بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުވާއިރު، ހަމަ ކުޑައިރުކޮޅެއްފަހުން އަޅުގަނޑުމެންނާ ކުރިމަތިލާނީ، އަޅުގަނޑުމެންނާ ބައްދަލުކުރާނީ އުފާވެރި ޢީދު ދުވަސް. އަޅުގަނޑު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޢީދުގެ ހެޔޮދުޢާ ތަހުނިޔާތައް ރައްދުކުރަން.

އަޅުގަނޑު މިއަދު ޚާއްޞަ ގޮތެއްގައި ނޫސްވެރިން މެދުވެރިކޮށް މިބައްދަލުކޮށްލީ، އެނގިވަޑައިގަންނަވާނެ، މިރޭ އަޅުގަނޑު އެމެރިކާއަށް ކުރާ ދަތުރެއްގައި އެބަ ފުރަން. ޚާއްޞަ ގޮތެއްގައި އެއީ، މައިގަނޑު ތިން ބައްދަލުވުމެއްގައި ބައިވެރިވުމަށް. އޭގެތެރޭގައި އެންމެ ފުރަތަމަ 21 ސެޕްޓެމްބަރުގައި މިއޮތީ އެއޯސީސް ސަމިޓް އޮން ކްލައިމެޓް ޗޭންޖް. މިދެންނެވި ސަމިޓަކީ، ކުދި ޖަޒީރާ ޤައުމުތައް އެކުވެފައިވާ ގްރޫޕެއް، ޖަމާޢަތެއް. އެ ޖަމާޢަތަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޖަޒީރާ ޤައުމުތައް އެއްބަހަކުން އެއް އަޑަކުން ވާހަކަ ދެއްކުމަށްޓަކައި އެކުލަވާލެވިފައިވާ ޖަމާޢަތެއް. އެއަށްފަހު، 22 ސެޕްޓެމްބަރުގައި މިއޮންނަނީ ވަރަށް މުހިންމު ބައްދަލުވުމެއް. އެއީ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ސަމިޓް. މިބައްދަލުވުމަށް އަޅުގަނޑުމެން ތައްޔާރުވަމުންދާއިރުގައި، އެނގިވަޑައިގަންނަވާނެ، މޫސުމަށް އަންނަ ބަދަލާ ގުޅޭގޮތުން ކޯޕަންހޭގަންގައި އޮންނަ ބައްދަލުވުން ޑިސެމްބަރުގައި އެބައޮތް. މިހެންގޮސް މިކަމާ ގުޅިގެން ވަރަށްގިނަ ތަފާތު ބަޙުޘްތަކާއި، ވަރަށްގިނަ ތަފާތު ނިންމުންތައް އަޅުގަނޑުމެން އެންމެންނަށް އޭގެ ސަބަބުން އަސަރު ކުރާނެ ނިންމުންތައް ނިމިގެންދާނެ.

އަޅުގަނޑު އެ ބައްދަލުވުންތަކާ ގުޅޭގޮތުން އިތުރު މަޢްލޫމާތު ތިޔަބޭފުޅުންނަށް އެރުވުމުގެ ކުރީގައި، އަޅުގަނޑު ދަންނަވާލަން ބޭނުން ބައެއް އެހެން އިތުރު ވާހަކަތައް އެބަހުރި. އެހެންވީމާ، އަޅުގަނޑު ފުރަތަމަ އ.ދ.ގެ ބައްދަލުވުމުގައި އޮތް އެކިއެކި ކަންކަމުގެ މަޢްލޫމާތު އެރުވުމުގެ ކުރީގައި، ޖުމްލަ ބައެއް ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާލަން މިފުރްޞަތުގެ ބޭނުން ހިފަން.

އެނގިވަޑައިގަންނަވާނެ، މީގެ ހަފްތާއެއް ދެހަފްތާއެއް ކުރީގައި އަޅުގަނޑު ފާހަގަކުރިން، ވަރަށް އަވަހަށް ވަރަށްގިނަ ޢަދަދެއްގެ ފެނާއި، ނަރުދަމާއާއި، ބަނދަރާ، މިބާވަތުގެ މަސައްކަތްތައް ހިނގައިގަންނާނެއޭ. ހިންގުމުގެ ފުރްޞަތު ސަރުކާރަށް ލިބިގެންދާނެއޭ. އެގޮތުން، ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި، ހަފްތާތަކެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެބަ ފުރްޞަތު ހުޅުވިގެންދޭ، މަދުވެގެން ދިހަ ބާރަ ރަށެއްގެ އިންފްރާސްޓްރަކްޗަރ މަސައްކަތް ހިންގުމުގެ ކަންކަން. އެއީ، އަޅުގަނޑުމެންނަށް ލިބޭ ޑިވެލޮޕްމަންޓް، ސަރުކާރުން ނަގާ ޑިވެލޮޕްމަންޓް، ލޯނު އެހީއެއްގެ ދަށުން ހިންގޭނޭ މަޝްރޫޢުތަކެއް. އޭގެތެރޭގައި، މުޅި ޖުމްލަ ގާތްގަނޑަކަށް ހަސަތޭކަ މިލިއަނެއްހާ ރުފިޔާގެ މަސައްކަތް، ކުރިއަށް މިއޮތް ހަފްތާތަކުގެ ތެރޭގައި އިޢްލާނު ކުރެވޭނެ. އޭގެ ބިޑަށް ހޮވޭނެ. މިދެންނެވިހެން މިމަސައްކަތްތައް ބެހިގެންދަނީ، ގާތްގަނޑަކަށް ދިހަ ބާރަ ރަށަށް. އޭގެތެރޭގައި، ނަރުދަމާގެ ނިޒާމާއި، ބަނދަރު ހެދުމުގެ މަސައްކަތާއި އަދި ފެނުގެ މަސައްކަތް ހިމެނިގެންދާނެ.

ކަރަންޓްގެ މަސައްކަތުގައި އަޅުގަނޑުމެންނަށް ޔުޓިލިޓީ ކުންފުނިތަކުގެ މަސައްކަތް، ރޯދަމަސް ނިމުނުއިރުގައި ފާހަގަކުރެވުނު. ސަރުކާރުގެ ވަރަށްބޮޑު އަމާޒަކަށްވީ ރޯދަމަހުގެ ތެރޭގައި، ރަށްރަށުގައި ކަރަންޓް ނެތިގެން ތިބެންޖެހޭ މިންވަރު ކުޑަކުރުން. ޔުޓިލިޓީ ކުންފުނިތަކުން ވަރަށް ބޮޑަށް ބަލައިގެން، ވަރަށް ގާތުން ބަލަމުން އެ މަސައްކަތްތަކާ ޙަވާލުވެގެން، އެކަންކަން ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވުނު. މިހާރު ވަރަށްގިނަ ޔުޓިލިޓީ ކުންފުނިތަކުންވަނީ ރަށްރަށުގެ އިންޖީނުގެތަކާ ޙަވާލުވެފައި. އެ އިންޖީނުގެތަކުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ، ހިންގުމުގެ ކަންކަން ކުރިއަށް ގެންދަނީ ޔުޓިލިޓީ ކުންފުނިތަކުން. އެހެންވީމާ، ލިބޭ ފައިދާ އެބަހުރި. އެހެންވީމާ، ސަލާމަތް ކުރެވޭ މިންވަރާއި އަދި އެހެން އިންޖީނުގެތައް ހިނގާގޮތާއި، ހިނގާ އިންތިޒާމުތައް ވަރަށް ބޮޑަށް ފުރިހަމަވެގެން ގޮސްފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ.
ޓެންޑަރުގެ އުޞޫލުން ކަރަންޓްގެ ޚިދްމަތް އަދި ފެނާއި ނަރުދަމާގެ ޚިދްމަތް ދިނުމަށް ސަރުކާރުން ކޮށްފައިވާ އިޢްލާނާ ގުޅިގެން، ހއ. ހދ. ށ. އެ ތިން އަތޮޅުގައި މަސައްކަތްތައް ހިންގުމަށް ސިލްވަރމެއަރ ކިޔާ އެމެރިކާ ކުންފުންޏަކުން ވަނީ ޕްރޮޕޯޒަލް ހުށަހަޅާފައި. ސަރުކާރުން ގެންދަނީ އެކުންފުންޏާ ވާހަކަ ދައްކަމުން. 44 ރަށުގައި އެމަސައްކަތް ހިންގުމަށް އެކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައި އެބަވޭ. އެކުންފުނިން އެކަންކަން ހިންގުމަށް ފައިސާ ހޯދާނެގޮތާއި، އެފައިސާގެ ކަންކަމާ ގުޅޭގޮތުން އިތުރު ތަފްޞީލު ސަރުކާރަށް ބޭނުންވާތީވެ، އެ ތަފްޞީލުތަކާ ގުޅޭގޮތުން މިހާރު ސަރުކާރުންދަނީ އެކުންފުންޏާ ވާހަކަ ދައްކަމުން. އަދި އޭގެއިތުރުންވެސް، ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި ސަރުކާރަށް އެހެން ދެ ކުންފުންޏަކުން ޕްރޮޕޯޒަލްވަނީ ހުށަހަޅާފައި. އެކުންފުނިތަކާވެސް ސަރުކާރުން މިދަނީ ވާހަކަ ދައްކަމުން.

އެނގިވަޑައިގަންނަވާނެ، ގެދޮރު ޢިމާރާތް ކުރުމުގެ މަސައްކަތް. އެމަސައްކަތް ހިނގަމުންދިޔަ އުޞޫލުން ހިނގަމުންއައިސް، ބިޑް ކުރުމުގެ މަރްޙަލާ ނިމުނުއިރު، ފަސް ފަރާތަކުން މިވަނީ ޕްރޮޕޯޒަލް ހުށަހަޅާފައި. މުޅި ޖުމްލަ ގާތްގަނޑަކަށް އެ ފަސް ފަރާތުން ހުށަހަޅާ ހުރިހާ ގޭގެ ޢަދަދު 4000 ގެއާ ހަމައަށް، ޔުނިޓާ ހަމައަށްދޭ. މީގެތެރޭގައި އަޅުގަނޑުމެންނަށް އެންމެބޮޑަށް ފާހަގަވާ ދެތިން ކުންފުންޏެއް އެބަވޭ. އެއީ، ޚާއްޞަކޮށް، ޓާޓާ ކުންފުނި. 1000 ގެ އަޅައިދިނުމަށް ހުށަހަޅާފައި އެބަވޭ. އަދި އިނގިރޭސިވިލާތުގެ ކުންފުންޏަކުން 800 ގެއާއި، އަދި ސޮނޭވާފުށީގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކާ. ސޮނޭވާފުށިންވެސް ހުށަހަޅާފައި މިވަނީ ހަމަ އަޅުގަނޑުމެން އިއްލާނު ކުރި ހައުސިންގ ޕްރޮގްރާމްގެ ތެރޭގައި. އެ ހައުސިންގެ ކަންތައް އެގޮތަށް ކުރިއަށް ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިޢްލާނުކުރި ޢާންމު ކުރެވުނު އިޢްލާނާ ގުޅިގެން.

ގެތައް ޢިމާރާތް ކުރަން ފެށުމުގެ މަރްޙަލާއާ ހަމައަށް ދެވޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ ވަކި ތާރީޚެއް އެނގުމަކީ ވަރަށްގިނަ ބޭފުޅުން އެދޭ ކަމެއް. ވަރަށްގިނަ ފަރާތްތަކުން އަޅުގަނޑުމެންނަށް އެކަމަށް އެބަ މަޢްލޫމާތު އޮޅުންފިލުވުމަށް ނުވަތަ އެ ތާރީޚުތަކެއް އެނގުމަށް އެދޭ. އަޅުގަނޑު އަބަދުވެސް ދަންނަވަމުން މިގެންދަނީ، އެކަންކަން އަޅުގަނޑުމެން ގެންދަނީ ތަރުތީބަކުން ހިންގަމުންނޭ. ދެން މިހާރު އޮތީ އެފަރާތްތަކާއެކުގައި ކޮންޓްރެކްޓް ކުރުމުގެ މަރްޙަލާ. އިރާދަކުރެއްވިއްޔާ، ސެޕްޓެމްބަރު މަހުގެ ތެރޭގައި ނުވަތަ ކުރިއަށް މިއޮތް ހަނދުބަލާ މަހުގެ ފުރަތަމަ ހަފްތާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ފަސް ފަރާތާވެސް ކޮންޓްރެކްޓް ކުރެވޭ ހިސާބަށް ކަންތައްތައް ގެންދެވޭނެ.

ފެނާއި، ނަރުދަމާއާއި، ކަރަންޓްގެ ޚިދްމަތް ދިނުން، ސަރުކާރުން އެބަ ވިސްނާފައި، ޢާންމު ގޮތެއްގައި، ފުޅާ ވިސްނުމެއްގައި މިއޮތީ ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕްގެ އުޞޫލުން އެކަން ކުރުމަށް މަސައްކަތް ކުރަމުން ގެންދިޔުން. އެކަން އެހެން އަޅުގަނޑުމެން ސަރުކާރުން ހިންގަމުންދާއިރުގައި، ހަމައެއާއެކުގައި އެބަ ގެންދޭ، ސީދާ ލޯނު ނަގައިގެން، އެއީ ތަރައްޤީގެ ލޯން، ޑިވެލޮޕްމަންޓް ލޯން، އިންޓްރެސްޓް ކުޑަ އަދި ދިގު މުއްދަތުގައި ފައިސާ ދައްކަންޖެހޭ ބާވަތުގެ ލޯނު ނަގައިގެން، ސަރުކާރުން ފެނާއި ނަރުދަމާގެ މަސައްކަތް ހިންގުމުގެ މަޝްރޫޢުތަކެއްވެސް. އެހެންވީމާ، އަޅުގަނޑުމެންނަށް މިވަގުތު މިދެބާވަތުންވެސް މަސައްކަތްތައް ކުރިއަށް ގެންދެވޭނެތީވެ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މަސްތަކުގައި މިކަން ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ތެރެއިން ފާހަގަވެގެންދާނެ. ގެދޮރުގެ މަސައްކަތް މިގެންދެވެނީ ހަމައެކަނި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ތެރެއިން. އެކަން މިދެންނެވި ގޮތަށް ބެލިފައެއް ނެތް.

ހަމައެއާއެކުގައި، ރާއްޖޭގެ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ނުވަތަ އެންސްޕާ. އެންސްޕާއަކީ ހަމަ އަޅުގަނޑުމެންގެ ސަރުކާރުގެ، މި ސަރުކާރުގެ ވަރަށްބޮޑު ވަޢުދަކާ ގުޅޭ ވަރަށްގިނަ މަސައްކަތްތަކެއް ހިންގަމުން ގެންދާ ތަނެއް. ޚާއްޞަ ގޮތެއްގައި، މިހާރު އެ 65 އަހަރުން މަތީގެ ދޮށީ ޢުމުރުގެ ރައްޔިތުންނަށް، އެ ފޯރުކޮށްދޭ ޕެންޝަނާއި، އޭގެއިތުރުން، މިހާރު ފަށައިގަނެވިފައިވާ ”މަދަނަ“ ޕްރޮގްރާމް ނުވަތަ ހެލްތް އިންޝުއަރެންސްގެ އެހީގެ މަޝްރޫޢު. މި ޕްރޮގްރާމްގެ ތެރޭގައި، އަޅުގަނޑުމެން މި އުންމީދު މިކުރަނީ، ރާއްޖޭގެ ނިކަމެތި ގިނަ މީހުންނަށް ޞިއްޙީ ޚިދްމަތް، ޞިއްޙީ ބޭސްފަރުވާ ފަސޭހަކަމާއެކީގައި އަދި އެހެން ބައެއްގެ މައްޗަށް، އެހެން ފަރާތަކަށް ބަރޯސާ ކުރާން ނުޖެހި ލިބިގެންދާނެ އިންތިޒާމެއް، ގޮތެއް ހަމަޖެހިގެންދާނެ ކަމަށް. އެހެންވީމާ، މިހާރު މިދަނީ މަދަނައިގެ ކަންކަން ހިންގަމުން. މަދަނައިގެ ޕްރީމިއަމްގެ ދަށުން އެއްލައްކަ ރުފިޔާއާ ހަމައަށް ބޭސްފަރުވާ، ރައްޔިތުންނަށް ލިބޭނެ.

ހަމައެއާއެކީގައި، މަދަނައިގެ އިތުރުން، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަހުގެ ތެރޭގައި، ސަރުކާރުން އިތުރު ޚިދްމަތެއް، އިތުރު އެހީއެއް އަނެއްކާވެސް ލޯންޗް ކުރާނެ. އެއީ، ކަރަންޓްގެ ފީ ދެއްކުން ދަތިވާ ފަރާތްތަކަށް ފޯރުކޮށްދޭ އެހީ. އިރާދަކުރެއްވިއްޔާ، މިއަންނަ މަހުގެ ކަރަންޓް ބިލް ދެއްކޭއިރު، މިކަން ކޮންމެވެސް މިންވަރަކަށް ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. މިކަމުގައިވެސް އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް ފާހަގަކުރެއްވިފައިވާނެ. 65 އަހަރުން މަތީގެ، ދޮށީ ޢުމުރުގެ ރައްޔިތުންނަށް ޕެންޝަން އެރުވުނުއިރުގައި، ފުރަތަމަ ފަށައިގަނެވުނުއިރު އޭގައި އުނދަގޫތަކެއް ހުރި. އެހެންވީމާ، ދަތިތަކަކާވެސް ދިމާވި. އަދި ވަރަށްގިނަ ފާޑުކިޔުންތަކަކާވެސް ކުރިމަތިލާން ޖެހުނު. އަޅުގަނޑު އުންމީދު ކުރަން. ކަރަންޓްގެ އެހީދޭއިރުގައި، ކުރީގެ ތަޖުރިބާގެ އަލީގައި ބައެއް ކަންކަން ކުރެވިދާނެ ކަމަށް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، އެކަމުގައިވެސް އަޅުގަނޑުމެންނަށް ފުރަތަމަ ފަށައިގަންނައިރުގައި ދިމާވާ ދަތިތަކެއް ހުންނާނެއޭ، ތާށިތަކެއްވާނެއޭ، ރައްޔިތުންގެ ކެތްތެރިކަމާއި އަދި އެކަމަށް ވިސްނާވަޑައިގަތުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އެހެން ނަމަވެސް، އެ ޕްރޮގްރާމްގެ ދަށުން، މިދަންނަވާހެން ކަރަންޓް ބިލް ދެއްކުން ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ.

މީގެ ހަފްތާތަކެއް ކުރީގައި އަޅުގަނޑު ފާހަގަކުރިން. ދާދި އަވަހަށް އަޅުގަނޑުމެންނަށް ޑޮލަރުގެ ދަތިކަމުން އަރައިގަނެވިދާނެ ކަމަށް. އޭރުގައި ހަމަ އަޅުގަނޑު ދުށްގޮތަށް، އިރާދަކުރެއްވިއްޔާ، އެހެން ނަމަވެސް، އޭރުގައި އަޅުގަނޑުމެން ދުށް މުއްދަތުގެ ތެރެއަކު ނުވަތަ އެވަގުތުގެ ތެރެއަކު އެކަމެއް އެގޮތަކަށް ފަހިވެގެނެއްނުދިޔަ. އެހެން އެހެން ނުދިޔައީ ސަބަބުތަކެއް މެދުވެރިވެގެން. ޚާއްޞަކޮށް، ޓްރެޜަރީ ބޮންޑް ވިއްކައިގެން އަޅުގަނޑުމެން އެކަން ކުރަން މި ނިންމަނީ. ޓްރެޜަރީ ބޮންޑް ވިއްކައިގެން ކުރާއިރުގައި، ބޮޑު ޢަދަދެއްގެ ބޮންޑް، ޑޮލަރުގެ ބޮންޑެއް ބަޔަކު މީހުން، ޓްރެޜަރީއިން އަޅުގަނޑުމެންނަށް އޭގެ ބޮންޑެއްގެ ޓްރާންސްސެކްޝަން ހިންގުމަށް ބޭނުންވާ އެގްރީމަންޓާއި އަދި ބައެއް ގަވާއިދުތަކުގެ އޮނިގަނޑު ވަރަށް ބޮޑަށް ބަލާން ޖެހުނު. އަދި ވަރަށް ބޮޑަށް ފުރިހަމަވެފައި ހުންނާންޖެހޭ. މިދަންނަވާ ވާހަކައަކީ ބޮންޑެއް ވިއްކާފައި، އޭގެ ރަސީދު ލިޔަން އަޅުގަނޑުމެން އެބަ ފަރިތަވާންޖެހެއޭ. އަދި އެކަން ވަރަށް ރަނގަޅަށް ސާފުވާންޖެހެއޭ. މިކަންކަން މިހާރު ފިނޭންސުން ކުރައްވައި މިހާރު އެނިންމަވަނީ. އަޅުގަނޑުމެން މިދެކެނީ އަދިވެސް އަޅުގަނޑަށް މިހާރު މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ބޮންޑްގެ ހުރިހާ ކަމެއް ހަމަޖެހުމަށް އަދި 28 ދުވަސް ނުވަތަ މަހެއްހާ ދުވަސް ނަގާފާނެ ކަމަށް.

އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ، އައި.އެމް.އެފް.ގެ ސްޓޭންޑްބައި އެގްރީމަންޓެއްގެ ދަށުން ސަރުކާރު މިވަނީ އައި.އެމް.އެފް.އާ އެއްބަސްވުންތަކަކަށް އައިސްފައި. އައި.އެމް.އެފް.ގެ އެއްބަސްވުންތަކުގެ ތެރެއިން ސަރުކާރަށް ފުރްޞަތު ލިބިގެންދޭ، ފަހިވެގެންދޭ، އިތުރު ޑޮލަރު އަދި އިތުރު ލޯން އެހީއަށް ވަރަށް ކުޑަ އިންޓްރެސްޓްގައި ދިގު މުއްދަތުގައި ދައްކައި ޚަލާޞްކުރަންޖެހޭ ލޯނު އެހީއަށް. އެއީ، އައި.އެމް.އެފް.ގެ ޕްރޮގްރާމްގައި ބައިވެރިވީމާ، މަގުފަހިވެގެންދާ އިތުރު ކަންކަން. އެނގިވަޑައިގަންނަވާނެ، އެގޮތުން ވާރލްޑް ބޭންކަށް ސަރުކާރުގެ މާލީ ސިޔާސަތު އޮޅުންފިލުވައިދިނުމަށާއި، އަދި ސަރުކާރުން ވާރލްޑް ބޭންކަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތަފްޞީލު އެރުވުމަށްޓަކައި މިދިޔަ ހަފްތާގެ ތެރޭގައި ވާރލްޑް ބޭންކާއެކުގައި ރިޓްރީޓެއްވަނީ ކުރުނބާ ވިލެޖްގައި ބޭއްވިފައި. އަޅުގަނޑު މިފަހަރު ނިއުޔޯކަށް ކުރާ ދަތުރުގައި، އައި.އެމް.އެފް.ގެ ބޯޑާއި އަދި ވާރލްޑް ބޭންކުގެ އިސް ވެރިންނާއި، ބޯޑުގެ މެންބަރުންނާ އިރާދަކުރެއްވިއްޔާ ބައްދަލުވާނެ. ބައްދަލުވެގެން އަޅުގަނޑުމެންނަށް އަދި ހަމަ މެކްރޯ އިކޮނޮމިކް ނުވަތަ މާލީ ސިޔާސަތު، އިޤްތިޞާދީ ޙާލަތު، މިކަންކަމާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދެވޭނެ. އަޅުގަނޑު އުންމީދު މިކުރަނީ، އަހަރު ނިމޭއިރުގައި ބަޖެޓް ޑެފިސިޓްވާ މިންވަރުން ބޮޑު ބައެއް އަޅުގަނޑުމެންނަށް މި ސްޓޭންޑް ބައި އެގްރީމެންޓްގެ ތެރެއިންނާއި، އަދި އޭގެ ސަބަބުން ލިބޭ އެކިއެކި އެހީތެރިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އެކަންކަން ފޫބެއްދިގެންދާނެ ކަމަށް. އަޅުގަނޑުމެން މީގެކުރީގައި އިޤްތިޞާދު އޮވެދާނެ ކަމަށް ލަފާކުރި ގޮތަށްވުރެ މާބޮޑުތަނުން ރަނގަޅުވެ އުޖާލާވެދާނެ ކަމަށް މިހާރު އަޅުގަނޑުމެންނަށް ލަފާކުރެވޭ. ހަމައެއާއެކުގައި ފާހަގަކުރަން އެބަޖެހޭ، ޓޫރިސްޓުން އަންނަ ޢަދަދުވެސް މިއަހަރު މިމަހު މިދިޔައީ އިތުރުވެގެން. އެހެންވީމާ، ޑޮލަރުގެ ދަތިކަން އޭގެ ސަބަބުންވެސް ޙައްލުވެގެންދާ މިންވަރު ބޮޑުވެގެންދާނެ.

އަޅުގަނޑު ފާހަގަކުރިން. ނިއުޔޯކަށް މިކުރާ ދަތުރުގައި އެއީ، މައިގަނޑު ތިންކަމަކަށް، ތިން ބޭނުމަކަށް ކުރެވޭ ދަތުރެކޭ. އެއޯސީސްގެ ސަމިޓްގައި ބައިވެރިވުމަށާއި، ޔޫ.އެން. ކްލައިމެޓް ޗޭންޖް ސަމިޓުގައި ބައިވެރިވުމަށާއި، އަދި ޖެނެރަލް އެސެމްބްލީގައި އަޅުގަނޑުމެން ބައިވެރިވުމަށް. އެހެންވީމާ، އެކަންކަމަށްޓަކައި އަޅުގަނޑު މިދަނީ. އެނގިވަޑައިގަންނަވާނެ، މީގެ ދުވަސްކޮޅެއް ކުރީގައި މިދަތުރުކުރުމުގެ ފައިސާގެ ދަތިކަމެއް އަޅުގަނޑުމެންނަށް އުޅޭތީވެ، ދަތުރުގައި ނުދިއުމަށް އަޅުގަނޑުމެން ވިސްނަމުން ގެންދިޔައިން. އެހެންނަމަވެސް، މިހާރު އެކުވެރި ދައުލަތްތަކުގެ ކިތަންމެ ޤައުމަކުންނާއި ފަރާތްތަކަކުން އެހީތެރިކަން ފޯރުކޮށްދެވެން އޮތީމައާއި، ފޯރުކޮށްދެވިފައިވާތީވެ، އަޅުގަނޑުމެންނަށް މިދަތުރު ކުރަން މިނިންމުނީ. މިދަތުރަކީ މުހިންމު ދަތުރެއް. ކުރުން ކޮންމެހެންވެސް ބޭނުންތެރި ދަތުރެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރްޞަތު އަރުވާނަން.

މުޙަންމަދު ޞާދިޤު – ޓެލެވިޜަން މޯލްޑިވްސް:

މައިގަނޑު ގޮތެއްގައި މި ޖެނެރަލް އެސެމްބްލީގައި މަނިކުފާނުގެ ތަޤްރީރުގައި ކޮންކަހަލަ ކަންތައްތަކަކަށްތޯ އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާނީ؟ އަދި ޖަޒީރާ ޤައުމުތައް ގުޅިގެން އުފައްދާފައި މިއޮތް އެއޯސީސް ސަމިޓުގައި މަނިކުފާނު ވާހަކަފުޅު ދައްކަވާއިރު، މައިގަނޑު ގޮތެއްގައި ކޮންކޮން ކަންތައްތަކަކަށްތޯ އަލިއަޅުއްވާލައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އ.ދ.ގެ 64 ވަނަ ޖެނެރަލް އެސެމްބްލީ ބޭއްވޭއިރުގައި، ދުނިޔޭގެ ބައިނަލްއަޤްވާމީ ގުޅުމުގެ މަސްރަޙު ނުވަތަ ބައިނަލްއަޤްވާމީ ޤައުމުތަކުގެ ގުޅުމުގެ ކަންކަން މިހާރު މިހުރީ މީގެކުރީގައި ކަންކަން ދެކެވެމުން އަންނަ ގޮތްގޮތާ ވަރަށްބޮޑު ތަފާތު ދުރުމިއަކުން ކަންކަމާ ގުޅޭގޮތުން ބެލެން ފެށިފައި. ޚާއްޞަ ގޮތެއްގައި، މޫސުމަށް އަންނަ ބަދަލަކީ، ދިވެހިރާއްޖެއިން ވަކާލާތު ކުރަނީ، އަޅުގަނޑުމެން ވާހަކަ ދައްކަމުން މިއަންނަނީވެސް، މޫސުމާއި މޫސުމަށް އަންނަ ބަދަލާ ގުޅޭ ކަންކަމަކީ ހަމައެކަނި ތިމާވެށްޓާ ގުޅޭ ކަންކަމެއް ނޫނޭ. އެއީ، ނޭޝަނަލް ސެކިއުރިޓީއާއި އަދި ޢާންމު ޞިއްޙަތާއި އަދި އިންސާނީ ޙައްޤުތަކާ، މިކަންކަމާ ގުޅުންހުރި ކަމެކޭ. ދިވެހިރާއްޖެއަށް މިދިޔަ ދުވަސްކޮޅެއްގެ ތެރޭގައި މިވަނީ ބައިނަލްއަޤްވާމީ މަސްރަޙުގައި މަގާމެއް ހޯދިފައި. ޕޮޒިޝަނެއް އަޅުގަނޑުމެންނަށް ޤާއިމު ކުރެވިފައި. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެ ޕޮޒިޝަން ޤާއިމު ކުރުމަށް، އެ މަގާމު ހޯދުމަށްޓަކައި ޢާންމުކޮށް ހިންގަމުން އަންނަ އުޞޫލާ ޚިލާފަށް ބައެއް ކަންކަން ހިންގާފައިވާނެ. އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިފައިވާ މަގާމުގެ ބޭނުން އަޅުގަނޑުމެން ކޮށްގެން، ދިވެހިރާއްޖެއަށާއި އަދި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ގެއްލުންތައް ފޯރުވާ ޤައުމުތަކަށް ފައިދާކުރަނިވި ގޮތަކަށް އަޅުގަނޑުމެންގެ ވާހަކަ ދެއްކުން ނުވަތަ ވަކާލާތު ކުރުން އިރާދަކުރެއްވިއްޔާ ޖެނެރަލް އެސެމްބްލީގައި އަޅުގަނޑު ބަހައްޓާނަން.

ހަމައެއާއެކީގައި، އަޅުގަނޑުމެން ފާހަގަކުރާނަން، އެޑޮޕްޓޭޝަނަށް، ނުވަތަ މޫސުމަށް އަންނަ ބަދަލަށް އަޅުގަނޑުމެން އެޑޮޕްޓްވުމަށްޓަކައި، ބަދަލުވުމަށްޓަކައި، ހޭނުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއް ވަސީލަތޭ އެއީ ޑިމޮކްރަސީ. ޑިމޮކްރެޓިކް ނުވަތަ ހެޔޮވެރިކަމެއްގެ ނިޒާމެއްގެ ތެރެއިން ނޫނިއްޔާ މި މޫސުމަށް އަންނަ ބަދަލުތަކުން ޤައުމުތަކާ ދިމާވާނެ ކަންކަމަށް ހޭނުން އުނދަގޫވާނެ. އެޑޮޕްޓް ކުރުމަށް އަޅުގަނޑުމެންނަށް އުނދަގޫވެގެންދާނެ. އެހެންވީމާ، ޑިމޮކްރަސީއަށްޓަކައި މަސައްކަތް ކުރުމަކީ މުހިންމު ކަމެކޭ. އަޅުގަނޑު ބާރުއަޅާނަން ކޯޕަންހޭގަންގައި، ދެޑިގްރީއަށްވުރެ މައްޗަށް ދުނިޔޭގެ ހޫނުމިން މައްޗަށް ނުގެންދިއުމަށް އެއްބަސްވާންޖެހޭ ކަންކަމަށް އެއްބަސްވުމަށް ޤައުމުތަކުން ރުހުމަށް އަޅުގަނޑުމެން އެދޭނަން. ޚާއްޞަ ގޮތެއްގައި، ކްލައިމެޓް ޗޭންޖާ ގުޅޭގޮތުން އަޅުގަނޑު ވާހަކަ ދައްކާނަން. ހަމައެއާއެކުގައި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއާ ގުޅޭގޮތުން ވާހަކަ ދައްކާނަން. އަދި އިރާދަކުރެއްވިއްޔާ، ރާއްޖެއަށް މިއައި ބޮޑު ސިޔާސީ ބަދަލުގެ ކުޑަ ޚުލާޞާއެއްވެސް ޤައުމުތަކުގެ ވެރިންނަށް އެރުވޭތޯ އަޅުގަނޑު ބަލާނަން.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. މަނިކުފާނު ޢުޒުރުވެރިވެވަޑައިނުގަންނަވާ ކަމަށްވަންޏާމު. ފުރަތަމަ ސުވާލަކީ މަނިކުފާނު މިހާރު ކުރައްވަން ނިންމަވާ ދަތުރުފުޅަކީ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާމު، ދެންމެ މަނިކުފާނުވެސް ވިދާޅުވެއްޖެ، އެއީ، ކުރިން ކެންސަލް ކުރައްވާފައި، ފަހުން އެހެން ނަމަވެސް، ސްޕޮންސަރުންގެ އެހީއާއެކު އަލުން ދަތުރުކުރައްވަން ނިންމެވީ ކަމަށް. އަޅުގަނޑަށް ވިދާޅުވެދެއްވަފާނަންތޯ، އެ ސްޕޮންސަރުންނަކީ ކޮންބައެއްތޯ؟ އަދި މަނިކުފާނުގެ އަރިހުގައި މި އިޤްތިޞާދު ދަތި ދުވަސްވަރެއްގައި ވަޑައިގަންނަވާާ ވަފްދުގައި ކިތައް ބޭފުޅުން ހިމެނިވަޑައިގަންނަވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ޝުކުރިއްޔާ! އަޅުގަނޑާ އެކުގައި މިބައްދަލުވުމުގައި މި ބައިވެރިވަނީ، ޑޮކްޓަރ ޝަހީދު ފޮރިން މިނިސްޓަރ. އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ. އަދި އަޅުގަނޑުމެން އޮފީހުގެ މުޙަންމަދު ޒިޔާދު އެގްޒެކެޓިވް ސަރވިސަސް ސެކްރެޓަރީ. އަދި ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލް އަޙްމަދު ރަޝީދު. އަދި ޢާޒިމް ޒާހިރު ޑެޕިއުޓީ ޑިރެކްޓަރ އެއީ، ރައީސް އޮފީހުގެ. އަދި އޭގެއިތުރުން، އެމް.އެން.ޑީ.އެފް.ގެ ދެއޮފިސަރުން. އެއީ، އަޅުގަނޑުމެންގެ ވަފްދުގައި މިބައިވެރިވަނީ މުޅި ޖުމްލަ 7 ބޭފުޅުން. ދެން މިއަށްވުރެ އަޅުގަނޑުމެންނަކަށް ނުފެނުނު ކުޑަކޮށްގެން މިކަން ކުރެވޭނެ ގޮތެއް. އަޅުގަނޑުމެންނަށް އެހީތެރިވެދީފައި އެބަހުރި ވަރަށްގިނަ ޤައުމުތަކުން. އިނގިރޭސިވިލާތުންވެސް، ޑެންމާކުންވެސް، އަދި ޖަޕާން އެމްބެސެޑަރވެސް ވިދާޅުވި. އެހެންވީމާ، ދަތުރުގެ ޚަރަދު އެހެން ބަލާއިރުގައި އަޅުގަނޑުމެންނަށް އޮތީ މާރަނގަޅަށް ލިބިފައި. ޚަރަދުގެ މައްސަލައެއް ނެތް.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ގާތްގަނޑަކަށް ކިހާވަރެއް މިދަތުރަށް ޚަރަދުވޭތޯ؟ މިދެންނެވީ ދައުލަތުގެ ބަޖެޓުން އެއްވެސް އެއްޗެއްލާފައިތޯ ނިމިފައިއޮތީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ނޫން. ދައުލަތުގެ ބަޖެޓަކުން އިރާދަކުރެއްވިއްޔާ މިދަތުރަށް އެއްވެސް އެއްޗެއް ދާނެ ކަމަކަށް، މިސާލަކަށް މިދަތުރަށް ދޭންޖެހޭ ޕްރެސް ކޮންފަރެންސެއް މިއީ. މިހާރު ޚަރަދު ހިނގަމުން މިދަނީ ދައުލަތުން އިނގޭތޯ. އެހެންވީމާ، ވަރަށް އުނދަގޫވާނެ ރައީސުލްޖުމްހޫރިއްޔާއަކު އެދަތުރެއް ކުރާއިރުގައި، އޭގެތެރޭގައި ދައުލަތުގެ ޚަރަދު ހިމެނެނީ ކިހާ މިންވަރަކަށްތޯ. އެކަމަކު މައިގަނޑު ޚަރަދު، ދަތުރުގެ ޚަރަދު، ދިއުމުގެ ޚަރަދު، ހުރުމުގެ ޚަރަދު. މައިގަނޑު ޚަރަދުތައް މިހުރީ އެކިއެކި ފަރާތްތަކުން ހޯދިފައި. އަދި ފާހަގަކުރަން ބޭނުން އިނގޭތޯ. ދިވެހި ސަރުކާރުން މުހިންމު ކަންކަމަށް ޚަރަދު ކުރުން ހުއްޓާލާކަށް ޤަޞްދެއްވެސް ނުކުރަން. އަދި ހަމައެއާއެކުގައި އަޅުގަނޑުމެންނަށް މިދަންނަވާހެން އައި.އެމް.އެފް.ގެ އެގްރީމަންޓާއެކީގައި ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެހެން ދައްކަންޖެހޭ ވާހަކަތަކެއްވެސް އެބަހުރި. އަދި ވާންޖެހޭ ބައްދަލުވުންތަކެއްވެސް އެބަހުރި. އެހެންވީމާ، މިދަތުރު އަޅުގަނޑުމެން މިކުރަނީ އެކަމުގެ މުހިންމުކަން ރަނގަޅަށް ވިސްނިގެން.

އިބްރާހީމް މުޙަންމަދު – ދަ ވޮއިސް:

މަނިކުފާނުގެ މިދަތުރުގައި މައިގަނޑު ގޮތެއްގައި ތިމާވެށީގެ ކޮންކަހަލަ މައްސަލަތަކަކާ ބެހޭގޮތުންތޯ ވާހަކަ ދައްކަވާނީ؟ ދެން އޭގެއިތުރަށް މިދަތުރުގެ ސަބަބުން ކޮންކަހަލަ ނަތީޖާއެއް، ނޫނިއްޔާ ރާއްޖެއަށް ކޮންކަހަލަ ފައިދާތަކެއްތޯ ކުރިމަތިވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންނަށް ވަރަށްގިނަ ފުރްޞަތުތައް މިދަތުރުގައި އެބަ ލިބޭ އިނގޭތޯ. ފުރަތަމަ އެބައޮތް،ޔޫ.އެން. ކްލައިމެޓް ގްރޫޕް. ކްލައިމެޓް ގްރޫޕަކީ ޓޯނީ ބްލެއަރއާއި، އަދި ބޭފުޅުންކޮޅެއް އިސްނަންގަވައިގެން ގެންގުޅުއްވާ ގްރޫޕެއް. އެ ގްރޫޕްގެ ހަފްތާއެއް ހަމައެކީގައި ފެށުން އެބައޮތް. އޭގެތެރޭގައި އަޅުގަނޑުމެންނަށް، ދިވެހިރާއްޖެއަށް މިކަމުގެ ސަބަބުން ދިމާވާނެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކައި، ރާއްޖެއަށް އޭގެ އެހީއާއި، ފައިދާ ހޯދޭނެ އިރާދަކުރެއްވިއްޔާ. މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ދައްކަން އޮތް އެންމެ މުހިންމު އެއްވާހަކައަކީ، އެޑޮޕްޓޭޝަން ޕްރޮގްރާމް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭނެ ގެއްލުންތައް ތަޙައްމަލް ކުރުމަށް ހިނގާނެ ޚަރަދުތައް ކޮންމެވެސް ގޮތަކަށް އަޅުގަނޑުމެންނަށް އެކަމުގައި އެހީތެރިވެވޭނެ ފަރާތްތަކެއް ހޯދުން. އަދި ލިބޭނެ ގެއްލުންތައް މިނުމަށާއި، އެކަންކަމުގެ ދިރާސާތައް ކުރުމަށްވެސް އަޅުގަނޑުމެންނަށް ލިބެންހުރި އެހީތެރިކަމެއް ހޯދުން.

އެނގިވަޑައިގަންނަވާނެ، އެންމެ ބޮޑަށް ފާހަގަވެފައިވާ ބަދަލަކީ ރަށް ގިރުމާ، އެހެންވީމާ ރިވެޓްމަންޓް ހެދުން. އެއްގަމުތޮށި އެޅުން. ބަނދަރު ހެދުން. މިކަންކަން ރަނގަޅަށް ކުރާއިރުގައި ހަމަ އެކަށީގެންވާ އަގެއް އެބަދޭ. މިސާލަކަށް، ފުވައްމުލަކުގެ ގިރާ ސަރަޙައްދު އެކަނި ހެދުމަށްވެސް އެބަދޭ ސާޅީސް މިލިއަނެއްހާ ޑޮލަރު. ހަމައެއާއެކީގައި، ތުޅާދޫގައި މިސާލަކަށް އެ ގިރާ ސަރަޙައްދު ހަދަންވިޔަސްވެސް، އަދި ގިނަ ރަށްރަށުގެ ގިރާ މައްސަލަ. ތޮށިލުމަށްޓަކައި ހަމަ އެންމެ ރަށެއްވެސް ނެތް. މަދުވެގެން އެންމެ ކުޑަކުޑަ ރަށުގައިވެސް ދެމިލިއަން، އެއްމިލިއަން ޑޮލަރަށް ނޫން ގޮތަކަށް މިކަންވާކަށް. އެހެންވީމާ، މިކަމަކީ ވަރަށް ޚަރަދު ބޮޑު ކަމަކަށްވެގެންދާއިރުގައި އަޅުގަނޑުމެން މިދެކެނީ، ޤައުމުތަކުން ދިވެހިރާއްޖެއަށް މިކަންކަން ހިންގައިދިނުމަށް އެހީތެރިވެދިނުމަކީ ނެތް ކަމެއް ނޫންކަމަށް. އެހެންވީމާ، އެއިން އަޅުގަނޑުމެންނަށް އެހީތެރިކަންލިބޭނެ.

ހަމައެއާއެކީގައި، މިހާރު އެބަ ފާހަގަވޭ އިނގޭތޯ. ބައެއް ބާވަތުގެ ރޯގާތަކާއި ބަލިމަޑުކަން، މި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން އިތުރުވަމުންދާކަން. އެހެންވީމާ، އެކަންކަމާ ގުޅޭގޮތުންވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ހޯދުމާއި، މަޝްވަރާއާއި ލަފާ ލިބުމާ، މިވާހަކަތައް އަޅުގަނޑުމެންނަށް މިދަތުރުގެ ތެރޭގައި ދެކެވިގެންދާނެ.

ޢަބްދުﷲ ސަޢީދު – އެ ސަންދާން:

ދެންމެ މަނިކުފާނު ފާހަގަކުރައްވައިފި. ރާއްޖެއަކީ ތިމާވެށީގެ ގޮތުން ކާމިޔާބުތަކެއް ޙާޞިލުކޮށްފައި އޮތް ޤައުމެއް ކަމަށް. އެއީ ފަހަރެއްގައި ވެދާނެ ބައިނަލްއަޤްވާމީ ސަމާލުކަމަށް ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން އައިސްފައި އޮތުން ކަމަށް. ދެން އަޅުގަނޑުގެ ސުވާލަކީ، މާޒީވެދިޔަ ދައުރުގައި ނުވަތަ މިވޭތުވެދިޔަ މާޒީގައި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ރަށްރަށް ގިރުމާއި މިކަހަލަ ކަންތައްތަކަށް ކިހާވަރެއްގެ އެހީތަކެއް ލިބިފައި އެބަހުރިތޯ؟ ކިހާވަރެއްގެ ކުރިއެރުމެއް ލިބިފައި އެބަހުރިތޯ؟ ދެން ރާއްޖޭގެ ކުރިމަގު، ތިމާވެށީގެ ގޮތުން މަނިކުފާނު ތަޞައްވުރު ކުރައްވާ ގޮތަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މީގެކުރީގައިވެސް އިނގޭތޯ މަސައްކަތްތަކެއް ހުރީ ކުރެވިފައި. އެހެން ނަމަވެސް، ކަނޑައެޅިގެން ރަނގަޅު ޕްރޮގްރާމްތަކެއްވެސް ހުރި ރޭވިފައި ކޮންމެވެސް މިންވަރަކަށް. އެ ޕްރޮގްރާމްތައް އިމްޕްލިމެންޓް ނުކުރެވިފައި ތަންފީޒު ކުރަން ނުފެށިފައި ހުންނަނީ އެއާ ގުޅުންހުރި ބައިވަރު އެހެން ކަންކަން ހުރެގެން. ޤައުމުތަކުގެ ރަޙްމަތްތެރިންގެ ގޮތުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި މިއުޅެވެނީ، އެހެން ޤައުމުތައްވެސް ގަބޫލުކުރާ ހަމަތައް، ހުރިހާ ޤައުމެއްވެސް ގަބޫލުކުރާ ހަމަތަކުގައި އަޅުގަނޑުމެންނަށް އުޅެވުނީމާ. އެއްބަޔަކު ޑިމޮކްރަސީއަށް ނުވަތަ ޕާޓީ ސިސްޓަމަށް ޖާގަ ނުދީ، ނޫސްވެރިކަމަށް ޚިޔާލު ފާޅުކުރުމަށް ޖާގަނުދީ އުޅެން ފެށީމާ ވަރަށް ދަތިވޭ އެހެން ޤައުމުތަކާއެކީގައި އުޅެން. އެހެންވީމާ، ކުރީގައި ރާއްޖޭގެ ސިޔާސީ ނިޒާމާއި، ސިޔާސީ މަސްރަޙާއި، ވެރިކަން ހިނގަމުން އައި ގޮތުގެ ސަބަބުން، އަޅުގަނޑުމެންނަށް އޮތީ މިކަންކަމަށް ހުޅުވުން ނުލިބިފައި. މިހާރު އަޅުގަނޑުމެންނަށް މި އައިސް މިގެނެވިފައިމިވާ ބަދަލުތަކާ ގުޅިގެން މިއޮތީ ވަރަށް ބޮޑަށް ހުޅުވިފައި. އެހެންވީމާ، ލިބޭ އެހީތެރިކަން އެތައް ގުނައަކުން، އެތައް ތަނަކުން އިތުރުވެގެން އިރާދަކުރެއްވިއްޔާ އެބަދޭ، ދާނެ.

ޢަބްދުﷲ ޔާމީން – ދި އެފް.އެމް:

އަޅުގަނޑުގެ ސުވާލަކީ ދެން މިހާރު އައި.އެމް.އެފް.އާ ދެމެދު ސަރުކާރާ ދެމެދު ވާހަކަ ދެއްކުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބޭ. އެހެންވީމާ، މިހާތަނަށް އެއްވެސް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވޭތޯ. އެހެން ކަމަށްވާނަމަ، އޭގެ ޖުމްލަ ފައިސާގެ ޢަދަދަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ސްޓާފް ލެވެލް އެގްރީމަންޓެއް އެބައޮތް. ސްޓާފް ލެވެލް އެގްރީމަންޓްގެ ޖުމްލަ ޢަދަދަކީ އޭރު އެއްބަސްވެފައިވާ ޢަދަދަކީ ފަސްދޮޅަސް މިލިއަން. މިހާރު އޭގެއިތުރަށް، އަޅުގަނޑުމެންނަށް އެ ޢަދަދު ސަތޭކަ މިލިއަނާއި ސަތޭކަ ވިހި މިލިއަނާ ދެމެދަށް ކުރިއަށް މައްޗަށް ގެންދެވޭނެ ކަމަށް ދެކި މި ކުރިއަށް މިދަނީ.

އަޙްމަދު މުޙްސިން – ޓީ.ވީ.އެމް:

އަޅުގަނޑު ސުވާލު ތަންކޮޅެއް ދަތުރާ ދުރު ސުވާލެއްގެ ގޮތުގައި މިއޮތީ. އަޅުގަނޑުގެ ސުވާލަކީ މި ފަހަކަށްއައިސް މަނިކުފާނު ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވާ ކަމެއް މިއީ، ސިވިލް ސަރވިސް މަދުކުރާ ވާހަކައެއް ދައްކަވާ. ދެން އިދިކޮޅު ފަރާތްތަކުންވެސް އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ކަމެއްގެ ގޮތުގައި މިކަން މިއޮތީ. ކިހާވަރަކަށްތޯ ސިވިލް ސަރވިސްއިން ކަނޑާލާ ނޫނިއްޔާ އުނިކުރާ މީހުންގެ ޙައްޤުތަކާމެދު ތިޔަބޭފުޅާ މަސައްކަތް ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންގެ އެބައޮތް ވަރަށްބޮޑު ވަރަށް ރަނގަޅު ޕްރޮގްރާމެއް އިނގޭތޯ. އެއީ, ސިވިލް ސަރވިސްއިން ވަކިވާ ބޭފުޅުންނަށް އެބަ އަރުވަން ތިން ފުރްޞަތެއް. އަދި ހަތަރުވަނަ ފުރްޞަތެއް ހުރިހާ ބޭފުޅުންނަށް އެބައޮތް ޖުމްލަކޮށް އޮންނަ. އެއީ ރިޑަންޑަންސީ ފައިސާގެ ގޮތުގައި ޖުމްލަކޮށް ލިބޭ ފައިސާގެ ޢަދަދެއް. އެއީ ތިންމަސް ދުވަހުގެ މުސާރައާ އެކުގައިދާ ޢަދަދެއް.

ހަމަ އޭގެއިތުރުން، އަޅުގަނޑުމެން ކޮންމެ ބޭފުޅަކަށްވެސް އެބަ ފުރްޞަތު އަރުވަން. އަލުން އަނބުރާ ތަމްރީނު ލިބިގެން، އަލުން އަނބުރާ ހުނަރެއް ލިބިގެން އެހެން ވަޒީފާއަކަށް ބަދަލުވުމުގެ ފުރްޞަތު. ހަމައެއާއެކީގައި އެބަ އަރުވަން. ސްޓޫޑަންޓް ލޯނެއް. ކިޔަވަންދާން ބޭނުންވާ ބޭފުޅުންނަށް ފަންސާސްހާސް ޑޮލަރުގެ އިނގޭތޯ. މާފުކުރައްވާ! ފަސްލައްކަ ރުފިޔާއާ ހަމައަށް އޮންނަ ސްޓޫޑަންޓް ލޯނެއް އަޅުގަނޑުމެން އެބަ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. ހަމައެހެންމެ، އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށްވެސް ހަމަ އެޢަދަދުގެ ކުޑަ ލޯނެއް ހަމަޖެއްސޭނެ ގޮތްތަކެއް އަޅުގަނޑުމެން މިދަނީ އިންތިޒާމު ކުރަމުން. އެ މަސައްކަތްތައް ވާރލްޑް ބޭންކާ އެކީގައި އަޅުގަނޑުމެން ވެވޭ އެއްބަސްވުންތަކުގައި ހަމަޖެހިގެންދާނެ. އަދި އައި.އެމް.އެފް.އާ އެކީގައި އެފެށޭ އެއްބަސްވުންތަކުގައިވެސް ހަމަޖެހިގެންދާނެ. އަޅުގަނޑުމެން ރިޑަންޑަންސީ ޕްރޮގްރާމަކާ އެކީގައި ކުރިއަށްދާން އެއްބަސް މިވަނީ، މިދަންނަވާހެން ސަލާމަތުގެ ހުރިހާ ފިޔަވަޅެއް އެޅުމަށްފަހުގައި. އެއީ، އަޅުގަނޑުމެން މިދެކޭ ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ނުވަތަ ސޭފްޓީ ނެޓް. އެކަންކަން ހަމަޖެއްސުމަށްޓަކައި އެންސްޕާއިން ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއިން ހިންގަންޖެހޭ ހުރިހާ ކަމެއް ހިންގުމަށްފަހުގައި، އަޅުގަނޑުމެން އެމަސައްކަތުގެ ތެރެއަށް ދާނީ.

އަޙްމަދު މުޙްސިން – ޓީ.ވީ.އެމް:

ކިހާވަރެއްގެ ޔަޤީންކަމެއް ދެއްވިދާނެތޯ؟ ސިވިލް ސަރވިސްއިން އުނިކުރާ ފަރާތްތަކަށް ދެރަގޮތެއް ނުވާނެކަމުގެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަށް ހަމަ ވަރަށް ޔަޤީން ކަށަވަރު، އެއިން އެއްވެސް ބޭފުޅަކަށް ދެރަގޮތެއް ނުވާނެ ކަން. އެއީ އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން މިގެންދަނީ، ސިވިލް ސަރވިސްއިން ވަކިވާ އެއްވެސް ބޭފުޅަކަށް ކުޑަ ދެރައެއްވެސް އިރާދަކުރެއްވިއްޔާ ނުވާނެ. މިހާރު އެބޭފުޅުންނަށް ލިބޭ ފުރްޞަތުތަކަށްވުރެ މާ ފަހި ފުރްޞަތުތަކެއް އިރާދަކުރެއްވިއްޔާ އެބޭފުޅުންނަށް ހުޅުވިގެންދާނެ. ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ!

އިބްރާހީމް މުޙަންމަދު – ދަ ވޮއިސް:

ކުރީގެ ސަރުކާރުންވެސް އިންޓަރނޭޝަނަލް ލެވެލްގައި، ކްލައިމެޓް ޗޭންޖްގެ މިވާހަކަ ވަރަށް ބޮޑަށް މިވަނީ ދައްކާފައި. ނޭޝަނަލް ލެވެލްގައި ކުރީގެ ސަރުކާރުން ކުރި މަސައްކަތްތަކާމެދު މަނިކުފާނުގެ ކޮމެންޓަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެނގިވަޑައިގަންނަވާނެ ދެން އަޅުގަނޑުމެންނަކަށް އެހާ ބައިވަރު ވަގުތެއްވެސް ނެތް މިހާރަކު ކުރީ ސަރުކާރުގެ ވާހަކަތައް ދައްކާކަށް. އަޅުގަނޑުމެންގެ ޕްރޮގްރާމެއް އެބައޮތް. އަޅުގަނޑުމެންގެ އިޤްތިޞާދީ ޕްރޮގްރާމެއްވެސް، މާލީ ޕްރޮގްރާމެއްވެސް، އިޖްތިމާޢީ ޕްރޮގްރާމެއްވެސް، އަޅުގަނޑުމެންގެ ޕްރޮގްރާމެއް އެބައޮތް. މި ސަރުކާރުގެ އަމާޒަކީ، މި ސަރުކާރުގެ މަޤްޞަދަކީ އެ ޕްރޮގްރާމައިގެން ކުރިއަށް ދިއުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އަޅުގަނޑުމެން ފުއްދައިދޭނަން. އަޅުގަނޑުމެން މިއެދޭ ”އަނެއް ދިވެހިރާއްޖެ“ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަނެއްކާވެސް ހަމަ އެންމެހާ ބޭފުޅުންނަށް ޢީދުގެ އެންމެހާ ހެޔޮދުޢާ ތަހުނިޔާތައް ރައްދުކުރަން. والحمد للّـه.


_______________________