بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަމީން ފައިޞަލް، އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ސްޓާފް، އަދި އެމް.އެން.ޑީ.އެފް.ގެ އެހެނިހެން އޮފިސަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ސްޓޭޓް މިނިސްޓަރުން، އަދި ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ނައިފަރުގެ އެކުވެރި ލޮބުވެތި ރައްޔިތުން،

السّـلام عليـكم

މި ސަރުކާރުގެ އެންމެހާ ސިޔާސަތަކީ، މި ސަރުކާރުން ތަންފީޒު ކުރަމުން ގެންދާ އެންމެހާ މަޝްރޫޢުތައްވެސް އަދި އެންމެހާ ކަންކަންވެސް، އެކަންކަން ހިންގަމުން ގެންދާއިރުގައި ވީ އެންމެބޮޑު މިންވަރަކަށް، ވީ އެންމެ ފުރިހަމަޔަކަށް ރައްޔިތުންނާ ގާތުން ރައްޔިތުންނަށްޓަކައި ހިންގޭ ކަންކަން ގޮތުގައި ހިންގުން.

ސަރުކާރުގެ ސިޔާސަތު އެކުލަވާލެވިފައިވަނީ، ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ މަސައްކަތްވެސް، އޭގެތެރޭގައި، އެމް.އެން.ޑީ.އެފް.ގެ މަސައްކަތްވެސް ހިމެނޭގޮތަށް، އެންމެހާ މަސައްކަތްތައް އެއީ، ލާ މަރުކަޒީ އުޞޫލުން ހިންގަމުން ގެންދާ މަސައްކަތްތައް ގޮތުގައި ހެދުން.

ޤައުމެއް ތަރައްޤީވެ ދިޔުމަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތަކީ، އެޤައުމެއްގެ ރައްޔިތުންނާ ވީހާ ގާތުން އެ ރައްޔިތުންނާގުޅޭ ކަންކަން ނިންމަމުން ގެންދެވޭނޭ އުޞޫލުތަކެއް، އިންތިޒާމުތަކެއް ހަމަޖެއްސުން. އެނގިވަޑައިގަންނަވާނެ، މި ސަރުކާރު އުފެދިފައި މިވަނީ، މި ސަރުކާރު އުފެދުމުގެ ކުރީގައި، މި ސަރުކާރުން ރައްޔިތުންނަށް ހުށަހަޅާފައިވާ ސިޔާސަތުތަކެއްގެ މައްޗަށް ބިނާކޮށް.

މިދެންނެވި ސިޔާސަތުތަކުގައި ރާއްޖޭގެ އިދާރީހިންގުންވެސް އަދި އެހެނިހެން ހިންގުންވެސް ލާ މަރުކަޒީ އުޞޫލުން ހިންގުމަށް ބާރުއެޅުމަކީ، ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބު. ސަރުކާރުގެ ސިޔާސަތުގެ ބިންގާ. ޤައުމެއް ތަރައްޤީވެ ދިއުމަށް ބޭނުންވާ މިދެންނެވި މުހިންމު ވަޞީލަތް އެއީ، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ނިންމުމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް.

ވޭތުވެދިޔަ އަހަރުގެތެރޭގައި އަޅުގަނޑުމެންނަށްވަނީ އޭރިޔާ ކޮމާންޑު ނުވަތަ ލާ މަރުކަޒީ އުޞޫލުން، ދިފާޢީ ކަންކަން ހިންގުމުގެ މަސައްކަތް ކުރިޔަށް ގެންދެވިފައި. އެގޮތުން ދެ ސަރަޙައްދެއްގައި މިހާރު މިވަނީ، ސަރަޙައްދީ މަރްކަޒު ކަނޑައެޅި ޤާއިމުކުރެވިފައި. އައްޑުއަތޮޅުގައި ސަރަޙައްދީ މަރްކަޒު ޤާއިމު ކުރެވުނުފަހުން އެ މަރުކަޒުން ރައްޔިތުންނަށްދޭ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި އެމް.އެން.ޑީ.އެފަށްވެސް އަދި ސަރުކާރަށްވެސް ލިބިފައިވާ ކުރިއެރުންތައް ނުހަނުގިނަ. އެނގިވަޑައިގަންނަވާނެ، އެމް.އެން.ޑީ.އެފް ސަދަން ރީޖަންގައި ޤާއިމްވެ ތިބޭން ފެށިފަހުން އެ ސަރަޙައްދުން މިދިޔަ އަހަރުތެރޭގައިވަނީ 3 މަސްބޯޓެއް ހިފެހެއްޓިފައި. އަޅުގަނޑުމެންގެ ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަމަކީ، ކަނޑުގެ މުއްސަނދިކަން. އަޅުގަނޑުމެންގެ އިޤްތިޞާދު އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައި މިވަނީ، ކަނޑުގެ ރޯދީގެ މައްޗަށް. އެ މުއްސަނދިކަން ޙިމާޔަތް ކުރުމަކީ، އަޅުގަނޑުގެ ނަޒަރުގައި މި ސަރުކާރުގެ އަދި އެމް.އެން.ޑީ.އެފްގެ އެންމެބޮޑު ވާޖިބު. ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން. ރަނގަޅަށް ކަނޑުގެ ސަރަޙައްދު ބަލަހައްޓައިގެން، އަޅުގަނޑުމެންގެ ރައްޔިތުންނަށް އެ ސަރަޙައްދުން ލިބެންހުރި ހުރިހާ ފައިދާއެއް އޭގެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށްޓަކައި ކުރެވޭންއޮތް ހުރިހާކަމެއް ކުރުމަކީ، ސަރުކާރުގެ އެންމެ މުހިންމު ވާޖިބު.

މި ސަރުކާރު ދެމިއޮންނަނީ، ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، ރައްޔިތުންނަށް ޚިދްމަތްކޮށްދިނުމަށްޓަކައި. އަޚުގަނޑުމެންނަކި ރައްޔިތުންގެ ނޯކަރުން. އަޅުގަނޑުމެން އަބަދުމެ މަސައްކަތްކުރަމުންގެންދާނީ، އަޅުގަނޑުމެން ކުރާމަސައްކަތުން، ރައްޔިތުންނާއި ޤައުމަށް ހޯދައިދެވެންއޮތް ފައިދާއަކާއި، މަންފާއާއި ލާބަ ހޯދައިދިނުމަށް. އައްޑުއަތޮޅުގައި ސަރަޙައްދީ މަރްކަޒު ޤާއިމު ކުރެވުނުކަމުގެ ސަބަބުން، ނަތިޖާ މިފެންނަނީ، މިއަދާހަމައަށް އައިއިރު، އަޅުގަނޑުމެންނަށް އާދެވުނުއިރު މިވަނީ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ތަފާތު 3 ބޯޓެއް، ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި މަސްވެރިކަން ކުރަނިކޮށް ހިފެހެއްޓިފައި. ރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތްކުރުމަށް، ނައިފަރުގައި މި ޤާއިމުކުރެވޭ، ސިފައިންގެ މަރްކަޒު ނުހަނު ފުރިހަމަ ދައުރެއް ކުޅޭނެކަމާމެދަކު އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއްނުކުރަން. އަޅުގަނޑު މި އޭރިޔާ ކޮމާންޑް ހުޅުވާއިރު، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް އެއީ، މިފަދަ މުހިންމު މަސައްކަތެއް، ޚާއްޞަކޮށް ނައިފަރުގައި ކުރުމަށް އަޅުގަނޑުމެންނަށް މަގުފަހިކޮށްދެވޭކަން.

ނައިފަރަކީ ރާއްޖޭގެ ތާރީޚުގައި ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ރަށެއް. އަދި ހަމަ އެހެންމެ، މި ސަރަޙައްދު ދިފާޢުކޮށް، ހިފެހެއްޓުމަށްޓަކައި ނުހަނު ރަނގަޅު މަރުކަޒެއްގެ ގޮތުގައި ޤުދްރަތީގޮތުން ބޭނުންކުރެވެން އޮތް ރަށެއް. އަޅުގަނޑު މިރަށް ކަނޑައެޅުމުގައި ކަންތައްތައް ހިމުންވަމުން އައިއިރު، މި މަސައްކަތް ހިންގާނެ ވަކި މަރުކަޒެއް ނިންމުމުގެ މަޝްވަރާ އަޅުގަނޑަށް ދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. މިނިސްޓަރ އޮފް ޑިފެންސް އޮނަރަބްލް އަމީން ފައިޞަލަށާއި އަދި އެ މިނިސްޓްރީއާއި އެމް.އެން.ޑީ.އެފް.ގެ އެންމެހާ އޮފިސަރުންނަށް އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަން. އަޅުގަނޑުމެންގެ ރައްކާތެރިކަމާއި، އަޅުގަނޑުމެންގެ ސަލާމަތް، އަޅުގަނޑުމެން އެދޭގޮތަށް ބަލަހައްޓައި ދިނުމުގައި އެބޭފުޅުން ރެޔާދުވާލު ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތަށް އަޅުގަނޑު ނިހާޔަތަށް ޝުކުރުވެރިވަން. ހަމައެކަނި މަސްކަނޑުތައް ބެލެހެއްޓުމެއްނޫން، އޭގެއިތުރުން، ކަނޑުމަތީގައިވިޔަސް އަދި އެނޫން އެހެން ސަބަބަކާއެކުވެސް ދިމާވާ ނުރައްކާތެރި ޙާދިޘާތަކުން، ކާރިސާތަކުން އަޅުގަނޑުމެން ރައްޔިތުން ސަލާމަތް ކޮށްދިނުމަށްޓަކައި އެމް.އެން.ޑީ.އެފުން ކޮށްދެއްވާ އެންމެހާ މަސައްކަތަށް އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި، އެމް.އެން.ޑީ.އެފަށް ނުހަނު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، މިރަސްމިއްޔާތު ފެށެން ނުވަތަ ބޭއްވެން ކުރީގައި ހަމަޖެހިފައިއޮތީ، ނޮވެމްބަރު 11 ޖުމްހޫރީ ދުވަހުގެ އިޙްތިފާލުތަކުގެ ތެރެއިން. އެހެންނަމަވެސް، މިފަދަ ރަސްމިއްޔާތެއް ބޭއްވުމަށް އެންމެ އެކަށީގެންވާ މޫސުން އެއިރުގައި ނެތްކަމަށް އަޅުގަނޑަށް އެމް.އެން.ޑީ.އެފުން ލަފާ އެރުވި. އަދި އޭގެއިތުރުން އެދުވަހަށް އެރަސްމިއްޔާތު ބޭއްވުމަށްޓަކައި މިރަސްމިއްޔާތު ބާއްވާތަން ބަދަލުކުރުމުގެ ފިކުރެއްވެސް އެބޭފުޅުން އަޅުގަނޑާއެކު ޙިއްޞާކުރެއްވި. އަޅުގަނޑަށް ފެނުނުގޮތުގައި ނައިފަރުގައި މިކަންކުރުމުގެ މުހިންމުކަން ވަރަށްބޮޑު. މިދަންނަވާހެން، ނައިފަރަށް އަނެއްކާވެސް އައިސްލުމުގެ އުފާ އަޅުގަނޑަށްވެސް އެއިރުން ލިބޭނެކަން އަޅުގަނޑަށް އެނގިހުރެ، އެ އަމިއްލައެދުން ނެތްކަމަކަށް އަޅުގަނޑު ނުދަންނަވާނަން. އެހެންނަމަވެސް، އޭގެއިތުރުން، މިމަސައްކަތަކީ ޚާއްޞަގޮތުގައި މި ސަރަޙައްދުގެ ރައްޔިތުންނަށް އަމާޒުވާ މަސައްކަތަކަށްވެފައި، މީގެ އެންމެ މުހިންމު ރަމްޒަކީ، މާލޭގައި މިމަސައްކަތް ނުކުރުންކަމަށް އަޅުގަނޑުމެން ދެކޭތީވެ، މިމަސައްކަތުގެ އިޙްތިފާލު ނައިފަރުގައި ބޭއްވޭކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް، ވަރަށްބޮޑު ނަޞީބެއް.

އަޅުގަނޑުގެ ވާހަކަ މިބާވަތުގެ ރަސްމިއްޔާތެއްގައި ދިގުކުރާކަށް އަޅުގަނޑު ގަސްތެއް ނުކުރަން. އެހެންނަމަވެސް، ހަމަ އިތުރަށް ދަންނަވާލަން އޮތީ، ނައިފަރަށް އާދެވޭ މިފަދަ ފުރްޞަތެއްގައި، މި ސަރުކާރުން ނައިފަރާ ގުޅޭގޮތުން ގެންގުޅޭ އުންމީދު ތިޔަބޭފުޅުންނާއެކުގައި ޙިއްޞާ ނުކޮށް، މާލެދިޔުމަކީ އަޅުގަނޑުގެ ނަޒަރުގައި އަދި އެންމެ ބުއްދިވެރިކަމަކަށް ނުވާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، މުޅިން އެހެން ނައިފަރެއް އަޅުގަނޑުމެންނަށް ފެނުން. ވަރަށް ތަރައްޤީވެފައިވާ ނައިފަރެއް އަޅުގަނޑުމެންނަށް ލިބުން. އެތަރައްޤީ ހޯދުމަށްޓަކައި އެތަރައްޤީ ޙަޤީޤަތަކަށް ހެދުމަށްޓަކައި ސަރުކާރުންވަނީ މައިގަނޑު ވަޢުދުތަކެއް ނައިފަރު ރައްޔިތުންނަށާއި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވެފައި. އެނގިވަޑައިގަންނަވާނެ، އެ 5 ވަޢުދު، ބޯހިޔާވަހިކަން، ޑްރަގުން އަޅުގަނޑުމެން ސަލާމަތްވުން، ޚިދްމަތުގެއަގު ތަކެތީގެއަގު ތިރިވުން، ބޭސްފަރުވާ ފަސޭހަކަމާއެކުގައި އަޅުގަނޑުމެންނަށް ލިބޭގޮތްވުން، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލެވޭނެ އިންތިޒާމެއް ހަމަޖެހުން.

އަޅުގަނޑަށް ހަމަޔަޤީން، މިއިން ކޮންމެކަމަކާ ގުޅޭގޮތުންވެސް ޢަމަލީ މަސައްކަތްތައް ނައިފަރުން ފެނިގެންދާނެ. އަޅުގަނޑުމެންގެ ވަރަށްބޮޑު އުންމީދެއް އެއީ، ވީ އެންމެ އަވަސް ފުރްޞަތެއްގައި ނައިފަރުގައި ދިގުމުއްދަތުގައި ފައިސާދައްކާ ޚަލާޞްކުރާ އުޞޫލުން، މި ސަރުކާރުން އަޅަން ނިންމާ ގެދޮރު އަޅާން ފެށުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަހަރު ތެރޭގައި، ނޫން، މިފެށޭ 2010 ވަނަ އަހަރުގެތެރޭގައި އެ ޢަމަލީ މަސައްކަތް ނައިފަރުގައި ފެނިގެންދާނެ.

ހަމައެހެންމެ، އަޅުގަނޑުމެންގެ ވަރަށްފޮނި ތަޞައްވުރެއް އެއީ، ނައިފަރާއި އަދި ހިންނަވަރާ ދެމެދު ފަސޭހައިން ދަތުރުކޮށް އުޅެވޭނޭ ގޮތެއް ހަމަޖެއްސުން. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މި ސަރަޙައްދަކީ، ހިންނަވަރާއި ނައިފަރާއި ދެމެދަކީ، އެދެރަށް ހިމެނޭގޮތަށް ރަނގަޅު ރީތި ތިރީސްހާސް ރައްޔިތުންނަށް ދިރިއުޅެވޭނެ ސަރަޙައްދެއް. މި ސަރަހައްދަކީ، ރާއްޖޭގެ އާބާދީގެ ބޮޑުބައެއްގެ ތަރައްޤީގެ އެންމެހާ ކަންކަން، އަދި ރިވެތި ދިރިއުޅުމުގެ އެންމެހާކަންކަން ހިންގޭނެ ސަރަޙައްދެއް. އެ ވިސްނުން، އެ މަންޒަރު، އަޅުގަނޑުމެންދަނީ ދެކެމުން. އެ މަންޒަރު ޙަޤީޤަތަކަށް ހެދުމަކީ އަޅުގަނޑުމެންގެ މަޤްޞަދު، އަޅުގަނޑުމެންގެ އަމާޒު. އަޅުގަނޑު ނައިފަރު ރައްޔިތުންނަށްވެސް އަދި ފާދިއްޕޮޅުގެ އެންމެހާ ރައްޔިތިތުންނަށްވެސް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންގެ މަސައްކަތް އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުއްޓައެއްނުލާނަމުއޭ، އަޅުގަނޑުމެން މިއުންމީދު ކުރާ އަނެއް ނައިފަރު، އަނެއް ފާދިއްޕޮޅު، އަދި އަނެއް ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެންދާނެއޭ.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެން އަދި މާ ރޯޝަނީ، ފާގަތި މާދަމައެއް އަޅުގަނޑުމެން އެންމެންނަށް ލިބުން، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

وَالحْمْـدُ لِلّـهِ، السّـلام عليـكم.