بســم اللّـه الرّحمـن الرّحيــم


މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ. މުޙިއްބުއްދީން ސްކޫލްގެ ޕްރިންސިޕަލް. ސްކޫލް ކެޕްޓަން. ސްކޫލްގެ ޕްރިފެކްޓުން. ސްކޫލްގެ ދަރިވަރުން. މައިންބަފައިން. ދައުލަތުގެ ވަޒީރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން.

السّـلام عليـكم

އަޅުގަނޑު މިކަންކުރާހިތުން ހުރިލެއް ބޮޑުކަމުން ހައްތަހާވެސް މިތަނަށް އާދެވެން އުޅެނީ. އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ، އެހެން ބޭފުޅުންގެ ހިތުގެ އުދާހެއް، ހިތުގެ ޝުޢޫރެއް. އަޅުގަނޑަށް އެނގޭ އެއްޗަކީ، މިރޭ އަޅުގަނޑު ވަރަށް އުފާވެއޭ. އަޅުގަނޑަށް ހަމަ ދަންނަވަން ކެރޭ، މިހާ އުފާވެރި ޖަލްސާއަކަށް ވަރަށް މަދުން ނޫނިއްޔާ އަޅުގަނޑަކަށެއް ނާދެވޭ. ދަރިވަރުންނަށް އިނާމު ދިނުން އެއީ، އަދި ތަޢްލީމީ ރޮނގުން ދަރިވަރުންގެ ކިޔެވުމުގައި ޙާޞިލުކުރާ ވަނަތައް ފާހަގަކޮށް، އިނާމު ދިނުމަކީ، އަޅުގަނޑުމެންނަށް އަބަދުވެސް ލިބޭ ވަރަށްބޮޑު އުފަލެއް. އެހެންވީމާ، އެސަބަބަށްޓަކައި އަޅުގަނޑު މުޙިއްބުއްދީން ސްކޫލްގެ އެންމެހާ ޓީޗަރުންނާއި، ޕްރިންސިޕަލާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން، އަޅުގަނޑަށް މިފުރްޞަތު އެރުވީތީވެ.

ޑޮކްޓަރ ލުޠުފީވެސް ފާހަގަކުރައްވައިފި، މިތަނުގައި، މިޖަލްސާގައި ވަޑައިގެން އެބަ ތިއްބެވީ، މިއަދު މިދައުލަތުގެ އެންމެ އިސްވެރިން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އަދިވެސް ދައުލަތުގެ އެހެންވެސް ޢިއްޒަތްތެރި ވެރިން. އެހުރިހާ ބޭފުޅުންވެސް މިތަނަށް ވަޑައިގެންނެވީ، އަޅުގަނޑުމެން އެބޭފުޅުން އަރިހުގައި ވަޑައިގަތުމަށް ދަންނަވައިގެނެއްނޫން. އަޅުގަނޑުމެންނަށް ބައެއް ބޭފުޅުން ބައިތިއްބާފައި އަދި މިއާދެވުނީ. އެބޭފުޅުން، މީގެތެރެއިން ކޮންމެ ވަޒީރަކުވެސް، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުވެސް އަދި ދައުލަތުގެ ކޮންމެ ވެރިއެއްމެ މިތަނަށް ވަޑައިގެން މިތިއްބެވީ، އެބޭފުޅުން މި ޙަފްލާގައި ބައިވެރިވުމަށް ވަރަށް ބޮޑަށް އެދިވަޑައިގެން، ތިޔަބޭފުޅުންނާއެކީގައި މިއުފަލުގައި ބައިވެރިވުމުގެ ނިޔަތުގައި. އަޅުގަނޑު އެހުރިހާ ބޭފުޅުންނަށްވެސް ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑު ދެންމެ މިތަނުގައި އިނާމުތައް ދެމުން ދިޔައިރުގައި، އަޑުއަހަން އިންއިރުގައި 10 A އަތުވެއްޖެ. 10 B އަތުވެއްޖެ. އެއީ، އަޅުގަނޑުމެން ސްކޫލްގައި އުޅުނުއިރު 10 B އާ ހިސާބުން އެކަން ނިމޭ. C އަތުވެއްޖެ. D އަތުވެއްޖެ. ދެން އަޅުގަނޑު ނޯޓްކޮށްލަން. D އައީމާ D އާ ހިސާބުން ނޯޓްކޮށްލީމާ، އަޅުގަނޑު ހީކުރީ އެހިސާބުން ނިމޭނެއޭ. ދަމުން ދަމުން ގޮސް އަޅުގަނޑަށް ނޯޓްވެފައި މިއޮތީ M އާ ހިސާބަށް. އަޅުގަނޑަށް ހީވަނީ އޭގެފަހަށްވެސް ދިޔަހެން. އާދެ! އެހިސާބުން އަޅުގަނޑު ނޯޓްކުރުން ހުއްޓާލީ. މި ދަރަޖައަށް އެއްމަދަރުސާއަކަށް ކުދިން އެއްވެފައި ވަނިކޮށް، އަޅުގަނޑުމެންނަށް މިބޭނުންވެގެން މިއުޅެނީ، އެއިން މަދަރުސާއެއް އެއްދަންފަޅިއަށް ބަދަލުކުރަން. އެއީ، ޑޮކްޓަރ ލުޠުފީ ފާހަގަކުރެއްވިހެން ފަސޭހަކަމެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ރަނގަޅު ތަޢްލީމެއް ލިބޭނީ، ހެނދުނު މަދަރުސާއަށް އައިސް، ހެނދުނު ކިޔަވާފައި، މަދަރުސާގައި މެންދުރުފަހު ކުޅެފައި، ރޭގަނޑު ގެއަށް ގޮސް ފިލާވަޅު ދަސްކޮށްފައި ނިދީމާ. އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި، ވަށާ ޖެހިފައިވާ ތަޢްލީމަކީ އަދި ރަނގަޅު ގޮތުގައި ތަރުބިއްޔަތުވެ ބޮޑެތިވުމަކީ މިދެންނެވީ. އެބާވަތުގެ މަދަރުސާތަކެއް އަޅުގަނޑުމެން އުފައްދައިގެން، އެމަދަރުސާތަކުން އަޅުގަނޑުމެންގެ ދަރިވަރުންނަށް މެދު މަދަރުސާތަކުން ދަރިވަރުންނަށް ތަޢްލީމުދީގެން، އެ ދަރިވަރުން މި ރާއްޖޭގެ މުސްތަޤްބަލާ ޙަވާލުވީމާ ނޫނިއްޔާ، އަޅުގަނޑުމެން މިއުންމީދުކުރާ ހެޔޮވެރިކަމެއްވެސް އަދި އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެއެއްވެސް އަޅުގަނޑުމެންނަކަށެއް ޙަޤީޤަތުގައި ނުލިބޭނެ.

އަބަދާ އަބަދުވެސް ފާހަގަކުރަން، ޤައުމެއް ތަރައްޤީވެދަނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި އިރެއްގައި ވަކިގޮތަކަށް ކުރެވުނީމާ. އޭގެތެރެއިން އެންމެ ޚާއްޞަ، އެންމެ މުހިންމު އެއްކަމަކީ، ހަމަކަށަވަރުންވެސް ތަޢްލީމު. ރާއްޖޭގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެވިއްޖިއްޔާ، އެއީ އަޅުގަނޑުމެންނަށް ތަރައްޤީއަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު. އަޅުގަނޑުމެން މިހީކުރަނީ ތަރައްޤީއަކީ ރާނާފައި ހުންނަ ބޮޑު ފާރެއް ކަމަށް. އަޅުގަނޑުމެން ހީކުރަނީ، ތަރައްޤީއަކީ ކޮންކްރީޓުން އަޅާފައިވާ ރިވެޓްމަންޓެއް ކަމަށް. އެއްގަމު ތޮށްޓެއް ކަމަށް. އަޅުގަނޑުމެން ހީކުރަނީ ތަރައްޤީއަކީ ބޭރުގައި ޖައްސާފައި އޮތް ބޮޑުހިލަ ޖެއްސި ބަނދަރެއް ކަމަށް. އަޅުގަނޑުމެން މިހާރު ހީކުރަން، ތަރައްޤީއަކީ ނަރުދަމާ ކަމަށްވެސް.

ތަރައްޤީއަކީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ނަޒަރުގައި އަޅުގަނޑުމެންނަށް ތަންދޮރުފިލުން. އަޅުގަނޑުމެންނަކީ އެކަން އެނގޭ ރައްޔިތަކަށްވުން. އަޅުގަނޑުމެންނަކީ ހެޔޮ ނުބައި ވަކިކުރެވޭ ބަޔަކަށްވެ، މިދުނިޔޭގައި ގޮތަކަށް އުޅޭ ބަޔަކަށް އަޅުގަނޑުމެންވުން. އަޅުގަނޑުމެންގެ ބޭނުމަކަށްވެސްވާނީ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދެވެން އަޅުގަނޑުމެންނަށް އޮތީ ތަޢްލީމަށް އަޅުގަނޑުމެން ޚަރަދު ކޮށްގެން. އަޅުގަނޑުމެންނަށް ފައިސާ މަދުވިޔަސްވެސް، އަދި ބަޖެޓުގައި ފައިސާ ދަތިވެގެންދިޔަސްވެސް، އަޅުގަނޑުމެން ތަޢްލީމުގެ ބަޖެޓުގައި އަތްލާނީ އަޅުގަނޑުމެންގެ މުސާރަވެސް ކަނޑާފައި. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، އިޤްތިޞާދީ ދަތި މިއަހަރު އެބައޮތްކަން. އަދި ބަޖެޓުން އަޅުގަނޑުމެންނަށް ފައިސާ އުނިކުރަން ވެފައިވާކަން. އެހެންނަމަވެސް، އަޅުގަނޑުމެން މިބަޖެޓުގައި ތަޢްލީމު ބަޖެޓް މައްޗަށް ޖެހޭނެ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އިޤްތިޞާދީ ހީނަރުކަމުގައި ޤައުމު އަނެއްކާވެސް އަލުން އަނބުރާ އޭގެ އަމިއްލަ ޒާތަށް ގެނައުމަށްޓަކައި އަދި ޤައުމީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ މިދެންނެވީ. ދަރިވަރުންނަށް ރަނގަޅަށް ތައްލީމު ދެމުން ގެންދިއުން. އަޅުގަނޑުމެން އެންމެ ހިނދުކޮޅަކުވެސް މަޑެއް ނުކުރާނަން. އަދި މަސައްކަތް ކުޑަތަންކޮޅަކުންވެސް އަޅުގަނޑުމެންނެއް، މި ސަރުކާރެއް ކުޑައެއް ނުކުރާނެ. އިރާދަކުރެއްވިއްޔާ، ރަނގަޅު ތަޢްލީމެއް ދިނުމަށް އަޅުގަނޑުމެންނަށް ވެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން.

އަޅުގަނޑުމެންނާއެކު އެ މަސައްކަތް ކުރުމަށް، އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވެވަޑައިގެން ހުންނެވީ، މި ވަގުތު މި ރާއްޖެއިން އެކަމަށް ހުރި އެންމެ ކުޅަދާނަ މޭސްތިރި ޑޮކްޓަރ މުޞްޠަފާ ލުޠުފީ. އެނގިވަޑައިގަންނަވާނެ، 1979 ވަނަ އަހަރު ޑޮކްޓަރ މުޞްޠަފާ ލުޠުފީ ހެޑްމާސްޓަރެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ކުރައްވަން ފެށްޓެވީ ކުޅުދުއްފުށީގައި. އަޅުގަނޑަށް ހީވަނީ އެއީ ސްކޮޓްލަންޑުން ހެޑްމާސްޓަރުކަމުގެ ކޯސް އޭރު ހައްދަވައިގެން ވަޑައިގެން ލުޠުފީ ކުޅުދުއްފުށީގައި ހުންނަވައިގެން ކުޅުދުއްފުށީގައި މަދަރުސާއެއް ބިނާކުރެއްވީ. ލުޠުފީ ވަޒީފާ އަދާކުރައްވާފައިވާ މަދަރުސާތައް ވަރަށްގިނަވާނެ. ރާއްޖޭގެ ތަޢްލީމީ ޙާލަތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަދި ދެން ހަދަންވީ ގޮތްވެސް، މިހާރު ވަމުންދާ ގޮތްވެސް އެންމެ ސާފުކޮށް މިކަމުގައި އަޅުގަނޑުގެ ނަޒަރުގައި އެނގިވަޑައިގަންނަވާ ބޭފުޅަކީ ޑޮކްޓަރ ލުޠުފީ. އަޅުގަނޑު، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ނިހާޔަތަށް ޝުކުރުވެރިވަން.

އަޅުގަނޑު މިއަދު ލުޠުފީ އަރިހު ދެންނެވިން، ލުޠުފީއޭ އަޅުގަނޑުމެން އޭޕްރިލްމަހު މިތަނަށް އައިއިރުގައި، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވެފައި އައިއިރުގައި، ވަރަށް ވާންބޮޑޭ. ހަމަ ހުރިހާ ރައްޔިތުންހެން ތިބީ ވަރަށް ބޮޑަށް ނުތަނަވަސްވެފައޭ. މަދަރުސާގެ ކަންތައް އެހާ ގޯސްކަމަށޭ ބުނަމުން އައީ. ހެލްތް ސެންޓަރުގެ ކަންތައް އަދި ޢަމުދުން ގޯހޭ. ރަނގަޅު ހަމަ އެއްކަމެއްވެސް ނެތޭ. އެކަމަކު މިފަހަރު އައިއިރުގައި އަޅުގަނޑަށް މަދަރުސާއެއްގެ ވާހަކައެއް ހަމަ އަޑެއް ނީވެއޭ. ސާބަހޭ ޑޮކްޓަރ ލުޠުފީއޭ. އަދި އަޅުގަނޑު ދަންނަވާނީ، ސާބަހޭ އެޑިޔުކޭޝަން ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް. އަޅުގަނޑު ދަންނަވާނީ، މިތަންތަނުގެ ޓީޗަރުންނާއި އަދި މާލޭގައިވެސް މިނިސްޓްރީގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ހީވާގިކަމާއެކީގައި، މަޤްޞަދެއް އޮވެގެން، އަމާޒެއް އޮވެގެން މަސައްކަތް ކުރަންޏާ، އަޅުގަނޑުމެން މިބޭނުންވާ ނަތީޖާ އަޅުގަނޑުމެންނަށް ނެރެވޭނެއޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެ ނަތީޖާ ނެރެވޭނެ.

އަޅުގަނޑުމެން ބޭނުމީ، މިއަދު މިތަނުން ގްރޭޑް 12 ނިންމި ހުރިހާ ކުދިންނަށް ޑިގްރީއެއް ހޯދައިދޭން. އެއީ އަޅުގަނޑުމެން ބޭނުންކަމަކީ. އަޅުގަނޑުމެންނަށް އެކަން ނުކުރެވޭހާހިނދަކު ޙަޤީޤަތުގައި ވަޒީފާގެ ފުރްޞަތެއްވެސް އަޅުގަނޑުމެންނަކަށެއް ނޯންނާނެ. ރަށްރަށުގައި އަތޮޅުތަކުގައިވެސް މާލޭގައިވެސް އަޅުގަނޑުމެން ބުނަމުން މިދަނީ، ތިމަންނާމެންނަކަށް ވަޒީފާގެ ފުރްޞަތެއްނެތޭ. ހަމައެހެން ބުނެފައި، އަޅުގަނޑު އެނބުރި ބަލައިލާއިރުގައި، މިސާލަކަށް ހަމަ މި ސްކޫލްގައި ވަޒީފާ އަދާކުރައްވާ އަށްޑިހައެއްހާ ބޭފުޅުން އުޅުއްވާއިރުގައި، އަޅުގަނޑުމެންނަށް އޭގެ ގިނަ ވަޒީފާ އަދި އޭގެ ގިނަ މަސައްކަތް މި ކޮށްދެއްވަނީ ބޭރުމީސްމީހުން. އެއީ، ހަމަ މިތާނގެ ދަރިންނަށް، ހަމަ މިއަތޮޅުގެ ދަރިންނަށް އަދާކުރެވެން ހުރި ހުރިހާ ވަޒީފާ. އެވަޒީފާތައް އަޅުގަނޑުމެންނަށް އަދި އެއިން ރަނގަޅު މުސާރަ ލިބޭ ވަޒީފާއެއް. އެއިން އަދި ރީތި ދިރިއުޅުމެއް އުޅޭ ވަޒީފާއެއް. އަޅުގަނޑުމެންނަށް މިވަޒީފާތަކަށް ރައްޔިތުން ތަމްރީނުކޮށްގެން ނެރެވެން ޖެހޭނެ. ސަރުކާރުގެ މަސްއޫލިއްޔަތަކީ އެއީ. ސަރުކާރު މަސައްކަތް ކުރަމުން ގެންދަންޖެހޭނީ އެމަގަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން، އަޅުގަނޑުމެންނަށްވީ މިންވަރަށްވުރެ ބޮޑުކޮށް، ގިނަގުނަ ދަރިވަރުންނަށް މަތީ ތަޢްލީމު ޙާޞިލުކޮށްދޭނަން، ހޯދައިދޭނަން. އިރާދަކުރައްވައިގެން، މިދިޔަ މަހު އަޅުގަނޑުމެންނަށް 400 ކުދިންނަށް މެލޭޝިޔާއިން މަތީ ތަޢްލީމު ލިބޭނެ ފުރްޞަތު ފަހިވެގެން ހިނގައްޖެ. އަދި އަޅުގަނޑަށް މިހާރު މަޢްލޫމާތު ލިބެމުން އަންނަނީ، ޑޮކްޓަރ ލުޠުފީއާއި ޢަލީ ހާޝިމާ ދެބޭފުޅުން ސައްލާކޮށް މަޝްވަރާ ކުރައްވަމުން ގެންދަވަނީ، އިތުރު ލާރި އަނެއްކާވެސް ލޯނުގެ ގޮތުގައި، ތަޢްލީމަށް ކުދިން ބޭރަށް ކިޔެވުމަށް، ބޭރަށް މަތީ ތަޢްލީމު ޙާޞިލު ކުރުމަށް ލިބޭނެ ފުރްޞަތެއް ހޯދުމަށް. އަޅުގަނޑު އުންމީދު މިކުރަނީ އެކަންވެސް ދާދި އަވަހަށް ފަހިވެގެންދާނެ ކަމަށް.

ލުޠުފީ ފާހަގަކޮށްދެއްވައިފި، ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގުމުގެ މުހިންމުކަން. އަދި ސްކޫލްތަކުގެ ބޯޑު އޮވެ، އެބޯޑުން ކަންކަން ނިންމަމުން ގެންދިއުމުގެ މުހިންމުކަން. ރަނގަޅު ގޮތުގައި އަޅުގަނޑުމެންގެ ނަޒަރުގައި ކަމެއް ކުރެވެން މިއަންނަނީ، ސީދާ ތިމަންނާއާ ގާތުން އެކަމެއް ހިންގޭނެ ގޮތެއް އަޅުގަނޑުމެންނަށް ލިބިގެން. ލާ މަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި ސަރުކާރުން ރާވާފައިވަނީ، ކޮންމެ ޕްރޮވިންސެއްގައިވެސް ތަޢްލީމާބެހޭ، އެޑިޔުކޭޝަނާބެހޭ ޑެސްކެއް ހުންނަން ޖެހޭނެއޭ. އެ ޑެސްކާ ހިސާބުން، އެ މޭޒާ ހިސާބުން އެ ޕްރޮވިންސަކާ ގުޅޭ ތަޢްލީމާ ގުޅޭ ސަރުކާރުން ނިންމަން ހުރި ހުރިހާ ކަމެއް ނިމެންޖެހޭނެއޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެމަގަށް. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އަޅުގަނޑުމެންނަށް އެ ނަތީޖާ ލިބޭނެ.

އަޅުގަނޑު މިވަގުތު ހަމަ ދަންނަވާލަން ބޭނުން. ލާ މަރްކަޒީ އުޞޫލުން އަޅުގަނޑުމެންނަށް ފުރިހަމަގޮތުގައި ކަންކަން ކުރަމުން ގެންދެވޭނީ، އަޅުގަނޑުމެންނަށް އެ ޤާނޫނު ލާ މަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްވެ، އަޅުގަނޑުމެންނަށް އެ ޤާނޫނު ތަޞްދީޤު ކުރެވި، އެ ޤާނޫނު ތަންފީޒު ކުރާން ފެށުނީމާ. އަޅުގަނޑު މިދެކެނީ ލަސްތަކެއްނުވެ އަޅުގަނޑުމެންނަށް އެކަން އެމަގަށް ހިންގޭނެ ފުރްޞަތު މަޖިލީހުން ދެއްވާނެ ކަމަށް. އަޅުގަނޑުގެ ނަޒަރުގައި މަޖިލީހުން ކަންކަމަށް ފުރްޞަތު ދެއްވަނީ، ރައްޔިތުން އެކަންކަމަށް އެދުނީމާ. އެހެންވީމާ، އަޅުގަނޑުގެ ހިތުގައި ތިޔަ ރައްޔިތުންގެ އެދުމާ ގުޅޭގޮތުން ޝައްކެއް ނުއުފެދޭ. ރައްޔިތުންވަނީ ލާ މަރްކަޒީ އުޞޫލުން ކަންކަން ހިންގުމަށްޓަކައި ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ވަރަށް ސާފު ބަހުން އަޅުގަނޑުމެންނަށް ވޯޓު ދެއްވާފައި. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިމަސައްކަތާއިގެން ކުރިއަށްދާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކާމިޔާބު ކުރާނަން.

އަޅުގަނޑު މިރޭ ދަރިވަރުންނަށް ޚާއްޞަކޮށް މިރޭ އިނާމު ނުލިބުނު ދަރިވަރުންނަށް ދަންނަވާލަން އޮތް ވާހަކައަކީ، ނާކާމިޔާބުގައި ހިތްވަރުގަދަކުރާށޭ. ދެން އަންނަ ފަހަރަކަށް މަސައްކަތް ކުރަން ފަށާށޭ. އިނާމު ލިބޭނެއޭ. ކާމިޔާބު ލިބޭނެއޭ. ކާމިޔާބަކީ އަމާޒެއް އޮވެގެން، ނުގުޑާ، ތަކުރާރުކޮށް ކޮންމެ ދުވަހަކު އެކަމެއްގައި މަސައްކަތް ކުރީމާ ވާކަމެއް. ހަމަ ހުރެފައި ވާކަމެއް ނޫން. ކާމިޔާބަކީ ކޮންމެ ދަރިވަރަކަށްވެސް، ކޮންމެ ބޭފުޅަކަށްވެސް ހޯދޭނެ އެއްޗެއް. އެ ހޯދުމަށްޓަކައި އެބަ ވަކިގޮތަކަށް ތިމާގެ ކަންކަން، ތިމާގެ ޤަޞްދު، ތިމާގެ ވިސްނުން، ތިމާގެ ބުއްދި ބަހައްޓަންޖެހެއޭ. އަޅުގަނޑު ދަރިވަރުންގެ ކިބައިން އެދެނީ، އަމާޒު ނަންގަވާނުލައްވައްޗޭ. މީޒާން ގެއްލުވާނުލައްވައްޗޭ. އެ ހުރި އެއްގޮތަކަށް ހުންނަވައިގެން، ތިއްބަވައިގެން، އެކަމެއްގައި ކިތަންމެ މަދުން ނަމަވެސް، ކޮންމެ ދުވަހެއްގައި ކުރާ ކަމަކީ ކިތަންމެ ކުޑަކުޑަ ކަމަކަށްވިޔަސްވެސް، އެކަމެއް ކޮންމެ ދުވަހަކުވެސް ކުރައްވަމުން ގެންދަވަން ޖެހޭނެއޭ. އޭރުން ހިނި ފަރުބަދަވެސް ކަނޑައޭ. އެހެންވީމާ، އަޅުގަނޑުމެންނަށް އޭރުން ކާމިޔާބުވެސް ލިބޭނެއޭ.

ކާމިޔާބު ލިބުނު ދަރިވަރުންގެ ގާތުގައި އަޅުގަނޑު ދަންނަވާލަން އޮތީ، ކާމިޔާބުގައި ހިތް ތިރިކުރައްޗޭ. ކާމިޔާބުގައި ހިތްތިރިކުރުމަކީ ހުންނަންޖެހޭނެ ސިފައެއް. އެ ސިފަ ލިބިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮންނާނީ. ކިބުރުވެރިކަމާއި ބޮޑާކަމާ މިކަންކަމަކީ އަޅުގަނޑުމެންނަށް ކުރިއަރައި ދެވޭނޭ ސިފަތަކެއް ނޫން. އަޅުގަނޑަށް ޔަޤީން. ތިޔައިން އެއްވެސް ބޭފުޅަކު އަޅުގަނޑު މިދެންނެވި ސިފަ އިސްކޮށްގެނެއް، ކިބުރުވެރިކަމާއި ބޮޑާކަން އިސްކޮށްގެނެއް ނުނުކުންނަވާނެ. ތިޔަބޭފުޅުންނަށް މިއަދު މި ލިބިލެއްވި ކާމިޔާބުގެ އަލީގައި އަޅުގަނޑު އުންމީދު ކުރަނީ، އަދި އެއަށްވުރެވެސް މަތީ ކާމިޔާބެއް ހޯއްދެވުމަށް ތިޔަބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް.

އަޅުގަނޑަށް ފެންނަ ފެނުމުގައި، ކާމިޔާބަކީ ހަމައެކަނި އިންތިޙާނަކުން ފާސްވީމާ ލިބޭ އެއްޗެއް ނޫން. އަދި ތަޢްލީމަކީވެސް ހަމައެކަނި ފޮތަކުން ކިޔަވާ ކަމެއް ނޫން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، މި މަދަރުސާތަކުގައި އެހެނިހެން އިތުރު ޙަރަކާތްތައް މިހާރަށްވުރެ ބޮޑަށް ހިންގަން ފަށާނެކަމަށް. އެކަން ކުރެވެން ފެށޭނީ، އެއް ދަންފަޅިއަށް، ރަނގަޅު ގޮތުގައި ފެށޭނީ، އެއް ދަންފަޅިއަށް މަދަރުސާތައް ބަދަލުކުރެވިގެން. އަޅުގަނޑުމެން ދެކެން ބޭނުން، ޑްރާމާ ކްލަބް، ތަމްސީލު ކްލަބް، އަޅުގަނޑުމެން ދެކެން ބޭނުން ފިލްމް ކްލަބް. އަޅުގަނޑުމެން ދެކެން ބޭނުން. ކުއްލި މައުޟޫޢަށް ވާހަކަ ދައްކާ ބަޙުޘް ކުރާތަން. ޅެން ހަދާތަން. މަޒުމޫނު ލިޔާތަން. އަޅުގަނޑުމެން ބޭނުން ކުޅިވަރު ކުޅޭތަން. ޓެނިސް ކުޅޭތަން. ޓޭބަލްޓެނިސް ކުޅޭތަން. ކްރިކެޓް ކުޅޭތަން. ފުޓްބޯޅަ ކުޅޭތަން. ދުވާތަން. އަޅުގަނޑުމެން ބޭނުން، ހަރުދަނާ ދަރިންތަކެއް. އަޅުގަނޑުމެން ބޭނުން، ރަނގަޅު ދިވެހި ރައްޔިތެއް. އެ ރައްޔިތު އުފެއްދުމަށްޓަކައި ހަމަ އެންމެ ފުރަތަމަ ތަރަޙައަކީ މި މަދަރުސާތައް. އެ މަދަރުސާތައް ތަރައްޤީވެގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ބާވަތުގެ ރައްޔިތެއް، އަޅުގަނޑުމެން މިއެދޭ ބާވަތުގެ ޤައުމެއް، އަޅުގަނޑުމެން މިއެދޭ ބާވަތުގެ މުސްތަޤްބަލެއް ހޯދަން އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ.

އަޅުގަނޑު މިވާހަކަ މިއަދު މިހެން ދައްކާއިރުގައި، އަޅުގަނޑު މިތަނަށް ހަމަ ވަންއިރު، މި ސްކޫލްގެ ކެޑެޓް ކުދިން އެދެއްވި ޕެރޭޑް. އަޅުގަނޑު ހަމަ ބައެއްފަހަރު ހިތަށްއަރާ، އެމް.އެން.ޑީ.އެފަށްވެސް ކުރެވޭނީ މިވަރޭ. އަޅުގަނޑުމެން އޭޕްރިލްމަހު އަޅުގަނޑުމެން މި ސްކޫލަށް ބަޑިދީފި. އެއީ ސަދަން ކޮމާންޑް އުފައްދައި، މިތަނުގައި އާރމަރީއެއް ހަދައި، މިތަނަށް އަޅުގަނޑުމެންނަށް ހަތިޔާރު ގެނެވުނީމާ، ދެން މަދަރުސާތަކަށް ޕެރޭޑްކުރާ ހަތިޔާރު އަޅުގަނޑުމެންނަށް ދެވުނީ. މިއަދު އެކުދިން އެއާއެކުގައި ޙަރަކާތްތައް ހިންގަމުންދިޔައިރުގައި، ހަމަ ހީވަނީ އެއާއެކު ވިހާފައި ތިބި ކުދިންކޮޅެއްހެން. އަޅުގަނޑުމެންނަށް އެދޭތެރޭގައި މިދިޔަ މިހާ ކުޑަދުވަސްކޮޅުގައި، އެއަށް އެކުދިން ފަރިތަވެސްވީ މިންވަރާއި އަދި ފައި އެއްވަރު ކުރި ހަމައާއި، ކޮމާންޑް ކުރުމުގެ ޖޯޝާއި، ޖިންސެއްގެ ތަފާތެއް މިކަމުގައި ނެތްކަމާ، ހައްތަހާ އަޅުގަނޑުމެން ޢަޖައިބުވެގެންދިޔަހާ ކަންކަން. އަޅުގަނޑު މުޙިއްބުއްދީން ސްކޫލަށް އަނެއްކާވެސް ހަމަ ފަށްފަށުން މަރްޙަބާ ދަންނަވަން.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، އަޅުގަނޑު މިރޭ މިހާ ދަންވެފައި ހުރީމާ، އަޅުގަނޑު މިތާ އިނދެގެން ބަލާއިރުގައި ހަމަ ބައެއް ބޭފުޅުން ވަރަށް ބޮޑަށް އެބަ ހުވަފެނުން އަޅުގަނޑުމެން މިޖަލްސާ މިހާރު އެބަ ދެކެވަޑައިގަންނަވާ. އެހިސާބަށް ދިއުމުގެ ކުރީގައި އަޅުގަނޑު އެބަޖެހޭ މިކަން ހުއްޓަން.

އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ސްކޫލްގެ ދަރިވަރުން މި ރާއްޖޭގެ ތާރީޚަށާއި، މިރަށުގެ ތާރީޚަށާއި، މިއަތޮޅުގެ ތާރީޚަށް ހޭލުންތެރިވުމަށް، ދިރާސާ ކުރުމަށް އެތަކެތި ދެނެގަތުމަށް. ބައެއް ދަރިވަރުންނަށް ފަހަރުގައި މަޢްލޫމާތު ލިބިފައިވެދާނެ. ދާދިފަހުން އަޅުގަނޑު އޮފީހުން، އަޅުގަނޑު މިހާރު އުޅޭ އޮފީހުން ފެނުނު އިހުގެ ލިޔުންތަކެއްގެ ތެރޭގައި، އައްޑުއަތޮޅު ހިތަދޫ ކޮރުވަލު މިސްކިތުގެ 400 އަހަރަށްވުރެ ގިނަދުވަސްވީ ފަތްކޮޅެއް، އިސްކަންދަރު ރަސްގެފާނުގެ ފަތްކޮޅެއް އެބައޮތް. އޭގެ އަޞްލު ފަތްކޮޅު، އިރާދަކުރެއްވިއްޔާ ކޮންމެވެސް އިރެއްގައި އަޅުގަނޑުމެން ބަލާނަން މިއަތޮޅަށް ގެނެވޭތޯ. އެހެންނަމަވެސް، މިއަދު އަޅުގަނޑު އޮންނާނެ، މަދަރުސާއާ ޙަވާލުކޮށްފައި، ކޮންމެވެސް ތަނެއްގައި ބަހައްޓައިދިނުމަށް އެދިފައި. އެ ފަތްކޮޅު ލިޔެފައި އޮތީ ދިވެސް އަކުރުން. އެ ދިވެސް އަކުރުން ލިޔެފައި އޮތް ފަތްކޮޅާއި، އެ ފަތްކޮޅުގެ ދިވެހިބަހުގެ ތަރުޖަމާއަކާއި، އަދި އެފަތްކޮޅުގެ އިނގިރޭސިބަހުގެ ތަރުޖަމާއަކާ. އަޅުގަނޑު މި އުންމީދު ކުރަނީ، ދަރިވަރުންނަށް އެ ފަތްކޮޅު ބަލާށާއި، އޭގެ ތަޙުލީލުތައް ކުރާށާއި، އަދި ދެން އަޅުގަނޑު މި އުންމީދު ކުރަނީ، 800 ކުދިންގެ ތެރެއިން ކޮންމެވެސް ކުއްޖެއް، އެކަމަށް އެންމެ ކުއްޖެއް ނަމަވެސް، ޝައުޤުވެރިކަން ބަހައްޓައިގެން، ފަހަރުގައި ރާއްޖޭގެ ތާރީޚާ ގުޅޭގޮތުން ދިރާސާ ކުރައްވާނެ ކަމަށް. އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއީ ކޮންބައެއްކަން ދެނެގަތުމަށް އޮތް އެހެން މަގެއް ނެތް، އަޅުގަނޑުމެންގެ މާޒީ ހޯދުން ނޫނިއްޔާ. މިއަދަކީ އިއްޔެގެ ބަނޑުން ވިހޭ ދަރިއެއް. މިއަދު މިވާ ގޮތްގޮތް މިވަނީ، އިއްޔެވެފައި ހުރި ގޮތްތަކުގެ މައްޗަށް ބިނާވެގެން. ތާރީޚީ ޢިލްމު އަދި މާޒީއަށް ބިނާކޮށް މުސްތަޤްބަލެއް އެކަށައަޅައިގެން މުސްތަޤްބަލަކަށް ދިއުން، މަސައްކަތް ކުރުން އެއީ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ކާމިޔާބުގެ ވަރަށްބޮޑު ސިއްރެއް.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިމަދަރުސާއަށާއި އަދި މިބާވަތުގެ ހުރިހާ މަދަރުސާތަކަށް ދުވަހެއް ދުވަހަކަށް ކާމިޔާބު އިތުރުވަމުންދިއުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށްވެސް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ.

_____________________