بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުވެސް ވަރަށް ބޮޑަށް ގަބޫލުކުރަން މީދުއަށް އާދެވޭލެއް މަދުކަން. ދެން އެހެން ނަމަވެސް، ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެން މި އުންމީދު ކުރަމުންމިދާ މަސައްކަތްތަކާއި، އުންމީދު ކުރަމުންމިދާ ކަންކަން، ކިތަންމެ މަޑުމަޑުން ނަމަވެސް ވަމުން އަންނަtaން ފެންނާން ފަށަން މިއުޅެނީ. އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ކޮށްދެވުނު ކަމަކީ، ޢުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް، ކޮންމެ ރައްޔިތަކަށް ދެހާސް ރުފިޔާ ދިނުމުގެ ޕްރޮގްރާމް ފެށުން. އަދި އެ މަސައްކަތް ރަނގަޅު ތަރުތީބަކުން ފުރިހަމައަށް ހިނގަން ފެށިތާ މިވީ ތިންމަހެއް، ހަތަރުމަހެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެބަ ހިނގާ.

ދެން ހިނގާނެ އަނެއް ކަމަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމުވުން. އޭރުން ހަމަ ކޮންމެ ދުވަހަކުވެސް މުޅި އަތޮޅުގައި ދެފަހަރަށް މިރަށުން ފަނަރަ، ވިހި ރުފިޔާއަށް މިތަނުން ފުރައިގެން މި ހިތަދުއަށްވެސް. މިތަނުން ފުރައިގެން ފުވައްމުލަކަށްވެސް ދެވޭނެ ގޮތަށް ކަންކަން ހަމަޖެހިގެންދާނެ. ހަމައެއާއެކީގައި، ދެން އަޅުގަނޑުމެން މިދެކެނީ، ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢުވެސް، އަހަރު ނިމުމުގެ ކުރީގައި އަޅުގަނޑުމެންނަށް ފެށޭނެއޭ. ނަރުދަމާގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަހަރު ނިމުމުގެ ކުރީގައި އަޅުގަނޑުމެންނަށް ފެށޭނެ. އަޅުގަނޑު ހަމަ ވަރަށް އުންމީދު ބޮޑުކޮށް މިހުންނަނީ. އަދި ކުރިއަށްވުރެ އަޅުގަނޑަށް ޔަޤީންކަން ބޮޑުކޮށް މި ހުންނަނީ. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފުއްދައިދެވޭނެ.

ހެރެތެރޭގެ މައްސަލަ އެއީ، އަޅުގަނޑުމެން އެންމެންވެސް ވަރަށް ކަންބޮޑުވާނެ މައްސަލައެއް. އަޅުގަނޑު ދެންމެ ހުޅުދޫގައިވެސް ކިޔައިދިނިން. އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ މައްސަލައަކީ، މައްސަލައެއް ނޫން އިނގޭތޯ. އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ އަޅުގަނޑުމެން އެންމެން މި ބަލައިގަތީ. އެ ޤާނޫނުއަސާސީ ތަންފީޒު ކުރަން އަޅުގަނޑުމެން އެންމެން ބޭނުންވެގެން މިއުޅެނީ. އެ ޤާނޫނުއަސާސީގައި މުދަލުގެ ޙައްޤު، މުދާ ހޯދުމާއި، މުދާ ލިބިގަތުމާއި، މުދަލުގެ ވިޔަފާރި ކުރުމާއި، މުދަލުގެ ވެރިކަމާ، މުދާވެރިކަމުގެ ޙައްޤަކީ، ހަމަ ރައްޔިތު މީހާގެވެސް އަސާސީ ޙައްޤާ އެއްމިންވަރަށް އެ ޤާނޫނުއަސާސީގައި ފޯރުކޮށްދީފައިވޭ. ރަނގަޅު ޤައުމެއް މިހިނގަނީ، މުދަލަކީ ސަރުކާރަށް އެހެން ތިބެފައި، ހަމަ ގޮސް މީހެއްގެ މުދަލަށް އަރައިނުގަނެވޭނެ ގޮތަށް ކަންކަން ރޭވިފައި ހުރީމާ. ދެން ގެއްލުންވަމުން މިދަނީ. ވީމާ، ޢާންމު މަޞްލަޙަތުވެސް އެބަ ހިފަހައްޓަންޖެހޭ. ޤާނޫނުއަސާސީގައި އެވެސް ހަމަ ސާފު މަޞްލަޙަތަށްޓަކައި ކުރަންޖެހޭ ކަންތައްތައްވެސް. އެހެންވީމާ، އަޅުގަނޑުމެންނަށް ބާރަށްގޮސް އަތްގަދަކޮށް، އެކަން ކުރުމަށް ހަމަ މި ފަސްޖެހެވެނީ. މީގައި ބޭނުމެއްނުވޭ، ޖެހިގެން އޮތް ވިލިނގިލީގެ އޯނަރުންނަށްވެސް ނުވަތަ ދެންވެސް ހަދާ އެހެން ރިޒޯޓެއްގެ ބަޔަކަށްވެސް ވިސްނުމަށް އަންނާކަށް، ލަފާކުރެވޭކަށް، މި ސަރުކާރަކީ މުދާ ނަގާނެ ބައެކޭ. އެހެންވީމާ، މިތާ މުދާ ނަގަނިކޮށް، މިތަނުގައި މުދާ ބަހައްޓާކަށް ނުވާނެ ނޫންހޭ. އެ ވިސްނުން ވިޔަފާރިވެރިންގެ ތެރޭގައި ހިނގަން ފަށައިފިއްޔާ، އަޅުގަނޑުމެންނަށް ލިބޭނެ ގެއްލުން ވަރަށްބޮޑުވާނެ. އެހެންނަމަވެސް، ހަމަ އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންގެ މަސައްކަތް ހުއްޓައެއްނުލާނަން. އަޅުގަނޑުމެންނަށް ހެރެތެރޭގެ މައްސަލައިގައި ކިރިޔާ އިނގޭތޯ، އެބޭފުޅުން އަޅުގަނޑުމެންގެ ބަންޑާރަނައިބުގެ ދުވަސްވެސް، ހަމަ އަޅުގަނޑުމެންނަށް ބަންޑާރަ ނައިބުގެ މައްޗަށާއި، ހޯމް މިނިސްޓަރުގެ މައްޗަށާއި، އަދި ޑިފެންސް މިނިސްޓަރުގެ މައްޗަށް، އެބޭފުޅުން މަޖިލީހުގައި އެބަ ވާދަވެރި ސިޔާސީ ޖަމާޢަތްތަކެއް އެބަ ބޭނުންވޭ، މަޖިލީހުގައި އެކިގޮތްގޮތް ހަދަން. މިބޭފުޅުންގެ މައްޗަށް ސުވާލުތައް ކުރިމަތިކުރަން. އެބޭފުޅުންގެ އިތުބާރާ ގުޅޭގޮތުން ސުވާލުތައް އުފައްދަން.

އާދެ! އަޅުގަނޑުމެން ހިންގާ މަސައްކަތް އެހެންނަމަވެސް ހިންގާނަން. ޝަރީޢަތުންވެސް ލަސްކުރަންޏާ އަޅުގަނޑުމެން އެކަންކަން ފާހަގަކުރާނަން. އަދި އެ ޝަރީޢަތާ ގުޅޭގޮތުންވެސް އަޅުގަނޑުމެންނަށް ވާހަކަ ދައްކަން މަޖުބޫރު ވެއްޖިއްޔާ، އަޅުގަނޑުމެން އެ ވާހަކަތައް ދައްކާނަން. އަދި އައިސް އެމީހެއްގެ ރަށެއް ނުވަތަ ގެއެއް ނުވަތަ މީހެއްވެސް، ނަގައިގެން ގެންދަން ޖެހިއްޖިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އެހެންވީމާ، އެ ކުރަންޖެހޭ ކަމެއް ކުރުމުގައި އަޅުގަނޑުމެން ފަހެއް ނުޖެހޭނަން. އަޅުގަނޑުމެން އެ ދާންހުރި ހުރިހާ ޕްރޮސެސްއެއް ނުވަތަ އެ ހިނގަންހުރި ހުރިހާ ކަންތައްތަކެއް ހިމުންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެމަގަށް އެކަން ކުރެވޭނެ.

ޝަންގްރިއްލާއިން އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބެނީ، އެބޭފުޅުން އަޅުގަނޑުމެން ގާތުގައި ބުނީ، މިދެރަށުންވެސް އަދި މިއަތޮޅުން މޭވާއާއި ތަރުކާރީއާއި، އެބާވަތްބާވަތުގެ ސާމާނު އެމީހުން އެތަނުން ގަންނާނެ ކަމަށް. މިތަނުން އެ ވިޔަފާރި ހިންގާނެ ކަމަށް. އަޅުގަނޑުމެން އެ އުންމީދު ވަރަށްބޮޑު. އަޅުގަނޑު ބޭނުން، ޝަންގްރިއްލާއާ ގުޅިގެން މިތަނުގެ މަސައްކަތް، މިތަނުގެ ވިޔަފާރި، ދަނޑުވެރިކަން އަވަހަށް ކުރިއަރައި ދެވޭނެ ގޮތެއް ހޯދުން.

އަޅުގަނޑުމެންނަށް މިއަތޮޅު ހަމަ އުންމީދީކޮށް ފެނޭ. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު ގަމަށް މަތިންދާބޯޓް، ސީދާ ޔޫރަޕުން ޖެއްސޭނެ ގޮތެއް އަޅުގަނޑުމެން ހޯދާނަން. އަދި ހެރެތެރެވެސް ރަނގަޅަށް ހިނގައިގަންނާނެ. ވިލިނގިލިވެސް އަދި އެތައް މައްސަލައެއްޖެހޭނެ. ކުރިއަށް މިއޮތް ދެތިން ހަތަރު މަސްދުވަހެއްގެ ތެރޭގައި ކިތަންމެ މައްސަލައެއް ޖެހޭނެ. ދެން އެތަން ބަންދު ނުކޮށްފިއްޔާ، ކިތަންމެހާވެސް ރަނގަޅު. އެތަން އެކަމަކު އެއީ މާ ރީތި ތަނެއް. ހެރެތެރެއާ އަޅާބަލާއިރުގައި މާ ބޮޑަށް ރީތި. މާ ފުރިހަމަ. ދެން މި ރާއްޖޭގައި ހަމަ އެބާވަތުގެ ތަނެއް ނުވެސް ލިބޭނެ. ވަރަށްބޮޑު ސިންގާހާ ރަށެއްގައި ޖާގަ އޮވެގެން، ވަރަށް ފުރިހަމައަށް ހަދާފައި އެއޮތީ. އެހެންވީމާ، ޝަންގްރިއްލާ އާއި ހެރެތެރެއާއި އަދި ހަންކެޑެއާ މިހުރިހާ ތަނެއް އައިސްގެން، އެއްވެގެން ހިނގައިގަތީމާ، އަޅުގަނޑުމެން މިދެކެނީ އިރާދަކުރެއްވިއްޔާ، ހަމަ މިއަތޮޅުގެ އިޤްތިޞާދު ވަރަށް ބާރަށް ހިނގައިގަންނާނެއޭ. ދެން އޭގެ ފައިދާ ކުރާނީކީ މިއަތޮޅަށް އެކަންޏެއް ނޫން. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ. والحمد للّـه.