بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިފަހަރު މިއައީ އ.ދ.ގެ 64 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވުމަށްފަހު އަދި އެ 64 ވަނަ ޢާންމު ބައްދަލުވުމުގެ ތެރޭގައި ހިނގާދިޔަ ވަރަށްގިނަ ބައްދަލުވުންތަކުގައި ބައިވެރިވުމަށްފަހުގައި. މާތްރަސްކަލާނގެ އިރާދަފުޅާއެކުގައި އަޅުގަނޑުމެންނަށް، ދިވެހިރާއްޖެއަށް މިފަހަރު މިބައްދަލުވުމުގެ ތެރޭގައި ވަރަށް ރަނގަޅު ފުރްޞަތުތަކެއް ހުޅުވިގެންދިޔަ. ޚާއްޞަ ގޮތެއްގައި ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖޭގެ ޤަދަރާއި ޢިއްޒަތާއި ކަރާމާތާއި، ދިވެހިރާއްޖޭގެ ހައިބަތާއި، ދިވެހިރާއްޖޭގެ މަގާމު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުގެ ބޮޑުމިނާއި، މީސްކޮޅުގެ ޢަދަދާއި އަދި ހުރި ތަނަވަސްކަމާ، މިކަންކަމަށް ބަލައި، އަޅުގަނޑުމެންނަށް މީގެކުރީގައި އަޅުގަނޑުގެ ނަޒަރުގައި ލިބިފައިނުވާފަދަ މަގާމެއް އިރާދަކުރެއްވިއްޔާ މިފަހަރު އަޅުގަނޑުމެންނަށް ލިބިގެން، ހުޅުވިގެން ހިނގައްޖެ.

މިކަންކަން އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ވެގެން މިދަނީ، ރާއްޖޭގެ ރައްޔިތުން މިފަދަ ގޮތަކަށް އަދި ރާއްޖޭގެ މަގާމު ހޯދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް، ވޭތުވެދިޔަ ޚާއްޞަކޮށް ހަތަރު އަހަރެއްހާ ތެރޭގައި ކޮށްފައިވާތީ. އަޅުގަނޑު މިދަންނަވަނީ، ޑިމޮކްރެޓިކް ދިވެހިރާއްޖެއަކަށް ބައިނަލްއަޤްވާމީ ދުނިޔެ، އަތް ހުޅުވައި އަދި ޘަނާކިޔާ އަދި މަރްޙަބާކިޔާ މިންވަރު މާ ބޮޑުތަނުން ތަފާތޭ. ޚާއްޞަ ގޮތެއްގައި މިހާރު ދުނިޔެއާ ދިމާވެފައިވާ ކަންތައްތަކުގެ ތެރޭގައި، އެންމެ ފާހަގަވާ އެއްކަމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ވެދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ދުވަސްވަރެއްގައި، އެފަދަ ބަދަލުތައް އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑުކޮށް، އެންމެބޮޑު މިންވަރަކަށް ގެއްލުން ލިބޭނެ އެއްޤައުމަކީ ދިވެހިރާއްޖެކަމަށް ސައިންސްވެރިންނާއި، ބައިނަލްއަޤްވާމީ ދުނިޔެ ގަބޫލުކުރާއިރެއްގައި ރާއްޖެ، ކަންކަމާ ގުޅޭގޮތުން ދެކޭގޮތް، ދުނިޔޭގެ ޤައުމުތަކަށް މިއަދު މުހިންމުވެއްޖެ. މިއީ އަޅުގަނޑު ދަންނަވާނީ ދިވެހިންނަށް ލިބުނު ވަރަށް ރަނގަޅު ފުރްޞަތެކޭ. ދިވެހިންނަށް ލިބުނު މަގުފަހިވެގެންދިޔަ ވަރަށް ފުރިހަމަ ޙާލަތެކޭ. ދިވެހިރާއްޖެ އަދި ދިވެހިރާއްޖެފަދަ ޤައުމުތައް، މިޤައުމުތަކުގެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެ، އެ ޢާންމު ޙާލަތައިގެން ކުރިއަށް ދިޔުމަށްޓަކައި، ތަރައްޤީގެ މަގުގައި ކުރިއަށް ދިއުމަށްޓަކައި ލިބެންޖެހޭ އެކިއެކި ބައިނަލްއަޤްވާމީ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ ވިސްނުންތެރިކަމާއި އަޅާލުމާ، މިކަންކަން އަޅުގަނޑުމެންނަށް ލިބުމަށްޓަކައި އަޅުގަނޑުމެންނަށް ދިމާވި މި ޙާލަތު ނުވަތަ އަޅުގަނޑުމެންނަށް މެދުވެރިވި ޙާލަތުގެ ބޭނުން އަޅުގަނޑުމެން ހިފުން އެއީ، ވަރަށް މުހިންމު ކަމެކޭ.

އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑަށް މިކަމުގައި ޤާބިލްކަން ލިބިފައިވާ މިންވަރަކުން އަޅުގަނޑު އެ މަސްރަޙުގައި ތަމްސީލުވިން. އަޅުގަނޑަށް އެކަން ކުރެވެން އޮތް އެންމެ ފުރިހަމަ މިނަކަށް އަޅުގަނޑު އެކަން ކުރިން. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންނަށް މިކަންކަން، ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކާއި، އަޅުގަނޑުމެން އެތަންތަނުގައި އުޅޭގޮތާއި، އަޚްލާޤީ މިންގަނޑުތަކާއި، މަސައްކަތްކުރާ މިންވަރާއި، ބަހައްޓަންޖެހޭ ފަރުވާތެރިކަމާ، މިހުރިހާ ކަމެއް އަޅުގަނޑުގެ ނަޒަރުގައި ދިވެހިން ފަޚްރުވެރިވާ މިންވަރަށް އަޅުގަނޑަށް ބެހެއްޓިފައި ހުރިކަމަށް އަޅުގަނޑު ދެކެން.

މިއަދު އަޅުގަނޑު ހިތުން އަޅުގަނޑުގެ ވާހަކަތަކެއް ނޫން މުހިންމީ. އެންމެ މުހިންމީ ނޫސްވެރިން މިކަމާ ގުޅޭގޮތުން އަޅުގަނޑާ ކުރާންހުރި ސުވާލަކަށް ޖަވާބުދެވޭތޯ ބެލުން. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރްޞަތު ހުޅުވާލަމުން މިވާހަކަކޮޅު ކުރުކޮށްލާނަން. ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެންމެ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

މަނިކުފާނުގެ ދަތުރުފުޅަށްފަހު ވަޑައިގެންނެވި ވަޑައިގަތުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަނިކުފާނަށް މަރްޙަބާ ދަންނަވަން. އެއާއެކު އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، އާ ރައީސެއް އ.ދ.ގެ މަޖިލީހުގައި ރާއްޖޭގެ ފަރާތުން ގިނަ ދުވަސްތަކަކަށްފަހު ތަޤްރީރު ތިޔަކުރެއްވީ. ތަޤްރީރު ކުރެއްވިއިރުގައި، މަނިކުފާނު ކުރީގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވި ވިސްނުންފުޅާ ތަފާތު ވިސްނުންފުޅެއް ހުށަހެޅުއްވިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދިޔަ. މަނިކުފާނު ތިޔަ ސްޕީޗަށްފަހު، ތަޤްރީރަށްފަހު ދެން ތިމާވެށި ޙިމާޔަތް ކުރުމުގައި އަޅުގަނޑުމެންގެ ރާއްޖެއިން ދެން ގެންގުޅޭނެ ސްޓޭންޑަޑަކީ ކޮބައިތޯއޭ؟ ކުދި ޤައުމުތަކުގެ ސަފުގައި ރާއްޖެ މިއުޅެނީ އެންމެ ކުރީގައި. މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުންވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. ތިމާވެށީގެ ބަޠަލުންގެ އެންމެ ކުރީ ލިސްޓުގައި މަނިކުފާނު ހިމެނިވަޑައިގެންނެވި ދަތުރުފުޅުގައި. ކޮބައިތޯ އަޅުގަނޑުމެން މިހިސާބުން ދެން ދާން މިޖެހޭ މިޞްރާބަކީ ކޮބައިތޯއޭ؟

އަޅުގަނޑު ދެވަނަ ސުވާލަކަށް ދަންނަވަން އޮތީ މަނިކުފާނު އައި.އެމް.އެފް.ގެ ވަފްދަކާވެސް ބައްދަލުކުރެއްވި. އިޤްތިޞާދީ އެހީތައް ހޯދުމާ ގުޅޭގޮތުން. އެބޭފުޅުން ރާއްޖެއަށް މިދެންނެވީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަގާމުން ވަކިކުރުމަށް ސަރުކާރުން ގެންގުޅުއްވާ މިންގަނޑުތަކަށް އެހީތެރިވެވަޑައިގަތުމަށް އުޞޫލެއްގެ ގޮތުން އެއްބަސްވެވަޑައިގެންނެވި ކަމަށް މަނިކުފާނު، ރައީސް އޮފީހުން ވިދާޅުވެފައި އެބައޮތް. ކޮބައިތޯ އެބޭފުޅުންގެ ރިކަމެންޑޭޝަންތަކަކީ؟ އެބައޮތްތޯ މިވަގުތު އެއްވެސްކަހަލަ ތަފްޞީލެއް ދެއްވެން. އެއީ އުޞޫލެއްގެ ގޮތުން އެބޭފުޅުން ތާއީދު ކުރައްވަމޭ ވިދާޅުވެފައި އޮތީމާ. ރިކަމެންޑޭޝަނެއް އެބަހުރިތޯ އެއްވެސް ވަރެއްގެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ! ރާއްޖެ ދެން ޢަމަލުކުރަންވީ ގޮތަކީ، ހަމަ މިހާރުވެސް އަޅުގަނޑުމެން ޢަމަލުކުރަމުންމިދާ ގޮތަށް. އަޅުގަނޑުމެން ބޭނުން، އުންމީދު ކުރަމުން މިއަންނަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޤައުމުތައް، ކޮންމެހެން ހަމައެކަނި ދިވެހިރާއްޖެއެއް ނޫން. ޤައުމުތައް ޢަމަލުކުރަންވީ ގޮތުގެ ސަވައިވަލް ކިޓެއްގެ ގޮތުގައި އަޅުގަނޑުމެން އެ މި ފާހަގަ މިކުރަނީ. ޢަމަލު ކުރާންވީ ގޮތުގެ ލުއިފޮތެއް ނޫން މިއީކީއެއް. ބަރު ފޮތެއް. އޭގެ ފޮތެއް އެކުލަވާލައި، ޤައުމުތަކަށް ވިސްނައިދެވޭތޯ ބެލުން. މިގޮތަށް ޢަމަލުކޮށްފިއްޔާ، ދިވެހިރާއްޖެއާއި އަދި ދިވެހިރާއްޖެފަދަ ޤައުމުތަކާއި އަދި މުޅި ދުނިޔެވެސް ސަލާމަތްވުމަކީ އެކަށީގެންވާ ކަމެކޭ. އަޅުގަނޑު ނުދެކެން ހަމައެކަނި އަޅުގަނޑުމެންނަށް މިހާރު ވާހަކަ ދައްކަން ފުރްޞަތު ލިބިފައި މިއޮތީ ކުދި ޤައުމުތަކުގެ ފަރާތުން ކަމަކަށް. މިކަމުގައި އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ޕޮޒިޝަން މިވަނީ، އަދި އަޅުގަނޑުމެން ދައްކަމުން މިއަންނަނީ އަޅުގަނޑުމެންނަކީ ފްރޮންޓް ލައިނޭ. އެންމެ ކުރީ ސަފޭ. އެހެންވީމާ، ދިވެހިރާއްޖެއަކީ އެންމެ ކުރީ ސަފުގައިވާ ޤައުމެކޭ. މިރާއްޖެއަށް މިކަމާ ގުޅޭގޮތުން ދެކެވެންހުރި ވާހަކަތައް މުހިންމުވާނެ. އެއީ އަޅުގަނޑުމެންނަކީ މިކަން ކުރިމަތިވާތީވެ، އެކަމާ ކަންބޮޑުވާ ބައެއް. އަޅުގަނޑަށް ޔަޤީން މިއަދުވެސް ފުވައްމުލަކު ރައްޔިތުން ކަންބޮޑުވާނެކަން އެތަނުގެ އެރަށުގެ ގިރާ ސަރަޙައްދާ ގުޅޭގޮތުން. އަޅުގަނޑަށް ޔަޤީން ހަމަ ތުޅާދޫ ރައްޔިތުންވެސް ކަންބޮޑުވާނެކަން. ހޮޅުދޫ ރައްޔިތުންވެސް ކަންބޮޑުވާނެކަން. އަޅުގަނޑުމެންނަށް އަދި އަރިއަތޮޅުން ރަށެއް ކިޔުއްވިޔަސްވެސް، ކުނބުރުދޫ ކިޔުއްވިޔަސްވެސް އަދި ކޮންމެ ރަށެއް ކިޔުއްވިޔަސް އަޅުގަނޑުމެންގެ މިހާރު ރާއްޖޭގައި އެބައޮތް މިހާރުވެސް ހަމަ މިހާރުން މިހާރަށް މިގިރުން ހުއްޓާ ނުލެވިއްޖެނަމަ، މީހުންނަށް ދިރިއުޅެމުން އެއަންނަ ގޮތަށް ދިރިނޫޅެވޭނެ ކިތަންމެ ރަށްރަށެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ މިކަންކަމާ ގުޅޭގޮތުން ވިސްނަންޖެހޭ. އަދި އަޅުގަނޑުމެންނަށް މިވަގުތު ފުރްޞަތު ހުޅުވިފައި މިއޮތީ މިކަންކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މަސްރަޙުގައި ވާހަކަ ދެއްކުމަށް. އަދި އަޅުގަނޑުމެންގެ އަޑު އުފުލުމަށް. އަޅުގަނޑުގެ ނަޒަރުގައި ދިވެހިންގެ ފަރާތުން އަދި ދިވެހިން އެކަންޏެއް ނޫން. މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ގެއްލުން ލިބޭ ހުރިހާ އިންސާނުންގެ ފަރާތުން ދިވެހި ވާހަކަ ދެއްކުމުގެ ފުރްޞަތު ދިވެހިރާއްޖެއަށް މިއޮތީ ލިބިފައި. އެހެންވީމާ، އެ ފުރްޞަތުގެ ބޭނުންކޮށްގެން، ދިވެހިންނަށާއި އަދި އިންސާނިއްޔަތަށް ރަނގަޅުވާ ގޮތަށް އަޅުގަނޑުމެން ވާހަކަ ދައްކަމުން ގެންދިޔައިމާ، ވިސްނަމުން ގެންދިޔައިމާ އެއީ، އަޅުގަނޑުމެން ދެން ކުރިއަށް ކަންތައް ކުރާންވީ ގޮތަކީ. ހަމައެއާއެކީގައި ހަނދުމަފުޅުކޮށް އެއްގޮތަކަށްވެސް އަޅުގަނޑުމެން ހަނދުމައިން ނައްތާލައިގެނެއް ނުވާނެ. އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމާއި، އަޅުގަނޑުމެން ކަންކަމާ ގުޅޭގޮތުން ގެންގުޅޭ ގޮތްތަކާއި ސިފަތަކާ، މިކަން އޭގެ ރަނގަޅު ގޮތުގައި ބެހެއްޓުމަކީވެސް ވަރަށް މުހިންމު ކަމެއް.

އައި.އެމް.އެފް.އާ ވާރލްޑް ބޭންކާ ދެތަނާ އަޅުގަނޑުމެން ވާހަކަ ދެއްކިން. ވޮޝިންގޓަނަށް އަޅުގަނޑު ކުރި ދަތުރުގައި. އައި.އެމް.އެފް. ކައިރީގައި މިބުނަނީ އުޞޫލެއްގެ ގޮތުން އައި.އެމް.އެފް. އިން މިބުނަނީ އެމީހުންނަށް އެހީއަށް އެދުނީމާ، އެހީތެރިކަމުގެ ގޮތުގައި މިދޭ އެއްޗެއް ބިނާވެފައި މިއޮންނަނީ، ދިވެހިރާއްޖެއަށް އޮންނަ އޭގެ ކޯޓާއެއްގެ ވަކި ޕަސެންޓަކުންނޭ. އައި.އެމް.އެފް.އިން ފުރަތަމަ ހިސާބު ޖަހާ ބަލާފައި އަޅުގަނޑުމެންގެ ގާތުގައި އައި.އެމް.އެފް.އިން އިޝާރާތް ކޮށްފައިވަނީ، ދިވެހިރާއްޖެއަށް ލިބޭނީ ދުއިސައްތަ ޕަސެންޓޭ. ދެން އޭރު އަޅުގަނޑު ދަންނަވައިފިން. ދެން ތިޔަކީއެއް އަޅުގަނޑުމެންނަށް މި ކަމެއްވާނެ ކަހަލަ ޕަސެންޓެއް ނޫނޭ. ދުއިސައްތަ ޕަސެންޓް. ހިންގާ ކަމެއް މި ހިންގެނީކީއެއް އައި.އެމް.އެފް.ގެ ޕްރޮގްރާމެއް ހިންގާކަށެއް ނޫނޭ. މިއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި އަޅުގަނޑުމެން ވަރަށް ސާފުކޮށް ލިޔުނީމޭ، އަޅުގަނޑުމެން ސަރުކާރު ހިންގަން ގަސްދު ކުރަނީ މިހެނޭ. އަޅުގަނޑުމެންގެ ނަޒަރުގައި ރާއްޖެއަށް ލިބޭ ހަތް ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި. އޭގެތެރެއިން ފަސް ބިލިއަން ރުފިޔާ، ބައްތިރީސްހާސް މީހުންނަށް އެކަނި ޚަރަދުކޮށް، އަނެއް ހުރިހާ އެންމެން ބިކަހާލުގައިވާން ދޫކޮށްލުމަކީ އިންޞާފެއް ނޫނޭ.

އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެން މި ލިޔުމުން، އެމް.ޑީ.ޕީ މެނިފެސްޓޯ އަޅުގަނޑަށް ޔަޤީން، ތިޔަ ހުރިހާ ބޭފުޅުންވެސް ކިޔުއްވާފައިކަން އޮންނާނީ. އެއީ އިންތިޚާބުގެ ކުރީގައި އަޅުގަނޑުމެން ލިޔެ ފާހަގަކޮށްފައިވާ ވާހަކަތަކެއް. އަދި އަޅުގަނޑުމެން އެވާހަކަތައް ފާހަގަކުރިއިރުގައި، އެކަންކަން ކުރާނެ ވަގުތުތަކާއި، ދުވަސްތަކާއި، ގަޑިތައް، މިދެންނެވީ ކުރު މުއްދަތުގައި ކުރާ ކަންކަމާއި، މެދު ރާސްތާގައި ކުރާނެ ކަންތައްތަކާއި، ދިގު މުއްދަތުގައި ކުރާނެ ކަންކަން އެނގިވަޑައިގަންނަވާނެ އަޅުގަނޑު ފާހަގަކުރިން. އެހެންވީމާ، އެގޮތުން ހިންގޭ ޕްރޮގްރާމެއް މިއީ. އައި.އެމް.އެފް.އަށް އާދަޔާ ޚިލާފު ކަމަކާ މިފަހަރު ދިމާވެގެން މިއުޅެނީ. އަޅުގަނޑުމެންގެ ޕްރޮގްރާމެއް، އައި.އެމް.އެފް.އިން ހިންގައިދޭން ޖެހޭތީ. އެހެންޏާވިއްޔާ އަޅުގަނޑަށްވެސް އެނގޭ ޤައުމުތަކަށް ދިމާވާގޮތަކީ، އައި.އެމް.އެފް.ގެ ޕްރޮގްރާމެއްގައި ޤައުމެއް ބައިވެރިވާންޖެހެނީ.

އަޅުގަނޑަށް އައި.އެމް.އެފް އެނގިފައި އޮތީ، ބްރިޓްން ވުޑްސްގެ އެގްރީމެންޓެއްގެ ތެރެއިން އުފެދިގެން އައި ޖަމާޢަތެއް. ދިވެހިރާއްޖެއަކީ އެ ޖަމާޢަތުގެ މެންބަރެއް. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ސާފުކޮށް އައި.އެމް.އެފް. ކައިރީގައި ބުނާން މިޖެހެނީ، އަޅުގަނޑުމެންނަށް މިހާރު މިއުޅެނީ މި ޕްރޮގްރާމް ހިންގާންވެގެންނޭ. އަޅުގަނޑުމެން މެންބަރު ޤައުމު ކަމުގައި، އަޅުގަނޑު ހަނދާންވަނީ މެންބަރު ކަމުގައި މިހާރު އަޅުގަނޑުމެން ހިމެނިގެން އުޅޭތާ ދިވެހިރާއްޖޭގެ މިނިވަންކަމަށް ވީހާ ދުވަހެއްވެއްޖެ. ހަމަ ކޮންމެ އަހަރަކުވެސް ޗަންދާ ދައްކަމުން އަޅުގަނޑުމެން އަންނަނީ. އެހެންވީމާ، މިހާރު މިއީ އަޅުގަނޑުމެން ކަމެއް ބޭނުންވެގެން އުޅޭއިރު. ދެން ބުނީމާ އައި.އެމް.އެފް.އިން މި އިޝާރާތް މިކުރަނީ އެހެންވީމާ ވަނީ ދުއިސައްތަ ޕަސެންޓޭ އަޅުގަނޑުމެންގެ ކޯޓާއަށް. ދެން އެ އަޅުގަނޑުމެންނަށް ރަނގަޅު މިންވަރެއް ކަމަށް ނުވެގެން އަޅުގަނޑުމެން އެދުނީ، ފަނަރަސަތޭކަ ޕަސެންޓަށް. ދެން އައި.އެމް.އެފް. އިން މިބުނަނީ އެއީ، ދުވަހަކުވެސް ބަޔަކު އެދިފައި އޮތް ޢަދަދެއް ނޫނޭ. ފަނަރަސަތޭކަ ޕަސެންޓް. ދެން އަޅުގަނޑު ދަންނަވައިފިން. ދެން އަލަށް އެދެނީތާއޭ މިހާރު މިއޮތް ޤައުމަކުން. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ހަމަ ފަނަރަސަތޭކަ ޕަސެންޓް. ދެން މިހާރު އައި.އެމް.އެފް. އިން ބުނަނީ ހަތްސަތޭކަ ޕަސެންޓް އަޅުގަނޑުމެންނަށް ދޭން ލިބިދާނޭ. ދެން އަޅުގަނޑު އަދިވެސް ހަމަ މިދަންނަވަނީ ނޫން، ނޫން. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ހަމަ ފަނަރަސަތޭކަ ޕަސެންޓޭ. ކޯޓާގެ ޢަދަދު ބިނާވެފައި އޮންނަނީ، ޤައުމުގެ ބޮޑުމިނާއި، އާބާދީގެ ބޮޑުމިނާ، މިކަހަލަ ކަންތައްތަކުގެ މައްޗަށް. އެހެންވީމާ، ފަނަރަސަތޭކަ ޕަސެންޓް ޙަޤީޤަތުގައި ވެގެންދަނީ ދުއިސައްތަ މިލިއަން ޑޮލަރަށް. އަޅުގަނޑަށްވެސް އެނގޭ، މިސާލަކަށް ސިލޯނުގެ ފަނަރަސަތޭކަ ޕަސެންޓަކީ ވަރަށްބޮޑު ޢަދަދެއް. ޝްރީލަންކާގައި އަޅުގަނޑަށް ހީވަނީ އެންމެފަހުން ފައްސަތޭކަ ޕަސެންޓަށް ދިނީމާ، 2.6 ބިލިއަން ޑޮލަރަށްއެރި. އަޅުގަނޑު ދެން މިދެކެނީ، އައި.އެމް.އެފް. ހަމަ ފަނަރަސަތޭކަ ޕަސެންޓަށް ނުވަތަ އެއާ ގާތްކުރާ ޢަދަދަކަށް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާނެ ކަމަށް. އެއީ، އައި.އެމް.އެފް.ގެ ސްޓޭންޑްބައި އެގްރީމެންޓެއް އެއީ، ބަޖެޓަށް އެހީތެރިވެދިނުމަށްޓަކައި. އެއީ އަހަރު ނިމޭއިރުގައި ބަޖެޓް ޑެފިސިޓްނުވެ، ނުވަތަ ޑެފިސިޓްވާ މިންވަރު ޑޮލަރަށް ޕްރެޝަރނުވާ ގޮތަށް ބެހެއްޓުމަށްޓަކައި އައި.އެމް.އެފް.ގެ ކިބައިން އަޅުގަނޑުމެން އެދޭ ކަމެއް.

އަޅުގަނޑުމެން ވާރލްޑް ބޭންކުން މިއެދެނީ ހަމަ މި ޕްރޮގްރާމަށް އެހީތެރިވެދިނުމަށް. ރައީސް އޮފީހުގެ ވެބްސައިޓްގައި އުޞޫލެއްގެ ގޮތުންނޭ އެއޮތީ ވާރލްޑް ބޭންކުގެ ބޯޑު ބައްދަލުވެފައި، ބޯޑުން ނިންމާނީ. އަނެއްކާވެސް ހަމަ ވަރަށް ބޮޑަށް ހަނދުމައިގައި ބަހައްޓަވާތި. ވާރލްޑް ބޭންކުގައި މިއޮންނަނީ އަޅުގަނޑުމެންގެ އައިޑާ އެލޮކޭޝަނެއްގެ ދަށުން. ހަމަ އަނެއްކާވެސް މީގެ ކޯޓާ ސިސްޓަމެއްގެ ދަށުން. އަޅުގަނޑުމެން ރާއްޖެއަށް މިލިބެނީ، ބާކީ އޮތީ މިދެއަހަރަށް 13 މިލިއަން ޑޮލަރޭ ވާރލްޑް ބޭންކުން މިބުނީ. ދެން ބޭންކް އަޅުގަނޑަށް ފެނުނު ތަނުގައި އެހެން ގޮތްގޮތަށްވެސް ވާހަކަ ދައްކަން ތައްޔާރަށް ތިބީ. އެހެންވީމާ، ބޭންކުން މިހާރު އެއްބަސްވެލައްވާފައި އޮތީ އައި.އެފް.ސީ މެދުވެރިކޮށްގެން، އެބޭފުޅުންނަށް އެބައޮތޭ އަޅުގަނޑުމެންގެ އައިޑާ އެލޮކޭޝަންސް މައްޗަށް ޖެއްސެން. އަދި އެހެން ރަށްރަށުގައި ބޭނުންނުކުރާ މިދަންނަވާ އައިޑާ އެލޮކޭޝަން. ދެން މިހުރިހާ އެއްޗަކީވެސް ފައިސާއަށް ކިޔާ އެކިއެކި ނަން. ހުރީ ފޮށްޓެއްގައި ބަހައްޓާފައި. ދެން އޭގައި އަތްލެވެނީ ކިހިނެއްތޯ މިއަހަނީ؟ އެހެންވީމާ، މީގައި އައިޑާ އެލޮކޭޝަނޭ އަޅުގަނޑުމެންނަށް އެހެން ބަޔަކަށް ހުރި އެލޮކޭޝަނަކުން އަޅުގަނޑުމެން ބޮޑުކޮށްގެން އަޅުގަނޑުމެންނަށް ވާރލްޑް ބޭންކުންވެސް މުޅި މި ޕްރޮގްރާމަށް މިހާރު ހަމަޖެހިފައި މިއޮތީ، އިތުރު 50 މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ހޯދިދާނެ ކަމަށް. އެހެންވީމާ، މިއަހަރުގެ ތެރޭގައި އެ އެލޮކޭޝަންގެ ތެރެއިން އަޅުގަނޑުމެންނަށް 35 މިލިއަން ޑޮލަރު ވާރލްޑް ބޭންކުން ލިބޭނެކަމަށް. ދެން ބޭންކުން އޭގެއިތުރުން ކޮށްދޭ ކަމަކީ، އެހެން ފައިސާ ދޭނެ ކަމަށް ނުވަތަ ދިވެހިރާއްޖެއަށް އެހީތެރިވެދޭނެ ކަމަށް ފާހަގަކުރާ އެހެން ޤައުމުތަކުން އެހީތެރިކަން ހޯދައިދިނުމަށް ޢާންމު ބައްދަލުވުމެއް ބާއްވައިދެނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް އޮކްޓޯބަރު މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެބައްދަލުވުން ބޭއްވޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ ވަޒީފާ ދޫކޮށްލާ ސިވިލް ސަރވިސްގެ ބޭފުޅުންނަށް، ކިޔަވަންދާން ބޭނުންވާ ސިވިލް ސަރވަންޓުންނަށް އެކަމަށް އެހީތެރިވާ ސްޓަޑީ ލޯނެއް ހަމަޖެހޭނެ. އަދި ކުޑަ ވިޔަފާރިއެއް ފަށަން ބޭނުންވާ ސިވިލް ސަރވަންޓުންނަށް އެކަމަށް އެހީތެރިވާ ލޯނެއް ހަމަޖެހިގެންދާނެ. ދެން ހަމަ އޭގެއިތުރުން، ވަޒީފާ ދޫކޮށްލާ ކޮންމެ ސިވިލް ސަރވަންޓަކަށް ކޮންމެ ސަރުކާރު މުވައްޒަފަކަށް ގަނޑުކޮށް އެ ލިބޭ ޢަދަދު ލިބޭނެ. އަދި އޭގެއިތުރަށް އިތުރަށް ތަމްރީނު ހޯދައިގެން އެހެން ވަޒީފާއަކަށް ބަދަލުވާން ބޭނުންވާ ބޭފުޅުންނަށް އެކަންވެސްވާ ގޮތަށް ހަމަޖެހިގެންދާނެ.

ފާޠިމަތު ނާޒިން – ދި ޓީ.ވީ:

މަނިކުފާނަށް މަރްޙަބާ ދަންނަވަމުން، އަޅުގަނޑު ދަންނަވަން ބޭނުންވާ ސުވާލަކީ، އ.ދ.ގެ 64 ވަނަ ޢާންމު ބައްދަލުވުމުގައި މަނިކުފާނުވަނީ އިޒުރޭލާއެކު ގުޅުން ބަދަހިކުރާ ވާހަކަ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވިދާޅުވެފައި. މަނިކުފާނު މިހެން ވިދާޅުވުމާ ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ އިތުރުން ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ ކުރީގައި މަސައްކަތް ކުރައްވާފައި ތިއްބެވި ވަރަށްގިނަ ބޭފުޅުންވެސްވަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައި. ދެން އަޅުގަނޑުގެ ސުވާލަކީ މި ޢަރަބި އެއްވެސް ޤައުމަކުން މިގޮތަށް މިހާ ފާޅުކަންބޮޑު ގޮތެއްގައި ގުޅުން ބަދަހިކުރާ ވާހަކަ ދައްކާފައިނުވާއިރު، ރާއްޖެއިން ކީއްވެގެންތޯ މިގޮތަށް މިހާ ފާޅުކަންބޮޑު ގޮތެއްގައި މިފަދަ ޖަލްސާއެއްގެ ޢާންމު ބައްދަލުވުމުގައި ވިދާޅުވެފައިވަނީ؟

ދެން އަނެއް ސުވާލަކީ، އިޒުރޭލާއެކު ރާއްޖެއިން ގުޅުން ބަދަހިކުރުމުން، ރާއްޖެއަށް ލިބިގެންދާނީ ކޮންކަހަލަ އެހީތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އިޒުރޭލާއެކީ ގުޅުން ބަދަހިކުރުމުގައި، ފުރަތަމަ އަނެއްކާވެސް އަޅުގަނޑުމެންގެ މައިގަނޑު ވިސްނުން. އެއްވެސް ޤައުމަކާ ގުޅުން ބަދަހިނުކޮށް ބޭއްވުމަކީ ވަރަށް ހައްދުފަހަނައެޅި ވިސްނުމެއް. އެއްވެސް މީހަކާ ވާހަކަ ނުދައްކައި ތިބުމަކީ ވަރަށް ހައްދުފަހަނައެޅި ވިސްނުމެއް. ޤައުމެއްގެ ސިޔާސަތުގައި އެ ވިސްނުން ގެންގުޅުމަކީ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ބުއްދިވެރި ރަނގަޅު ގޮތެއް ނޫން. އަދި ޢަރަބި އިޒުރޭލު މައްސަލައަށް ޙައްލެއް އެއިން ގެނެވޭނެ ގޮތެއްވެސް ނޫން. ޢަރަބިންގެ ތެރެއިން ނުވަތަ މެދުއިރުމަތިން ބޮޑެތި ޤައުމުތައް އިޒުރޭލާ ގުޅުން ޤާއިމުކޮށްފި. ޚާއްޞަ ގޮތެއްގައި މިޞްރާއި ޖޯޑްން. އަދި އޭގެފަހުން ކުދި ޤައުމުތަކުންވެސް މިހާރުދަނީ ގުޅުން ކުރިއަށްވުރެ މާބޮޑަށް ރަނގަޅު ކުރަމުން. މީގައި އަޅުގަނޑުމެންގެ ވިސްނުމަކީ، އިޒުރޭލާ އަޅުގަނޑުމެންނަކަށެއް ނެތް ތަޅާފޮޅޭކަށް އިނގޭތޯ. ދިވެހިރާއްޖެއަކަށް ނެތް އިޒުރޭލާ ހަނގުރާމަ ކުރެވޭކަށް. އަޅުގަނޑުމެންގެ އެކަހަލަ ޤާބިލު ކަމެއް ނެތް. އަދި އަޅުގަނޑުމެން ނުވެސް ދެކެން ހަނގުރާމައަކުން އަޅުގަނޑުމެންނަށް އިޒުރޭލު ބަލިކޮށް، އެތަނުގައި ފަލަސްޠީނުގެ ޤައުމެއް ޤާއިމު ކުރުމުގައި ކުޑަ މިންވަރަކަށް އެހީތެރިވެވިދާނެ ކަމަކަށްވެސް. އަޅުގަނޑުމެން މިބަލަނީ ފަލަސްޠީނު މީހުންނަށް ނުވަތަ އިސްލާމުންނަށް އެންމެ ރަނގަޅު ގޮތެއް ޑިމޮކްރެޓިކް ދިވެހިރާއްޖެއަކަށް ހޯދައިދެވޭނީ ކިހިނެއްތޯ؟ ޢަރަބި ޤައުމުތަކުގެ ތެރެއިން ނުވަތަ އިސްލާމީ ޤައުމުތަކުގެ ތެރެއިން ފުރިހަމަ ޑިމޮކްރަސީއެއްގެ ގޮތުގައި ކޮޅަށް ތެދުވެވޭނެ ޤައުމުތައް ވަރަށް މަދުވާނެ ދިވެހިރާއްޖެ ފިޔަވައި. އެހެންވީމާ، ދިވެހިރާއްޖެއަށް އަނެއްކާ މިކަމުގައިވެސް އިސްލާމުންނަށް އެހީތެރިވެދޭނެ ފުރްޞަތުތަކެއް މަގުފަހިވެގެންދޭ.

އަޅުގަނޑުމެން މިކަން ކުރުމުގެ ކުރީގައި ބޮޑެތި ޢަރަބި ޤައުމުތަކާ ވާހަކަ ދެއްކިން. ފުރަތަމަ ކަމަކަށް ދަންނަވާލަން ބޭނުންވަނީ އަދި ބައިނަލްއަޤްވާމީ ގުޅުން ނުވަތަ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށެއް، އަދި އެމްބެސެޑަރުން ބަދަލުކޮށެއް ނުހެދެއޭ. އަޅުގަނޑުމެން، އަޅުގަނޑު ދެންނެވި ވާހަކައަކީ އަޅުގަނޑުމެން ބޭނުމެއް ނުވެއޭ އެއްވެސް ބަޔަކާ ވާހަކަ ނުދައްކާ ތިބޭކަށް. އަޅުގަނޑުމެން ވަރަށް ރުޅިއާދޭ، މިސާލަކަށް، ބަރުމާ ސަރުކާރުދެކެ. އެހެންނަމަވެސް، ވާހަކަ ނުދައްކައެއް އަޅުގަނޑުމެން ނުތިބެން. އަޅުގަނޑުމެން ރުޅިއާދޭ އެތައް ބައެއް ދެކެ. އަދި ތިޔަބޭފުޅާވެސް ރުޅި އަންނަ ކިތަންމެ ބައެއް އުޅޭނެ. އެހެންނަމަވެސް، އެމީހުންނާ ވާހަކަ ނުދައްކައި ތިބުމަކީ ބުއްދިވެރި ކަމެއްގެ ގޮތުގައި އަޅުގަނޑެއް ގަބޫލެއް ނުކުރަން، ދިވެހިންގެ ތެރެއިން ގިނަ މީހުން ދެކޭނެއެކޭ. ބަޔަކާ ވާހަކަ ނުދައްކައި ތިބުން އެއީ، ތިމާގެ އަމިއްލަ ދިރިއުޅުން، ތިމާގެ އަމިއްލަ ޙަޔާތް ކުރިއަށް ގެންދާންވީގޮތްކަން، އެގޮތަށް ނިންމައިގެން އުޅޭ ދިވެހިން އަޅުގަނޑު ދަންނަވާނީ ވަރަށް މަދުވާނެއޭ. ޑިމޮކްރަސީއެއްގައި ވެރިކަމެއް އުފެދުނީމާ ލިބޭ ފުރްޞަތަކީ ހަމައެކަނި ކަންކަމުގައި އަޑު އުފުލާ ފަރާތްތަކުގެ އިތުރުން، މުޅި ޤައުމާއި ސަރުކާރާ ގުޅިފައި އޮތުން. އެއީ އަޅުގަނޑުމެންނަށް ވޯޓު ދިނުމުގައި ދިވެހި ޢާންމު އާދައިގެ ރައްޔިތުން ބައިވެރިވާނެ. ދިވެހި ޢާންމު އާދައިގެ ރައްޔިތުން، އަޅުގަނޑު މިދަންނަވާ ވިސްނުމާ ދުރެއް ނުވާނެ. ޢާންމު ރައްޔިތުންނަކީ އަބަދު ހަނގުރާމައަށް ނުކުންނަ، ރުޅިވެރިކަމަށް އެބާވަތުގެ ޢަމަލުތަކަށް ކުރިމަތިލާނެ ބައެއް ނޫން.

އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ، އަޅުގަނޑުމެންނަށް ލިބޭނެ އެންމެބޮޑު ފައިދާއަކީ ހަމަ އަޅުގަނޑުމެންގެ ހިތް ޙަލާލުވުން. އަޅުގަނޑުމެންނަށް ބަޔަކާ ވާހަކަ ނުދައްކައި ނުތިބޭނަމޭ. އަދި ބަޔަކާ ވާހަކަ ދައްކައިގެން ކަންކަން ޙައްލު ކުރެވޭނެއޭ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، އަދި އަޅުގަނޑަށް ކުޑައިރުއްސުރެ ފަށައިގެން ދީން އޮޅުންފިލުވައިދީފައިވާ ގޮތުގައި އިސްލާމްދީން އެންމެ ބޮޑަށް ބާރުއަޅާ އެއް ސިފައަކީ ޞުލްޙަވެރިކަމާއި ވާހަކަ ދެއްކުން. ޢަރަބިންގެ ސިޔާސަތުގެ ތެރެއަށް، އެހެން ނޫނީ ސިޔާސީ ބައެއް ކޯޅުމުގެ ތެރެއަށް އެއީ، ދީނީ ކަމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެކިގެން އަޅުގަނޑަކަށް ނުފެނޭ ދާކަށް. އިސްރާއީލާއި ޢަރަބިންނާ ދެމެދު އޮންނަ ގުޅުން އެއީ ޢަރަބިންގެ ސިޔާސީ މައްސަލައެއް. އެ ސިޔާސީ މައްސަލައިގައި ޙައްލެއް ލިބުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރަނގަޅު ހޫނު ހަނގުރާމައެއްތޯ؟ މިޞްރު އެ ހަނގުރާމަ ކުރަން ތައްޔާރަށް ތިބިނަމަ، އަދި ނުވަތަ ސީރިޔާވެސް އެ ހަނގުރާމަ ކުރަން ތައްޔާރަށް ތިބިނަމަ، ދެން އަޅުގަނޑުމެންނަށް އަދި އެހެން ގޮތްގޮތަށްވެސް ދެކެވިދާނެ. ދެން ރާއްޖޭގެ އެންމެ ގިނަ ދުވަހު ޚާރިޖީ މަސައްކަތުގައި އުޅުއްވި ބޭފުޅަކީ ކުރީގެ ފޮރިން މިނިސްޓަރ ފަތުޙުﷲ ޖަމީލް. އަޅުގަނޑު ފަތުޙުﷲ އަރިހުގައި ދެންނެވިން. އަޅުގަނޑުމެން ފިކުރު ކުރަމޭ މިމަގަށް ޚާރިޖީ ސިޔާސަތު ބަދަލުކުރަން. ފަތުޙުﷲ ވިދާޅުވީ، ތިޔައީކީއެއް އެބޭފުޅުންވެސް ނުވިސްނަވާ އޮތް ގޮތެއް ނޫންކަމާއި، އެއީ ރަނގަޅު ބުއްދިވެރި ގޮތެއް ކަމަށް. އަދި މިދަންނަވާހެން އަޅުގަނޑު ޢަރަބި ވަރަށްގިނަ ޤައުމުތަކުގެ ވެރިންނާ މަޝްވަރާކޮށް ހެދިން. މިއީ އަޅުގަނޑުމެން މިކަން ކުރަން ގަސްދުކުރާގޮތޭ. އަޅުގަނޑަށް ފެންނަނީ ތިޔަބޭފުޅުންވެސް އެގޮތަށް މިކަން ކުރާށޭ. ހަމައެކަނި ޤައުމުގައި ތިބޭ މަދު މީސްކޮޅެއް ބާރަށް އަޑު ވާހަކަ ބުނީމާ، އެކަމާ ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ. އަޅުގަނޑުމެންނަށް އަޅުގަނޑުގެ ނަޒަރުގައި ދުނިޔެ މިއުޅެނީ ދުނިޔެއަށް ބޮޑު ބޮޑުސިންގާހާ ޒަލްޒަލާއެއް ދިމާވާން. ދުނިޔެއަށް ބޮޑު ކާރިސާއެއް، މުޅި މޫސުމަށް ބަދަލުއައިސްގެން. މިހެން އުޅޭއިރުގައި ދެޤަބީލާއެއްގެ ދެމެދުގައި ކޯޅުމެއް ހިނގައި، ޒުވާބެއްކޮށް ހެދުމަކީ ވަރަށް ދެން އަޅުގަނޑުގެ ނަޒަރުގައި ދަށު ދަރަޖައިގެ ވިސްނުމެއް. ދެން އަޅުގަނޑުމެންނެއް ނޭދެން. އެދަރަޖައަށް އަޅުގަނޑުމެންގެ ޤައުމު ދާކަށްވެސް. ވެއްޓޭކަށްވެސް. އަދި އަޅުގަނޑުގެ ނަޒަރުގައި ދިވެހިންގެ ޤަދަރާއި ޢިއްޒަތް ހިފަހައްޓައިދިނުން އެއީ، މިހާރު އަޅުގަނޑަށްވެސް އަދި އަޅުގަނޑުމެންގެ ސަރުކާރަށްވެސް އޮތް ޒިންމާއެއް. އަޅުގަނޑު ދެކޭނީ ދިވެހިން މިކަމާ ރުހޭނެ ކަމަށް.

އަޅުގަނޑުމެން އިޒުރޭލާ ގުޅުން ޤާއިމު ކުރުމުން، އިޒުރޭލުގެ އެއްވެސް ޢަމަލަކަށް އަޅުގަނޑުމެން އެއްބަސްވަނީކީއެއް ނޫން. އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ހުރިހާ ޤަރާރަކާ އިޒުރޭލު އެއްބަސްވާންޖެހޭނެ. އެއިން އެއްވެސް ކަމަކަށް އަޅުގަނޑުމެން އިޒުރޭލާ އެއްކޮޅަށް ވާހަކަ ދައްކައި ވަކާލާތުކޮށް ނުހަދާނެ. އަޅުގަނޑުމެންނަށް މިހާރު އަޅުގަނޑުމެން ދައްކާ ވާހަކައިގެ ބާރުވެސް ހުންނާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ފަލަސްޠީނުގެ ޕްރައިމް މިނިސްޓަރ އަދި އިޒުރޭލުގެ ބޮޑުވަޒީރާވެސް ވާހަކަ ދައްކާނަން. އަޅުގަނޑުމެން ބުނާ އެއްޗެއް އެހާ މުހިންމުވެސް ނުވެދާނެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަކީ އިސްލާމީ ޤައުމެއް. އަޅުގަނޑުމެން ނޫނިއްޔާ ޑިމޮކްރެޓިކް އިސްލާމީ ޤައުމެއް މަދުވާނެ. ދެން އިންޑޮނީޝިއާ، މެލޭޝިއާ މިތަންތަން ނަގާފައި އަޅުގަނޑު މިދެންނެވީ. އެހެންވީމާ، އަޅުގަނޑުމެން މިކަމުގައި ދައްކާ ވާހަކަ މުހިންމުވާނެ، ހަމަ މޫސުމަށް އަންނަ ބަދަލުގެ އިތުރުން. އަޅުގަނޑު ދަންނަވާނީ ދިވެހިންނަށް މިކަމުން އެހީތެރިކަންވެސް ލިބޭނެއޭ. ކޮންމެހެން މާއްދީ އެހީތަކެއް އަޅުގަނޑުމެން އިޒުރޭލަކުން ހޯދާކަށެއް ނޫން މިއުޅެނީކީ. އެހެންނަމަވެސް، މިކަމުގެ ތެރޭގައި އަޅުގަނޑަށް ހީވަނީ އިޒުރޭލުވެސް ކަންބޮޑުވާނެހެން، އަޅުގަނޑުމެންގެ ރަށްރަށް ގިރާތީވެ. އަޅުގަނޑުމެންގެ ބަނދަރުތައް ނުހެދޭތީވެ. ނަރުދަމާތައް ނުހެދޭތީވެ. މިރަށުގައި ރަނގަޅަށް ތަރުކާރީ ހައްދައި ކާނާ ހައްދައި ނޫޅެވޭތީވެ. އަޅުގަނޑަށް ހީވަނީ އިޒުރޭލު ރައްޔިތުންވެސް އެކަމާ ފިކުރު ކުރާނެހެން، އަޅުގަނޑުމެން އެމީހުންނާ ވާހަކަ ދައްކައި އުޅެންޏާ. އެހެންވީމާ، އަޅުގަނޑު ދެކެނީ މިއީ އަޅުގަނޑުމެންނަށް ހަމަ ރަނގަޅު ފުރްޞަތެކޭ. މިފުރްޞަތުގެ ބޭނުން ހިފައިގެން އަޅުގަނޑުމެން ކުރިއަށްދާނީއޭ.

ދެން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، ދެން ވަރަށްގިނަ ކަންކަމަކީ ގޯސް ކަންކަން ގޮތުގައި ޢާންމު ރައްޔިތުންނަށް މިދިޔަ ދިގު ދުވަސްވަރު އެކިގޮތްގޮތަށް ފެނިފައި މިއޮންނަނީ. ޑިމޮކްރަސީއަކީވެސް ހައިޖާން އުފެދޭ ކަމެކޭ. އަޅުގަނޑު އެވާހަކަވެސް ހަމަ އަޑުއަހަމުން ދިޔައިން އިނގޭތޯ ވަރަށްގިނަ ދުވަހު. ރައްޔިތުންގެ މަޖިލީހުގައިވެސް އެއީ، މުޅި ރާއްޖެ ފަސާދަވާނެ ކަމެއް ކަމަށާއި، މުޅި މި ރާއްޖެ ނެތިދާނެ ކަމެއް ކަމަށާއި، މި ރާއްޖެއިން އިސްލާމްދީނާއި، ދިވެހި ޘަޤާފަތާއި، ދިވެހިންގެ އާދަކާދަ ނެތިދާނެ ކަމެއް ކަމަށް ހަމަ ވަކާލާތު ކުރަމުން އައީ. އެހެންނަމަވެސް، ނޫން ނޫން އެހެނެއް ނުވާނެއޭ. ޑިމޮކްރަސީއޭ ހަމައެކަނި ރިވެތި ގޮތުގައި ވެރިކަން ކުރެވެން އޮތް އުޞޫލަކީ. އަޅުގަނޑުމެން ރައްޔިތުން އެބަ ގަބޫލުކުރެއޭ. އެހެންވީމާ، އަޅުގަނޑަށް ފެންނަނީ، ތިޔަބޭފުޅުންވެސް އަދި ސަރުކާރުންވެސް ރައްޔިތުންނަށް މީގައި ހެޔޮ މަގެއް ދެއްކޭތޯ ބެލުން. އަޅުގަނޑުމެންގެ ހަނި ވިސްނުމުގައި އަދި ބައެއްފަހަރަށް ޒުވާންކަމުގެ ޖޯޝްގައި، ޒުވާންކަމުގެ ޖޯޝްގައި އަޅުގަނޑަކީވެސް އިޒުރޭލާ ގުޅޭގޮތުން ވަރަށްގިނަ އެއްޗެހި ލިޔެވެސް އުޅުނު މީހެއް. އަދި އަޅުގަނޑު ކިޔަވާން ހުރިއިރުގައި މާގިނައިން ލިޔެފައި ހުންނާނެ. ހަމަ އަޅުގަނޑު ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން، ހަމަ 1947 ން ފެށިގެން ހިނގަމުން ހިނގަމުން ހިނގަމުން އައި ހުރިހާ ކަމަކާ ގުޅޭގޮތުން، ފަލަސްޠީނުގެ ޢާންމު ވިސްނުމާ އަޅުގަނޑުމެން އެއްބަސް. އެއްގޮތް. ފަލަސްޠީނު އިޒުރޭލު ގަބޫލުކުރޭ. ދެން އަޅުގަނޑުމެން އެކަން ނުކޮށް ކީއްކުރަންތޯ އުޅެންވީ. ފަލަސްޠީން އިޒުރޭލު ގަބޫލުކުރޭ. ދެން އަޅުގަނޑުމެންނަށް އެބައޮތްތޯ އިޒުރޭލު ގަބޫލުނުކޮށް އުޅުމުގެ މާބޮޑު ވިސްނުމެއް، ބުއްދިވެރިކަމެއް، ބޭނުމެއް. ނެތް. ހަމަ ގިނަ މީހުން އުޅެނީ މިވެނި ގޮތަކަށޭ އެހެން. އެއީ ކޮންމެހެން އަޅުގަނޑުމެން އެކަން ކުރަން ޖެހޭނެ ގޮތެއް ނޫން. އަޅުގަނޑުމެން ހަމަ ވިސްނާފައި، އަޅުގަނޑުމެންގެ ނަޒަރުގައި މިކަމުގައި އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅު މިއެޅީ. އަޅުގަނޑަށް ފެންނަނީ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުން މިކަމަށް ތާއީދު ކުރާނެ. އަދި މިމަގުގައި ދިއުމަށް އެދޭނެ.

އިބްރާހީމް ވަޙީދު – ހާމަ ނޫސް:

އަޅުގަނޑުވެސް މަނިކުފާނަށް މަރްޙަބާ ދަންނަވަން. ދެން އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މިދަތުރުން ޖުމްލަ ގޮތެއްގައި ރާއްޖެއަށް ޙާޞިލުވީ ކޮން ކަންތައްތަކެއްތޯ؟ އަދި މިދަތުރަކީ ކިހާ ކާމިޔާބު ދަތުރެއް ކަމަށް މަނިކުފާނު ސިފަ ކުރައްވަންތޯ؟

ދެން ދެވަނަ ސުވާލަކީ، ޢަރަބި ކޮން ޤައުމުތަކަކާތޯއޭ މަނިކުފާނު ބައްދަލުކޮށް ވާހަކަ ދެއްކެވީ އިޒުރޭލު މައްސަލައިގައި. އަދި މި ނިންމުމަކީ މާލެއިން ފުރާވަޑައިގަތުމުގެ ކުރިންވެސް ނިންމިފައި އޮތް ނިންމުމެއްތޯ އިޒުރޭލާއެކު ގުޅުން ބަދަހިކުރުމަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މާލެއިން ފުރުން ކީއްކުރަންތޯ؟ އަޅުގަނޑުމެން އިންތިޚާބަށް ކުރިމަތިލުމުގެ ކުރީގައި ނިންމިފައި އޮތް ނިންމުމެއް. ޢާންމުކޮށް ޑިމޮކްރަސީއެއްގައި މިއޮންނަނީ، މެނިފެސްޓޯއެއްގައި އެބަ ލިޔަންޖެހޭ ޚާރިޖީ ސިޔާސަތު އޮންނާނެގޮތް. އެހެންވީމާ، އެއީ ތިޔަބޭފުޅުންނަށް އެއްގޮތަކަށް އެ ޚާރިޖީ ސިޔާސަތު އޮޅިފައެއް ނޯންނާނެ. ޢަރަބި ޤައުމުތަކާއި ބޮޑެތި ޢަރަބި ޤައުމުތަކާ އަޅުގަނޑުމެން މަޝްވަރާކޮށް ވާހަކަ ދައްކައި ހެދިން. ދެން އެޤައުމުތަކުގެ ނަންތައް ސީދާ ކަނޑައެޅިގެން. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކުރުމުގައި އެހެން ޤައުމަކާ ވާހަކަ ދައްކާކަށް ނުޖެހޭނެ. މިއީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު. މިއީ މިނިވަން މުސްތަޤިއްލު ދައުލަތެއް. ޤައުމެއް. އެހެންނަމަވެސް، ޢާންމު ގުޅުމަށްޓަކައި، މަޞްލަޙަތަށްޓަކައި، ރަޙްމަތްތެރިކަމަށްޓަކައި. ދެން އެ ރަޙްމަތްތެރިންގެ މެދުގައި މަޝްވަރާކޮށް ވާހަކަ ދައްކާ އުޞޫލުން އަޅުގަނޑުމެން މަޝްވަރާކޮށް ޢަރަބި ޤައުމުތަކާ ވާހަކަ ދައްކައި ހަދަން.
އެނގިވަޑައިގަންނަވާނެ، ދާދިފަހުން ސަޢޫދީ ފަންޑުން 15 މިލިއަން ޑޮލަރުގެ އެހީއެއްގައި އިއްޔެ ނޫން އިހަށްދުވަހު އަޅުގަނޑު ހަނދާންވާ ގޮތުގައި ޢަލީ ހާޝިމް ސޮއިކުރެއްވި. އެއީ ހަމަ އަޅުގަނޑުމެން މިހުރިހާ ކަމެއްގެ ތެރޭގައި، ސަޢޫދީ ޢަރަބިއްޔާއާ ވާހަކަ ދައްކަމުން ދިޔައިރެއްގައި އަޅުގަނޑުމެންނަށް އެއޮތީ އެކަންވެސް ހަމަޖެހިފައި. އަޅުގަނޑެއް ނުދެކެން ޢަރަބި ޤައުމުތައް، އަޅުގަނޑުމެންގެ މިމަގާމު، އަޅުގަނޑުމެން މި ކުރިއަށްދާން މިއުޅޭ ގޮތާ އިންކާރު ކުރާނެ ކަމަކަށް. އަޅުގަނޑުގެ ނަޒަރުގައި ވަރަށްގިނަ ޢަރަބި ޤައުމުން ބޭނުންވާނެ، އަޅުގަނޑުމެން މި ފިޔަވަޅު އަޅަން. އަދި އަޅައި މިފިޔަވަޅުގައި އަޅުގަނޑުމެން އެއީ ދޭތެރެ މެދުގައި މުޢާމަލާތް ކުރެވޭ ބައެއް ގޮތުގައި ދެކިގެން މިކަމުގައި ކުރިއަށްދާން. ދެން ހަމަ އަޅުގަނޑު ދަންނަވާނީ، ދިވެހިންގެ ރައްޔިތުންގެ ކިބައިން ހަމަޖެހޭށޭ. ހަމަ ވިސްނުމުގައި މިކަމުގައި ބައްލަވާށޭ. އަޅުގަނޑަށް އިތުބާރު ކުރައްވާށޭ. މިކަންދާނީ ރަނގަޅަށޭ. ހަމަ ދާނީ ވަރަށް ރަނގަޅަށޭ. އަޅުގަނޑުމެންނަކަށް މިކަމުން ހަމަ ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ. ތިޔަބޭފުޅާވެސް މިހާރު ގަބޫލުފުޅު ކުރައްވަން ފަށްޓަވަންވީ. މިއީކީއެއް މާބޮޑު ގޯސްކަމެއް އޮތް ކަމެއް ނޫންކަން. ހަމަ އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަކޮށް މިކަން މި ސިޔާސަތު ރަނގަޅަށް ގެންދެވިދާނެ.

އަޅުގަނޑުމެންގެ ދަތުރުގެ ކާމިޔާބަކީ ކޮބައިތޯ. މިދަންނަވާހެން އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖެ، ބައިނަލްއަޤްވާމީ މަސްރަޙުގައި އަޅުގަނޑުމެންނަށް ވަކާލާތުކޮށް ވާހަކަ ދައްކައި ހެދޭނެ އާ ޕްލެޓްފޯމެއް ނުވަތަ އާ މަގާމެއް އަޅުގަނޑުމެންނަށް ހޯދިއްޖެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެނގޭނެ ދެން މިހާރު ޤައުމުތަކަށް. ދިވެހިރާއްޖެއޭ ބުނީމަ އެނގޭނެ. އަދި މިސާލަކަށް ފަރަންސޭސި ރައީސް، އެބޭފުޅާ ކަނޑައެޅިގެން ހަމަ އެވަގުތު ވިދާޅުވި. ދިވެހިރާއްޖެއަށް ދެން ތިމަންނާ އެހީތެރިވެދޭނަމޭ، މިހާރު ފަރަންސޭސިވިލާތުންވާ ވަރަށްވުރެ ބޮޑަށް. ދެން އެހެންނަމަވެސް، އެބޭފުޅާވެސް އެބޭފުޅާގެ މަޖިލީހަށް، ރައްޔިތުންގެ މަޖިލީހަށް ގެންގޮސްގެން، އެތައް ކަމެއް ކޮށްގެން އެއިން ކަމެއްވާނީ. އެހެންވީމާ، ވަރަށްގިނަ ޤައުމުތަކުން ހަމަ ވަގުތުން ވަގުތަށްވެސް އަޅުގަނޑުމެންނަށް އެހީތެރިވެދިނުމަށް އެދުނު.

ދެން އަޅުގަނޑު ނުދެނަހުރިން، މި އ.ދ.ގައި މިއޮންނަ ގޮތަކީ، ރައީސުން ވާހަކަ ދައްކައި ނިމުނީމާ ތަނެއްގައި މަޑުކޮށްގެން ހުންނަނީ ސަލާމް ކުރުމަށް. އެހެންވީމާ، އަޅުގަނޑުމެން ވާހަކަ ދައްކައި ނިމުނީމާ، ބޮޑު ޤައުމެއްގެ ރައީސަކު ވާހަކަ ދައްކައި ނިމުނީމާ ސަލާމް ކުރަން އައި މިންވަރަށްވުރެ މާގިނައިން އެހެން ޤައުމުތަކުގެ ވެރިން އަޅުގަނޑުމެންނަށް މަރްޙަބާ ކިޔަން އައިސް ތިބި. އަޅުގަނޑު މިދެކެނީ އެއީ ދިވެހިންނަށް ލިބުނު ފަޚްރެކޭ. ދިވެހިންނަށް ލިބުނު ކުރިއެރުމެކޭ.

ޖަޢުފަރު ރަޝީދު – މިއަދު ނޫސް:

އެންމެ ފުރަތަމަ ޓައިމްސް މަޖައްލާއިން ހޮވި ތިމާވެށީގެ ބަޠަލުންގެ ލިސްޓުގެ އެއްވަނައަށް މަނިކުފާނު އެރީތީ، މިއަދު ނޫހުގެ ނަމުގަޔާއި، އަދި އަޅުގަނޑު އަމިއްލަ ނަމުގައި ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަން. އެއަށްފަހު ސުވާލަށް ޖެހިލާނަން. ނިމިގެންދިޔަ 64 ވަނަ ޢާންމު ބައްދަލުވުމުގައި މަނިކުފާނު ވިދާޅުވި، ޑިމޮކްރެޓިކް އިންތިޚާބެއް ވެފައިވާ ރާއްޖޭގެ ރައީސަކު ފުރަތަމަފަހަރު މަޖިލީހުގައި ވާހަކަފުޅު ދައްކަވާ ފަހަރޭ މިފަހަރަކީ. ދެން އަދި ހަމަ އެއާއެކު، ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ދިވެހިން ފާހަގަކުރީ، 30 އަހަރުގެ ޚުދު މުޚުތާރު ވެރިކަމެއް ނިމުމަކަށް ގެނެއްސަ ކަމުގައި ވިދާޅުވީވެސް މުޅި ދުނިޔެ އަޑުއަހަން ތިއްބާ. އެހެންކަމުން، ފާއިތުވި 30 އަހަރު ރާއްޖެ އޮތްގޮތާއި، 30 އަހަރަށްފަހު ރާއްޖެއަށް މިއައި އިޞްލާޙީ ބަދަލުތައް ދުނިޔޭގެ މަސްރަޙުން މިހާރު ބަލައިގަންނަނީ ކިހިނެއްތޯ؟ ދުނިޔޭގެ ވެރިންގެ ވިސްނުންފުޅަކީ މިހާރު ކޮބައިތޯ ރާއްޖެއަށް މިއައި ބަދަލާމެދު. ވިދާޅުވެއްޖެ ވަރަށްގިނަ ބޭފުޅުން ސަލާމް ކުރެއްވި ވާހަކަ. އެހެންވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ ކޮންމެވެސްވަރަކަށް ކުދި މަޝްވަރާތަކެއް ނަމަވެސް ކުރެވިފައިވާނެހެން. ދެން އަދި އެއާއެކު ކުރީގެ ރައީސަށް މިފަދަ ބައްދަލުވުންތަކުން ނުހޯދޭފަދަ ކާމިޔާބެއް މަނިކުފާނަށް ހޯއްދެވުނު ކަމަށް ގަބޫލު ކުރައްވާނަމަ، ކޮބައިތޯ އެ ކާމިޔާބަކީ؟

އަޅުގަނޑުގެ ދެވަނަ ސުވާލެއް ދަންނަވާލާނަން. މި މާޙައުލު ވަރަށް ފިނިކޮށް މިވަގުތު މިއޮތީ. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ މީގެ ކުޑައިރުކޮޅެއް ފަހުން މަނިކުފާނު ޖުމްހޫރީ މައިދާނަށް ފައިބާވަޑައިގަންނަވާއިރު، އެތަނަކީ މިހާ ފިނި ތަނަކަށް ނުވާނެހެން ފުދޭވަރަކަށް ހޫނުކޮށް ފެންނަން އޮތީ. ހަމައެއާއެކު، އޭގައި ރީނދޫކުލައާ އެއްކޮށް މަނިކުފާނަށް މަރްޙަބާ ވިދާޅުވުމަށް ވަރަށްގިނަ ޢަދަދެއްގެ ބަޔަކު އެކޮޅުގައި ތިބި ކަމަށް އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބޭއިރުގައި، މަނިކުފާނުގެ އިސްތިޢުފާއަށާއި އަދި ތަފާތު އަޑުތަކުން ގޮވުމަށްވެސް ވަރަށްގިނަ ބަޔަކު ތިބިކަމަށް އެބަ މަޢްލޫމާތު ލިބޭ. އެހެންކަމުން، މިވަގުތު ހުޅުލެއިން މާލެއަށް ވަޑައިގަތުމުގެ ކުރިން އެކޮޅުގައި އެއްކޮޅަށާއި އަދި ދެކޮޅަށް ނިކުމެ ތިބި މިފަރާތްތަކަށް ދެއްވާނެ ޚާއްޞަ މެސެޖެއް ނޫނީ ދަންނަވާލާނެ ވާހަކައެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދަންނަވަންތޯ އަޅުގަނޑަކަށް އަލެއް ނުވާނެ ހޫނު ތަންތަނެއް. އެއްވެސް އިރެއްގައެއް. އަދި އަޅުގަނޑު ކަންބޮޑެއްވެސް ނުވާނެ. އަދި އަޅުގަނޑު ތިޔަބޭފުޅާއަށާއި ތިޔަބޭފުޅާގެ ނޫހަށާއި، ހުރިހާ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. މަރްޙަބާ ކިޔުމަށް އައިސް ތިބި މީހުންގެ މަދު ބައިކުޅަ ބައެއް ނޫނިއްޔަކާއެއް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަށް ލިބިގެން އުޅޭ ޝަރަފަކާއި މަގާމެއް. އަޅުގަނޑަކާ ޙަޤީޤަތުގައި އެހާބޮޑު ގުޅުމެއް ހުރި ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑަކަށް ހިއެއްނުވޭ ތިޔަވިދާޅުވާހެން ނުރުހުން ފާޅުކުރާކަށް. އަޅުގަނޑަށް ހީވަނީ ޑީ.އާރު.ޕީ ބޭފުޅުންވެސް ހަމަ މަރްޙަބާއަށްހެން އެތިބީ ވަޑައިގެން. އަޅުގަނޑަށް ޔަޤީން. އެކަމަކާ އަޅުގަނޑު އެއްވެސް ޙާލެއްގައި ޝައްކެއްނުކުރަން. ދެން ތިޔަ ވިދާޅުވާހެން އިސްތިޢުފާއަށް ދެން ގޮވާލަފާނެ. ނުގޮވައިފިއްޔާ ދެރަ. އަޅުގަނޑު ހަނދާންވޭ އެބަ. މީގެ ތިން ހަތަރު އަހަރެއް ކުރީގައި މައުމޫން އިސްތިޢުފާއޭ، އަޅުގަނޑަށް ހީވަނީ ސޯޝަލް ސެންޓަރުގައިހެން އެއީ. މިނިވަން ބަޙުޘްތައް ފުރަތަމަ ފެށިގެން. އެކުއްޖާ ގެންދިޔަ ގޮތަށް ގެންގޮސް އަދި އަދަށްދާންދެން، ވަރަށްގިނަ ދުވަސް ވަންދެން ގޮޅީގައި އޮވެ އޮވެ، އޮވެ، އޮވެ ވަރަށްގިނަ އަނިޔާއާއި އަދަބު އޭނާއަށް ލިބިގެންދިޔަ. އަދި ހަމަ އޭގެކުރީގައި އަދި އިސްތިޢުފާއަށް ނޫން ކަމުގައިވިޔަސްވެސް އަޅުގަނޑު ހަނދާންވޭ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގައި މުޙަންމަދު ލަޠީފް، ގދ.ގެ ޢިއްޒަތްތެރި މެންބަރު ހުންނަވައިގެން، އެބޭފުޅާ ހިތަށްއެރީ، ދެން މި ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ވާހަކައެއް ދައްކަންވެއްޖެއޭ. އެއީ 1989 ގައި. އެބޭފުޅާ ގެންގޮސް ކުޑަގޮޅިއަށްލާފައި ބޭއްވީ. އަޅުގަނޑު އަދި އަޑުއަހާފައި އޮންނަނީ، ދ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރު މީދޫ ޢަޒީ ދޯންޏެއްގައި، އަޅުގަނޑަށް އަޑުއިވިފައި އޮތް ގޮތުގައި ދޯންޏެއްގައި ފުވައްމުލަކުން ދަތުރެއްގައި އަންނަމުން، ދެން މި ސަރުކާރު މިހާރު މިއޮއްދާގޮތެކޭ، އެހެން ވިދާޅުވީތީވެ، އެބޭފުޅާ އަނދަގޮނޑީގައި އޮވެ، އެންމެފަހުން ވާބަލީގައި އަވަހާރަވެދިޔައީ. ދެން ތިޔަބޭފުޅާ އެއްސެވި ސުވާލަކީ، ބަދަލަކީ ކޮބައިތޯއޭ؟ ބަދަލަކީ ތިޔަބޭފުޅާއަށް ތިޔަސުވާލު ކުރެއްވޭކަމާއި، މިރާއްޖޭގައި މި ޑިމޮކްރަސީ އިރާދަކުރެއްވިއްޔާ ހިނގާކަމާއި، ހިނގާނެކަން.

ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ޖޯޝާއި، ރައްޔިތުންގެ އިޙްސާސްތައް ރައްޔިތުންނަށް ހާމަކުރެވެންޖެހޭނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ. އެ މިނިވަންކަމުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ. އެނޫން ގޮތަކަށް އަޅުގަނޑު ކުރިއަށްދާކަށް ނުވެސް އެދެން. އަދި ޖުމްހޫރީ މައިދާނުގައި ދެފަރާތުން ވަކާލާތު ކުރެވޭ ގޮތަކަށް ކަންކަން ރާވާފައި އޮވެއްޖެއްޔާ އެއީވެސް، ވަރަށްބޮޑު ދެރައެއް. ހަމަ އެއްގޮތަކަށްވެސް ޑީ.އާރު.ޕީ ބޭފުޅުންނަށް މިކަމުގައި ނުރުހުން ފާޅުކުރައްވަން އެދިވަޑައިގަންނަވާނަމަ، އެކަމުގައި ބައިވެރިނުވެވޭ ގޮތަކަށް ކަންކަން ރޭވިފައި އޮވެގެނެއް ނުވާނެ. ދެން އެއްޗެއް އެއްލާން ބޭނުމިއްޔާ ހަމަ އަނެއްހެން. އަޅުގަނޑު ރެކޭނަން. އެކަމަކު އެއްލެވިދާނެ.

ޢަބްދުﷲ ޔާމީން – ދި އެފް.އެމް:

އަޅުގަނޑުވެސް ހަމަ މަނިކުފާނަށް މަރްޙަބާ ދަންނަވަން. ދެން އަޅުގަނޑު ހަމަ ސުވާލު ދެންނެވުމުގެ ކުރިން ދެކަމެއް ފާހަގަކޮށްލާނަން، އެމް.ޑީ.ޕީ އިއްތިހާދުގެ މެނިފެސްޓޯއަށް. އެއީ، ޚާރިޖީ ސިޔާސަތުގެ ދަށުން އަންނަ 5 ވަނަ ނަންބަރުގައިއެވާ، ޢާންމު ރައްޔިތުންގެ މަޞްލަޙަތުތައް ހާމަވަމުންދާފަދަ ޚާރިޖީ ސިޔާސަތެއް އެމް.ޑީ.ޕީ އިއްތިޙާދުން ދަމަހައްޓާނެއޭ، މިކަން އޮންނާނީ ހަރުދަނާ އުޞޫލުތަކަށާއި މިންގަނޑުތަކަށް ބިނާވެ، ބައިނަލްއަޤްވާމީ ގޮތުން ދެކެވި، ވަކާލާތު ކުރެވޭ ކަންކަމާއި، ހަމަ އެކަންކަމާމެދު އަމިއްލަ ޤައުމުގައި ވާހަކަ ދެކެވޭ ގޮތްތަކުގެ ޚިލާފުތަކެއް އެމް.ޑީ.ޕީ އިއްތިހާދަކުން ނުގެންގުޅޭނެއޭ. ދެން ހަމަ 10 ވަނަ ނަންބަރުގައި އެބަ ބުނޭ. ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތާއި އަދި ސަރަޙައްދީ އަމިއްލަވަންތަކަމާއި، އިސްލާމީ ޝަޚްޞިއްޔަތާއި، ދިވެހިވަންތަ ސިފަތަކާއި ޤައުމީ މަޞްލަޙަތު ކަށަވަރުކޮށްދީ އެމް.ޑީ.ޕީ އިއްތިހާދުން ދަމަހައްޓާނެކަމަށް. އެހެންކަމަށްވާނަމަ، އިޒުރޭލާ އެއްކޮށް ސިޔާސީ ގުޅުން ޤާއިމު ކުރުމަކީ، ދިވެހި ރައްޔިތުންގެ މަޞްލަޙަތު އޮތް ކަމެއްތޯ؟ ނުވަތަ ހަމަ އަޅުގަނޑު މިހެން މިދެންނެވީ، މަނިކުފާނުގެ ސަރުކާރުގެ ޙިއްޞާވާ ހަމަ ދީނީ ޕާޓީއެއް ކަމަށްވާ ޢަދާލަތު ޕާޓީންވެސް ނުރުހުން ފާޅުކުރައްވާފައި އެބަވޭ މިކަމަށް. ދެން މިކަން މިހެން އޮތްއިރު، މިއީ މަޞްލަޙަތު އޮތް ކަމެއް ކަމަށް މަނިކުފާނު ދެކެވަޑައިގަންނަވަންތޯ؟

ހަމަ އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވީއްސުރެ އިޒުރޭލާ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރައްވަމުން އައި ކަމަށް ވަނީ މަޢްލޫމާތު ލިބިފައި. އެހެންވީމާ، މިގޮތުން މަނިކުފާނު ހުވާ ކުރެއްވި ދުވަހުވެސް ސަރުކާރުގެ ދަޢުވަތަކަށް އިޒުރޭލުގެ އޮފިޝަލަކު މާލެ ވަޑައިގެންނެވި ކަމަށްވަނީ މަޢްލޫމާތު ލިބިފައި. އަދި މީގެއިތުރުން އިޒުރޭލުގެ ސަފީރު މާލެ ވަޑައިގެން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވި މަޢްލޫމާތެއްވެސްވަނީ ލިބިފައި. ކޮބައިތޯ މިކަމުގެ ޙަޤީޤަތަކީ؟ އޭރު ކީއްވެތޯ މިކަން ހާމަނުކުރައްވަނީ؟

ދެން ހަމަ އަޅުގަނޑު ނިންމާލަމުން، ރައީސްގެ ތަޤްރީރުގައި ފާހަގަކުރެއްވި. އިޒުރޭލާ ގުޅުން ޤާއިމު ކުރެއްވުމުގެ ބޭނުމަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދެވުމަށް ބާރުއެޅުއްވުން ކަމަށް. މަނިކުފާނު ގަބޫލު ކުރައްވަނީތޯ އ.ދ. އާއި އެމެރިކާއާއި އަދި ރަޝިޔާފަދަ ޤައުމުތަކަށް ނުކުރެވިފައިވާ މިކަން ކުރެއްވިދާނެ ކަމަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ގަބޫލުކުރަން. އަޅުގަނޑު ދެންމެ ހަމަ ވަރަށްދިގުކޮށް، އިޒުރޭލުގެ ސުވާލަށް، ތިޔަ ހުރިހާ ސުވާލެއްގެ ޖަވާބު އަރުވައިފިން. އަޅުގަނޑު ގަބޫލުނުކޮށެއް ނުހުންނަން. ދިވެހިންގެ ވިސްނުމާއި، ދިވެހިންގެ ޖޯޝާއި، ދިވެހިންގެ ރޫޙުގައި ކަންކަމުގެ ވިސްނުމެއް، އެހެން ވިސްނުމެއް ދުނިޔެއަށް ދޫކުރީމާ، އެވިސްނުމުގެ އަލީގައި ދުނިޔޭގެ ބޮޑެތި ޤައުމުތައް ޙަރަކާތްތެރިނުވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކިޔޯޓޯ ޕްރޮޓޮކޯލަކީ ނުކުރާންވީ ކަންކަމުގެ ލިސްޓެކޭ އަޅުގަނޑުމެން މާޙައުލަށް އަންނަ ބަދަލު، މޫސުމަށް އަންނަ ބަދަލުތަކުގައި ޤައުމުތައް އެކުގައި މިކަމަށް ޙައްލެއް ހޯދާލެވިއްޖެނަމަ، ހަދަންވީ ގޮތަކީ ކުރާންވީ ކަންތައްތަކުގެ ލިސްޓެއް ނެރެންވީއޭ. އެވިސްނުމަށް އަޅުގަނޑަށް އެބަ ފެނޭ ހަމަ ޤައުމުތައް ބަދަލުވެގެން އަންނަ ތަން. އަޅުގަނޑުގެ ނަޒަރުގައި، ދިވެހި ރައްޔިތުންގެ މަޞްލަޙަތާއި، ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ އެއްވެސް ޤައުމަކާ ވާހަކަ ނުދައްކައި ނުތިބުން. އެވާހަކަ އަޅުގަނޑު ދެންމެވެސް ވަރަށް ފަށްފަށުން ދަންނަވައިފިން.

ދެން ތިބޭފުޅާ ވިދާޅުވެއްޖެ. އިޒުރޭލުގެ ބޭފުޅުންނަށް އަޅުގަނޑުމެން ދަޢުވަތު ދީގެން. އާދެ! އަޅުގަނޑުމެން އިޒުރޭލަށްވެސް، ހުރިހާ ޤައުމެއްގެ ބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ އިނޯގްރޭޝަނަށް ދަޢުވަތު ދީފިން. ދެން ޢާންމު ގޮތެއްގައި އަޅުގަނޑަށް އެނގިފައި މިއޮތް ގޮތުގައި، 1993 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޕީ.އެލް.އޯ.އާ އެކީގައި، އެއީ އަޅުގަނޑަށް ހީވަނީ އަލްޖީރިއާގައި އޮތް ޕީ.އެލް.އޯ.ގެ ވަރަށްބޮޑު ބައްދަލުވުމެއް އެއީ. އޭރުގައި ފަލަސްޠީނާއި އިޒުރޭލުގެ ދެމެދުގައި ތަންކޮޅެއް މަސްރަޙު ރަނގަޅުވެގެންދިޔައިރެއްގައި ވަރަށްގިނަ ޢަރަބި ޤައުމުތައް އިޒުރޭލާ އެކީގައި ގުޅުން ހިހޫކުރި، ހެޔޮކުރި. އެދުވަސްވަރުގެ ތެރޭގައި ދިވެހިރާއްޖެއިންވެސް އޮތީ އިޒުރޭލާ އެކީގައި ގުޅުން ހެޔޮކޮށްފައި. އެއީ 1993 ގައި. ދެން އޭގެފަހުން އައިސް، ތާރީޚުގެ ތެރެއިން އަބަދުވެސް ދިވެހިރާއްޖެއާއި އިޒުރޭލާ މިއޮންނަނީ އެކަހަލަ ނުރަސްމީ ގުޅުމެއްގެ ތެރޭގައި ވާހަކަ ދެކެވެމުން އަންނަ ގޮތަށް. ފަހަތުގައި އެކަން ކުރަނީ. ރައްޔިތުންނަށް އޮޅުވާލައިގެން އެކަން ކުރަނީ. ދެން ދިވެހިރާއްޖެއަށް ކަނޑައެޅިފައި ހުންނަ އެމްބެސެޑަރެއްވެސް އެބަހުރޭ. އަދި ދިވެހިރާއްޖެއިން އެ އެމްބެސެޑަރާ ފެށުނީއްސުރެ ފަށައިގެން، ހަމަ އެންމެ ފުރަތަމަ ދުވަހު، 1978 ވަނަ އަހަރު ގުޅުން ވަކިވީ ހިނދުއްސުރެ ފެށިގެންވެސް ހަމަ މިގުޅުން އެބައޮވޭ. މި ސިއްރިޔާތުގައި އެގުޅުން ހިންގަނީ. ދެން އަޅުގަނޑު ދަންނަވައިފިން. ނޫން. ތިއީ އަޅުގަނޑަކަށްވާނެ ކަމެއް ނޫނޭ. ތިކަން ކުރާނިއްޔާ ހަމަ ފާޅުގައި އެވާހަކަ ދައްކާފައި ރައްޔިތުންނަށް އެނގޭގޮތަށޭ ތިޔަކަން ކުރެވޭނީ. ސިއްރިޔާތުގައި ސަރުކާރަކުން ކަމެއް ނުކުރާނެ. ދެން އަޅުގަނޑުމެން ނިންމީ، އެހެންވީމާ ރައްޔިތުންނަށް އެނގިގެނޭ އަޅުގަނޑުމެން މިކަން ކުރާނީ. ދިވެހިރާއްޖޭގެ ހުރިހާ ރައީސުންނެއް، އިޒުރޭލު އުފެދުނީއްސުރެ ފަށައިގެން އިޒުރޭލާ މުޢާމަލާތް ކުރަމުން އައީ. ބައެއްފަހަރަށް ސިއްރިޔާތުގައި. އަނެއްބައިފަހަރަށް ފާޅުގައި. އަޅުގަނޑުމެންނަކަށް ނެތް ސިއްރިޔާތުގައި ކަންކަން ކުރެވޭކަށް. އަޅުގަނޑުމެން ބޭނުމީ ދެފުށް ފެންނަ ހުޅުވިފައި އޮތް ސިޔާސަތެއް. ތިޔަބޭފުޅުންނަށް އަޅުގަނޑުމެންގެ ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެވޭގޮތަށް އޮންނަ ސިޔާސަތެއް ކުރިއަށް ގެންދަން.

ދެން އެމެރިކާއާއި ރަޝިޔާއަށް ނުކުރެވުނު ކަމެއް ދިވެހިރާއްޖެއަށް ކުރެވިދާނެތޯ؟ އަޅުގަނޑަށް ދުނިޔެ ފެންނަނީ ވަރަށްގިނަ ބޭފުޅުން މީގެކުރީގައިވެސް އަޅުގަނޑުމެން ގާތުގައި ބުނެފައި އެބައޮތް. ދެން ތިޔަ ދެން ވާނެ ކަމެއް ނޫނޭ. ރާއްޖޭގައި ޕާޓީ ސިސްޓަމެއް ނުއުފެއްދޭނެއޭ. ރާއްޖޭގައި މިނިވަން އިންތިޚާބެއް ނުބޭއްވޭނޭ. ރާއްޖޭގެ ވެރިކަމުގެ ބާރުތަކެއް ވަތްކެއް ނުކުރެވޭނެއޭ. އަޅުގަނޑުމެންނަށް ފެނުނީ ގަދައަޅައި މަސައްކަތް ކުރީމާ، ކާމިޔާބު އެއީ ﷲ ދެއްވާ އެއްޗެއް. އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް. އަޅުގަނޑުމެން ވިސްނާފައި، އަޅުގަނޑުމެންނަށް ފެންނަ ރަނގަޅު ގޮތުގައި، ރަނގަޅު މަގުގައި އަޅުގަނޑުމެން ދެވޭތޯ ބެލީމާ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް ރަނގަޅުވާނެ. ހަމަ އަޅުގަނޑު ދަންނަވާނީ، އަލުން އަނބުރާ ހަމަ ގްރޭޑް 6، 7، 8، 9، 10ގެ ޓެކްސްޓް ފޮތްތައްވެސް ތިޔަބޭފުޅުންވެސް ކިޔުއްވާށޭ. މި މައްސަލަ އެކީގައި ސާފުކުރައްވާށޭ. ޢަރަބިންނާއި އިޒުރޭލުގެ މައްސަލަ. އޭގެތެރެއަށް ބައެއް ޢަރަބި ޤައުމުތަކުގެ ސިޔާސީ މައްސަލަތަކުގެ ތެރެއަށް އަޅުގަނޑުމެން ނުވެއްޓެމާ ހިނގާށޭ. މި ރިވެތި ގޮތުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަން ކުރެވޭނެއޭ.

ދެން ޢަދާލަތު ޕާޓީއާއި އެމް.ޑީ.ޕީ އަކީ ދެ ސިޔާސީ ޕާޓީ. މިއީ ސިޔާސީ ކަމެއް އިޒުރޭލާ ގުޅުން ބަދަހިކުރުމަކީ. ޢަދާލަތު ޕާޓީއާއި އެމް.ޑީ.ޕީ.އާ ވެފައި އޮތް އެއްބަސްވުމުގެ އެންމެ މައިގަނޑު ސިފައަކީ، ދީނީ ކަންކަމުގައި އެ ޕާޓީދޭ އިރުޝާދު އަޅުގަނޑުމެން ބަލައިގަންނާނެކަން. ދެން ބައިނަލްއަޤްވާމީ ސިޔާސީ ގުޅުން އުފެއްދުން އެއީ، ދީނީ ކަމެއް ނޫން. އެއީ ސިޔާސީ ކަމެއް. އަޅުގަނޑު ހަމަ ޢަދާލަތު ޕާޓީގެ އިސް ބޭފުޅުންނާ މިކަމާ އަދިވެސް މަޝްވަރާ ކުރާނަން. އަދިވެސް އަޅުގަނޑުމެން ވާހަކަ ދައްކާނަން. އަޅުގަނޑުމެން އެދޭނަން، ޢަދާލަތު ޕާޓީގެ ވިސްނުން ބަދަލުކުރުމަށް. އެބޭފުޅުންވެސް މިކަމަށް، އިޒުރޭލާ ގުޅުން ބަދަހިކޮށްގެން ކުރިއަށް ދިއުމަށް އެބޭފުޅުންގެ ވިސްނުންވެސް އަނބުރާލުމަށް. މިކަމުގައި އަޅުގަނޑުމެންނަށް ދުނިޔޭގެ ވިސްނުމެއް ނެރެވިދާނެ. އަޅުގަނޑުގެ ނަޒަރުގައި މިދަންނަވާހެން ޤައުމުތަކުގެ ދައުލަތުގެ ސިޔާސަތު އެހާ ހަނި، އެހާ ހައްދުފަހަނައެޅި ގޮތަކަށް އެއީ، މީހަކާ ވާހަކަ ނުދައްކަން، އޭނާ ނައްތާލަން، އޭނާ މަރާލަން، އެގޮތަށް ޤައުމެއްގެ ސިޔާސަތު ބިނާވެފައި އޮތުން އެއީ، ޤައުމެއްގެ ރައްޔިތުން ޢާންމު ގޮތެއްގައި ދެކޭނެ، ބޭނުންވާނެ ގޮތެއް ނޫން. އަޅުގަނޑަށް ހަމަ ޔަޤީން، މީހަކު މަރާކަށް އަނެކަކު ނޭދޭނެ. އޭނާއާ ރުޅިވެރިކޮށް ވާހަކަ ނުދައްކައި ހުންނާކަށް އެހެން މީހަކު ނޭދޭނެ. ހަމަ އަޅުގަނޑުމެންނެއް ނޭދޭނެ، ފަލަސްޠީނަށް ބޮން އަޅާކަށްވެސް. އިޒުރޭލުގެ ޓޭންކްތައް ގޮސް ފަލަސްޠީނަށް އަރައިގަނެގެންދާކަށްވެސް. ހަމަ އެހެންމެ އަޅުގަނޑުމެންނެއް ނޭދޭނެ، އިޒުރޭލު މީހުން މަރާލަންވީއޭ ކިޔައިގެން ވާހަކަ ދައްކާކަށްވެސް. އިޒުރޭލު ނައްތާލަންވީއޭ. ފެނަށް ޣަރަޤު ކޮށްލަންވީއޭ. މިބަސްތަކެއްވެސް އަޅުގަނޑުމެންނަކަށް ނުބުނެވޭނެ. ނުދެއްކޭނެ. އަޅުގަނޑުމެން ތިބެން ޖެހޭނީ ހަމަ ބުއްދީގައި. ހަމަ، ބަޔަކު ބުނާހާ ގޮތަކަށް، ޖަހާހާ ބެރަކަށް ދިވެހިން ނަށާކަށް ނުޖެހޭ. ދިވެހިންގެ ގޮތެއް ދިވެހިންގެ ކިބައިގައި ހުންނަންޖެހޭނީ. އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ މުއްދަތުގައި ދިވެހިންގެ ސީދާ ގޮތް، ދިވެހިންގެ ސީދާ ސިފަ، އޭގެ ހައިބަތާއި، އޭގެ ޤަދަރާއި، އޭގެ ޢިއްޒަތާ އެކީގައި ދުނިޔެއަށް ފެނިގެންދާނެ.

އަޙްމަދު ރިފާޢު – ވީ.ޓީ.ވީ

މަނިކުފާނަށް އަޅުގަނޑުވެސް މަރްޙަބާ ދަންނަވަން. މަނިކުފާނު އަބަދުވެސް ވިދާޅުވަމުން އަންނަ ބަސްފުޅެއް މިއީ ދެފުށް ފެންނަ ސަރުކާރެއް ކަމަށް މި ސަރުކާރަކީ. ދެން އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މަނިކުފާނު ރާއްޖެއިން ބޭރަށް މިފަހަރު މިކުރެއްވި ދަތުރުފުޅުގެ ޚަރަދުތަކާ ބެހޭގޮތުން ތަކުރާރުކޮށް ސަރުކާރުގެ ބައެއް ވެރިންނާ ސުވާލު ދެންނެވުމުން، މި ޚަރަދުތަކުގެ ތަފްޞީލު ދެއްވުމަށް އިންކާރު ކުރައްވަމުން މިގެންދަވަނީ. އެހެންވީމާ، ވިދާޅުވެދެއްވަފާނަންތޯ ރަސްމީ ދަތުރުފުޅުތައް ސްޕޮންސަރ ކުރެއްވި ފަރާތްތަކަކާއި އަދި މި ދަތުރުފުޅުތަކަށް ހޭދަވިވަރެއް؟ ދެން ދައުލަތުގެ ބަޖެޓުން އެއްވެސްވަރެއްގެ ޚަރަދެއް މިދަތުރުފުޅުތަކަށް ކުރައްވާފައިވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެހެންވީމާ، އަޅުގަނޑު ފުރި ދުވަހު ދެންނެވިން، އާދޭހޭ. ދެން ދައުލަތުގެ ޚަރަދެއް ނުކޮށް މިހާރުވެސް އަޅުގަނޑުމެން ޓީ.ވީ.އިންވެސް ވާހަކަ ދައްކަނީ މި މައިކުންވެސް. ތިޔަބޭފުޅާވެސް ތިޔަ އިންނެވީ ކަރަންޓްވެސް މިއޮއް ހިނގަނީ. އެއީ ހަމަ ދައުލަތުގެ ޚަރަދު. ދައުލަތުގެ ޚަރަދެއް ނުކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއް އެއްތަނުން އަނެއް ތަނަށް ދެވިދާނެ ކަމަށް އަޅުގަނޑުމެން ދެކޭކަށެއް ނުވާނެ.

ދެން ދެފުށް ފެނުމަކީ އިނގޭތޯ، ވަކި އުޞޫލެއްގެ ތެރެއިން ކަންކަން ހިނގާގޮތް އޮޅުންފިލުވާފައި އޮތުން. ޚަރަދު ބަރަދުގެ ކަންކަން ސަރުކާރާ ގުޅޭގޮތުން ސުވާލު ކުރުން. މި އެބައޮތް މަޢްލޫމާތު ލިބިގަތުމާއި މައްލޫމާތު ފޯރުކޮށްދިނުމުގެ ސިޔާސަތެއްވެސް. އޭގައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރޭ ކަނޑައެޅިފައި. މިހާރު ތިޔަބޭފުޅާ މިއަދު މިސާލަކަށް އެއްސެވީ އަޅުގަނޑު ކައިރީ ކިހާ ރުފިޔާއެއްހެއްޔޭ މިކަމަށް ދިޔައީ. އަޅުގަނޑަށް އަދި މިކަމުގެ ޚަރަދު ހިނގަ ހިނގާ މިހުރީ. އެހެންވީމާ، އެ އެކައުންޓް ބަންދުކޮށްފައި މަޢްޞޫމް އަޅުގަނޑަށް ގެނެސްދޭނެ ދިޔަ ޚަރަދު. އިރާދަކުރެއްވިއްޔާ މާދަމާ އެނގޭނެ. އެހެން ނަމަވެސް، މާދަމާ އަޅުގަނޑަކަށް ނުޖެހޭ އަދި ު އުޞޫލު މިއޮތް ގޮތުން މާދަމާ އަޅުގަނޑަކަށެއް ނެތް ތިޔަބޭފުޅާ އަރިހު ދެންނެވޭކަށް. އެ ހިނގާ ގޮތަކަށް އެކަމެއް ހިނގޭނީ. ދެފުށް ފެންނަ ސިޔާސަތުގެ ދަށުން އަޅުގަނޑު އަޑިންލާފައި ހުރި އެއްޗިހި ކިޔައިދޭކަށް އަދި ހަމަ އަޅުގަނޑަކަށް ހިއެއްނުވޭ، އެއީކީއެއް އެ ސިޔާސަތު ކަމަކަށް ޢާންމު ރައްޔިތުން ދެކިގެނެއް ކުރިއަށް ދެވޭނެހެނެއް. ދެން އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންނަށް މިކަންކަން ސާފުވަމުންދާނެ. ދެން މިފަހަރު މިއަށް ޚަރަދުކުރީ ކޮން ޤައުމަކުންތޯ އަޅުގަނޑުމެންގެ ދަތުރަށް. ދެން ދަތުރުގައި ބައިވެރިވީ ކޮންބައެއްތޯ؟ އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް އެބައޮތް ބައިނަލްއަޤްވާމީ ގުޅުން ޤާއިމުކޮށްފައި ހުރި ބައިވަރު ޤައުމުތައް. ދެން އޭގެތެރެއިން ކިތަންމެ ޤައުމަކުން އަޅުގަނޑުމެންގެ މި ދަތުރުފަތުރުގެ ބަޖެޓަށް އެހީތެރިވެދީފައި އެބައޮތް. ދެން އަޅުގަނޑު މިތާ ހުރެފައި އެއީ އެއްޤައުމޭ. އެހެން ތިޔަބޭފުޅާއަށް ދެންނެވީމާ، އަނެއް ޤައުމު އެކަމާ ދެކޭނެގޮތްވެސް ތަފާތުވާނެ. އެހެންވީމާ، އޭގައި އަޅުގަނޑަށް ހީވަނީ ބުއްދިވެރިގޮތަކީ، އެއީ އެކުވެރި ދައުލަތްތަކޭ، އެހެން ބުނެލާފައި އަޅުގަނޑުމެން ނިންމާލުންހެން. ދެން އެ އެކުވެރި ދައުލަތްތަކުން އަޅުގަނޑުމެންނަށް އެހީގެ ގޮތުގައި ފޯރުކޮށްދިން މިންވަރުތައް ކޮންމެ އަހަރަކު ނިމުނީމާ ބަޖެޓުގައި ރައްޔިތުންގެ މަޖިލީހަށް ސާފު ސާދާކޮށް ހުށަހެޅެމުންދާނެ. އަދި މަޖިލިސް މެންބަރުން ދައުލަތް ހިނގާގޮތާ ގުޅޭގޮތުން އަދި އެކަމުގެ ޚަރަދާ ގުޅޭގޮތުން އަހާ ކޮންމެ ސުވާލަކަށްވެސް އަޅުގަނޑުމެންނަށް ހަމަ ޖަވާބު ސާދާކޮށް ދެވޭނެ.

އިބްރާހީމް ޒަކީ – ސަން އެފް.އެމް:

އަޅުގަނޑުވެސް ހަމަ ސަން.އެފް.އެމް.ގެ ނަމުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށް މަރްޙަބާ ދަންނަވަން، ތިޔަހޯއްދެވި ކާމިޔާބަށް. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ ތިޔަދަތުރުފުޅުގައި ބައިނަލްއަޤްވާމީ މާލީ ވަރަށްގިނަ އިދާރާތަކާ މަޝްވަރާ ކުރައްވާފައި ތިޔަވަޑައިގެންނެވީ. ދެން މިހާރުވެސް ރާއްޖެ މިއޮތީ އިޤްތިޞާދީ ޙާލަތު ވަރަށް ދަށުގައި. ދެން އެންމެންގެވެސް އުންމީދަކީ ހަމަ ވީހާ އަވަހަކަށް ރަނގަޅުވުން. ކިހާ ހިސާބެއްގައި އަޅުގަނޑުމެންނަށް އުންމީދެއް އެބައޮތްތޯ ފުރަތަމަ ސުވާލަކީ.

ދެން ދެވަނަ ސުވާލަކީ ހަމަ އިޒުރޭލާ ގުޅުން ބަދަހިކުރައްވަމުން ގެންދަވާ މައްސަލައާ ބެހޭގޮތުން. ދެން ވިދާޅުވެއްޖެ. މިކަމުގެ ސަބަބުން އިސްލާމީ ޤައުމުތަކަށް އެހީތެރިވެވިދާނެ ކަމަށް ހަމަ ދެންމެ ވިދާޅުވެއްޖެ މަނިކުފާނު، ހަމަ އެގޮތަށް ބޮޑެތި ޤައުމުތަކުން ނުކުރެވުނު ކަންތައް ކުރެވިދާނެ ކަމަށް. އިތުރު ތަފްޞީލު ދެއްވަފާނަންތޯ؟ ކިހިނެއްތޯ އެހީތެރިވެދެވެން އޮތީ އަޅުގަނޑުމެންނަށް. އަދި ހަމަ އެކަމާ ބެހޭގޮތުން ބައިނަލްއަޤްވާމީ ގޮތުން އިތުރަށް އަޑު އުފުލިގެން ހިނގައިދާނެތޯ؟ ރާއްޖެއިން އިޒުރޭލާ ދެކޮޅަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން އިޒުރޭލާ ދެކޮޅަށް އެއްޗެއް ބުނަންޖެހޭއިރެއްގައި، އިޒުރޭލާ ދެކޮޅަށްވެސް އަޅުގަނޑުމެން އެ އެއްޗެއް ބުނާނެ. އެކަމުގައި އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންގެ އުޞޫލުތައް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހިފަހައްޓާނަން. އެހެންވީމާ، އަޅުގަނޑުމެންނަށް އިޒުރޭލާ ދެކޮޅަށް އެއްޗެއް ބުނަންޖެހޭ ވަގުތެއްގައި އަޅުގަނޑުމެންނަށް ބުނެވޭނެ. ދެން އިޒުރޭލާ އަޅުގަނޑުމެންނާ ވާހަކަ ދެކެވޭތީވެ، އެއިން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ؟ އަޅުގަނޑު ވަރަށް ކަންބޮޑުވޭ، އިޒުރޭލުން ހަމަ ބައެއްފަހަރަށް ޓޭންކްތަކުގައި ފަލަސްޠީނަށް އަރައިގެން އަންނާތީވެ. އެހެން އަންނަ ކޮންމެ ފަހަރަކު އަޅުގަނޑު ސިޓީ ލިޔަން އިޒުރޭލު ސަރުކާރަށްވެސް. އަދި ބައިނަލްއަޤްވާމީ ކޮންމެސް ނޫހެއްގައިވެސް، ކޮންމެ ފަހަރަކު އަޅުގަނޑު ލިޔަން. އެންމެ ފަހަރެއްވެސް ނޯންނާނެ، އަޅުގަނޑު އެކަމާ އަޅާނުލާ ގޮސްފައި އޮތް ފަހަރެއް. ދެން މިހާރު އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުރުމުގެ ފުރްޞަތު ލިބިފައި އޮތީތީވެ، އަޅުގަނޑު ލިޔާ ސިޓީ ތަންކޮޅެއް ފުންވެފައި، އަޅުގަނޑު އުންމީދު ކުރަން، އޭގައި ކުރިއަށްވުރެ ބޮޑު ބަރުދަނެއް ހުންނަން ޖެހޭނެ ކަމަށް.

އަޅުގަނޑު ކިޔަވާން އުޅުނު ދުވަސްވަރުގައި އެސިޓީ ލިޔުނީމާ، އަޅުގަނޑު އެއްފަހަރަކު ގެންދިޔަ އިޒުރޭލު އެމްބަސީއަށް އިނގިރޭސިވިލާތުގައި ހުރި. ގެންގޮސްފައި އަޅުގަނޑު ގާތުގައި ބުނި، އެއީ އެހެންވާ ކަމެއް ނޫން. ދެން އެބޭފުޅުންގެ ވާހަކަ އެބޭފުޅުން ކިޔައިދެއްވި. ދެން އަޅުގަނޑަކީ ޢާންމުކޮށް އިޒުރޭލާ ގުޅޭގޮތުން ނުވަތަ މެދުއިރުމައްޗާ ގުޅޭގޮތުން ލިޔަމުން އައި މީހެއް. އަދި އަޅުގަނޑުގެ ބައެއް ލިޔުންތައް ކިޔުއްވާ ބޭފުޅުންނަށް، ޚާއްޞަކޮށް އިނގިރޭސިން ހުރި ލިޔުންތައް ކިޔުއްވާ ބޭފުޅުންނަށް މިކަން ސާފުވާނެ. އަޅުގަނޑުމެން މިކަން މިކުރަނީ މެދުއިރުމަތީ ސިޔާސަތު ވަރަށް ރަނގަޅަށް އެނގިގެން. އެއްގޮތަކަށްވެސް ނޭނގިއެއް ނޫން. އަޅުގަނޑު ދަންނަވާނީ، ދެން މިއީ ހަމަ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކާމިޔާބުގެ މަގު ފެންނާން އޮންނާނޭ ކަމެކޭ. އަޅުގަނޑުމެންނަކަށް މިކަމަކުންނެއް ދެރައެއް ނާންނާނެ. ދެން ބައެއް ބޭފުޅުން ވިދާޅުވެދާނެ. މިވެނި ބަޔަކު ރުޅިއަރައިގަނެގެން އައިސް އެވެނި ކަމެއް ކޮށްފާނެއޭ. ދެން ބަޔަކު އެބާވަތުގެ ކަމެއް ކޮށްފާނެ ކަމަށް ސަރުކާރުގެ ސިޔާސަތެއް ނުވަތަ ހެޔޮގޮތުގައި ޢަމަލުކުރުން ހުއްޓާލައިގެން ތިބުން އެއީކީއެއް އެއްވެސް ބުއްދިވެރި ކަމެއްގެ ގޮތުގައެއް އަޅުގަނޑެއް ނުދެކެން. އަޅުގަނޑު ދެކޭނީ ހަމަ މިއީ އަޅުގަނޑުމެންނަށް ކުރެވޭ ރަނގަޅު ކަމެކޭ. އެއްގޮތަކަށްވެސް މިކަމާ ކަންބޮޑުވެލައްވާނެ ކަމެއްނެތޭ. އަދި ފުރަތަމަ ކަމަކަށް 1. ގުޅުން ބަދަހިކުރީކީއެއް ނޫން. އިއްޔެއާއި މިއަދާ ހުރި ތަފާތު ނުވެސްނެތް، އަޅުގަނޑުގެ އަނގައިން މިބަސް ބުނުން ފިޔަވައި. އަޅުގަނޑުމެން މިދަނީ ގުޅުން ރަނގަޅު ކުރުމުގެ މަގަށް. އަދިއެއް އަޅުގަނޑުމެން ގުޅުން ރަނގަޅުކުރީކީއެއް ނޫން. އަޅުގަނޑުމެން މިދަނީ ގުޅުން ރަނގަޅު ކުރުމުގެ މަގަށް. އަޅުގަނޑު ދަންނަވާނީ، އެއީ ބުއްދިވެރި ކަމެކޭ. އެއީ ހަމަ އަޅުގަނޑުމެން އެކީގައި ބާރަށް ގޮސް އިރާދަކުރެއްވިއްޔާ ކޮށްގެން އަޅުގަނޑުމެންނަށް އޭގެ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމެކޭ. ހަނގުރާމަކޮށްގެނެއް އަޅުގަނޑުމެންނަށް އަދި ފަލަސްޠީނު ރައްޔިތުންނަށް ލިބުނު ފައިދާއެއްވެސް ނެތޭ. އަދި ޤުދުސް ފަންޑަށް ފައިސާލައިގެންވެސް ހަމަ މާބޮޑު ފައިދާއެއް ނެތޭ. އަޅުގަނޑުމެން އެންމެންވެސް ހަނދާން ކުރަން. އަލްޤުދުސްއަކީ އިސްލާމީ މުޤައްދަސް ބިމެކޭ. ހަމަ ކޮންމެ ދުވަހަކު ޚަބަރުގެ ކުރީގަޔާއި ޚަބަރުގެ ފަހުގައި ފޮޓޯ ދައްކާފައި އަޅުގަނޑުމެން ކުޑައިރުއްސުރެ ފަށައިގެން ޓީ.ވީ އިންނާއި ރޭޑިއޯއިން އެހެން ކިޔަމުން އައި. ދެން އަޅުގަނޑުމެން އެންމެންވެސް އޭގައިވެސް ހަމަ އެކަމުގައިވެސް ބައިވެރިވެގެން، އެކަމަށް އެހީތެރިވެދީ، އަދި އަޅުގަނޑުމެންނަށް ފައިސާ ޖީބުން ޚަރަދު ކުރެވެން ހުރި މިންވަރަކަށް އަޅުގަނޑުމެން އެންމެންވެސް ޚަރަދުކޮށްގެން ޤުދުސް ފަންޑަށް، ހަމަ ބޮޑު ވަރަށްބޮޑު ފަންޑެއް އަޅުގަނޑުމެން އުފެއްދިން. އަދި މުޅިއަކުން ސާފެއްނުވޭ އެފަންޑަށް ފަހުންއައިސް ވީގޮތެއް. އެހެންނަމަވެސް، އަޅުގަނޑުމެން އެ ފަންޑެއް ވަރަށްބޮޑު ފަންޑެއް އުފެއްދި. ދެން އެހެން ނަމަވެސް، ފަހުން އަމިއްލަ ޖަމާޢަތްތަކުން އެއްކުރި ފައިސާ، އެއީ އެއްލައްކަ ޑޮލަރު އަޅުގަނޑު ހަނދާންވަނީ. އަޅުގަނޑަށް އުފަލާއެކީ ދަންނަވަންކެރޭ. އެފައިސާ އެދާންވީ ހިސާބަށް ގޮސްފައި އެވަނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޤުދުސް ފަންޑުގެ ކަންތައް އޮތީ އަދި މުޅިން އަޅުގަނޑުމެންނަށް ސާފުނުވެއޭ. ދެން އެހެންވީމާ، މާބާރަށް އަޅުގަނޑުމެން މޮޅެތި ވާހަކަ ދައްކާފައި، ޢަމަލު އެހެން ގޮތަކަށް ބަހައްޓައިގެން، ކުރިއަށް ގެންދިޔައީމާ ޚާރިޖީ ސިޔާސަތެއް ނޫން، ދާޚިލީ ސިޔާސަތެއް ނޫން، ގޭތެރޭގެ އުޅުންވެސް ހަމައެއްނުޖެހޭނެ. ވަރަށް އާދައިގެ މިންވަރެއްގައި މިކަންވާންވީ. ކިހިނެއްތޯ ތިމަންނާ އެހެން މީހަކާ ރަޙްމަތްތެރިކަން ބަހައްޓަނީ. އެއްގެއެއްގައި އުޅެނީ. އެއްރަށެއްގައި އުޅެނީ. އެއްއަވަށެއްގައި އުޅެނީ. އެއްޤައުމެއްގައި އުޅެނީ. އެއްދުނިޔެއެއްގައި އުޅެނީ. މިއީ ލާމެހިފައި އޮތް ދުނިޔެއެއް. އެހެންވީމާ، މިދުނިޔޭގައި އަޅުގަނޑުމެން އެންމެންނަށް ރީތިގޮތުގައި އެކުވެރިކަމާ އެކުގައި އުޅެވެންޖެހޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށްވީ މިންވަރަކުން އެކަމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތެއް ކުރާނަން.

ޢަބްދުﷲ ސަޢީދު – އެ ސަންދާން:

އަޅުގަނޑު އެންމެ ފުރަތަމަ ޝުކުރު ދަންނަވާނީ މަނިކުފާނު ތިޔަހޯއްދެވި ކާމިޔާބަށްޓަކައި ދިވެހި ރައްޔިތެއްގެ ނަމުގައި. އެއީ އަޅުގަނޑުމެން ދިވެހިރާއްޖެއަށް ހޯއްދެވި ވަރަށްބޮޑު ޝަރަފެއް ތިއީ. އެހެންވީމާ، އެކަމަށްޓަކައި މަނިކުފާނަށް ނިހާޔަތަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ސުވާލަކީ، ދެންމެ އެބޭފުޅުން އެކުރެއްވި ސުވާލުގައި އެވިދާޅުވަނީ، މަނިކުފާނު އިޒުރޭލާ ޤުޅުން ޤާއިމު ކުރައްވާނީ ރައްޔިތުންގެ ޚިޔާލު ހޯއްދަވާފައިތޯ؟ އެއީ ދެން އަޅުގަނޑުގެ އެއްސުވާލު.

އަނެއް ސުވާލަކީ، ބޭރުގެ ވިޔަފާރި ވަރަށްގިނަ އިދާރާތަކާ މަނިކުފާނު ބައްދަލުކުރެއްވި ކަމަށް އަޅުގަނޑުމެންނަށް ޚަބަރު ލިބިފައި މިއޮތީ. ދެން މިބައްދަލުވުންތަކުން ރާއްޖެއަށް ކިހާވަރެއްގެ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްތޯ ފެނިވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ރާއްޖެއަށް ހެޔޮ ބަދަލު އަންނާނީ، ދިވެހިރާއްޖެއަކީވެސް ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރިވެތި ގޮތުގައި ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ފާހަގަވެގެން. އޭގެތެރޭގައި، ވާހަކަ ނުދައްކާ ޤައުމުތައް ބެހެއްޓުމާއި، އަރާރުންވާ މީސްމީހުން ތިބުމާ، ދެން މިބާވަތުގެ ކަންކަން މިޤައުމުން ނުފެނުން އެއީ، ރަނގަޅު ކަމަކަށްވާނީ. އެހެންވީމާ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމާއި، އެކަންކަމަށް ދޮރުހުޅުވޭ މިންވަރުވެސް އަޅުގަނޑުމެން ޤައުމެއްގެ ސިފައިގައި ޙަރަކާތްތެރިވާގޮތާ ވަރަށްބޮޑު ގުޅުމެއް އޮންނާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ މިހުރިހާ ކަމެއްވެސް މިއޮތީ ވަރަށް ބޮޑަށް ގުޅިފައޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް މިދިމާވެފައި ހުރި ކަންކަމުން އަރައިގަތުމަށް އެހީތެރިކަން ބޭނުންވާ މިންވަރަށް އެހީތެރިކަން ލިބޭނެކަމުގެ ވަރަށްބޮޑު އުންމީދު، ވަރަށްބޮޑު ޔަޤީންކަން އެބައޮތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަންވާނެ. އަޅުގަނޑުމެން މިދެކެނީ، އަހަރު ނިމޭއިރުގައި، ޑެފިސިޓް ޖީ.ޑީ.ޕީ.ގެ 14 ޕަސެންޓްގައި، 15 ޕަސެންޓްގައި އެންމެބޮޑުވެގެން ބެހެއްޓޭތޯ.

ހަނދުމަފުޅުކޮށް، ގަބޫލުފުޅު ކުރައްވާތި! އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، ބައެއް ބޭފުޅުންނަށް އެބައޮޅޭ، މި ގްރޮސް ރިޒަރވާއި ނެޓް ރިޒަރވާ އިނގޭތޯ. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، ރިޒަރވްގައި ހުއްޓޭ 280 މިލިއަން ޑޮލަރު. މިހާރު ހުރީ 80 މިލިއަން ޑޮލަރޭ. ގްރޮސް ރިޒަރވަކީ އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި، އެހެން މީހުންގެ ފައިސާއާއި ތިމަންނާގެ ފައިސާއާ. ނެޓް ރިޒަރވަކީ ސީދާ ސަރުކާރުގެ ފައިސާ. އަޅުގަނޑުމެން އަބަދުވެސް މިބުނަނީ ނެޓް ރިޒަރވްގެ ވާހަކަ. ދެން ވާދަވެރި ސިޔާސީ ޕާޓީތަކުން ގްރޮސް ރިޒަރވްގެ ވާހަކަ އަބަދުވެސް ދައްކަވަމުން ގެންދަވާ. ދެން އަޅުގަނޑު ދެކެނީ، ގްރޮސް ރިޒަރވޭ އެބުނާ ބަހުގެ މާނައަކީ، ފޮރުވިފައި އެބަހުއްޓޭ އެހެން މީހުންގެ ފައިސާވެސް. ދެން އޭގައި އަތްލާކަށް އަޅުގަނޑުމެން ފިކުރެއް ނުކުރާތީވެ، އަޅުގަނޑުމެން ހިސާބު ޖަހަނީ، ފޮރުވިފައި ހުރި ދިވެހި ސަރުކާރުގެ ފައިސާ އެއީ ރިޒަރވްގެ ގޮތުގައި ބަލައިގެން. އޭގެ މިވަގުތުގެ ޢަދަދަކީ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 80 ކޮންމެވެސް ވަރަކަށް މިލިއަން ޑޮލަރު. އަޅުގަނޑުމެން މި އުންމީދު ކުރަނީ، މިއަހަރު ނިމޭއިރުގައިވެސް އެޢަދަދު އެތައް ތަނަކުން އިތުރުވެގެންދާނެ ކަމަށް. އަދި ނެޓް ރިޒަރވް މިހާރު ވަރަށްބޮޑުވާނެ. ކުރީގައި 200 ގައި ހުރިކަމަށްވަނީވިއްޔާ، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިހާރު ހަތަރު ފައްސަތޭކައިގައި ހުންނާނީ ނެޓް ރިޒަރވް. ނޫން ސޮރީ މާފުކުރައްވާ ގްރޮސް ރިޒަރވް. މީގައި ދެވައްތަރެއްގެ ރިޒަރވް މިއުޅެނީ. އެހެން މީހުންގެ ފައިސާ ލައިގެން ގުނާ ޢަދަދަކާއި، ހަމައެކަނި ސަރުކާރުގެ ފައިސާއާ. އެހެންވީމާ، ތިޔަބޭފުޅާގެ ފައިސާ އެއީ ސަރުކާރުން ބޭނުން ގަޑިއެއްގައި ޚަރަދު ކޮށްލެވެން އޮތް އެއްޗެއްގެ ގޮތުގައި ސަރުކާރުން އިޢްލާނު ކުރަމުންދާކަށް ނުވާނެ. އަދި ސަރުކާރުގެ ސިޔާސަތުވެސް އެގޮތަށް ރާވައިގެން ނުވާނެ. އެހެންވީމާ، އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިއިން ވަރަށް ފުރިހަމަ ކާމިޔާބެއް އިރާދަކުރެއްވިއްޔާ ލިބޭނޭ. އަޅުގަނޑު ވަރލްޑް ބޭންކާވެސް. ބޭންކުގެ އެކިއެކި އިންސްޓިޓިއުޝަންތަކާވެސް ވާހަކަ ދެއްކިން. ފަންޑާވެސް ވާހަކަ ދެއްކިން. ދެން އަޅުގަނޑު ދެކެނީ، ބޭންކުންވެސް، ފަންޑުންވެސް އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިވެދޭނެ ކަމަށް. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންނާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުންނާއި، އަދި އެހެނިހެން އެހީދޭ ޖަމާޢަތްތަކުންވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭނެ. ދެން ޢަދަދު ސީދާ ޢަދަދު އެއީ އަޅުގަނޑުމެން އިންތިޚާބަށް އައުމުގެ ކުރީގައިވެސް ހާމަކޮށްލި ޢަދަދެއް ފަހަނަޅާ ހިނގައްޖެ. ދެން ފަހުން އަދި އެހެން ޢަދަދެއް އަޅުގަނޑު ގެންގުޅުނިން. އެހެންވީމާ، އެ ޢަދަދުތަކުގައި، އެ ފާހަގައިގައި އަދިވެސް އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ.

މުޙަންމަދު ޞާދިޤު – ޓީ.ވީ.އެމް:

އަޅުގަނޑުވެސް އަޅުގަނޑުގެ ސްޓޭޝަންގެ ނަމުގައި މަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވަން. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރޭގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔަ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމުގެ ގޮތުންނޭ މަނިކުފާނު ވިދާޅުވެ، ސިވިލް ސަރވަންޓުން މަދުކުރުން މިއީ ވަރަށް ހިތާމަހުރި ކަމެކޭ ބައެއް ފަރާތްތަކުން ގޮވަމުންދިޔަ. އަދި ހަޖޫ ޖަހަމުންދިޔަ. މިއީ އެފަރާތްތައް ވަރަށް ބޮޑަށް ނިކަމެތިކޮށްލާނެ ކަމެކޭވެސް ބުނަމުންދިޔަ. މުސާރައާއި ޢިނާޔަތްތަކާ އެއްޗެހި ކެނޑުމަށްފަހު، އެއްޗެހީގެ އަގު، ތަކެތީގެ އަގު ތިރިއެއްނުވެއޭ، މިއީ ވަރަށް ދެރަކަމެކޭ، ވަރަށް ދެރަކޮށްވާ ކަމެކޭ، މިއީ ރައްޔިތުން ނިކަމެތިވާނެ ކަމެކޭ. މިކަހަލަ އަޑުތަކެއް އަޅުގަނޑުމެންނަށް އިވިގެންދިޔައީ. އިދިކޮޅު ފަރާތްތަކުން ސިވިލް ސަރވަންޓުންނަށް މިދޭ ނަޞޭޙަތްތަކަށް މަނިކުފާނު ކީކޭތޯއޭ ވިދާޅުވާނީ؟
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މަނިކުފާނު ވިދާޅުވި. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތްގޮތުގައި، އިޒުރޭލާއެކު ކޮންމެވެސް ލިޔެކިޔުމެއްގައި ސޮއިކުރެއްވި ޚަބަރު އަޅުގަނޑަށް ވަނީ ލިބިފައި. އެއީ ކޮންކަހަލަ ލިޔެކިޔުމެއްގައިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އިޒުރޭލާއެކީގައި ކުރެވުނީ އެހީވުމުގެ، ޓެކްނިކަލް އެސިސްޓެންސްގެ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގައި، އިޒުރޭލާ އެކީގައި ސޮއިކުރެވުނީ. ދެން އެއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މަޢްލޫމާތު ބަދަލުކުރުމާއި، އެހީވުމާ ގުޅޭގޮތުން، ޚާއްޞަކޮށް، ޞިއްޙަތާއި ދަނޑުވެރިކަމާ، އަޅުގަނޑު ހަނދާންވަނީ ޓޫރިޒަމާއޭ. އެ ތިން ދާއިރާގައި އެއްބާރުލުން ހޯދުމަށާއި އެހީތެރިކަން ބަދަލުކުރުމަށް.

ސިވިލް ސަރވިސް ނުވަތަ ސަރުކާރު މުވައްޒަފުންގެ ޢަދަދު މަދުކުރުން އެއީ، ދިވެހިންނަށާއި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮންމެހެން ބޭނުންތެރި ކަމެއް. ދުނިޔޭގައި ރާއްޖެ ފިޔަވައި ދެން ދެވަނަ ޤައުމަކަށް އޮތީ އުތުރު ކޮރެޔާ. އެޤައުމުގެ އާބާދީގެ 10 ޕަސެންޓް ސަރުކާރު މުވައްޒަފުންގެ ގޮތުގައި ތިބޭ. ދެން މިއީ އަޅުގަނޑުމެންނަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނޫން. މިދައުލަތަށް މިދަންނަވާހެން ލިބޭ އެއްޗެއްގެ 7 ބިލިއަނޭ ލިބެނީ. 5 ބިލިއަން ޚަރަދު ކުރަން މި އެބަޖެހޭ ހަމައެކަނި ބައްތިރީސްހާސް މީހުންނަށް. މަސައްކަތް ކުރާ އެއްލައްކަ ފަންސާސްހާސް މީހުން ރާއްޖޭގައި އެބަތިބި. އެމީހުންނަށް ސަރުކާރުން ދެވޭ އެއްވެސް އެއްޗެއް ނެތް. އަދި ފޯރުކޮށްދެވޭ އެއްވެސް އެހީތެރިކަމެއްވެސް ނެތް. ސީދާ ގޮތުގައި ބައްތިރީސްހާސް މީހުންނަށް އެފަދަ ގޮތުގައި ކަންތައްތައް ހިންގަމުން ގެންދިއުން އެއީ، އިޤްތިޞާދަށްވެސް އަދި ޢާންމު ޙާލަތަށްވެސް، ޢާންމު އިންޞާފަށްވެސް ބަލާއިރުގައި ރަނގަޅު ކަމެއް ނޫން. އަދި އެއީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި، ހެޔޮލަފާ ނަޞޭޙަތްދޭ ފަރާތްތަކުން ދިވެހި ސަރުކާރުގެ ކިބައިގައި މިކަން އިޞްލާޙު ކުރުމަށް އެދެމުން އަންނަތާ އެތައް ޒަމާނެއްވެއްޖެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެބަހުރި މިހާ ހިސާބަށް ގަނޑު، ރިޕޯޓް، އެމަގަށް ލިޔެވިފައި ހުރި. އެހެންނަމަވެސް، އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް މިކަމުގެ ތެރެއަށް ވަންނާން އެއްވެސް ވެރިއަކަށް އަޅުގަނޑު ހިތުން ނުކެރެނީ. އޭގައި ދިމާވެދާނެ ދަތިތަކާއި، ސިޔާސީ އުނދަގޫތަކުގެ ސަބަބުން. އެހެންނަމަވެސް، އަޅުގަނޑު މިދެކެނީ މިހާރު ޑިމޮކްރަސީއެއްގައި ހަމަ މިދަންނަވާހެން ރާއްޖޭގެ ހުރިހާ އެންމެންނާ އަޅުގަނޑުމެންނާ ވާހަކަ ދެކެވެނީ. ހަމައެކަނި އަޑުގަދަ ހައެއްކަ މީހުންނަކާއެއް ނޫނޭ. އެހެންވީމާ، އަޅުގަނޑުމެން މިދައްކާ ވާހަކަ ހުރިހާ އެންމެންނަށްވެސް ވަރަށް ސާފު.

ދެން އަޅުގަނޑުމެން ދަންނަވަން ބޭނުންވާ ވާހަކައަކީ، ސަރުކާރު މުވައްޒަފުންގެ ތެރެއިން ވަކިވާ ބޭފުޅުންނަށް ހައްތަހާވާނީ ރަނގަޅޭ. ފުރަތަމަ އެބަ ލިބޭ އިނގޭތޯ ފުރްޞަތު. އަމިއްލަ ވިޔަފާރިއެއް ފެށުން. ޒުވާނުންނަށް އެބަ ފުރްޞަތު ލިބޭ މަތީ ތަޢްލީމު ހޯދަން 3 އަހަރަށް ބޭރަށް ގޮސްގެން، އެހޯދާ ތަޢްލީމެއްވެސް ހޯދުން. އަދި އިތުރަށް އެހެން ދާއިރާއެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އިތުރަށް ރީ ޓްރެއިންގ ވެގެން އެމަސައްކަތުގެ ތެރެއަށް ނުކުމެވޭނެ. އަދި 3 މަސް ދުވަހުގެ ނަޤުދު ފައިސާއާއި މުސާރަ ގަނޑުކޮށްދޭ ޢަދަދަކާ، މިހުރިހާ ކަމެއް އެކީގައި މުޅި ޖުމްލަކޮށް، ރިޑަންޑަންސީ ނުވަތަ މީހުން ދޫކޮށްލުމުގެ މުޅި ޖުމްލަ ސަރުކާރުގެ ޚަރަދަށް އެބައަރާ 1.4 ބިލިއަން ރުފިޔާ. އަޅުގަނޑުމެންނަށް މި ޚަރަދު ކުރީމާ، މިއަހަރު ޚަރަދު ބޮޑުކޮށް އޮންނާނީ. އެއީ، މުސާރައިގެ ޚަރަދުގެ އިތުރަށް އަޅުގަނޑުމެން އިތުރު ޚަރަދެއް މިކުރަނީ. މިއަހަރު އެ ޚަރަދު ބޮޑުވެފައި އޮންނާނީ. އެހެންނަމަވެސް، އެ ޚަރަދަކީ އަޅުގަނޑުމެންނަށް ކަނޑައެޅިގެން ބޭރުން އެހީގެ ގޮތުގައި ލިބިގެން ކުރާ ޚަރަދެއް. އެހެންނަމަވެސް، ދިގު މުއްދަތަށް ބަލާއިރުގައި، މި ރަނގަޅަކަށްވާނީ.

ދެން ކިހިނެއްތޯ މި ލިބުނު އިތުރު ލާރިކޮޅު ބޭނުންކުރަން އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެންނަށް އެއްލައްކަ ހަހާސް ހަތަރުސަތޭކަ ތެއްތިރީސް މީހުން އެއީ ނިކަމެތިން، ފަޤީރުން، މި ރާއްޖޭގެ. އެމީހުންނަށް މަހެއްގެ މައްޗަށް ހަސަތޭކަ ރުފިޔާ ނުޖެހޭ. އެމީހުން އަޅުގަނޑުމެން ބޭނުންވަނީ، ބާރަސަތޭކައަށް އެންމެ މަދުވެގެން ނަގަން. ނުވަތަ ބާރަސަތޭކަ ރުފިޔާގެ ހޭދަކުރުމުގެ ފުރްޞަތު، ބާރުވެރިކަން އެމީހުންނަށް ފޯރުކޮށްދިނުން. އެއީ، ކަރަންޓް ބިލް ދެއްކުމުގައި އެހީތެރިވެދިނުމާއި، އަދި ކާޑު ގަތުމަށްވެސް. ކިތަންމެ ބައެއް އެބައުޅޭ އެއްއިރު ކައިގެން އުޅޭ. ކާޑު ގަތުމުގައި އެހީތެރިވެދިނުމަށާއި، ބޯހިޔާކުރުމުގައި އެހީތެރިވެދިނުމަށާއި، ހަމަ އެގޮތަށް ޔަތީމު ކުދިންނާއި، އެކަނިވެރި މައިންނާއި، ފަޤީރުންނާއި، މިސްކީނުންނާ، އަޅުގަނޑުމެންގެ ތެރޭގައި ބައިވަރު. ދެން ކޮބައިތޯ އިންޞާފަކީ، މި ސަރުކާރުން ހަމައެކަނި ތިރީސްހާސް މީހުންގެ ތެރެއިން. ދެން އަޅުގަނޑުމެން ތިރީސްހާސް މީހުން އެކީގައި ދޫކޮށްލާކަށެއް ނޫން އަޅުގަނޑު މިބުނަނީކީވެސް. ސަރުކާރަށް މިވަގުތު ކޮންމެހެން ބޭނުންނުވާ ބަޔަކު ހަމައެކަނި ދެން އެއީ ވަކިބޭފުޅެއްވެގެން، ނުވަތަ މިހެންވެގެން، އެހެންވެގެން، އެހެންދެން މިކަންކަން ކުރިއަށް ގެންދިއުމަކީ އިންޞާފުވެރި ގޮތެއް ނޫން. މިދަންނަވާހެން މިހާ ބިކަ ހާލުގައި އުޅޭ މިހާ ގިނަ މީހުން މި ރާއްޖޭގައި ތިބިއިރުގައި، އަޅުގަނޑުމެންގެ ވާޖިބެއް އެއީ، އެ ރައްޔިތުންނާ އަޅާލެވޭނެ ގޮތެއް ހޯދުން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަންނަ މަހުއްސުރެ ފެށިގެން، މިއަންނަ މަހުގެ ކަރަންޓް ބިލް ދައްކާއިރުގައި، ދަތި މީހުންނަށް، ދަތި ގޭގެއަށް ކަރަންޓް ބިލް ދެއްކުމުގައި ސަރުކާރުން އެހީތެރިވެދޭނެ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑަކަށް މިމަހެކޭ ނުދެންނެވޭނެ. ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި، ކާޑަށް، ކާޑު ހޯދުމަށް ކޫޕަނެއް ދެވި، އެކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ. އިރާދަކުރެއްވިއްޔާ، ޞިއްޙީ ފަރުވާ ހުރިހާ ރައްޔިތުންނަށް ލިބޭނެ ޕްރޮގްރާމެއް އަޅުގަނޑުމެންނަށް އުފައްދައިދެވޭނެ، އެކުލަވައިލެވޭނެ، ފޯރުކޮށްދެވޭނެ.

އަޅުގަނޑުމެން ސަރުކާރުގެ ޚަރަދު ބަރަދަށް މިގެންނަ ބަދަލާ ގުޅިގެން ރާއްޖެއަށް ރާއްޖޭގެ ރައްޔިތުންނަށް ވެގެންދާނެ ކިތަންމެ ކިތަންމެ ކިތަންމެ ރަނގަޅެއް އިނގޭތޯ. އަދި ޚާއްޞަކޮށް، މި ދޫކޮށްލެވޭ މީހުންނަށް ލިބޭ ފުރްޞަތުތައް. ސަރުކާރުގެ ތިން ހަތަރު މުވައްޒަފުން އެއްވެގެން ބޮޑު ވިޔަފާރިއެއް ރަށުގައި ފެށިދާނެ. ހަމަ ބޮޑު ވިޔަފާރިއެއް. ދެން އަޅުގަނޑުމެން ހަމަ މިދެކެނީ، އެމުވައްޒަފުންނަކީ ހުނަރުތަކެއްވެސް ހަމަ ލިބިފައިވާ މުވައްޒަފުންނޭ. އެހެންވީމާ، އަމިއްލަ ވިޔަފާރިއެއް ފަށަންވެސް ފަސޭހަވާނެ. އަޅުގަނޑު މިއުންމީދު ކުރަނީ، 1500 ކުދިންނަށް މަތީ ތަޢްލީމު ޙާޞިލު ކުރުމުގެ ފުރްޞަތު މިފަހަރު ހޯދައިދެވޭނެއޭ މިޕްރޮގްރާމްގެ ތެރޭގައި.

ޢަބްދުއްލަޠީފް އާދަމް – ރާއްޖެ ނިއުސް އޮންލައިން:

އަޅުގަނޑު މަނިކުފާނަށް މަރްޙަބާ ދަންނަވަމުން، ދަންނަވަން އޮތް އެއްޗަކީ، އަޅުގަނޑު ރައްޔިތުންގެ ފައިސާއިން ފޮތެއް ޗާޕްކޮށްފައި، އޭގެ ބޭރުގައި ހީރޯ ބޮޑުއަކުރުން ޖެހުމުގެ ބަދަލުގައި، ބައިނަލްއަޤްވާމީ މީޑިއާއިން މަނިކުފާނަށް ހީރޯއެއްގެ ޝަރަފް މަނިކުފާނަށް އެރުވީތީ، އަޅުގަނޑުމެން މަނިކުފާނާ ދޭތެރޭ ފަޚްރުވެރިވަމޭ. ދެން އެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. މަނިކުފާނު ދެންމެ ވާހަކަފުޅު ފަށްޓަވަމުން ވިދާޅުވެއްޖެ، އިޙްސާސް ފާޅުކުރެވެން ޖެހޭނެ ކަމަށް. އަޅުގަނޑުގެ ވަރަށްބޮޑު އިޙްސާސެއް އެބައޮތް މިރޭ. އެއީ، 1980 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެރޭ އަޅުގަނޑު ނެތް ތަނެއްގައި މީހަކު އެއްލި ފޮނި ބޯކިބާކޮޅަކުން ޓީ.ވީ.އެއްގައި ޖެހުނީތީ، އެއީ 21 ވަނަ ދުވަހުގެރޭ އަޅުގަނޑު އެއްލި ގާބުރިއަކުން ޓީ.ވީ އެއް ތެޅުނީ ކަމަށްވެ، އަޅުގަނޑު މާލެ ގެނެސް ހަވަރަށްދީ، 6 އަހަރާއި 10 މަސް ދުވަހަށް އަރުވާލުމަށް ޙުކުމްކޮށް އަރުވާލެވުނު މީހެއްގެ ކިބައިން އެތުހުމަތު މަނިކުފާނުގެ ދަތުރުފުޅުގެ ސަބަބުން ނެގިގެންދިޔައީތީ، މަނިކުފާނަށް އެކަމަށްޓަކައި ޝުކުރު ދަންނަވަން.

ދެން އަޅުގަނޑު ސުވާލަކަށް ދަންނަވާލަން ބޭނުންވަނީ ދެސުވާލެއް. އެއް ސުވާލަކީ މިހާރު އަޅުގަނޑުމެންނަށް މިފަހަރު ފެނިގެން މިދިޔައީ ވަރަށް ތަފާތު ކަންތައްތަކެއް. އެއްކަމަކީ ކުރިން އަޅުގަނޑުމެންނަށް ތިމާވެށްޓާ ބެހޭގޮތުން ފެންނަން ހުރީ ސްޓޭޖްމަތީގައި ތިޔަގޮތަށް ވަރަށް ރީތިކޮށް ދިދަތަކަކާއި، ދެން ބޭރުގައި ބޮޑު ބެނަރއަކާ އެއްޗެހި ހުރެގެން އެހުންނަ ފޮޓޯތަކަކާ އެއްޗެހި. ދެން އޭރުގައި އަޅުގަނޑުމެންނަށް އެކަންކަން ބަލައިގަނެވިފައި އޮތީ އެހެން ގޮތަކަށް. ދެން މިހާރު މިފަހަރު މިފެނުނު ފޮޓޯތައް ހުރީ އެހެން ގޮތަކަށް. މަނިކުފާނު ހުންނަވަނީ އުނަގަނޑުތާ ފެނަށް މޫދަށްވެސް އެރިވަޑައިގެން. މޭޒަކާ އެއްޗެހިވެސް ހިއްޕަވައިގެން ނުކުމެވަޑައިގެން އިންނަވަނީ. އެކަމަކު ލިބިވަޑައިގެންނެވި ޝަރަފް ވަރަށްބޮޑުތަން ތަފާތުވެގެން މިދިޔައީ. އެހެންވީމާ، ދެން ކުރިއަށް އޮތް ތަނުގައި މިބަދަލު ކިހިނެއްތޯ ގެންގުޅުއްވާނީ؟ މިކަހަލަ ޢަޖައިބުވަނިވި ކަންތައްތަކެއް އަޅުގަނޑުމެންނަށް އަދިވެސް ފެނިގެންދާނެތޯ؟

ދެން ދެވަނަ ސުވާލަކަށް އަޅުގަނޑު ދަންނަވާލަން އޮތީ، 1981 ވަނަ އަހަރު ގަސްފިނޮޅު ތަރައްޤީ ކުރިއިރު ރިޒޯޓެއްގެ ގޮތުގައި، އޮސްޓްރޭލިއާ މީހަކު އުޅުނު. އޭނަ ގައިން ހުތްވަސްދުވާކަން އެނގުނީ ރިޒޯޓް ހަދާ ނިމުނުފަހުން. ޔަހޫދީއަކަށްވެގެން ފޮނުވާލީ. ދެން އޭގެ ތަންކޮޅެއް ފަހުން އަޅުގަނޑުމެންނަށް މިފެނުނީ، ދޮންވެލި ފިނޮޅެއްގެ ގޮތުގައި އޮތް ރީތިރަށް ކަންނޭނގެ ކޮންމެވެސް ނަމެއް ކިޔާ ރަށެއް. މާލެވަރުގެ ބޮޑު ރަށަކަށް ހިއްކާލެއްވުން. އަނެއްކާވެސް ހަމަ އެއްކަލަ ޔަހޫދީއަކު އެތަނުގައި ވިޔަފާރިކުރަން ފެށިތަން. އެހެންވީމާ، މަނިކުފާނު ތިޔަ ވިދާޅުވިހެން ފަރުދާގެ ފުރަގަހުގައި އެބަހުރި ކަންތައްތަކެއް ހިނގަމުން އައިއްސަ. އެހެން ނަމަވެސް، މީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ކަންކަމާ ބެހޭގޮތުން ވަރަށްގިނަ ބޭފުޅުން ސުވާލު ކުރައްވައިފި. އެހެން ނަމަވެސް، ތަންކޮޅެއް ތަފާތު ސުވާލެއް މިއީ. އަޅުގަނޑަށް މިއަދު ހަވީރު 4 ޖަހާކަންހާއިރު ލިބުނު މަޢްލޫމާތުން އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މަނިކުފާނު ތިޔަ ޤާއިމް ކުރެއްވި، މަނިކުފާނުގެ ސަރުކާރުން ތިޔަ އިޢްލާނު ކުރެއްވި އިޢްލާނު ކުރެއްވުމާ ގުޅިގެން، ޑޮކްޓަރ ޝަހީދު މަގާމުން ވަކިކުރުމަށާއި، އެކަމަށް އަމީން ފައިޞަލް ތާއީދު ކުރެއްވީތީވެ، އަމީން ފައިޞަލް މަގާމުން ވަކިކުރުމަށް 3 ވަނަ ދުވަހު ޕެޓިޝަނެއް ހުށަހަޅައި، އޮކްޓޯބަރު 3 ގައި ޕެޓިޝަނެއް ހުށަހަޅައި، 15 ވަނަ ދުވަހުގެ ކުރިން މަގާމުން ވަކިކުރުމަށް މަސައްކަތް ކުރަމުން އެބަގެންދޭ އެބަ މިހާރު. އެމަސައްކަތުގައި ޙަރަކާތްތެރިވަޑައިގެން އުޅުއްވާ ބޭފުޅަކު އަޅުގަނޑު ކައިރީ ވިދާޅުވީ އެކަން އެބަ ކުރަމޭ. އެހެންވީމާ، މިކަމާ ދޭތެރޭ މަނިކުފާނު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ ލަޠީފް. އަޅުގަނޑު ހަނދާންވަނީ އެ ލަވަ އެއީ އަޅުގަނޑުވެސް ހަނދާންވޭ. އެއީ އިރުދޭމެން ފޯރީގައި ޓީ.ވީ އަށް ގާއުކީއޭ އެ ލަވައިގައި ކިޔަނީ ދޮއެއްތޯ. ވަރަށް ދެރަކޮށް އޭރު އެކަންތައްތައް ހިނގާދިޔައީ. ހަމަ ކިރިޔާ ކަމެއްވާއިރަށް ރަށުތެރެއަށް މީހުން ނެރެ، ހަވަރަށްދީ، މީހުންނަށް އަނިޔާކޮށް، ވަރަށް ބޮޑެތި ބޮޑެތި ބޮޑެތި ބޮޑެތި އަނިޔާކޮށް ހަދަމުން ދިޔައީ. އަޅުގަނޑުމެން މިހާރު މިތަނުން ބަލައިލާއިރުގައި، ވަރަށްގިނަ ބަޔަކު ހަމަ ބޮޑެތި އަނިޔާގައި ނެތިވެސްދިޔައީ. އަޅުގަނޑު އުންމީދު ކުރަން. މިބާވަތުގެ ކަންކަން ނުހިނގާނެ ކަމަށް. ދެން އަޅުގަނޑު ޓީ.ވީ އިން ދައްކާތީވެ، ބޭފުޅަކު ގާވެސް އުކާފައި އޮވެދާނެ. އަދި ހަމަ ރުޅިވެސް އަރައިގެންފައި ހުރެދާނެ. ދެން އެހެން ނަމަވެސް، އެކަމާ އަޅުގަނޑުމެން ކަންބޮޑުވެގެން އުޅުން އެއީކީއެއް ބުއްދިވެރި ކަމެއްގެ ގޮތުގައެއް އަޅުގަނޑު ނުދެކެން.

ދެން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ކިހިނެއްތޯ އަޅުގަނޑުމެންގެ މެސެޖް މިދެނީ. އަޅުގަނޑުމެން ކިހިނެއްތޯ އަޅުގަނޑުމެންގެ ވާހަކަ ނެރުމުގައި މަންޒަރު ގެންގުޅެނީ. ތަޞައްވުރެއް އަޅުގަނޑުމެން އެކުލަވާލަނީ. ކިހިނެއްތޯ އަޅުގަނޑުމެން އެކަން ކުރަނީ. ދެން އެއީ، އެމް.ޑީ.ޕީ އަށާއި އަޅުގަނޑުމެންނަށް ލިބިފައި އޮތް އަޅުގަނޑު ދަންނަވާނީ ބާވަތެއްގެ ހުނަރެކޭ. ދެން އަޅުގަނޑުމެންނަށް އޭގެ ބޭނުން ކުރެވެމުން އަންނަނީ. ދެން އަޅުގަނޑުމެންނަށް އަބަދުވެސް ފެނޭ، ވާދަވެރި ސިޔާސީ ޕާޓީތަކުންވެސް ހަމަ އެމަގުގައި ހިނގާތަން. އެއީ ރަނގަޅު ކަމެއް. ދެން މިސާލަކަށް އެކަންކަން އަދި އެބޭފުޅުން ފުރިހަމަ ކުރަމުންވެސް ގެންދާނެ.

ދެން އެންމެފަހުން ކޮން ސުވާލެއްތޯ ކުރެއްވީ؟ އާދެ! އާދެ! އަމީނާއި ޝަހީދާ. އަޅުގަނޑު ނުދެނަހުރިން އެހާބޮޑު ރުޅިވެރިކަމެއްގައި އުޅުއްވާ ކަމަކަށް. ދެން އަޅުގަނޑު ނުވެސް ދެކެން. ބޭބޭފުޅުން އަޅުގަނޑަކަށް ހިއެއްނުވޭ އިނގޭތޯ. މާބޮޑު ރުޅިވެރިކަމެއް އުޅޭނެހެނެއް. ދެން އަޅުގަނޑަށްވެސް ހީވަނީ މި ދިމާވެގެން މިއުޅޭ މައްސަލައަކީ ޝަހީދުގެ ޕާޓީން ޢަލީ ހާޝިމްގެ ފިނޭންސް ޤާބިލުކަމާ ގުޅޭގޮތުން ސުވާލު މިކުރައްވަނީ އިނގޭތޯ. އާދެ! އަޅުގަނޑަށް އެނގިއްޖެ. ދެން ވާހަކައަކީ އެބޭފުޅުން ވަކިކުރުމުގެ ޕެޓިޝަނެއް. ދެން ބޭފުޅުން ވަކިކުރަންވެގެން ވަރަށް އެބައުޅުއްވާ ދޮއެއްތޯ އެކިގޮތްގޮތަށް. ދެން އެހެން އުޅުއްވާއިރުގައިވެސް އެކަމެއް ދެން އަޅުގަނޑަކަށް ހިއެއްނުވޭ، މަޖިލިސް މެންބަރުންގެ ވިސްނުން އަދި ވަރަށް ފުންވާނެ. އެބޭފުޅުން ވަރަށް ވަރަށް ފުންކޮށް ވިސްނަވާފައި ކަންކަމުގައި ޢަމަލު ކުރައްވާނީ. އޭގެތެރޭގައި، މަޖިލީހުން ބޭފުޅުންކޮޅެއް އެކަހަލަ ކަމެއްގައި ނޫޅުއްވާނެއެކޭ ނޫން. އެހެން ނަމަވެސް، އަޅުގަނޑަށް ވަރަށް ޔަޤީން، އަޅުގަނޑަށް ވަރަށް އިތުބާރު ބޮޑު، މަޖިލީހުގެ އަޣްލަބިއްޔަތު މެންބަރުން ހަމަ ތިއްބަވާނީ އަޅުގަނޑުމެންގެ މި ސިޔާސަތާއިގެން ކުރިއަށްދާން. ރާއްޖޭގެ ރައްޔިތުން ވަރަށް ސާބިތުކަމާއެކީގައި މި ސަރުކާރަށް މިއޮތީ ފުރިހަމަ މެންޑޭޓެއް، އިތުބާރެއް ދެއްވާފައި. އެހެންވީމާ، އެ އިތުބާރާއި އެ އަޅުގަނޑުމެންނަށް އެ ލިބިފައި މިއޮތް ފުރްޞަތުގައި، މި 5 އަހަރު ދުވަހުގެ ވެރިކަން ކުރުމަކީ ޤާނޫނު އަޅުގަނޑުމެންނަށް ލާޒިމްކުރާ ކަމެއް. އެހެންވީމާ، އެކަމަކުން އަޅުގަނޑުމެން އެއްކައިރިއެއް ނުވާނަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ފުރިހަމައަށް ރައްޔިތުންނަށް ކޮށްދޭނަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑުމެންނާއެކުގައި މިވަގުތުކޮޅު ތިޔަބޭފުޅުން ހޭދަކުރެއްވީތީވެ. ދެން ރާއްޖޭގެ ނޫސްވެރިންނަށް އަނެއްކާވެސް ހަމަ އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. ތިޔަބޭފުޅުންގެ ހަމަ ލޯ ހުޅުވައިގެން، ސަރުކާރު ރަނގަޅަށް ބަލަމުން ގެންދިއުމަކީ، މިވަގުތު އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް މުހިންމު ކަމެކޭ.

والحمد للّـه، ވަރަށް ބޮޑަށް ޝުކުރިއްޔާ!