بســم اللّـه الرّحمـن الرّحيــم

އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ސްޓާފް. ޑެޕިއުޓީ ޗީފް އޮފް ސްޓާފް. އަދި ޖެނެރަލް އޮފިސަރުން. އެމް.އެން.ޑީ.އެފް.ގެ އެންމެހާ ބޭފުޅުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ދައުލަތުގެ މުއައްސަސާތަކުގެ ވެރިން. ދައުލަތުގެ ވަޒީރުން. ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

ސަރަޙައްދުތަކަކަށް ބަހާލެވިގެން ރާއްޖޭގެ އިދާރީ ހިންގުމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ލާމަރްކަޒީ ކުރެވި ނިމޭ ދުވަސް. މިކަމަށްޓަކައި ރާއްޖޭގެ ދިފާޢީ ވަޒީރަށާއި، އެމް.އެން.ޑީ.އެފް.ގެ ވެރިންނަށާއި، އޮފިސަރުންނަށާއި، އެންމެހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަން.

މިއަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހަކީ، އެނގިވަޑައިގަންނަވާނެ، މާލޭގައި ޒަމާނުއްސުރެ ޖަމާވެފައި އޮތް ދިފާޢީ ބާރުގެ ތެރެއިން ރާއްޖޭގެ ދެކުނަށް ނިސްބަތްވާ އެމް.އެން.ޑީ.އެފް.ގެ ސަދަން އޭރިޔާ ވަކިކޮށް، އެބާރު އެސަރަޙައްދުގައި ރުކުރުވާލެވުނު ދުވަސް. އޭގެފަހުން މިއަދަށް މިފުރިހަމަވި އަށް މަހެއްހާ ދުވަހުގެ ތެރޭގައި، މިދެމެދަށް މިވޭތުވި މުއްދަތުގައި އެމް.އެން.ޑީ.އެފް.ގެ ނޯދަން އޭރިޔާއާއި ސެންޓްރަލް އޭރިޔާ ޤާއިމު ކުރެވި އަދި މިއަދު މި އިފްތިތާޙު ކުރެވެނީ، އެމް.އެން.ޑީ.އެފް.ގެ މާލޭ އޭރިޔާ. މިގޮތަށް މިބަދަލު ގެނައުމުން ނުކުތް އެންމެ ހެޔޮ އެއް ނަތީޖާއަކީ، މީގެކުރިން ހަމައެކަނި މާލެއަށް ނިސްބަތްވެ ތިބި އެތައް އޮފިސަރުންނާއި ފަހުލަވާނުން، އެމީހުންގެ ޢާއިލާ ގާތުގައި ވަޒީފާ އަދާކުރުމަށް ފުރްޞަތު ލިބިގެންދާކަން.

ރާއްޖޭގެ ކަންކޮޅުތަކުގައި އަލަށް ތަޢާރުފު ކުރެވުނު އެމް.އެން.ޑީ.އެފް.ގެ މުވައްޒަފުންގެ ކޮންމެ ސަތޭކައަކުން ގާތްގަނޑަކަށް ނުވަދިހަ ފަސް މީހުންނަކީ ސީދާ އެސަރަޙައްދުތަކަށް ނިސްބަތްވާ ބޭފުޅުން. ގާތްތިމާގެ މީހުންނާއި، އަމިއްލަ ވަޒަނާއި ޢާއިލާއާ ގާތުގައި އާމްދަނީ ހޯދޭނެ މަގު ތަނަވަސްނުވެ ތިބި ބަޔަކަށް، އެފުރްޞަތު ތަނަވަސްވުމުން ކުރެވޭ އުފާވެރި އިޙްސާސް މިއަދު މިދަނީ އެމް.އެން.ޑީ.އެފް.އަށް ތަޖުރިބާ ކުރެވެމުން. އެސަރަޙައްދުތަކުގައި މަސައްކަތްކުރާ ސިފައިންގެ މުސާރައާއި، ބޭސްފަރުވާއާއި އަދި ކެއިންބުއިމުގެ ކަންތަކަށް ގާތްގަނޑަކަށް އަހަރަކަށް ހޭދަކުރާ ފަސްދޮޅަސް ދެމިލިއަނެއްހާ ރުފިޔާ ދައުރުވަމުން އެދަނީ ސީދާ އެސަރަޙައްދުތަކުގައި. ނަތީޖާއެއްގެ ގޮތުން ސަރަޙައްދުގެ އިޤްތިޞާދުގައި އެފައިސާ އެނބުރެން ފެށުމަކީ، މީގެކުރިން ނުލިބޭ އެތައް މަންފާއެއް އެސަރަޙައްދުގެ ރައްޔިތުންނަށާއި، މަސައްކަތްތެރިންނަށާއި، ވިޔަފާރިވެރިންނަށް ލިބިގެންދާ ކަމެއް.

ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދާއި މަސްކަނޑުތައް ބެލެހެއްޓުމުގެ ޤާބިލްކަން، މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެތައް ގުނައަކުން ފަސޭހަވެ، ކުރިއަށްދިޔަކަން އަޅުގަނޑަށް ފާހަގަކުރެވޭ. ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބިދޭސީ އުޅަނދުފަހަރު، ފާއިތުވި މަސްތަކުގެ ތެރޭގައި އެތައް ގުނައަކުން މަދުވެއްޖެ. މުޅި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދާއި މަސްކަނޑުތައް ބަލައި، އަތްފުނާ އެޅުމަށް މީގެކުރިން 3 ނުވަތަ 4 އަހަރު ނަގާއިރު، މިބަދަލާއެކު ކޮންމެ ދެމަހަކުން އެއްފަހަރު ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދާއި އަސްދަނޑިން ބޭރު ފުރިހަމައަށް ބަލާ ނިންމުމުގެ ޤާބިލްކަން ދިވެހި ސިފައިން މިއަދު މިވަނީ ހޯދާފައި. މިކަމަށްޓަކައި ސިފައިންނާއި އަދި ސިފައިންނާއެކު މަސައްކަތްކުރާ އެންމެހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ސާބަހާއި އައްސަރިބަސް ރައްދުކުރަން.

ދިމާވާ ކުއްލި ޙާލަތަކާއި ނުރައްކާތެރި ޙާދިސާތަކުގައި މާލެއަށް ބަރޯސާނުވެ، ސީދާ އެސަރަޙައްދަކުން ފޯލިންވުމުގެ ފަސޭހަކަމާއި އަވަސް ޚިދްމަތް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހެޔޮ ބަދަލު، އެމް.އެން.ޑީ.އެފް.އަށް ގެނެވުނު މިބަދަލުގެ ތެރެއިން މިދަނީ ފެންނަމުން. ޤައުމީ ތަރައްޤީގައި ދިވެހި ސިފައިން ޝާމިލްވުމުގެ ފުރްޞަތު ބޮޑުވުމުގެ މިސާލަކީ، ރ. އަތޮޅު ދުވާފަރުގައި 17 ކިލޯމީޓަރުގެ ޒަމާނީ ފެންވަރަށް މަގުހެދުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދަވަނީ، އެ އޭރިޔާއަށް ނިސްބަތްވާ ސިފައިން ކަމަށްވާތީ. މިކަމަށްޓަކާ އޭރިޔާ ކޮމާންޑަރަށާއި، ހީވާގި ސިފައިންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

ތަރައްޤީގެ މަޝްރޫޢުތަކުގައި ސިފައިންގެ ދައުރު ފުޅާކުރުމާއެކު، ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ދެވޭ ޢިނާޔަތްތަކާއި، ފަހިކޮށްދެވޭ ފުރްޞަތުތައް ދެނެގަތުމުގެ މަސައްކަތަކީ ސަރުކާރުން ކުރިއަށް ގެންދާނެ ކަމެއް. ރާއްޖޭގެ ރައްޔިތުންނަށް އުންމީދުކުރާ ތަރައްޤީއަށް އެބައިމީހުން ވާސިލުކޮށްދިނުމުގައި ދިވެހި ސިފައިންގެ އެއްބާރުލުމާއި ޚިދްމަތް، މިރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައި.

ޤައުމެއްގެ ތަރައްޤީއާއި ބާއްޖަވެރިކަން ގުޅިފައި އޮންނަނީ އެއްވެސް ހާލެއްގައި ރައްޔިތަކު ވަކިގޮތަކަށް ތާށިވެ، ތަގުޅިވެ ތިބެ ދިރިއުޅޭ ދިގު ޒަމާންތަކެއްގެ މައްޗަކަށެއް ނޫން. ތަރައްޤީއާއި ކުރިއެރުން މިނާލެވޭ ތަރާދަކީ، ދިރިއުޅުމުގައި އަންނަ ފުރްޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާން އެނގުނު މިންވަރެއްގެ މައްޗަށް. އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަށް ލިބޭ ދަނޑިވަޅުތަކަށް ހިމުންވެދާން އެނގޭ މިންވަރު. ޤައުމެއްގެ ޙަޔާތުގައި ނަމަވެސް، އަދި ވަކި ފަރުދެއްގެ ދިރިއުޅުމަށް ބެލިކަމުގައިވިޔަސްވެސް، މިހާތަނަށް ކަން ހިނގާފައި އޮތީ މިދެންނެވި ގޮތަށް. އަޅުގަނޑު ހިތުން މިއަދާއި މާދަމާ އެކަން ހިނގާން އޮތް ގޮތަކީވެސް ހަމަ މީގެކުރީގައި އެކަން ހިނގާ މަގު. މިމަގުން މިކަން ހިނގާ ކަމުގެ ހެތްކަކީ، އެއްޤައުމާއި އަނެއް ޤައުމު ނުވަތަ އެކެއް އަނެކަކާ ނިސްބަތް ކުރި ނަމަވެސް، އެދެމެދުން ފެންނާން އޮންނަ ބާއްޖަވެރިކަމާއި ބިކަހާލުގެ ބޮޑު ތަފާތު. އެ ބޮޑު ފަރަޤު އެހާބޮޑުތަނުން ފުށުއަރާ ހަމަ އެންމެބޮޑު އެއްސަބަބަކީ، ގަސްދުގައި ނުވަތަ އިހުމާލުން ނަމަވެސް ފުރްޞަތުތަކަށް ފުރަގަސްދެވޭ މިންވަރު. އެއްވެސް މީހަކީ ވަކިރަށަކަށް އުފަންވީތީ، އެތަނެއްގައި ދިރިއުޅުން ބަރުބާދުވެ ބިކަހާލުގައި ހަފުސްވެ ދިއުމަށް މިންވަރު ކުރެވިފައިވާ މީހެއް ކަމަށް ދެކި ތިބުމަކީ، އެއްވެސް ހަމައަކުން ބުއްދިވެރި ކަމެއްގެ ގޮތުގައި ހަމަކަށަވަރުންވެސް އަޅުގަނޑެއް ނުދެކެން.

ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތަށް އައި ބަދަލުގެ ދަނޑިވަޅުގައި، ހިނދުކޮޅުތަކުން މިއަދު އަޅުގަނޑުމެންނަށް ބޭނުން ހިފާން ލިބިފައި މިއޮތް އެންމެ އަގުބޮޑު އެއް ފުރްޞަތަކީ، ސަރަޙައްދުތަކަކަށް ބަހާލައިގެން ލާމަރްކަޒީ އުޞޫލުން މި ރާއްޖެ ފުރޮޅާލުމުގެ ފުރްޞަތު. ތެދުފުޅެއް. ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ފިރުކެމުން އަންނަތާ ދެހާހަށްވުރެ ގިނަ އަހަރުވެއްޖެ. ވެރިކަމުގެ އެންމެހާ ބާރުތައް އެއްދިމާއެއްގައި ބަނދެވި، ރާއްޖޭގެ އިދާރީ ހިންގުމާއި، އިޤްތިޞާދީ ނާރެސް، މާލޭގައި މުގޫ ކުރެވިފައިވުމުން، ލިބުނު ނަތީޖާ މިއަދު މިއޮތީ އަޅުގަނޑުމެންނަށް ފެންނާން. މާލެ ތޮއްޖެހި ބުރަބޮޑުވެ، މާލޭގެ ދިރިއުޅުމަކީ އުފުލައިގަތުމަށް ދަތި ބުރައެއް ކަމުގައި ވެފައިވާއިރު، އަތޮޅުތަކުގައި ނުވަތަ ރަށެއްގައި ދިރިއުޅުމަކީ އެއަށްވުރެ އަދި މާބޮޑު ވޭނަކަށް މިއަދު މިއޮތީ ވެފައި.

ރާއްޖޭގެ ވެރިކަމުގެ ބާރުތަކާއި، އިދާރީ ހިންގުމާއި، އިޤްތިޞާދީ ސަރަކަ، ވީ އެންމެ ފުޅާ ގޮތަކަށް މުޅި ރާއްޖޭގައި އެނބުރުމަށް ދޫކޮށްގެން މެނުވީ، މާލެއަށް ކުރިމަތިވެފައިވާ ބުރައާއި، އަތޮޅުތަކުގެ ބިކަ ހާލުން މިންޖު ނުވެވޭނެ. ކުރިން ކުރިކަމަކުން އެކަންވާނެނަމަ، މިހާރު އެކަން އޮތީހީ ރަނގަޅަށްވެ ނިމިފައި. ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވަނީ ރާއްޖޭގެ ޢާންމު ފިކުރު މިކަމާމެދު ހުރިގޮތް ވަޒަންކޮށްފައި. ތަފާތު ލީފްލެޓްތަކާއި، ރެލީތަކާއި، ދޮރުން ދޮރަށް ހިނގުމުގެ ފުޅާ ކެމްޕޭނުން މުޅި ރާއްޖެ މިވަނީ ހިނގާފައި. އެމް.ޑީ.ޕީ އިން ވަނީ ރައްޔިތުންގެ އަޑުއަހާފައި. އެ އަޑުން އެ ޕާޓީއަށް، އެހެންވީމާ، މިއަދުގެ ސަރުކާރަށް ލިބުނު ނަތީޖާއަކީ ލާމަރްކަޒީ އުޞޫލުން ސަރަޙައްދުތަކަކަށް ބަހާލެވިގެން ރާއްޖޭގެ އިދާރީ ހިންގުމާއި، އިޤްތިޞާދީ ޙަރަކާތްތައް ހިންގަމުން ގެންދިއުމަށް ދިވެހިން އެދޭކަން ކަށަވަރުވެ ޔަޤީންވުން. އެހެންކަމުން، މިހާތަނަށް މިކަން މިމަގުން ނުހިނގާ އޮތީ، މި އަސާސީ މައްސަލަ ޙައްލުވެ، ތަނަވަސްކަމާއި އުފާވެރިކަމަށް ރައްޔިތުން ބޭނުން ނުވުމެއް ނޫން. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ %54 އާނ ބަސް ބުނި އެމް.ޑީ.ޕީ އިއްތިހާދުގެ މެނިފެސްޓޯގައި، ސަރަޙައްދުތަކަށް ބަހާލެވިގެން ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގުމަށް ރައްޔިތުން އެދޭ ގޮތުގެ މައިގަނޑު ތަރަހަ އެވަނީ ބަޔާންވެފައި. ވެރިކަމުގެ ބާރު ރައްޔިތުންނަށް ދޫނުކުރުމުގެ ހިތި ތަޖުރިބާ ޢާންމުވެ ދެމިގެން އައި އެންމެބޮޑު ސަބަބަކީ ވެރިކަމުގެ ޢިއްޒަތާއި، ޖާހާއި، ޝާނާއި ޝައުކަތުގެ ކުޑަމިންވަރެއްވެސް ރައްޔިތުންގެ އަތްމައްޗަށް ދިއުމަށް ވެރިކަމުގެ ފަރާތުން މީގެކުރިން ބޭނުންނުވާކަން. މިއީ އެދުވަހެއް ނޫން. ޤައުމުގެ ތަނަވަސްކަމާއި، ޤުދްރަތީ ވަސީލަތްތަކާއި އިދާރީ ހިންގުމާއި، އިޤްތިޞާދީ ދުވެލި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އެއްގަމާއި، ކަނޑާއި، ފަޅުގައި ހިމެނި ދިއުން ނޫން ގޮތެއް އަދުގެ ދިވެހިން ނޭދޭ. ވީމާ، ރާއްޖެ ހިންގާނީ، ރާއްޖޭގެ ރައްޔިތުން އެދޭ މަގުންކަން ސަރުކާރުންވެސް އަދި އެންމެހާ މުއައްސަސާތަކުންވެސް މިއަދު ގަބޫލު ކުރައްވާކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން.

ކަންނުވެ އޮތް ކަމުގައިވިޔަސްވެސް، ސަރުކާރުން އެކުލަވާލެވުނު 7 ވަނަ ޤައުމީ ތަރައްޤީގެ މަޝްރޫޢާއި، ޑީ.އާރު.ޕީ.ގެ މެނިފެސްޓޯގައިވެސް ސަރަޙައްދުތަކަކަށް ބަހާލައިގެން ލާމަރްކަޒީ ހިންގުމަށް ރާއްޖެ ބަދަލުވުމުގެ މަންޒަރު ފެންނާން އޮތުމުން، މިއީ ވަކި މުއައްސަސާއަކުން ނުވަތަ ވަކި ސިޔާސީ ޕާޓީއަކުން އެކަނި ބޭނުންވާ ނިޒާމެކޭ ދެންނެވޭކަށެއް ނެތް. ސަރަޙައްދުތަކަކަށް ބަހާލައިގެން ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގުމަކީ މުޅި ދިވެހިރާއްޖެ އެދޭގޮތް. ވީމާ، މިކަމަށް އެއްވެސް ފަރާތަކުން މާނަވީ ގޮތެއްގައި ހުރަސްއަޅާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ކުރިންވެސް ދެންނެވި ފަދައިން، ލާމަރްކަޒު ކުރުމުގެ ވިސްނުމާ ދުރުގައި، ވަކިއަތޮޅުތަކަށް އަމާޒު ކުރެވިގެން، ކުރިން ދެންނެވި 2000 އަހަރުގެ ތާރީޚުގައިވެސް ރާއްޖޭގެ އެކިވެރިން، އެކިކަހަލަ މަސައްކަތް ކުރައްވާފައިވޭ. ނަމަވެސް މިއަދު ދެކި މިތިބޭ ނަތީޖާއިން އެނގެނީ، ހަމައެކަނި އަތޮޅާ ހަމައިން ނިމޭ ވިސްނުމަކީ، މުޅި ރާއްޖޭގެ އިދާރީ ހިންގުމަށާއި، އިޤްތިޞާދީ ތަރައްޤީއަށް ފަހި ވިސްނުމެއް ނޫންކަން. ހަމަހަމަކަން ގެއްލި، ތަފާތު ކުރުންތައް ބޮޑުވެ، ނުސީދާ ގޮތެއްގައި ވަކި އަތޮޅެއް ނުވަތަ ވަކި ރަށެއް އުފުލިގެން ގޮސްފައިވާތަން ފެނުމަކީ، އުފާވެރި މަންޒަރެއް ނޫން. ލާމަރްކަޒީ ގޮތުން ތަރައްޤީވެ ދިއުމަށް ވަކިއަތޮޅެއް އެކަނި ދޫކޮށްލުމަކީ، އާބާދީގެ ނިސްބަތާއި ލިބިހުރި ވަސީލަތްތަކަށް ބަލާއިރު އެކަށީގެންވާ މިންވަރެއް ނޫން. ޤާނޫނުއަސާސީ ބުނާގޮތަށް އަތޮޅުތަކުގައި އުފެދޭ އިންތިޚާބީ މަޖިލިސްތައް ހަމައެކަނި އަތޮޅު ފެންވަރުގައި އިށީނދެގެން ހޯދޭ ކުރިއެރުމާއި ތަރައްޤީއާއި ވަސީލަތްތަކަކުން ނުފުދޭ.

ސަރުކާރުންވެސް ޑީ.އާރު.ޕީ.ގެ މައިގަނޑު ހުށަހެޅުމަށް އިޙްތިރާމް ކުރަން. 20 އަތޮޅުގައި އުފެދޭ އިންތިޚާބީ މަޖިލިސްތައް އެކި ވަގުތުގައި 20 ކަމުގައި ބަލައިގަތުމަށް ސަރުކާރުންވެސް ތާއީދު ކުރަން. ހަމަ އެގޮތަށް ސަރުކާރުގެ ހުށަހެޅުމަކީ މިސާލަކަށް، ހަމައެކަނި ހއ.ގެ އިންތިޚާބީ މަޖިލިސް އެއީ 1 ކަމުގައި ބެލުމަށްފަހު، އޭގެތެރެއަށް ހދ. އަދި ށ. އެއްވެ، މިހުރިހާ މަޖިލިސްތަކަކީ ސަރަޙައްދީ ހިންގުމުގައި ވަކި މިނިވަން އެއްދާއިރާ ކަމުގައި ދެކެންޖެހޭ ކަމަށް. މީގެ އެންމެ މުހިންމު އެއްސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ، އެ ސަރަޙައްދުގެ އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ޢަދަދަށް މީހުންނާއި ވަސީލަތްތައް އެދެވޭ ގޮތުގައި ލިބެނީ ހއ. އިން އެކަންޏެއް ނޫން. ހއ. ހދ. ށ.ގެ އިންތިޚާބީ މަޖިލިސްތައް އެކީ އެއްތަނެއްގައި އިށީނދެ މިނިވަންކަމާ އެކުގައި ނިންމާ ނިންމުންތަކުގެ މައްޗަށް ބުރަވެގެން ކަމަށްވާތީ. ހއ. ހދ. ށ. އެކަންޏެއް ނޫން. ރާއްޖޭގެ ކޮންމެ ދިމާލަކަށް އަޅުގަނޑުމެން ބަލައިލިނަމަވެސް ފެންނާން އޮތީ މި މަންޒަރު. އަތޮޅެއްގެ މިންވަރަކީ އިޤްތިޞާދީ ގޮތުން ބެއްޔަސްވެސް، އިޖްތިމާޢީ ގޮތުން ބެއްޔަސްވެސް ތަރައްޤީ ގެނައުމަށްޓަކައި މާ ކުޑަ މިންވަރެއް. ފުރިހަމަ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ، އެއަށްވުރެ ބޮޑު މިންވަރަކަށް އަޅުގަނޑުމެން އެކުވެ އެއްތަނެއްގައި އިށީނދެވޭގޮތްވެގެނޭ. މުޅި ސަރަޙައްދުގެ ޤުދްރަތީ ވަސީލަތްތަކާއި އާމްދަނީގެ %40ން ސީދާ އެސަރަޙައްދުގެ ރައްޔިތުންނަށް ލިބޭ ތަރައްޤީ އެއީ އެއްތަނުން އެއަތޮޅަށް ނުވަތަ އެއްރަށަކުން ލިބޭ އެއްޗަކުން އެކަނިމާއެކަނި ހޯދުން އެއީ ކުރެވޭނެ ކަމެއް ހަމަ ނޫން. އެއީ ރައްޔިތުން އެދޭ ގޮތެއްވެސް ނޫން. ރައްޔިތުން އެދެނީ ފުރިހަމަ ތަރައްޤީ. އެ ފުރިހަމަ ތަރައްޤީ ލިބޭނީ ރަށެއްގެ ދަރަޖައިން ލިބޭ އާމްދަނީއަކުންނެއް ނޫން. އަތޮޅެއްގެ ދަރަޖައިން ލިބޭ އާމްދަނީއަކުންނެއްވެސް ނޫން. އެ ލިބޭނީ، އެލިބޭ މިންވަރާއި، އެ ލިބޭ ޢަދަދަށް އެކުވެ، އެފަދަ ޢަދަދެއް ނެރެވިގެން. މިހާރު ސަރުކާރުން އެކުލަވާލާފައިވާ ޕްރޮވިންސްތަކަކީ، މިދަންނަވާ ޢަދަދު ނުކުންނަ ޕްރޮވިންސްތަކެއް. އެއީ ހިސާބުގެ ވިސްނުމެއް. ސިޔާސީ ވިސްނުމެއް.

މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ލާމަރްކަޒީ ބިލާ ގުޅިގެން، މަޖިލީހުގެ އެތެރެއާއި ބޭރު އަދި މުޅި ރާއްޖެ ވަރަށް ބޮޑަށް ހޫނުވެފައިވާކަން އަޅުގަނޑު ފާހަގަކުރަން. ހުރިހާ ފަރާތަކަށް އެއްބަސްވެވޭ ހަމައަކުން ސަރަޙައްދުތަކަށް ބަހާލައިގެން، ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގުމަކީ ސަރުކާރުގެ މައްޗަށް އޮތް ވަރަށްބޮޑު ޒިންމާއެއް. އެހެންކަމާއެކުވެސް ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ވާހަކަ ދައްކައިގެން ކަންކަމުގެ ރީތި ޙައްލު ހޯދަން. ވީމާ، އެގޮތުގެ މަތިން އެއްބަސްވެވޭ މަގެއް ހޯދުމަށްޓަކައި މިވަގުތު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލް އަނބުރާ ގެނެސް، ގޮތްތަކެއް ހޯދުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. އެނގިވަޑައިގަންނަވާނެ، މިއަދުގެ މަޖިލީހުގައި އެންމެހާ ސިޔާސީ ޕާޓީތަކުންނާއި އަދި އަމިއްލަ މެންބަރުން ސަރުކާރަށް ގޮވާލަމުން ގެންދިޔަ، ބިލް އަނބުރާ ގެނެސް، ހުރިހާ ފަރާތްތަކެއް އެއްބަސްވެވޭ އުޞޫލަކުން ބިލް އެކުލަވާލައި، އެ ބިލް އަލުން ހުށަހެޅުމަށް. އަޅުގަނޑު ފާހަގަކުރާން ބޭނުންވަނީ، ހުރިހާ ފަރާތަކަށް އެއްބަސްވެވޭ އުޞޫލުގައި ސަރަޙައްދީ ވިސްނުން އޮންނާނެއޭ. އެބައޮތޭ.

އަޅުގަނޑުގެ ނަޒަރުގައި، ސަރަޙައްދުތަކަކަށް ބަހާލައިގެން ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގުމަކީ، އެއްވެސް ވަކި ސިޔާސީ ޕާޓީއަކަށް ލިބޭ ކާމިޔާބެއް ނޫން. ޙަޤީޤަތުގައި މި ކާމިޔާބަކީ ރާއްޖެ ހޯދާ ކާމިޔާބެއް. ދިވެހިންގެ ތަރައްޤީއާއި ކުރިއެރުމާއި ފާގަތިކަމަށްޓަކައި މިބަދަލު ގެނައުމުގެ ފުރިހަމަ ނިޔަތާއި ޔަޤީންކަން އަޅުގަނޑަށް ލިބިގެންވޭ. ވެރިކަމެއް ވަކިޒާތަކަށް ހިންގުމަށްޓަކައި، އެ ވެރިކަމުގެ ޢިއްޒަތާއި ޤަދަރާއި، ކަނޑިއާއި ބަޑިއާއި، މުލައްދަނޑީގެ ބާރު، ރައްޔިތުންނަށް ދޫކުރުމަކީ އެފަދަ އެއްވެސް ވެރިއެއްގެ ހިތަކަށް ފަސޭހަ ކަމަކަށް ނުވާނެ. އެހެން ނަމަވެސް، އޭގެ މާނައަކީ އެފަދަ ވެރިންގެ އެމަގުން އަޅުގަނޑު ހިނގާން ޖެހުމެއް ނޫން. އިރާދަކުރެއްވިއްޔާ، މިބަދަލު ދިވެހިން ދެކޭނެ. އެ އިތުބާރާއި ޔަޤީންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެބައޮތް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެނަށްވެސް، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑު ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. السّـلام عليـكم

______________________