بســم اللّـه الرّحمـن الرّحيــم


ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން. އަޅުގަނޑުމެންނަށް މިކަމަށް އެހީތެރިވެދެއްވުމަށް ބޭރުން ވަޑައިގެން ތިއްބެވި ބޭފުޅުން. ދައުލަތުގެ ވަޒީރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. މިނިވަން މުއައްސަސާތަކުގެ ވެރިން. އަދި ހަމަ މި ޖަލްސާއަށް އެކިގޮތްގޮތުން، ވަޙީދު ވިދާޅުވިހެން މިޖަލްސާ ރޭވި ބޭފުޅުންނަށް ފެނިވަޑައިގަންނަވައިގެން ދެންނެވީތީ ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެން މިއަދު މި ކުރެވޭތޯ ބަލާ މަސައްކަތަކީ، މުސްތަޤްބަލަށް ދުރުމި އަޅަމުން ޑްރަގާ ގުޅޭގޮތުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ރޭވުމުގެ ރޭވުމެއް އެކުލަވާލުމުގެ މަސައްކަތް. އެއްވެސް ހާލެއްގައި މީގެކުރީގައި އެކްޝަން ޕްލޭނެއް ނެތް ކަމަށް ނުވަތަ އެ ޕްލޭން ކަމުނުގޮސްގެން އަލުން އެހެން ޕްލޭނެއް، އެހެން ތަޞައްވުރެއް އަޅުގަނޑުމެން އެކުލަވާލަން ވިސްނަނީކީއެއް ނޫން. ހަމަ މިހާރު ދެން މިތިބި ހިސާބުން އަޅުގަނޑުމެން ބަލައި، މުސްތަޤްބަލަށް ދުރުމީ އަޅަމުން، އެ މުސްތަޤްބަލުގައި ކަންތައް އޮންނާނެ ގޮތް ސިފަކުރަމުން، މިއަދު އަޅުގަނޑުމެން ތަޞައްވުރެއް އެކުލަވާލާއިރުގައި ކަން އޮންނާނީ ކިހިނެއްތޯ ދެނެގަތުން. ހަމައެހެންމެ، އަޅުގަނޑުމެން މި މަސައްކަތް ހިންގާއިރުގައި ބަލާން އެބަޖެހޭ، ވޭތުވެދިޔަ ތަނުގައި ކަން ކުރެވިފައި އޮތީ ކިހިނެއްތޯ؟ ރަނގަޅަށް އަޅުގަނޑުމެންނަށް ކުރެވިފައި ހުރި ކަންކަން ހަމަ އަލުން އަނބުރާ އެގޮތަށް ތަކުރާރު ކުރަމުން ގެންދަންވީ. ނުރަނގަޅު ގޮތެއްގައި ނުވަތަ ނަތީޖާއެއް، އަޅުގަނޑުމެން އެދޭ ނަތީޖާއެއް ނޫން އެހެން ނަތީޖާއެއް ނުކުމެފައި ހުރި ކަންކަން އަނބުރާ އެހެން ގޮތަކަށް އެކަން ބަދަލުކުރަންވީ.

އަޅުގަނޑުމެން އަބަދުވެސް އެބަ ދެކެން. ކަމެއް ކުރަންވީމާ، ޙަޤީޤަތުގައި ކުރާން މިޖެހެނީ އެ ކުރާން އުޅޭ ކަމެއް ނޫނޭ. އެހެން ކަމެކޭ. އެހެން އެތައް ކަމެއް ކުރަމުން ކުރަމުން އައިސް، މިކުރާން މިއުޅޭ ކަން ކުރެވެނީ. ވީމާ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އޭރުން އެހެރީ އެކަން ދެމެހެއްޓެނިވި ގޮތުގައި ކުރެވިފައި. އަޅުގަނޑުމެންނަށް އަނެއްކާވެސް އަޅުގަނޑު ހަމަ ތަކުރާރު ކުރާނަން. ކަމެއް، ވަކިކަމެއް ފާހަގަކޮށް، އެކަމެއް ޙާޞިލު ކުރުމަށްޓަކައި ސީދާ އެކަން ކުރާން ނުކުތީމާ، އަޅުގަނޑުމެންނަށް ފެނިފައި މިހުރީ، އަދި އަޅުގަނޑުގެ ނަޒަރުގައި އިންސާނީ ތަޖުރިބާއަށް ފެނިފައި ހުރީ، އަޅުގަނޑުމެން މި ބޭނުންވާ ކަންތައް އޭރުން އޮންނަނީ ރަނގަޅަށް ނުކުރެވިއޭ. އެހެނަސް، އަޅުގަނޑުމެން ކުރާ އެހެން އެތައް ކަމެއްގެ ތެރެއިން އެކަންކަން ފުރިހަމަ ކުރަމުން، ވަކި ތަރުތީބަކުން ގެންގޮސް، ކުރިއަށް ދިޔައީމާ، އަޅުގަނޑުމެން އެދޭ ކަން އެބަ ހިމުންވެގެން އާދެއޭ. އެ އުނދަގޫ މެޓްރިކްސް އަޅުގަނޑުމެން ހޯދަން ބޭނުމީ. ކިހިނެއް، ކޮން ބާވަތެއްގެ ކަންތައްތަކެއް ކުރީމަތޯ އާޚިރަތުގައި އެންމެފަހުން އައިސް އަޅުގަނޑުމެން މިބޭނުންވާ ކަންތައް އަޅުގަނޑުމެންނަށް ކުރެވެނީ.

ޕްލޭނިންގގެ މުހިންމުކަން އަޅުގަނޑު ކޮންމެހެން ތިޔަބޭފުޅުންނަށް ކިޔައިދޭކަށެއް ނުޖެހޭނެ. އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން ދެތިން ނުކުތާއެއް އެބަވޭ. ފުރަތަމަ ކަމަކަށް، އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ ކަންކަން އެބަ ޑުޕްލިކޭޓްވޭ، ތަކުރާރުވޭ. އެބަޔަކު ހަމަ ކުރާ އެކަންތައް ސަރުކާރުގެ އެހެން މުއައްސަސާއަކުން ނުވަތަ ވުޒާރާއަކުން ނުވަތަ އޮފީހަކުން އެއްބަޔަކު ކުރާ ކަން، އަނެއްބަޔަކު ހަމަ ކޮށްކޮށް ތިބުން. ޚާއްޞަކޮށް، އިދާރީ މަސައްކަތް. އިދާރީ މަސައްކަތްތައް، އެއްބާވަތެއްގެ މަސައްކަތް އެތައް މިތަނުގައި އަޅުގަނޑުމެންނަށް އެބަ ކުރެވޭ. ކުރީމާ، ހަމަ ކޮންމެ ތަނަކުންވެސް ނުކުންނަނީ ނަތީޖާ. އަޅުގަނޑަށް ޔަޤީން، ކަމެއް ރަނގަޅަށް ކޮށްފިއްޔާ ރަނގަޅު ނަތީޖާއެއް ނުކުންނާނެކަން. އެހެންނަމަވެސް، މުޅި ސަރުކާރަށް، މުޅި ދައުލަތަށް، މުޅި ދިވެހިރާއްޖެއަށް އަޅުގަނޑުމެން ވިސްނާއިރުގައި، ހުރިހާ އެންމެން އެއްކަމެއް ކުރާން ނުކުތީމާ، ދެން އެއިރަށް އަޅުގަނޑުމެންނަށް ބައެއްފަހަރަށް ފެނޭ، މާގިނަ މީހުން އަތްލައިގެން އުޅުނީމާ، އަޅުގަނޑުމެން އެދެވޭ ނަތީޖާ އެކަމުން ނުފެންނަތަން. އަދި ބައެއްފަހަރަށް ހަމައެކަނި އެއްފަހަރު ކުރަން ހުރި ކަމެއް، ހަތްފަހަރަށް ކޮށްފައި، ހަތްފަހަރު ކުރަންހުރި ކަން އެއްފަހަރުވެސް ނުކޮށް ދޫކޮށްލާންވީ. އަޅުގަނޑުމެން ޑުޕްލިކޭޝަނަށް ނުވަތަ ތަކުރާރުވުމަށް ހަމަ ވަރަށް ބޮޑަށް އެބަ ވިސްނާންޖެހޭ.
ހަމައެއާއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑުމެން މިހާރު ކުރުމަށް މިމަސައްކަތް ކުރާ ކަންތައްތަކާ ގުޅޭގޮތުން ނުކުންނާނެ ރިކަރެންޓް ޚަރަދަށް ހިންގުމުގެ ޚަރަދަށް ވިސްނަންޖެހޭނެއޭ. އަޅުގަނޑުމެންނަށް އެހީ ލިބިގެން ވަރަށްރީތި ޢިމާރާތްތައް ތަންތާނގައި އެބައެޅޭ. އެއީ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު މިސާލަކަށް، ޔުނިސެފުން އަޅުއްވައިދެއްވާފައި ހުރި ބޮޑުސިންގާ ތަނެއް މާފުށީގައި އެބަހުރި. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރު އެތަނަށް އޮތީ ވާވަދެފައި. ހަމައެހެންމެ، އެބާވަތުގެ އެތައް ތަންތަން އެބަ އެކި ތަންތަނުގައި އެޅޭ. ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން. އަންހެނުންގެ ކަންކަން ކުރިއެރުވުމަށް. ޖަމާޢަތުގެ ކަންކަން ކުރިއެރުވުމަށް ޢިމާރާތް އެބަ އެޅޭ. މިއިން ކޮންމެ ޢިމާރާތަކާ ގުޅިގެން އެބަ ނުކުމޭ ރިކަރެންޓް ޚަރަދެއް. އެ ރިކަރެންޓް ޚަރަދު ފޫބައްދާނެ ގޮތެއް، އަޅުގަނޑުމެން ކެޕިޓަލް ޚަރަދު ކުރާއިރަކު ނުވިސްނާ. ކުރިއަށް މިއޮތް ހަތަރު ފަސް އަހަރުގައި މިއަދު މިކުރާ ކަމެއްގެ ސަބަބުން ދެން ޚަރަދަށްވެގެންދާނީ ކިހިނެއްތޯ؟ އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ކޮންމެ ކަމެއް ކުރައްވާއިރު، ކޮންމެ ޢިމާރާތެއް އަޅުއްވާއިރުގައިވެސް، ކޮންމެ ޕްރޮޖެކްޓެއް ފަށްޓަވާއިރުގައިވެސް، އެކަމަކާ ގުޅޭ ރިކަރެންޓް ޚަރަދަށް ވެގެންދާނެގޮތާމެދު ވިސްނުން ބަހައްޓަންޖެހޭނެ. އަޅުގަނޑު އުންމީދު ކުރަން، މިކަމުގެ މުހިންމުކަން މިއަދު އަދި ޚާއްޞަކޮށް މިވަގުތު އަޅުގަނޑުމެންނަށް ފާހަގަކުރަންޖެހޭ. ބަޖެޓުގެ މައްސަލަތައް އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ގޮތުން މިއަދު މިޖެހެނީ ވީ މިންވަރަކުން އިޤްތިޞާދު ކޮށްގެން އަޅުގަނޑުމެންނަށް ނެރެވެންހުރި ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރުން.

އަޅުގަނޑު މާގިނަ ވާހަކައެއް ދަންނަވާކަށެއް ނޫން. އަޅުގަނޑުމެން މި ޑްރަގްގެ މައްސަލައާ ގުޅޭގޮތުން ހަމަގައިމުވެސް އަޅުގަނޑު ވަރަށް ވިސްނަން. ވަރަށް ޒަމާނުއްސުރެ ފަށައިގެން އަޅުގަނޑު ވިސްނަމުން އަންނަނީ. އަޅުގަނޑުގެ ވަރަށްގާތް ކިތަންމެ ބައެއް މިކަމުގައި މަރުވެވެސް ހިނގައްޖެ. އަދި މާޔޫސްވެ، ނިކަމެތިވެ، އެމީހުންގެ ޢާއިލާތަކާ ވަކިވެ، ބިކަހާލުޖެހި ހިނގައްޖެ. އަޅުގަނޑު އަބަދުވެސް ހިތަށްއަރާ، އަޅުގަނޑާ އެމީހުންނާ ކޮން ތަފާތެއް ހުރެގެންވީ ގޮތެއްބާއޭ އެއީ. އަޅުގަނޑުމެން އެކީގައި މަދަރުސާގައިވެސް އުޅުނީ ނުވަތަ އަޅުގަނޑު ދަންނަ ހަމަ ވަރަށް ގާތް މީހެއްގެ ދަރިއެއް. އޭނާގެ ދަރިފުޅަށް މިހެންމިވީ ކިހިނެއްވެގެންބާއޭ. 13 އަހަރުގައި ހަކުރު ބޯން ފެށީ ކިހިނެއްވެގެންހެއްޔޭ. 14 އަހަރުގައި ހެރޮއިންނަގަން ފެށީ ކިހިނެއް ވެގެންހެއްޔޭ. އެމަގަށް ކުއްޖާ މިވެއްޓެނީ، އެމަގަށް މީހާ މިދަނީ ކިހިނެއްވީމާހޭ؟ ދެން އެ ސުވާލު އަޅުގަނޑުމެންނަށް ކުރެވޭ. އަޅުގަނޑެއް ނުދެކޭނަން، ކޮންމެހެންނެއް މިއަދަކު އޭގެ ޞައްޙަ ޖަވާބެއް އަދި އެއްވެސް ދުވަހަކު އަޅުގަނޑުމެންނަކަށް ކޮންމެހެން ނެރެވިދާނެ ކަމަކަށެއް. އަޅުގަނޑުމެން އެންމެންނަށްވެސް އެކަމާ ގުޅޭ ވިސްނުންތައް ގެންގުޅެވިދާނެ. ވަޙީދުވެސް ދެންމެ ފާހަގަކުރައްވައިފި. މާ ބޯހަރުނުކުރައްވައްޗޭ. މާ މޮޅު އެއްޗެއް އަޅުގަނޑުމެންނަށް އެކަކަށްވެސް އެނގޭކަމަށް ދެކިގެން. ނޭނގެނީ. އެނގޭނަމަ، އަޅުގަނޑުމެންގެ ތެރޭގައި މިހުރިހާ މައްސަލަތަކެއް ނުހުންނާނެ. މިދުނިޔެއަކުވެސް ނުހުންނާނެ. އަޅުގަނޑުމެންނަށް ވިސްނޭ ވިސްނުމުގައި، އަޅުގަނޑުމެންނަށް މިވަގުތު އެއީ ވަގުތުގެ ހަމަ އަޖަލުގައި ޖެހިގެން ތިބެ ވިސްނާއިރުގައި، ކަންކަން ފެންނަގޮތް މިއޮންނަނީ. އެގޮތަށް ކަމެއް ކުރީމާ، އަޅުގަނޑުމެން މި އުންމީދު ކުރަނީ އެގޮތް ރަނގަޅުވާނެއޭ.
އަޅުގަނޑުމެން ވަރަށް ހަރުކަށިކޮށް، ޑްރަގް ފޮހެލަން ނުވަތަ ޑްރަގް ނަގާ ކުދިންނާ ގުޅޭގޮތުން ޢަމަލުކޮށްފީމު. ވަރަށް ހަރުކަށިކޮށް. އެއިން ނުކުތް ނަތީޖާއަކީ ކޮބައިކަންވެސް ބައެއްފަހަރަށް އަޅުގަނޑުމެން ދެކެން އެއިން ނުކުތީ ވަރަށް ނުރަނގަޅު ނަތީޖާއެކޭ. އަނެއްބަޔަކު ހަމަ ދެކޭ، އެމަގުގައި ރަނގަޅު ނަތީޖާ ނެރެވިފައި ހުރިކަމަށް. ހަރުކަށިވުމަކީވެސް މުހިންމު ކަމެއްކަމަށް. އަޅުގަނޑު ބޭނުން، ތިޔަބޭފުޅުން ވިސްނާއިރުގައި، މިދެކަމުގެ މައްޗަށްވެސް އަލިއަޅުވާލަން ނުވަތަ ވިސްނުމުގެ ރޮނގު ހިންގެވުން.

ރާއްޖޭގައި ދިމާވެފައިހުރި ގިނަ މައްސަލަ މިއަދު އިޖްތިމާޢީ މައްސަލަތައް ދިމާވެފައިހުރީ ޑްރަގް ބޭނުންކުރުން އެއީ، އޭގެ އަޞްލަކަށްވެގެން. ޑްރަގާ ގުޅޭ މައްސަލަތައް، އަޅުގަނޑުމެންނަށް ޙައްލުކުރަން ނުފެށިއްޖެނަމަ، އަޅުގަނޑުމެންނަށް ދެން ހުރި އެހެން އިޖްތިމާޢީ މައްސަލަތައް އަދި އިޤްތިޞާދީ މައްސަލަތައްވެސް ޙައްލުކުރަން ވަރަށް އުނދަގޫވާނެ. އަޅުގަނޑުމެން މިއަދު ޑޮލަރު މަދުވެގެން މިސާލަކަށް އުޅޭއިރުގައި، އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް ޔަޤީނެއްނުވޭ، އަޅުގަނޑަށް އެނގިހުރި މަޢްލޫމާތެއް ނޫން މިދަންނަވަނީ ކޮންމެހެންނެއް. އެކަމަކު އެނގިހުރި ބައެއް މަޢްލޫމާތުގެ މައްޗަށް ބަލާއިރުގައި، ބައެއް ޑްރަގްގެ ވިޔަފާރީގައި އުޅެދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ ނުވަތަ ކޮންމެވެސް ވަރަކަށް މަޢްލޫމާތު ލިބިހުރި ބޭބޭފުޅުންގެ އެކައުންޓްގައި ހުރެދާނެ ހަމަ ފުދޭވަރަކަށް ޑޮލަރު. އަޅުގަނޑުމެންނަށް ޑޮލަރު ގެއްލިގެން އުޅެނީ ކޮންތަނަކަށްތޯ ހިތަށްއެރީމާ، ބައެއްފަހަރަށް ބައެއް ބޭފުޅުން އެބަ ހަމަ ހިތަށްއަރާ. ޑޮލަރުވަނީ ރިޒޯޓް ހިންގާ މީހުންގެ އަތުގައޭ. އަދި އެހެން ނޫން ކަމަށްވެސް ވެދާނެ. ވަރަށްގިނަ ފަހަރަށް އަޅުގަނޑުމެންނަށް ސީދާ ބައެއްފަހަރަށް ހިތަށްއަރާ އަދި ނުވަތަ ހިތުގައި އަޅުގަނޑުމެންނަށް ބިންވަޅު ނެގޭ ކަންކަން، ތެދުކަމަށް ގަބޫލުކުރެވޭ ކަންކަން ތެދަށްނުވެ އެބަދޭ. ދެން ތެދާއި ދޮގު އަޅުގަނޑުމެންނަށް ހޯދެނީ އެތައް އެތައް މަރްޙަލާއެއްގެފަހު. އަޅުގަނޑުމެން މިދެކެނީ ޝަރްޢީ ޙުކުމެއް އެއީ ތެދެއްކަމަށް. ބައެއް ބޭފުޅުން ވިދާޅުވާނެ. ހަމަ އެހާ ހުރިހާ މަޢްލޫމާތު އަޅުގަނޑަށް އެނގޭއިރުގައި، ކީއްވެ ހެއްޔޭ މާދަމާ ދަޢުވާ ނުކުރަނީ؟ މަޢްލޫމާތާއި ހެއްކާ އެއީ ތަފާތު އެއްޗެއް. އަޅުގަނޑުމެން މިހާރު މިޢަމަލު ކުރަމުން މިދާ އާ ޤާނޫނުއަސާސީގެ ރޫޙަށް އަޅުގަނޑުމެން ބަލަންޖެހޭ. އަޅުގަނޑުމެންނަށް ލިބިހުރި މަޢްލޫމާތާއި އަދި ދެން އަޅުގަނޑު ދައްކަން ހުރި ވާހަކައެއް ނޫން، ޕްރޮސެކިއުޓަރ ޖެނެރަލް އެބަ އިންނެވި. އަޅުގަނޑަށް ހީވަނީ ޖަޖުންވެސް އެބަ ތިއްބެވިހެން. ޕޮލީސް ކޮމިޝަނަރުވެސް އެބަ އިންނެވި. މަޢްލޫމާތާއި ހެއްކާ އެއީ، ތަފާތު އެއްޗެއް. ސާބިތު ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާއާ އެކުގައި ނޫނިއްޔާ، އަޅުގަނޑުމެންނަކަށް މީސްމީހުންގެ މައްޗަށް ދަޢުވާއެއް ނުކުރެވޭނެ. ހިފައި ހައްޔަރެއްވެސް ނުކުރެވޭނެ. އެކަންވެސް އަޅުގަނޑުމެން ކުރަން ޖެހޭނީ، ވަކި ތަރުތީބަކުން، ވަކި ހަމައަކުން އެކަން ކުރެވެން އޮތް ޤާނޫނީ ހަމައިގައި. އަޅުގަނޑުމެން އެންމެ ފުރަތަމަ ހިންގަން ބޭނުންވަނީ ޤާނޫނީ ދައުލަތެއް. ޑްރަގުން ސަލާމަތްވާންވެސް ބޭނުންވަނީ ޤާނޫނީ ދައުލަތެއްގެ ތެރޭގައި. އެއްވެސް ކަމެއް ކުރަން ބޭނުންވަނީ، ޤާނޫނީ ދައުލަތެއްގެ ތެރޭގައި. އެހެންވީމާ، އެ ޤާނޫނީ ޙުދޫދުން ނެއްޓިގެންގޮސް ކުރަންހުރި ކަންކަން ހަމަގައިމުވެސް އަޅުގަނޑުގެ ނަޒަރުގައި ނުކޮށް ދޫކޮށްލުން މާ ބުއްދިވެރި.
އަޅުގަނޑުގެ ވާހަކަ މާ ދިގުލައި ގެންދާކަށް ޤަޞްދެއް ނުކުރަން. އެހެން ނަމަވެސް، ހަމަ މި ޖޯޝާއެކީގައި އަބަދުވެސް ވިސްނޭ ވާހަކައަކަށްވާތީވެ، މިވާހަކަތައް ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑު މި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ދެއްކި ވާހަކައެއް، ފަހުން ބައެއް ބޭފުޅުން ތަކުރާރު ކުރައްވަމުން ގެންދެވި. އެއީ، އެއްވެސް މީހަކު ކޮންމެހެން އެންމެންނަށް. ކޮންމެހެން އެއްވެސް މީހެކޭ ނޫން. އަނެއްކާވެސް ހަމަ އެވާހަކަ ތަކުރާރު ކުރަން އަޅުގަނޑު މިއުޅެނީ. އެންމެންނަކު ކޮންމެހެން އަބަދުގައި ހަމައިގައި ތިބޭކަށް އެދިދާނެ ކަމަށް އަޅުގަނޑުމެން ހަމައިގައި ތިބޭ މީހުން ދެކޭނެ ކަމަކުނެތޭ. އެންމެންނަކު އަބަދަކު ހަމައިގައި ތިބެން އެންމެން ބޭނުންނުވެދާނެއޭ. އެހެންވީމާ، ކޮންމެވެސް އެއްބަޔަކު އަބަދުވެސް ހަމަ ބުއްދިން ނެއްޓޭ ގަޑިގަޑި، ނެއްޓޭ އިރުއިރު އަންނާނެ ކަމަށް އަޅުގަނޑުމެން ދެކެން ޖެހޭނެއޭ.

އަޅުގަނޑު ހަމައެއާ ވިދިގެން މިދެކޭ، ފާހަގަކުރާ އަނެއް ނުކުތާއަކީ، ހަމައިން ނެއްޓެން ބޭނުންވާ މީހާ، އެކަން ކުރާން އޮތް ހަމައެކަނި ވަސީލަތަކީ ހަކުރަށްވީމާ، ދެން ހަކުރު ގިނަވެއޭ. އަޅުގަނޑަށްވެސް އެނގޭ ހަމަ މިއީ ޚާއްޞަކޮށް އަދި އަޅުގަނޑު ރައީސަކު ދައްކަން ކަމުނުދާ ވާހަކައެއްކަން. އެކަމަކު އަޅުގަނޑު މިތަނަށް މިއަދު އައިސް މިހުރީ، އަޅުގަނޑުގެ ހިތުގައި އޮތް ވާހަކައެއް މިކަމާ ގުޅޭގޮތުން ދައްކަން. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން އެބަ ހޯދަންޖެހޭ ކިތަންމެ ކިތަންމެ ގޮތެއް. ކިހިނެއްތޯ އެބަ އެއްއަތުން ބަލާއިރުގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މިންވަރު ކުޑަކުރަންޖެހޭ. ފުލުހުންނާއި އަމަން ބަލަހައްޓާ ފަރާތްތަކުގެ ދައުރުގެ އެކަމުގައި ވަރަށްބޮޑު، ވަރަށްފުޅާ، ވަރަށް މުހިންމު. ހަމައެއާއެކީގައި، މަސްތުވާތަކެއްޗަށް އަދި ޚާއްޞަކޮށް ބާރުގަދަ މަސްތުވާތަކެއްޗަށް ރައްޔިތުން، ޒުވާނުން ދެވިހިފާ ސަބަބުތައް ދެނެގަނެ، އެ ދެވިން އެމީހުން ރައްކާތެރިކުރުން، ނައްޓުވައިދިނުން އެއީވެސް އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންގެ ވާޖިބެއް. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ޢިލްމީ ހޯދުން އޮތީ ކިހިނެއް ހެއްޔޭ؟ އެ ދެވިން ނެއްޓުވުމަށްޓަކައި އަދި އެއަށްވުރެ ވިހަ ކުޑަ މަސްތެއްގައި މީހާ ޖެއްސުން އެއީ، މީހުން ކުރާ ކަމެކޭ. އަޅުގަނޑުމެން ޑީޓޮކްސިފިކޭޝަން ސެންޓަރެއް މިހެދީ އެ ވިސްނުމުގައި. މިކަން ކުރެވެނީ، ޢިލްމީ ބޭފުޅުން މިބުނަނީ އެއްފަހަރާ ނޫން ކަމަށް. އެއްކައިރި ކުރަމުން ކުރަމުން ކުރަމުން ގެންގޮސް ކުރާންޖެހެނީ ކަމަށް.

އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން ހުރިހާ ވާހަކައެއްވެސް ދެއްކުން. މިކަމާ ގުޅޭގޮތުން އަޅުގަނޑުމެންނަށް އެންމެ އުނދަގޫ އެންމެހާ ވާހަކަތައްވެސް އަޅުގަނޑުމެން ދައްކަމުން ގެންދިއުން. އަޅުގަނޑުމެންނަށް މިކަމުގެ ރަނގަޅު ފިކުރެއް، ރަނގަޅު ގޮތެއް ހޯދެންދެން، މި މަސައްކަތް ކުރިއަށް ގެންދިއުން. އަޅުގަނޑު ޚާއްޞަކޮށް، ޑީ.އާރު.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނަށާއި އަދި އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނަށް މިއަދު މިބައްދަލުވުމުގައި އެބޭފުޅުން ބައިވެރިވެވަޑައިގެންނެވީތީވެ ޝުކުރު ދަންނަވަން. މަޖިލީހުގެ ދައުރެއް މީގައި ނެތިއެއް އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ ސަރުކާރަށްވެސް، ރައްޔިތުންނަށްވެސް އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކަށްވެސް، މިކަމުން އަޅުގަނޑުމެންނަށް ކުރިއެރުމެއް ހޯދަން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑު އިއްޔެ ހެނދުނުވެސް ދެންނެވިން، މަޖިލީހަށް ލިބެމުން އަންނަ ހިތްހަމަޖެހުމާއި، އޮމާންކަމާއި، ތަނަވަސްކަން، މަޖިލީހުގެ ތެރޭގައި އުފެދޭ އުފާވެރިކަން. އަޅުގަނޑު އުންމީދުކުރަން، އެ މަސައްކަތް މަޖިލީހުގެ ތެރޭގައި ހަމަ އެގޮތަށް ބާރަށް ގޮސް، އޭގެ ހެޔޮ އަސަރު، މަޖިލީހުގެ އުފާވެރިކަމުގެ ހެޔޮ އަސަރު، މި މަސައްކަތުގެ ތެރެއަށްވެސް ފޭދިގެންދާނެކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ރާއްޖެއަކީ، މިއަދަށްވުރެ އަދި މާ އުފާވެރި ރާއްޖެއަކަށް މާދަމާވުން. އަޅުގަނޑުގެ ދުއާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه، ވަރަށް ބޮޑަށް ޝުކުރިއްޔާ.
______________________