بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑަށް ނޫސްވެރިންނާ ދިމާނުވާތާ ދުވަސްކޮޅެއްވެފައި މިއަދު މިދިމާވަނީ. އަޅުގަނޑު ހަމަ ބައެއް ކަންކަމާ ގުޅޭގޮތުން ތިޔަބޭފުޅުންގެ ސުވާލު އުފެދިފައި ހުރިނަމަ، އެސުވާލުތަކަށް ޖަވާބު އެރުވުމުގެ ގޮތުންނާއި، އަދި އަޅުގަނޑުމެންވެސް ބައެއް މަޢްލޫމާތު ތިޔަބޭފުޅުން މެދުވެރިކޮށް ޢާންމުކުރަން ބޭނުންވާތީވެ، މިބައްދަލުކޮށްލުމުގެ ފުރްޞަތު މިއަދު މިހޯދީ.

އެނގިވަޑައިގަންނަވާނެ، ބޯހިޔާވަހިކަން ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އަޅުގަނޑުމެން އެގޮތުން ހިންގަމުން އަންނަ މަސައްކަތްތަކަށް އެކަށީގެންވާ ކާމިޔާބުތަކެއް ލިބެމުން އަންނަ ކަމަށް އަޅުގަނޑުމެންނަށް ދެކެވޭ. މިއަދާ ހަމައަށް ބެލިއިރުގައި، އެނގިވަޑައިގަންނަވާނެ، އިއްޔެ މިއީ އަޅުގަނޑުމެންގެ ބިޑިންގ، އެއީ ރިކްއެސްޓް ފޮރ ޕްރޮޕޯސަލްތަކަށް ޖަވާބު ދިން ނުވަތަ އިޖާބަ ދިން ފަރާތްތަކުގެ ޕްރޮޕޯސަލްތައް ލިބުނު ދުވަސް. އިއްޔެ މިލިބުނީ އަޅުގަނޑުމެންނަށް ފަރމްލީ އެކަމަށް ޖަވާބުދީފައި މިއޮތީ ޓެނެޝަރ ހޯލްޑިންގ އެންޑް އެކުންފުންޏާއި އަދި އިނގިރޭސި ކުންފުންޏެއް، އޭ.ސީ ގައޯކޮމާ. އެހެންކިޔާ ދެބަޔަކު އެކުވެގެން ހުށަހަޅާފައި އޮތް ޕްރޮޕޯސަލެއް. އޭގައި ހުށަހަޅާފައި މިއޮތީ 3000 ގެ އެޅުމަށް. ދެން މި ޕްރޮޕޯސަލްގެ އިތުރުން، ސިކްސް ސެންސަސް، އެބޭފުޅުން އެބައޮތް އޯލްޓަރނޭޓިވް ޕްރޮޕޯސަލެއް ހުށަހަޅުއްވާފައި. 80 ގެ އަޅައިދިނުމަށް މިހާރުން މިހާރަށް. ދެން ހަމަ އަނެއް އެހެން އިނގިރޭސި ކުންފުންޏެއް، ނީލް ކޮކްރަމް، އެބޭފުޅުން އެބައޮތް 800 ގެ އަޅައިދިނުމަށް ހުށަހަޅާފައި. ޓާޓާ، އެބޭފުޅުން އެބައޮތް 1000 ގެ އަޅައިދިނުމަށް ހުށަހަޅާފައި. އަދި މާއޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ބައެއް، 500 ގެ އެޅުމަށް ހުށަހަޅާފައި. ދެން މީގެއިތުރުން، ދިވެހި ސަރުކާރުން ޗައިނީޒް އެގްޒިމް ބޭންކުން ނަގާ ލޯނެއްގެ ދަށުން 4000 ގެ އެޅުމަށް މިހާރުވަނީ ސޮއި ކުރެވިފައި. އެހެންވީމާ، މި ޖުމްލަ އަޅުގަނޑުމެން މި އުންމީދުކުރާ ޢަދަދާ އެބަ އެއްވަރުވޭ.

ދެންމެ އަޅުގަނޑު މިކިޔާދެނީ މާލެ ފިޔަވައި އެހެން ތަންތަނުގައި އަޅުގަނޑުމެން އަޅަން މިއުޅޭ ގޭގޭގެ ކަންތައް ގޮސްފައިވާ ހިސާބު. މާލޭގައި އަޅުގަނޑުމެން މިއަމާޒު ކުރަނީ، މާލޭގައި 1300 ހައުސިންގ ޔުނިޓާއި އަދި ހުޅުމާލޭގައި 1700 ހައުސިންގ ޔުނިޓް. އޭގެ މަސައްކަތް މިހާރު ބިޑް ކުރެވިގެން ކުރިއަށްދަނީ. އަޅުގަނޑުމެން މިދެކެނީ އަޅުގަނޑުމެން މިގެންދާ ތަރުތީބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިބުނާ ޢަދަދަށް، އަދި އަޅުގަނޑުމެން މިދެކޭ މިންވަރަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެދޮރު އެޅެން ފެށޭނެ. މިހާރު މި ކޮންޓްރެކްޓް ކުރުމުގެ ހިސާބުގައި އަޅުގަނޑުމެން މިތިބީ. އެނގިވަޑައިގަންނަވާނެ، މީގެ ތިން ހަތަރު މަހެއް ކުރީގައި އަޅުގަނޑުމެން ތިބީ ޓެންޑަރ ކޮށްގެން. މިހާރު އަޅުގަނޑުމެން މިތިބީ ކޮންޓްރެކްޓްކުރާ ހިސާބުގައި. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭނީ ފިޒިކަލީ ނުވަތަ ޢަމަލީ ގޮތުން މަސައްކަތް ފަށާ ހިސާބުގައި.

ހައުސިންގ ޕްރޮގްރާމްގެ އިތުރުން ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި ސަރުކާރުން ކުރި އިޢްލާނަށް އިޖާބަދީފައިވާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިގެން ސާބިތުކަމާއެކީގައި އަޅުގަނޑުމެން ހުށަހަޅާފައި އެއޮތް މަގުގައި އެކަން ކުރުމަށް ޕްރޮޕޯސަލެއް ފޮނުއްވާފައިވަނީ ސިލްވަރ މޭއަރ ކިޔާ ސިލޯނުގައި ތިބޭ އެމެރިކާ ކުންފުންޏެއް. މި ކުންފުނި އެދެނީ ހއ. ހދ. ށ.ގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށް. އެ ސަރަޙައްދުގައި ހިމެނޭ ހުރިހާ ރަށެއްގައިވެސް އެޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތަޞައްވުރަކާއި، ޕްލޭނަކާއި އަދި ފައިސާ ހޯދާނެ ގޮތާ އެކީގައި އެބޭފުޅުންވަނީ ހުށަހަޅާފައި. އަޅުގަނޑުމެން މިދަނީ އެ ހުށަހެޅުންތައް ދިރާސާ ކުރަމުން. އެއަށްފަހު، އަޅުގަނޑުމެން އެބޭފުޅުންނާ އެކީގައި ދާދި އަވަހަށް އެގްރީމެންޓަކަށްދާނަން.

ޔުޓިލިޓީގައި ދެން ހުވަދުއަތޮޅުގައި އަޅުގަނޑުމެން އެކުންފުނީގެ ފަރާތުން ވާހަކަ ދައްކަމުން މިއަންނަނީ، އެ ކުންފުނިންވެސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ސްވިސް ކުންފުންޏަކާއެކީގައި ދާދި އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ. އެހެންވީމާ، މި ދެ ޔުޓިލިޓީޒަށް ބަލާއިރު، ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތަށް ބަލާއިރު، މިހާރު އެންމެ ބޮޑަށް ކުރިއެރުން ލިބިފައިވަނީ މިދަންނަވާ ދެ ޕްރޮވިންސްގައި. އެހެންވީމާ، އެކަން އެ ދެ ޕްރޮވިންސްގައި ކުރިއަށްދާނެ. ދެން އޭގެއިތުރުން، އައްޑުއަތޮޅުގެ ޕްރޮވިންސްގެ މަސައްކަތް މިހާރު ޙަވާލުކުރެވިފައި މިވަނީ، އެމް.ޑަބްލިޔޫ.އެސް.ސީ.އާ. ހިޓާޗީ ކުންފުނި އެއީ، އެބޭފުޅުންގެ ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި ހަދައިގެން ކުރިއަށް ދިއުމުގެ މަސައްކަތް މިދަނީ. އެކުންފުންޏާ ހިޓާޗީ ކުންފުންޏާ މިދަނީ މިހާރު ވާހަކަ ދެކެވެމުން. އިރާދަކުރެއްވިއްޔާ އައްޑުއަތޮޅުގެ މަސައްކަތްތައްވެސް އަޅުގަނޑުމެންނަށް ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ. އެކަމުގެ އެއްވެސް ހުރަހެއް ނެތް. އެމް.ޑަބްލިޔޫ.އެސް.ސީ. އަށް އެކަން ކުރިއަށް ގެންދެވޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު މިހިންގާ ފެނާއި ނަރުދަމާއާއި ކަރަންޓްގެ މަސައްކަތްތަކުގެ އިތުރުން، މިދެންނެވީ އެކިއެކި ލޯން ޕްރޮޖެކްޓްގެ ދަށުގައި ނުވަތަ ގްރާންޓްގެ ދަށުގައި ނުވަތަ ސަރުކާރުގެ ބަޖެޓުން ހިންގާ މަޝްރޫޢުތަކުގެ އިތުރުން އަޅުގަނޑުމެންނަށް މިދެންނެވި ތިން ޕްރޮވިންސްގައި މިމަސައްކަތް ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ފެށޭނެ ކަހަލަ ގޮތަކަށް މަގުފަހިވެގެން މިދަނީ.

އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މިހާރުވެސް އެކަށީގެންވާ ޢަދަދެއްގެ ނަރުދަމާތަކެއް ރާއްޖޭގައި ހެދެމުން އެބަދޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިފަހުން އަޅުގަނޑު ހަނދާންވާ ގޮތުގައި އިތުރު 8 ނަރުދަމާގެ މަސައްކަތުގައި އަޅުގަނޑުމެން ސޮއިކޮށް، އޭގެ ޢަމަލީ މަސައްކަތްތައްވެސް ގިނަ ނަރުދަމާތަކުގައި މިދަނީ މިހާރު ކުރެވެމުން. އަޅުގަނޑުމެން ހިތްހަމަޖެހޭ، އަޅުގަނޑުމެންނަށް މަސައްކަތް ގެންދެވޭ މިންވަރަށްވެސް އަދި މަސައްކަތް ގެންދެވޭ ބާރުމިނާ ގުޅޭގޮތުންވެސް.

އަޅުގަނޑުމެންގެ އެންމެބޮޑު އެއްއަމާޒެއް އެއީ، ރާއްޖޭގެ ޒުވާނުން ޑްރަގަށް ދެވި ހިފާފައިވާ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރުން. އެގޮތުން އަޅުގަނޑުމެން ހިންގަމުން ގެންދާ އެއްބާވަތެއްގެ މަސައްކަތަކީ، ޑްރަގަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމުގެ މަސައްކަތް. އަޅުގަނޑު ދެކެނީ މިހާރު ރާއްޖެއަށް ޑްރަގް ވަންނަ މިންވަރު ވަރަށްބޮޑުތަނުން ދަށްވެއްޖެކަމަށް. އަޅުގަނޑުމެންނަށް ލަފާކުރެވެނީ މިހާރު ރަށުތެރޭގައިވެސް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައިވެސް ބާރުގަދަ ޑްރަގް ހުރި މިންވަރު މަދުކަމަށް. އެހެންވީމާ، އަޅުގަނޑުމެންނަށް މިކަމުގައި ކާމިޔާބު ލިބެމުންދަނީ. އެކަމުގައި އަޅުގަނޑު ފުލުސް އޮފީހަށާއި އަދި އެމަސައްކަތުގައި ޙަރަކާތްތެރިވެ މަސައްކަތް ކުރައްވާ އެންމެ ބޭފުޅުންނަށް ވަރަށް ޝުކުރު ދަންނަވަން ބޭނުން.

ހަމައެއާއެކީގައި އެބަލީގެ ނުވަތަ އެ ޑްރަގްގެ ޝިކާރައަކަށްވެފައިވާ ޒުވާނުންނަށް އެކަމުން ޝިފާއެއް ހޯދައިދިނުމަށްޓަކައި ކުރާ މަސައްކަތްތައްވެސް މިދަނީ ކުރެވެމުން. އެގޮތުން މިހާރު މިވަނީ ޑީޓޮކް ސެންޓަރެއް ވިލިނގިލީގައި ހުޅުވިފައި. އަދި އަޅުގަނޑުމެން ގަސްދު ކުރަނީ އެބާވަތުގެ އިތުރު ޑީޓޮކް ސެންޓަރުތައް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހުޅުވަމުން ގެންދިއުން. އެހެންވީމާ، އަޅުގަނޑުމެންނަށް އެ ޑްރަގްގެ ޕްލެޖާ ގުޅޭގޮތުންވެސް އިރާދަކުރެއްވިއްޔާ ކުރިއެރުންތަކެއް ލިބޭނެ.

އަޅުގަނޑުމެންގެ މުޅި ސިޔާސަތުގެ ތެރޭގައި ވަރަށް އިސްކަމެއް ދީފައި އޮންނަ އެއްކަމަކީ މާލީގޮތުން ތަނަވަސްކަންމަދު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ޕްރޮގްރާމެއް ރޭވުން. އޭގެތެރޭގައި އަޅުގަނޑުމެން އެންމެ ފުރަތަމަ ފަށައިގެން ޕްރޮގްރާމަކީ އެނގިވަޑައިގަންނަވާނެ، ޢުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް ޕެންޝަނެއް ދިނުމުގެ ކަންތައް. އެކަން މިހާރު ހިނގަމުން އެދަނީ. އަޅުގަނޑުމެންނަށް އެ ޢުމުރުގެ ސާދަހާސް ރައްޔިތުންނަށް ކޮންމެ މަހަކުމެ ޕެންޝަނެއް ދެވެމުން އެބަގެންދެވޭ. ހަމައެއާއެކީގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމެއް، މަޝްރޫޢެއް ފަށައިގެން އަޅުގަނޑުމެންނަށް ކުރިއަށް އެބަގެންދެވޭ. އޭގެތެރޭގައި ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުންނަށް، ރައްޔިތުންނަށް މިހާރު މިދަނީ އެ ބޭސްފަރުވާގެ ޚިދްމަތް ލިބެމުން.

ދާދިފަހުން މަދަނައިން ނުވަތަ އެންސްޕާއިން އެއީ، އަޅުގަނޑުމެންގެ މި ހެލްތް އިންޝުއަރެންސް ސްކީމް ހިންގާ ފަރާތް. އެތަނުން އިޢްލާނު ކުރައްވައިފި، އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭގޮތަށް. އެއީ، އަޅުގަނޑު ހަނދާންވާ ގޮތުގައި ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުގައިވެސް އެ ކަވަރޭޖް ލިބޭގޮތަށް އެކުލަވާލެވިފައި އޮތް ޕްރޮގްރާމެއް. އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ދެހާސް ރުފިޔާ އަހަރަކު ދައްކަން މިޖެހެނީ. ވެލްފެއަރ ފަންޑުގައި ހުރި ފައިސާ އެއީ، އެ ޕްރޮގްރާމް ހިންގުމަށް ހުރި ފައިސާގެ ގޮތުގައި ވެލްފެއަރގެ ފައިސާ ބޭނުންކޮށްގެން ކުރިއަށް ގެންދެވޭނެ މަގުތަކެއްވެސް އަޅުގަނޑުމެން ހޯދާނަން. އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ރައްޔިތުންނެއް މިދެންނެވި ދެހާސް ރުފިޔާ މަދަނަ ޕްރޮގްރާމަށް ދެއްކެވުމަށް. އޭރުން ތިޔަބޭފުޅުން ބަލިވާ ކޮންމެ ފަހަރަކު އަދި ކޮންމެތާކު ހުންނެވި ނަމަވެސް، އެބައްޔަށް ފަރުވާއެއް ފަސޭހަކަމާއެކީގައި ހޯދުމުގައި ސަރުކާރަށް އެހީތެރިވެދެވޭނެެ. އެމަޤްޞަދުގައި އެ އުޞޫލުން އެކަން ކުރިއަށް ގެންދިއުމަށްޓަކައި އެ ޕްރޮގްރާމް އެކުލަވާލާފައި އެވަނީ. މިހާރުވެސް އެ ޕްރޮގްރާމްގައި ފަރާތްތަކެއް މިއަންނަނީ ބައިވެރިވަމުން.

ހެލްތް އިންޝުއަރެންސްގެ އިތުރުން، ކާޑު އެއީ ހަނޑޫ ހަކުރު ފުށް. ކާޑު ގަތުން ދަތި ޢާއިލާތަކަށް އެކަމުގެ އެހީތެރިކަމެއް ފޯރުކޮށްދިނުން އެއީވެސް، ސަރުކާރުގެ އަމާޒެއް. ކިޔަވައިދިނުން، ތަޢްލީމު ދަރިންނަށް ހޯދައިދިނުމުގައި ދަތިތައް ދިމާވެފައިވާ ޢާއިލާތަކަށް އެކަން ފުރިހަމަކޮށްދިނުންވެސް އެއީ، އަޅުގަނޑުމެންގެ އަމާޒެއް. ހަމައެހެންމެ، ނުކުޅެދޭ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްގެ ވަރަށް މުހިންމު އެއް އަމާޒެއް. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ކުރިއަށް މިއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ނުވަތަ ސޭފްޓީ ނެޓް އަޅުގަނޑުމެންނަށް އަޅައި ނިންމޭނެ. އެ އަޅައި ނިންމުނީމާ، އިރާދަކުރެއްވިއްޔާ އެނެޓްގެ ދަށަށް އެއިން ކައްސާލައިގެން ރައްޔިތުން އެއަށްވުރެ ތިރިއަށް ނުދާނެ ގޮތެއް އަޅުގަނޑުމެން ހޯދާނަން.

އަޅުގަނޑުމެން މިގެންދަނީ ސަރުކާރުގެ މުވައްޒަފުންގެ ޢަދަދު ކުޑަކުރުމުގެ މަސައްކަތްތަކެއް ހިންގަމުން. އަޅުގަނޑުމެން ބޭނުމެއްނުވޭ ސަރުކާރު މުވައްޒަފުންނަށް ކުރާ ޚަރަދު އެއީ، އަހަރެއްގެ މައްޗަށް ތިންބިލިއަން ރުފިޔާއަށްވުރެ ބޮޑުވާގޮތަކަށް އޮންނާކަށް. އެހެންވީމާ، އެ ޢަދަދަށް އެކަން ކުރިއަށް ގެންދިއުމަށްޓަކައި ހިންގާ މަޝްރޫޢުތައް ހިންގަމުން މިދެވެނީ. އޭގެތެރޭގައި، ދިވެހިންނަށް ވަޒީފާގެ ފުރްޞަތުތައް ފަހިކުރުމުގެ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުންގެ ޢަދަދު މަދުކުރުން. އަދި ދިވެހިން ވަޒީފާތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން، ސިވިލް ސަރވިސްގައި މިހާރު ތިއްބެވި ބޭފުޅުން ވަޒީފާތަކަށް އިތުރަށް ތަމްރީނު ދިނުން. އަދި އޭގެއިތުރުން، އަޅުގަނޑުމެން ސަރުކާރުގެ ތެރޭގައި ހުރި ވިޔަފާރީގެ އުޞޫލުން ކުރިއަށް ގެންދެވެން ހުރި ކަންކަން ބަލައި ފާހަގަކޮށް، އެކަންކަން ވިޔަފާރީގެ އުޞޫލުން ގެންދިއުމަށް ފުރޮޅާލުން. މިމަސައްކަތްތައް މި ތިންބާވަތުގެ ކަންކަން މިހެން ކުރިއަށް ގެންދާއިރުގައި، އަޅުގަނޑުމެން މިދެކެނީ މިއަންނަ އަހަރުގެ ތެރޭގައި ސަރުކާރުގެ ޕޭ ރޯލުން ސީދާ ފަސްހާސް ފައްސަތޭކަ މީހުން މަދުކުރެވިގެންދާނެ ކަމަށް. އޭގެ ސަބަބުން އެ ރައްޔިތުންނަކަށްވެސް އެ މުވައްޒަފުންނަކަށްވެސް ދިވެހިރާއްޖެއަކަށްވެސް، ރާއްޖޭގެ ރައްޔިތުންނަކަށްވެސް އެއްވެސް ގެއްލުމެއް ދެރައެއްވާނެ ކަމަކަށް އަޅުގަނޑުމެންނެއް ނުދެކެން. އަޅުގަނޑުމެން އެވާނެ ދެރައެއްގެ ވާހަކަ ތަފްޞީލުކޮށްދެއްވައިފިއްޔާ އަޅުގަނޑުމެން އެކަން ގަބޫލު ކުރާނަން. އަޅުގަނޑުމެންނަށް އެދެރަ ނުފެންނާތީވެ، އަޅުގަނޑުމެންނަށް އޭގެ ގެއްލުމެއް ނެތުނީތީވެ، އަޅުގަނޑުމެން މިމަސައްކަތާއިގެން ކުރިއަށް މިދަނީ.

އަޅުގަނޑުމެން މީހަކަށް އޭނާއަކީ ނައިބު މުދިމެއްގެ ގޮތުގައި އޭނާއަށް ފައިސާއެއް ދިނުމުގެ ބަދަލުގައި ހަމަ އެންމެ ރަނގަޅު ނޫންތޯ 65 އަހަރުވީތީވެ، މީހަކަށް ފައިސާދޭން. އެއީ، ސުވާލަކީ. މީހަކީ ވެދާނެ އެސިސްޓެންޓް ނައިބު ޖަމާޢަތްތެރިއެއް. އެނަމުގައި މީހަކަށް ފައިސާ ދެމުން ގެންދިއުމުގެ ބަދަލުގައި ހަމަ ރަނގަޅު ނޫންތޯއޭ މީހަކަށް ކިރުދަޅެއް ގަނެވޭނެ ގޮތް ހަދައިދޭން. ހަމަ ރަނގަޅު ނޫންތޯއޭ ޢާއިލާއަކަށް އެމީހުންގެ ދެކުދިންނަށް މަދަރުސާއަށް ދެވޭނެގޮތް ހޯދައިދިނުން. އެއީ އަޅުގަނޑުމެންގެ ބޭނުމަކީ. ސޭފްޓީ ނެޓުން ދަށަށް ގޮސްފައި ތިބި ރައްޔިތުން އަލުން އަނބުރާ ޕަވަރ ލައިން ނުވަތަ ފަޤީރުކަމުގެ ރޮނގުން މައްޗަށް ގެނައުން. މިހެން ގެންނައިރުގައި އަޅުގަނޑުވެސް ގަބޫލުކުރަން، ޚާއްޞަ މުޝީރެއްގެ ގޮތުގައި މިސާލަކަށް ތަނެއްގައި ހުންނެވި ބޭފުޅަކަށް ލިބިވަޑައިގަންނަވަމުން ގެންދެވި ވިއްސަކަށްހާސް ރުފިޔާ ނުލިބިދާނެ. އޭގެ ބަދަލުގައި މިދަންނަވާހެން ގާތްގަނޑަކަށް ތިރީހަކަށް ޢާއިލާއަށް ބުއްދަޅު ގަނެވިދާނެ. އެބަދަލުތައް އަޅުގަނޑުމެން ގެންނާނަން. އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުމެން ރައްޔިތުން އަޅުގަނޑުމެންނާ އެކީގައި މިބަދަލުތަކުގައި ޝާމިލްވެ ތިއްބަވާނެ ކަމަށް.

ހަމަ ނިންމާލުމުގެ ކުރީގައި އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑު އިއްޔެގައިވެސް ފާހަގަކުރިން. ކުރީގެ ރައީސުންނަށް ދެވޭ އިޚްތިޔާރާއި ބާރާއި ޢިއްޒަތާއި ޤަދަރާ، މިކަންކަން ދެވެންޖެހޭނެއޭ. އެހެން ނަމަވެސް، އެކަންކަން ކުރުމުގައި އަޅުގަނޑުމެން ޙައްލުތަކެއް ގެންގުޅެން ޖެހޭނެ. އަޅުގަނޑު ހަމަ އާދޭހާއެކު މަޖިލީހުގެ މެންބަރުން ކިބައިން އެދެނީ، އަޅުގަނޑު ހަލާކުކޮށްނުލައްވައްޗޭ. އަޅުގަނޑަށް ތިޔަ ހުރިހާ ބާރު ނުދެއްވައްޗޭ. އަޅުގަނޑު ޝަރީޢަތުގެ މަރްޙަލާއަކަށް ދާން ނުޖެހޭގޮތަށް ދޫކޮށްލައްވައިފިނަމަ، މި ކުރިއަށް މިއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑަށް ކަންކަން ކުރުމުގައި ޙައްދުތައް، ޙުދޫދުތައް ގެއްލޭ ކަހަލަ ދަނޑިވަޅުތައް ނުވަތަ ހިނދުކޮޅުތައް އަޔަނުދެއްވައްޗޭ. ސަރުކާރު ޖަވާބުދާރީ ކުރައްވައްޗޭ. އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުމެންނަށް ކުރީގެ ރައީސަކަށް ދެވެން އޮތް ހުރިހާ ތަނަވަސްކަމެއްވެސް ދިނުން، އެހީތެރިކަމެއްވެސް ދިނުން. އެހެންނަމަވެސް، ކުރީގެ ރައީސަކަށްވެސް ޝަރީޢަތަށް އައިސް، އެބޭފުޅާއަށް ކުރެވޭ ކުށުގެ ތުހުމަތުން ބަރީޢަވުމުގެ ފުރްޞަތު ނުލިބޭނަމަ، އަޅުގަނޑުގެ ނަޒަރުގައި އެއީ ވަރަށްބޮޑު ބޭ އިންޞާފެއް. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިސާލަކަށް ރައީސް މައުމޫނަށްވެސް އަދި ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ މައްޗަށްވެސް އަދި އޭގެކުރީގައި ފާމުދޭރި ކިލެގެފާނަށްވެސް އަދި އޭގެކުރީގައި މުޙަންމަދު ފަރީދަށްވެސް، މުޙަންމަދު އަމީނަށްވެސް، ޙަސަން ފަރީދަށްވެސް ހުރިހާ ބޭފުޅުންނާ ގުޅޭގޮތުންވެސް ތުހުމަތު ކުރެވޭ. އެކިއެކި ބާވަތުގެ ތުހުމަތު ކުރެވޭ. އެ ތުހުމަތުތަކުން އެބޭފުޅުންނަށް ބަރީޢަވެވޭނީ ޝަރީޢަތުގެ މަޖިލީހެއްގައި. އެ ޝަރީޢަތުގެ މަޖިލީހަށް އެބޭފުޅުންނަށް ވަޑައިނުގަނެވޭ ގޮތަކަށް ޤާނޫނުތައް ހައްދަވައިފިނަމަ، އަޅުގަނޑުގެ ނަޒަރުގައި އެއީ، އެބޭފުޅުންނަށް ދެވޭ ވަރަށްބޮޑު ބޭއިންޞާފެއް. އަޅުގަނޑު ހަމަގައިމުވެސް އަޅުގަނޑުގެ މައްޗަށް ކަމެއް ތުހުމަތު ކުރެވިއްޖެނަމަ، ޝަރީޢަތުގެ މަޖިލީހަކަށް ޙާޒިރުވާން ބޭނުންވާނެ. އަޅުގަނޑު ބޭނުންވާނެ، އަޅުގަނޑަށް ކުރެވިފައި އޮތް ތުހުމަތަކުން ބަރީޢަވުމަށް. އެހެންވީމާ، އެފުރްޞަތު ނަގާލެވިގެންދާ ކަހަލަ ގޮތަކަށް މިހާރު މިއޮތް ބިލުގެ 9 ވަނަ މާއްދާ އޮތީ. އެމައްސަލަ އަޅުގަނޑުމެންގެ ތެރޭގައި އެންމެބޮޑަށް ދިމާވެގެން މިހާރު މިދަނީ.

އަޅުގަނޑު އިތުރަށް ވާހަކަ ދައްކާކަށް ނެތިން. ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު ޖަވާބު އަރުވާނަން.

ޢަބްދުﷲ ސަޢީދު – އެސަންދާން:

السّـلام عليـكم އަޅުގަނޑުގެ ސުވާލަކީ މިހާރު މަނިކުފާނު މި ފޯމަރ ޕްރެޒިޑެންޓް އޮފީސް އުވާލަން ޚިޔާލުފުޅު ނުކުރައްވަންތޯ؟ ސަބަބަކީ ދުނިޔޭގެ މިހާތަނަށް އަދި އެކަހަލަ ފޯމަރ ޕްރެޒިޑެންޓުން ނުތިބޭ. އިދިކޮޅު ޕާޓީގެ ލީޑަރުންގެ ގޮތުގައާއި، ޕްރެޒިޑެންޓުންގެ ގޮތުގައާ މިހެން ތިބީމާ، އަޅުގަނޑުމެން ރައްޔިތުންނަށް ވަރަށް ބޮޑަށް ނިކަމެތިކަން އެބައާދޭ. އެއީ، އެންމެ މަހެއްގެ ތެރޭގައި، އަޅުގަނޑަށް ލިބިފައި އޮތް މަޢްލޫމާތު ކުށް ކަމުގައި ނުވާނަމަ، އެކެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އޮފީހަށް ޚަރަދުވެފައި. އެހެންވީމާ، މިއީ ބޮޑު ޢަދަދެއް. އަޅުގަނޑުމެންގެ އިޤްތިޞާދު މިހާ ދަތި ދުވަސްވަރެއްގައި މިފަދަ ބޮޑު ޚަރަދެއް ފޯމަރ ޕްރެޒިޑެންޓް އޮފީހަށް ކުރެއްވުމަކީ އަޅުގަނޑުމެން ރައްޔިތުން އެދޭ ގޮތެއް ނޫން. އަދި އަނެއް ސުވާލު އިނގޭތޯ. ސުވާލަކީ ރާއްޖޭގެ އިޤްތިޞާދު މިހާ ދަށްވެފައި އޮތްއިރު، އަޅުގަނޑުމެންނަށް މިހާރު ޕޮލިހުންގެ މަޢްލޫމާތުތަކުން އެބަ އެނގޭ، ވަރަށް ބޮޑެތި ޚިޔާނާތްތައް އެބަހުރިކަން. ދެން މިފައިސާ ހޯދުމުގެ މަސައްކަތް ކިހާ ތަނެއްގައި ފެށްޓޭވަރުވާނެކަމަށް މަނިކުފާނު ވިދާޅުވެދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ކުރީގެ ރައީސާ ގުޅޭގޮތުން މިހާރުގެ ސަރުކާރުން ޢަމަލުކުރަންވީ ގޮތް ބަޔާންކޮށްފައި މިއޮންނަނީ ޤާނޫނުއަސާސީގައި. ޤާނޫނުއަސާސީގައި އޮތް ރޫޙާ އެއްގޮތަށް އަޅުގަނޑުމެން ދިޔައީ ޢަމަލު ކުރަމުން. އަދި ފޯމަރ ޕްރެޒިޑެންޓްގެ އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް. ދެން އެގޮތުން އެ އޮފީސް ހިންގަމުން މިހާރުވެސް މިގެންދަނީ. ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން އެއޮފީސް ހިންގަމުން ގެންދާނަން. އެއޮފީހުގެ ޚަރަދުތައްވެސް، މިހާރު މި ދިމާވާ އިޤްތިޞާދީ ނުވަތަ ޚަރަދު ކުޑަކުރުމުގެ ޕްރޮގްރާމްގެ ތެރެއިން. އަޅުގަނޑަށް ޔަޤީން ކުރީގެ ރައީސް މައުމޫންވެސް އެއްބަސްވެވަޑައިގަންނަވާނެކަން މިހާރު މިއީ ޚަރަދު ކުޑަކުރަން ޖެހިފައި އޮތް ގަޑިއެއްކަން. އެހެންވީމާ، ޚަރަދު ކުޑަކުރައްވަން ޖެހޭނެކަން. އަދި އެހެން ނޫނަސްވެސް، މިއޮފީހުގެ އަޅުގަނޑުމެންގެ މިސާލަކަށް މުސާރައިން ވިހި ޕަސެންޓް މިވަނީ ނަގާފައި. އެހެންވީމާ، ހަމަ އެގޮތުން އެއޮފީހުގެ ޚަރަދުވެސް ކުޑަވެގެންދާނެ އިރާދަކުރެއްވިއްޔާ. ދެން އެއޮފީހަށް އަޅުގަނޑުމެން ޚަރަދު ކުރުން މެދުކަނޑާލަނީވެސް، ޚަރަދު ކުރަމުން ގެންދަނީވެސް، ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންނަށް އެގޮތަށް އިޝާރާތް ކުރީމާ. މާލިއްޔަތު ކޮމިޓީއިން މީގެކުރީގައި އަޅުގަނޑުމެންނަށް މިއޮފީހަށް އަންގާފައި އޮތީ ޤާނޫނު އެކުލަވާލެވުނީމާ، އެކަން ކުރިއަށް ގެންދިއުމަށް ރަނގަޅުވާނެ ކަމަށް. ދެން އަޅުގަނޑުމެން މިތިބެނީ އެ ޤާނޫނެއްގެ އުންމީދުގައި. ދެން އެހެންނަމަވެސް ނުފެނޭ އެ ޤާނޫނެއް އަންނަތަނެއް. ދެން ޤާނޫނުއަސާސީ އެބަބުނޭ ޤާނޫނެއް ނެތުމުގެ ސަބަބުން، އެ ޤާނޫނުއަސާސީގައި އެއްވެސް ފަރާތަކަށް ލިބިދޭ ޙައްޤެއް ރައްދު ނުކޮށްދީ ނުތިބެވޭނެ ކަމަށް. ޤާނޫނެއް ނެތުމުގެ ސަބަބުން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އެ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް ގެންދަން.

ޚިޔާނާތްތެރިވެފައިވާ ފަރާތްތަކުގެ މައްސަލަތައް ރިޔާސީ ކޮމިޝަނުން ހިންގަވަމުން އެބަގެންދަވާ. އެއީ، ޚާއްޞަކޮށް އޮޑިޓް ރިޕޯޓްތަކާ ގުޅޭގޮތުން. އެމައްސަލަ އެކޮމިޝަނުން ހިންގާފައި ކޮމިޝަނުން މައްސަލަތައް ހުށަހަޅަނީ ފުލުސް އޮފީހަށް. ފުލުސް އޮފީހުން މައްސަލަ ބެލުމަށްފަހުގައި މައްސަލަތައް ފޮނުވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަތައް ފޮނުވަންޖެހެނީ ޝަރީޢަތަށް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި ވަރަށްގިނަ މައްސަލަ މިހާރުހުރީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މަރްޙަލާގައި.


ޖަޢުފަރު ރަޝީދު – މިއަދު ނޫސް:

އަޅުގަނޑުގެ ސުވާލަކީ، މިހާރު މަޖިލީހުގައި މިއޮތް ކުރީގެ ރައީސްގެ ބިލުގައި އެބަހުރި ވަރަށްބޮޑެތި ޢަދަދުތަކެއް. ދެން ގާތްގަނޑަކަށް ތިންލައްކަ ރުފިޔާ ނަޤުދު ފައިސާ އެބައުޅޭ. ދެން ސުވާލަކީ އެ ޢަދަދުތަކަކީ ރަނގަޅު ޢަދަދުތަކެއްކަމަށް ވަކާލާތު ކުރައްވާ ބޭފުޅުންވެސް އެބައުޅުއްވާ. މެންބަރުންވެސް، ޢާންމު ރައްޔިތުންވެސް. ހަމައެފަދައިން އެއީ، މިހާރު ޤައުމު މިއޮތް ޙާލަތަށް ބަލާއިރުގައި، ބޮޑު ޢަދަދުތަކެއް ކަމުގައިވެސް ބައެއް މެންބަރުންނާއި ރައްޔިތުންވެސް އެބަ ވަކާލާތު ކުރައްވާ. ދެން މިކަމާމެދު ހިތްހަމަނުޖެހިގެން އިއްޔެ މަޖިލިސް ދޮށަށްވެސް ވަރަށްގިނަ ބަޔަކުވަނީ އެއްވެފައި. އަޅުގަނޑުގެ ސުވާލަކީ މަނިކުފާނަކީ މިހާރު ރައީސުލްޖުމްހޫރިއްޔާ ކަމުގައިވިޔަސް މާދަމާ ނޫނީ ފަސްއަހަރު ނޫނީ ދިހައަހަރު ފަހުންވެސް ކުރީގެ ރައީސަކަށް ބަދަލުވެވަޑައިގަންނަވާނެ ބޭފުޅެއް. އެހެންކަމުން، ކުރީގެ ރައީސަކަށް ބަދަލުވެވަޑައިގަތީމާ މިހާ ބޮޑު ޢަދަދެއް މަނިކުފާނު ބޭނުންފުޅުވެދާނެތޯ؟ ކޮބައިތޯ މީގައި މަނިކުފާނުގެ ވިސްނުންފުޅަކީ؟

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ޕްރޮވިންސްތައް ނުހެދުމަށް މަޖިލީހުގެ ކޮމިޓީއިންވަނީ ނިންމަވާފައި. ޤާނޫނުގައި ނުހިމެނުމަށް. ދެން މިހާރުވެސް ޕްރޮވިންސްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެބަ ކުރައްވާ. ކޮބައިތޯ މި ކޮމިޓީގެ ނިންމުމަށް މަނިކުފާނު ވިސްނުންފުޅަކީ؟


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ އަޅުގަނޑު ދަންނަވާނީ ޕްރޮވިންސްތަކުގެ ވާހަކަ އިނގޭތޯ. މިހާރު މިހިންގާ ޕްރޮވިންސްތައް ހިންގުން ނުހުއްޓޭނެ. އެއީ ބިލާ ގުޅުމެއްހުރި ވާހަކައެއް ނޫން. ވަރަށްބޮޑު އޮޅުމެއް މިއަރަނީ އިނގޭތޯ. ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީގައި ލިބިދީފައި އެބަވޭ ވެރިކަން ހިންގުމުގެ ބާރެއް. އެބާރު ތަންފީޒު ކުރުމުގެ ގޮތުން ހޯމްއެފެއާޒްގެ މަސައްކަތް 7 ސަރަޙައްދަކަށް ބަހާލައިގެން، އެ 7 ސަރަޙައްދުގައި އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އަދި އެހެން ވުޒާރާތަކުގެ މަސައްކަތްވެސް 7 ސަރަޙައްދަކަށް ބަހާލައިގެން، އެ 7 ސަރަޙައްދުގައި ކުރަމުން ގެންދަނީ. ސީދާ މި މައި ސަރުކާރުން ކުރާ މަސައްކަތް. އެމަސައްކަތަކަށް ހުއްޓުމެއް ނާންނާނެ ބިލް އަޔަސް، ބިލް ނަޔަސް. ޤާނޫނު އޮތަސް، ޤާނޫނު ނެތަސް. އެމަސައްކަތަކަށް އެއްވެސް ގުޅުމެއް ނޯންނާނެ. ބައެއް މެންބަރުންނަށް އެހެން ހީފުޅުވާ ކަމަށްވަނީވިއްޔާ އެތިއްބެވީ ވަރަށް ބޮޑަށް އޮޅިވަޑައިގެންފައި. މި ޤާނޫނީ ހަމަތައް ތަންކޮޅެއް ބޮޑަށް އޮޅުންފިލީމާ އަޅުގަނޑަށް ހީވަނީ އެކަން ސާފުވަމުންދާނެހެން. އަޅުގަނޑުމެން އެރުވީ ފުރްޞަތެއް. ސްޓޭޓް މިނިސްޓަރު އެއީ މި ކައުންސިލްތަކުގެ ރުހުމާއެކީގައި ޢައްޔަން ކުރާ ބޭފުޅަކަށް ހެދުމަށް. އެއީ އިތުރަށް ސަރުކާރުން އެބޭފުޅުންނަށް އެރުވޭ ފުރުޞަތެއް. މިހާރު ކޮމިޓީން އެނިންމެވީ އެފުރްޞަތުގެ ބޭނުން އެބޭފުޅުން ނުހިއްޕަވާނެ ކަމަށް. ދެން އަޅުގަނޑަކަށެއް ހަމަ އެއްގޮތަކަށްވެސް ނޭނގެ، ފަހަރެއްގައި ހީފުޅުވަނީކަންނޭނގެ ބައެއް ބޭފުޅުންނަށް އެބޭފުޅުންނަކަށް އެ ފުރްޞަތެއް އެ އިންތިޚާބުތަކުގެ އަޣްލަބިއްޔަތެއް ލިބިވަޑައެއްނުގަންނަވާނެއޭ. އެހެންވީމާ، ކޮންމެހެން ތިޔަބޭފުޅުން ތިމަންނާމެން އެދޭ ސްޓޭޓް މިނިސްޓަރުން ޕްރޮވިންސްތަކުގައި ނުތިއްބަވާނެއޭ. އަޅުގަނޑަކަށެއް ނޭނގެ ކޮން ސަބަބަކާލައިގެން ކަމެއް އެފުރްޞަތުގެ ބޭނުން އެ ނުހިއްޕެވީކީއެއް. ދެން އަޅުގަނޑު ހަމަ ދަންނަވާނީ، ދެން މީގައި ތަންކޮޅެއް ބޮޑަށް ބޭފުޅުން މިކަންކަން އޮތްގޮތާއި، ޤާނޫނު އޮތްގޮތާއި ހިންގަން މިއުޅޭ ކަންކަމުގެ މައްޗަށް އެބަ ވިސްނަވަންޖެހެއޭ. އެހެންވީމާ، އެކަން އޮތީ އެހެން. ޕްރޮވިންސްތައް ހިނގާނެ. ޕްރޮވިންސްތައް ދާނީ ކުރިއަށް. ލާމަރްކަޒީ ބިލާ ޕްރޮވިންސް ހިންގުމަކާ ކުޑަ ގުޅުމެއްވެސް ނެތް.

ކުރީގެ ރަނގަޅު ޢަދަދުތޯ؟ އަޅުގަނޑު ތިންލައްކަ ރުފިޔާ ބޭނުންވޭތޯ؟ މިހާރު މިބަލާ ބެލުމުގައި ނުވޭ އިނގޭތޯ. މިހާރު އަޅުގަނޑަށް މިލިބެނީ އެއްލައްކަ ރުފިޔާ. އޭގެތެރެއިން އަޅުގަނޑު މިނަގަނީ އަށްޑިހަހާސް ރުފިޔާ. މިހާރު އެއިން ބާކީއެއްވޭ އެބަ އިނގޭތޯ. އެހެންވީމާ، ލަފައެއް ނުކުރެވޭ އެހާ ގިނަ ޢަދަދުގެ ރުފިޔާތަކެއް އަޅުގަނޑަކަށް ބޭނުންވާނެ ކަމަކަށް. ދެން ޚާއްޞަކޮށް، އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުގެ ކުދިންނަށް މިމާލެއިން ކިޔަވައިދެވޭނެ ކަމަށް. އަދި އެކުދިންނަށް ރަނގަޅަށް އޯ.ލެވެލްއާއި ރަނގަޅަށް އޭ.ލެވެލް މާލޭ މަދަރުސާތަކުން ހެދޭނެ ކަމަށް. އަދި މިހެން އަޅުގަނޑު ދެންނެވިއަކަސް ހަމަ ބޭރަށްވެސް ފޮނުވާހިތް އަޅުގަނޑު ނެތީއަކީވެސް ނޫން. ދެން އަދި އެހާ ބޮޑެތި ބަލިތަކެއް އަޅުގަނޑުގެ ނުވެސް ނެތްކަންނޭނގެ. އަދިއެއް ފެނިފައެއް. އެހެންވީމާ، ބަލިތަކަކަށް ކުރަންޖެހޭ ޚަރަދެއްވެސް ނެތް. ދެން މާތްﷲގެ އިރާދަފުޅުން އަޅުގަނޑުގެ ގެދޮރު އެބަހުރި. އެހެންވީމާ، ހަމަ ނުވިސްނޭ އެހާ ބައިވަރު ރުފިޔާތަކެއް އަޅުގަނޑަށް ބޭނުންވެދާނެ ކަމަކަށް.

މީގައި ވިސްނަވަންވީ އަޅުގަނޑަށް ބޭނުންވާ އެއްޗާއި ރައީސް މައުމޫނަށް ބޭނުންވާ އެއްޗެއް ނޫން. މީގައި ވިސްނަވަންވީ ޤާނޫނެއް ހަދަން މިއުޅެނީ. ކޮން ޤާނޫނެއްގައިތޯ އޮތީ ޤާނޫނުގައި މުސާރައިގެ ޢަދަދު ކަނޑައަޅާފައި. ނަޞީބެއް ނޫންތޯ ޤާނޫނުއަސާސީގައި މުސާރައިގެ ޢަދަދެއް ކަނޑައަޅަން ނޫޅުއްވިކަން. ޤާނޫނެއްގައި މުސާރައިގެ ޢަދަދު ކަނޑައަޅައިގެން، ޤާނޫނެއްގައި ލިވިންގ އެލަވަންސް ކަނޑައަޅައިގެން ކުރިއަށްދާ އަޅުގަނޑު މިކަމާ ގުޅޭގޮތުން ވަރަށްގިނަ ޤާނޫނުތައް ބަލައިފިން. އަދި ދަންނަ ގާތް ރަޙްމަތްތެރިން ކައިރީގައި ބޭރު ޤައުމުތަކުގައި މިކަން އޮންނަގޮތް އޮޅުންފިލާތޯވެސް ބަލައިފިން. އެއްވެސް ޤައުމެއްގައި ނެތޭ އިނގޭތޯ، ޤާނޫނެއްގައި ކަނޑައަޅާފައި ނެތް ސައްތައެއް ޕަސެންޓޭޖެއް. ޤާނޫނެއްގައި ކަނޑައަޅާފައި އޮންނަނީ އުޞޫލެއް. އެކަމަކު ޤާނޫނެއްގައި މުސާރައި ކަނޑައަޅައިގެންދިއުން. ހަމަ ސީދާ ރައީސް މައުމޫނަށް ހެޔޮވަރުވާވަރަށް ފަހާލެވޭ ކޯޓެއްހެން މިކަން ކުރިއަށް ގެންދިއުން އެއީކީއެއް ޤާނޫނެއް ހަދަން އުޅޭ ބަޔަކު އުޅޭގޮތެއް ނޫން. އެހެންވީމާ، ތަންކޮޅެއް އަޅުގަނޑުމެން މިދަންނަވާހެން ތަހުޒީބީ ގޮތަކަށް ހޭލުންތެރިވެގެން ނޫނިއްޔަކާއެއް މިވާހަކަ އަޅުގަނޑަކަށް ނުވެސްފެނޭ ދައްކާކަށްވެސް.

ދެން ކުރީގެ ރައީސާއި މިހާރުގެ ރައީސްގެ ވާހަކަތަކަށްވުރެން އަޅުގަނޑުމެން ބަލަން ބޭނުންވަނީ އުޞޫލުތަކެއް ކަނޑައެޅުން. އިންސްޓިޓިއުޝަންތަކެއް ބިނާކުރުން. މިރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުން. އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެން ރައީސް މައުމޫނާ ގުޅޭގޮތުން ކަންތައް ކުރާ ގޮތް ވެގެންނޭދާނީ މި ރާއްޖޭގެ ޑިމޮކްރަސީއަށްވާ ގޮތް. އޭގައި މި އަޅުގަނޑު މި ފާހަގަކުރާ ވާހަކައަކީ، އެ އުޞޫލުތައް އަޅުގަނޑުމެން ކަނޑައަޅާ ގޮތަކުންނޭ. އަޅުގަނޑުމެން އެބަ މިސާލަކަށް، ޤާނޫނުގައި މިލިޔުނީ މާލޭގައި މިވެނި ހަތަރު އަނގޮޅިއަކުން ކަނާތަށް އިން ތަންކޮޅު މިވެނި މީހަކަށް ދޭނަމޭ. ދެން އެއީކީއެއް އަޅުގަނޑަކަށް ހިއެއްނުވޭ ޤާނޫނެއްގައި ބަޔަކު މީހުން ލިޔާނެ ބާވަތުގެ ވާހަކައެއްހެނެއް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މަޖިލީހުގެ މެންބަރުން މިކަން ކުރައްވަމުން ގެންދަވާއިރުގައި، ތަންކޮޅެއް ފުޅާ، ތަނަވަސް ވިސްނުމެއްގައި ކުރިއަށް ގެންދެވުން.



އަޙްމަދު ސަޢީދު – ހަވީރު ނޫސް:

މަނިކުފާނުވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފައި ވަރަށްގިނަ ކަންތައްތަކެއް، އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފައި އިނގޭތޯ. އޭގެތެރެއިން ދެން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވުނު ޓެކްސް ރެޖީމަށް މިގެންނަން ނިންމާފައި އޮތް ބަދަލުތައް. ކިހިނެއްތޯ އެކަންތައްތައް ވިޔަފާރިވެރިން ބަލައިގެން ކަމަށް ލަފާކުރެވެނީ. އެއީ ޙަޤީޤަތުގައިވެސް ހަމަ ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި، އެ ލަނޑުދަނޑިތައް ނޫނީ އެ ޓެކްސް އެގޮތަށް ބައްޓަން ކުރެވިދާނެތޯ؟ އޭގެ ސަބަބުން އާމްދަނީ އިތުރުވުމާއި މަދުވުމާ އެކަމާ ބެހޭގޮތުން އެކަށީގެންވާ ދިރާސާތަކެއް ހެއްދެވިފައި އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން ފުރަތަމަ ކަމަކަށްވެސް ދަންނަވާނީ އަޅުގަނޑުމެން އަނގަވެސް ނުހުޅުވާނެ، ފޮތްބައެއްގެ ގަނޑުގައި ނުލިޔެވެނީހެއް އިނގޭތޯ. އެހެންވީމާ، އެދިރާސާތައް ފުދޭވަރަކަށް އަޅުގަނޑުމެންނަށް ހުންނާނީ ކުރެވިފައި. އަޅުގަނޑު މިދައްކާ ވާހަކައަކީ، ކޮށްފައިވާ ވިޔަފާރިއަކުން ނޫނިއްޔާ ޓެކްސްއެއް ނަގައިގެން ނުވާނެއޭ. ނުކުރާ ވިޔަފާރިއަކުން ޓެކްސްއެއް ނެގުން އެއީ އިންޞާފުވެރި ކަމެއް ނޫނޭ. އިމްޕޯޓް ޑިއުޓީއިން ޓެކްސް އާމްދަނީ ހޯދުމަކީ ވިޔަފާރި ނުކުރެވެނީސް މުދަލުން އެއިން އަޅުގަނޑުމެން ސަރުކާރަށް އެއްޗެއް ނެގުން. އެހެންވީމާ، އެއީކީއެއް ވިޔަފާރިވެރިންނަށް ފައިދާހުރި ކަމަކަށްވެސްނުވޭ. ދެން އަނެއްހެން ދަންނަވާނަމަ، ސޯޝަލް އިޖްތިމާޢީ ޢަދާލަތަށް ބެއްލެވިޔަސްވެސް އެއީކީއެއް ރަނގަޅު ގޮތެއްކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވީމާ، އެބަދަލު އެބަ ގެންނަންޖެހޭ.

ދެން ދެތިން ބަދަލެއް މައިގަނޑު ގޮތެއްގައި މިގެންނަންޖެހެނީ. ބައެއް ބަދަލުތަކަކީ ފުރިހަމަ ބަދަލު އަންނަންދެން ޓްރާންސިޝަނަލް ބަދަލުގެ ގޮތުގައި ހިފަހައްޓާނެ ބަދަލު. އަޅުގަނޑުމެންގެ އަމާޒަކީ މާގިނަ ޓެކްސްނެތި އެންމެ ޓެކްސްއެއް އޮތުން. އެއީ، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްއެއް އޮތުން. އެއީ، އަޅުގަނޑުމެންގެ އަމާޒަކީ. އެހެން ނަމަވެސް، ދައުލަތުގެ އާމްދަނީއަށް އަންނަ ބަދަލުތައް މިހާރު މިހުރި ގޮތާއި ދެން އެއަށް ލޮޅުންއަރާނެ ގޮތްތަކާ، އެކަންކަން ވަކި ހަމައެއްގައި ހިފެހެއްޓުމަށްޓަކައި އިންތިޤާލީ މަރްޙަލާއެއްގައި އެކި ބާވަތްބާވަތުގެ ޓެކްސްތަކެއް އައިއްސަ މި ފަހު ޓެކްސް އަޅުގަނޑުމެންނަށް ތަޢާރުފް ކުރެވޭނީ. އެހެން ނޫނިއްޔާ އެއް ޓެކްސްއަކަށް އަޅުގަނޑުމެންނަށް ހަދާލެވޭނީ. މީގެތެރޭގައި އެބަނެގޭ އެޑްވެލޮރަމް ޓެކްސްއެއް. އެއީ ވިއްކާ އަގާ ގުޅިގެން ނަގާ ޓެކްސްއެއް. މިހާރު މިނަގަނީ ބެޑް ރެންޓް. ބެޑް ނައިޓަކުން ނަގާ ޓެކްސްއެއް. އެއީ، ޓޫރިސްޓަކު ރާއްޖޭގައި އައިއްސަ ހުންނަ ކޮންމެ ރެއަކު ނަގާ ޢަދަދަކަށް ނަގާ ޓެކްސްއެއް. އެއެއް ގުޅިފައެއް ނޯވޭ ޓޫރިސްޓް މީހާ އަތުން އެ ރިޒޯޓަށް ނެގި ޢަދަދަކާއެއް ނުވަތަ އެނދު ވިއްކާ ޢަދަދަކާއެއް. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ އެނދު ވިއްކާ ޢަދަދާ ގުޅިގެން، ވިއްކާ އަގާ ގުޅިގެން ނަގާ ޓެކްސްއެއް ނެގޭތޯ ބެލުން.

ހަމައެއާއެކީގައި، ބައެއް ރިޒޯޓްތަކުގެ ބިމުގެ ކުލި އެބަހުރޭ ވަރަށްބޮޑުކޮށް. އަނެއްބައި ތަންތަނުގައި އެކަށީގެންވާ މިންވަރެއްގައި. އެހެންވީމާ، އަޅުގަނޑުމެން މިހާރު ބޭނުންވެގެން މިއުޅެނީ ކުލި ބިން އެއީ ބިމާގުޅޭ ޤާނޫނާ އެއްހަމައަކަށް ގެނެސް، އެ ޤާނޫނުގެ ތެރެއިން ބިމުގެ ކުއްޔެއް ނެގޭނެގޮތެއް ހޯދުން. އަދި އަޅުގަނޑުމެން ގަބޫލުކުރަނީ ބިމަކީ ވިޔަފާރީގެ ފެކްޓަރ އޮފް ޕްރޮޑަކްޝަނެއް ކަމަށް. ބިން ގަނެ ވިއްކެން ޖެހޭނެ ކަމަށް. ދެން އަޅުގަނޑުމެން މިހާރު ގާނޫނުއަސާސީ އެބަދޭ ނުވަދިހަ ނުވައަހަރު ބިމުގެ މުއްދަތަށް. އިރާދަކުރެއްވިއްޔާ މިހާރު މި ބިމާބެހޭ ޤާނޫނަށް މިގެންނަ ބަދަލާ ގުޅިގެން މިހާރު މި ބޭނުންކުރަމުން، ޓޫރިޒަމްގެ ބޭނުންތަކަށް ބޭނުންކުރާ ބިންވެސް، އެކިއެކި ޞިނާޢީ މަސައްކަތްތަކަށް ކަމުގައިވިޔަސްވެސް އަދި ނުވަތަ ދަނޑުވެރިކަން، މަސްވެރިކަން، މިކަންކަމަށް ބޭނުންކުރާ ބިން ކަމުގައިވިޔަސްވެސް ދިގު މުއްދަތަށް އެބިން ދެވޭނެގޮތް އަޅުގަނޑުމެން މި ޤާނޫނުގެ އިޞްލާޙުގެ ތެރޭގައި ތަޢާރުފު ކުރާނަން.

އަޅުގަނޑަށް ފެނުނީ، ދިވެހިރާއްޖޭގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ އަދި އަޅުގަނޑަށް ޔަޤީން ރާއްޖޭގެ ވިޔަފާރިވެރިންނަކީ ވަރަށް ޒިންމާދާރު ބައެއް. އެބޭފުޅުން ވިސްނަވާނެ ސަރުކާރަށްވެސް، ދައުލަތަށްވެސް، ރައްޔިތުންނަށްވާގޮތް. އެބޭފުޅުންގެ ވިޔަފާރި ބިނާވެފައި އޮންނާނީ، މިތަނުގައި ހަރުދަނާ ދައުލަތެއް ޤާއިމު ކުރެވިގެން. ރަނގަޅު އިޤްތިޞާދެއް ބިނާކުރެވިގެން. އެހެންވީމާ، ރަނގަޅު އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރަކުން ކުރާ މަސައްކަތްތަކަށް އެބޭފުޅުން އެހީތެރިވާނެކަމާ ގުޅޭގޮތުން އަޅުގަނޑު ކުޑަވެސް ޝައްކެއް ނުކުރަން. އެނގިވަޑައިގަންނަވާނެ، ވަޑައިގެން ތިއްބެވި ހުރިހާ އިސް ވިޔަފާރިވެރިންވެސް ދެން އަދި އެބޭފުޅުން އެކަންކަމާ ހިތްހަމަޖެހިވަޑައިގަންނަވާ ވާހަކަވެސް އެގެންދަވަނީ ހާމަކުރައްވަމުން. އަޅުގަނޑުމެންނަށް މި މަސައްކަތްތަކަކީ އުނދަގޫ މަސައްކަތްތަކެއް. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި މަސައްކަތްތައް ކާމިޔާބުގެ އައްސޭރިއަކަށް ގެނެވޭނެ.

ޝައުފާ ޙުސައިން – ދިވެހިރާއްޖޭގެ އަޑު:

ސަރުކާރުގެ މާލީ ސިޔާސަތު ހާމަކުރެއްވިއިރުގައިވެސް ބޮޑަށް ފާހަގަކުރެއްވި އާމްދަނީ މަދުން ލިބޭ ފަރާތްތަކަށް ކުރާ އަސަރު ދަށްކުރެއްވުމަށް. ދެން މި ކިޔެވުމާއި، ފެނާއި ނަރުދަމާ މިކަންތައްތަކަށް އެހީތެރިވެދެއްވާނެ ކަމަށް. ފައިސާ ނުދެއްކޭ ފަރާތްތަކަށް. ކިހިނެއްތޯ ބަލާނީ ފައިސާ އެހާވަރަށް ނުދެއްކޭ މީހުން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެން މިގެންދަނީ ކްރައިޓީރިއާތަކެއް ކަނޑައަޅަމުން އިނގޭތޯ. ކޮބައިތޯ ނިކަމެއްޗަކީ ބަލަން. ދެން މީގައި ތިވިދާޅުވާހެން ފުރަތަމަ އެކެއް އަބަދުވެސް ކޮންމެ ކަމެއް ކުރިޔަސްވެސް ކޮންމެވެސް ބަޔަކު އެކަމުގައި އޮޅުވާލުންތަކެއް ގެންގުޅޭނެ. ސަރުކާރުން އެކަން ގަބޫލުކުރަން ޖެހޭނީ. ހަމަ އަޅުގަނޑުމެން މިދެކެނީ ކޮންމެ މަސައްކަތެއް ހިންގިޔަސްވެސް ގާތްގަނޑަކަށް ދިހަ ފަނަރަ ޕަސެންޓް މީހުން ތެދު މަޢްލޫމާތު ނުދިނުމާއި، މިހެންގޮސް އޭގެ ނާޖާއިޒު ކަންތައްތަކެއް އެދަރަޖައަށް ހިނގައިދާނެ. ދެން އަޅުގަނޑުމެންގެ އަމާޒަކީ އެ ވީހާވެސް ކުޑަކޮށްފައި ބެހެއްޓުން. އެހެންވީމާ، އަޅުގަނޑުމެން މި މާޖިންއަކަށް ނުވަތަ އެ ކުޑަކުރެވޭތޯ މިބަލަނީ ދިހައަކުން ތިރިއަށް. ދެން މިހާރު މިސާލަކަށް 65 އަހަރުވެގެން ޢިނާޔަތްދޭ ބޭފުޅުން. ދިވެހިރާއްޖޭގައި 65 އަހަރުން މަތީގެ އަށާރަހާސް ރައްޔިތުން އެބައުޅޭ. އޭގެތެރެއިން މިހާރު ދެވެމުން މިދަނީ ތޭރަހާސް ކޮންމެވެސް ބަޔަކަށް. ދެން އެ ދެވޭ ރައްޔިތުންގެ ތެރޭގައި ޙައްޤު ނޫން ބައެއްވެސް އަދިވެސް ތިބެދާނެ. އެއިން ބޭފުޅަކު އަޅުގަނޑުމެންނަށް ފެނި، ކަނޑައެޅިގެން މަޢްލޫމާތު ދޮގުކޮށް ދެއްވާފައި އޮވެއްޖިއްޔާ ހަމަ ޤާނޫނީ ފިޔަވަޅު އެޅޭނެ، ޝަރީޢަތަށް ގެންދެވޭނެ. ޙުކުމް އިއްވޭނެ އިރާދަކުރެއްވިއްޔާ. އަދި ހައްޔަރުވެސް ކުރެވޭނެ. އެ ދޮގު މަޢްލޫމާތު ސަރުކާރަށް ދެއްވައިގެން ނުވާނެ. ސަރުކާރުން ވަރަށް ހެޔޮހިތުން ހެޔޮނިޔަތުގައި މިކަން ކުރަނީ.

ދެން ނިކަމެތިންނަކީ ކޮބައިތޯ ބަލާއިރުގައި ބައިވަރު މިންގަނޑުތަކެއް އެބަ ގެންގުޅެވޭ. މިސާލަކަށް އަޅުގަނޑު މިހުށަހެޅީ އަޅުގަނޑުގެ ދަރިފުޅަކީ އަޅުގަނޑަކީ ނިކަމެއްޗެކޭ. އަޅުގަނޑު ދަރިފުޅަށް އެބަ ބޭނުންވެއޭ ޓިއުޝަން ފީ ނުވަތަ ކޮންމެ މަހަކު އެއްފަހަރު ކިރުދަޅެއް ގަނެދޭން އެބަ ބޭނުންވެއޭ. ދެން ގަބޫލުކުރާވަރު ކުޑަވާނެތާ ދޮއެއްތޯ އަޅުގަނޑު އެހެން ބުނެއްޖެއްޔާ. އެހެންވީމާ، އެއީ ކޮން މިންގަނޑަކުންތޯ އެ ކުޑަކުރީ. ހަމަ އަޅުގަނޑުމެންނަށް ލިބިފައި ހުރި މަޢްލޫމާތުގެ މައްޗަށް. ދެން އަޅުގަނޑުމެން މިސާލަކަށް ބަލައިލާއިރު އަޅުގަނޑު ދަރިފުޅުގެ ނިއުޓްރިޝަން ލެވެލް ހުރީ މާރަނގަޅަށް. އަޅުގަނޑު އެބުނި އެއްޗަކާއެއް ދިމައެއްނުވޭ އަޅުގަނޑު ދަރިފުޅުގެ ނިއުޓްރިޝަން ލެވެލް ހުރިވަރާ. އެހެންވީމާ، މިހާރު އެބަގެންގުޅޭ އ.ދ.ގެ އިންޑިކޭޓަރސް ނުވަތަ ކްރައިޓީރިއާ ނުވަތަ ވަރަށް ތަފާތު ގޮތްގޮތަށް ހުރި މިންގަނޑުތަކެއް. އެހެންވީމާ، އެ މިންގަނޑުތަކުގެ ތެރޭގައި އަޅުގަނޑުމެން މިދަނީ މިނަމުން. ކޮބައިތޯ ނިކަމެތިންނަކީ. ދެން މިދަންނަވާހެން އަޅުގަނޑުމެން މިނާ ނިމޭއިރުގައި އ.ދ. އިން އެންމެފަހުން އަޅުގަނޑުމެންނަށް ޚަބަރުވެފައި އޮތީ ސާޅީހަކަށް ޕަސެންޓް މީހުންނަކީ ފަޤީރުންނޭ. އެކަމަކު އަޅުގަނޑުމެން މިދެކެނީ މިދަންނަވާ ނެޓް ނުވަތަ ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމަށް ފާހަގަވާނީ، ގާތްގަނޑަކަށް އާބާދީގެ ވިއްސަކަށް ޕަސެންޓޭ. މިހެން ދެންނެވިއަކަސް ފަރމް ރަނގަޅު މަޢްލޫމާތު އަޅުގަނޑުމެންނަށް އެނގޭނީ އަދި ގާތްގަނޑަކަށް ތިން ހަތަރު މަހެއްގެ މިމަސައްކަތްތައް މިހާރުދަނީ ހިނގަމުން. މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ އާއި ނޭޝަނަލް ރަޖިސްޓްރޭޝަން ޑިޕާޓްމަންޓާއި، އެންސްޕާ އާއި، ފޮރިން އެފެއާޒާއި އަދި މިއޮފީހާއި، ޕްލޭނިންގ ކޮމިޝަނާ، މިފަރާތްތައް ގުޅޭ ކޮމިޓީއަކުން މިދަނީ މިމަސައްކަތްތައް މިހާރު ބެލެމުން.

ޒީނާ ޒާހިރު – ވީ.ޓީ.ވީ

އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ ރައީސް ނަޝީދު ދެންމެ ވިދާޅުވެއްޖެ، މިހާރު ރާއްޖެއަށް ޑްރަގް ވަންނަ މިންވަރު ވަރަށް މަދުވެއްޖެ ކަމަށް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިފެންނަނީ ދުވަހެއް ދުވަހަކަށް މި ޑްރަގްގެ ސަބަބުން މީހުން ހައްޔަރު ކުރަމުންދާތަން. އެހެންވުމުގެ ސަބަބުން އަޅުގަނޑުގެ ސުވާލަކީ ކޮން ގޮތަކަށްތޯއޭ ތިޔަ ވިދާޅުވަނީ މަދުކަމަށް. ކުޑަ ތަފްޞީލެއް ދެއްވިދާނެތޯ؟

ދެން ދެވަނަ ސުވާލަކީ ސަރުކާރުން ހުށަހަޅާ ބިލްތައް ފާސްކުރުމަށް އިދިކޮޅު ޕާޓީއަކަށް މެޖޯރިޓީ މަޖިލީހުގައި ލިބިފައިވުމުން އެއްވެސްވަރެއްގެ ހުރަހެއް ކުރިމަތިވެފައިވާ ކަމަށް ގަބޫލުކުރެއްވޭތޯ؟ އަދި މިކަމުގެ ސަބަބުން ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް އެއްވެސްވަރެއްގެ ހުރަހެއް ކުރިމަތިވާކަމަށް ގަބޫލުފުޅު ކުރެއްވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މަދުކަމަށް އެއްވެސް ކަމެއް އަޅުގަނޑުމެން ދެކޭނީ މިނާފައި. އެހެންވީމާ، އެ ދެކޭނީ ކިލޯއިން، ފޫޓުން. އެކަހަލަ ގޮތަކަށް އަޅުގަނޑުމެން މަދުކަމަށް ދެކޭނީ. ރާއްޖެއަށް އެތެރެވާ ޑްރަގް އަންދާޒާ އަޅުގަނޑުމެން ކުރަން. އެއީ، ހިފާ ޢަދަދަކުންނެއް ނޫން އެ އަންދާޒާތައް ބިނާވެފައި އޮންނަނީ. އެ އަންދާޒާގައި އަޅުގަނޑުމެންނަށް މަދުކަމަށް ފެންނަނީ ކިލޯއިން. ޑްރަގް އަޅުގަނޑުމެން މިނަނީ ކިލޯއިން. ދެން މިހާރު މިފެންނަނީ މީހުން ހައްޔަރުވަމުންދާލެއް އިތުރުވާ ވާހަކަ. އެކަމާ ގުޅޭނީ މަދުވުމާހެންވެސް އެކަށީގެންވޭ. ދެން މިހާރު ތިޔަބޭފުޅުންނަށް ޑްރަގް، މަގުމަތިން މަދުކަމަށް ނުފެންނަ ކަމަށްވަނީވިއްޔާ އަޅުގަނޑު އެދެން ތަންކޮޅެއް ބޮޑަށް ބައްލަވާލައްވަން. ކިހާވަރަކަށްތޯ އެންމެފަހުން ތިޔަބޭފުޅާއާ ދިމާވެފައި ހުރީ އާޝޯޚްވެފައި ހުރި ޒުވާނަކާ. މީގެކުރީގައި މީގެ ހަތަރުމަސްދުވަހެއް ކުރިއާއި މިއަދާ، ސީދާ ތިޔަބޭފުޅާއާ ދިމާވެފައި ހުރީ ކިހިނެއްތޯ؟ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ހިތާހިތާ މި ސުވާލު ކުރައްވާފައި ބައްލަވާލައްވަންވީ. މީގެ ހަތަރު މަސް ކުރީގައި އަޅުގަނޑުމެންނަށް މަގުމަތިން ފެނުނު މަންޒަރުތޯ މިއަދު ފެންނަނީ. ދެން އެ މަންޒަރު އަޅުގަނޑަށް ދެން މީގެ ހަތަރުމަސް ކުރީގައި މަގުމަތިން ފެނުނު މަންޒަރު އަޅުގަނޑަކަށް މިއަދު ނުފެނޭ. ވަރަށްބޮޑު ހިތާމައެއް އެއީ. އަޅުގަނޑަކަށް އެވަރަކަށް މަގުމައްޗަކު ނުހުރެވޭ. ދެން އެކަމަކު އަޅުގަނޑު އަހަން މީހުން ކައިރީގައި، އެމީހުންނަށް ފެނޭތޯ މިއަދު އެ މަންޒަރު.

ދެން ބިލް، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނެތުނެއްކަމަކު އަޅުގަނޑު ނުދެކެން، މަޖިލީހުގެ ދެން ވާދަވެރި ސިޔާސީ ޕާޓީތަކުންވެސް ދެން ބައެއްފަހަރަށް އަދި އެހެން ކަންކަން ކުރެއްވިއެއްކަމަކު މިހާރު އެބޭފުޅުންނާ ވާހަކަ ދެއްކޭނެ ކަމަށް އަޅުގަނޑު އެބަ އުންމީދު ކުރަން. ދެން އެކަމަކު އިއްޔެގައި އެ ދައްކަވަމުން އެގެންދެވި ޢަމަލުތަކުން ކުޑަކޮށް ހިތްމަރުވާގޮތްވޭ. އެހެންނަމަވެސް، މިހާރުވެސް އެބަހުރި ޤާނޫނު އެކަށީގެންވާ މިންވަރަށް. އަޅުގަނޑުމެން ގެއެއް އެޅުން މަނާކުރާ ޤާނޫނެއް ނެތެއް ނޫންތޯ. އަދި ނަރުދަމާއެއް އެޅުން މަނާކުރާ ޤާނޫނެއްވެސް ނެތް. ދެން ކުޑަކޮށް އުނދަގޫވާނީ ނަރުދަމާއެއް އެޅުން، ގެއެއް އެޅުމަށް ފައިސާ ހޯދާގޮތް ބަޔާންކުރާ ޤާނޫނު އޮތީ ކިހިނެއްތޯ ވިސްނުން. ދެން އަޅުގަނޑުމެން ބަލާއިރުގައި މާލިއްޔަތު ޤާނޫނު ސާފު. އެހެންވީމާ، މިހާރު މިއޮތް ޤާނޫނީ އޮނިގަނޑުން ވަރަށްބޮޑު މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވޭނެ. އެހެން ނަމަވެސް، ތިޔަބޭފުޅާގެ ޖަވާބުގައި ދަންނަވަން އޮތީ އާދޭހޭ ދަތިވާނެއޭ. މަޖިލިސް މެންބަރުން އަޅުގަނޑުމެންނަށް އެއްބާރުލުން ނުދެއްވާ ކަމަށްވަނީވިއްޔާ އެ އަޅުގަނޑުމެން މި އަޅާ ނަރުދަމާތައް އެޅުން ދަތިވާނެ. އެއީ، މި ސަރުކާރަށް ދެވޭ ގެއްލުމެއް ނޫން. ރައްޔިތުންނަށް ދެވޭ ގެއްލުމެއް. ނަރުދަމާއެއް އަޅާނީކީއެއް އަޅުގަނޑުމެން މި ސިޔާސީ މުވައްޒަފުންގެ ގޭގެއަކު ނޫން. އެކިއެކި ރަށްރަށުގައި. އެކިއެކި އާބާދީތަކުގައި. ހައުސިންގ ޔުނިޓެއް ހަދާނީކީއެއް ވަކި ފަރާތަކަށް އަމާޒުކޮށްގެނެއް ނޫން އިނގޭތޯ. ހަމަ ހުރިހާ އެންމެންނަށް. އެހެންވީމާ، މަޖިލީހުގެ މެންބަރުން ޢަމަލު ކުރައްވާ ގޮތުގެ ސަބަބުން ހަމަ ތެދުފުޅެއް. އަޅުގަނޑުމެން މިފޯރުކޮށްދޭން އުޅޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއް.


ޢަބްދުއްލަޠީފް އާދަމް – ރާއްޖެ ނިއުސް އޮންލައިން:

އަޅުގަނޑު ވަރަށް ކުރުކޮށް ދަންނަވާލެވޭތޯ ބަލާނަން. މިހާރު ތިޔަބޭފުޅުން މިދެންނެވީ އެންސްޕާއިން މިހާރު އިންޓްރޮޑިއުސް ކުރި ސްކީމްގެ ދަށުން، ކޮންމެ ޤައުމެއްގައިވެސް ތިބޭނެ ވެލްފެއަރގެ އެހީ ލިބެން ޖެހޭނެ ބަޔަކާއި، ލިބެން ނުޖެހޭ ބަޔަކާ ދޮއެއްތޯ. މިހާރު އޭގެތެރެއިން ލިބެންޖެހޭ ލިބުން ޙައްޤުވާ މީހުންނަށް، މިދެންނެވީ ހިލޭ ލިބޭތީ ކޮންމެހެން ލިބިގަންނަ އުޞޫލަކުން ނޫން ނަމަވެސް، ހަމަ ތިމާއަށް ލިބެންޖެހޭ މީހުންގެ ޢަދަދަށް ބަލާފައި، އަޅުގަނޑުމެންގެ އިންޝުއަރެންސް މި ކަވަރޭޖްތެރޭ ކިހާ ދުވަހެއްގެތެރޭ ދާނެ ކަމަށް މަނިކުފާނު ލަފާކުރައްވަންތޯ؟

ދެވަނަ ސުވާލެއްގެ ގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި ކަމެއް އަބަދުވެސް ޑްރަގް މައްސަލަ އެއީ. މަނިކުފާނު ގިނިކަންޏަކާއެއް ނުދަންނަވަން. މުޅި ޤައުމު އެންމެ ކަންބޮޑުވެފައި އޮތް މައްސަލަ، ޑްރަގް މައްސަލަ. ވަރަށް ބޮޑެތި ކާމިޔާބީތަކެއް ކޮންމެ ގޮތެއްވިޔަސް ފެންނަން އެބަހުރި ލޯމަތިން ތިވިދާޅުވިހެން. ހުރިއިރުގައި އެންމެބޮޑު އެއްދައްޗަކަށް އަދިވެސް މިއުޅެނީ ޖަލުގެ ޖާގައިގެ މައްސަލަކަންނޭނގެ. އެހެންވީމާ، މިހާރު ތިބި ކުށްވެރިންނާބެހޭ ބިލް މަޖިލީހުގައި އުޅޭއިރުގައި، އެކަންތައްތައް މިހާރު ގޮސްފައި އޮތްގޮތް، ދަމުންދާގޮތް މަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާތޯ؟ ކިހާ ދުވަސްވަރެއްގައި މީގެ އަލިކަމެއް ފެނި، ޖަލުގެ މައްސަލައިގައި އަޅުގަނޑުމެންނަށް ހައްލަކަށް އާދެވިދާނެތޯ؟ އެއީ މީގައި އެންމެ ކަންބޮޑުވާންޖެހޭ އެއްސަބަބަކީ، އަޅުގަނޑުމެންނަށް އިތުރު ޖަލެއް ކުއްލިއަކަށް އެޅެން ނެތުމާއި، ޖަލަށް ގެންދަންޖެހޭ ބަޔަކު ތިބުމާއި، މިކަންކަން ސަލާމަތްވެވޭނެ މަރްޙަލާތަކެއް ނެތުން. އެހެންވީމާ، މިދެކަންތަކުގައި މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވެދެއްވިއްޔާ ވަރަށް ރަނގަޅު.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ އިނގޭތޯ. އިތުރު ޖަލު. ދެން މިހާރު ހެދެމުން އަންނަ ޖަލުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށްދޭ އިނގޭތޯ. ދެން އެހެންވީމާ، އެ ޖަލު ބޮޑުކުރެވޭނެ. ދެން އަދި އެބަ މިހާރު ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ކޮމިޓީގައި އެބައޮތް ޖަލެއް ޕްރައިވަޓައިޒް ކުރުމުގެ މަސައްކަތްވެސް އެބަކުރޭ. އެހެންވީމާ، ޕްރައިވެޓް ޖަލެއް އިރާދަކުރެއްވިއްޔާ އުފެއްދުމުގެ މަސައްކަތް އަޅުގަނޑުމެން އެބަކުރޭ. އެހެންވީމާ، އެ ދިމާއިންވެސް ޖާގަ އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.

ދެން މިހާރު މަޖިލީހުގައި ސަރުކާރުން ބޭނުންވީ ބައެއް ބޭފުޅުންނަށް ލުޔެއް ދެވޭނެ ގޮތެއް ހޯދަން، މި ޤާނޫނީ އޮނިގަނޑުގެ ތެރެއިން. ދެން މިހާރު މަޖިލީހުގައި އަނެއްހެން އިސްކަމެއް ދެއްވައިގެން އެބޭފުޅުން އެގެންދަވަނީ، ކުރީގެ ރައީސްގެ ޢިނާޔަތުގެ ކަންތައް. ހޭލާ ތިއްބަވައިގެންވެސް ކުރިއަށް ގެންދަވަން އެ ނިންމަވަނީ. މިދިޔަ މުޅި ދައުރު އެކީގައި މި ނިމުނީ. ފުރަތަމަ ދައުރު މި ނިމުނީ. މަޖިލީހުން ނިންމަވަންވެގެން އެބޭފުޅުން އަމާޒު ކުރެއްވި ހަމަ އެންމެ ކަމެއް. ކުރީގެ ރައީސަށް ދެއްވާ ޢިނާޔަތް. އަޅުގަނޑުވެސް ނުދެކެން އެއީ، މުހިންމު ކަމެއް ނޫން ކަމަކަށް. އެއީވެސް ކިތަންމެހާވެސް މުހިންމު ކަމެއް. ދެން އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ ދެން އެހެން ކަންތައްތައްވެސް އެބަހުއްޓޭ. އަޅުގަނޑަށް ހަމަ ވަރަށް މުހިންމުވާނެ ކުރީގެ ރައީސްގެ ޢިނާޔަތުގެ މައްސަލަވެސް. ބޭފުޅަކު ފާހަގަކުރެއްވި ފަދައިން ހަމަ އެނބުރި އަޅުގަނޑަށް އެ ޢިނާޔަތް އަންނާނެ. އެހެން ނަމަވެސް، ދެން އަޅުގަނޑު މި ހިތަށްއަރަނީ އެނޫންވެސް ކަންތައްތައް އެބަހުއްޓޭ އަޅުގަނޑުމެންނަށް މިކަމުގައި މުހިންމުކަމެއްދޭންވާ ކަންތައްތައް.

ދެން ހެލްތް އިންޝުއަރެންސް ނުވަތަ ހެލްތް ޙައްޤުވާ މީހުންނަށް ކޮންއިރަކުތޯ އަޅުގަނޑުމެންނަށް މަދަނަ ޕްރޮގްރާމުން ކަވަރޭޖް ދެވޭނީ. އެއީ ބޭފުޅަކު ފާހަގަކުރެއްވި، ޙައްޤުވާ މިންވަރު ނުވަތަ ބޭފުޅުން ކަނޑައަޅާނީ ކިހިނެއްތޯ؟ އެހެންވީމާ، އަޅުގަނޑުމެން މިގެންދަނީ އެ ފަޤީރު ނިކަމެތިން ހޯދަމުން. ނިކަމެތިން އަޅުގަނޑުމެންނަށް ކަނޑައެޅޭނެ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި. ނިކަމެތިންގެ ރަނގަޅު ފުރިހަމަ ލިސްޓެއް އަޅުގަނޑުމެންނަށް ނެގޭނެ. ނެގުނީމާ އެ ހުރިހާ ބޭފުޅުންނަށް ހެލްތް އިންޝުއަރެންސް ދެވޭނެ. މިހާރު ދެވިފައި މިއޮތީ ސަރުކާރު މުވައްޒަފުންނަށް. މި ޕްރޮގްރާމްގެ ދަށުން ހެލްތް އިންޝުއަރެންސް ދެވިފައި އޮތީ. ދެން 65 އަހަރުންމަތީގެ މީހުންނާއި، ޟަރޫރީ އެހީ ބޭނުންވާ ކަމަށް މިހާރު ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާ. ޟަރޫރީ އެހީ ބޭނުންވާ ކަމަށް، މިސާލަކަށް އަޅުގަނޑު ބަލައިލިއިރުގައި ޟަރޫރީ އެހީ ބޭނުންވާ ކަމަށް މުޅި ހެންވޭރުން ތިބީ 16 މީހުން ރަޖިސްޓްރީ ކުރެވިފައި. އެހެންނަމަވެސް، އަޅުގަނޑަށް ޔަޤީން، ހެންވޭރުގައި 16 މީހުންނަށްވުރެ ގިނަކަން ޟަރޫރީ އެހީއަށް ބޭނުންވާ. އެހެންވީމާ، އެ ރަޖިސްޓްރޭޝަންގެ ކަންތަކާއި، އެ ފާހަގަކުރުމުގެ ކަންތައްތައް އަޅުގަނޑުމެން އެބަ ފުރިހަމަކުރަންޖެހޭ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، އެއް ސުވާލު އަރުވާނަން. އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރިއްޔާ. އެސުވާލު އަޅުގަނޑަށް އެރުވޭކަށެއް ނެތް. ބަންގި ވަގުތާ އެކީގައިވެސްމެ. އަޅުގަނޑުމެންނަށް މިގަޑިއަށް ނިންމާލަން އެބަޖެހޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ ވަޑައިގެންނެވީތީވެ. އަދި އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ރޯދަމަހުގެ ހެޔޮދުޢާ ތަހުނިޔާތައް ރައްދުކުރަން. އަދި ޢީދުގެ ކުރީގައި ފަހަރުގައި އަޅުގަނޑާ ތިޔަބޭފުޅުންނާ ދިމާނުވާނަމަ، ޢީދުގެ މުބާރަކްބާދީވެސް ތިޔަބޭފުޅުންނަށް ރައްދުކުރަން. والحمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ!

_______________________