بســم اللّـه الرّحمـن الرّحيــم

ހޯރަފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:

السّـلام عليـكم

އަޅުގަނޑު ހޯރަފުށްޓަށް އައިސް އެއްޗެއް ނުބުނެ ދިއުން އެއީ، ކުރަން ދަތިކަމަކަށްވާތީވެ، ކޮންމެވެސް އެއްޗެއް ތިޔަބޭފުޅުންނާއެކުގައި އަޅުގަނޑު ހިއްސާކޮށްލުމުގެ ނިޔަތުގައި މި ފުރްސަތަށް މި އެދުނީ. ކަތީބު ނަޞީރުވެސް އަދި ހޯރަފުށީ ހުރިހާ ރައްޔިތުންވެސް އަޅުގަނޑަށް ހަމަ ޔަގީން، ހޯރަފުށީގެ ތަރައްޤީއާ ގުޅޭގޮތުން އަބަދުވެސް ވިސްނާނެކަން. އަދި ހަމަ ރައްޔިތުންނާއެކުގައި މި ސަރުކާރު އެކަމާ އަބަދުވެސް މަސައްކަތްކުރާނެ.

އަޅުގަނޑުމެންނަށް ވަރަށް ސާފު، ހޯރަފުށްޓަށް ސީދާ ބޭނުންވާ ކަންކަން. އަޅުގަނޑަށް އެއްވެސް އިރެއްގައި އޮޅިފައެއްނެތް މިތަނުގެ ބަނދަރު ޙަޤީޤަތުގައި ފުރަތަމަ ބޮނޑީގައި ފުރަތަމަ ހެނދުނު ބަނދަރުތަކުގެ ތެރެއިން ބަނދަރެއް. މި ބަނދަރު އަލުން އަނބުރާ މަރާމާތު ކުރަންވެފައިވާކަން، މި ރަށުގެ ނަރުދަމާއެއް ބޭނުންވާކަން، މި ރަށުގައި ޞިއްޙީ ޚިދްމަތް ރަނގަޅުކުރަން ޖެހޭކަން، މި ރަށުގައި ތަޢްލީމީ ފެންވަރު ރަނގަޅު ކުރަންޖެހޭކަން، އަދި މިހެންގޮސް މިބާވަތުގެ ކިތަންމެކަމަކީ، އަޅުގަނޑުމެންނަށް ކުޑަކޮށްވެސް އޮޅުންއަރާފައިހުރި ކަންކަމެއްނޫން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީ ސަބަބުތަކަށްޓަކައި. އެކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކައި މަގެއް ހޯދުމަށްޓަކައި. އަޅުގަނޑުމެން އެކަން ކުރުމަށް މަސައްކަތްކުރާގޮތަކީ، މީގެކުރީގައި މިކަންކަން ނުކުރުމަށް ނުވަތަ ނުވުމަށް އަބަދު މެދުވެރި މަގުން އެ މަސައްކަތްކުރުމެއްނޫން.

އަޅުގަނޑުމެންނަށް ފެންނަމުންއައީ، ރާއްޖޭގެ 200 ރަށުގެ އެންމެހާ ކަންކަން ކުރަން މިހާރު ނިމިފައިވާއިރުގައި އެކަންކަން އަވަސްގޮތެއްގައި ކުރެވެންއޮތީ، ހަމަކުރީގައިވެސް އެކަންކުރާމަގުން ކުރަންގޮސްގެނެއް ނޫންކަން. އަޅުގަނޑުމެން ރާއްޖެއަށް ބަދަލުތަކެއް ގެނެސްގެންނޫނިއްޔާ ރާއްޖޭގެ އެންމެހާ ކަންކަން ފުރިހަމަގޮތުގައި ހިންގޭނެކަމަށް އަޅުގަނޑުމެންނެއް ނުދެކެން. އެހެންވީމާ، ސަރުކާރުން ނަރުދަމާގެ ކަންތައް ހިންގުމަށްވެސް އަދި ބަނދަރު ފުންކުރުމަށްވެސް، ބަނދަރު ބެލެހެއްޓުމަށްވެސް، މަދަރުސާގެ ކަންތައް ފުރިހަމަ ކުރުމަށްވެސް، ޞިއްޙީ ކަންކަމާއި، މަގުހެދުމާއި، ގެދޮރު އެޅުން، މި ބާވަތުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަންކަންވެސް ހިންގުމަށްޓަކައި ސަރުކާރުން ހިންގަން ފަށާފައިވާ، މަސައްކަތްތައް އޭގެ ތަރުތީބުގައި ވަރަށް ރަނގަޅަށް ވަރަށް ބާރަށް ކުރިއަށްދޭ.

އަޅުގަނޑުމެން އެންމެ ފުރަތަމަ އެކުލަވާލި އެއް ކުންފުންޏަކީ، ޔުޓިލިޓީ ކުންފުނި ނުވަތަ ފެނާއި ނަރުދަމާއާއި، ކަރަންޓްގެ ޚިދްމަތް، އަސާސީ ޚިދްމަތްތައް، އެ ސަރަޙައްދެއްގައި ދިނުމަށްޓަކައި އެކުލަވާލެވުނު ކުންފުނިތައް. އެގޮތުން ހުވަދުއަތޮޅުގެ ކުންފުނި, މިހާރުވަނީ، އެ އަތޮޅުގެ ހުރިހާ އިންޖީނުގެތަކަކާ ހަވާލުވެފައި. އަޅުގަނޑުމެން މި އުންމީދުކުރަނީ، މި އަތޮޅުގެ ކުންފުނި މިހާރު މިވަނީ، ސްޓެލްކޯގެ އިންޖީނުގެތަކާ ހަވާލުވެފައި. އަދި އޭގެއިތުރުން، އަޅުގަނޑުމެން މިއެދެނީ، އެހެން އިންޖީނުގެތަކާވެސް މި ޕްރޮވިންސްގެ ހއ، ހދ، ށ. މި ތިންރަށުގެ އެންމެހާ އިންޖީނުގެތައް ޔުޓިލިޓީ ކުންފުންޏާ ވީހާ އަވަހަކަށް ހަވާލުވެވޭނެކަމަށް. ކުންފުނިތަކާ ސަރުކާރު ހިއްސާވާ ކުންފުނިން ހަވާލުވީމާ، ނުވަތަ އިންޖީނުގެތަކާ ހަވާލުވީމާ އެކުންފުންޏަށް މަހެއްގެ މައްޗަށް 1.4 މިލިޔަން ރުފިޔާ ގެއްލުންވާނެ. އެއީ، މިހާރުވެސް އެ ގެއްލުންވަމުންދާ ވަރަށް އަދި ދެންވެސް އިތުރަށް ގެއްލުންވާނެ މިންވަރަށް. އަހަރު ނިމޭއިރުގައި އެހެންވީމާ، ކުންފުނި އޮންނާނީ މަދުވެގެން ވިއްސަކަށް މިލިޔަން ރުފިޔާއަށް ދަރާފައި. އެއްގޮތަކަށްވެސް ހީނުކުރައްވާތި އެ ދަރަނި އަދާކުރަނީ، ސަރުކާރުންނޭ. އެ ދަރަނި އަދާކުރަނީ ތިޔަބޭފުޅުން. ސަރުކާރަކަށް ނުލިބޭނެ އެންމެ ލޯ ލާރިއެއްވެސް. ތިޔަބޭފުޅުންގެ ޖީބުން ނުނަގާ ލާރިއެއް. މި ކުންފުނި ކޮންމެމަހަކު، ކޮންމެ މަހަކު ދަރަމުން ދަރަމުންދާނީ. އެއީ، މިހާރުވެސް އިންޖީނުގެ ކަންކަން ހިނގަމުންދާގޮތް. އަދި އަޅުގަނޑުމެން އެހެންވީމާ، މި ދެކެނީ، މިއީކީއެއް މިކަން އަދި ކުރެވެންއޮތް މަގެއްނޫނޭ. އަޅުގަނޑުމެން މިދެކެނީ، އެ ކުންފުންޏާ، ހިއްސާވާނެ ބޭރުގެ ހިއްސާދާރުން ބޭނުމޭ. ބޭރުގެ ބައިވެރިން ބޭނުމޭ. މިނޫންގޮތަކަށް އަސާސީ ޚިދްމަތްތައް ދެވޭނެ ވިޔަފާރީގެ އުސޫލެއް އަޅުގަނޑުމެން އެބަ ހޯދާންޖެހޭ.

އަޅުގަނޑުމެން މިއެދުނީ، މި ކުންފުނިތަކާ، ބައިވެރިވާނެ ބޭރުގެ ބައިވެރިން، ފައިސާ އެކުގައިއައިސް އިތުރު ބާވަތްބާވަތުގެ އިންވެސްޓްމަންޓް ނުވަތަ އެހެންގޮތްގޮތަށް އަދި ފުޅާކޮށް ކަރަންޓް ދިނުންވެސް، އަދި ފުޅާކޮށް ފެނުގެ ކަންތައްވެސް، އަދި ފުޅާކޮށް ނަރުދަމާގެ ކަންތައްވެސް ހިންގާ ދިނުމަށް. އެހެން ހިންގާފައި އަޅުގަނޑުމެން މިދެކެނީ، ސަރުކާރުން އެހީތެރިވެދޭނީ، ހާލުގައި ޖެހޭ ނުވަތަ އާމްދަނީ މަދު މީސްމީހުންގެ ކަރަންޓްބިލަށޭ. ފެން ބިލަށޭ ނުވަތަ ނަރުދަމާގެ ބިލަށޭ. އަދި ސަރުކާރުން އެހީތެރިވެދޭނީ، ހޮސްޕިޓަލްތަކުގައިވެސް އާންމު ރައްޔިތުންގެ ތެރެއިން އާމްދަނީމަދު ބޭސްފަރުވާ ނުކުރެވޭ މީސްމީހުންގެ ބޭސްފަރުވާއަށޭ.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން ނިންމީ ފުރަތަމަ އެންމެ މުހިންމު ގޮތެއްގައި އަޅުގަނޑުމެން ބަނދަރުގެ ކަންތައް އެންމެ މުހިންމުކަމަކަށް ނުދެކުނީ، އަޅުގަނޑަށް ފެނުނު ފެނުމުގައި ފުރަތަމަ އިހަށް ރާއްޖޭގެ އާދައިގެ ގޭގެއަށް ސަރުކާރުން މަސައްކަތްކޮށްގެން ރުފިޔާއެއް ދެވޭތޯ އެބަ ބަލަންޖެހޭ. މިއަދާ ހަމައަށް ސަރުކާރުން 170 މިލިޔަން ރުފިޔާ، ރާއްޖޭގެ 18 ހާސް ގެއަކަށް އޭގެތެރޭގައި ހޯރަފުށީގެ 300 ގެ ހިމެނެނީ. އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށްދޭ -/2000 ރުފިޔާ، ކޮންމެ މަހަކު އަޅުގަނޑުމެން ދެމުންގެންދަނީ. މި ބަހާތާ އަޅުގަނޑު ހިތުން މިވަނީ ހަތަރު ފަސްމަސް ދުވަސް. އަޅުގަނޑުމެންނަށް މިހާރު އޭގެ ފުރިހަމަ އިންތިޒާމްތައް އިރާދަކުރެއްވިއްޔާ މިވަނީ ހަމަޖެހިފައި.

އަޅުގަނޑު މިދަންނަވަނީ، ތިޔަބޭފުޅުންގެ ބަނދަރުގެ ކަންތައް މުހިންމު ނޫންވާހަކައެއްނޫން. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ގޭގައި ކާންބޯން ލިބިގެން ތަނަވަސްކަންމަތީގައި ރިވެތިގޮތުގައި އުޅެވިގެން ނޫންގޮތަކަށް ތިޔަ ބަނދަރުވެސް ބޭނުންކުރެވެން ޙަޤީޤަތުގައިނެތޭ. އެ ބަނދަރަކީވެސް ދާއިމީ ގޮތުގައި ބެލެހެއްޓި ބެލެހެއްޓި ހުންނަ ތަނަކަށް ހަދާންވެއްޖިއްޔާ ތިޔަބޭފުޅުންގެ ޖީބަށް ވަންނަ އެއްޗެއް އެބަ އިތުރުކުރާންޖެހޭ ފުރަތަމައިނުންވެސް. އަޅުގަނޑުމެން އެ ވިސްނުމުގައި ދަނީ އެ ވިސްނުން އެއީ، މީގެކުރީގެ 30 އަހަރުގެ ވިސްނުމާ އެއްގޮތްނުވާތީވެ. ބޭބޭފުޅުން އަޅުގަނޑުމެންގާތުގައި އަހަނީ، ކޮންއިރަކުންހޭ މިރަށުގެ ނަރުދާ ހެދެނީ. ރައީސް ވިދާޅުވިއޭ މި ރަށުގެ ނަރުދަމާ ހެދޭނެއޭ. ރައީސް ވިދާޅުވިއޭ މި ރަށުގެ ބަނދަރު ކޮނެވޭނެއޭ. ތެދުފުޅެއް. އަޅުގަނޑުމެން މިއުޅެނީ މިރަށުގެ ބަނދަރު ކޮންނަން އެހެންމަގަކުންގޮސް. އެ އަޅުގަނޑުމެން މި ރަށުގެ ބަނދަރު ހަދާގޮތަށްހެދީމާ، އަޅުގަނޑުމެން މިރަށުގެ ނަރުދާ ހަދާގޮތަށްހެދީމާ، އަޅުގަނޑުމެން މިދެކެނީ އެއީ ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ ބަނދަރަކަށް، ނަރުދަމާއަކަށް، އިންޖީނުގެއަކަށް، ހޮސްޕިޓަލަކަށް އަދި މިބާވަތުގެ އެހެން ކޮންމެ ކަމަކަށްވިޔަސް އެކަންވެގެންދާނެއޭ.

އަޅުގަނޑުމެން މިކަންކުރަންއުޅޭގޮތް ކުޑަކޮށް ތަފާތު. އަދި އަޅުގަނޑަށް ހަމަ އެނގޭ ރައްޔިތުންގެ ކެތްވެސް ނެތެމުންދާނެކަން. އެހެންނަމަވެސް، އަޅުގަނޑުމެން މިދެކެނީ، ޒިންމާދާރު ސިޔާސީވެރިންނަށް އަޅުގަނޑުމެންވާކަމަށް ވަނީވިއްޔާ ހޯރަފުށީމީހުން އެއްޗެކޭ ބުނީމާ އަޅުގަނޑު ކޮންމެވެސް ތަނަކުންނަގާ 20 މިލިޔަން ރުފިޔާ މިރަށަށް އަޅާލީމާ އެއީ، ޤައުމެއް ހިންގުމުގައި އުޅެވެނީކީއެއްނޫން. އެއީ، ތަރައްޤީއެއް ހޯދައިދިނުމުގައި ވެރިން މަސައްކަތްކޮށްދެނީކީއެއްނޫން. އެއީ، ރައްޔިތުން ހަލާކުކޮށްލަނީ. ޤައުމެއް ހަލާކުކޮށްލަނީ. އަޅުގަނޑުމެން 30 އަހަރު މިއަދާ ހަމައަށް އައިއިރުގައި ކަން ހިނގާދިޔަ، ގޮސްފައިވާގޮތް އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. ފައިސާ އަޅުގަނޑުމެންނަށް އިސްރާފްކުރެވުނު ގޮތްތަކާއި އަދި އެ ފައިސާއަށް ނުކުރެވިފައި ހުރި ހުރިހާ ކަންތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރަނީ، މި މަސައްކަތްތައް އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިގެންދާ ތަރުތީބުން ކުރިއަށް ގެންދެވޭނެއޭ. އިރާދާކުރެއްވިއްޔާ މިރަށުގެ ނަރުދަމާ، އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި ޔުޓިލިޓީ ކުންފުނިތަކުގެ ޓެންޑަރުގެ މުއްދަތު އޯގަސްޓްމަހުގެ ތެރޭގައި ހަމަވޭ. ހަމަވީމާ، އޭގެތެރެއިން އަޅުގަނޑުމެންނަށް ފާހަގަވާނެ ހޯރަފުށީގައި ނަރުދާ ހެދުމަށް ސަރުކާރާ ގުޅުމަށް ބޭނުންވަނީ ކޮންބައެއްތޯ. ކޮން ކުންފުންޏެއްތޯ. އަދި އެ ނަރުދަމާ ހަދާދިނީމާ، އެ ކުންފުންޏަށް ނުވަތަ އެބަޔަކާއެކުގައި ސަރުކާރުން ވާންޖެހެނީ ކޮންބާވަތެއްގެ އެގްރީމަންޓެއްތޯ.

ދަތުރުފަތުރުގެ ނިޒާމްގެ ކޮންޓްރެކްޓް އިރާދަކުރެއްވިއްޔާ އޯގަސްޓް 7 ގައި އަޅުގަނޑުމެންނަށް އެބަ ހަވާލުކުރެވޭ. އެ ނިޒާމްގެ ތެރޭގައި ރަނގަޅު ޓަރމިނަލެއް، ރަނގަޅު ބަނދަރެއް އެބަ އުފެދެންޖެހޭ.

އަޅުގަނޑުމެން މި އުންމީދުކުރަނީ، ދަތުރުފަތުރު ކުރުމުގެ ނިޒާމްގެ ކޮންޓްރެކްޓްތަކުގެ ތެރެއިން މިރަށުގެ ބަނދަރު އެ ޓަރމިނަލާއެކީގައި ފުންކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭނެކަމަށް. އަދި ހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމާއެކުގައި އަޅުގަނޑުމެން މި އުންމީދުކުރަނީ، މިތަނުގެ ހޮސްޕިޓަލްގެ ޚިދްމަތްވެސް ރަނގަޅު ކުރެވޭނެ ކަމަށް. އަޅުގަނޑު މިހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ އަޅުގަނޑުމެން ބަޖެޓަކު މިއަހަރު ހޮސްޕިޓަލްގެ ޚިދްމަތް އިތުރު ކުރާކަށް ބަޖެޓަކު ތަނެއްނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު މިއަހަރު ތެރޭގައި ދެން ހިންގޭންގޮތް ކަމެއްގެ ގޮތުގައި އަޅުގަނޑުމެން މިބަލަނީ، ދަތުރުފަތުރު ކުރުމުގެ ނިޒާމްގެ ތެރެއިން ހޮސްޕިޓަލަށް އިތުރަށް ޑިމާންޑެއް އުފެދޭނެ. އުފެދުނީމާ، އެ ޞިއްޙީ މަރްކަޒަށް ނުވަތަ އެ ހެލްތް ސެންޓަރަށް ޚިދްމަތްތައް ރަނގަޅުކޮށްދިނުން.

އިރާދަކުރެއްވިއްޔާ މިހާރު މިއޮތް މަދަނަ ޕްރޮގްރާމްގެ އެހީގައި މި ރަށުގެ އެހީތެރިކަމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާ ލިބޭނެ. އަދި އެ މަދަނަ ޕްރޮގްރާމް، މަދަނަ ޕްލަސް، އެބަ އަޅުގަނޑުމެންނަށް ތަޢާރަފްކުރެވޭ. އޭރުން ބޭސްފަރުވާއަށް ބޭނުންވާ ހުރިހާ އެންމެންނަށް ރާއްޖޭން ބޭރަށްވެސްގޮސް ބޭސްކުރެވޭގޮތްވާނެ. އަޅުގަނޑު މި އުންމީދުކުރަނީ، މިތަނުގެ ބޭސް ފިހާރަ އެއީވެސް އަޅުގަނޑުމެންގެ މަދަނައިގެ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ބޭސް ފިހާރައަކަށް ހެދުމަށް. އަދި އޭރުން މިތަނުން 40 ރުފިޔާއަށްވުރެ މަތިންދާ ހުރިހާ ބޭހެއް، ބޭނުންވާ ހުރިހާ ބޭހެއް ހިލޭ ސަރުކާރުން އެބަޔަކަށްދެވޭ. އަޅުގަނޑުމެން މިދެކޭ ތަރުތީބު ނޫންގޮތަކަށް އަޅުގަނޑުމެންލައްވާ ކަމެއް ކުރުއްވައިފިއްޔާ އަޅުގަނޑު ހަމަދެކެނީ އޭގެ ސަބަބުން ލިބޭނެ ގެއްލުން މާބޮޑުވާނެއޭ. އަޅުގަނޑުމެން މަސައްކަތާ ހަވާލުވެ މިތިބީ ވަރަށްބޮޑު އުންމީދެއްގައި. އަދި މިއަދު އަޅުގަނޑުމެން މިތިބެނީ، އެއަށްވުރެ މާބޮޑު ޔަގީންކަމެއްގައި. އަޅުގަނޑުމެންނަށް ފެނޭ އެބަ މިމަގުންގޮސް މިކަންކަން ވާތަން. އަދި ހަމަ އަޅުގަނޑަށް ފެނޭ އަޅުގަނޑުމެންގެ ވެރިންނާއި އަދި ޚާއްޞަކޮށް މަޖިލީހުގެ މެންބަރުންނަށް، ތިޔަބޭފުޅުން ޝަކުވާ ދަންނަވާ މިންވަރުވެސް އަޅުގަނޑަށްފެނޭ. އަދި އަޅުގަނޑަށް އެނގޭ. އަޅުގަނޑު އެ މެންބަރުންނަށާއި ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން ބޭނުން. ކެތްތެރިކަމާއެކީގައި އަޅުގަނޑުމެންނާއެކުގައި މިގޮތަށް މިކަން އަނބުރާލުމަށް މަސައްކަތް ކުރުމުގައި އުޅެދެއްވާކަމުން.

ދެން ދަންނަވަންއޮތް ވާހަކައަކީ، ހޯރަފުށީގެ ޗާލޫ ނަޔާ ރާއްޖޭގެ ޓީވީން ހަމަ ނުދެއްކެވީ، ހޯރަފުށީ ދަރިއެއް އެކަމާ ހަމަރަނގަޅަށް ނޫޅުއްވީމައޭ. އެނޫން އެހެން އެއްވެސް ސަބަބެއް އަޅުގަނޑަކަށެއް އެކަމަކުން ނުވިސްނޭ. އެއީ، އަޅުގަނޑުދެން ވަރަށްބޮޑަށް ބަލާނަން، އަޅުގަނޑު މިހާރު ޚަލީލު ބުނުއްވާފައި އޮންނަނީ ރުފިޔާ ދީގެންނޭ އެކަންވާނީ. ދެން އަޅުގަނޑު ވަރަށްބޮޑަށް ބަލާނަން ރެކޯޑިންގއެއް ރުފިޔާ ދީގެން ނަމަވެސް އެކަންކުރެވޭތޯ. އެކަމަކު ޚަލީލް އިނދެގެންވެސް އުޅެނީ އަޅުގަނޑު ގޭކުރިމަތީގައި ހުންނަ ކުއްޖަކާ. އެވަރުންވެސް މިކަން ހަމަ ޚަލީލުގޮތަކަށް ހައްދަވައިދެއްވާތޯ، އަޅުގަނޑު ވަރަށްބޮޑަށް މަސައްކަތްކުރާނަން.

އިރާދަކުރެއްވިއްޔާ ހޯރަފުށީގެ މި އިޙްތިފާލްތައް މުޅިރާއްޖެއަށް ވަރަށް ފުރިހަމައަށް ފެނިގެންދާނެ. އަޅުގަނޑަށް ޔަގީން އެގޮތަށް ޚަލީލު ވިސްނަވާފައި އޮންނާނެ. ހޯރަފުށީގެ މުނާސަބާއެއް، ހޯރަފުށީގައި ފާހަގަކުރެވޭ ކުލަގަދަ ޖަލްސާއެއް، ދެން ރާއްޖެއަށް ނުފެންނަންޏާ، ދެނެއް އުފާވެރިކަމެއް ކޮންމެހެނެއް ރާއްޖެއަކަށް ދައްކާކަށް އަޅުގަނޑުމެން އުޅޭނެކަމެއްނެތް. މިއީ، އެތަނަކީ، މިތަނުން އެކުލަ ފެންނާނީ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ހުރިހާ އިޙްތިފާލެއް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފެނިގެންދާނެ.

އަޅުގަނޑުމެންނަށް އަދި އަޅުގަނޑުގެ އަންހެނުންނާއެކުގައި ކަތީބު ނަޞީރު ބުނުއްވި ފަދައިން މިއީ، އަޅުގަނޑު ރަށަކަށްކުރާ ފުރަތަމަ ދަތުރު. އެހެންނަމަވެސް، ލައިލާއާ އަޅުގަނޑު ވަރަށް ތަންކޮޅެއް ކުރީގައި އަޅުގަނޑު ހަނދާންވަނީ 90 އިގެ ކުރީކޮޅުގައި ހޯރަފުށްޓަށް އައިން. އަޅުގަނޑުމެން އަލަކަށްނޫން ހޯރަފުށްޓަށް މިއައީކީއެއް. މިގޮތުގައި އަޅުގަނޑުމެންނަށް އަލަށް ހޯރަފުށްޓަށް މިއާދެވުނީ، އެވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި މި ފަށަންއޮތްވެސް ވާހަކައެއް ނޫންކަން އަޅުގަނޑަށްވެސް އެނގިހުރެ ތިބޭފުޅުންނަށް ހަމަ ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުމެންނާ އަޅުގަނޑުމެން އެންމެން އެކުގައި އަޅުގަނޑުމެންނަށް މިކަމުގައި ކުރިއަށްދެވޭކަމުން. والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
_______________________