بســم اللّـه الرّحمـن الرّحيــم

ބާރަށުގެ ލޮބުވެތި ރައްޔިތުން، ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސަރުކާރުގެ ވެރިން އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން

السّـلام عليـكم

ވަރަށް ބޮޑު ތެދުފުޅެއް، އަޅުގަނޑުމެންނަށް މިދިޔަ އަހަރުގެ ތެރޭގައި ބާރަށަށް އާދެވޭ މިއީ، ދެވަނަ ފަހަރު. ބާރަށަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެއީ، އަބަދުވެސް އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ، ބާރަށުގެ ރައްޔިތުންގެ ހިނިތުންވުމާއި، ބާރަށުގެ ރައްޔިތުންގެ މިޒާޖާއި، މަޖާކަމާއި، ބާރަށުގެ ރައްޔިތުން ހުޅުވި ދިރި މި ތިއްބަވާ މިންވަރުން އަޅުގަނޑު ތިޔަ ހުރިހާ ރައްޔިތުންނަށް ހަމަ ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މިދިޔަ އަހަރު މިރަށަށް އައިސް، މިރަށާ ގުޅޭގޮތުން މި ސަރުކާރުގެ ވިސްނުމެއް، މި ސަރުކާރުގެ ތަޞައްވުރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިގަތީމު. އަޅުގަނޑުމެންނަށް ސަރުކާރު ހިންގުމާ ހަވާލުވެ، އެއާ ވިދިގެން އައި ފުރަތަމަ ހަތަރު ފަސް މަހެއް، ޙަޤީޤަތުގައި ހިނގާ ދިޔައީ، މި ސަރުކާރުން ހިނގަމުން އަންނަ ގޮތް، އަޅުގަނޑުމެންވެސް ދެނެގަންނަން. އަދި ސަރުކާރުގެ މަސައްކަތްތަކުގައި ތިއްބެވި ބޭފުޅުންވެސް، އަޅުގަނޑުމެން މިއީ ކޮންބައެއްތޯ ދެނެގަންނަންވެސް ދުވަސްކޮޅެއް ނެގި. އަޅުގަނޑުމެންނަށް ސަރުކާރު ރިވެތިގޮތުގައި ހިންގާން ފެށުމަށް، ހިންގާންޖެހޭ މަސައްކަތްތަކާއި ކުރަންޖެހޭ ތަރުތީބުތައް ކުރުމަށް މިދެންނެވި ހަތަރު ފަސް މަހެއް ހޭދަކުރަން ޖެހުނު. މި ހަތަރު މަހެއްގެ ތެރޭގައި، ރަށްތަކުގެ ތަރައްޤީއާ ގުޅޭގޮތުން ވިސްނާނެ ވަގުތެއްވެސް ނުވަތަ އިންތިޒާމްތަކެއް، ރޭވުންތަކެއް ރާވާނެ ވަގުތެއް އަޅުގަނޑުމެންނަކަށް ފުރިހަމައަކަށް ނުލިބުނު. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވީ ރަށްރަށުގެ ރަށްވެހި ތަރައްޤީގެ މަސައްކަތްތަކުގެ ތަޞައްވުރު، އޭގެ މަންޒަރު، އަޅުގަނޑުމެންގެ ހިތްތަކަށް ނެގުމަށް. އަޅުގަނޑުމެންގެ ކަރުދާސްތަކުގައި އެ ރޮނގުތައް އެޅުމަށް. އެކަމާގުޅޭ ހިސާބުތައް ހެދުމަށް. އެކަމާގުޅޭ ތައްޔާރީތައް ފަށައިގަތުމަށް އަޅުގަނޑުމެންނަށް ލިބި މިދިޔައީ، މިވޭތުވެދިޔަ ހަތަރު މަސްދުވަސް. އެ ހަތަރު މަސްދުވަހުގެ ތެރޭގައި، އެކި ފަހަރުމަތިން އެކި ގޮތްގޮތަށް ސަރުކާރުގެ އެކިއެކި ބޭފުޅުން އެކިއެކި ވުޒާރާއިން މިރަށާ ގުޅުއްވާފައިވާނެ. ބައެއްފަހަރުގައި ބަނދަރެއްގެ ފޮޓޯއެއް ހޯދަން، އަނެއްބައިފަހަރުގައި ކުރީގެ ވަކި ދިމާއެއްގެ ފުންމިން ދެނެގަންނަން. އަނެއްބައިފަހަރުގައި ފޯދިފައިހުރި ރުކުގެ ޢަދަދު ހޯދަން. އަނެއްބައިފަހަރު ބަލިވެތިބި މީހުންގެ ޢަދަދު ދެނެގަތުމަށް. ޚިތާނުލެއްވި ކުދިން އެނގުމަށް. މަދަރުސާގައި އުޅޭ ދަރިވަރުންގެ ޢަދަދު އެނގުމަށް. ވާރޭވެހޭ މިންވަރު ދެނެގަތުމަށް. ވައިޖެހޭ މިނާއި ވައިޖެހޭ ގޮތް އެނގުމަށް. މިހެން ގޮސް އަޅުގަނޑުމެންނަށް މިރަށާ ގުޅޭގޮތުން އެއްކުރެވެން އޮތް ހުރިހާ މަޢުލޫމާތެއް އެއްކޮށް، އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް ވިސްނާފައި، ޝިފާޒު އެ ހުށަހެޅުއްވި ހުށަހެޅުމެއް މިހުށަހަޅަނީ، ބާރަށު ރައްޔިތުންނަށް މިރައްޔިތުން އެކަމާ ގުޅޭގޮތުން ދެން ފާޅުކުރާން ހުރި ޚިޔާލެއް ދެނެގަނެ، ލިބިގަނެ، އެމަޢްލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ޢަމަލީ މަސައްކަތް ސަރުކާރުން ފަށައިގަންނަން.

ކޮންމެގޮތެއްވިޔަސްވެސް އަޅުގަނޑުމެން އެންމެންވެސް އެއްބަސްވޭ، އެންމެންނަށްވެސް ޔަޤީން، ފަސޭހަކަމާއެކީގައި ރަށަށް މުދާ ބާލައި އަދި ރަށުން ފަސޭހަކަމާއެކީގައި މުދާ ބޭލޭނެ ގޮތެއް، އިންތިޒާމެއް އޮތުމަކީ، މުހިންމު ކަމެއް. މިރަށުގައި ރަނގަޅު ފެންވަރުގެ ޖެޓީއެއް ބިނާކުރުމުގެ މަސައްކަތް އެއީ، ސަރުކާރުން އިސްކަންދޭ މަޝްރޫޢެއް. އިރާދަކުރެއްވިއްޔާ އެއީ، ސަރުކާރުގެ ރަށްވެހި ތަރައްޤީގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެންދާނެ ކަމެއް. އަޅުގަނޑުމެން ބާރަށު ރައްޔިތުންނަށް މިދަންނަވާ ޖެޓީ ފޯރުކޮށްދޭނަން.

މިދިޔަ އަހަރެއް ދެއަހަރުގެ ތެރޭގައި، ރާއްޖޭގެ އެކިއެކި ރަށްރަށުގައި ބަނދަރުތަކެއް އާ ގޮތަކަށް ހަދާން ފެށުން. އެއްތައްގަނޑަކަށް ހުންނަ ބަނދަރުތަކެއްހެން ހަތަރެސްކަން ގޮޅިތަކެއް ބައެއްފަހަރަށް ބޮޑުކޮށް، އަނެއްބައިފަހަރަށް ދާދި ކުޑަކޮށް ހެދެމުން ގޮސްފައި އެބަހުރި، ވަރަށް ގިނަ ރަށްރަށުގައި. މިދެންނެވި ބާވަތުގެ ބަނދަރުތަކުން އެ ބަނދަރުތަކުގެ ރަށްވެހިންނަށް އެ ބަނދަރުތަކުން ޚިދްމަތް ފޯރުކޮށްދޭއިރު ރައްޔިތުންނަށް ޙަޤީޤަތުގައި އެހީތެރިވެދެނީ ކިހާ މިންވަރަކަށްތޯ އަޅުގަނޑުމެން އަންދާޒާއެއް ކުރީމު.

ރަށެއްގެ ބަނދަރު ހެދުމަށް 30 މިލިއަން ރުފިޔާ މަދުވެގެން އެބަ ޚަރަދުވޭ. އެ ޚަރަދުވާއިރުގައި އެ ފައިސާއިން މިއެހީތެރިވެދެނީ ކޮންބަޔަކަށްތޯ، އެފައިސާއިން އެހީތެރިވާއިރުގައި އެފައިސާ ޚަރަދު އެވަނީ ރަށްޔިތުންނަށް އެންމެ ފައިދާހުރި ރަނގަޅު ގޮތަށްތޯ. މިއީ، އަޅުގަނޑުމެން ކޮންމެހެންވެސް މިނަންޖެހޭ މިނުމެއް. އަޅުގަނޑުމެންނަށް ފާހަގަވި، މިހާރު ރާއްޖޭގައި ބަނދަރު ހަދަމުން އަންނަގޮތާއި ތަފާތު ގޮތަކަށް ނުވަތަ މިހާރު އަޅުގަނޑުމެން މިފާހަގަކުރާ ތަރޑް ޖެނެރޭޝަން ބަނދަރު، މިބަނދަރުތައް އެހެން ގޮތަކަށް ރާވާން އެބަޖެހެއޭ، އެހެން ގޮތަކަށް ބަނދަރުތައް ހުންނާން އެބަޖެހެއޭ. ބަނދަރެއްގެ ހުރިހާ ތަނެއްގައި ވާޓަރު ޖެހިފައި ހުންނާކަށް ނުޖެހޭ. ބަނދަރެއްގެ ހުރިހާ ތަނެއްގައި ބޮޑުހިލަ ޖެހިފައި ހުންނާކަށް ނުޖެހޭ. ބަނދަރެއްގެ ހުރިހާ ތަނެއް އެއީ، މުދާ އަރުވާ ބާލާ ސަރަޙައްދުތަކެއް ނޫން، ޖާގައެއް ނޫން. ބަނދަރެއްގެ ބޭނުންތަކުގެ ތެރޭގައި، އޮޑިދޯނިފަހަރު އެހެލާ ބޭލުން އެއީ، އޮންނާން ޖެހޭނެ ކަމެއް. ބަނދަރެއްގެ ބޭނުންތަކުގެ ތެރޭގައި، ހަތަރު ޓަނު، ފަސް ޓަނުގެ މުދާ، ފަސޭހަކަމާއެކީގައި އޮޑިއަކުން ބޭލެން ޖެހޭ. އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެން ހުށަހަޅާ ބަނދަރު ހުންނާނީ، މިދެންނެވި ނުކުތާތައް ފާހަގަވާ ގޮތަށް، މިދެންނެވި މަސައްކަތްތައް އެބަނދަރުން ފަހިވާ ގޮތަށް. މުދާ ބޭލުމުގައި އޮޑި މާލެއިން އައިސް ފަޅުތެރޭގައި އޮވެ ތިން ހަތަރު ފަސްދުވަސް ހޭދަކުރަންޖެހޭ ކަމެއްނޫން. އޮޑިއެއް އަޅުގަނޑުމެންގެ ނަޒަރުގައި ހުސްކުރެވެންޖެހޭނެ ބަނދަރެއް ރަނގަޅަށް އޮތިއްޔާ މަދުވެގެން ހައެއްކަ ގަޑިއިރުގެ ތެރޭގައި. އެކަން ކުރެވޭނޭ އިންތިޒާމަކަށް ބަނދަރު ހެދުން އަޅުގަނޑުމެންގެ ވިސްނުމަކީ. ހަމައެހެންމެ، އޮޑި އެހެލުމަށާއި އޮޑި މަރާމާތުކުރުމަށް އެ ބަނދަރުގެ ވަސީލަތްތައް އެހީތެރިވެދޭންޖެހޭނެ. އޮޑި އަޅާފައި އޮތުމަށާއި އަދި ބީރައްޓެހިންނަށް އަޅާފައިވާ ބަނދަރެއްގެ ގޮތުގައި މިބަނދަރު ބޭނުން ކުރެވޭނޭ އިންތިޒާމްތައް މިބަނދަރުން ލިބެންޖެހޭނެ. އަޅުގަނޑުމެން ބާރަށް ހުށަހަޅާ ބަނދަރު ނުވަތަ ބާރަށަށް ހުށަހަޅާ ޖެޓީ، އިރާދަކުރެއްވިއްޔާ މި މައިގަނޑު ކަންތައްތައް މި މައިގަނޑު ޚިދްމަތްތައް ފޯރުކޮށްދޭނެ.

އަޅުގަނޑު މިރަށަށް އައުމުގެ ދުވަސްކޮޅެއް ކުރީގައި، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އާމިނަތު ޖަމީލް އަރިހުގައި ދެންނެވިން، އަޅުގަނޑުމެން ބޭނުމޭ ފުރިހަމަ ޕްރޮގްރާމެއް، ޕްލޭނެއް، ބާރަށުން މަދިރި ނައްތާލުމަށް. އަޅުގަނޑުމެން ތެރޭގައި ލަފާކުރެވިފައި އޮންނަނީ އެއީ، ހަމަ ވަރަށް ފަސޭހަ ކަމެކޭ. ބިން ޖެހީމާ ނިމުނިއްޔޭ. އޭރަށް އެކަން ހިނގައިދާނެއޭ. ދެން އަޅުގަނޑުވެސް އެކަން ހިތުގެ އަޑިން ގަބޫލުކޮށްގެން މި ހުންނަނީ. ހުއްޓާ އަޅުގަނޑު މީސްމީހުންކައިރީގައި އެހީމާ، މިކަންކަމާގުޅޭ މާހިރުން އަޅުގަނޑަށް ލަފާދެނީ އެއީ އަދި އެހެން އެހާ ފަސޭހައިން ވާކަމެއް ނޫނޭ. އެކަމާ ގުޅޭ ކަންތައްތަކެއް ރާވާންޖެހެއޭ. އެހެންނަމަވެސް، އަޅުގަނޑު އެންމެ ފުރަތަމައިނުން އެއްބަސްވާނަން، ތިޔަބޭފުޅުންނާ އެއްއަހަރު ދުވަހަކީ، މަދިރިއެއް މަރަން މާގިނަދުވަސް. އަޅުގަނޑުމެންނަށް މިދިޔަ އަހަރުގެ ތެރޭގައި ބާރަށާއި އަދި ޚާއްޞަކޮށް ފުވައްމުލަކާއި އައްޑުއަތޮޅުގެ ރަށްތަކާ، މަދިރިން އުނދަގޫވެފައި މިހުރި ރަށްތަކަށް، ރައްޔިތުންނަށް، މަދިރީގެ ތުރާޔާހުރެ މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން 47000 އާއި 50000 އާ ދެމެދުގެ ރައްޔިތުންނަށް އެބަ އުނދަގޫވޭ. އެއާ ހުރެ އެބަ އުޅޭން ދަތިވޭ. ދެން ބައެއް ފަހަރަށް ޑަބްލިޔޫ.އެޗް.އޯ.އިން ނުވަތަ އެހެންވެސް ޞިއްޙަތާބެހޭ ވުޒާރާތަކުން، ދާއިރާތަކުން ފާހަގަ މިކުރަނީ މިތަންތަނުގައި މިއުޅެނީކީއެއް ގެއްލުމެއްހުރި މަދިރިއެއްނޫނޭ. ހަމައެކަނި އުނދަގުލޭވާނީ. ދެން އަޅުގަނޑުގެ ވާހަކައަކީ، އުނދަގުލަކީވެސް ވަރަށްބޮޑު ގެއްލުމެކޭ. އޭގެން އަޅުގަނޑުމެން ސަލާމަތްވާން އެބަޖެހޭ. ބަލާވެރިކަމެއްގެ ތެރޭގައި އެއްވެސް ބަޔަކު އުޅޭކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް މިމަދިރީގެ އުނދަގުލުން ސަލާމަތްވުމަށް އިރާދަކުރެއްވިއްޔާ ޕްރޮގްރާމެއް އުފެއްދޭނެ. އެ ޕްރޮގްރާމްގެ ތެރެއިން، އަޅުގަނޑު މިދެކެނީ ކުރިޔަށް އޮތް ތިން ހަތަރުމަހެއްގެ ތެރޭގައި ތިޔަބޭފުޅުންނަށް މަދިރީގެ އުނދަގުލުން ސަލާމަތްވެވޭނެކަމަށް.

ރާއްޖޭގައި މިވަގުތުން މިވަގުތަށް، މިހާރުން މިހާރަށް ނަރުދަމާ ބޭނުންވަނީ ކޮންކޮން ރަށްތަކެއްގައިތޯ، 30 ރަށް ހޯދިއިރުގައި އަޅުގަނޑަށް ފުރަތަމަ އެ ރަށްތަކުގެ ލިސްޓު ގެނައިއިރު ބާރަށުގެ ނަމެއް ނެތް. މިހާރު ބާރަށުގެ ފެން ގޯސްކަމަކަށް މާހިރުންނެއް ނުބުނޭ. އަޅުގަނޑަށް ފެނުނު ގޮތުގައި ބާރަށުގެ ފެން ގޯސްވަންދެން ތިބުން އެއީ، ބުއްދިވެރިކަމެއް ނޫން. ކޮންމެހެން ބާރަށުގެ ފެން ގޯސްކޮށްލާނެކަމެއް އަޅުގަނޑުމެން ނެތް. އެހެންވީމާ، މިހާރު ނަރުދަމާއެއް ހެދުން އަޅުގަނޑަށް ފެންނަ ފެނުމުގައި މާރަނގަޅު. ދެން އަޅުގަނޑުމެންގެ މަޖިލީހުގެ މެންބަރުގެވެސް ވަރަށް ގިނަ މަސައްކަތާއި އަދި އެބޭފުޅާ އަޅުގަނޑަށް އެކަން ހަނދާންކޮށްނުދޭ ހަފްތާއެއް ހަމަ ނުދޭ. ބާރަށުގެ މިވެނި ކަމެއް، ބާރަށުގެ އެވެނި ކަމެއް، ބައެއް ފަހަރަށް އަޅުގަނޑު ހިތަށް އަރާ މިނޫން މަގާމެއްގައި އަޅުގަނޑު ހުންނަނަމަ ބުނާނެއޭ ބަލަ ކަލޭ ކާކާ އަޅައިގަނެގެން ތޯއޭ ތިޔަ އުޅެނީ. އަޅުގަނޑުގެވެސް ރަށެއް އޮވެއޭ، އަޅުގަނޑެއް ނުދަމޭ ގަލޮޅުގެ މިވެނިކަމެއް، އެހެން ކިޔަކިޔައެއް އަޅުގަނޑެއް ނުހުންނަމޭ. އެހެންނަމަވެސް، ތިޔަބޭފުޅުންގެ މެންބަރަކީ، މިކަމުގައި ހަމަ އަރާހުންނެވި ބޭކަލެއް. އަޅުގަނޑު އެބޭފުޅާއަށް ޝުކުރު ދަންނަވަން. އެބޭފުޅާގެ ޒުވާން ކަމުގައި އަދި އެބޭފުޅާ އެ ގެންގުޅުއްވާ ފިކުރުގައި. ހަމައެކަނި ބާރަށުގެ ތަރައްޤީއެއްނޫން، އެއީ، ރަނގަޅުގޮތެއްނޫން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ހުރިހާ ވަގުތެއް އެއްކަމަކަށް ނުވަތަ ވަކި ރައްޔިތަކަށް ދޫކޮށްލާކަށް. މަޖިލީހުގެ މެންބަރުން ކުރަނީ އެއްހުވައެއް. މާތްރަސްކަލާނގެ ގަންދީ އެބޭފުޅުން ހުވާ ކުރައްވަނީ، ރާއްޖޭގެ ޤާނޫނުއަސާސީ ދަމަހައްޓާށާއި، ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިވެދޭން.

އަޅުގަނޑަކަށެއް މިއަދު ނެތް، އަޅުގަނޑަކީ ކެރަފާ ގޯތި މީހެކޭ، ގަލޮޅު މީހެކޭ، މާލޭ މީހެކޭ ކިޔާ އިނދެވޭކަށް. އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި. މިތަނުގައި މިއަދު އަޅުގަނޑުމެން ކުރާ ކަންތައްތަކުގެ ސަބަބުން މާދުރު ރަށެއްގައި އޮންނަ އެހެން ތަނަކަށް ހަމަ ކިތަންމެ އަސަރެއް އެބަ ކުރޭ. އަޅުގަނޑުމެންނަށް މިތަނުގައި ކަންތައްތައް ކުރުމަށް، އެހީތެރިވެދިނުމަށް ތިބީވެސް މާދުރުގައި ތިބި މުޅިން އެހެން ބައެއް. އަޅުގަނޑުމެން އަބަދުވެސް، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގާފައި ބަހައްޓަންޖެހޭނެ، އަޅުގަނޑުމެންގެ ވިސްނުން އެބަޖެހެއޭ، އަޅުގަނޑުމެން ރަށުގެ ގޮނޑުދޮށުން، އަތޮޅު ދުނިން އަދި މި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންގޮސް ހުޅުވާލަން. އަޅުގަނޑުމެންނަށް މިއަދަކު ނެތޭ އަޅުގަނޑުމެންނަކީ، އަހަންނަކީ ބާރަށު މީހެކޭ، ބުޅާފާތުމައިދީ ދަރިކޮޅު މީހެކޭ ބުނެ މިތަނުގައި ބޯހަރުކޮށްފައި ހުންނާކަށް.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިރާއްޖޭގެ ރަށްތައް އަދި ޚާއްޞަކޮށް ބާރަށްވެސްމެ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅާލެވޭނެ. މިރަށާއި އަދި މިއަތޮޅުގައާއި މި ސަރަޙައްދުގެ އެހެން ރަށްތަކާ، ކޮންމެ ދުވަހަކުވެސް މިރަށަށް އައިސް، ކޮންމެ ދުވަހަކުވެސް މިރަށުން ފުރޭނެ ނިޒާމެއް އަޅުގަނޑުމެން މިދެކެނީ، ކުރިއަށް މިއޮތް ދެމަސްދުވަހުގެ ތެރޭގައި ޤާއިމު ކުރެވޭނެކަމަށް. މިދެންނެވި ނިޒާމް، މިދެންނެވި އިންތިޒާމް މިހާރުވަނީ ތ. އަތޮޅުގައާއި ލ.އަތޮޅުގައި ފަށައިގެން ހިންގާތާ ދެމަސް ދުވަސްވެފައި. އެ ދެމަސް ދުވަސްވީއިރުގައި އަޅުގަނޑުމެންނަށް ފެނުނު ތަޖުރިބާއަކީ، ލިބުނު ތަޖުރިބާއަކީ، އާބާދީއެއްގެ ދިހަ ޕަސެންޓު ރައްޔިތުން ކޮންމެ ދުވަހަކު ދަތުރަށް އަރައޭ. ބާރަށުގެވެސް ރައްޔިތުންގެ ތެރެއިން ދިހަ ޕަސެންޓު ރައްޔިތުން ކޮންމެދުވަހަކުވެސް ދަތުރަށް އެރެން އޮންނަންޏާ ފުރައިގެން ކޮންމެވެސް ތަނަކަށް ދާނެއޭ. ގޮސްފައި އަންނާނެއޭ. އެ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަކީ، އަޅުގަނޑުމެންގެ ތަރައްޤީގެ ތަޞައްވުރުގައި ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދަތުރުފަތުރުކުރުމުގެ ޚިދްމަތް، މިރަށުގެ ރައްޔިތުންނަށް ކުރިއަށް މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފޯރުކޮށްދެވޭނެ.

ސަރުކާރުގެ ސިޔާސަތެއް އެއީ، ހަނިމާދޫ އެއަރޕޯޓު ބައިނަލްއަޤްވާމީ އުދުހުމަށް ހުޅުވާލުމަށް. މި އެއަރޕޯޓު އުދުހުމަށް ހުޅުވާލުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިޔަށް. ސަރުކާރުންވަނީ އިންޑިޔާގެ ވަރަށް ބޮޑު ކުންފުންޏެއް، ޖީ.އެމް.އާރު ކިޔާ ކުންފުންޏަކާ އެއީ، ޑެއްލީގައިވެސް، އިންޑިޔާގެ ހައިދަރުއާބާދުގައިވެސް އެއަރޕޯޓު އަޅާ ކުންފުނި. އަދި ތުރުކީގައިވެސް އެއަރޕޯޓު އަޅަމުންދަނީ މިދަންނަވާ ކުންފުނިން. މިކުންފުނިން އެއްބަސްވޭ، އަޅުގަނޑުމެންނަށް މިސަރަހައްދުގައި ހަނިމާދޫ އެއަރޕޯޓު އެއީ، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމަށް. އިރާދަކުރެއްވިއްޔާ ސަރުކާރުން އެ މަޝްރޫޢުވެސް ހުއްޓުމެއްނެތި ކުރިޔަށް ގެންދާނަން.

އަޅުގަނޑުމެންނަށް މި މަސައްކަތްތަކަށް ނުކުންނައިރުގައި އަޅުގަނޑުގެ ނަޒަރުގައި ޙަޤީޤީ ތަރައްޤީއެއް އަޅުގަނޑުމެން ލިބޭންވެއްޖެނަމަ، ހޯދަންވެއްޖެނަމަ، އެކަން އަޅުގަނޑުމެންނަށް ވާން އޮތީކީޔެއް ހަމައެކަނި ކޮންކްރީޓަކުން ނޫން. އެކަން އަޅުގަނޑުމެންނަށް ވާންއޮތީ އަޅުގަނޑުމެންގެ ޖީބަށް، އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރެވޭނެ ގޮތް ހޯދައިގެން. މަސައްކަތްތެރިކަން ކުރިއަރުވައިގެން. އަޅުގަނޑުމެންނަށް މިރަށުގައި ތިބެގެން އެއްޗެއް އުފައްދައިގެން އެ އެއްޗެއް ވިއްކައިގެން، އެ އެއްޗަކުން ފައިދާއެއްހޯދޭނެ ގޮތްތަކެއް ފުރިހަމަ ކުރެވިގެން.

ތަރައްޤީއެއް ނުވާނެ އަދި އަޅުގަނޑުމެންނަށް ތަރައްޤީގެ މަގުގައި ކުރިޔަކަށްވެސް ނުދެވޭނެ، މިރަށުގެ ހުރިހާ ރައްޔިތުން އެއީ، ސަރުކާރުގެ މުވައްޒަފުންނަށް ހެދިޔަސްވެސް. އޭރުން ކޮންމެ މީހަކަށްވެސް ތެދުފުޅެއް، އޮންނާނެ މަދުވެގެން ފަސް ހަހާސް ރުފިޔާގެ މުސާރައެއް. އެހެންނަމަވެސް، އެއީކީއެއް ސަރުކާރަކަށް، އެއްވެސް ސަރުކާރަކަށް ދެކޮޅުޖެހޭގޮތުގައި ކަންތައްތައް ކުރިޔަށް ގެންދެވެން އޮތްގޮތެއް ނޫން. ސަރުކާރުގައި މިއުޅެނީ 32000 މީހުން. އަނެއް އެއްލައްކަ ތިންލައްކަ މީހުން އުޅެނީ ސަރުކާރަކުއެއް ނޫން. މި ސަރުކާރަށް ލިބޭ، މި ދައުލަތަށް ލިބޭ އެއްޗެއްގެ ބޮޑު ބައެއް، ހަމައެކަނި 30000 މީހުންނަށް ޚަރަދުކުރީމާ ދެން ތަރައްޤީއަކަށް ނޯވޭ ބޮޑު އެއްޗެއް. އަދި އަނެއް ތިންލައްކަ މީހުންނަށް އެ ވެވެނީ ވަރަށް ބޮޑު ބޭ އިންސާފެއް. ސަރުކާރުން ގަސްދުކުރީ އާންމުންނަށް ފައިސާދެވޭނޭ ގޮތްތަކެއް ހޯދަން.
އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑުމެން ދުށީ، މިރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑު އެހީތެރިކަމެއް، އެންމެ ބޮޑު ޙިއްޞާއެއް ވެފައިވާ ބަޔަކީ، މިއަދު އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނޭ. އަޅުގަނޑުމެން ދުށީ އެ 65 އަހަރުގެ ރައްޔިތުންނަށް، އެމީހުން ކިތަންމެ މަސައްކަތްތަކެއް ކުރީމައޭ މިއަދު އަޅުގަނޑުމެން މިދެކޭ ފަސޭހަކަން އަޅުގަނޑުމެނަށް ލިބިފައިމިވަނީ. އެހެންވީމާ، މިއަދު ޕެންޝަނެއް ޙައްޤީ ކޮންބަޔަކަށްތޯ އަޅުގަނޑުމެން ބަލާއިރުގައި، އެ ޙައްޤީ ހަމައެކަނި ސަރުކާރުގެ އެކިއެކި މޭޒުތައްދޮށުގައި ތިއްބެވި ބޭފުޅުންނަށް ނޫނޭ، މަހަށްދިޔަ މީހުންވެސް ހަމަ ރައްޔިތުންނަށްވެސް ޙައްޤޭ، ރާވެރި މީހުންނަށްވެސް ޙައްޤޭ، ގާނެގި މީހުންނަށްވެސް ޙައްޤޭ، ރެޒޯޓު ހެދި މީހުންނަށްވެސް ޙައްޤޭ، ވެއްޔަށް ދިޔަ މީހުންނަށްވެސް ޙައްޤޭ، އުމުރުން 65 އަހަރުގެ ކޮންމެ އަންހެނަކަސް ފިރިހެނަކަސް 2000 ރުފިޔާގެ ޕެންޝަނެއް ޙައްޤޭ. މިދިޔަ އަހަރު އަޅުގަނޑުމެން އެ ޕެންޝަން ދޭންފެށީ، މިހާރު އަޅުގަނޑުމެންގެ ސަރުކާރަށް އޭގެ 14000 މީހުންނަށް އެބަ އެ ޕެންޝަން ދެވޭ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ބާރަށުގައިވެސް ފަސްދޮޅަހަކަށް މީހުންނަށް، މިދެންނެވި 65 އަހަރުން މަތީގެ ޕެންޝަން ފޯރުކޮށްދެވިއްޖެ. އެއީ، ހަމަ އެ ދޮށީ އުމުރުގެ ރައްޔިތުންނަށް، އުމުރުގެ ފަހު ދުވަސްތައް އުފާވެރިކަމާއެކީގައި ހޭދަކުރުމަށް، ފުރުޞަތެއް ހޯދައިދިނުމަށް ދެވޭ އެއްޗެއް. އެއްވެސް ހާލެއްގައި ދަރިންނަށް ޚަރަދުކުރަން ދޭއެއްޗެއް ނޫން. އަޅުގަނޑެއް ހަމަގައިމުވެސް ނޭދެން، އެ ފައިސާ އެ ދަރިންނަށްވެސް 65 އަހަރުވީމާ، އިރާދަކުރެއްވިއްޔާ ހަމަ މިފައިސާ ލިބޭނެ.
އެހެންވީމާ، މިއަދު ކާފައިންނާ މާމައިން، އެ ފައިސާ ޚަރަދުކުރަންވީ ހަމަތިޔަބޭފުޅުންގެ އަމިއްލަ ކަންކަމަށް. ހިތްހަމަޖެހުން ލިބޭނެ ކާފަދަރިޔަކަށް ހަދިޔާއެއް ދެވުނީމަ. އެއީ، މުޅިން އެހެންކަމެއް. އެހެންނަމަވެސް، ފައިސާކޮޅު ވިޔާނުދާ ޒުވާން ދަރިއެއްގެ ވިޔާނުދާ ޢަމަލުތަކަށް ހޭދަކޮށްލަން، ދޫކޮށްލަންޖެހުން އެއީ، އަޅުގަނޑުމެން އެދޭނެ ގޮތެއް ނޫން. އަޅުގަނޑަށް ޔަޤީން، އެއްވެސް ބަފަޔަކުވެސް، އެއްވެސް އަމަޔަކުވެސް، ޙަޤީޤަތުގައި އެއީ ފައިސާ ޚަރަދުކުރަން އެދޭނެ ގޮތެއް ނޫންކަން. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުން މި ވިސްނާ ވިސްނުމަކީ، ދޮށީ އުމުރުގެ މީހުނަށް، އުމުރުގެ ފަހުކޮޅުގައި ރިވެތިގޮތުގައި އުޅެވޭނެ ގޮތެއް ހޯދައިދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދެކެނީ މިދިޔަ އަހަރު ދުވަހުގެ ތެރޭގައި އެމަގު އެ އުމުރުގެ ރައްޔިތުންނަށް ހޯދައިދެވިއްޖެކަމަށް.

މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އިތުރަށް އަދި ރައްޔިތުންނަށް ހީވާ ގޮތުގައި ޚަރަދުތަކެއް ކުރުމަށް މިވަނީ ރޭވިފައި. ސަރުކާރަށް ލަފާކުރެވޭ ގޮތުގައި، މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން 106322 މީހުންނަކީ ފަޤީރުން. އެމީހުންނަކީ މަހަކަށް 600 ނުޖެހޭ މީހުން. ސަރުކާރެއް ނުދެކޭ މަހަކަށް 600 ރުފިޔާ ދީގެން، ޖެހިގެނެއް ދެއިރު ހަމަޔަށް ކައި، ދަރިން މަދަރުސާއަށް ފޮނުވައި ވާ ބައްޔަށް ބޭސްފަރުވާ ލިބިގެން، ބޯހިޔާވަހިކަމެއް ހޯދައިގެން ދިރިއުޅުމެއް އުޅެވިދާނެ ކަމަކަށް. އެހެންވީމާ، އަޅުގަނޑުމެންގެ އޯގާތެރި ދައުލަތެއްގެ އިންތިޒާމްގެ ތެރެއިން، އޯގާތެރި ދައުލަތުގެ ޕްރޮގްރާމްގެ ތެރެއިން، ރައްޔިތުންގެ ތެރެއިން އާމްދަނީ މަދު، ނިކަމެތި ފަޤީރުންނަށް އެހީތެރިވެދިނުމަށް މިއަހަރުގެ ބަޖެޓުގައި ވަރަށް ބޮޑުކޮށް ކަނޑައަޅާފައިވާނެ. 1.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ، ކަރަންޓު ބިލް ނުދެއްކޭ މީހުންނަށް ކަރަންޓު ބިލް ދައްކައިދިނުމަށް. މަދަނަ ޕްރޮގްރާމުގައި ބައިވެރިވެގެން އެ އެއްލައްކަ ރުފިޔާއާ ހަމައަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް. 65 އަހަރުން މަތި ނޫނަސް، ސަރުކާރުގައި އުޅުނު ކޮންމެ މީހަކަށް ޕެންޝަނެއް ދިނުމަށް އެއީ، ކޮންމެހެން އެ ޕެންޝަންގެ އޭނާ ސަރުކާރުގައި އުޅުނު ދުވަސްވަރުގައި އޭނާއަށް ލިބުނު މުސާރައެއްގެ ބައިކުޅަ ބަޔަށް ބަލައިގެންދޭ 15 ރުފިޔާގެ ޕެންޝަނެއް ނޫން ނުވަތަ 30 ރުފިޔާގެ ޕެންޝަނެއް ނޫން. ރަނގަޅު ޕެންޝަނެއް އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށްވެސް ފޯރުކޮށްދެވޭނެ. އަދި ހަމައެހެންމެ، ގެދޮރާއި މިބާވަތުގެ ކަންކަން ހޯދުމަށްޓަކައި ސަރުކާރުން މިއަޅާ، އަޅަން ނިންމާފައިވާ ގެތަކަށް ފައިސާ ދައްކާ ޚަލާޞް ކުރާ އުސޫލުން އަޅަން ނިންމާފައިވާ ގެތައް ލިބިގަތުމަށްޓަކައިވެސް ސަރުކާރުން ހުންނާނީ ބަޖެޓު ކޮށްފައި. އެހެންވީމާ، މިއަހަރުގެ ބަޖެޓަކީ ޙަޤީޤަތުގައި ވަރަށް ބޮޑަށް، ޖީބަށް ސީދާ ޢާންމު ރައްޔިތުމީހާގެ ޖީބަށް ފައިސާ ފޯރުކޮށްދިނުމަށް ސަރުކާރުން ޚަރަދުކުރާ ބަޖެޓެއް.

ސަރުކާރުން ނިންމީ ކުރީއްސުރެ ފަށައިގެން ފާހަގަކުރަމުން އަންނަ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް، އަޅުގަނޑުމެން މިދެކޭގޮތުގައި ރަށްވެހި ތަރައްޤީގެ މަސައްކަތްތައް، އެމަސައްކަތްތައް ކުރުމަށް އެހެންޏާވިއްޔާ އެބަހުރޭ، ބަޖެޓުގައި 2 މިލިއަން ރުފިޔާ ނުވަތަ ދޮޅު މިލިއަން ރުފިޔާ ޖަހާފައި. އެހެންނަމަވެސް، އަހަރުނިމޭއިރުގައި ޚަރަދުވެފައި އޮންނަނީ ގާތްގަނޑަކަށް 400، 500 މިލިއަން ރުފިޔާ. އެއްސަބަބަކީ، ހަމަ ފައިސާ ނުވެސް ނެތީސް ގަނޑެއްގައި ގަލަމަކުން ޖަހާލެވޭތީވެ ޖެހީ. އެއްގޮތަކަށްވެސް އެފައިސާ ހުރިތޯ ނެތްތޯ ބެލުން އެއީ، ޒިންމާދާރު ކަމެއްގެ ގޮތުގައިވެސް ނުދެކުނީ. އެހެންވީމާ، އެފައިސާ ހަމަ ޖަހާލާފައި ބަޖެޓު ދުވަހު އޭރުން ރައްޔިތުންނަށް އިޝާރާތްކޮށްލެވެން އޮންނާނެ، ކޮބާ މިރަށުގައި ނަރުދަމާ، މިރަށުގައި ޖެޓީ، މިރަށުގައި އެވެނިކަމެއް މިވެނި ކަމެއް ބަޖެޓުގައި އެބައޮތޭ.

އަޅުގަނޑު ހަނދާންވާގޮތުގައި މިރަށުގެ ލަފާފުރުމުގެ ދަތިކަމުން މިރަށަށް ފަސޭހަކަން ހޯދައިދިނުމަށް ބަޖެޓުގައި ޖަހާތާ ތިން ހަތަރު އަހަރު ވެދާނެ. މިއަހަރު އެކަނި އެ ބަޖެޓުގައި ނެތީ. އިރާދަކުރެއްވިއްޔާ މިއަހަރު ތިޔަބޭފުޅުންނަށް އެކަންވާނެ. ސަރުކާރުން މިމަސައްކަތް ހިންގާން ރާވާފައިވަނީ ސީދާ މުޅިއަކު ބަޖެޓަކުންނެއް ނޫން، ދެގޮތަކަށް. އެއްގޮތަކީ، ސަރުކާރުން މިބުނަނީ ސަރުކާރުން ދިހަ އަހަރުދުވަހުގެ ތެރޭގައި މިރަށުގައި މިސާލަކަށް، އަޅގަނޑު ހަމަ މިސާލާއެކީގައި ދަންނަވާނަން. ރޭ ނޫން އިހަށްރޭގައި ޓީވީ މޯލްޑިވްސްގެ ވާހަކައެއް މިސާލާއެކީގައި ބުނެވިގެން އެ އޮފީހުގެ މީހުން ވަރަށް ހިތް ނުތަނަވަސްވެފައި ތިބީ. އަޅުގަނޑު އުންްމީދުކުރަން ތިޔަބޭފުޅުންނަށް އެއޮޅުން ނާރާނެކަމަށް. މިރަށުގައި އަޅުގަނޑުމެން މި ބޭނުންވާ ކަހަލަ ޖެޓީއެއް ހެދުމަށް ދާނެ، ފަންސަވީހަކަށް ތިރީހަކަށް މިލިއަން ރުފިޔާ. ރަނގަޅަށް އެމަސައްކަތް ކުރުމަށް. ސަރުކާރުން ހޯދައިފީމު ބައެއް. އެމީހުން ކައިރީގައި ބުނެފީމު މިތަނުގައި މިމަސައްކަތް ކުރާށޭ، ސަރުކާރުން ހޯދައިދޭނަމޭ ސަރުކާރުން މިފައިސާ އެކުންފުންޏަށް ދައްކާނަމޭ ދިހަ އަހަރު ދުވަހުގެ ތެރޭގައި. އެކުންފުންޏަށް ފައިސާ ހޯދަން މިވެނި ޤައުމެއްގެ މިވެނި ބޭންކަކުން ސަރުކާރުން ހުންނާނެއޭ ފައިސާ ލިބޭގޮތަށް އެ ބޭންކާ ވާހަކަ ދައްކާފައި. ސަރުކާރުން ބޭނުން ނުވަނީ ސަރުކާރަށް އެ ލޯނު ނަގަން. މިހާރުވެސް އަޅުގަނޑުމެންނަށް ލިބޭ އެއްޗެއްގެ ބޮޑު ބައެއް ޚަރަދުކުރާން މިޖެހެނީ މިލޯނުތައް އަނބުރާ ދައްކަން. އޭގެ ބަދަލުގައި، އެހެންވީމާ 2 ބިލިއަން ރުފިޔާގެ މަސައްކަތް ސަރުކާރުން ކުރަން ފަށަން. ޙަޤީޤަތުގައި މިއަހަރު ސަރުކާރަށް ޚަރަދުކުރާން މިޖެހެނީ 200 މިލިއަން ރުފިޔާ. އެއީ، މިދެންނެވި އުޞޫލުން މިކަން ކުރެވެން އޮތީ. 10 އަހަރުވަންދެން އަޅުގަނޑުމެން ބާރަށު ބަނދަރަށް ސަރުކާރުން ލާރި ދައްކަމުން ގެންދާނަން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މިއަހަރު ބާރަށު ބަނދަރު އޮންނާނީ ހެދިފައި. އެބަނދަރުގެ އާމްދަނީއެއްވެސް ނުކުންނާނެ، އެބަނދަރުގެ ސަބަބުން ތަރައްޤީވެސް އިތުރުވެގެންދާނެ، އެހެންވީމާ، ސަރުކާރުގެ އާމްދަނީވެސް އިތުރުވެގެންދާނެ، އެހެންވީމާ، ސަރުކާރުން އެބަނދަރަށް ފައިސާ ދެއްކުންވެސް އެއީ، ފަސޭހަކަމަކަށް ވެގެންދާނެ.

މިއަށް އެބަކިޔާ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ސަޕްލައިއާ ކްރެޑިޓުން މަސައްކަތްކުރުން. މިގޮތަށް ސަރުކާރުގެ ރަށްވެހި ތަރައްޤީގެ މަޝްރޫޢުތައް ނުވަތަ ކުރީގައި ކިޔަމުން އައިގޮތަށްނަމަ ޕީ.އެސް.އައި.ޕީ، އެއީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް. އޭގެ މަސައްކަތްތައް މިދަންނަވާ އުސޫލުން ކުރީމާ މާގިނަ މަސައްކަތްތައް ކުރެވި މާހަލުވިކަމާއެކީގައި މަސައްކަތްތައް ގެންގޮސް ނިންމޭނެކަމަށް އެއީ، އިންސާނީ ތަޖުރިބާ ދައްކާފައިއޮތް ފިލާވަޅު. އަޅުގަނޑުމެނެއް އަލުން އަނބުރާ އާގޮތެއް ހޯދާކަށް އުޅޭނެ ކަމެއް ނެތް. ދުނިޔޭގައި ކާމިޔާބު ގޮތްގޮތް ކާމިޔާބު ކަންކަން ދެނެގަނެގެން އެކަންކަމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔައިމާ ނިމުނީ. އެހެންނަމަވެސް، މީގެކުރީގައި މިގޮތަށް މަސައްކަތް ނުގެންދެވެނީ، އެބޭފުޅުންގެ ވިސްނުމުގައި ކުރީ ސަރުކާރުގެ ވިސްނުމުގައި މި ވިސްނުން ނެތީމަކާއެއް ނޫން. މިދާން މިޖެހެނީ ތަރައްޤީވެފައިވާ ޤައުމެއް ކައިރިޔަށް، އެޤައުމެއްގެ ބޭންކަން، އެޤައުމެއްގެ ސަރުކާރާ ވާހަކަދައްކަން. ދިޔައިމާ ފުރަތަމައިނުން އަހާ ވާހަކަޔަކީ، ތިޔަބޭފުޅާގެ އިދިކޮޅު ޕާޓީގެ މީހާ އިނީ މިވަގުތު ކުޑަގޮޅީގައިހޭ. އެހެން އޮއްވާ ކިހިނެއްހެއްޔޭ ދެކޭނީ ތިޔަބޭފުޅާ ތިޔަދައްކަވާ ވާހަކަ. އެއީ އަދި ރައްޔިތުންގެ ވާހަކަތޯ، ސުލްހަވެރި ގޮތުގައި ސިޔާސީ ހަރަކާތް ތިޔަ ޤައުމުގައި ހިންގޭ ހެއްޔޭ؟ ވާދަވެރި ސިޔާސީ ނިޒާމެއް ތިޔަ ޤައުމުގައި އެބައޮތް ހެއްޔޭ. މި ސުވާލުތަކަށް އަޅުގަނޑުމެންނަކަށް މީގެކުރީގައި މި ޤައުމަކަށް ޖަވާބެއް ނުދެވޭ. އެޖަވާބު ނުދެވުނީމާ އަގުބޮޑު ކުންފުނިތައް މެދުވެރިކޮށްގެން މިރާއްޖެއަކީ ނަމޫނާ ޑިމޮކްރެސީއެކޭ ބުނެ އަދި ހުއްޖަތު ދެއްކެވިއެއްކަމަކު އެ ދަޅައެއްގައެއް ބައިނަލްއަޤްވާމީ ދުނިޔެއެއް ނުޖެހޭ. އެހެންވީމާ، ކުންފުންޏެއް ނުލިބެއޭ ދިހަ އަހަރުދުވަހަށް ސަރުކާރަށް އިތުބާރުކުރާނެ. ސަރުކާރުތަކަށް އިތުބާރު މިކުރަނީ ވެރިކަން ހިންގާ ގޮތް ހެޔޮވީމާ. ދުނިޔޭގެ އެހެން މީހުންވެސް، އެހެން ޤައުމުތަކުގައިވެސް ވެރިކަން ހިންގާ ގޮތަށް ރާއްޖޭގައިވެސް ވެރިކަން ހިންގީމާ.

މާތްރަސްކަލާނގެ އިރާދަފުޅާއެކީގައި އަދި ހަމަ ޚާއްޞަކޮށް ތިލަދުންމަތީ ވަރަށް ގިނަ ރައްޔިތުންނާއި ޒުވާނުންގެ ހީވާގި މިންނަތް މަސައްކަތާއެކީގައި ރާއްޖެ މިވަނީ މިދެންނެވި ޑިމޮކްރަސީގެ މަގަށް ބަދަލުކޮށްފައި. އޭގެން ލިބޭ އެންމެ ބޮޑު ފައިދާއަކީ، މިދެންނެވީ މި ސަރުކާރަށް މިހާރު ގޮސް ބޭންކެއް ކައިރީގައި ލަދަކާނުލައި ތިމަންނާމެން ތަރައްޤީއަށް ފައިސާ ބޭނުމޭ ހެޔޮއަގުގައި ދޭށޭ، އެހެންބުނީމާ ލިބޭ. މީގެކުރީގައި، އެފައިސާ ނުލިބުނީމާ ފައިސާ ނަގާފައި ޖެހެނީ ބޭންކް އޮފް ސިލޯނުންނާއި ދެންވެސް މާލޭގައި އުނގުވިޔަފާރި ކުރާ އެހެން މީހެއްގެ އަތުންނާއި، މިބާވަތުގެ ކަންކަން ނެގީމާ މިއަދު މިއަހަރު ސަރުކާރުން ތަޢުލީމަށް ޚަރަދުކުރާ ވަރަށްވުރެ ގިނަކޮށް އެބަޚަރަދުކުރަންޖެހޭ ލޯނު އަނބުރާ ދައްކަން. މިއަހަރުގެ ބަޖެޓުގައި 1.3 ބިލިއަން ރުފިޔާ ޚަރަދުކުރަން އެބަޖެހޭ، މީގެކުރީގައި ދަރަންޏަށް ނަގާފައިހުރި ފައިސާ ދައްކަން. އެއީ، މިހާ ބޮޑެތި އަގުގައި ފައިސާ ނެގީމާ. އަޅުގަނޑު މިދަންނަވާ ވާހަކަޔަކީ، އަޅުގަނޑުމެން މިފޯރުކޮށްދޭ ތަރައްޤީގެ މަޝްރޫޢުތަކަކީ، ޙަޤީޤަތުގައި އަޅުގަނޑުމެން ކޮށްދޭ ކަމެއް ނޫން. އެއީ، ތިޔަބޭފުޅުން އަމިއްލަޔަށް ކުރައްވައިގެން އުޅުއްވާކަމެއް. މިގޮތަށް ދިވެހި ވެރިކަން ބަދަލުކުރީ ތިޔަބޭފުޅުން. އޭގެ ނަތީޖާ. އޭގެ ފައިދާ ހަމަ ތިޔަ ރައްޔިތުންނަށް ލިބޭނެކަމީ އަޅުގަނޑު އެއްވެސް ހާލެއްގައި ޝައްކުކުރާ ކަމެއް ނޫން.

އަޅުގަނޑުގެ އުންމީދަކީ، މިއަށްވުރެ އަދި މާ ފާގަތި ބާރަށެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. السّـلام عليـكم