بســم اللّـه الرّحمـن الرّحيــم

މަތިއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ޙުނައިފު. އަދި މި ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުންގެ ނާއިބުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އެމް.ޑީ.ޕީ.ގެ ޕާރލަމެންޓް ގްރޫޕްގެ ރައީސް. އަދި ވަޑައިގެން ތިއްބެވި އެކުވެރި މާރަންދޫ އެންމެހާ ރައްޔިތުން.

السّـلام عليـكم

އަޅުގަނޑު އެންމެފަހުން، މާރަންދުއަށް އައި ދުވަހު ހަމަ އަޅުގަނޑު މާރަންދުއަށް އައީ އަޙްމަދާއެކު. އޭރު ތިޔަބޭފުޅުންގެ ބަނދަރު ހެދުމުގެ މަސައްކަތުގައި ކުރިޔަށްދަނީ. ކޮންމެވެސް ހިސާބަކަށް އައިސް، އަޅުގަނޑަށް އާދެވުނު ދުވަހު ބަނދަރު އޮތީ، ކުޑަކޮށް ހުއްޓުމަކާ ޖެހިފައި. އަޅުގަނޑު ނިޔަތްގަތިން. އެނޫން ގޮތަކަށް ބަނދަރުވެސް އޮއްވާ، އަދި އަޅުގަނޑުމެން ވެސް އެދުވަހު މިރަށަށް އައި ޙައިސިއްޔަތު ނޫން އެހެން ޙައިސިއްޔަތެއްގައި އަޙްމަދާއެކު އަޅުގަނޑު އަދި މާރަންދުއަށް އަންނާނަމޭ. އިރާދަ ކުރައްވައިގެން މިއަދު އަޅުގަނޑުމެންނަށް މިއޮތީ އެދަތުރު ކުރެވިފައި. އެދަތުރު އަޅުގަނޑުމެން މިކުރާއިރު، އެދުވަހު އަޅުގަނޑަށް ފެނުނު ތަންތަން، އެނގުނު ކަންކަން، ކުރެވުނު އިޙްސާސް އަޅުގަނޑުގެ ހިތަކުން ކެހިގެނެއް ނުދޭ. އަޅުގަނޑު ހެމުންހެމުން ކަހަލަ ގޮތަކަށް ބަލަމުން ދިޔައިން، އޭގެ 30 އަހަރު ކުރީގައި މިރަށުގެ އޮފީހުގެ ބިންގާ އެޅިއްޖެ، ދެން އެ އޮފީސް ނުހެދިވާ ވާހަކަ މިރަށު ރައްޔިތުން ހަމަ ފާހަގަކުރަމުން ގެންދިޔަ. ބައެއް ބޭފުޅުން، ބައެއް ރައްޔިތުން ބުނުއްވި، އެއީ ފަލަމަޑީގެ ބާވަތެއް ކަމަށް، އޮފީހަކީ. އަޑިއަޑިއަށް މިދަނީ. އެހެންވީމާ، އަޅުގަނޑު ނޭދެން، ތިޔަބޭފުޅުންނަށް ފަލަމަޑީގެ ބާވަތުގެ އޮފީހަކަށް ވަޢުދު ވާކަށް. އަޅުގަނޑު އެދެނީ، އަޅުގަނޑު ބޭނުމީ، އަޅުގަނޑުމެންނަށް އެވަގުތެއްގައި ވާންހުރި މިންވަރަކަށް ތިޔަބޭފުޅުންނަށް ވީ އެންމެ ރަނގަޅު އަދި، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިއަދު މިރަށަށް އެންމެ މުހިންމު އެއްކަމަކީ، އެންމެ މުހިންމު އެއްކަމަކީ، ފަސޭހައިން މިރަށުން ފުރައިގެން ތަކަންދުއަށް ވެސް ދެވި، ދިއްދުއަށްވެސް ދެވި، އަދި އަތޮޅުގެ އެހެން ރަށްރަށަށްވެސް ދެވި، ގައްލަންދޫ ކަނޑުވެސް ހުރަސްކުރެވި، އެނބުރި ފަސޭހައިން މިރަށަށް އާދެވި، އަދި ކައިރީގައި ހުރި ރިޒޯޓުފަހަރުގައި ވެސް މަސައްކަތް ކުރެވި، ހަމަ ކޮންމެ ދުވަހަކުވެސް އެތަންތަނަށް ދެވި، އެނބުރި ރެއަށް އަނބިދަރިންނާ އެކީގައި ދިރިއުޅުން އުޅެވޭނެ ގޮތަކަށް ތިޔަބޭފުޅުންގެ ދިރިއުޅުން ރޭވޭނެ މަގެއް ފެނުން. އަޅުގަނޑަށްވެސް އެނގޭ، ތިޔަބޭފުޅުން ފާހަގަ ކުރައްވަނީ، މަދަރުސާއާއި، މިސްކިތާއި، ރަށުއޮފީހާ، އަޅުގަނޑަށްވެސް އެނގޭ، ތިޔަބޭފުޅުން ފާހަގަ ކުރައްވަނީ، އޭރުގައިވެސް އަދި ބަނދަރާ ގުޅޭގޮތުން ތިޔަބޭފުޅުން އަޅުގަނޑަށް ފާހަގަކުރި އެއީ މަޑިވަރެއް ހެއްޔޭ. އަޅުގަނޑަށްވެސް އެނގޭ، ތިޔަބޭފުޅުން ބޭނުންވެލައްވަނީ، ބޮޑުބަނދަރެއްކަން. މިކަންކަން ހަމަ މިހާރުން މިހާރަށްވެސް ބޭނުން. އެކަމަކާ އަޅުގަނޑެއް އެއްވެސް ހާލެއްގައި އިންކާރެއް ނުކުރަން. އެހެންނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ތަރައްޤީއަކީ، އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާ އިތުރުވުން. މިއަދު އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށްވުރެ އިތުރު އެއްޗެއް އަޅުގަނޑުމެންނަށް ލިބޭނެގޮތެއް ފަރުޖެހުން މެދުވެރިވުން.

މަސްވެރިކަމުންވެސް ފަސޭހަ، މަސް ހަނިމާދޫމަގުން، އަދި ތިޔަބޭފުޅުންނަކީ ޚާއްޞަކޮށް މާރަންދޫ މަސްވެރިންނަކީ ކަންނެއްޔަށް މިހާރު ދާ ބައެއް. ހަނިމާދޫ މަގުން އެކަންނެލި މާލެ ފޮނުވި، އެއަށް ރަނގަޅު އަގެއް ލިބޭނެގޮތްވުން، މިހާރު އެއަށް އެލިބޭ އަގަށްވުރެ ރަނގަޅު އަގެއް މަހަށް ލިބޭނެގޮތްވުން. މިހާރު ޖީބަށް މިވަންނަ ފައިސާ، މި ލިބިލައްވާ އަދަދަށްވުރެ ރަނގަޅު އަދަދެއް ތިޔަބޭފުޅުންނަށް ލިބުން.

ސަރުކާރުގެ އަމާޒަކީ، މިދެންނެވި ބަދަލުތައް ގެނައުން. އަޅުގަނޑުމެން އެއްވެސް ހާލެއްގައި މިސްކިތް އެޅުމުން ދުރަކަށް ނުޖެހޭނަން. އަދި ޚާއްޞަކޮށް، އަޅުގަނޑަށް އެނގޭ އަޙްމަދު ވަރަށް ބޮޑަށް އެ ތުއްތުއިރުގެ ހަނދާންތަކާ އެކީގައި އާމިސްކިތެއް، ބޮޑުމިސްކިތެއް ދެކެން ބޭނުންވާކަން. އަޅުގަނޑަށް އެކަން ހަމަ ވަރަށް ސާފު. އަޙްމަދު ހަފްތާއެއް ނުދޭ، އަޅުގަނޑަށް އެކަން ހަނދާން ނުކޮށްދޭ. އަދި މިއީ އެއްދަންފަޅިއަށް ކިޔަވަން ފެށޭ މަދަރުސާއަކަށްވެސް ނުވޭ. އެހެންވީމާ، އެކަން މަދަރުސާއަށްވެސް އެޖާގަ އިތުރުކުރަން 3 ކްލާސްރޫމް އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި. އިތުރު ކުރުމުގެ މަސައްކަތްވެސް އެއީ ނުހަނު ބޭނުންތެރި މަސައްކަތެއް. އިރާދަކުރެއްވިއްޔާ އެމަސައްކަތްތައް އަޅުގަނޑުމެން ކޮށްދޭނަން. އެމަސައްކަތްތައް ކުރުމަކީ އެއީއެއް ނޫން، އަޅުގަނޑުމެންނަށް ދެން މާރަންދޫގެ އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ. މިސަރުކާރުން މާރަންދޫގެ ތަރައްޤީއަށް ކޮށްދޭނެ މަސައްކަތްތަކަކީ މިދެންނެވީއަކީ ނޫން އަޅުގަނޑުގެ ނަޒަރުގައި. އެ ދެކަން ކޮށްގެނެއް މާރަންދޫއެއް އިތުރަކަށް ތަރައްޤީއެއް ނުވާނެ. މިސާލަކަށް، އާ މިސްކިތެއް އަޅައިދިނުން. މާރަންދޫ އިތުރަށްވެސް ތަރައްޤީއެއް ނުވާނެ. އަދި އާ ރަށުއޮފީހެއް އަޅައިގެނެއްވެސް މާރަންދޫ އިތުރަކަށް ތަރައްޤީއެއް ނުވާނެ. މާރަންދޫ ތަރައްޤީ ވާނެ، މާރަންދޫގެ ވިޔަފާރި ކުރިއަރައިގެން ދިޔައިމަ. މިއީ ރާއްޖޭގެ މަޝްހޫރު ރަށެއް. ދާދި ފަހަކާ ޖެހެންދެންވެސް މާރަންދުއަކީ. ހަމަގައިމުވެސް އަޅުގަނޑުމެން މާލޭގައި ތިބެފައި އަޑުއަހާއިރުގައި، މާރަންދުއާއި، މާރަންދޫ ކަލޭފާނާ އެއީ ހަމަ އަޅުގަނޑުމެން ބާރަށް އަޑުއަހާ ނަންނަން. ފަހަކަށްއައިސް އަޑުއިވެނީ، ތަކަން މާރަންދޫގެ ގޮތުގައި. ދެން މިހާރު ހަމަ އަމުދުން އެއްގޮތަކަށްވެސް ނީވި އަޅުގަނޑަށް ހީވަނީ، އިތުރު ދުވަހެއް ހިނގައްޖެހެން. އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލަންވީ، އެއީއެއް ނޫނޭ މާރަންދޫއަކީ. އެއީއެއް ނޫނޭ މުސްތަޤްބަލުގެ މާރަންދޫއަކަށް ވާންވީ. އެއީއެއް ނޫނޭ، އަޅުގަނޑުމެން މި ބޭނުންވާ، އަޅުގަނޑުމެން މިއެދޭ މާރަންދޫއަކަށް ވާންވީ.

ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދޭނަން. ކުރިޔަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން މުޅި މިއަތޮޅު އިރާދަކުރެއްވިއްޔާ ގުޅޭއިރުގައި މާރަންދޫ ރައްޔިތުންނަށްވެސް ކޮންމެ ދުވަހަކުވެސް ދިއްދުއަށްވެސް ދެވޭނެ، ކުޅުދުއްފުށްޓަށްވެސް ދެވޭނެ. އިހަވަންދުއަށް ހޯރަފުށްޓަށްވެސް ދެވޭނެ. ކޮންމެ ދުވަހަކުވެސް ރަށުން ފުރައިގެންގޮސް، އަދި އިރާދަކުރެއްވިއްޔާ ރަށަށް އައިސް އުޅެވޭނެ. ސަރުކާރުގެ ވަރަށްބޮޑު ސިޔާސަތެއް އެއީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުން. އެމަސައްކަތުގެ ތެރޭގައި މިހާރު ތ.އަތޮޅާއި ލ.އަތޮޅުގައި ދަތުރުފަތުރުގެ ނިޒާމު ހިނގާތާ ދެމަހެއްހާ ދުވަސް ވެއްޖެ. އޭގެ ތަޖުރިބާއަކީ، މި ދެއަތޮޅުގެ އާބާދީގެ ސަތޭކައަކުން ތިރީސް މީހުން، ދިހައަކުން 3 މީހުން، ކޮންމެ ދުވަހަކުވެސް ތިބެނީ ދަތުރަށް އަރާ. ދަތުރު ކުރޭ. ދަތުރު ކުރީމާ، ދަތުރު ކުރެވެން އޮތީމާ، މުދަލުގެ އަގުވެސް ހަމައެކަނި އެއީ މިރަށުގެ ފިހާރަތަކުގައި ހުރި އަގަކަށް ވާކަށް ނުޖެހޭ. އަދި މިރަށުގެ ފިހާރަތަކަށްވެސް މުދާ ވިއްކޭ މިންވަރަކީ ހަމައެކަނި މިރަށު ގޮނޑުދޮށާ ހިސާބުން ހުއްޓޭ ކަމަކަށް ވާކަށް ނުޖެހޭ. ހިސާބު ކައިރި ހުރިހާ ރަށްރަށަށްވެސް ޚިދުމަތް ރަނގަޅަށް ފޯރުކޮށްދެވޭ ވިޔަފާރިތަކަށް އެ ޚިދުމަތް ހުޅުވާލެވެންޖެހޭ. އެހެން ރަށްރަށަށްވެސް މިރަށުން ދެވެންހުރި ޚިދުމަތް ދެވޭނެ. އަދި މިރަށުގެ ރައްޔިތުންނަށް އެހެން ރަށްރަށުގެ ޚިދުމަތްވެސް ލިބިގެންދާނެ. އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިޔަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެކަން އަޅުގަނޑުމެން ކުރާނަން. އަޅުގަނޑު އަނެއްކާވެސް އެބަ ތަކުރާރުކޮށް ދަންނަވަން. މިސްކިތާއި މަދަރުސާއާ އެއީ އަޅުގަނޑު ހަނދާން ނެތޭނެ ދެކަމެއް ނޫނޭ. އެރަށެއްގެ ގޮތުގައި އަޅުގަނޑު އުޅެދޭނެ.

މިދިޔަ އަހަރު އަޅުގަނޑުމެންނަށް އެމަސައްކަތަކު ނޫޅެން. އެންމެ ބޮޑު ސަބަބަކަށް ދިމާވީ، ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވީއިރު، 2006 ވަނަ އަހަރުވެސް، 2007 ވަނަ އަހަރުވެސް އަދި 2008 ވަނަ އަހަރުވެސް، އެހެން އަހަރުތަކާ އަޅާބަލާއިރު ކަން އޮންނަ ގޮތަށްވުރެ މާބޮޑު މިންވަރަކަށް ސަރުކާރުގެ ޚަރަދު އޮތީ ލިބޭ އެއްޗަކަށްވުރެ ބޮޑުވެފައި. އާމްދަނީއަށްވުރެ ޚަރަދު ބޮޑުވެ، ވަރަށްބޮޑަށް އެ ފޫނުބެއްދޭތަން ދިމާވެފަ. ސަރުކާރަށް އާމްދަނީއާއި ޚަރަދާ އެއްވަރު ނުކުރެވުނީމާ، ދެން ހަދަންޖެހޭ ގޮތަކީ ފައިސާ ޗާޕުކުރުން. އިޤްތިޞާދީ މާހިރަކަށް އަޅުގަނޑުމެން އެކަކުވެސް ވާކަށް ނުޖެހޭނެ، އެއްޗެއް ގިނަވީމާ، އެ އެއްޗެއްގެ އަގު ވެއްޓޭކަން އެނގޭކަށް. ފައިސާތައް ޗާޕު ޖެހީމާ، ފައިސާގެ އަގު ވެއްޓެނީ. ފައިސާގެ އަގު ވެއްޓުނީމާ، މުދަލާއި ޚިދުމަތުގެ އަގު މައްޗަށް ދަނީ.

އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންގެ ޖީބުގައި ހުރި ފައިސާގެ އަގު ހިފަހައްޓާލުން. މިދިޔަ އަހަރުވެސް ސަތޭކަ ރުފިޔާއަށް ގަތް އެއްޗެއް، މިއަހަރުވެސް ހަމަ އެއަގުގައި ގަނެވޭނެ ގޮތަކަށް މާލިއްޔަތު، އިޤްތިޞާދު ރާވައިގެން ކުރިޔަށް ގެންދެވޭތޯ ބެލުން. 2008 ވަނަ އަހަރުގެ މުޅި މުދަލާއި ތަކެތީގެ އަގު ބޮޑުވަނީ ކޮންމެ ސަތޭކަރުފިޔާއަކުން ބާރަރުފިޔާގެ ނިސްބަތުން. 2008 ވަނަ އަހަރު ނިމުނުއިރުގައި 2008 ވަނަ އަހަރުވެސް، 2009 ވަނަ އަހަރު ނިމުނުއިރުގައި އެ މައްޗަށްދާ މިންވަރު ހުރީ 4 ރުފިޔާގެ ނިސްބަތުގައި. އިރާދަކުރެއްވިއްޔާ 2010 ވަނަ އަހަރު ނިމޭއިރުގައި ތަކެތީގެ އަގު މައްޗަކަށް ނުދާނެ، އޭރުވެސް އަދި ދަށެއް ނުވޭ އިނގޭތޯ. ހެވެއް ނުވޭ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކީ، 2011 ގައި ދިހައަކުން ދަށް، 2007 ވަނަ އަހަރު ސަތާކަރުފިޔާއަށް ގަތް އެއްޗަކަށްވުރެ މާބޮޑު އެއްޗެއް، މާގިނަ އެއްޗެއް އިރާދަކުރެއްވިއްޔާ ގަނެވޭވަރުވާނެ. މުސާރަ ބޮޑުކުރީމާ، ސަރުކާރަށް ކޮށްދެވެން އޮންނަނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ. އެއީ، ހަމައެކަނި އެންމެ ތިރީސްހާސް ރައްޔިތުން. މިރާއްޖޭގައި އެބައުޅޭ އެއްލައްކަ ތިރީސްހާސް ރައްޔިތުން. ސަރުކާރަށް މިލިބެނީ އާމްދަނީގެ ގޮތުގައި ހަތްހާސް މިލިޔަން، ނުވަތަ 7 ބިލިއަން ރުފިޔާ. އޭގެތެރެއިން 5 ބިލިއަން ރުފިޔާ، ސަރުކާރު މުވައްޒަފުންގެ މުސާރައަށް އެކަނި ޚަރަދު ކުރީމާ، ދެން މިދިމާވާ ގޮތަކީ، ތަރައްޤީއަށް ޚަރަދުކުރާނެ ފައިސާއެއް ނުހުރޭ. އެހެންވީމާ، ފައިސާ ޖަހަންޖެހެނީ. އެހެންވީމާ، އަނެއް 3 ލައްކަ މީހުންނަށް މިވެވެނީ ވަރަށްބޮޑު ބޭއިންސާފެއް.

ސަރުކާރުގެ އަމާޒަކީ، ސަރުކާރަށް ލިބޭ އެއްޗަކުން ސަރުކާރުގެ ކަންކަން ފުއްދައިގެން ކުރިޔަށް ގެންދިއުން. އޭރުން އެހެން ހުރިހާ ރައްޔިތުންގެ ތަނަވަސްކަމަށް، ސަރުކާރަށް އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އަޅާލެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، ހަމަ އަޅުގަނޑު އަނެއްކާވެސް ތަކުރާރު ކުރާނަން. ޖީބަށް އެނގުންވާ ސިޔާސަތެއް ގެންގުޅުން. އަޅުގަނޑުމެން ދުށީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ބިކަހާލުގައި، އެންމެ ނިކަމެތި ގޮތަކަށް ދިރިއުޅެމުން ގެންދަނީ، ޙަޤީޤަތުގައި މިރާއްޖޭގެ ތަރައްޤީއަށް އެންމެ މަސައްކަތް ކޮށްދިން އެއްބައެއް. އެއީ، މިއަދު އުމުރުން ދޮށީ 65 އަހަރުން މަތީގެ ރައްޔިތުން. އަޅުގަނޑުމެން ދުށީ، އެ ރައްޔިތުންނަށް ދޮށީ އުމުރުގެ އަންހެނަކަސް ފިރިހެނަކަސް -/2000 ރުފިޔާގެ ޕެންޝަނެއް ދެވިއްޖެނަމަ، އެ ދޮށީ އުމުރުގެ މީހުންގެ ޙަޔާތުގެ ދެން ބާކީއޮތްބައި އަރާމުގައި އުފަލުގައި ހޭދަކުރެވޭނޭ. އަދި ހަމަ އޭގެ އިތުރުން، އެ މައިންބަފައިންގެ ދަރިންނަށްވެސް އެލިބެނީ ވަރަށްބޮޑު ލުޔެކޭ. މަންމައަށް، ބައްޕައަށް ވާގޮތް އެއީ، ރިޒޯޓެއްގައި ހުއްޓަސް، ކަމެއްގެ މަތީގައި ހުއްޓަސް ހަމަ އެންމެ ކޮންމެ މީހަކުވެސް ކަންބޮޑުވާނެ އެއްކަންތައް. ސަރުކާރުން ގަސްތުކުރީ، އެހާސްކަން ކޮންމެވެސް މިންވަރަކަށް ރަނގަޅުވެއްޖެ ކަމަށް. ޒުވާނާގެ ހިތެއް ކަނޑާލެވޭކަން. އެހާސްކަމުން ނެއްޓުނީމާ، ޒުވާންކަމުގެ ޖޯޝްގައި އަޅުގަނޑުމެން ދެކެނީ، އުފެއްދުންތެރިކަން އިތުރުވާނެކަމަށް. އަދި ހަމަ އެއާއެކީގައި ސަރުކާރުން ދެކެނީ، މިދެންނެވި 65 އަހަރުން މަތީގެ މީހުންނަށް ދެވޭ ފައިސާއިން ރަށުތެރޭގައި ދައުރުވާ ފައިސާވެސް އިތުރުވާނެކަމަށް. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މި މާރަންދޫގައިވެސް މިދެންނެވި 65 އަހަރުން މަތީގެ ތިރީހަކަށް ސާޅީހަކަށް މީހުން އުޅޭނެ. އިރާދަކުރެއްވިއްޔާ މިއަހަރުވެސް އަދި ދެން އަންނަ އަހަރުވެސް، އަދި އޭގެ އަނެއް އަހަރުވެސް އަދި އޭގެ އަނެއް އަހަރުވެސް އަދި ތާއަބަދަށްވެސް މިދަންނަވާ ފައިސާ އެ އުމުރުގެ މީހުންނަށް ސަރުކާރުން ދެވޭނެ. މިފަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވާނެ، އަދި އިތުރު ވަރަށްގިނަ ފައިސާތައް 1.3 ބިލިއަން ރުފިޔާ. މިފައިސާއަކީ ހަމަ މިދަންނަވާހެން އާމްދަނީ މަދު އާއިލާތަކަށް އެކިއެކި ކަންކަމުގައި ސީދާގޮތުގައި އެހީތެރިވެދިނުމަށް އަޅުގަނޑުމެން ދޭ، އެހީތެރިވެދިނުމަށް ކަނޑައަޅާފައިހުރި ފައިސާ. ދޫކުރެވެން ހުންނަނީ މިސާލަކަށް، މާލޭގެ މިސާލުން ބައްލަވައިފިނަމަ، މާލޭގައި އެހުރި އިންޖީނުގެއަށް ސަރުކާރުން އަހަރެއްގެ މައްޗަށް އެބަ އެހީގެ ގޮތުގައި ދޭ، 500 މިލިއަން، 600 މިލިއަން ރުފިޔާ. އޭރުން މިވާގޮތަކީ، އެ އިންޖީނުގޭގެ ކަރަންޓުގެ ޔުނިޓް ޚަރަދު މިހުންނަނީ ވަރަށް ކުޑަކޮށް. އޭރުން އަޅުގަނޑުގެ ކަރަންޓް ބިލްވެސް އެ ސަރުކާރުން ދެއްކުނީ އޭގެ ދެބައިކުޅަ އެއްބައިވެސް. އަދި އެންމެ ނިކަމެތި މީހާއަށްވެސް ކަރަންޓްބިލުގެ ދެބައިކުޅަ އެއްބައި ދެއްކުނީ. ސަރުކާރުން މިހާރު މިދެކެނީ، އެއީ އިންސާފެއް ނޫނޭ. ކުންފުންޏަށް ޚަރަދު ކުރާގޮތް ސަރުކާރަށްވެސް ނޭނގޭ. ސަރުކާރުން ބޭނުންވަނީ ސީދާ ރައްޔިތުންނަށް، މީހާގެ ބުރަ ލުއިކޮށްދެވޭތޯ ބެލުން. އެމީހާއަށް ފައިސާ ދިނުން. ކަރަންޓްބިލް ދެއްކުން، ދަތި މީހުންނަށް ސަރުކާރުން ސަބްސިޑީއެއްގެ ގޮތުގައި ލިބޭ އެހީއެއް އިރާދަކުރެއްވިއްޔާ ބޮޑެތި މީހުންނަށްވެސް ލިބޭނެ، މިހާރު މިއަހަރުގެ ބަޖެޓުގައި އެފައިސާ އޮންނާނީ ހިމަނާފައި. އެހެންވީމާ، އެފައިސާވެސް އަޅުގަނޑުމެންނަށް ދޫކުރަން ފެށޭނެ.

ކަރަންޓުގެ ކަންތަކަކީ އަޅުގަނޑު ހަމަގައިމުވެސް އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރު، މި ތިލަދުންމަތީގައިވެސް އަދި ށ.އަތޮޅުގައިވެސް މި ޕްރޮވިންސްގައި އެންމެ އުނދަގޫވެފައިއޮތް އެއް ކަންތައް. ރޯދައެއް ނާންނާނެ އިނގޭތޯ އެރޯދައިގެ ދެބައިކުޅަ އެއްބައި ކަރަންޓް ކަނޑާލައިގެން، އެ ޖަނަރޭޓަރުގެ ދެބައިކުޅަ އެއްބައި ރަށްމެދަށް ނެރެގެން، ރަށުމީހުން އެކަމާ ޒުވާބުކުރަން ނުޖެހޭ ރޯދަމަހެއް. އިރާދަކުރައްވައިގެން މިފަހަރު ސަރުކާރުން މި ޔުޓިލިޓީ ކުންފުނިތަކާ ޙަވާލުވިފަހުން، އޭގެން ކުންފުންޏެއް ހިންގާ އިންޖީނުގެއެއް ކަރަންޓް ކަނޑާ، ރޯދަމަހަކު ނުބަހައްޓާނެ. ހަލާކުވީމާ މަރާމާތު ކުރެވޭ، އަދި ހިންގުމުގެ ދިގު މުއްދަތެއް ރޭވިފައިއޮންނަ ރަނގަޅު ތަޞައްވަރެއް ގެންގުޅޭނެ. އަދި ހެޔޮ އަގުގައި ކަރަންޓް ދެވޭނެ. އިންތިޒާމުތައް، ގޮތްތައް އެކުންފުންޏަކަށް ހަމަޖެއްސޭނެ. މިހާރު ޚާއްޞަކޮށް ހުވަދުއަތޮޅުގެ މިދަންނަވާ ކަރަންޓާއި ނަރުދަމައާ އެއްޗެހީގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުނި ވަރަށް އެއްވަރު ވެވޭނީ ކުރީގައި. ދެން އެއަތޮޅުގެ ހުރިހާ އިންޖީނުގެއަކާ އެމީހުން އެތިބީ ޙަވާލުވެ. އަދި އެއަތޮޅުގައި އެމީހުން ވަރަށް ރަނގަޅަށް ކަރަންޓް ދެމުން އެބަގެންދޭ. އަޅުގަނޑު އުންމީދުކުރަން. ތިޔަބޭފުޅުންނަށްވެސް މި ކަރަންޓުގެ ކަންތައް ވިޔަފާރީގެ އުޞޫލުން ހަރުދަނާ ގޮތުގައި ރޭވިގެން ހިނގާނެ ގޮތަކަށް އިންތިޒާމުވާނޭ ގޮތަކަށް މިކަންކަން ބަދަލު ކުރައްވާނެކަމަށް.

އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަކީ، ވަރަށްގިނަ މީހުންނަކީ، އެއްލައްކަ ހަހާސް މީހުންނަކީ، މަހެއްގެ މައްޗަށް -/600 ރުފިޔާ ނުލިބޭ މީހުން. -/600 ރުފިޔާ މަހެއްގެ މައްޗަށް ލިބިގެނެއް، ދެއިރު ހަމައަށް ކައިގެން، އޮރިޔާން ނިވާކޮށްގެން، ދަރިންނަށް ކިޔަވައިދީގެން، ބައްޔަށް ފަރުވާ ލިބިގެން، ބޯހިޔާކޮށްގެން ނޫޅެވޭނެ. އުފާވެރިކަން ދޫކޮށްލާ، ހަމައެކަނި ދަތީގައިއުޅޭ އާދައިގެ ދިރިއުޅުމެއްވެސް އުޅެން ދަތިވާނެ. އަޅުގަނޑަށްވެސް އިނގޭ، އަޅުގަނޑުމެން މިހެން އަންނަ ދަތުރެއްގައި ތިޔައިން އެއްވެސް ބޭފުޅެއްގެ އަސްލު ޙާލު އަޅުގަނޑަށް ނޭނގޭނެކަން. އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް އަޅުގަނޑު އަސްލު ކަން ދިމާކުރިގޮތުން މި މާރަންދޫ ކަހަލަ މިބާވަތުގެ ކުދިކުދި ރަށްރަށުގައި އަޅުގަނޑުގެ ޙަޔާތުގެ ވަރަށް ގިނަދުވަސް ހޭދަކޮށްފައިވާނެ. އެހެންވީމާ، އަޅުގަނޑަށް ކޮންމެވެސް ވަރަކަށް އިޙްސާސް ކުރެވޭ.

މި ސަރުކާރުގެ އޮތީ ހަމަ އެންމެ ބޭނުމެއް. މިސަރުކާރު ދެމިއޮންނަނީވެސް އެންމެ ބޭނުމަކަށްޓަކައި. އެއީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. އެނޫން އެއްވެސް ބޭނުމެއް ނެތް، މިސަރުކާރު ދެމިއޮންނާކަށް. އަދި އަޅުގަނޑުމެން ވެރިކަމުގައި ތިބޭކަށްވެސް. އަޅުގަނޑުމެންގައިގައި އޮތީ ހަމަ އެންމެ ބޭނުމެއް. އެއީ، މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ އެ ވަޢުދުތައް ތިޔަބޭފުޅުންނަށް ފުއްދައިދޭނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ، އެހެން މާރަންދޫއެއް ތިޔަބޭފުޅުންނަށް ދައްކައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. ތިޔަބޭފުޅުންގެ ޢާންމު ޙާލަތު ރަނގަޅުކޮށްދިނުމަށް، ދަރިންގެ ކިޔެވުން ފުރިހަމަކޮށްދިނުމަށް، ބޭސްފަރުވާއާއި ބިން ހޯދައިދިނުމަށް، މަސްވެރިކަމާއި ވިޔަފާރީގެ އެކިއެކި ކަންކަމުގައި ދިމާވާ ދަތިތައް ފޫބައްދައިދިނުމަށް. އަޅުގަނޑުވެސް ޤަބޫލުކުރަން މިއަދު ބޭންކް އޮފް މޯލްޑިވްސްއިން މަސްވެރިންނަށް ލޯނެއް ލިބުންވެސް އޮތީ ދަތިވެފައިކަން. އަޅުގަނޑަށް އިނގޭ އެކަން. އަޅުގަނޑު މިތާހުރެ އެލިބޭ ދަތީގެ ސަބަބު ކުރީސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ކޮންމެހެން ދަންނަވާކަށް ނެތިން. އެހެންނަމަވެސް، އަޅުގަނޑު ނުދެންނެވިނަމަވެސް، ތިޔަބޭފުޅުންނަށް އަޅުގަނޑާ އެއްވަރަށް ސާފުވާނެ. ކިހިނެއްވެގެންތޯ ބޭންކް އޮފް މޯލްޑިވްސްއިން ވެސް އާދައިގެ މީހަކަށް ލޯނެއް ދެނެއް، ދޯންޏެއް ބަންނަ މީހަކަށް ފައިސާކޮޅެއް ދެނެއް މިއަދު ނެތި ތިޔަބޭފުޅުންނަށް ވަރަށްބޮޑަށް ސާފުވާނެ.

އަޅުގަނޑުމެންގެ އަމާޒަކީ، ކުރިޔަށް މިއޮތް ތަނުގައި މަސްވެރިކަމަށް، އޮޑިދޯނިފަހަރަށް ލޯނު ފައިސާ ލިބޭނެގޮތެއް ހަމަޖައްސައިދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އޭގެ އިންތިޒާމުތައް ދާދިއަވަހަށް ނެރޭނަން. މިދިޔަ އަހަރުވެސް އަޅުގަނޑުމެން މިކަންކަން ކުރަން ބޭނުންވީމު. އެހެންނަމަވެސް މިދިޔަ އަހަރަކު ސަރުކާރަކު ނެތް އެކަންކަން ކުރެވޭނެ ފައިސާއެއް އެއްގޮތަކަށްވެސް. އަޅުގަނޑުމެން ފައިސާ ހޯދުމަށް މުޅި މިދިޔައަހަރު މަސައްކަތް ކުރިން. އިރާދަކުރައްވައިގެން މިއަދު އަޅުގަނޑުމެންނަށް މިވަނީ، ދުނިޔޭގެ އެކިއެކި މާލީ އިދާރާތަކުން، އެއީ، އައި.އެމް.އެފް. އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑް، ދުނިޔޭގެ ބޭންކް ވޯލްޑް ބޭންކް، އޭޝިއާ މީހުންގެ ބޭންކް، އިސްލާމިކް ބޭންކް މިހުރިހާ ތަނަކުންވެސް އަޅުގަނޑުމެންނަށް މިއަދު މިވަނީ، ތަރައްޤީގެ ލޯނު ލިބިފައި. ދިގު މުއްދަތުގައި ފައިސާ ދައްކަންޖެހެނީ ކުޑަކުޑަ އިންޓަރެސްޓަކާ އެކީގައި. އެފައިސާ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޖަނަވަރީމަހުއްސުރެ ފެށިގެން ބޭނުންކުރަން ފެށޭނެ. އެހެންނަމަވެސް، ހަނދުމަފުޅު ބަހައްޓަވާތި. އެފައިސާގައި އަޅުގަނޑުމެންނަށް އަތްލެވެނީ އަޅުގަނޑުމެންނަކީ ވެސް އެހެން މީހުން ދިރިއުޅޭ ގޮތަށް، ޤައުމެއް ހިންގަން އެނގޭ ބަޔަކަށް ވަންޏާ.

ކުންފުންޏަކުން އައިސް އަޅުގަނޑުގާތުގައިވެސް ބުނެދާނެ، މިހާރު ވަރަށް މިމަހު ދަތިވެއްޖެއޭ، މިވެނި ކަމެއް، މިވެނި ޑިއުޓީއެއް މާފުކޮށްދޭށޭ. އަޅުގަނޑު ބަލާލަން މިޖެހެނީ، އެ މާފު ކުރީމާ ދެން އަނެއްމަހު ކިހިނެއްބާއޭ ވާނީ. ބޮޑުމުސާރަ ދެވޭހެން. ޤައުމުތަކާ ގުޅޭގޮތުންވެސް ބޭންކްތަކުންވެސް ހަމަ ބަލަނީ އެގޮތަށް. އަޅުގަނޑުމެން މިތިބެނީ އަޅުގަނޑުމެންގެ އާބާދީގެ ރަނގަޅު %10 ސަރުކާރު މުވައްޒަފުންގެ ގޮތުގައި ހަދައިގެން. މިގޮތަށް ތިބޭ އަނެއް ޤައުމަކީ ނޯތުކޮރެއާ. އުތުރުކޮރެއާ. އެއީ ނުކައި ނުބޮއި އުޅޭ ބައެއް ގިނައިރު. އަޅުގަނޑުމެންނެއް ނޭދެން، އެމަގަށް އަޅުގަނޑުމެން ގޮސް ވެއްޓޭކަށް. އަޅުގަނޑަށް ވަރަށް އުނދަގޫ ކަމެއް، މީހުންނަށް ވަޒީފާގައި ހަމަ އުޅެމުން އަންނަނިކޮށް، އަދި ކިތަންމެ ހެޔޮގޮތުގައިވެސް، ކިތަންމެ ޤާނޫނެއް މައްޗަށް އޮތްނަމަވެސް، އެމީހަކު ވަޒީފާއިން ދުރަށް ޖެހުމަށް، ނުވަތަ ވަކިކުރުމަށް އުޅުމަކީ ވަރަށް އުނދަގޫ ކަމެއް. ހަމަ އެއްގޮތަކަށްވެސް ކުރާހިތްވާ ކަމެއް ނޫން. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެން ދެންކަން އެބަ، ފަސްލައްކަ ރުފިޔާގެ ލޯނަކާއި، އަދި ކިޔަވަން ބޭނުން ޒުވާނުންނަށް ބޭރަށްގޮސް ކިޔެވޭނެ ފުރުޞަތާ، އަދި ހަމަ 3 މަސްދުވަހުގެ މުސާރަ ގަނޑުކޮށްނާ، މިހެންގޮސް އެބަ ދެން. މިފަހަރުގެ ބަޖެޓުގެ ވަރަށްބޮޑު ބައެއް މިދެނީ، ސަރުކާރު ކުޑަކުރުމަށް ކުރާ ޚަރަދުގެ ގޮތުގައި. އެހެންނަމަވެސް، އެޚަރަދު މިއަހަރު އަޅުގަނޑުމެން ނުކޮށްފިނަމަ، އަޅުގަނޑު ނުދެކެން މާގިނަ ވެރިންނެއް ރާއްޖެއަކަށް އަންނާނެ ކަމަކަށް، މިބާވަތުގެ އުނދަގޫ ކަންތައް ކުރަން އުޅޭ. އަޅުގަނޑަށްވެސް ކިހާފަސޭހަތޯ، ހުރިހާ އެންމެންނަށް ހަމަ ބަހާ ބަހާ ބަހާ ހުންނަން. ކޮން އުނދަގުލެއްތޯ އަޅުގަނޑަށްވެސް ވާނީ. ކީއްކުރަންތޯ މީހުން ރުޅި އަންނަހާ ކަންތައް އަޅުގަނޑުމެން ކުރަން އުޅެންވީ. އެހެންނަމަވެސް، ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ކުރިޔަށް ބަލާފައި، މާދަމައަށް ވާނެގޮތް ވިސްނާފައި، އަޅުގަނޑުމެން އެބަކުރަން. އަޅުގަނޑުމެން ވަރަށް ވިސްނައިފިން. އަދި އަޅުގަނޑުމެން ޙިކްމަތްތެރިކަމާއި ކެތްތެރިކަމާ އެކީގައި ހިންގަމުންގެންދާ އަނެއް މައްސަލައަކީ، އަނެއް މަސައްކަތަކީވެސް އަޅުގަނޑަށް ވަރަށް ދަތި މަސައްކަތެއް. ރަށްރަށުގައި މިދިޔަ ދިގު ޒަމާންވަންދެން، ކުރީގެ ސަރުކާރުގެ ވެރީންގެ ގޮތުގައި ތިއްބެވި ބޭފުޅުން، އަޅުގަނޑުގެ ގާތުގައި އަޅުގަނޑުގެ ގާތްމީހުން ރައްޓެހިން އަޅުގަނޑުމެން ޕާޓީމީހުން އައިސް ބުނޭ، އޭނަ އެވެނިހެނޭ، މީނަ މިވެނިހެނޭ، އަޅުގަނޑުގެ ވާހަކައަކީ، އޭނައާ މީނައާ މިދިޔަ 30 އަހަރުވެސް ތިއްބެވިއޭ، ދެންވެސް ތިއްބަވާނެ. ވަކި މީހެއްގެ ވެރިކަމެއް ނޫނޭ މިރާއްޖޭގައި މިހިނގަނީ. މިއީ ރައްޔިތުންގެ ކަމެކޭ. ކަތީބުވެސް ބޮޑުކަތީބުވެސް ޚިދުމަތް ޙަޤީޤަތުގައި ކުރާނީ އަޅުގަނޑަކަށެއް ނޫން. ތިޔަ ރައްޔިތުންނަށް. އަޅުގަނޑަކާ އެކަމަކާ ގުޅުމެއް ނެތް. އަޅުގަނޑަށް ޔަޤީން، އެ އަޚްލާޤު އެވިސްނުން އަޅުގަނޑުމެން ރާއްޖޭގެ ވެރިންނަށް އަންނަ ހިނދުކޮޅެއް ނަގާފާނެ، ވަގުތުކޮޅެއް ނަގާފާނެ. އަޅުގަނޑު ހަމަ އެދެނީ، ކެތްތެރިކަމާއެކީގައި، ވިސްނުންތެރިކަމާއެކީގައި ތިޔަބޭފުޅުން އެހިނދުކޮޅު ހޭދަކުރައްވަން. އަޅުގަނޑުމެން މިބޭނުންވާ ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވާނެ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، ތިޔަބޭފުޅުންނާ ހަމަ އެއްގޮތަކަށްވެސް ނުކުރެވޭ ކަމެއްގެ ވާހަކަ ދަންނަވާލަން ބޭނުން. އެހެންނަމަވެސް އަޅުގަނޑު ހަމަ ހިތުލާހުރީ މާރަންދޫގައޭ އަޅުގަނޑު މިވާހަކަ ދައްކާނީ. މާދަމައަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް. މިދުވަސް އަންނައިރުގައި، ވަރަށް އަނިޔާވެރިކަމާ އެކީގައި، އަފްޣާނިސްތާނަށް ބޮން އަޅަމުން ދިޔައިރުގައި، އެރަށަށް އެމެރިކާމީހުން އަރައި، އެތަން މިތަނުން ޖެހި އިޞްލާޙު. ސައުތު އެމެރިކާ ކައިރީގައި އޮންނަ ތަނެއްގައި، ގުއަންޓަނާމޯބޭ އެތަނަށް ކިޔަނީ، ގެންގޮސް ހިފާ ހައްޔަރުކޮށްގެން ބައިތިއްބައިފި. އަދިއަދަށް ދާންދެންވެސް އޭގެތެރެއިން ވަރަށްގިނަ ބައެއް ހަމަ ތިބީ ކުޑަގޮޅިގައި. އަޅުގަނޑަކީވެސް ވަރަށް ގިނަދުވަހު އެބާވަތުގެ ގޮޅިގޮޅީގައި ވަގުތު ހޭދަކުރަން ޖެހިފައިހުރި މީހެއް. އަޅުގަނޑު އެދެނީ، އެމެރިކާމީހުން އެމީހުން ދޫކޮށްލުމަށް. އަދި އަޅުގަނޑު އެމެރިކާ ރައީސަށް ދަންނަވަން ބޭނުން، މިރާއްޖޭގެ ރައްޔިތުން އިސްލާމުންނަށް ވަންނާނެ ތަނެއް ނެތިއްޔާ، އެ އިސްލާމުންނާ ޙަވާލުވާކަށް ޖެހިލުމެއް ނުވާނެ. އަޅުގަނޑަށް ވަރަށް ގިނައިން ދިމާވާކަމެއް މިއީ، އަޅުގަނޑާ ގޭބަންދުގައި ހުންނާނެ ގެއެއް ނެތުން، މީސްމީހުން ޖަލުން ދޫކޮށްލާއިރު. މިހާރު މިދަންނަވާ ޖަލުގައިތިބި މީހުންނަށްވެސް ވެފައި މިއޮތީ، ގޮސް ވަންނާނެ ތަނެއް ނެތް.

އަޅުގަނޑު ހަމަ އެދެނީ، އަޅުގަނޑުމެން އެންމެންނަށް މިއަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمـد لله، السّـلام عليـكم .
_______________________