ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:


بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


އަޅުގަނޑުމެންނަށް، ތިޔަބޭފުޅުންނާ އަޅުގަނޑާ މިގޮތަށް މިބައްދަލުވަނީ، ކުޑަދުވަސްކޮޅެއް މެދުކެނޑުމަށްފަހުގައި. އަޅުގަނޑުމެން މިއަދު މިބައްދަލުކޮށްލަނީ، ބައެއް މާލީ ކަންކަމާއި އަދި އިޤްތިޞާދީ ކަންކަމާ ގުޅޭގޮތުން ބައެއް މުހިންމު ވާހަކަތައް ރައްޔިތުންނާއެކު ޙިއްޞާކޮށްލަން އަޅުގަނޑުމެންގެ ނަޒަރުގައި މިވަގުތު މުނާސިބު ކަމަށް ދެކެވޭތީވެ. އެހެންވީމާ، އެގޮތުން ފުރަތަމަ ޢަލީ ހާޝިމް ދެއްވާނެ ކުޑަކުޑަ ބަޔާނެއް. އެއަށްފަހު، އަސްޢަދު އެއްޗެއް ވިދާޅުވާނެ. ދެން ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑުމެން ފުރްޞަތު އަރުވާނަން.



މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމް:

بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ކުޑަ މައުޟޫޢަކަށް ތިޔަބޭފުޅުން ތަޢާރުފުކޮށްލާނީ މިއަދު ފިޒިކަލް އަދި ފޮރިން ކަރަންސީ ރިޒަރވާ ބެހޭގޮތުން. ފިޒިކަލް ރިޒަރވެއް ޤާއިމު ކުރެވޭނީ، ބަޖެޓް ޚަރަދުތަކަށްވުރެ އާމްދަނީ އިތުރުކުރެވިގެންކަމަށް. މިގޮތުން، އަހަރެއްގެ ތެރޭގައި ޚަރަދަށްވުރެ އާމްދަނީ އިތުރުވާނަމަ، ކިއުންލޭޓިވް ފިޒިކަލް ރިޒަރވެއް ޤާއިމު ކުރެވޭނެ. މިހާތަނަށް ރާއްޖޭގެ ބަޖެޓަށް ބަލާއިރު، ޚަރަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ އެންމެ ތިންއަހަރު. އެއީ، 2002 ގައި ނުވަސަތޭކަ އަށްޑިހަ ފަސްހާސް ހަސަތޭކަ ތިރީސް އަށްރުފިޔާ އާއި، 2003 ގައި ސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ރުފިޔާ އާއި، އަދި 2004 ވަނަ އަހަރު ސަތޭކަ ފަންސާސް ހަތަރު މިލިއަން ރުފިޔާ. އަދި އެހެން ހުރިހާ އަހަރެއްގައި ބަޖެޓްވަނީ ޑެފިސިޓްވެފައި. މި ޑެފިސިޓްތަކުގެ ޖުމްލައަކީ 5.7 ބިލިއަން ރުފިޔާ. ވީމާ، މިހާތަނަށް އައިއިރު، ޖުމްލަ ޑެފިސިޓްގެ ތެރެއިން، ސަރޕްލަސް ތިންއަހަރު ސަރޕްލަސް ކަނޑާލުމުން ބަޖެޓް ޑެފިސިޓް ގޮތުގައި ނުވަތަ ސަރުކާރުގެ ދަރަނީގެ ގޮތުގައި ޖުމްލަ 5.4 ބިލިއަން ރުފިޔާ އެބައޮތް.

ފިޒިކަލް ރިޒަރވެއް ޤާއިމު ކުރެވިފައި އޮތުމުގެ ބޭނުމަކީ، ޤައުމުގައި މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ދެމެހެއްޓުމާއި އަދި އިޤްތިޞާދީ ހީނަރުކަމެއްގެ ތެރޭގައި އިޤްތިޞާދު ދެމެހެއްޓުން. މިހާތަނަށް އައިއިރު، ދިވެހިރާއްޖޭގައިވެސް ފިޒިކަލް ރިޒަރވެއް ޤާއިމު ކުރެވިފައި އޮތްނަމަ، މިހާރު ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ސަލާމަތް ކުރެވުމަށް ކޮންމެވެސް އެހީތެރިކަމެއް ލިބިދޭނެ.

ފޮރިން ކަރަންސީ ރިޒަރވެއްގެ ގޮތުގައި ހިމެނެނީ، ސެންޓްރަލް ބޭންކް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައިހުރި ރަނާއި، ސްޕެޝަލް ޑްރޯއިންގ ރައިޓްސް ނުވަތަ އެސް.ޑީ.އާރު، ބޭރު ފައިސާ، ބޭރު ފައިސާއިން ބޭރުގެ ޑިޕޮޒިޓް ކުރެވިފައި ހުންނަ ފައިސާ. އެހެން ޤައުމުތަކުގެ ޑެޓް އިންސްޓްރޫމަންޓްސްގައި ކުރެވިފައިވާ އިންވެސްޓްމަންޓްތަކަށް އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑްގައި ހުރި އެޤައުމެއްގެ ރިޒަރވް.

ނެޓް ރިޒަރވެއްގެ ގޮތުގައި ބެލެވޭނީ، އެމް.އެމް.އޭ.ގެ ފޮރިން ކަރަންސީ އެސެޓްތަކުން، ފޮރިން ލައިބިލިޓީޒް ކަނޑާލުމުންޖެހޭ ޢަދަދު. ފޮރިން ލައަބިލިޓީޒް ބޭރު ފައިސާއިން އެމް.އެމް.އޭ.ގައި ބެހެއްޓިފައި ހުރީ އެހެން ފަރާތްތަކުގައި، މިސާލަކަށް ސަރުކާރުގައި ޑިޕޮޒިޓްތައް. އެއީ ލައަބިލިޓީގެ ގޮތުގައި ހުންނަނީ. ރާއްޖޭގެ ފޮރިން ކަރަންސީ ރިޒަރވަށް ބަލާއިރު، މިހާރު ނެޓް ރިޒަރވެއްގެ ގޮތުގައި ހުރީ، 68 މިލިއަން އެމެރިކާ ޑޮލަރު. އަދި ގްރޮސް ރިޒަރވެއްގެ ގޮތުގައި އެހުރީ، 210 މިލިއަން އެމެރިކާޑޮލަރު. ރިޒަރވާ ބެހޭގޮތުން މިހާތަނަށް ދެކެވިފައިވާ ވާހަކަތަކުގެ ރިޒަރވްގެ ގޮތުގައި މާނަކުރެވިފައި ވަނީ، އެމް.އެމް.އޭ ގައި ހުންނަ ގްރޮސް އިންޓަރނޭޝަނަލް ރިޒަރވް. އަދި ނެޓް އިންޓަރނޭޝަނަލް ރިޒަރވްވެސް ހާމަކުރެވެން ފަށާފައިވަނީ، މީގެ އަހަރެއްގެ ދުވަސްވަރުގެކުރީގައި. ގްރޮސް އިންޓަރނޭޝަނަލް ރިޒަރވާއި، ނެޓް އިންޓަރނޭޝަނަލް ރިޒަރވްގެ ތެރެއިން މުހިންމީ، ނެޓް އިންޓަރނޭޝަނަލް ރިޒަރވް. އެއީ ގްރޮސް އިންޓަރޭޝަނަލް ރިޒަރވްގައި ހިމެނޭ ބޭންކްތަކުގައި މިނިމަމް ރިޒަރވް ރިކުއަރމަންޓް ނުވަތަ އެމް.އެމް.އާރު. އެހެން އެއްވެސް ކަމަކަށް ބޭނުންކުރެވޭ އެއްޗެއް ނޫން ކަމަށްވާތީ.

ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ރިޒަރވަކީ އަޅުގަނޑު ދެކޭގޮތުގައި ފިޒިކަލް ރިޒަރވެއް. ފޮރިން ކަރަންސީ ރިޒަރވެއް ނޫން އެއީ. އެއީ އޭގެއިން މާނަކުރެވޭ ރިޒަރވެއް ނޫން. އެއީ ހަމައެކަނި ފިޒިކަލް ރިޒަރވް މާނަކޮށްފައި އެވަނީ.

ދިވެހިރާއްޖޭގައި މިހާތަނަށް ބަޖެޓް ޑެފިސިޓް އޮތުމުން، ފިޒިކަލް ރިޒަރވެއް ނެތް. ފިޒިކަލް ރިޒަރވެއް ޤާއިމުކޮށްފައި އޮތުމަކީ، ވަރަށް މުހިންމު ކަމަކަށް މި ސަރުކާރުން ދެކެން. އަދި މިގޮތުގެ މަތިން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މިހާރުވެސް ފާސްކުރެވިފައި އޮތް މެދުރާސްތާ ބަޖެޓުގައި ހުށަހެޅުންތަކެއް ހިމެނިފައިވާނެ. މީގެތެރޭގައި، ގްރީން ޓެކްސް ތަޢާރުފު ކުރުމާއި، ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް އިހަށްދުވަހު މަޖިލީހުގެ ތަޅުމުގައި ބަޙުޘް ކުރައްވަމުން ގެންދެވި. ފަތުރުވެރިކަމުގައި، ފަތުރުވެރިއެއްގެ އަތުން މިހާރު މިލިބޭ ބެޑް ޓެކްސް ނެގޭ 8 ޑޮލަރުގެ ބަދަލުގައި އެޑް ވެލަރޮމް ޓެކްސްއެއް އެއީ އެޑް ވެލަރޮމް ޓެކްސްއަކީ، ފަތުރުވެރިކަމުން ވިއްކާ އަގުން ނެގޭ އެއްޗެއް. ބޮލަކަށްޖެހޭ ޢަދަދެއް ނޫން. ދެން އޭގެއިތުރަށް، 2011 ވަނަ އަހަރު ގުޑްސް އެންޑް ސަރވިސަސް ޓެކްސްއެއް ނެގުމަށް ހުށަހެޅިފައިވާނެ. މީގެއިތުރުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މި ސަރުކާރަށް ޕްރައިވަޓައިޒް ކުރުމަށް ނިންމާފައިވާ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނަމަ، ދައުލަތުގެ އާމްދަނީ މިހާރަށްވުރެ އިތުރުކުރެވޭނެ ކަމަށް އަޅުގަނޑަށް ފެނޭ.

2009 ވަނަ އަހަރަށް ލަފާކޮށްފައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިފައިވާ ދައުލަތުގެ ބަޖެޓްގައި 2011 ވަނަ އަހަރުގައި ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުކޮށް، ބަޖެޓްގެ ސަރޕްލަސްއެއް ރޭވި، އެ ހިމެނިފައިވާނެ. ބަޖެޓް ސަރޕްލަސް ވުުމުން ރިޒަރވެއް ޤާއިމު ކުރެވޭނެ. ރިޒަރވެއްގެ ޢަދަދުވެސް މިހާތަނަށް އަދި ހަމަޖެހިފަކާނުވޭ. އެކަމަކު އަޅުގަނޑުމެން މެދު ރާސްތާ ބަޖެޓެއްގައި އެ ރާވާފައި ކުރިއަށް ގެންދާގޮތަށް ހުށަހަޅާފައި ވާނެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! ޢަލީ. އަޅުގަނޑު އަސްޢަދަށް ފުރްޞަތު އެރުވުމުގެ ކުރީގައި ހަމަ ކުޑަކުޑަ ޚުލާޞާއެއް ދަންނަވާލާނަން. ޢަލީ ވިދާޅުވާގޮތުގައި، ޢަލީ އެ ވިދާޅުވަނީ، ދައުލަތުގެ ރިޒަރވަކީ ދައުލަތަށް ލިބޭ އެއްޗަކަށްވުރެ ޚަރަދު ކުޑަވީމާ، ބާކީހުރި ފައިސާ އެކުވަމުން އައިސް އުފެދޭ އެއްޗެކޭ. މިވަގުތު ދައުލަތުގެ ރިޒަރވެއް އަޅުގަނޑުމެން އަތަކު ނެތޭ. އެއީ މިދިޔަ އަހަރުތަކުގެ ތެރެއިން އެންމެ ދެއަހަރުއޭ، ލިބުނު އެއްޗަކަށްވުރެ ހިނގި ޚަރަދު ކުޑައީ. އެހެންވީމާ، މިބުނާ ދައުލަތުގެ ރިޒަރވެއް މި ރާއްޖެއަކު ނެތޭ. ދެން މި އަޅުގަނޑުމެންނަށް މި ފާހަގަ މިކުރެވޭ އެއް ވާހަކައަކީ، ދެން ހުރީ ކޮން ރިޒަރވެއް ހެއްޔޭ، އިނގޭތޯ. މިހާރު ހުރީ ކޮން ރިޒަރވެއް ހެއްޔޭ. ކޮން ޑޮލަރެއްގެ ވާހަކައެއްތޯއޭ މިދެކެވެނީ. ޢަލީ ވިދާޅުވޭ އެބަ، އަޅުގަނޑުމެންގެ އަތުގައި މިހާރު އެބަހުއްޓޭ ނެޓް ރިޒަރވްގެ ގޮތުގައި 68 މިލިއަން ޑޮލަރާއި، އަދި ގްރޮސް ރިޒަރވްގެ ގޮތުގައި 210 މިލިއަން ޑޮލަރު. ނެޓް ރިޒަރވްގެ ގޮތުގައި ޢަލީ އެ ވިދާޅުވަނީ، އެދެކެވޭ ވާހަކައަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ރުފިޔާ ވިއްކުމަށްޓަކައި، މައިގަނޑު ގޮތެއްގައި. ޑޮލަރު އެބޭފުޅުން ބަލައިގެންފައި. ސަރުކާރަށް ރުފިޔާ ދިނީމާ، ދެން އެ ޖަމާވާ ޑޮލަރުގެ ގޮތުގައި އެބަހުއްޓޭ ޑޮލަރު އެތަނުގައި. އެއީ، އެއްބާވަތެއްގެ ރިޒަރވޭ. ނެޓް ރިޒަރވޭ. ދެން ގްރޮސް ރިޒަރވެއްގެ ގޮތުގައި މިކިޔަނީ، ބޭންކްތަކުގައި، ރައްޔިތުން ބޭންކްގައި ފައިސާ ޑިޕޮޒިޓް ކުރީމާ، އެމް.އެމް.އޭ.ގެ ގަވާއިދެއްގައި އެބަ ބުނޭ. އެ ޑިޕޮޒިޓް ކުރާ ފައިސާގެ، ޑޮލަރުގެ 25 ޕަސެންޓް އެމް.އެމް.އޭ.ގައި ބަހައްޓަންޖެހޭނޭ. އެހެންވީމާ، އެއީ ރައްޔިތުންގެ ފައިސާއެއް. އެ ރައްޔިތުންގެ ފައިސާ އެއީ ގްރޮސް ރިޒަރވްގެ ތެރޭގައި ހިމެނޭ ޢަދަދެއް.

ދެން މިހާރު ޢަލީ އެވިދާޅުވަނީ، ޓްރެޜަރީއިން އެ ވިދާޅުވަނީ، ޤާނޫނުއަސާސީގައި އެބުނާ މާލިއްޔާގައި ރިޒަރވްގައި ބަހައްޓާ ޢަދަދު. އެ ޢަދަދެއްގެ ގޮތުގައި، އެ ފިޒިކަލް ރިޒަރވްގެ ގޮތުގައޭ ޤާނޫނުއަސާސީގައި އެފާހަގަ އެކުރަނީ އެކަން. އެ ޢަދަދަކަށްވާންޖެހޭނީ، ލިބޭ އެއްޗެއް ގިނަވާށޭ މިވަނީ، ކުރެވޭ ޚަރަދަކަށްވުރެ. އެހެންވީމާ، ބާކީ ވަމުން ވަމުން އައިސް، އެ ޢަދަދު އެކުލެވިގެންވާންޖެހޭނެއޭ. އަޅުގަނޑުމެންގެ މާލީ ސިޔާސަތަކީ، އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި މިދަންނަވާ ބާވަތުގެ ރިޒަރވެއް އުފެއްދުން. އެ ރިޒަރވް އުފެއްދުމަށްޓަކައި، ސަރުކާރުން އެބަ ކުރިއަށް މިއޮތް ތިން ހަތަރު އަހަރެއްގެ ތެރޭގައި މިހާރު މިއޮތް ފަސް ބިލިއަން ރުފިޔާގެ ދަރަނި އެބަ ފުއްދެންޖެހޭ. ވާހަކައަކީ، މިދަންނަވާ ވާހަކައަކީ، ފަސް ބިލިއަން ނުވަތަ ފަސް ބިލިއަން ފައްސަތޭކަ މިލިއަން ޑޮލަރު ލިބުމަށްފަހު، ފައިދާގެ ގޮތުގައި ލިބުމަށްފަހު ނޫނިއްޔާ، ދެންވެސް ރިޒަރވެއް ގުނާކަށް އަޅުގަނޑުމެންނަކަށް ނުވެސް ފެށޭނެއޭ. އެހެންވީމާ، އެ ދެނުކުތާ އަޅުގަނޑު ހަމަވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުން. އަސްޢަދަށް އަޅުގަނޑު ފުރްޞަތު އަރުވާނަން.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އަސްޢަދު:

ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑު ހަމަ ތަންކޮޅެއް ތިލަކޮށް މިވާހަކަ އަނެއްކާވެސް ދަންނަވާލެވޭތޯ މަސައްކަތް ކުރާނަން. ގޭތެރޭގެ ބަހުރުވައަށް ގެންނަ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށްވުރެ ޚަރަދުތައް ކުޑަކުރަން ޖެހިފައި މިއޮންނަނީ. ރިޒަރވެއް ނުވަތަ އަޅުގަނޑުމެން ފަހަށް އެއްޗެއް ފޮރުވާ ކަމުގައިވަންޏާ. ދެން މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އަދި ރައީސްގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. އެއީ މިހާތަނަކަށް އެހެނެއް އެކަން ހިނގާފައެއް ނެތޭ. އެއީ ޙަޤީޤަތެއް. ވަރަށްގިނަފަހަރު ގްރޮސް ރިޒަރވެއްގެ ވާހަކަ ދެކެވޭއިރު، މިދެކެވެނީ ފައިސާ ނުވަތަ ބޭރު ފައިސާގެ ރިޒަރވެއްގެ ވާހަކަ. ބޭރު ފައިސާގެ ރިޒަރވަކީ، އެ ވިދާޅުވިހެން ހަމަ ފައިސާއިން ހުންނަ ރިޒަރވެއް. އެހެން ނަމަވެސް، އެއީކީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ލިބުނު އެއްޗަކަށްވުރެ ކުރެވުނު ޚަރަދު ކުޑަކުރެވިގެން، މާޒީގައި ދިޔަ ތަނުގައި އޭގެ މައްޗަށް ބަރޯސާ ކުރެވޭކަހަލަ ގޮތަކަށް ބިނާކުރެވެމުން އައި ރިޒަރވެއް ނޫން، ކޮންމެހެން އެއީއަކީ. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު ކުރަން ޖެހިފައި މިއޮތް ކަމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން އަޅުގަނޑުމެން މިޖެހެނީ. އެކަން ކުރަން ބަލާއިރު، އަޅުގަނޑުމެންނަށް މިހާތަނަށް ދަތިތަކަކާ ކުރިމަތިވެފައި މިހިރީ. އެއީ ބޮޑުވަމުން އައި ބަޖެޓެއް އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ. 2004 ވަނަ އަހަރުން ފަށައިގެން ދައުލަތަށް ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުކޮށް ކުރެވެމުން، ޚަރަދު ކުރެވެމުން މިއައީ. އޭގެ ސަބަބުން ފެށިފައި ހުރި ކަންތައްތަކެއް ކުއްލިއަކަށް ހުއްޓާލުމަކީ ނުވަތަ އަޅުގަނޑުމެން ފަހަތަށް އަނބުރާލުމަކީ އެއީ އެކަން ކޮށްފިއްޔާ އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަކަށްވާތީވެ، އަޅުގަނޑުމެން ޖެހެނީ މަޑުމަޑުން ވިސްނައިގެން، އަޅުގަނޑުމެންނަށް ކެތްކުރެވެން އޮތް ވަރަކަށް މަޑުޖައްސައިގެން ހަމަ އެކަން ކުރިއަށް ގެންދަން މިޖެހެނީ. ދެން އެއަށްވުރެ އާދައިގެ ބަހަކުން ދަންނަވާ ކަމުގައިވާނަމަ، ގާތްގަނޑަކަށް ސާޅީހަކަށް ރާތަލުގެ ކަންވާރެއްގައި އަޅުގަނޑުމެން މިޖެހެނީ ހިބަރެއް ބާނަން. އެހެންވީމާ، ވަރަށް މަސައްކަތް ކޮށްގެން ނޫނީ މިކަންވާކަށެއް ނޯންނާނެ. ނޫނީ ހަމަ އަޅުގަނޑުމެން އަތުބުޑުން މި ދާނީ ހަމަ. އެހެންވީމާ، އަޅުގަނޑުމެންނަށް މިވަގުތަށް ކުއްލިއަކަށް ޚަރަދު ކުޑަކުރާ ކަމުގައިވާނަމަ، އަޅުގަނޑުމެންނަށް ޖެހޭނީ، ރައްޔިތުންނަށް އެއިން ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާކަހަލަ ގޮތަކަށް ކަންތައްތައް ކުރަން. އޭގެ ސަބަބުން އަޅުގަނޑުމެންގެ ޚަރަދު ބޮޑުވަމުން މިދަނީ. މިއީ ފަހަރެއްގައިވެސް އަޅުގަނޑުމެން ސަރުކާރެއްގެ ގޮތުގައި ކުރަން ބޭނުންވާ ކަމެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން ވިސްނަންޖެހޭ، ރައްޔިތުންނަށް ވެދާނެ ގެއްލުމަކާ ވަރަށް ބޮޑަށް ވިސްނާފައި ނޫނީ، އަޅުގަނޑުމެން އޭގައި އެއީ އަދި ރަނގަޅު ފިޔަވަޅެއް ކަމުގައިވިޔަސް، އަޅައިގެން އެއީ ރަނގަޅު ފިޔަވަޅަކަށް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން މަޑުމަޑުން މިކަން ކުރުމަށް މަސައްކަތް ކުރަމުން މިގެންދަނީ. ދެން އެގޮތުން އަޅުގަނޑުމެން 2011 ވަނަ އަހަރާ ހަމައަށް މިބަލަނީ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށްވުރެ އަޅުގަނޑުމެން ކުރާ ޚަރަދު މިހާރު މިގެންދާ ގޮތަށް ގެންގޮސް، އެއަށްވުރެ މަދުކުރެވޭނެ ކަމަށް. އޭގެ މާނައަކީ، އަޅުގަނޑުމެން މިހާރު މިއޮތް ދަރަނި، އެމް.އެމް.އޭ އަށް ދައްކަން މިއޮތް ދަރަނި އަޅުގަނޑުމެންނަށް ދައްކަން ފެށޭނެ އެހިސާބުން ފަށައިގެން. އޭގެކުރީގައި އަޅުގަނޑުމެން ދަރަނި ދައްކަން އުޅެއްޖެ ކަމުގައިވާނަމަ، އަޅުގަނޑުމެންނަށް ޖެހޭނީ ރައްޔިތުންނަށް މިހާރު ފޯރުކޮށްދޭ ކޮންމެވެސް ކަހަލަ ޚިދްމަތްތަކެއް ނުވަތަ ރައްޔިތުންނަށް ލިބިދޭ ކޮންމެވެސް ޚިދްމަތްތަކެއް ހުއްޓާލަންޖެހޭނީ. ދެން އޭގެ ސަބަބުން ނޭދެވޭ އަސަރެއް ރައްޔިތުންނަށް ކުރާނެ.

ދެން ހަމަ އެއާއެކީގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. މީގައި ދެވަނަ ޙައްލަކަށް އޮތީ، ލިބޭ އެއްޗެއް އިތުރުކުރުން. އޭގެތެރޭގައި މިނިސްޓަރު ފާހަގަކުރެއްވި ފަދައިން، ގްރީން ޓެކްސް އާއި، އަދި މިހާރު އޮތް ބެޑް ޓެކްސް 8 ޑޮލަރުގެ ބަދަލުގައި އެއީ އެޑް ވެލަރޮމް ޓެކްސްއެއް ނުވަތަ ޓޫރިސްޓަކު އެ ރިޒޯޓެއްގައި ހުންނަން ދައްކާ އެއްޗެއްގެ ކޮންމެވެސް ނިސްބަތެއް ރައްޔިތުންނަށް މާލިއްޔާއަށް ލިބޭކަހަލަ ގޮތަކަށް އެބަދަލުކުރަމުން ގެންދިއުން. އަދި އޭގެއިތުރުން އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ބައެއްކަހަލަ ޚިދްމަތްތަކަކީވެސް އެންމެ އެކަށީގެންވާ އެންމެ ރަނގަޅު އަގުގައި ހުރި ކަންތައްތައްތޯ ބަލައި، އޭގެ މައްޗަށްވެސް އަޅުގަނޑުމެން އެބަޖެހޭ އިންޞާފެއްކޮށް، އެއަށް ބަދަލެއް ގެންނަންޖެހޭ ކަމަށްވަންޏާ ބަދަލު ގެންނަން. އެހެންވީމާ، މީގައި އަޅުގަނޑުމެން ހަމަ ދޭން ބޭނުންވާ މެސެޖެއް. އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައް މިހާތަނަށް ގޮސްފައި މިއޮތީކީ ރަނގަޅަކަށް ނޫނޭ. އެހެންވީމާ، މީގެ ބުރަ އެބަޖެހެއޭ އަޅުގަނޑުމެން ހަމަ ރައްޔިތެއްގެ ގޮތުގައި އުފުލަން. ހަމައެކަނި ސަރުކާރު ހިންގަން ތިބޭ ބަޔަކު އެކަންޏެއް ނޫނޭ މީގައި ބުރަ އުފުލަން ޖެހެނީކީ. އަޅުގަނޑުމެންނަކީ ތިޔަބޭފުޅުން ޙަވާލު ކުރައްވާފައި މިއޮތީ އެބުރަ އުފުލުމަށްޓަކައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ބުރަ އުފުލަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އެކަމަކު އަޅުގަނޑުމެންނަށް އެ ބުރަ އުފުއްލޭނީ އަޅުގަނޑުމެންނާ އެކީގައި ރައްޔިތުންވެސް އެ ބުރަ އުފުއްލަން ތިބީ ކަމަށްވަންޏާއޭ. ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! އަސްޢަދު. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. އަސްޢަދު އެވިދާޅުވި ވާހަކަތަކުގެ ތެރެއިންނާ، އަދި އެމް.އެމް.އޭ.ގެ ގަވަރނަރުވެސް ހަމަ މިވާހަކަތައް މިގޮތަށް ވިދާޅުވި އިނގޭތޯ. ގަވަރނަރުވެސް ހަމަ މިވިދާޅުވަނީ، މިހާރުގެ ސަރުކާރުގެ، މި ސަރުކާރުން މިހާރު ކުރަން ޖެހިފައިވާ ޚަރަދުތައް ވަރަށްބޮޑޭ އާމްދަނީއަށްވުރެ. މިކަން މިހެން ހިނގާފައި މިއޮތީ، މި ސަރުކާރުން އެންމެ ކޮންޓްރެކްޓެއްވެސް އިނގޭތޯ. ހަމަ އަޅުގަނޑުމެންނެއް ކޮންޓްރެކްޓެއްގައެއް ސޮއެއް ނުކުރަން، އިތުރު ޚަރަދެއް ކުރާކަށް. ބޭރުން ސީދާ އެއަށް ފައިސާ އެހީގެ ގޮތުގައި ނުވަތަ ލޯނުގެ ގޮތުގައި ހުރީމާ ނޫނިއްޔާ. އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ މައްސަލައަކީ، 2008 ވަނަ އަހަރު ހުރީ ވަރަށްގިނަ ޢަދަދެއްގެ ކޮންޓްރެކްޓްގައި ސަރުކާރުން ސޮއި ކުރައްވާފައި. ނުވަތަ ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުން ހުރީ ފަށްޓަވާފައި. 2008 ވަނަ އަހަރު ސަރުކާރުން ފަށްޓަވާފައި އެބައޮތް. 1.5 ބިލިއަން ރުފިޔާގެ މަސައްކަތް. އެ އަހަރު ނިމުނުއިރުގައި، 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ޖެހުނުއިރުގައި، މިދެންނެވި މަސައްކަތްތަކުގެ ތެރެއިން ފައިސާ ދޫކުރެވުނީ 131 މިލިއަން ރުފިޔާގެ ފައިސާ. އެހެންވީމާ، ވިސްނަވާ. ދެން ބާކީ ހުރި ހުރިހާ ފައިސާއެއް، ޙަޤީޤަތުގައި ދޫކުރަން ޖެހޭނީ މިއަހަރު. އެ މަސައްކަތް ފަށާ އަހަރަކު ނޫން. ފެށި އަހަރު އެމަސައްކަތްތަކަށް ދޫކުރެވުނީ 131 މިލިއަން ރުފިޔާ. ދެން އަޅުގަނޑުމެންނަށް އިތުރަށް ދޭންޖެހޭ ފައިސާ ދޫކުރަން މިޖެހެނީ، ވިދިގެން އަންނަ މަސްތަކު. އެހެންވީމާ، އެމަސްތައް ފުރޮޅިގެން މިއަންނަނީ މިހާރަށް. އަޅުގަނޑުމެންނަށް. އެހެންވީމާ، އަޅުގަނޑުމެން ދައްކަމުން މިދަނީ، ކުރީގެ، މިދިޔަ އަހަރުގެ ފަށާފައި ހުރި މަސައްކަތްތަކަށް ދޭންޖެހޭ އަގު. އަސްޢަދު ފާހަގަކުރެއްވި ފަދައިން، ދެން އެކަން ނުކޮށްފިނަމަ، އަޅުގަނޑުމެންނަށް ކުރަން ދެން އޮތް ކަމަކީ، އެމަސައްކަތްތައް ހުއްޓާލުން. ރަށްރަށުގެ ބަނދަރުތައް ހުއްޓާލުން. ރަށްރަށުގެ މިސްކިތްތައް ބިނާކުރުން ހުއްޓާލުން. މަގުތައް ހެދުން ހުއްޓާލުން. އެހެންވީމާ، މިބާވަތުގެ ކަންކަން ކޮށްގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް މިހާރު ކުރީގައި ކޮންޓްރެކްޓް ކޮށްފައި ހުރީ. ދެން ހުއްޓާލަން އަޅުގަނޑުމެން ވިސްނާއިރުގައި، ހުއްޓާލުމަށްދާ ޚަރަދުވެސް ނުލާހިކު ބޮޑު. އެ ކޮންޓްރެކްޓަކާ ސަރުކާރުން ޚިލާފުވާއިރުގައި، ސަރުކާރުން އެބަޖެހޭ، އޭގެ ޖޫރިމަނާއާ އެއްޗެތި ދައްކަން. އެހެންވީމާ، ސަރުކާރުން ނިންމީ، ސަރުކާރަކުން ނޭދެމޭ، ކުރީ ސަރުކާރުން ކޮށްފައި ހުރި ކޮންޓްރެކްޓްތަކާ ޚިލާފުވާކަށް. އެ ކޮންޓްރެކްޓްތަކުގައި އެހުރި ޢަދަދަށް އެހުރި މިންވަރަށް، ރަނުން ރަނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފައިސާ ދޭނަމޭ. އެފައިސާ ދެމުންދާތީވެ، އަޅުގަނޑުމެންނަށް މި މާލީ ދަތިތަކާ މި ކުރިމަތިލަނީ.

ދެވަނަ ސަބަބަކަށް ދިމާވެފައި މިއޮތީ، މިދިޔަ އަހަރު ކޮށް ނިންމާފައި ހުރި މަސައްކަތްތަކުގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ މަސައްކަތަށްވާ ފައިސާ މިހުރީ މިއަހަރަށް އައިއިރުގައި ނުދެކެވި. ވަރަށްގިނަ ޢަދަދެއްގެ ފައިސާ ހުރީ، މަސައްކަތް ނިންމާފައި ހުރި ކަންތައް. އަޅުގަނޑު ކުރީގައި ދެންނެވީ ނުނިމި ހުރި މަސައްކަތުގެ އިތުރަށް ހިނގާ، މަސައްކަތް ހިނގަމުން އައިމާ ފައިސާ ދެމުންދާ ވާހަކަ. މިހާރު އަދި އޭގެއިތުރަށް އެބަހުރި މަސައްކަތް ނިންމާފައި، އެއަށް ބިލް ދައްކަންޖެހޭ އެތައް ކަމެއްގެ ފައިސާ ނުދެއްކި. އެހެންވީމާ، ކުއްލިއަކަށް އަޅުގަނޑުމެންނަށް ޖެހުނީ، އަޅުގަނޑުމެން އައިސް މިހުރިހާ ފައިސާއެއްވެސް އަލުން އަނބުރާ އެފަރާތްތަކާ ޙަވާލުކުރަން. އެގޮތުން، އަޅުގަނޑުމެންނަށް ދޭންޖެހިއްޖެ. މަދުވެގެން ފަސް ހަސަތޭކަ މިލިއަން ރުފިޔާ.

އެހެންވީމާ، ސަރުކާރަށް ދިމާވެގެން އުޅޭ ދަތިތައް ނުހަނު ބޮޑު. މިހުރިހާ ކަމެއް ސަރުކާރަށް ދިމާވެގެން މިއުޅެނީ، އާމްދަނީ އިންތިހާއަށް މަދު ދުވަސްވަރެއްގައި. މިދަންނަވާހެން މިދިޔަ އަހަރު ކޮންޓްރެކްޓްތަކަށްވާ ފައިސާ އަޅުގަނޑުމެން ދައްކަމުންދާއިރުގައިވެސް، އަޅުގަނޑުމެން މިހާރު މިކުރާ ޚަރަދު، ގިނަފަހަރަށް މިދިޔަ އަހަރު ޖޫން މަހުގައި ނުވަތަ ޖުލައި މަހުގައި ކުރެވިފައި ހުރި ޚަރަދަށްވުރެ ކުޑަވާނެ. އެހެން ނަމަވެސް، ކުޑައެއްނުވެވޭނެ މުޅިއަކުންނެއް. އެއްހަމައެއްގައި ނުވަތަ ތަންކޮޅެއް އިތުރުކޮށް އުޅޭނީ. އެއީ އުޅެން މިޖެހޭ ސަބަބަކީ މިދަންނަވާހެން ބަނދަރުގައި ސޮއިކޮށްފައޭ އޮތީ. ބަނދަރު ހަދަން ފަށާފައޭ އޮތީ. އަދި ބަނދަރުގެ ދެބައިކުޅައެއްބައި އޮތީ ހެދިފައޭ. އެހެންވީމާ، އެ ބަނދަރު ހުއްޓާނުލައި އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަންޖެހެއޭ. ގެންދާއިރުގައި ދެން އެ ބަނދަރަށް ބޭނުންވާ ފައިސާ ސަރުކާރުން ޖެހެނީ ދޫކުރަމުން ގެންދާށޭ. އެހެންވީމާ، އަޅުގަނޑު ހަމަ މާލީ، އަޅުގަނޑުމެންގެ މި ރިޒަރވާ ގުޅޭގޮތުން ވާހަކަތައް ދެކެވޭތީއާއި، އިޤްތިޞާދާ ގުޅޭގޮތުން ވާހަކަތައް ދެކެވެތީ، މި ނުކުތާތައް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. މިހުރިހާ ކަމެއްގެ އަލީގައި، އަޅުގަނޑުމެންނަށް ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް. ޢަލީ ހާޝިމަށްވެސް، އަސްޢަދަށްވެސް، އަޅުގަނޑަށްވެސް، ވަރަށް ބޮޑު ޔަޤީންކަމެއް އަޅުގަނޑުމެންނަށް އެބައޮތް. މިއަހަރު ނިމޭއިރުގައިވެސް އަދި އަޅުގަނޑުމެންނަށް ކަންބޮޑުވާ ފައްތަރަކަށް އަޅުގަނޑުމެންނެއް ނާދެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަންކަން ޙައްލު ކުރެވޭނެ. އަޅުގަނޑުމެންނަށް މިހާރުވެސް މިދަނީ މިކަންކަން ޙައްލު ކުރެވެމުން. އަޅުގަނޑުމެން ޚަރަދުވެސް ކުޑަކުރާނަން. އަޅުގަނޑުމެން ޚަރަދަށް ބަލައިގެން ކަންތައްތައްވެސް ކުރާނީ. އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އާމްދަނީވެސް އިތުރުކުރާނަން. އިތުރުކޮށްގެން، އަޅުގަނޑުމެންނަށް މި އަޑިގަޑުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަރައިގަނެވޭނެ. ޢަލީ އެ ވިދާޅުވާހެން، އަޅުގަނޑުމެންގެ އަމާޒަކީ، ތިންއަހަރުގެ ސަރޕްލަސް ކަނޑާލުމުން، ބަޖެޓުގައި އެއޮތް 5.4 ބިލިއަން ރުފިޔާ ދެއްކުމަށްފަހުގައި އަދި އަޅުގަނޑުމެން އިތުރު އޭގެ މައްޗަށް އިތުރުކޮށްގެން، ރިޒަރވެއް އުފެއްދުން. އެއީ ޤާނޫނުއަސާސީގައި އެބުނާ ފިޒިކަލް ރިޒަރވަކީ. އެހެންވީމާ، އެއްވެސް ބޭފުޅަކު އޮޅުވާލައްވައިގެން ނުވާނެ.

ދެން ހަމަ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ހުރިހާ ބޭފުޅުންގެ ކިބައިވެސް އެދެން. އަދި ޚާއްޞަކޮށް މަޖިލިސް މެންބަރުންގެ ކިބައިންވެސް އެބަ އެދެން، މިކަންކަން އެނގިވަޑައިގަންނަވައިގެން ނޫނިއްޔާ، މިކަންކަމުގެ ތެރެއަށް ވެދެވަޑައިނުގަންނަވެއްޗޭ. ހަމަ ހުންނަވާފައި އެއްޗެއް ވިދާޅުވެގެން މަޖިލީހުގައި ވޯޓް ދެއްވާފައި، މިކަން ނުކުރަވައްޗޭ. މިކަން ކުރައްވަންޖެހޭނީ ޒިންމާދާރު ގޮތަކަށޭ. އެނގޭ މީހުންގެ ކައިރީގައި އައްސަވައިގެން، އޮޅުންފިލުވައިގެނޭ މިކަންކަން އަޅުގަނޑުމެން ކުރަންޖެހޭނީ. މަޖިލީހުން އެއްދުވަހަކު އަޅުގަނޑުމެން ކައިރީގައި މިސާލަކަށް މިއެދެނީ، ތިމަންނާމެން ރިޒަރވް ކަނޑައަޅަން ބޭނުމޭ. އެ ރިޒަރވްގެ ޢަދަދަކީ މިއީއޭ. ހަމަ އޭގެ އަނެއް ދުވަހު، ހަމަ އެ މެންބަރު އެބަ އެދިވަޑައިގަންނަވާ، ތިމަންނާ ރަށުގައި އަދި ބޭނުންވޭ ތިން ބަނދަރު. ތެދުފުޅެއް. އަޅުގަނޑުމެންވެސް ބޭނުން އެބޭފުޅާ ރަށަށް ތިން ބަނދަރު. އެހެން ނަމަވެސް، މި ދެމައްސަލަ އެބަޖެހޭ ނޫންތޯއޭ އެބޭފުޅުންވެސް ހެޔޮވަރުކުރަން. އެއްކޮޅުން ރިޒަރވެއް ކަނޑައެޅުން. ރިޒަރވެއް މި ކަނޑައެޅެނީ، ސަރޕްލަސްއެއް އުފައްދައިގެން. އިތުރުކޮށްގެން. ޚަރަދަށްވުރެ އިތުރުކޮށްގެން. ޚަރަދަށްވުރެ އިތުރު މިކުރެވެނީ، ކުރާ ޚަރަދު މަދުކޮށްގެން. ނުވަތަ ނަގާ އާމްދަނީ އިތުރުކޮށްގެން. އަޅުގަނޑުމެންނަށް މިއިން އެއްވެސް ކަމެއް ނުވަންޏަކާއެއް، އަޅުގަނޑުމެންގެ ރިޒަރވެއް، އަޅުގަނޑުމެން މިއެދޭ ރިޒަރވެއް އަޅުގަނޑުމެންނަކަށެއް ނުއުފެއްދޭނެ. އެހެންވީމާ، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ހުރިހާ ބޭފުޅުންގެ ކިބައިންވެސް އެދެން. ވިސްނަވައްޗޭ. ދެކެވޭ ވާހަކައާ ގުޅޭގޮތުންވެސް ވިސްނަވެއްޗޭ. އަދި އިޤްތިޞާދީ ގުޅޭގޮތުން މި ފާހަގަކުރެވޭ ނުކުތާތަކުގެ މައްޗަށްވެސް ވިސްނަވައްޗޭ. އަޅުގަނޑުމެން މިކަންކަމާ ޙަވާލުވެ މިތިބީ، ވަރަށް ރަނގަޅަށް މިކަންކަން އަޅުގަނޑުމެންނަށް އެނގޭތީވެ. އަޅުގަނޑުމެންނަށް މިކަންކަން ޙައްލު ކުރެވޭނެ ފުރިހަމަ އިތުބާރާއި ޔަޤީންކަމާ އެކީގައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކަންކަން ޙައްލުވެސް ކުރާނެ. އަދި އަޅުގަނޑުމެން މިއެދޭ ރިޒަރވް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުފައްދާނަން.

ދެން އަޅުގަނޑުގެ ވާހަކައަށްވުރެ އަޅުގަނޑުމެން މިއަދު ބޭނުމީ ތިޔަބޭފުޅުންގެ ސުވާލުތަކަށް ޖަވާބު އަރުވަން. އެހެންވީމާ، ސުވާލަށް ފުރްޞަތު އަރުވާނަން.

ޢާއިޝަތު ލީޒާ – ޓެލެވިޜަން މޯލްޑިވްސް:

އަޅުގަނޑުގެ ސުވާލަކީ، 2011 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރައްވާނެ ވާހަކަ ވިދާޅުވެއްޖެ. ނަމަވެސް، މިވަގުތު ރާއްޖެއަށްވެސް މިއޮތީ ބޮޑު ހީނަރުކަމެއް އައިސްފައި. ސަރުކާރުން މިވަގުތުން މިވަގުތަށް ކުރެވިދާނެ ނޫނީ އެޅިދާނެ ފިޔަވަޅުތަކެއް އެބައޮތްތޯ؟ މި ތިން އަހަރުގެ ތެރޭގައި ކުރެވިދާނެ މަސައްކަތުގެ އިތުރުން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިވަގުތުން މިވަގުތަށް އެޅެންހުރި ފިޔަވަޅު އަޅުގަނޑުމެން އަޅައިގެން މިދަނީ. އޭގެތެރޭގައި، އެންމެ މުހިންމު އެއް ފިޔަވަޅަކީ، މިހާރު މިހުރި ޚަރަދުތައް މިއަށްވުރެ ބޮޑުނުކޮށް ބެހެއްޓުން. އޭގައި އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެނެއް ބުއްދިވެރި ކަމަކަށެއް ނުވާނެއޭ، އިތުރު ކޮންޓްރެކްޓްތަކެއްގެ ތެރެއަށް އަޅުގަނޑުމެން ދިއުން. ހަމައެކަނި މިވަގުތު އަޅުގަނޑުމެން ކުރަންވީ ކަމަކީ، ކުރީގައި ނިންމާފައި ހުރި ކޮންޓްރެކްޓްތަކަށް ފައިސާ ދެއްކޭތޯ، ދައްކަމުން ދައްކަމުން ގެންދިއުން. ދެން އަޅުގަނޑުމެން އިތުރު ތަރައްޤީގެ މަސައްކަތް ހިންގަންޏާ، އަޅުގަނޑުމެން ހިންގަންޖެހޭނީ އެއަށް ގްރާންޓް ލިބިގެން. ހިލޭ އެހީ ލިބިގެން. ނުވަތަ ވަރަށް، ވަރަށް، ވަރަށް ލުއި ލޯނުގެ އެހީގައި ނޫނީ އަޅުގަނޑުމެން މިގެންގުޅޭ ވިޔަފާރީގެ އުޞޫލުތަކުން އެއީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުތަކުން އެކަންކަން ކުރުން. އެހެންވީމާ، ދެން ކޮބައިތޯ މިވަގުތަށް ޑޮލަރުގެ ދަތިކަމަށް އަޅުގަނޑުމެންނަށް މިސާލަކަށް ޙައްލެއް ގެނެވިދާނެތޯ؟ ޑޮލަރުގެ ދަތިކަމަށް އަޅުގަނޑުމެންނަށް ޙައްލެއް ގެނެވޭނީ، ރުފިޔާ އަޅުގަނޑުމެން އާމްދަނީއަށްވުރެ ޚަރަދު ކުރާ މިންވަރު ކުޑަކުރެވިގެން. އެކަން އަޅުގަނޑުމެންނަށް ވާނީ، އާމްދަނީ ބޮޑުކުރެވިގެން. ދެން ޢަލީ އިޝާރާތް ކުރައްވައިފި. ޕްރައިވަޓައިޒޭޝަން ޕްރޮގްރާމްގެ ތެރޭގައި އަޅުގަނޑުމެންނަށް އާމްދަނީ ބޮޑުވާނެ ކަމުގެ އުންމީދު ވަރަށްބޮޑު. އެއީ އަޅުގަނޑުމެން މިހާރުވެސް މިދެކެނީ އެއަރޕޯޓުން އަޅުގަނޑުމެންނަށް އާމްދަނީ ލިބޭނެ ކަމަށް. އެއަރޕޯޓް ޕްރައިވަޓައިޒޭޝަން އެބަ ބާރަށް ހިނގާ. ހަމައެއާ އެކީގައި، ކޭބަލް އެންޑް ވަޔަރލެސްއާ އެކީގައި އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ ދިރާގުގެ އިތުރު ޕްރައިވަޓައިޒޭޝަން ޕްރޮގްރާމާ ގުޅޭގޮތުންވެސް. އަދި ހަމަ ސްޓެލްކޯވެސް. މިފްކޯވެސް. އަދި އެހެންވެސް ސަރުކާރު ޙިއްޞާވާ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. ޕްރައިވަޓައިޒް ކުރީމާ، އެސެޓް ވިއްކައިގެން ލިބޭ ފައިސާއެއް އަޅުގަނޑުމެންނަށް ލިބޭނެ. އެހެންވީމާ، އޭގެތެރެއިން އާމްދަނީ އިތުރުވެގެންދާނެ.

ޖަޢުފަރު ރަޝީދު – މިއަދު ނޫސް:

ރައީސް ވިދާޅުވެއްޖެ. ރިޒަރވްގައި ހަމަ އެއްވެސް އެއްޗެއް ނެތޭ. ދެން ފަސް އަހަރުގެ ތެރޭގައި ރިޒަރވެއް އުފައްދާފައި، މިހާރު މިއޮތް، 5.4 ބިލިއަން ރުފިޔާގެ ދަރަނިން ސަލާމަތްވުމަކީ މިހާރު ވަރަށް ބޮޑަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމެއް ކަމަށް. ދެން މިދިޔަ ސަރުކާރަށް މިވީ ގާތްގަނޑަކަށް 8 މަސްތެރޭގައި، ކިހާވަރަކަށް މީގެ ނަތީޖާ ނިކުމެއްޖެތޯ. ކޮބައިތޯ ނުކުމެފައިވާ ނަތީޖާއަކީ؟ އަދި ރައްޔިތުންނަށް ދެމުންދާ ޚިދްމަތްތަކުގެ ތެރެއިން ހަމަ އެއްވެސް ޚިދްމަތެއް ހުއްޓާނުލައި މި ދަރަނިން ސަލާމަތްވެ، ރިޒަރވެއް އުފެއްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްތޯ؟

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އަސްޢަދު:

އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅު ސުވާލެއްހެން. ތީގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް އެބައޮތް. އަޅުގަނޑުމެން ވިސްނައިފި ކަމަށްވަންޏާ ފެންނާނެ، މީގެ ގާތްގަނޑަކަށް ތިން ހަތަރު އަހަރެއްގެ ކުރިން ދެވެމުންދިޔަ ޚިދްމަތްތަކާ، އަޅުގަނޑުމެން ހަނދާން ހުންނާނެ އެ ޚިދްމަތްތައް. ދެން މިހާރު ލިބޭ ބައެއް ޚިދްމަތްތައްވެސް ހަނދާން ހުންނާނެ. ހަމަ އެއާ އެކީގައި އަޅުގަނޑުމެން ބަޖެޓަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ފެނިގެންދާނެ، ބަޖެޓު ވަރަށްބޮޑުތަނުން އިތުރުވެފައިވާކަން. އެހެންވީމާ، އަޅުގަނޑުމެން ހަމަ އެންމެންވެސް ވިސްނަންޖެހޭ ކަމެއް. ބަޖެޓް، ޢަދަދުން އެ ބޮޑުވާވަރަށް ލިބޭ ޚިދްމަތް އިތުރުވެގެންތޯއޭ ނުވަތަ ނޫންތޯއޭ. ނުވާ ކަމުގައިވަންޏާ ދެން އަޅުގަނޑުމެން އެންމެންގެވެސް ދަޢުވާއަކީ ވެގެނެއްނުދެއޭ އެވަރަކަށެއް. މިސާލަކަށް ބަޖެޓް 30 ޕަސެންޓް ބޮޑުވެގެންދިޔައިރު، 30 ޕަސެންޓް ނުވަތަ އެއަށްވުރެ ބޮޑު ޢަދަދަކަށް ޚިދްމަތުގެ ފެންވަރު މަތިވެގެނެއްނުދެއޭ ވަރަށްގިނަ ކަންތައްތަކުގައި. އެހެން ވެއްޖެ ކަމަށްވަންޏާ، އޭގެ މާނައަކީ، އަޅުގަނޑުމެންނަށް އެ ޚަރަދު ކުރެވޭލެއް އެންމެ ރަނގަޅު ނޫނިއްޔޭ. އަޅުގަނޑު ހަމަ ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާފާނަން. މިސާލަކަށް، ހެލްތް ޕޯސްޓެއްގެ ގޮތުގައި ތަނެއް ޢިމާރާތްކޮށް، އެތަނަށް ބޭނުންވާ ކޮންމެވެސްވަރެއްގެ ސާމާނުލައި، އެހެން ހެދީމާ ޚަރަދު ބޮޑުވެގެން ހިނގައްޖެ، ހެލްތް ދާއިރާއަށް ކުރެވޭ، ޞިއްޙީ ދާއިރާއަށް ކުރެވޭ. އެހެން ނަމަވެސް، އޭގެ އެންމެ އެކަށީގެންވާ ޚިދްމަތެއް ރައްޔިތުންނާ ހަމައަކަށް ފޯރެއްނުކޮށްދެވޭނެ. އެއަށް ބޭނުންވާ، އެތަން ހިންގަން ބޭނުންވާ ޑޮކްޓަރުންނާ، އަދި އެހެނިހެންވެސް އިންސާނީ ވަސީލަތްތަކާ، އަދި އޭގެއިތުރަށް އެތަނަށް ބޭނުންވާ ތަކެތި އަޅުގަނޑުމެންނަށް ފޯރުކޮށްނުދެވޭ ކަމަށްވަންޏާ. އެހެންވީމާ، އަޅުގަނޑުމެން މިކުރެވޭ ޚަރަދު މިގެންގުޅެވެނީ އެންމެ ރަނގަޅު މިންގަނޑުތަކެއްގައިތޯއޭ؟ މިއީ އަޅުގަނޑުމެން މިހާރު ހަމަ ވަރަށް ބޮޑަށް ދިރާސާ ކުރަމުންގެންދާ ކަމެއް. މަސްހުނި މޮޑޭއިރު މަސް ގިނަވެއްޖިއްޔާވެސް ރަހަ ރަނގަޅެއް ނުވާނެ. ހުނި ގިނަވެއްޖިއްޔާވެސް ރަހަ ރަނގަޅެއް ނުވާނެ. އެހެންވީމާ، އެ ހިފަހައްޓަންޖެހޭ ވަޒަނެއްގައި ނުހިފެހެއްޓޭ ކަމަށްވަންޏާ، އޭގެ ނަތީޖާ ޙަޤީޤަތުގައި ރަނގަޅުވުމުގެ ބަދަލުގައި ގޯސްވެގެންނޭ ދާނީ. އެހެންވީމާ، އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ، ބަޖެޓް ކޮންމެހެން ބޮޑުކުރުމެއް ނޫނޭ ބޭނުންވަނީކީ. ބަޖެޓަށްލެވޭ ފައިސާއެއް، ރައްޔިތުން އެކުރާ ހޭދައަކުން މިހާރު ނެރޭ ނަތީޖާ ރަނގަޅު ކުރުމޭ އަޅުގަނޑުމެންނަށް މުހިންމީ. އެހެންވީމާ، އަޅުގަނޑުމެން މިހާރު މިހިރަ ޢަދަދުތަކުގައި ހިފަހައްޓައިގެން، ބައެއްފަހަރު އެއަށްވުރެ ދަށްކޮށްގެންވެސް ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަކީ، އެއީ ހަމަ ކުރެވެން އޮތް ކަމެކޭ. ދެން 8 މަސްދުވަސް ތެރޭގައި އަޅުގަނޑުމެންނަށް އެކަން ކިހާވަރަކަށްތޯ ކުރެވުނީ؟ އެ ސުވާލުގެ ޖަވާބުގައި އަޅުގަނޑަށް ދަންނަވަންޖެހެނީ، ދުވަސް ނުފުރައޭ އަދި މިއޮތީ. 9 މަހާ 10 ދުވަސްވެގެންނޭ ވިހާނީ.

އަޙްމަދު ސަޢީދު – ހަވީރު ނޫސް:

އެމް.އެމް.އޭ އިން މިދިޔަ މަހުގެ ނިޔަލަށް ނަގާފައި އޮތް، ދަރަންޏަށް ނަގާފައި އޮތް ފައިސާގެ ޢަދަދު 1.6 ބިލިއަން ރުފިޔާއަށް އަރާފައި އޮތް ކަމަށް، އެމް.އެމް.އޭ އިން އެބަ ބުނޭ. ދެން އެ ޢަދަދު، އެހާ ބޮޑު ޢަދަދެއް އެކިމަސްމަހުން އިތުރުވަމުން އައިސް އެއޮތީ، ސަރުކާރުން އެންމެ ފުރަތަމަ ހޯދަން އަމާޒުކުރި ނޫނީ އުންމީދުކޮށްގެން ތިބި ބޭރުގެ ޤައުމުތަކުގެ އެހީ ނުލިބުމުގެ ސަބަބުންތޯއޭ، ބޭނުންވި ޢަދަދަށް އިނގޭތޯ. އެއީ، ކުރިން ރައީސް ކޮންމެވެސްވަރަކަށް ވިދާޅުވެފައިކަންނޭނގެ އޮތީ، 300 މިލިއަން ޑޮލަރެއްގެ ވާހަކައާ، އަދި އެނޫންވެސް ބޭރުގެ އެހީތައް ހަމަޖެހޭނެ ވާހަކަ. އެ ޢަދަދަށް ކުރިން އަންދާޒާ ކުރެއްވި ޢަދަދަށް ފައިސާ ނުލިބިގެންތޯއޭ؟ ދެން މިއަހަރުގެ ޖޫންމަހު ރައީސް އެބައޮތް ވިދާޅުވެފައި. ޚަރަދު ކުޑަކުރުމުގެ ވަރަށްގިނަ ކަންތައްތަކެއް، ފިޔަވަޅުތަކެއް އެޅުއްވުމުގެ ވާހަކަ. އެކަންތައްތަކަށް ވަޒީފާތަކުން މީހުން މަދުކުރުން. އެކަހަލަ ކަންތައްތަކުގައި އެބަހުރިތޯއޭ ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާ، ޚަރަދު ކުޑަކުރުމަށް. ދެން އަނެއް ކަމަކީ މިދިޔަ އަހަރުވެސް ބަޖެޓަށް އާމްދަނީ ހޯދަން ހުށަހަޅާފައި އޮތް އެންމެބޮޑު އެއްކަމަކީ މެގަ ޕްރޮޖެކްޓްތަކެއްގެ ވާހަކަ. އޭތި ކާމިޔާބު ގޮތެއްގައި ނުގޮސްގެންކަންނޭނގެ ބޮޑަށް ބަޖެޓް ޑެފިސިޓްވާން ދިމާވީ. މިއަހަރުގެ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމް އެހެން ވެދާނެތޯއޭ. ކޮބައިތޯއޭ އެ ޔަޤީންކަމަކީ އޮތް؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! އިނގޭތޯ. އަޅުގަނޑުމެންނަށް މިހާރު އެމް.އެމް.އޭ އިން ފައިސާ ދަރަންޏަށް ދެންމެވެސް އަޅުގަނޑު ހަމަ އިޝާރާތްކުރި ފަދައިން، ދަރަންޏަށް ނަގަން ޖެހިގެން މިއުޅެނީ. އަނެއްކާވެސް ތަކުރާރު ކުރާނަން. މިސަރުކާރަށް އާމްދަނީ ނުހޯދިގެނެއް ނޫން. އަޅުގަނޑުމެންނަށް އެހީ ނުލިބިގެނެއް ނޫން. އަނެއްކާވެސް ހަމަ ތަކުރާރުކޮށްލަން. މިދިޔަ އަހަރު. އަޑު އައްސަވައްޗޭ! މިދިޔަ އަހަރު އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ ކޮންޓްރެކްޓްތަކުގައި މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރުން ސޮއި ކުރެއްވިއްޔޭ. އޭރަކު ސަރުކާރަކުން ނުވިސްނަވައޭ، މިއަންނަ އަހަރު މިފައިސާ ދައްކަން ޖެހޭނެ ކަމަކަށް. އެހެންވީމާ، އެ ސޮއިކުރެއްވި ކޮންޓްރެކްޓްތަކަށްވާ ފައިސާ އަޅުގަނޑުމެންނަށް މިއުޅެނީ ދައްކަން ޖެހިގެންނޭ. އޭގެތެރޭގައި އެބަހުރި. ތެދުފުޅެއް، ރައްޔިތުންނަށް ވަރަށް ބޭނުންތެރި ކަންކަންވެސް. އަދި އޭގެތެރޭގައި އެބަހުރި. ދޯދިޔާ، ދެއުޅިއެއްނުވާ އެތައް ކަމެއްވެސް. އެހެން ނަމަވެސް، ދައުލަތަކުން، ސަރުކާރުން ކޮށްފައި އޮތް ކޮންޓްރެކްޓެއް އޮނަރކުރުން އެއީ މި ސަރުކާރުގެ ވާޖިބެއް. އެހެންވީމާ، އަޅުގަނޑުމެން އެ ކޮންޓްރެކްޓްތައް އޮނަރ ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ދެން ހެދެން އޮތް ގޮތަކީ، ފައިސާ ދަރަންޏަށް ނެގުން. މިދިޔަ އަހަރު އެހެން ބަޔަކު ކުރަން ނިންމާފައި ހުރި ކަމަކަށް މިއަހަރު އަޅުގަނޑު ފައިސާ ދޭން އެހެން މީހެއްގެ ކައިރީގައި އެހީތެރިވެދޭންވީ ނޫންހޭ ބުނީމާ، އޭނާ ބުނާނެ ނޫންތޯ. ނޫން ނޫން. ތިޔަބޭފުޅުން ކުރަން ނިންމާ ކަމަކީ ކޮބައިހޭ؟ އެކަމަކަށް އަޅުގަނޑުމެން ފައިސާ ދީފާނަމޭ. ކުރީގައި ހާވާފައި ހުރި ހަޑިއަކަށް ނުވަތަ ކުރީގައި ވެފައިހުރި ކަންތައްތަކަށް ކިހިނެއްތޯއޭ، ތިމަންނާމެން ފައިސާދޭނީ. އަޅުގަނޑު ހަމަ އަނެއްކާވެސް ތަކުރާރު މިކުރަނީ، ތިބޭފުޅާގެ ސުވާލަކީ، ކީއްވެގެންތޯއޭ އަޅުގަނޑުމެން މިހާބޮޑު ދަރަނިވެރިކަމެއްގެ ތެރެއަށް މިދާން މިޖެހެނީ. އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންނަށް މިދާން މިޖެހުނީ، މިދިޔަ އަހަރު 1.5 ބިލިއަން ރުފިޔާގެ ކޮންޓްރެކްޓްގައި ސަރުކާރުން ސޮއި ކުރައްވާފައި އެބައޮތޭ. އެ ކޮންޓްރެކްޓްތަކަށްވާ ފައިސާގެ ތެރެއިން 131 މިލިއަން ރުފިޔާއޭ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޑިސްޕަރސް ކުރެވިފައި އޮތީ. ދެން ބައްލަވާ ދެން ހުރިހާ ފައިސާ މިއަހަރަށް ނޫންތޯއޭ ފުރޮޅިގެން އަންނާނީ. ދެން އޭގެތެރެއިން ބައެއް ޕްރޮޖެކްޓް ހުއްޓިގެން ނުވަތަ ލަސްވެގެން، އެ މިއަންނަ އަހަރަށްވެސް އޭގެތެރެއިން ބައެއް ފައިސާ ފުރޮޅިގެން ހިނގައިދާނެ. އަޅުގަނޑުމެން އުންމީދު މިކުރަނީ، އެހެން ދިއުންވެސް އެއީ އަޅުގަނޑުމެންނަށް ހެޔޮކަމަކަށްވާނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެންނަށް ފައިސާ ނެތިގެން މިއުޅެނީ މި ސަބަބަށްޓަކައި.

ދެން މި ސަރުކާރަށް ބޭރުގެ ޤައުމުތަކުން ލިބޭ އެހީގެ ޢަދަދު ކުޑަތަންކޮޅެއްވެސް ކުޑަ މިންވަރެއްވެސް، މިދިޔަ 6 މަސް ދުވަހަށް ތިޔަބޭފުޅުން ބައްލަވާލައްވައިފިއްޔާ، ފުރަތަމަ ކަމަކަށް އެއްވެސް ކަމަކާނުލާ ހަމަ ފުރަތަމަ މަހުގެ ތެރޭގައި އިންޑިއާ މީހުން ދެއްވި 100 މިލިއަން ޑޮލަރު. އެއީ މިދިޔަ 30 އަހަރު އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ނުދޭ މިންވަރެއްގެ ޢަދަދު، އެއްދުވަހުން އެބޭފުޅުން ދެއްވި. ހަމަ އޭގެ އަނެއް ދުވަހު އަނެއްކާ އަޅުގަނޑުމެންނަށް ލިބުނު އެއީ ޗައިނާ ސަރުކާރުން ދެއްވި 10 މިލިއަން ޑޮލަރަކާ، 20 މިލިއަން ޑޮލަރަކާ، އަނެއްކާ އެހެންގޮސް އެމެރިކާ ސަރުކާރުން، އިނގިރޭސި ސަރުކާރުން. އަޅުގަނޑުމެންނަށް އެހީތެރިކަން ނުލިބެނީކީއެއް ނޫން. އަދި އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ނުލިބޭނީއަކީއެއްވެސް ނޫން. އެހެންވީމާ، އެއީކީއެއް އަޅުގަނޑުގެ ނަޒަރުގައި ހަމަ އަޅުގަނޑުމެންނަށް ދިމާވާ މައްސަލައެއް ނޫން. އަޅުގަނޑުމެންނަކަށް އެކަމަކުން ދިމާވާ ދަތިކަމެއް ނެތް.

ދެން އެއްސެވީ ޚަރަދު ކުޑަކުރުމުގައި، ދަތިތަކެއް އެބައޮތްހެއްޔޭ؟ ޚަރަދު ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން ފުރަތަމަ ކުރި ކަމަކީ ޚަރަދު ބޮޑުކުރީ. އެއީ ސަރުކާރު މުވައްޒަފުންގެ، ހުރިހާ މުވައްޒަފުންގެ މުސާރަ. އަޅުގަނޑު މިތާ އެތެރޭގައި ސަރުކާރު މުވައްޒަފެއް އިނދެއްޖިއްޔާ އަހާލަން ބޭނުން. މިދިޔަ އަހަރު މިދުވަހު ލިބިވަޑައިގަތީ ކޮން މުސާރައެއްތޯ؟ މިއަހަރު މިދުވަހު ލިބިވަޑައިގަންނަވަނީ ކޮން މުސާރައެއްތޯ؟ އެއް ބިލިއަން ރުފިޔާ، އަޅުގަނޑުމެން ދީފިން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަން. މިހާރު އަޅުގަނޑުމެން ބަލަން މި ބޭނުންވަނީ، ކޮންމެ މުވައްޒަފެއް ކައިރީގައި އަހަން ބޭނުންވަނީ، ދެން ތިޔަބޭފުޅާ ކޮންކަމެއްތޯއޭ ކުރައްވަނީ؟ ސަރުކާރުގައި ތިޔަހެން އުޅުއްވާއިރުގައި، ސަރުކާރުގައި އެބައުޅުއްވާ ބައްތިރީސް ހާސް ބޭފުޅުން. އެ ބައްތިރީސް ހާސް ބޭފުޅުން އަރިހުގައި އަޅުގަނޑުމެން އަހަން ބޭނުންވަނީ، ދެން ކޮންކަމެއްތޯއޭ ތިކުރައްވަނީ؟ މިހާރު ސަރުކާރުގައި. ދެން ހަމަ އަޅުގަނޑުމެން ބޭނުން ބަލަން. ކުރާ މަސައްކަތަކަށް ރައްޔިތުންގެ ފައިސާ މިދެނީ. ޢަލީ ހާޝިމްގެއާ، އަސްޢަދުގެއާ، އަޅުގަނޑުގެ ފައިސާއެއް ނޫން. ރައްޔިތުންގެ ފައިސާއިން މިދެނީ ރައްޔިތުންގެ ޚިދްމަތްތައް އުނިކޮށް، މަދުކޮށްފައި ކިހާ ފައިސާއެއްތޯ އަޅުގަނޑުމެން އަރުވަން އޮތީ. އެހެންވީމާ، އަޅުގަނޑު ނުދެކެން، ސަރުކާރު މުވައްޒަފުން މަދުކުރުމުގައި، ނުވަތަ އަޅުގަނޑުމެން އެކަހަލަ ކަމެއްގައި ދައްޗެއް ވެދާނެ ކަމަކަށް. ނޫން އިރާދަކުރެއްވިއްޔަކާ އަޅުގަނޑުމެންނަކަށެއް ދައްޗެއް ނުވާނެ.

ދެން ހަމަ އެއާއެކީގައި، ސަރުކާރުން މުވައްޒަފަކު އަޅުގަނޑުމެން މަދުކުރާނީ، ހަމަ އެ ޢަދަދަށް ސަރުކާރުގެ ސިޔާސަތެއްގެ ދަށުން ހިންގާ މަޝްރޫޢެއްގައި ވަޒީފާ އުފެދުނީމާ. އިރާދަކުރެއްވިއްޔާ، މިއަންނަ މަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް 120 ވަޒީފާ ލ. އާ، ތ. ގަޔާ އުފެދޭނެ. އެއީ، ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިން. އެހެންވީމާ، އަޅުގަނޑުމެންގެ ހައުސިންގ ޕްރޮގްރާމްގެ ތެރޭގައިވެސް ވަޒީފާ އުފެދޭނެ. ދަތުރު ފަތުރު ކުރުމުގެ ނިޒާމުގެ ތެރޭގައިވެސް އުފެދޭނެ. އަދި އަޅުގަނޑުމެންގެ މިހުރިހާ ވަޢުދަކާ ގުޅިގެން، އަޅުގަނޑުމެން ހިންގާ ހުރިހާ މަސައްކަތްތަކާ ގުޅިގެންވެސް ސަރުކާރުގެ، ރާއްޖޭގެ ވަޒީފާ އިތުރަށް އުފެދޭނެ. އެހެންވީމާ، ސަރުކާރުން ގަސްދުކުރާ، ކަންކުރަން އެދޭގޮތަކީ، ބައެއް ބޭފުޅުންގެ ވަޒީފާ އަދާކުރާ ދާއިރާ ބަދަލުކުރުން. އެއްވެސް ބޭފުޅެއްގެ ވަޒީފާ ގެއްލޭނެގޮތެއް ހަދާކަށް އަޅުގަނޑުމެން ނޭދެން. އިރާދަކުރެއްވިއްޔާ ނުވެސް ހަދާނަން. ބޭފުޅަކު ހުންނަވާފާނެ ސެކްރެޓަރީއަކަށް ތަނެއްގައި. ހުންނަވާ ބޭފުޅަކު ފަހަރެއްގައި އަޅުގަނޑުމެން އެދިދާނެ، އެބޭފުޅާ އެހެން ތަނެއްގައި ހަމަ އެބާވަތުގެ މަސައްކަތެއް ކުރުމަށް ވަޑައިގަތުމަށް. ހަމަ އެމުސާރަ ލިބިވަޑައިގަންނަވާ. އެހެންވީމާ، އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޖުމްލަކޮށް މީހުންނަށް ވަޒީފާ މަދުވާނެ ގޮތެއް ނުހަދާނަން.

ދެން ދެވަނަ ކަމަކީ، އެނގިވަޑައިގަންނަވާނެ، އިތުރު ކަމެއް އަދި އަނެއްކާ އެބަވޭ. މި ރާއްޖޭގައި މިހާރުވެސް އެބަތިބި ލައްކައެއްހާ ބޭރުމީހުން. އޭގެތެރެއިން ކޮންމެ މީހަކަށް، ބައްލަވާ ކޮންމެ މީހަކަށް މަދުވެގެން 100 އެއްހާ ޑޮލަރު މަހަކަށްދިޔަސްވެސް އެއިންދާނެ ޢަދަދު. މީގެތެރެއިން އެބަބުނޭ، 1300 މީހުން އެބަތިއްބޭ، އޭނާ އެއީ ފޮނުވާލި ކަމަށް ބުނާ މީހުން. އެހެން ނަމަވެސް، އޭނާ ހުރީ މިތަނުގައި. އެހެންވީމާ، މިބާވަތުގެ އެތައް އެތައް އެތައް ކަމެއް އެބަހުރި. މި އަޅުގަނޑުމެންނަށް އަސްޢަދު ވިދާޅުވެއްޖެ، ދުވަސްފުރާ ވިހާނޭ އިނގޭތޯ. އަޅުގަނޑުމެން އަތްލާ ކޮންމެ ކަމެއް މިއޮންނަނީ، ހަބޮޅު ކަންވާރަށްވުރެ ބޮޑަށް އޮޅިފައި. ދެން އެ ފިލުވަން ވެގެން އަޅުގަނޑުމެން މިއުޅެނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފިލުވާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ހަމަ އަޅުގަނޑު ދަންނަވާނީ އިނގޭތޯ. ތިޔަބޭފުޅުންނަށް، އަދި ރާއްޖޭގެ ރައްޔިތުން އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑަށް ޔަޤީން އެބޭފުޅުން މިގޮތަށް ދެކޭނެކަން. ފަހަށް އެނބުރި ބަލައިލާފައި ބުނާނެ، އަޅުގަނޑަށް ޔަޤީން. މިއަހަރު މިބަދަލު ނައިނަމަ، ސަހަރޯއޭ. އަޅުގަނޑުމެންނެއް ހޯދާކަށް ނުލިބުނީހޭ. އިޤްތިޞާދީ ދަށަށްދަމުންދިޔަ މިންވަރާއި، ޚަރަދުތައް ބޮޑުވަމުންދިޔަ މިންވަރާއި، ޚަރަދާ، އާމްދަނީއާ ނުގުޅުމާ، އެއްވެސްކަހަލަ އިޤްތިޞާދީ ބިނާއެއް، ފަލްސަފާއެއްނެތި އަދި ޢިލްމީ އެއްވެސް ހުނަރުވެރިކަމެއް އޭގެތެރެއަށް ނުވައްދަވައި، މިކަންކަން މިހެން މިހެން ކުރަމުންއައިސް، މިއަދާ ހަމައަށް އަޅުގަނޑުމެންނަށް މިއޮތީ އާދެވިފައި. ދެން އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ ހަމަ އެންމެން އެކުގައި. މި އަޑިގަނޑުން އަޅުގަނޑުމެން އަރައިގަތުމަށް. އަޅުގަނޑު ޔަޤީންކަން އަރުވަން. ހަވީރު ނޫހަށާ، އަދި ތިޔަބޭފުޅާގެ ނޫސް ހަމަ ކިޔުއްވާ ހުރިހާ ބޭފުޅުންނަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކަމުން އަރައިގަންނާނަމޭ.

ދެން ވިދާޅުވި ޕްރައިވަޓައިޒޭޝަންގެ އަޞްލު އަޅުގަނޑުމެން އުންމީދުކުރާ އަދަދު، އަޅުގަނޑުމެންގެ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމް އެމްބެޝަސް ހެއްޔޭ؟ އަޅުގަނޑުމެން ފެންނައާމްދަނީ އޭގެއިން ނުލިބޭ ހެއްޔޭ؟ ދެން ވިދާޅުވި، މެގަ ޕްރޮޖެކްޓް. ނޫން، މެގަ ޕްރޮޖެކްޓާ ހުރެ، މެގަ ޕްރޮޖެކްޓްތައް ރިއަލައިޒް ނުވެގެނެއް، ނުވަތަ ނައިސްގެނެއް ނޫން ބަޖެޓް ޑެފިސިޓްވީކީއެއް. އެޕްރޮޖެކްޓުން ކުރާ ޚަރަދު ކުރަން ނިންމާފައި އޮތީ ހަމަ އެ ޕްރޮޖެކްޓަށް ލިބޭ ލާރިއަށް. މިސާލަކަށް، ކުރީގައިވެސް. އެހެންވީމާ، އެ އެއްޗެހި އައުމާ، ނައުމާ، އަޅުގަނޑަކަށް ހިއެއްނުވޭ ބަޖެޓާ އެހާބޮޑު ގުޅުމެއް އޮތްހެނެއް. ޕްރައިވަޓައިޒޭޝަން ޕްރޮގްރާމްގައި އަޅުގަނޑުމެން އުންމީދުކޮށްފައި މިއޮތް 150 މިލިއަން ޑޮލަރު މިއަހަރުގެ ތެރޭގައި. އެ އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެންނަށް ރިއަލައިޒްވާނެ. އަޅުގަނޑުމެން އެ އާމްދަނީ ލިބޭނެ ކަމަށް ނިންމައިގެން މިތިބީ. އަދި ހަމަ އޭގެއިތުރުން އަޅުގަނޑުމެން ނިންމައިގެން މިތިބީ، ޓޫރިޒަމުން ލިބޭ އާމްދަނީ ވަރަށްބޮޑުތަނުން ދަށްވާނެ ކަމަށް. އެކަމަކު މާތް އަމުރާ އިރާދައާއެކު އަޅުގަނޑުމެންނަށް މިހާރު މިފެންނަމުން މިއަންނަ ތަނަކީ، އަޅުގަނޑުމެން ދަށްވާނެ ކަމަށް ނިންމި މިންވަރަށް ވުރެ މާބޮޑުތަނުން ރަނގަޅަށޭ ކަންތައްތައް ވަމުން މިދަނީ.

ޢަބްދުﷲ ސަޢީދު – އެ ސަންދާން:

އަޅުގަނޑުމެންނަށް މަނިކުފާނުގެ ވާހަކަފުޅު އެނގިއްޖެ. ނިމިގެންދިޔަ ސަރުކާރު ނިމިގެން ދިޔައިރު މިދިޔައީ، ދިވެހިރާއްޖޭގެ ތަނަވަސްކަމަށްވުރެ މާމަތީ ފެންވަރަކަށް ޚަރަދުތައް ބޮޑުކޮށް، ދެން އެހެން ބަޔަކުވެސް މިކަން ނުކުރެވޭ މިންވަރަށް މިކަން ކޮށްފައިކަން. ދެން އަޅުގަނޑުގެ ސުވާލަކީ، މިހާރު ޑޮލަރުގެ ދަތިކަން މިއޮންނަނީ ވަރަށް އަތްނުފޯރާ ހިސާބަށް ގޮއްސައޭ. ދެން ބްލެކް މާކެޓެއް މިއޮތީ އުފެދިފައޭ. ދެން އެމް.އެމް.އޭ.ގެ ގަވަރނަރަކީ އެއީ ޤައުމުގެ ގަވަރުނަރަށްވާއިރު، މިކަން ކޮންޓްރޯލް ކުރުމުގައި އެމަނިކުފާނުގެ ރޯލަކީ ކޮބައިތޯއޭ؟ ދެން އެހެން ދުނިޔޭގެ ޤައުމުތަކުގައިވެސް އެމް.އެމް.އޭ.ގެ ގަވަރުނަރު މިބާވަތުގެ ކަންތައްތައް ނުކުރީމާ، ހަންމުށި އެޅޭގޮތްވެސް އޮވެއޭ. ދެން މިގޮތަށް ގޮސް ވިޔަފާރިވެރިން ޑޮލަރުގެ އަގު 14 އަށް 15 އަށް އަރައިގެން ގޮސް، އެމީހުން ގެންނަ މުދަލުގެ އަގު ރައްޔިތުންނަށް ވިއްކަން މިޖެހެނީ ވަރަށްބޮޑުކޮށް. ވިއްކީމާ ވާގޮތަކީ އަތްފޯރާ ހިސާބަކަށް މުދަލުގެ އަގެއް ނާދޭ. އެހެންވީމާ، މި ޒިންމާ ފިނޭންސް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާގެ ބޮލުގައިވެސް އެޅިގެން ހިނގައިދާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ. އެހެންވީމާ ކުރިއަށް އޮތް ތާނގައި މިކަމާ ބެހޭގޮތުން ކޮންކަހަލަ ފިޔަވަޅެއްތޯ އަޅުއްވަން ޤަޞްދު ކުރައްވަނީ؟


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެމް.އެމް.އޭ.ގެ ގަވަރނަރާ ގުޅޭގޮތުން، އެމް.އެމް.އޭ.ވެސް ހަމަ ގަވަރނަރަށް އެބައޮތް ދަތިތަކެއް. ޤާނޫނީ ހުސް ކަންތައްތަކާއި، އަދި ޤާނޫނީ ގޮތުން ގަވަރނަރަށްވެސް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް މުޅިން ސާފުނުވުމާ، އެބާވަތުގެ ކަންތައްތަކެއް އެބަހުރި. ދެން އެހެންވީމާ، އަޅުގަނޑު އަނެއްހެނެއް ނުދެކެން ޙަޤީޤަތުގައި. އަޅުގަނޑުމެން އެންމެބޮޑު އަހަންމިއްޔަތުކަމެއް ހަމަ ދޭންވީ ޝަރްޢީ ކަންކަމަށް. ޤާނޫނީ ކަންކަމަށް. ޝަރްޢީ ގޮތުން ކަންކަން ހިންގާނެ ގޮތަކާ، މިކަންކަމުގެ މައްޗަށް. ދެން މިސާލަކަށް، އެމް.އެމް.އޭ.ގެ ގަވަރނަރު ކީކޭތޯ ބުނާނީ، ވަގު ޑޮލަރު ގެންގުޅުން އެއީ މަނާކަމެއް ނޫނޭ ބުނީމާ. ދެން އެމް.އެމް.އޭ. ގަވަރނަރު ގޮސް ތަނެއްގައި އެކަމާ ގުޅޭގޮތުން ދައްކާނީވެސް ކޮން ވާހަކައެއްތޯ؟ އަޅުގަނޑަށް ގައިމުވެސް ނޭނގެ. ބޭރު ސެންޓްރަލް ބޭންކެއްގެ ގަވަރނަރު ކައިރީގައި ގޮއްސަ އަޅުގަނޑުމެން ރާއްޖޭގައި ޑޮލަރު، ވަގު ޑޮލަރު ގެންގުޅުން ހުއްދައޭ. މިބާވަތުގެ ކިތައް ޤައުމުތޯ އޭރުން އޮންނާނީ؟ އެ ވަގު ޑޮލަރު ގެންގުޅުން ހުއްދަކޮށްގެން ޤައުމެއްގައި، އެ ޤައުމަކަށް އޮވެވޭނީ އިސާހިތަކު ވަދެ، ދެން ހަމަ ބްލެކް މާކެޓްގައި ޑޮލަރު ވިއްކުން އިނގޭތޯ. އެއީވެސް އޭގައި އެބައޮތް ކިހިނެއްތޯ ދެން މި ޤާނޫނީ ހަމަ އަޅަނީ ޝަރީޢަތުން މިދެންނެވި ގޮތަށް. ދެން ޤާނޫނީ ހަމައެއް އެޅުމަށްޓަކައި ފުށް ބަދަލުކުރަން އެބަޖެހޭ އެތެއް ގެއަކަށް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ގަވަރނަރަށްވެސް ހަމަ ކުޑަ ތާށްޓެއްވެސް އުޅެނީއޭ. ދެން އަޅުގަނޑު އުންމީދު ކުރަން. ގަވަރނަރު ސިޔާސީ މަޤްޞަދެއް ނުގެންގުޅުއްވާނެކަމަށް. އެހެންވީމާ، އަޅުގަނޑެއް ނުދެކެން. ގަވަރނަރުގެ ސިޔާސީ މަޤްޞަދު އޮތްކަމަކަށް. އަޅުގަނޑު އުންމީދު ކުރަން އަދި ނުވެސް އޮންނާނެ ކަމަށް.

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އަސްޢަދު:

އަޅުގަނޑު ކޮންމެވެސް ވަރަކަށް އިތުރުކޮށްލާނަން. ފަހަރެއްގައިވެސް ހީނުކުރައްވާތި، އަޅުގަނޑުމެން ކަށްގަލަށް ބާރުކުރާގޮތަށް އެމް.އެމް.އޭ އަށް އަޅުގަނޑުމެން ލެފިގަންނާނެ ކަމަށް ގަބޫލު ނުކުރައްވައްޗޭ. އަޅުގަނޑުމެން މިތިބީ އެމް.އެމް.އޭ ޖެހިގަންނާކަށެއް ނޫނޭ. ދެން މީޑިއާގެ ތެރޭގައި ނުވަތަ ބަޔަކު މީހުންގެ ތެރޭގައި ކޮންމެވެސް ވަރަކަށް އެނޫން ގޮތަކަށް ވާހަކަ ދެކެވެމުންދިޔަ ކަމުގައިވިޔަސް، އަޅުގަނޑުމެން އެމް.އެމް.އޭ.އާ އެކީގައި ފުދޭވަރަކަށް ހަމަ ގާތް ގުޅުމެއް ބާއްވައިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. ދެން އެބޭފުޅުންނަށް ހުރި ދަތިތަކެއްގެ ވާހަކަ ރައީސްވެސް ވިދާޅުވެއްޖެ. އެހެންވީމާ، ފަހަރެއްގައި ބަޔަކު މީހުން އެމަންޒަރު ދައްކަން ބޭނުންވި ކަމުގައިވިޔަސް، އަޅުގަނޑުމެންނާ ހަމަ ވަރަށް ގާތް ގުޅުމެއް ބާއްވައިގެންނޭ އެމް.އެމް.އޭ.އާ އެކީ މަސައްކަތް ކުރަމުން މިގެންދަނީ. ދެން އިރާދަކުރެއްވިއްޔާ، ދާދި ގާތުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެންނާ އެކީގައި ހަމަ މިމައްސަލައާ ބެހޭގޮތުން އަޅުގަނޑުމެން ދެބައިމީހުން ދެކޭގޮތް. އެއް މޭޒެއްގެ ދޮށުގައި ތިބެގެން ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު ހަމަ ވަރަށް އަވަހަށް ތިޔަބޭފުޅުންނަށް ލިބޭނެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން.

މިދުޙަތު އާދަމް – ދި ޓީ.ވީ:

އަޅުގަނޑުވެސް ދެސުވާލެއް އެބައޮތް. އެއް ސުވާލަކީ ހަމަ އިއްޔެ އެމް.އެމް.އޭ އިން ބޭއްވި ނިއުސް ކޮންފަރެންސާ ގުޅިގެންނާ، އަދި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރުގެ އިޤްތިޞާދީ ބައެއް މާހިރުން ވިދާޅުވާ ބަސްފުޅަކުން އަޅުގަނޑު ސުވާލު ހުށަހަޅާލާނީ. އެބަ ވިދާޅުވޭ، މި ސަރުކާރުގެ ޚަރަދު ބޮޑުވެގެން ދިއުމުގެ އިތުރުން، ސިޔާސީ މަގާމުތައް އިތުރުވެގެންނޭ މިހާރު ކޮންމެވެސްވަރަކަށް ޚަރަދު ބޮޑުވެގެން މިދަނީ. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، 300 އަށްވުރެ ސިޔާސީ މަގާމު އެބައޮތް. އެހެންވީމާ، މިމަގާމުތައް ތިޔަބޭފުޅުން މަދުކޮށްގެން ޚަރަދު ކުޑަކުރުމަށް އެއްވެސް ވަރަކަށް ޚިޔާލެއް ނުކުރައްވަންތޯ؟ އެހެން މިދެންނެވީ، ތިންލައްކައެއްހާ އާބާދީގެ މީހުން ބެލެހެއްޓުމަށް އެހާގިނަ ސިޔާސީ މަގާމުތައް ބޭނުންނުވާނެ ކަމަށް ބައެއް ފަރާތްތައް، އަޅުގަނޑުމެން ދަންނަވާ ވާހަކައެއް ނޫން މިއީ އިނގޭތޯ. ބައެއް ފަރާތްތަކުން ވިދާޅުވާތީ. ދެން އަނެއް ސުވާލަކީ އިއްޔެ އެމް.އެމް.އޭ.ގެ ގަވަރނަރ ވިދާޅުވި. ދިވެހި ރުފިޔާ ސަރުކާރުން ޖައްސަވާލެއް ގިނަކަމުންނޭ، ބާޒާރުގައި އުޅޭލެއް ގިނަކަމުންނޭ، ޖައްސަވައިގެން ބާޒާރަށް ނުކުމެ ރުފިޔާ އުޅޭލެއް ގިނަކަމުންނޭ، ޑޮލަރު މަދުވެގެން މިއުޅެނީ އެނބުރޭ މިންވަރު. ދެން އެވެސް އަޅުގަނޑު އަހާލަން ބޭނުން. އެއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟ ފިނޭންސް މިނިސްޓަރުވެސް އިންނެވީމާ. ދެން އަނެއް ސުވާލަކީ، އަޅުގަނޑު ހަމަ އަހާލާހިތްވޭ، ބޭންކް ހުޅުއްވެވުމުގެ ވާހަކަ ދެތިން ފަހަރެއްގެ މަތިން ރައީސް ވިދާޅުވެފައި އެބައޮތް. އިތުރު ބޭންކްތަކެއް އަންނާނެ ވާހަކަ. އަދިވެސް އެކަމުގެ އެއްވެސް އިތުރު ޚަބަރެއް އަޅުގަނޑުމެންނަކަށް ނެތޭ. އެހެންވީމާ، އެކަން އޮތީ ކިހާ ހިސާބެއްގައިތޯ. އެމް.އެމް.އޭ އާ ކިހާވަރަކަށް ވާހަކަ ދެކެވިފައި އެބައޮތްތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ސިޔާސީ މަގާމުތައް މަދުކުރާކަށް އަޅުގަނޑުމެން ޤަޞްދެއް ނުކުރަން. އަޅުގަނޑުމެންގެ ސިޔާސީ މަގާމުތައް މިހާރު މިހިރީ، ކުރީގައި އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި، ސިޔާސީ އޮތް، 632 މަގާމު. ދެންމެ މިދުޙަތު ފާހަގަކުރައްވައިފި އަޅުގަނޑުމެންގެ މިއޮތީ 300 މަގާމޭ. އޭގެތެރެއިން 200 މަގާމަކީ ރަށްރަށުގެ ކައުންސިލަރުން. އިރާދަކުރެއްވިއްޔާ، ލާމަރްކަޒީ އުޞޫލުން ކައުންސިލަރުން އިންތިޚާބުވީމާ، އެއީވެސް ހަމަ ސިޔާސީ މަގާމުގެ ގޮތުގައި ތިބޭނީ. އެހެންވީމާ، އަޅުގަނޑެއް ޤަޞްދެއް ނުކުރަން. ކައުންސިލަރުންގެ ސިޔާސީ މަގާމުތައް ނެތިކޮށްލާކަށް. އެހެންވީމާ، އެ ސިޔާސީ މަގާމު އިންތިޚާބުވެގެން އެބޭފުޅުން ވަޑައިގަންނަވާނެ. އޭރަކުނެއް ދެން ހަމަ ބަޖެޓްވާނީ ހަމަ ބަޖެޓަށް. ޚަރަދުވާނީ ޚަރަދަށް. އެއީ އިންތިޚާބު ކޮށްގެން ތިއްބެވި. މިހާރު ސިޔާސީ މަގާމުތަކުގެ ތެރޭގައި ދެން އަޅުގަނޑުމެން މިބަލަނީ، 77 މަޖިލިސް މެންބަރުން އިނގޭތޯ. ދެން އެބޭފުޅުންގެ މުސާރަވެސް ހަމަ އަޅުގަނޑުގެ ނަޒަރުގައި ރަނގަޅު. އެބޭފުޅުންގެ މަސައްކަތްވެސް ގޯހެއް ނޫން. އެހެންވީމާ، ބޭރަކަސް އެތެރެއަކަސް ސަރުކާރުގެ ޚަރަދު ބޮޑުވެގެން މިދަނީ، ތަކުރާރު އަނެއްކާވެސް އަޅުގަނޑު ކުރަން ބޭނުންވެލައްވަންޏާ ކޮށްދެވިދާނެ. އެކަން ހިނގާގޮތް. ބޭރަކަސް އެތެރެއަކަސް. ރާއްޖޭގެ ޚަރަދު ބޮޑުވެގެން މިދަނީ، ސިޔާސީ މަގާމު އެއްވެސް ޙާލެއްގައި އިތުރުވެގެނެއް ނޫން. އަޅުގަނޑުމެންގެ ޚަރަދު މިހާރު ބޮޑުވެފައި މިހުރީ، މިދިޔަ އަހަރު އަނެއްކާވެސް، މިދިޔަ އަހަރު އަޅުގަނޑުމެންނަށް ކޮންޓްރެކްޓް ކުރެވިފައި ހުރި ބައިވަރު ޕްރޮގްރާމްތަކަކަށް މިއަހަރު ފައިސާ ދައްކަމުން ގެންދަންޖެހޭތީ. ރުފިޔާ ގިނަވީމާ ޑޮލަރު ދަތިވާނެ. އެއީ ހަމަ ހުންނަ ހުރި ޙަޤީޤަތެއް. އަޅުގަނޑުމެންނަށް އާމްދަނީއެއް ނުހޯދައި، ދެން ދަރަންޏަށް މި ރުފިޔާ މިނަގަނީ. ނަގާއިރުގައި ދަރަންޏަށް މިރުފިޔާ އެމް.އެމް.އޭ.އިން މިހައްދަވާ ގޮތަކީ ހަމަ ޗާޕް ޖައްސަވާފައި ދެއްވަނީ. ދެއްވީމާ، އެ ޢަދަދަށް ރުފިޔާ ގިނަވޭ. އެކަމަކު އެރުފިޔާއާ އެޅޭނެ ބޭރު ފައިސާއެއް ނުހުރޭ. އެހެންވީމާ، އެހެން ވެގެންދާ ތަނެއްގައި ޑޮލަރުގެ ދަތިކަން އަންނާނެ. ކުރިއަށް އޮތް ތަނުގައިވެސް އެ ޑޮލަރުގެ ދަތިކަމަކުން އަޅުގަނޑުމެންނަކަށް މުޅިއަކުންނެއް، ކުރިއަށް މިއޮތް ދެމަހެއް ތެރެއަކު އަދި ސަލާމަތެއް ނުވެވޭނެ. އަޅުގަނޑުމެންނަށް ޚަރަދާއި އާމްދަނީ އެއްވަރު ކުރެވޭ ހިސާބަށް ދިޔައީމާ އެކަން ވެވޭނީ.

ދެން އަޅުގަނޑު މިދެކެނީ، މައިގަނޑު ކޮންޓްރެކްޓްތައް. މިދިޔަ އަހަރު ކޮށްފައިހުރި މައިގަނޑު ކޮންޓްރެކްޓްތަކަށް އަޅުގަނޑުމެން ދައްކަން ހުރި މައިގަނޑު ފައިސާ، އިރާދަކުރެއްވިއްޔާ، ޖޫން، ޖުލައި، އޯގަސްޓް ނިމޭއިރުގައި އަޅުގަނޑުމެން ދައްކައި ނިމޭނެ. އެ ނިމުނީމާ ދެން އަޅުގަނޑުމެންނަށް ތަންކޮޅެއް ނޭވާލާނެ ހިނދުކޮޅެއްވެސް އަޅުގަނޑުމެންނަށް ލިބޭނެ. ދެން ހަމަ އޭގެއިތުރުން އާމްދަނީވެސް، ޑޮލަރުވެސް ޖޫންއާއި ޖުލައި އެއީ ޓުއަރިޒަމްގެވެސް ލޯ ސީޒަނެއް، ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި. އެހެންވީމާ، ޓުއަރިޒަމުން ލިބޭ ޑޮލަރު އާމްދަނީވެސް މިވަގުތު ދަށް. ދެން ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ އާމްދަނީ ދަށްވާ އަނެއް ސަބަބަކީ އެނގިވަޑައިގަންނަވާނެ، ޓުއަރިސްޓް އެރައިވަލްސް 10 ޕަސެންޓުން ޓުއަރިސްޓުން އަންނަ ޢަދަދު 10 ޕަސެންޓުން ދަށަށް ހިނގައްޖެ. އެހެންވީމާ، ގާތްގަނޑަކަށް އެޢަދަދަށް ބޭރުގެ ފައިސާ ލިބޭ ޢަދަދުވެސް ދަށްވެގެންދާނެ. އެހެންވީމާ، އެކަމަށް ބަދަލެއް ގެނެވުނީމާ، އަޅުގަނޑުމެންނަށް އިތުރަށް ތަންކޮޅެއް ބާރަށް އަރައިގަނެވޭނެ.

ބޭރުގެ ބޭންކްތައް ގެނައުމުގައި ދެން އަޅުގަނޑު ހަމަ އުންމީދު ކުރަނީ، މަނިޓަރީ އޮތޯރިޓީން، އެމް.އެމް.އޭ.ގެ ގަވަރނަރާއި، އެމް.އެމް.އޭ އިން އެކަންކަމުގައި ބާރަށް މަސައްކަތް ކޮށްދެއްވައި، އަދި އެމް.އެމް.އޭ އިން ބާރަށް ބާރުއަޅުއްވައިގެން، ބޭރުން ބޭންކްތައް އެމް.އެމް.އޭ.އިން ގެންނަވާނެކަމަށް. މިދުޙަތު އަޅުގަނޑުވެސް އަދި ޢަލީވެސް، އަސްޢަދުވެސް، އަޅުގަނޑުމެންނެއް ދެކޭކަށް ބޭނުމެއް ނޫން. އެމް.އެމް.އޭ.ގެ ގަވަރނަރު އެއީ ވަކި ޕާޓީއެއްގެ ބޭފުޅެއް ކަމަކަށް. އަޅުގަނޑެއް ހަމަ ކުޑަކޮށްވެސް، އެންމެ ހިނދުކޮޅަކަށްވެސް އެކަން އެހެން ދެކޭކަށް ބޭނުމެއް ނޫން. އެމް.އެމް.އޭ.ގެ ގަވަރނަރަކީ އެމް.އެމް.އޭ.ގެ ގަވަރނަރު. ދެން އެބޭފުޅާއަށް ނުފޫޒު ފޯރުވާން އުޅެދާނެ އެހެން ޕާޓީއެއްގެ ބޭފުޅެއްވެސް. އެބޭފުޅާއަށް ނުފޫޒު ފޯރުވާން ހުރެދާނެ އަދި އެހެން ބޭފުޅަކުވެސް. އެކަމަކު އަޅުގަނޑުމެންނަށް އެބޭފުޅާއަކަށް ނުފޫޒު ފޯރުވާކަށް ނޫޅޭނަން. އަޅުގަނޑުމެން އެބޭފުޅާއާ އެކީގައި މަސައްކަތް ކުރާނީ. އަޅުގަނޑުމެން ޔަޤީންކޮށް ތިބޭނީ ފޮތުގައި އޮތްގޮތަށް. އެއީ އެބޭފުޅާ މަސައްކަތް ކުރައްވާނީ، ސީދާ ބަރާބަރު އަޚްލާޤުގައި. ރިވެތި ދުރޫސީ އުޞޫލުގެ މިންގަނޑުތަކުގައި ކަމަށް.

މޫނިސާ ޢީސާ – އާފަތިސް ނޫސް:

އަޅުގަނޑުގެ ދެތިން ސުވާލެއް އެބައޮތް. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި އެބައޮތް. ސަރުކާރުގެ ޚަރަދުތައް ހިންގުމަށް އެމް.އެމް.އޭ އިން ނަގާ ފައިސާ، މަހުން މަހަށް ދަށްކުރަމުން ގެންދާނެ ވާހަކަ. ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެމް.އެމް.އޭ އިން ދެއްވާފައި ހުރި މަޢްލޫމާތުތަކުން. މާޗް މަހަކު ނެތް އެއްވެސް ފައިސާއެއް ނަންގަވާފައެއް. އެކަމަކު މަހުން މަހަށް ނަންގަވާފައި ހުރި ފައިސާ އިތުރުވެފައި އޮތްކަން އަޅުގަނޑުމެންނަށް ފެންނަން އޮތީ ހިސާބުތަކުން. އިއްޔެ އެމް.އެމް.އޭ.ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ގަވަރނަރު ވިދާޅުވެފައި އޮތީ، އެމް.އެމް.އޭ. އިން ފައިސާ ދޫނުކުރަންޏާ ސަރުކާރު ހުއްޓުމަކަށް އައިސްދާނެތޯ؟ އެ ކިހިނެއްތޯ އެމް.އެމް.އޭ.ގެ ގަވަރނަރު ވިދާޅުވި ވިދާޅުވުން އެގޮތަށްތޯ އޮތީ؟ ނޫނީ އެމް.އެމް.އޭ އިން ފައިސާ ނުދެއްވިޔަސް ސަރުކާރު ހިންގެވޭ ގޮތަށްތޯ އޮތީ؟ ދެން އަނެއް ވާހަކައަކީ، ހަމަ އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމް.އެމް.އޭ.ގެ ގަވަރނަރު ވިދާޅުވެފައި އޮތީ، ސަރުކާރުގެ ދަރަނި ހަމަޖެއްސުމަށް އާ ޚިދްމަތެއް ތަޢާރުފު ކުރައްވަން އުޅުއްވާ ވާހަކަ. އެގޮތުން ސަރުކާރަށް ޕްރޮޖެކްޓެއްވެސް ހުށަހަޅުއްވާފައިވާ ވާހަކަވިދާޅުވި. އެހެންވީމާ، އެކަންތަކަށް ސަރުކާރުން ކިހާވަރަކަށް އެއްބާރުލުން ދެއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑު ތީގެތެރެއިން އެއްބަޔަށް ޖަވާބުދޭނަން އިނގޭތޯ. ސަރުކާރުގެ ޚަރަދު މަހުން މަހަށް އިތުރުކުރުމަށް އަޅުގަނޑުމެން އަމާޒުކޮށްގެން މިދަނީ. ވިދާޅުވެއްޖެ. މާޗް މަހު އަޅުގަނޑުމެން އެފައިސާއެއް ނުނެގިއޭ އިނގޭތޯ. ތެދުފުޅެއް. އެހެން ނަމަވެސް، ހަމަ އަޅުގަނޑުމެންގެ ޚަރަދު މަހުން މަހަށް ދަށްކުރަމުން މިދަނީ. އަޅުގަނޑުމެންގެ ޚަރަދު. ދެން އަނެއް ޚަރަދަކީ ކޮބައިތޯ؟ މިހާރު އެނގިވަޑައިގަންނަވާނެ. 2008ގެ ޚަރަދު. އެޚަރަދު އަޅުގަނޑުމެންނަކަށް ދަށްކުރެވޭކަށެއް ނެތް. އެއީ ކޮށް ނިމިފައި އޮތް ޚަރަދެއް. އެއްބަސްވެ ސޮއި އަޅާފައި އޮތް ޚަރަދެއް. އެހެންވީމާ، އަޅުގަނޑުމެން މިއަންނަނީ މަހުން މަހަށް އަޅުގަނޑުމެންގެ ޚަރަދު ދަށްކުރަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައިވެސް އެކަން އަޅުގަނޑުމެން އަންނާނީ ކުރަމުން. ދެން މިހެން ތިއްބާ، އަނެއްކާ ކުއްލިއަކަށް އެބަފެނޭ. ހަމަ މިނިސްޓްރީއަކުން ވިދާޅުވެދާނެ. އަޅުގަނޑުމެންގެ މިނިސްޓްރީގައި އެބަހުއްޓޭ، ވަރަށް ބައިވަރު ބިލް. ކުރީގައި ހުރި ބިލްތަކެކޭ މިއީ. މިއެއްޗިއްސަށް ފައިސާ ނުދެއްކިއޭ ހުރީ. ދެން ބަލާއިރުގައި ހަމަ ވައުޗަރާއި އެޕްރޫވަލްއާ ހުރިހާ އެއްޗެއް އޮވެގެން ގޮސް ހަމަ ވަތްގަނޑެއްގެ ތެރޭގައި އެހުރީ. އެހެންވީމާ، އަނެއްކާ އެބިލްތައް އަތުވެއްޖިއްޔާ، އަޅުގަނޑުމެންނަށް ޖެހޭނީ އެބިލްތައް ދައްކަން. އަޅުގަނޑެއް ޢަލީއަކަށް ނުދަންނަވާނަން. އަދި އަސްޢަދަކަށްވެސް ނުދަންނަވާނަން. އެކަމާ ނޫޅުއްވާށެކޭއެއް. ސަރުކާރެއް މިއީ. އަޅުގަނޑުމެން ސަރުކާރު އޮނަރ ކުރާނެ. އަޅުގަނޑުމެން، ކުރީ ސަރުކާރުން ކުރައްވާފައި ހުރި ހުރިހާ ކަމަކަށްް، ހަމަ ރަނުން ރަނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލާރިދޭނަން. އެލާރި މަޖިލީހުން އަޅުގަނޑުމެން ކައިރީގައި ތިހެން ހަދައިގެން ނުވާނެއޭ. ތިއީ ބޭކާރު ގޮތުގައި ނިންމިފައި ހުރި ކަންތައްތަކެކޭ. އެބާވަތުގެ ކަނޑައެޅިގެން ނިންމުމެއް މަޖިލީހުން ނުވަތަ ޝަރީޢަތުން ނުނިންމާހާ ހިނދަކު، އަޅުގަނޑުމެން ހަމަ ސީދާ ބަރާބަރަށް އިރާދަކުރެއްވިއްޔާ އޮނަރ ކުރަމުންދާނީ.

ދެން ވިދާޅުވި، ނަގާ ފައިސާ އިތުރުވަމުންދާ ވާހަކަ. އިތުރުވަމުންނެއް ނޫންތޯ ދާނީ. ނަގާފައި ހުރި ލޯނުތަކުގެ އިންޓްރެސްޓްވެސް ދައްކަންޖެހޭ އެބަ ހަތަރު މަހުން އެއްމަހު. ނަންގަވާފައި ހުރި ލޯނުތައްވެސް ނަންގަވާފައި ހުރީ ކޮމާޝަލް ބޭންކުން. އަޅުގަނޑުމެން އިހަކަށް ދުވަހަކު ލޯނެއް ނަގަންވެގެން. އެއީ އައި.އެން.ޖީ ބޭންކުން. ނެދަރލަންޑްސް ބޭންކަކުން ލޯނެއް ނަގަންވެގެން. ޑިވެލޮޕްމަންޓް ލޯނެއް ނަގަންވެގެން. އަޅުގަނޑުމެން އަބަދުވެސް ތަކުރާރުކޮށް ދަންނަވަމުން މިދަނީ. ކޮމާޝަލް ލޯނެއް އަޅުގަނޑުމެން ނަގާކަށް ބޭނުމެއްނެތޭ. ޑިވެލޮޕްމަންޓް ލޯނެއް ނަގަންވެގެން އަޅުގަނޑުމެން އެ ބޭންކުގައި ވާހަކަ ދައްކަން ދިޔައީމާ، ތިންމަސް ފަހުން ދެން އެންމެފަހުން އެބޭންކުން އަޅުގަނޑުމެން ގާތުގައި ބުނީ، ދިވެހިރާއްޖޭގެ ކްރިޑިޓް ރޭޓިންގ އިންނަނީ ހަތްވަނައިގައޭ. ދެން އަޅުގަނޑު އަހާލިން. އެއަށްވުރެ ދަށެއް އޮވޭތޯއޭ. ވިދާޅުވީ، ނޯވެއޭ. ދެން އަޅުގަނޑުމެން ދަންނަވައިފިން. މިހާރު ތީގެ އެސެސްމަންޓް އަލުން އަނބުރާ ތިބޭފުޅުން ބައްލަވަންވީނޫންހޭ ދިވެހިރާއްޖެއަށް. ދެން ބެއްލެވިއިރުގައި، މި ހަތްވަނައަށް މި ގޮއްސަ މިއޮތް ސަބަބަކީ، ގަވަރނަންސް މައްސަލަ. ވެރިކަން ކުރުމުގެ މައްސަލައިގައާއި، އިންސާނީ ޙައްޤުތަކުގެ މައްސަލައިގައި. އިޤްތިޞާދީ ހުރީ މަދު މައްސަލައެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން މިހާރު އެހެންވީމާ، ވަރަށްބޮޑު އުންމީދެއް. އަޅުގަނޑަށް ހީވަނީ ރޭގައި ޑޮކްޓަރ ޝަހީދު ވަރަށް ރަނގަޅަށް ޓީ.ވީ.ގައި ވިދާޅުވެދެއްވިހެން، އަޅުގަނޑުމެންނަށް އެހީތެރިކަމާއި އެކިއެކި ފަންޑާއި، އެކިއެކި ބޭންކްތަކުގެ ލޯނު ސިސްޓަމްތަކާ، މިތަކެތި ހުޅުވިގެން އަޅުގަނޑުމެންނަށްދާ މިންވަރާ، ދާގޮތާ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނަގާ ފައިސާ މި ކުޑަކުރެވޭތޯ ބަލާނަން. އަޅުގަނޑުމެން އެހެން ނަމަވެސް، މިދެކެނީ މިއަހަރު ނިމޭއިރުގައި، އަދި ހަމަ ބޮޑު ބަޖެޓް ޑެފިސިޓެއް އޮންނާނެ. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު އަޅުގަނޑުމެން އެ ކުޑަކުރާނަން. އެއްފަހަރާ އަޅުގަނޑުމެން އެ ލަންބާލަން ހިފައިފިއްޔާ، ނޫސްތަކުގެ ސަބްސިޑީ އެކަންޏެއް ނޫން އިނގޭތޯ އޭރަށް ދާނީކީއެއް. ކިތަންމެ އެއްޗެއްދާނެ. އެހެންވީމާ، ނޫސްތަކުގެ ސަބްސިޑީވެސް ހިފެހެއްޓޭނީ، އަދި އެހެން އެއްޗަކަށް އަޅުގަނޑުމެންދޭ ސަބްސިޑީވެސް ހިފެހެއްޓޭނީ، މަޑުމަޑުން އަޅުގަނޑުމެން މިކަން ކުރަން އުޅުނީމާ. އެހެންވީމާ، ވިސްނައިގެން ޙިކްމަތްތެރިކަމާ، ވިސްނުންތެރިކަމާ، ކެތްތެރިކަމާ އެކީގައި، އެކަން ކުރާނެ ވަރަށް ރަނގަޅު ދެމޭސްތިރިން އަޅުގަނޑުމެންނާ އެކީގައި މިތިއްބަވަނީ. ޢަލީ ހާޝިމާއި އަސްޢަދާ. އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތް.

ޢަލީ މީގައި މިހާރު އިތުރު އޯޕަން މާކެޓް އޮޕަރޭޝަންސާ ގުޅޭގޮތުން ޢަލީ އެއްޗެއް ވިދާޅުވާނެ.

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމް:

އާދެ! އޯޕަން މާކެޓް އޮޕަރޭޝަންސްއަކީ، އަޅުގަނޑުމެން ފުރަތަމަ ސުރުޚީ އަޅާލީ، މިދިޔަ ޑިސެމްބަރު މަހުގައި. އަޅުގަނޑުމެން އޭރު ބޮޑަށް ބުރަވެވުނީ ޓްރެޜަރީ ބިލްސް މިހާރު އެއޮތީ ބޭންކްތަކަށް އެކަނި ނޫންތޯ. ބޭންކްތަކާއި މާލީ އިދާރާތަކަށް އެކަނި ހުޅުވިފައި ހުރި ބިލްސްތަކެއް. އަޅުގަނޑުމެން ބޭނުން އޭތި ތަންކޮޅެއް ޢާންމު ކުރެވޭވަރަށް ޢަދަދުތައް ކުޑަކޮށް ދަށްކޮށް، އެހެން ޕްރައިވެޓް އިންސްޓިޓިއުޝަންތަކަށްވެސް ބަލައިގަނެވޭގޮތަށް ހަމަޖެއްސުން. ދެން އަނެއް ކަމަކަށް އަޅުގަނޑުމެން ސުރުޚީ އެޅީ، އޯޕަން މާކެޓް އޮޕަރޭޝަންސް ތެރޭގައި، ސަރުކާރުގައި ދިގު ރާސްތާ ނުވަތަ ދިގު މުއްދަތެއްގައި ބޮންޑެއް ފްލޯޓް ކުރެވޭތޯ. މިދެމަސައްކަތުގައިވެސް މާހިރުން ރާއްޖޭގައި ނެތުމުން ވަރަށްގިނަ ދިރާސާތަކެއް ކުރަން ޖެހޭތީ ވަގުތުކޮޅެއް ނެގި.އެމް.އެމް.އޭ އިން އޭގައި ކަރުދާހެއް ތައްޔާރުވެވުނީވެސް މެއި މަހުގައި. މެއި މަހުން ފެށިގެން އަޅުގަނޑުމެން އެ އަދިވެސް މިރާވަމުން ދަނީ. މީގެތެރޭގައި، އަޅުގަނޑުމެންނަށް އެހީވެދޭ އެއްބަސްވެވިފައި މިހާރު މިއޮތީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންނާ، އައި.އެމް.އެފް.ގެ ފަރާތުން މިކަންތައްތައް ރާވައިދޭން. އެހެންވީމާ، މިމަސައްކަތްތައް ކުރެވެމުން މިދަނީ. އިރާދަކުރެއްވިއްޔާ، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެގްރީމަންޓްތަކުގައި ސޮއިކޮށް، އޭގެ ޕްރޮސެސްތައް ހުރިހާ ޕްރޮސެސްތައް ކަރުދާސްތައް ތައްޔާރު ކުރެވި، އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން މިބަލަނީ އެންމެފަހު ކޯޓާ މިއަހަރުގެ ތެރޭގައި.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އަސްޢަދު:

އަޅުގަނޑަށް ހީވަނީ ކޮންމެވެސް ބޭފުޅަކު މިކޮޅުން، ހަނދާނެއް ނެތް ކޮން ބޭފުޅެއް ކަމެއް. އެކްސެސް ލިކްއިޑިޓީއެއްގެ ވާހަކަ. އެއީ ފައިސާ އިތުރުވެގެން އުޅޭ ވާހަކަ ދެއްކެވި. ދެން އޯޕަން މާކެޓް އޮޕަރޭޝަންސަކަށް ދިއުން. އޭގެ މާނައަކީ، އެއްވެސް ދައުލަތަކުން ބޭނުންވާ ހުރިހާ ޚަރަދެއް، ދައުލަތަށް ލިބޭ އާމްދަނީއަކުން ނުކުރެވި ހިނގައިދާނެ. ނުކުރެވިދާ ޚަރަދުތަކުގައި މިކުރާ ކަމަކީ ޢާންމު ފަރާތްތަކުން ދަރަންޏަށް ފައިސާ ހޯދަނީ. ދެން އަޅުގަނޑުމެންނަށް އެމަގު ހުޅުވިފައި ނެތީތީވެ، އަޅުގަނޑުމެންނަށް އެމް.އެމް.އޭ އިން ފައިސާ ޗާޕްކުރަން ޖެހުނީ މިހާތަނަށް. ދެން އެބޭފުޅުންވެސް އަޅުގަނޑަށް ހީވަނީ، އެމް.އެމް.އޭ.ގެ އެމަސައްކަތްވެސް ހަމަ އެއީ އަޅުގަނޑުމެން ތަޢުރީފު ޙައްޤުވާވަރު ކަމެއްހެން. 6 މަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެން އެކަމަށް އެދުނުތާ 6 މަސްދުވަސްތެރޭގައި، އެބޭފުޅުންވެސް އެއަށް ގޮތްތަކެއް ހޯއްދަވައިދެއްވާފައި މިހާރު އެއޮތީ. އޯޕަން މާކެޓް އޮޕަރޭޝަންސް ފެށުމާ އެކީގައި، ވެގެންދާ ގޮތަކީ ދައުލަތަށް ސަރުކާރު ހިންގަން ބޭނުންވާ ފައިސާ މަދުވާ ހިނދެއްގައި ރައްޔިތުން ނުވަތަ ޢާންމު ބާޒާރުން އެފައިސާ ދަރަންޏަށް ހޯދޭނެ ގޮތްތަކެއް މި އުފެދިގެންދަނީ. އެހެންވީމާ، ފައިސާ ޗާޕް ކުރުމުގެ ބަދަލުގައި ބާޒާރުގައި ހުރި ފައިސާއަކުން ދަރަނީގެ ގޮތުގައި ފައިސާ ހޯދޭނެގޮތް މީމަގުފަހިވެގެން މިދަނީ. އެހެންވީމާ، މީގެ ސަބަބުން، ތިބޭފުޅުން އަނެއްކާވެސް ކުރިން ވިދާޅުވި އެކްސެސް ލިކްއިޑިޓީގެ މައްސަލައަށް ވަރަށްބޮޑު ޙައްލެއް އަންނާނެ. އެހެންވީމާ، އެ އެކްސެސް ލިކްއިޑިޓީގެ މައްސަލައަށް ޙައްލެއް އައުމަކީ، އޭގެ ސަބަބުން ޑޮލަރުގެ ދަތިކަމަށް ޙައްލެއް އަންނާނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން މި އުންމީދު ކުރަނީ، އަޅުގަނޑުމެންގެ ހުރިހާ ލިޔެކިޔުމަކާއި ހުރިހާ ކަމެއް މިހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް. އޭރުން އޯޕަން މާކެޓް އޮޕަރޭޝަންސް އަޅުގަނޑުމެންނަށް މިމަހުގެ މެދެއްހާ ހިސާބުގައި ފަށައިގަނެވޭތޯ. އަޅުގަނޑު މިކޮޅަށް އައުމުގެ ހަމަ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ކުރިން ހަމަ އެމް.އެމް.އޭ.އާއެކު އިށީނދެގެން ހަމަ އެވާހަކަތައް ދައްކަން އިނދެފައި އަޅުގަނޑު މިއައީވެސް. އެހެންވީމާ، އެމަސައްކަތް ފަށައިގަނެވޭނެ ކަމަށް އަޅުގަނޑުމެން މިއުންމީދު ކުރަނީ.

ދެން އެއާ އެކީގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. އެކްސެސް ލިކްއިޑިޓީގެ ވާހަކަ ދެއްކެވީތީވެ. ޢާންމު ގޮތުގައި ފައިސާ ބޭނުންވާ ވަރަށްވުރެ އިތުރަށް ނުވަތަ އެމީހުންނަށް ޚަރަދު ކޮށްފައި ބާކީ ކުރެވޭ ކަމުގައިވާނަމަ، އިތުރު ރަނގަޅު ގޮތްތަކެއް އަޅުގަނޑުމެން އެބަ ހުޅުވާލަމޭ. މިހާރު މިދަނީ އެމް.ޓީ.ޑީ.ސީ.ގެ ޙިއްޞާ ވިކެމުން. އެހެންވީމާ، އެ ދުވަހުން ދުވަހަށް ޚަރަދު ކުރެއްވުމުގެ ބަދަލުގައި އިންވެސްޓްމަންޓެއްގެ ގޮތުގައި އެފައިސާ ބޭނުން ކުރައްވާށޭ ޢާންމުންވެސް. އެހެން ވެއްޖެ ކަމަށްވަންޏާ، އަމިއްލައަށް އެއްޗެއް ފަހަށް ރައްކާކުރެވޭ ތަނުގައި އެއީ ޤައުމަށްވެސް ފައިދާހުރި ގޮތަކަށް އެފައިސާ ބޭނުންކުރެވެނީއޭ. ދެން ހަމަ އެއާއެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރޯދައިގެ ފަހަށް ހުޅުވާލާނަން. ސަރުކާރުގެ ހަމަ ފައިދާވާ ބޮޑު ސްޓޭޓް އޮން އެންޓިޓީއެއް. ދެން ވަކިތަނެއް އަޅުގަނޑު މިވަގުތު ދަންނަވާކަށް ނެތިން. އެ ޙިއްޞާގެ ބާޒާރުގައި އެއަށް ބަދަލެއް އަންނާކަށެއް އަޅުގަނޑުމެންނަކަށް ކޮންމެހެން ދުލެއް ނުކޮށްލެވޭނެ. އެހެންވީމާ، ވިދިވިދިގެން ހަމަ ސަރުކާރުގައި މިހާރު ހުރި ކުންފުނިތަކުގެ ތެރެއިން ރަނގަޅަށް ހިނގަމުންދާ ތަންތަން އަޅުގަނޑުމެން ޢާންމުންނަށް ހުޅުވާލަމުން މިދަނީ. މީގެ ދެމަޤްޞަދެއް އެބައޮތް. އެއް މަޤްޞަދަކީ، ދެމަޤްޞަދަށްވުރެވެސް ގިނަ މަޤްޞަދުތަކެއް އެބައޮތް. ޢާންމުންނާ ޙިއްޞާ ކުރަން ބޭނުންވަނީ، ދައުލަތުން އުފައްދާފައި ހުރި ކުންފުނިތަކުގެ މިލްކުވެރިކަން ޙިއްޞާކުރަން ބޭނުންވާހިނދު، އޭގައި އޮތް އެންމެ ފަސޭހަ ގޮތަކީ ބާޒާރުގައި އޭގެ ޙިއްޞާ ވިއްކުން ކަމުގައިވާތީވެ. ދެން އޭގެއިތުރަށް ޢާންމުންނަށް އެމީހުން ދުވަހުން ދުވަހަށް ޚަރަދުކޮށް އެއްޗެއް ބާކީ ކުރެވޭ ކަމުގައިވާނަމަ، އެ ބާކީ ކުރެވޭ އެއްޗެއް ބޭކާރު ގޮތުގައި ނަގާލުމުގެ ބަދަލުގައި ފަހަށް ރައްކާ ކުރެވޭނެ ރަނގަޅު މަގެއް އަޅުގަނޑުމެންނަށް ހޯދައި މިދެވެނީ. ދެން ހަމަ އެއާ އެކުއެކީގައި މި އުފެދިގެން އުޅޭ ޑޮލަރުގެ މައްސަލައަށްވެސް އޭގެ ސަބަބުން ހަމަ ފަސޭހަތަކެއް ވެގެންދާނެ ކަމެއް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން. ތިބޭފުޅުން މެދުވެރިކޮށް އަދި މިބައްލަވާ ބޭފުޅުންވެސް ހަމަ މިކަން ހަނދުމަފުޅު ބަހައްޓަވާނެ ކަމަށް. މައްޗަށް އޮތީ ރޯދަމަސް. އެހެން ނަމަވެސް، ކޮންމެވެސް ވަރަކަށް ވާހަކައަކީ ބާކީ ކުރައްވާށޭ. ފައިސާ ބާކީ ކުރައްވައިފިއްޔާ، އެ ބޭނުން ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން މިދަނީ ހުޅުވާލަމުންނޭ މިހާރު.

ޢަބްދުﷲ ޔާމީން – ދި އެފް.އެމް:

އަޅުގަނޑުގެ ސުވާލަކީ މިހާރު ދެންމެ ތިޔަބޭފުޅުން ފާހަގަކުރައްވައިފި. މަނިކުފާނު ވެރިކަމާ ޙަވާލުވުމުގެ ކުރިން ރައީސްވަނީ ވިދާޅުވެފައި، ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ބޭންކަށް ވަޑައިގަތަސް ޑޮލަރު ލިބިވަޑައިގަންނަވާނެ ކަމަށް. އެހެން ނަމަވެސް، އެކަން އެގޮތަށްވާކަމަކަށް އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވޭ. މިކަން މިހާތަނަށް މިގޮތަށް އޮތީ ކީއްވެގެންތޯ؟ ދެން ތިޔަބޭފުޅުން ޝަރްޢީ ދާއިރާއަށް ފާޑުވިދާޅުވަމުންދާ މިދަނޑިވަޅުގައި އަޅުގަނޑުމެންނަށް ފާހަގަ އެބަކުރެވޭ ސަރުކާރުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބައެއް މުއައްސަސާތަކުގައި ފައިސާގެ ދަތިކަން ކުރިމަތިވެފައިވާތީ، ޝަރްޢީ ދާއިރާ ނުހިންގިފައިވާކަން. މިހެން މިދެންނެވީ، ފުލުހުންނަށް އެބޭފުޅުންގެ ބަޖެޓުގެ ދަތިކަން އުޅޭތީ، ކުށްވެރިން އެއްތަނުން އަނެއް ތަނަށްވެސް ގެންދިއުން ނުކުޅެދިފައިވާ ކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ. ދެން މިފަދަ މަދަނީ މައްސަލަތައް ޙައްލު ކުރުމަށް އިޤްތިޞާދީގޮތުން އެއްވެސް ކަހަލަ މަސައްކަތެއް ކުރެވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑަކަށް ހިއެއްނުވޭ ރަނގަޅު މަޢްލޫމާތު ލިބިވަޑައިގަންނަވައިގެންހެނެއް ތިވާހަކަތައް ތިޔަ ވިދާޅުވީކީއެއް އިނގޭތޯ. މިއަދު ބޭންކަށް ވަޑައިގެންނެވިޔަސް ޑޮލަރުވެސް ލިބިވަޑައިގަންނަވާނެ. އަދި ޑިސެމްބަރު ނޮވެމްބަރު މަހު 12 ވަނަ ދުވަހު ވަޑައިގެންނެވިނަމަ އަދި ޢަމްދުން ތަންކޮޅެއް ގިނައިން ލިބިވަޑައިގަތީސް. އެދުވަހު ހަމަ އަޅުގަނޑު ވަރަށް ބޮޑަށް ބަލާފައި އެވާހަކަ ދެންނެވީ. ގޮސް ނޮވެމްބަރު ނިމި، ޑިސެމްބަރު ނިމި، ޖަނަވަރީ ނިމި، ފެބްރުއަރީ ނިމޭ ހިސާބުގައި އަޅުގަނޑުމެންނަށް މި ޑޮލަރުގެ ތާށްޓެއް އައީ. އެހެންވީމާ، ފުރަތަމަ ކަމަކަށް ތިބޭފުޅާ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ވަޑައިގެންނެވިނަމަ، އަޅުގަނޑު ދަންނަވާނީ ހިތުހުރި ވަރަށް ޑޮލަރު ލިބިވަޑައިގަތީހޭ. ދެން ޝަރީޢަތުގެ ނިޒާމާ ގުޅޭގޮތުން. އަޅުގަނޑުމެން މިއުޅެނީ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމު ކުރުމަށް. އެކަމަށްޓަކައި ބޭނުންވާ މުއައްސަސާތައް ބިނާކުރުމުގައި އަޅުގަނޑުމެން ވީވަރަކުން މަސައްކަތް ކުރާނަން. ހަމަ އެއީ ޝަރީޢަތުގެ ނިޒާމު ކަމަށްވިޔަސްވެސް. އަދި އެހެން ނިޒާމެއް ކަމަށްވިޔަސްވެސް. ދެން އަޅުގަނޑުމެންނަށް އަމަން ނުބެލެހެއްޓިދަނީ ބަޖެޓުގައި ފައިސާ ނެތިގެން ކަމަށް. ބަޖެޓުގައި ފައިސާ ނެތުނީމާ އަމަން ބަލަހައްޓަންވެސް ދަތިވޭ. ޝައްކެއްވެސްނެތް އެކަމަކަށް. ބަޖެޓުގައި ފައިސާ ނެތުނީމާ ހުރިހާ އެންމެންނަށްވެސް ދަތިވޭ. ދެން އަޅުގަނޑުމެން މިބަލަން މިޖެހޭ އެއްޗަކީ، ކޮބައިތޯ މަދު ފައިސާކޮޅަކުން، މިހާރު އެނގިވަޑައިގަންނަވާނެ، 80 ބޭފުޅުން ޖަލު ބަލަހައްޓަން އެބަތިއްބެވި. އަޅުގަނޑު މިވާހަކަ ކުރީގައިވެސް ދަންނަވާފައި އޮންނާނެ. އެއްވެސް ލިސްޓެއްގައި ނުވާ، އޭގެއިން ބޭފުޅަކަށް އޯވަރޓައިމްގެ ގޮތުގައި ސާޅީސްހާސް، ފަންސާސްހާސް ރުފިޔާ މަހެއްގެ މައްޗަށްޖެހޭ. މިއީ އަޅުގަނޑުމެންނަށް ޖަލާ ގުޅިގެން ހަމަ ދިމާވެފައި ހުރި ބައިވަރު މައްސަލަތަކެއް. އެމައްސަލަތައް އަޅުގަނޑުމެންނަށް ޙައްލު ކުރަންވެގެން އެމައްސަލަތައް އަޅުގަނޑުމެން ނިއުޅުވާލީމާވެސް ދެންމިވާ ގޮތަކީ މާގިނަ އެހެން އެއްޗެހިތަކެއް ފެންނަނީ. އެބޭފުޅަކު ކުރައްވާފައި ހުރި މަސައްކަތާ، އަޅުގަނޑު މިވަގުތު ދަންނަވާކަށް ބޭނުމެއް ނުވާނެ. މިސާލަކަށް، ތިބޭފުޅާގެ ސްޓޭޝަނާ އެކަމާ ހުރި ގުޅުމެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިކަންކަމުން މި ކޮންމެ ކަމެއް ހަމަ ނެރޭއިރަށް އަޅުގަނޑުމެންނަށް މިފެންނަނީ، އޭގެއިން އެކިއެކި އެކިއެކި ގޮފި ފަޅައިގެންދާތަން. ތެދުފުޅެއް. ދަތި. އަމަން ބެލެހެއްޓުންވެސް ދަތި. އަދި އާމްދަނީ ހޯދުންވެސް ދަތި. ޚަރަދު ކުޑަކުރުންވެސް ދަތި. ވެރިކަމުގެ ނިޒާމު، އަޅުގަނޑުމެން މި އުންމީދުކުރާ ޑިމޮކްރެޓިކް އުޞޫލުން ނުހިންގަންޏާ ވަރަށް ފަސޭހަވާނެ. އެއީ އެއްވެސް އަޑެއް ނީވޭނެއެއް ނޫންތޯ. ހުރިހާ ބޭފުޅުން ގެންގޮސް ހިފާ ހައްޔަރު ކުރީމަކާ ދެން އެއްވެސް ބޭފުޅަކު އެއްވެސް ވާހަކައެއް ދައްކަވާ އަޑެއްވެސް ނީވޭނެ. އެއްވެސް ކަމެއްވާކަމެއްވެސް ނުވާކަމެއްވެސް. ދެން ހަމަ ނުލާހިކު ރީތިކޮށް އޮންނަ ކަމަށް ފެންނާނެ ނޫންތޯ އޭރުން. އެކަމަކު އަޅުގަނޑުމެން އައިސް މިތިބީ، މިތަނުގައި ޑިމޮކްރަސީ ޤާއިމު ކުރަން. ކޮންމެ ޙާލަތެއްގައިވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނީ އެކަންތައް. އެއީ އެކަން ކުރުމުގައި އަޅުގަނޑުމެންގެ ތެޔޮހަން ދިޔަސްވެސް އަދި ކޮންމެ ކަމެއްވިޔަސްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ޤާއިމުކޮށް ނިންމާނެ. އޭގައި އަމަންވެސް އަޅުގަނޑުމެން މިރާއްޖޭގައި ޤާއިމު ކުރާނެ. އުފާފާގަތިކަންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރާއްޖެއަށް ގެންނާނެ. ތަނަވަސްކަންވެސް މި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ގެންނާނެ. ހަމަ އަޅުގަނޑު ނިންމާލަމުން ދަންނަވާނީ، ”ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ ފޮޅޭނެޔޭ“ އަޅުގަނޑުމެން މިއެދޭ ”އަނެއް ދިވެހިރާއްޖެ“ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހޯދައިދޭނަމޭ. ޝުކުރިއްޔާ!