بســم اللّـه الرّحمـن الرّحيــم
މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، އެ ޕްރޮވިންސްގެ ނާއިބުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް، ދިއްދޫގެ ލޮބުވެތި އެންމެހާ ރައްޔިތުން.


السّـلام عليـكم


އަޅުގަނޑު މިހިތަށް އަރަނީ، ދިއްދޫއަށް މިއާދެވުނީ އެންމެ ހަތަރު ފަހަރުއޭ. އަހަރެއް ހިނގައްޖެއޭ. އަޅުގަނޑުގެ އަބަދުގެވެސް ވަރަށްބޮޑު އުންމީދެއް އެއީ، ރާއްޖޭގެ ވެރިކަން ހިނގަމުން ދާއިރުގައި އެ ވެރިކަމަކީ، ވީހާވެސް ރައްޔިތުންނާ ގާތުން ހިންގޭ ވެރިކަމަކަށް ހެދުން. ސަރުކާރުން މި ސަރުކާރު ހިންގުމާ ހަވާލުވެ، މަގާމުތަކަށް ބޭފުޅުން ޢައްޔަންކުރަމުން ގެންދިޔައިރު، އެ ރަމްޒު ކުރުމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް މަސައްކަތްކުރިން. އަދި އިރާދަކުރައްވައިގެން ރާއްޖޭގެ ތާރީޚުގައި އެކަންއެގޮތަށް ހިނގާވެސް މިހާރުމިވަނީ ގޮސްފައި. އަޅުގަނޑުމެންނަށް ދިއްދޫގައި މި ސަރުކާރަށް، ރައްޔިތުން މި ސަރުކާރަށް، ސަރުކާރު މުވައްޒަފުން ނުވަތަ ސިޔާސީ މުވައްޒަފުން ޢައްޔަން ކުރުމުގައި އެރަސްމިއްޔާތުތައް ބޭއްވުމަށް، އެއީ ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވެ، ދިއްދޫއަށް ކުރެވުނު ފުރަތަމަ ދަތުރު.

އަޅުގަނޑުމެންނަށް މިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ، ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށްޓަކައި ލިބިގަތުމަށްޓަކައި، ހޯދުމަށްޓަކައި ހިންގާންޖެހޭ ވަކި ޚާއްޞަ ކަންތައްތަކެއް އެބަހުރޭ. އެއްވެސް ޤައުމެއް، އެއްވެސް ރައްޔިތަކު ތަރައްޤީވެ މިދަނީ، ވަކި ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ކުރެވުނީމާ. އަޅުގަނޑުމެންގެ އެބައޮތް، ދިއްދޫއާ ގުޅޭ ތަޞައްވުރެއް. މި ސަރުކާރުގެ އެބައޮތް، މި ސަރުކާރުގެ ދިއްދޫ މަންޒަރު. މި ސަރުކާރު ދެމި މިއޮންނަނީ އަޅުގަނޑު ތަކުރާރުކުރާނަން، ހަމަ އެންމެ ސަބަބަކަށްޓަކައި. އެއީ، ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. އަޅުގަނޑުމެންގެ މަސައްކަތަކަށްވާނީ، ދިއްދޫގެ އަޅުގަނޑުމެންގެ މަންޒަރު، ދިއްދޫއާ ގުޅޭ ސަރުކާރުގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުން. އެކަން އެހެން ކުރުމަށްޓަކައި، މަސައްކަތްކުރާން މިޖެހެނީ ހަމައެކަނި ދިއްދޫ ރައްޔިތުންނެއް ނޫން. ހުރިހާ އެންމެން. ހަމައެކަނި ތަރައްޤީކުރާން މިޖެހެނީކީއެއް ދިއްދޫއެއްވެސް ނޫން. ދިއްދޫ ތަރައްޤީ ކުރުމަށްޓަކައި ހޯރަފުށި، އިހަވަންދޫ، ބާރަށް، ކެލާ އަދި މިރާއްޖޭގެ އެހެންވެސް އަތޮޅުތަކުގެ އެހެންވެސް ރަށްރަށާ، މުޅިރާއްޖޭގެ ހުރިހާ ރައްޔިތުން އެބަ ހިން ދެމިލާންޖެހޭ. އަމިއްލަ ފައިމައްޗަށް ތެދުވެވެން އެބަޖެހޭ.

މިއަދާ ހަމައަށްވެސް އަޅުގަނޑުމެންގެ ނަޒަރުގައި ތަރައްޤީއަކީ ކޮބައިތޯ އެއީ، ކިހިނެއްވާ ކަމެއްތޯ އަޅުގަނޑުމެންގެ ހިތާހިތާ މި ސުވާލު ކޮށްފިނަމަ، އަޅުގަނޑު ދަންނަވާނީ، ޖަވާބުގައި ތިޔަބޭފުޅުންގެ ހިތަށް ވަންނާނީ، ކޮންކްރީޓް ފާރެކޭ. ވަރަށް ބައިވަރު ކޮންކްރީޓޭ. ދަގަނޑޭ، ހިލަވެއްޔޭ. އަޅުގަނޑުގެ ނަޒަރުގައި މިއަދާ ހަމައަށްވެސް އަޅުގަނޑުމެންނަށް ތަރައްޤީއޭ ކިޔާ، މިދެކެވުނު ވާހަކަތަކުގައި، އޭގެ ބޭނުންކުރެވުނު ބަސްތަކުގައި، ޢުމްރާނީ ތަރައްޤީ، އެބައި އަޅުގަނޑުމެންނަށް މާބޮޑަށް އަދި އެއީ، ކޯންޗެއްކަން ސާފުނުވެތިބެވެސް ހިތަށްއެރީ، އެއީ، ޢިމާރާތް ކުރުމާގުޅޭ ކަމެކޭ. ތަރައްޤީވުމަކީ ކޮބައިހޭ، ތަރައްޤީވުމަކީ ޙަޤީޤަތުގައި އަޅުގަނޑުމެން އަމިއްލަޔަށް، އަޅުގަނޑުމެން އިންސާނުންނަށް ތަންދޮރު ފިލުން. ރިވެތިގޮތުގައި ދިރިއުޅެވޭގޮތްވުން. ހާސްކަމެއްނެތި ޙަޔާތުގެ ދުވަސްތައް ހޭދަކުރަމުން ގެންދެވޭނޭ ގޮތްތަކެއް އަޅުގަނޑުމެންނަށް މެދުވެރިވުން. އަޅުގަނޑުމެންނަށް ލިބޭއެއްޗެއް، ޖީބަށް ވަންނަ ފައިސާ އިތުރުވުން. އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްވެދިޔުން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަނބިދަރިންނާއެކީގައި ޙަޔާތެއް ހޭދަކުރެވޭނޭ އުފާވެރިކަމެއް ލިބުން.

ތެދުފުޅެއް، މިބާވަތުގެ ކަންކަން، މިކަންކަން ވުމަށްޓަކައި ބޭނުންވޭ ވަރަށްގިނަ ކޮންކްރީޓް. އެ ތަރައްޤީ ނުވަތަ އެރަށްވެހިކަމުގެ މަސައްކަތް ނުކޮށެއް ރައްޔިތުންގެ ނުވަތަ އިންސާނާގެ ތަރައްޤީއެއްވެސް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އެހެންވީމާ، މިދެކަމަށް އަޅުގަނޑުމެން އެބަ، ހަމަ އެހާމެ މުހިންމުކަންދީގެން، އަޅުގަނޑުމެންގެ ނަޒަރު ހިފަހައްޓާފައި ބަހައްޓާންޖެހޭ. އެއްއަތުން ބަލާއިރު ރަށްރަށުގެ ފެނާ، ރަށްރަށުގެ ނަރުދަމާގެ ނިޒާމާ، ރަށްރަށުގެ އަރާފައިބާ އުޅުމާ އަދި މުދާ ބާލައި، މުދާއަރުވާ އުޅުމާއި، އެރަށްރަށާ ގުޅޭގޮތުން، އެ ހުރި މިބާވަތުގެ، ޢިމާރާތްކުރުމާއި، އެކަންކަމާ އެމަސައްކަތްތައް ކުރިޔަށް ގެންދާއިރު، ހަމައެހާމެ މުހިންމުކަމެއް ދޭން މިޖެހެނީ، ރައްޔިތުންގެ ވިސްނުން ތަރައްޤީ ކުރަން. ތަޢްލީމު ކުރިއަރުވަން. މަދަރުސާގެ ކަންތައް ރަނގަނޅުކުރަން. އަދި ހަމަ އެހާމެ މުހިންމުކަމެއް އަޅުގަނޑުމެން ދޭން މިޖެހެނީ، ފުރިހަމަ ޞިއްޙަތެއްގައި ހުންނަން، ހެލްތް ސެންޓަރުތަކާއި، ހޮސްޕިޓާތައް ރަނގަޅަށް ހިނގަހިނގާ ހުންނަ ތަންތަނަށް ހެދުން.

ހަމައެހެންމެ، އަޅުގަނޑުމެން އަޅާލާން މިޖެހެނީ މުނިފޫހި ފިލުވުމަށް. ހަވީރަށް، ރޭގަނޑުގެ އުފާވެރިކަމަށް. ޒުވާނުންގެ ޙަރަކާތްތަކަށް، ކުޅިވަރަށް. ހަމައެހާމެ މުހިންމުކަމެއް މިދޭންޖެހެނީ، ވިޔަފާރިއަށް. އުފެއްދުންތެރިކަމަށް. މަސްވެރިކަމަށް އަދި ދަނޑުވެރިކަމަށް. ޓޫރިޒަމްގެ މަސައްކަތަށް. ޢިމާރާތްކުރުމަށް. އޮޑިދޯނިފަހަރު ބަނުމަށް. މިހެންގޮސް ވިޔަފާރީގެ ގޮތުގައި، މަސައްކަތްތެރިކަމުގެ ގޮތުގައި އަޅުގަނޑުމެން މިކުރާ ހުރިހާ ކަމަކަށް.

ޤައުމެއް ތަރައްޤީވުމަށް، ރައްޔިތަކު ކުރިއަރައި ދިޔުމަށް، ބޭނުން މިވަނީ މިއެންމެހާ ކަންކަން ގުޅި، ލާމެހި، އެކަމެއްގެ ސަބަބުން އަނެއްކަމަށް އަސަރުކޮށް، ޖުމްލަ ނަތީޖާއެއް ނެރެން. އަޅުގަނޑުމެންގެ މި ސަރުކާރުގެ ދިއްދޫ ތަޞައްވުރަކީ، އަޅުގަނޑުމެންގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ލުޠުފީ ވިދާޅުވާހެން، ވަށައިޖެހިފައިވާ ތަޞައްވުރެއް. މުޅި ޖުމްލަ ގޮތެއްގައި ކިހިނެއްތޯ އަޅުގަނޑުމެންނަށް ދިއްދޫވެސް އެހެން ތަނަކަށް، އެހެންގޮތަކަށް މާރީތި އުފާވެރި މަންޒަރަކަށް ބަދަލުކުރެވޭނީ. އަޅުގަނޑުމެންނަށް މިރާއްޖޭގެ ރަށްތައް، މިރާއްޖޭގެ ރައްޔިތުން މިހާރު މިތިބި ޙާލަތުން އެހެން ޙާލަތަކަށް ގެންދިޔުމަށްޓަކައި ކުރާން މިޖެހެނީ ކޮންކަމެއްތޯއޭ. އަޅުގަނޑުމެންނަށް ފެނުނުގޮތުގައި، އަޅުގަނޑުމެންނަށް ސާފުވެފައިއޮތީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، އެމީހުންނަށް މަހެއްގެ މައްޗަށް ހަމަޔަށް 600 ރުފިޔާ ނުޖެހޭ، ނުލިބޭ މީހުންނޭ. މަހަކަށް 600 ރުފިޔަ ނުލިބުނީމާ، ދެން އެމީހަކު ދިރިއުޅޭނެގޮތް، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންނަށްވެސް ސާފުވާނެ. ރުފިޔާގެއަގު އަޅުގަނޑުމެންނަށް އެނގޭ. ތަކެތީގެ އަގުވެސް އަޅުގަނޑުމެންނަށް އެނގޭ.

ސަރުކާރަށް ނިންމުނީ މިޤައުމު، މިރާއްޖެ، އަދި ހަމަ ދިއްދޫ ތަރައްޤީ ކުރުމަށްޓަކައި، ދިއްދޫގެ އާބާދީގެވެސް ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ، ހަމަ ރާއްޖޭގެ އެންމެހާ ރަށްތަކުގެ މީހުންނެކޭ އެއްފަދައިން، މިދެންނެވި ބިކަ ޙާލުގައި ޖެހިފައިތިބި މީހުން. އާމްދަނީ ވަރަށްމަދު. ލިބޭއެއްޗަކުން ދެކޮޅެއް ނުޖެހޭ. އެހެންވީމާ، ދިއްދޫގެ ތަރައްޤީއަށްޓަކައި އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ނަޒަރުގައި، ސަރުކާރު ދުށްގޮތުގައި ކުރާންއޮތް ކަމަކީ، ޙަޤީޤަތުގައި އިތުރު ޕްރީސްކޫލެއް އެޅުމަށްވުރެ، މީހެއްގެ ޖީބަށް ފައިސާއެއް ލެވޭތޯ ބެލުން. ރަށުތެރޭގައި ދައުރުވާނެ ފައިސާ ކޮންމެވެސްވަރަކަށް ރަށަށް ގެނެވޭތޯ މަސައްކަތްކުރުން. ސަރުކާރުން ނިންމީ، އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 2000 ރުފިޔާގެ ޕެންޝަނެއް ދިނުމަށް. މި މަޝްރޫޢުގެ، މި މަސައްކަތުގެ އެންމެބޮޑު ބޭނުމަކީ، އުމުރުން ދޮށީ މީހުންނަށް އުމުރުގެ ދެން ބާކީއޮތްބައި ރިވެތިގޮތުގައި އުޅެވޭނެގޮތެއް ހޯދައިދިނުން. ހަމައެހެންމެ، އެ ދޮށީއުމުރުގެ ރައްޔިތުންގެ ދަރީންނަށް ލުޔެއް ހޯދައިދިނުން. މައިންބަފައިންނަށް ކުރަންޖެހޭ ޚަރަދަށް ކޮންމެވެސްވަރެއްގެ ލުޔެއް ގެނެސްދިނުން.

ހަމައެހެންމެ، އެ ހުރިހާ ކަމަކަށްވުރެ، ސަރުކާރުގެ ނަޒަރުގައި މުހިންމުވެގެންދިޔައީ، ކިހިނެއްތޯ ރަށަކަށް ގަނޑުކޮށް، ދައުރުވާގޮތަށް ކޮންމެވެސް އަދަދެއްދެ ފައިސާ އިތުރުކުރެވޭނީ. ދިއްދޫގައި ދިރިއުޅޭނެ، 65 އަހަރުންމަތީގެ ދުއިސައްތަ ފަންސާހަކަށްވުރެ ގިނަ މީހުން، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ނުވަތަ ދުއިސައްތައާ ތިންސަތޭކައާ ދެމެދު. އެހެންވީމާ، ކޮންމެމަހަކުމެ، މިރަށުގެ އިޤްތިޞާދަށް ކޮންމެވެސް އަދަދެއްގެ ފައިސާ އެތެރެކުރުމަކީ، މިރަށުގެ ތަނަވަސްކަމަށް، މިރަށުގެ ކުރިއެރުމަށް، މިރަށުގެ ވިޔަފާރިއަށް ވަރަށްބޮޑު ބާރެއް އަޅައިދޭނެ ކަމެއް. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މިދިޔަ އަހަރު މިދިމާވި އިޤްތިޞާދީ ދަތީގެ ތެރޭގައި އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހިފެހެއްޓުމަށް ސަރުކާރުން އެ ދޭންފެށި އެހީ، އެއީ، ވަރަށް މުހިންމު އެއްޗަކަށްވާނެ. އޭގެ ސަބަބުން މި ރަށްރަށުގެ ވިޔަފާރި އެހެންނޫންނަމަ ދަށަށްދާނެ މިންވަރަށް ދަށަށްދިޔަނުދީ، ކޮންމެވެސް މިންވަރަކަށް މިއޮތީ ހިފެހެއްޓިފައި. މިދިޔައަހަރު މަސްވެރިކަންދަށް. މިދިޔައަހަރު ރާއްޖެއަށް ޓޫރިސްޓުންއައި މިންވަރުދަށް. މިދިޔައަހަރު ރާއްޖޭގެ ހުރިހާ ވިޔަފާރިއެއްވެސް ދަށް. މިދިޔަ އަހަރު ދުނިޔޭގެ ހުރިހާ ވިޔަފާރިއެއްވެސް ދަށް. އެ ދަށްއިރު ދެން އަޅުގަނޑުމެން ކަންތައްކުރާނީ ކިހިނެއްތޯ، ވިސްނުންތެރިކަމާއެކީގައި ކުރިޔަށް ގެންދާނީ ކިހިނެއްތޯ، އެއީ، އަޅުގަނޑުމެންގެ ހިތުގައި އުފެދުނު ސުވާލެއް.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އެވާ ބަޖެޓުގައި، ދިއްދޫއާ ގުޅޭ ވަރަށްގިނަ މަސައްކަތް އެބަހުރި. އެހެންޏާވިއްޔާ ބަޖެޓުގައި ހުރޭ، ރަށްރަށުގެ ނަން ޖަހާފައި. އެއީ، މިވެނިރަށަކަށް ކޮށްދޭ ކަމެއްކަމަށް އިޝާރާތް ވާގޮތަށް. ދެން އެހެންނަމަވެސް، އެ އަހަރު ނިމޭއިރުގައި އެކަން ނުވެއޮތުން އެއީކީއެއް އެއްގޮތަކަށްވެސް އެއްވެސްމީހަކު ކަންބޮޑުވި ކަމެއްކަމަކަށް ނުފެނުނު. ބަޖެޓުގައި ޖަހާލެވެނިކޮށް ނިމުނީ. ތިޔަބޭފުޅުންވެސް ތިޔަބޭފުޅުންގެ މެންބަރުންނަށް ގުޅުއްވާފައި ބުނުއްވާނެކަންނޭނގެ، ބަޖެޓުގައި ނެތޭ ތިމަންމެންގެ ރަށުގެ ވާހަކައެއް. ބަޖެޓުގައި ތިޔަބޭފުޅުންގެ ރަށުގެ ވާހަކަ ލިޔެ،ލިޔެ،ލިޔެ ކިހާ ދުވަހެއް ވެއްޖެތޯ. އޭގެއިން ވާހަކައެއް ޙަޤީޤަތަކަށްވުން އެއީ ބަޖެޓުގައި ލިޔުނީމަ ވާކަމެއްތޯއޭ؟ ނޫން، އެއީކީއެއް ބަޖެޓުގައި ލިޔުނީމާ ވާކަމެއްނޫން. ޙަޤީޤަތުގައި ބަޖެޓުގައި އެވާހަކަ ލިޔުނީމާ އެކަން ނުވުން މާ ގާތް. އެއީ، ބަޖެޓުގެ ތާށީގެ ތެރެއަށް އެކަންވެސް ދަނީ. ބަޖެޓުގެ ހިފެހެއްޓުމުގެ ތެރެއަށް އެކަންވެސް ދަނީ. ދެން އެހެންވީމާ، ހަމަ ސީދާ ބަޖެޓުގައި އެ އޮންނަ ރޮނގެއްގެ ތެރެއިން ނޫނިއްޔާ އެމަސައްކަތް ނުހިންގޭގޮތްވަނީ.

މިއަހަރު އިރާދަކުރެއްވިއްޔާ ދިއްދޫގެ ބިން ހިއްކުން އެބައޮތް. ސަރުކާރުން މިހާރުވަނީ، ނެދަރލެންޑްސް ކުންފުންޏަކާ އެކުގައި މަސައްކަތުގެ އެގްރީމެންޓެއްގައި ސޮއިކޮށްފައި، ދިއްދޫގެ ބިން ހިއްކުމަށް. އެ އެގްރީމެންޓު އުފެދިގެން އައީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ވީމާ، އަޅުގަނޑު ހިތަށްއެރީ، މި ސަރުކާރަކުން ނުޖެހެއޭ، ދިއްދޫ މީހުންނަށް ދަޅައެއް ދައްކައިގެން ތާއީދު ހޯދާކަށް. އެވާހަކައެއް އަޅުގަނޑު ނުދައްކާނަމޭ. ދިއްދޫގެ ބިން ގާތްގަނޑަކަށް މިހާރު މިއޮތް މިންވަރަށްވުރެން، ތިންބައިކުޅައެއްބައިހާ ތަން ބޮޑުކުރެވޭނެ ފުރުޞަތެއް އެއިރުގައި ސަރުކާރަށްއޮތީ ޙަޤީޤަތުގައި ގާތްގަނޑަކަށް ކޮންޓްރެކްޓާ ހަމައަށް އާދެވިފައި. އެހެންނަމަވެސް، އަޅުގަނޑު ގާތުގައި ވަރަށްގިނަމީހުން ބުނެއުޅުނު، ވޯޓު ލިބޭނެއޭ ތިޔަވާހަކަ އަޅައިފިއްޔާ. އަޅުގަނޑު ހިތަށްއެރީ، ނޫނެކޭ އެހެނެއްނޫނޭ ވާނީކީއެއް، ވޯޓު ނުލިބޭނިއްޔޭ. އަޅުގަނޑުމެން އެހެންނޫނަސް ވެސް ނުޖެހެއޭ، އިތުރު ވާހަކައެއް ދައްކާކަށް، ދިއްދޫމީހުންގެ ރުހުން ހޯދާކަށް. މި ސަރުކާރު އުފެދިފައި މިއޮތީ، ދިއްދޫ މީހުންގެ ރުހުން އޮތީތީވެ. މި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވީ، ދިއްދޫ މީހުން އެގޮތަށް އެދުނީތީވެ. ޒަމާނުއްސުރެ ފެށިގެން މި ރާއްޖޭގައި ވެރިކަން ކުރަމުން އައިގޮތާ، އެ ވެރިކަން ކުރަމުންއައި ބޭފުޅުން ބަދަލުވެ ދިޔައީ، ދިއްދޫ މީހުންގެ ވަރަށްބުރަ މަސައްކަތުން. އެއީ، ދިވެހިތާރީޚު ދުވަހަކުވެސް ހަނދާންނެތޭނެ ވާހަކައެއް ނޫން. އެއީ، އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެދަރިންވެސް އަޅުގަނޑަށް ޔަޤީން، ހިތްތަކުގައި ބިންވަޅު ނަގާފައި ބަހައްޓާނެ ވާހަކަތަކެއް.

އަޅުގަނޑުމެން ދިއްދޫއަށް ގެންގުޅޭ ތަޞައްވުރެއް ގެންގުޅެނީ، ހަމައެކަނި އެވާހަކަ ދައްކާލާ، ތިޔަބޭފުޅުންގެ ހިތް ރުއްސާލާކަށްނޫން. ގަދަޔަށް އަޅުގަނޑުމެން މަސައްކަތްކޮށްގެން، ކާމިޔާބު ކުރުމަށް ގެންގުޅޭ ތަޞައްވުރެއް. އަޅުގަނޑަށްވެސް އެނގޭ، ދިއްދޫ މީހުންނަކީ ވަރަށް ރަނގަޅަށް މަސައްކަތްކުރާ ބައެއްކަން. ވަރުގަދަޔަށް މަސައްކަތްކުރާ ބައެއްކަން. އެހެންނަމަވެސް، އަޅުގަނޑުމެން ދިއްދޫގެ ތަރައްޤީއަށް މަސައްކަތްކުރާ މިންވަރާ ގާތަށްވެސް ނުކުރެވޭނެއޭ އަޅުގަނޑު ދަންނަވާހިތް އޮތީ. އެއަށްވުރެ އަޅުގަނޑުގެ މަސައްކަތް ދިއްދޫއަށްޓަކައި ކުރާ މިންވަރު އިރާދަކުރެއްވިއްޔާ ތިޔައިން އެއްވެސް ބޭފުޅެއްގެ މަސައްކަތަށްވުރެ، އެންމެ ތަންފުކެއްވެސް ހަނިވެގެނެއް، ކުޑަވެގެނެއް ނުދާނެ. އަޅުގަނޑުމެންނަށް އެބަފެނޭ، އަޅުގަނޑުމެން ބޭނުންވާ ދިއްދޫ، އަނެއް ދިއްދޫ، އެހެން ދިއްދޫއެއް އޮންނަގޮތް. އަޅުގަނޑުމެން ބޭނުން، މިރަށަކީ މީހުން ތަނަވަސްކަންމަތީގައި އުޅޭ ރަށަކަށްވާން. އަޅުގަނޑުމެން ބޭނުން، މިރަށަކީ މަތީ ތަޢްލީމެއް ލިބޭ ރަށަކަށްވާން. މިހާރު މިއޮތީ، 11 އާ 12 އާ ހަމައަށް. އޭގެފަހުން މި ކިޔަވާންޖެހޭ ކިޔެވުންތައް، އެކިއެކި މަސައްކަތްތައް، އެކިއެކި ޚާއްޞަ ރޮނގު ރޮނގުން ކުރިޔަށް ދިއުމުގެ ފުރްޞަތުތައް ދިއްދޫއިން ލިބޭނެގޮތް ހަމަޖެއްސުން. އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ނަޒަރުގައި ހަމަ އެއީ، ވަރަށްމުހިންމު ކަމެއްހެން. އަޅުގަނޑަށްވެސް އެނގޭ، އެހެން ނާސަރީއެއް، އެހެން އަވަށެއްގައި ހުރީމާ ދެން ހެނދުނު ހިނގާފައި އަންނާކަށެއް ނުޖެހޭނެ. އެކަން ހަމަ އެތައް ގުނައަކުން ފަސޭހަވެގެންދާނެ.

އެކަމަކު އަޅުގަނޑުގެ ކުރިމަތީގައި އޮތީ އެހެން ސުވާލެއް. އެހެން ނާސަރީއެއްތޯ އަޅުގަނޑުމެން މިވަގުތު އިސްކަންދީގެން ހަދާނީ، ނުވަތަ 12ގެ ފަހުން ކުދިންނަށް ކިޔެވޭނެ ގޮތެއް، އިތުރު އެއްޗެއް އެނގޭނެ ގޮތެއްތޯ ހަދާނީ؟ އަޅުގަނޑުމެންގެ ކައިރިއަކަށް ނުވެސްއާދޭ، 12ގެ ފަހުގެ ވާހަކައެއް. އަޅުގަނޑުމެންނަށް، ސަރުކާރަށް، އަދި މެންބަރަށްވެސް ރައްޔިތުން ފާހަގަ ކޮށްދެއްވާނީ، ރައްޔިތުންގެ ހިތުގައި ބިންވަޅު ނެގިފައިހުރި ކަންކަން. ރައްޔިތުންގެ ނަޒަރުގައި ތަރައްޤީވެ ދިއުމަށް ނުވަތަ ފަސޭހައެއް ހޯދުމަށް، މޮޅެއް ލިބުމަށް ހުރި ކަންތައްތަކަކީ ކޮބައިތޯ ދެނެގަތުމަށް. އެހެންބަލާއިރުގައި، ހަމަ ފެންނާނީ މިއަދުވެސް ހަމަ ލޮލަށްފެންނަ ކަންކަން، އެއަށްވުރެ ރަނގަޅަށް ބެހެއްޓޭތޯ މަސައްކަތްކުރުމަށް. އެގޮތުން އަޅުގަނޑުމެން ހަމަ ހައްތަހާވެސް ބޭނުންވާނީ، ބަނދަރު މިހާރު އޮތް މިންވަރަށްވުރެ ކުޑަ ތަންކޮޅެއް ބޮޑުކޮށްލަން، ހަމަ މިހާރު އޮތްގޮތަށް. އެހެންނަމަވެސް، އެހެން ބަނދަރެއް އަޅުގަނޑުމެން ބޭނުން. އެހެންގޮތަކަށް އޮންނަ ބަނދަރެއް. މި ސަރުކާރުން އެބަނދަރަށް ކިޔަން މިބޭނުންވަނީ، މިހާރު ކިޔާ މިއުޅެނީ، ތަރޑް ޖެނެރޭޝަން ބަނދަރޭ. ވަރަށްގިނަ ދިއްދޫ ރައްޔިތުންނަށް ފަރިތަވާނެ، ސެކަންޑް ޖެނެރޭޝަން މަސްދޯނި. މިއީ، އެހެންގޮތަކަށް ހުރި ބަނދަރެއް. ބަނދަރެއްގެ ފުރިހަމަ ބޭނުން ހިފުމަށްޓަކައި ހަދާ ބަނދަރެއް. އެ ބަނދަރުގައި މުދާ އުފުލާ ބޭލެންޖެހޭނެ ފަސޭހައިން. އެބަނދަރުގައި އޮޑިދޯނިފަހަރު އެހިލެވެންޖެހޭނެ. މަރާމާތު ކުރެވެންޖެހޭނެ. އެބަނދަރުގައި ބީރައްޓެހިންނަށް އައިސް ފަސޭހަކަމާއެކީގައި ތިބެވޭނެތަން އޮންނަން ޖެހޭނެ. އެމީހުންނަށް ޚިދްމަތް ލިބެންޖެހޭނެ. އެބަނދަރުގައި ރަށަށް އަރާފައިބާ ފަސިންޖަރުންނަށް ޒިޔާރަތްކުރާ އެންމެހާ މީހުންނަށް ފަސޭހަކަމާއެކީގައި އައިސް ގޮސް އުޅެވެންޖެހޭނެ. މިދެންނެވި ބަނދަރު ތަންފުކެއް މިހާރު މިއޮތް ބަނދަރަށްވުރެ، އަގު ބޮޑުވެދާނެ. އެހެންނަމަވެސް، މިހާރު މިއޮތް ބަނދަރަށްވުރެ އެބަނދަރުން ކުރެވޭ ބޭނުން އަޅުގަނޑަށް، ސަރުކާރަށް ފެންނަ ފެނުމުގައި މާބޮޑުތަނުން ރަނގަޅުވާނެ. މުދާ އަވަހަށް ބޭލުނީމާ، މާލެއިން މުދާހިފައިގެން އަންނަ އޮޑިއަށް އަނބުރާލާފައި ދެވޭލެއް އަވަސްވާނެ. ދެވުނީމާ ވިޔަފާރި ހިނގާލެއް ގިނަވާނެ. މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް އެއީ، ވިޔަފާރި ކުރިއެރުވުން. ވިޔަފާރިއަކީ މުދަލާ ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ދިއުން. އަތް ބަދަލުވުން. އެކަން ހިނގާނީ، އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކީގައި ދެވޭގޮތަކަށް ކަންކަން އިންތިޒާމުވެ، ރޭވިފައި ހުރީމާ.

ދިއްދޫގެ ތަރައްޤީއަށްވެސް ސަރުކާރުންހިންގާ އެންމެބޮޑު އެއް މަޝްރޫޢަކީ، ދިއްދޫ ހިއްކުމެއްނޫން. ދަތުރުފަތުރުކުރުމުގެ ނިޒާމު. ފަސޭހައިން، ދިއްދޫއިން ފުރައިގެން ހޯރަފުށްޓަށްވެސް، އިހަވަންދުއަށްވެސް، އަދި ކުޅުދުއްފުށްޓަށްވެސް، ބާރަށް، ކެލަޔަށްވެސް، މި ހިސާބު ހުރިހާ ރަށަކަށްވެސް އަދި ރާއްޖޭގެ އެންމެހާ ތަންތަނަށް ކޮންމެދުވަހަކުވެސް ގޮސް އައިސް އުޅެވޭގޮތް، ފަސޭހަކަމާއެކީގައި ދަތުރުކުރެވޭގޮތް ހޯދައިދިނުން. ހަމަޖެއްސުން. ދަތުރުފަތުރު ކުރުމުން، އޭގެ ސަބަބުން ވިޔަފާރި ކުރިއަރާދާނެ. އެއީ، އިންސާނީ ތަޖުރިބާ ދައްކާފައިވަ ޙަޤީޤަތެއް.

ތ. އަތޮޅުގަޔާއި، ލ. އަތޮޅުގައި މި ސަރުކާރުން ޤާއިމުކުރާ ދަތުރުފަތުރު ކުރުމުގެ ނިޒާމު ޤާއިމުކޮށް، ހިންގަމުން ގެންދާތާ މިހާރު ދެމަސްދުވަހަށްވުރެ ގިނަދުވަސްވެއްޖެ. މިހާރު ފެންނާން ހުރި ނަތީޖާއަކީ، އެ ދެއަތޮޅުގެ އެ ޕްރޮވިންސްގެ ރައްޔިތުންގެ ތެރެއިން، 10 ޕަސެންޓް މީހުން ކޮންމެދުވަހަކުމެ، ދަތުރަށް އަރައޭ. އަރާ އެއްތަނުން އަނެއްތަނަށް ގޮސްއައިސް ހަދައޭ. ފަސޭހަކަމާއެކީގައި އަތްފޯރާ ފަށުގައި، ކުޅުދުއްފުށިވެސް އަތްފޯރާ ހިސާބުގައި، އިހަވަންދޫވެސް، ގައްލަންދޫކަނޑު ހުރަސްވީމާ، ދެންއޮތް ހުރިހާ އިހަވަންދިއްޕޮޅު ތަނެއްވެސް އަތްފޯރާ ހިސާބުގައި އޮތީމާ، ދެން ދިއްދޫއަށްވެސް ކުރާނެ ފައިދާ. ދިއްދޫ ރައްޔިތުންނަށް އެހެންތަންތަނުން ލިބެންހުރި ޚިދްމަތްތައް ފަސޭހަކަމާއެކީގައި ލިބުނީމާ، ދިއްދޫއަށް ކުރާނެ ފައިދާއާ، އަދި އެހެން ތަންތަނުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކީގައި ދިއްދޫއަށް އައިސްގޮސްވެ އުޅެވުނީމާ، ދިއްދޫގެ ވިޔަފާރިއަށް ކުރާނެ ފައިދާއާއި، ދިއްދޫގެ ތަރައްޤީއަށް ކުރާނެ ފައިދާއަކީ، ޙަޤީޤަތުގައި މާބޮޑު ތަރައްޤީއެއް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ދެން މިދެކޭ އެހެން ޢުމްރާނީ ތަރައްޤީގެ ގޮތުގައި މިދެކޭ ކަންކަމަށްވުރެ.

އަޅުގަނޑުމެންގެ އަމާޒު، އަޅުގަނޑުމެންގެ ވިސްނުން ކުޑަތަންކޮޅެއް ތަފާތުވެދާނެ. ކުރީގައި ކަންކުރާގޮތަށް ކަންކުރުމަށް، ކުރަމުންގެންދާކަށް އަޅުގަނޑުމެންގެ ވިސްނުމެއް އެހާބޮޑަކަށް ނުމެ ހުރޭ. ތިޔަބޭފުޅުންނާ އަޅުގަނޑުމެންގެ ވިސްނުމާ ފުށުނާރާނެކަން އަޅުގަނޑަށް ޔަޤީން. އަޅުގަނޑުމެންގެ ވިސްނުމެއް، މި ރާއްޖޭގެ ތަރައްޤީއާ ގުޅޭގޮތުން ނުކުތީ، އަޅުގަނޑުމެން ދިއްދޫ ބަލަހައްޓައިގެންތިބެ، ހިތުއެޅި ހިތު އެޅުމުން. އެހެންވީމާ، އަޅުގަނޑެއް ހަމަ ޙަޤީޤަތުގައި ނުދެކެން، މި ރާއްޖޭގެ ތަރައްޤީއާ ނުވަތަ އަޅުގަނޑުމެން މިގެންގުޅޭ ތަޞައްވުރާ، ދިއްދޫގެ ރައްޔިތުންގެ ޚިޔާލާ ފުށުއަރައި ހިނގައިދާނެކަމަކަށް.

އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ ދިއްދޫއަށް ބޭނުންވާ މައިގަނޑު ކަންތައްތައް މިއަހަރުގެތެރޭގައި ކުރަންފެށޭނެ. އޭގެތެރޭގައި އަޅުގަނޑުމެންގެ އެބައެދެން، ކޮންމެވެސް ވަރަކަށް ރަނގަޅު ފެންވަރަކަށް ދިއްދޫގައި މަގުހެދުން. އަޅުގަނޑުމެން އެބަ މަސައްކަތްކުރަން، ދިއްއަށް ހޮޅިއަޅައި، ހުރިހާ ގެއަކަށް ސާފުފެން ދެވޭނެގޮތް ހޯދުން، ނަރުދަމާގެ ނިޒާމް ޤާއިމުކުރުން، ހަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުޅުދުއްފުށްޓަށްވެސް އަދި އެހެން މިއަތޮޅުގެ، މި ޕްރޮވިންސްގެ ބޮޑެތި ރަށްރަށަށްވެސް މިދަންނަވާ އަސާސީ މައިގަނޑު ޚިދްމަތްތައް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ. އެއީ، އަޅުގަނޑުމެންގެ އެއްފަރާތުން، އެއްއަތުން ކުރިޔަށްގެންދާނެ މަސައްކަތްތަކަށް ވާއިރުގައި ހަމަ އެހާމެ މުހިންމުކަމެއް އަޅުގަނޑުމެން ދޭނީ، މީހުން ބިނާކުރުމަށް. ތަޢްލީމު ކުރިއެރުވުމަށް.

ސަރުކާރުގެ އަމާޒަކީ، މަދަރުސާއިން ނުކުންނަ، ނުވަތަ އިމްތިޙާން ހަދާ ކުދިންގެ ތެރެއިން، 60 ޕަސެންޓު ކުދިންނަކީ "ސީ" ފާހަށްވުރެން މަތިން ފާސްވާ ކުދިންނަށްވުން. މިއަދު މިދިޔަ އަހަރު ދިއްދޫގެ އިމްތިޙާނުގައި ބައިވެރިވި ކުދިންގެ، ރާއްޖޭގެ އިމްތިޙާނުގައި ބައިވެރިވި ކުދިންގެ، "ސީ" ފާހަށްވުރެ މަތިން ލިބުނީ 20 ޕަސެންޓް ކުދިންނަށް. އެއީއްޔަކީ އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަދި ނެރެވޭނެ ގޮތެއް ނޫން. މާ މަދު. 20 ޕަސެންޓް ކުދިންގެ ތެރެއިން، އަދި އިތުރަށް އެއްޗެއް ރޯފިލާވަރު މިވަނީ، ދެން އެންމެފަހުން އައިސް، ފުރާނައި ނިމޭއިރުގައި ހައެއްކަ ކުދިންނަށް. މުޅި ރާއްޖެއިންވެސް މިނެރެވެނީ މަދުއަދަދެއް. ދެން ހުރިހާ ކުދިންމެ މިދަނީ. ވަޒީފާގެ ފުރްޞަތު އެހާދަށް. އެހާމަދު، އެހާދެރަ. ގިނަކުދިން މާޔޫސްވެ، އެކިއެކި ވިޔާނުދާ ކަންކަމުގެ ތެރެއަށް ވެއްޓި ހަލާކުވެ،މިދަނީ. ރަނގަޅު ދިރިއުޅުމެއް ބިނާކުރަން ނުކުމެވޭގޮތް މިއޮންނަނީ ނުވެވިފައި.

އަޅުގަނޑުމެންގެ އަމާޒަކީ، އެވިސްނުން ނެރުން. އަޅުގަނޑުމެން މިއެދޭ ރަނގަޅު ދިރިއުޅުން، އުފާވެރި ދިރިއުޅުން އެއީހަމަ އަޅުގަނޑު ދަންނަވާނީ، މަދުވެގެން މަހަކު އެއްފަހަރު ދެމަފިރިންނަށް އައިސްކްރީމެއް ބޯން ދެވޭނެ އުފާވެރި ދިރިއުޅުމެއް. އެ މަންޒަރު ހަމަ އަދިވެސް، އަޅުގަނޑެއް ދުލެއް ނުކުރާނަން، އަޅުގަނޑުމެންނަށް އުފާ ފާގަތި ކަމުގައި ހާސްކަމެއްނެތި ދިރިއުޅެވޭނެ ދުވަހެއް އަޅުގަނޑުމެންނަށް ހޯދޭނެ. މި ރާއްޖެއަކީ މުއްސަނދި ޤައުމެއް، ޤުދްރަތީ ވަސީލަތްތައް ގިނަ ޤައުމެއް، ކެރޭ ރައްޔިތަކު ދިރިއުޅޭ ޤައުމެއް. މިރާއްޖެ ފިޔަވައި ނޯންނާނެ ދުނިޔޭގައި ޤައުމެއް، ޞުލްޙަވެރިކަމާއެކީގައި ޚުދްމުޚުތާރު ވެރިކަމަކުން ޑިމޮކްރަސީއަކަށް ބަދަލުވެގެން، އޮމާންކަމާއި އަމާންކަމާއެކީގައި، މިހެން ގެންދިޔަ ރައްޔިތެއް މަދުވާނެ. ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކުގެތެރެއިން، މިރާއްޖޭގެ ރައްޔިތުންހާ ވިސްނޭ ބަޔަކު ތިބިކަމަކަށް މިހާރު ދުނިޔޭގެ ރައްޔިތުން ގަބޫލެއް ނުކުރާނެ. ދުނިޔެއަށް އެނގޭނެ، ރާއްޖޭގެ ރައްޔިތުންނަކީ ވިސްނޭ ބައެއްކަން. ތަންދޮރުފިލާ ތިބި ބައެއްކަން. ރައްޔިތުން ވެރިކަމުގެ ފާޑު އެބަދަލުކުރީ، އެހާމެ އޮމާންކަމާއެކީގައި. އެހެން ޤައުމުތަކުގައި މަދުވެގެން ލައްކައެއްހާ މީހުން މަރާނުލައި މިބާވަތުގެކަމެއް ނުކުރާނެ. ރާއްޖޭގެ އާބާދީގެ ނިސްބަތުންނަމަ، ރީތިކޮށް ދިހަވަރަކަށްހާސް މީހުން މަރުވުން އެއީ، މިބާވަތެއްގެ ކަމެއް ކުރުމަށް ހަމަ ހިތުއަޅާ މީހަކުވެސް ދައްކަންޖެހޭނެ އަގެއްކަމަށް ދެކޭނެ އަދަދެއް. މަދުވާނެ، ރާއްޖޭގެ ރައްޔިތުން ހޯދިފަދަ ކާމިޔާބު ހޯދާފައިވާ ޤައުމެއް. އަޅުގަނޑު އެހުރިހާ ފަޚުރެއްވެސް އެންމެބޮޑަށް ހަމަ ދޭން ބޭނުންވާ އެއް ރައްޔިތަކީ ދިއްދޫ ރައްޔިތުން.

އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެން މިއެދޭ ތަރައްޤީ ދިއްދޫއަށް ލިބުން. އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ރަށް ރަށަކަށްވެސް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

وَالْحمد لله. الســّلام عليــكم.

_______________________