بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ފެމިލީ އެންޑް ހެލްތް ޑޮކްޓަރ އާމިނަތު ޖަމީލު. އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ވަޑައިގެން ތިއްބެވި އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ މަންދޫބުން. މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެން މިއަދު މި އެއްވެ މިތިބި އެއްވުމުގެ ބޭނުމަކީ، ޑޮކްޓަރ އާމިނަތު ޖަމީލުވެސް ފާހަގަކޮށްދެއްވައިފި. އަދި އޭގެއިތުރުން، މި ޖަލްސާއާ ބައްދަލުވުމާ ގުޅޭގޮތުން ތަޢާރުފުވެސް އަރުވައިދެއްވައިފި. އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް މިހާތަނަށް މީގެކުރީގައި ކުރެވެމުން އައި މަސައްކަތްތަކުގެ އަލީގައި، ދެން ކުރިއަށް ދިއުމުގައި އަޅުގަނޑުމެން ޢަމަލު ކުރާނީ ކޮންގޮތަކަށްތޯއާ ގުޅޭގޮތުން މަޝްވަރާކޮށް، މިތަނުން ފެންނަ އެއްޗެއް ހާމަކުރުން. އެ އަޞްލު ދެނެގަތުމަށްޓަކައި އަޅުގަނޑުގެ ނަޒަރުގައި މިއަދު އަޅުގަނޑުމެން މި ބައްދަލުވަނީ. އެހެންވީމާ، އެކަމާ ގުޅޭގޮތުން އަޅުގަނޑަށް ފެންނަ ދެތިން ނުކުތާއެއް މިއަދު ފާހަގަކޮށްލުމުގެ ނިޔަތުގައި، އަޅުގަނޑު މިތަނުގައި ހުއްޓި ހުރީމު.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އާމިނަތު ޖަމީލު ވިދާޅުވިފަދައިން، މިގޮތަށް ފުރަތަމަ ފަށައިގަނެވުނީ، 1980ގެ ވަރަށް ކުރީކޮޅު. އޭރުގައި ހަމައެކަނި ފުރަތަމަ 1982 ވަނަ އަހަރު އެކުލަވާލެވުނީ، މާލޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް. އަދި އޭރުގައި އެކޮމިޓީތަކަށް މެންބަރުންތަކެއް ޢައްޔަން ކުރެވުނު. ދެން އައިސް އަޅުގަނޑު ހަނދާންވަނީ، 1993 ވަނަ އަހަރު މިކޮމިޓީތައް އެއީ ރާއްޖޭގެ ރަށްކުރިއަރުވާ ކޮމިޓީތަކެކޭ އެއްފަދައިން، އިންތިޚާބުކުރާ ކޮމިޓީތަކަކަށް ވެގެންދިޔަ. އޭރުއްސުރެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި، އެކިރަށްރަށުގައި މިއަންނަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކެއް އިންތިޚާބުވަމުން.

މިއަދުވެސް އެގޮތަށް އިންތިޚާބުވެފައި ހުރި ކޮމިޓީތަކެއް އެބަހުރި. މިއަދު އިންތިޚާބުވެފައި ހުރި ކޮމިޓީތައް އެހެން ހުންނައިރު، އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ، އެބަޖެހޭ އެކޮމިޓީތަކަށް ލިބިފައިވާ ޤާނޫނީ ޙައިޘިއްޔަތަކާ ގުޅޭގޮތުން ފިކުރު ހިންގަން. ޙައިޘިއްޔަތެއް ނެތްނަމަ، ޤާނޫނީ ޙައިޘިއްޔަތެއް ހޯދާނެ ނުވަތަ އޮންނަންވީ މަގަކީ ކޮބައިތޯ ދެނެގަންނަން. ޤާނޫނުއަސާސީ ތަޞްދީޤު ކުރުމާ ގުޅިގެން، އޭގެކުރީގައި ޢަމަލު ކުރެވެމުން އައި ވަރަށްގިނަ ޤާނޫނުތައް އަދި ޚާއްޞަކޮށް، އޭގެކުރީގައި ޢަމަލުކުރެވެމުން އައި ވަރަށްގިނަ ގަވާއިދުތައް މިދިޔައީ ބާޠިލުވެގެން. އެ ގަވާއިދުތައް ބާޠިލުވެދިޔައިރުގައި، ރަށްކުރިއަރުވާ ކޮމިޓީތަކުގެ ގަވާއިދުތަކާއި ދެން އަދި އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ ގަވާއިދުތައްވެސް ދިޔައީ ބާޠިލުވެގެން. އެ ގަވާއިދުތަކަކީ ޢާންމު ޤާނޫނުގެ ބާރު ލިބިދޭ ގަވާއިދަކަށް، ޤާނޫނުއަސާސީއާއެކު ޢަމަލުކުރާން ފެށުނު. އަޅުގަނޑު ހަނދާންވާ ގޮތުގައި ހަތްދިހަ އެތައް ގަވާއިދެއް. އެ ގަވާއިދުތަކަކު އަންހެނުން ކުރިއަރުވާ ކޮމިޓީގެ ގަވާއިދުތަކެއް ނުހިމެނޭ. އެހެންވީމާ، މިވަގުތު އަޅުގަނޑުމެންނަށް މިހާރު ޖެހިފައި މިއޮތީ، މި ކޮމިޓީތަކަށް ފުރިހަމަ ޤާނޫނީ ޙައިޘިއްޔަތެއް ހޯދަން ނުވަތަ އަޅުގަނޑުމެންނަށް ޖެހިފައި މިއޮތީ، މިއަދަށްފަހު ނުވަތަ ދެން ކުރިއަށް އޮތް ތަނުގައި، އަންހެނުން ކުރިއެރުވުމާ ގުޅޭގޮތުން އަޅުގަނޑުމެން ގެންގުޅޭނީ، ކޮންބާވަތެއްގެ ވިސްނުމެއްތޯ ކަނޑައަޅައި، އެ ވިސްނުމާއިގެން އަޅުގަނޑުމެން ކުރިއަށް ގެންދަން.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއޭ، އެހެން ހަމައެކަނި ބުނުމުންވެސް އަޅުގަނޑުމެންނަށް އޭގައި އެބަ ފާހަގަވޭ، މީގެ މައިގަނޑު މަސައްކަތަކީ ތަރައްޤީއަށް މަސައްކަތް ކުރުންކަން. އަދި ޚާއްޞަ ގޮތެއްގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުންކަން. އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް އުފެދޭ ސުވާލެއް، ފާހަގަވާ ނުކުތާއެއް އެއީ، ތަރައްޤީއަކީ ކޮބައިތޯ؟ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެން ވިސްނާއިރުގައި، ޖުމްލަ ގޮތެއްގައި ތަރައްޤީއަކީ ކޮބައިތޯ؟ އަޅުގަނޑު އަބަދުވެސް ފާހަގަކުރަން. އަޅުގަނޑުމެންގެ ތެރޭގައި މާގިނައިންނޭ ނިންމިފައި އޮންނަނީ، ތަރައްޤީއަކީ ވަރަށްގިނަ ކޮންކްރީޓޭ. ތަރައްޤީއަކީ ވަށާ ފާރެކޭ. ތަރައްޤީއަކީ ބޮޑުހިލަ ޖެއްސި ބަނދަރެކޭ. ތަރައްޤީއަކީ އެއްގަމު ތޮށްޓެކޭ. ތަރައްޤީއަކީ މިނޫންވެސް މިބާވަތުގެ ކޮންމެވެސް އަދި ފަހުން އަޅުގަނޑުމެން އެއަށް ކިޔާ އުޅުނިން އެހެން ބަހެއް. [ޢުމްރާނީ ތަރައްޤީއޭ]. ބިނާކުރެވިފައި ހުންނަ ކަމެކޭ ތަރައްޤީއަކީ.

އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ. އަންހެނުންގެ ތަރައްޤީއަކީ ކޮބައިތޯ؟ ސަހަރާ ވަށާފާރު ރޭނުނީމާ، އަންހެނުންނަށް ތަރައްޤީއެއް ލިބުނުތޯ؟ ބަނދަރުގެ ބޮޑުހިލަ ޖެއްސީމާ، އަންހެނުންނަށް ތަރައްޤީއެއް ލިބުނުތޯ؟ އެއްގަމުތޮށި ހެދީމާ، އަންހެނުންނަށް ތަރައްޤީއެއް ލިބުނުތޯ؟ އެހެންވީމާ، އަޅުގަނޑުމެން ހަމަ މުޅި ޖުމްލަކޮށް އަޅުގަނޑު އެދެން، މިބައްދަލުވުމުގައި ވިސްނާލަން، ތަރައްޤީއަކީ ކޮބައިތޯ؟ އޭރުން އަޅުގަނޑުމެންނަށް އަދިކިރިޔާ ސާފުވާން މިއަންނަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނީ ކިހިނެއްތޯ؟ ތަރައްޤީއަކީ ބައެއް ފަރާތްތަކުގެ، ބައެއް ބޭފުޅުންގެ ނަޒަރުގައި ޖީބަށް ވަންނަ ފައިސާ އިތުރުވުން. މިއަދު ލިބުނު އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނެ ގޮތަކަށް އަޅުގަނޑުމެންގެ ކަންކަން ރާވައިގެން ކުރިއަށް ގެންދިއުން. ތަރައްޤީއަކީ ޢާންމު ޙާލަތު ރަނގަޅުވުން. ތަރައްޤީއަކީ ތަނަވަސްވުން ކަމަށް ވަރަށްގިނަ ފަރާތްތަކުން ދެކޭ. އިއްޔެގައި އުޅުނު ގޮތް ނޫން އެހެން ރަނގަޅު ގޮތަކަށް މިއަދު އުޅެވޭނެ ގޮތް ހޯދުން، އެގޮތް މެދުވެރިކުރުން. އެއީ ކަމަށް އަޅުގަނޑުމެންނަށް މި އަޑު އިވިފައި އަދި ވިސްނިފައި މިއޮންނަނީ ތަރައްޤީއަކީ.

ހަމަ އެހެންމެ ބައެއް ބޭފުޅުންގެ ނަޒަރުގައި، ތަރައްޤީއަކީ ރީތިކަން، ޗާލުކަން، ފަރިކަން. ބައެއް ބޭފުޅުންނަށް ވިސްނިފައި އޮވޭ، ލާ ހެދުމުން އަޅުގަނޑުމެން ތަރައްޤީވެދާނެ ކަމަށް. ލާ ކުލައިން އަޅުގަނޑުމެން ތަރައްޤީވެދާނެ ކަމަށް. ދިއްލާ ބޮކިން އަޅުގަނޑުމެން ތަރައްޤީވެދާނެ ކަމަށް. އަޅުގަނޑުމެންނަށް ތަރައްޤީ ސިފަވާއިރުގައި، ރީތިކަމުން އެއީ ތަރައްޤީ ކަމަށް ދެކި، ދެންވެސް އަޅުގަނޑުމެންނަށް އެބަހުރި، ވިސްނުންތަކެއްގެ މައްޗަށް ހުއްޓެވިފައި. ތަރައްޤީއަކީ ސާފުތާހިރުކަން ކަމަށްވެސް ބައެއް ބޭފުޅުން ދެކޭ. ގޮނޑުކޮށްނެތުން ކަމަށްވެސް ބައެއް ބޭފުޅުން ދެކޭ. ބޯދާގޮތުން އަރައިގަތުން ކަމަށްވެސް ބައެއް ބޭފުޅުން ދެކޭ. ނުތާހިރުކަންމަތީގައި ނުތިބެ، ސާފުތާހިރުވުން ކަމުގައިވެސް ބައެއް ބޭފުޅުން ދެކޭ. ތަރައްޤީގެ ކަންކަމުގެ ތެރޭގައި، އަދި ރީތިކަމާއި ސާފުތާހިރުވުމާ، މިދެކަމުގެ ތަފާތުވެސް ވަރަށް ބޮޑަށް ބައެއް ބޭފުޅުންނަށް އޮޅިފައި އޮންނަތަންވެސް އަޅުގަނޑުމެންނަށް ފެނޭ. ތަރައްޤީއަކީ ކޮބައިކަން އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް އެބަ ވިސްނާންޖެހޭ.

ބައިނަލްއަޤްވާމީއަކީ މިންއެޅުމުގެ ތެރޭގައި، ތަރައްޤީއަކީ ކޮބައިތޯ މިންއަޅާފައި ހުންނައިރުގައި، އެބަ ދެކެވޭ ވަކި މިންވަރަކަށް ރައްޔިތުންނަށް ޓީޗަރެއް ހުރުން. ވަކި ޢަދަދަކަށް ދަރިވަރުންނަށް ކްލާސްރޫމް ހުރުން. ވަކި ޢަދަދަކަށް ބަލި މީހުންނަށް ހޮސްޕިޓާ އެނދު ހުރުން. ވަކިވަރަކަށް ޓީ.ވީ ކޮންމެ ރައްޔިތަކަށް ހުރުން. ކޮންމެ ރައްޔިތަކަށް ދެ މޯބައިލް ފޯނު ވާވަރަށް ހުރުން. އަދި ވޭވް ސައިކަލްގެ ދެ ސައިކަލްވާ ވަރަށްވެސް ހުރުން.

ތަރައްޤީގެ މިންގަނޑުތައް އަޅުގަނޑުމެން އަޅާއިރުގައި، އެއްފަރާތުން އަޅުގަނޑު ދެންމެ މި ފާހަގަކުރި ކަންކަމުގެ ތެރޭގައި، ފުރަތަމަ އަޅުގަނޑު މި ފާހަގަކުރީ، އިންސާނީ ތަރައްޤީގެ ވަސީލަތްތައް. ނުވަތަ އަޅުގަނޑުމެންނަށް ހެޔޮޙާލުގައި ދެމިތިބުމަށް ބޭނުންވާ ބައެއް ކަންކަން ކުރިއަރައިދިއުމަށް އެޅޭ މިންގަނޑުތައް. ހަމައެއާއެކީގައި އަޅުގަނޑުމެންގެ ފަސޭހަކަމަށް ހުރި ކަންކަން ކުރިއަރައިދިއުމަށް އެޅޭ މިންގަނޑުތައް. އެއީ، ތަރައްޤީއެއް ވޮޝިންގ މެޝިނެއްވެސް. ތަރައްޤީ ކަމަށް އަޅުގަނޑުމެންނަށް އެބަ ބެލެވޭ އަވަނެއްވެސް އެއީ. ތެޔޮ އުނދުނެއްވެސް އެއީ، ތަރައްޤީ ކަމަށް އަޅުގަނޑުމެންނަށް އެބަ ބެލެވޭ. އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނާންޖެހޭ، ޙަޤީޤީ ތަރައްޤީއަކީ ކޮބައިތޯ؟ އަޅުގަނޑުމެން އަމިއްލައަށް އެބަ ދެނެގަންނަންޖެހޭ. އަދި އެބަ އެނގެންޖެހޭ. ބައެއް ބޭފުޅުންގެ ނަޒަރުގައި ތަރައްޤީއަކީ މިނިވަންކަން. ތަރައްޤީއަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބި އޮތުން. ތަރައްޤީއަކީ ޞުލްޙަވެރި، ސިޔާސީ ޙަރަކާތް ކުރިއަށް ގެންދެވޭނޭ މަގުތައް ތަނަވަސްވެފައި އޮތުން. ތަރައްޤީއަކީ ވަރަށްގިނަ ފޮތް ލިޔެ ޗާޕް ކުރެވި ނެރެވުން. ތަރައްޤީއަކީ އެއްވެ އުޅުމުގެ މިނިވަންކަން އޮތުން. ތަރައްޤީއަކީ މިދަންނަވާހެން ހެޔޮގޮތުގައި ވެރިކަން ކުރުމަށް ކަންކަން މަގުފަހިވެފައި އޮތުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަރައްޤީއަކީ ހަމަކަށަވަރުންވެސް ދެންމެ އަޅުގަނޑު މި ފާހަގަކުރި ހުރިހާ ކަމެއްވެސް އޭގެތެރޭގައި އެކުލެވޭ ކަންކަން ހިމެނޭ ކަމެއް.

އެހެންވީމާ، އަޅުގަނޑުމެން މިއަދު އެއްވެ މިތިބެ ފިކުރު ހިންގާންވެގެން މިއުޅެނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނީ ކިހިނެއްތޯ؟ މީގެކުރީގައި ސަރުކާރުން ގެންގުޅެފައިވާ ވިސްނުމަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރަން އެންމެ ރަނގަޅު ގޮތް ކަމަށް ލަފާކުރެވިފައި އޮތީ، އެކަހެރިވެ ތިބެ، އަންހެނުންގެ ކޮމިޓީއެއްގެ ތެރެއިން އެކަން ކުރުން. ދެން އަޅުގަނޑަކީ އެއްވެސް ޙާލެއްގައި މިކަމުގެ މާހިރެއް ނޫން. އަޅުގަނޑަށް ބައެއްފަހަރަށް އަޑު އިވިފައި ކިޔިފައި އޮންނަގޮތުގައި، އެފަރމެޓިވް އެކްޝަން ނުވަތަ ވަކިން އަންހެނަކަށް އަންހެނުންގެ ކޮމިޓީތަކެއް އެއްކައިރީގައި ބަހައްޓައިގެން، އެކޮމިޓީތައް މެދުވެރިކޮށްގެން، މުޅި ހުރިހާ ޖުމްލަ ކަމަކަށް އަސަރު ފޯރުވޭތޯ މަސައްކަތް ކުރަމުން ގެންދިއުން. އެއީ، އެއް އަތަކުން އެކަން ކުރުން. އަނެއް ގޮތަކީ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ވެރިކަމުގެ ތެރޭގައިވެސް، ހުރިހާވެސް އެންމެ ހުރިހާ ކަމެއްގެ ވަކިނުވެ ހުރިހާ ކަމެއްގެ ތެރޭގައި، އަންހެނުންގެ ކަންކަން ވަކިން ޚާއްޞަކޮށް ފާހަގަކޮށްގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުން. އެހެންވީމާ، ވަކި ކޮމިޓީތަކެއް އަންހެނުންނަށް ވަކިން ޚާއްޞަކޮށް ނެތުން. އޭގެ ބަދަލުގައި ސީދާ ރަށްވެހިކަމުގައިވެސް، ރަށްވެރިކަމުގައިވެސް އަންހެނުންގެ ތަރައްޤީ އެކަމުގެ ތެރޭގައި ފުންކޮށް އޮތުން. ވަކިން ޚާއްޞަކޮށް، އެއްކައިރީގައި އަންހެނުންގެ ކަންތައްތައް ނެތުން.

އަޅުގަނޑުމެންނަށް މިދެގޮތުންކުރެ ވަކިގޮތަކަށްދާކަށް ކޮންމެހެނެއް މަޖުބޫރެއް ނުކުރޭ އެއްވެސް ބަޔަކު. އަޅުގަނޑުމެންގެ ނަޒަރުގައި، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އަޅުގަނޑުމެން ދެނެގަންނާން މިޖެހެނީ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، މަސްތަކުގެ ތެރޭގައި، ލާމަރްކަޒީ އުޞޫލުން ހިންގުމަށް ޤާނޫނެއް އެކުލަވައިލެވި، އެ ޤާނޫނުގެ ތެރެއިން ރަށްރަށް، އަތޮޅުތައް، ޕްރޮވިންސްތައް ހިންގަމުން ގެންދެވޭނެ. އެ ހިންގާ ހިންގުމުގައި، އޭގެތެރޭގައިތޯ އަންހެނުންގެ ތަރައްޤީގެ މައިގަނޑު ކަންކަން ހިމަނާނީ ނުވަތަ ހަމަ މިހާރުވެސް މިގެންދާ ގޮތަށް ވަކި ކޮމިޓީއެއްގައި އެކަހެރިވެގެންތޯ އަންހެނުންގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ. މި އެކުލަވާލެވޭ ޤާނޫނެއްގެ ތެރޭގައި، އަންހެނުން ވަކި ޢަދަދަކަށް އިންތިޚާބު ކުރުން މަޖުބޫރުކުރާ ގޮތަށް ޤާނޫނު އެކުލަވައިލުމަކީވެސް ރައްޔިތުންގެ މަޖިލީހަށް ރުހޭ ކަމެއް ކަމަށްވަންޏާ އެއީ، ކުރެވިދާނެ ކަމެއް. އަދި ބައެއް ޤައުމުތަކުގައި އެކަން ކޮށްފައިވެސް އޮންނަ ގޮތެއް. އަޅުގަނޑުމެންނަށް މިކަން ހިންގޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުން މީގެ މުހިންމު ކަމަކީ. އެކަމާ ހުޅުވާލެވިގެން ތިބެ ވަރަށް ބޮޑަށް މަޝްވަރާކޮށް ފިކުރު ކުރުން.

އަޅުގަނޑު ހަމަ އެދެނީ، މީގެކުރީގައި އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ހުރި ބައެއް ކަންކަމުން އެއްކިބާވެ، ވަރަށް ސާފުކޮށް އަލުން އަނބުރާ އާ ވިސްނުމަކުން މިއަދު ފެށޭނެ ފުރްޞަތުތަކެއް ތިޔަބޭފުޅުން ހޯއްދަވާނެ ކަމަށް. އަޅުގަނޑު ވަކިން ޚާއްޞަކޮށް ދަންނަވާނެ މިވެނި ގޮތެކޭ ރަނގަޅީ އެހެން ދަންނަވާނެ ވަކިގޮތެއް ނެތް. އާމިނަތު ޖަމީލު ވިދާޅުވެއްޖެ. އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގައި، އަޅުގަނޑުމެންގެ ފިކުރުގައި، އަޅުގަނޑުމެން ދުށީ އަންހެނުންނަށް އެންމެ ރަނގަޅު ގޮތަކަށްވާނީ، ވަކިން އަންހެނުންނާބެހޭ މިނިސްޓްރީއެއް ހުރެގެން ކަންކަން ކުރުމެއް ނޫނޭ. ކޮންމެ މިނިސްޓްރީއެއްގައިވެސް އަންހެނުންނާބެހޭ ކަންކަން ފާހަގަކުރުމޭ. އެގޮތުން، އަޅުގަނޑަށް ނަޞީބު ލިބިފައި މިއޮތީ، އަޅުގަނޑުމެންގެ އޮފީހުގެ އަންހެނުންނާ ގުޅޭގޮތުން ކަންކަން ފާހަގަކުރާ މީހެއްގެ ގޮތުގައި އަޅުގަނޑު ހުރުން. އެއީ އޮފީހުގައި ހިނގާ ކޮންމެ ކަމެއް ހިނގާއިރުގައިވެސް، އޮފީހުގައި ސިޔާސަތެއް އެކުލަވައިލާއިރުގައިވެސް، އަދި އޮފީހުގައި ސިޔާސަތެއް ތަންފީޛު ކުރެވޭއިރުގައިވެސް، އެއިން ކޮންމެ ކަމެއްގެ ތެރޭގައިވެސް އަންހެނުންގެ ކަންކަން، އަންހެނުންނާ އެކަންކަމާ ގުޅޭގޮތުން ދިމާވާނެ ކަންކަން ފާހަގަކުރާ ބަޔަކު އެއޮފީސްތަކުގައި ތިބެ، އެމީހުންގެ އެހީތެރިކަމާއި އެމީހުންގެ ބާރުފޯރުވުން އޭގެތެރޭގައި ހިމެނިގެން މުޅި ޖުމްލަ ސިޔާސަތު އަންހެނުންނަށް ތަރައްޤީއަށް ފަހިވާގޮތަށް ކުރިއަށް ގެންދެވޭނެ އުޞޫލަކުން ގެންދިއުން އެއީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތުގެ ގޮތުގައި ސަރުކާރުން ނިންމާފައި އޮތްގޮތަކީ.

އަޅުގަނޑުމެންގެ މައްސަލައެއް ނެތް. މި އަންހެނުން ކުރިއަރުވާ ކޮމިޓީތަކާ ގުޅޭގޮތުން އެކޮމިޓީތައް ދެން އިތުރަށް ކުރިއަށް ގެންދިޔައީމާ، އަޅުގަނޑުމެންނަށް ލިބެން އޮތް ފައިދާއަކީ ކޮބައިތޯ؟ ދެން އެކޮމިޓީތައް ކުރިއަށް ގެންދާން އޮތް ގޮތަކީ ކޮބައިތޯ؟ ވަކިން އެކޮމިޓީތައް ހުރުން އެއީ، ހަމަ އެހާ މުހިންމު ކަމެއްތޯ؟ އެ ސުވާލު އަޅުގަނޑު ބޭނުން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ތިޔަބޭފުޅުންގެ ހިތާ ހިތުން އައްސަވާފައި، އޭގެ ޖަވާބަކީ ކޮބައިތޯ ރަނގަޅަށް ދެނެގަންނަން. އަޅުގަނޑަކަށް ކުއްލިއަކަށް މިތާހުރެ ދަންނަވާކަށެއް ނޭނގޭނެ ކޮބައިތޯ ތިޔަބޭފުޅުން ސީދާ ޢަމަލުކުރައްވަންވީ ގޮތަކީ. އަޅުގަނޑު އެދޭގޮތަކީ ތިޔަބޭފުޅުންގެ ނަޒަރުގައި، ތިޔަބޭފުޅުންގެ ރަށަށް، ތިޔަބޭފުޅުންގެ އަވަށަށް، ތިޔަބޭފުޅުންގެ އަތޮޅަށް، ތިޔަބޭފުޅުންގެ ޕްރޮވިންސަށް، ތިޔަބޭފުޅުންގެ ރާއްޖެއަށް އެންމެ ރަނގަޅުގޮތް ނިންމެވުން.

އަޅުގަނޑުގެ ހަމަ އުންމީދަކީ، އަޅުގަނޑުމެންނަށް އަންހެނުންގެ ތަރައްޤީއާ ގުޅޭ ކަންކަން ހަމަ މީގެކުރީގައިވެސް ހިންގަމުން އައި ފުރިހަމަ މިނަށްވުރެ އަދި މާ ރަނގަޅަށް އެކަންކަން ގެންދެވޭނެ ގޮތެއް ހޯދުން. ރާއްޖޭގެ ތާރީޚުގައި އަންހެނުންގެ ދައުރަކީ އެއްވެސް ޙާލެއްގައި ކުޑަ ދައުރެއް ނޫން. ރާއްޖޭގެ ޤައުމީ ޙަޔާތުގައި އަންހެނުން އަދާކޮށްފައިވާ މަގާމާއި، އަންހެނުން ކުޅެފައިވާ ރޯލު އަޅުގަނޑުމެންނަށް ވަރަށް ސާފު. އޭގެތެރޭގައި، އަޅުގަނޑު ކޮންމެހެނެއް ތާރީޚުގެ ފަތްފުށްތަކަކަށްދާކަށް ނެތިން. އެހެން ނަމަވެސް، ރާއްޖޭގެ ޙަޔާތުގައި، މި ޤައުމުގެ ޙަޔާތުގައި ދިމާވެފައިވާ އެންމެހާ ކަންކަމުގައި މުޅިކަން އެއްފަރާތުން އަނެއް ފަރާތަށް އެނބުރުމުގައި، އަންހެން ޝަޚްޞިއްޔަތެއްގެ މަގާމު، ދައުރު ނެތިއެއް، އެކަންކަން ވެފައި ހުއްޓަކާއެއް ތާރީޚީ ނަޒަރަކުން ބަލާއިރުގައި އަޅުގަނޑުމެންނަކަށް ދެކެވޭކަށް ނެތް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް އަދި މިއަދަށްވުރެ މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.


______________________