بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން އެންމެންނަށްވެސް މިއަދަކީ އުފާވެރި ދުވަހެއް. އަޅުގަނޑުމެން ވިސްނަމުން އައި ވިސްނުމެއް، އަޅުގަނޑުމެން ކުރަމުން އައި ފިކުރެއް، ކިހިނެއްތޯ މި ރާއްޖެއަށް، ރައްޔިތުންނަށް މި ނޫންގޮތެއް މިނޫން ޙާލަތެއް ހޯދުމަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ފެށޭނީ. ރާއްޖޭގެ ތަރައްޤީއަށް އެޅިފައި ހުރި ހުރަސްތަކަކީ ކޮބައިތޯ. އެ ހުރަސްތައް ނައްތާލުމަށް ސަރުކާރަކުން ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ. އެ ފިކުރު، އެ ދެނެގަތުން އެއީ މިކަމުގެ އެންމެ ފުރަތަމަ ސިއްރަކީ. އަދި އޭގެކުރީގައި، އަޅުގަނޑަށް ހީވަނީ އިބްރާހީމް ރަޝީދު އަލިއަޅުއްވާލަދެއްވައިފިހެން މިފަދަ ފިކުރަކާ އެކުގައި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ، ރައްޔިތުންގެ އިތުބާރާއި ރުހުން، އެ ފިކުރުގެ މައްޗަށް ހޯދައި، އެ ފިކުރު ޤާއިމު ކުރުމަށް، ޙަޤީޤަތަށް ހެދުމަށް ބޭނުންވާ ސިޔާސީ ނިޒާމް. އެހެންނޫނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް. އެ ނިޒާމް ނެތިއެއް، ދަތުރުފަތުރުކުރުމުގެ ނިޒާމް އަޅުގަނޑުމެންނަކަށް މިގޮތަކަށް ހުށައެއްނޭޅުނީސް. މިގޮތަށް މި ނިޒާމް ހުށަހެޅުމަށްޓަކައި އަޅުގަނޑުމެންނަށް މި ޤާނޫނުއަސާސީ ހަމަ ވަރަށް މުހިންމު.

އަޅުގަނޑުމެންނަށް އެކުއެކުގައި މިދެކަންތައް މިވަނީ، މި ޤާނޫނުއަސާސީގެ އޮނިގަނޑުގެ ތެރެއިން މިކަންކަން އަޅުގަނޑުމެންނަށް ކުރެވެމުން އަންނާތީ. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ރައްޔިތެއް ތަރައްޤީވެ ދިއުމަށް، ޤައުމެއް ކުރިއަރައި ދިއުމަށް، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް ކުރެވެން އެބަޖެހޭކަން. އޭގެތެރޭގައި، ރައްޔިތުންނަށް ފަސޭހަކަމާއެކީގައި އެއްތަނުން އަނެއް ތަނަށް ދަތުރު ކުރެވުމަކީ ކޮންމެހެން މުހިންމު ކަމެއްކަން، ކޮންމެހެން ބޭނުންތެރި ކަމެއްކަން. ޢާންމު މީހެއްގެ އާމްދަނީ އިތުރު ކުރެވޭނީ، މުއްސަނދިކަން ގެނެވޭނީ، ތަނަވަސްކަން ހޯދޭނީ، ރިވެތި ގޮތުގައި ދިރިއުޅެވޭނީ، އެމީހަކަށް ފަސޭހަކަމާއެކީގައި، އިތުބާރާއި އަދި އެކަށީގެންވާ އަގެއްގައި އެއްތަނުން އަނެއް ތަނަށް ދަތުރު ކުރެވުނީމާ. އެއީ، މިއަދާ ހަމައަށް އަޅުގަނޑުމެން އައިއިރުގައި އިންސާނީ ތަޖުރިބާ ވަރަށް ރަނގަޅަށް ސާފުކޮށްދީފައި އޮތް ޙަޤީޤަތެއް. އެ ޙަޤީޤަތުގެ މައްޗަށް ބިނާވެގެން މެނުވީ، ޤައުމީ ޙަޔާތެއް ބިނައެއް ނުކުރެވޭނެ. އެ ދެނެގަތުން އެއީ، އަޅުގަނޑުމެން މި މަސައްކަތް ހިންގަން ފެށުމުގެ ފުރަތަމަ އަސާސީ އަޞްލަކީ. އެ ދެނެގަތުން އަޅުގަނޑުމެންނަށް ލިބުނުގޮތާއި، އަދި އެ ވިސްނުމުން ފެށިގެން މި ކުރަހަމުން އައިގޮތް، އަޅުގަނޑު ހިތުން އެކަން ދަންނަ ވަރަށްގިނަ ބޭފުޅުން މިތަނުގައި ތިއްބަވާނެ.

މިއަދު ޢަދުނާން ޢަލީއަށް ޝުކުރު ދަންނަވާއިރުގައި، އަޅުގަނޑު ހަމަ ޚާއްޞަ ގޮތެއްގައި މައިޒާންދޮށުގޭ އިޝާނަށް ޝުކުރެއް ދަންނަވާލަން ބޭނުން. އެ 7 މާ، ގަނޑެއްގައި އެތުރީ ޙަޤީޤަތުގައި އޭނާ. 7 ބަޔަށް އަޅުގަނޑުމެން ބަހާފައި، އެ 7 ތަނުގެ ލިންކް ކުރަހަން ވިސްނި ވިސްނުމާއި، މިއީއޭ ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން ރައްޔިތުންނަށް މި ހުށަހަޅާ ހުށަހެޅުމަކީ. ރައްޔިތުން މިކަމަށް ރުހިގެން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިބުނާކަހަލަ ސަރުކާރެއް އުފެއްދުމަށް ރުހޭއިރުގައި، އޭގެ ބަތާނައަކީ މިދެންނެވި 5 ވަޢުދު. ހަމައެކަނި ހެޔޮވެރިކަމާއި އަދި ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެކަންޏެއް ނޫން، ރައްޔިތުން އެދިއެދި އެތިބީކީއެއް. ހަމައެއާއެކީގައި އިޤްތިޞާދީ ތަނަވަސްކަމާއި، ތަރައްޤީއާއި ކުރިއެރުން،ރައްޔިތުން ވަރަށް ބޭނުންވޭ. އަދި ކޮންމެހެން ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭން ޖެހިފައިވާ ކަންތައްތަކެއް.

ދަތުރުފަތުރުކުރުމުގެ ނިޒާމެއްގެ ބޭނުންތެރިކަން އަޅުގަނޑަކަށް ހިއެއްނުވޭ ދެން ކޮންމެހެނެއް އޮޅުންފިލުވައިދޭން އުޅޭނެހެނެއް. އުޅުމުގެ ޖާގައެއް މިތަނުގައި އޮތް ކަމަކަށް. ރަށެއްގައި ރަށު ބަންދުގެ ޙާލަތުގައި އަޅުގަނޑުމެން ތިބޭއިރު، ޖެހިގެން އޮންނަ ރަށުގެ މުއްސަނދިކަން، ޖެހިގެން އޮންނަ ރަށުގެ ތަނަވަސްކަން، އިޤްތިޞާދީ ވަސީލަތްތައް، ޤުދްރަތީ ވަސީލަތްތައް އަޅުގަނޑުމެންނަށް ބޭނުންކުރެވޭނޭ ގޮތްތަކެއް ހަމަޖެއްސުން އެއީ، އިންތިޒާމު ކުރެވިދާނެ ކަމެއް. އެކަން އިންތިޒާމު ކުރުމަށްޓަކައި ދަތުރުފަތުރުކުރުމުގެ ނިޒާމެއް އަޅުގަނޑުމެން މި ޤާއިމު ކުރަނީ. ރަށުގެ ގޮނޑުދޮށުން ރައްޔިތު މީހާއަށް، ރަށު މީހާއަށް ނުކުމެވެން ޖެހޭނެ. އަޅުގަނޑުމެން އަބަދުވެސް އޭރުގައި ބުނަމުން މިއައީ، އަޅުގަނޑަކަށްވެސް ނެތޭ، އަޅުގަނޑަކީ ގަލޮޅު މީހެކޭ، ހަނދުބަލާ ގޯތި މީހެކޭ، މާލޭ މީހެކޭ، މިހެން ކިޔާ ބޯހަރުކޮށް ހުރެވޭކަށް. އަޅުގަނޑު އެބަޖެހޭ އަޅުގަނޑު ރަށުގެ ގޮނޑުދޮށުން، އަތޮޅު ދުނިން، ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންގެ ވިސްނުން ގެންދަން. އެ ވިސްނުން ހުޅުވާލައިގެން މެނުވީ، އަޅުގަނޑުމެން މިބޭނުންވާ ތަރައްޤީއާއި، އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަކަށް ނުގެނެވޭނެ.

އަޅުގަނޑުމެންގެ ރާއްޖެ މިދެކެނީ ވަރަށްބޮޑު ބަދަލެއް. ޚާއްޞަކޮށް، މާދަމާ ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުނުތާ، މި ޤާނޫނުއަސާސީ އަޅުގަނޑުމެން ލިބިގަތްތާ އެއްއަހަރު މިވަނީ. އެ އެއްއަހަރުވާއިރުގައި، މި ޤާނޫނުއަސާސީ އަޅުގަނޑުމެންނަށް މިގެނެސްދިން، އަޅުގަނޑުމެންގެ މުޖްތަމަޢަށް މިގެނެސްދިން ބަދަލުފަދަ ދެވަނަ ބަދަލެއް މި ރާއްޖޭގެ ތާރީޚުގައި އެބައޮތްތޯ ވިސްނާއިރުގައި، އަޅުގަނޑަށް ހަމަގައިމުވެސް ފެންނަނީ ވަރަށްމަދު ފަހަރެއްގައި. ކޮއިމަލާ ކަލޯ، އެ ކަލަމިންޖާ ދިވެހިރާއްޖެ ބުދު ދީނުން އިސްލާމްދީނަށް ބަދަލުވީއިރުގައި، ދިވެހި ވެރިކަމާއި، ދިވެހި ދިރިއުޅުމާއި، ދިވެހި ވައްޓަފާޅިއަށް އެއައި ބަދަލުތަކާ އަޅުގަނޑުގެ ނަޒަރުގައި މިޤާނޫނުއަސާސީ މިގެނައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ބަދަލުތައް ހަމަ ދާދި ހަމަހަމަ. ވެރިކަމުގެ ނިޒާމަށް މިއައި ބަދަލުތަކުގެ މައްޗަށް އަޅުގަނޑުމެން ވިސްނަނީނަމަ. ތެދުފުޅެއް، 1932 ވަނަ އަހަރު ދިވެހިރާއްޖެއަށް ފުރަތަމަ ޤާނޫނުއަސާސީ ލިބުނުއިރު. އެ ލިބުނުއިރުގައި ދުސްތޫރީ ޙުކުމަތެއް ޤާއިމު ކުރެވުނުއިރު. އަދި އެ ޤާނޫނުނީ ހަމައިގައި އަޅުގަނޑުމެން އުޅެން ފެށުމަށް ނިޔަތް ގަނެގެން ފަށައިގަނެވުނު. ރަޖަބްމަހާ ހިސާބަށް އެ ޤާނޫނުއަސާސީ ދެމިއޮތީ. އުލުބޭންދި. ރަދުން އަވަދިވެ، އެ ޤާނޫނީ ދައުލަތް ވެއްޓިގެންދިޔައީ. އެ ޤާނޫނުއަސާސީވެސް ނިމިގެންދިޔައީ.

އަޅުގަނޑުމެންނަށް ވެރިކަމަށް އާދެވި، އަދި މި ޤާނޫނުއަސާސީ ތަންފީޒު ކުރަންފެށި، މި ޤާނޫނުއަސާސީއަށް މިހާރު މި އަހަރެއްވެވެނީ. އަޅުގަނޑު އިތުބާރާއެކީގައި ދަންނަވަން. އަޅުގަނޑުމެން މި ފަސްއަހަރު ހަމަކުރާނަމޭ، މި ޤާނޫނުއަސާސީ މެދުވެރިކޮށް، ބޭނުންކޮށް. މި ޤާނޫނުއަސާސީއެއް، މި ޤާނޫނީ ދައުލަތެއް ނެތިއެއްނުދާނެއޭ. ފުރޮޅިއެއްވެސްނުދާނެއޭ. ދޫވެއެއްވެސްނުދާނެއޭ. ވެއްޓިއެއްވެސްނުދާނެއޭ. އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވެފައިވާ ވަޢުދުތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއަންނަ ތަރުތީބުން، އަޅުގަނޑުމެންނަށް މިކަން ކުރުމަށް އަޅުގަނޑުމެން ނިންމާފައި މިހުރި ތަރުތީބުން ކުރެވެމުން ގޮސްވާނެ.

އަޅުގަނޑަށްވެސް އެބަ އެނގޭ. ހަމަ ވަރަށްގިނަ ރައްޔިތުން، ވަރަށްގިނަ ރަށްރަށުގެ ބޭފުޅުން އަހާ ކޮންއިރަކުން ހެއްޔޭ ތިމަންނާމެންގެ ރަށުގެ ނަރުދަމާ ހެދޭނީ؟ ކޮންއިރަކުންހެއްޔޭ ބަނދަރު ފުންވާނީ؟ ކޮންއިރަކުންހެއްޔޭ މިތަނުގެ މަދަރުސާގައި އިތުރު ކްލާސްބަރިއެއް އެޅޭނީ؟ އަޅުގަނޑުމެން މިތިބީ އިތުރު ކްލާސްބަރި އަޅަން. ނަރުދަމާ ހަދަން. ފަޅުތައް ހަދަން. އެހެންނަމަވެސް، މިކަންކަން ވެގެންދާނީ، އަޅުގަނޑުމެން މިބުނާ ތަރުތީބުގެ ތެރެއިން. އެނޫން ގޮތަކަށެއް މިއިން ކަމެއް ކުރަން އުޅެއްޖިއްޔާ އަނެއްކާވެސް އަޅުގަނޑުމެންނަށް ދެވޭނީ ޚަރާބުގެ ތެރެއަށް. އަޅުގަނޑުމެން މިއެދޭ ހެޔޮ ބަދަލު އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

އަޅުގަނޑުގެ ވާހަކަ ގިނަކުރާކަށެއް ނެތިން. އަޅުގަނޑަށް މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ރާއްޖޭގެ ރަށްރަށުން އެއްތަނުން އަނެއް ތަނަށް އަޅުގަނޑު ބުނެއުޅެން. ހަމަ ކުޅުދުއްފުށީގައި ހުންނަ މީހާއަށް، ކުމުންދޫގައި ހުރެފައި، ކުމުންދޫ މީހާއަށް ކުޅުދުއްފުށްޓަށް ކޮފީއަކަށް އާދެވޭނެގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަމޭ. އަޅުގަނޑުމެންގެ ނަޒަރުގައި ތިމަރަފުށީ މީހާއަށް އަދި ހިރިލަންދޫ މީހާއަށް ތިމަރަފުށްޓަށް އައިސް ރޭގަނޑު ކޮފީއެއް ބޮއިގެން އަދި އަލުން އަނބުރާ އެބަ ރަށަށް ދެވެންޖެހެއޭ. އަދި ކައިރީގައި ތިއޮއް އެލާވިޔަސްވެސް އަދި ޖެހިގެން ތިޔަ އޮތް ޞިނާޢީ މަސައްކަތެއް ކުރާ އެހެން ރަށެއް ކަމުގައިވިޔަސްވެސް، އެރަށުގައި މަސައްކަތްކުރާ މީހާއަށް، ވަންދުއަށް އައިސް އެރޭ ހަމަ ނިދެންޖެހޭނެއޭ ވަންދޫ މީހާއަށް. އަދި ކަޅައިދޫ މީހާއަށް، ކަޅައިދުއަށް ގޮސްވެސް ނިދެންޖެހޭނެއޭ އަންހެނުންނާއެކީ، ޢާއިލާއާއެކީގައި އުޅެވެންޖެހޭނެއޭ. ވަޒީފާ އަދާކުރަމުން، އަދި އަމިއްލަ ގޭގައި ޢާއިލާއާ އެކީގައި، އަނބިދަރިންނާއެކީގައި ދިރިއުޅެވެން ޖެހޭނެއޭ.

އެހެންވީމާ، އަޅުގަނޑުމެންގެ އެންމެބޮޑު ބޭނުމަކަށްވީ، ހަމައެކަނި މީހުން އުޅޭ ރަށްތަކެއް ނޫނޭ މީގައި މިގުޅުވާލަންޖެހެނީ. އެތަނުގައި އެ ހުރި ޞިނާޢީ މަސައްކަތްކުރާ ހުރިހާ ތަނެއްވެސް ގުޅުވާލެވޭނެ. އަޅުގަނޑުމެން މާދަމާ ފަށާއިރުގައި ކަޅުފާލުފުށި އެއީ ފަޅުރަށެއް. އެތަނަށް ޖައްސާއިރުގައި މީހަކުވެސް ނުހުންނާނެ. ނުވެސް ފައިބާނެ. އެކަމަކުވެސް މިނިޒާމު އެތަނަށްދާނެ. ކަޅުފާލުފުށި އުފެދެންދެން އެތަނަށް މީހަކުދާނެ. މާލެފުށި އުފެދެންދެން އެތަނުގެ ޖެޓީއަށް މިދޯނި މަޑުކުރާނެ. އަދި އެހެންވެސް ހުރިހާ ތަނަކަށް މި ފެރީ މަޑުކުރަމުންދާނީ. ދެން ދަތުރުފަތުރަކީ އޭގެ ވަށައިގެން އިޤްތިޞާދީ ޙަރަކާތް އުފެދޭ ކަމެއް. އެކަން އުފެއްދީމާ، އޭގެ ވަށައިގެން އިޤްތިޞާދީ ޙަރަކާތް އުފެދެނީ.

ބޭފުޅުން ދުނިޔޭގެ ޤައުމުތައް ތަރައްޤީވެފައި ހުރިގޮތް ބައްލަވައިފިނަމަ، ވަރަށް ސާފުވާނެ. ފުރަތަމައިނުން އިންސާނާ ތަރައްޤީވެ އާބާދުވާން ފަށާފައިވާނީ ކޯރުތަކުގެ އައްސޭރީގައި. ކޯރުތަކުގެ އައްސޭރިއަށް އެވަނީ އެ ކޯރުތަކަކީ އެންމެ ފުރަތަމަ އުފެދުނު މަގުތަކަށްވާތީވެ. އެމަތީގައި ތަންތަނަށް ފަސޭހަކަމާއެކީގައި ދަތުރުކޮށް އުޅެވޭތީވެ. އެއަށްފަހުވެސް ރޭލު ދަގަނޑު އެޅުމުންވެސް، މަގު ހެދުމުންވެސް ތަރައްޤީވެގެން އަންނާނީ މަގުގެ ދެފަރާތުގައި. ދަތުރުފަތުރު ކުރެވުނީމާ، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުވެގެން މެނުވީ، ވިޔަފާރިއެއް ކުރިއަކަށް ނުދާނެ. ވިޔަފާރިއަކީ މިދެންނެވީ. މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް، އެއްއަތުން އަނެއް އަތަށް ބަދަލުވެދިއުން. އަޅުގަނޑުމެން ޤައުމުތައް ތަރައްޤީވެފައި ހުރިގޮތް ބަލާފައި ނޫނިއްޔާ، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރަން އުޅުން އެއީ ބުއްދިވެރި ކަމަކަށެއް ނުވާނެ. ބުއްދިވެރި ގޮތަކަށްވާނީ ޤައުމުތައް ތަރައްޤީވެފައި ހުރިގޮތް އަޅުގަނޑުމެންވެސް ދެނެގަނެ، އެގޮތުގެ މައްޗަށް އަޅުގަނޑުމެންނަށް ބިނާވެވުނީމާ. އެގޮތާއެކީގައި އަޅުގަނޑުމެންނަށް ދެވޭނެ އުޞޫލުތަކާއި ހަމަތައް އަޅުގަނޑުމެން ހޯދީމާ.

މިއަދު އަޅުގަނޑުމެންނާއެކީގައި މި ސޮއިކުރި ދޯނި ސަރވިސަސް ކުންފުންޏަކީ، މި ސަރުކާރަށް ފެންނަ ގޮތުގައި، މިކަން ކުރަން ވަރަށް ޤާބިލް ބައެއް. އެބޭފުޅުންނަކީ، މިކަމުގެ ތަޖުރިބާއާއި އަދި ފަހުން އައިސް މުޅި ކުންފުނި ޒުވާންކަމުގެ ތާޒާކަމާއެކީގައި ނުކުމެ އޮތް ކުންފުންޏެއް. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން، އަޅުގަނޑު މިއަދު ހަނދާންވަނީ، 1980ގެ މެދެއްހާ ތަނުގައި ރެޑިއަމް ސަރވިސަސް، ރެޑިއަމް 1، ރެޑިއަމް 2، އެހެން ޖަހާފައި، މާލެއާއި ހުޅުލެއާ ދޭތެރޭގައި އެބޭފުޅުން ދަތުރުކުރަމުން އައި އޭރުގައި. މިހާރު އެ ދޯނި ސަރވިސަސްގެ ފްލީޓްގެ ތެރޭގައި އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، 18 ދޯނި މަސައްކަތް ކުރަމުންދޭ. އޭގެތެރެއަށް އަޅުގަނޑުމެން މިއެދެނީ، އަދި އިތުރު ތިން ސްޕީޑް ލޯންޗް ގެނައުމަށާއި، އެ ސްޕީޑް ލޯންޗްތަކުގެ ދަތުރުތަކާއި، އަދި 14 މޭލު ބާރުމިނުގައި ދުވާ ދަތުރު، ދެބާވަތުގެ ދަތުރުކުރުން. އަދި ހަމަ އޭގެއިތުރުން، ތުނޑިން ފެށިގެން ފޮނަދުއަށާއި، އަދި އިސްދޫން ކަޅައިދުއަށް އެތެރޭގެ ދަތުރުވެސް މި ޕްރޮވިންސްގައި ކޮށްދިނުމަށް. އެބޭފުޅުންނަށް ސަރުކާރުން މިދެނީ މީގެ ބަދަލުގައި އަޅުގަނޑުމެން މިކަން އެބޭފުޅުން ކޮށްދިނުމަށް މިއެދެނީ، އެކަށީގެންވާ އަގެއްގައި. އަޅުގަނޑު މިތާ ހުރެފައި، ކުއްލިއަކަށް އަގު އެހެން ދަންނަވާކަށް ނެތިން. އަޅުގަނޑަށް ހީވަނީ އެބޭފުޅުންނާއެކީގައި މަޝްވަރާ ކޮށްގެން އަޅުގަނޑުމެންނަށް އަގަކަށް ނުކުމެވޭނެހެން. އެހެންނަމަވެސް، މިއަގަކީ ވަރަށް އެކަށީގެންވާ އަގަކަށްވާންޖެހޭނެ. ވިއްސަކަށް ތިރީހަކަށް ރުފިޔާއަށްވުރެ އެ ބޮޑުވެގެން އެއްވެސް ހާލެއްގައި ގޮސްގެނެއް ނުވާނެ. ރަށެއްގެ ތެރޭގައި، އަތޮޅެއްގެ ތެރޭގައި ފަސޭހަކަމާއެކީގައި ދަތުރު ކުރެވެން ޖެހޭނެ. އަދި އަތްފޯރާފަށުގައި އަޅުގަނޑުމެންނަށް އެކަންވާންޖެހޭނެ. އެކަން އެހެންވާނެކަމުގެ އެންމެބޮޑު ސަބަބަކީ، އަޅުގަނޑުމެން މިއާ އެކީގައި އެބަދެން. ކޮންމެ ޕްރޮވިންސަކުން ސިޓީ ހޮޓަލެއް އަޅާނެ ޖާގަ. އަދި ކޮންމެ ރަށަކުން ޓަރމިނަލާއި، އެ ޓަރމިނަލްގައި ގެސްޓްހައުސް އެޅުމުގެ ފުރްޞަތު.

އެހެންވީމާ، އެ ގެސްޓްހައުސް އެޅުމުގެ ފުރްޞަތުންނާއި، އަދި އެ ސިޓީ ހޮޓަލުންނާ އެކުގައި އަޅުގަނޑުމެންނަށް ފެނޭ އެހެން ބާވަތެއްގެ ޓުއަރިޒަމެއް ރާއްޖެއަށް ތަޢާރުފުވެގެން އަންނަތަން. އެއީ، އަޅުގަނޑުމެން މިކިޔާ މި 1980ގެ ތެރޭގައި ރާއްޖޭގައި އޮތް މިޑް މާކެޓެއް ނުވަތަ މެދު ފަންތީގެ އާމްދަނީ ލިބޭ ޓޫރިސްޓުން ރާއްޖެ އައިސް، ރާއްޖޭގައި ދުވަސްތައް ހޭދަކުރާ ގޮތް. އަޅުގަނޑަށް މީގައި ފެނޭ ކިތަންމެ ތަނެއް އަޅުގަނޑުމެންނަށް ހަމަ މި ރަށްރަށް، މި ބައިވަރު ރަށްރަށް ބޭނުންކޮށްގެން މިކަންކަން ކުރިއަށް ގެންދެވޭނެ ގޮތެއް. އަޅުގަނޑުގެ ނަޒަރުގައި މިއީ ވަރަށް ރަނގަޅު ޕްރޮޖެކްޓެއް. އަޅުގަނޑަށް ފެންނަގޮތުގައި، މިކަން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ.

އަޅުގަނޑު ހަމަ ޝުކުރުގެ ލިސްޓުގައި މީގައި އަޅުގަނޑުމެން އެބަ ގެންގުޅެން މަޙްމޫދު ރާޒީ ބަލަހައްޓަވައިދެއްވާ ޕްރައިވަޓައިޒޭޝަން ކޮމިޓީއެއް. އެއީ، ރައީސް އޮފީހުގައި ކޮންމެ ހަފްތާއަކު، ފުރަތަމަ އަޅުގަނޑުމެން ބައްދަލުވާން ފެށީ އެއްދުވަހު. މިހާރު ހަފްތާއަކު 7 ދުވަހު ބައްދަލުވަމުންދާ ކޮމިޓީއެއް އެއީ. އެ ކޮމިޓީގެ ބެލުމުގެ ދަށުން އަޅުގަނޑުމެންނަށް މި ބިޑިންގ ޕްރޮސެސްއާއި މިހުރިހާ ކަމެއް ހިނގަމުން މިދިޔައީ. އެހެންވީމާ، އަޅުގަނޑު އެކޮމިޓީގެ އެންމެ ބޭފުޅުންނަށާއި، އަދި ޚާއްޞަކޮށް މަޙްމޫދަށް މިކަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ހަމަ މިއާއެކީގައި އަޅުގަނޑު ދަންނަވަން ބޭނުން، ޑޮކްޓަރ ޝަހީދު މަސައްކަތް ކޮށްދެއްވާނެ އަދި ޓްރެޜަރީއިންވެސް މަސައްކަތް ކޮށްދެއްވާނެ، މިޕްރޮޖެކްޓްތަކަށް ބޭރުން އެކިއެކި ބޭންކްތަކުން ލޯނުގެ ފުރްޞަތުތައް ފަހިކޮށްދިނުމަށް. މިޕްރޮޖެކްޓް ހިންގުމަށް އަޅުގަނޑުމެން މި ލަފާ މިކުރަނީ، މުޅި ޖުމްލަ ހުރިހާ ކަމެއްވެގެންދާއިރުގައި، ވިއްސަކަށް މިލިއަން ޑޮލަރު ޚަރަދުވާނެ، ދޯނި ސަރވިސަސްއަށް. އެ ޚަރަދު ދޯނި ސަރވިސަސްއިން ކުރަން ޖެހޭނީ، ޓަރމިނަލްތައް ބިނާކުރުމަށާާއި، އަދި ގެސްޓްހައުސްތައް ބިނާކުރުމަށާއި، އެކަށީގެންވާ އުޅަނދުފަހަރު އުފެއްދުމަށާއި، އެދަތުރުތައް އެގޮތަށް އަޅުގަނޑުމެން މިއެދޭ ރަނގަޅު ސްޓޭންޑަޑެއްގައި، ރަނގަޅު ފެންވަރެއްގައި ކުރުމަށް. އަޅުގަނޑުމެން ކުންފުނީގެ ފަރާތުން ދޯނި ސަރވިސަސްގެ ފަރާތުން އެދެނީ، މަސްދުވަހުގެ ތެރޭގައި އާދައިގެ ޚިދްމަތް ފަށައިގަނެދިނުމަށް. އޭރުން ދެން އެބޭފުޅުންނަށް ޓަރމިނަލްތައް އިތުރުކުރަމުން ގެންދެވިދާނެ. އަޅުގަނޑުމެން މިދެކެނީ، މުޅި ނިޒާމު އެކީގައި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، އެއީ ހުރިހާ ރަށެއްގެ ޓަރމިނަލްއާ، ޓަރމިނަލްއޭ އަޅުގަނޑު މިދަންނަވަނީ ހުރިހާ ރަށެއްގެ ބަނދަރާއި، ޓަރމިނަލްއާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓަލާ ހުރިހާ ކަމެއް އެކީގައި އަޅުގަނޑުމެން މިދެކެނީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމިގެންދާން ޖެހޭނެ ކަމަށް. މި ގެސްޓްހައުސްތަކަށްވެސް މި ސިޓީ ހޮޓާތަކަށްވެސް މި ރިޒޯޓްތަކުން އެހެންވިއްޔާ ސަރުކާރުން ނަގަމުން މިއަންނަ ބޮޑެތި ރެންޓެއް، ކުއްޔެއް ނުނަގާނެ. މި ހޮޓާތަކުގެ ބޭނުމަކީ، އެއިން ލިބޭ ފައިދާއިން ދަތުރުފަތުރުކުރުމުގެ ނިޒާމު ކްރޮސް ސަބްސިޑައިޒް ނުވަތަ އެއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދިއުން.

އަޅުގަނޑުމެންގެ ތެރޭގައި ދަތުރާ ގުޅޭ މީހުން ވަރަށްވެސް ގިނަ. އަދި އަޅުގަނޑުމެންގެ ތެރޭގައި މި އިޤްތިޞާދީ ކަންކަމާއި، މާލީ ކަންކަމާ، މިކަންކަން ޕްލޭން ކުރަން އުޅުމާއި، މިކަންކަމުގެ މީހުންތައް ވަރަށްގިނަ. އަޅުގަނޑު ބައެއްފަހަރު ހިތަށްއަރާ، ނަޞީބެކޭ އަޅުގަނޑުމެންނަށް ހަމަ މިހިސާބަށް މިއާދެވުނީ، ވަރަށްގިނަ ކަރުދާހަށްފަހު. މީހަކު ޢަޖާއިބުވާހާ، އަޅުގަނޑު ގައިމުވެސް ހަމަ އެއް ވިސްނުމަކުން ބަލާއިރު ޢަޖާއިބުވާހާ ކަރުދާހަށްފަހު. އެހެން ނަމަވެސް، ހަމަ މަޙްމޫދަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އެ ހުރިހާ ކަރުދާސް ބެހެއްޓުމަށް މަޖުބޫރު ކުރައްވާތީއާއި، މީގެ މިންގަނޑުތައް ހިފަހައްޓަވައިދެއްވާތީއާއި އަދި ޓްރާންސްޕޭރަންސީއާއި މީގެ ކޮރަޕްޝަނަށާއި، މީގެ ޚިޔާނާތަކަށް މަގުފަހިނުވާނެއޭ ހުރިހާ އުޞޫލުތަކެއް ދަމަހައްޓައިގެން ގެންދެވުމަށް ތަކުރާރުކޮށް އަޅުގަނޑުމެންގެ ޕްރައިވަޓައިޒޭޝަން ކޮމިޓީން ބާރުއަޅުއްވަމުން ގެންދަވާ ކަމަށްޓަކައި އަޅުގަނޑު ނުހަނު ނިހާޔަތަށް އެކޮމިޓީއަށް ޝުކުރު ދަންނަވަން. އެއީ އަޅުގަނޑު މިހާވަރަށް ހިތްއަވަސްވޭ. ބައެއްފަހަރަށް ހަމަ ވަރަށް ކަރުއެލުވާފައިވެސް އެބަ ދަންނަވަން. ދެން މިކަން އެބައޮތްތޯއޭ މިކަހަލަ ގޮތަކަށް ތަންކޮޅެއް ބާރަށް ދެވޭނެ ގޮތެއް. ނެތް. ބާރަށް ދެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް. ހަމަ ދަންނަވަން ޖެހެނީ ހަމަ ވަކި ތަރުތީބަކުންނޭ މިކަންދާނީ. މާދަމާ ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތޭ. ހަމަ އަޅުގަނޑުމެން މިގެންދާ ތަރުތީބުންނޭ މިކަންކަންދާނީ. ގޮސް އަޅުގަނޑުމެން މިދަންނަވާ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހޯދައިދޭނަމޭ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

______________________