بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ސްކައުޓް ކުދިންނާއި، ގައިޑް ކުދިންނާއި، ބައިވެރިވެވަޑައިގަންނަވާ ހުރިހާ ގައިޑް ލީޑަރުންނާއި އަދި ސްކައުޓް ލީޑަރުން. އަދި ވަޑައިގެން ތިއްބެވި އެންމެހާ ބެލެނިވެރިން. ސްކައުޓުންނާއި ގައިޑުން.

السّــلام عليــكم.

އަޅުގަނޑު އަބަދުވެސް މީގެކުރީގައިވެސް ސްކައުޓުންނާ ބައްދަލުވި ކޮންމެ ފަހަރަކުމެ، އަޅުގަނޑުގެ ނަޒަރުގައި ސްކައުޓް އަދި ގައިޑް ޙަރަކާތުގެ މުހިންމު ވާހަކަ، މުހިންމުކަމުގެ ވާހަކަ ފާހަގަކުރަން. މިރޭވެސް އަޅުގަނޑު ހަމަ އިތުރަށް ތިޔަބޭފުޅުންނަށް ތަކުރާރުކޮށް، ކުދިންނަށް ތަކުރާރު ކޮށްލަން އެދެން، އަޅުގަނޑުމެންގެ ޙަޔާތުގައި، އަޅުގަނޑުމެންގެމީހެއްގެ ޙަޔާތުގައި މިވޭތުވި ދުވަސްތަކުގައި ދިމާމިވަނީ، ހަމައެކަނި ވަކިބާވަތެއްގެ ކަންކަމަކާއެއް ނޫން. އަޅުގަނޑުމެނަށް ވަކިބާވަތެއްގެ ކަމަކުން މާހިރަކަށްވުމަށް ތަޢްލީމާއި ތަރުބިއްޔަތާއި ތަޖްރިބާ ލިބިގެން، އެ ވަކި ބާވަތަކަށް މީހާ ހޭނިގަނެވިދާނެ. ހުނަރު ލިބިގަނެވިދާނެ. އެހެންނަމަވެސް، ޙަޔާތުގެ ދުވަސްތަކުގައި ވަރަށްގިނަފަހަރަށް ދިމާވެފައި މިއޮންނަ ގޮތަކީ، އަޅުގަނޑުމެން މީހަކާ ދިމާމިވަނީ ވަކިބާވަތެއްގެ ކަމަކާއެއްނޫންކަން. އަޅުގަނޑުމެން ކޮންމެ މީހަކާވެސް ކޮންމެ ކަމަކާވެސް ދިމާވެދާނެ. ދިމާވީމާ، އެކަންކަމަށް އަޅުގަނޑުމެން ހޭނިފައި ތިބި މިންވަރާއި، އަދި ކޮންމެ ކަމަކާ ކުރިމަތިލުމަށް ތައްޔާރުވެ، އަދި ތަރުބިއްޔަތު ލިބިފައިވީ މިންވަރުން އަޅުގަނޑުމެންނަކީ ކޮންބައެއްކަން، އަޅުގަނޑުމެންގެ ވަށައިގެންވާ މިންތަކާ ދެނެގަނެވޭނެ.

އަޅުގަނޑުގެ ނަޒަރުގައި ގައިޑް ޙަރަކާތަކީ، ސްކައުޓް ޙަރަކާތަކީ، އަޅުގަނޑުމެންގެ ޒުވާނުން ޙަޔާތަށް ނުކުތުމަށް ތަރުބިއްޔަތު ލިބޭ ދުވަސްވަރު ލިބެން ބޭނުންވާ އެންމެ މުހިންމު ބާވަތްތަކުގެ ތަރުބިއްޔަތު ލިބޭ އެއް ޙަރަކާތް. ދުނިޔަވީ ހުރިހާ ކަމަކަށް ލޯހުޅުވުމަށް ސްކައުޓް ޙަރަކާތް ނުވަތަ ގައިޑް ޙަރަކާތަށްވުރެ ވަކި ރަނގަޅު ފުރިހަމަ ޙަރަކާތެއް ނެތްކަން، އެއީ ހަމަގައިމުވެސް އަޅުގަނޑުގެ ހިތުގެ އަޑީން އަބަދުވެސް އަޅުގަނޑު ޤަބޫލުކުރާ ކަމެއް. އެހެންވީމާ، ގައިޑުން، ސްކައުޓުން މިރޭ އަޅުގަނޑާ ދިމާވާއިރުވެސް، އަދި ދާދިއަވަހަށް ގައިޑުންނާއި ސްކައުޓުން ފުރުމަށް ތައްޔާރުވެފައިވާއިރުގައި އަޅުގަނޑު އިތުރަށް ފާހަގަކޮށްލަން އެދެން، ޖަމްބޮރީއަކީ މުހިންމު މަސައްކަތްތަކެއް ހިނގާނެ ތަނެއްކަން. އަދި ހަމަ އެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، މި ބޮޑު ޗުއްޓީ މިއީ، މިފަހަރު މިޖަމްބޮރީގައި ބައިވެރިވާ އެއްވެސް ގައިޑަކަށް، އެއްވެސް ސްކައުޓަކަށް ދުވަހަކުވެސް ހަނދާން ނުނެތޭނޭ ބޮޑު ޗުއްޓީއަކަށް ވެގެންދާނެކަމީ، އަޅުގަނޑަށް ޝައްކު ހިނގާ ކަމެއްނޫން. އެހެންވެގެންދާއިރުގައި މިފަހަރުގެ ޖަމްބޮރީގައި ކުރެވޭ މަސައްކަތްތައްވެސް އަޅުގަނޑަށް ޔަޤީން، ހުރިހާ ގައިޑުންގެވެސް، ހުރިހާ ސްކައުޓުންގެވެސް ހަނދާނުގައި އަބަދުގެ އަބަދަށް ދެމިގެންދާނެ. މިޤައުމުގައި މިކަންހިނގާނެ.

އަޅުގަނޑުމެންނަށް ވަރަށްގިނަފަހަރު އެ ހިނގާކަމުގެ މުހިންމުކަން އޮންނަނީ، ފާހަގަ ނުވެފައި. ވަރަށްގިނަ ކަންކަމުގެ މުހިންމުކަން އަޅުގަނޑުމެންނަށް މިއެނގެނީ، ވަގުތުން ނުކުމެ މާފަހުންގޮސް ބަލާލީމާ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ތިޔަބޭފުޅުން، ގައިޑުން، ސްކައުޓުން މިހާރު ތިކުރާން ތިއުޅޭ ދަތުރަކީ، އެދަތުރުގެ ހަނދާންތައް އަބަދަށްވެސް ހިތްތަކުގައި ބިންވަޅު ނެގިފައި ހުންނާނެ ހަނދާންތަކެއް.

ޖަމްބޮރީގައި އުޅޭއިރު، އުޅެމުން ގެންދާނީ އަޅުގަނޑަށް ޔަޤީން، ހުރިހާ ގައިޑުންވެސް، ހުރިހާ ސްކައުޓުންވެސް ވަރަށްބޮޑަށް ބަލައިގެން. ކަންކަން ކުރަމުންދާނީ، އެކަންކަން ކުރާން އޮންނަ ރަނގަޅު ގޮތަށް. އަދި ހަމައެހެންމެ، މަޖާކުރުމާ، ސަކަރާތްޖެހުން ނުހިމަނައެއް އަޅުގަނޑު ހިތުން، އަދި އަޅުގަނޑު އުންމީދު ކުރާ ގޮތުގައި މި ޖަމްބޮރީއެއް ނިންމައެއްނުލާނެ.

އަޅުގަނޑުމެންނަށް މި ފުރްޞަތުތައް ލިބެމުން އަންނަކަމީ، އަޅުގަނޑުގެ ނަޒަރުގައި، މިރާއްޖޭގެ މުސްތަޤްބަލަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މުހިންމު ކަމެއް. ސްކައުޓުންގެ ޖަމްބޮރީގައި ބައިވެރިވެ، އަދި ގައިޑުންގެ ޖަމްބޮރީގައިވެސް ބައިވެރިވެ، މި ބައިވެރިވުންތަކުން ރަނގަޅު ތަޖްރިބާތަކެއް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެއް. އަޅުގަނޑު ހުރިހާ ގައިޑުންވެސް، ހުރިހާ ސްކައުޓުންވެސް މިދަތުރުގައި މާލެއިން ފުރީއްސުރެ ގޮސް އެނބުރި ހުޅުލެއާ ހަމައަށް އައުމާ ޖެހެންދެން، ހުރިހާ ކަމެއްގައިވެސް ވިސްނުންތެރިކަމާ، ޙިކްމަތްތެރިކަމާ، އަދި ކެތްތެރިކަމާއެކީގައި ހަމަމަގުން ގެންދާނޭ ކަމަށް އަޅުގަނޑު ޔަޤީން ކުރަން.

އަޅުގަނޑު ހުރިހާ ގައިޑުންގެއާއި ސްކައުޓުންގެ މައިންބަފައިންނަށް، ޗީފް ސްކައުޓްގެ ޙައިޘިއްޔަތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. ސްކައުޓް ޙަރަކާތަށް، ސްކައުޓުންނަށާއި ގައިޑުންނަށް މިފަދަ ފުރްޞަތުތައް ހުޅުވާލެވެނީ، މައިންބަފައިންގެ އެހީތެރިކަމާ، އެއްބާރުލުން މިކަމަށް ލިބޭ މިންވަރު ބޮޑުކަމުން. އަދި ހަމަ އެހެންމެ، އަޅުގަނޑު ގައިޑް ޙަރަކާތުގައި އަދި ސްކައުޓް ޙަރަކާތުގައި އިސްވެ ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށްވެސް ނިހާޔަތަށް ޝުކުރު ދަންނަވަން.

އަޅުގަނޑަށް ޔަޤީން، ގައިޑުންނާއި ސްކައުޓުން މިދަތުރު ކުރާއިރުގައި ގައިޑުންނާ، ސްކައުޓުންނާ އެކުގައި އެކަށީގެންވާ މިންވަރަށް ބެލެހެއްޓުމަށް ލީޑަރުން ނުވަތަ ޓީޗަރުން ދަތުރުކުރާނެ. އަދި ކުދިންގެ ހުރިހާ ކަމެއްވެސް ސްކައުޓް މިޖަމްބޮރީގެ އެންމެހާ ޤަވާޢިދުތަކާއި ބެލެހެއްޓުމުގެ ތެރެއިން ރަނގަޅަށް ރޭވިފައި އޮންނާނެ ކަމުގެ އިތުބާރު، މައިންބަފައިންނަށް އަރުވަން ބޭނުން. އަޅުގަނޑު މިދަންނަވަނީ، އެއްވެސް ޙާލެއްގައި ކަމެއްދަމެއް އެހެން ދިމާނުވެދާނެ ކަމަކަށެއް ނޫން. އެހެންނަމަވެސް މިދަތުރުތައް، ސަރުކާރުން އަދި ޚާއްޞަކޮށް ސްކައުޓުންނަށް، ގައިޑުންނަށް ރާވައިގެން ހިންގާއިރުގައި، އެ ހިންގެނީ، މި ސްކައުޓްގައާއި އަދި ގައިޑްގެ އެންމެހާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ކަންކަމަށް ދޭންޖެހޭފަދަ އިތުރު މަޢްލޫމަތާއި، އިތުރު ތަރްބިއްޔަތު ދިނުމަށްފަހުގައި.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ކުދިންވެސް މި ސްކައުޓްގެއައި ގައިޑްގެ އުޞޫލުތަކާ އެއްގޮތަށް ކަންތައްތައް ކުރަމުން ގެންދާނެ ކަމަށް. އަދި ރަނގަޅު ތަޖްރިބާތަކަކާ އެކުގައި އެނބުރި ދާދި އަވަހަށް ރާއްޖެ އަންނާނެ ކަމަށް.

އަޅުގަނޑު އެދެނީ، ހުރިހާ ސްކައުޓުންނަށްވެސް އަދި ހުރިހާ ގައިޑުންނަށްވެސް މިއަދަށްވުރެ އަދި މާ އުފާވެރި ފާގަތި މާދަމައަކަށް.

والحمد للّـه. ވަރަށްބޮޑަށް ޝުކްރިއްޔާ!