بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޝަރީޢަތުގެ ދާއިރާގެ އެންމެހާ ފަނޑިޔާރުންނާއި ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ރާއްޖޭގެ ނައިބު ރައީސް އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

މިރެއަކީ އުއްތަމަ ފަނޑިޔާރު ދެންމެ ފާހަގަކުރެއްވި ފަދައިން ހަމަގައިމުވެސް ކަށަވަރުންވެސް އުފާވެރި ރެއެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ވެރިކަމުގެ ބާރުން، ވެރިކަމުގެ ނުފޫޒުން ވީއްލި މިނިވަން ގޮތުގައި ފަނޑިޔާރުގެއެއް ހިންގާން ފެށުނުތާ މިރެއަށް ޙަޤީޤަތުގައި އަހަރެއް މިވީ. އަޅުގަނޑަށް ވަރަށް ކެރިހުރެ ދަންނަވަން ކެރިދާނެ. މި ރާއްޖޭގެ ޙަޔާތުގައި މީގެކުރިއަކު މިބާވަތުގެ އެއްއަހަރު ހިނގާފައެއް ނުވާނެ. ވެރިކަމުގެ ފަރާތުން ފަނޑިޔާރު މަނިކުފާނުގެ މައްޗަށް ބާރު ނުފޯރުވިދިޔަ އެއްއަހަރެއް އަޅުގަނޑު ނުދަންނަވާނަން، މިރާއްޖޭގެ ޙަޔާތް މީގެކުރީގައި ދެކެފައި އޮވެދާނެ ކަމަކަށް. ތެދުފުޅެއް، ރާއްޖޭގައި ޝަރީޢަތް ހިންގުމުގެ ބާރާއި، އޭގެ އިންތިޒާމާއި ނިޒާމު މީގެކުރީގައިވެސް އޮތީ ވަކިވެފައި. ވެރިކަމުގެ ތެރޭގައި ދާދިފަހުން އަޅުގަނޑުމެން މިދުށް ފަދައިން މަސްހުނިވެ ލާމެހިފައެއް ނޫން. ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ، އުއްތަމަ ފަނޑިޔާރު މަނިކުފާނަކީ، ރަދުންގެ އެންމެހާ ބާރުތަކުން ނުވަތަ ރަދުންގެ ކިލެގޭ ބޭފުޅުންގެ ތެރެއިން ބޭފުޅެއްގެ ގޮތުގައި ސީދާ ގޮތުގައި އިންނަވާ ބޭފުޅެއް ނޫން. ފަނޑިޔާރު މަނިކުފާނަކީ ވަކި ބާރެއް. ފެށުނީއްސުރެ ފަށައިގެންވެސް އެކަން އޮތީ އެގޮތަށް. އެހެންނަމަވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި، ޝަރީޢަތުގެ ދާއިރާ ދިވެހިންގެ ތެރޭގައި ހިންގާފައި އޮތީ، ސީދާ މިވެނި ގޮތަކަށޭ ދަންނަވަން ދަތިވާނެ. އެކިދުވަސްވަރު އެކަން ކުރެވިފައި ހުރީ އެކިގޮތަށްކަމުން.

މިދިޔަ އެއްހާސް އަހަރުގެ ތެރޭގައި ރާއްޖެ ދެކެފި، ވަރަށް ކުޅަދާނަ، ޤާބިލު، އިންޞާފުވެރި އަދި ދިވެހި ޤައުމަށް، މިދައުލަތަށް، މި ރާއްޖެއަށް ނުހަނު ޚިދްމަތް ކުރެއްވި ފަނޑިޔާރު މަނިކުފާނުން. އަޅުގަނޑު، އަޅުގަނޑުމެން އެފަދަ ބޭފުޅުންގެ ނަންތައް ޒަމާނުއްސުރެ ފެށިގެން ފާހަގަކުރަމުން އެބަ އަންނަން. އަޅުގަނޑު މިރޭ އެންމެ ފުޅާކޮށް، އެންމެ ފުންކޮށް އަދި ޚާއްޞަ ގޮތެއްގައި ފާހަގަކުރަން ބޭނުން، ވާދޫ ދަންނަ ކަލޭގެފާނު، ޝައިޚު މުޙަންމަދު ޖަމާލުއްދީން. އެނގިވަޑައިގަންނަވާނެ، ބޮޑުތަކުރުފާނު ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށް ވެއްޓުނުހިނދު، އޭރު ހުންނެވި ފަނޑިޔާރު މަނިކުފާނު ރާއްޖެ ދޫކޮށް ފުރާވަޑައިގެންނެވި. ހަދަރުމަތުގައި 30 އަހަރު އުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތީ ބޮޑުތަކުރުފާނުގެ ރަސްކަމުގައި. އެރަސްކަމުގައި ފުރަތަމަފަހަރަށް އެ ފަނޑިޔާރު މަނިކުފާނުގެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންގެ ބަހަށާއި، އަދި އަޅުގަނޑުމެން ރާއްޖޭގައި ކަންކަން ކުރަމުން އައި ގޮތްތަކަށް ނުހަނު ބޮޑެތި ބަދަލު އައިސްގެންދިޔަ. ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން ޝަރީޢަތް ކުރެވެމުން އައިގޮތް، 18 ވަރަކަށް އަހަރަށް މެދުކެނޑިގެން ދިޔުމަށްފަހު، އަލުން އަނބުރާ ދިވެހިން ކުރީގައިވެސް އެކަން ކުރަމުން އައިގޮތަށް އަނެއްކާވެސް ކުރާން ފެށުނުއިރު، އެކަން މިފަހަރު ކުރާން ފެށުނީ ޝައިޚު މުޙަންމަދު ޖަމާލުއްދީން 30 އަހަރު ރާއްޖެއިން ބޭރުގައި އުޅުއްވި އުޅުއްވުމުގައި ލިބިވަޑައިގެންނެވި ވަރަށްގިނަ މަޢްލޫމާތާއި ޢިލްމުގެ އަލީގައި. ބައެއް ޢިލްމުވެރިން، ބައެއް ލިޔުންތެރިން ފާހަގަކުރާ ގޮތުގައި، ތާނަ އަކުރު އުފެދިގެން އައީވެސް މިދުވަސްވަރު. ޝައިޚު މުޙަންމަދު ޖަމާލުއްދީންގެ ފަނޑިޔާރު މަނިކުފާނު ކަމުގެ ޒަމާނުގައި އެދުވަސްވަރުގައި.

އަޅުގަނޑުމެންގެ ރާއްޖޭގެ ޙަޔާތުގައި ފަނޑިޔާރުކަން ވަކި ބާރެއްގެ ގޮތުގައި ފާހަގަވެފައި އޮތްކަމުގައި ވިޔަސްވެސް، އަޅުގަނޑު ފެށުނީއްސުރެ ފަށައިގެން އެންމެ ފުރަތަމަވެސް ފާހަގަކުރި ފަދައިން، އަޅުގަނޑެއް ނުދެކެން އަދި އަޅުގަނޑު ހިތުން ރަނގަޅު ތާރީޚީ ދިރާސާއަކަށް ވަޑައިގެންފި އެއްވެސް ބޭފުޅެއް ވިދާޅެއްނުވާނެ، ވެރިކަމުގެ ބާރު ފަނޑިޔާރު މަނިކުފާނު އެޒަމާނުގައިވެސް ވީއްލި ހުންނެވި ކަމަކަށް. ވާދޫ ދަންނަ ކަލޭގެފާނު އަލުން އެނބުރި ވާދުއަށް ވަޑައިގަތީ، ފަނޑިޔާރުކަން ދޫކުރައްވައި ވެރިކަމުގެ ބާރުން އެއްކިބާވެވަޑައިނުގެންނެވުތީވެ. އެހެންވީމާ، ޙަޔާތުގެ ދެން ބާކީއޮތް ދުވަސްކޮޅު ހޭދަކުރެއްވީ ވާދޫގައި.

އަޅުގަނޑުމެންނަށް މިދެންނެވި އުޞޫލުން ރާއްޖޭގައި ޝަރީޢަތުގެ ކަންކަން ހިނގަމުން އައިސް ފުރަތަމަ ޤާނޫނުއަސާސީ ލިބުމާއެކުގައި ބާރުތައް ވަކިކުރުމުގެ ފިކުރު އޭގެކުރީގައި އޮތް މިންވަރަށްވުރެ މާބޮޑަށް އަނެއްކާވެސް ދިވެހިންގެ ތެރޭގައި ފާހަގަވާން ފެށި. 1930ގެ އަހަރުތަކުގައި މިކަން އަދި އިތުރަށް ފުޅާވެގެންދިޔައީ އޭރު ރާއްޖެއިން ބޭރުން ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވި ބައެއް ޒުވާން ބޭފުޅުންގެ ޖޯޝާއި، ބައެއް ޒުވާން ބޭފުޅުންގެ ފިކުރުފުޅާއި ޚިޔާލުފުޅާއެކުގައި. ޚާއްޞަ ގޮތެއްގައި ދެ ފަރީދާއި އަމީން. މުޙަންމަދު އަމީނާއި، ޙަސަން ފަރީދާއި، މުޙަންމަދު ފަރީދު. މި އެންމެ ބޭފުޅުން ރާއްޖެއިން ބޭރުގައި، ސިލޯނުގައި ކިޔަވާ ވިދާޅުވާން، ބައެއް ބޭފުޅުން އިންޑިއާގައި ކިޔަވާ ވިދާޅުވުމަށްފަހުގައި ރާއްޖެ ވަޑައިގެންނެވިއިރުގައި މާކުރިއްސުރެ ފަށައިގެން ރާއްޖޭގައި އެކަން ކުރަމުން އައި ގޮތަށް ފަނޑިޔާރުކަން ކުރައްވަމުން ވަޑައިގެންނެވި އެއްބޭފުޅެއް، އޭރުގައި ހުންނެވީ ޞަލާޙުއްދީން. ދަރަވަންދޫގޭ ޙުސައިން ޞަލާޙުއްދީން. އެބޭފުޅާގެ ފަނޑިޔާރު ކަމުގައި ރާއްޖެ ފުރަތަމަ ޤާނޫނުއަސާސީއެއް ދުށީ. ޙަޤީޤަތުގައި އެޤާނޫނުއަސާސީ އެކުލަވާލުމުގެ އެންމެހާ ކަންކަމުގައި އެންމެ ޙަރަކާތްތެރިވެ އަދި އެ ޤާނޫނުއަސާސީ ނުކުތުމުގެ އުފެދުމުގެ އެންމެބޮޑު ބާރަކީ ޞަލާޙުއްދީން، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު.

މިއަދު އަޅުގަނޑުމެންނަށް އެކުލަވާލެވިފައިމިވާ ފަނޑިޔާރުގެ ނުވަތަ ސުޕްރީމް ކޯޓު މިނިވަންގޮތުގައި އެކުލަވާލެވިފައި މިވަނީ، އަޅުގަނޑުމެން މީގެކުރީގައި 1997 ވަނަ އަހަރު ޢަމަލު ކުރަމުން އައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސް، މިދިޔަ އަހަރުގައި އެ ޤާނޫނުއަސާސީއަށް އަޅުގަނޑުމެން ޢަމަލުކުރަން ފެށީތީ. މި ސުޕްރީމް ކޯޓު އުފެއްދުމުގައި އެންމެބޮޑު ދައުރެއް އެހެންވީމާ، ހަމަކަށަވަރުންވެސް ކުޅެފައި އެވަނީ ޚާއްޞަ މަޖިލިސް. މިގޮތަށް މިކޯޓު އުފެދުމަށާއި، ރާއްޖޭގެ ޤާނޫނުއަސާސީ، ބާރުތައް ވަކިވެފައި އޮތް ޤާނޫނުއަސާސީއަކަށް ހެދުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެކުރެއްވި މަސައްކަތަށް އަޅުގަނޑުމެން ނިހާޔަތަށް ޝުކުރުވެރިވާންޖެހޭ. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަޖިލީހުގެ އެންމެހާ މެންބަރުންނަށް ޝުކުރު ދަންނަވަން.

ޤާނޫނުއަސާސީގައި އަދި ޤާނޫނުއަސާސީ އިޞްލާޙުވަމުން އައިހިނދު، ބާރުތައް މިރާއްޖޭގައި ވަކިވާން ޖެހިފައި އޮތް މިންވަރު އެންމެ ބޮޑަށް ސާފުވެގެންދިޔައީ ސުޕްރީމް ކޯޓު އުފެދުނު ދުވަހު. އެކޯޓުން އެތައް ކަމެއް ނިންމާން ޖެހިފައި އޮތްކަން. ޚާއްޞަ ގޮތެއްގައި އޭރު ރާއްޖެއަށް ކުރިމަތިވެފައި އޮތް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން އޮންނާނެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ޞައްޙަކަމާ ގުޅޭގޮތުން، އެ ސުޕްރީމް ކޯޓުން އޭރުގައި އޮތީ ގޮތެއް ނިންމާން ޖެހިފައި. އަޅުގަނޑު ދަންނަވާނީ، އެއީވެސް ރާއްޖޭގެ ޙަޔާތުގައި ދިމާވި މުހިންމު ދުވަހެކޭ. ޤައުމެއްގެ ޙަޔާތުގައި އަންނާނެ ހިނދުކޮޅުތަކެއް، ދަނޑިވަޅުތަކެއް، އެޤައުމު އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވެދާ ހިނދުކޮޅުތަކެއް. އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ސުޕްރީމް ކޯޓާ އެދުވަހު ދިމާވީ މިދަންނަވާ ބާވަތުގެ ދަނޑިވަޅަކާ ހިނދުކޮޅަކާ. އަލަށް އުފެދުނު ސުޕްރީމް ކޯޓަށް އަޅުގަނޑު މަރްޙަބާ ދަންނަވަން. ވަރަށް ސާބިތުކަމާއި އިތުބާރާ އެކީގައި ރައްޔިތުންގެ ރުހުން އެމައްޗަށް ހަމަގައިމުވެސް ލިބިގެން މިހާރު ހިނގައްޖެކަން އަޅުގަނޑުމެންނަށް އެނގޭ ގޮތަށް އެބޭފުޅުންނަށް އެމައްސަލަތައް ބެއްލެވުނީތީވެ، އެބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދީ އަޅުގަނޑު ދަންނަވަން.

ރާއްޖޭގެ ޝަރްޢީ ދާއިރާ ހަރުދަނާ ކުރުމަށާއި ތަރައްޤީ ކުރުމަށް އަޅުގަނޑުމެން ކުރާން ޖެހިފައިވާ މަސައްކަތް ވަރަށްގިނަ. އަޅުގަނޑުމެން މިހާރު ޢަމަލު ކުރަމުން މިދަނީ، މީގެކުރީގައި އަޅުގަނޑުމެން ފަރިތަ ބާވަތުގެ ޤާނޫނުއަސާސީއަކަށެއް ނޫން. ތެދުފުޅެއް. އެ ޤާނޫނުއަސާސީވެސް ހަމަ ލިޔެފައި އޮތީ އަޅުގަނޑުމެން ކާބަފައިންސުރެ ފަށައިގެން ކިޔަމުން އެނގެމުން އައި ބަހުން. ދިވެހިބަހުން. އެހެން ނަމަވެސް، އޭގައިއެވާ ފިކުރާއި އޭގައިއެވާ ޚިޔާލަކީ އަޅުގަނޑުމެންގެ ތެރޭގައި މީގެކުރީގައި ފަރިތަ ޚިޔާލެއް ނޫން. ފަރިތަ ފިކުރެއް ނޫން. އެނޫން ކަމަކަށް އެއްވެސް ބޭފުޅަކު ވިދާޅުވާނެ ކަމެއް ނެތް. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ މި ރާއްޖެއަށް ރަނގަޅު އެކަށީގެންވާ ނިޒާމެއް ކަމަށް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ދުށްކަމުގައިވީ ނަމަވެސް، ދިވެހި ވެރިންގެ ތެރޭގައި ނުވަތަ ދިވެހިންގެ ތެރޭގައި ކަންކަން ނިންމުމުގައި އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށް އެކަން ގަބޫލުފުޅު ކުރެއްވުނީ ވަރަށްފަހުން. އެ ޤާނޫނުއަސާސީ، އެ އުޞޫލުތައް، އެ ސިޔާސަތުތައް، އެ އަޞްލުތައް ކަނޑައެޅީތީ. އަޅުގަނޑު އަބަދުވެސް ފާހަގަކުރަން. އާ ޤާނޫނުއަސާސީ، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތިންބާރެއް އުފައްދާފައިވާއިރު، ތިންބާރު އުފެދުމުގައި ތަރުތީބުތަކެއް އަދި ހަމަ އެކުލަވާލާފައިވާއިރު، އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން މިވަނީ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބެއް ބޭއްވި، ރިޔާސަތެއް އެކުލަވާލެވިފައި. އެއަށްފަހުގައި، އަޅުގަނޑުމެންނަށް މިވަނީ ގިނަ ޕާޓީ އެކުލެވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޭއްވި، ރައްޔިތުންގެ މަޖިލީހެއް އެކުލަވާލެވިފައި.

އަޅުގަނޑުމެންނަށް ޝަރްޢީ ދާއިރާ އެކުލަވާލުމަށް ކުރާންޖެހޭ ވަކި ޚާއްޞަ ކަމެއް ފަނޑިޔާރުން ކަނޑައެޅުމުގައި އެބަ އެކަން ކުރާންޖެހޭ. ޝަރްޢީ ދާއިރާއަށް ލިބިދީފައިވަނީ އެންމެ ދިގު އިންތިޤާލީ މުއްދަތު. އެމުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންނަށް މިދާއިރާ ހަރުދަނާގޮތުގައި، ތަޞައްރުފު ފުދިފައިވާ ޝަރްޢީ ނިޒާމެއްގެ ގޮތުގައި ދިވެހިންނަށް ޚިދްމަތް ކުރަން ފެށޭނެ ނިޒާމެއް ކަމަށް ހެދޭނެކަމީ، އަޅުގަނޑު ކުޑަކޮށްވެސް ޝައްކުކުރާ ކަމެއް ނޫން. އަޅުގަނޑުގެ ނަޒަރުގައި މިދާއިރާގައި މަސައްކަތް ކުރައްވާ އެންމެ ބޭފުޅުންނަކީވެސް، ޝަރީޢަތުގެ ކަންކަން އަދި ރަނގަޅަށް ކަމެއް ކުރުން އެއީ، އެބޭފުޅުންނަށް ކޮންމެހެން އުނދަގޫ ކަމަކަށްވާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑަށް ފެންނަ ފެނުމުގައި ރަނގަޅަށް އިންޞާފުވެރި ގޮތަކަށް ކަމެއް ނިންމުން އެއީ، ޠަބީޢަތުގައިވެސް އިންސާނެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފައެއް. އެމައްޗަށް ޢިލްމީ ހުނަރާއި، އަދި ދުނިޔަވީ ތަޖުރިބާ ލިބިވަޑައިގަތީމާ، ދެން އަޅުގަނޑުމެން ރައްޔިތުންނަށް އިންޞާފު ރައްދުކޮށްދިނުމުގައި ޝަރީޢަތުގެ މުއައްސަސާތަކަށް މަސައްކަތް ހިންގޭނެ ޤާބިލުކަން ހޯދޭނެ. އަޅުގަނޑުމެން އެމަސައްކަތް ބާރަށް ކުރާންޖެހޭ. އިންޞާފު ނެތިއްޖެނަމަ، ތަރައްޤީއެއްވެސް ނުލިބޭނެ. އިންޞާފު ނެތިއްޖެނަމަ، އަޅުގަނޑުމެން މިއެދޭ މިދެކޭ ހަމަޖެހުމެއްވެސް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. ރައްޔިތުންނަށް އިންޞާފު އޮތްކަން، ލިބޭނެކަން އެނގެންޖެހޭނެ. ގަބޫލު ކުރެވެންޖެހޭނެ. ހިތުގެ އަޑިން އެކަން ގަބޫލުކުރެވެން ޖެހޭނެ. މިއީ އިންޞާފުވެރި ދައުލަތެއްކަން. މިއީ ޤާނޫނީ ދައުލަތެއްކަން. ޤާނޫނުގެ މައްޗަށް ކަންކަން ނިންމެންޖެހޭނެ. ޚާއްޞަކޮށް، އަޅުގަނޑުމެން އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގެ އާ ރޫޙާއެކީގައި ފިޔަފަޅަމުންދާއިރު، ވެރިކަމުގެ ރިޔާސަތާއި ރައްޔިތުންގެ މަޖިލީހާއި އަދި އެހެންވެސް މުއައްސަސާތަކާ ޚިޔާލު ތަފާތުވެ، ފިކުރު ތަފާތުވެ ބަޙުޘް ގިނަވާނެ. އެކަންކަމުގައި އިންޞާފުގެ މަގު ދައްކައިދިނުމަކީ ޝަރްޢީ ބާރުގެ، ސުޕްރީމް ކޯޓުގެ ވާޖިބެއް. އެއީ، މާތްވެގެންވާ މަސްއޫލިއްޔަތެއް. އެމަސްއޫލިއްޔަތު އަދާކުރުމުގައި ފަނޑިޔާރުން ތިއްބަވާނެކަމީ އަޅުގަނޑު ކުޑަކޮށްވެސް ޝައްކުކުރާކަމެއް ނޫން. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެން މި އުންމީދުކުރާ އިންޞާފުވެރި މުޖްތަމަޢު، ޤާނޫނީ ދައުލަތް އިރާދަކުރެއްވިއްޔާ ބިނާކުރެވޭނެ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، އެންމެ ބޭފުޅުންނަށް ޢީދު މުބާރިކް ދަންނަވަން ބޭނުން. އަޅުގަނޑުގެ އުންމީދަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް ލިބުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ. والحمد للّـه. السّـلام عليـكم