بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުގެ މިދަތުރަކީ، މިނިވަންދުވަހުގެ ހެޔޮ ދުޢާއާއި ސަލާމް، މަރަދޫ ރައްޔިތުންނަށް އަޅުގަނޑުމެންގެ ފަރާތުން ރައްދު ކުރުމަށް ކުރާ ދަތުރެއް. އަޅުގަނޑުމެން މަޢާފަށް އެދެން, ޖުލައި 26 ވަނަ ދުވަހު އަޅުގަނޑުމެންނަށް މިކޮޅުގައި ނުތިބެވުނީތީވެ. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަނީ، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް އެވަރު ފަރަޤެއް ދެއްވާނެކަމަށް.

އަޅުގަނޑު މިއަދު މިހުރީ މީގެކުރީގައި އަޅުގަނޑުމެން ކަންކަމާ ގުޅޭގޮތުން ގެންގުޅޭ އުންމީދަށްވުރެން އަދިވެސް މާބޮޑުކޮށް އުންމީދާއެކުގައި. ވަރަށްބޮޑު ޔަޤީންކަމަކާއެކު. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަޤީން، އަޅުގަނޑުމެން މިއަތޮޅުގައި، ޚާއްޞަކޮށް މިއަތޮޅުގައި، ތަރައްޤީގެ ގޮތުގައި ހިންގާ މި މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. އަޅުގަނޑުމެންނަށް މިއަތޮޅުގައި ނަރުދަމާވެސް އެޅޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަތޮޅު ރައްޔިތުންނަށް މީރު ފެންވެސް އަރުވާނަން. އަޅުގަނޑުމެން އުންމީދުކޮށްގެން މިހުރި މަގުތައް އެއީ ހިތަދޫން ގަމަށް، ހިތަދޫން ފޭދުއަށް އެތެރޭން ހަދަން އޮތް މަގެއް. އިރާދަކުރެއްވިއްޔާ އެ މަގުގެ މަސައްކަތްވެސް ދާދި އަވަހަށް އަޅުގަނޑުމެންނަށް ފެށޭނެ.

އަޅުގަނޑު ހަމަ ދަންނަވާލަން އޮތް ވާހަކައަކީ، މިހުރިހާ ކަމަކަށްވެސް މިއަތޮޅުގައި ޙަޤީޤަތުގައި ހަމަ ބޭނުންވަނީ، އަޅުގަނޑަށް އަދި ކުރިއަށްވުރެ ބޮޑަށް މިކަމުގެ ޔަޤީންކަން އެބައޮތް. އެންމެ ކަމެއް. އެއީ، ތިޔަބޭފުޅުންގެ ވެރިކަން، ތިޔަބޭފުޅުން އަލުން އަނބުރާ ތިޔަބޭފުޅުން ހޯއްދެވުން. ލާމަރްކަޒީ އުޞޫލުން ރާއްޖޭގައި ވެރިކަން ހިންގޭނެ ގޮތެއްވެ، ތިޔަބޭފުޅުންގެ މުއްސަނދިކަމާއި، ތިޔަބޭފުޅުންގެ ބަޖެޓް، ތިޔަބޭފުޅުންނަށް މިތަނަށް ގެނެވޭނެ ގޮތެއް ހޯދުން. އަޅުގަނޑު ހީކުރީ، ހަމަ ކުޑަކޮށްވެސް އަޅުގަނޑު ލަފައެއް ނުކުރަން، އެ ބިލާ އިދިކޮޅަށް ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވާހަކަ ދެއްކީމާ، ރައްޔިތުން ހަމަ އަތް އުރާލައިގެން ތިބެދާނެ ކަމަކަށް. އަދި ޚާއްޞަކޮށް، އައްޑުއަތޮޅު މެންބަރުން، އައްޑުއަތޮޅުގެ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މެންބަރަކު، އެ ބިލާ އިދިކޮޅަށް ވާހަކަ ދައްކާފައި، އަޅުގަނޑު ހަމަ ޢަޖައިބުވޭ ތިޔަބޭފުޅުން އަދި އަލުން އަނބުރާ ހަމަ އެކަމާ އެބޭފުޅާއާ ވާހަކަ ދައްކައި އުޅެދާނެތީވެ.

އަޅުގަނޑު ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ އެހީތެރިކަން ބޭނުން. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްރަށް، ރާއްޖޭގެ އަތޮޅުތައް ހިންގައިގެން ނޫނިއްޔާ، އަޅުގަނޑުމެން މިބޭނުންވާ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. މިއަދު އަޅުގަނޑު މިތަނުގެ ހެލްތް ސެންޓަރަށް ގޮސް ބަލައިލާއިރުވެސް ހަމަ އެންމެ ކަންބޮޑުވެގެން ތިޔައިން ބޭފުޅަކު ތިޔަވިދާޅުވަނީ، ލޮނު ޕެކެޓެއްގެ ވާހަކަ. އެހެން ނޫނިއްޔާ ޑިސްޕްރިން ގުޅައެއްގެ ވާހަކަ. އެހެން ނޫނިއްޔާ، އަޅުގަނޑަށް ޔަޤީން ހަމަ ތިޔަބޭފުޅުންނަށް މުހިންމު ކަމެއްގެ ވާހަކަކަން ތިޔަ ބުނުއްވަނީ. އެހެން ނަމަވެސް، އެއީ ކިހިނެއްތޯ؟ އަޅުގަނޑަށް ހަމަ ނުވެސް ވިސްނައި، ފަށައިވެސް ނުގަނެވޭ ލޮނު ޕެކެޓްގެ ވާހަކަ. އެހެން ނޫނިއްޔާ ސަޕްލައިގެ ވާހަކަ. އެހެން ނޫނީ އަނެއް ވާހަކައެއް. އަނެއް ވާހަކައެއް. ސަރުކާރުން އެހުރީ ލާރިދީފައި. ބަޖެޓުގައި އެހުންނަނީ ފައިސާ ކަނޑައަޅާފައި. ރާއްޖެއަށް މިސާލަކަށް، ބޭސްފަރުވާގެ ވާހަކަ އެކަނި އަޅުގަނޑު މިދަންނަވަނީ. ރާއްޖެއަށް އެބަ އެތެރެކުރޭ ފަންސާސް މިލިއަން ޑޮލަރުގެ ބޭސް ކޮންމެ އަހަރަކު ހޮސްޕިޓަލަށް، ސަރުކާރުގެ އެކަމަކު މިއިން ހެލްތް ސެންޓަރެއްގައި ނުއެއްހުރޭ އެއިން އެއްޗެއް. އެހެންވީމާ، އެއީ ހަމަ ހިންގުމުގެ މައްސަލައެއް ޙަޤީޤަތުގައި ދިމާވެގެން އުޅެނީ. އެހެންވީމާ، އެހިންގުން އަޅުގަނޑުމެންނާ ގާތަށް ގެނެވިއްޖިއްޔާ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް އެތައް ތަނަކުން، ކިތަންމެ ތަނަކުން ރަނގަޅުވެގެންދާނެއޭ.

ރަނގަޅަށް އަޅުގަނޑުމެންނަށް އެކަންކަން ކޮށްދޭ ވުޒާރާތަކުގައި، އަދި ވަމުންދާ ތަންތަނުގައި ލާމަރްކަޒީ އުޞޫލަށް އެންމެ ރަނގަޅަށް ހިނގަން ފެށީ، އެންމެ ބާރަށްވެސް ހިނގަން ފެށީ، ސިފައިން. މިނިސްޓްރީ އޮފް ޑިފެންސް. ދެން އެކަމާ ގުޅިގެން އަޅުގަނޑުމެންނަށް މިތަނުގައި އެ ޕޯސްޓް ހަދައި، އެކަން ކުރިއަށް އެބަ ގެންދެވޭ. ދެން އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މި އުންމީދުކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތިޔަބޭފުޅުން، ރައްޔިތުން ފުރްޞަތު ހޯއްދަވައިދެއްވާނެ ކަމަށް. އަޅުގަނޑަށް ފުރްޞަތު ހޯދައިދޭނެ ދެވަނަ ބައެއް ނޫޅޭނެ، ތިޔަބޭފުޅުން ފިޔަވައި. އަޅުގަނޑު ގޮސް ކަމަކާ ކަންބޮޑުވެގެން ވާހަކަ ދައްކާނެ ދެވަނަ ބައެއްވެސް ނޫޅޭނެ، ތިޔަބޭފުޅުން ފިޔަވައި. އަދި އަޅުގަނޑާ ދިމާއަށް އެއްޗެއް ބުނެގެން އަޅުގަނޑު ކަންބޮޑުވާނެ ދެވަނަ ބައެއްވެސް ނޫޅޭނެ، ތިޔަބޭފުޅުން ފިޔަވައި. އަޅުގަނޑެއް ކަންބޮޑެއްނުވޭ އެހެން އެއްވެސް ބަޔަކު އަޅުގަނޑާ ދިމާއަށް ކޮންމެފަދަ އެއްޗެކޭ ކިޔަސްވެސް. ތިޔަބޭފުޅުން އެއްޗެއް ބުނުއްވައިފިއްޔާ އަޅުގަނޑަށް ވިސްނޭނެ. އަޅުގަނޑު އެއީ ބަލަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ބަލައިގަންނާނަން. އަޅުގަނޑު އެކަމާ ހަމަ މަސައްކަތް ކުރާނަން.

އަޅުގަނޑުމެންނަށް ކުޑަކުޑަ އިރުކޮޅެއް އެބައޮތް. އެހެންވީމާ، އަޅުގަނޑު ހަމަ ގިނަ ވާހަކަ، ދިގު ވާހަކަ ނުދައްކައި، ތިޔަބޭފުޅުންގެ ސުވާލެއް އޮތްނަމަ، އެއަށް އަޅުގަނޑަށް ދެވެން އޮތް ޖަވާބެއް އަޅުގަނޑު އަރުވާނަން.


_____________________