بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


ސަރުކާރު މުވައްޒަފުންގެ އޮނިގަނޑަށް، ސަރުކާރުގެ އޮނިގަނޑަށް ސަރުކާރުން ބަދަލުގެނައުމަށް ސިވިލް ސަރވިސްގައި މިއަދު ސަރުކާރުން ދަންނަވައިފިން. އެނގިވަޑައިގަންނަވާނެ، މިހާރު މިކަން ޤާނޫނީ ގޮތުން ހިނގާ އުޞޫލަކީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި މި ރައީސުލްޖުމްހޫރިއްޔާއަށް ބާރެއް ދެއްވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްވާ މެންޑޭޓަކާ އެއްގޮތަށް ނުވަތަ ފާސްވާ މަސައްކަތްތަކެއް ހިންގުމަށް ސަރުކާރުގެ ވުޒާރާތައް އެކުލަވާލުމަށް. އެނގިވަޑައިގަންނަވާނެ، 116 ވަނަ މާއްދާގެ ދަށުން އެވުޒާރާތައް ހެދުމަށް އަދި އެވުޒާރާތަކުގެ މަސައްކަތްތައް ބަޔާންކޮށް، ސަރުކާރުންވަނީ ނޮވެމްބަރުމަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މިދިޔަ އަހަރުގެ ނޮވެމްބަރުގައި މަޖިލީހުން އެމަސައްކަތްތައް ވަނީ ފާސްކޮށްދެއްވާފައި. މިހާރު ސަރުކާރަށް ލާޒިމްވަނީ އެމަސައްކަތްތައް ކުރުން. އެގޮތަށް އެމަސައްކަތްތައް ކުރުން. އެހެންވީމާ، އަޅުގަނޑުމެންގެ ވާޖިބަކީ، އަޅުގަނޑުމެންނަށް މަޖިލީހުން ޤާނޫނީ ގޮތުން ޙަވާލުވެފައިވާ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެ ގޮތެއް އަޅުގަނޑުމެން ހޯދުން.

ހަމައެއާއެކީގައި ދަންނަވާލަން ބޭނުން. ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި ސަރުކާރުގެ މުވައްޒަފުންނާއި، އަދި ސަރުކާރުގައި މަސައްކަތްކުރާ އެންމެ ބޭފުޅުންގެ ޢަދަދާއި، އަދި އެބޭފުޅުން ކުރައްވާ މަސައްކަތާއި، މި އެންމެ ކަންކަން މިހާރު މިއޮތްގޮތަށް ބައްޓަންވެފައި މިއޮތީ އެންމެ ދުވަހަކު ދެދުވަހެއްގެ ޙަރަކާތަކުން މަސައްކަތަކުން ނޫން. ވަރަށްގިނަ ޒަމާންތަކެއްގައި ދިވެހި ސަރުކާރުގެ ގޮތުގައި މުއައްސަސާއެއް އުފެދި، އެމުއައްސަސާގެ ތެރޭގައި މަސައްކަތްކުރާ އެތައް ބައެއް ހިމެނި، އެބޭފުޅުންގެ މަސައްކަތްތައް މިއަދާ ހަމައަށް އައިއިރުގައި، މިހާރު މިހުރީ މިގޮތަށް އެކުލަވާލެވިފައި.

މިއަދު ދިވެހި ސިވިލް ސަރވިސްގެ ސަރުކާރުގެ މުވައްޒަފުންގެ، ސިވިލް ސަރވިސްގެ ޖުމްލަ ޢަދަދަކީ އޮނަތިރީސް ހާސް އެއްސަތޭކަ އެކާވީސް މީހުން. އެ ޢަދަދު މިހުރީ މިހާރުގެ ސިވިލް ސަރވިސްއިން ބަހާލެވިފައި 20 ރޭންކަކަށް، އަޅުގަނޑު ހަނދާންވާ ގޮތުގައި. އެ ރޭންކްތަކުގައި މިހިމެނެނީ، އެސް.އެސް އެއީ ސަޕޯޓް ސަރވިސް 1. އެހެން ގޮސް މިއަންނަނީ އެގްޒެކެޓިވް ވަޒީފާތަކަކާއި، ދެން މިހެން މިހެން ހުންނަ އެކިއެކި ރޭންކްތަކުގެ ވަޒީފާތަކެއް. މުޅި ޖުމްލަ 20، 21 ވަޒީފާ އެބައޮވޭ.

މި ވަޒީފާތަކުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް މަޢްލޫމާތަށްޓަކައި ހަމަ ދަންނަވާލަފާނަން. ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ މަޢްލޫމާތު އެއްކޮށް، ވަކިހަމައަކަށް މިހާރު ތަރުތީބުކޮށް ހެދީމާ، އަޅުގަނޑުމެންނަށް ފެނުނު ނަތީޖާ ދަންނަވާލަން. އެސް.އެސް 1. އެއީ ރޭންކް އެސް.އެސް. 1 ގައި 5504 މުވައްޒަފުން. އެސް.އެސް. 2 ގައި 2566 މުވައްޒަފުން. އެސް.އެސް. 3 ގައި 443. އެސް.އެސް. 4 ގައި 54. އެސް.އެސް. 5 ގައި 9. އެގްޒެކެޓިވް އީ.އެކްސް 1 ގައި 360. އީ.އެކްސް 2 ގައި 53. އީ.އެކްސް 3 ގައި 93. އީ.އެކްސް 4 ގައި 70. އީ.އެކްސް 5 ގައި 96. އީ.އެކްސް 6 ގައި 40. އީ.އެކްސް 7 ގައި 12. އީ.އެކްސް. 8 ގައި 3. ޖީ.އެސް. 1 ގައި 993. ޖީ.އެސް. 2 ގައި 1679. ޖީ.އެސް. 3 ގައި 4896. ޖީ.އެސް. 4 ގައި 1573. އެމް.އެސް. 1 ގައި 4594. އެމް.އެސް. 2 ގައި 3054. އެމް.އެސް. 3 ގައި 2511. އެމް.އެސް. 4 ގައި 478. ދެން އަދި އެން.ސީ.ވީ.އެލް ކިޔާ ރޭންކެއްގައި 23. ޒެޑް.ވީ 7 ގައި 17. މުޅި ޖުމްލަ އޮނަތިރީސްހާސް އެއްސަތޭކަ އެކާވީސް. އެސް.އެސް.އޭ މިކިޔަނީ އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުގައި، ސަޕޯޓް ސަރވިސްއަށް.

ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މިގޮތަށް އުފެދިފައި އޮތް، އުފައްދާފައި އޮތް ސިވިލް ސަރވިސްއަކަށް ބަދަލުގެނައުމަށްޓަކައި އެކިއެކި ދިވެހި ވެރިން އެކިޒަމާނުގައި އެކިގޮތްގޮތަށް މަސައްކަތް ކުރައްވާފައި އެބަހުރި. ޚާއްޞަ ގޮތެއްގައި މިއޮފީހުގައި ޕަބްލިކް ސަރވިސް ޑިވިޜަންގެ ނަމުން ނަންދެވި، އޮފީހެއް އުފައްދައި، އެއޮފީހުގައި ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައި އެބަހުރި. އަދި ހަމައެހެންމެ، ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުން، އެހީދޭ ޖަމާޢަތްތަކުން، އެކުވެރި ދައުލަތްތަކުން ދިވެހި ސަރުކާރަށް އެކިގޮތްގޮތަށް އިރުޝާދުދީ، ލަފާދީފައި ހުރި ރިޕޯޓްގެ ޢަދަދު އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، ހަމަގައިމުވެސް އަޅުގަނޑު އެ ޢަދަދުންކީ ގޮތުގައި 27 އަށްވުރެ މައްޗަށް އަރާފައި އެބަހުރި. ކޮންމެ ފަހަރަކުމެ، މި ސިވިލް ސަރވިސްއަށް ގެންނާންޖެހޭ ބަދަލާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ސަރުކާރަށް މިއޮތީ އިރުޝާދެއް ދެއްވާފައި ނުވަތަ ލަފައެއް އަރުވާފައި. އެ އިރުޝާދާއި އެ ލަފާގެ މަތިން ޕަބްލިކް ސަރވިސް ޑިވިޜަނުން މިކަން އެގޮތަށް ކުރިއަށް ގެންދިއުމަށް އަނެއްކާވެސް ތަފާތު އެކިއެކި ފަހަރު ފަހަރު މަތިން މަސައްކަތް ކުރައްވާފައި އެބަހުރި. އެހެން ނަމަވެސް، އެއްވެސްފަހަރަކު މިކަން ކާމިޔާބުވެފައި ނުވަނީ، މިދެންނެވި ރިޕޯޓްތަކާއި، މިދެންނެވި ދިރާސާތަކުގެ އަލީގައި ފާހަގަވެފައި މިއޮތީ، ރަނގަޅަށް ހިނގާ ސަރުކާރެއްގައި، ނުވަތަ ރަނގަޅަށް ހިންގާ ސަރުކާރެއްގެ އޮނިގަނޑުގައި އެބަތިބެއޭ ސަޕޯޓް ސަރވިސްއަކާއި، އެގްޒެކެޓިވް ސަރވިސްއަކާއި، އަދި ޓެކްނިކަލް ބޭފުޅުންނާއި އަދި އެޑްމިނިސްޓްރޭޓިވް ސަޕޯޓަރުން. ރައްޔިތުންގެ މަޖިލީހުން ސަރުކާރަކާ ޙަވާލުކޮށްފައި މިއޮންނަނީ، ވަކި ޚާއްޞަ ކަމެއް ކުރުމަށް. އެކަން ކުރުމަށް ތިއްބަވާ ބޭފުޅުން އެބަތިއްބަވާ. އަދި އެކަން ކުރަންވީގޮތް ކިޔައިދިނުމަށް ތިއްބަވާ ބޭފުޅުން އެބަ ތިއްބަވާ. ދެން އެކަން ކުރުމަށް އެހީތެރިވެދިނުމަށް ތިއްބަވާ ބޭފުޅުން އެބަ ތިއްބަވާ. މީގައި ރަނގަޅަށް ހިނގާ ސަރުކާރެއްގައި، ސީދާ ކަންތައް ކުރައްވާ ބޭފުޅުން، މުވައްޒަފުންގެ ޢަދަދު ގިނަކޮށް އޮތުމަށް މި އެންމެހާ ބޭފުޅުން ސަރުކާރަށް، ދިވެހި ސަރުކާރަށް ލަފާއަރުވާފައި މިވަނީ.

މިއަދު މިކަން އޮތްގޮތުން، ސަރުކާރު މުވައްޒަފުންގެ 38 ޕަސެންޓް، އެއީ އެޑްމިނިސްޓްރޭޓިވް ސަޕޯޓްގެ 9 ޕަސެންޓާއި، އޮގްޒިލިއަރީ ސަޕޯޓްގެ 29 ޕަސެންޓަކީ މިއީ ސަޕޯޓް މުވައްޒަފުން. އެހެންވީމާ، ސަރުކާރުގެ، މުޅި ސަރުކާރުގެ ގާތްގަނޑަކަށް ސާޅީހަކަށް ޕަސެންޓް މުވައްޒަފުންނަކީ ސަޕޯޓް ދެއްވާ މުވައްޒަފުން. ސީދާ މަސައްކަތަކީ މަޖިލީހުން ޙަވާލުކޮށްފައިވާ މަސައްކަތް. އެމަސައްކަތް ކުރުމަށް ސަޕޯޓް ދެއްވާ ބޭފުޅުން. އަޅުގަނޑުމެންނަށް މިކަމުގައި ލަފާ ލިބިފައިވާ ގޮތަކީ، ސަޕޯޓް، އޮގްޒިލިއަރީ ސަޕޯޓް، އެންމެ އާދައިގެ ސަޕޯޓް ދިނުމަށް މުވައްޒަފުންގެ 5 ޕަސެންޓޭ ތިބެން ޖެހޭނީ. މިވަގުތު މިތިބީ، 29 ޕަސެންޓް. ދެން އެޑްމިނިސްޓްރޭޓިވް ސަޕޯޓަށް 13 ޕަސެންޓް ތިބުމުން ރަނގަޅު ކަމަށް. މިވަގުތު ތިބީ 9 ޕަސެންޓް. އެހެންވީމާ، އެދިމާއިން މިހާރު ތިބި ޢަދަދު މަދުވަނީ. އަޅުގަނޑުމެން ޖެހެނީ ގިނަކުރަން. ޓެކްނިކަލް ސަރވިސަސްއަށް ސީދާ މަސައްކަތް ކުރުމަށް ރަނގަޅަށް ހިނގާ އޯގަނައިޒޭޝަނެއް، ސަރުކާރެއްގައި 60 ޕަސެންޓް މުވައްޒަފުން ތިއްބަވަން މިޖެހެނީ ޓެކްނިކަލް ސަރވިސަސްގައި. މިވަގުތު މިތިބީ 49. ހަމައެހެންމެ ޓެކްނިކަލް ކޯރ، އެއީ، އެންމެ ނާރެސް ފަންނީ ނާރެސްއެއްގެ ގޮތުގައި، އެބަ ރަނގަޅަށް ހިނގާ ސަރުކާރެއްގައި 20 ޕަސެންޓް މުވައްޒަފުން ތިއްބަވަން މިޖެހެނީ އެކަމުގައި. މިވަގުތު އެކަމުގައި މިތިއްބެވީ 12 ޕަސެންޓް މުވައްޒަފުން. ރަނގަޅަށް ހިނގާ ސަރުކާރެއްގައި އެގްޒެކެޓިވް ނުވަތަ އިރުޝާދު ދިނުމަށް، ލަފާދިނުމަށް އެބަ ތިއްބަވަންޖެހޭ މުވައްޒަފުންގެ 2 ޕަސެންޓް. މިއަދު މިވަގުތު އަޅުގަނޑުމެންގެ ތިބީ އެކަމުގައި މުވައްޒަފުންގެ އެއްޕަސެންޓް. އެހެންވީމާ، އަޅުގަނޑުމެންނަށް މިއެނގެނީ، 5 ބާވަތެއްގެ މުވައްޒަފުން އެބަތިބެންޖެހޭ. އަދި ރަނގަޅަށް ހިނގާ ސަރުކާރެއްގައި 4 ބާވަތެއްގެ މަސައްކަތް ކަމަށްވަނީ ހިންގާން މިޖެހެނީ. 4 އިދާރާއެއްގައި. 4 އޮފީހެއްގައި. އެއީ، ސިޔާސަތު ކަނޑައަޅާ އިދާރާއަކާއި، ތަންފީޒީ އިދާރާއަކާއި، ރެގިއުލޭޓްރީ އެއީ ބަލާ، މިނާ އިދާރާއަކާއި އަދި ޚިދްމަތްދޭ އިދާރާއަކާ. ކޮންމެ މިނިސްޓްރީއެއްގައިވެސް މި 4 ބާވަތުގެ އިދާރާ އެކިގޮތްގޮތަށް ޙަރަކާތްތެރިވާނެ. އެހެންނަމަވެސް، ކޮންމެ އިދާރާއެއްގައިވެސް މިތިބެނީ، އެގްޒެކެޓިވް، ޓެކްނިކަލް ކޯރ ދެން ޓެކްނިކަލް ސަރވިސަސް، އެޑްމިނިސްޓްރޭޓިވް ސަޕޯޓް. އަދި އޮގްޒިލިއަރީ ސަޕޯޓް. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ސަރުކާރު ހިންގުން ބަދަލުކުރުން އެއީ، އަޅުގަނޑުމެންނަށް މަޖުބޫރުވެފައިވާ ކަމެއް.

އަޅުގަނޑަށްވެސް އެނގޭ، ބައެއްފަހަރަށް މިކަން ދަތިވެގެން މިކަމުގައި އިންކާރު ކުރާ ބައެއް ބޭފުޅުންގެ އަޑު އުފުލުން ތަންކޮޅެއް ބޮޑުވީމާ، ސިޔާސީ ވެރިންނަށް މިބާވަތުގެ ކަންކަމުން ކުރިއަށް ދިއުމަށް ދަތިވެ، ހައްތަހާވެސް މާދަމައަށް އެބާވަތުގެ ކަންކަން ލަސްކޮށްލައި، ފަސްކޮށްލައި، ރަނގަޅު ވަގުތު ޖެހެންދެން މަޑުކުރައްވަނީ. އަޅުގަނޑުމެންނަކަށެއް ނެތް، އަޅުގަނޑުމެން ޤަޞްދެއްވެސް ނުކުރަން، އަޅުގަނޑުމެން ކުރާންހުރި ކަމެއް އަދި އަޅުގަނޑުމެންގެ ނަޒަރުގައި ރަނގަޅު ކަމެއް ކުރުމުގައި އަދި އެކަމާ އިންކާރު ކުރަމުން ބައެއް ބޭފުޅުން ވަޑައިގެންނެވި ކަމުގައިވިޔަސްވެސް، މިކަން އަޅުގަނޑުމެން އެބަ ކޮށް ނިންމަންޖެހޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެން މިކަމާއިގެން މިމަސައްކަތް މިފަށަނީ. އަޅުގަނޑުމެން މިވަނީ މިމަގަށް މިމަސައްކަތް ހިންގައިދިނުމަށް ސިވިލް ސަރވިސްގައި މިހާރު ދަންނަވާފައި. އަޅުގަނޑުމެން ސިވިލް ސަރވިސްގައި އެވާހަކަ ދެންނެވީ، ސިވިލް ސަރވިސްއާ ވަރަށްގިނަ މަޝްވަރާ ކުރުމަށްފަހުގައި. އަދި އަޅުގަނޑުމެންގެ ދިރާސާތައް އެކުލަވާލެވިފައި މިވަނީވެސް ސިވިލް ސަރވިސްއާ އެކުގައި. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އަދި އަޅުގަނޑުމެން ދެކޭގޮތުގައި މިހާރު އަޅުގަނޑުމެން ސިވިލް ސަރވިސްގައި އެދިފައިމިވާ ކަންތައްތަކަކީ، ޙަޤީޤަތުގައި ސިވިލް ސަރވސްގެ ޤާނޫނުގެ ދަށުން ސިވިލް ސަރވިސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން. އަޅުގަނޑުމެންނަށް ޔަޤީން، އެބޭފުޅުން މިހާތަނަށް ވަޑައިގެންނެވިއިރުވެސް އެކަންކަން އަޅުގަނޑުމެންނާ އެކުގައި ކުރައްވަމުން އެ އައި އުޞޫލުގައި އެބޭފުޅުން ކުރައްވަމުން ގެންދަވާނެ. ހަމަ ދެން އެއޮތް އެ އިދާރާތަކުގެ މަސައްކަތްތަކާއި، އާ ސިވިލް ސަރވިސް އެކުލެވިގެންވާގޮތާ، އެކަންކަމާ ގުޅޭގޮތުން ކުޑަ ތަފްޞީލެއް އެރުވުމަށް އަޅުގަނޑު އަސްޢަދު ކިބައިން އެދޭނަން. ޝުކުރިއްޔާ!

އަޙްމަދު އަސްޢަދު – މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ:

އާދެ! ޝުކުރިއްޔާ! އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑަށް ތަފްޞީލު އެރުވިއްޖެހެން. އެހެންނަމަވެސް، ކޮންމެވެސް ވަރަކަށް ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނަން. ތިޔަބޭފުޅުންގެ އަތްޕުޅުގައި ތިއޮތް ކަރުދާހުގައި، އޭގައި އަޅުގަނޑުމެން ދަންނަވާފައިވާނެ، އަޅުގަނޑުމެން 4 ބާވަތެއްގެ އިދާރާ ބޭނުންވާއިރު، 4 ބާވަތުގެ އިދާރާއިން ކުރަނީ ކޮންކޮން ކަންތައްތަކެއްކަން. ދެން އަދި އޭގެއިތުރަށް މިހާރު ހުރި ސަރުކާރުގެ އިދާރާތަކުގެ މައްޗަށް ބަލާފައި، ކޮންމެވެސްވަރަކަށް އެ ލިސްޓްވެސް ކުރެވިފައިވާނެ. އެއީ، އަޅުގަނޑުމެން ސިޔާސަތު ކަނޑައަޅާ އިދާރާތަކަކާއި، ތަންފީޒީ އިދާރާތަކަކާއި، ރެގިއުލޭޓަރީ އިދާރާތަކަކާއި، އަދި އޭގެއިތުރަށް އިމްޕްލިމެންޓިންގ އޭޖެންސީތަކެއް އަޅުގަނޑުމެން ކަނޑައަޅާފައިވާނީ. ދެން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، އެސް.އެސް. އަކާއި، އެގްޒެކެޓިވް އަކާއި، އީ.އެކްސް އަކާއި، މިކަހަލަ އެއްޗެހިތަކެއް. ދެން އަޅުގަނޑަށް ހީވަނީ ކޮންމެވެސްވަރަކަށް ތަފްޞީލު ދިނުމުގައި ބަލައިލަންޖެހޭހެން. އެއީ ކޯއްޗެއްކަން. އެސް.އެސް.އޭ އަޅުގަނޑުމެން މިދަންނަވަނީ، ސަޕޯޓް ސަރވިސް. މީގައި މިހިމެނެނީ، ސަރުދާރުން ފެށިގެން ތިރީގައި ތިބި މުވައްޒަފުން. ދެން އެއީ މިހާރު ގާތްގަނޑަކަށް 30 ޕަސެންޓް، 29 ޕޮއިންޓް ކޮންމެވެސްވަރެއް. އެހެންވީމާ، އެއީ 30 ޕަސެންޓާ އެބަ ގާތްކުރޭ. ދެން އޭގެއިތުރަށް އެޑްމިނިސްޓްރޭޓިވް ސަޕޯޓް ނުވަތަ ކާތިބުންނާއި އޮފީހުގައި، މި ލެވެލްގައި އެބައުޅޭ 10 ޕަސެންޓް. އެހެންވީމާ، 40 ޕަސެންޓް މިއޮތީ އެއީ އޮފީހެއް، އޮފީހެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ މުވައްޒަފުންނޭ. އެއީ ކޮންމެހެން އެ އޮފީހުން ދޭންޖެހޭ ޚިދްމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މުވައްޒަފުންނެއް ނޫނޭ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް، ރައްޔިތުން އަޅުގަނޑުމެންނާ ޙަވާލުކޮށްފައިވާ މަސައްކަތް ފޯރުކޮށްދިނުމަށްޓަކައި މިހާރު މުވައްޒަފުން ތިބި ގޮތް އަލުން އެބަޖެހޭ އަތުރާލަން. މިހެން އަތުރާލާއިރު ބަދަލުވެގެން މިދަނީ، ތަންކޮޅެއް ތިރިއަށް ލުއިގޮތަކަށް. މާނައަކީ އޮފީހެއް ހިންގަން ބޭނުންވާ ކަމަށް ބުރަވާ، ކަންތައްތަކަށް ބުރަވާ ގޮތަށް. އެހެން ނަމަވެސް، އެ އޮފީހެއް އޮފީހެއްގެ ގޮތުގައި ހުންނާތީވެ، ގެންގުޅެންޖެހޭ މުވައްޒަފުން ތަންކޮޅެއް މަދުވާކަހަލަ ގޮތަކަށް.

ދެން މީގެތެރޭގައި ހަމަ ބައެއް ދިމަދިމާލުން އަޅުގަނޑުމެންނަށް ހަމަ ވިސްނޭ. ޚާއްޞަކޮށް، ޓެކްނިކަލް ކޯރ ނުވަތަ މައިގަނޑު މަސައްކަތް ހިންގަން ތިބޭ މީހުންނަށް ބަލާ ކަމަށްވަންޏާ، އެބައި ކޮންމެވެސްވަރަކަށް މުޅި ރާއްޖެއަށް ބެލި ކަމުގައިވީނަމަވެސް މީހުން މަދުކަން. އެހެންވީމާ، އަޅުގަނޑުމެން ޓްރޭނިންގ ޕްރޮގްރާމްތަކަކާއި، މިކަހަލަ ކަންތައްތަކެއްގެ އެހީގައި މިބަލަނީ އެބައި މިއަދުން މިއަދަށް އަޅުގަނޑުމެންނަށް ފުރިހަމަ ނުކުރެވުނު ކަމުގައިވިޔަސް، މާދަމައަށް އެކަން ފުރިހަމަކުރެވޭތޯ. އަޅުގަނޑުމެން މިކުރަންޖެހޭ ދަތުރު، ދެން ސަރުކާރަކާ ޙަވާލުވެވަޑައިގަންނަވާ ބޭފުޅުންނަށް، އެއީ އަދި ކޮންމެ ދުވަހަކުން ކަމުގައިވިޔަސް، އެބޭފުޅުންނަށް ނުކޮށް ފަރުޖެހޭނެކަހަލަ ގޮތަކަށް މި ބައްޓަން ކޮށްގެން މިކަން އަމާޒުކޮށްގެން ގެންދެވޭތޯ އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ.
ދެން ތިޔަބޭފުޅުންނަށް އަނެއްހެން ޢަދަދުން ބައްލަވާލައްވަން ބޭނުންކަމަށްވަންޏާ، ތަފްޞީލަކީ ހަމަ ސިވިލް ސަރވިސް ކޮމިޝަނުން ލިބިވަޑައިގަންނަވާނެ ތަފްޞީލު. ދެން އެބޭފުޅުންވެސް ކޮންމެހެން ހާމަކުރަންނުޖެހޭ މަޢްލޫމާތެއް ކަމުގައި ވެއްޖިއްޔާ ހާމަނުކުރައްވާނެ. އެހެން ނަމަވެސް، އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ، މީގެތެރެއިން ބައެއް މަޢްލޫމާތަކީ އެބޭފުޅުންނަށް ދޫނުކުރެވޭނެ ކަހަލަ މަޢްލޫމާތެއް ކަމަކަށް. ދެން ހަމަ އުފެދޭ ސުވާލެއް، މިހާރު އޮތް ޢަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެތޯ؟ ނޫނީ ނާންނާނެތޯ؟ އެކަށީގެންވާ ކަމެއް ބަދަލު އައުން. އެހެންވީމާ، އެއްދިމާލަކުން މަދުވެގެންދާއިރު، އަނެއް ދިމާލަކަށް އިތުރުވެގެން އެބަދޭ. އެހެންވީމާ، މިހާރުން މިހާރަށް ބައެއް މީހުންނަށް އެތިބި ދިމާލުން ދެން އޮތް ހަރުފަތަށް ނޭރުނު ކަމުގައިވިޔަސް، އެއަށް މަގުފަހިކޮށްދީފައި އަޅުގަނޑުމެން ބަދަލުތަކެއް ގެންނަން ސިވިލް ސަރވިސްއަށް ހުށަހަޅައިގެން މިގެންދަނީ.

މުޙަންމަދު ޞާދިޤު – ޓީ.ވީ.އެމް:

އަޅުގަނޑުގެ ސުވާލަކީ، ސަރުކާރުގެ މަގާމުގެ ބާވަތްތައް މައިގަނޑު 4 ބަޔަކަށް ބަހާލެވިފައި މިއޮތީ. މީގެތެރެއިން ޓެކްނިކަލް ސަރވިސް 20 ޕަސެންޓާ 60 ޕަސެންޓާ ދެމެދުގެ ޢަދަދަކަށް ހިމަނާފައި މިއޮތީ. މިއީ ކިހިނެއްވެގެންތޯ މިޢަދަދު ގިނަވެފައި، ދެން އެގްޒެކެޓިވް 2 ޕަސެންޓާއި 5 ޕަސެންޓާ ދެމެދުގެ ޢަދަދަކަށް. ދެން މިހާރު މި ޕަސެންޓް ހުރީ 1 އިންސައްތައިގައި ކަމަށް ރައީސް ވިދާޅުވީ. މި ޢަދަދު މި އިތުރުވެ ތަފާތުވެ، މި ކިހިނެއް ކިހިނެއް ބައްލަވާފައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދަންނަވައިފިން، މިތަނުގެ ޕަބްލިކް ސަރވިސް ޑިވިޜަނާއި އަދި އެކަމާ ގުޅޭގޮތުން އެކުލަވާލެވިފައި ހުރި ދިރާސާތަކާއި ރިޕޯޓުތަކާއި އަދި މިކަމުގެ މާހިރުންނާ އަދި ރަނގަޅަށް އޯގަނައިޒޭޝަނެއް ހިނގާއިރުގައި، މެދަށް ކަމަށް ބޮޑުވާން މިޖެހެނީ ފާހަގަވެފައި މިއޮންނަނީ. އެއީ، ޓެކްނިކަލް ކޯރ އާއި ޓެކްނިކަލް ސަރވިސަސްއާ. ފަންނީ ނާރެސްއަކާއި އެ ފަންނީ ޚިދްމަތް ދިނުން މީގެ ބޮޑު މަސައްކަތަކީ. އެހެންވީމާ، އެމަސައްކަތް އެހެން އޮންނަންޖެހޭ ކަމަށް މިވަނީ. ދެން އެގްޒެކެޓިވުންގެ ޢަދަދު މިގުޅެނީ، ޓެކްނިކަލް ކޯރގެ ޢަދަދާ. މިދަންނަވާ ވާހަކައަކީ ވަކި ޢަދަދަކަށް ބޭފުޅުން ތިއްބެވީމާ، ވަކި ޢަދަދަކަށް ވެރިއަކު، ވަކި މިންވަރަކަށް ވެރިން މި ތިއްބަވާން މިޖެހެނީ. އެހެންވީމާ، އެކަހަލަ ރޭޝިއޯތަކެއް ނުވަތަ ގުޅުންތަކެއް ބައިނަލްއަޤްވާމީ ގޮތުން އެބަ ގެންގުޅުއްވާ މި ސިވިލް ސަރވިސްތަކުގައި. އެހެންވީމާ، ހުރި ޢަދަދުތައް އެއީ.

ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އިނގޭތޯ. އަސްޢަދު ދެންމެ ވިދާޅުވެއްޖެ. އަޅުގަނޑުމެން މިކަން މިހެން ހިންގާއިރުގައި، އަޅުގަނޑުމެން މިއުޅެނީކީއެއް އެއްވެސް ބޭފުޅަކަށް މިކަމުން ދެރައެއް ލިބޭނެ ކަމަށް ކުޑަކޮށްވެސް ގަބޫލުކޮށްގެނެއް ނޫން. އަޅުގަނޑަށް ވަރަށް ޔަޤީން. އިރާދަކުރެއްވިއްޔާ، މިއިން ހުރީ ހަމަ ފައިދާކަން. އަޅުގަނޑުމެން މިހާރު މިސާލަކަށް ދަންނަވާއިރު އިނގޭތޯ. އެސް.އެސް. 1 އަކާއި އެސް.އެސް. 2 ގައި އެއީ 5504 މުވައްޒަފުންނާއި، 2566 މުވައްޒަފުން. މި ދެ ކެޓަގަރީގައި އެބަތިއްބެވި އިނގޭތޯ ދެން އަޅުގަނޑު ހަމަ ކުއްލިއަކަށް ދަންނަވާލެވޭނީ 1700 ކައްކާ މުވައްޒަފުން ކައްކާ މީހުން އިނގޭތޯ ސަރުކާރުގައި. އަޅުގަނޑުމެންނަށް މިއިން ބޭފުޅަކަށް، މިއިން ކައްކާ މީހަކަށް މިދެވެނީ، ގިނަވީމާ -/4000 ރުފިޔާ. މި ރާއްޖޭގައި އެބަތިބި ޝެފުން. އަދި ރިޒޯޓް ކައްކާއިން މިހާރުވެސް މަދުވެފައި 6000 އަށްވުރެ ގިނަ. އެއީ، އަޅުގަނޑުމެން ހަމަ ބޭރުން މިގެންނަނީ. އެއިން ކައްކާއަކަށް މިދެނީ، -/12000 ރުފިޔާ. އަޅުގަނޑުމެންގެ އަމާޒަކީ މި 1700 ކައްކާއިން [ޓިވެޓް“ ގެ ޓްރޭނިންގ ޕްރޮގްރާމްގައި 6 މަސްދުވަހު ބޮޑު ކައްކާއިންނަށް ހަދާފައި، އެބޭފުޅުންގެ މުސާރަ ދެގުނަ ކުރެވޭތޯ ބެލުން. ހަމައެއާއެކީގައި، ބޭރުން މި އަންނަ އެކްސްޕެޓްރިއޭޓުން، ބޭރު މީހުންގެ ޢަދަދު ކުޑަކުރުން. ދެން އެމަސައްކަތް ހިނގާއިރުގައި، އަޅުގަނޑުމެން އެބަދެން އަދި ހަމަ އެމީހުންނަށް އެލަވަންސްވެސް. އެ ޓްރޭނިންގގައި އުޅުއްވާއިރުގައިވެސް އެލަވަންސްވެސް. އަދި އެއޮންނަ 6 މަސްދުވަހުގެ ތެރޭގައި، ފުރަތަމަ 3 މަސްދުވަހުގެ ލަމްޕްސަމްވެސް ހަމަ ލިބިލައްވާނެ. ލިބިލައްވާފައި، ތަމްރީނުވާ ދުވަސްވަރުވެސް އެބޭފުޅުންނަށް ލިބޭ އެލަވަންސާ އެއްޗިހި އެ ހަމަ ރަނގަޅު ގޮތަކަށް ލިބެމުންދާނެ. ގޮއްސަ އަޅުގަނޑުމެން އެބަދަލު ގެންނަން މިއުޅެނީ.

ދެން އަޅުގަނޑު ހަމަ މިސާލަކަށް މިދެންނެވީ [ކައްކާ“. ދެން އެހެން ނޫނިއްޔާ އަޅުގަނޑުމެން ބަލައިލައިފިއްޔާ މިސާލަކަށް ވޮޗަރުން. ވޮޗަރުންގެ ޢަދަދުވެސް ހަމަ އެހާގިނަ. އަޅުގަނޑުމެންގެ ބޭނުމަކީ، ހަމަ ރަނގަޅު ވަޑިން، ރަނގަޅު ވެލްޑަރުން، ރަނގަޅު މޭސަނުން، ރާނާ މީހުން، މިބާވަތުގެ ފަންނީ މަސައްކަތްތެރިން ގިނަކުރުން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މި ފުރަތަމައިނުންވެސް މި [ޓިވެޓް“ ޕްރޮގްރާމް އުފެއްދީ. އެހެންވީމާ، އަޅުގަނޑުމެން އެދެނީ، ސިވިލް ސަރވިސްގައި އެތިއްބެވި ބޭފުޅުން މި ކެޓަގަރީތަކަށް ބަދަލުކުރަން. އެ ބަދަލުކުރުމުގެ ޕްރޮގްރާމް އަޅުގަނޑުމެން ހިންގާނީ، ހަމަ އެއްކަލަ އަޅުގަނޑުމެން ދަންނަވަންޏާ، މޭން ޓު މޭން ކުޅެގެން. ކޮންމެ މުވައްޒަފަކަށް އަޅުގަނޑުމެން ސޯޝަލް ވަރކަރެއް ހަމަޖައްސައިގެން. އެމުވައްޒަފަކު ސަރުކާރުގައި މިހާރު ހުންނެވި ވަޒީފާއިން ޓްރޭނިންގއަށް ވަޑައިގެންފައި، އަދި އެ ޓްރޭނިންގއަށްފަހުގައި އެހެން ޕްރައިވެޓް ސެކްޓަރުން ވަޒީފާއެއް ލިބެންދެން އަޅުގަނޑުމެން ޓަގްކޮށްފައި ބަހައްޓާނީ. އަދި މިހާރު އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް މިއޮތީ ލޭބަރ ޓްރައިބިއުނަލް އުފެއްދިފައި. އެ ޓްރައިބިއުނަލް ހިނގައިގެންފައި. އެހެންވީމާ، އެބޭފުޅުންގެ ވަޒީފާގެ ކަންތައްތަކާއި، މަސައްކަތުގެ ކަންކަން އަޅުގަނޑުމެންނަށް އެ ޓްރައިބިއުނަލްގެ ތެރެއިން، ދެފަރާތަށް އިތުބާރާއެކީގައި ލިބޭނެގޮތް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.
ހަމައެއާއެކީގައި އިރާދަކުރެއްވިއްޔާ ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ތެރެއިން ހެނދުނު އޮފީހަށް މަސައްކަތު ގޮއްސަ، ރޭގަނޑު އިރާދަކުރެއްވިއްޔާ އަނބިދަރިންނާ އެކީގައި އައިސް އުޅެވޭނެ. އަޅުގަނޑުމެންގެ މުޅި ތަޞައްވުރު، މުޅި ޕްލޭން މި ޙަޤީޤަތް އަޅުގަނޑުމެން މިފަހަރު މިހުށަހަޅަނީ. މިނެރެނީ.

ޢަބްދުﷲ ޔާމީން – ދި އެފް.އެމް:

ދެން އަޅުގަނޑު ހަމަ އަހާލާހިތްވޭ، ސަރުކާރު އޮފީސްތަކަށް މިގެންނަން ގަސްދު ކުރައްވާ ބަދަލުގެ މުހިންމު ނުކުތާތަކުގެ ތެރެއިން 1 ވަނަ ނުކުތާ، ސަރުކާރު މުވައްޒަފުންނަށް ހިނގާ ޚަރަދު، އެއޮފީހެއްގެ ބަޖެޓުގެ 35 އިންސައްތައަށްވުރެ އިތުރުނުވާ ގޮތަށް ހެދުން. ދެން އަޅުގަނޑު ހިތަށްއަރަނީ، މިގޮތަށް ޚަރަދު ކުޑަކުރެވިދާނެތޯއޭ؟ ދެން ހަމަ މި އޮނިގަނޑަށް މިގެނައި ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތަށް އެއްވެސްކަހަލަ ލަސްކަމެއް، އުނިކަމެއް އައިސްފާނެތޯއޭ؟

ދެން ހަމަ ދެވަނަ ސުވާލެއްގެ ގޮތުން އަޅުގަނޑު އަހާލާހިތްވޭ. ސަރުކާރުގެ ބޮޑެތި ސިޔާސަތުތަކަށް ހަމަ ބޮޑެތި ބަދަލުތަކެއް ގެންނަމުން މިދަނީ. ދެން ރައީސް ނަޝީދަކީ ހަމަ ކުރީ ސަރުކާރުގެ ކަންތައްތަކަށް ހަމަ ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެއް. ހަމަ އެ އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކައި، ޚިޔާލު ބަދަލުކުރުމަށް ގޮވާލި ބޭފުޅެއް. ކިހިނެއްތޯ؟ މިބަދަލުތައް މިހެން ގެންނަމުންދާއިރު އިދިކޮޅު އެއްވެސް ފަރާތަކާ މަޝްވަރާ ކުރެވިފައިވާނެތޯ؟ ނުވަތަ ކިހާވަރަކަށް ރައްޔިތުންގެ ޚިޔާލާއި ފިކުރު މީގައި އެކުލެވިގެންވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ފަހު ސުވާލަށް ފުރަތަމަ ޖަވާބުދޭހިތްއޮތީ. އަޅުގަނޑުމެންގެ ތަޞައްވުރު، މުޅި ރާއްޖޭގެ ކުދި ބޮޑު ހުރިހާ ރައްޔިތުންނާއެކީގައި ޙިއްޞާ ކުރިން. ހަނދުމަފުޅު ހުންނާނެކަންނޭނގެ، އެމް.ޑީ.ޕީ، އަޑުއަހާނެ. އަޅުގަނޑުމެން ނުކުމެ، އަޅުގަނޑުމެންގެ މެނިފެސްޓޯ އެކުލަވާލުމުގެ ކުރީގައި، ކޮންމެ ގެއަކަށް، ޙަޤީޤަތުގައި އަޅުގަނޑު އެކަނި އަޅުގަނޑު ރާއްޖޭގައި މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި މިވާ ގާތްގަނޑަކަށް ފަސްދޮޅަސްހާސް ގޭގެތެރެއިން ދެބައިކުޅަ އެއްބައި ގެއަށް އަޅުގަނޑަށް ވަދެވިފައި ހުންނާނީ. އަދި ހަމަ މިހުރިހާ ރައްޔިތުންނާ އެކުގައި މިހިރީއޭ، މިއީއޭ އަޅުގަނޑުމެންނަށް މިހެދޭ ގޮތަކީ. މިއީއޭ މި ރާއްޖޭގެ ކަންކަން މިވާގޮތަކީ. އަޅުގަނޑުމެންގެ އުންމީދަކީ މިއީއޭ. އެކަމަށްޓަކައޭ އަޅުގަނޑުމެން މި ސަރުކާރަށް ބަދަލެއް ގެންނަނީ، އޭރުގައި އަޅުގަނޑުމެން ވަކާލާތު ކުރަމުން މިއައީ. އެހެންވީމާ، އެއަށް ތިޔަބޭފުޅުންގެ ތާއީދު ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެމޭ. ތަކުރާރުކޮށް ބޭފުޅުންނަށް ސިޓީވެސް ދެވިފައި ހުންނާނެ. ބޭފުޅުންގެ އަރިހުގައި މިވާހަކަ ދެކެވިފައިވެސް ހުންނާނެ. އެހެންވީމާ، މަޝްވަރާ ކުރުމުގެ މަރްޙަލާ، މި އިންތިޚާބު ނިމުނީމާ، އެ ނިމެނީ.
އެއްޕާޓީ އޮންނަ ނިޒާމެއްގައި ތިޔަވިދާޅުވާ ކަންތައް އެގޮތަށް ހިނގަމުން އަންނާނީ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ރަނގަޅަށް މަލްޓި ޕާޓީ ނިޒާމަށް ބަދަލުނުވެވޭތީވެ، ވާދަވެރި ސިޔާސީ ޕާޓީތަކާ އެކުގައި މިހާރުވެސް އެބަ ބިލްތައްވެސް މަޝްވަރާ ކުރަން. އަޅުގަނޑުމެން ބިލް އެބޭފުޅުންނަށް ފޮނުވަން. ފޮނުވާފައި، އެބޭފުޅުންގެ މަޝްވަރާ އަޅުގަނޑުމެންނަށް ލިބޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. ދެން އިންސްޓިޓިއުޝަން، މުއައްސަސާތަކާއެކީގައި ފުރިހަމައަށް މަޝްވަރާ ކުރެވިގެން، މިމަސައްކަތް މި ކުރިއަށް މިދަނީ.

ދެން މިގޮތަށް މިބަދަލު އަޅުގަނޑުމެންނަށް ގެނެވިދާނެތޯ؟ ޔަޤީން. އިރާދަކުރެއްވިއްޔާ ހަމަ ޔަޤީން. އަޅުގަނޑުމެންނަށް އިތުބާރު، އަޅުގަނޑަށް ޔަޤީން ރައްޔިތުން ކުރާނެ. ދިވެހިރާއްޖޭގެ ސިޔާސީ ނޒާމަށް އަޅުގަނޑުމެން ބޮޑެތި ބަދަލުތަކެއް ގެނައުމުގައި، އަޅުގަނޑުމެން ވަރަށް ބޮޑެތި، ވަރަށްބުރަ އުފުލިން. އެކަމުގެ ސަބަބުންވެސް އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް، ނޫސްވެރިންނަށް ވަރަށްބޮޑު ހުޅުވާލުމެއް ލިބިގެންދިޔަ. އެހެން ނަމަވެސް، މިއީވެސް އަދި ފަސޭހަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީކީއެއް ނޫން. އެކަމަކު އިރާދަކުރެއްވިއްޔާ މިކަންވެސް އަޅުގަނޑުމެން ކުރާނަން.

އަޙްމަދު އަސްޢަދު – މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ:

ސުވާލު ފަރުމާ ކުރެވިފައިވާ ގޮތުން ތިޔަ ވިދާޅުވަނީ، މަސައްކަތް ލަސްވާނެއޭ. އެހެންނަމަވެސް، މަސައްކަތް ލަސްވާނެ ކަމަށް އަޅުގަނޑުމެންނަށް ކުޑަކޮށްވެސް ހީވާނަމަ، މަސައްކަތް މިގޮތަށް ބަދަލުކުރާކަށެއް އަޅުގަނޑުމެން ހުށައެއްވެސް ނާޅާނަން. އެހެން ވެއްޖެ ކަމަށްވަންޏާ، ކަނޑައެޅިގެން ގޯހެއް ހަދަން އަޅުގަނޑުމެން މިހުށަހަޅަނީ. ދެން ވަރަށް ކުޑަކުޑަ ފިކުރެއް ކޮށްލައްވައިގެން އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ އޮފީހެއްގައި ޚިދްމަތްދޭން 10 މީހުން ތިބޭކަމަށްވަންޏާ، އޭގެތެރެއިން 3 މީހުން ނުވަތަ 4 މީހުންނަކީ، އެތަން ފޮޅާ ސާފުކުރާ މީހުން ކަމުގައި ވެއްޖިއްޔާ، އޭގެ ނަތީޖާއަކީ ކޮބައިކަން. އެއީ، ހަމަ 5 އަހަރުގެ ކުއްޖަކަށްވެސް އެނގޭނެކަހަލަ ޖަވާބެއް އެއީ. ޙަޤީޤަތުގައި ބޭނުންވަނީ އަޅުގަނޑުމެންނާ ޙަވާލުކުރެވިފައި އޮތީ، އެއޮފީހަކާ ޙަވާލުކުރެވިފައިވާ މަސައްކަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން. އެހެން ވެއްޖެކަމަށް ވެއްޖިއްޔާ އަޅުގަނޑުމެން ޖެހެނީ މަސައްކަތް ފޯރުކޮށްދޭން 8 މީހުން ބައިތިއްބާފައި، އެ 8 މީހުންނަށް ޚިދްމަތްދޭން 3 މީހުން ބައިތިއްބާށޭ. މިދަންނަވަނީ، ނުވަތަ 2 މީހުން ބައިތިއްބާށޭ. އެއީ އެތަން އޮފީހެއްގެ ގޮތުގައި ހިންގަން ބޭނުންވާ ޢަދަދު އަޅުގަނޑުމެން މިހުށަހަޅަނީ، 10 ޕަސެންޓަކާއި 5 ޕަސެންޓަކާ، ޖުމްލަ 15 ޕަސެންޓަށް ތިރިކުރާށޭ. އެކަމަކު އެ އޮފީހުންދޭ ޚިދްމަތް ފޯރުކޮށްދޭން އެގްޒެކެޓިވް ލެވެލުން ފެށިގެން އައިސް ޓެކްނިކަލް ހުރިހާ އެންމެންނާއެކީގައި 85 ޕަސެންޓަށް ބަދަލުކޮށްދެއްވާށޭ.

ދެން ތަންކޮޅެއް ކުރީގައި، ފުރަތަމަ ސުވާލު ކުރެއްވި ބޭފުޅާގެ ސުވާލުގައި އެހި ކިހިނެއްތޯއޭ 40 ޕަސެންޓާއި 20 ޕަސެންޓާ ދޭތެރޭގައި މި ފެތުރިގެންދަނީ. އޭގެ ޖަވާބަކީ އަޅުގަނޑުމެން 4 ބާވަތެއްގެ އޮފީސްތައް ނުވަތަ 4 ބާވަތެއްގެ އިދާރާއަށް ބަހާލިއިރު، އެތަނެއްގެ މަސައްކަތުގެ ޒާތުން ބައެއްފަހަރަށް އެބަހުރެއޭ އެއްކެޓަގަރީއަކަށް އިތުރުކުރަންޖެހޭ ތަންތަން. މިހާރު މިސާލަކަށް ދަންނަވަނީ ކަމުގައިވަންޏާ، އަޅުގަނޑުމެން މިދަންނަވަނީ 10 މީހުންނަށް ޚިދްމަތްދޭން ތިބޭ މީހުންގެ ތެރެއިން އެކަކީ ތަންފޮޅާ ސާފުކޮށް، ފާޚާނާއާ އެއްޗެހި ވަސްނުދުވާހެން ބަލަހައްޓާ ގޮތަށް ހުންނަ މީހެކޭ. އެއީ ހަމަ ވަރަށް މުހިންމު ޚިދްމަތެއް. އެ ޚިދްމަތް ނުލިބިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް، ފާޚާނާއޭ މިދެންނެވީ ހަމަ އަޅުގަނޑުމެން ވަރަށް ޑިސްކައުންޓްކުރާ ކަމެއް އެއީ އާދައިގެ މަސައްކަތު މީހުންނަކީ. މަސައްކަތު މީހާއާ ނުލާވެސް އޮފީހެއް ނުހިންގޭނެ. އެހެން ނަމަވެސް، އެ މަސައްކަތު މީހުން ތިބެންވާ ވަރަށްވުރެ ގިނަވެއްޖެ ކަމަށްވަންޏާ، އެއީކީ އެންމެ ރަނގަޅު ގޮތެއް ނޫނޭ. އެހެންވީމާ، މިސާލަކަށް އަޅުގަނޑުމެން އެބަ ބަލަން، ހޮސްޕިޓަލް ކަހަލަ ތަންތަނުގައި، ސްކޫލްކަހަލަ ތަންތަނުގައި، ސްކޫލެއްގެ ގޮތުގައި އެތަން ހިންގަންޖެހޭ ކަމަށްވަންޏާ، ކޮންމެހެން 5 ޕަސެންޓް ނޫނީ 2 ޕަސެންޓެއް ނޫނޭ އޮގްޒިލިއަރީ ސްޓާފުން ތިބެންޖެހެނީ. އެތަނުގައި ތަންކޮޅެއް ގިނަވާންޖެހޭނެއޭ. އެއީ އެއްދުވަހު ކިޔަވާ ނިމިގެން އަނެއް ދުވަހަށްވެސް ތަން ތައްޔާރުވާންޖެހޭ. އެހެންވީމާ، އެކިބާވަތުގެ، މި 4 ބާވަތުގެ ތެރޭގައި، އެ ޢަދަދުތަކަށް ކޮންމެވެސްވަރެއްގެ ފަރަޤެއް އެބައާދޭ. އަންނާތީވެ މީގެ އެވްރެޖް އެ އުޅެނީ 20 ޕަސެންޓާއި 40 ޕަސެންޓާ ދޭތެރޭގައި. 1 ޕަސެންޓާއި 3 ޕަސެންޓާ ދޭތެރޭގައި.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ހަމަ އަސްޢަދު އެ ވިދާޅުވި ވާހަކައިގެ އެފިޝަންސީއާއި އަދި އަޅުގަނޑުމެންނަށް ޑެލިވަރީއާ ގުޅޭގޮތުން ކުޑަކުޑަ އެއްޗެއް ދަންނަވާލާނަން. ސިފަކުރައްވާ މެދުމިނުގެ ރަށެއްގެ ހެލްތް ސެންޓަރު. ކުރަން އޮތް ކަމަކީ ބޭސްފަރުވާ ދިނުމާއި، ބޭސްއަޅައިދިނުމާއި، އިންޖެކްޝަން ޖަހައިދިނުމާއި، ރަށުގެ ރައްޔިތުން ބަލިވިޔަނުދީ ގެންގުޅުމާ، މިބާވަތުގެ ޞިއްޙީ ޚިދްމަތް ފޯރުކޮށްދިނުން، ކުރަން މިޖެހޭ ކަމަކީ. އެކަމަށް ބޭނުންވަނީ ޑޮކްޓަރަކާއި ނަރުހަކާއި، ޓެކްނިކަލް ކޯރއަކާއި، ދެން ހަމަ ޓެކްނިކަލް ސަރވިސަސްއާ. ވެފައި މިއޮންނަ ގޮތަކީ، ޑޮކްޓަރެއް ނުއެއްހުރޭ. ނަރުހެއް ދެން ފަހަރެއްގައި ހުރެދާނެ. ދެން މިތިބެނީ އެކަމަކު އެތަނުގައި އެބަ ތިއްބަވާ. 20، 25، 30 މުވައްޒަފުން. ދެން މިތިއްބަވަނީ ވަރަށް ބައިވަރު ފޮޅާ ސާފުކުރާ ބޭފުޅުންނާއި، ވަރަށް ބައިވަރު އެކިއެކި ބާވަތުގެ އެޑްމިނިސްޓްރޭޓިވް ސަޕޯޓާ. ދެން އެކަމަކު އެޑްމިނިސްޓްރޭޓިވް ސަޕޯޓް ދޭނެ ފަރާތެއް ނެތް. އެންމެ ޑޮކްޓަރެއް ހުރީ. އަދި ގިނަފަހަރަށް ޑޮކްޓަރެއް ނުވެސްނެތް. އެހެން ނަމަވެސް، މިހާރު އެހެންވީމާ، އެއީކީއެއް ޚިދްމަތެއް ނުދެވޭ އެތަންތަނަކުންނެއް. ދެން އަޅުގަނޑުމެންނަށް ޝަކުވާ އާދޭ. ޝަކުވާ އާދޭ. ޝަކުވާ އާދޭ. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ޚާއްޞަކޮށް. މިވެނި ތަނެއްގެ ހެލްތް ސެންޓަރަކުން ޚިދްމަތެއް ނުލިބެއޭ. މިހެންނޭ ވަނީ، އެހެންނޭ ވަނީ، އެހެންނޭ ވަނީ.
ވެގެން ޙަޤީޤަތުގައި މިދާގޮތަކީ، މަސައްކަތް ސީދާ ޚިދްމަތް ދިނުމަށް ތިއްބަވާންޖެހޭ ބޭފުޅުންނެއް ނުތިއްބަވާ. ދެން މިތިއްބަވަނީ އެ ނުތިއްބަވާ ބޭފުޅުންނަށް ސަޕޯޓް ދެއްވަން ތިއްބަވާ ބޭފުޅުން. އެހެންވީމާ، ކިތަންމެ ސަޕޯޓެއް ދެއްވިޔަސްވެސް، ޚިދްމަތެއް ނުނުކުންނާނެ ނޫންތޯ، ޚިދްމަތް ދެއްވާ ބޭފުޅުން އެތަނުގައި ނެތިއްޔަކާއެއް. އަޅުގަނޑުމެން މިބަދަލު ގެނެސްގެން ނޫނިއްޔަކާއެއް، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަކަށް ޚިދްމަތެއް ނުދެވޭނެ.

ޙަމްދޫން ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ ދެސުވާލެއް ވަރަށް ކުރުކޮށް ދަންނަވާލާނަން. ފުރަތަމަ ސުވާލަކީ ވިދާޅުވެފައި އެބައޮތް. 2010 ވަނަ އަހަރުގެ ބަޖެޓަށް އަމާޒުކޮށް، ސަރުކާރުގެ މުވައްޒަފުންނަށް ހިނގާ ޚަރަދު، އެއޮފީހެއްގެ ބަޖެޓްގެ 35 ޕަސެންޓަށްވުރެ އިތުރު ނުކުރައްވަން އެދިވަޑައިގެންފައި މިއޮތީ. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، އެ 35 ޕަސެންޓް ކަނޑައަޅުއްވާފައި މިއޮތީ ކޮންގޮތަކަށް ބައްލަވާފައިތޯ؟ އަދި އެ 35 ޕަސެންޓަށް ޚަރަދު ކުޑަކުރައްވައިގެން ކިހާވަރެއް ބަޖެޓުން ސަލާމަތް ކުރެވިދާނެތޯ؟ އަދި އެންމެ އުންމީދު ކުރަނީ، މިދެންނެވީ 7 ބިލިއަން ރުފިޔާ، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ކުޑަކުރުމާ ގުޅިގެން، 7 ބިލިއަން ރުފިޔާ އަހަރަކު ލިބޭކަމަށްވަންޏާ، އޭތި އިތުރަށް ކުރިއަށް ގެންދަން. މިދެންނެވީ ކުރީގައި ލިބުނު މުސާރަ ލިބޭނެއޭ އެހެން ވިދާޅުވެފައި އޮތީމާ. ކިހާވަރަކަށްތޯ މިއިން ކުރިއެރުން ލިބިގެންދާނީ؟

ދެވަނަ ސުވާލަކަށް ދަންނަވާލަން އޮތީ، ސިވިލް ސަރވިސްއިން އެންމެފަހުން ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވިދާޅުވި އެބޭފުޅުން. ރައީސް ވިދާޅުވެފައިއޮތީ އަށާރަހާހަށް ސިވިލް ސަރވިސް މުވައްޒަފުންގެ ޢަދަދު ދަށްކުރައްވާ ވާހަކަ. މަސައްކަތް ކުރައްވާ ވާހަކަ ވިދާޅުވެފައި އޮތީ. އެބޭފުޅުން ވިދާޅުވެފައިއޮތީ، ތިމަންނަމެންނަށް އަދި ވިދާޅުވާކަށް އެނގިވަޑައެއްނުގަންނަވައޭ، އެހެން ކަމެއް އޮތީކީއެއް، ފަންނީ ދިރާސާއަކަށްފަހު ނޫނިއްޔާމު. ރައީސް މިހާރު ތިޔަގޮތަށް ސިވިލް ސަރވިސް ކޮމިޝަނަށް، މިދެންނެވީ އެބޭފުޅުންގެ ލަފައަކަށް ތިޔަ އެދިވަޑައިގަންނަވަނީ. އެހެން ނަމަވެސް، އެބޭފުޅުން ދިރާސާއެއް ކުރައްވާފައެއް ނެތް. ދެން އެބޭފުޅުން ވިދާޅުވާ އެއްޗަކާ ދޭތެރޭގައި ކޮންގޮތަކަށްތޯ ޢަމަލު ކުރައްވާނީ؟ މިދެންނެވީ ސިވިލް ސަރވިސް ކޮމިޝަނުން ޤާނޫނުގެ ދަށުން އެބޭފުޅުން މީގައި ޒިންމާވެވަޑައިގަންނަވަން އެބަޖެހޭ. ދެން އެބޭފުޅުންގެ ބަހާ ދިމާނުވެއްޖިއްޔާމު ދެން ކޮން ގޮތަކަށްތޯ ރައީސް ޢަމަލުކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަކަށް ހިއެއްނުވޭ، އެބޭފުޅުންގެ ބަހާ އަޅުގަނޑުމެންނާ ދިމާނުވެއެއް ހިނގައިދާނެހެންނެއް. ފަންނީ މިހާރު އަޅުގަނޑުމެން ހިންގަންޖެހޭ އެކްސަރސައިޒް، ސިވިލް ސަރވިސްއާ އެކުގައި ސަރުކާރުން ވަރަށްބޮޑު މަސައްކަތެއް މިހާރު މިއޮތީ ކުރެވިފައި. ދެން އަޅުގަނޑުމެން މި ޢަދަދުތަކާ އެއްޗެހި ކަނޑައެޅުމުގައި، ކަނޑައަޅާފައި މިއޮތީ ސިވިލް ސަރވިސްގެ މަޝްވަރާއާ އެކުގައި. ތިޔަބޭފުޅުން ސިވިލް ސަރވިސްގެ ޤާނޫނާއި ޤާނޫނުއަސާސީ ބައްލަވާލެއްވީމާ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، ސިވިލް ސަރވިސްގެ ވާޖިބަކީ ސަރުކާރުން ބޭނުންވާ މަސައްކަތް ކޮށްދިނުމަށް ސަރވިސްއެއް ދޭން މުވައްޒަފުން ސަރުކާރަށް ފޯރުކޮށްދިނުންކަން. އެއީ، ދެން އޭގައި ހަމަ ބޭނުންވަނީ ސަރުކާރުން ބޭނުންވާ މަސައްކަތް. ސަރުކާރުގެ މެންޑޭޓް އުފެއްދުމަށްޓަކައި ގެންގުޅުމަށްޓަކައި. އެހެންވީމާ، އަޅުގަނޑެއް ނުދެކެން، ސިވިލް ސަރވިސްއާ އަޅުގަނޑުމެންނަކާ މީގައި ފުށުއެރުމެއްވާނެ ކަމަކަށް. ޙަޤީޤަތުގައި މިހުރިހާ މަސައްކަތަކީ، ސިވިލް ސަރވިސްގެ މަސައްކަތެއް. އެއީ ދެން ހަމަ އަޅުގަނޑު ދަންނަވަންޖެހޭނެ އެބޭފުޅުން ކުރައްވާފައި ހުރި މަސައްކަތް ކަމަށްވެސް. ދެން އެއީ ފަހުން އައިސް އެބޭފުޅުންގެ އިދާރާ މިއޮފީހުން އެހެން ތަނަކަށް ބަދަލުވި ކަމުގައިވިޔަސްވެސް، ދެން އަދި މިމަސައްކަތްތައް ހުރީ ވަރަށް ބޮޑަށް އެބޭފުޅުންނާއެކީގައި. އަދި ޚާއްޞަކޮށް، އެބޭފުޅުންގެ ޓެކްނިކަލް ބޭފުޅުންނާއި އަދި މިއޮފީހުގައި މިހާރުވެސް ތިއްބެވި އެމަސައްކަތާ ގުޅޭ ޓެކްނިކަލް ބޭފުޅުންނާއެކީ ކުރެވިފައި ހުރި މަސައްކަތް މިއީ.

ދެން ތިޔަ އެއްސެވި ސުވާލަކީ 35 ޕަސެންޓް ކަނޑައެޅިފައި މިއޮތީ ކިހިނެއްތޯ؟ އައްސަވަންވީ ސުވާލަކީ މިހާރު ކޮން ޕަސެންޓެއްތޯއޭ މުސާރައަކީ؟ މިހާރު އެއޮތް ޕަސެންޓްގައި އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދިޔައީމާ، އެބައޮތްތޯއޭ މިހާރު މިސާލަކަށް މަދަރުސާއެއްގެ ޕޭ ރޯލަށް 70 ޕަސެންޓް. މަދަރުސާގެ ބަޖެޓުގެ 70 ޕަސެންޓް ދިޔައީމާ، ދެން ބޮތްކެއްވެސް ނެތް ދިއްލޭކަށް. ކަރަންޓެއްވެސް ނެތް. ދެނެއް ނެތް މަދަރުސާގައި ހަމަ ހިންގޭނެ އެއްވެސް ކަމެއް. ދެން ޓީޗަރުންނަށް އެ 70 ޕަސެންޓްދާ ނަމަވެސް، އަޅުގަނޑުމެންގެ މިދަންނަވާހެން އެއްކަލަ ޓެކްނިކަލް ކޯރއަށް ނުވަތަ ޓެކްނިކަލް ފަންނީ ނާރެސްއަށް ނުވަތަ ފަންނީ ޚިދްމަތަށް އެ 70 ޕަސެންޓްދާނަމަ، މިހާރުވެސް މިއޮތީ 60 ޕަސެންޓާއި 20 ޕަސެންޓާ އެމަސައްކަތަށްދާން. އެހެން ނަމަވެސް، ސަޕޯޓް ސަރވިސްއަށް އެހުރިހާ ޢަދަދެއް، ނުވަތަ ފައިސާއެއް ދިޔައީމާ، މަދަރުސާތަކަކު ޚިދްމަތެއް ނުދެވޭ. ރަނގަޅަކަށް ކިޔަވައެއްނުދެވޭ. ހެލްތް ސެންޓަރުތަކަކު ރަނގަޅަކަށް މިކަމެއްނުވޭ. ދެން މިހުރިހާ ކަމެއްގެ ސިޔާސީ ވާދަވެރިކަން އެބޭފުޅުން ވާދަވެރި ޕާޓީތަކުން ނެރުއްވާނެ. އެހެން ނަމަވެސް، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން މިދޭ މެސެޖް، އަޅުގަނޑުމެން މިހާމަކުރާ މަޢްލޫމާތު، ރައްޔިތުންނަށް ވަރަށް ސާފުވާނެ. އެއީ މިއަދަކު އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫން މިއީކީއެއް. ރާއްޖޭގެ ރައްޔިތުން އަބަދު އަބަދުމެ ހުރިހާ ހޮޅުއަށްޓެއްގައިވެސް، ހުރިހާ ހޮޓަލެއްގައިވެސް، ހުރިހާ އޮޑިދޯނިފަހަރެއްގައިވެސް، މަހަށްދިޔަސް، ފަރަށްދިޔަސް، ހަމަ ދެކެވޭ ވާހަކަތައް މިހުރީ. ކޮންމެ ބޭފުޅަކަށްވެސް ރާއްޖޭގެ ކޮންމެ ތަނަކުން ސަރުކާރުގެ ކޮންމެ މުއައްސަސާއެއް ބައްލަވާލެއްވީމާވެސް ވަރަށް ސާފުވާނެ މި މަންޒަރު. އެހެންވީމާ، އަޅުގަނޑު ނުދެކެން. މިއީކީއެއް އަޅުގަނޑުމެންނަށް ތިޔަ ދަންނަވާ ކަހަލަ ހުރަސްތަކެއް ރައްޔިތުންގެ ފަރާތުން ފޯރުކޮށްދޭނެ ކަމެއް ކަމަކަށް.

އަޙްމަދު އަސްޢަދު – މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ:

ފުރަތަމަ ސުވާލުގެ ޖަވާބު އަޅުގަނޑު އަރުވާނަން. ޙަމްދޫން ވިދާޅުވީ ކިހާވަރެއް ސަލާމަތް ކުރެވޭނެތޯއޭ؟ ލޯ ލާރިއެއްވެސް ސަލާމަތެއް ނުކުރެވޭނެ ބަޖެޓުންނެއް. އަޅުގަނޑުމެންނަށް ހަމަ ލޯ ލާރިއެއްހާ ހިސާބުވެސް ސަލާމަތެއް ނުކުރެވޭނެ ބަޖެޓުންނެއް. މީގައި އެކަމަކު ވެގެންދާ އެހެން ގޮތެއް އެބައޮތް. ވެގެންދާ ގޮތަކީ އަޅުގަނޑުމެން މުޅި ބަޖެޓު އަތުރާލާގޮތް ބަދަލުވެގެންދަނީ. ރައީސް އެވިދާޅުވިހެން 70 ޕަސެންޓް. ސަތޭކައަކުން ހަތްދިހަ ރުފިޔާ މުސާރައިގެ ގޮތުގައިދޭއިރު، އަދި އެކަމަކު އެތަނެއްގައި ކަންކުރަން ތިބޭ މީހުންނަކަށް ނޫން ކޮންމެހެން މިދެވެނީކީ. ކަން ކުރަން ތިބޭ މީހުންނާއެކީގައި އޭގެ ބޮޑު ބައެއް ދެވިގެން މިދަނީ، ކަންކުރާ މީހުންނަށް އަތްގާތްކޮށްދޭން ތިބޭ ބަޔަކަށް. އޭގެ ބަދަލުގައި ކަންކުރާނެ މީހުންނަށް އަޅުގަނޑުމެން ބޮޑުބައެއްދީފައި، ޖުމްލަ ޢަދަދު މަދުކުރެވެނީ. މަދުކުރެވޭއިރު ދެން އެ ސަލާމަތްކުރެވޭ އެއްޗެއް، އެބައިން ސަލާމަތް ކުރެވޭ އެއްޗެއް އަޅުގަނޑުމެންނަށް އެބަ ބޭނުންކުރެވޭ އެތަނުގައި ފޯރުކޮށްދޭންޖެހޭ، އަޅުގަނޑުމެންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ލާޒިމުކޮށްފައި އޮތް ޚިދްމަތް ފޯރުކޮށްދޭން އެ ބަދަލުވެގެން އެބަދޭ. އެހެންވީމާ، އަޅުގަނޑުމެން މިދައްކަނީކީ ބަޖެޓުން އެއްޗެއް އުނިކުރާ ވާހަކައެއް ނޫން. ބަޖެޓް ރުކުރާވާލާގޮތަށް އަޅުގަނޑުމެން ތަފާތެއް ގެންނަނީ. ގެނެސްގެން ރައްޔިތުން އަޅުގަނޑުމެންނާ އެމަސައްކަތެއް ޙަވާލުކުރި މަސައްކަތް ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން މިމަސައްކަތް ކުރަމުން ގެންދަނީ. މިސާލަކަށް ދަންނަވާ ކަމަށްވާނަމަ، އެ ހެލްތް ސެންޓަރުގައި ހުންނަންޖެހޭ ބޭސް ނުވަތަ އެތަނުގައި ހުންނަންޖެހޭ ބެންޑޭޖް. ނޫނީ ސާފުކުރަން ގެންގުޅޭ އެއްޗެހި. އެ އެއްޗިއްސަށް އެ ޚަރަދުކުރެވޭނެ ގޮތް ހަދައި، އެތަނުން ފޯރުކޮށްދޭން ލާޒިމުކޮށްފައި އޮންނަ ޚިދްމަތް ފޯރުކޮށްދެވޭނެ ގޮތް ހަދައިދޭން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަދި ހަމަ ދަންނަވާލަން ބޭނުން. ޙަޤީޤަތުގައި ބަޖެޓު ބޮޑުވެގެންދާނެ، އަޅުގަނޑުމެން މިގެންނަ ބަދަލުތައް ގެނައުމަށްޓަކައި. އެނގިވަޑައިގަންނަވާނެ، މިހާރު މިސާލަކަށް އަޅުގަނޑުމެންނަށް ވަރަށްމަދު ޓެކްނިކަލް ސަރވިސަސްގައި 49 ޕަސެންޓް ބޭފުޅުން މިތިއްބެވީ. އަޅުގަނޑުމެން ބޭނުން އެ 60 ޕަސެންޓަށް ނަގަން. ބޭނުންވާއިރުގައި އަޅުގަނޑުމެންނަށް މިހާރު މި އެޑްމިނިސްޓްރޭޓިވް ސަޕޯޓްގައި ނުވަތަ އޮގްޒިލިއަރީ ސަޕޯޓްގައި މިތިއްބެވި ބޭފުޅުން އެބަޖެހޭ އަޅުގަނޑުމެން ގެންގޮއްސައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ނަމަވެސް ކިޔަވައިދީގެން ގެނެސް، މިބާވަތުގެ މަސައްކަތްތަކަށް އެބޭފުޅުން އަނބުރަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެންނަށް ފުރަތަމަ ސްޓަޑީ ލޯނަށް އެބަދޭ ހަމަ ރަނގަޅު 20 މިލިއަން ޑޮލަރު. ނުވަތަ ތިން ހަތަރުސަތޭކަ ހަތަރުސަތޭކަ ިލިއަން ރުފިޔާ. އަދި ޓެކްނިކަލް ވޮކޭޝަނަލް ޓްރޭނިންގއަށާއި، އަދި ރިޑަންޑަންސީ ޕެކޭޖަށާއި، މިކަންކަމަށްވެސް އެބަދޭ ހަމަ އެކަށީގެންވާ ޢަދަދެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަންނަ އަހަރަކު ކޮންމެހެނެއް އެއްޗެއް ސަލާމަތެއް ނުކުރެވޭނެ. އެހެންނަމަވެސް، އަޅުގަނޑުމެން މިދެކެނީ ޚިދްމަތް ރަނގަޅުވެގެން ދިޔައީމާ އެއީ ވަރަށްބޮޑު އެއްޗެކޭ ސަލާމަތްއެވީ. ޕްރޮޑަކްޓިވިޓީ މައްޗަށް ދިޔައީމާ، އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ފައިދާއެކޭ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައެއްވެސް ކުޑައެއް ނުވާނެ. އެބޭފުޅުންގެ ޢިނާޔަތްތަކެއްވެސް މަދެއް ނުވާނެ. އަދި އެބޭފުޅުންގެ ޤަދަރާއި ޢިއްޒަތާއި ހައިބަތެއްވެސް ކުޑައެއް ނުވާނެ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، ދުނިޔޭގައި އެހެން ޤައުމުތައްވެސް އުޅޭގޮތަށް އަޅުގަނޑުމެންވެސް އުޅެން ފަށަން.

ޝައުފާ ޙުސައިން – ދިވެހިރާއްޖޭގެ އަޑު:

ފާހަގަކުރައްވައިފި ބައެއް ދާއިރާތަކަށް މީހުން މި ޕަސެންޓޭޖް މަދު. އެހެންވީމާ، އިތުރު ކުރަންޖެހޭކަންވެސް. ދެން ފާހަގަކުރައްވައިފި އެގްޒެކެޓިވްސް. މިދާއިރާގައި ޚާއްޞަކޮށް، ފަންނީ ބޭފުޅުން، އެބޭފުޅުންނަށް ލިބޭ ތަމްރީނު ލިބިވަޑައިގެން އައީމާ، އެހިސާބަށް ދަނީ. އެހެންވީމާ، ސަޕޯޓް ސަރވިސްގައި މިމީހުން ގެންނާނެގޮތް އެއީ، ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުން، ސަރުކާރެއްގައި މިބޭނުންވަނީ. އެހެންވީމާ، އެމީހުން އެދާއިރާއަށް ގެނެވޭނެ ގޮތެއް އޮންނާނެތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެގްޒެކެޓިވުންތޯ؟ ދެން އަޅުގަނޑުމެން މިދެކެނީ، އެގްޒެކެޓިވް ޓެކްނިކަލް ކޯރއަށް ގެންނަންވީ.

ޝައުފާ ޙުސައިން – ދިވެހިރާއްޖޭގެ އަޑު:

ފާހަގަކުރެއްވިއޭ ފަންނީ މުވައްޒަފުން އެޒްޒެކެޓިވުންނަށް ދާތަން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފަންނީ މުވައްޒަފުން އެގްޒެކެޓިވުންނަށްދާތަން. އާދެ! އެއީ އަޅުގަނޑު ދެން ތީގެ ޖަވާބުގައި ދަންނަވާނީ، މަލްޓި ޕާޓީ ސިސްޓަމެއް ހިނގަންފެށީމާ، އެގްޒެކެޓިވުންނަކީ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެގެން، އިތުބާރަކާ އެކުގައި އަންނަ ބަޔަކަށްވާނީ އިނގޭތޯ. އެހެންވީމާ، އެހެން ގޮތަކަށް ދަންނަވަންޏާ، އެގްޒެކެޓިވުންގެ ވަރަށްބޮޑު ޕަސެންޓޭޖަކީ މިދެންނެވި އުޞޫލުން، އެއީ، ސިޔާސަތު ކަނޑައަޅާ ބޭފުޅުން. އެހެންވީމާ، އެއީކީއެއް ޓެކްނިކަލް ކޯރއެއް ނޫން. ދެން މިހާރު އެހެން ހިނގަހިނގާ، މިވާގޮތަކީ ޕްރޮމޯޝަނެއްގެ ގޮތުގައި މިބެލެވެނީ، ރޭންކުން ދިއުން. މަސައްކަތު މީހާ ކާތިބަކަށް އެބަވޭ. ކާތިބު މީހާ އެބަ ހަމަ ޑިރެކްޓަރަކަށްވެސް ވެދާނެ. ޑިރެކްޓަރު މީހާ އެއީ. އެކަމަކު އެހެން ނަމަވެސް، އަޅުގަނޑުމެން މި ކެޓަގަރީތަކަށް މިގޮތަށް ބަހާލެވިފައި، އެ މަސައްކަތުގެ ދާއިރާ ކަނޑައެޅިގެން ބަޔާން ކުރެވުނީމާ، އެ ވަޒީފާއަށް އިޢްލާނު ކުރީމާ، އެ ހުށަހެޅިގެން އެންމެ އެކަށީގެންވާ ފަރާތަކަށް ޕްރޮމޯޝަން ދެވިގެންދާނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއިން އަދި މުސާރަ އަދި ޢިނާޔަތްތަކާއި ކަންތައްތައް ވަކިގޮތަކަށް ހަމަޖެހުނީމާ، އަޅުގަނޑުމެން ނުދެކެން މި ޓެކްނިކަލް ކޯރ އަދި ޓެކްނިކަލް ސަރވިސް ދޫކޮށްލައްވާފައި ހުރިހާ ބޭފުޅުން އެގްޒެކެޓިވުންނަށް ވެވަޑައިގަންނަވަން ކޮންމެހެން އުޅުއްވާނެ ކަމަކަށް. ޚާއްޞަކޮށް، އެ ފަންނީ އަޚްލާޤު މުވައްޒަފުންނަށް ލިބިގެން ދިޔައީމާ.

ދެން އަޅުގަނޑު މީގައި ހަމަ ބައެއްފަހަރު ބައެއް ބޭފުޅުން. ދެން ކޮންމެހެނެއް އަޅުގަނޑު ދައްކަންޖެހޭ ވާހަކައެއްވެސް ނޫން އިނގޭތޯ. ސިޔާސީ އެއްވެސް ބޭފުޅެއްގެ މުސާރައެއް ބޮޑެއް ނުކުރޭ. މުސާރަ ކުޑަކުރީ. އަޅުގަނޑު މިވަޒީފާއާ ޙަވާލުވިއިރުގައި، ރައީސުލްޖުމްހޫރިއްޔާއަކަށް ލިބުމަށް ކަނޑައެޅިފައި އޮތީ އެއްލައްކަ ފަންސާސްހާސް ރުފިޔާ. ދެން އޭރު އަޅުގަނޑުމެން ނަގަމުން އައީ އެއްލައްކަ ރުފިޔާ. މިހާރު އަށްޑިހަހާހަށް ބަދަލުވީ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި ވަޒީރުންނަށް ލިބިވަޑައިގެންނެވި މުސާރައަށްވުރެ މިހާރު ފުރަތަމަ އަޅުގަނޑުމެން ޙަވާލުވެފައި އަޅުގަނޑުމެންގެ ވަޒީރުންނަށް މުސާރަ އަޅުގަނޑުމެން އެރުވީ 15 ޕަސެންޓް ދަށްކޮށް. ނައިބުންނަށްވެސް. ސްޓޭޓް މިނިސްޓަރުންނަށްވެސް. މިދެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި. ދެން އޭގެ މައްޗަށް އަނެއްކާ އަނެއް 20 ޕަސެންޓް އަޅުގަނޑުމެން މިހާރު މި ސިޔާސީ މުވައްޒަފުންގެ ދަށްކުރަނީ. ދެން އަޅުގަނޑު ސިޔާސީ ހުރިހާ މުވައްޒަފުންގެ ކިބައިންވެސް އެދެން. އަޅުގަނޑަށް އެނގެއޭ ދަތިވާކަން. އަދި އަޅުގަނޑަށް އެނގެއޭ ތިޔަބޭފުޅުން މިއަށްވުރެ މާރަނގަޅަށް މުސާރަ ލިބޭ އަދި އާމްދަނީ ލިބޭ ވަޒީފާތަކުގައިކަން ތިއްބެވީ. ދެން އަޅުގަނޑުމެންނަށް މިމަސައްކަތުގައި ހަމަ ބައިވެރިވެވަޑައިގަންނަވައިގެން އެބޭފުޅުން ކުރިއަށް ގެންދަވަނީ. ދެން އަޅުގަނޑު ހަމަ އެދެން، އަދި ކުރިއަށް މިއޮތް ތިން ހަތަރު މަހެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަންކަން ހަމައަކަށް ގެންދެވުނީމާ، ހަމަ ކުރީގައި އެހުރި ހިސާބަށް އިރާދަކުރެއްވިއްޔާ އާދެވޭނެއޭ. ދެން އެހެން ނަމަވެސް، މި 15 ޕަސެންޓް މަދުވާނެ. އެކަމަކު މިހާރު އެބޭފުޅުންނަށް ކުރީގައި މިދިޔަ ސަރުކާރުން ވަޒީރު ބޭފުޅަކަށް ލިބިވަޑައިގެންނެވި މުސާރައިގެ ރަނގަޅު 35 ޕަސެންޓް މަދުކޮށް، މި ލިބެން މިއުޅެނީ. ދެން އެހެންވީމާ، އެބާވަތުގެ ވާހަކަ އޮޅުވާލުމުގެ ތެރޭގައިވެސް އަދި ތާއީދު ހޯދުމުގެ ތެރޭގައިވެސް ނުދެއްކެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

ޖަޢުފަރު ރަޝީދު – މިއަދު ނޫސް:

ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް މިގެންނަވާ ހެޔޮ ބަދަލުތަކުގެ ތެރޭގައި އެބަ ހިމެނޭ މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި، މުވައްޒަފުން މަދުކުރުމާ މިފަދަ ކަންކަން. ދެން ރައީސް ވިދާޅުވެފައިވަނީ، މުވައްޒަފުންގެ މުސާރަ މިހާރު މިކުޑަކޮށްލަނީ ކުޑަދުވަސްކޮޅަކަށޭ. 3 މަސްފަހުން މުސާރަ ހުރިވަރަށް، އެއަށްވުރެ ބޮޑުކުރައްވާނެ ވާހަކަ، ޖަނަވަރީން ފެށިގެން. އެހެންވީމާ، އަޅުގަނޑަށްވެސް އެނގޭ، ގެރެންޓީއެއް ދެވޭނީ އެވަގުތަކު ޤައުމު އޮންނަ ޙާލަތަކަށް ވިސްނާފައިކަން. ޖަނަވަރީން ފެށިގެން މުވައްޒަފުންގެ މުސާރަ މިހާރަށްވުރެ ބޮޑުވާނެ ކަމުގެ ކިހާވަރެއްގެ ގެރެންޓީއެއް މަނިކުފާނު ދެއްވަފާނަންތޯ؟ އަދި ބޮޑުވާއިރު މިހާރު ހުރިވަރަށްވުރެ ކިތައް ޕަސެންޓް ބޮޑުވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ތިޔަދޭތެރެއަށް ވަދެ އެއްޗެއް ބުނާހިތް އެބައޮތް. ތިއިން އެއްވެސް ވާހަކައެއް އަޅުގަނޑު ނުދައްކަން. ޖަނަވަރީ ތިޔަމަހާ. އެހެންވީމާ، އަޅުގަނޑުގެ ޖަވާބުގެ ތެރޭގައި އަޅުގަނޑު އަލިއަޅުވާލާނަން. ދެން އެހެން ނަމަވެސް، ތިޔަ ސުވާލު ތިގޮތަށް ކުރައްވަމުން ގެންދަވާތީވެ، އަޅުގަނޑު ހިތަށްއެރީ އަޅުގަނޑު އެއްޗެއް ދަންނަވާނަމޭ. އަޅުގަނޑު ދެންނެވި ވާހަކައަކީ، މިހާރު މިއޮތީ 3 މަސް ދުވަހަށް އަޅުގަނޑުމެން މުސާރަ ދަށްކުރުމުގެ އެއީ ވަގުތީ ކަމެކޭ. އަދި އޮނިގަނޑަށް ގެންނަ ބަދަލުގެ ތެރޭގައި އަޅުގަނޑުމެން ކުރާ ކަމެއްވެސް ނޫނޭ. ދެން ޖަނަވަރީ މަހު އެއީ، ސިވިލް ސަރވިސްގެ ޤާނޫނު ބުނާގޮތުން ވެއްޖިއްޔާ، ތިން މަހުން ތިންމަހުން ދިރާސާކޮށްގެން ނޫނިއްޔާ، އެ ކުރީ ހުރި ޢަދަދަކަށް ގެންނަންޖެހޭ. ދެން އެހެންވީމާ، އަޅުގަނޑު ހަމަ މި އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޖަނަވަރީ މަހުގެ ތެރޭގައި، ދެން ތިޔަބޭފުޅާ އަޞްލުގައި މި ޖަނަވަރީ މަސް ތިޔަގެންނެވީ. ދެން އެކަމަކު ޖަނަވަރީމަސް ހަރުލާނެ މިފަހަރު އިނގޭތޯ. ދެން އަޅުގަނޑު ނޫނެކޭ ބުންޏަސް. ނުބުންޏަސް. މީޑިއާގެ އޮންނަ ބާރަކީ އެއީ. އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން، ޖަނަވަރީ މަހަށް އަޅުގަނޑުމެންނަށް މިހާރު މިހުރި ދަތިތަކުން އަރައިގަނެ، މި ކުއްލި ޙާލަތުން އަޅުގަނޑުމެންނަށް ނެއްޓެވި، އަޅުގަނޑުމެންގެ ކަންކަން ރަނގަޅު ބެލެންސަކަށް ގެނައުމަށް. މިއަދު ބައެއް ބޭފުޅުން އަޅުގަނޑާ ނުރުހިދާނެ މިކަން ކުރާތީ. ދެން އެއީ އަޅުގަނޑު ޕާޓީއެއް އުފައްދަން އުޅުނީމާވެސް، އެދުވަހު ބައެއް ބޭފުޅުން ނުރުހުނު. ދެން އެހެން ނަމަވެސް، މިހާރު ނުރުހުނު ހުރިހާ ބޭފުޅުން އެތިއްބެވީ ޕާޓީއެއް ހައްދަވައިގެން. ހަމަ ބޮޑުކޮށް ޕާޓީ ހިންގަވަން. އަޅުގަނޑު ވަރަށް އުފާވޭ އެކަމާ. ހަމަ އަޅުގަނޑުމެން މި ސަރުކާރު ހިންގާ ގޮތަށް އަދި ސިވިލް ސަރވިސްއަށް މިބަދަލުތައް އިރާދަކުރެއްވިއްޔާ ގެންނާނަން. އަޅުގަނޑުމެން ގެނައީމާ ދެން އަސްޢަދު ފާހަގަކުރެއްވި ފަދައިން މުސްތަޤްބަލުގައި ސަރުކާރާ ޙަވާލުވެލައްވާ ފަރާތްތަކަށް އަޅުގަނޑުމެން އެފުރްޞަތު އަރުވާނަން. އަދި ސުވާލު ނުނިމޭ އިނގޭތޯ.

ޖަޢުފަރު ރަޝީދު – މިއަދު ނޫސް:

އަޅުގަނޑު ދަންނަވާލަން އުޅުނީ، ސިފައިންނާއި ފުލުހުންގެ މުސާރަވެސް ކުޑަކުރައްވާ ވާހަކައެއްވަނީ ދެކެވިފައި. ދެން މީޑިއާ ރިޕޯޓުތަކަށް ބަލާއިރުގައި، ސިފައިންނާއި ފުލުހުންގެ މުސާރަ، ޢިނާޔަތްވެސް ކުޑަކުރައްވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް އެނގެނީ. އެހެން ނަމަވެސް، ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ އެކަހަލަ ވާހަކައެއް އަޑުއައްސަވާފައިނުވާ ކަމަށް. ކިހިނެއްތޯ މިކަންތައް އޮތީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ކުޑަކުރޭ އިނގޭތޯ ހުރިހާ ބޭފުޅުންވެސް. ހަމަ ސިފައިންވެސް، ފުލުހުންވެސް، ނަރުހުންވެސް،ޓީޗަރުންވެސް. އަޅުގަނޑުވެސް، ތިޔަބޭފުޅާވެސް. އަދި އަޅުގަނޑު އުންމީދު ކުރަން. އަމިއްލަ މުވައްޒަފުން. ތިޔަބޭފުޅުންގެ މުސާރަ، ނޫސްތަކުގެ. އެއީ ތިޔަބޭފުޅުންގެ ނޫސްތައް ނުހިނގައިގެން މިދަނީ. ހަމަ އާމްދަނީ ވަރަށް ބޮޑަށް ދަތިވެގެން. އެހެން ނޫންތޯ ޚަރަދުތައް ބޮޑުވެގެން. އެހެންވީމާ، ހުރިހާ އެންމެން މިކަން ކޮށްފިއްޔާ، ޚިދްމަތުގެ އަގުވެސް ދަށަށްދާނެ. އިންފްލޭޝަންވެސް ދަށަށްދާނެ. އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން އަނެއްކާވެސް އުޅެވެން ފަށާނެ. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންގެ މުސާރައިންވެސް ބައެއް ތިޔަބޭފުޅުން ދޫކޮށްލައްވާނެ ކަމަށް. އަދި ޚާއްޞަކޮށް ދެން ނޫސްވެރިން މިކަމުގައި ބައިވެރިވެލައްވާނެ ކަމަށް އަޅުގަނޑު ވަރަށް ވަރަށް ވަރަށް ބޮޑަށް އުންމީދު ކުރަން. ތިބޭފުޅުން ހަމަ އަމިއްލައަށް ނަމަވެސް. އަޅުގަނޑުވެސް އަމިއްލައަށް އަޅުގަނޑުގެ މުސާރައިން ބައެއް ދޫކޮށްލީ. ހަމަ އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން. ތިޔަބޭފުޅުން 10 ޕަސެންޓް ނަމަވެސް، އަމިއްލަ މުވައްޒަފުންވެސް ހަމަ އެމުސާރައިން އެބައި ދޫކޮށްލައްވާނެ ކަމަށް. ހުރިހާ އެންމެންގެވެސް މިކަން އެގޮތަށް ހިނގާނެ. ހަމަ ތަކުރާރު ކުރަން ބޭނުންވަނީ މިއީ ވަގުތީ ކަމެކޭ.

ޢަބްދުﷲ ސަޢީދު – އެ ސަންދާން:

އަޅުގަނޑުގެ ސުވާލަކީ ސަރުކާރުގެ މުއައްސަސާތައް 4 ބަޔަކަށް ކެޓަގަރައިޒް ކުރެވިގެންދާއިރު، މި ސަޕޯޓް ސަރވިސްގައި ހިމެނޭ ބައެއް ބޭފުޅުން އެގްޒެކެޓިވުންނަށް ވެގެން އެބަދޭ. ދާއިރު އެބޭފުޅުންގެ ފެންވަރާއި ލަޔާޤަތު މި ކިހިނެއްތޯ ވަޒަން ކުރާނީ؟ މިދެންނެވީ ގާތްގަނޑަކަށް 37 ޕަސެންޓް ދާނެއޭ އެގްޒެކެޓިވުންގެ ސެލަރީއަށް. އެހެން ކަމަށްވަންޏާ ކިހިނެއްތޯ މިބައި 35 ޕަސެންޓަށް ކުޑަކުރާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން ބައެއްފަހަރަށް ދިމާވެފައި ހުރި ގޮތެއް ސަޢީދު ތިޔަ ފާހަގަކުރެއްވީ އިނގޭތޯ. ސަޕޯޓް ސަރވިސްގައި އުޅުއްވާ ބޭފުޅަކަށް ހަމަ އެ ޓޮޕް މެނޭޖްމަންޓް ބޭފުޅެއްގެ ގޮތުގައި ހަމަޖެހިފައި އެބަހުރޭ. އެހެންނަމަވެސް، ރަނގަޅަށް ހިނގާ ސިވިލް ސަރވިސްއަކާއި، ހެޔޮގޮތުގައި ހިނގާ ސަރުކާރެއްގައި މަގާމުތައް އިޢްލާނު ކުރެވޭނީ. ދެން އެމަގާމަށް އެކަށީގެންވާ ޝަރުޠުތައް ކަނޑައެޅޭނީ. ދެން އެ ޝަރުޠުތައް ހުރި ބޭފުޅުން އެމަގާމުތަކަށް ކުރިމަތިލެއްވީމާ، ސިވިލް ސަރވިސްއިން އިންޓަރވިއު ކުރައްވާފައި، އެމަގާމުތަކަށް ބޭފުޅުން ހަމަޖައްސަވާނީ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން މި އުންމީދު ކުރަނީ، ހަމަޖެހިގެންދާނެ ކަމަށް.

ދެން ހަމަ އިތުރަށް ދަންނަވާލަން ބޭނުންވަނީ އިނގޭތޯ. މަޖިލީހުން މިހާރު އަޅުގަނޑުމެންވާނެ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމަށް ބިލެއް ހުށަހަޅާފައި. އަދި ޓެކްސްގެ އިދާރީ ބިލެއްވެސް ހުށަހަޅާފައި. ދެން އެ މަޖިލީހަކުންވެސް ކޮންމެވެސް ކަމެއް ކުރެއްވީމާ ދޮއެއްތޯ މިކަންކަން އަޅުގަނޑުމެންނަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ. ދެން އަޅުގަނޑުމެންނަށް ވީވަރެއް އަޅުގަނޑުމެން ކުރާނަން. އެހެން ނަމަވެސް، އާމްދަނީ އިތުރުވީމާ ވަރަށް ފަސޭހަވާނެ އަޅުގަނޑުމެންނަށް މުސާރަވެސް ކުޑަތަންކޮޅެއް ބޮޑުކޮށް ހަދަން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން. މި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް އަޅުގަނޑުމެން ހުށަހަޅާފައި ހުރި ބިލްތަކަށް މަޖިލީހުން ރަނގަޅު ސަމާލުކަން ދެއްވުމަށް.

ޢަބްދުﷲ މުޙަންމަދު – ދި ޓީ.ވީ

އަޅުގަނޑުގެ ސުވާލަކީ ސަރުކާރުގެ ޢަދަދު މަދުކުރުމަށް ހިންގާ ޕްރޮގްރާމާއި ދެން ބައިތަކަށް ބަހާލުމާ، މިދެކަމާ އެއްވެސް ގުޅުމެއް އެބަހުރިތޯ؟

ދެން ދެވަނަ ސުވާލަކީ، ރައީސް ނަޝީދު ކުރިންވެސް ވިދާޅުވެފައިވޭ، ސަރުކާރުގައި އެބަހުއްޓޭ އެއް މަސައްކަތެއް އެކި އިދާރާތަކުން ތަފާތު ގޮތްގޮތަށް ތަކުރާރުކޮށް ކުރައްވާ ވުޒާރާތައް. އެހެންވީމާ، މިކަން ކިހިނެއްތޯ އޮންނާނީ މި ކެޓަގަރީ ކުރައްވާއިރުގައި.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެއް ބާވަތެއްގެ މަސައްކަތް ހަމަ އެހެން ތަކުރާރުކޮށް ފުށުއަރާގޮތަށް ކުރުން އެއީކީއެއް ރަނގަޅު ކަމެއް ނޫން. އެއްވެސް ބަޔަކަށް ފައިދާހުރި ކަމެއް ނޫން. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެންނަށް ހަމަޖައްސައިގެން ގެންދެވުނީމާ، އިރާދަކުރެއްވިއްޔާ އެކަމެއް މިހާރު މިހިނގާ މިންވަރަކަށް ނުހިނގާނެ. ދެން އަޅުގަނޑު މިދަންނަވަނީ ހުރިހާ ގޯހަކުން އަޅުގަނޑުމެންނަށް މާދަމާ ސަލާމަތް ވެވޭނެ ވާހަކައެއް ނޫން. އެހެން ނަމަވެސް، މިއޮތީ ވިސްނުމަކީ. އެއަށް އަޅުގަނޑުމެން މިމަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެގޮތަށް އަނބުރާލެވޭނެ.

ސަރުކާރުގެ މުވައްޒަފުންގެ ޢަދަދު މަދުކުރުމާއި، މި އޮނިގަނޑު ބަދަލުކުރުމާއި، އަޅުގަނޑުމެން ނޫޅެން އިނގޭތޯ، މިމަސައްކަތަކީ ސަރުކާރުގެ މުވައްޒަފުން އަބަދު ބަދަލުކޮށް، އެ ބަދަލުކުރުމުގެ ނިޔަތުގައެއް ނޫން މަސައްކަތް ހިންގަނީކީއެއް. މަސައްކަތް ހިންގަނީ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދެއްވާފައި އޮތް މެންޑޭޓް. ކުރަން ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުމަށްޓަކައި ގެންގުޅެންޖެހޭ ސިވިލް ސަރވިސްއެއް. އެކުލަވާލަންޖެހޭ ސިވިލް ސަރވިސްއެއް. އަޅުގަނޑުމެންނަށް އެބަ ސިވިލް ސަރވިސް ކޮމިޝަނުން ފޯރުކޮށްދެއްވަންޖެހޭ. މާދަމާ އަޅުގަނޑުމެންގެ މި މަލްޓި ޕާޓީ، ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ތެރެއިން ދެން ބައްލަވަންޖެހޭނީ ސަރުކާރު ގިނަގިނައިން ބަދަލުވާނެ ކަމަށް. 5 އަހަރުން ނުވަތަ 10 އަހަރުން ބަދަލުވެގެންދާނެ ކަމަށް. އެހެން ބަދަލުވާ ކޮންމެ އިރެއްގައި، ސިވިލް ސަރވިސް ބަދަލުވެގެން ނުވާނެ. އެހެން ނުވާނީ، ސިވިލް ސަރވިސް ހަރުދަނާ ގޮތެއްގައި އެއްހަމައަކަށް އެޅުވި، އެ ރަނގަޅު ސިވިލް ސަރވިސްއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެ ސިވިލް ސަރވިސް އެކުލަވާލެވުނީމާ.

އެނގިވަޑައިގަންނަވާނެ، ސިވިލް ސަރވިސް ޤާނޫނެއް ހަމަ އަޅުގަނޑުމެން އުފެއްދިކަން. ދެން އަޅުގަނޑު ދަންނަން ބޮޑުންގެ ގޭގައި އުޅުއްވި ކުދިންކޮޅު ސަރުކާރު މުވައްޒަފުންނަށްވެ، ދެން އެ ބޮޑުވަމުން ބޮޑުވަމުން އައިސް، ދެން ފުރަތަމައިނުން ޢާންމުކޮށް، ބޮޑުންގެ ގޭގޭގެ އުނދޯލިގެތަކުގައި ސަރުކާރު ހިންގަވަމުން އައީ. ދެން މާ ކުރިއަކުވެސް ނޫން. ތިޔަބޭފުޅުން ބައްލަވާލައްވާ! ޙަޤީޤީ ބައްޕަ، [އިބްރާހީމް ދޮށިމޭނާ ކިލެގެފާނު، ދިވެހިރާއްޖޭގެ ތަރައްޤީގެ ޙަޤީޤީ ބައްޕަ“ އެހެން ކިޔާ ފޮތެއް އޮންނާނެ. ދިވެހި ސަރުކާރު ފުރަތަމައިނުން އުފެދިގެން އައި ގޮތް، މުޙަންމަދު އަމީނުގެ ޤަލަމުން ތިޔަބޭފުޅުންނަށް ފާހަގަވާނެ. ދެން ވީއިރުގައި އެކިއެކި ވުޒާރާތައް އުފެދިގެން އައި ގޮތާއި، އެ ވުޒާރާތަކުގެ މުވައްޒަފުންނަކީ ކޮބައިތޯއާއި، އެ ކިހިނެއް ގެނެވުނު މުވައްޒަފުންނެއްތޯއާއި، ދެން ހަމަ އެގޮތަށް މިސާލަކަށް، 1978 ވަނަ އަހަރު މި ސަރުކާރު އުފެދިގެން، ކުރީގައި ސިވިލް ސަރވިސްއަށްވީ ސަރުކާރުގައި ތިއްބެވި ގިނަ ބޭފުޅުން ހިފާ ހައްޔަރު ކުރެވުނީ އިނގޭތޯ. ދެން އަލަށް އުފެދުނު ސަރުކާރުގެ ގާތް ތިމާގެ ބޭފުޅުންނާއި ރަށްޓެހިންނާ، އެހުރިހާ ބޭފުޅުން ސިވިލް ސަރވިސް ސަރުކާރުގެ ތެރެއަށް ގެނެވުނީ. ދެން މިދިޔަ ދިގު، އެބޭފުޅުންގެ ދަރިންނާއި ދަރިންގެ ދަރިން ސަރުކާރުގެ ތެރޭގައި ހަމަ އުޅުއްވަމުން އުޅުއްވަމުން އައިސް، މިފަހުން އައިސް، މީގެ ދެތިން އަހަރެއް ކުރީގައި ސިވިލް ސަރވިސް ޤާނޫނެއް މިއުފެއްދީ. އުފެއްދީމާވެސް އަދި ހަމަ ޤާނޫނެއްގައި އެއްޗެއް ލިޔެފައި އޮތަސްވެސް އެއަށް ޢަމަލުކުރަން ނުފެށެންޏާ، އެކަން އޮންނާނީ އެ އޮތް އުނިގޮތަށް. އަޅުގަނޑުމެން ގެނެވޭތޯ މިބަލާ ބަދަލަކީ މިދަންނަވާ ބޮޑު ބަދަލު. އިރާދަކުރެއްވިއްޔާ، މިއިން އަޅުގަނޑުމެން އެންމެންނަށް ފައިދާވާނެ.
ޢަބްދުއްލަޠީފް އާދަމް – ރާއްޖެ ނިއުސް އޮންލައިން:

ވަޒީފާތަކެއް މަދުވެ، ވަޒީފާތަކެއް އުފެދޭ ވާހަކަ އަޅުގަނޑުމެން ދައްކަމުންދާއިރުގައި، މިހާރު މިދިޔަ އަހަރު ފެށިގެން އައި ދުވަސްވަރަށް ބެލިކަމަށްވިޔަސް، ސަރުކާރުގެ އެވްރެޖް މުސާރަ އުޅެނީ -/2000 ރުފިޔާގެ ލެވެލްގައި ކަމަށް ބައެއް ހިސާބުތަކުން އެބަހުރި ދައްކާފައި. ދެން މަނިކުފާނު މިހާރު ދެއްވައިފި ބަޔަކަށް ވަޒީފާތަކެއް، އަށާރަވަރަކަށް ހާސް މީހުންނަށް މަހަކު -/2000 ރުފިޔާ ދެއްވާފައި. ދެން އެކަމަކު އެމީހުން ސޮއިކުރާކަށް ނުޖެހޭ. އެމީހުން ޖެހެނީ މުސާރަ ބަލާދާން ދޮއެއްތޯ. އެއީ 65 އަހަރުވީމާ، އެއީ އެމީހުންނަށް ވަޒީފާ ލިބޭ ގޮތްގޮތް ހަމަޖައްސަވާފައި މިއޮތީ. ދެން އޭގެއިތުރުން އަނެއްކާ މިހާރު އިހަށްދުވަހު ޒަކީ އިޢްލާނު ކުރައްވައިފި. އެކަނިވެރި މައިންނަށްވެސް ވަޒީފާ ދެއްވާ ވާހަކަ. އެމީހުންގެ ދަރިން ބެލުމަށް. ދެން އެމީހުންނަށް ސޮއިކުރާކަށް ނުޖެހޭ. އެހެން ނަމަވެސް، ވަޒީފާތަކެއްގެ ގޮތުގައި އެމީހުންނަށްވެސް މުސާރަތަކެއް ލިބިގެންދާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މި އެއްބައިން އުނިވާ ބައި އަނެއް ބަޔަށް އިތުރުވެގެންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ ކޮންމެވެސް ވަރަކަށް. އެކަމަކު މީގައި އަޅުގަނޑުމެން އެބަޖެހޭ ކުޑަކޮށް ކަންބޮޑުވުން ފާޅުކުރަންޖެހޭ ކަމެއް. އެއީ އަޅުގަނޑުމެންނަށް އަދިވެސް އެކަށީގެންވާ ފެންވަރަކަށް ނުފެނެއޭ، އަޅުގަނޑުމެންގެ ރާއްޖޭގައި ތިބި ބިދޭސީން އަދާކުރަމުންދާ ދިވެހިންނަށް އަދާކުރެވިދާނެ ވަޒީފާތައް މޮނިޓަރ ކުރެވެމުންދާތަނެއް. އަޅުގަނޑަކަށް ނޭނގެ މިއީ ކޮންފަރާތަކުން ކުރަންޖެހޭނެ ކަމެއް ކަމެއް. އެހެން މިދެންނެވީ، ހަމަ ތަނަކަށް ވަދެލާއިރު ވެލްކަމް ކިޔަންވެސް ހަމަ ހުންނަނީ ހަމަ ބޭރު މީހެއް. ދެން މީނައަކީ އެހެން ކަމެއް ކުރާ މީހެއްވެސް ނޫން. ހަމަ ބޮޑު ސިންގާ މުސާރައެއްދީފައި، ޑީ.އެޗް.އެލް ޕާރުސަލެއް ހިފައިގެންވެސް މިދަނީ ހަމަ ބޭރުމީހެއް. ދެން މިހެންގޮސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާދައިގެ ވަޒީފާތަކުގައިވެސް އެއްކަލަ ވަރަށްގިނަ ބޭރުމީހުންތައް އެބަތިބި. މިބައި މޮނިޓަރކޮށް ބަލަހައްޓަވަނީ ކޮންފަރާތަކުން ކަމެއް ނޭނގެ. އެހެންވީމާ، މި އެއްޗެހިތައް މޮނިޓަރ ކުރެވިގެން މިހާރު ސިވިލް ސަރވިސްގެ ތެރެއިން މަދުވެދާނެ ކަމުގެ ބިރު. މިހާރު އަޅުގަނޑަށް ހީވަނީ ސިވިލް ސަރވިސްއިން މަދުވާކަމުގެ ބިރެއް އަޅުގަނޑު އަމިއްލައަކަށް ނުގަނޭ. އެއީ މިދެންނެވި ދެކެޓަގަރީ މިދިޔައީ އިތުރުވެގެން. -/2000 ރުފިޔާގެ ކެޓަގަރީތަކެއް. ދެން އަދި ކުރިއަށް އޮތް ތަނުގައި ފައިސާ ރަނގަޅުވެސް ވެދާނެ ކަންނޭނގެ މުޖްތަމަޢަށް އެނބުރި އަންނަލެއް. އެހެންވީމާ، މަދުވެގެނެއް އަޅުގަނޑު ކަންބޮޑެއްނުވޭ. އެކަމަކު އަޅުގަނޑުމެންނަށް ލިބެންޖެހޭ ވަޒީފާތަކެއްގައި އެހެން ބަޔަކު ތިބޭތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އެހެންވީމާ، މިކަމާ ދޭތެރޭގައި މަނިކުފާނު ކިހިނެއްތޯ ވިސްނާވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށް ބޮޑު ތެދެއް އިނގޭތޯ ލަޠީފް. މިހާރު ދެކަމެއް އަޅުގަނޑުމެން ކުރަންޖެހޭ ކަމަށް ފާހަގަވި. ފުރަތަމަ ކަމަކީ ދިވެހި މީހާއަށް ބޭނުންވާ ހުނަރު، އެވަޒީފާއަކަށް ބޭނުންވާ ހުނަރު އެމީހާއަށް ދިނުން. ހޯދައިދިނުން. އެއީ އަދި ޑީ.އެޗް.އެލް ޕާރުސަލެއް ހިފައިގެން ހިނގާފައި ދާން ޖެހުނަސް. އަދި ބަރޯއެއް ހިފަހައްޓައިގެން ހުންނަން ޖެހުނަސް. ލަކުޑިގަނޑެއްގައި މަރުތޭލަކުން ޖެހިކަމުގައިވިޔަސްވެސް، އެހުނަރު އެބަ އެމީހާއަށް ފޯރުކޮށްދޭންޖެހޭ، ދޭންޖެހޭ. ދެން އެމަސައްކަތް ކުރުމަށް އެބަ ވަގުތުކޮޅެއް ނަގާ. 6 މަސްދުވަސް ނަގާނެ. އަޅުގަނޑުމެން އެ [ޓިވެޓް“ ޕްރޮގްރާމް މިހިންގަނީ އެމަސައްކަތަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ ހުނަރު އަޅުގަނޑުމެން ވަރަށްގިނަ ރައްޔިތަކަށް، ޚާއްޞަކޮށް، ސިވިލް ސަރވިސްގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ހޯދައިދެވޭތޯ އަޅުގަނޑުމެން މިބަލަނީ.

ދެން ހަމަ އެއާއެކީގައި ދެން އަޅުގަނޑުމެންނަށް ލިބުނު އިތުރު ކުރިއެރުމަކީ، މިހާރު ކުރަންވެފައި އޮތް ކަމަކީ، ވަޒީފާއާބެހޭ ޤާނޫނާއި ލޭބަރ ޓްރައިބިއުނަލް މެދުވެރިކޮށްގެން، ވަޒީފާގައި އުޅުއްވާ ބޭފުޅުންނަށްވެސް އަދި ވަޒީފާ ދެއްވާ ފަރާތްތަކާ ދެމެދުގައި އެ އޮންނަންޖެހޭ އިތުބާރާއި އެއްބަސްވުމާއި، ހަމަތަކާއި އުޞޫލުތައް ރަނގަޅަށް ބަރާބަރަށް ހިންގައި ބެލެހެއްޓުން. ދެން އެހެންވީމާ، އެދެކަންތައް ކުރެވުނީމާ، އަޅުގަނޑުމެން މިދެކެނީ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުންނަށް ވަރަށް ރަނގަޅު މުސާރައެއް ލިބިގެން ހިނގައިދާނެއޭ. ދެން އަޅުގަނޑު ހަމަ އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާނީ، އަޅުގަނޑުމެންގެ ބޭނުމަކީ، ކައްކާއިން ޝެފުންނަށް ހެދުން. މަސައްކަތު މީހުން އެއީ ވެލްޑަރުންނަށް، މޭސަނުންނަށް ނުވަތަ ކާޕެންޓަރުންނަށް، މިމަސައްކަތްތަކުގެ ތެރެއަށް ވީހާވެސް ގިނަ ބައެއް ނެރެވޭތޯ ބެލުން. އަޅުގަނޑު ނިންމާލުމުގެ ކުރިން އަސްޢަދު އެއްޗެއް ދަންނަވާލަން ފުރްޞަތު އަރުވަން.

އަޙްމަދު އަސްޢަދު – މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ:

އަޅުގަނޑަށް ހީވަނީ ވަރަށް މުނާސިބު ސުވާލެއްހެން. އަޅުގަނޑު މިއަދު ހެނދުނު އޮފީހުން ބަލައިގަންނަން ޖެހުނު އެއްކަމެއް. ސިވިލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައި އޮންނަ ސިޓީއެއްގައި މިއޮންނަނީ، ބިދޭސީއަކު މައްސަލަ ޖައްސައިފިއޭ، ތިމަންނާއަށްދޭ މުސާރައާއި ޢިނާޔަތްތައް، ދިވެއްސަކަށް ލިބޭ މުސާރައާއި ޢިނާޔަތްތަކަށްވުރެ ކުޑަވެގެން. ދެން އަޅުގަނޑުގެ ހަނދާން ގޯސްކަމުގައި ނުވާނަމަ، ލޭބަރ ޓްރައިބިއުނަލުން ނިންމަވާފައި އޮތީ، ވަޒީފާގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ދޭދޭ މުވައްޒަފެއްގެ މެދުގައި ފަރަޤެއް ނުކުރެވޭނެއޭ. އެހެން ވެއްޖެ ކަމަށްވަންޏާ، މީގެކުރީގައި އަދި މިހާތަނަށްވެސް އަދި މިއަދުވެސް މިކަން ހިނގަމުންދާގޮތަކީ، މީގައި މިއަންނަނީ ހަމަ އިކޮނޮމިކް އެޑްވާންޓޭޖެއް. އަޅުގަނޑުމެންގެ ކައިރީގައި ހުރި ވަޒީފާގެ ބާޒާރުތަކަށް ބަލާއިރު، އެތަންތަނުގައި ލިބެންހުރި ވަޒީފާއަށް އަންނަން ތިބި މީހުންގެ އަގުހެޔޮވީމާ، އަޅުގަނޑުމެން ގެންނަމުން މިދިޔައީ. ދެން އޭގެ ފައިދާތަކެއް އަޅުގަނޑުމެންނަށް ކޮށްވެސްފި. ދެން ގެއްލުންވެސް އެބައޮތް. އެހެންނަމަވެސް، މިހާރު މި ލޭބަރ ޓްރައިބިއުނަލްގެ މި ނިންމެވުން އަޅުގަނޑުގެ ހަނދާން ގޯސްކަމުގައި ނުވާނަމަ، މި ނިންމެވުމާ ގުޅިގެން، ބިދޭސީއެކޭ ދޭސީއެކޭ ވަޒީފާގައި، އެއްވަޒީފާއެއްގައި އުޅޭ ކަމަށްވަންޏާ، މުސާރައާއި އުޖޫރަ ތަފާތެއް ނުކުރެވޭނެއޭ. އެހެން ވެއްޖެ ކަމުގައިވަންޏާ ދިވެއްސަކަށް ބޮޑު މުސާރަ ދޭންޖެހޭތީވެ، ބިދޭސީ މީހާއަށް ކުޑަމުސާރައެއް ދޭންޖެހޭތީވެ، އޭނަ އެގެނައި ގެނައުމުގެ ފައިދާ ގެއްލިގެންދިޔައީއޭ. އެހެން ވެއްޖެ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ ހަމަ ކޮންމެ ދިވެހި ވިޔަފާރިވެރިއަކުވެސް، ކޮންމެ ދިވެހި ކުންފުންޏަކުންވެސް، ދިވެހި ދައުލަތުންވެސް ނިންމަވާނެ، ދޭސީއަކު ގެންގުޅެވެން އޮތް ތަނެއްގައި ބިދޭސީއަކު ނުގެންގުޅެން. އެހެންވީމާ، މިކަމަށް ވަރަށްބޮޑު ބަދަލެއް މިއަންނަނީ. އެހެންވީމާ، ލަޠީފް ތިޔަކުރެއްވި ސުވާލަކީ، އަޅުގަނޑަށް ހީވަނީ އޭގެ އަމާޒަކީ ބިދޭސީން މިހާރު އަދާކުރަމުންދާ ވަޒީފާތައް ދޭސީންނަށް ނުދޭންވީ ކީއްވެގެންހެއްޔޭ؟ ދިވެހިންނަށް ނުލިބޭންވީ ކީއްވެހެއްޔޭ؟ އަޅުގަނޑަށް ހީވަނީ މިހުރިހާ ކަމެއް މިނިމިގެން އަންނައިރު، ދިވެހިންނެކޭ ބޭރު މީހުންނެކޭ ތަފާތު ނުގެނެވޭތީވެ ކޮންމެ މީހަކުވެސް ބޭނުންވާނެ ދިވެއްސަކު އެވަޒީފާއަށް ގެންނަން.

ދެން ހަމަ މަސައްކަތް ކުރުވާ މީހުންގެ ތެރޭގައި ހަމަ ވަރަށްގިނަފަހަރު ދެކެވޭ ވާހަކައެއް. ދިވެއްސަކު މަސައްކަތްކުރާ ވަރަށް މަސައްކަތް ކުރެވޭނީ ބިދޭސީންގެ ދެމީހަކު ލައިގެންނޭ. ނުވަތަ އޭގެ ތިންމީހުން ވެގެން ދެ ދިވެހިން ކުރާވަރަށޭ މަސައްކަތް ކުރެވޭނީ. އެހެންވެއްޖެ ކަމަށްވަންޏާ އަޅުގަނޑަށް އެބައިވެސް ގެނެވުނީ.

ދެން މީގެތެރޭގައި ހަމަ ވިސްނާލަން ރަނގަޅު ކަމެއް މިއީ. އަޅުގަނޑުމެންގެ މަސައްކަތު އަޚްލާޤަށް ވަރަށްބޮޑު ބަދަލެއް ގެންނަން އެބަޖެހޭ. މިސާލަކަށް ރަށެއްގައި ހުންނަ ކޮންމެވެސް މަސައްކަތެއް ކުރާ ތަނެއް، މީހަކު މަސް ކައްކާ ހިއްކާ ތަނެއްގައި، ޖެހިގެން ހުންނަގޭ މަރިޔަނބު ކައިރީ މިބުނަނީ އަންނާށޭ ކަލެއަށް ވަޒީފާއެއްދޭނަމޭ. ތިމަންނާއަށް އަތްގާތްކޮށްލަދޭން އުޅެން، -/1500 ރުފިޔާ ދޭނަމޭ. ބުނީމަ މަރިޔަނބުގެ ޖަވާބަކަށް މިއަންނަނީ އައްޗީޑިއޭ ތިމަންނައެއް ނުދާނަމޭ، ކީއްކުރާ -/1500 ރުފިޔާއެއްހޭ. ތިމަންނައަށް މާރަނގަޅޭ ގޭގައި ދެފައި ދަމާފައި ނިދަން އޮންނަންވެސް. އެހެންވީމާ، މަސައްކަތް ކުރުވަން ބޭނުންވާ މީހާ މިގެންނަނީ ބިދޭސީއެއް. އެކަމަކު އެއްކަލަ މަރިޔަނބުގެ ދަރިފުޅު ބަލިވީމާ، އަނެއްކާވެސް ދާންޖެހެނީ އެމީހާ ކައިރިއަށޭ. އަޅުގަނޑުމެން އެބަ އިޚްތިޔާރު ކުރަމޭ، މަސައްކަތެއް ނުކޮށް ތިބެންވެސް، މުސާރަ މާކުޑައޭ ކިޔާފައި. އެހެންވީމާ، އެހެން އަޅުގަނޑުމެންނަކަށް ނެތޭ ތިބެވޭކަށެއް. މަސައްކަތެއް އޮތީ ކަމަށްވަންޏާ، އެމަސައްކަތަކީ، އެއްވެސް މަސައްކަތަކީ ދެރަ މަސައްކަތެއް ނޫނޭ. ދެން ކޮންމެ މީހަކުވެސް ބޭނުންވާނެ، އެންމެބޮޑު އެއްޗެއް ލިބެން. އެކަމަކު އެވަގުތަށް ތިމާގެ ހުނަރާއި ފެންވަރާއި ތިމާ ހުރި ތަނަކާ ގުޅޭގޮތުން ލިބެން އޮތް އެންމެބޮޑު މުސާރައެއް ލިބޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މިއީ، އަޅުގަނޑުމެން ކޮންމެހެން ކުރަން ލާޒިމުވެއްޖެ ކަމެކޭ. އަނެކާގެ މައްޗަށް ބަރޯސާ ކޮށްގެން ބޭރަށް ދާންވީމާ، ނުވަތަ ވާހަކައަކީ މާދަމާ ސައިކަލެއް ގަންނަންވީމާ، ރައްޓެހިން އަތުން ދަރަންޏަށް ހޯދައިގެން، ނުވަތަ ހަދިޔާއެއް ހޯދައިގެން ޚަރަދުތައް ކުރުން، މިއީ ބަދަލުކުރަންވެއްޖެ ކަމެކޭ. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ސަރުކާރެއް ބަދަލުވެ، ބަދަލުތަކެއް ގެނެވުނު ކަމަށްވާނީ، އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތްތެރިންގެ ހުރި އަޚްލާޤުވެސް ބަދަލުގެނެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ބަދަލެއް ގެނެވުނު ކަމަށްވާނީ. އެހެން ނޫންނަމަ، މިބަދަލަކީ ހަމަ ފޮތުގައި އަންނަ ބަދަލެއް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑުމެންނާ އެކީގައި ތިޔަބޭފުޅުން މިވަގުތު ހޭދަކޮށްލެއްވީތީވެ.

والحمد للّـه.