بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަހަރު ފުރޭ ދުވަހަކީ ކޮންމެ ގޮތަކުން އަޅުގަނޑުމެން ބެލިނަމަވެސް، އެކަމާ އަޅުގަނޑުމެން އެންމެންމެ އުފާވުން ވަރަށް ޙައްޤު ދުވަހެއް. އަޅުގަނޑުމެންނަށް ވަރަށް ސާފު، ޤައުމެއް ތަރައްޤީވެ ދިއުމަށް އަޅުގަނޑުމެންނަށް ފަހި މާދަމައެއް، ފާގަތި މުސްތަޤްބަލެއް ލިބުމަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތަކީ، އެންމެ މުހިންމު އެއް ކަމަކީ، ރަނގަޅު ތަޢުލީމެއް އަޅުގަނޑުމެންނަށް ލިބުން. މިމަދަރުސާ ބިނާކުރެވުނުތާ، އަދި މިމަދަރުސާގައި ކިޔަވަން ފެށުނުތާ 25 އަހަރުވެ ހިނގައްޖެ. މިއަދު އަޅުގަނޑުމެންނަށް އެކަން ފާހަގަ ކުރެވޭކަމީ އަޅުގަނޑުމެންނަށް ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް. ހަމައެހެންމެ، ދެންމެ އަޅުގަނޑުމެންގެ ކުރިމަތީގައި، މިދިޔަ އަހަރު، މިދިޔަ ކިޔެވުމުގެ އަހަރުގައި ދަރިވަރުން އެ ހޯއްދެވި ކާމިޔާބުގެ ފޮނި އިނާމު އެދަރިވަރުން މިތަނުން އެބަލައިގަތީ. އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް، މައިންބަފައިންނަށްވެސް، ދަރިވަރުންނަށްވެސް، އަދި މިމަދަރުސާއަށާއި، މިޤައުމަށް ހެޔޮއެދޭ ކޮންމެ މީހަކަށް އުފާވެރިކަން ގެނެސްދޭނެ ކަމެއްކަން އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ. އަޅުގަނޑު ހަމައެއާއެކު ދަންނަވާލަން ބޭނުން. މޮޅުވާނީ ބައެއް ކުދިން އެންމެ މޮޅުވާނީ. ބައެއް ކުދިން ދެރަވެސްވާނެ. ދެރަވާކުދިން މިއަދު ހިތްވަރާއެކު މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަދި މޮޅުވާ ދަރިވަރުމެ ހިތްތިރިކުރުމަކީވެސް ކޮންމެހެން ބޭނުންކަމެއް. އަޅުގަނޑުމެންނަށް އަބަދުވެސް ސާފުވާންޖެހޭނެ، މޮޅާއި ދެރައަކީ އަބަދު އެއްގޮތަކަށް ހުންނަކަމެއް ނޫން. އެއްދުވަހެއްގައި މޮޅުވާމީހާ، އެއްދުވަހެއްގައި މޮޅުވާ ދަރިވަރު، އަނެއް ދުވަހެއްގައި ބަލިވެވެސް ހިނގައިދާނެ. ދެރަވެސް ވެދާނެ. މޮޅުވާނެކަމަށް އުންމީދުކުރާ ދަރިވަރު ދެރަވުންވެސް ބައެއްފަހަރަށް ހަމަ އޮންނަނީ ވަރަށް ގާތުގައި. ދެރަވެދާނެކަމަށް ހީކޮށް ހުންނަ ދަރިވަރު ސިހުމާއެކީގައި މޮޅުވެ އަންނަތަން ފެނުނީމާ ޙައިރާންކަމާ އެކީގައި އެލިބޭ އުފާވެސް އެއީ އަޅުގަނޑުމެންނަށް ހަމަ ލިބޭ އުފަލެއް.

ކިޔެވުމުގެ އަހަރެއް ނިމިދާއިރު އަޅުގަނޑުމެންނަށް ޢާންމު ގޮތެއްގައި މިފެންނަނީ، އެކިއެކި މާއްދާތަކުން ތަޢުލީމީ ރޮނގުން، ކިޔެވުމުގެ ރޮނގުން ކާމިޔާބު ލިބުނު ދަރިވަރުންނަށް އިނާމުތައް ލިބިގެންދާތަން. އަޅުގަނޑު މިރޭ އިނާމު ނުލިބުނު ހުރިހާ ދަރިވަރުންނަށް މިދިޔައަހަރު އެދަރިވަރުން އެކުރެއްވި ހިތްވަރަށްވުރެ އަދި ބޮޑު ހިތްވަރަކާ އެކީގައި މިއަންނަ އަހަރު މަސައްކަތް ކުރުމަށް އަޅުގަނޑު އެދެން. އަދި އެކުދިން ކިބައިން އެކަމަށް ވަކިން ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރަން ފަށައިގަތުމަށްވެސް އަޅުގަނޑު އެދެން. ކާމިޔާބުގެ އަޅުގަނޑުގެ ނަޒަރުގައި އެންމެބޮޑު ސިއްރަކީ، ދެގޮތެއްނުވެ ތަރުތީބުން ކޮންމެ ދުވަހަކުވެސް އެކުރާކަމެއް ކުރުން. ކިތަންމެ މަދުން ކިޔެވިނަމަވެސް، ކޮންމެ ދުވަހަކުވެސް ހުއްޓެއްނެތި ދެގޮތެއްނުވެ އެއްމިންވަރަކަށް އެކަން ކުރަނީކަމަށް ވަންޏާ، ފިލާވަޅުތައް ދަސްކޮށް ކިޔަވާހަދާކަމަށް ވަނީވިއްޔާ، އެދަރިވަރަކު މޮޅުވާނެކަމީ ޝައްކެއްއޮތް ކަމެއްނޫން. މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އިންސާނުންގެ ވާޖިބު. ކާމިޔާބު ދެއްވާނީ މާތްރަސްކަލާނގެ. މަސައްކަތް ކުރާ އަޅަކަށް ހަމަގައިމުވެސް ކާމިޔާބު ލިބޭނެ. އަޅުގަނޑުމެންނަށް ކާމިޔާބުގެ އައްސޭރިއަށް ދިއުމަށް ބޭނުންވާ ހުނަރާ، އަދި ބޭނުންވާ ސުލޫކީ މިންގަނޑުތައް ހިފެހެއްޓިއްޖެނަމަ، ކާމިޔާބަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި އުނދަގޫކަމެއް ނޫން ހޯދާކަށް. ކާމިޔާބު ނުލިބޭނެކަމަށް އެއްވެސް ދަރިވަރަކު އެއްވެސް ކަމެއް ދޫކޮށްލުން އެއީކީއެއް ބުއްދިވެރިކަމެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ދިމާވާކަމެއް، ކާމިޔާބު ނުވާނެކަމަށް ވަށައިގެންވާ އެހެން އެންމެންވެސް ނިންމާފައި ވަނިކޮށް، ހަމަ އާދަޔާ ޚިލާފަށް، އެންމެންގެ ވިސްނުމާ ޚިލާފަށް ކާމިޔާބު ލިބިގެން އައުން.

އަޅުގަނޑުމެންގެ ރާއްޖޭގައި މިދެންނެވި މަންޒަރު މިފަހަކަށްއައިސް ފެނިފައި މިހުރީކީ މަދަކުންނެއް ނޫން. އަޅުގަނޑު އުންމީދު ކުރަން، ދަރިވަރުންނަށް ރާއްޖެ މިދައްކާ ފިލާވަޅު ލިބިގަނެވޭނެކަމަށް. އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެންގެ އަތޮޅު، އަޅުގަނޑުމެންގެ ރަށް، އަޅުގަނޑުމެންގެ ޢާއިލާ، އަޅުގަނޑުމެންގެ ގެ ރަނގަޅު ގޮތުގައި ބިނާކޮށް، ތަރައްޤީކޮށް ކުރިޔަށް ގެންދާންވެއްޖެނަމަ، މި މުއައްސަސާތައް މަދަރުސާތައް ފުރިހަމަ ގޮތުގައި ތަރައްޤީކޮށް ބެލެހެއްޓުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް. މަދަރުސާއަށް 25 އަހަރުވެ ދާއިރުގައި މިމަދަރުސާއަށް ލިބިފައިވާ ކާމިޔާބުތައް ނުހަނު ގިނަގުނަ. މިމަދަރުސާގައި އަޅުގަނޑު ހަނދާންވާ ގޮތުގައި 1998 ވަނަ އަހަރު އޯ ލެވެލް އިމްތިޙާން ހަދަން ފެށުނު. އެއަށްފަހު، މިއަންނަނީ ކޮންމެ އަހަރަކުންވެސް ކުރީއަހަރަށްވުރެ ރަނގަޅު ނަތީޖާ ދަރިވަރުން ހޯދަމުން.

މިއަދު މިމަދަރުސާގައި 11، 12 އަށް އެބަ ކިޔަވައިދެވޭ. މިއަދު އަޅުގަނޑުމެން ދެން މިއަތޮޅުގައި ކުރަންވީ އުންމީދަކީ 12 ނިމުނީމާވެސް، ތަޢުލީމު ހޯދަން ބޭނުންވާ ދަރިވަރުންނަށް މިއަތޮޅުން ތަޢުލީމު ލިބޭނެގޮތް ފަހިކޮށްދިނުން، ހޯދައިދިނުން. މި ސަރުކާރުގެ މަޤްޞަދަކީ މިއަތޮޅުގައި މަތީ ތަޢުލީމު ލިބޭނެ ފުރުޞަތުތަކެއް ފަހިކޮށްދިނުން. އެކަމަށްޓަކައި ސަރުކާރުން އެޑިޔުކޭޝަން މިނިސްޓްރީން ނުހަނު ބުރަ ބޮޑެތި މަސައްކަތްތައް ކުރަމުން އެބަގެންދޭ. އަޅުގަނޑު އުންމީދު މިކުރަނީ، މާލަސްތަކެއްނުވެ، އެކަމުގައިވެސް އުފާވެރި ޚަބަރު އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް ދެވޭނެކަމަށް. އަޅުގަނޑުމެން އަބަދުވެސް ދެކެންޖެހޭނެ، ފުރިހަމަ ރައްޔިތަކަށް، ފުރިހަމަ އިންސާނަކަށް ވުމަށްޓަކައި މަދަރުސީ ދައުރު ނިމޭއިރުގައި ބޭނުންވަނީ ހަމައެކަނި ފޮތުން އަޅުގަނޑުމެންނަށް މިލިބޭ އެއްޗެއް ލިބުމެއްނޫން. އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ، ޢާންމު ތަޢުލީމު، ފޮތުން ލިބޭ ތަޢުލީމުގެ އިތުރުން، ދިރިއުޅުމަށް ބޭނުންވާނޭ ކިތަންމެ ހުނަރެއް، ކިތަންމެ ތަޖުރިބާތަކެއް. އަޅުގަނޑުމެންނަށް މިފެންނަނީ، މިދެންނެވި އިތުރު ތަޖުރިބާތައް ދަރިވަރުންނަށް ހޯދާދިނުމުގައި މަދަރުސާތައް އަދި މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރާން އެބަޖެހޭ. ދަރިވަރުންނަށް އެބަ އެނގެންޖެހޭ، އަދި ތައްޔާރުވެ އެބަ ތިބެވެންޖެހޭ، މަދަރުސާ ނިމިގެން އެއޮތް ޙަޤީޤީ ދިރިއުޅުމަށް އަސްލު ދުނިޔެއަށް ނުކުމެ، އެދުނިޔޭގައި ކާމިޔާބު ހޯދުން. ހަމައެކަނި ލިބޭ ސެޓްފިކެޓަކުން މިދެންނެވި ކާމިޔާބު ހޯދަން މިއަދު ދަތި. އެތައް ހުނަރެއް އެބަ ބޭނުންވޭ. ކުޅިވަރުގައި މޮޅުވާންޖެހޭ. ކިޔެވުމުގައި މޮޅުވާ މިންވަރަށް ދަރިވަރުން ކުޅިވަރުގައި މޮޅުވުމަކީ ހަމައެކަނި ކުޅިވަރުގެ ހުނަރު ލިބޭކަމެއް ނޫން. އެއީ ދަރިވަރުންނަށް ވިސްނުމުގެ ތޫނުކަމާ ހިތުގެ އަލިކަން ކިތަންމެހާވެސް ރަނގަޅަކަށް ގެނެސްދޭ ކަމެއް. ކުއްލި މަޢުޟޫޢަށް ވާހަކަ ދެއްކުން، ޅެންހެދުން، ފަރިހި ހެދުން، ލަވަކިޔުން، ތަމްސީލު ކުޅުން، މިޔުޒިކް ކުޅުން، ކަބްސްކައުޓް އަދި މިނޫންވެސް އެހެން ކިތަންމެ ޙަރަކާތްތަކެއް ރަނގަޅަށް ހިނގާ މަދަރުސާއެއްގައި ފުރިހަމައަށް ހިނގާން އެބަޖެހޭ. ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް، ވަރަށްބޮޑު ބޭނުމެއް، މިދެންނެވި އިތުރު ޙަރަކާތްތައް މަދަރުސާތަކުގައި ތަޢާރުފްކުރުން. ދަރިވަރުންނަށް އޭގެ ފުރުޞަތުތައް މަގުތައް ފަހިކޮށްދިނުން. އަޅުގަނޑު އުންމީދު ކުރާނީ، އަޅުގަނޑުމެންނަށް މިމަދަރުސާއަށް މިދެންނެވި ފުރުޞަތުތައް ފަހިކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށްއޮތް ތަނުގައި ރާވާ ކުރިޔަށް ގެންދެވޭނެކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރާފަދަ މަދަރުސާއަކަށް މިއަތޮޅުގެ މި މަދަރުސާ އަޅުގަނޑުމެން ހަދައިދޭނަން.

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ރަނގަޅު ތަޢުލީމެއް ދޭއިރުގައި ހަމައެކަނި މަދު ކުދިންކޮޅަކަށް ވަރަށް މަތީ ނަތީޖާއެއް ލިބިގެން ދިއުމެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ އެންމެބޮޑު އަމާޒަކީ އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން %60 ކުދިންނަށް ސީ. ފާހަށްވުރެ މަތިން ފާސްވުން. ހަމައެކަނި 10 ކުދިން ނުވަތަ 5 ކުދިންނަށް ހުސް އޭ. ފާސް ލިބުނީމާވެސް އެ 5 ކުދިންނަށް ވަރަށް ރަނގަޅު. އެހެންނަމަވެސް، މުޅި މުޖްތަމަޢުއަށް، މުޅި ރަށަށް، މުޅި އަތޮޅަށް، މުޅި ޕްރޮވިންސަށް، މުޅި ރާއްޖެއަށް ފައިދާހުރި ގޮތަކީ، ވީހާވެސް ގިނަކުދިން އިމްތިޙާނުތަކުން ފާސްވެގެންދިއުން. ގިނަކުދިންނަށް ރަނގަޅު ފާހެއް ލިބުމަށް ޖުމުލަ ގޮތެއްގައި ތަޢުލީމު ވަށާ ޖެހެންޖެހޭ. ކުދިންނަށް ހުރިހާ ބާވަތެއްގެ ހުނަރު އެބަ އެނގެންޖެހޭ. މަދަރުސާގައި، ހެނދުނު މަދަރުސާއަށް އައިސް މަދަރުސާގައި ކިޔަވާފައި، ހަވީރު މަދަރުސާގައި ކުޅެފައި، ރޭގަނޑު ފިލާވަޅު ދަސްކޮށް ނިދުން ނޫން ކަމެއް ނޯންނަ ވަރަށް ދަރިވަރުން ކުއްޖާ އެބަ ވަރުބަލިވާންޖެހޭ. އެ ފުރުޞަތުތައް މަދަރުސާގެ ތެރޭގައި ފަހިވެގެން ދިޔައިމާ ނޫނިއްޔާ އަޅުގަނޑުމެން މި އުންމީދުކުރާ ވަށާ ޖެހިފައިވާ ތަޢުލީމެއް ދަރިވަރުންނަކަށް ނުލިބޭނެ. އެއް ދަންފަޅިއަށް ކިޔަވައިދިނުމަކީ އެހެންވީމާ މުހިންމު ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، މި މަދަރުސާވެސް އެއް ދަންފަޅިއަށް ކިޔެވޭނެ ގޮތަކަށް ބަދަލުކުރުން. އެވަރަށް މި މަދަރުސާގައި ޖާގަ އިތުރުކުރުން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، އެއުފާވެރި ޚަބަރުވެސް އަޅުގަނޑުމެންނަށް މިމަދަރުސާއަށް ދެވޭނެ.

މިއަދު ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 11 ގައި 12 ގައި ކިޔަވާކުދިންކޮޅުގެ އަދަދު ގިނައެއް ނޫން. ވަރަށް މަދު. އެހެންނަމަވެސް، ސަރުކާރުން މިދެކެނީ، މިހާރު ފަސޭހަކަމާއެކީގައި، އަދި މިހާރަށްވުރެވެސް ފަސޭހަކަމާއެކީގައި، އަތޮޅުގެ އެކިއެކި ކަންކޮޅުތަކުން ދަރިވަރުންނަށް މި މަދަރުސާއަށް އާދެވޭނޭ ދަތުރު ކުރެވޭނޭގޮތް ހަމަޖެހުނީމާ، ހަމަޖެހިގެން ދިއުމާއި، އަދި އެފަދަ ނިޒާމަކަށް ރައްޔިތުން ބޮޑަށް އަހުލުވެރިވެ ފަރިތަވުމުން، ދަތުރުކޮށްފައި އައިސް މަދަރުސާއަށް ދިއުން އެއީ ދަރިވަރުންގެ އާދައަކަށްވާނެ. ޚާއްޞަކޮށް 11، 12 ގެ ކުދިންގެ އާދައަކަށްވާނެ.

ދުނިޔޭގައި ވަރަށް މަދުވާނެ ޤައުމެއް، ގަޑިއެއްހާއިރު ދަތުރު ނުކޮށް މަދަރުސާއަކަށް 11، 12 އަށް ދެވޭގޮތަށް މަދަރުސާތައް އެތުރިފައިހުރި ޤައުމެއް. އަޅުގަނޑެއް ނުދަންނަމު، 11 ، 12 އަށް ކިޔަވައިދޭ ތަންތަން އެހާ ގާތްގާތުގައި ރާވާ އަތުރާފައި އިންތިޒާމު ކޮށްފައި ހުންނަ ތަނެއް ނުދެކެމު. ރަނގަޅަށް ޤައުމުތަކުން ސަރުކާރުތަކުން އިންތިޒާމު ކުރެވޭތޯ ބަލަނީ، ދުރު ތަންތަނުންވެސް ދަރިވަރުންނަށް ފަސޭހަކަމާއެކީގައި ދަތުރުކޮށް، މަދަރުސާއަކަށް އާދެވޭނޭ އިންތިޒާމު ނިޒާމު ހަމަޖެއްސުން. އަޅުގަނޑުމެން މިހާރު ސަރުކާރުން މިހާރު ފެށިފައިމިވާ މިއަތޮޅުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމު މިހާރު އެ ހިނގަނީ އޭގެ އެންމެ އަސާސީ އޮނިގަނޑުގައި. އެއީ އެއްވެސް ޙާލެއްގައި އެނިޒާމު ފުރިހަމަވީމާ އޮންނާނެ ގޮތެއްނޫން. މިއަށްވުރެ މާރަނގަޅަށް އެކަން އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި ހިނގާނެ. މިހާރު އެހިނގާހިނގުމުން ސަރުކާރަށް ލިބޭ ތަޖުރިބާތަކެއްގެ އަލީގައި އަޅުގަނޑުމެން މިގަސްތުކުރަނީ އެ ނިޒާމު އެތައް ތަނެއް ރަނގަޅުވެ ފުޅާވެގެންދާނެކަމަށް. މިއަތޮޅުގައިވެސް އަދި އެހެން ކިތަންމެ ރާއްޖޭގެ ރަށްތަކެއްގައިވެސް ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ދައްޗަކީ ފަސޭހަކަމާއެކީގައި އެއްތަނުން އަނެއްތަނަށް ނުދެވޭގޮތަށް ރަށުގައި ތިބެންޖެހޭ ޖެހުން. ވިޔަފާރި ދަށްވެ ދަނީ މުދާ އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކީގައި ބަދަލު ނުވާތީވެ. އަދި ޚިދުމަތްތައް ހޯދަންއެދޭ ފަރާތްތަކަށްވެސް ފަސޭހަކަމާއެކީގައި އެއްތަނުން އަނެއްތަނަށް ދަތުރުކޮށް ނޫޅެވޭކަމުން. އަޅުގަނޑުމެންގެ އެއް ސިޔާސަތެއް އެއީ، ފަސޭހަކަމާއެކީގައި ދަތުރު ކުރެވޭނޭ އިންތިޒާމެއް ނިޒާމެއް ހަމަޖެއްސުން. އެގޮތުން މާތްރަސްކަލާނގެ އިރާދަފުޅާއެކު، އެންމެ ފުރަތަމަ މި މަޝްރޫޢު މި މަސައްކަތް ފެށިފައިމިވަނީ މިއަތޮޅުގައި. އެހެންވީމާ، މިމަސައްކަތް ހިނގާގޮތް ބެލުމާއި، މިމަސައްކަތުން ދެން ގެންނަންޖެހޭ ބަދަލާއި، އަދި ލިބެންޖެހޭ ތަޖުރިބާތައް ހޯދުން އަޅުގަނޑުގެ ނަޒަރުގައި އެއީ މިއަތޮޅުގެ ރައްޔިތުންގެ ވަރަށްބޮޑު ބޭނުމަކަށްވާނެ. މިބާވަތުގެ ކަމެއްގެ ބޭނުން އަދި މިބާވަތުގެ ކަމެއް ކުރަމުންދާއިރުގައި އެކަންކަމުގެ މުގުލުގައި އެންމެ ވަރުގަދަކޮށް ތިބޭނެ އެއްބަޔަކީ މަދަރުސާކުދިން. މަޢުލޫމާތު އެއްކުރުމުގައި މަދަރުސާ ކުދިންނަށްވުރެ ވަކި ކުރީގައި ތިބެންވާ އެހެން އެއްވެސް ބައެއް ނެތް. އެހެންވީމާ، އަޅުގަނޑު އެބަ އުންމީދުކުރަން، އަޅުގަނޑަށް މަޢުލޫމާތު ވެސް ލިބިފައިވަނީ، މަދަރުސާގެ ތެރޭގައި އުފެދޭ ކްލަބެއް ޖަމްޢިއްޔާއެއްގެ ތެރެއިން މިއަތޮޅުގެ އެކިއެކި މަޢުލޫމާތު އެއްކުރުން. ވިޔަފާރި ހިނގާ މިންވަރާއި، މީހުން ދަތުރުކޮށްއުޅޭ މިންވަރާއި، މިބާވަތުގެ މަޢުލޫމާތު އެއްކުރުން އެއީ ދަރިވަރުންގެ އިތުރު ވަގުތުގައި ނުވަތަ ކްލަބެއް ޖަމްޢިއްޔާއެއްގެ ތެރެއިން ހިނގާނެ ކަމެއްކަމަށް އަޅުގަނޑު އުންމީދު ކުރަން. އެދަރިވަރުންނަށް އޭރުން ހޯދޭ މަޢުލޫމާތު، ލިބޭ މަޢުލޫމާތު، ތަންދޮރު އެނގޭ މިންވަރުން އެއީ އެދަރިވަރުން މަތީ ތަޢުލީމަކަށް ދާއިރުގައި ކިތަންމެހާވެސް ރަނގަޅަކަށް ބޭނުންކުރެވޭނެ މަޢުލޫމާތެއް.

ރާއްޖެ ފަދަ އަލަށް ކަންކަން ތަޢާރުފުވެގެން އަންނަ ޤައުމުތައް މިހާރު ދުނިޔޭގައި މަދުވާނެ. އެހެންވީމާ، އަލަށް ހިންގާ ކަންކަމުގެ ތަޖުރިބާގެ އަލީގައި މަތީ ތަޢުލީމު ހޯދާން ފެށުމުން އެލިބޭ ތަޢުލީމު އަދި އެތައް ގުނައަކުން ހަރުދަނާވެ ވަރުގަދަވެ މުހިންމުވެގެންދޭ. އަޅުގަނޑު އުންމީދު ކުރަނީ، މިއަތޮޅުގެ މި މަދަރުސާގެ ދަރިވަރުންނަށް މިއަތޮޅުގައި މިހިނގާ އެންމެހާ ކަންކަން ހޯދުމުގެ ޚާއްޞަ ރޫޙެއް ގެންގުޅޭނެކަމަށް. އަޅުގަނޑުމެން ބިނާކުރަން މި ބޭނުންވާ މުޖްތަމަޢު ބިނާކުރެވޭނީ، ދަރިވަރުންނަށް އެ މުޖްތަމަޢުގައި ދިރިއުޅޭނެގޮތް މަދަރުސާގައި ދަސްވީމާ. މިހާރު އަޅުގަނޑުމެން ވާގިދޭކަމެއް، ތަރުޙީބުދޭކަމެއް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ. ދަރިވަރުންނަށް، އެ މިނިވަންކަން ބޭނުންކުރާނެ ގޮތާއި، އެކަމުގެ ޙުދޫދުތަކާއި އެކަމުގެ އިންތައް ބަހައްޓާނެގޮތް އޮޅުންފިލުވައިދިނުމަކީ މަދަރުސާއެއްގައި މިވަގުތު ކުރާން ވަރަށް މުހިންމު ކަމެއް. މިރާއްޖޭގައި ހެޔޮގޮތުގައި ވެރިކަން ކުރުމަށް ކޮންމެހެން ބޭނުންވާ އެއްކަމަކީ، އަޅުގަނޑުމެންގެ ޒުވާނުން މަދަރުސާއިން ނުކުންނާންތިބި ދަރިވަރުންނަށް ހެޔޮވެރިކަމުގެ އަސާސްތައް ރަނގަޅަށް ފުރިހަމައަށް އެނގިފައިއޮތުން. ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، ހެޔޮގޮތުގައި ވެރިކަންކުރެވޭނެގޮތެއް އޮތުން. ނާޖާއިޒު ފައިދާ، ވެރިކަމުގެ ފަރާތުން، ވެރިކަމުގައި ތިއްބަވާ ބޭފުޅުން ނުނެންގެވުން. ރައްޔިތުންގެ މެދުގައި ތަފާތު ނުކުރުން. އިންސާފުވެރި ގޮތުގައި ހުރިހާ ކަމެއްވެސް ހުރިހާ ރައްޔިތުންނަށް ކުރެވޭތޯ ބެލުން. މިފަދަ އަސާސްތައް ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގޭނީ، މަދަރުސީ ދައުރުއްސުރެ ފެށިގެން އެ މަޢުލޫމާތާއި އެ ވިސްނުމާއި އެ ޚިޔާލާއި ފިކުރު ދަރިވަރުންގެ ހިތްތަކުގައި އަށަގެންނެވުނީމާ، ދަރިވަރުންނަށް އެކަންކަން އޮޅުން ފިލުވައިދެވުނީމާ. އަޅުގަނޑު ހިތުން އޭ. ފާހަކާ އެއްވަރަށް ހަމަ އެހާމެ މުހިންމު، އިތުރު ޙަރަކާތްތަކުގައި ދަރިވަރުން ހޯދާ ކާމިޔާބު.

އަޅުގަނޑު އުންމީދުކުރަން، ފުންކޮށް ވިސްނީމާ އައި ބަދަލުވެސް ތިޔަބޭފުޅުންނަށް އިޙްސާސް ވާކަން. އަޅުގަނޑު އުންމީދުކުރަން، ތިޔަބޭފުޅުން ހަމައިގައި އިންސާފުވެރި ގޮތުގައި އަޅުގަނޑުމެންގެ މަސައްކަތް ކިރައިފިނަމަ، މިއަހަރުގައި އަޅުގަނޑުމެންނަށްވެސް އެންމެ ކުޑަމިނުން ބީ. ރިޕޯޓެއް ލިބޭނެކަމަށް. އަޅުގަނޑު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަންނަ އަހަރު އޭ. ރިޕޯޓަކަށް މަސައްކަތް ކުރާނަން. އަޅުގަނޑުމެން އެބަ އެދެން. އަޅުގަނޑުމެންގެ ވެސް އިމްތިޙާނެއް އަހަރު ނިމޭއިރު ނޮވެމްބަރ 11 އަޅުގަނޑުމެންގެ ފުރަތަމަ އަހަރު ނިމެނީ މިސަރުކާރުގެ، ނިމޭއިރުގައި އަޅުގަނޑަށް ޔަޤީން، ރައްޔިތުން އަޅުގަނޑުމެންނަށްވެސް މާކްސް ދޭނެކަން. އަޅުގަނޑުމެންނަށްވެސް ރިޕޯޓުކާޑެއް އޮންނާނެކަން. އަޅުގަނޑަށް ލަފާކުރެވެނީ، އަޅުގަނޑުގެ ހިތުގައި މިއަހަރު ނިމޭއިރު ރިޕޯޓުކާޑުގައި އޮންނާނީ ބީ އެކޭ. ދެން އެހެންނަމަވެސް، ކިތަންމެ ފަހަރަކު ލިބިދާނެކަމަށް އުންމީދުކުރާ މާކްސްއަށްވުރެ މާމަތިން ލިބިފައި ހުންނަނީ. ހަމަގައިމުވެސް، އަޅުގަނޑުގެ ޙަޔާތުގައި، މަދަރުސާގެވެސް އަދި ފަހުންވެސް ވެފައިއޮތްގޮތަކީ، ލިބޭނެކަމަށް އުންމީދުކުރި މާކްސްއަށްވުރެ އަބަދުވެސް ލިބިފައިހުރީ ރަނގަޅަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ނޮވެމްބަރ 11 ގައި އަޅުގަނޑުމެންނަށް ރަނގަޅު ރިޕޯޓްކާޑެއް ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރަން.

އަޅުގަނޑު ދަރިވަރުން ގާތު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު، ފާހަގަކުރަން ބޭނުން. ކުރިޔަށް މިއޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި، އަހަރުގެ އިމްތިޙާނު، ފަހު އިމްތިޙާނު އެބައޮތް. ޚާއްޞަކޮށް، އޯ ލެވެލް އާއި އޭ ލެވެލް އާ ހަދާ ކުދިންގެ އިމްތިޙާނުތައް، އަދި އެހެން ހުރިހާ ކުދިންގެ އިމްތިޙާނުތައްވެސް ހަމަ އެހާމެ މުހިންމު. އެ އިމްތިޙާނުތަކަށް ދަރިވަރުން އިތުރަށް ތައްޔާރުވާން އެބަޖެހޭ. މިހާރުއްސުރެ ފިލާވަޅު ދަސްކުރުން އިތުރު ކުރާން އެބަޖެހޭ. އިމްތިޙާނުން މޮޅުވުމަކީ މުހިންމު ކަމެއް. އަދި ހަމައެހެންމެ، އަޅުގަނޑުގެ ހިތުގައި އެ އިމްތިޙާނުން މޮޅުވެގެން އެއޮތް ޗުއްޓީއަކީ އަދި މާމުހިންމު ކަމެއް. ރަނގަޅު ޗުއްޓީއެއް ހޭދަކުރުން، އުފާވެރިކަމުގައި، ކުޅިވަރުގައި، ހެޔޮގޮތުގައި ރަނގަޅު ޗުއްޓީއެއް ހޭދަކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.

އަޅުގަނޑެއް މިރޭ ގިނައިރެއް ނަގާކަށް ގަސްތެއް ނުކުރަން. ވަރަށްބޮޑަށް ދަންވެސް ވެއްޖެ. އެހެންވީމާ، ގިނަ ވާހަކަތަކެއް ދައްކާކަށް އަޅުގަނޑުގެ ހިތުގައެއް ނެތް. އަޅުގަނޑު އަނެއްކާވެސް ހަމަ ދަންނަވާލަން ބޭނުމީ، އަޅުގަނޑު ހަމަގައިމުވެސް މިރޭ މިތާ މިހުރީ އުފަލުންނޭ. ތިޔަބޭފުޅުންގެ މަދަރުސާގެ އިނާމު ދިނުމުގެ ދުވަހަކަށް އާދެވުނުކަމީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ޝަރަފެއް. އަޅުގަނޑުގެ އުންމީދަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް މިއަތޮޅަށާއި އަޅުގަނޑުމެންގެ ރާއްޖެއަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

وَالحَمْـدُ لِلّـهِ، والسّـلام عليـكم . ވަރަށްބޮޑަށް ޝުކްރިއްޔާ.