅުގަނޑު ނުރުހޭ ގޮތް ކަމުގައިވިޔަސްވެސް، އެގޮތް، ތިޔަބޭފުޅުން ހުށަހަޅުއްވާ ގޮތް، ކުރިއަށް ގެންދިއުމުގައި އަޅުގަނޑު މަސައްކަތް ކޮށްދޭނަން. އަޅުގަނޑު ރުހޭގޮތާއި ނުރުހޭގޮތް، އަޅުގަނޑު ބޭނުންވާ ގޮތާއި ބޭނުންނުވާ ގޮތް، އަޅުގަނޑުގެ ނަޒަރުގައި އެހާ މުހިންމެއް ނޫން. ގިނަ ރައްޔިތުން އެދޭ ގޮތަކަށް އަޅުގަނޑުމެންނަށް މިކަން ކުރެވޭތޯ ބެލުން. އަޅުގަނޑަށް ޔަޤީން، ދިވެހި ރައްޔިތުންގެ ޕާޓީއިންވެސް އަދި މަޖިލީހުގައި ތަމްސީލުވާ ޕީޕަލްސް އެލަޔަންސް ޕާޓީއިންވެސް އަދި ޤައުމީ ޕާޓީއިންވެސް އަދި އަމިއްލަ މެންބަރުންވެސް މިކަމުގައި މި އިތުރަށް މި ޒުވާބުގެ ތެރެއަށް އަޅުގަނޑުމެން ނުދާނެ ގޮތަކަށް، ނުގޮސްވާނެ ގޮތަކަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށް މަގުފަހިވާނެ ގޮތަކަށް ކަންކަން ވިސްނައި، ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެން އެންމެންވެސް އެބަ ހުރިހާ އެންމެން އެކަކު އަނެކަކަށްވެސް ނަޞޭޙަތްލައިދޭންޖެހޭ. އަޅުގަނޑަށްވެސް ތިޔަބޭފުޅުން އެބަ ނަޞޭޙަތްލައިދެއްވަންޖެހޭ. އަދި އަޅުގަނޑުވެސް އެބަ އެހެން ބޭފުޅުންނަށް، އަޅުގަނޑަށް އެނގިހުރި މިންވަރަކުން އެހެން ބޭފުޅުންނާ މިވާހަކަ ދައްކައި ހަދަން އެބަޖެހޭ.

އަޅުގަނޑު މިރޭ ވަރަށް އުފާވޭ، ތިޔަބޭފުޅުންނާ އެކުގައި، އަޅުގަނޑު އުޅޭ ގެއަކީ މިއީ. މިގޭގައި ބައްދަލުކޮށްލަން މިގޮތަށް ލިބުނީތީވެ. ދެން އަޅުގަނޑު ހަމަ ފަށްފަށުން ޑޮކްޓަރ އާމިނަތު ޖަމީލަށާއި އަދި މާރިއަށާއި، އެ މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށާއި، މިބައްދަލުވުން ރާވައި ހިންގަވައިދެއްވާތީވެ އެކަމަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަ ގޮތެއްގައި، އަތޮޅުއްސުރެ ފެށިގެން، ރަށުއްސުރެ ފެށިގެން ދަތުރު ހައްދަވައިގެން މިތަނަށް މާލެ ވަޑައިގެން ތިޔަ ތިއްބެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމަ އޭގައި އަޅުގަނޑުމެންގެ ޕްރޮވިންސް މިނިސްޓަރުން، މި އަތޮޅުތަކުގެ ތަރައްޤީއަށް އެ ގެންގުޅުއްވާ ވިސްނުމާއި، އެބޭފުޅުން އެކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ނިހާޔަތަށް އެބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އަޅުގަނޑުމެންނަށް މިކަންކަން ކުރުމަށް މިއަދު ދިމާވެފައި މިވަނީ ފަސޭހަ ދުވަސްވަރެއްގައެއް ނޫން. މި ރާއްޖެ، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވެދާ ދުވަސްވަރެއްގައި. އެހެންވީމާ، ބައެއްފަހަރަށް އުނދަގޫތަކާވެސް ދިމާވާނެ. ބައެއްފަހަރަށް ޒުވާބުވެސް ނުކުންނާނެ. ހަމަނުޖެހުންވެސް، މަޖިލީހުގެ ތެރޭގައިވެސް އަދި ރަށުތެރޭގައިވެސް، އަތޮޅުތެރޭގައިވެސް، އަވަށުތެރޭގައިވެސް، ގޭތެރޭގައިވެސް، ދެމަފިރިން ދޭތެރޭގައިވެސް ހިނގާގޮތް ދިމާވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ އެކަން ހަޖަމުކުރަން. އަޅުގަނޑާ ދިމާއަށް ވަރަށް ފާޑު ރައްދުވޭ. އެއްބަޔަކު ފާޑުކިޔަނީ ކުރީގެ މީހުންނާ ދޭތެރޭގައި ހަރުކަށިނުވާތީވެ. އިންޞާފު ނުގެނެސްދޭތީވެ. އަނެއްބަޔަކު ފާޑުކިޔަނީ ހަމައެކަނި އެއްބަޔަކު އެދޭގޮތަށް އަޅުގަނޑު ކަންތައް ކުރަން އުޅޭތީވެ. އަޅުގަނޑަށް އެ ދެފަރާތްވެސް އަޑުއިވޭ. އަޅުގަނޑު ދަންނަވަން ބޭނުމީ، އަޅުގަނޑު މިކަން މިކުރަނީ، ރާއްޖޭގެ ވެރިކަން ކުރަމުން މިގެންދަނީ ހަމަ ވަރަށް އިތުބާރާ އެކީގައޭ. އަޅުގަނޑަކަށް މިއީކީ އުނދަގޫ ކަމެއް ނޫން. އަޅުގަނޑަށް މިކަން ކުރެވޭނެ. އަޅުގަނޑު މިއަންނަނީ މިކަން ކުރަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި އެންމެން އެދޭ ބަދަލުތައް އަޅުގަނޑުމެންނަށް ގެނެސްދެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________