بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންނަށް މިއާދެވުނީ އެންމެ މުނާސަބު ވަގުތަކު ނޫން. ހުކުރު ދުވަހުގެ ހެނދުނު އަޅުގަނޑުމެން ހުކުރަށް ދިޔުމަށް ވިސްނާފައި މިއޮތީ ކުރެންދޫއަށް. ދުވަސްކޮޅެއްވެއްޖެ، އަޅުގަނޑު އެންމެފަހުން އޮޅުވެލިފުށްޓަށް އައި ފަހުން. އޭރުގައި މިތަނުގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށިފައި އޮތީ. އަޅުގަނޑަށް އޭރު ފާހަގަކުރެވުނު ގޮތުގައި ތިޔައިގެ ތެރެއިން ވަރަށްގިނަ ބޭފުޅުން އެދި ތިއްބެވީ، ބަނދަރުގެ ކަންތައް ހުއްޓުމެއްނެތި އަވަހަށް ގެންގޮސް ނިންމޭނެ މަގެއް ހޯދަން.

އަޅުގަނޑުމެންނަށް ރާއްޖޭގެ ހުރިހާ ރަށްރަށަށްވެސް ބަނދަރާއި، ނަރުދަމާއާއި، ކަރަންޓާއި، ފެނާ، މި އަސާސީ ޚިދްމަތްތައް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރުމަކީ ސަރުކާރުގެ ވާޖިބެއް. އަޅުގަނޑު އަބަދުވެސް ތަކުރާރުކުރާނީ، ސަރުކާރު ޙަޤީޤަތުގައި ދެމި އޮންނަނީ މިދެންނެވި މަސައްކަތްތައް، މިދެންނެވި ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ސަރުކާރަށް ފާހަގަވޭ، ޙަޤީޤީ ތަރައްޤީއެއް ގެނެވޭނީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ، ރައްޔިތުންގެ ތަނަވަސްކަން އަޅުގަނޑުމެންނަށް އިތުރު ކޮށްދެވިގެން. ވަޒީފާގެ ފުރުސަތުތައް ރަށުގައި ތިއްބަވައިގެން ހަމަޖެހޭނެ ގޮތްތައް، އިންތިޒާމުތައް ހަމަޖައްސައި ދެވިގެން. އޭރު ހުރި މިބާވަތުގެ އަދި މިވަރުގެ ރަށްތައް ރާއްޖޭގައި ވަރަށް ބައިވަރު. ޚާއްޞަ ގޮތެއްގައި ދިވެހިރާއްޖެއަކީ އަޅުގަނޑުގެ ނަޒަރުގައި ހަމަގައިމުވެސް މިބާވަތުގެ ބައިވަރު ރަށްރަށް. މި ސަރުކާރަކުންނެއް ނުވިސްނާ، އަޅުގަނޑު ހިތުން ނުވެސް ވިސްނާނެ، ރަށްރަށުން ރަށްރަށުގެ ރައްޔިތުންގެ ނޭދުމުގައި އެއްރަށުން އަނެއް ރަށަށް ރައްޔިތުން ބަދަލުކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދިއުމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށުގެ ރައްޔިތުންނަށް މިރަށުގައި ތިބެގެން ރިވެތި ރަނގަޅު ދިރިއުޅެވޭނެ ދިރިއުޅުމެއް ހޯދައިދެވޭނެ ގޮތެއް ހަމަޖެއްސުން. އަޅުގަނޑުމެންނަށް ފާހަގަ މިވަނީ އެއްތަނުން އަނެއްތަނަށް ފަސޭހަ ގޮތުގައި ދަތުރު ކުރެވޭނެ ގޮތެއް ހަމަޖެހުނީމާ، އެއާ ގުޅިގެން ވަރަށްގިނަ އިޤްތިޞާދީ ފުރުސަތުތަކާއި އިޤްތިޞާދީ ކަންކަން ހަމަޖެހިގެން އަންނާނެ.

ވއެއްވެސް ރަށެއްގައި ހުރިހާ ކަމެއް ކޮންމެ ރަށެއްގައި ޤާއިމުކޮށްފައި ހަމައެކަނި އެރަށެއްގެ ތެރެއިން އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދްމަތްތައް ފޯރުކޮށްދޭން ސަރުކާރަށް ވަރަށް ދަތިކަމަކަށްވާނެ. ދަތުރުފަތުރުގެ ނިޒާމެއްނެތި ދުނިޔެއަކު ނެތް ޤައުމެއް ތަރައްޤީވެފައެއް. ހެނދުނު މިރަށުން ފުރައިގެން މަސައްކަތު ގޮސް އަދި އިރުއޮއްސެންވާއިރަށް ރަށަށް އައިސް އަނބިދަރިންނާއެކީގައި ދިރިއުޅުން އާރާސްތު ކުރެވޭނެ ގޮތެއް ހޯދައިދިނުން އެއީ، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދަކީ. ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މިދަންނަވާހެން ބޭނުމަކީ އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކީގައި ދެވޭގޮތްވުން.

މީގެ ދެމަސް ކުރީގައި މިދެންނެވި ބާވަތުގެ ނިޒާމެއް ތ. އަތޮޅުގަޔާއި ލ.އަތޮޅުގައި އެންމެ ފުރަތަމައިނުން އަޅުގަނޑުމެން ފަށައިގަނެވުނު. މިހާރު މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެ ނިޒާމު ބޭނުންކުރި ތިރީސްހާސް ރައްޔިތުން އެބަވޭ. ޢާންމު ގޮތެއްގައި ބަލާއިރުގައި ތ. އަތޮޅާއި ލ.އަތޮޅުގެ އާބާދީގެ ދިހަ ޕަސެންޓް ކޮންމެ ދުވަހަކު ދަތުރަށް އަރާ. އެއްތަނުން އަނެއްތަނަށް އެބަދޭ. އަދި އޭގެ ސަބަބުން އެ އަތޮޅުތަކުގައި މި ދެންނެވި ދެއަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ.

މި ސަރުކާރުގެ ވަރަށް އުންމީދީ ތަޞައްވުރެއް ފާދިއްޕޮޅާ ގުޅިފައިއޮވޭ. އެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި އަދި ޚާއްޞަކޮށް އޮޅުވެލިފުށީ ރައްޔިތުންނަށް މިއަތޮޅުގެ ތަރައްޤީގެ ފައިދާ ލިބުމަށްޓަކައި މިރަށު ރައްޔިތުންނަށް ފަސޭހަކަމާއެކީގައި މިއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށްވެސް، އަދި އެކިއެކި ޞިނާޢީ މަސައްކަތްތައް ހިންގާ ތަންތަނަށްވެސް، ރިޒޯޓުތަކަށްވެސް ދުވަހުން ދުވަހަށް ފަސޭހަކަމާއެކީގައި އައިސްގޮސް އުޅެވެންޖެހޭނެ. އަޅުގަނޑު ހަމަ އަޅުގަނޑުމެން އެންމެ މުހިންމު ކަމެއްދީގެން ހިންގާ އެއް މަސައްކަތަކީ މިއަތޮޅުގައި، ނ.ރ.ބ.ޅ. މި ދެންނެވި ހަތަރު އަތޮޅުގައިވެސް ދަތުރުފަތުރުގެ ނިޒާމެއް ވީހާވެސް އަވަހަކަށް ފެށޭތޯ ބެލުން. މިހާރު ސަރުކާރުން ކޮންޓްރެކްޓްގައި ސޮއި ނުކުރެވި އޮތީ ހަމައެކަނި މިދެންނެވި ހަތަރު އަތޮޅުގެ ދަތުރުފަތުރުކުރުމުގެ ނިޒާމު. އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑުގެ ނަޒަރުގައި ލިބޭ ފައިދާތަކެއްވެސް އެބަހުރި. އެންމެ މުހިންމު ގޮތެއްގައި މިފަހަރު އެންމެފަހުން ކުރެވޭ ކަމަކަށްވާތީވެ އެކަން މިހަތަރު އަތޮޅުގައި ކުރެވިގެން ދާއިރުގައި އެކަން ކުރެވިގެން މިދަނީ، އެހެން އަތޮޅުތަކުގައި އެކަންކޮށް އޭގެ ތަޖުރިބާއާއި އެއިން ލިބުނު ފިލާވަޅުތަކުގެ އަލީގައި.

އަޅުގަނޑަށް އެނގޭ މިރަށުގައި ދަނޑުވެރިކަމުގެ މަސައްކަތްވެސް މީގެ ދުވަސްކޮޅެއް ކުރީގައި ކޮންމެވެސް ވަރަކަށް ފަށައިގަނެވުނު. އެއިރު އެ މަސައްކަތް ފުރަތަމަ ގެންދެވުނުއިރުގައި އެ މަސައްކަތުގެ ތެރޭގައި އުޅުއްވި ރައްޔިތުންނަށް ފައިދާވެސް ކުރި. އެހެންނަމަވެސް އެ މަސައްކަތްވެސް އެ ދަނޑުވެރިކަމުގެ މަސައްކަތްވެސް އާލާވެ ނުދިޔައީ އެއިން އުފެއްދޭ ތަކެތި ފަސޭހަކަމާއެކީގައި ޖެހިގެން އޮތް ރަށަށްވެސް ދެން އޮތް ރިޒޯޓަށްވެސް ވިއްކޭނޭގޮތެއް ނެތުނީމާ. އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންނެއް އިތުރު މަސައްކަތެއް އެހެން ކަމެއް ކުރާކަށް ބޭނުމެއްނެތޭ، ތިޔަބޭފުޅުން އެދޭ ކަންކަން ތިޔަބޭފުޅުން އެދޭ މިންވަރަށް އެދޭ ގޮތަށް ކުރެވޭތޯ ބެލުން ނޫން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިމަސައްކަތް ހިންގޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑެއް ހަމަގައިމުވެސް ދެފައިއެއްތާޖަހާ ނުހުންނާނަން، އަޅުގަނޑުމެން މި އުންމީދު ޙަޤީޤަތަކަށް ނުވަނީހެއް. އަޅުގަނޑަށް މިއަދު މި ހުންނައިރުގައި މިހުރެވެނީ ވަރަށް އުފަލާއެކުގައި. އިއްޔެއަށްވުރެން އަޅުގަނޑަށް ހަމަގައިމުވެސް މާ ޔަޤީން އަޅުގަނޑުމެންގެ އުންމީދުތައް ޙަޤީޤަތަކަށްވާނެކަން. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ކުރެހި މަންޒަރު ސީދާ އަސްލަށް ގެނެސް، އަޅުގަނޑުމެންގެ ކުރިމަތީގައި އެތުރިގެންދާނެކަމީ އަޅުގަނޑު މިއަދު ޝައްކުކުރާނެ ކަމެއް ނޫން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

وَالحْمْـدُ لِلّـهِ، ވަރަށްބޮޑަށް ޝުކުރިއްޔާ.