بســم اللّـه الرّحمـن الرّحيــم

މަންދު ކޮލެޖުގެ ޗެއަރ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އެހެން ދައުލަތުގެ ވަޒީރުން، ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މަންދު ލަރނިންގ ސެންޓަރުގެ އެކުވެރިން.

السّــلام عليــكم

އަޅުގަނޑުމެން އެންމެ ފުރަތަމަ އަޑުއެހީ ޢާމިރުގެ ވާހަކަކޮޅު. އަޅުގަނޑަށް މިރޭ މިއެނގުނީ ސާފުކޮށް، ނުވަދިހައިގެ ތެރޭގައި އަޅުގަނޑަށް ހަމަގައިމުވެސް އެންމެ ރީތިވި އެއް ޅެމަކީ، "ޖަވާބު ސުމެއް" ކިޔާ ޅެމެއް. އޭގައި އަޅުގަނޑު ހަނދާންވާގޮތުގައި ފަށާއިރު އޮންނާނީ "ހިތާ މޭ ހިބައިން ލިޔެދިނީމާ ނުވޭހޭ، ހިތާ ހިތުގެ ހިތި ނާތުލާ ހަމަ ނުވީހޭ" އެއީ، ފަރެސް ޢާމިރު ކިހިނެތްވެގެން ލިޔުނު ޅެމެއްކަން އަޅުގަނޑަށް މިރޭ ކޮންމެވެސް މިންވަރަކަށް މި އިޙްސާސް ކުރެވެން ފެށީ. އަޅުގަނޑު އޭރުގައި ހީކުރީ ޖަޒުބާތީ އެތައް ކަމެއް ހިނގަމުން ދަނީއޭ. އެހެންނަމަވެސް، މިހާރު މިއެނގުނީ ކޮލެޖުގެ މައްސަލަކަން އަސްލުގައި ހިބައިން ލިޔެދީގެންވެސް ހަމަ ހިތާ ހިތުގެ ހިތި ނާތުލާ ބަޔަކަށް ނުވެގެން މިއުޅެނީ.

އަޅުގަނޑު ވަރަށް ފަރިތަ ތަނެއް މަންދު ލަރނިންގ ސެންޓަރަކީ. އަޅުގަނޑުވެސް އެ ސެންޓަރުގެ އެކިއެކި ދުވަސްވަރު އެ ސެންޓަރު ދެކި އުޅުނިން. އަދި މި ސެންޓަރު އިބްރާ ހައްދަވަމުން ގެންދެވިއިރުގައި އަޅުގަނޑު އިންނަނީ ވަޑާން ގެއެއްގައި. އެހެންވީމާ، އަދި މާބޮޑަށް އަޅުގަނޑަށް ހުރީ ސެންޓަރުގެ އެކިއެކި ކަންކަމުގައި، ޚާއްޞަކޮށް ބޯގަންވިލާގައި ސެންޓަރު ޢިމާރާތް ކުރެވެމުން އައިއިރުގައި އަޅުގަނޑަށް ވީ މިންވަރަކުން އެތަނަށް ވަދެ އަދި ބައެއްފަހަރަށް އަޅުގަނޑު ހަނދާންވަނީ ސެންޓަރުގެ ވަރަށް ގިނަ މަސައްކަތް އަޅުގަނޑުމެންނަށް އޭރުގައި ވަޑާންގޭގެ ތެރެއިން ކުރެވިފައި އެބަހުއްޓޭ.

މިރޭ މި ސެންޓަރު ކޮލެޖަކަށް ވެގެންދާއިރު އަޅުގަނޑުވެސް ހަމަ އުފާވާ ކިތަންމެ ސަބަބެއް އެބަހުރޭ. އަޅުގަނޑުމެން މިހާރު މިދަނީ ބަޖެޓު ހުށަހަޅައިގެން ބަޖެޓުގެ ބަހުސްގެ ތެރޭގައި. މެންބަރުން އެބަ އައްސަވާ، މަތީ ތަޢްލީމަކަށް ނެތޭ އެއްވެސް އެއްޗެއް. މެންބަރުން އެބަ އައްސަވާ މިބާވަތުގެ ވަރަށް ގިނަ ވާހަކަތައް. އަޅުގަނޑުމެންނެއް ހަމަ ގައިމުވެސް މަންދު ލަރނިންގ ސެންޓަރުގެ ބަޖެޓެއް ދައުލަތުގެ ބަޖެޓުގެ ތެރެއަކު ނުޖަހާނެނޫންތޯ. މިއީ، ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕުން މަސައްކަތްކޮށްގެން ހަމަ އެއްމަޤްސަދެއްގައި ހާޞިލްވާ މަގު ޙާޞިލުވާގޮތް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ސަރުކާރެއް ނުދެކޭ ޚާއްޞަކޮށް މިހާރު ދައުލަތުގެ ނުވަތަ ސަރުކާރަށް ލިބޭ އާމްދަނީއިން ރާއްޖޭގެ ހުރިހާ ކަމެއް، ހުރިހާ ރައްޔިތުންނަށް ސަރުކާރުން ކޮށްދެވޭނެކަމަކަށް. އެއްވެސް އިރެއްގައި އެކަމެއް އެގޮތަކަށެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ތަރައްޤީ މިޤަރުނަށް ރާއްޖެ ފުރޮޅިގެން އައިއިރުގައި ހަތަރު އަނގޮޅިއެއްގެ މެދަށް މިހުރީ ހުއްޓިފައި. އަޅުގަނޑު ދަންނަވާނީ 1960 ހުއްސުރެ އައިސް، އެޤަރުނު 1900އިގެ އަހަރުތައް ނިމެންދެން ރާއްޖެ ކުރިއަރަމުން ދިޔައީ ވަރަށް ބާރަށޭ. އާދަޔާ ޚިލާފަށް ޚާއްޞަކޮށް 80 އިގެ އަހަރުތަކުގައި ޓޫރިޒަމްގެ ފައިސާ އާމްދަނީއަށް ލިބިގެން ދިޔައިމާ، ރާއްޖޭގެ ތަރައްޤީ ވަރަށް ބާރަށްކުރިއަރައި ދިޔަ. 80 އިގެ ދުވަސްވަރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިހެން އާދައިގެ ތަޢްލީމެއް ދެވޭނެ ބިންގާތަކެއް އެޅި، ތަޢްލީމީ ނިޒާމެއް 80 އިގެ ތެރޭގައި ރާއްޖޭގައި ޤާއިމުވެގެންދިޔަ.

ދެން އަޅުގަނޑު ހަމަ ހަނދާނަށް އަންނަނީ 1989 ވަނަ އަހަރު 1990 ވަނަ އަހަރު ފެށުނުއިރުގައި އަޙްމަދު ޢްއްބާސްގެ ކާޓޫނެއް. އޭގައި ރަމްޒުވަނީ ވަރަށް ގިނަ ކުދިންނާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ. ޢައްބާސްގެ މެހި އެއީ، އެކާޓޫނުގައި މިބުނަނީ ދެންކިހިނެތްހޭ ހަދާނީ. ހަމައެދުވަސްވަރު އަޅުގަނޑުމެން ދުށިން ވަރަށް ޞަރީޙަ މަންޒަރެއް، ފޮޓޯއެއް. ވަރަށް ބައިވަރު ކަބް ކުދިންތަކެއްގެ މެދުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ހުންނަވަނިކޮށް. އަޅުގަނޑު ހަމަ އެދުވަހުވެސް ހިތައްއެރި ދެންކިހިނެއްބާވައޭ ހަދާނީ. މިހުރިހާ ކުދިން ބޮޑެތިވާނެއޭ. މިހުރިހާ ކުދިން ނުކުންނާނެއޭ. ދެންކިހިނެއްބާއޭ އަޅުގަނޑުމެން ހަދާނީ. ދެން ކިހިނެއްބާއޭ ވާނީ. ސަރުކާރަކުންނެއް، ސަރުކާރުން އެކަނި އެހުރިހާ ކުދިންނަށް އެދުވަހު ކަންތައްތައް ކޮށްދެމުން ގެންދިޔަ ގޮތަކަށް ނުކޮށްދެވޭނެކަން އަޅުގަނޑަށް، ހަމަގައިމުވެސް އަޅުގަނޑަށް އެކަންޏެއް ނޫން، ރާއްޖޭގެ އެތައް ބަޔަކަށް އޭރުގައިވެސް ދިޔައީ ސާފުވަމުން.

އަޅުގަނޑުމެންނަށް ސަރުކާރުގެ ސިޔާސަތު ފުރޮޅާނުލާ ހަމަ އެއްވެސް ހާލެއްގައި ދެން ކުރިޔަށް ދެވޭކަށެއްނެތް. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ނުވަތަ ޕީ.އެސް.އައި.ޕީ ނުވަތަ ރަށްވެހި ތަރައްޤީގެ މަޝްރޫޢުތައް، މަސައްކަތްތައް ސަރުކާރުން އެކަނި ހިންގައިގެން އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ދިރިއުޅުން، އަޅުގަނޑުމެން މިއެދޭ އަނެއް ގޮތް، އެހެން ދިވެހިރާއްޖެއެއް އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަމިއްލަ ފަރާތްތަކާއި ސަރުކާރާ ގުޅިގެން ރާއްޖޭގެ އެކިއެކި މަސައްކަތް، އެކިއެކި ކަންކަން، އެކިއެކި ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނޭ ހަމަތަކާއި އުސޫލުތައް ދުނިޔޭގައި ހިންގާފައި ހުރީ ކިހިނެއްތޯ، އެހިންގާފައި ހުރި ޤައުމުތަކުގައި އެކަން ކޮށްފައި އޮތް ގޮތް، ތަޖުރިބާ ލިބިގެން އޭގެން ދެނެގަނެގެން އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިހާރު ހުއްޓިފައި މިތިބި ހަތަރު އަނގޮޅީގެ ކަންމަތި، އެކަންމަތިން އަޅުގަނޑުމެން ނެއްޓެންވީ. އެކަންމަތީގައި އަޅުގަނޑުމެން ތިބި ތަޞްވީރެއް އަޅުގަނޑު ހަނދާންވޭ، އޭރުގެ ސަންގު ނޫހުގައި މަންދު އަޙްމަދު ޢަލީ ނަޞީރު ލިޔުއްވާފައިއޮތް މަޒުމޫނެއްގައި އޮއްވާ. އެގޯޅިން އެތަނުން އަޅުގަނޑުމެންނަށް ދެވޭނީ، އަޅުގަނޑުމެން ހަމައެކަނި ސަރުކާރުން މި ހޯދާ މި ލިބޭ، ސަރުކާރަށް މި ލިބޭ އާމްދަނީއަކުން ސަރުކާރުގެ ޚަރަދުތައް ކޮށްގެނެއް ނޫން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑާ އެއްވަރަށް އިބްރާހީމް އިސްމާޢީލަށްވެސް އަދި މި ހޯލުގައި މިއަދު މި ތިއްބެވި ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ހަޔަރ އެޑިޔުކޭޝަން ޑިޕްލޮމާއަށް މިހާރު އަޅުގަނޑުމެންނަށް ސަރުކާރުން ޓީޗަރަކު ތަމްރީނުކުރަން އެއްއަހަރު ދުވަހުގެ ތެރޭގައި ދާ ޢަދަދު ސަރުކާރަށް. މި ސްކޫލަށް އެ ޢަދަދުގެ ބައިކުޅަ ބައެއްވެސް ޚަރަދުކުރާކަށް ނުޖެހޭނެ.

އަޅުގަނޑު މިއަދު ވާހަކަދައްކާއިރުގައި އަޅުގަނޑު އަބަދުވެސް މިކަމުގެ މިސާލެއްގެ ގޮތުން ނަގަން ދި އެފްއެމް. އެތަނުގައި އަޅުގަނޑު އެތަން ބަލާލަން ދިޔަ ދުވަހެއްގައި ގިނަވެގެން ތިބީ ވިއްސަކަށް މުވައްޒަފުން، އެމީހުން 24 ގަޑިއިރު ޕްރޮގްރާމް ފޮނުވަމުން ގެންދޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވެ ޓެލެވިޜަން މޯލްޑިވްސް ބަލާލިއިރު 512 މުވައްޒަފުން. ހަމަ މިތަނުންވެސް 24 ގަޑިއިރު ރޭޑިޔޯއާއި ޓީވީގެ ޚިދްމަތްދެނީ. ސަރުކާރަށް ޓީޗަރެއް ތަމްރީނުކުރަން ފަންސަވީސް ހާހާއި ތިރީސްހާހާ ދެމެދަށް އަހަރަކަށް ޚަރަދުކުރަންޖެހޭ. މިތަނުން އަޅުގަނޑަށް ޔަޤީން، އަހަރެއްގެ ފީ އެވަރު ނުވާނެކަން.

އަޅުގަނޑުމެންނަށް ކޮބައިތޯ އިންސާފަކީ، އަޅުގަނޑުމެންގެ ފައިސާއެއް ނޫން، ރައްޔިތުން އަތުން ނަގާ ފައިސާ. ރައްޔިތުންގެ ތަރައްޤީއާއި އަޅުގަނޑުމެންގެ ކުރިއެރުމަށް ޚަރަދުކުރާންހުރި ފައިސާ. ސަރުކާރުން މި މަސައްކަތް ކުރުމަށް އުޅެ، އެހާމެ ބޮޑު ހޭދައެއްކޮށް އަދި ކޮންމެހެން ލިބެނީ އެންމެ ރަނގަޅު ނަތީޖާކަމަށް ނުވެދާއިރުގައި ޑޮކްޓަރ ލުޠުފީ ވަރަށް ގިނައިން ވިދާޅުވާނެ ހަމަ ކުރީގައިވެސް ކަންކުރަމުން އައިގޮތަށް، ކޮށްކޮށް ކޮށްކޮށް އަޅުގަނޑުމެން ތިބެންވީހޭ. ނޫން، އާ ވިސްނުން އަޅުގަނޑުމެން ނެރެންވީ. އާގޮތްތައް އަޅުގަނޑުމެން ހޯދާންވީ.

މިރޭ އަޅުގަނޑު ހަމަ މިތަނަށް އައިސް މިހުރީ އިބްރާ އެވިދާޅުވާ ލައިކް މައިންޑެޑް މީހުންނަށް މިބާވަތުގެ ކަންތައް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސިޔާސަތު އެކުލަވާލާފައި އަޅުގަނޑުމެނެއް އިބްރާ އަރިހަކު ނުދަންނަވަން، ކޮބާ މި ސިޔާސަތު ރަމްޒުވާ އެންމެ ބޮޑު މަދަރުސާ، އެންމެ ފުރަތަމަ އެންމެ ބޮޑުތަން ހުޅުވަންވީނޫންތޯއޭ. އަޅުގަނޑުމެންނެއް ނުދަންނަވަން، އަޅުގަނޑު އެ ވާހަކައެއް ނުދައްކަން. އިބްރާއާ އެއްވެސް ހާލެއްގައި އެ ބާވަތުގެ އެއްވެސް ވާހަކައެއް ދެއްކީކީނޫން. އެހެންނަމަވެސް، އަޅުގަނޑަށް މިއަދު މިތަނުން އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި ރަށްވެހި ޕްރޮގްރާމަށް އަޅުގަނޑުމެން ރަށަށް ލިބެން އޮތީ ކޯޗެއްހޭ އަނެއް ތަނަކަށް އޮތީ ކޮންކަމެއްހޭ، މި ހުރިހާ ސުވާލެއްގެ ޖަވާބު އަޅުގަނޑުގެ ނަޒަރުގައި މިރޭ އެބަ ލިބޭ. ކިހިނެއްތޯ ދެން މިރާއްޖެ އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ކުރިޔަށް ގެންދާނީ. އެ ހުރިހާ ސުވާލެއްގެ ޖަވާބު އަޅުގަނޑަށް މިރޭ މިތަނުން ލިބޭ. އެކަމަށްޓަކައި މަންދު ލަރނިންގ ސެންޓަރުގެ އެންމެހާ ބޭފުޅުންނަށް އަޅުގަނޑު ނިހާޔަތަށް ސަރުކާރުގެ ނަމުގަޔާއި އަދި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.

މި ސެންޓަރު ނިސްބަތްވަނީ މި ސެންޓަރުގެ ނަން މި ދެވިފައި މިއޮތީ މަންދު ލަރނިންގ ސެންޓަރުގެ ގޮތުގައި. އަޅުގަނޑުގެ ޙަޔާތުގެ ދުވަސް މާމަދު، އެއީ ކޮން ބައެއްތޯ މިތަނުގައި ސާފުކޮށް ކިޔައިދޭން. އަޅުގަނޑުމެންނެއް ހަމަގައިމުވެސް ހަނދާނެއް ނުހުރޭ އެ، އާއިލާއިން އެ މީހުންގެ ތެރެއިން ފޮތާއި، ލިޔުމާއި، ކިޔުމާއި، ތަޢުލީމާ އެކަންކަމާ ގުޅޭ މީހުންތަކެއް ނޫޅޭ. އަޅުގަނޑުމެން އެންމެ ބޮޑަށް ހަނދާންވަނީ، ޢަލީ ނަޞީރު މަނިކުގެ ސިޔަރަތު. އަދި ހަމަ އެގޭ އެންމެން. އަދި އަޅުގަނޑު ހަމަ އެހާމެ ބޮޑަށް ހަނދާންވޭ ޢަބްދުﷲ ވަޙީދު މަންދު، އަދި ބޯގަންވިލާ ހުރިހާ ބޭފުޅުން. އަދި އެންމެ ކުރިން އަޅުގަނޑަށް ހީވަނީ މިބޭފުޅުންނަށްވެސް އަދި ސާފުވާނީ ކުޑަކޮށް އޮޅުންފިލުވާލެއްވީމާހެން. އަޅުގަނޑަށް ފެނުނު އެންމެ ފުރަތަމަ މަންދު ބޭފުޅަކީ، އަޅުގަނޑަށް ފެނުނު، އިބްރާހީމް ދޮށިމޭނާ ކިލެގެފާނަށް ޤުރުއާން ކިޔަވާ ދެއްވަން މަންދޫއިން ވަޑައިގެންނެވި ކޮންމެވެސް މީހަކު. ދެންއެއަށްފަހު މަންދުއެދުރުގެ އޭގެތެރެއަށްވަދެ، އެހެންނަމަވެސް މަންދު މީހުންނާއި މަންދު އެދުރުގެއާ ދުރުވެ، އަޅުގަނޑު ހަނދާންވަނީ ފަހުންފަހުން އައިސް އެ މަންދުއެދުރުގެއަކީ އެހެން ގެއަކަށް ވެގެން ދިޔައީ. އެކަމު އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އެއީ، ހަމަ އެދުރު ގެއެއް. އިރާދަކުރެއްވިއްޔާ މިރޭވެސް އަނެއްކާ އަޅުގަނޑުމެންނަށް މިހުޅުވެނީ ހަމަ އެ އެދުރުގެ.

މިގެއަށް ވީކީއެއް އެގާރަ އަހަރެއްނޫން، މިގެއަށް އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި މިހާރު 300 އަހަރުވެއްޖެ. އެގޭގައި ލިޔާ އެއްޗެހި ގިނަ ފަހަރަށް ބޭރަކަށް ނުނެރެވޭނެ. އެއިރެއްގައި ތިބޭ ވެރިންނާ މޫނު ކެނޑޭތީ އެބޭފުޅުން ހިތްހަމަނުޖެހޭތީ. އަޅުގަނޑަށް އެނގިފައިއޮތް ގޮތުގައި ޢަބްދުﷲ ވަޙީދު މަންދު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ގުޅޭގޮތުން ލިޔުއްވި ވަރަށް ފުރިހަމަ ފޮތެއް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ގެންދެވި ގޮތަށް ވަނީ ގެއްލިފައި. އަޅުގަނޑަށް ޔަޤީންވާ ގޮތުގައި ހަމަގައިމުވެސް މަންދުގެއިން ނުވަތަ އެގޭ އެ އާއިލާއިން، ބޭފުޅުން ލިޔުއްވާފައިވާ ތަކެއްޗާއި ޢިލްމީ ދިރާސާއާއި އަދި ޢިލްމީ ވިސްނުން އެއީ، ހަމަގައިމުވެސް އަޅުގަނޑަށް އޮޅިފައިވާ އެއްޗެއްނޫން. ބައެއް ފަހަރަށް އަޅުގަނޑުވެސް ގާތް އެތައް ބައެއް، ހަމަ އަޅުގަނޑު ކައިރީގައިވެސް ބުނޭ ހަމަ ހެޔޮހިތުން، ދެން ކޮންކަހަލަ ވާހަކައެއްހޭ އެމީހުން އެދައްކަނީ. އެއީ، މަންދުގޭ މީހުންނާ ގުޅޭގޮތުން. ދެން އަޅުގަނޑުވެސް ބައެއް ފަހަރަށް އެހެން ހިތަށް އަރާ ހިސާބަށްވެސް އެބޭފުޅުން ދައްކަވާނެ. އެހެންނަމަވެސް، އެ ޢިލްމީ ވިސްނުމާއި، އެ ދިރާސާގެ ފެންވަރާއި، ތަޙްލީލާ މިކަންކަމަކީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން ރާއްޖޭގައި މިހާރަށްވުރެ މާބޮޑަށް އާލާކޮށްގެން ނޫނިއްޔަކާއެއް އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބެން ނެތް ބާވަތުގެ ކަންކަން.

އިބްރާ ވިދާޅުވެއްޖެ. އަދި ވަރަށް ގިނަ ގޮތްތޮތުން ފާހަގަކޮށްދެއްވައިފި. ދެނެއް އަޅުގަނޑުމެން މި ކިޔާ މި އެދޭ އަދި އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި މިވާ ޢުމްރާނީ ތަރައްޤީ ހޯދައިގެނެއް އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުލިބޭނެ. ނަރުދަމާ އެޅިޔަސް، ބަނދަރު ހެދިޔަސް، ވާޓަރު ހެދިޔަސް، ބޮޑުހިލަ ބަނދަރު ހެދިޔަސް، އެއްގަމު ތޮށިލިޔަސް، ތާރު އަޅައި މަގުހެދިޔަސް، ޙަޤީޤީ ތަރައްޤީއެއް މިހަތަރުއަނގޮޅިން އަޅުގަނޑުމެން ނެއްޓޭ މިންވަރަށް އަޅުގަނޑުމެންނަށް ހޯދޭނީ އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީވެގެން. އަޅުގަނޑުމެންގެ ސިކުނޑި ތަރައްޤީވެގެން. އަޅުގަނޑު މި އުންމީދު ކުރަނީ، ސަރުކާރުގެ ސެންޓްރަލައިޒްޑް ނުވަތަ ސަރުކާރުގެ މި މަރުކަޒީ ކޮށްފައިވާ ހުރިހާ ބާރުތަކަކުން ނެއްޓެވިގެން މިނިވަން ވިސްނުމުގައި އަމިއްލަ ފަރާތްތަކުން ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫޢުތަކުން ރާއްޖޭގެ ދަރިންނަށް ހެޔޮވިސްނުމެއް ލިބޭނެކަމަން. އަޅުގަނޑު އެކަމަކާ އެއްވެސް ހާލެއްގައި ޝައްކެއް ނުކުރަން.

އަޅުގަނޑުގެވެސް ދުޢާއަކީ، އަޅުގަނޑުގެވެސް ބޭނުމަކީ، އިބްރާވެސް ފާހަގަކުރެއްވި ފަދައިން މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑަކީ، ހަމައެކަނި އަމިއްލަ މަދަރުސާތައް އެކްރެޑިޓް ކުރާ ނުވަތަ ވަކި ޚާއްޞަ ރެޖީމެއްގައި އަމިއްލަ މަދަރުސާތައް އަމިއްލަ ފަރާތްތައް ބެހެއްޓިފައި، ހަމަ އެ ޚާއްޞަ އުޞޫލުތަކަށް، ފެންވަރުތަކަށް ސަރުކާރުގެ މަދަރުސާތައް ނުބެލޭ ބޯޑަކަށް ވާކަށް އަޅުގަނޑެއް ކުޑަކޮށްވެސް ނޭދެނަން. އެ ބޯޑަކީ އަޅުގަނޑު އުންމީދުކުރަން، އަޅުގަނޑަށް ޔަޤީން، މިބަދަލުތައް ލުޠުފީވެސް އަދި އެޑިޔުކޭޝަން މިނިސްޓްރީގެ އެންމެ ބޭފުޅުންވެސް އަދި ސަރުކާރުގެ ކަމާބެހޭ ހުރިހާ ބޭފުޅުންވެސް ގެންނަވާނެ. ބުނެ އުޅެނީ އީޖާދެއްގެ އަޞްލަކީ ނުވަތަ އީޖާދެއް މިވަނީ، ކަމެއް މިއުފެދެނީ އެކަމަކަށް ބޭނުންވީމައޭ. މިއަދު މިއޮތީ މިކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބޭނުންވެފައި. އަޅުގަނޑުމެންގެ މަތީ ތަޢްލީމުގެ ސިޔާސަތު، ތަޢުލީމީ ސިޔާސަތު ބިނާކުރުމުގައި ނާރެސްއަކީ، ބިނާކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކޮށްދޭނެ އެއްބަޔަކީ، އަޅުގަނޑުގެ ނަޒަރުގައި މިބާވަތުގެ ހަޔަރ އެޑިޔުކޭޝަން އިންސްޓިޓިއުޝަންތައް މިބާވަތުގެ ކޮލެޖުތައް.

އަޅުގަނޑު ކޮލެޖުގެ ހުރިހާ ދަރިވަރުންނަށް އެދެނީ މިއަދަށްވުރެ އަދި މާފާގަތި މާދަމާއެއް. އަޅުގަނޑު އެންމެ ބޭފުޅުންނަށް އެދެނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން.

والحمد للّـه. السّـلام عليـكم