بســم اللّـه الرّحمـن الرّحيــم

ޅ. އަތޮޅު ކައުންސެލަރ. ޅ. ހިންނަވަރު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު. އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ޗެއަރޕަރސަން. ވަޑައިގެން ތިއްބެވި އެންމެ އެންމެ ބޭފުޅުން. އަދި ހިންނަވަރުގެ އެކުވެރި ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑު ވަރަށް ކުރިއްސުރެ ދެންމެ ކައުންސެލަރ މާހިރު އެ ދެއްކެވި ވާހަކަ ހަނދާން ހުރޭ. އަޅުގަނޑު ހަނދާންވަނީ، އެންމެ ފުރަތަމައިނުން 1984 ގައި އަޅުގަނޑު މިރަށަށް އައިއިރުގައި ހުރި ދިދަތަކެއް ޖަހާފައި. ދެން އޭރު އެއީ، އޭރު ކުރިމަތިވަމުން އައި ރިޔާސީ އިންތިޚާބުގައި ހިންނަވަރުގެ ރައްޔިތުންގެ ވޯޓު، އެ އިންތިޚާބަށް ލެންބުމަށް ޖެހިފައިހުރި ދިދަތަކެއް. އެދިދަތައް އޭރު ރަމްޒުކޮށްދިނީ ހިންނަވަރު ހިއްކީމާ ގޮސް ޖެހޭނެ ހިސާބުކަމަށް. އެއަށްފަހު، އަޅުގަނޑަށް އާދެވުނީ އަނެއްކާވެސް ހަމަ ރިޔާސީ އިންތިޚާބެއްގެ ދުވަސްވަރުގައި. އެފަހަރުގައި އޮތް މިބާވަތުގެ ޗާޓެއް ކޮމްޕިއުޓަރުން ކުރަހާލާފައި. އެއީ، ހިންނަވަރު ބިން ހިއްކީމާ އޭރު އޮންނާނެގޮތް. ދެން ހަމަ އޭގެ އަނެއް 5 އަހަރު ފަހުންވެސް ރިޔާސީ އިންތިޚާބާ ގާތްވެގެން ދިޔައިރު، އަޅުގަނޑަށް ހިންނަވަރަށް އާދެވުނު. އެފަހަރު އޮތީ ހަމަ އެ ޗާޓު ކުލައިން ހަދާލާފައި. ދެން ހަމަ އޭގެ އަނެއް އިންތިޚާބުގައިވެސް އަޅުގަނޑަށް ހިންނަވަރަށް އާދެވުނު. އެފަހަރު އޮތީ މޮޑެލެއްހެން ހިންނަވަރު ދެން އޮންނާނެގޮތް ހަދާލާފައި.

އަޅުގަނޑުމެން މިފަހަރު ހިންނަވަރު ހިއްކުމަށް ސަރުކާރުން މަސައްކަތް ފަށައިގެން ހިއްކޭނެކަމާއި، ހިއްކުމުގެ ފައިސާ ލިބޭނެކަމާއި، އަދި ހިއްކޭނެ ތާރީޚުތަކާއެކީގައި ކަށަވަރުވެއްޖެ، ޙަޤީޤަތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރީގައި. ދެން އަޅުގަނޑު، އަޅުގަނޑުމެންގެ ކެންޑިޑޭޓް، އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓް، އަދި ކުރީގެވެސް މި އަތޮޅުގެ މަޖިލީހުގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙާ އަޅުގަނޑުމެން ވާހަކަ ދައްކައިގެން، އަޅުގަނޑުމެން ހިތަށް އަރައިފި، އަޅުގަނޑުމެން ދެމީހުން އެކުވެގެން ކުރާ ބާވަތުގެ ކަމެއްނޫނޭ މިއީ، މިބާވަތުގެ ފޮޓޯއެއް ނަގާފައި ހިންނަވަރުގައި ހަރުކޮށްފައި ބެހެއްޓުން. ދެން އެހެންވީމާ، އޭރު އަޅުގަނޑުމެންނަށް އެ ފޮޓޯ ނަގާ ހަރުކޮށްފައި ބަހައްޓަން ނުކެރުނީ. އަދި އެ އިންތިޚާބާ ކުރިމަތިކޮށް ހިއްކަން ފަށާ ވާހަކަވެސް، އަދި އެކަން ހަމަޖެހިފައިއޮތް މިންވަރުވެސް، އަޅުގަނޑުމެން ނުދެއްކީ. އަޅުގަނޑުމެން ދުށީ، ސީދާ އައިސް މިމަސައްކަތް ފެށުނީމާ ރަނގަޅުވާނެއޭ. ދެން މިއަދު މި ރަސްމިއްޔާތަށް، ހިއްކުން ފެށުމަށްޓަކައި ދެން މިހާރު ކޮންޓްރެކްޓުގައި ސޮއިކުރެވި، އެ ކޮންޓްރެކްޓް ޙަވާލު ކުރެވިފައިވާ ފަރާތުން މިރަށަށް އައިސް މި މަސައްކަތް ފަށާންވެއްޖެކަމަށް، އަދި ރަށުގައި ކުރަންހުރި ކަންތައް ކުރަންވެއްޖެކަމަށް އަޅުގަނޑުމެން ގާތުގައި، ސަރުކާރުގައި ބުނާންފެށީމާވެސް ދެން އަޅުގަނޑު ހަމަ އެބަ ހިތަށްއަރާ، މިއީ، ހަމަ ކުރާ ބާވަތުގެ ކަމެއް ބާވައޭ. މި ފޮޓޯ މިތާ ހަރުކޮށްފައި، މިއޭ ހިންނަވަރު ހިއްކީމާ އޮންނާނެ ގޮތަކީ، މިކަމަށްޓަކައި ތިޔަބޭފުޅުން އަޅުގަނޑުމެންނާ ރުހޭށޭ. އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް އެވާހަކަ އެގޮތަށް ދައްކާހިތެއް ނުވޭ. ހަމަ ކުޑަކޮށްވެސް މި ފޮޓޯއަށްޓަކައި މި ސަރުކާރާއި ހިންނަވަރު ރައްޔިތުންނާ އެއްވެސް ގުޅުމެއް ބޭއްވުން އެއީ، އަޅުގަނޑުމެން އެދޭނެ ކަމެއްނޫން. އަޅުގަނޑުމެން ކުރަމުން މިގެންދާ ކަންތައްތަކަކީ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި ވަޢުދުތަކެއްގެ ގޮތުގައި ހުށަހަޅާފައިހުރި ކަންތައްތަކެއް.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއް ހިނގާނީ މިވެނި ހަމަތަކެއްގައޭ، އެވެނި ގޮތެއްގައޭ، އެވެނި އުޞޫލެއްގައޭ، އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގެ ގޮތުގައި އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހެޅި ހުށަހެޅުން. މިއަދުގެ ސަރުކާރުގެ ސިޔާސަތު ބިނާވެފައި މި އޮންނަނީ މިދެންނެވި ހުށަހެޅުމުގެ މައްޗަށް. އެ ހުށަހެޅުމުގައި އޮންނާނެ، ހިންނަވަރު ހިއްކާ ވާހަކަ، ވަރަށް ކުޑަކުޑަކޮށް. އެ ހުށަހެޅުމުގައިވާނެ، ދިވެހިރާއްޖެއަކީ ބިން މަދު ޤައުމެކޭ، ދުނިޔޭގައި މޫސުން އަންނަނީ ބަދަލުވަމުންނޭ، ހިކިފަސް ދިވެހިންނަށް ބޭނުންވާނެއޭ. އަންނާންއޮތް ޖީލުތަކުގައި ދިވެހިންނަށް އެންމެ ބޭނުންވާނެ އެކައްޗަކީ ހިކިފަހޭ.

ލޮނުގަނޑު އުފުލުމާގުޅޭ ސައިންސް ޢިލްމު އޮޅުމެއްނެތް. ސައިންޓިސްޓުން ވަރަށް ސާފުބަހުން، ވަރަށް ސާފުކޮށް މިހާރު މިދަނީ މިވާހަކަ ފާހަގަކުރަމުން. ދުނިޔެއަށް، މޫސުމަށް އެބައާދޭ ބަދަލުތަކެއް. އަޅުގަނޑުމެންގެ ތެރެއިން ދޮށީ މީހުންނަށް އަދި ބޮޑަށް މިކަން ފާހަގަވާނެ. ކުރީގައި މޫސުން ހުރި ގޮތަކަށެއް ނޫން، އެމީހުން ބުނާ ގޮތުގައި މިހާރު މިހުރީކީ. އިހުގައި ވާރޭވެހުނު ދުވަސްވަރަކަށް ވާރެއެއް ނުވެހޭ، އިހުގައި ވައިޖެހުނު މިންވަރަކަށް، އިހުގައި ވައިޖެހުނު ދުވަސްވަރެއްގައި ވައެއް ނުޖެހޭ. ކަނޑު ގަދަވަނީ އެހެން ދުވަސްވަރަކަށް. މަސްބާނަނީ އެހެން އިރެއްގައި. މޫސުން އެބަ ބަދަލުވޭ. ދުނިޔެއަށް އެބަ ބަދަލުތަކެއް އާދޭ. ދުނިޔެއަށް އަންނަ ބަދަލު އެއީ، އަޅުގަނޑުމެން ކުރި ކަމެއްގެ ސަބަބުން އަންނަ ބަދަލެއް ނޫން. އެތައް ޒަމާނެއް ވަންދެން އަޅުގަނޑުމެން އިންސާނުން މިދަނީ ދުނިޔެ ތަޣައްޔަރު ކުރަމުން. ޖައްވަށް އެކި ބާވަތްބާވަތުގެ ވިހަގޭސް، މެދުކެނޑުމެއްނެތި ފޮނުވާތާ ރަނގަޅު ފަސް ހަސަތޭކަ އަހަރުވެއްޖެ. ކޮންމެވެސް ދުވަހަކުން ދުނިޔޭގެ ހަމަތައް ގެއްލިދާނެކަން ސައެންސްވެރިންނަށް ސާފު. އަޅުގަނޑުމެންނަށް ސަލާމަތްކަން ހޯދުމަށްޓަކައި، އަންނާންއޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ރާއްޖެ ރައްދުކޮށް ދިނުމަށްޓަކައި، ސަލާމަތްވެވޭނޭ ބައެއް ބިންބިން އުފެއްދުމަކީ މިއަދު މުހިންމު ކަމެއް.

މި މަޝްރޫޢުގެ ދަށުން، އަދި އިތުރު ތިން ރަށެއްގެ ބިން އުފެއްދޭނެ. އަދި އެ ބިންތައް އިރާދަކުރެއްވިއްޔާ ވެގެންދާނީ، މޫސުމަށް އަންނަ ބަދަލާއި، އަދި އެހެންވެސް އަންނަ ބޮޑެތި ޠޫފާނާ، މިބާވަތުގެ ކަންކަމަށް ކޮންމެވެސް މިންވަރަކަށް ބަލައި، އެ ތަޞައްވުރުގެ ތެރޭގައި އެކަންކަމުން އަޅުގަނޑުމެންނަށް ސަލާމަތް ވެވެންހުރި މިންވަރަކަށް ސަލާމަތް ވުމަށްޓަކައި ވިސްނައި، ރާވައި އަދި އިންޖިނިއަރުންނާއި ކަމުގެ މާހިރުންގެ ލަފައާއެކީގައި އުފެއްދޭ ބިން. ހިންނަވަރުގެ ބިން އެހެންވީމާ، އެއީ އަންނާންއޮތް ޖީލުތަކުގައި އަގުބޮޑު އެއްޗަކަށްވާނެ އަނެއްކާވެސް. މިއަދު ހިންނަވަރުގައި ބިމެއްނެތް. ހިންނަވަރުގައި މިއަދު ފަސްހާސްމީހުން ދިރިއުޅެމުންދާއިރު ރަށް މިއޮތީ ވަރަށް ތޮއްޖެހިފައި. މިހާރު ހިންނަވަރަށް އިތުރު ކުރެވެން މިއުޅެނީ، އަނެއްކާވެސް އަނެއް ހިންނަވަރު ހާ ބިން. އެހާ ބިން. އަޅުގަނޑަށް ހަނދާންވާ ގޮތުގައި 64 ހެކްޓަރ. އެހެންވީމާ، ހިންނަވަރުގެ އަނެއް ބޮޑުމިން، މި ބިމުގެ ތެރެއަށް، ހިންނަވަރުގެ ތެރެއަށް އިތުރުވެގެންދާނެ.

އަޅުގަނޑުމެންނަށް ހިންގޭ އެއްވެސް ކަމަކީ، ފައިސާ އާ ނުލައި ހިންގޭ ކަންތައްތަކެއް ނޫން. އަދި ސަރުކާރަކީ ހުއްޓުމެއްނެތި ފައިދާއާ ނުލައި ނުވަތަ ބަދަލެއްނެތި ނުވަތަ ވިޔަފާރީގެ އުޞޫލެއްނެތި ރައްޔިތުންނަށް ތަކެތި ދެމުން ގެންދެވޭނޭ އެއްޗެއްނޫން. ސަރުކާރަށް ރައްޔިތުންނަށް ކޮށްދެވޭނީ ސަރުކާރަށް ލިބޭ އެއްޗަކުން. ލިބޭ މިންވަރުން އުޅެން އަޅުގަނޑުމެން އަބަދުވެސް ދަސްކުރާންޖެހޭނެ. އަޅުގަނޑުގެ އުންމީދަކީ، މި ބިން، ހިންނަވަރުގެ ހިއްކާ ބިން އެއީ ޙަޤީޤަތުގައި ދެމެހެއްޓެނިވި ބިމަކަށް، ދެމެހެއްޓެނިވި މަސައްކަތަކަށްވާނީ، އެ ހިއްކުމުގެ އަގު ނުވަތަ އޭގެ ކޮންމެވެސް މިންވަރެއް ބިން ވިއްކައިގެން ހޯދުމުން. އަޅުގަނޑު އެއްވެސް ޙާލެއްގައެއް ނުދެކެން، ސަރުކާރުގެ ވާޖިބުތަކުން ސަރުކާރު އެއްކިބާވީކަމަކަށް، ބިން ވިއްކައިގެން، އޭގެން ސަރުކާރުގެ އެހެން އެހެން މަޝްރޫޢުތައްވެސް އަދި އެހެން ރަށްރަށުގެ ބިންވެސް ބޮޑުކުރުމާއި، ސަލާމަތް ކުރުމާއި، ތޮށިލުމާއި، މިބާވަތުގެ މަސައްކަތް ހިންގުމުގެ ފައިސާ، ބިމުގެ ވިޔަފާރީގެ ތެރެއިން ނެރުން އެއީ، އަޅުގަނޑުގެ ނަޒަރުގައި ހެޔޮގޮތުގައި ވެރިކަން ކުރާއިރު ހަމަ ކުރުން ވަރަށް މުހިންމު ކަމެއް، ކުރަންޖެހޭނެ ކަމެއް، ހިންނަވަރުން ފަށައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ސިޔާސަތު ތަންފީޒުކުރަން ފަށާނަން. އެހެންވީމާ، ހިންނަވަރުން އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް އަހަރެއް، ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ބިން ގަންނާން ލިބޭނެ. މިކަމާ ގުޅިގެން، އަޅުގަނޑު މެންބަރާ މަޝްވަރާ ކުރިން، މިހާރު ވިއްކަން ފަށަންވީނޫންތޯއޭ. ދެން މެންބަރު ވިދާޅުވީ، ބިން ފެނުނީމާ ވިއްކަން ކިހިނެއްހެއްޔޭ ވާނީ. ދެން އަޅުގަނޑުމެން ހަމަ ހައްތާވެސް އެއްކަލަ ޗާޓުގެ މަތިން ހިތަށް އަރާތީވެ، ބިން ނުއުފެދެނީސް ބިން ވިއްކަން ފަށަން ނުކެރިގެން މިތިބީ. އެހެންނަމަވެސް، ރުފިޔާ އޭގެތެރޭގައި ހިމެނޭތީ މެންބަރުވެސް ވިދާޅުވޭ ކުރިޔަށް ވިއްކަން ރަނގަޅޭ.

އަޅުގަނޑުމެންގެ ބޭނުމަކީ، ދެކޮޅުޖެހޭ މަސައްކަތް ނޫނިއްޔާ ނުފެށުން. އަޅުގަނޑުމެންގެ ބޭނުމަކީ، ފަށާ މަސައްކަތެއް ވެއްޖިއްޔާ ހެޔޮގޮތުގައި ގެންގޮސް ނިންމޭނެ ފުރިހަމަ ތަޞައްވުރެއް އޮވެގެން މަސައްކަތް ފެށުން. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެ ކަމަކީވެސް ހަމައެކަނި އެންމެ ކަމަކާގުޅޭ ކަމެއް ނޫންކަން ދެނެގަނެ، ކުރާ ކޮންމެ ކަމެއްގެ ސަބަބުން ދެން އަސަރު ކުރާނެ އެހެން ކަންކަމުގެ މައްޗަށްވެސް ވިސްނައިގެން ހިންނަވަރުގެ ބިން ހިއްކީ ތިމާވެށްޓަށް މާޙައުލަށްވެސް ގެއްލުން، އަދި އެހެން ގޮތްގޮތުންވެސް ގެއްލުން. އަހަންވީ ސުވާލަކީ، ގެއްލުމާއި ފައިދާއާ ތެރެއިން އަޅާ ކެނޑީމާ، ކޮންކޮޅެއްތޯއޭ ރަނގަޅީ. ފައިދާ ބޮޑިއްޔާ އެ މަސައްކަތެއްގެ ތެރެއަށް އަޅުގަނޑުމެން ދާން ނިންމަނީ. މިމަސައްކަތް ފެށުމަށް، ކުރުމަށް ސަރުކާރުގެ ވަރަށްގިނަ އިދާރާތަކުން ވަރަށް ބުރަ މަސައްކަތް ކުރެއްވި. ޚާއްޞަކޮށް، އަޅުގަނޑު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ހާޝިމާއި އަސްޢަދަށް އަޅުގަނޑު ޚާއްޞަކޮށް ޝުކުރު ދަންނަވަން ބޭނުން. އެބޭފުޅުން މިމަސައްކަތް ކުރިޔަށް ގެންދާންވެގެން ވަރަށް ބުރަކޮށް އުޅުއްވާ، އަދި އެހެންއެހެން ކަންތައްތައްވެސް ކުރައްވަމުން އުޅުއްވާއިރުގައިވެސް ޚާއްޞަ ގޮތެއްގައި މިފައިސާ ހޯއްދަވައިދެއްވުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވުނު. އެކަމާ އެހެންވެ އަޅުގަނޑަށްވެސް ފުރުޞަތެއް ލިބުނު ކޮންމެ ފަހަރަކު، ޔޫރަޕަށް ދެވޭ ކޮންމެ ފަހަރަކު، މިވާހަކަ ނުދައްކައެއް އަޅުގަނޑެއް ނާންނަން. އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ މިބާވަތުގެ މަސައްކަތްތައް ހިންގާނެ ކިތަންމެ ކިތަންމެ ފުރުޞަތުތަކެއް ލިބިގެންދާނެ.

މާހިރުގެ ތަޢާރުފުގައި މާހިރު ބުނުއްވި، މިއީ ހިންނަވަރު މީހުންގެ ވެރިކަމެއް ކަމަށް ބުނެއޭ. ދަންނަވަންތޯ މިއީ، ދިވެހި ރައްޔިތުންގެ ވެރިކަން. އެހެންވީމާ، މިއީ ހިންނަވަރުގެ މީހުންގެ ވެރިކަމަކަށްވަނީ. އެހެންވީމާ މިއީ އަޅުގަނޑުމެން އެންމެންގެ ވެރިކަމަކަށް މިވެރިކަން ވަނީ. އެހެންވީމާ، މިވެރިކަން ހެޔޮވެރިކަމަކަށް ވެގެން މިދަނީ. އަޅުގަނޑުމެންގެ ވެރިކަމަކީ، އަޅުގަނޑުމެންގެ ސަރުކާރަކީ، ތިޔަބޭފުޅުންގެ ސަރުކާރު. އަޅުގަނޑުމެން ސަރުކާރު ހިންގަނީ، އަޅުގަނޑު ތަކުރާރު ކުރާނަން، ހަމަ އެންމެ ބޭނުމަކަށްޓަކައި. އަޅުގަނޑުމެން މިމަސައްކަތުގައި މިއުޅެނީ ހަމަ އެންމެ މަޤްޞަދަކަށްޓަކައި. އެއީ ތިޔަބޭފުޅުންނަށް ޚިދުމަތްކުރުމަށްޓަކައި. އަޅުގަނޑުމެންގެ މީގެ ބޭނުންތަކެއް އޮވެގެނެއް ނޫނޭ، އަޅުގަނޑު ދެންނެވިޔަސް ތިޔަބޭފުޅުން ޤަބޫލެއް ނުކުރައްވާނެ. އެ ވެގެންދާނީ ސިޔާސީގޮތުން ދައްކާ ވާހަކައަކަށް. އެހެންނަމަވެސް، ވެރިކަން މިކުރަނީ ހަމައެކަނި ވެރިކަން ކުރުމުގެ ނިޔަތެއްގައެއް ނޫން. އެހެންކަމެއް ކުރުމުގެ ނިޔަތުގައި. އަޅުގަނޑުމެންގެ ނަޒަރުގައި ހެޔޮކަމެއް ކުރުމުގެ ނިޔަތުގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިވެރިކަން ހިންގަމުން ގެންދާނީ ހެޔޮގޮތުގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިވެރިކަން ހިންގަމުން ގެންދާނީ ރައްޔިތުންގެ ބޭނުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ރުހުމާ އެއްގޮތަށް.

މިއަދު މިތާނގައި އަޅުގަނޑުމެން ހަރުކުރަން އުޅުނު ފޮޓޯގައި، ހިއްކާފައި އޮތް ބައި އަޅުގަނޑު އިހަކަށްދުވަހަކު ރާއްޖެއިން ބޭރަށް ގޮސްފައި އައިއިރު، އެބައިގެ ފޮޓޯ ކުރަހާފައި އޮތްއިރުގައި އޮތީ އެބިން ބޭނުންކުރާނެގޮތް އެކީގައި ކަނޑައަޅާ ނިންމާފައި. ގޯތި އަޅާނީ މިވެނި ތަނެއްގައޭ، ފްލެޓް އަޅާނީ އެވެނި ތަނެއްގައޭ، ބިން ވިއްކާނީ މިވެނި ވަރަކަށޭ، ގުދަން އަޅާނީ މިވެނި ތަނެއްގައޭ، ދެން އަޅުގަނޑަށް އޮޅިގެންނަމަވެސް އެބޭފުޅުންގެ ކައިރީގައި ވަރަށް ފަހު ވަގުތެއްގައި އަހާލެވުނު، ހިންނަވަރު މީހުންގާތު އަހާލެވުނުބާއޭ، އެ ހިއްކާ ބިމަށް ހަދާނީ ކިހިނެއްހޭ. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، އެންމެ މުހިންމު ގޮތެއްގައި މިހާރު ޙަޤީޤަތުގައި ކުރަންއޮތް ކަމަކީ، ބިން ބޭނުންކުރުމުގެ ތަޞައްވުރެއް، ޕްލޭނެއް، ބޭނުންކުރާނެގޮތް އެބަ އަދި އަޅުގަނޑުމެން އެކުލަވާލަންޖެހޭ. ހިންނަވަރު ރައްޔިތުން އެބަ ނިންމާންޖެހޭ މި ބިން ބޭނުންކުރާނީ ކޮންގޮތަކަށްތޯ. ރައްޔިތުންގެ ގާތުން ލަފާ އެހުމާއި، މަޝްވަރާކުރުން އެއީ، އަޅުގަނޑުމެން އަބަދުވެސް ކުރާނެ ކަމެއް. އެހެންނަމަވެސް، ރައްޔިތުން ޚާއްޞަކޮށް ހިންނަވަރު ރައްޔިތުންވެސް ހަމަ އަޅުގަނޑުގެ ނަޒަރުގައި ޤަބޫލު ކުރަންޖެހޭ ޙަޤީޤަތްތަކެއް ހުންނާނެ. ކޮންމެ ކަމެއްގައިވެސް އެބަތިބޭ އެކަމެއްގެ މާހިރުން. އެކަމެއް މާރަނގަޅަށް ދަންނަ ބައެއް އެއީ. އެހެންވީމާ، އަދި ތިމަންނާ އެއީ ރަށުގައި މާ ބަސްކިޔޭ މީހަކަށްވީތީވެ، މިރަށް އޮންނާނީ މިހެނޭ ކިޔާ އަޑުހަރުކޮށްގެން ދިޔަކަސް، އަޅުގަނޑުގެ ނަޒަރުގައި އެއީ، އަދި އެންމެ ރަނގަޅުގޮތްކަމަށް ނުވެދާނެ. ބިން ބޭނުންކުރުމުގެ ތަޞައްވުރެއް އެކުލަވާލާއިރުގައި ބިމުގެ އެކަމުގެ މާހިރުންގެ ލަފައާއި އިރުޝާދު، އެކަމުގެ މާހިރުން އެ ބުނާ އެއްޗަކަށް އަޅުގަނޑުމެން ބަލަންޖެހޭނެ. އަދި ހަމައެހެންމެ، ރަށުތެރޭގައި ނަގާކިޔާމީހުން އެ އެދޭ އެދުންތަކާއި، އަދި ރަށުގައި ނެތަސްވެސް މާދުރުގައި ހުންނަ މާ ވަރުގަދަ މީހަކު ބޭނުންވާގޮތާއި، ހަމަ އާންމު ރަށްރަށުގައި މިހިނގާ އުޞޫލުން އެހެންވެސް ދެން ގެއެއްގައި އިން ދެ އަންހެނުންނާއި، އަދި އެހެންވެސް ތަނެއްގައިހުރި އެހެންމީހަކާއި، މިހުރިހާ އެންމެންވެސް މިކަމާގުޅޭގޮތުން ދައްކާ ވާހަކަތައް އަޅުގަނޑުމެން އަޑުއަހަން ޖެހޭނެ. ދެނެގަންނަންޖެހޭނެ. ހުރިހާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްގެން ނޫނީ އަޅުގަނޑުމެން ބިން ބޭނުންކުރާނެގޮތުގެ ތަޞައްވުރެއް އެކުލަވާލައިގެން ނުވާނެ.

ބިން ހިއްކުމަކީ އަދި ވަށާ ވާޓަރު ހެދުމަކީ އަގުބޮޑު ކަމެއް. ވަރަށް އަގުބޮޑު ކަމެއް. ޙަޤީޤަތުގައި ދިވެހިރާއްޖެފަދަ އާމްދަނީ އެހާބޮޑު ނޫން ޤައުމަކަށް ނުކުރެވޭވަރުގެ އެހާބޮޑު ކަމެއް. އެހެންވީމާ، މިކަން އަޅުގަނޑުމެން ކުރާއިރު، އިސްރާފު ނުކޮށް، ބޭކާރުނުވާ ގޮތަށް ކަންކަން ރޭވުމަކީ ހިންގުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑަށް ޔަޤީން، މިމަޝްރޫޢު ހިންގާއިރުގައި އެކަން ހިނގަމުންދާނީ މިދަންނަވާ ނުކުތާތަކުގެ މައްޗަށް ބަލައިގެންކަން. އަޅުގަނޑުމެން މިކަން ކުރެވޭތޯ ބަލާނީ، މިކަމުގައިއޮތް އެންމެ ރަނގަޅު ގޮތަށްކަން.

ހިންނަވަރުގެ ބިން ހިއްކާ ވާހަކަ، ނުވަތަ އަޅުގަނޑު މިދެންނެވި 4 ރަށުގެ ބިން ހިއްކާ ވާހަކަ މިފަހަރުގެ ބަޖެޓްގައި ހިމަނާފައެއް ނުވާނެ. ބަޖެޓުގައި ސީދާ އެކިއެކި މަޝްރޫޢުތައް ރަށްރަށުގެ ނަންޖަހާ ނުހިމަނާ ކިތަންމެ ސަބަބެއް އެބަވޭ. މިދަންނަވާހެން، ކަޑަޖެހުމާއި، ޗާޓު ޖެހުމާއި، ކުރެހުމާއި، އެކަންތައްތަކުގެ ތެރޭގައި އޮންނަ ކަމެއް މިއީ، ބަޖެޓުގައި ތިމަންނާގެ ރަށުގެ ނަންޖެހުން. އޭގައި މިވެނި ކަމެއް ކުރާނަމޭ ބުނެ، ރައްޔިތުންނަށް އެ ދަޅަ ދެއްކުން. އަޅުގަނޑުމެންނަކީވެސް ހަމަ ސިޔާސީ ވެރިން. އަޅުގަނޑުމެންވެސް ބޭނުންވާނެ ސިޔާސީ ތާއީދު. އެހެންވީމާ، އެ ތާއީދު ލިބޭ ކަންކަން ކުރުންވެސް އެއީ، ހަމަ އަޅުގަނޑުމެންގެވެސް ނިޔަތަކަށްވާނެ. އެހެންނަމަވެސް، ނުކުރާކަމެއް ކުރާނެކަމަށް ބުނެގެން ތަނެއްގައި ޖަހާ، ބަޔަކަށް ދޮގުހެދުން އެއީ، އަދި ހަމަ އަޅުގަނޑުގެ ނަޒަރުގައި އެންމެ ބުއްދިވެރި ގޮތެއް ނޫން، ސިޔާސީ ތާއީދު ހޯދާކަށްވެސް. ފަހުން ލިބޭ ގެއްލުން އެބާވަތުގެ ކަންކަމުން ވަރަށްބޮޑު. އެހެންވީމާ، އަޅުގަނޑުމެންނަށް އަދި ކޮންތަނެއްގައި ކޮންކަމެއްތޯ ކޮން މަސައްކަތެއްތޯ ހިންގަނީ، މި ނިންމެނީ ކިތަންމެ ގޮތަކަށް މިނެގެން، ކިތަންމެ ގޮތަކަށް ބަލައިގެން. އަދި އެއް މަސައްކަތެއް ހިންގާން ފެށީމާ ހަމަ އެބަޖެހޭ ބައެއްފަހަރު އެއާ ވިދިގެން ހިންގާ މަސައްކަތް ހިންގާގޮތް ތަންވެސް ބަދަލުކުރަން. ބައެއް ބާވަތުގެ މަސައްކަތް ހިންގެނީ، ބައެއް ބާވަތުގެ ރަށްރަށުގައި. އެކަންވެސް މި އެނގެނީ، އެބާވަތުގެ މަސައްކަތްތައް ފެށީމާ. އެހެންވީމާ، އަޅުގަނޑުމެންނަށް އެކަން އެހާ ފަސޭހައެއް ނޫން ދަންނަވާކަށް، މިއަހަރުގެ ބަޖެޓުން މިވެނި މިވެނި މިވެނި މިވެނި މިވެނި ރަށެއްގެ، މިވެނި އެވެނި ކަންކަމޭ ކުރާނީ. ކުރެވޭނީ ކޮންކޮން ކަންތައްތަކެއްތޯ މި އެނގެނީ، އެބާވަތުގެ އެއްކަމެއް ކުރަން ފެށީމާ، އަޅުގަނޑު ދަންނަވާފާނަން އަނެއްކާވެސް ހަމަ މިސާލެއް، ދިއްދޫގައި ނަރުދާމާ އަޅަން ފަށާ، އެ ހޮޅި ކޮންނަމުން ދިޔައިރުގައި އެންމެ ފަހުން މޫދާ ހަމައަށް ފޭބިއިރު 14 ފޫޓަށް އެބަ ކޮންނަންޖެހޭ. އެއީ، ދިއްދޫގެ ހަނި މަގުތަކުގެ ތެރެއިން ކުރެވެންއޮތް ކަމެއްނޫން. އެހެންވީމާ، އަދި ކިތަންމެ ބާރަށް މާދަމާ އަނެއް ރަށުގައި ނަރުދަމާ އަޅަންވިއްޔޭ ބުންޏަސްވެސް، އަދި ކުރަހާ ނިމި، ކޮންޓްރެކްޓް ހަދާ ނިމިފައި އޮތަސްވެސް، ދިއްދޫއަށް އެވީގޮތް ފެނުނީމާ، އަޅުގަނޑު ހިތަށް އަރައިފި، މިވާ އެއްޗެއް އަދި އަޅުގަނޑުމެން ޖެހޭނެ ބަލަން. މިކަން ދަންނަ ބައެއް ކައިރީގައި އަޅުގަނޑުމެން އެބަ އޮޅުންފިލުވަންޖެހޭ، މީ ބާއޭ ނަރުދަމާ ހެދުމަށް އެންމެ ރަނގަޅު ގޮތަކީ. ހަމަ މިނޫން އެހެން އެއްވެސް ގޮތެއް ނެތްބާއޭ. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންނަށް މިކުރެވެނީ ކޮންކަމެއްތޯ ދެނެގަންނަން. އަޅުގަނޑުމެން އެބަޖެހޭ، ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއި، އަދި ކެތްތެރިކަމާއެކީގައި އަޅުގަނޑުމެން ކުރާ ކަންކަން ކުރިޔަށް ގެންދަން.

ކުރާންހުރި މަސައްކަތް ނުހަނު ގިނަ. ބަޖެޓުގެ ތެރެއިން އެމަސައްކަތްތަކެއް ނުވެސް ހިންގޭނެ. އެނގިވަޑައިގަންނަވާނެ، ބަޖެޓަށް އަހުލުވެރި ބައެއް ބޭފުޅުންނަށް، އަދި ރަށް ކުރިއަރުވާ ކޮމިޓީތައް އޮތްއިރު، އެކޮމިޓީތަކުގެ މެންބަރުންނާއި، ރަށްރަށުގެ ކުރިޔަށް ތިއްބެވި ޖަމްޢިއްޔާތަކާއި، ނަގާކިޔާ އެކިއެކި ރައްޔިތުންނަށް ސާފުވެފައި އޮންނާނެ، ޕީ.އެސް.އައި.ޕީ. (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) އެއީ، ރަށްވެހިކަމަށް ކުރެވޭ ޚަރަދު. ދެން އެއަށް އަޅުގަނޑަށް ހަމަ މި ހިތަށްއެރީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމޭ ޙަޤީޤަތުގައި މިބުނެވެނީ، ދެން ފަހުން އަޅުގަނޑަށް 1980 ގައި 90 ގެ އަހަރުތަކުގެ ތެރޭގައި އެހެން ބަހެއް އަޑުއިވެމުންދިޔަ، ޢުމްރާނީ ތަރައްޤީއޭ ވިދާޅުވެ ކުރައްވަމުން ގެންދިޔަ ކަމެއް. އެއީ، ވަރަށް ބޮޑެތި ކޮންކްރީޓުގެ މަސައްކަތް، އެކިގޮތްގޮތަށް ޢުމްރާނީ ތަރައްޤީއަކީ. ދެން އަޅުގަނޑުމެންގެ ހިތްތަކުގައި މިފޮޓޯ އެޅިއްޖެ، ޢުމްރާނީ ތަރައްޤީ ކަމުގައި. ދެން އަޅުގަނޑުމެން ހަމަ ކޮންމެ ކަތީބަކުވެސް، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މައިކް ކައިރީގައި ހަމަ އައިސް ހުއްޓެވޭއިރަށް، މިރަށުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާ މިބާވަތުގެ ބައްޓަމަކަށް އަޅުގަނޑުމެން ވާހަކަ ދައްކަން ފަށާއިރު، މިބާވަތުގެ ވިސްނުމުގެ ތެރެއަށް އަޅުގަނޑުމެން ވެއްޓިގެން ހިނގައްޖެ.

އަޅުގަނޑުމެން ދެކެން ފަށައިފީމު، ތަރައްޤީއަކީ، މިދަންނަވާ ޢުމްރާނީ ކަމެކޭ. ތަރައްޤީއަކީ ކޮންކްރީޓާގުޅޭ ކަމެކޭ. ޙަޤީޤަތުގައި އަޅުގަނޑުމެންނަކަށެއް ނުފެނުނު، ތަރައްޤީއާއި ކޮންކްރީޓާ ހުރި އެހާބޮޑު ގުޅުމެއް. ހަތަރުސަތޭކަ މިލިޔަން ރުފިޔާ ޚަރަދުވެއޭ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް -/2000 ރުފިޔާ ދިނުމަށް. ހަތަރުސަތޭކަ މިލިޔަން ރުފިޔާއިން އެޅޭނެ 7 ބަނދަރު، 6 ބަނދަރު. އަޅުގަނޑުމެން މި ކުރާ ސުވާލަކީ، ތަރައްޤީއަށް އެހީވަނީ ކޮންކަމެއްހޭ. ބަނދަރެއްގެ ބޭނުން ކުޑައެއްނޫން، އޮޑިފަހަރުގެ ޢުމުރު އެބަދޭ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް މިހާރު ލަފާކުރެވިފައި އޮތްގޮތުގައި 6 އަހަރުން 7 އަހަރުން އިތުރުވެގެން. އެހެންނަމަވެސް، 12 އޮޑި އޮންނަ ރަށެއްގައި 7 އަހަރު ކޮންމެ އޮޑިއަކަށް އިތުރަށް ލިބުނީމާ، ދެން އެ ނުކުންނަ މުއްސަނދިކަމާއި، އެ ކުރެވޭ ޚަރަދާއި، މި ދެކަމެއް އެހާބޮޑަކަށް ޙަޤީޤަތުގައި ނުގުޅޭ. ބަނދަރު ބޭނުން. އެހެންނަމަވެސް، ވިޔަފާރީގެ ނުވަތަ އަޞްލު ޙަޤީޤަތުގެ އުސޫލަކުން އަޅުގަނޑުމެން މިނެއްޖިއްޔާ، މި އަދި ދެއުޅިއެއްވާ ކަމަކަށެއް ނުދައްކާ. އެހެންނަމަވެސް، ޢުމްރާނީ ތަރައްޤީ އެބަގެންނަންޖެހޭ. އެހެންވީމާ، ވަރަށް ބޮޑުކޮށް ކޮންކްރީޓުން އެބަ އަޅަންޖެހޭ ބަނދަރެއް. މިރަށް ވަށައިގެން އިރާދަކުރެއްވިއްޔާ މިފަހަރު ކޮންކްރީޓް އެޅޭނެ. އެހެންނަމަވެސް، އެކަން ކުރުމުގެ ކުރީގައި މިރަށުގައި މިޒުވާބު އުފެދެންފެށީމާ، ދެން އަޅުގަނޑުވެސް ވަރަށް ހިނިއަންނަން ފަށައިފި. ބަނދަރު ހަދާއިރުގައި، ފައިކަށި ޖައްސަންވީ އަތާ، އަދި މިރަށް ވަށާ ކޮންކްރީޓް އޮންނަންވީ ގޮތާ، މިވާހަކަތައް، މި އުތުރުފަރާތުގައޭ ދެކުނުފަރާތުގައޭ މިކަން ކުރާނީ، ހުޅަނގުފަރާތުގައޭ މިކަން ކުރާނީ، ރަށް މެދުގައޭ މިކަން ކުރާނީ، މިބާވަތުގެ ވާހަކަތަކެއް ދެން ދައްކައިގެން، ހަމަ ވަރަށް ދިގު ބަޙުޘްތަކެއްކޮށް، އެއްބަޔަކު އަނެއްބަޔަކަށް ނުހަނު ރުޅިއާދެވި، މޫނު ކެނޑޭގޮތްވެ، އަޅުގަނޑުމެންނަށް ހަމަ މި ކަންތައްތަކެއްގެ ތެރޭގައި އެބައުޅޭ. މިއީ ކޮންމެ ރަށެއްގައިވެސް، މިރަށުގައިވީމާ އަޅުގަނޑަށް ފަސޭހައިން މިވާހަކަތައް ބުނެވެލެނީ. ބޮޑަށް އެނގިފައިވެސް އޮތީމާ. ދެން މިޒުވާބެއްގެ ތެރެއިން އަޅުގަނޑުމެން ބުނެއްޖައިމު، އަޅުގަނޑުމެންނެއް ތިޔަ ޒުވާބުގެ ތެރެއަކަށް ނުވަންނާނަމޭ. ކޮންތަނެއްގައިތޯ ތިޔަ އަޅާނިއްޔާ، ކިހިނެއްތޯއޭ އޮންނާނިއްޔާ، އަޅުގަނޑުމެންގެ ނަޒަރުގައި އެއީ، ހަމަ ވަރަށް ތެދަށް އަޅުގަނޑު މިދަންނަވަނީ، ކުޑަކޮށްވެސް އަޅުގަނޑަށް އެނގޭ ކަމެއް ނޫން. ދެން އަޅުގަނޑު އަޖާއިބުވަނީ ރަށްކުރިއަރުވާ ކޮމިޓީއަކަށް މިކަން މާބޮޑަށް މިއެނގެނީ ކީއްވެގެންބާއޭ. ދެން ހަމަ އެ އޮންނަންވީ ހުރިހާ ގޮތެއް ކިޔާދޭ. ދެން އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް އޮޅުމެއްވެސް ނުވެސްފިލާ، ނުވެސް އެނގޭ. އެހެންވީމާ، އަޅުގަނޑުމެން އެބަ އެފަދަ ހާލަތްތަކުގައި މިކުރަންޖެހޭ ގޮތަކީ، އެނގޭ ބައެއްގެ ކައިރީގައި އެހުން. ދެން އެނގޭ މީހުން ބުނަނީ ބަލަ އަޅުގަނޑުމެން ބަލާފައި އެންމެ ރަނގަޅު ގޮތަށޭ ތިޔައޮތީ ތިކުރަހާފައި. އަނެއްމީހުން ބުނަނީ ނޫނެކޭ އެއީ މިވެނި މީހެއްގެ ގޭދޮށުގައޭ ފާލަން އަޅަން ވެގެން، ބަނދަރު ހަނދަންވެގެން ހެދިގޮތެކޭ. އަނެކަކު ބުނަނީ ނޫނެކޭ ތިއީ އަނެއް ދިމާލުންނޭ އޭނާއަށް ވޯޓުލިބެނީ އެހެންވީމާ، އެތަނުގައި އެ ހަދަން ކޮންމެހެން ޖެހިގެން ކުރަންޖެހޭ ކަމެކޭ. އަޅުގަނޑަށްވެސް ބައެއް ފަހަރަށް ކިހިނެއްބާއޭ މިވަނީ އަސްލަމަކީ، މިކަމުގެ މާހިރެއް. އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް މިނިސްޓަރ. އަޅުގަނޑު އަހައިފިން އަސްލަމް މިފަދަ ގޮތްތަކެއް ވެގެން ހެއްޔޭ. ދެން އަސްލަމް ބުނުއްވައިފި މުޅިންވެސް ތިޔަ ކުރަހާ އުޅެނީ ތިމަންނައޭ. އޭރުގައި އާދައިގެ ޑްރާފްޓްސްމަނެއްގެ ގޮތުގައޭ. ހަމަގައިމުވެސް ތިމަންނައެއް ތިޔަ ކުރަހައެއް ނުހަދަމޭ، އެވެނި މީހެއްގެ ގޭދޮށުގައި އެޅޭގޮތަށް ނުވަތަ އަނެއް މީހަކަށް ވޯޓު ގިނައިން ލިބޭ ގޮތަށް، ނުވަތަ އަޅުގަނޑުމެންނަށް އެންމެ ވޯޓެއްވެސް ނުދިނީ އުތުރުކޮޅުންނޭ އެކަމަކު އެކޮޅުގައޭ ބަނދަރު އެހަދަނީ.

އަޅުގަނޑު ހަމަ މިހިތަށް އަރަނީ މިބޯދާ ޒުވާބުގެ ތެރެއަށް އަޅުގަނޑުމެން ވަންނާކަށް ނުވެޔޭ. އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން ބޭރަށް އަޅުގަނޑުމެންގެ އަތޮޅު ދުނިން ބޭރަށް އަދި މިރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އެބަގެންދަންޖެހޭ. އަޅުގަނޑުމެން އެބަ ހުޅުވެންޖެހޭ. ހަމަގައިމުވެސް އަޅުގަނޑަކަށެއް ނެތް އަޅުގަނޑަކީ ހަނދުބަލާގޯތި މީހެކޭ، ގަލޮޅު މީހެކޭ، މާލޭ މީހެކޭ ކިޔައިދެވޭކަށް. އަޅުގަނޑުމެން އުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. އަޅުގަނޑުމެން މިއަދު މިތާ ކުރާ ކަންތައްތަކުގެ އަސަރު މާދަމާ ކޯޕަންހޭގަނަށް ކުރާނެ. ޔޫރަޕަށްވެސް އޭޝިޔާއަށްވެސް، އެތައް މިތަނަށްވެސް. އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންނަކީ ތިމަންނާއަކީ ހިންނަވަރު މީހެކޭ، އަދި ތިމަންނާއަކީ އުތުރު އަވަށު މީހެކޭ، އެހެން ދެކި ކަންކަން ނިންމަމުން ގެންދިއުން އަޅުގަނޑު ނުދަންނަވާނަން އެއީ، ބުއްދިވެރި ގޮތެކޭ. އަދި އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނެއެކޭވެސް.

އަޅުގަނޑުމެންނަށް ސަރުކާރަކުން މިހުރިހާ މަސައްކަތްތަކެއް ސަރުކާރުގެ ބަޖެޓަކުން ނުހިންގޭނެ. ރާއްޖޭގައި ނަރުދަމާ ހަދަން އެބައޮތް މިހާރުން މިހާރަށް ހަމަ ރަނގަޅަށް މިވަގުތު ހަދަންޖެހޭ 76 ރަށް. ގިރާ ސަރަޙައްދު ސަލާމަތް ކުރަން މިހާރުން މިހާރަށް އެބައޮތް 30 ރަށް. އެ ހުރިހާ ކޮންކްރީޓެއް އެއްކުރީމާ ރަނގަޅު ފަސް ހަސަތޭކަ މިލިއަން ޑޮލަރު އެބަޖެހޭ. އެއީ، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ސަރުކާރަށް ކުރެވެން އޮތް ކަމެއް ނޫން. އެހެންނަމަވެސް، މިއީކީއެއް ލަސްކުރެވެންވެސް އޮތް ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ވިސްނީ ކިހިނެއްބާއޭ މިބާވަތުގެ ޙާލަތްތަކުގައި ސަރުކާރުތަކުން ޤައުމުތަކުން ޢަމަލުކޮށްފައި ހުންނަނީ. އެމް.ޑީ.ޕީ.ގެ މެނިފެސްޓޯ އެކުލަވާލެވުނުއިރު އަޅުގަނޑު މާރިޔާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ވިސްނުންތަކުގެ ތެރެއަށް އަޅުގަނޑުމެން ވަރަށް ގިނައިން ދިޔައިމު. ދިވެހިރާއްޖެއަށް، ދިވެހި ދައުލަތަށް، ދިވެހި ސަރުކާރަށް ނެތޭ މިފަދަ އާމްދަނީއެއް، އިތުރަށް ދަރަންޏަށް ފައިސާ ހޯދޭކަށްވެސް ނެތޭ. ނެގޭކަށްވެސް ނެތޭ. މިހާރުވެސް ދަރަނި އަނބުރާ ދައްކަން ކުރާ ހޭދަ އެހާމެ ބޮޑޭ. އެހެންނަމަވެސް މިހިރަ މިހިރަ މިހިރަ މަސައްކަތްތައް އެބަ ކުރާންޖެހޭ. 1980އިގެ ދުވަސްވަރުގައި ތަޢާރުފްވެގެން އައި އުޞޫލެއް އެއީ، މިހާރު އަޅުގަނޑުމެން މިކިޔާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ސަރުކާރާ އަމިއްލަ ވިޔަފާރިއާ ގުޅިގެން މަޝްރޫޢުތައް ހިންގުން. އަޅުގަނޑުމެން ނިންމީ ސަރުކާރުންވެސް މަސައްކަތް ހިންގަން. އެހެންނަމަވެސް، މިދަންނަވާ އުޞޫލުން ސަރުކާރާ އަމިއްލަ ވިޔަފާރިއާ ގުޅިގެން ހިންގާ މަސައްކަތްތަކެއްވެސް ހަމަ ރަށްވެހި ތަރައްޤީއަށްޓަކައި އެބަ ހިންގަންޖެހޭ. އެހެންވީމާ، ބަޖެޓުގައި ފެންނާކަށް ނުހުންނާނެ، މިދެންނެވި މަސައްކަތްތައް ހިނގަމުންދާކަމަކަށް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މިއަހަރު 4 ބިލިޔަން ރުފިޔާގެ ރަށްވެހި ތަރައްޤީގެ މަސައްކަތް ރާއްޖޭގައި ހިނގާނެ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ތެރެއިން.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ ޒުވާން ބައެއް މެންބަރުން އެބަ ވިދާޅުވޭ، ތިމަންނާ ރަށުގެ ވަށާފާރެއް ނެތޭ މިއަކު. މިސްކިތެއްވެސް ނެތޭ، ބަނދަރެއްވެސް ނެތޭ، ނަރުދަމައެއްވެސް ނެތޭ، ބަޖެޓުގަ ޖަހާފައެއް ނެތޭ. ދެން އަޅުގަނޑު އޮޅުންފިލުވާދެވޭތޯ ބަލަން، ބަޖެޓުގައި ނުޖަހައޭ އެމަސައްކަތްތައް ކުރެވޭތޯ މިއުޅެނީ. ބަޖެޓުގައި ޖަހައިގެން ކުރެވެނީ ވަރަށް މަދު މަސައްކަތެކޭ. އެއީ، ސީދާ ސަރުކާރަށް ލިބޭ އެއްޗަކުން ކުރާ މަސައްކަތެކޭ. މިހާރު ޢަލީ ހާޝިމްގެ ނަޒަރުގައި ލޯނަކީވެސް ސަރުކާރަށް ލިބޭ އާމްދަނީއެއް ނޫން. އެހެންވީމާ، އެއީ ސަރުކާރަށް ލިބޭ އެއްޗަކުން ކުރާ ކަމެއްގެ ގޮތުގައި ބަޖެޓުގައި ޖެހުމަކީ އޮޅުވާލުމެއް. ސަރުކާރަށް ލިބޭ އެއްޗަކީ އަޅުގަނޑުމެން އެންމެން ރެޔާ ދުވާލު މަސައްކަތް ކޮށްގެން މި ލިބޭ ފައިސާއިން ސަރުކާރަށް އެ ލިބޭ މިންވަރު، ޓެކްސްގެ ގޮތުގައި. ޑިއުޓީ ދެއްކުމުގެ ގޮތުގައި ނުވަތަ ކުލި ދެއްކުމުގެ ގޮތުގައި. ރަޖިސްޓަރީ ފީ ދެއްކުމުގެ ގޮތުގައި، ނުވަތަ އެއަށްވުރެ އަދި މާ ރަނގަޅު ގޮތެއް ޖޫރިމަނާ ކޮށްގެން. މިގޮތްގޮތަށް ސަރުކާރަށް ލިބޭ އާމްދަނީ. މިއީ، ޙަޤީޤަތުގައި އާމްދަނީއަކީ.

މިދެންނެވި އާމްދަނީގެ ތެރެއަކުންނެއް މާގިނަ ކަންކަމެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް މިލިބެނީ 7 ބިލިއަން ރުފިޔާ. އޭގެތެރެއިން 5 ބިލިއަން މިދިޔަ އަހަރު ޚަރަދުކުރަން މިޖެހުނީ 32 ހާސް މީހުންނަށް. ސަރުކާރުގެ މުވައްޒަފުންނަށް. މުހިންމު ކަމެއް އެއީ، ސަރުކާރު މުވައްޒަފުންނަށް ރަނގަޅަށް މުސާރަދީ، އަދި ރަނގަޅަށް އުޅެވޭނެގޮތެއް އެ މުވައްޒަފުންނަށް ހޯދައިދިނުން. އެކަމުގައިވެސް އަޅުގަނޑުމެން ވިސްނަންޖެހޭނީ، 32 ހާސް މީހުންނަށް ކަމެއް ކޮށްދިނީމާ، އަދި ކޮށްދެވުނީމާ ދެން މިއޮތް 3 ލައްކަ މީހުންނަށް ކިހިނެއްބާއޭ ވާނީ.

މި ސަރުކާރުގެ އަމާޒަކީ، މުދަލާއި ޚިދުމަތުގެ އަގު ތިރިކުރުން. މި ބަޖެޓުގެ ބޭނުމަކީވެސް އެއީ. މުދަލާއި ޚިދުމަތުގެ އަގު ތިރިކުރުން. އަޅުގަނޑުމެންނަށް މި އެނގެނީ ސަރުކާރުގެ ޚަރަދު ބޮޑުވި މިންވަރަކަށް ތަކެތީގެ އަގުބޮޑުވޭ. އެއީ، ރުފިޔާ ގިނަވާތީވެ. ހުރި އެއްޗެހި ފަހާ މާ ގިނަރުފިޔާ ދާނެ. އަދި ރުފިޔާ ގިނަވިވަރަކަށް ގެދޮރުގެ ދަތިކަން އަންނާނެ. ގެދޮރެއް ގިނައެއް ނުވެ، ރުފިޔާ ގިނަވީ. އެހެންވީމާ، މާގިނަ ރުފިޔާ، މާމަދު ޑޮލަރުކޮޅެއް ހޯދަންވެގެން އުޅެނީ. އަޅުގަނޑުމެން މާލިއްޔަތުގެ ތެރޭގައި، އިޤްތިޞާދުގެ ޢިލްމުގައި މިކިޔަނީ އިންފްލޭޝަނޭ. އަގު އުފުލިގެން ދިއުން. 2008 ވަނައަހަރު ތަކެތީގެ އަގު އުފުލެމުން އައީ އަހަރަކު %12 ގެ ރޭޓުގައި. 2007 ވަނައަހަރު -/100 ރުފިޔާއަށް ހުރި އެއްޗެއް، 2008 ވަނައަހަރު މިހުރީ -/112 ރުފިޔާއަށް. އިރާދަކުރައްވައިގެން 2009 ވަނަ އަހަރު ނިމުނުއިރުގައި ތަކެތީގެ އަގު މައްޗަށް ދިއުން މިހުރީ %4 ގައި. މައްޗަށް ދަނީ އަދިވެސް. ހުރީ %4 ގައި. އަޅުގަނޑުމެން މި އުންމީދު ކުރަނީ، މިބަޖެޓުން ތަކެތީގެ އަގު އުފުލޭ މިންވަރު މިއަހަރު %2 ގައި ބެހެއްޓޭތޯ މަސައްކަތް ކުރުމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، މިހާރު މިލިބޭ ރުފިޔާ އެއީ ކުރިޔަށްވުރެ އަގުހުރި އެއްޗަކަށް ވަންދެން އިންފްލޭޝަން ތިރިކުރުން. އޭރުން ޖީބަށް ވަންނަ ފައިސާގެ އަގު ހުންނާނެ. އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ، މަހެއްގެ މައްޗަށް ގިނައީ ބާރަހާސް، ފަނަރަހާސް، ވިހިހާސް، ފަންސަވީސްހާސް، ތިރީސްހާސް ރުފިޔާ ލިބޭ މީހުން. މިއީ، އެހެން ޤައުމުތަކުގައި އަހަރަކަށް ލިބޭކަމަށް ކިޔާ މިންވަރު. ސާޅީސްހާހުން، ފަސްދޮޅަސް ހާހުން. އަޅުގަނޑުމެން މި ކިޔާންޖެހެނީ އެއީ، މަހަކަށް ލިބޭ މިންވަރޭ. ދެން އަޅުގަނޑުގެ ނަޒަރުގައި އެގޮތަށް ރުފިޔާގެ އަގު ހުރީމާ، މި ޤައުމެއްގެ ސިފައިގައި ކިޔާއުޅެންވެސް އުނދަގޫ. އިޤްތިޞާދީގޮތުން ރަނގަޅު ފަންވަރެއް ހުރި ކަމަކަށެއް ނުބެލެވޭ. އަޅުގަނޑުމެން ނިންމީ ކޮންގޮތަކަށް ހެއްޔޭ، ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭތޯ ބަލާނީ. ސަރުކާރަށް ލިބޭ ހުރިހާ އެއްޗަކުން ތަންތަނުގައި ކޮންކްރީޓް އަޅަންތޯއޭ ނުވަތަ ވީހާވެސް މިންވަރަކަށް ބަލައިގެން، ރައްޔިތުންގެ އަތަށް އަރާ ރުފިޔާގެ އަގު މިއަދަށްވުރެ ރަނގަޅު ކޮށްދެވޭތޯ ބެލުމޭ. އަޅުގަނޑުމެންނަށް ފެންނަނީ، މުދަލާއި ޚިދުމަތުގެ އަގު ތިރިކުރުމޭ. އެއީ، ރައްޔިތުންނަށް މާ ފައިދާހުރި ގޮތަކަށް ވާނެކަމަށް.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އެވާ ބަޖެޓަކީ މިދެންނެވި އަމާޒަށް ހުށަހެޅިފައިވާ ބަޖެޓެއް. އެބަޖެޓް އެގޮތަށް ފާސްވުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށްޓަކައި ބަޖެޓާއިގެން ކުރިޔަށް ދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ލިބެންޖެހޭނެ.

ހިންނަވަރުގައި މިވާހަކަ ދެއްކުމުގެ މާބޮޑު މާނައެއް ނެތް. ހިންނަވަރުގެ މެންބަރުގެ އެހީތެރިކަން ސަރުކާރަށް އަބަދުވެސް ލިބޭނެ. އެހެންނަމަވެސް، އެހެން ރަށްރަށުން އެބަ ވިސްނާންޖެހޭ ސަރުކާރުން އެރަށްރަށަށް ކަންކަން ކޮށްދެވެންއޮތީ ކިހިނެއް ހެދީމާތޯ. އެ ވިސްނުމުގެ ތެރެއިން ނޫނިއްޔާ ޙަޤީޤަތުގައި އަޅުގަނޑުމެންނަކަށް މަސައްކަތެއް ކުރެވޭކަށެއްނެތް. މިހާރު މި ހިނގަނީ ޑިމޮކްރެސީއެއް. ރައްޔިތުންގެ މަޖްލިސް މެދުވެރިކޮށްގެން ހިންގާ ވެރިކަމެއް. ވެރިކަމާއި މަޖިލިހާ އަބަދުވެސް ވާހަކަ ދެކެވޭނެ. ރައްޔިތުންނާއި ވެރިކަމާ ވާހަކަ ދައްކާން ތިއްބެވި ވަކީލުންނަކީ، މަޖިލީހުގެ މެންބަރުން. އެހެންވީމާ، ރައްޔިތުންނަށް ހެޔޮއެދޭކަމަށްވަންޏާ މަޖިލީހުގެ މެންބަރުން ހެޔޮގޮތުގައި ޢަމަލު ކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށްވެސް ބުއްދިވެރިކަމެއް.

އަޅުގަނޑު ދެނެއް އިތުރަކަށް ވާހަކަ މާ ދިގުކުރާކަށް ނެތިން. އަޅުގަނޑަށް ހިންނަވަރަށް އާދެވޭ ފަހަރުފަހަރު ވަރަށްގިނަ. އަދި މިއަށްވުރެންވެސް ގިނައިން އާދެވޭތޯ މަސައްކަތްވެސް ކުރާނަން. އަޅުގަނޑުމެންނަށް އެބަފެނޭ، ހިންނަވަރުން ގެނެވިދާނެ ބަދަލެއް. އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ، ހިންނަވަރަކީ ދިހަހާސް މީހުންގެ ރަށަކަށް ހެދުން. ރަނގަޅު އިޤްތިޞާދެއް ހިނގާ، މިދަންނަވާހެން ރަނގަޅު ވައިބަލް ރަށަކަށް ހިންނަވަރު ހެދުން. އެއީ، މިރޮނގުގެ ރަށްތަކެއް ރާއްޖޭގައި އެބަހުރި. ނައިފަރުވެސް ފަސްހާސް މީހުން، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ރަށްތަކުގެ ތެރެއިން އެބަހުރި ދިހަހާސް މީހުން ދިރިއުޅޭ ރަށްރަށް. ދެން އެއަށްފަހު މިހުރީ ހަމަ ފުވައްމުލައް ނަގާފައި، ފަސްހާސް މީހުން ދިރިއުޅޭ ތިން ހަތަރު ރަށެއް އެބައޮތް. ދެން ތިރިއަށް ދިޔައިމާ، ދެހާސް ފައްސަތޭކަ މީހުން ދިރިއުޅޭ ރަށްކޮޅެއް އެބައުޅޭ. އަދި ހަމަ ވަރަށް ރަނގަޅަށް ހިނގާ ސަތޭކަމީހުން ހަމަނުވާ ވަރަށް ފުރިހަމަ ރަށްރަށް އެބަހުރި. އެރަށްރަށް ދެމެހެއްޓުމަކީ ދިވެހިރާއްޖެ ދެމެހެއްޓުން. އަޅުގަނޑުމެންގެ ނަޒަރުގައި ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއް. ކުދި ރަށްތަކެއް. އަޅުގަނޑުމެން އެއްގޮތަކަށްވެސް ނުދެކެން، ރަށް ކުޑަވީމާ އެއީ، ރަށް ފަޅުކުރާންވީ ސަބަބެއް ކަމަކަށް. ނެތިގެން މިއުޅެނީ އެ ޚިދުމަތާއި ތަކެތި އެރަށްރަށުގެ ރައްޔިތުންނަށް ފޯރާނެ ގޮތެއް. ދަތުރުފަތުރުކުރުމުގެ ނިޒާމެއް. ރަށުގައި، ރާއްޖޭގެ ރަށްރަށް ފިޔަވައި ވަރަށް މަދުވާނެ، ހަމަ ގެއިން ނުކުންނަތަނުން ރަށުއޮފީހަށް ފައިއެޅޭ ރަށްރަށް. ދުނިޔޭގައެއް ނުވާނެ، ގެއިން ނުކުންނަތަނުން ކޯޓަށް ފައިއެޅޭ ރަށްރަށް. ގެއިން ނުކުންނަތަނުން މަދަރުސާއަށް ދެވޭ ރަށްރަށް. ގެއިން ނުކުންނަތަނުން ހެލްތް ސެންޓަރަށް ވަދެވޭ ރަށްރަށް. ދިހަ މިނެޓަށްވުރެ ގިނައިރު ތަނަކަށް ހިނގާން ޖެހިއްޖިއްޔާ އެއީ، ވަރަށްބޮޑު ދަތިތަކެއް. ޢާންމުކޮށް އިންސާނުން ދިރިއުޅެމުން އަންނައިރުގައި ދޮޅުގަޑިއިރު ގަޑިއެއްގެއިރު ދަތުރުކޮށްފައި މަސައްކަތު ދިއުމަކީ ހަމަ އާދައިގެ ކަމެއް. އެކަމަކު އަޅުގަނޑުމެންނަށް ފަރިތަވެފައި މިއޮތް ގޮތަކީ، ހަމަ ނުކުންނަ ބޮޑީގައި ފައި އެޅެން ޖެހޭނީ ކޯޓަށް. އެހެންނޫނިއްޔާ ރަށުއޮފީހަށް. އެހެން ނޫނިއްޔާ އެހެން ކޮންމެވެސް ތަނަކަށް. އަޅުގަނޑުމެންގެ ޖަޒީރާ ޤައުމު، ޖަޒީރާގެ ސިފައިގައި ބެހެއްޓުމަށް، އެއް ރަށް އަނެއް ރަށާ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން އެބަ ގުޅެންޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިހާރު ތ. އަތޮޅުގައާއި ލ. އަތޮޅުގައި އެކަން ހިނގަމުން އެދަނީ. ހިނގަމުންދިޔަ މިންވަރަކަށް އަޅުގަނޑަށް މިހާރު ހަމަ އެބަ މަދުވޭ. ގާދިއްފުށީ މީހުން އަޅުގަނޑުމެން ރަށުގައި ގައިނީއެއް ނެތޭ ބުނާ އަޑު ހަމަ މަޑުވޭ. ޖެހިގެން ހުރި ރަށުގައި އެބަހުރި ވޭމަންޑޫގައި. ވޭމަންޑުއަށް ދެވޭ 10 މިނެޓުން. ތިމަރަފުށްޓަށް ދެވޭ 15 މިނެޓުން. އެހެންވިއްޔާ އެއީކީއެއް މާބޮޑުކަމަކަށެއް ނުވޭ. ކޮންމެހެނެއް ތިމަންނާގެ ގޭގައި، ތިމަންނާގެ ރަށުގައި، ތިމަންނާގެ ރަށް ވީތީވެ، އެތަނުގައި ހުރިހާ އެއްޗެއް ވަށައިގެން އަތްފޯރާ ހިސާބުގައި އަތުރައިގެން، އެހެންނެއް އަޅުގަނޑުމެންނަކަށެއް ޤައުމެއް ނުހިންގޭނެ، ދިރިއެއް ނޫޅެވޭނެ. މާރުކޭޓު ގޮޅިއެއް ނޫން ދިވެހިރާއްޖެއަކީ. ސޭޓް އިންނަވާފައި އަތްފޯރާ ހިސާބުގައި ހުރިހާ އެއްޗެއް އަތުރާލައިގެން އިނދެ ވިޔަފާރި ކުރަމުން ގެންދިއުން. އެހެނެއް އަޅުގަނޑުމެންނަކަށް މިކަމެއް ނުވާނެ. އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން ބޭނުމިއްޔާ، އަޅުގަނޑުމެންނަށް މިކަން ވާނީ ހަމަ އެހެންވެސް އިންސާނުން، އެހެންވެސް ތަރައްޤީވެފައިވާ ޤައުމުތަކުގައި މިކަންކަން ކުރަމުން އަންނަގޮތަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން.

وَالحْمْـدُ لِلّـهِ، ވަރަށްބޮޑަށް ޝުކްރިއްޔާ.